ބެލްކަނީގައި އައިޝާއާ ދިމާއަށް ބަލަހައްޓައިގެން ހުރީ ހުޝާމް ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އީޝަލް ކިހިނެއްވީތޯ އެހުމުން ކަމެއް ނުވާކަމަށް ބުނެ ގެއަށް ވަންނަން ދިޔައެވެ. ތަޅުދަނޑިން ހުޅުވާލާފައި އެތެރެއަށް ވަން އައިޝާ ފެނުމާއެކު ސޯފާމަތީގައި ރޯންއިން ސޮފިއްޔާ އައިސް އައިޝާ ގައިގާ ބައްދައިގަތެވެ.
ހައިރާންވެފައި ހުރި އައިޝާ ހުރީ ގުޑިލަންވެސް ނުކެރިފައެވެ. ކައިރީގައި ހުރި އީޝަލްވެސް ހުރީ ކިޔާނެ ބަހެއް ނޭނގިފައެެވެ. ފެންނަމުން މިދާ މަންޒަރަކީ އީޝާލް ހޭޖެހެން ފެށިއިރުން ފެށިގެން މިހިސާބަށް އައިއިރު ވެސް ދުވަހަކުވެސް ނުދެކޭފަދަ މަންޒަރެކެވެ. ” ދަރިފުޅާ މަންމައަށް މާފުކުރޭ.. ދަރިފުޅާ ދޭތެރޭ ކަންތައް ކުރެވުނު ގޮތާމެދު މިމަންމަ ދެރަވެ ހިތާމަ ކުރަން .. ” ރޮމުން ސޮފިއްޔާ ދެއްކިވާހަކަ ޤަބޫލުކުރަން ދަތިވިޔަސް ފެެންނަމުންދާ މަންޒަރު މުޅިން ތަފާތެވެ. މައެއްގެ ލޯތްބަށް ފެންބޮވައިގެންފައި ހުރި އައިޝާ ހިތްފަޅައިގެން ދިޔަކަހަލައެވެ. މަންމާއޭ ގޮވާ ބައްދާލެވުނީ ރޮއެގަންނަމުންނެވެ. އައިޝާއާއި ހިލާފަށް އީޝަލްހުރީ ސޮފިއްޔާއަށް އައި ކުއްލި ބަދަލާ ދޭތެރޭގައި ޝައްކު އުފެދިފައެވެ. މިހާއަވަހަށް ސޮފިއްޔާއަށް ބަދަލެއް އައިސްދާނެކަމަކަށް އީޝަލްއަށް ޤަބޫލެއް ނުރެވެއެވެ. މިކަމުގެ ފަހަތުގައިވެސް ކޮންމެވެސްް ނުބައެއް ވާނެކަމާމެދު ޝައްކު އުފެދުނެވެ.
” ދަރިފުޅު މަންމައަށް މަޢާފު ކޮށްފިންތަ؟.. ” އައިޝާގެ މޫނުގެ ދެފަރާތުގައި ހިފާލަމުން ސޮފިއްޔާ އަހާލިއެވެ.
” މަން.. މަންމައަށް އަަހަރެން އަ.. އަ.. އަބަދުވެސް މާފުުކުރަން.. މަންމަގެ ލޯތްބަށް އެދި ފެންބޮވައިގަނެފައި ހުންނަތާ ކޮންދުވަހެއް..މާތް… މާތްﷲ އަހަރެންގެ ދުއާ އިޖާބަ ކުރައްވައިފި..” ގިސްލަމުން އައިޝާ ވާހަކަދެއްކި ގޮތުން ކައިރީގައި އީޝަލްއަށްވެސް ހުރީ ރޮވިފައެވެ. އައިޝާގެ އިހްސާސްތަކާއި ސޮފިއްޔާ ކުޅެނީ ނަމަ ސޮފިއްޔާއަށް އެކުރެވެނީ ވަރަށްވެސް ބޮޑު ކުށެކެވެ. އަދި އެކަމަަށް އީޝަލް ދުވަހަކުވެސް ސޮފިއްޔާއަކަށް މާފެއް ނުކުރާނެއެވެ. ސޮފިއްޔާ އައިޝާ ގޮވައިގެން ގޮސް ސޮފިއްޔާ އަތުން އައިޝާއަށް ހެނދުނު ނާސްތާ ދިނެވެ. އީޝަލްވެސް ސައިބޯން އިންއިރު އިނީ ތުންފަތްމައްޗަށް ގަދަކަމުން ކަހަލަގޮތަށް ހިނިތުންވުމެއް ވެރިކޮށްގެނެވެ.
