Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެފިނިމެންދަން 10

Shine Level 6100 Stories10 Stories100 Comments100 Login
October 28, 2016 10 Mins Read
21 Comments

އިޝާން މާލެދިޔަތާ ދެވަނައަށް ވީދުވަހު އަނިލްއަށް ނީލާގެ އީމެއިލްއެއް ލިބުނެވެ. އޭގައިވަނީ މާލޭ ސުކޫލަކަށް ބަދަލުވާން އެދޭތީ އެކަމުގައި އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ދިނުމަށް އެދިފައެވެ. ކުއްލިއަކަށް ނީލާ އެވަރުގެ ބޮޑު ނިންމުމެއް ނިންމުމުން އަނިލް ހައިރާންވެ ރުޅިވެސް އައެވެ. ނީލާގެ މައިންބަފައިންނާ ވާހަކަ ދައްކައިގެން ދެފަރާތުގެ ރުހުމާއެކު ދެމީހުންގެ ކައިވެނިވަނީ ހަމަޖެހިފައެވެ. އަނިލްވަނީ ކައިވެނި ކުރާނެ ތާރީޚަކާއި ކައިވެނީގެ ކާޑު ތައްޔާރުކުރާނެ ގޮތްވެސް ކަނޑައަޅައި ނިންމާފައެވެ. ހަމައެކަނި ނީލާގެ ޚިޔާލެއް ބޭނުންވާތީ އެކަންތައްތައް މަޑުޖެހިފައި އޮތީއެވެ. މިކަން މިހެންއޮއްވައި ހަމަ ކުއްލިއަކަށް ނީލާ މިފަދަ ނިންމުމެއް ނިންމީ ކީއްވެގެން ހެއްޔެވެ؟ އަނިލްއާ ކައިވެނިކުރަން ނިންމާފައިވާއިރު އަނިލްގެ ލަފައެއްވެސް އަހާނުލާ އަމިއްލައަށް ގޮތްނިންމުމުގެ ހައްޤު ނީލާއަށް އެބައޮތް ހެއްޔެވެ؟

އަނިލް އޭނާގެ ފޯނުނަގައި ނީލާގެ ނަމްބަރަށް ޑައަލްކޮށްލިއެވެ. ފުންޚިޔާލެއްގައި އޮތް ނީލާ ސިހުނީ ކައިރީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށީމައެވެ. ފޯންގެ ސްކްރީން ބަލާލުމުން އޭނާގެ މެޔަށް ފިނިވެގެން ދިޔައެވެ. އެކޯލް އަންނާނެކަން ކުރިންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް އެކޯލަށް ޖަވާބުދެވޭހައި ހިތްވަރެއް އޭނާގެ ނެތެވެ. ފޯން ރިންގްވަމުން ގޮސް ކެނޑެންދެންވެސް ސްކްރީންއަށް ބަލަހައްޓައިގެން ނީލާއޮތެވެ. އަނިލް އެތައް ފަހަރަކު ގުޅުމުންވެސް ނީލާފޯނެއް ނުނެގިއެވެ. އެވަރުގެ ނިންމުމެއް ނިންމިއިރު އަނިލްއާމެދު ވިސްނާނުލިތާނގައި އަނިލްގެ ފޯނަކަށްވެސް ނީލާ އިޖާބައެއް ނުދިނެވެ.

” ނީލާ އަނެއްކާ އަހަރެންނާ ކައިވެނިކުރަން ބޭނުންނުވަނީތަ؟….” ފުރަތަމަ ފަހަރަށް އަނިލްގެ ހިތުގައި އެސުވާލު އުފެދުނެވެ. ނަމަވެސް އެސުވާލަށް ޖަވާބު ހޯދޭނެ ގޮތެއްވެސް ނެތެވެ. ނީލާ ފޯނު ނުނެގުމުން، ފޯނުނެގުމަށް އެދި އަނިލް މެސެޖުވެސް ކުރިއެވެ. ނަމަވެސް ދެންވެސް ނީލާ ފޯނެއް ނުނެގިއެވެ. އެންމެފަހުން އަނިލްގެ ގާތަށް ވަރަށް ރުޅިވެސް އަތުވެއްޖެއެވެ. ސަބަބު ނުބުނެ ނީލާ އެގޮތަށް ކަންތައް ކުރުމުންނެވެ. އެތައް ފަހަރަކު އެތައްގޮތަކަށް އަނިލް މަސެޖްކުރުމުންވެސް ނީލާ އޭގެ ޖަވާބެއްވެސް ނުފޮނުވިއެވެ. އަނިލް އެކިއެކި ސުވާލުކޮށްގެން ވީގޮތް އޮޅުންފިލުވަން މެސެޖުކުރަން ފެށުމުން ނީލާ ފޯނު ނިވާލިއެވެ. އަނިލްއާމެދު އެގޮތަށް ކަންތައްކުރަން ޖެހުމުން އޭނާ ދެރަވެސްވިއެވެ. ނަމަވެސް އަނިލްގެ ސުވާލުތަކަށް ދެވޭނެ ޖަވާބެއް އޭނާގެ އަތަކު ނެތެވެ.

ދުވަހުގެ ޝެޝަންވެސް ނުނިމެނީސް އަނިލް ގެޔަށް އަތުވެއްޖެއެވެ. އޭނާ ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތެވެ. އިރުކޮޅަކު ވިސްނަން އޮތުމަށްފަހު ތެދުވެ އަލަމާރިމަތީގައި ހުރި ދަބަހެއް ނެގިއެވެ. އަލަމާރިތެރޭގައި ކޮނޑުގައި އަޅުވާފައިހުރި އަންނައުނުތަކުގެ ތެރެއިން ބައެއް އެއްޗެހި ނަގައި ފަތްޖަހާލުމަށްފަހު ދަބަސްތެރެއަށް އަޅަންފެށިއެވެ. ދަބަސް ތައްޔާރުކޮށް ނިމުމުން ފޯނުން ގުޅައިގެން އެރޭފުރަން ހަމަޖެހިފައިވާ ފުލައިޓުން ޓިކެޓް ހަމަޖެއްސިއެވެ. އޭނާ ބޭނުންވީ ނީލާއަށް އަންގާވެސް ނުލައި މާލެދިއުމަށެވެ. ލައިގެންހުރި އެއްޗެހިބޭލުމަށްފަހު ތުވާލި ހިފައިގެން ފާޚާނާއަށް ވަދެ ރަނގަޅަށް ފެންވަރާލިއެވެ. އަނިލް ބޭނުންވާ ހުރިހާ ސާމާނެއް ދަބަހަށް އެޅުމަށްފަހު، ދަބަސް ކޮނޑުގައި އަޅުވައިގެން ކޮޓަރިން ނުކުތެވެ. މަންމަގެ ކޮޓަރި ދޮރުހުޅުވާލިއިރު މަންމަ އޮތީ ނިދާފައެވެ. ކޮޓަރިއަށްވަދެ މަންމަގެ ބޮލުގައި ފިރުމާލުމަށްފަހު ނިތްކުރީގައި ބޮސްދިނެވެ. އަދި މާމައާއި ކާފަ ގާތަށް ގޮސް، ހަމަކުއްލިއަކަށް އޭނާއަށް މާލެދާން ޖެހުނީ ކަމުގައިބުނެ އެމީހުންގެ ހިތްހަމަ ޖައްސައިދިނެވެ. އެމީހުން އެކަނި ދޫކޮށްފައި ދާކަށް އޭނާގެ ހިތެއް ނޭދެއެވެ. އެހެންނަމަވެސް އެނޫންގޮތެއްވެސް މިއަދަކު އޭނާއަކަށް ނެތެވެ. ނީލާއާ ބައްދަލުކޮށް އޭނާބޭނުންވާ ސުވާލުތަކުގެ ޖަވާބު އޭނާ ހޯދަން އެބަޖެހެއެވެ.

***********************

އިޝާންއަށް ހޭލެވުނީ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. ފާޚާނާއަށް ވަދެ ފެންވަރައި ތާޒާވެލައިގެން އިޝާން ދިޔައީ މިސްކިތަށެވެ. ނަމާދުން ނިމިގެން މިސްކިތުން ފައިބަނިކޮށް މީހަކުގައިގާޖެހި ދެމީހުން އެކުގައި އަރިއަޅާލިއެވެ. އިޝާންއަށް ވަރަށް ބާރަށް އެމީހާގެ އަތުގައި ހިފައި ތެދުކޮށްލެވުނެވެ. އެމީހަކުވެސް ތެދުވެ ހަމަޖެހަމަޖެހިލަމުން އިޝާންއަށް ބަލާލިއެވެ.

