ހުކުރު ދުވަހުގެ ހެނދުނު އަންޖޫދާ އުޅުނީ އެއްޗެހި ދޮވެ ހިއްކާން އެޅުމުގައެވެ. އާމިނާގެ ރުހުން ލިބޭތޯ އޭނާ މިހާރު ގޭތެރޭގެ އެކި ކަންތަކުގައި އާމިނާއަށް އެހީވެދީ ހަދައެވެ. ބިންމަތީގައި ހުރި ތަށިން ތެތް ހެދުމެއް ނަގައި އެ ފޮޅާލަމުން ރޯނުގައި އަޅުވާލި ވަގުތު އޭނާގެ ދެލޮލުގައި މީހަކު އަތް އެޅި ކަމުގެ އިހުސާސްކުރެވިގެން ދިއައެވެ. ތެޅިގަނެފައި އޭނާ ފަހަތަށް އެނބުރި ބަލާލިއިރު ފަހަތުގައި އެހުރި މީހާ ފެނުމުން އޭނާގެ ހިތް ރޫރޫ އަޅައިގަތެވެ.
“ހެލޯ ޕްރިންސަސް…” އެއްމިޔަކުން ހީލައިގެން ހުރި ވިޝާން އެހެން ބުނެލުމާއެކު އަންޖޫދާއަށް ފަހަތަށް ޖެހެލެވުނެވެ.
“ހޭ ވޯ… ބިރު ގަތީތަ؟” އަންޖޫދާގެ މޫނުމަތި ހުރިގޮތް ފެނިފައި ވިޝާން އަހާލިއެވެ. “އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް… ވާހަކައެއް ދައްކާލަން މިއައީ…” ވިޝާން މަޑުމައިތިރިކަމާއެކު ބުނެލިއެވެ.
“ކާކު ކަލޭ މިގެއަށް ވެއްދީ؟ ކިހިނެއް ކަލޭ މިގެއަށް ވަނީ؟” ދެބުމަ ގޮށް ޖަހާލަމުން އަންޖޫދާ އަހާލިއެވެ.
“ހަމަޖެހިބަލަ އަންޖޫ…އަހަރެން މިއައީ ހަމައެކަނި ވާހަކައެއް ދައްކާލާށޭ…” ވިޝާން އެހެން ބުނެލި ނަމަވެސް އަންޖޫދާއަށް ވިޝާން ކިޔާ އެއްވެސް އެއްޗެއް ޤަބޫލެއް ނުކުރެވުނެވެ.
“ކަލޭ ދައްކާ ވާހަކަ ކިހިނެއް އަހަރެން ގަބޫލުކުރާނީ؟ ހަމަ މިހާރު މިގެއިން ނިކުމޭ…” އަންޖޫދާ އެހެން ބުނެލިއިރު އެއަޑުގައި ހަރުކަށިކަން އެކުލެވިފައިވިއެވެ.
“އަންޖޫ.. ޕްލީސް… އެންމެ ފަހަރަކު ނަމަވެސް އަހަރެން ދައްކާ ވާހަކަ އަޑުއަހާ…” ވިޝާން މަޑުމަޑުން އެހެން ބުނެލުމުން އަންޖޫދާ އަނެއް ފަރާތަށް އެނބުރި ދެލޯ މަރާލިއެވެ. ވިޝާން އޭނާއާ ދޭތެރޭ ކަންތައް ކުރި ގޮތް އޭނާ ހަނދާން ނައްތާލާނީ ކިހިނަކުން ހެއްޔެވެ؟
“އެންމެ ރަނގަޅު… ތި ކިޔާ އެއްޗެއް ކިޔާބަލަ…” އަންޖޫދާ ދެލޯ ހުޅުވާލަމުން ބުނެލިއެވެ. އަދި ވިޝާންއާ ވީ ފަރާތަށް އެނބުރި އިސްޖަހާލައިގެން ހުއްޓެވެ. ވިޝާންގެ މޫނަށް ބަލަން އޭނާ ބޭނުންނުވީއެވެ.
