Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެފިނިމެންދަން 9

Shine
October 27, 2016
10 Mins Read
62 Views
15 Comments

” ޕޮޒިޓިވް” އެލަފްޒު ފެނުމާއެކު އަތުތެރޭގައި އޮތް ރިޕޯޓް އޭނާއަށް ބޮނޑިކޮށްލެވުނެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ލޮލުން ކަރުނަ އޮހިގެންފިއެވެ.

ފާޚާނާ ތެރޭގައި އިނދެގެން ނީލާ ހިތްފުރޭންދެން ރުޔެވެ. އެރީތި ދެލޯރަތްވެ ދުޅަވީއިރުވެސް ލޮލުން ކަރުނައެއް ނުހިކުނެވެ. ވާނީވެސް އެހެންނެވެ. އެއްވެސް ކުށެއްނެތި އެވަރުގެ ބަދުނާމަކާއި ކުރިމަތިލާންޖެހުމުން ދެރަނުވާނީވެސް ކާކުހެއްޔެވެ؟ އެންމެންގެ ލޯތްބާއި ގަދަރުލިބިގެން ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެމުންދަނިކޮށް ކުއްލިއަކަށް މިކުރިމަތިވީ ކޮންފަދަބޮޑު ތޫފާނަކާ ހެއްޔެވެ؟ އޭނާއަށްވެސް އެނގުމަކާވެސް ނުލައި އޭނާގެ ޒުވާންކަން ފޭރިގަތީ ކޮންފަދަ ނުލަފާ ޝައިތާނެއް ހެއްޔެވެ؟ އެއްވެސް މީހަކަށް އޭނާގެ ފަރާތުން ގެއްލުމެއް ނުދޭއިރު އޭނާގެ ދިރިއުޅުން ހަފުސްކުރަން އެމީހަކު ބޭނުންވީ ކީއްވެގެން ހެއްޔެވެ؟

އެއީ ކާކުކަން ހޯދަން ނީލާ ބޭނުމެވެ. ނަމަވެސް ހޯދާނީވެސް ކިހިނެއް ހެއްޔެވެ؟ އޭނާއަށް ފާރަލައިގެން ސިހުރެއް ކާންދޭނީ ކާކުބާއެވެ؟ ނީލާ ރޮއެ ރޮއެފައި ވިސްނަމުން ދިޔައެވެ. ކުއްލިއަކަށް އޭނައަށް ހަނދާންވީ އެކިދުވަސްމަތިން އޭނަގެ މޭޒުމަތިން ފެނުނު ތަފާތު ވައްތަރުގެ މޭވާތަކުގެ މަތިންނެވެ. އަދި އެއީ އަނިލްގެ ފަރާތުން ދިން ތަކެތިކަމުގައިވެސް އަނިލްވަނީ ބުނެފައެވެ. އަނެއްކާ އެއީ އަނިލްގެ ކަމެއްބާއެވެ؟ އަނިލް ހަމަ އެފަދަ ކަމެއް ކޮށްފާނެ ބާއެވެ؟ ނޫނެކެވެ. އަނިލްއަކީ އެފަދަ ދަށުދަރަޖައިގެ ކަމެއްކުރާވަރުގެ މީހެއް ނޫނެވެ. އެއީ އެއަށްވުރެ ވިސްނޭ ހަރުދަނާ އަދި އަޚުލާޤުވެސް ރަނގަޅު ޒުވާނެކެވެ. އެނުބައި އަމަލު ކުރިނަމަ އޭނާއާ ކައިވެނިކުރާކަށް އަނިލް ބޭނުމެއް ނުވީސްތާއެވެ. އެކަމަކު ދެން އޭނާއާމެދު އެފަދަ އަމަލެއް ކުރާނެ މީހަކަށް އުޅެނީ ކާކު ހެއްޔެވެ؟ ދެން އޭނާއާ އެންމެ ގައިގޯޅިކޮށް އުޅުނު މީހަކީ އިޝާންއެވެ. ނަމަވެސް އިޝާންއާމެދު އެފަދަ ކުށްހީއެއް ކުރާކަށް ނީލާގެ ހިތެއް ނުރުހުނެވެ. އިޝާން އަރޫނާއާ ރަށްޓެހިވެގެން އުޅޭއިރު އޭނާގެ ފަރާތުން އުފަލެއް ހޯދަން އުޅޭނެ ހެއްޔެވެ؟

ނީލާ އެތައްއިރަކު ފާޚާނާގައި ވިސްނަން އިނުމަށްފަހު ނުކުމެ އެނދުގައި އޮށޯތެވެ. ނަމަވެސް އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. މުސްތަޤުބަލްގައި އޭނާއާމެދު ކަންހިނގާނޭގޮތް ހިތަށްއަރާފައި ރޮވެނީއެވެ. މުޅިދުނިޔެއަށް އޭނާއާއި އޭނާގެ އާއިލާ ފަޟީހަތްވާނެއެވެ. އެއްވެސް މީހަކު ކަންހިނގިގޮތް ބަލާކަށް ބޭނުމެއް ނުވާނެއެވެ. އޭނާއާމެދު ކަންހިނގިގޮތް އެނގުނު ނަމަވެސް އެކަކުވެސް ގަބޫލެއް ނުކުރާނެކަން ގައިމެވެ. އަނިލްވެސް ދެން  އޭނާ ބޭނުމެއް ނުވާނެއެވެ. އެއްވެސް ފިރިހެނަކު އޭނާފަދަ އިތްފަތްތެރިކަން ގެއްލިފައިވާ އަންހެން ކުއްޖަކާއި ކައިވެނިކުރަން ބޭނުން ވާނެ ހެއްޔެވެ؟ އެއީ ކިތަންމެ މާތްމީހެއް ނަމަވެސް އެކަން ވާނީ އެގޮތަށެވެ. އަނިލް ނީލާދެކެ ކިތަންމެ ލޯބިވީނަމަވެސް ދެން އޭނާއާ ކައިވެނިކުރާކަށް ބޭނުމެއް ނުވާނެކަން އޭނާއަށް ޔަގީންވިއެވެ. ދެންހަދާނީ ކިހިނެއް ހެއްޔެވެ؟ މިހެންމިވީ ކީއްވެގެން ހެއްޔެވެ؟ ނުހައްޤުން އޭނާއަށް ތަކްލީފު ލިބެންވީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ބަނޑުގައި އުފެދެމުން އެއަންނަނީ ކޮންފަދަ އިންސާނެއްގެ ދަރިއެއްކަމެއްވެސް އޭނާއަށް އެނގެނީކީ ނޫނެވެ.

ދެން ކަންތައްކުރާނޭގޮތަކާމެދު ނީލާ ވިސްނަމުންދިޔައެވެ. އެނާ ކިތަންމެ ބޭނުން ނުވިޔަސް އެވީކަމެއް ނުވާކަމަކަށް ހަދައި އެކަމުން ސަލާމަތް ވެވޭކަށް ނެތެވެ. ބަނޑުގައިވާ ދަރިފުޅު ނައްތާލައިގެން ފާފައެއް ބޮލުގައި އަޅާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. ދެން އޮތީ އެންމެ ގޮތެކެވެ. އޭނާގެ ވަޒީފާ މާލެއަށް ބަދަލުކުރުމެވެ. އެގޮތުން އޭނާއަށް ހަމަޖެހިލައިގެން ދުވަސްކޮޅަކު އުޅެވިދާނެއެވެ. ދުނިޔޭގެ އެންމެނާ ނުފިލުނަސް އޭނާގެ ރަށުމީހުންނަށް ނުފެނި ދުވަސްތަކަކު އުޅެވިދާނެއެވެ. މަދު ދުވަސްކޮޅަކަށް ނަމަވެސް އެބަދުނާމުން އޭނާއަށް ސަލާމަތްވެވެން އޮތީ އެގޮތުންނެވެ. އޭނާހިތާހިތުން ނިންމުމެއް ނިންމިއެވެ.

