
އެފިނިމެންދަން 3
” އަރޫ ނިދީތަ ފާޚާނާގަ އިނދެގެން” ދޮރު ހުޅުވާލުމާއެކީ ކުރިމަތީހުރި ނީނާ އަހާލިއެވެ. އަރޫނާ އެއްވެސް ޖަވާބެއްނުދީ ފާޚާނާއިން ނުކުމެގެން ހިނގައްޖެއެވެ. ނީނާ ކުޑަކޮށް ހައިރާންވެފައިހުރެ ފާޚާނާއަށް ވަދެއްޖެއެވެ.
ނީލާ އައިސް އޭނާގެ ކެބިންއަށް ވަނުމާއެކީ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި އޮތް ފިޔާތޮށި ކުލައިގެ ފިނިފެންމަލެވެ. ހިނިތުންވެހުރެ މާނަގައި ކަރުދާސްކޮޅުގައިވާ ލިޔުންކޮޅު ކިޔާލިއެވެ.
“އަދި ކިރިޔާތަ މޯރނިންގް އެވީ މިމީހަކަށް…..ކާކުބާ އެއީ…..އުމްމް…ޝާން ނޫން ދެވަނަ މީހަކަށް ނުވާނެ…” ނީލާ ގޮނޑީގައި އިށީދެ ހަމަޖެހިލިއެވެ. އެއީ އިޝާން ދިން މަލެކޭ ހިތައްއެރުމުން ހިތަށް ލބުނު އުފާވެރިކަމެއްގެ ސަބަބުނ ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. އިޝާންގެ ހިތުގައިވެސް އޭނާއަށްޓަކައި ކޮންމެވެސް މަޤާމެއް ދެވުނީކަމުގައި ޔަގީން ކުރެވިއްޖެއެވެ. މާފެނުމާއެކީވެސް އިޝާންގެ މަތިން ހަނދާންވީ މީގެކުރިން އެފަދަ ގޮތަކަށް އެއްވެސް މީހަކު މަލެއްދީފައި ނުވާތީއެވެ.
” ތެންކިޔޫ ޝާން” މަލުގެ ވަސް ބަލާލަމުން މަޑުމަޑުން ނީލާ ބުންޏެވެ.
” ނީލާ!” ދާދިގާތުން އަނިލްގެ އަޑުއިވިފައި ނީލާ ސިހިފައި ބަލާލިއެވެ. ހާސްވެގެން ގޮސް އަތުގައި އޮތްމާވެސް މުށުތެރޭގައި ބޮނޑިކޮށްލެވިއްޖެއެވެ.
*******
” ބިޒީ ނޫނިއްޔާ ކުޑަ މަޝްވަރާއެއް ކޮށްލަން ކަމަށް..” އަނިލް ވަރަށް އާދައިގެ ގޮތަކަށް ބުންޏެވެ.
” ލައްބަ މިދަނީ” ނީލާވެސް ހަމަޖެހިލާފައި އަނިލްއަށް ޖަވާބުދިނެވެ. އަނިލް ދިއުމުން އަތުގައިއޮތް މާ މޭޒް ވަތްގަނޑަށް ލުމަށްފަހު އަނިލްގެ ކެބިންއަށް ދިޔައެވެ. ނީލާ މާހިފައިގެން އިންދާ އަނިލްއަށް ފެނުނުކަމާމެދު ޝައްކުވާތީ ނީލާއިނީ ބިރުންނެވެ.
” ހާދަ ކަންބޮޑުވެފަ…..އަނެއްކާ ކަމެއް ގޯސްވީތަ؟” ނީލާގެ މޫނަށް ފުންކޮށް ބަލާލަމުން އަނިލް އަހާލިއެވެ.
” ނޫން…ކަމެއްނުވޭ!” ނީލާ ހާސްކަން ފޮރުވަމުން މަޑުމަޑުން ބުނެލިއެވެ. އަނިލްވެސް ހިނިތުންވެލާފައި އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
“ސްޓާފުންގެ ދަތުރެއް ރާވަން މިގަސްތުކުރަނީ….އެހެންވީމާ ސްޓާފުންނާ މިވާހަކަ ދެއްކުމުގެކުރިން ނީލާގާތު މަޝްވަރާ ކޮށްލަން އަޅުގަނޑު ބޭނުންވީ….ކީކޭ ބުނަނީ މިކަމާ؟”
” އަޅުގަނޑަށް ހީވަނީ އެކުވެރިކަން އާލާކުރުމަށް އެއީ ވަރަށް ރަނގަޅުކަމެއްހެން…..އެކަމަކު ކޮންރަށަކަށް ދާންތޯ ގަސްތުކުރައްވަނީ؟” ނީލާ އަހާލިއެވެ.
“މިއަދު ހުރިހާ ސްޓާފުންނާ ބައްދަލުކޮށްލާފަ ދާނެ ރަށެއް ކަނޑައަޅަން ގަސްތުކުރަނީ….” އަނިލް ވިސްނާފައި އޮތްގޮތް ނީލާއާ ހިއްސާކޮށްލިއެވެ.
ޝެޝަންގެފަހުން ސްޓާފް މީޓިން އެއް ބާއްވާފައި ދަތުރުގެ ވާހަކަ ހިއްސާކުރުމުން އެންމެގެ މޫނުތައްވެސް އުޖާލާވެގެން ދިޔައެވެ. އިޝާން އަދި ވަކީންބޮޑަށް އުފާވިއެވެ. އޭނާހުރީ އެފަދަ ދަތުރަކުދާން ވަރަށް ބޭނުންވެފައެވެ. ދަތުރުދާން ހަމަޖެހުނީ މާރޗްމަހު އެކާވީހުގައެވެ. އެއީ މިޑްސެމް ބުރޭކްގެ ތެރެއެވެ.
އެދުވަހަށްފަހު ކޮންމެ ދުވަހަކުވެސް ނީލާއަށް ފިނިފެންމަލެއް ލިބެއެވެ. ކޮންމެ މަލަކާއެކުވެސް ލިޔުންކޮޅެއްވެއެވެ. މިހާރު ލިޔެފައިހުންނަނީ ހަމައެކަނި “ގުޑްމޯރނިންގް” އެއް ނޫނެވެ. ތަފާތު ތައުރީފްގެ ބަސްތައްވެސް ހުރެއެވެ. ބައެއްފަހަރު ހެދުމަށް ނޫނީ އަޅާފައި ހުންނަ ޝޯލްއަށްވެސް ތައުރީފު ކޮށްފައި ހުރެއެވެ. އެއިން ކޮންމެ ބަސްކޮޅަކުންވެސް ނީލާއަށް ހިތަށް އުފާލިބެއެވެ. އޭނާ އެހުރިހާ މަލެއްވެސް ވަރަށް ސަމާލުކަމާއެކީ ފޮރުވައެވެ. ކޮންމެ ދުވަހަކުވެސް އޭނާއަށް އެންމެ އިންތިޒާރު ކުރެވެނީ އެމާ ލިބޭނެ އިރަކަށެވެ. މާލިބުމުން ނީލާގެ މޫނުމައްޗައް ވެރިވާ އުފާވެރިކަން އިޝާން ސިއްރުން ބަލާހަދައެވެ. މިއަދުވެސް ބުރޭކުން އައިގޮތަށް ނީލާ އަވަސްވެގަތީ މަލުގައި އޮތް އެއްޗެއް ބެލުމަށެވެ.
” އައްދެ! މާއެކަންޏެއްވެސް ނޫން މިއަދު މިލިބުނީ.” މަލުގެ ކައިރީގައި ހުރި ކުންނާރުތަކެއް ފެނުމުން ނީލާ ހިތާހިތާ ކިޔާލިއެވެ.
” އޭތް މިސް! ފެނިއްޖެތަ ކުންނާރު…..އެއީ އަޅުގަނޑު ގެނައި އެއްޗެއް…” ނީލާ ގޮނޑީގައި އިށީނުމާއެކު ނީނާ ބިއްގަނޑުމަތިން ބޯދިއްކޮށްލާފައި ބުނެލިއެވެ. ނީލާ ހިނިތުންވެލީ ކުރެވުނު ކުށްހީގެ ސަބަބުންނެވެ. އެކަމަކު ކުންނާރު އެއީ ނީނާ ދިން އެއްޗެއް ކަމަށް ވިޔަސް އެފިނިފެންމަލަކީ އިޝާން ދިން އެއްޗެއްކަން އޭނާއަށް ޔަގީންވެއެވެ.
ފިނިފެންމަލުގެ އިތުރުން ތަފާތު ވައްތަރުގެ މޭވާވެސް ނީލާއަށް ލިބުމަކީ މިހާރު އާއްމު ކަމަށްކަށް ވެއްޖެވެ. ނީނާގެ ފަރާތުން އެއްޗެއް ލިބިއްޖެނަމަ އެއީ އޭނާދިން އެއްޗެއް ކަމުގައި އޭނާ އަމިއްލައަށް ބުނެއެވެ. ނަމަވެސް ދެން ލިބޭ އެއްޗެއްސަކީ ކާކުގެދޭ އެއްޗެއްކަން ކަނޑައެޅިގެން ނޭނގުނަސް އެއީ އިޝާންގެ ފަރާތުން ލިބޭ އެއްޗެއްކަމުގައި އޭނާގެ ހިތްބުނެއެވެ.
*****
” އަހަރެން މިއުޅެނީ އަންނަ ހޮނިހިރު ދުވަހު ސްޓާފުންނާއެކީ ދަތުރަކުދާން ވެގެން…..ނައީޝްވެސް ދާންބޭނުމިއްޔާ ގެންދެވިދާނެ..” ރެސްޓޯރެންޓްގައި ސައިބޯން ތިބެފައި އިޝާން ބުންޏެވެ.
” ސްޓާފުންގެ ދަތުރެއްގަ މަށަށް ބައިވެރިވެވޭނެތަ؟” ޔަގީންކަމެއްނެތް ގޮތަކަށް ނައީޝް އަހާލިއެވެ.
“އާނ! އެމީހަކު ބޭނުމިއްޔާ އާއިލާމީހުންވެސް ގެންދެވެޔޭ…..ދެން އަހަރެންގެ ނެތްތާ އާއިލާއެއް…..ނައީޝްއެއްނު ހުރިމީހަކީ..” އިޝާން އޮޅުން ފިލިވައިދިނެވެ. ނައީޝް އިޝާންގެ މޫނަށް ބަލާލީ ޔަގީން ނުވެފައެވެ. ނައީޝްއަކީ އެހާގާތްމީހެއްގެ ގޮތަށް އިޝާން ދެކުނީތީ ހަޤީޤަތުގައިވެސް ނައީޝް އުފާވިއެވެ. އިޝާން ނައީޝް ގެންދަން ބޭނުންވާނީ އޭނާއަށް އިތުބާރުކުރާތީކަން ނައީޝްއަށް އެނގުނެވެ.
” ދާން ބޭނުންނޫނިއްޔާ މަޑުކުރިޔަސް އޯކޭ….މަދެންހަމަ ބުނެލީ” ނައީޝް އަގައިން ނުބުނެ އިންނަން ފެށުމުން އިޝާން ބުންޏެވެ.
” މަ އަސްލުވެސް ދާންބޭނުން…” ނައީޝް ހިނިތުންވެލިއެވެ.
ފަތިހު ފަހެއްޖެހުމާއެކު އިޝާންގެ ފޯން އެލާމްވާން ފެށިއެވެ. އަވަސް އަވަހަށް ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލިއެވެ. ތުވާލުއަނދެގެންހުރެ އޭނާގެ ކޮޓަރިން ނުކުމެގެން ގޮސް ނައީޝްގެ ކޮޓަރި ދޮރުގައި ތަޅައިގަތެވެ. ނައީޝްއަށް ސިހިފައި ހޭލެވުނެވެ.
” މިތެދުވިއްޔޭ” ރަނގަޅަށް ދެލޯވެސް ނުހުޅުވެނީސް ނައީޝް ޖަވާބުދިނެވެ.
