އެފިނިމެންދަން 2
ހަވީރުގެ ހިތަފަސޭހަ ވަގުތެވެ. އިޝާންގެ ހުރީ އޭނާ އުޅޭގޭގެ ދޮރާށި ދޮށަށް ނުކުމެ، ކުރިމަތީގައި އޮތް ފުޓްބޯޅަދަނޑުގައި ޒުވާނުން ކުޅޭ މަންޒަރު ބަލާށެވެ. އެގެއަކީ މީހުންދިރިއުޅޭ ސަރަހައްދާއި ދުރުން އަލަށްދީފައިވާ ގޯތިތަކުން ގޯއްޗެއްގައި އިމާރާޔަތް ކޮށްފައިވާ ގެއެކެވެ. އެހެންކަމުން އެގެ ފިޔަވައި އެހިސާބުގައި މީހުން އުޅޭ އިތުރު ގެއެއް ނުހުރެއެވެ. ދެންއޮތީ ހައްތަހާވެސް ފަޅުގޯތިތަކެވެ. ކުރިމަތީގައިވާ ފުޓްބޯޅަ ދަނޑުގައި ކުޅޭ ކުދިންގެ ސަބަބުން ދުވާލުގަޑީގައި އެހިސާބަށް ދިރުން ގެނެސްދެއެވެ. އިޝާން އާއި ނައީޝް ފިޔަވައި އެގުރޫޕްގެ ހުރިހާ އެންމެންވެސް ދިޔައީ ރަށުގެ އެހެން ކުދިންނާއެކު ފުޓްބޯޅަ ކުޅޭށެވެ. އޭނާހުރީ ކުޅޭހިތް ނުވެފައެވެ. ނައީޝްއާ ދެމީހުން ދެބަސްވީފަހުން އަދި އޭނާގެ މޫޑު ހަމަޔަކަށް ނޭޅެއެވެ. ނައީޝްވެސް ހިތްހަމަ ނުޖެހިފައި ހުރުމުގެ ސަބަބުން އެމީހުނާއެކު ކުޅެން ނުދިޔައީއެވެ.
ނައީޝް ފިޔަވައި ދެންތިބި ހުރިހާ އެންމެންނަކީވެސް އިޝާންގެ ސުކޫލު ދައުރުގެ ރަހުމަތްތެރިންނެވެ. ނައީޝްއާ އެކުވެރި ވެވުނީ ޒިހާންގެ ފަރާތުންނެވެ. އަދިވެސް އޭނާއަށް ނައީޝް އާއެކު އެހާގާތްކޮށް އުޅެން އުނދަގޫވާ ސަބަބަކީ އެއީއެވެ. އޭނާއަކަށް ނައީޝް އަންހެންކުދިންނާމެދު ގެންގުޅޭ އުސޫލު އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. އެނޫނަސް ނައީޝްގެ ކިބައިގައި އޭނާ ހިތްހަމަ ނުޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުއްޓެވެ. އިޝާން މިރަށަށް އައިއިރު އޭނާގެ އެކުވެރިން ގެނައީ އެކީގަ މަޖާކޮށް ހިތްހަމަ ޖައްސާލާށެވެ. ޒިހާން އައިއިރު އޭނާގެ ފަހަތުން ނައީޝް އައުމުން އިޝާން އެހާ ހިތްހަމައެއް ނުޖެހުނެވެ. ނަމަވެސް ދެކޮޅު ހަދަން ނުކެރިގެން އެއްޗެއް ނުބުނެހުރީއެވެ.