ފަތިސްނަމާދުގެ ބަންގިގޮވީވެސް ނީލާ ވިސްނަ ވިސްނާފައި ރޯންއޮއްވައެވެ. ސިއްރު ސިއްރުން ކަރުނަ އޮއްސާ އޮއްސާ އޭނާވަނީ ވަރުބަލިވެފައެވެ. މަންމައާއި ބައްޕަ ހޭލުމުގެކުރިން ނީލާތެދުވެ ވުޟޫކޮށްގެން ނަމާދުކުރިއެވެ. ދެއަތް އުފުލައިގެން އިނދެ އޭނާ އެހާލުން މިންޖުކުރައްވާތޯ ދުޢާކުރިއެވެ. ދުޢާކުރަމުންދިޔައިރުވެސް އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. ނަމާދުކޮށް ނިމިގެން ނީލާއޮށޯތީ މަންމަމެން ހޭލަންވާއިރަށް ނިދޭތޯއެވެ.

ނީލާއަށް ހޭލެވުނީ ދަމަކަށް އިރުއެރިފަހުންނެވެ. ދެލޮލުން ދިލަނަގާވަރުން ލޯހުޅުވާލަންވެސް އޭނާއަށް އުނދަގުލެވެ. އޭރު މަންމައުޅެނީ މެންދުރަށް ކައްކާށެވެ. ނީލާތެދުވެ ފެންވަރާލައިގެން ސައިބޯން ދިޔައެވެ. ނީލާގެ މަންމަ އޭނާގެ މޫނަށް ފުންކޮން ބަލާލިއެވެ. ނީލާގެ ރަތްވެ ދުޅަވެފައިވާ ދެލޯފެނުމުން މަންމަ ކަންބޮޑުވެ ހައިރާންވެސް ވިއެވެ.

” ދަރިފުޅާ!…ދެލޯ ހާދަވަރަކަށް ދުޅާވެފަ ތިހުރީ ކިނިނެއްވީ؟..” ނީލާގެ ބޮލުގައި ފިރުމާލަމުން ލޯތްބާއެކު މަންމަ އަހާލިއެވެ.

” އާނ!..މިއުޅެނީ ލޮލުގަ ރިއްސާތީ….ނޭނގެވީގޮތެއް……ޑޮކްޓަރަށް ދައްކަންވީ ކަންނޭނގެ” އެވަގުތު ނީލާގެ ދެލޯފެންކަޅިވިއެވެ. މަންމަގާތު ދޮގެއްބުނަން ދެރަވީ ނަމަވެސް ތެދުހަދައިގެން މަންމަދެރަވާނޭ ވަރު ހިތަށްއަރާފައި ނީލާއަށް ދޮގުހަދަން މަޖުބޫރުވީއެވެ. ނަމަވެސް އެއީ ތާއަބަދު އޭނާއަށް ސިއްރުކޮށްގެން ހުރެވޭނޭ ކަމެއް ނޫންކަންވެސް އެނގެއެވެ.

” އާނ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެ…..ލޯވިއްޔަ….ފަރުވާކުޑަކުރާކަށް ނުވާނެއްނު…..މަންމަވެސް ދާނަން ދަރިފުޅާއެކު ” ނިޔާޝާ ކަންބޮޑުވެފައި ބުންޏެވެ.

” ނޫނޭ! މަންމަ ދާނެކަމެއްނެތް…..އަހަރެން އެކަނި ގޮސްލާފަ އަތުވެދާނަން…” ނީލާ އަވަހަށް މަންމަ ދިއުމަށް އިންކާރު ކުރިއެވެ. މަންމަ ނީލާގެ މޫނަށް ބަލާލި ނަމަވެސް އިތުރު އެއްޗެއް ނުބުނެއެވެ.

*************

ނީލާއާމެދު ކަންހިނގާ ގޮތެއް ނޭނގޭހާލުގައި އިޝާންއާއި އަނިލްވެސް އެމީހުންގެ ކެބިންގައި ފުންޚިޔާލަކަށް ގެއްލިފައި ތިއްބެވެ. އަނިލް ވިސްނަމުންދަނީ ނީލާ އެހާދުވަހު މާލޭގައި ހުރިއިރުވެސް އެންމެ ފަހަރަކުވެސް އޭނާއަށް ގުޅާނުލީތީއެވެ. ނީލާގެ މަންމަމެންނާ ވާހަކަ ދެއްކުނު ނަމަވެސް އަނިލްގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އެމީހުން އޭނާއަށް ކަމެއް ސިއްރުކުރާހެން ހީވަނީއެވެ.

ނީލާގެ ޚިޔާލުތަކާއި ދުރަށް ދެވޭތޯ އިޝާން މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ނީލާ ނުފެންނަތާ ގިނަދުވަސްވީވަރަކަށް އޭނާގެ ހިތުގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. ނީލާއަށް ގުޅަންވެސް ކިތަންމެ ފަހަރު އޭނާގެ ހިތަށްއެރިއެވެ. ނަމަވެސް ނީލާ އޭނާއާމެދު ކަންތައް ކުރިގޮތުން އޭނާ އިސްވެ ނީލާއަށް ގުޅަން ބޭނުން ނުވީއެވެ. ލޯބިވާކަމުގައި ފުރަތަމަ އިޤުރާރުވީވެސް ނީލާއެވެ. އޭނާގެ ހިއްސުތަކާ ކުޅެލައި އެލޯބީގެ ތެރެއަށް އޭނާ ޣަރަޤުކުރީވެސް ޚުދުނީލާއެވެ. އެކަމަކު މިހާރު ނީލާ އޭނާގެ މަތިން ހަނދާން ހުރިހެނެއްވެސް ހިއެއް ނުވެއެވެ. ވީއިރު އޭނަވެސް ނީލާގެ މަތިން ހަނދާންކުރަން ވީ ކީއްކުރަން ހެއްޔެވެ؟ ނީލާ އޭނާދެކެ ލޯބިވާކަމަށްބުނެ އޭނާގެ ހިތާއި ކުޅެލީއެވެ. އެކަމަކު ނީލާގެ ހިތަށް އެއްވެސް އަސަރެއް ނުކުރަނީ ހެއްޔެވެ؟ އެފިނިމެންދަމުގައި ނީލާ އޭނާއަށް އެދިން ލޯތްބަކީވެސް އެއްވެސް އަގެއް ނެތް އެއްޗަކީ ހެއްޔެވެ؟ އެރޭގެ މަތިން އިޝާންއަށް ދުވަހަކުވެސް ހަނދާން ނުނެތޭނެކަން ގައިމެވެ. އެކަމަކު ނީލާއަށް އެހާފަސޭހައިން އެރޭގެ މަތިންވެސް ހަނދާން ނެތުނީ ހެއްޔެވެ؟

” ހާދަ ފުންޚިޔާލަކަށް ގެއްލިފަ…..އަނެއްކާ ކަމެއް ގޯސްވީތަ؟….” އިޝާން ސިހުނީ ދާދިގާތުން އަރޫނާގެ އަޑު އިވުމުންނެވެ. އިޝާން ބަލާލިއިރު ކެބިންގެ ދޮރުމަތީގައި އިޝާންގެ މޫނަށް ނަޒަރު ހުއްޓާލައިގެން އަރޫނާ ހުއްޓެވެ. އަރޫނާގެ މޫނުމަތިން ފެންނަނީ ސީރިއަސް ކަމެވެ.

” ނޫނޭ….ކަމަކާ ނުވިސްނަން….. ދެންހަމަ އިނީ ކަމެއްނެތިފަ…” އިޝާން ހިނިތުންވެލަމުން ޖަވާދިނެވެ.

” އެހެންތަ؟….ދެން ކީއްވެ ބުރޭކަށް ނުގޮސްތިއިނީ….ބަނޑުހައި ނުވަނީތަ؟…” އަރޫނާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. އިޝާން ގަޑިބަލާލިއިރު އެގާރަވެސް ޖަހައިފިއެވެ.

” އަރޫ މިހާރު ބުރޭކަށް ގޮސް އައީތަ؟” ހަމަޖެހިލަމުން އިޝާން ސުވާލުކޮށްލިއެވެ.

” މިހާރު އިޝާން ނޫން ހުރިހާ އެންމެން ބުރޭކަށް ގޮސް އައިސްފި….އެހެންވީމަ އެނގިއްޖެއެއްނު ތިއިނީ ވިސްނުމެއްގަ ނޫންކަން….މަށަށް އެނގޭ މިހާރަކަށް އައިސް އަބަދުވެސް އިޝާން ކަމަކާ ފިކުރު ކުރާކަން…އެކަމު އިޝާން ބުނަން ބޭނުން ނެތިއްޔާ އަހަރެންވެސް ނޫޅެން އެވަރުން ކަންކަން ހޯދާކަށް….” އަރޫނާ އެހެން ބުނުމަށްފަހު ދާން ހިނގައިގަތެވެ. އޭނާހުރީ ދެރަވެފައިކަން އިޝާންއަށް އެނގުނެވެ.