” ޝާން!” ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު އެމީހަކު އިޝާންއަށް ގޮވާލިއެވެ. ހުދުކުލައިގެ އަތްދިގު ކުރުތާއަކާއި ކަށިމައްޗާ ހަމައަށް އަންނަން ސޯޓެއް ލައިގެން ހުރި މީހަކީ ކާކުކަން ދެނެގަންނަން އިޝާންއަކަށް އުނދަގުލެއްނުވިއެވެ.

“ނައީޝް!؟…ތީހަމަކަލޭތަ؟” އިޝާން ހައިރާންވެފައި އަހާލިއެވެ. ކޮންމެވެސް ވަރަކަށް ތުނބުޅި ދިގުވެފައި ހުރިއިރު ބޮލުގައި ހުދު ތާކިހަލެއް އަޅާފައިއޮތުމުން ސިފައަށް ބަދަލުއައިސްފައި ހުރިނަމަވެސް އެއީ ހަމަ ނައީޝްއެވެ.

” އާނ! އަހަރެން…..އަހަރެންނަށް އެނގޭ އިޝާން ހައިރާންވެފައި ތިހުރީ އަހަރެން މިސިފައިގަ ފެނުނީމަކަން….އިޝާން ކިހިނެއްތަ؟” ނައީޝް ޖެހިލުންވެހުރެ އަހާލިއެވެ. ނައީޝްގެ އެސުވާލަށް އިޝާން އެއްވެސް ޖަވާބެއްނުދީ ދާން ހިނގައިގަތެވެ. އިޝާން އަދިވެސް ހުރީ ނައީޝް ކަންތައްކުރިގޮތުން ހިތްހަމަ ނުޖެހިފައެވެ. ނައީޝްއާ އިތުރަށް ވާހަކަ ދައްކާކަށްވެސް އޭނާ ބޭނުމެއްނުވެއެވެ.

” ޝާން! ޕްލީޒް މަޑުކޮށްބަލަ! އަހަރެން ބޭނުން ޝާންއާ ވާހަކަ ދައްކާލަން…..ޝާންއަށް ކަމެއް އޮޅުން ފިލުވަދޭން ބޭނުން…” އިޝާން ފަސްދީދާން ފެށުމުން ނައީޝް ބުންޏެވެ.

” ދެން ކޮންވާހަކައެއް އޮތީ ދައްކަން….އެދުވަހު އަހަރެން އެވަހަރަށް އާދޭސްކުރީމަވެސް ނައީޝް ރުޅިއައިސްގެން އަނގައިން ނުބުނެއޮތީނު…….އަހަރެން މާފަށްވެސް އެދުނިން…..އެކަމު އެވަރުގެ ކުޑަކަމަކާ ނައީޝް ވަގުތުން މާލެއައީ…..ދެން ކޮންކަމެއް އޮޅުން ފިލުވައި ނުދެވިގެން ތިއުޅެނީ؟….” އިޝާން އެހުރިފިޔަވަޅުމަތީހުރެ ނައީޝްއަށް ބަލާލާފައި ނުރުމާއެކު ބުންޏެވެ.

” އެދުވަހު ކަންތައްވީގޮތް އޮޅުންފިލުވައިދޭށޭ މިއުޅެނީ…..އަހަރެންނަށް އައިސްފަހުރި ރުޅީގަ ވިސްނާނުލާ އާދެވުނީ…ފަހުން ގުޅަންވެސް އުޅުނިން…..އެކަމު ޝާން ރުޅިއަންނާނެކަން އެނގޭތީ ގުޅަން ނުކެރުނީ..”

” އަހަރެން ރުޅިއަތުވެދާނެތީ ނައީޝް ބިރުގަންނަންފެށީ ކޮންއިރަކު؟….ތިދައްކާ ބޭކާރުވާހަކަ އަޑުއަހާކަށް އަހަރެންނަކަށް ވަގުތެއްނެތް..” އިޝާން އަނެއްކާވެސް ދާން ހިނގައިގަތެވެ.

” ޕްލީޒް ޝާން….ހަމަ އެންމެ ފަސްމިނެޓަށް މަޑުކޮށްލަދީ!….އެހެންނޫނީ ފަހުންޝާންވެސް އަހަރެން ފަދައިން ހިތާމަކުރަން ޖެހިދާނެ…” ނައީޝް އިޝާންއަށް ވިސްނައިދިނުމަށް މަސައްކަތްކުރިއެވެ. ނައީޝްގެ ވާހަކަ އަޑުއަޑުއަހާފައި އިޝާން ހުއްޓުނެވެ.

” ހިނގާ ބީޗަށް….އެތަނަށް ގޮސް ހަމަޖެހިލައިގެން ތިބެ ވާހަކަދައްކާނީ!” ނައީޝް އެދުނެވެ. އިޝާންވެސް ނައީޝްގެ ފަހަތުން އާރޓިފިޝަލް ބީޗަށް މިސްރާބުޖެހިއެވެ. ބީޗްގައި މަދުމަދުން މީހުން އުޅެއެވެ. އިޝާންއާއި ނައީޝް ގޮސް ހިލައިގެ ގޮނޑިއެއްގައި އިށީދެ ހަމޖެހިލިއެވެ.

” އިޝާން! އަހަރެން މިވާހަކަ ކިޔާދިނަސް އިޝާން އަހަރެންދެކެ ރުޅިއަންނާނެކަން އެނގޭ……އެކަމަކުވެސް އަހަރެން މިވާހަކަ ކިޔާދޭން ބޭނުން…..އޭގެކުރިން އަހަރެން، އަހަރެންގެ މާޒީން ތަންކޮޅެއް ކިޔާދޭނަން….” އިޝާން އާ ކުރިމަތިލަމުން ނައީޝް އޭނާގެ ވާހަކަ ފެށިއެވެ.