ނައީޝް ފެންވަރައިގެން ނުކުތުމުން ދެމީހުން އެކުގައި ދިޔައީ މިސްކިތަށެވެ. ފަސްގަޑި ބައިވިއިރު އެންމެހެން ތިބީ އަތިރިމަތީގައެވެ. ނައީޝްއާއި އިޝާންއަށް ދެވުނުއިރު އެންމެން ތިބީ އެމީހުންގެ އިންތިޒާރުގައެވެ. ދަތުރުދާން ގެނައި ސާމާނުތަކާއި މީހުންއަރާ ނިމުމާއެކީ ދޯނި ދުއްވާލިއެވެ. އަނިލް ނޫން އެންމެންވެސް ދަތުރުގައި ބައިވެރިވިއެވެ. އަނިލްގެ މަންމަ ބަލިވުމާއި ގުޅިގެން އޭނާއަށް ދަރުރުގައި ބައިވެރިވެވޭގޮތް ނުވީއެވެ.
ފަތިހުގެ ނަލަ ނަލަ ރޯޅިތަކުން ހިތަށް ފިނިކަން ގެނެސްދެއެވެ. އުދަރެހަށް ވެރިވަމުން އަންނަ ރަންކުލައާއެކީ ދުރުދުރުން ފެންނަމުންދިޔަ ރަށްތަކުގެ މަލަމަތި ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. ގުދުރަތީ ރީތި މަންޒަރަށް އެންމެންވެސް ހިތްދޫކޮށްލައިގެން ތިބިއިރު ނީލާއިނީ އޭނާއާ ދިމާ ކުރިމަތީ އިށީނދެލައިގެން އިން އިޝާންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ނެވެ. އިޝާން އުދަރެހަށް ބަލަން އިންއިރު އެމޫނަށް ފެރިވެފައިވަނީ ރަންކުލައެކެވެ. އިޝާންގެ ފަންފަން އިސްތަށިގަނޑު ވަޔާ އެގޮތް މިގޮތަށް ހަރަކާތްތެރިވަމުން ދިޔައިރު ވަރަށްވެސް ހިތްގައިމެވެ. އެރީތި ތުންފަތަށް ވެރިވެފައިވާ ލުއިލުއި ހިނިތުންވުމުގެ ސަބަބުން އެމޫނުގެ މައުސޫމުކަން އިތުރުކޮށްދީފައި ވެއެވެ. ވަށައިގެންތިބި މީހުންގެ މަތިން ހަނދާންނެތި ނީލާގެ ސަމާލުކަން އިޝާންއަށް ހުއްޓިފައި އިންއިރު، އެހެންމީހެއްގެ ނަޒަރު ނީލާއަށް އަމާޒުވަމުން ދިޔަކަމެއް އޭނާއަކަށް ނޭނގެއެވެ.
އިޝާން ބޭރުބަލަން އިނދެފައި މޫނުއަނބުރާލި ވަގުތު ނީލާއާ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ކަޅިޖަހާނުލައި އިޝާންއަށް ބަލަންއިން ނީލާ ފެނުމުން އިޝާންގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. ނީލާ އަވަސް އަވަހަށް އިސްޖަހާލުމަށްފަހު އޭނާގެ ފޯނާ ކުޅެންފެށިއެވެ. އިޝާންއަށް އޭނާބަލަން އިންތަން ފެނުމުން އޭނާ ރަކިވިއެވެ. ނީލާގެ އެހަރަކާތުގެ ސަބަބުން އިޝާންގެ މޫނަށް ހިނިތުންވުމެއްވެރިވިއެވެ. އެދެމީހުންގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަންއިން ނައީޝްގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އޭނާ ނީލާގެ ސަމާލުކަން ހޯދަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވީތީއެވެ. އެކި ފަހަރު އެކި ދުވަސްމަތިން ނީލާއާ ވާހަކަ ދައްކަން ލިބުނު ފުރުސަތުގައިވެސް އޭނާއަށް ނީލާގެ ސަމާލުކަމެއް ނުހޯދުނެވެ. އޭނާ ހީކުރިހާ ފަސޭހައިން ގުޅުން ބަދަހި އެއްވެސް ނުކުރެވުނެވެ. މިއަދު އޭނާ އަޒުމު ކަނޑައަޅައިގެން ހުރީ ކޮންމެވެސް ގޮތަކުން ނީލާގެ ސަމާލުކަން ހޯދުމަށެވެ. ދަތުރުއަންނަން އޭނާ ބޭނުންވީވެސް ހަމައެކަނި އެސަބަބަށްޓަކައެވެ. ނަމަވެސް ނީލާގެ ހުރިހާ ސަމާލުކަމެއް އިޝާންއަށް ހުއްޓިފައިވާތަން ފެނުމުން އޭނާގެ ހިތް އިތުރަށް މާޔޫސްވާ ގޮތްވިއެވެ. ނައީޝް ދަތްކުނޑި ވިކާލިއެވެ.
ގަޑިއިރެއްގެ ދަތުރަށްފަހު ރީތި ވިލުނޫކުލައިގެ ފަޅަކުން ވަށާލެވިފައިވާ ކުޑަކުޑަ ރަށެއްގެ ގޮނޑުދޮށަށް ދޯނީ ބީއްސާލިއެވެ. ހުރިހާ ފިރިހެންވެރިން މޫދަށް ފުންމާލިއިރު ބައެއް އަންހެންކުދިންވެސް ޖެހިލުމެއްނެތި މޫދަށް ފުންމާލިއެވެ. ނީލާ ހުރީ ބިރުން ފުންމާލަން ނުކެރިފައެވެ. އެމަންޒަރު ފެނުމުން ނައީޝް ނީލާއަށް އެހީވުމަށް އަވަސްވެގަތެވެ. ނަމަވެސް އެއަށްވުރެކުރިން އިޝާން ދިއްކޮށްލިއަތުގައި ނީލާ ހިފައިފިއެވެ. ނައީޝްއަށް އަތްމުއްކަވާލެވުނީ އައި ރުޅިންނެވެ. ދޯނީގައި އިށީނދެއިނދެ އިޝާންގެ ދެއަތުގައި ހިފުމަށްފަހު ނީލާ ލޯމަރާފައި ފުންމާލިއެވެ. އިޝާން ހުޝިޔާރު ކަމާއެކީ ލޮނުގަނޑުތެރެއަށް ގެނބެމުގެކުރިން ނީލާގެ ހަށިގަނޑު އޭނާގެ އަތުގެތެރެއަށް ގެނައެވެ. ލޮނުގަނޑުގައި ޖެހުނުއިރު ނީލާއޮތީ އިޝާންގެ އަތުތެރޭގައެވެ. އިޝާންގެ ދެއަތްވަނީ ނީލާގެ އުނަގަނޑުގެ ވަށާލެވިފައެވެ.
” މިހާރު ބިރެއްނުގަނޭތަ؟” ހަރަކާތެއްވެސް ގެންނަން ނޭނގިފައިހުރި ނީލާއާ މޫނު ކައިރިކޮށްލަމުން ވައިއަޑުން އިޝާން ބުނެލިއެވެ. ނީލާ ތެޅިގެންފައި އަވަސް އަވަހަށް އިޝާންގެ އަތުތެރެއިން ދެމިގަނެގެން ގޮސް އެއްގަމަށް އެރިއެވެ. އިޝާން އޭނާގެ ތެމިފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ހިނިތުންވެހުރެ ނީލާގެ ފަހަތުން އެއްގަމަށް އެރިއެވެ. ނީލާ އަވަސް ފިޔަވަޅުތަކެއްގައި އައިސް ނީނާގެ އަތުގައި ހިފާލިއިރުވެސް އޭނާގެ ހިތުގެ ތެޅުން މަޑެއްނުވެއެވެ.
” މިސް ތިހުރީ އަދިވެސް ބިރުންތަ؟” ނީލާ ހުރިގޮތް ފެނިފައި ނީނާ އަހާލިއެވެ. ނީލާ ނޫނެކޭބުނެ ދެފަރާތަށް ބޯހޫރާލިއެވެ. ހުރިހާ އެންމެން ވެގެން ހޭޅިފަށުން ތަނެއް އަލިކޮށް އެތަނުގައި އުނދުންޖަހައި ކެއްކޭގޮތް ހެދިއެވެ. އަދި ގެނައި ހުރިހާ ސާމާނެއްވެސް އެތަނަށް ޖަމާކުރިއެވެ. ހުރިހާ އަންހެންވެރިން، ގެނައި ހުތްއަނބުތައް ނަގައި މަޖާހެދުމަށް ތައްޔާރުވަމުން ދިޔައެވެ. އެންމެން ވެގެން އެއްޗެހިތައް ކޮށާ އިސާހިތަކު މަޖާ ތައްޔާރުކޮށް ނިމިއްޖެއެވެ. ކުދިކުދި ތަށިތައްޓަށް މަޖާއަޅާފައި ބެހެއްޓުމުން ފަހަރަކުމީހަކު އައިސް ތައްޓެއް ނަގައިގެން ކާންފެށިއެވެ. އިޝާންވެސް ތައްޓެއް ނަގައިގެން ގޮސް ތަންކޮޅެއް ދުރުގައި އިށީނދެ ހަމަޖެހިލިއެވެ. މިއީ ދުވަހަކުވެސް އިޝާން ކޭއެއްޗެއް ނޫނެވެ. އޭގައިލާ ރަހައެއްވެސް އޭނާއަކަށް ނޭނގެއެވެ. ސަމްސަލެއް ފުރޭންދެން ނެގިމަޖާ އެއްކޮށް އިޝާން އަނގަޔަށްލިއެވެ. އެއާއެކު ކުޅިވެގެންގޮސް އޭނާގެ ދެލޯބޮޑުވެގެން ދިޔައެވެ. ވަގުތުން ދެލޮލުންވެސް ފެންއަތުވެއްޖެއެވެ. އަވަސް އަވަހަށް ތަށި ބަހައްޓާފަ ދުވެފައި ދިޔައީ ފެންފޮދެއް ހޯދާށެވެ. ތަންކޮޅަކަށް ދިޔަތަނާ ނީލާ ފެންފުޅިއެއް ހިފައިގެން އަންނަނިކޮށް އޭނާއަށް ފެނުނެވެ. ދިޔަގޮތަށް ގޮސް ނީލާގެ އަތުން ފެންފުޅިއަތުލައިގެން ބޯންފެށިއެވެ. ނީލާ ހައިރާންވެފައި އިޝާންގެ މޫނަށް ބަލާލިއިރު އެމޫނުހުރީ ރަތްވެފައެވެ. ދެލޮލުންވެސް ފެން އާދެއެވެ. އިޝާން އަވަސް އަވަހަށް ފެންބޮމުން ދިޔަގޮތުން ނީލާގެ ގާތަށް ހިނިއައެވެ.
” އަދި އެބަހެޔެއްނު…..ހުސްމިރުސް އަޅާގެން ހަދާފަހުރި އެއްޗެއްތަ އެއީ…ހީވީ އަނގައިގަ އަލިފާން ޖެހިހެން” ހުއްޓަ ހުއްޓާފަ އިޝާން ވާހަކަ ދެއްކިއިރު ކުޅިވީވަރުން އޭނާއަށް ހަމައަށް ނޭވާވެސް ނުލެވެއެވެ. އެހާވަރަށް ފެންބުއިމުންވެސް ކުޅިފިލާގޮތެއް ނުވިއެވެ. އޭނާގެ މުޅި އަނގަމަތިންވެސް ދިލަނަގަނީއެވެ. އިޝާން އުޅޭގޮތުން ނީލާގާތަށް ވަރަށް ހިނިއައެވެ. އެންމެފަހުން ހިނިގަނޑު މަތަނުވެގެން ބާރުބާރަށް އޭނާއަށް ހެވުނެވެ. ނީލާބާރަށް ހޭންފެށުމުން އިޝާން ހުރީ އާޝޯޚުވެފައެވެ. ދުވަހަކުވެސް ނީލާ އެގޮތަށް ހެނިކޮށް އޭނާ ދެކެފައެއް ނުވެއެވެ.