ސޮފިއްޔާއަށް އައި މިކުއްލި ބަދަލާމެދު އައިޝާގެ ހިތްވަނީ އުފަލުން ފުރިފައެވެ. މަންމަގެ ލޯތްބެއް އައިޝާއަށް މިއަދު ލިބުނީ އެތައް އަަހަރެއް ފަހުންނެވެ. ފަތިސް ނަމާދު ގަޟާއަށް ކުރުމަށްފަހު ދެރަކުއަތުގެ ނަމާދެއްކުރިއެވެ. އަދި މައިންބަފައިންނަށް ރަހުމަތްލެއްވުމަށް އެދި ދުއާކުރިއެވެ. ނަމާދުކޮށް ނިމުނުތަނާހެން އީޝަލް ފޯނުންވާހަކަ ދައްކަމުން އެތެރެއަށް ވަނެވެ. ވާހަކަދެއްކިގޮތުން ފޯނުކޮށްގެން އުޅެނީ ހާރޫނުކަން އައިޝާއަށް އެނގުނެވެ. މިދެނީއޭ ބުނަމުން އައިޝާއަތަށް ފޯނުދިއްކޮށްލިއެވެ. ފޯނު ކަންފަތުގައި ޖަހާލަމުން އައިޝާއަށް ބައްޕާއޭ ކިޔާފައި ގޮވާލިއެވެ. އެންމެ ފުރަތަމަވެސް ހާރޫނު ބުނީ އައިޝާމަތިން ވަރަށް ހަނދާންވާ ކަމުގައެވެ. އައިޝާ ބަލިވުމުން ދެރަވާކަމުގައި ބުނިއިރު އަޑުގައި ތުރުތުރެއްވާކަން އައިޝާއަށް ފާހަގަ ކުރެވުނެވެ. އަދި ވަރަށް އަވަހަށް މާލެ އަންނަން އުޅޭކަމުގެ އުފާވެރި ހަބަރުވެސް ދިނެވެ. ހާރޫނާ ވާހަކަ ދައްކާ ނިންމާލުމަށްފަހު އައިޝާ މޫނު އަޅައިގެން ކޮޓަރިން ނިކުންނަން އުޅުނެވެ. ނަމަވެސް ހަމަ އެވަގުތު އެތަނަށް އައިސްވަން ސޮފިއްޔާ އެކަން މަނާ ކުރިއެވެ. އަދި އަރާމުކުރުމަށް ބުނެ މިއަދު ކައްކާނީ ސޮފިއްޔާ ކަމުގައިވެސް ބުންޏެވެ. އައިޝާ އިތުރު ބަހެއް ނުބުނެ ސޮފިއްޔާގެ ބަސް އެހިއެވެ. އަދި އެނދުގައި އޮށޯވެލީ ސޮފިއްޔާއަށް ހީލަމުންނެވެ.