” އަހަރެންގެ ކާފަ މަރުނުވާއިރު ކާފައަކީ ބޭސްވެރިކަމާ ފަންޑިތައަށް އަތޮޅުގާވެސް އަރާހުރިމީހެއް…..ފާޑުފާޑުގެ ބޭސްފޮތްތަކާ ފަންޑިތަފޮތްތައް ކާފަގެ އަތުގަހުރޭ……އެއްފަހަރަކު އަހަރެން ޗުއްޓީއަށް ގޮސް އުޅެނިކޮސް އަހަރެންނަށް އެފޮތްތައް ފެނުނީ…..އަހަރެން ކާފައަށް ނޭނގި އެއިން ފޮތެއް ނެގިން…..އަހަރެން އެނބުރި ރިޒޯޓަށް އައިސް އެފޮތްތައް ކިޔާ އޭގަހުރި އެއްޗެހި ދަސްކުރަންފެށީ…..އަހަރެންނަށް އެންމެ ކަމުދާ އެއްޗަކަށް ފެނުނީ އަންހެންކުދިންގެ ރުހުންހޯދަން ހަދާ ފަންޑިތަ…..އަހަރެން އޭގައޮތް އެއްޗެއް އެއީ ތެދެއްތޯ ބަލާލަން ޓެސްޓްކޮށްލަން ބޭނުންވި…..އެހެންވެ އެއްފަހަރަކު އޮފްޑޭއަށް އައިސް މާލޭގަ ހުރިއިރު އަހަރެންހުރި ގޭ އަންހެން ކުއްޖަކަށް ސިހުރުހަދާފަ އެއްޗެއް ކާންދިނީ….އެކުއްޖާ މަށާހެދި މޮޔަވީމަ ބިރުން ފަހުން އެނގެއަށް ނުވެސްދާން….އެގޮތަށް އެކިފަހަރުމަތިން އެކި ކުދިންނަށް އަހަރެން ހަމަ އެސިހުރު ހެދިން…..އެހުރިހާކުދިންވެސް އަހަރެންނާހެދި މޮޔަވެފަތިބީ…. އަހަރެން ބޭނުންކޮންމެ ކަމެއް އަހަރެންނަށް އެމީހުނާއެކީ ކުރެވޭތީ އަހަރެންނަށް އެކަންވީ ވަރަށް މަޖާކަމަކަށް…އެކަމަކު އެރަށަށް ގޮސް ނީލް ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެންނަށް ނީލް ކަމުދިޔަ…..އަދި އަހަރެންނަށް އެނގުނު އިޝާންއަށްވެސް އޭނާ ކަމުދިޔަކަން…..އިޝާން އަހަރެންނާ ދެބަސްވީމަ އަހަރެން އަޒުމް ކަނޑައެޅިން ކޮންމެގޮތަކުންވެސް ނީލާ ހާސިލްކުރަން…..އެކަމު އަހަރެން ނީލް ހާސިލްކުރަން ބޭނުންވީ އޭނަގެ ރުހުމުގަ…..އެގޮތުން ވަރަށް މަސައްކަތްކުރިން ނީލްގެ ރުހުން ހޯދޭތޯ…..އެކަމަކު ދަތުރުދިޔަ ދުވަހު އަހަރެންނަށް އެނގުނު ނީލާ ޝާންދެކެ ލޯބިވާކަން……އެދުވަހު އަރޫއާއެކު ޝާން ހުއްޓާ ފެނުމުން އޭނާ ވަރަށް ދެރަވި….އަހަރެން ދެންވެސް މަސައްކަތްކުރީ ނީލްއާ ގުޅުމެއް އުފެއްދޭތޯ…..ޝާންއާ ބެހޭގޮތުން ވަރަށް ފާޑުފާޑު ވާހަކަތައްވެސް ދެއްކިން……ޝާންގެ ހިތުގަ ނީލްއަށް ޖާހަގައެއް ނެތްކަން ހާމަކޮށްދޭންވެގެން…..އޭނާ އެވާހަކަތައް ގަބޫލުވެސްކުރި…..އެކަމު އޭނާގެ ސަމާލުކަން ދެންވެސް އަހަރެންނަކަށް ނުހުއްޓުނު……ދެމީހުންގެ ލޯބި އެކަކު އަނެކަކަށް އެނގުމުގެކުރިން އަހަރެން ބޭނުންވީ ނީލް އަހަރެންގެ މީހަކަށް ހަދަން….އެންމެފަހުން އަހަރެން ނިންމީ ކުރިންވެސް އަހަރެން ބޭނުންކުރާ ހަތިޔާރު ބޭނުންކުރަން……ގަހުން ދޮންފޭރެއް ބިނދެގެން އަހަރެން، އަހަރެންގެ މަސައްކަތާއިގެން ކުރިޔަށް ދިޔައިން…..އެކަމަކު ކިޔަވަންޖެހޭ އެއްޗެހި ރަނގަޅަށް ފުރިހަމަނުކުރެވެނީސް ފާޚާނައަކަށް ދާންޖެހިގެން މެދުކަނޑާލާފަ ދިޔައީ…..ފާޚާނައިން ނުކުތްވަގުތު ފޯނެއް އައީމަ….އަނެއްކާވެސް އެކަމާއުޅެން ހަނދާންނެތުނީ…..ފަހުން އެކަން ކުރަން ނިންމާފަ އަހަރެން ދިޔައީ ބޭރަށް…..އެކަމު އެރޭވެސް އަހަރެން ގެޔަށްއައީ ވަރަށް ލަހުން….އެހެންވެ ފޭރުމަތިން ހަނދާންނެތިފަހުރީ…..އަނެއްދުވަހު ހެނދުނު ކުއްލިއަކަށް ހަނދާންވެގެން ފޭރުހޯދަނިކޮށް ޝާންއައިސްބުނީ އެފޭރު ނެގިވާހަކަ…..އެހެންވެ އަހަރެން ބިރުގަތީ…..ޝާން އެފޭރު ކައިފިނަމަ ވާނެގޮތެއް އަހަރެންނަށް ހަމަ އެއްގޮތަކަށްވެސް ނޭނގެ…..ޝާން އަހަރެންނާ މޮޔަވެދާނޭވެސް ހިތަށްއެރި….އެސިހުރު ރަނގަޅަށް ފުރިމަހަ ނުވާތީ ކޮންމެގޮތެއްވެސް ވެދާނެއޭ އަހަރެންގެ ހިތަށްއެރީ….އެހެންވެ ބިރުން އައީ…” ނައީޝް ހިނދުކޮޅަކަށް ވާހަކަ މެދުކަނޑާލާފައި އިޝާންގެ މޫނަށް ބަލާލިއެވެ. އޭރު އިޝާން އިނީ ވިސްނުމަކަށް ގެއްލިފައެވެ. އޭނާ ވިސްނަމުންދިޔައީ ނީލާއާ މެދުގައެވެ. އިޝާން އެފޭރުދިނީ ނީލާއަށެވެ. ކުއްލިއަކަށް ނީލާއަށް އެއައި ބަދަލުގެ އަސްލަކީ މިއީކަން އިޝާންއަށް ވިސްނުނެވެ. ނައީޝްގެ ވާހަކަ އަޑުއިވިފައި އޭނާދެކެ ރުޅިއައުމަށްވުރެ ބޮޑަށް އިޝާން ވިސްނުނީ ނީލާއަށް ފޭރުގެ ސަބަބުން ވީގޮތާއި މެދުގައެވެ. ރޭގަނޑުގަނޑީގައި ނުލާހިކު ލޯބިން އުޅެފައި ދުވާލުގަޑީގައި އިޝާން ދަންނަކަމަށްވެސް ނުހެދީ ހަގީގަތުގައިވެސް ނީލާއަށް އިޝާންއާއެކު ހިނގާދިޔަކަންތައް ނޭގޭތީކަންނޭނގެއެވެ.

“ޝާން! ކިހިނެއްވީ؟ ކީއްވެ އެއްޗެކޭ ނުބުނެތިއިނީ؟….ޝާން ބުނެބަލަ! ޝާންއަށް އެފޭރުކައިގެން އެއްވެސް އުނދަގުލެއްވިތަ….ބުނެބަލަ!” އިޝާން އަނގައިން ނުބުނެ އިންނަން ފެށުމުން ކަންބޮޑުވެފާ ނައީޝް އަހާލިއެވެ. އިޝާން ބޮލުގައި ދެއަތުން ހިފަހައްޓާފައި ދެލޯމަރާލީ އޭނާގެ ސިކުނޑީގައި ހިނގާ ޚިޔާލުތަކުގެ ގިނަކަމުން ބޮލަށް އުނދަގޫވެގެންނެވެ.

” ޝާން!” އިޝާންއަށް ވީގޮތްފެނިފައި އަނެއްކާވެސް ނައީޝް ގޮވާލިއެވެ.

” ނައީޝް!…އަހަރެންނަކަށް ނޭނގެ ބުނާނެ އެއްޗެއްވެސް…..ނައީޝްގެ ސަބަބުން އަހަރެން މިހުރީ ވާނުވާނޭނގޭ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގަ ހައްޔަރުވެފަ……ނައީޝްއަށް އެނގޭތަ ތިކުރެވުނީ ކިހާވަރެއްގެ ކަމެއްކަން….ނީލް އަހަރެންނާއެކު އެފަދަ ގުޅުމެއް ހިންގީ އެފޭރުގެ ބާރުގަކަން އަހަރެންނަށް އެނގޭނީ ކިހިނެއް…މިހާރު މިއެނގުނީ އޭރު ނީލްހުރީ ހަމަހޭގަ ނޫންކަން” އިޝާން މޮޔައަކުފަދައިން ދައްކަމުންދިޔަ ވާހަކަތައް ނައީޝްއަކަށް ދޭހައެއް ނުވިއެވެ.

” ކީކޭތަ ޝާން ތިކިޔަނީ؟….ޝާން އެފޭރު ކެއީމަ ކީއްވެތަ ނީލްއަށް ގޮތެއްވާންވީ؟..ކީއްވެތަ އޭނަ މޮޔަވާންވީ؟” ނައީޝްއަށްހުރީ ވާނުވާ ނޭނގިފައެވެ.

” އެފޭރު ކެއީމަށެއްނޫނޭ…..މައެފޭރު ގެންގޮސްދިނީ ނީލްއަށް….މަށަށް ކިހިނެއްތަ އެނގޭނީ ކަލޭ އެޔަށް އެފަދަކަމެއް ކޮށްފަ އޮންނާނެކަމެއް…..ކަލޭގެ ނުބައިކަމުގެ ސަބަބުން އަހަރެންގެ އަތުން އަންހެންކުއްޖެއްގެ ހަޔާތް ބަރުބާދު ކުރެވިއްޖެ….” އިޝާން ރުޅިގަދަވިއެވެ. އަދި ނީލާއަށް އެފޭރުގެ ސަބަބުން ކަންތައް ދިމާވިގޮތް ކިޔައިދިނެވެ.

” ކަލޭ މާލެއައުމުގެ ކުރިން ކީއްވެތަ އެހެން ނުބުނީ….އެހެންނަމަ އަހަރެންނަށް އެނގުނީސް ނީލްއާ ދުރައްދާން…” އިޝާންއިނީ ނޭނގުމެއްގެ ތެރޭގައި ކުރެވުނު ކަންތަކުގެ ސަބަބުން އިންތިހާއަށް ދެރަވެފައެވެ.