“ތެންކިޔޫ… އާދެބަލަ މިތާ އިށީންނަން… ހަމަޖެހިގެންނެެއްނު ވާހަކައެއް ދެއްކޭނީވެސް…” ވިޝާން ގޮސް އެ ގޯތިތެރޭަގައި ހުރި ޖޯލިފަތީގައި އިށީންނަމުން ބުނެލިއެވެ. އަންޖޫދާ ވެސް ހަދާނެ ގޮތެއް ނޭނގި އިރުކޮޅަކު ހުރުމަށްފަހު ގޮސް އިށީނީ ވިޝާންއާ ޖެހިގެން ދެ ޖޯލި ދޫކޮށްފައެވެ.
“އަންޖޫ… އެންމެ ފުރަތަމަ އަހަރެން ބުނެލަން ބޭނުންވަނީ ސޮރީއޭ… އަހަަންނަށް އެއްވެސް އިރެއްގައި އަންޖޫދާ އާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރެވިފައެއް ނުވޭ… އެކަން މިހާރު އަހަރެން ގަބޫލުކުރަން… އަހަންނަށް މާފު ކުރާނަންތަ؟” ދުރު ބަލަހައްޓައިގެން ހުރެ ވިޝާން ބުނެލިއެވެ. ހައިރާންވެފައި އަންޖޫދާ ވިޝާންގެ މޫނަށް ބަލާލިއެވެ. ވިޝާން އަަކީ އޭނާއާ ރައްޓެހިވެގެން އުޅުނު ދުވަސްވަރުވެސް ކުށެއް ކުރެވުނަސް އެކުށް ޤަބޫލުކުރާ މީހެއް ނޫނެވެ. ނަމަވެސް މިޔަދު ވިޝާން އައިސް އޭނާގެ ކިބައިން މާފަށް އެދެންވީ ކީއްވެބާއޭ އަންޖޫދާގެ ހިތަށް އަރަމުން ދިއައެވެ.
“އެންމެ ރަނގަޅު.. އަހަރެން ވިޝާންއަށް މާފުކޮށްފިން…” އަންޖޫދާ އެހެން ބުނެލީ އެއްވެސް މީހަކަށް އޭނާގެ ހިތުގައި ބަރުކަމެއް ވުމަށް ނޭދޭތީއެވެ. ވިޝާން އަންޖޫދާއަށް ބަލާލީ ކުޑަކޮށް ހައިރާންވެ ހުރެއެވެ. އެހާ ފަސޭހައިން އަންޖޫދާގެ މާފު ލިބޭނެ ކަމަކަށް އޭނާ ހިޔެއް ނުކުރެެއެވެ.
“އަސްލުވެސްތަ؟” ވިޝާންއަށް އެހެން އަހާލެވުނީ ހައިރާންވީ ވަރުންނެވެ. އަންޖޫދާ އިސްޖަހައިގެން ހުރެ މަޑުމަޑުން ބޯ ޖަހާލިއެވެ.
“އަންޖޫ… އަހަރެން އަދިވެސް އަންޖޫ ދެކެ ލޯބިވޭ… އަންޖޫ އަހަންނާ އިންނާނަންތަ؟” ވިޝާން އެހެން އަހާލުމުން އަންޖޫދާގެ މޭ ރޫރޫ އަޅައިގެން ދިއައެވެ. ވިޝާންއަށް މާފުކުރިޔަސް ދެން އަލުން ދުވަހަކުވެސް އޭނާއަށް ވިޝާންއަކާ ނުގުޅެވޭނެއެވެ. އޭނާގެ ހިތުގައި ރަސްކަން ކުރަމުން ދަނީ އެންމެ ފަރާތެކެވެ. އޭނާގެ ބަނޑުގައި މިހާރު އެވަނީ އެފަރާތުގެ ލޯބީގެ ނިޝާނެވެ.