ހެނދުނުގެ ނާސްތާއަށްފަހު ހުޝާމް ތައްޔާރުވަމުން ދިޔައީ އަލަށް ހުޅުވަން އުޅޭ ހުޝާމްގެ ކްލިނިކްގެ ކަންތައްތައް ބަލާލަން ދިއުމަށެވެ. އެ ކްލިނިކަކީ ހުޝާމް ބައްޕަ ސާމީގެ ހަރަދުގައި ހުޅުވަދޭ ކްލިނިކެކެވެ. ހުޝާމް އެންމެ މަތިން ފާސްވުމާ ގުޅިގެން ސާމީގެ ފަރާތުން ހުޝާމްއަށްދޭ ހަދިޔާއެއްގެ ގޮތުންނެވެ. ހުޝާމް ކޮޓަރިން ނިކުތް އިރު ހޭލާ އުޅެނީ އެގޭ މަސައްކަތްކުރާ މާޝާގެ އިތުރުން ހިބާއެވެ. މޭޒުކައިރީގައި ސައިބޯން އިންއިރު ދެފައި ގޮނޑިއަށް އަރުވައިގެން އިންއިރު އެއްއަތުން ފޯނާ ކުޅެން އިން ހިބާ ފެނުމުން ހުޝާމް ހިތްހަމަނުޖެހޭ ގޮތްވިއެވެ. އެއްޗެކޭ ނުބުނެ ބާރަށް ނިކުންނަން ހިނގައިގަތީ މޫޑު ހަރާބުކުރަން ބޭނުން ނުވާތީއެވެ.
އެދުވަހަށްފަހު ކޮންމެދުވަހަކުވެސް ސޮފިއްޔާގެ އަޅާލުމާއި ލޯބި އައިޝާއަށް ލިބެމުންދިޔައެވެ. ސޮފިއްޔާގެ ލޯބިން އައިޝާގެ ހިތް އުފަލުން ފުރާދެމުން ދިޔައެވެ. ސޮފިއްޔާ އައިޝާ ގެންގުޅެނީ ރަސްދަރިކަލަކު ގެންގުޅޭ ފަދައިންނެވެ. އަތުންލަވާ ކާންނުދޭ ދުވަހެއް މަދުވާނެއެވެ. މިހުރިހާ ކަމެއް އީޝަލް ވަރަށް ރަނގަޅަށް ބަލަމުންދިޔައެވެ. ކުރީގެ ވިސްނުން ބަދަލުކޮށް ސޮފިއްޔާއަށް ހެޔޮ ބަދަލެއް އައިސްފައިވާކަމަށް އީޝަލްއަށްވެސް ޤަބޫލުކުރެވެން ފެށުނެވެ.
ވޭތުވެދިޔަ ދުވަސްތަކު ތެރޭގައި ހުޝާމް އައިޝާއާއި ވާހަކަ ދެއްކުމަށް ވަރަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ކުރިހާ މަސައްކަތެއް ދިޔައީ ބޭކާރުވަމުންނެވެ. ގިނަ ފަހަރަށް މަގުމަތިން ފެނިގެން ގޮވާލިޔަސް ބަލާލާފަވެސް އައިޝާ ބަލަނީ އެތަނަކުން ދެވޭތޯއެވެ. އެހެންނޫނީ އައިޝާ މަޑުކުރިޔަސް ހުޝާމްއަށް ވާހަކަދައްކަން ނުކެރިފަ ހުންނަނީ އެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. އީޝަލް އާއި އައިޝާ ނިކުތީ އަލަށް ހުޅުވި ޕާކް ބަލާލަން ދިއުމަށެވެ. ޕޭވްމެންޓްމަތިން ހިނގާފައި ދިޔައިރު އީޝަލް ހުންނަނީ އައިޝާގެ ފަހަތުގައި އައިޝާގެ އަތުގައި ހިފާލާގެންނެެވެ. ހިނގަން