” ޝާން ތިބުނީ ނީލް ހަމައެއްގޮތަކަށްވެސް ޝާންއާއެކު އުޅުނުގޮތް ހަނދާނެއް ނެތޭތަ؟….ރޭގަނޑުވާ އެއްކަމެއްވެސް ދުވާލު އޭނައަށް ނޭނގެއޭތަ؟…..އެހެންވީމަ އެސިހުރުގެ ކަންތައް ނީލްއަށް އެޖެހެނީ ރޭގަނޑު އެކަނިތާ….އެހެންވެ ދުވާލުވީމަ އެއްކަމެއްވެސް ހަނދާން ނުހުންނަނީ…..” ނައީޝް ވިސްނާލާފައި ބުންޏެވެ.

” ނައީޝް! ކަލޭ ކިހިނެއް ސިހުރުހެދީމަތަ ނީލް އަހަރެންނާ މޮޔަވީ….ކަލެޔާ ހިތާވޭތޯއެއްނު އެސިހުރުހެދީ….” ނައީޝް އެކަން ކުރިގޮތް އޮޅުންފިލުވަން އިޝާން ބޭނުންވިއެވެ.

” އެފޮތުން ބަލައިގެން އަހަރެންވެސް އެކަންކުރީ…..އޭގައޮންނަނީ އަންހެންކުއްޖާގެ ފުރިހަމަ ނަމާ، އެޑްރެހާ، އުފަންދުވަހާ…އެކަހަލަ މައުލޫމާތުތަކެއް ކަރުދާސްކޮޅެއްގަ ލިޔެފަ، އެކަރުދާސްކޮޅު ފާޑެއްގެ ލަކުޑިއަކާ އެއްކޮށް އަންދައިގެން އެއިން ފޭރަށް ދުންބުރުވަން، ދެން އޭގަހުރި އެއްޗެހިތައް ވަކި އަދަދެއް ހަމަވާންދެން ކިޔަވަނީ….އެދުވަހު އަހަރެން އެކިޔެވީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް….” ނައީޝް އެކަން ކުރިގޮތް ތަފްސީލްކޮށް ކިޔައިދިނެވެ.

” ހަމައެކަނި އަންހެން ކުއްޖާގެ މައުލޫމާތުތަ ލިޔަނީ؟….ފިރިހެންމީހާގެ މައުލޫމާތެއް ބޭނުމެއްނުވޭތަ؟…” އިޝާން އަނެއްކާވެސް އަހާލިއެވެ.

” އާނ! އެކަމަކު އެފިރިހެނަކު އަތުން އެއަންހެން ކުއްޖާއަށް އެއެތި ދޭންޖެހޭނީ…..އަހަރެން މުޅިންވެސް ކަންތައްކުރީ އެހެން….އޭގެ އަސަރުވެސް އެކުދިންނަށްކުރޭ…..ވެދާނެ އެފޭރު ޝާން ދިނީމަކަމަށް ޝާންއާ އަޅައިގަތީ…..އެހެންނޫނަސް ކުރިންވެސް ނީލް ޝާންދެކެ ލޯބިވާކަން އަހަރެންނަށް އެނގޭ……ޝާންވެސް ނީލްދެކެ ލޯބިވަމެއްނުދޯ؟” ނައީޝް ވަރަށް ޔަގީން ކަމާއެކު އަހާލިއެވެ.

” އާނ! އަހަރެން ލޯބިވޭ ނީލްދެކެ…ނައީޝް އެކަމާ ހަސަދަވެގެންނު ތިހުރިހާ ކަމެއްތިކުރީ…..އަހަރެން މިހައިރާންވަނީ މިހާރު ތިހުރިހާ އެއްޗެއް ކިޔާދިނީމަ…..މިހާރު ތިވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟….ނައީޝްއަށް ކުރެވުނު ކަންތަކާ އެއްވެސް ވަރަކަށް ދެރަވިހެންނެއް އަހަރެންނަކަށް ހިއެއްނުވޭ….ކަލޭގެ ސަބަބުން އަހަރެންނަށް ބޮޑުފާފައެއް ކުރެވުނީ..” އިޝާން އަނެއްކާވެސް ނައީޝްދެކެ ރުޅިއައެވެ.

” ޝާން!…އަހަރެންނަށް ބަލާލަބަ! ހީވޭތަ އަހަރެން މިއުޅެނީ ވަރަށް އުފަލުގަހެން……އަހަރެން މިއުޅޭހާލު ޝާންއަކަށްވެސް ނޭނގޭނެ….އެރަށުން އައިއްސުރެ އަހަރެންނަށް ހަމަ ނިދިވެސް ނުނިދޭ…..އެނގޭތަ ކީއްވެގެންކަން….ނުބައިކޮށް ސިހުރުހެދިގެން އަހަރެންނަށްވެސް ހުރީ އޭގެ އަސަރުކޮށްފަ…..ކޮންމެ ރެއަކު ބާރަޖަހާއިރަށް އަހަރެންގެ މުޅިގައިން ދިލަނަގަންފަށާ…..ހީވަނީ މުޅިގައިގާ މިރުސް އުނގުޅާފަ ހުންނަހެން….ފަތިސްވާންދެން އަހަރެން ތެޅިފޮޅެނީ….ޑޮކްޓަރަށް ދެއްކީމަ ބުނަނީ އެއްވެސް ކަމެއްނެތޭ…..ދުވަސްކޮޅެއްފަހުން ބޮލުން އިސްތަށިވެސް ފައިބާންފެށީ….އެންމެފަހުން ބިރުންހުރެވެސް ފަންޑިތަ ހަދާމީހަކަށް ދެއްކީމަ ވަގުތުން އެމީހާ އެހީ ސިހުރުހަދާ އުޅެންހޭ…..އަހަރެން ހަގީގަތް ކިޔާދިނީމަބުނީ ތީއުމުރު ދުވަހުގެ ކަމަކަށްވެސް ވެދާނޭ….ދެންވެސް އިސްލާހުވެ ގިނަގިނައިން އަޅުކަންކުރާށޭ….އޭގެފަހުން އަހަރެން ވަގުތުން ވަގުތަށް ނަމާދުކުރަންފެށީ…..އަދި އެމީހާބުނީ ހިޔެއްނުވެޔޭ ކައިވެންޏެއް ކޮންގެން އުޅެވޭނެ ހެނެއްވެސް……ޝާން ބުނެބަލަ! އަހަރެންނަށް އަހަރެންކުރި ކުށޫގެ ޝަޒާ ނުލިބޭތަ؟….މިހާލުގާ އުޅެ ނިމިދިއުމުގެކުރިން އަހަރެން ބޭނުންވި ޝާންގާތުން މާފަށް އެދެން….އަހަރެންނަށް އެނގޭ އަހަރެން މާފަށް އެދެން ޖެހޭ ކިތަންމެ ބަޔަކު އުޅޭނެކަން….އެކަމު ކިހިނެއް އަހަރެން އެއެންމެން ހޯދާނީވެސް…..އަހަރެން މިހާރު ބޭނުމީ ކުރެވުނު ފާފަތަކަށް ތައުބާވާން…” ނައީޝް ދެރަވެލާފައި އޭނައަށް ދިމާވިގޮތް ކިޔާދިނުމުން އިޝާންވެސް ދެރަވިއެވެ. ނަމަވެސް ނައީޝް އިސްލާހުވީތީ އިޝާން އުފާވެސް ކުރިއެވެ. އިޝާން ނައީޝްއަށް މާފްކުރީ ހަމައެކަނި އިންސާނިއްޔަތަށް ޓަކައެވެ.

އިޝާން ނައީޝްއާ ވަކިވެގެން ހޮސްޕިޓަލަށް އައިއިރުވެސް ހުރީ ފުންޚިޔާލެއްގެ ތެރޭގައެވެ. ނީލާއާމެދު ކަންތައްވީގޮތުގެ ހަގީގަތް އެނގުމުން އިޝާންގެ ހިތުގައި އުފެދުނު ކިލަނބުވެރިކަން ނެތި ހިނގައްޖެއެވެ. އެމައުސޫމު އަންހެ ކުއްޖާގެ ކުށެއް ނެތްކަން ސާބިތުވުމުން އޭނާ އުފާވި ނަމަވެސް އަނިލްއާ ނީލާގެ ކައިވެނި ހަމަޖެހިފައި އޮތްކަން އެނގުމުން ދެރަވިއެވެ. ނީލާވެސް އޭނަދެކެ ލޯބިވާކަން ނައީޝްގެ ވާހަކަތަކުން އޭނާއަށް އެނގުނެވެ. ނަމަވެސް އޭނާއަށް ނޭނގުނު އެއްޗަކީ އަނިލްއާ ނީލާ ކައިވެނިކުރަން އެއްބަސްވީ ސަބަބެކެވެ. އެވެސް ނައީޝްގެ ސަބަބުން ވީކަމެއް ކަންނޭނގެއެވެ. އިޝާންއާމެދު ނީލާގެ ހިތުގައި ފޫހިކަން އުފައްދަން ނައީޝްކުރި މަސައްކަތުގެ ނަތީޖާކަމަށް ވުންވެސް އެކަށީގެންވެއެވެ. ނީލާއާ ބައްދަލުކޮށް ހަޤީޤަތް ހާމަކުރަން އިޝާން ބޭނުންވިއެވެ. އަނިލްއާ ކައިވެނިކުރުމުގެ ކުރިން ނީލާއަށް އެރޭގެ ހަޤީޤަތް ކޮންމެހެންވެސް އެނގެން ޖެހެއެވެ. އެހަޤީޤަތް އެނގުމަށްފަހު އެނިންމުން ބަދަލުކުރަން ނީލާއަށް މަޖުބޫރުވާނެއެވެ. އޭރުން އިޝާންއާ ނީލާއަށް އެމީހުންގެ ލޯބި މިލްކު ކުރެވިދާނެއެވެ.