“މާޝާﷲ….ހާދަ ރީއްޗޭ!” ހިތާހިތުން އިޝާންއަށް ނީލާއަށް ތައުރީފު ކުރެވުނެވެ. މަޑުފިޔާތޮށިކުލައިގެ ދެތުންފަތުގެ މެދުން ފާޅުވަމުންދިޔަ މުތީތަކެއްފަދަ ހުދުހުދު ދަތްތައް ފެނުމުން ކޮންމެމީހަކަށްވެސް ހައިރާންވެފައި ބަލަންހުރެވޭނެކަން ގައިމެވެ. އިޝާންއަށް ވެފައިހުރި ކުޅީގެ އަސަރުވެސް އިސާހިތަކު ނެތިގޮސްފިއެވެ. މަޑުމަޑުން ނީލާގެ އަތުގައި ހިފައި އޭނާގެ ގާތަށް ދަމާލިއެވެ. އިޝާންގެ އެހަރަކާތާއެކު ވަގުތުން ނީލާގެ ހުނުން ހުއްޓުނެވެ. އިޝާން މަޑުމަޑުން ނީލާއާ ދިމާއަށް ބޯގުދުކޮށްލާފައި ހަތަރުކަޅި ހަމަކޮށްލިއެވެ. ވަގުތުން ނީލާގެ އަތްފައިފިނިވިއެވެ. އިޝާންގެ ހޫނުނޭވާ އެޅޭހިސާބަށް ގާތްވުމުން ނީލާގެ ހިތުގެ ތެޅުން އިންތިހާއަށް ދިޔައެވެ.
” ދެންހީބަލަ!” ނީލާގެ ލޮލަށް ބަލަންހުރެ ވައިއަޑުން އިޝާން ބުނެލިގޮތުން ނީލާ ގަނޑުވި ކަހަލައެވެ. ނީލާމޫނަށް އިރުކޮޅަކު ބަލަންހުރެފައި އިޝާން ބާރުބާރަށް ހޭންފެށިއެވެ. އިޝާންގެ އެހަރަކާތުން ނީލާ ހައިރާންވީ ނަމަވެސް ލަދުގަންނަ ގޮތްވިއެވެ.
” ބަލާބަލަ މިހާރު މޫނުހުރިގޮތް….ހީވަނީ ޖަންބެއްހެން” ނީލާއާ ދުރަށްޖެހިލާފައި ފެންފޮދެއް ބޯލަމުން އިޝާން ހިނގައިގަތެވެ. ތަންކޮޅަކަށް ގޮސްފައި ފަހަތްބަލާލިއިރު ނީލާހުރީ އިޝާންއަށް ބަލާށެވެ. ނީލާއާ ތަންކޮޅެއްދުރުގައި ހުރި ގަހެއްގެ ނިވަލުގައިހުރި އަރޫނާ އިޝާންއަށް ފެނުނެވެ. އިޝާން އެތަނުންއައީވެސް ގަސްތަކުގެ ތެރެއިން މީހެއްގެ ހިލަންވުމުންނެވެ. އަރޫނާ އެތަނުގައިކުރަނީ ކީއްބާއޭ އިޝާންގެ ހިތަށްއެރިއެވެ. ނީލާ ހިނިތުންވެހުރެ ހިނގައިގަތް ވަގުތު ގަސްތަކުގެ ތެރެއިން ދެލޯފުހެމުން ނުކުތް އަރޫނާ ފެނުމުން ސިހުނެވެ.
” އަރޫ ރޮނީތަ؟” ނީލާ ކުޑަކޮށް ހާސްވެފައި އަހާލިއެވެ.
” ނޫން އެމަޖާކައިގެން މާބޮޑަށް ކުޅިވީ!” އަރޫނާ ހިނިތުންވެލަމުން އޮޅުވާލިއެވެ.
” އާނ މަށަށްހީވަނީ އެމަޖާ މާބޮޑަށް ކުޅީހެން….އިޝާންވެސް ވަރަށް ކުޅިވެގެން އުޅުނު..” އިޝާން އުޅުނުގޮތް ހަނދާންވެ ނީލާއަށް ހެވުނެވެ. އަރޫނާވެސް ހިނިތުންވެލިނަމަވެސް އޭނާގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. މިދަތުރުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެކަން ކުރިންވެސް އޭނާއަށް އެނގެއެވެ. އިޝާން ފެނުމުން ހިތަށް ހަމަޖެހުން ލިބޭނެ ކަމުގައި އޭނާހީކުރިއެވެ. ނަމަވެސް އިޝާން އެހާގައިގޯޅިކޮށް ނީލާއާއެކު ހުއްޓާ ފެނުމުން އޭނާ ދެރަވިއެވެ. އިޝާން އެންމެނާ މަޖާކުރާއިރު އޭނާވެސް މަޖާކުރާހިތްވެއެވެ. ނަމަވެސް އިޝާންއާ ދުރުގައި އުޅުމަށް އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. އެކަމާ އޭނާ ދެރަވެއެވެ. އަދި ޚާއްސަކޮށް ނީލާއާ އިޝާން ގަޔާވާހެން ހީވާތީ ވަކީން ހިތުގައި ޖެހުނެވެ. އިޝާން ގާތްވެވޭކަށްވެސް ނެތެވެ. ދުރުގަ ހުއްޓަސް ހިތަށް އަނިޔާލިބެއެވެ. އެއްގޮތަކުންވެސް އޭނާގެ ހިތަށް ހަމަޖެހުން ލިބޭގޮތެއް ނުވިއެވެ.
ނީލާއާއި އަރޫނާ އައިއިރު އެންމެން އުޅެނީ މޫދުގައެވެ. ހުރިހާ އެންމެންވެގެން މޫދުގައި ބައިބަޔަށްތިބެ މަޖާކުރަނީއެވެ. އެއްބަޔަކު ފެތުމުގެ ރޭހެއްގައި އުޅޭއިރު އަނެއްބަޔަކު އަދިވެސް މަޖާކެއުމުގައި އަވަދިނެތި އުޅެއެވެ. އިޝާންއާއި ނައީޝްއާއި ނީނާއަދި އިމްނާ، އެހެން ދެޓީޗަރަކާއެކު އުޅެނީ މޫދުވޮލީ ކުޅޭށެވެ. ނީލާވެސް އެމީހުންނާ ބައިވެރިވުމަށްޓަކައި ދިޔައެވެ. އަރޫނާވެސް ނީލާގެ ފަހަތުން ދިޔައެވެ. މޫދުގައި މަޖާކުރަން އިރުކޮޅަކު ތިބުމައްފަހު ހުރިހާ ފިރިހެންވެރީން ދިޔައީ މަސްހިފާށެވެ. އިޝާންވެސް އެމީހުނާ ބައިވެރިވިއެވެ.
އެގާރަޖެހިފަހުން ފިރިހެންވެރިން މަސްހިފައިގެން އައުމުން އަންހެންވެރީން މަސްފިހެ، މަސްތެލުލައި ހަދަން ފެށިއެވެ. އެއްބަޔަކު މަސްބަތްކެއްކުމުގައި އަވަދިނެތި އުޅެއެވެ. އިޝާންވެސް އަންހެންވެރީންގެ މެދުގައި ފަހަރަކުމީހަކަށް އެހީތެރިވަމުން ގޯނާވެސް ކުރަމުން ދިޔައެވެ.
” ތީދެން އަންހެނެއްތަ ކެއްކުމާއިގެން ތިއުޅެނީ؟” އަންހެންވެރީންގެ މެދުގައި ވަޅިއެއްހިފައިގެން ފިޔާކޮށަންއިން އިޝާން ފެނުމުން ދިމާކޮށްލުމުގެގޮތުން ނައީޝް އަހާލިއެވެ.
” ބަލަ އަންހެނުން އެކަނިތަ ކައްކަނީ؟….މާސްޓަރ ޝެފް އިންޑިއާ، މާސްޓަރ ޝެފް އޮސްޓްރޭލިޔާ ދުވަހަކުވެސް ބެލިންތަ…..އެޕްރޮގްރާމްތަކުގަ ޖަޖްކުރަން ތިބޭ ޝެފުންނަކީ މުޅިންވެސް ފިރިހެނުން….ދުނިޔޭގަ އެންމެ މަޝްހޫރު ކައްކާމީހުންނަކީ ގިނައިން ފިރިހެނުން…..އެނގިއްޖެތަ؟” އިޝާންދިން ޖަވާބުން ނައީޝް ބުނާނެ އިތުރު އެއްޗެއް ނޭނގިގެން އެތަނުން ދިޔައެވެ. އިޝާން އިރުއިރުކޮޅާ ނީލާއަށާއި ނީނާއަށް ގޯނާކޮށްލައެވެ. ތަންކޮޅެއް ދުރުގައި އަރޫނާ އެމަންޒަރު ބަލަން އިނެވެ. އަރޫނާ އަނގައިންވެސް ނުބުނެ މަޑުން އިންނާތީ އިމްނާ ދިމާކޮށްވެސް ހެދިއެވެ. އިޝާންއަށްވެސް އެކަން ފާހަގަ ކުރެވުނެވެ. ދަތުރު އައީއްސުރެ އަރޫނާ އިންނަނީ ފާޑަކަށް ނެގިމަޑުވެފައެވެ.
މެންދުރުގެ ކެއުމަށްފަހު އަނެއްކާ އެންމެން މޫދުއެރެން ފެށިއެވެ. އިޝާން އޭނާގެ ކެމެރާހިފައިގެން އައިސް އެކިމީސްމީހުންގެ ފޮޓޯ ނަގަމުންދިޔައެވެ. ޚާއްސަކޮށް ނީލާގެ ފޮޓޯ އެކިގޮތްގޮތަށް ނެގިއެވެ. ފޮޓޯނަގަން ހުރެފައި އެއްލިކަޅިއަކުން ރަށުގެ އަނެއްކޮޅުން އަރޫނާ އެކަނިމާއެކަނި ހިނގާފައި ދަނިކޮށް ފެނުނެވެ. އިޝާން ހައިރާންވެފައި ބަލަން ހުއްޓައި އަރޫނާ ގޮސް އޮބާލިއެވެ. މާގިނައިރުތަކެއްނުވެ ޒިޔާންވެސް އެދިމާއަށް ދަނިކޮށް އިޝާންއަށް ފެނުނެވެ. އިޝާން ފޮޓޯނަގަމުން އަރޫނާ އާއި ޒިޔާން ދިޔަދިމާލަށް ދިޔައެވެ. ވަރަށް ދުރަށް ދިޔަފަހުން އިޝާންގެ ކަންފަތުގައި ޖެހުނުއަޑުން އޭނާގެއަށް ހުއްޓެވުނެވެ.
” ކޮންގަދައެއް ތިހަދަނީ…އޭނ؟…ތިގޮތަށް ގަދަހައިގެން މަގޭ އަތްދަށުން ސަލާމަތްވާނެ ކަމަށްތަ ހީކުރީ…މިހާރު އެއުޅޭ އިޝާންއާ ހިތާވެގެންދޯ ތިއުޅެނީ….މަދުށީމޭ ދޯނީގައި އިންއިރުވެސް އިޝާންއަށް ކަޅިހުއްޓިފަ ހުރިތަން…….އެކަމަކު އޭނާ އެބައުޅޭތަ ކަލެޔާހެދި……މަދުނިޔޭގަ ހުއްޓަކާ ކަލޭ އެއްވެސް މީހަކާ ގުޅުން ބޭއްވިޔަކަ ނުދޭނަން….” ޒިޔާންގެ ހަރުކަށިބަސްތައް އިވިފައި އިޝާން ހައިރާންވިއެވެ.