ހަދާފައި އޮންނަ ބައި ކުޑަ ކަމުން ހިނގާފައި ދާ އެހެންމީހުންނަށް ތަން ދެއްކުމަށްޓަކައެވެ. ޕާކާ ހަމައަށް ދެވުނުއިރު ދެމީހުންނަށްވެސް ތިބީ ވަރަށް ހޫނުވެފައެވެ. އީޝަލް އަތުގައި އޮތް ޓިޝޫއިން މޫނުފޮހެލިއެވެ. އަދި އެހެން ޓިޝޫއެއް ނަގައި އައިޝާގެ ލޯ ކައިރި ފޮހެލިއެވެ. އާ ޕާކުގެ ހިތްފަސޭހަ ކަމަށް ގެއްލިފައި ހުރި އައިޝާއަށް ސިހުންވީ ދުރުގައި މީހަކާ ވާހަކަދައްކަން ހުރި ހުޝާމް ފެނުމުންނެވެ. އެވަގުތަކީ ހުޝާމްއަށްވެސް އައިޝާ ފެނުނު ވަގުތެވެ. އައިޝާކައިރީގައި ހުރި އީޝަލް ފެނުމުން އައިޝާއާއި ވާހަކަދެއްކުމަށް ހުޝާމްއަށް އިތުރަށް ފަސޭހަ ވެގެން ދިޔައެވެ. އެވަގުތު ހުޝާމް ކައިރީގައި ވާހަކަދައްކަން ހުރީ މަޝްހޫރު ދީނީ އިލްމުވެރިއަކަށް ވުމާއެކު ހުޝާމް އެކަން ކުރިއަށް ގެންދަންވީ ގޮތް އޮޅުންފިލުވާލިއެވެ. ޝެއިޙް ބުނިގޮތުގައި އެންމެ ރަނގަޅުވާނީ އަންހެންކުއްޖާގެ މައިންބަފައިންނާ އެންމެ ކުރިން ވާހަކަދެއްކުމުންނެވެ. އެއަށަފަހު އަންހެންކުއްޖާގެ އެއްވެސް އިއުތިރާޒެއް ނެތް ނަމަ ކައިވެނި ކުރަންވީއެވެ. ޝެއިހްގެ ޖަވާބާ ދޭތެރޭގައި ހުޝާމް ވަރަށް ވިސްނާލިއެވެ. އަދި ދަނީއޭ ބުނެ ޝެއިޙާ ސަލާމް ކުރުމަށްފަހު ޕާކުން ނިކުންނަން މިސްރާބު ޖެހިއެވެ.
ޕާކުގައި ހުރި ހިލަގޮނޑިމަތީގައި އިށީނދެއިން އީޝަލްއަށް ހުޝާމް ފެނުނީ އެވަގުތުއެވެ. އަވަސްއަވަހަށް އައިޝާ ކޮނޑުގައި ކޮއްޓާލައި އައިޝާއަށް ހުޝާމް ދައްކާލިއެވެ. އީޝަލް ހުޝާމް ދައްކަނީ ކީއްވެގެން ބާއޭ ހިތަށްއަރާފައި އައިޝާ އީޝަލް އާއި ދިމާއަށް ބަލާލީ ހައިރާންވެ ހުރެއެވެ.
” އެނގޭތަ އެއީ އެދުވަހު ދޮން ފެއިންޓްވި ވާހަކަ ބުނި ކުއްޖާ.. ދޮން އަކަށް ނޭނގުނު ދޯ އޭނަ.. އެއީ ހައިފާގެ ބޭބެ .. ވަރަށް މޮޅު ޑޮކްޓަރެކޯ.. ” އީޝަލް ކިޔައިދިނެވެ. އެދުވަހު އައިޝާއަށް އެހީވީ ހުޝާމްކަން އެނގުމުން އައިޝާ ހިތާ ހިތުން ހުޝާމް އަށް ޝުކުރު އަދާކުރިއެވެ. އަދި ހުޝާމް އޭނަގެ ވައުދުތައް ފުއްދިކަން އެނގުމުން އިންތިހާއަށް އުފާވިއެވެ.