އިޝާން ކޮޓަރީގެ ދޮރުހުޅުވާލިއަޑަށް ސޯފާގައި އޮތް އޭނާގެ ބައްޕަ ބޯހިއްލާފައި ބަލާލިއެވެ. ފަތިސްވީކަން އެނގުމުން އިމާދު ތެދުވިއެވެ.

“އަނހާ! ދަރިފުޅު ހާދައަވަހަކަށް ތިއައީ؟ ” އިޝާން ފެނުމުން ބައްޕަ ސުވާލުކުރިއެވެ.

” އާނ! ބައްޕަ އަދި ނަމާދަށްވެސް ނުދަނީތަ؟…މިހާރު އިރުއަރަން އުޅޭނެ….ރައްޓެއްސަކާ ދިމާވީމަ، ބައްޕައާ ގުޅާލަންވެސް ހަނދާންނެތުނީ..”

އިމާދު ހިނިތުންވެލާފައި ތެދުވެ ފާޚާނާއަށްވަދެ ވުޟޫކޮށް ހަދައިގެން މިސްކިތަށް ދިޔައެވެ. މާމަ ނިދާފަ އޮތުމުން އިޝާންވެސް ސޯފާގައި ޖައްސާލިއެވެ.

********************

އަނިލްހުރީ ހުޅުމާލާގައި އޭނާ ދުވަހު ކުއްޔަށް ހިފާފައިހުރި ކޮޓަރީގައެވެ. ލޯގަނޑުކުރިމަތީގައި ހުރެގެން އޭނަ ތައްޔާރުވަމުން ދިޔައީ ނީލާއާ ބައްދަލުކުރަން ދިއުމަށެވެ. ހިތްހަމަޖެހޭވަރަށް ތައްޔާރުވެވުމުން ، ނީލާގެ ބައްޕައާ ގުޅާފައި އެމީހުން ތިބިއެޑްރެސް އޮޅުންފިލުވިއެވެ. ނީލާގެ ބައްޕަ ސުވާލުކުރުމުން ޖަވާބުވެސްނުދީ ފޯނުކަނޑާލުމަށްފަހު ފެރީއަށްދާން އޭނާ އަވަސްވެގަތެވެ.

” އަނިލް ދެންމެގަ ގުޅާފަ އެހީ މިގޭގެ އެޑްރެސް….އަދި އަހަރެމެން ތިބެނި ކޮން ބަޔަކުތޯވެސް އެހި….އަނެއްކާ އަނިލް އައީބާ މާލެއަށް!..” ފޯން ބޭއްވުމަށްފަހު ނިޒާމް އޭނާގެ އަންހެނުން ނިޔާޝާއާ ވާހަކަ ދެއްކިއެވެ.

” ނޭނގެދޯ!….ނުވެއްއަހަންތަ ތިހުރީ މާލޭގަތޯއެއް؟…” ނިޔާޝާވެސް ކޮށްލީ ސުވާލެކެވެ.

” އަހަރެން އެއްޗެއް އަހަންވާއިރަށް ފޯން ކަނޑާލައިފި….މިރަށުގަ ހުރިއްޔާ އަންނާނެ އެއްނު..” ނިޒާމް ހުރީ އަނިލް އަތުވެދާނެތީ ކަންބޮޑުވެފައެވެ. ނީލާ ދިމާވި ކަންތައް އަނިލްއަށް އެނގޭކަށްވެސް އެމީހުން ބޭނުމެއް ނުވެއެވެ.

އިރުކޮޅެއް ފަހެވެ. ނިޒާމްއާއި ނިޔާޝާ ހިތްނުތަނަވަސް ވެފައި ތިއްބައި ބެލްއަޅާލި އަޑުއިވިފައި އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ. އޭރު ނީލާއޮތީ ކޮޓަރީގައެވެ. ނިޒާމް މަޑުހިނގުމެއްގައި ގޮސް ދޮރުހުޅުވާލިއިރު އެއީ އަނިލްއެވެ. އަނިލް ފެނުމުން ކަންބޮޑުވީ ނަމަވެސް ހިނިތުންވެފައި އެމީހުން އަނިލްއަށް މަރުހަބާކިއެވެ. ހާލުއަހުވާލު އޮޅުންފިލުވައި އެންމެ ފުރިހަމަ ގޮތުގައި މެހެމާންދާރީ އަދާކުރިއެވެ. އަނިލްވެސް އޭނާގެ ހިތުގައިވާ ޝަކުވާތައް އެއްފަރާތްކޮށްލުމަށްފު ހިނިތުންވެފައި އެމީހުންގެ ހާލުއޮޅުންފިލުވިއެވެ.

” ނިޔާޝާ ދައްތައަށް ކިނިނެއްތަވީ؟….ޑޮކްޓަރ ކީކޭތަބުނީ؟..” ވަރަށް އާދައިގެ ގޮތަކަށް އަނިލް ސުވާލުކޮށްލިއެވެ. އެވަގުތު ނިޒާމްއާއި ނިޔާޝާ އެކަކު އަނެކެއްގެ މޫނަށް ބަލާލީ ދޭނެ ޖަވާބެއް ނޭނގިގެންނެވެ.

” އަނިލް! ބޭބެ ބޭނުމެއްނޫން އަނިލް އޮޅުމެއްގެ ތެރޭގަ ބަހައްޓާކަން….އަނިލްއާ ނީލާގެ ކައިވެނި ހަމަޖެހިފަ އޮތްއިރު ނީލާއަށް ދިމާވާ އެއްވެސް ކަމެއް އަނިލްއަށް ސިއްރުކުރާކަށް ބޭނުމެއްނޫން…..އަސްލު އަހަރެމެން މާލެއައީ ދައްތަބަލިވެގެންނެއް ނޫން…ނީލާބަލިވެގެން” ނިޒާމް ދެރަވެލާފައި އެހެން ބުނުމުން އަނިލް ހައިރާންވެފައި ނިޒާމްގެ މޫނަށް ބަލާލިއެވެ. ނީލާއަށް ވީގޮތް ވަރަށް ތަފްސީލްކޮށް ނިޒާމް އަނިލްއަށް ކިޔައިދިނެވެ. އަނިލް އިނީ ހައިރާންވެ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ނީލާއަށް އެގޮތަށް ކަންތައް ދިމާވާންވީ ސަބަބެއް އަނިލްއަކަށްވެސް ނުވިސްނުނެވެ. ނަމަވެސް އެވާހަކަ އަޑުއިވުމުން އަނިލް ވަރަށް ދެރަވިއެވެ. އޭނާ އެންމެ ލޯބިވީ އަންހެން ކުއްޖާ ނުބައިމީހެއްގެ ޝިކާރައަކަށް ވެފައިވާކަން އެނގުމުން އެހިތަށް އަސަރުކުރިއެވެ.

މަންމައާއި ބައްޕަ އިތުރު މީހަކާ ވާހަކަ ދައްކާހެން ހީވެގެން ނީލާ މަޑުމަޑުން ކޮޓަރީގެ ދޮރުހުޅުވާ ބަލާލި ވަގުތު އަނިލް ފެނުމުން އޭނާގެ މެޔަށް ފިނިވެގެން ދިޔައެވެ. ދޮރުލެއްޕުމަށްފު އަވަސް އަވަހަށް އައިސް އެނދުގައި އިށީނެވެ. އަނިލްގެ ކޯލުތަކަށް އޭނާ ޖަވާބުނުދިނުމުން އެންމެ ފަހުން އަނިލް އައީ ހެއްޔެވެ؟ ދެން ހަނދާނީވެސް ކިހިނެއް ހެއްޔެވެ؟ އަނިލްއާ ކުރިމަތިނުލައި ވާކަށްވެސް ނެތެވެ. ނަމަވެސް އަނިލްއާ ކުރިމަތިލާނެ ހިތްވަރެއްވެސް އޭނާގެ ކިބައަކު ނެތެވެ.