“ނޫން… އަހަރެން ވިޝާންއާ ގުޅޭނީ ކިހިނެއް.. އަހަރެން ވިޝާން ދެކެ ލޯތްބެއް ނުވޭ…” އަންޖޫދާ އަވަސް އަވަހަށް ބުނެލިއެވެ. އެއާއެކު ވިޝާންގެ މޫނުމަތި މިލައިގެން ދިއައެވެ. އޭނާ އިން ޖޯލިން ތެދުވެގެން އައިސް އަންޖޫދާ އިން ޖޯލި ކައިރީ އުޑުފައިން އިށީނެވެ. އަދި އަންޖޫދާގެ ދެއަތުގައި ހިފާލިއެވެ.
“އަންޖޫ… އަހަރެން މިއައީ އަންޖޫ ތި މުސީބާތުން ސަލާމަތްކޮށްދޭށޭ… އަހަންނަށް އެންމެ ޗާންސެއް ދީ..” އާދޭހުގެ ރާގަކަށް ވިޝާން އެހެން ބުނެލުމުން އަންޖޫދާ އޭނާގެ އަތް ދަމައިގަތެވެ.
“ކޮ.. ކޮން މުސީބާތަކުން؟” ޖެހިލުންވެ ހުރެ އަންޖޫދާއަށް އަހާލެވުނެވެ.
“އަންޖޫ… އަހަންނަށް އެނގޭ އަންޖޫ ބަނޑުބޮޑުކަން…” އެހެން ބުނުމާއެކު އަންޖޫދާއަށް ކޮޅަށް ތެދުވެވުނެވެ. އެވާހަކަ ސައްތާރާ އާމިނާ ފިޔަވާ އިތުރު މީހަކަށް އެނގުނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.
“އަންޖޫ… އަހަންނަށް އެނގުނު ގޮތް ވެސް ބުނެދީފާނަން… އަހަރެން މިހާރު މަސައްކަތް ކުރަނީ ލެބް ޓެކްނީޝަނެއްގެ ގޮތުގައި މިރަށު ހޮސްޕިޓަލުގައި… އަންޖޫއަށް ވެސް އިނގޭނެ ކުރިން އަހަރެން ކިޔެވީ އެ ރޮނގުންކަން… އެކަމަކު މިރަށަށް އައިސް ޖެހުނު ނުބައި އެކުވެރިންތަކާއެކު އުޅެވުނީ… އެކަމް ނައު އައި ޗޭންޑްޖް އޭ އަންޖޫ… އައި ކޭމް ޓު ހެލްޕް ޔޫ… ޕްލީސް އަންޖޫ… އަހަރެން ނާހާނަން ތީ ކާކުގެ ދަރިއެއްތޯ ވެސް އަންޖޫ ގާތުއެއް… އަހަރެން ޔަގީންކަން މިދެނީ… އަންޖޫއަށާ ތި ބޭބީއަށް އަހަރެން ލޯބިދޭނަން.. ވަރަށް ބޮޑަށް ލޯބި ދޭނަން… އާދޭސް މިކުރަނީ…” އާދޭހުގެ ރާގެއްގައި ވިޝާން އެހެން ބުނެލިއިރު އެ ދެލޯ ފެންކަޅިވަމުން ދިޔަކަން އަންޖޫދާއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އެއީ ވިޝާން ޖައްސާ އެކްޓެއް ކަމުގައި އޭނާ އަމިއްލަ ހިތަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ.