” އަރޫ މަޑުކޮށްބަލަ!…އާދެބަލަ މިކޮޅަށް!” އިޝާން ގޮވާލުމުން އަރޫނާ ހުއްޓުނެވެ. އަދި އަނެއްކާވެސް ގޮސް އިޝާންގެ ކެބިން ދޮރުމަތީގައި މަޑުކޮށްލިއެވެ.

” ދެން ތިތާތަ ހުންނަނީ…..އާދެބަލަ މިހިރަ ގޮނޑީގަ ޖައްސާލަން….އަހަރެން ބޭނުން ވާހަކަ ދައްކާލަން…..ވަރަށް ފޫހިވެފަ މިއިނީ…” އިޝާން އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އަރޫނާވެސް ދެބަހެއްނެތިގޮސް އިޝާންގެ މޭޒުކައިރީގައިހުރި ގޮނޑީގައި އިށީނެވެ.

” ކޮބާ މިހާރު އެއްކަލަ ޒިޔާންގެ ޚަބަރެއް ނުވޭތަ؟…އޭނާގެ ކަންތައް ކިހާހިސާބަކަށްތަ ދިޔައީ؟..” އަރޫނާ އިށީނުމުން އިޝާން ސުވާލުކޮށްލިއެވެ. ވަގުތުން އަރޫނާގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔައެވެ.

” އިޝާންއަކަށް ނޭނގެތަ؟… އޭނާވީ މިހާރު ޖަލުގަ….މިދިޔަމަހު އަހަރެން އިމެޖެންސީ ޗުއްޓީއެއްނަގައިގެން ދައްތައާއެކު މާލެގޮސްފަ މިއައީ އެމައްސަލަ ނިމުނީމަ…..ދައްތަވެސް އޭނަގާތުން ވަރިވެއްޖެ…..މިހާރު އޭނައަށް ކޮންމެވެސް އެއްޗެއް ވިސްނިފަ ހުންނާނީ…” އަރޫނާއިނީ ޒިޔާންގެ ނަން އިވުނީތީވެސް ފޫހިވެ ރުޅިގަދަވެފައެވެ.

” އަރޫ މާލެދިޔަކަމެއް މަނުވެސް ދެނަހުރިން….” އިޝާން ހައިރާންވެފައި ބުންޏެވެ.

” އާނ! އިޝާންއަކަށް ނޭނގޭނެ އަހަރެން މަރުވިޔަސް…..އިޝާން ތިއުޅެނީ މިހާރު އެހެން ދުނިޔެއެއްގަ ވިއްޔަ..” އަރޫނާ ތުންއޫކޮށްލަމުން ބުނެލިއެވެ.

” އަސްލުވެސް މަށަށް ނޭނގުނީއޭ ހަމަ…..ސޮރީ…..އެކަމު ވަރަށް އުފާވެއްޖެ އެޒިޔާންގެ ކިބައިން އަރޫ ސަލާމަތްވީމަ..” އަރޫނާގެ އަތުގައި ހިފާލަމުން އިޝާން ބުނެލިއެވެ. އިޝާންގެ މޫނަށް ބަލާލާފައި އަރޫނާ ހިނިތުންވެލިއެވެ. އިރުކޮޅަކު އިޝާންއާ ވާހަކަ ދައްކާލަން އިނުމަށްފަހު އަރޫނާ އޭނާގެ ކެބިންއަށް އައިއިރުހުރީ އޭނާގެ މޫޑު ރަނގަޅުވެފައެވެ. ދުވަސްތަކަކަށްފަހު އިޝާންއާ ވާހަކަ ދައްކާލެވުމުން އޭނާގެ ހިތަށްވަނީ ކުޑަހަމަޖެހުމެއް ލިބިފައެވެ.

އަރޫނާ ދިއުމާއެކު އިޝާންގެ ފޯނަށް ވީޗެޓުން މެސެޖެއް އައެވެ. އެއީ ބޮޑުދައިތަގެ ދަރިފުޅު އަހުނަފްގެ މެސެޖެކެވެ. އެމެސެޖު ފެނުމާއެކު އޭނާ ކަންބޮޑުވިއެވެ. އޭގައިވަނީ މާމާ ވަރަށްބޮޑަށް ބަލިވެގެން ހޮސްޕިޓަލްގައި އެނދުމަތި ކުރިވާހަކައެވެ. އިޝާން ވަރަށްދެރަވިއެވެ. މިރަށަށް އައިފަހުން އެންމެ ފަހަރަކުވެސް އޭނާ މާމައަކަށް ނުގުޅައެވެ. އޭނާ އެގޮތަށް ކަންތައްކުރީ ހަމަގަސްތުގައެވެ. މާމައަށް ގުޅައިފިނަމަ ކޮންމެވެސް ގޮތަކުން ބައްޕައަށް އޭނާގެ ނަމްބަރުލިބި އޭނާއަށް ގުޅާފައި ހުރިތަނެއް އޮޅުންފިލުވާނެކަން ގައިމެވެ. އެހެންކަމުން އޭނާގެ ނަމްބަރު އާއިލާގެ އެކަކަށްވެސް އޭނާ ނުދެއެވެ. އެއީ އެމީހުންނަށްވެސް އޭނާހުރިތަނެއް އަންގަން ބޭނުން ނުވާތީއެވެ. މާމަ ފިޔަވައި އިތުރު މީހަކަށް އޭނަވީތަނެއް ނޭނގެއެވެ.

އޭނަ މާމަގެ ހާލުބަލާހަދަނީ ބޮޑުދައިތަގެ ދެދަރިންކަމަށްވާ އަހްނަފްއާއި އަހްސަންއާ ވައިބަރ ނުވަތަ ވީޗެޓްމެދުވެރިކޮށް ވާހަކަދައްކައިގެންނެވެ. އެމީހުންގެ ފަރާތުން އޭނާއަށް މާމަގެ ހާލުއެނގެއެވެ. އިޝާން ނެތުމުން ދެރަވެގެން އިޝާންގެ ވާހަކަ ދައްކާކަމަށްވެސް އެމީހުން ބުނެއެވެ. އިޝާން ނެތުމުގެ ފަޅުފިލުވައިދޭން އެދެކުދިންވެސް މަސައްކަތްތަކެއް ކުރިކަމަށް ބުންޏެވެ.

ނަމަވެސް މާމަ އެންމެ ލޯބިވާ މާމަދަރިއަކީ އަބަދުވެސް އިޝާންއެވެ. މާމަ އެހާބޮޑަށް ބަލިވީ އިޝާންއާމެދު ވިސްނާތީކަމުގައި އެމީހުން ބުނުމުން އިޝާންގެ ހިތަށް ވަރަށްތަދުވިއެވެ. ދެން އިތުރަށް މާމަގެގާތަށް ނުގޮސް އިޝާންއަކަށް ކެތެއް ނުކުރެވޭނެއެވެ. އިޝާންއަށް ކަންތައް ކުރެވުނުގޮތުން އޭނާހުރީ މިހާރު ވަރަށް ދެރަވެފައެވެ.

އަނިލްއާ ވާހަކަ ދެއްކުމަށްފަހު އިޝާން ހަމައެދުވަހު އާއިލީ ޒިންމާގެ ޗުއްޓީއަށްއެދި ފޯރމްލިއެވެ. އިޝާންގެ މާމައެއް ހުންނަކަންވެސް އަނިލްއަށް އެނގުނީ އެދުވަހުއެވެ. އިޝާންގެ އާއިލާއާ ބެހޭ އެއްވެސް މައުލޫމާތެއް އިޝާންގެ ފަރާތުން އަނިލްއަށް ލިބިފައެއް ނުވެއެވެ. އަނިލްވެސް އެއްވެސް ވަރަކަށް އިޝާންގެ އާއިލާއާ ބެހޭގޮތުން ހޯދާކަށް މަސައްކަތެއްވެސް ނުކުރެއެވެ. ނަމަވެސް އެދުވަހު ދެރަވެފައިހުރިވަރަށް އިޝާން ދެރަވެފައި ހުއްޓައެއް އަނިލްއެއް ނުދެކެއެވެ. އެހެންކަމުން ޖެހިގެން އައިދުވަހު އިޝާންއަށް ޗުއްޓީގެ ކަންތައް އަނިލް ހަމަޖައްސައިދިނެވެ.