ކުޅޭތަން ބަލަން އިރުކޮޅަކު ހުރުމަށްފަހު އިޝާން ގޮނޑުދޮށާއި ދިމާއަށް ބަލާލި ވަގުތު ރަތްކުލައިގެ ޝޯލްއެއްއަޅައިގެން ކަޅު ހެދުމެއްގައިހުރި އަންހެން ކުއްޖަކު އެކަނިމާއެކަނި ގޮނޑުދޮށުން ހިނގާފައިދާތީ ފެނުނެވެ. އެއްކައިރިއަކަށް ހުރުމުން މޫނުފެންނަގޮތެއް ނުވިއެވެ. އެގޭގެ ދޮރުމަތީގައި ހުންނައިރު، އަތިރިމަތިން އެމަގު ހުރަސްކޮށްފައި ދާމީހުން ހަމަ ރީތކޮށްވެސް ފެނެއެވެ. ބައެއް ފަހަރު ވައިހުންނަގޮތުން މީހުން ދައްކާ ވާހަކަވެސް އިވެއެވެ. އެހާވެސް ގެއާއި ގޮނޑުދޮށާއި ކައިރިއެވެ. އިޝާންއަށް ބޭއިޚްތިޔާރުގައި އެދިމާއަށް ހިނގައިގަނެވުނީ ނީލާގެ މަތިން ހަނދާން ވެގެންނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮނޑުދޮށަށް ފޭބިއިރު އެއަންހެން ކުއްޖާ ފެންނާކަށް ނެތެވެ. ދެކޮޅު ހޯދާ ބަލާލުމުންވެސް އެއްވެސް އިޝާރާތެއް ނެތެވެ. ހީވިގޮތެކޭ ހިތައި އިޝާން އެނބުރި އައިކޮޅަށް ހިނގައިގަތެވެ.
ނީލާއަށް ހޭޅިފަށުގައިހުރި މާގަހަކުން މަލެއްފެނިގެން ވަދެ މާބިނދެލުމަށްފަހު އަނެއްކާވެސް ގޮނޑުދޮށަށް ފައިބައިފައި ދެކޮޅު ހޯދާލީ އެއްވެސް މީހަކު ފެނޭތޯއެވެ. އެވަގުތު ފުރަގަސްދީގެން ހިނގާފައިދިޔަ އިޝާން އޭނާއަށް ފެނުނެވެ. ފުރަގަހުން ފެނިފައިވެސް އެއީ އިޝާންކަން އޭނާއަށް އެނގުނެވެ. ގޮވާލަން ހިތްއެދުނު ނަމަވެސް ގޮވާލާކަށްވެސް ނުކެރުނެވެ. އިޝާން ގޮސް އޮބާލުމުން ނީލާވެސް ގެޔަށް ދިއުމަށްޓަކައި މިސްރާބު ޖެހިއެވެ. އެވަގުތު ފަހަތުން މީހަކު ގޮވާލިހެން ހީވެގެން ނީލާ ފަސްއެނބުރި ބަލާލިއެވެ.
އެއާއެކު ރަށުގެ އުތުރުކޮޅުން ހިނގާފައި އައި މީހަކު ނީލާއަށް ހަނާއަޅާލިއެވެ. ނީލާ ކުޑަކޮށް ހައިރާންވެފައި ހުއްޓައި އެމީހާކު ދުވެލާފައި ތަންކޮޅެއް ގާތަށްއައުމުން އެއީ ކާކުން އޭނާއަށް އެނގުނެވެ.
” އެކަނިތަ މިއަދުވެސް ކުޅިބަލާލަން ދިޔައީ؟” ދުވެފައި އައިސް ނީލާގެ ދާދިގާތަށް ހުއްޓެމުން ނައީޝް އަހާލިއެވެ.
” ނޫނޭ….މިއަދު ކުޅިއަކަށް ނުދަން…..ދެންހަމަ ހިނގާލީ….މިހާރު މިދަނީ ގެޔަށްދާންވެގެން..” ހިނިތުންވަލާފައި ނީލާ ޖަވާބުދިނެވެ.
” ކޮންއަވަށަކު އުޅެނީ؟….މިހެން މިބުނީ މިތާކައިރިން ނުފެންނާތީ…” ނައީޝް ވަރަށްގާތްގޮތަކަށް އަނެއްކާވެސް އަހާލިއެވެ.