ޕާކުގައި ތިބެފައި ގެއަށް އާދެވުނީ ފަސްގަޑި ބައިވާން ކައިރިވެފަ ހުއްޓައެވެ. އައިޝާ އަދި އީޝަލްއަށް ހައިރާންކަން ގެނުވީ ސޮފިއްޔާ ކައިރީ ސޯފާގައި ވާހަކަދައްކަން އިން ޒުވާނާ ފެނިފައެވެ. ޓީޝާޓަކާ ޖިންސެއްގައި މިޒުވާނާއަކީ އައިޝާ އަދި އީޝަލްވެސް ކުރިން ދެކެފައި ނުވާ މީހެކެވެ. އައިޝާ އާި އީޝަލް ފެނުމުން ސޮފިއްޔާ އަތުގެ އިޝާރާތުން ކައިރިއަށް އައުމަށް އިޝާރާތް ކުރިއެވެ.
” މޫނު ބުރުގާ އަޅައިގެން އެއީ އަހަރެންގެ ބޮޑުދަރި އައިޝާ.. ދެން މީ ކުޑަމީހާ އީޝަލް..” އައިޝާ އާއި އީޝަލް ވަކި ވަކިން ދައްކާލަމުން ސޮފިއްޔާ ބުންޏެވެ.
” މީ ސައްދާމް.. މަންމަގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ދަރިއެއް.. ރަށުގައި ހުރެފައި މިކޮޅަށް ބަދަލުވީ ރަނގަޅު ވަޒީފާއެއް ހޯދަންވެގެން.. މިހާރު ސައްދާމް މަސައްކަތް ކުރަނީ މާލޭގެ ނަން މަޝްހޫރު ކުންފުޏެއްކަމަށްވާ ލޫނާ ގައި..” ސޮފިއްޔާ ސައްދާމް ތައާރަފް ކޮށްދިނެވެ. އަދި ސޮފިއްޔާ ކައިރީ އިށީނުމަށް އައިޝާއަށް އިޝާރާތް ކުރިއެވެ.
” މަންމަ މިއުޅެނީ ވަރަށް ބޮޑު ވާހަަކައެއް ދައްކަންވެގެން.. މިހާރު އައިޝާ އަކީ ވެސް ބޮޑު ކުއްޖެއް.. މާގިނަ ގގިނަދުވަހު އަންހެންކުދިން މީހަކާ ނީނދެ ތިބުމަކީ އެހާ ރަނގަޅު ކަމެއް ނޫން..” ސޮފިއްޔާ ދައްކަން ފެށި ވާހަކައަކުން އައިޝާ ހިތްނުތަނަވަސް ވާން ފެށިއެވެ.
” ސައްދާމް އަކީ ވަރަށް ރަނގަޅުކުއްޖެއް.. މަންމަ އާއި ބައްޕަ އަދި ސައްދާމްގެ އާއިލާ ވާހަކަދައްކާފަ ނިންމައިފިން ވީހާވެސް އަވަހަކަށް ތިދެކުދިންގެ ކައިވެނި ކުރުވަން..” ސޮފިއްޔާގެ ޖުމްލައިން އައިޝާ ސިހިފައި ސޮފިއްޔާއަށް ބަލާލިއެވެ. އީޝަލްވެސް އަނގަމަތީގައި އަތްއަޅާލީ ޤަބޫލުކުރަން ދަތިވެގެންނެެވެ.
-ނުނިމޭ-
30
9 Comments
Comments are closed.
noooooooooooooooooooooooooooooooooooo……………:( saddd
Nice v.. avahah up kohdheichey
Maa kuri.dhighuko laa.
v.nice waiting for next part
“MAASHAA ALLAH” V reethi vaahakaeh….
Ma Sha Allah varah reethi… when next part up kuranee?
Next part kon irakun???? Avahaha up kohdeebala….plz……v reethi mivaahaka… ummeedhu kuran nimendhen genesdheene kamah….
COOL…
whattttttt??? no way!!! I want Aisha and Husham to be together. ???