***********

އޭގެ އަނެއްދުވަހުގެ ހަވީރު ފަހެއްގެ ފުލައިޓުން އިޝާން މާލެދިއެވެ. ބައްޕައާއި ކުރިމަތިލާން ޖެހޭތީ އިޝާން ހުރީ ޖެހިލުންވެސް ވެފައެވެ. އިޝާންއަށް މާލެއާދެވުނުއިރުހުރީ އިރުއޮއްސެން ދާދިގާތްވެފައެވެ. ނަމަވެސް ގެޔަށް ނުގޮސް އޭނާ އެންމެ ފުރަތަމަވެސް ދިޔައީ އޭ.ޑީ.ކޭ ހޮސްޕިޓަލަށެވެ. މާލެ އައުމުގެ ކުރިން އޭނާވަނީ މާމައޮތްތަނުގެ މައުލޫމާތު ސާފުކޮށްފައެވެ. އެހެންކަމުން މަޑުކޮށްލުމެއްވެސް ނެތި ހޮސްޕިޓަލްތެރެއަށް ވަދެ އިޝާން މިސްރާބުޖެހީ މާމައޮތް ކޮޓަރިއަށް ދިއުމަށެވެ. ކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނުއިރު އޭނާގެ ހިތްތެޅެމުންދެއެވެ. އެތައްދުވަހެއްގެ ފަހުން އޭނާގެ ލޯބިވާ މާމައާއި އާއިލާގެ އެހެންމީހުނާ ބައްދަލުވާން އުޅޭތީއެވެ.

އިޝާން މަޑުމަޑުން ދޮރުހުޅުވާލިއެވެ. އެނދުގައި އެއްއަތަށް އައިވީއެއް ގުޅާފައި މާމައޮތެވެ. ހީވާގޮތުން މާމައަށް އޮތީނިދިފައެވެ. ކައިރީގައިހުރި ސޯފާގައި ފޮތެއް ހިފައިގެން ބޮޑުދައިތައިނެވެ. އިޝާން ފެނުމާއެކު ބޮޑުދައިތަ ކޮޅަށް ތެދުވީ ހައިރާންވެފައެވެ.

” އިޝާން….އައީތަ؟….ކިހިނެއް ތިހާއަވަހަށް އައީ…..މެލޭއަކުން ނޫންތަތިއައީ؟” ބޮޑުދައިތަ ހައިރާންވެގެން އެތައް ސުވާލެއް އެއްފަހަރާ ކޮށްލިއެވެ. ބޮޑުދައިތަގެ އެއްވެސް ސުވާލަކަށް ޖަވާބުނުދީ އިޝާންދިޔަގޮތަށް ގޮސް ހުއްޓުނީ މާމަގެ އެނދުކައިރީގައެވެ. އަދި މާމަގެ އަތުގައި ފިރުމާލުމަށްފަހު އެއަތުގައި ބޮސްދިނެވެ.

” މާމަ މިހާރު ކިހިނެއްތަ؟….ކިހިނެއްތަވީ މާމަޔަށް؟…” އިޝާން ބޮޑުދައިތަގެ މޫނަށް ބަލާލަމުން ދެރަވެފައި އަހާލިއެވެ.

” މާމައަށް މާބޮޑުކަމެއްނުވޭ….ލޭމައްޗަށް ގޮސް ބޮލަށް އެނބުރުން އަރައި ގައިގަވަރުދެރަވީ….ދެދުވަހު ބާއްވާފައި ދޫކޮށްލާނަމޭބުނީ…..ގަވާއިދުން ބޭދިނީމަ ރަނގަޅުވާނޭބުނީ….މާބޮޑަށް ކަންކަމާ ނުވިސްނާށޭވެސް ބުނި…އެކަމަކު ކިހިނެއް މާމަ ނުވިސްނާ ހުންނާނީ….އިޝާންވެސް ރުޅިއައިސްގެން ކުއްލިއަކަށް ގެއިން ނުކުމެގެން ދިޔައިރު ދިޔަތަނެއްވެސް އަންގާލީކީނޫން…..ކުޑަމިނުން ގުޅޭނެ ނަމްބަރެއްވެސް ދިނީކީ ނޫން….އިޝާންއަށް އެނގޭތަ  އެގޮތަށް ކަންތައްކުރީމަ އަހަރެމެން ކަންބޮޑުވާނޭވަރު؟…..އިޝާންގެ ބައްޕަވެސް ދެރަވެ ރުޅިވެސް އައިސްފަހުރީ…..ބޮޑުދައިތަގާތު ރޮއެފަ އިޝާންގެ ކަންތައްކުރިގޮތުގެ ވާހަކަ ދެއްކީ…..އިޝާން ތިގޮތަށް ކަންތައްކުރިއިރު މާމާއާ މެދުވެސް ވިސްނާލިނަމަ ކީއްވާނީ…..މަންމަދެކެ އަންނަރުޅީގަ އެންމެނާ ގުޅުން ކަނޑާލުން އެއީ ރަނގަޅުގޮތެއްތަ؟..”  އާތިފާ ދެރަވެގެން ޝަކުވާކުރިއިރު އޭނާގެ އަޑުވަނީ ކުރެހިފައެވެ. ލޮލުން ކަރުނަވެސް އައީ ބޭއިޚްތިޔާރުގައެވެ. އާތިފާ އިޝާންދެކެ ލޯބިވަނީ އަމިއްލަ ދަރިޔަކު ފަދައިންނެވެ. އިޝާން އެގޮތަށް ކަންތައް ކުރުމުން އާތިފާ ނުހަނު ދެރަވިއެވެ. ބޮޑުދައިތަގެ ވާހަކަތައް އަޑުއަހާފައި އިޝާންވެސް ވަރަށް ދެރަވިއެވެ. އިޝާން އޭނާގެ ބޮޑުދައިތަގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ.

” ބޮޑުދައިތާ!….އަހަރެން އެއްވެސްމީހަކާ ގުޅުމެއް ކަނޑައެއް ނުލަން…..ހަމައެކަނި ފޯނުކޮށްގެ ވާހަކަ ނުދައްކާކަން…..އަހަރެން އަބަދުވެސް އަހްނަފް ނޫނީ އަހްސަންއާ ވާހަކަ ދައްކައިގެން މާމަގެ ހާލުބަލަން…..ބޮޑުދައިތައާއިވެސް ވައިބަރއިން ވާހަކަ ދެއްކީމެއްނު……އަހަރެން ވަރަށް ބިޒީކޮށް އުޅޭތީ  ބޮޑުދައިތައާއި ވާހަކަ ނުދެއްކެނީ……މާމައަށް އެނގޭނެ އަހަރެންގެ ހާލުވެސް……އަހުނަފްއާ އަހްސަންގާތު ބުނެފަ އޮންނާނީ މާމައަށް އަހަރެންގެ ހާލު އަންގާށޭ….” އިޝާން ބޮޑުދައިތައަށް ވިސްނައިދިނެވެ.