” ދެން މިހާރު ނީލާ ރަނގަޅުތަ؟…އަދިވެސް އޭގެ އުނދަގޫ ޖެހޭތަ؟…” އަނިލް ސުވާލުކޮށްލިއެވެ.

” ނޫން….އެއަހުމަދު ބުނިގޮތަށް ކަންތައް ކުރަންފެށި ފަހަކުން އެކަމުގެ އުނދަގުލެއް ނުވޭ….އެކަމަކު އެގޮތަށް ކަންތައް ދިމާވުމުން ދަރިފުޅުމެންގެ ކައިވެންޏާމެދު ބޭބެ ކަންބޮޑުވަނީ..” ނިޒާމްހުރީ އަނިލް ނީލާގެ ކައިވެންޏަށް އިންކާރުކޮށްފާނެތީ ބިރުންނެވެ. އަނިލްއަށް އެކަން ވިސްނުނެވެ.

” ކީއްވެ އެކަމާ ބޭބެ ކަންބޮޑުވަނީ….ތިކަމުގަ ނީލާގެ އެއްވެސް ކުށެއް ނެތެއްނު…..އިރާދަކުރެއްވީތީ ނީލާވެސް މިހާރު ރަނގަޅެއްނު…..އަހަރެން ނީލާއާ ކައިވެނިކުރާކަށް ކުޑަކޮށްވެސް ފަހެއްނުޖެހޭ” އަނިލް އޭނާ އަދިވެސްހުރީ ނީލާއާ ކައިވެނިކުރަން ނިންމި ގޮތުގެ މަތީގައިކަން ސާބިތުކޮށްދިނެވެ. ނިޒާމްއާ ނިޔާޝާވެސް އެކަމާ ވަރަށް އުފާވިއެވެ.

” އެކަމަކު މިހުރިހާ ދުވަހު އަހަރެންނަށް ތިކަން ސިއްރުކުރީތީ އަހަރެން ވަރަށްދެރަވި…..އެކަމާ ވަރަށް ކަންބޮޑުވެފަ ހުއްޓާ ނީލާ މިކޮޅަށް ބަދަލުވާންވެގެން ސިޓީއެއް ފޮނުވީމަ މިއައީވެސް…..ކީއްކުރަންތަ ތިވަރުގެ ކަމަކާ މިކޮޅަށް ވަޒީފާ ބަދަލުކުރަން ނީލާ އެއުޅުނީ؟…” ނީލާ ކަންތައްކުރިގޮތް އަނިލް ބުނުމުން ނިޒާމްއާއި ނިޔާޝާވެސް ހައިރާންވިއެވެ.

” އަހަރެމެންނަކަށް އެނގިފައެއްނެތް ނީލާ މިކޮޅަށް ބަދަލުވާން އުޅޭކަމެއް….އެކަހަލަ ވާހަކައެއް ނުވެސްދައްކާ” ނިޒާމްގެ ހައިރާންކަން ފެނުމުން އަނިލްއަށް ވިސްނާލެވުނެވެ. މިއީ ނީލާގެ އެކަނި ނިންމުމެއްތާއޭ އޭނާގެ ހިތަށް އެރިއެވެ. އެކަމަކު އެފަދަ ނިންމުމެއް ނީލާ ނިންމަން ޖެހުނު ސަބަބެއް އަނިލްއަކަށް ނުވިސްނުނެވެ. ކޮންމެވެސް ނުބައެއް އުޅޭކަމުގެ ފެހި ސިގްނަލް އަނިލް ސިކުނޑި އޭނާއަށްދިނެވެ.

” ކޮބާތަ ނީލާ މިހާރު؟…އަހަރެން ބޭނުން ނީލާއާ އެކަނި ބައްދަލުކޮށްލާ ވާހަކަ ދައްކާލަން…..ބޭބެމެންގެ އިއުތިރާޒެއް ނެތިއްޔާ…” އަނިލް ޖެހިލުންވެ އިނދެ ބުންޏެވެ. ނިޒާމްވެސް އެގޮތާ އެއްބަސްވީ އެދެކުދިންނަށްވެސް މިނިވަންކަމާއެކު ކަންކަމާ މަޝްވަރާކުރުމުގެ ފުރުސަތުދޭން ވެގެންނެވެ. އަނިލް ބޭނުންވީ ނީލާގޮވައިގެން ހުޅުމާލެއަށް ގޮސް އެކަނިތިބެ ވާހަކަ ދައްކާށެވެ. ނީލާ ކިތަންމެ ދާން ބޭނުން ނުވިނަމަވެސް މަންމައާއި ބައްޕަގެ ކުރިމަތީ އިންކާރު ކުރާކަށްވެސް ނުކެރުނެވެ.

ހަވީރުގެ ވަގުތެވެ. އަނިލްއާއި ނީލާ ހިނގަމުން ދިޔައީ ހުޅުމާލޭގެ ހިތްފަސޭހަ ގޮނޑުދޮށުގައެވެ. ބަހެއްބުނުމެއްނެތި ދެމީހުންވެސް ލަސްފިޔަވަޅުތަކެއްގައި ހިނގަމުން ދިޔަނަމަވެސް ދެމީހުންގެވެސް ހިތްތެޅެމުންދަނީ ނުހަނު ބާރަށެވެ. އަނިލްކޮށްފާނެ ސުވާލަކަށްޓަކައި ނީލާގެ ހިތްވަނީ ބިރުގެންފައެވެ. ނީލާގެ ފަރާތުން ނިލިދާނެ ޖަވާބަކަށްޓަކައި އަނިލްގެ ހިތްވެސް ބިރުގަންނަނީއެވެ. އެތައްހިސާބަކަށް ހިނގުމަށްފަހު، އެންމެ މީހުން މަދުހެން ހީވާދިމާލުގައި އަނިލް މަޑުކޮށްލިއެވެ. ވެލިގަނޑުމަތީގައި އަނިލް އިށީނުމުން ނީލާވެސް އަނިލްގެ ގާތުގައި އިށީނެވެ.

” ގުދުރަތީގޮތުން ހިކިފަ އޮތް ރަށަކަށް ނުވިޔަސް މިރަށް ކިހާރީތިދޯ……މީގެ ވިއްސަކަށް އަހަރުފަހުން މިރަށާ އެހެން ރަށްރަށުގެ ފަރަޤުވަކިކުރާކަށް ނޭނގޭނެކަން ޔަޤީން…..އޭރުން މިގޮނޑުދޮށްވެސް އޮންނާނީ ޤުދުރަތީނަނެއްހެން ވެފަ…..” ސީދާ މައުލޫއަށް ވާހަކަދައްކަން ޖެހިލުންވުމުން، ރަށުގެ ރީތިކަމާމެދު އަނިލް ވާހަކަ ދެއްކިއެވެ. ނީލާ ވަކިޖަވާބެއް ނުދީ އެވާހަކަތައް އަޑުއަހަން އިނެވެ. ނަމަވެސް އޭނާއިނީ އަނިލް އޭނާއާ ބެހޭގޮތުން ކޮށްފާނެ ސުވާލެއްގެ އިންތިޒާރުގައެވެ. ދުނިޔެވީ އެކި އެކި ވާހަކަ ދައްކަމުން ގޮސް އަނިލް އޭނަގެ އަސްލު މައުލޫއިން ނީލާއާ ސުވާލުކޮށްލިއެވެ. ނީލާއަށް އެންމެ ފުރަތަމަ އެކަން ދިމާވީ ކިހިނެއްތޯއާ އެކަމު އެއްވެސް ކަމެއް ނީލާއަށް ހަނދާންހުރިތޯ ސުވާލު ކުރިއެވެ. ނީލާއަށް އެސުވާލުތަކުން ވަރަށް އުނދަގޫވިއެވެ. އޭނާގެ ހިތުގައި ފޮރުވައިގެން އުޅޭ ސިއްރުހާމަކުރަން ޖެހިދާނެތީ ކަންބޮޑުވިއެވެ.