” އަހަރެން ދޫކޮށްލާ…..އަހަރެން ނޫޅެމޭ އިޝާންއަކާ ވާހަކަ ދައްކާކަށް….” އަރޫނާ ރޮމުން ރޮމުން ޒިޔާންއަށް އާދޭސްކުރިއެވެ. އިޝާން އިރުކޮޅެއްވާންދެން އެތާމަޑުކުރުމަށްފަހު އެނބުރި އައިކޮޅަށް ހިނގައިގަތެވެ. އިޝާން ތަންކޮޅަށް ދިޔަތަނާ އަރޫނާ ބާރަށް ރޯންފެށިއަޑު އިވިފައި އިޝާންއަށް ހުއްޓެވުނެވެ. އަރޫނާއަށް ޒިޔާން އަނިޔާކުރަނީ ކަމުގައި އިޝާންއަށް ޔަގީންވިއެވެ. އިޝާންގެ ގާތަށް ރުޅިއަންނަގޮތްވިއެވެ. ނަމަވެސް އެދެމީހުންގެ ޒާތީ މައްސަލައެއްގެ ތެރެއަށް ނުވަންނަންވެގެން އަނެއްކާވެސް ހިނގައިގަތެވެ. އަރޫނާ އިޝާންއާ ދުރުން އުޅޭކަން އިޝާންއަށްވެސް ވަނީ ފާހަގަ ކުރެވިފައެވެ. އެކަމަކު އެއީ ޒިޔާންގެ ސަބަބުންކަމެއް އޭނާއަށް އެނގިފައެއް ނުވެއެވެ. އިޝާން ވިސްނުމެއްގައި ހުރެ އަންނަނިކޮށް ފޮޓޯނަގަންތިބި ނީލާމެންފެނުނެވެ. ނީނާ ކެމެރާހިފައިގެންހުރެ ބުނިހާގޮތަކަށް ނީލާ މޮޑެލްއެއްހެން އެކި އެކި ގޮތްގޮތަށް ފޮޓޮއަށް ހުއްޓެމުން ދިޔައެވެ. އެތައް ފޮޓޮއެއްނެގިފަހުން ތަންކޮޅެއް ދުރުގައި ނީލާއަށް ބަލަހައްޓައިގެން ހެވިފައިހުރި އިޝާންފެނި އޭނާ ރަކިވިއެވެ. ނީނާ ބަލާލިއިރު އިޝާން ހުރިތަން ފެނުމުން ނީނާގެ ކެމެރާ އިޝާންއާ އަމާޒުކޮށްލިއެވެ. އިޝާންވެސް މޮޑެލްއެއްހެން އަރިއަރިވެފައި ފޮނިދައްކާލިއެވެ. ނީނާ އޭނާގެ ކެމެރާ ނީލާގެ އަތަށް ދިނުމަށްފަހު ދުވެފައިގޮސް އިޝާންގެ ގާތަށް ހުއްޓުނެވެ. އިޝާންއާއި ނީނާ މަޖާގޮތްގޮތަށް ތިބެގެން ފޮޓޯނެގިއެވެ.
” ދެން މިސްދޭ އިޝާންއާ އެކީފޮޓޯނަގަން” ދުވެފައި އައިސް ކެމެރާއަތުލަމުން ނީނާ ބުންޏެވެ. ޖެހިލުންވެހުރެ ނީލާ އިޝާންގެ ގާތަށް ދިޔައެވެ. ތަންކޮޅެއް ދުރުގައި ވަރަށް އާދައިގެ ގޮތަކަށް ނީލާ ހުއްޓިލިއެވެ. އިޝާން ނީލާގެ އަތުގައި ހިފައިގާތަށް ދަމާލާފައި އުނަގަނޑުގައި އަތްއަޅުވާލިއެވެ. ނީލާ ސިހިފައި އިޝާންއާ ދިމާބަލާލިވަގުތު ނީނާ ފޮޓޯނެގިއެވެ.
” ވާއު! ހީވަނީ ރޮމޭންޓިކް ކަޕްލްއެއްހެން..” ފޮޓޮއަށް ބަލާލާފައި ނީނާ ބުންޏެވެ. ނީލާ އަވަސް އަވަހަށް އިޝާންއާ ދުރަށް ޖެހިލިއެވެ. ނީލާ ދާން ހިނގައިގަތުމުން އިޝާން އޭނާގެ އަތުގައި ހިފެހެއްޓިއެވެ.
” މަޑުކޮށްބަލަ އަހަރެން ވާހަކައެއް އަހާލަންދެން…” އިޝާން ސީރިއަސް ވެލާފައި އެދުމުން ނީލާމަޑުކޮށްލިއެވެ.
” ޒިޔާންއާ އަރޫއާ މެދުގަ އެއްވެސް ގުޅުމެއް އޮންނަކަމެއް އެނގޭތަ؟” ޖެހިލުންވެ ހުރެވެސް އިޝާން އޮޅުން ފިލުވަން ބޭނުންވިއެވެ.
” އާނ! ޒިޔާންއަކީ އަރޫގެ ދޮންތަބޭ” ވަރަށް ހަމަޖެހިލާފައި ނީލާ ޖަވާބުދިނެވެ.
” އޭނ؟! ދޮންތަބެޔޭ؟!” ހައިރާންވީލެއްބޮޑުކަމުން އިޝާންއަށް އެހެން އަހާލެވުނީވެސް ތަންކޮޅެއްބާރަށެވެ. ނީލާ ދިޔައީ ސިއްސައިގެންނެވެ.
” ކިހިނެއްވީ؟ ހާދަހައިރާންވީ؟” ކަންބޮޑުވެފައި ނީލާ އަހާލިއެވެ.
” ކަމެއްނުވޭ!….މާގިނައިން ދެމީހުން ވާހަކަ ދައްކާތީ ފެނުނީމަ އަހާލެވުނީ!” އިޝާން އެހެން ބުނުމުން ނީލާ ހިނިތުންވެލިއެވެ. އިޝާންއަށް ޒިޔާންގެ ހަޤީޤަތް އެގުމާއެކީ އޭނާގެ ސިކުނޑީގައި ހައިޖާނެއް އުފެދިއްޖެއެވެ. ނަމަވެސް ހަމަޖެހޭގޮތް ދައްކަމުން އިޝާން އެހެން މައުލޫއަކަށް ވާހަކަ ދައްކަން ފެށިއެވެ. މީކަކު ތުބުން ފުމޭއަޑުއިވިގެން އިޝާން ފަހަތްބަލާލިއިރު ވަރަށް ހަމަޖޖެހިލާފައި ދެޖީބަށް އަތްޖަހައިގެންހުރެ ޒިޔާން އާދެއެވެ. ވަގުތުން އިޝާންގެ ލޭކެކިގެން ދިޔައެވެ. ފަސް އެނބުރިފައި ބާރުބާރަށް އިޝާން ޒިޔާންއާ ދިމާއަށް ދުއްވައިގަތެވެ.
ހަލުވިކޮށް ދުވެފައި ޒިޔާންއާ ދިމާއަށް އައި އިޝާންފެނި އޭނާއަށް ހުއްޓެވުނެވެ. ނަމަވެސް އިޝާން އެދިޔަގޮތަށް ހުއްޓިވެސް ނުލައި ޒިޔާން ފަސްދީ ހިނގައްޖެއެވެ. ޒިޔާން ފަހަތައް އެނބުރި ހައިރާންވެފައި ބަލަން ހުއްޓެވެ. ނީލާވެސް އިޝާން ދިޔަތަން ބަލަންހުރީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. އިޝާންއަށް ކުއްލިއަކަށް އެވީ ކިހިނެއްކަން ނޭނގި ނީލާހުރީ ހައިރާންވެފައެވެ. އިޝާން ވަކިހިސާބަކަށް ދުވެފައި ގޮސް ވެލިގަނޑު މައްޗަށް ޖެހިގަތެވެ. އަދި ދެލޯމަރައިގެން އިނދެ ވިސްނަމުން ދިޔައެވެ. ހަޤީޤަތުގައި އޭނާއައީ ރުޅިއައިސްގެން ޒިޔާންގެ ގައިގާ ޖަހާށެވެ. ނަމަވެސް އޭނާއަށް އެގޯސް ހެދުމުގެކުރިން އޭނާ ނަފްސު ހަމަޔަކަށް އަޅުވާލީއެވެ. އޭނާގެ އަތުންފައިން ގޯހެއްހެދިއްޖެނަމަ އެވަޒީފާއާއި ރަށް ދޫކޮށް ދާންޖެހިދާނެއެވެ. އެހެން ވެއްޖެނަމަ އޭނާ އެރަށަށް އައި މަޤުސަދު ހާސިލެއް ނުވާނެއެވެ. ނަމަވެސް ނުހައްޤުން މައުސޫމު އަންހެން ކުއްޖަކަށް އަނިޔާ ލިބޭތަން ދެކޭކަށްވެސް އޭނާއަކަށް ނުހުރެވޭނެއެވެ. އިޝާން އެއިންގޮތަށް އިނދެ އިސްއުފުލާލި ވަގުތު ލޯފުހެމުން ތަންކޮޅެއް ދުރުން އަންނަ އަރޫނާ ފެނުނެވެ. އިޝާން ތެދުވެގެން އަރޫނާއާ ދިމާއަށް ހިނގައިގަތެވެ. އިސްޖަހައިގެން މަޑުމަޑުން ހިނގާފައި އައި އަރޫނާގެ ކުރިމައްޗައް މީހަކު އެރިހެން ހީވެގެން ސިހިފައި ހުއްޓެވުނެވެ. ބިރުން ދެލޯބޮޑުކޮށްފައި އޭނާއަށް ބަލާލެވުނީ އަނެއްކާވެސް ޒިޔާންއައީ ކަމުގައި ހީކޮށްފައެވެ.
” ރިލެކްސް މީމަށޭ!” އަރޫނާއަށް ވީގޮތްފެނުމުން އަވަސް އަވަހަށް އިޝާން ބުނެލިއެވެ. އިޝާން އެހާގާތުގައި އަރޫނާއަށް ބަލަހައްޓައިގެން ހުރުމުން އަރޫނާ ހުރީ ހައިރާންވެ ބިރުގަންނަ ގޮތްވެފައެވެ.
” އަރޫ ކީއްވެތިރޮނީ؟” ހައިރާންވެފައި އިޝާންގެ މޫނަށް ބަލަންހުރި އަރޫނާ ސިހުނީ އިޝާން ކޮށްލި ސުވާލުންނެވެ.
” ނުރޮން” އިސްޖަހާލާފައި ހިނގައިގަންނަމުން އަރޫނާ ޖަވާބުދިނެވެ. އިޝާންވެސް އަރޫނާގެ ފަހަތުން ހިނގައިގަތެވެ.
” އަހަރެންނަށް އެނގޭ އަރޫ ނުބުންޏަސް ތިރޮނީ ޒިޔާންގެ ސަބަބުންކަން……ބުނެބަލަ! ޒިޔާން ކީއްތަކުރީ؟” އެއްވެސް ޖެހިލުމެއްނެތި ޒިޔާންގެ ވާހަކައެއް ސުވާލުކުރުމުން އަރޫނާއަށް ހުއްޓެވުނެވެ. އިޝާންއަށް އެހާފަސޭހައިން އެކަން އެނގުނީ ކީއްވެބާއޭ އޭނާގެ ހިތަށް އެރިއެވެ.