” މިވީ ތިންމަސް ދުވަހުގެ ތެރޭގައި އިޝާން އެންމެ ފަހަރަކު ވައިބަރއިން އަހަރެންނާ ވާހަކަ ދެއްކީ…އެއީ އަހުނަފް މާލޭގަހުރިއިރު އޭނައަށް ގުޅި ދުވަހަކު….އެފަހަރަކުވެސް މާމައާ ވާހަކައެއް ނުދައްކާ…..އަހަރެންނަކީ ތިބުނާ ވައިބަރއާ އެއްޗެހި ބޭނުންކުރާމީހެއްނޫން…..އަހަރެންގެ އަތުގަ އޮންނަނީ ފޯނު….އެއަކަށް އިޝާން ނުގުޅާ…..ދެންތިބުނީ އަހްނަފްއާއި އަހްސަންގެ ވާހަކަ…..އެމީހުން މެލޭއަށް ދިޔަތާވެސް މިހާރު މަހެއްވަނީ……އެމީހުންނަށްވެސް މާމަގެ ހާލު އެނގޭނީ އަހަރެންގެ ފަރާތުން……ދެން އިޝާންއަށް ކޮންގޮތަކަށް މާމަގެ ހާލުތިބެލުނީ…..އަހަރެން ހީކުރީ އިޝާންވެސް ހުރީ މެލޭގަ ކަމަށް….އެކަމަކު އިޝާންތިހުރީ ރާއްޖޭގަދޯ މިހުރިހާ ދުވަހު؟…..އަހަރެން ހިޔެއްނުކުރަން އިޝާން މާމައާމެދު ތިގޮތަށް ކަންތައްކުރާނެ ކަމަކަށް…..ރާއްޖޭގަ ހުރިއިރުވެސް މާމައަށް އެންމެ ފަހަރަކުވެސް އިޝާންއަށް ގުޅާނުލެވުނުތަ؟…..އިޝާންގެ ޚަބަރެއް ނުވެގެން އަހްނަފްމެން ދިޔައިރު އިޝާންގެ ބައްޕަ މެލޭއަށްވެސް ދިޔަ…..އިޝާން އުޅުނުތަނަށް ގޮސްގެންވެސް ޚަބަރެއްނުވި….އިޝާން ވަންނަންބުނި ޔުނިވާރސިޓީއަށް ގޮސްގެން އިޝާންއަށް އެޑްމިޝަން ލިބިފައިއިންތޯވެސް ބެލި…..ކިހާ މަސައްކަތެއް ކުރެވިއްޖެ އިޝާން ހޯދަން……އެކަމަކު އިޝާންތިހުރީ ރާއްޖޭގަ…..އެއްވެސް ޚިޔާލެއް ފިކުރެއްނެތި….” އިޝާންގެ ބޮޑުދައިތަހުރީ އިޝާންދެކެ ވަރަށް ހިތްހަމަނުޖެހިފައެވެ.

” ނޫން ބޮޑުދައިތާ….އަހަރެން ހުރީކޮންތާކުކަން މާމައަށް އެނގޭނެ….އަދި އަހަރެން އެތަނަށް ދިޔައީ ކީއްކުރަންކަންވެސް މާމަޔަށް އެނގޭނެ…..މިހާރު އަހަރެން އެތަނަށް ދިޔަ މަގުސަދުވެސް ހާސިލްވެއްޖެ….އަހަރެންނަށް އަހަރެންގެ މަންމަ ފެނިއްޖެ…”

” އޭނ!؟ ކީކޭ؟..މަންމައޭ؟…ކޮން މަންމައެއްގެ ވާހަކައެއް އިޝާން ތިދައްކަނީ؟..” އާތިފާ ހައިރާންވެފައި ސުވާލުކޮށްލިއެވެ. އިޝާންއަށް އޭނާގެ މަންމަގެ ހަގީގަތް އެނގުނުކަމެއް އާތިފާއަކަށް ނޭނގެއެވެ.

” އާނ ބޮޑުދައިތާ….އަހަރެންގެ އަސްލުމަންމަ އިމްޝާ އަހަރެންނަށް ފެނިއްޖެ….އަރީޝާ އެއީ އަހަރެންގެ އަސްލު މަންމަ ނޫންކަން އަހަރެންނަށް އެނގުނީ އެއްކަލަ ދުވަހު މާމައާ ބޮޑުދައިތަ ދެއްކި ވާހަކަ އަޑުއިވުނީމަ…..ދެން އަހަރެން މާމަގާތު އަހައިގެން އަހަރެންގެ މަންމައަކީ ކާކުކަން އޮޅުން ފިލުވީ…..މާމަ އަހަރެންނަށް މަންމަގެ ވާހަކަ ކިޔާދީ މަންމަގެ ފޮޓޯވެސް ދެއްކި……މާމައަށް އެނގިގެން އަހަރެން މަންމަގެ ރަށަށް ދިޔައީ…..މިހާރު އަހަރެންނަށް މަންމައާ ބައްދަލުވެސް ވެއްޖެ…..މަންމަގެ ގޭގަ އަހަރެން މިހާރު އުޅެނީވެސް…” އިޝާން އާތިފާއަށް ހުރިހާކަމެއް އޮޅުންފިލުވައި ދިނެވެ. އިޝާން ކަންތައްކުރިގޮތް އެނގުމުން އާތިފާގެ ހުރިހާ ޝަކުވާއެއް ފިލައިގެން ގޮސް ހިތްސާފުވިއެވެ.

“އެ އަރީޝާއަށްވެސް އެނގޭތަ އިޝާންއަށް އެކަން އެނގުނުކަން؟…..އެރޭދަންވަރު އަރީޝާދެކެ ރުޅިއައިސް އައީ ކީއްވެގެންތަ؟..” އާތިފާ އޮޅުންފިލުވަން ބޭނުންވިއެވެ. އާތިފާގެ ސުވާލުން އިޝާންގެ މޫނުގެ ކުލަބަދަލުވީ އެރޭގެ މަތިން ހަނދާންވެފައެވެ. އަރީޝާ ސިފަވުމުން އިޝާންގެ ހިތުގައި ވަގުތުން ރުޅިވެރިކަން އުފެދުނެވެ. އިޝާން އެރޭކަންތައްވީ ގޮތުގެ ވާހަކަ އާތިފާއަށް ކިޔާދިނެވެ. އިތުރަށް އޭނާ ސިއްރުކުރަން ބޭނުންނުވީއެވެ. އިޝާންގެ ވާހަކަ އަޑުއަހާފައި ހައިރާންވީވަރުން އާތިފާގެ އަނގަވެސް ހުޅުވުނެވެ. އަރީޝާގެ ގޮތްކުޑަކަން ހިތަށްއަރާފައި ބުނާނެ އެއްޗެއްވެސް އޭނާގެ ދުލަކަށް ނައެވެ. އެއަރީޝާގެ ގޮތްކުޑަ އަމަލުން ޚުދު އާތިފާވެސް ލަދުގަތެވެ. އެވަގުތު އިޝާންއަށް ކުރާނޭ އަސަރު ހިތަށް އަރާފައި އޭނާދެރަވިއެވެ. އަދި އިޝާންއާ މެދު އޭނާގެ ހިތުގައިވާ ލޯތްބާއި ހަމްދަރުދީ އިތުރުވިއެވެ.

އެކޮޓަރިއަށް ވަންނަން އައި އިމާދުއަށް އާތިފާއާއި އިޝާންގެ ވާހަކަދައްކާ އަޑުއިވިގެން ބޭރުގައި މަޑުކޮށްލީ ފަހަރެއްގައިވެސް އޭނަގެ ކަންފަތަށް އެފަދަ ވާހަކަތަކެއް އަޑުއިވިދާނެ ކަމަކަށް ނޫނެވެ. ނަމަވެސް އިޝާންގެ ދުލުން އޭނާގެ އަންހެނުންނާމެދު އެއިވުނު ވާހަކަތަކުގެ ސަބަބުން އޭނާގެ ސިކުނޑި ގަނޑުވި ކަހަލައެވެ. އޭނާގެ ދަރިފުޅު  އޭނާ ދޫކޮށް ގޮސް ފިލައިގެން އެއުޅުނީ އަރީޝާގެ ނުބައިކަމުން ކަމެއް އޭނާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ކުޑައިރުއްސުރެވެސް އަރީޝާގެ ފަރާތުން އިޝާންއަށް ލިބެމުންދިޔަ އަނިޔާތަކުގެ ވާހަކަ އޭނާގެ މަންމަގެ ފަރާތުން އޭނާއަށް އިވެމުންދިޔައެވެ. ނަމަވެސް އެކަންތައްތަކަށް އޭރުވެސް އޭނާދިނީ ބީރުކަންފަތެކެވެ. ހަމަ އަރީޝާދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަރީޝާގެ ފަރާތުން އޭނާގެ ހިތަށް އުފާވެރިކަން ލިބުނުއިރު އޭނާގެ ދަރިފުޅަށް އެއަރީޝަދިނީ ކޮންފަދަ އަނިޔާއެއްތޯ ވިސްނާނެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. އިމާދު އެކޮޓަރިއަށް ވަންނަން އައި ނަމަވެސް އޭނާ އެނބުރި ދިޔައީ ދަރިފުޅާއި ކުރިމަތިލާނެހާއި ހިތްވަރެއް ނެތުމުންނެވެ.