“ވިޝާން ކޮންމެހެން ތި ވާހަކަ އެނގިގެން އަހަންނަށް ބްލެކްމެއިލް ކުރާނެ ކަމެއް ނެތް… އަހަންނަށް ހެޔޮ ރަށު އެންމެން ކައިރީ އަހަރެންގެ ވާހަކަ ވިޝާން ކިޔަސް… އެކަމަކު ބުނަން… އަހަރެން ދެން ދުވަހަކުވެސް ތި ވިޝާންއަކަށް ނުގުޅޭނަން…” ހަރުކަށިކަމާ ސާބިތުކަމާއެކީ އަންޖޫދާ އެހެން ބުނެލުމުން ވިޝާން މާޔޫސްވިއެވެ. އޭނާ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އަންޖޫދާ އޭނާއާ އަލުން ނުގުޅޭނެކަން އޭނާއަށް ވިސްނުނެވެ.
“އަހަރެން ނޫޅެމޭ ރަށު މީހުން ކައިރީ އެވާހަކަ ކިޔާކަށް އަންޖޫ… އަހަރެން…. އަހަރެން އުޅުނީ އަންޖޫއަށް އެހީވާން… ދެން ވެސް އަންޖޫ އަހަރެން ގާތަށް އައިސްފިއްޔާ އަހަރެން ފަހެއް ނުޖެހި އަންޖޫއާ އިންނާނަން… ދެން ދަނީ…” އިސްޖަހައިގެން ހުރެ ވިޝާން އެހެން ބުނެލުމަށްފަހު އެގެއިން ނިކުތުމަށް ހިނގައިގަތެވެ. އޭނާ ގޮސް އެގޭ ދޮރާށިން ނިކުންނަންދެން އަންޖޫދާ އެދިމާ ބަލަހައްޓައިގެން ހުރީ ވިސްނުމެއްގައެވެ.
ހުރިހާ އެއްޗެއް ހިއްކާން އެޅުމަށް ފަހު އަންޖޫދާ ވަނީ ގޭތެރެއަށެވެ. ސޯފާގައި އިން އާމިނާ އޭނާގެ ނަމުން ގޮވާލުމުން އޭނާއަށް ހައިރާންކަމެއް ލިބުނެވެ. އޭނާ ބަނޑުބޮޑުކަން އެނގުނުފަހުން އާމިނާ އޭނާއާ އަނގައިން ވެސް ބުނަނީ ކޮންމެހެން ބުނަން ޖެހޭ ހާލަތްތަކުގައެވެ. ނަމަވެސް އޭނާ ގޮސް އާމިނާ ގާތުގައި އިށީނީ އާމިނާ ދައްކަން އުޅޭ ވާހަކަ އަޑު އެހުމަށް ކެތްމަދުވެފައި ހުރެއެވެ.
“ވިޝާންއަށް އާއެކޭ ބުނިންތަ؟” އާމިނާ ކޮށްލި ސުވާލުން އަންޖޫދާއަށް ޝޮކެއް ލިބިގެން ދިއައެވެ. ވިޝާން އޭނާ ގާތު ދެއްކި ވާހަކަތައް އާމިނާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟
“މަންމަތަ ވިޝާން އަހަރެން ކައިރިއަށް ފޮނުވީ؟” އަންޖޫދާއަށް އަހާލެވުނެވެ. އެވަގުތު އާމިނާގެ ދެބުމަ ގޮށް ޖެހިގެން ދިއައެވެ.
“މަ ފޮނުވީކީ ނޫން… ކަލޭ ބަނޑުބޮޑުކަން އެނގުހުރެ އޭނާ ހުރީ ކަލެއާ އިންނަން ބޭނުންވެގެން…. ދެން މަ ބުނާނެ ދޯ އާއެކޭ… އެންމެންގެ ތެރޭގަ ލަދުގަންނާކަށް މަށެއް ބޭނުމެއް ނޫނޭ…” އާމިނާ ރުންކުރު ގޮތަކަށް ބުނެލިއެވެ.