” އަރޫ އަހަރެންނަށް އަޑުއިވުނު ކުޑައިރުކޮޅެއްކުރިން ޒިޔާން އަރޫއަށް އިންޒާރުދިން އަޑު…..އަރޫ ބުނެބަލަ! ކީއްވެތަ އަރޫއަށް އޭނާ އިންޒާރުދޭންވީ! ކޮބާތަ މައްސަލައަކީ؟” އަރޫނާގެ ކުރިމައްޗަށް އަރާ ސީދާ އަރޫނާގެ މޫނަށް ބަލަންހުރެ އިޝާން ސުވާލުކޮށްލިއެވެ. އެވަގުތު އަރޫނާގެ ހިތްތެޅިލީ ނުހަނު ބާރަށެވެ. ތެދުތެދަށް ހުރިހާ ވާހަކައެއް އިޝާންއަށް ކިޔައިދޭންވެސް އޭނާ ހިތަށްއެރިއެވެ. ނަމަވެސް ހަމައެވަގުތު ޒިޔާންގެ ވަރުގަދަ އިންޒާރުތަކުގެމަތިން އޭނާ ހަނދާންވިއެވެ. އެއްވެސް މީހަކުގާތު އެވާހަކަ ބުނެފިނަމަ ބަދުނާމުވާނީވެސް ޚުދު އޭނާކަން އަރޫނާއަށް އެނގުނެވެ.
” އިޝާން ކީކޭކިޔަންތަ ތިއުޅެނީ؟….އެއީ އަހަރެންގެ ދޮންތަބެޔޭ…..އޭނާ އަހަރެން އުޅޭނޫޅޭގޮތް ބަލާ…..އަހަރެންނަށް ނަސޭހަތްދިނަސް އެއީ މައްސަލައެއް ނޫނެއްނު!….” އަރޫނާ ގަސްތުގައި އޮޅުވާލިއެވެ. އަދި އަވަސް އަވަހަށް ދާން ހިނގައިގަތެވެ.
” އެހެންތަ؟…..އޭނާ އެއީ ދޮންތަބޭވީމަތަ އަރޫގެ ގަޔަށް ބޮލަށް އަރަނީ؟….އޭނާ ދުނިޔޭގަ ހުއްޓާ އެއްވެސް މީހަކާ އަރޫއަށް ގުޅުމެއް ނުބޭއްވޭނޭ އެބުނީވެސް ހަމަ އެހެންވެދޯ؟….ހާދަ ވަރުގަދަ ލޯތްބެކޭ ދޮންތަބޭ ތިވަނީ އަރޫދެކެ…..އަރޫވެސް އެހާ ލޯބިވޭތަ ދޮންތަބޭދެކެ؟” އިޝާން ހިތްހަމަ ނުޖެހިފައިހުރެ ދެއްކި ވާހަކައިން އަރޫގެ ހިތުގައިޖެހި އިސާހިތަކު ލޮލުން ކަރުނަ ހިލިއްޖެއެވެ. އިޝާންއަށް އެދެމީހުންގެ ހަގީގަތް އެނގިއްޖެކަންވެސް އަރޫނާއަށް އެނގުނެވެ.
” އިޝާން!….އިޝާން ހިތައްއެރިހާ އެއްޗެއް އަހަރެންނަށާއި އަހަރެންގެ ދޮންތަބެއަށް ކިޔުމުގެ ހައްޤެއް ނޯންނާނެ….އަހަރެން އިޝާންއާ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނޫން..” އަރޫނާ އަނެއްކާވެސް ދާން ހިނގައިގަތެވެ. އިޝާން އަރޫނާގެ އަތުގައި ހިފެހެއްޓިއެވެ. އޭރު އަރޫނާގެ އަތުގައި މަޑުމަޑު ތުރުތުރުލުމެއް އުފެދިފައިވާކަން އިޝާން ދެނެގަތެވެ.
” އަރޫ ބިރުނުގަނެބަލަ!….އޭނާގެ އިންޒާރުތަކަށް ބިރުން ހުރިހާކަމެއް ފޮރުވައިގެން ހުރީމާ އޭނާއަށް ދެވޭ ސަޕޯޓަކަށް ވާނީ….އޭނަ އަރޫގެ ފަރާތުން އުމުރަށްވެސް ފައިދާ ނަގާނެ…..ޕްލީޒް! އޭނައަށް އެޗާންސް ނުދީބަލަ! މަށަށް އެނގޭ އަރޫ އޭނާދެކެ ކިހާ ރުޅިއަންނަކަން……އޭނާއާ ދުރަށްދާން ބޭނުންވާކަންވެސް…..ދެންކީއްވެ އޭނަ ހެދިހާގޮތެއް ހެދިގެން ތިހުންނަނީ……އަރޫބޭނުންތަ އެކަހަލަ މުޑުދާރުމީހެއްގެ އަތްދަށުވެ މުޅި ދިރިއުޅުން ބަރުބާދުވާން….އަރޫ އޭނާބުނާހާގޮތެއް ހަދަންޏާ އޭގެމާނައަކީ އަރޫވެސް އެގޮތަށް އުޅެންބޭނުންވަނީއޭ….” އިޝާންގެ ކޮންމެ ޖުމްލައަކާއެކު އަރޫނާގެ ލޮލުން އޮހޭ ކަރުނަތައް ދިޔައީ އިތުރުވަމުންނެވެ. އެންމެފަހުން ކެތްނުކުރެވިގެން ބާރުބާރަށް އޭނާއަށް ރޮއެގަނެ ވިއްޖެއެވެ. މިހުރިހާ ދުވަހު އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައް އެއްދުވަހުން ބޭރުކުރަން އުޅުނުފަދައެވެ. އިޝާންއަށްވެސް އަރޫނާ އެގޮތަށް ރޮނިކޮށް ފެނުމުން އަސަރުކުރިއެވެ. އިޝާންގެ ގާތުގައިހުރެ އަރޫނާ ރޯމަންޒަރު އެހެންމީހަކަށް ފެނިއްޖެނަމަ ހީކޮށްފާނެ އެއްޗަކަށްޓަކައި އިޝާން ބިރުގަތެވެ. އިޝާން އަރޫނާގެ އަތުގައި ހިފައިގެން މޫދާއި ދިމާއަށް ދުއްވައިގަތެވެ. އަރޫނާ ނުވެސް ވިސްނާ ހުއްޓައި އިޝާން އޭނާ ގޮވައިގެން ގޮސް ދެމީހުން އެކުގައި މޫދަށް ޖެހިގަތެވެ. އަރޫނާގެ ރުއިންވެސް ހިނދުކޮޅަކަށް ހުއްޓުނެވެ.
” ދެން އޯކޭ ރުޔަސް…” ލޮނުގަނޑުތެރެއިން ބޯހިއްލާލުމަށްފަހު އިޝާންއާ ދިމާ އަރޫނާ ބަލާލުމުން ހިނިތުންވެލާފައި އިޝާން ބުނެލިއެވެ.
” މޫދުގަ ހުރެގެން ރުޔަސް މީހުނަކަށް ނޭނގޭނެ ރޮނީކަމެއް….އެހެންވެ މިހެން މިހެދީ..” އިޝާން އެގޮތަށް ކަންތައްކުރި ސަބަބު އޮޅުންފިލުވައިދިނެވެ. އަރޫނާ ދެލޯފުހެލަމުން އިޝާންއަށް ބަލާލާފައި ހިނިތުންވެލިއެވެ.
” ދެންބުނެބަލަ!…ކީއްވެތަ ޒިޔާން އަރޫއާ އަޅައިގަނެގެން އެއުޅެނީ؟ އޭނަ އެހާ ގޮތްކުޑަވެގެން އެއުޅެނީ ކީއްވެތަ؟” އިޝާން އޭނާ ކުރަން ބޭނުންވީ ސުވާލު ސީދާ ސީދަލަށް ކުރިއެވެ.
“އިޝާން….ބުނެފީމެއްނު ކަމެއްނުވެޔޭ! ދެން ކޮންކަމެއްތަ ނޭނގިގެން ތިއުޅެނީ!” އަރޫނާ އެހެންބުނީ ތަންކޮޅެއް ބާރަށެވެ. އޭނާބޭނުންވީ ރުޅީގެ ތެރޭގައި އޭނާގެ އިހުސާސްތައް ފޮރުވާށެވެ. އިޝާން އަރޫނާގެ އަތުގައި ބާރަށް ހިފައި އޭނާގެ ގާތަށް ދަމާލިއެވެ. އަދި އަރޫނާގެ މޫނު އޭނާއާ ދިމާއަށް އަނބުރާލިއެވެ. އޭރު އަރޫނާހުރީ ފާޑަކަށް އިޝާންގެ އަތުތެރޭގައި ހައްޔަރުވެފައެވެ.
” ރީތިކޮށް ބުނާނީތަ؟ ނޫނީ ގަދަކަމުން ބުނުވަންވީތަ؟” އިންޒާރުދޭފަދަ ގޮތަކަށް އަރޫނާއަށް ބަލާލާފައި އެހެން ބުނުމުން އަރޫނާ ބިރުގަންނަ ގޮތްވިއެވެ. އިޝާން އޭނާއާމެދު އެހާކަންބޮޑުވަނީ ކީއްވެގެންބާއޭ އޭނާގެ ހިތައްއެރިއެވެ.
” އަނެއްކާ އިޝާންވެސް އަހަރެންދެކެ ލޯބިވަނީބާ؟ އެހެންނޫންނަމަ ކީއްވެ ޒިޔާންގެ ސަބަބުން މިހާރުޅިއެއް އަންނަންވީ؟” އަރޫނާ ހިތާހިތާ ކިޔާލިއެވެ. އެހެން ހިތައް އެރުމުން އޭނާގެ ހިތަށް އުފާވެރިކަމެއް ވެރިވިއެވެ.
” އިޝާން!…އަހަރެންނަށް ހީވަނީ އިޝާން ތިކަން އެނގޭކަމަށް ނުހެދިއްޔާހެން ރަނގަޅުވާނީ…..އެހެންނޫނީ އަހަރެންނަށް މިއުޅޭގޮތަށްވެސް ނޫޅެވޭނެ….އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އިޝާން ބަދުނާމްވާކަށް..” އެންމެފަހުން އަރޫނާ ދެރަވެލާފައި ބުންޏެވެ. އަރޫނާގެ ވާހަކަތަކުން އޭނާ ޖެހިލުންވެފައިވާ ވަރު އިޝާންއަށް ވިސްނުނެވެ.
” އަރޫ! އަހަރެންނަށް ހީވަނީ އަހަރެން ބަދުނާމްވީމަށްވުރެ ތިޒިޔާންގެ ސަބަބުން އަރޫބަދުނާމު ވެއްޖެއްޔާ މާހުތުރުވާނެހެން…..ކީއްވެތަ ބިރުގަންނަނީ….ކޮންކަމަކާތަ ޖެހިލުންވަނީ؟ ބުނެބަލަ! އެހީވާން ބޭނުންވާ މީހަކަށްވެސް އެހީއެއްވެވޭނީ އެމީހެއްގެ އެހީ ބަލައިގަތީމައެއްނު!”
” ކީއްވެ އިޝާން އަހަރެންނަށް އެހީވާން ބޭނުންވަނީ؟ ކީއްވެ އިޝާން އަހަރެންނާމެދު ތިހާކަންބޮޑުވަނީ؟ ބުނެބަލަ! ކީއްވެތަ؟” އަރޫނާ ކުރިސުވާލުގެ ސަބަބުން ހިނދުކޮޅަކަށް އިޝާން ހިމޭންވިއެވެ.