އިޝާން މާމަގާތުގައި އިންނަތާ ގަޑިއެއްހައި އިރުވީފަހުން މާމަ ހޭލައިގެން ލޯހުޅުވާލިއެވެ. އަދި އިޝާން ފެނުމާއެކި އުފަލުން ދަރިފުޅާއޭ ކިޔައި އޮޅުލައިގެންފައި ރޯންފެށިއެވެ. މާމަ ހަމައަކަށް އެޅުވުނީ އިޝާން މަންމަގެ ވާހަކަ ބުނުމުންނެވެ. މަންމައާ ބައްދަލުވިގޮތާއި މަންމަގެ ހާލު އިޝާން މާމައަށް ކިޔައިދިނެވެ. މަންމަ އުޅެނީ ނުހަނު އުފަލުގައިކަންވެސް މާމައަށް ބުނެދިނެވެ.

އިޝާން އޭނާގެ މަންމަގެ ފޮޓޮއާއި މާމައާއި ކާފަގެ ފޮޓޯ މާމައަށް ދެއްކިއެވެ. އަދި އަނިލްގެ ފޮޓޯ ދައްކައި އަނިލްގެ ރަނގަޅު ވާހަކަވެސް ދެއްކިއެވެ. މާމަ އެފޮޓޯތަކަށް ބަލާފައި ލޮލުން ކަރުނަ ފުހެލިއެވެ. އެތައް ދުވަހެއްފަހުން އިމްޝާގެ ސިފަ ފެނުމުން ކުރީގެ ހަނދާން އާވިއެވެ.

އިމާދު ހޮސްޕިޓަލުން އައިގޮތަށް އިނީ މިސްކިތުގައެވެ. މަޣުރިބް ނަމާދުކޮށްގެން ދިރިއުޅުމުގެ ކަންތައްތަކާމެދު ވިސްނާލަން އޭނާ މަޑުކޮށްލީއެވެ. އިޝާންގެ ވާހަކަތައް އަޑުއިވުމުން އޭނާއަށް ވިސްނާލަން މަޖުބޫރުވިއެވެ. އިމްޝާއާ މެދު އޭނާއަށް ކަންތައް ކުރެވުނުގޮތްވެސް މިއަދު އޭނާ ހަނދާންވަމުން ދިޔައެވެ. ދެމީހުނާ އިނދެގެން އުޅުނުއިރު އަބަދުވެސް އަޑުއެހުނީ އަރީޝާގެ ޝަކުވާތެކެވެ. ފުއްދައިދެވުނީވެސް އަރީޝާގެ ބޭނުންތަކެއެވެ. އިމްޝާއާމެދު އޭނާއަށް ކަންތައް ކުރެވުނީ ވަރަށްވެސް ނާއިންސާފުންނެވެ. އިމްޝާގެ ހާލާމެދު އެންމެ ފަހަރަކުވެސް އޭނާއަށް ވިސްނާލެވިފައެއް ނެތެވެ. އިމްޝާގެ އަސްލު ބައްޔަކީ ކޮބައިކަންވެސް އިމާދުއަށް މިއެނގުނީ މިއަދު އިޝާންގެ ވާހަކަ އަޑުއިވުމުންނެވެ. މިހުރިހާ ދުވަހު އޭނާ ވިސްނީ އިމްޝާ ގަސްތުގައި އޭނާއަށް ޖެއްސުން ކުރީކަމުގައެވެ. އިމާރާތުން ވެއްޓުނު ރޭވެސް އޭނާ ރުޅިއައީ އިމްޝާ ދެކެއެވެ. އެއީ އިމްޝާގެ ފަރުވާކުޑަކަމުން ވީގޮތެއްކަމުގައި އޭނާ ނިންމިއިރު އިމްޝާއަށް ލިބުނު އަނިޔާއާމެދު އޭނާއަށް ވިސްނިފައެއް ނެތެވެ. އެދުވަހުވެސް އޭނާ ކަންބޮޑުވީ އިމްޝާގެ ސަބަބުން އޭނާ ބަދުނާމު ވެދާނެތީއެވެ.

އިޝާން ފިލައިގެން ދިޔަފަހުން އަރީޝާގެ ފަރާތުން އިޝާންއާ މެދު އަބަދުވެސް ޝަކުވާތައް އިވެމުން ދިޔައެވެ. އިޝާން ދިޔައީ ކީއްވެތޯ އިމާދު ސުވާލުކުރުމުން އަރީޝާ ބުނީ އެއީވެސް އިޝާންގެ މާމަ ކުރުވި ކަމެއް ކަމަށެވެ. އަރީޝާއާ އިޝާންގެ ގުޅުން ރަނގަޅުވުމުން މާމަ ހަސަދަވެރިވެގެން އަނެއްކާވެސް އިޝާން ގެންދިޔައީ ކަމަށެވެ. މާމަ ބޭނުންވަނީ އިޝާންއާ އަރީޝާއާ ދުރުކޮށް އިމާދުއާވެސް ދުރުކުރުވަން ކަމުގައި ބުނެ ޝަކުވާކުރިއެވެ. އިޝާން އެގޮތަށް ކަންތައް ކުރުމުން އޭނާ އެނބުރި އައި ނަމަވެސް އެގެޔަށް އަނބުރާ ނުވެއްދުމަށްވެސް އަރީޝާ ނަސޭހަތްތެރިވަމުން ދިޔައެވެ. އަމިއްލަ ދަރިފުޅު ގެއްލުމުން އިމާދުގެ ހިތަށް ކުރި އަސަރު އަރީޝާއަށް ނުވިސްނުނު އިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ އިމާދުގެ ހިތުގައި އެދަރިފުޅާމެދު ނަފްރަތު އުފައްދާށެވެ. އިޝާން ދިއުމުގެ އެއްވެސް އަސަރެއް އަރީޝާއަކަށް ނުކުރިއެވެ. އޭނާހުރީ އިޝާން އެނބުރި އަތުވެދާނެތީވެސް ބިރުންނެވެ.

އަނދިރިކަމެއްގެ ތެރޭގައިހުރެ އަރީޝާއަށް އިތުބާރުކުރެވުނު ކަމަށްޓަކައި އިމާދު މިއަދު ދެރަވެއެވެ. އިޝާ ނަމާދުގެ ބަންގިގޮވުމުން އިމާދު ނަމާދުކޮށްގެން ގެޔަށް ދިޔައީ ހިތުގެއަޑިން ވަރުގަދަ ނިންމުމެއް ނިންމައިގެންނެވެ.  އިމާދު ގޭގެ ދޮރުހުޅުވާލިއިރު ސިޓިންރޫމުގެ ސޯފާގައި ވެޑުވިފައި އަރީޝާ އިނެވެ. އަތުގައި އޮތް ޗިޕްސް ދަޅުން ހުއްޓުމެއްނެތި ޗިޕްސްކަމުން ދިޔައިރު އޭނާގެ ލޯހުރީ ޓީވީއަށް ހުއްޓިފައެވެ. ހިނިއައިސްގެން އިނދެ ސީރީޒް ބަލަމުން ދިޔައިރު ދޮރުން ވަދެގެން އައި އިމާދުވެސް އޭނާއަކަށް ނުފެނެއެވެ. އިމާދު އިރުކޮޅަކު އަރީޝާއަށް ބަލަން ހުއްޓެވެ. އިމާދުގެ މަންމަ ބަލިވެ ހޮސްޕިޓަލްގައި އެނދުމަތި ކުރެވިފައިވާ އޮންނަތާ ދެދުވަސްވީއިރުވެސް އަރީޝާ އެންމެ ފަހަރަކުވެސް ހާލުބަލާލަކަށް ނުދެއެވެ. މިހާރުވެސް އޭނާ އެއިނީ އެއްވެސް ޚިޔާލެއް ފިކުރެއްނެތި ޓީވީބަލާށެވެ. މިއީ ކޮންކަހަލަ ރަހުމެއްނެތް އަންހެނެއްބާއޭ އިމާދުގެ ހިތަށްއެރިއެވެ. އިމާދު މަޑުމަޑުން ގޮސް އަރީޝާއާ ދާދިގާތުގައި އިށީނެވެ. އޭރުވެސް އަރީޝާ އިނީ ޓީވީއަށް ގެއްލިފައެވެ.

” އަރީޝާ! އަހަރެން އަރީޝާ ވަރިކޮށްފިން…..ތީ މިހާރު އަހަރެންގެ އަންބެއްނޫން…” ކުއްލިއަކަށް އިމާދުބުނި އެއްޗަކުން ސިހިފައި އަރީޝާ ބަލާލިއެވެ.