” ނޮޅިވަރަންފަރު އަވަށުގަ…..މިބުނީ ގިނަމީހުން ކިޔާއުޅޭގޮތަށް….ގެހުންނަނީ ސުކޫލާ ދިމާލުން ގޮނޑުދޮށާ ކައިރީގަ..” ނީލާވެސް ނައީޝް އާ ވާހަކަ ދެއްކީ ހަމަ އެހާގާތްގޮތަކަށެވެ. އެހެންކަމުން ނައީޝްގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ދެމީހުން އެކީގައި ހިނގާފައި އައިއިރު ދުރުދުރުން އެކި އެކި ސުވާލު ނައީޝް ނީލާއާ ކުރަމުން ދިޔައެވެ. ނަމަވެސް ސީދާގޮތެއްގައި ޒާތީ އެއްވެސް ސުވާލެއް ކުރާކަށް ނައީޝް އަކަށް ނުކެރުނެވެ. ނައީޝް ބޭނުންވީ މަޑުމަޑުން ނީލާއާ ގުޅުމެއް އުފައްދާށެވެ.
އިޝާން އެއްގަމަށް އަރާފައިވެސް ތަންކޮޅަކަށް ގޮސްފައި ކުރެދި ގަސްތަކެއްގެ ކައިރީގައި މަޑުކޮށްލައިގެން ހުރީ މޫދާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޮއްސެމުންދިޔަ އިރުގެ ސަބަބުން ދުނިޔެމައްޗަށްވަނީ ހިތްގައިމު ކުލައެއް ވެރިވެފައިވެއެވެ. ޖެހެމުންދިޔަ ފިނިފިނި ރޯޅިތަކުން މޫނުގެ އިތުރުން ހިތަށްވެސް ތާޒާކަމެއް ލިބިގެން ދިޔައެވެ. އިޝާން އެތާހުއްޓައި ދެމީހަކު ވާހަކަ ދައްކާއަޑު އިވިގެން ކުޑަކޮށް ކުރިޔަށްޖެހިލާފައި ބަލާލިއިރު ނައީޝްއާއި ނީލާއާ ދެމީހުން ހެވިފައި ތިބެ ވާހަކަ ދައްކަމުން އާދެއެވެ. އިޝާން އަވަސް އަވަހަށް ފަހަތަށް ޖެހިލާފައި ގަސްތަކާ ނިވާވިއެވެ. ނީލާ ނައީޝްއާ ވާހަކަދައްކަމުން އައީ އިސްޖަހައިގެން ހުރެކަމަށްވީތީ އޭނާއަކަށް އިޝާންއެއް ނުފެނެއެވެ. ނަމަވެސް ނީލާއާ ދިމާއަށް އެއްޗެއް ބުނަން އިސްއުފުލާލިވަގުތު އިޝާން އެމީހުނާ ދިމާ ބަލަހައްޓައިގެން ހުރި މަންޒަރު ހަމަރީތިކޮށްވެސް ނައީޝްއަށް ފެނުނެވެ. އިޝާންހުރީ އެމީހުންފެނި ހިތްހަމަ ނުޖެހިފައިކަން
އެނގުމުން ނައީޝްގެ ހާތަށް ނުލަފާ ހިންޏެއް އައެވެ. އަދި ކުރިއަށްވުރެވެސް ބޮޑަށް ނީލާއާ ގާތަށްޖެހުނެވެ. ތަންކޮޅަކަށް ގޮސްފައިވެސް ނައީޝް ފަސްއެނބުރު ބަލާލީ އިޝާން އިތުރަށް ރުޅިއެރުވުމަށެވެ.