” އަންހެން ކުއްޖަކު ނިކަމެތިހާލެއްގަ އުޅޭތަން ފެނިގެން ހަމައެކަނި އިންސާނިއްޔަތަށްޓަކާ އަހަރެން އެހީވާން ބޭނުންވަނީ…..އެހެންނޫނަސް އަހަރެން އެންމެ ނަފުރަތުކުރާ ކަމަކީ މީހުންގެ ހައްޤުތަކަށް އަރައިގަތުމާއި ހައްޤުނޫން ގުޅުންތައް ހިންގުން……އަހަރެން ވަރަށް ރުޅިއާދޭ ނަހަމަ ގުޅުން ބާއްވަން މަސައްކަތްކުރާމީހުންދެކެ” އިޝާންގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ނަމަވެސް އަރޫނާއަށް ލިބުނީ އޭނަ ހީކުރިފަދަ ޖަވާބެއް ނޫނެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް އަރޫނާއަށް ހީކުރެވުނީ އިޝާން އޭނާއާމެދުގައި ޚާއްސަގޮތަކަށް ދެކެނީ ކަމުގައެވެ. އޭނާގެ ހިތުގައި އިޝާންއަށްޓަކައި ދެވިފައިވާ މަޤާމު އިޝާންގެ ހިތުންވެސް އޭނާއަށްޓަކައި ދެވިފައިވަނީ ކަމުގައެވެ. އޭނާ ހީކުރިގޮތާ ޚިލާފަށް އިޝާން އޭނާއާމެދު އެއްވެސް ޝައުޤުވެރިކަމެއް ނެތްކަން އެނގުމުން އަރޫނާ ދެރަވިއެވެ. ނަމަވެސް އިޝާން އޭނާއަށް އެހީވާން ބޭނުންވީތީ އުފާވެސް ވިއެވެ.
” އެކަމު ކިހިނެއް އަހަރެން އިޝާންއަށް އިތުބާރުކުރާނީވެސް…..އެއްވެސް މީހަކަށް އިތުބާރުކުމަކީ މިހާރު އަހަރެންނަށް ވަރަށް އުނދަގޫކަމެއް” އަރޫނާ ބުނީ ހަޤީޤަތުގައިވެސް އޭނާގެ ހާލަތު މިވަގުތު ހުރިގޮތެވެ.
” އަރޫ! އަހަރެންނަށްވެސް އެނގޭތިކަން…..އަހަރެންނަކީވެސް ދުނިޔޭގަ ތަފާތު ތަޖުރިބާތައް ކޮށްފަ ހުރިމީހެއް…..އެކަމަކު ކޮންމެ އިންސާނަކަށްވެސް އެއްފަހަރު އިތުބާރު ކުރެވިދާނެއްނު! ޒިޔާންއަށް ކުރިގޮތަށް…”
” އެއްފަހަރު އިތުބާރުކުރިކަމުގެ ހިތިކަން މިހާރުވެސް މިފެންނަނީ…ދެން ކިހިނެއް…..” އަރުނާއަށް އަނެއްކާވެސް ރޮވޭގޮތްވިއެވެ.
” ދޮންތަ ކައިވެނިކުރިއިރު އަހަރެން އުޅެނީ ގުރޭޑް ހަތެއްގަ….ދޮންތަބެއަކީ ބ.އޭދަފުށީމީހެއް….އެމީހުން ކައިވެނިކޮށްގެން ދަމުންދިޔައީ އަހަރެންވެސް ގޮވައިގެން….އެރަށު ސުކޫލަށްލާންވެގެން…..މަންމަމެންވެސް ވަރަށްއުފާވި…..އަހަރެންވެސް ދިޔައީ ހަމަދާހިތުން…..އަހަރެންގެ ހުރިހާ ޚަރަދެއްވެސް ބަލަހައްޓަނީ ދޮންތެބޭ…..ދެއަހަރުވެގެން ދިޔައިރު ހުރިހާކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް…..އެކަމަކު ދޮންތަ ޕްރެގްވީމަ ހުރިހާކަމެއް ބަދަލުވީ….ދޮންތަބަލިވީމަ ދޮންތަބޭގެ ކަންތައްތައްވެސް އަހަރެން ކޮށްދީހަނދަން…..ދޮންތަވިހައިގެން ހޮސްޕިޓަލުގަ އޮތްރޭ އަހަރެން އޮތީ ގޭގައެކަނި…އެރޭ އެންމެ ފުރަތަމަ ދޮންތަބޭ އަހަރެން ގައިގަ އަތްލީ….އަހަރެންނަށް ހޭލެވިގެން ބިރުން ދުވެފަ ގޮސް ފާހާނައަށްވަނީ…އެރޭ ހަތަރުދަމު އަހަރެންހުރީ އެތާ….އޭގެފަހުން އަހަރެން ހުންނަނީ ސިހިސިހި…..އެކަމު ކޮންމެ ރެޔަކުވެސް އަހަރެންނަށް އޭނަގެ އުނދަގޫޖެހޭ…އެކަމާހުރެ ރަނގަޅަށް ނުވެސް ކިޔެވުނު….ކިރިޔަ ފާސްވީވެސް….އަހަރެން ސުކޫލު ނިމެންދެން އެކިގޮތްގޮތުން އޭނަގެ ކިބައިން ސަލާމަތްވަމުން އައީ…ބައެއްފަހަރު ރަށްޓެހިކުދިންގެ ގެޔަށްވެސް ނިދަންދާން…ސުކޫލު ނިމުމާއެކު އަހަރެން މިރަށަށް ބަދަލުވީ….ދުވަސްކޮޅެއްނުވެ ދޮންތަބޭވެސް ދޮންތަގޮވައިގެން މިރަށަށް ބަދަލުވީ…..އަހަރެން ސުކޫލުން ވަޒީފާ ހޯދީމަ އޭނަވެސް ސުކޫލުންވަޒީފާ ހޯދި ހަމަ ގަސްތުގަ އަހަރެންނާ ގާތްވާންވެގެން….އޭނައަކީ ރިޒޯޓެއްގަ ނުލާހިކު ބޮޑު މުސާރާގަ އުޅުނުމީހެއް….އެކަމަކު މިރަށަށް އަންނަން ވެގެން އެތަނުން ކެނޑުނީ….މިރަށަށް އައިފަހުން އަހަރެންނަށް އެނގުނީ އޭނަގެ އަތުގަ އަހަރެންގެ ފޮޓޯތަކެއް ހުރިކަން….އަހަރެން ނިދާފައޮއްވާ ނަގާފަ ހުރިފޮޓޯތަކެއް އެއީ…އަދި އަހަރެން ފެންވަރަށް ހުއްޓާ ކޮށްފައިހުރި ވީޑިއޯ ކުލިޕެއްވެސް އޭނަ ދެއްކި…..އެއީ މިރަށަށް އައިފަހުން އެއްދުވަހަކު މާމަގޭ ގިފިލީގަ ފެންވަރަން ހުއްޓާ ނަގާފަ…….އަދިބުނި އެއްވެސް މީހަކުގާތު ބުނެފިއްޔާ ދޮންތަވެސް ވަރިކޮށްލާނަމޭ” އަރޫނާ ރޮމުން ރޮމުން އިޝާންއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
” ހޫމް….މިހާރުއެއުޅެނީ އެއެއްޗެހި ދައްކައިގެން ބުލެކްމެއިލްކުރަން ދޯ……އެއެއްޗެހި ހުރީ ކޯއްޗެއްގަ….ފޯނުގަތަ ނޫނީ ލެޕްގަތަ؟”
” އޭނަ ފޯނުގަ….ނޭނގެ ލެޕްގަވެސް ނެތްކަމެއް…..އޭނަބުނީ އެއްވެސް މީހެއްގާތުބުނެފިއްޔާ ހުރިހާ އެއްޗެއް ނެޓަށް ލާނަމޭ..” އަރޫނާ ގިސްލަ ގިސްލާފަ ރޯންފެށިއެވެ.
” އަރޫ ހާސްނުވޭ!…އޭނާއަށް ވާނުވާވެސް އަންގާނުލާ ތިހުރިހާ އެއްޗެއް ޑިލީޓްކޮށްލަފާނަން…….ދެން އެކަމާ ނުވިސްނާ….އޭނަ ބުންޏެއްނު މަށާ ވާހަކަ ނުދައްކާށޭ! ދެން ގިނަގިނައިން މަށާ ވާހަކަ ދައްކާތި!…މިފަހަރު އޭނައަށްވެސް އަންގާލާނަން މަމީ ކާކުކަން…އޯކޭ!” އިޝާން ހިނިތުންވެލަމުން އަރޫނާގެ ކޮލުގައި ހިފާލިއެވެ. އަރޫނާވެސް ލަދުރަކި ގޮތަކަށް ހީލާފައި ބޯޖަހާލިއެވެ. އަރޫނާގެ އަތުގައި ހިފައިގެން އިޝާން އެއްގަމަށް އެރިއިރު ތަންކޮޅެއް ދުރުގައި އެދެމީހުންނަށް ބަލަން ނީލާ ހުއްޓެވެ. އެކަނިވެރި މާހައުލެއްގައި އަރޫނާއާ އެހާގާތުގައި އިޝާން ހުއްޓާ ފެނުމުން ނީލާގެ ހިތަށްތަދުވިއެވެ. ދެލޮލުން ކަރުނަ ހިލުނީ ހިތައްއެރި އެއްޗެހި ގިނަކަމުންނެވެ. އިޝާން އޭނާއާ ގަޔާވާކަމުގައި އޭނާއަށް ހީކުރެވުންއެއީ ކުރެވުނު ކުއްހީއެއް ހެއްޔެވެ؟ ކޮންމެ އަންހެއް ކުއްޖަކާވެސް އިޝާން ސަމާސާކޮށް ހަދަނީ މާނައެއްނެތި ހެއްޔެވެ؟ އާއެކެވެ. ކުއްހީކުރީ އޭނާއެވެ. އިޝާން އޭނާއާމެދުވެސް އެދެކެނީ އެހެންކުދިންނާމެދުވެސް ދެކޭ ނަޒަރުންނެވެ.
އަރޫނާގެ އަތުގައި ހިފާލައިގެން އެހެންމީހުން މޫދުއެރެން ތިބިދިމާއަށް އިޝާން ހިނގައިގަތެވެ. ނީލާވެސް އަވަސް އަވަހަށް އެމީހުނަށް ނުފެނި ދިއުމަށްޓަކައި އެނބުރިލީ ވަގުތު ކުރިމަތީގައިހުރި ނައީޝް ފެނިފައި އޭނާ ސިހުނެވެ.
” ސޮރީ…ބިރުގަތީތަ؟….ހާދައެކަނި މިތާ ކީއްތިކުރަނީ؟” ނައީޝް އެނގިހުރެވެސް ނޭނގޭކަމަށް ހަދާ އަހާލިއެވެ. ނައީޝް އެތަނަށް އައީވެސް ނީލާ އަންނަތަން ފެނުމުންނެވެ. އަދި އޭނާ އައިއިރު ތަންކޮޅެއް ދުރުގައި މޫދުގައިތިބި އިޝާންމެންވެސް އޭނާއަށް ފެނުނެވެ.
” ކަމެއް ނުކުރަން….މިދެންހަމަ ހިނގާލީ” ގަދަކަމުން ހިނިތުން ވެލަމުން ނީލާ ޖަވާބުދިނެވެ.
” ބަލާބަލަ! އެހެރަ އަންނަ ކަޕްލްއެއް….ޝާން މީހާދަ ކާމިޔާބު މީހެކޭ….ބަލާބަލަ މިހާ އަވަހަށް ރަށުންވެސް ކުއްޖަކު އަތުއަޅުވާލީނު…..ނޭނގެ މިހާރުވެސް ކިތައް ބިޓުން ކަމެއް މާލޭގަ ތިބީކީ…..ވާނީވެސް އެހެންތާ…މާލޭގަ ގެދޮރުހުރި
މުއްސަނދިމީހެއްގެހުރި އެންމެ ފިރިހެންދަރިއެއް ވިއްޔަ…….ދެން ބޭނުން ކުއްޖަކު އަތުއަޅުވާލެވިދާނެއެއްނު!” ގާތްއެކުވެރިއެއްގެ ގޮތުގައިހުރެ ނައީޝް ދައްކަމުންދިޔަ ވާހަކަ ދާދި ފަސޭހަކަމާއެކު ނީލާއަށް ގަބޫލުކުރެވުނެވެ. ނައީޝްގެ ބޭނުމަކީވެސް އެއީއެވެ. ނީލާގެ ހިތުގައި އިޝާންއާމެދު ޝައްކު އުފައްދައި އެހިތުގައި އުފެދިފައިވާ ޝައުޤުވެރިކަން ކުޑަކުރުމެވެ.