” ހެ ހެ ހެ އިމާދު ކީކޭތަ ތިކިޔަނީ؟….އޭނަ އެބުނީ މީހަކު ވަރިކުރި ވާހަކައެއް ނޫނޭ…..އެބުނީ އޭނައަށް މީޓިންނަށް ނާދެވޭނެ ވާހަކަ” އިމާދުބުނި އެއްޗެއް ރަނގަޅަށް އަޑުނާހާ އިނދެ ޓީވީ ސީރިއަލްގައިވީގޮތް އަރީޝާ އޮޅުން ފިލުވައިދިނެވެ. އެވަގުތު އިމާދު އަރީޝާގެ އަތުން ރިމޯޓް އަތުލުމަށްފަހު ޓީވީ ނިވާލިއެވެ. އަރީޝާ ހައިރާންވެފައި އިމާދުގެ މޫނަށް ބަލާލިއެވެ.

” އަހަރެން މިކިޔަނީ ތިޔަ ސީރީޒްގެ ވާހަކައެއްނޫނޭ….އަހަރެން މިބުނީ އަރީޝާ ތިހުރީ ވަރިކޮށްފައޭ……ތީމިހާރު އަހަރެންގެ އަންބެއްނޫނޭ……އެނގިއްޖެތަ؟…..ސާފުވެއްޖެތަ؟…” އަޑަށްބާރުލާފައި އިމާދު ބުނި ޖުމްލައިން އަރީޝާ ކާންއިން ޗިޕްސްދަޅުވެސް އޭނަގެ އަތުން ދޫވިއެވެ. އިމާދުގެ ދުލުން އެހެންބުނި އަޑުއިވުނު ނަމަވެސް އަރީޝާއަކަށް އެކަން ގަބޫލެއް ނުކުރެވުނެވެ. ކުއްލިއަކަށް އިމާދު އަރީޝާ ވަރިކުރަން ޖެހުނު ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.

” މާދް…..އަހަރެންނާ ސަމާސާކުރަނީތަ؟..އެކަމުދެން ތީމީހުން ސަމާސާއަށް ބުނާއެއްޗެހިތަ؟” އިރުކޮޅަކު ގަނޑުވެފައި ހުރުމަށްފަހު އިމާދުގެ އަތުގައި ހިފަމުން އަރީޝާ ސުވާލުކޮށްލިއެވެ.

“ނޫން މީ ސަމާސާއެއްނޫން……އަހަރެންނަކަށް އަރީޝާއާ އެކުގައެއް ނޫޅެވޭނެ…..ތިންދުވަހުގެ މުއްދަތެއް އަހަރެން އަރީޝާއަށް ދޭނަށް މިގެދޫކޮށް ދިއުމަށް…..މިހާރުން ފެށިގެން ތަނެއް ހޯދާ!…އަދިބުނަން މާދަމާ ކޯޓަށްދާން ކިޔައިފިނަމަ އިތުރު ސުވާލެއް ނުކޮށް ކޯޓަށްދާތި!….އަހަރެން ބޭނުންވީހާވެސް އަވަހަކަށް ވަރިސާބިތުކޮށް ނިންމަން…..” އިމާދު ދައްކާނެ ވާހަކައެއް ދެއްކުމަށްފަހު ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. އަރީޝާ ޖެހިބުދެއްހެން ގުޑާލަންވެސް ނޭނގިފައި އެހުރިފިޔަވަޅުމަތީގައި ހުރީއެވެ. ކުއްލިއަކަށް އޭނާ ވަރިކުރުމުން އޭނާއަށްހުރީ ދެރަވާންވެސް ނޭނގި ފާޑަކަށް ގަބުވެފައެވެ. މަންމައާއި ބައްޕަގެ ވާހަކަ އަޑުއަހަށް ތަންކޮޅެއް ދުރުގައިހުރި އިޝިކާ އައިސް އަރީޝާގެ ކޮނޑުގައި އަތްލުމުން ސިހިފައި ބަލާލިއެވެ. އޭރު އިޝިކާގެ ދެލޯވަނީ ފެންކަޅިވެފައެވެ.

އިޝީކާ ފެނުމުން އަރީޝާގެ ހިއްސުތައް މަސައްކަތް ކުރަންފެށިއެވެ. އަދި އިސާހިތަކު އޭނާގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އިޝިކާގެ ގައިގާ އޮޅުލައިގެންފައި އަޑުން އަޑުނަގާ ރޮވުނީ ހަދާނެ ގޮތް ހުސްވުމުންނެވެ. މިހުރިހާ ދުވަހު އޭނާބުނިހާ ގޮތެއް ހެދިގެން އުޅުނު އިމާދުއަށް ކުއްލިއަކަށް އެއައި ބަދަލަކީ އޭނާގެ ސިކުނޑިއަށް ވިސްނައިގަންނަން އުނދަގޫ ކަމަކަށްވިއެވެ. ރާނީއެއްފަދައިން އަރާމާއި އުފަލުގައި ފިކުރެއް ޚިޔާލެއްނެތި އުޅެ އުޅެހުއްޓައި އެހުރިހާ ކަމަކުން ކުއްލިއަކަށް މަހުރޫމުވީއެވެ. ކުޑަމިނުން އޭނާވަރިކުރި ސަބަބުވެސް އިމާދު ނުބުންޏެވެ. އަރީޝާ ރޯތަން ފެނުމުން އިޝިކާއަށްވެސް ރޮވުނެވެ. ކަމުގެ ހަގީގަތް ނޭނގުނު ނަމަވެސް ވަރިކުރުމަކީ ކޮބައިކަން އިޝިކާއަށްވެސް އެނގެއެވެ. އެހެންކަމުން ބައްޕަ މަންމަވަރިކުރުމުން އިޝިކާ އޭނާގެ ބައްޕަދެކެ ރުޅިވެސް އައެވެ. އަރީޝާ ރޮމުން ރޮމުން އިޝިކާއާއެކު އޭނާގެ ކޮޓަރިއަށް ދިޔައެވެ.

އިޝާން ހޮސްޕިޓަލްގައި އޭނާގެ މާމަ ކައިރީ އިންނަތާ ފަސްގަޑިއިރުވީ އިރުވެސް ބައްޕަގެ ޚަބަރެއް ނުވުމުން އިޝާން ހައިރާންވިއެވެ. ބައްޕަ މާލޭގައި ނޫޅެނީ ބާއޭހިތައި ބޮޑުދައިތައާ ސުވާލުވެސް ކޮށްލެވުނެވެ. ބޮޑުދައިތަބުނީ ބައްޕަ އުޅޭކަމުގައެވެ. ވީއިރު ބައްޕަ މާމަގާތަށް ނައިސް އެހާލަސްވަނީ ކީއްވެގެންބާއޭ އިޝާންގެ ހިތަށްއެރިއެވެ. ބައްޕަ ނައިތީ ވިސްނަން އިންއިރު ބައްޕަ އަތުވެދާނެތީވެސް އޭނާއިނީ ކަންބޮޑުވެފައެވެ. މާމައަށް ކާންދިނުމަށްފަހު، މާމަ ނިދުމުން އިޝާންވެސް ކައިގެން ސޯފާގައި ޖައްސާލިއެވެ. އިޝާން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އޮއްވައި ކޮޓަރީގެ ދޮރުހުޅުވާލާފައި ބައްޕަ ވަދެއްޖެއެވެ. ބައްޕަފެނުމާއެކު އިޝާންއަށް ބޭއިޚުތިޔާރުގައި ތެދުވެވުނެވެ. ދުވަސްތަކަކަށްފަހު ދެމީހުން ފެނުމުން އެކަކު އަނެކެއްގެ މޫނަށް ބަލަންތިބެވުނީ ހިތުގައިވާ ޝަކުވާތައް ގިނަކަމުންނެވެ.

ބައްޕަގެ މޫނަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު އިޝާން އިސްޖަހާލީ ބައްޕަރުޅިއައިސްހުރި ކަމުގައި ހީކޮށްފައެވެ. އިމާދު މަޑުހިނގުމެއް އައިސް ސޯފާގައި އިށީނެވެ.