ހިތްހަމަ ޖައްސާލުމަށްޓަކައި ގޮނޑުދޮށުގައި މަޑުކޮށްލުމުން މިފެނުނީ އެންމެ ހިތްނޭދޭ ފަދަ މަންޒަރެކެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތަށް ލިބުނު ނުތަނަވަސްކަންވީ އިތުރެވެ. ނައީޝްގެ ގާތުގައި ހިނިތުންވެލައިގެން ވާހަކަ ދައްކަން ހުރުމުން ނީލާދެކެވެސް ރުޅިއާދެވު ފައިހޫރާލެވުނީ ބޭއިޚުތިޔާރުގައެވެ.
“އާއާހް!” ގަލެއްގައި ފައިޖެހުނުލެއް ބާރުކަމުން ވީތަދުން އިޝާންއަށް އަޑެއް ލައްވާލެވުނެވެ. ފަޔަށްވީތަދަށްވުރެ ހިތަށް ލިބުނު އަނިޔާ ވަކީން ކުޑައެއް ނޫނެވެ. ކޮރުޖަހަމުންވެސް ގެޔާދިމާއަށް އިޝާން ދިޔައީ ނުހަނު ބާރަށެވެ. ނީލާގެ ފަހަތުން އެކިއެކި ވާހަކަ ދައްކަމުން ނައީޝް އަންނާތީ އޭނާއަށް ހުރީ އުނދަގޫވެފައެވެ. ނައީޝް ކިތަންމެ ހިތްހެޔޮކަމާއެކީ ވާހަކަ ދެއްކި ނަމަވެސް ނީލާއަކަށް އެވާހަކަ ތަކާއި ގަޔާވެވޭ ގޮތެއް ނުވިއެވެ. އިޝާންގެ އަޑުގައި އެހުންނަ ހިތްގައިމުގޮތް ނެތީމަކަމަށްވެސް ވެދާނެއެވެ.
” ދެން އަހަރެން ދަނީ އިނގޭ!” ނީލާގެ ގެހުންނަ މަގާދިމާއަށް އާދެވުމުން އެހެން ބުނެލުމަށްފަހު އޭނާ އަވަސް އަވަހަށް ހިނގައިގަތެވެ.
” މަޑުކޮށްބަލަ ދެން ކޮންއިރަކުން ދިމާވާނީ؟” ނީލާއާ ދިމާއަށް ހިނގައިގަންނަމުން ނައީޝް އަހާލިއެވެ.
” ދެން މިރަށުގަ އުޅެންޏާ ދިމާވެސް ވާނެއްނު!….ދެން ގޮސްލަނީ..” ނީލާހުރީ އަވަހަށް އެތަނުން ނުދެވިފައެވެ.
” އޯކޭ…..ބާއީ” ނީލާއާ ދިމާއަށް އަތްހޫރާލަމުން ހިނިތުންވެލާފައި ނައީޝް އަނެއްކާވެސް ގޮނޑުދޮށަށް ފައިބައިގެން ހިނގައްޖެއެވެ.
ހިނިތުންވެހުރެ ނައީޝް ގޭތެރެއަށް ވަނުމުން ސިޓިންރޫމުގައި ތިބި އަމާންއާއި ޝިޔާންއަށް ހައިރާންކަން ލިބުނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ހަވީރު ރުޅިމޫނު ހަދައިގެންހުރެ ގެއިން ނުކުމެގެން ދިޔަމީހާ މިހާރު އެހުރީ ނުލާހިކު އުފާވެފައެވެ.
” ނައްޓޭއަށް މާވަހަރެއް ލިބުނީތަ..ހާދައުފާވެފަ ތިހުރީ؟” ޝިޔާންއަށް ނީނދެވިގެން އަހާލިއެވެ.