” ނޭނގެއަދި މީން ޒަމާނެއްގަ ޝާން މެރީ ކުރާނެކަމެއް…..އަދި އެންމެ ވިހިއަރުވިއްޔަ އެވީ…..ތިރީހަކަށް އަހަރުވާއިރުވެސް އޭނައުޅޭނީ އެހެންކަންނޭނގެ……ތަންކޮޅެއް އުމުރުން މައްޗައް ދިޔައީމަ ވިސްނިދާނެ ފަހަރެއްގަ” ވައްކަޅިއަކުން ނީލާއަށް ބަލާލަމުން ނައީޝް ދޫކޮށްލި ބަހުގެ ތީރު މިފަހަރު ގޮސް ހެރުނީ ނީލާގެ ހިތުގެ އެންމެ ފުނަށެވެ. އޭނާއާއި އިޝާންގެހުރި އުމުރުގެ ފަރަޤު ވަރަށް ރަނގަޅަށް ނައީޝް އޭނާއަށް ހަނދާންކޮށްދީފިއެވެ. ހިތުގައި ޖެހުނުލެއްބޮޑުކަމުން ހިންދިރުވާލާފައި އަވަހަށް ނައީޝްއާ ދުރަށް ނީލާ ހިނގައިގަތީ، އެތަނުގައި އިތުރަށް މަޑުކޮށްފިނަމަ އޭނާގެ ޖަޒުބާތުތައް ކޮންޓުރޯލް ނުކުރެވިދާނެތީއެވެ. ނައީޝްގެ ކުރިމަތީ އޭނާގެ ހިތްބޭޒާރުވާކަށް އޭނާ ނޭދެއެވެ. ނީލާއަށް ނޭނގުނުކަމުގައިވިޔަސް ނައީޝްއަށް އޭނާގެ އިހުސާސްތައް އެނގެއެވެ.
އިޝާންއާއި އަރޫނާ ތަންކޮޅަކަށް އައިފަހުން ނީލާއާއި ނައީޝް އެމީހުނަށް ފެނުނެވެ. ނީލާއާ އެހާގާތުގައި ހިނިއައިސްފައި ނައީޝް ހުރުމުން އިޝާންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ނައީޝް ނީލާއާ ވާހަކަ ދެއްކުމަކީވެސް އިޝާންއަށް ރުހެވޭނެ ކަމެއްނޫނެވެ.
” ދެކުދިން ހާދަ ވަގުވަގަށް މޫދަށް އެރެނީ…” އަޑުފޯރާ ހަމަޔަށް އައުމުން އިޝާންމެންނަށް ބަލާލާފައި ނައީޝް ބުންޏެވެ.
” އާނ! ހާމަޔަށް ފެންނަން ހުންނަން ކައްތައްތަކަށްވެސް ފާރަލާމީހުން އުޅެޔޭ…..އެމީހުން އެހެންއުޅޭތީ ހީވާނީ އެހެންމީހުންވެސް އުޅޭނީ ވަގުވަގަށް ސިއްރުސިއްރުންނޭ…..ނޫންތަ؟” އިޝާން އެބަސް ނައީޝްއަށް އަމާޒުކުރި ނަމަވެސް ނީލާއަށް ވިސްނުނީ އެއީ އޭނާއަށް އަމާޒުވި ބަހެއްގެ ގޮތުގައެވެ.
ހަތަރުމީހުން އެކީގައި ހިނގާފައި އައިއިރުވެސް މާގިނަ ވާހަކައެއް ނުދެކެވެ. އިޝާން އިރުއިރުކޮޅާ ނީލާއަށް ބަލާލާއިރު އޭނާ ހުންނަނީ އިޝާންގެ މޫނަށް ނުބަލަން ވެގެންނެވެ. ނީލާގެ މޫޑު އޮފްވެފައިހުރިކަން އިޝާން ދެނެގަތެވެ. އަރޫނާވެސް ހިމޭންކަމާއެކު ބަހެއްވެސް ނުބުނެހުރީ އިޝާންގެ ނީލާއަށް ބަލާތީ ހިތަށް އުނދަގޫވެފައެވެ. މޫދުގައި އުޅޭމީހުންތައް ފެންނަ
ހިސާބަށް އައިއިރު ޒިޔާންވެސް އެމީހުންގެ ތެރޭގައި ހުއްޓެވެ. އޭނާގެ ލޯ ފުރަތަމެވެސް އަމާޒުވީ އިޝާންގެ ގާތުގައިހުރި އަރޫނާއަށެވެ. އިޝާންއަށް އެކަން އެނގުމުން ކުއްލިއަކަށް އަރޫނާގެ އަތުގައިހިފައިގެން ގޮސް ޒިޔާންއާ ދާދިގާތަށް މޫދުތެރެއަށް ޖެހިގަތެވެ. އަދި ހީހީފައި އަރޫނާއާ ދިމާއަށް ލޮނު ބުރުވާ ސަކަރާތްޖަހަން ފެށިއެވެ. ޒިޔާންގެ ލޭކެކިގެން ދިޔަނަމަވެސް އެދިމާއަށް ބަލަން ހުރުން ފިޔަވައި އިތުރުކަމެއް ނުކުރެވުނެވެ. އަރޫނާ ބިރުގަތް ނަމަވެސް އިޝާން އެހާގާތުގައި ހުރުމުން އާހިތްވަރެއް ލިބިގެންދިޔައެވެ. ދަތުރުގެ ބާކީބައިގައި އޭނާ ހޭދަކުރީ ހީސަކަރާތްޖަހާ މަޖާކުރުމުގައެވެ. އެކަމާ އިމްނާ އާއި ނީނާ އަރޫނާއާ ދިމާކޮށްވެސް ހެދިއެވެ.
” ޔަގީނޭ….އެކޮޅަށް ގޮސް ދެމީހުން ވަރަށް ގަނޑުގަނެފިކަން…..ބަލާބަލަ މިހާރު ހެވިލާފަ ހުރިވަރު…އެންމެފަހުން ދެމީހުން ހަމަ ރައްޓެހިވީދޯ” އަރޫނާގެ ގާތަށް ޖެހިލާފައި ސިއްރުސިއްރުން ނީނާ އަހާލިއެވެ. އަރޫނާ ހިނިގަނޑެއް ޖަހާލަމުން ނީނާ ކޮއްޕާލިއެވެ. އެގޮތުގައި އެތައްއިރަކު އެމީހުން މޫދުގައި ސަކަރާތްޖަހަން ތިއްބެވެ. ނީލާއިނީ ވެލިގަނޑުމަތީގައި އިށީނދެލައިގެން އިޝާންމެން މޫދުގައި އުޅޭ މަންޒަރު ބަލާށެވެ. އިޝާންވެސް އިރުއިރުކޮޅުން ނީލާއަށް ބަލާލައެވެ. ނީލާގެ މޫޑު އޮފްވިގޮތަކާމެދު އިޝާން ވިސްނަމުން ދިޔައެވެ. އަނެއްކާ އެއީ ނައީޝްގެ ސަބަބުންބާއޭ ހިތައްއެރިއެވެ. ނީލާ ދެރަވެފައިހުރީ އިޝާންއާއި އަރޫނާގެ ސަބަބުންކަމެއް އިޝާންއަކަށް ނުވިސްނުނެވެ. ނީލާއަށް ގަބޫލުކުރެވުނު ގޮތުގައި އިޝާންއާ އަރޫނާއާ މެދުގައި ގުޅުމެއްވަނީ އުފެދިފައެވެ. އެދެމީހުން ހުރިހާގޮތަކުންވެސް ގުޅެއެވެ. އިޝާންއަށް ހިތްކީކަން އެއީ އޭނާގެ މޮޔަކަމެވެ. އިޝާން އޭނާއާ މެދު އެފަދަ ގޮތަކަށް ވިސްނާނެކަމަށް ހީކުރުންވެސް އެއީ އޭނާގެ މޮޔަކަމެވެ. އޭނާގެ ލޯތްބަކީ މުޖުތަމައުވެސް ބަލައިނުގަންނަހާ މޮޔަ އެއްޗެކެވެ. ވީއިރު އިޝާން އެލޯބި ބަލައިގަންނާނެ ހެއްޔެވެ؟ އޭނާގެ ހިތްބޭޒާރުވާ ދުވަހަކުން އެންމެންވެސް އޭނާއަށް މަލާމާތްކުރާނެކަން ގައިމެވެ. އިޝާންވެސް ކުރާނީ މަލާމާތެވެ. އެންމެ ބުއްދިވެރިގޮތަކީ އިޝާންގެ މަތިން ހަނދާން ނައްތާލުމެވެ.
އެކިމީހުންގެ މޫނަށް އެކިކުލަވެރިކުރުވަމުން ދަތުރުވެސް ނިމިގެން ހިނގައްޖެއެވެ. ދަތުރުގެ ސަބަބުން ބައެއްމީހުންގެ މެދުގައި އެކުވެރިކަން އާލާވިއިރު އެއްބައެއްގެ ހިތްތަކުގައިވަނީ ޝައްކާއިވަހުމް އަދި ނަފުރަތުވެސް އުފެދިފައެވެ.
*******
މިޑްސެމް ބުރޭކަށްފަހު ސުކޫލު ހުޅުވުނު ދުވަހެލެވެ. ކޮންމެމީހަކުވެސް އެމީހެއްގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔައެވެ. ޚާއްސަކޮށް ނީލާ މިއަދު އުޅެނީ ވަރަށް ބުރަކޮށެވެ. އިޝާން ބުރޭކަށްދަމުން ބަލާލިއިރުވެސް ނީލާ އަވަދިނެތި އޭނާގެ މަސައްކަތާއިގެން އުޅެއެވެ. ނީލާ ހީވަނީ މިއަދު މަސައްކަތްކުރުން ފިޔަވައި އިތުރު އެއްވެސް ކަމަކާ ވިސްނަން ބޭނުން ނުވާހެންނެވެ. އެންމެ ފަހަރަކުވެސް ނީލާ ހިނިތުންވާ މަންޒަރު މިއަދު އިޝާންއަކަށް ނުފެނުނެވެ. ނީލާއަށް ވީގޮތެއްނޭނގި އިޝާންގެ ހިތްވެސް ނުތަނަވަސްވަމުންދިޔައެވެ.
އިޝާން ސައިބޯން ދަމުން ނައީޝްއަށް ގުޅާ ގުޅާވެސް ޚަބަރެއް ނުވުމުން އޭނާ ދިޔައީ އެކަންޏެވެ. ރެސްޓޯރެންޓްގައި އިނދެފައި ގުޅިއިރު ފޯން އޮތީ ނިއްވާލާފައެވެ. ސައިބޮއެ ނިމިގެން ނައީޝް ކޮބައިތޯ ބަލާލުމަށްޓަކައި ގެޔާދިމާއަށް މިސްރާބުޖެހިއެވެ. އިޝާން ގެޔަށް އައިސް ނައީޝްގެ ކޮޓަރިއަށް ވަންއިރު ނައީޝް އުޅެނީ ފާޚާނާގައެވެ. ކޮޓަރިތެރޭގައި އާދަޔާ ޚިލާފު ވަހެއްވެސް ދުވައެވެ.
” ޗީޑި…ކޮންފާޑެއްގެ ވަހެއްތަ މިދުވަނީ” އިޝާން ނޭފަތު އަތްއަޅައިގެންހުރެ ދާން ހިގައިގެން ވަގުތު ލޮލުގައި އަޅައިގަތީ އެނދުގެ ސައިޑް ކަބަޑްމަތީގައި އޮތް ދޮން ފޭރެއްގައެވެ. ފޭރު ފެނުމާއެކު އެއީ ގޯތިތެރޭގައިހުރި ގަހުގެ ފޭރެއްކަންވެސް އޭނާއަށް އެނގުނެވެ. ގޭގެވެރިންވަނީ ގޯތިތެރޭގައިހުރި ގަސްގަހުގައި އަޅާމޭވާ ކާން ހުއްދަދީފައެވެ. ފޭރުނަގާ ބަލާލުމަށްފަހު އިޝާންގެ ތުންފަތްމައްޗައް ލާނެއް ހިނިތުން ވުމެއްވެރިވިއެވެ.