” ދަރިފުޅާ އިށީނދެބަލަ މިތާގަ….” އިޝާން ކޮޅަށް ހުރުމުން އިމާދު ސޯފާއަށް އިޝާރާތްކޮށްލާފައި ބުންޏެވެ. އޯގާތެރިކަމާއެކު އިމާދު ބުނެލިގޮތުން އިޝާންގެ ހިތަށް ފިނިކަން ލިބުނެވެ. އިޝާން އިށީނުމުން އިމާދު އިޝާންގެ ކޮނޑުގައި ހިފައި އޭނާއާއި ގާތްކޮށްލިއެވެ. ބައްޕަގެ ލޯތްބާއި އޯގާތެރިކަން ލިބުމުން އިޝާންއަށް ބޭއިޚުތިޔާރުގައި ބައްޕަގެ ގައިގާ އޮޅުލައިގަނެވުނެވެ.

” ބައްޕާ އަހަރެންނަށް މާފްކުރޭ!….ބައްޕައަށް އަންގާވެސް ނުލާ އަހަރެންނަށް ދެވުނީތީ….އައި އެމް ރިއަލީ ސޮރީ” އިޝާން ދެރަވެފައި ބައްޕަގެ ކިބައިން މާފަށް އެދުނެވެ.

” ނޫނޭ ދަރިފުޅާ! ބައްޕައަށް މާފްކުރޭ! ބައްޕައަށް ނުވިސްނުނީ ކުރިން…..އެކަމަކު ދެން ބައްޕަ ދަރިފުޅާމެދު އެއްވެސް އިހުމާލެއް ނުވާނަން…..ދަރިފުޅުގެ ޙަޔާތަށް އެއްވެސް މީހެއްގެ ހިޔަނި އެޅުނަކަ ނުދޭނަން…..އަރީޝާގެ ހިޔަނި އަދި އަމުދުންވެސް ނޭޅޭނެ” އިމާދު އަރީޝާގެ ވާހަކަ ބުނުމުން އިޝާން ހައިރާންވެފައި ބައްޕަގެ މޫނަށް ބަލާލިއެވެ.

” އަހަރެން އަރީޝާ ވަރިކޮށްފިން…..އެއީ އެކީ އުޅެވޭވަރަށްވުރެ ނުބައި އަންހެނެއް….” އިޝާން ހައިރާންވެފައި އިނުމުން އިމާދު އޮޅުންފިލުވައިދިނެވެ. ނަމަވެސް އަރީޝާ ވަރިކުރީ ކީއްވެގެންކަން އިމާދުއެއް ނުބުންޏެވެ. އިޝާންވެސް އެކަމާބެހޭ ގޮތުން ސުވާލެއްވެސް ނުކުރެއެވެ. އިޝާން ދިޔަތަނަކާބެހޭގޮތުން ބައްޕަ ސުވާލު ނުކުރީތީ އިޝާން ހައިރާންވީ ނަމަވެސް އުފާވެސްވިއެވެ. ބައްޕަ ސުވާލުކޮށްފިނަމަ އޭނާ ކިޔައިދޭންޖެހޭ ވާހަކަތައް ވަރަށްވެސް ގިނައެވެ. ބައްޕަގެކުރިމަތީ އެހުރިހާކަމެއް ހާމަކުރަން އޭނާ ޖެހިލުންވެއެވެ އެވާހަކަތަކުން އެންމެބޮޑު އަސަރެއް ކުރާނީވެސް ބައްޕައަށްކަން އޭނާއަށް އެނގޭތީއެވެ.

އަރީޝާ ވަރިކުރިކަން އެނގުމުން އިޝާންގެ ހިތަށް ހަމަޖެހުން ލިބުނު ނަމަވެސް އިޝިކާއާމެދު ވިސްނާލާފައި އޭނާ ދެރަވެސް ވިއެވެ. މާމަގާތުގައި ހޮސްޕިޓަލްގައި ހޭލާއިންނަން އިޝާން ބޭނުންވި ނަމަވެސް ބައްޕަގެ އެދުމުގެމަތިން އޭނާ ގެޔަށް ދިޔައެވެ. ގެޔަށް ގޮސް ފެންވަރާލައިގެން އޭނާ އެނދުގައި ޖައްސާލުމާއެކު މާގިނައިރެއްނުވެ އޭނާއަށް ނިދިއްޖެއެވެ.

**************

އިޝާން މާލެދިޔަތާ ދެވަނައަށް ވީދުވަހު އަނިލްއަށް ނީލާގެ އީމެއިލްއެއް ލިބުނެވެ. އޭގައިވަނީ މާލޭ ސުކޫލަކަށް ބަދަލުވާން އެދޭތީ އެކަމުގައި އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ދިނުމަށް އެދިފައެވެ. ކުއްލިއަކަށް ނީލާ އެވަރުގެ ބޮޑު ނިންމުމެއް ނިންމުމުން އަނިލް ހައިރާންވެ ރުޅިވެސް އައެވެ. ނީލާގެ މައިންބަފައިންނާ ވާހަކަ ދައްކައިގެން ދެފަރާތުގެ ރުހުމާއެކު ދެމީހުންގެ ކައިވެނިވަނީ ހަމަޖެހިފައެވެ. އަނިލްވަނީ ކައިވެނި ކުރާނެ ތާރީޚަކާއި ކައިވެނީގެ ކާޑު ތައްޔާރުކުރާނެ ގޮތްވެސް ކަނޑައަޅައި ނިންމާފައެވެ. ހަމައެކަނި ނީލާގެ ޚިޔާލެއް ބޭނުންވާތީ އެކަންތައްތައް މަޑުޖެހިފައި އޮތީއެވެ. މިކަން މިހެންއޮއްވައި ހަމަ ކުއްލިއަކަށް ނީލާ މިފަދަ ނިންމުމެއް ނިންމީ ކީއްވެގެން ހެއްޔެވެ؟ އަނިލްއާ ކައިވެނިކުރަން ނިންމާފައިވާއިރު އަނިލްގެ ލަފައެއްވެސް އަހާނުލާ އަމިއްލައަށް ގޮތްނިންމުމުގެ ހައްޤު ނީލާއަށް އެބައޮތް ހެއްޔެވެ؟

24
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shine

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

Next

ލީމިންހޯ 3

Next
October 27, 2016

ލީމިންހޯ 3

Previews
October 26, 2016

15 Comments

  1. annonymous says:
    October 27, 2016 at 8:01 am

    reethi mi story. 😀

  2. RaM says:
    October 27, 2016 at 8:27 am

    Vvv salhi ????????

  3. Xai says:
    October 27, 2016 at 8:31 am

    Haadha reehcheyyy ??? shine plx avahah up kohdhehchey next part!! I caaaan’t wait kiyaahithun

  4. xenn says:
    October 27, 2016 at 8:35 am

    Rythi…nxt part avas….ishaan n neela ge part thah avahah genesdhybaaa

  5. Inee says:
    October 27, 2016 at 8:40 am

    Varah ves furihama 10 vana part ah mi inthizaaru kuranee

  6. Ain says:
    October 27, 2016 at 8:43 am

    V Vvvvv habeys…

  7. Qeen says:
    October 27, 2016 at 8:57 am

    vvv reethi

  8. heart says:
    October 27, 2016 at 9:24 am

    reethi mi part ves.. next part avahah upload kohladheythi

  9. Anonymous says:
    October 27, 2016 at 10:04 am

    vaahaka v v v salhi.. plx upload kohdhy avahah.. alhe neelaa n ishaan ah dera gotheh nahadhachey..

  10. Mai says:
    October 27, 2016 at 12:23 pm

    Haadha reehcheyyyyyy. When next part. Mihaaru vx aneh bai kiyaa hithun meeny kehmadhuvefa

  11. Azuna says:
    October 27, 2016 at 1:42 pm

    ?❤❤❤❤❤

  12. Saandy says:
    October 27, 2016 at 7:28 pm

    ވަރަށް ވަރަށް ރީތި… އަޅެ ނީލާއަށް މިއޮއް ވީގޮތެއް ދޯ؟ ހާދަ ދެރައޭ… 10ވަނަ ބައި އަވަސްކޮށްލައްޗޭ

  13. Thaathu says:
    October 28, 2016 at 12:22 am

    Shain mirey ge part up kohla dheebr avahah plx plx kiyaa nulaa nunidhigen miulheneee

  14. hyma says:
    October 28, 2016 at 12:24 am

    e finimendhamuge inthizaar gaa alhugadu heylaa ehba eh ba huri…shain loabi avas…

  15. nayha says:
    October 28, 2016 at 7:01 am

    Mihaaru e finimedhura badhalu veje mihaaru vaahaka up vanee mendhuru.

Comments are closed.

All Right Reserved!