” މިހާރު ހުރިހާކަމެއްވެސް އޯކޭއެއްނު!…..ދެންކީއްވެ ޖޮބް ބަދަލުކުރަން ބޭނުންވީ؟…..އަނެއްކާ އަހަރެންނާ މެރީކުރަން ބޭނުން ނުވަނީތަ؟…” އަނިލް އެންމެ ފުރަތަމަ ކުރަން ބޭނުންވީ ސުވާލު އެންމެފަހުން ކޮށްލިއެވެ. އެސުވާލެއްގެ ބިރުވެރިކަން ހިތުގައި އޮތްސުވާލު އަނިލް ކޮށްލުމުން އެއަށް ދޭނެ ޖަވާބެއް ނީލާއަކަށް ނުވިސްނުނެވެ. އޭނާއަށް ޖެހިފައިވާ ހާލު ބުނެދެވޭކަންވެސް ނެތެވެ. ނުބުނެ ހުރެވޭކަށްވެސް ނެތެވެ. އެންމެފަހުން ހިތުގައިވާ ހުރިހާ އުދާހެއް ކަރުނައިގެ ސިފައިގާ އޭނާގެ ލޮލުން ބޭރުވާންފެށިއެވެ. ނީލާ ރޯންފެށުމުން އަނިލް ކަންބޮޑުވިއެވެ. އޭނާއަށް މިކުރެވުނީ ނީލާއަށް ޖަވާބުދޭން އެހާދަތި ސުވާލެއްބާއޭ އަނިލްގެ ހިތަށްއެރިއެވެ. އަނިލް ވަށައިގެން ހޯދާލިއެވެ. އިތުރުމީހަކަށް ނީލާ ރޯމަންޒަރު ފެނިދާނެތީ އަނިލް ހުރީ ކަންބޮޑުވެފައެވެ. އަނިލް ނީލާގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ.

” ނީލާ ހުއްޓާލާ ޕްލީޒް…..ހިނގާދާން….” އަނިލް ހިނގައިގަތުމުން ނީލާވެސް އަނިލްގެ ފަހަތުންދިޔައެވެ. އަނިލް ނީލާގޮވައިގެން ދިޔައީ އޭނާ ހިފާފައިހުރި ކޮޓަރިއަށެވެ. ނީލާހުރީ އަނިލްއާއެކި އެގޮތަށް އެކަނިވާން ޖެހުމުން ކަންބޮޑުވެ ޖެހިލުންވެފައެވެ. އަނިލްއަށް އެކަން އިހުސާސް ކުރެވުނެވެ.

” ކަންބޮޑުނުވޭ!….މިތާއިށީދެބަލަ!…..އަހަރެން ނީލާ ގޮވައިގެން މިއައީ ގޯސް ނިއަތެއްގައެއްނޫން…..” އަނިލް ނީލާގެ އތުގައި ހިފައިގެން ގެނެސް އެނދުމަތީގައި ބޭންދިއެވެ. އަދި އަނިލްވެސް އެނދުގައި އިށީނެވެ.

” ބުނެބަލަ!….ކިހިނެއްތަވީ؟…..ކޮންކަމަކާ ނީލާ ތިހިތާމަކުރަނީ…..ހީވާނީތަ ނީލާއަށް ތިހެން ދިމާވުމުން އަހަރެން ނީލާއާ ކައިވެނި ނުކުރާނޭ…..ނޫނީ އަހަރެންނާ ކައިވެނިކުރަން ބޭނުންނުވަނީތަ؟…..ޕްލީޒް ބުނެބަލަ!….ސަބަބެއްނެތި ތިގޮތަށް ކަންތައްކުރީމަ އަހަރެންނަށް ވާނެގޮތް އިހުސާސްކުރެވޭތަ؟…..ނީލާ ކަންތައްކުރިގޮތުން ކެތްނުވެގެން އަހަރެން ވަގުތުން މާލެއައިސް މިހުރީ……އަހަރެން ނީލާދެކެ ވަރަށް ލޯބިވޭ…..އަހަރެން ނުބުނަން  ނީލާވެސް އަހަރެންދެކެ ލޯބިވާން ލާޒިމެކޭ….އަހަރެންނާ ކައިވެނިކުރަން ބޭނުން ނުވިޔަސް އަހަރެންގެ ހިތް ބުރައެއް ނުކުރާނަން……ބުނެބަލަ މަންމަމެނާވެސް ސިއްރުން އެވަރުގެ ބޮޑު ނިންމުމެއް ނިންމީ ކީއްވެގެންކަން……” އަނިލް ވާހަކަ ދެއްކީ ވަރަށް އޯގާތެރިކަމާ ލޯތްބާއި އެކުގައެވެ. އަނިލްގެ އެއޯގާތެރިކަމުން ނީލާގެ ހިތުގައި ޖެހި އިތުރަށް ރޮވޭގޮތްވިއެވެ.

” ނީލާ ޕްލީޒް…ވެގެން އުޅޭގޮތެއް ބުނެބަލަ!….އޭރުންނެއްނު އަހަރެންނަށްވެސް އެހީއެއްވެވޭނީ…..އަހަރެންނަށް އެނގޭ ވަރަށްބޮޑުކަމެއް ނީލާ ސިއްރުކުރާކަން….އެހެންނޫންނަމަ ތިގޮތަށް އެއްވެސް މީހަކަށް ނޭނގިމާލެ ބަދަލުވާކަށް ނޫޅޭނެ….” އަނިލް ވަރަށް ޔަގީންކަމާއެކު އެހެން ބުނެލުމުން ނީލާ އަނިލްއަށް ކަންބޮޑުވެ ހަދާނެގޮތް ހުސްވެފައެވެ.

” އަނިލް ޕްލީޒް އިތުރަށް އަހަރެންނާ ސުވާލު ނުކުރޭ!….އަހަރެންނަކަށް އަނިލްއަކާ މެރީއެއް ނުކުރެވޭނެ….އަނިލް އަހަރެންގެ މަތިން ހަނދާން ނައްތާލާ!….އަހަރެން ބޭނުމީ މިކޮޅަށް ބަދަލުވާން…..އަހަރެންނަށް އެކަން ކޮށްދީ….ޕްލީޒް” ނީލާ ރޮމުން ރޮމުން އަނިލްގެ ގާތު އާދޭސްކުރިއެވެ.

” ނޫން…..ނީލާ އަހަރެންނަށް ވެގެންއުޅޭގޮތް ކިޔާނުދޭހާ ހިނދަކު ތިގޮތަކާ އަހަރެންނަކަށް އެއްބަހެއް ނުވެވޭނެ…..ނީލާ އަހަރެންނާ ކައިވެނި ނުކުރިޔަސް އަހަރެންގެ މައްސަލައެއް ނެތް….އެކަމަކު އަހަރެމެންގެ ސުކޫލަށް ނީލާ ވަރަށް މުހިއްމު…..އަހަރެންގެ ހަޔާތަށް އަންނަން ބޭނުން ނުވިޔަސް އެސުކޫލާ ދުރަށްނުދޭ!…އަހަރެން ނީލާގާތު އާދޭސްކުރަން….ހަޔާތުގަ ދިމާވާ ކުޑަކުޑަ ކަމަކުން އެހެންމީހުނާމެދު ވިސްނާނުލާ ގޮތެއް ނުނިންމާ!..” އަނިލް މަސައްކަތްކުރީ ނީލާއަށް ވިސްނާދެވޭތީއެވެ. އެކަމަކު ނީލާއަށް އަނިލްގެ ވާހަކަތައް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟ އެހެންމީހަކާމެދު ވިސްނާވަރަށްވުރެ ބޮޑަށް އޭނައަށްވަނީ އޭނަގެ ހާލަތާމެދު ވިސްނަން ޖެހިފައެވެ.

” ނޫން އަނިލް….ސުކޫލަށްވުރެ އަހަރެންނަށް މުހިއްމީ އަހަރެންގެ ހަޔާތް….އަހަރެންގެ ހިތްހަމަޖެހުން…..އަހަރެން ބޭނުމީ މިކޮޅަށް ބަދަލުވާން…” ނީލާ އަނެއްކާވެސް އޭނާ ބޭނުންވާގޮތް ބުންޏެވެ. ނީލާގެ ވާހަކަ ތަކުން އަނިލް ރުޅިއަންނަގޮތްވިއެވެ.

” އަހަރެން ހިއެއް ނުކުރަން ނީލާތީ އެހާ އަމިއްލައެދުން ބޮޑު މީހެއް ކަމަކަށް……މޮޅުތައިލީމާއި މޮޅު ސެޓްފިކެޓެއް ހާސިލްކުރީ ހަމައެކަނި އަމިއްލަ ނަފްސަށްތަ؟….ރަށާއި ޤައުމަށް އެއްވެސް ލޯތްބެއް ނެތީތަ……އަހަރެންހީކުރީ އަހަރެންގެ އިހުސާސްތައް ނުވިސްނުނަސް ނީލާގެ މައިންބަފއިންގެ އިހުސާސްތަކައް ޤަދަރުކުރާނެކަމަށް…..އެމީހުންގެ ވާހަކައިން އެނގުނު ނީލާ އެމީހުނާވެސް މިކަމުގަ މަޝްވަރާކޮށްފަ ނުވާކަން….އެމީހުންވެސް ބުރަމަސައްކަތްކޮށްގެން ކިޔަވައިދިނީ ރަށަށްވެސް ފައިދާއެއް ވާނެކަމަށްކަންނޭނގެ…..” އަނިލްހުރީ ނީލާގެ ނިންމުމަށް ވަރަށް ހިތްހަމަ ނުޖެހިފައެވެ. އަނިލް އެހާ ނުރުހިފައި ވާހަކަ ދެއްކުމުން ކުރިއަށްވުރެ ބޮޑަށް ނީލާގެ ހިތުގައި ޖެހުނެވެ. ހަޤީޤަތް ކިޔައިނުދީ ހުރިނަމަވެސް އޭނާއަށް ރީތިނަމެއް ނުލިބޭނެކަން އެނގުނެވެ.