” މަ މިއަދު އަލަށްތަ މިއުފާވީ؟……މިހުރިހާ ދުވަހު މަރުއީތަ؟……ކަލޭމެންވަރު ބޯގޯސް ސުވާލުކުރާބައެއް މަނުދެކެން….އެހެން ނޫނަސް މާވަހަރަކަށްވުރެ އަގުބޮޑު އެއްޗެއްވެސް މަށަށް ލިބިދާނެއްނު!….މައަތުގަ މިހާރުވެސް ހުންނާނެ މާވަހަރަކަށްވުރެވެސް މަށަށް އޭގެ ބޭނުން ހިފޭނެ އެއްޗެހި……އެކަމު ކަލޭމެން ކަހަލަ ބޯގޯސްބަޔަކަށް ހިޔެއްނުވޭ ބުނެދިނަސް އެނގޭނެ ހެނެއް؟” އެއްފަރާތުގައި ހުރި ސޯފާގޮނޑީގައި އިށީނދެ ހަމަޖެހިލަމުން ނައީޝް ވާހަކަ ދެއްކިއެވެ. ޝިހާންއާ އަމާން ތިބީ ނައީޝް ދެއްކި ވާހަކަ ފަހުމް ނުވެފައެވެ. އެކަކު އަނެކަކަށް ނިތްއެއްލަމުން ދެކޮނޑުއަރުވާލި ގޮތުންވެސް އެކަން ދޭހަވިއެވެ. ނައީޝް ހިނިގަނޑެއް ޖަހާލާފައި ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު އިޝާންވެސް ނަމާދަށް ދިއުމަށްޓަކައި ތައްޔާރުވެގެން އޭނާގެ ކޮޓަރިން ނުކުންނަނީއެވެ. ނައީޝް ފެނުމާއެކީ އިޝާންގެ މޫނުގެ ކުލަ އިސާހިތަކު ބަދަލުވެގެން ދިޔައެވެ.
” އަދިވެސް މަދެކެ ރުޅިއައިސްފަތަ؟….ކަމޯން މިހާރު އަހަރެން ހަނދާންވެސް ނެތް އެދުވަހު ދެއްކި ވާހަކަތައް…..ދެން ޝާންވެސް ރުޅިމަޑުކުރަންވީނު!” އިޝާންގެ ކޮނޑުގައި އަތްޖައްސާލަމުން ނައީޝް ދެރަވެލާފައި ބުންޏެވެ. އިޝާން ކުއްލިއަކަށް ނައީޝްގެ އަތް ފޮޅުވާލާފައި ވާހަކަ ދައްކަން ފެށިއެވެ.
” އެހެންތަ؟….ނައްޓޭހިކުރަނީ މަމީ މޮޔައެއްކަމަށްތަ؟……މިއަދު ކޮން ޑުރާމާއެއް ޖައްސައިގެން ނީލްގެ ފަހަތުން ދިޔައީ؟…..ހިތުން މާމޮޅު ރޭވުމެއް ރާވައިގެން ނީލް ހައްލާލަންދޯ ތިއުޅެނީ؟…..މަކުރިންވެސް ކަލޭކައިރީ ބުނެފަ އޮންނާނީ ނީލްއާ ދިމާ ނުކުރައްޗޭ!….ކަލޭގެ ހައިސިއްޔަތެއްނޫން އެއީކީ…..އެއީ މިރަށުގަ މީހުންގެ އިހުތިރާމާ ލޯބިލިބޭ ގަދަރުހުރި އަންހެން ކުއްޖެއް……ސުކޫލުގެ ޕްރިންސިޕަލް އެއީ……ކޮންމެހެން އޭނާ ފަހަތުން އުޅެ އޭނާ ބަދުނާމުކުރަން ހަދާނެކަމެއް ނެތް…..ފަހުފަހަރަށް މަމިއިންޒާރުދެނީ…..ދެން މަށެއް ނުވެއްބުނާނަން….ހަނދާންކުރާތި!” ނައީޝްއަށް އިންޒާރު ދިނުމަށްފަހު މަޑުވެސްކޮށްނުލައި އިޝާން ނުކުމެގެން ދިޔައީއެވެ. އެކުވެރިންގެ ކުރިމަތީގައި އެގޮތަށް ބަވާލުމުން ނައީޝް މޫޑް ވަގުތުން ބަދަލުވިއެވެ. އޭނާ ކެތްކޮށްގެން އެއްޗެއް ނުބުނެހުރި ނަމަވެސް އެތެރެހަށީގައި ހުޅުރޯވަނީއެވެ. އިޝާންގެ އިންޒާރުތަކަށް އޭނާ ބިރުގަންނަންވީ ކީއްކުރަން ހެއްޔެވެ؟ އޭނާއަށް އިންޒާރުދޭން އިޝާން އެއީ ކާކުހެއްޔެވެ؟ ނައީޝް ކޮޓަރިއަށް ވަންނަން ހިތަށް އަރާފައިވެސް އެނބުރި އައިސް ސޯފާގައި އިށީނދެއްޖެއެވެ. އަދި އަނގައިންވެސް ނުބުނެ އެއިންގޮތަށް އެތައްއިރަކު އިނެވެ.