” ނައީޝް…ސޮރީ ބަޑީ…ދެން މިފޭރު ކަލެއަކަށް ނުލިބޭނެ….މީ ނީލްގެ ފޭވަރިޓް ފުރުޓް…..ސޯ..މީތި ގެންދާނީ ނީލްއަށް…ފިނިފެން މަލެއް ނެތްތަނެއްގަ ފޭރެއްވެސް ރަނގަޅުވާނެ” ފޭރުނަގައިގެން އަވަސް ފިޔަވަޅުތަކެއްގައި އިޝާން ކޮޓަރިން ނުކުތެވެ. ފިނިފެންމާ ގަހުގައި މިއަދު މަލެއް ފޮޅިފައި ނެތުމުން އިޝާން ދެރަވެފައި ހުއްޓާ ފޭރުފެނުމުން އޭނާ އުފާވިއެވެ. ގަހުގައި އިތުރު ފޭރު ހުއްޓައިވެސް ނައީޝް ބިނދެފައި އޮތްފޭރު އޭނާ ނެގީވެސް ހަމަގަސްތުގައި ނައީޝް އަށް ޖެއްސުން ކޮށްލުމަށެވެ.
ހެވިފައިހުރެ އިޝާން އޮފީހަށް ވަތްއިރު ނީނާ ފިޔަވައި އިތުރު މީހަކު ނެތެވެ. ލިބުނު ރަނުގެ ފުރުސަތުގައި ނީލާގެ ކެބިންއަށްވަދެ ކަރުދާސް ގަނޑެއްގެ ތެރެއަށްލާފައި މޭޒްމަތީގައި ފޭރު ބޭއްވިއެވެ. އަދި ހިނިތުންވެހުރެ އިޝާން އޭނާގެ ކެބިންއަށް އެނބުރި އައެވެ. އިރުކޮޅެއްފަހުން ނީލާ ބުރޭކުން އައިސް މޭޒުމަތީގައި އޮތްފޭރު ފެނުމުން ބޭއިޚުތިޔާރުގައި ހިނިތުން ވެވުނެވެ. ނަމަވެސް ފިނިފެންމަލެއް ނެތުމުން އެހިނިތުންވެސް އިސާހިތަކު ފަނޑުވެގެން ދިޔައެވެ. މިއަދު އެފިނިފެންމާ ލިބޭނެމީހަކީ އަރޫނާ ކަމުގައިވެސް އޭނަ ހިތައްއެރިއެވެ. އިތުރަށް އެކަމާ ނުވިސްނާ އަނެއްކާވެސް އޭނަގެ މަސައްކަތާއިގެން ކުރިޔަށް ދިއައެވެ. ފޭރު ފެނިފައިވެސް ނީލާ އުފާނުވުމުން އިޝާން ދެރަވިއެވެ. ފޭރާއު އެކު ލިޔުންކޮޅެއްވެސް ބޭއްވުނުނަމައޭ އޭނާގެ ހިތަށްއެރީ މާފަހުންނެވެ.
ޝެޝަން ނިމުމުން ހުރިހާ އެންމެން އޮފީސް ދޫކޮށްދާން ފެށިއެވެ. ނީލާ ފާޚާނާއަށް ވަނުމަށްޓަކައި އޭނާގެ ކެބިންއިން ނުކުތްއިރު އިޝާންވެސް ލެޕްޓޮޕް ދަބަސް ކޮނޑުގައި އަޅުވައިގެން ދާންތައްޔާރުވަނީއެވެ. އިޝާން ފަހަތްބަލާލިއިރު ނީލާ ބަލަހައްޓައިގެން ހުރުމުން އިޝާން ހިނިތުންވެލިއެވެ. ނަމަވެސް ނީލާ އެހިނިތުންވުމުގެ ރައްދުވެސް ނުދީ އަވަސް އަވަހަށް ފާޚާނާއަށް ވަދެއްޖެއެވެ. ނީލާގެ އެއަޅާލުން ކުޑަކަންފެނި އިޝާންގެ ހިތަށް އަސަރުކުރިއެވެ. އެމޫނުގައިހުރި އުފާވެރިކަން ގެއްލިގެން ދިޔައެވެ.
ފާޚާނާގައި ހުރެގެން ނީލާ ވިސްނަމުން ދިޔައެވެ. އިޝާން އަރޫނާއާ ސަމާސާކުރުމުން އަހަރެން ރުޅިއަންނަންވީ ކީއްވެގެން ހެއްޔެވެ؟ އިޝާން ކޮންމެ ގޮތަކަށް އުޅުނަސް އަހަރެން ދެރަވާންވި ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ހިތައްތަދުވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަށް އިޝާންދެކެ ލޯބިވެވުނީ ކީއްވެގެން ހެއްޔެވެ؟ ނުލިބޭނެކަން އެނގޭއިރުވެސް އެލޯތްބައް އެދެވެނީ ކީއްވެގެން ހެއްޔެވެ؟ ނީލާ މޫނުދޮވެ، ޓިޝޫއަކުން މޫނު ހިއްކާލުމަށްފަހު ފާޚާނާއިން ނުކުތެވެ. ވިސްނުމެއްގައި ހުރެ އޭނާގެ ކެބިންއަށް ވަތްވަގުތު ލޮލުގައި އަޅައިގަތީ މޭޒުމަތީގައި އޮތް ރަތްކުލައިގެ ފިނިފެންމަލުގައެވެ. ހައިރާންވީ ނަމަވެސް އަވަސް އަވަހަށް މާނެގުމަށްފަހު އޭގައިވާ ލިޔުންކޮޅު ކިޔާލިއެވެ.
” މިރޭ އަށްގަޑިބައިގާ ސުކޫލުން ބައްދަލުވެވިދާނެތަ؟ އަހަރެން ވާހަކައެއް ބުނަން ބޭނުންވެފަ ހުންނަތާ ވަރަށް ދުވަސްވެއްޖެ…..އަހަރެން އިންތިޒާރުކުރާނަން” ނީލާއަށް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނެވެ. އެންމެފަހުން އޭނާ ބޭނުންވެފައިހުރި ވަގުތު ޖެހުނީއެވެ. އިޝާން އޭނާއާ ބައްދަލުކުރަން ބޭނުންވީއެވެ. އެކަމަކު އަރޫނާއާ އިޝާންއާ އޮތީ ކޮންގުޅުމެއް ހެއްޔެވެ؟ އިޝާންއާ މެދު އޭނާއަށް ކުށްހީއެއް ކުރެވުނީކީ ނޫންބާއެވެ. އަރޫނާއާ ގުޅުމެއް އޮތްނަމަ އޭނާއާ ބައްދަލުކުރާކަށް އިޝާން ނޫޅޭނެތާއެވެ. ދަތުރު ދިއުމުގެކުރިން އަރޫނާއާ އިޝާން ވާހަކަ ދައްކާވެސް އުޅުނީ ހާލަކުން ފަހަރަކުއެވެ. ނަމަވެސް އިޝާން އޭރުވެސް ނީލާއާ ސަމާސާކޮށް ވާހަކަ ދައްކާހަދައެވެ. ވީއިރު އޭނާއަށް އިޝާންއާމެދު ކުށްހީއެއް ކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ އިޝާންގެ ހަޤީޤަތަކީ ކޮބާ ހެއްޔެވެ؟ އިޝާންއަކީ ހަމަ އަސްލުވެސް ނައީޝްބުނިފަދަ “ޕްލޭބޯއީ” އަކީ ހެއްޔެވެ؟
” ކޮންމެގޮތެއްވިޔަސް އަހަރެން މިރޭ އަންނާނަން….އިޝާން ކޮންމެވާހަކައެއް ދެއްކިޔަސް އަހަރެން އަޑުއަހާނަން…” ނީލާ ހިތާހިތުން ކިޔާލިއެވެ.
ރޭގަނޑުގެ ކެއުމަށްފަހު ނީލާ ކޮޓަރިއަށް ވަތްވަގުތު ނޭފަތުގައި ޖެހުނު ފޭރުވަހުން އެއްކަލަ ފޭރުމަތިން ހަނދާންވިއެވެ. ދަބަސް ނެގުމަށްފަހު ކަރުދާސްގަނޑުގެ ތެރޭގައި އޮތްފޭރު ނެގިއެވެ. އެއީ ވަރަށް ރީތިކޮށް ދޮންވެފައްކާ ވެފައިވާ ފޭރެކެވެ. ނީލާ އުފަލުން އިނދެ ފޭރުކާންފެށިއެވެ.
” އަހަރެންނަށް އެންމެމީރީ ފޭރުކަން އެނގޭތީތަ މިއަދު ފޭރެއްތިދިނީ؟….މިރޭ ހަމައަސްލުވެސް ޚާއްސަ ރެއަކީތަ؟” އިޝާންގެ ޚިޔާލުގައި ހުރެގެން ނީލާ ވާހަކަ ދައްކަމުން ދިޔައެވެ.
އަށެއްޖެހުމާއެކު ނީލާ ފެންވަރައި ތައްޔާރުވާންފެށިއެވެ. ލޯގަނޑުކުރިމަތީ ހުރިއިރު ތަފާފުކުލަތައް އޭނާގެ މޫނަށް ވެރިވަމުންދިޔައެވެ. ބައެއްފަހަރު ހިނިތުންވެލެވެއެވެ. އަނެއްބައި ފަހަރު ދެރަވެއެވެ. އެކިކަހަލަ ޚިޔާލުތަކުގައި ހުރެގެން ނީލާ ގެއިން ނުކުތެވެ. ސުކޫލާއި ގާތްވަމުން ދިޔަވަރަކަށް އޭނާގެ ހިތްވެސް އަވަސްވަމުން ދިޔައެވެ. ސުކޫލަށް ވަތްއިރު އޮފީސް ހުޅުވާފައި ހުރިތަން ފެނުމުން ނީލާ ކުޑަކޮށް ހައިރާންވިއެވެ. ނީލާ އޮފީހަށް ވަތްއިރު އަނިލް ފިޔަވައި އިތުރުމީހަކު ނެތެވެ. އިޝާން އަދި ނާންނަނީބާއޭ އޭނާގެ ހިތަށްއެރިއެވެ. މިގަޑީގައި އިޝާން އަތުވެއްޖެނަމަ އަނިލްގެ ހިތުގައި އެދެމީހުނާމެދު ޝައްކެއްވެސް އުފެދިދާނެކަން ނީލާއަށް ވިސްނުނެވެ. ނީލާ އޭނާގެ ކެބިންއަށް ވަދެ ގޮނޑީގައި ހަމަޖެހިލިއެވެ. ފޯނުނަގާފައި އިޝާންއަށް މެސެޖުކޮށްލަންވެސް ހިތައްއެރިއެވެ. ނަމަވެސް އަނެއްކާވެސް ޚިޔާލު ބަދަލުވިއެވެ.
12 Comments!
Comments are closed.
v salhi…?
saby kihinehh tha..mihaaru
Rythi
Wow vvvvvv salhi next part ves avahah up kohdehchey??????
wooaahh…<3
Anil kanneyge e invite kury aslu. And Aish ah heevany e feyruga konmes nubayeh ulheyhen…. Next part avas plz
ASLU
Anil kanneyge dhw maa dhiny
Anil aa naeesh aa gulhigen kamekkuran ulheny kanneynge ekam neelaa ah dheragothevviyanudheythi plx n waitin nxt
Woah! It’s amazing. When next part?
IT SO…………………….. NICE AMAZING STORY
ވަރަށް ވަރަށް ރީތި… ސާންޑީއަށް ހީވަނީ ޕްރިންސިޕަލްވެސް ނީލާއާ އަޅައިގަނެގެން އުޅެނީހެން