” އަހަރެން އެގޮތަށް ކަންތައްކުރި ސަބަބު އެނގިއްޖެނަމަ އަނިލްވެސް ތިހެނެއް ނުބުނާނެ…..އަނިލްއަށްވެސް އޭރުން ރަނގަޅުވާނީ އަހަރެން މިކޮޅަށް ބަދަލު ވިއްޔާ…..އަހަރެން ކައިވެނިކުރަން ބޭނުންވި ނަމަވެސް އަނިލް އަހަރެންނާ ކައިވެނިކުރާކަށްވެސް ބޭނުމެއް ނުވާނެ….” ނީލާއަށް ރޮވޭވަރުން އޭނާގެ ވާހަކަ މެދުކަނޑާލިއެވެ.

” ކީއްވެތަ ތިހެން ތިބުނީ؟….ކީއްވެތަ އަހަރެން އެގޮތަށް ކަންތައް ކުރަންވީ؟….ނީލާއަށް ދިމާވި ހުރިހާކަމެއް އެނގިހުރެވެސް އަހަރެން މިހުރީ ކައިވެނިކުރަން ތައްޔާރަށް…..ދެން އެއަށްވުރެ ބޮޑުކަމަކަށް އޮތީ ކޮންކަމެއް؟…” އަނިލް ހައިރާންވެފައި ސުވާލުކޮށްލިއެވެ.

” އަހަރެންނަކީ އިއްފަތްތެރިކަން ގެއްލިފަ ހުރި އަންހެނަކަށް ވިޔަސް އަނިލް އަހަރެންނާ ކައިވެނިކުރާނަންތަ؟” ނީލާ ކޮށްލި ސުވާލުން ހިނދުކޮޅަކަށް އަނިލް ހިމޭންވިއެވެ. އެސުވާލާމެދު ވިސްނާލަން އޭނާއަށް މަޖުބޫރުވިއެވެ. މީގެކުރިން އެފަދަ އެއްޗެއް އޭނާއަށް ވިސްނިފައެއް ނެތެވެ.

” ކީއްވެ ޖަވާބު ނުދިނީ؟” އަނިލް ހިމޭނުން ހުރުމުން ނީލާ ދެރެވެފައި އަހާލިއެވެ.

” ތިބުނީ އެސިހުރުހެދިމީހާ ނީލާއާ އެކީ އެފަދަ ގުޅުމެއްވެސް ހިންގާފަހުރި ވާހަކަތަ….ކިހިނެއް އެކަން އެނގުނީ؟…” އަނިލްއަށް ސުވާލުކޮށްލެވުނީ ގަބޫލު ނުކުރެވިގެންނެވެ.

” އާނ!….އެމީހަކު އަހަރެންގެ ހުރިހާ އެއްޗެއް ފޭރިގެންފި…..އެމީހެއްގެ ދަރިޔަކަށް އަހަރެންމިއިނީ ބަލިވެ…..ދެން އަނިލް ބުނެބަލަ އަހަރެންނާ އިންނާނަންތަ؟….އަހަރެންދެކެ އަދިވެސް ލޯބިވާނަންތަ؟….އަހަރެންނަށް ކުރިންކުރި ޤަދަރާއި އިހުތިރާމް ކުރާނަންތަ؟….” ނީލާ ރޮމުން ރޮމުން އޭނަގެ ހިތުގައިވާ ހުރިހާ ސުވާލެއް އެއްފަހަރާ ކުރަމުންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shine

Level 6100 Stories10 Stories100 Comments100 Login

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

ވާލޯބި އެނގޭނަމަ… 5

Next

ލީމިންހޯ 4

Next
October 28, 2016

ލީމިންހޯ 4

Previews
October 28, 2016

ވާލޯބި އެނގޭނަމަ… 5

21 Comments!

  1. Qeen says:
    October 28, 2016 at 11:04 am

    vvv reethi

  2. Aish says:
    October 28, 2016 at 11:19 am

    Vvvvv reethi..?

  3. Malaika says:
    October 28, 2016 at 11:20 am

    Shine cnt wait for next part?

  4. Nafu says:
    October 28, 2016 at 11:49 am

    Vrh lwbi nxt part uh vrh intizaaru kuraanun~~~~

  5. lai says:
    October 28, 2016 at 12:42 pm

    Neela ??????????. Hama ragalha ves revise. Haadha reethi vaahaka ekay. Plx next part avaha up kodythi.

    1. Shine says:
      October 28, 2016 at 1:56 pm

      next part maadhama up kohliyyaa lasvaanetha….may b mirey ves upkohlevidhaane…..internet thandhin varakun ekan vaanee…..abadhu net kendenee…

  6. lai says:
    October 28, 2016 at 12:44 pm

    Rovije*

  7. Ain says:
    October 28, 2016 at 2:05 pm

    V vvv salhi mi part ves……

  8. Anonymous says:
    October 28, 2016 at 2:35 pm

    V.reethi mivaahakaves v kiyaahiyve. Shine ge konme.vahakaehves vv reethi Dheevaanaa “” eiy one of the best story shine.dhigu.vaahakeh.liyan feney

    1. Shine says:
      October 28, 2016 at 3:13 pm

      shine heekuree dhigu vaahaka kamah miliyevenee….konme vaahakaehgaves gaaiygandakah 300 ahvure gina pages hurey….leeminho and kafaaraa enme kuruvaanee

  9. Thaathu says:
    October 28, 2016 at 2:40 pm

    Vrh vrh reethi…
    Ur the best hama ?

  10. Anonymous says:
    October 28, 2016 at 2:41 pm

    Esfiyaiga shine up ehenry thah bunkbunedheebalakiyaalan ina beynun shine ge hurihaa story eh kiyaalan.. ina.ah.vv kamudhey shine story liyaagoy v reethi keep it up.

  11. cindrella says:
    October 28, 2016 at 2:41 pm

    Tonight up kohladinihya v rangalhu next part ah waiting………………….

  12. Anonymous says:
    October 28, 2016 at 3:03 pm

    Sine esfiyaiga up kuri ehen story thakuge nan bunedheebala v vehje shine ge hurihaa story ehves kiyaalaahiy.. vv kamudhe shine ge story thah.

    1. Shine says:
      October 28, 2016 at 3:09 pm

      ދީވާނާ، ކައްފާރާ، އެފިނިމެންދަން، ދެން ލީމިންހޯ….އަދި އަޕްކުރަމުން މިދަނީ މި ވާހަކަތައް…..ހީކުރަން ހުރިހާ ވާހަކައެއްވެސް ކަމުދާނެކަމަށް

  13. Inee says:
    October 28, 2016 at 3:31 pm

    Shine ge hurihaa vaahakaehves varah furihama

  14. Wasy says:
    October 28, 2016 at 4:10 pm

    V v v reethi veehaaves avahakah up kohladhinihyaa v ragalhu.thanks shine. Thigenesdhey reethi vaahaka thakah

  15. aishaa says:
    October 28, 2016 at 4:54 pm

    vaahaka v reethi.. plx up kohdhee avahah..

  16. Saandy says:
    October 28, 2016 at 5:34 pm

    ވަރަށް ވަރަށް ރީތި… ދެން އަނިލް ކަންތައް ކުރާނީ ކިހިނެއްބާއޭ މި ހިތަށް އަރަނީ… ވަރަށް އުފާވޭ އެހާ އަވަހަށް އަޕްކޮށްދޭތީވެސް… 11ވަނަ ބައި އަޕްކޮށްލާނެ އިރެއްގެ އިންތިޒާރުގައި މިހުރީ

  17. shahu says:
    October 28, 2016 at 7:46 pm

    Shine………… haadha reehchey mivaahaka vess. But dheewaanaa e no 1. Ingey.haadha reechey vaahakathah. Dheewaanaa nimuneema v dhera ekam.

  18. Shooya says:
    November 21, 2016 at 4:49 pm

    Kameh goas vaan ulhey thy fehi signal tha red eh noon ajaibeh l

Comments are closed.

Next Episodeއެފިނިމެންދަން 11←


All Right Reserved!