“މަންމާ… އަހަންނަށް ހެވޭ އަހަރެން މުޅި ރަށުގައި ބޭޒާރު ވިޔަސް… އެކަމަކު އަހަރެން ލޯބިވަނީ ރާހުލް ދެކެ،… ވިޝާން އަހަންނާ މެދު ކުރިން ކަންތަށް ކުރި ގޮތް އެނގިހުރެ މަންމަ އޭނާ އަހަރެން ގާތަށް ފޮނުވީތީ ވަރަށް ދެރަވެއްޖެ…” އެހެން ބުނެލުމަށްފަހު އަންޖޫދާ އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތް އިރު އޭނާގެ ދެލޯ ފެންކަޅިވާން ފަށައިފިއެވެ. އަދިވެސް އާމިނާގެ ހިތް އޭނާއާ މެދު ރަނގަޅު ނުވާކަން އެނގުމުން އޭނާ ބޭނުންވީ އެނދުމަތީގައި އޮވެ ގަދައަށް ރޮއިލާށެވެ.
އަންޖޫދާ ކޮޓަރިއަށް ދިއުމާއެކު އާމިނާ ކުރިމަތީގައި ހުރި މޭޒުމަތީގައި ހުރި މާވަށިގަނޑު ނަގައި ހޫރާލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ދެއަތުން މޫނު ފޮރުވާލިއެވެ. އަންޖޫދާ އެފަދަ މުޑުދާރު ޢަމަލެއް ކުރީ އޭނާގެ ތަރުބިއްޔަތުގައި ކޮންކަމެއް އުނިވެގެންބާއޭ ހިތަށް އަރަމުން ދިޔައެވެ. ހުރި ހަމައެކަނި ދަރިފުޅެވެ. އެދަރިފުޅު އޭނާ ބަލާ ބޮޑު ކުރީ އެންމެ ފުރިހަމަ ގޮތުގައި ލޯބިދީގެންނެވެ. އެދަރިފުޅު ބުނި ކޮންމެ އެއްޗެއް މިހާތަނަށް އައި އިރު އޭނާ ހޯދާދީފައި ވެއެވެ. އޭނާ އެދަރިފުޅާމެދު ފޮނި އުންމީދުތައް ކުރިއެވެ. ނަމަވެސް… ނަމަވެސް އެ އުންމީދުތައް ފުނޑު ފުނޑު ވެގެން ދިއައީއެވެ. ނިކަމެތި މީހެއްގެ އަވައިގައި ޖެހި، އޭނާގެ ދަރިފުޅުގެ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވިގެން ދިއައީއެވެ. މުޅި ރަށުތެރޭގައި އޭނާއާއި ސައްތާރު ލަދުގަންނަން ޖެހުނީއެވެ.
7 އަހަރު ފަސް….
(ނުހައްޤު ލޯބީގެ 7 އަހަރު ފަހުގެ ބައި އަޕްލޯޑްކޮށްދެވޭނީ އެއްކޮށް ލިޔެ ނިންމާފައެވެ. މި ބައިތަކުގެ ދޭތެރޭގައި އެއްވެސް ލަސްކަމެއްނެތި ގެނަސްދޭނެ ވާހަކަ ދަންނަވަމެވެ.)
14 Comments!
Comments are closed.







Alhe konirakun ehkon liyeninmaanee ginabdhuvas vihyaa kureege baithah handhaan ves nethidhaane pls gina dhuvas nukoh upload kohdheythi
V v vkiyaahivaa story e……v v reethi…..inthixaarkuraneee…..next lparta..
amahyyaai!
Bodu kameh
Dhn rahul nd a anju gulhuvabala
Story is good. And take ur time to write the story. Ehaa avas aruvaalaigen liyanya hadi vedhaane… 🙂
Oh liaa.. waiting ingey… i just love ur stories… abadhu ves ur strys ge concept v thafaathu… keep going.
Kihaa dhuvaheh vaanebaaa…waiting …waiting…
Waiting
inthizaaruga hama mi huree…
Waiting my fav writer ❤
Alhey ehaa avaha ninmaanulachey………..story vvvv reethi
Kiha dhuvaheh vaaneba genesdhein god bless u waiting list ga mihury
Varah reethi vaahakeh