“ނައީޝް….ދެންއެކަމާ އަޅާނުލާ…..ޝާން ކޮންމެވެސް އެހެންކަމަކާ ބޯގޮވާފަ ހުރީމަ އެހާ ރުޅިއައިސްގެން އެއުޅެނީ……އެހެންޏާ ޝާން ފަސްމިނެޓަށްވުރެ ގިނައިރު ރުޅިއައިސް ހުއްޓައެއް ނުފެންނާނެ…ދޯ އަމާން؟” ޝިޔާން ނައީޝް އަށް ވިސްނަދިނުމަށް މަސައްކަތްކުރިއެވެ.
“ވެދާނެ ތިހެން…..އެކަމު އެކަމު އޭނާ އަބަދުވެސް މަދެކެ ހިތްހަމަ ނުޖެހިފަ ހުންނަނީ…….ވެދާނެ މަމީ އޭނާގެ އެކުވެރިއެއް ކަމަށް ގަބޫލު ނުކުރަނީކަމަށްވެސް…..މަށަށްހީވަނީ މަދާންވީހެން އަވަހަށް މާލެއަށް…..ޝާން އެހާ ރުޅިއަންނައިރު މަކިހިނެއް އޭނަ ހިފާފަ ހުންނަގެޔެއްގަ ހުންނާނީ…..މަވެސް އޭނައަކީ އެކުވެރިއެއްކަމަށް ގަބޫލުކުރާތީ މިރަށަށް އައީ…” ނައީޝް ދެރަވެލާފައި ވާހަކަ ދެއްކިގޮތުން ދެންތިބިމީހުންގެ ހިތްތަކުގައި އޭނައާމެދު ހަމްދަރުދީ އުފެދުނެވެ. ނައީޝް އެބުނީ ތެދެއްކަން އެމީހުންނަށްވެސް ގަބޫލުކުރެވުނެވެ. ޒިހާންއިނީ އެކަމާ ވަކީންބޮޑަށް ދެރަވެފައެވެ. އެދެމީހުން ސުލްހަކުރަން އޭނަ ކިތަންމެހައިވެސް ބޭނުމެވެ.
” ނައީޝް….ރިލެކްސް ހިނގާ މިސްކިތަށް ގޮސް އަންނަން…..މިރޭ ހަމަޖެހިލައިގެން ތިވާހަކަ ދައްކާނީ..” ނައީޝްގެ ބުރަކަށީގައި ޖަހާލަމުން އަމާން އޭނާއަށް ހިތްވަރުދިނެވެ. އެކުވެރިންގެ ސަމާލުކަން ލިބުމުން ނައީޝް ވަރަށް އުފާވިއެވެ. އެމީހުންގެ ފަހަތުން އޭނާވެސް މިސްކިތަށް ދިއުމަށްޓަކައި ހިނގައިގަތީ ހިނިތުންވެ ހުރެއެވެ. އިޝާނަމާދަށްފަހު އެންމެން އެއްކޮށް ރެސްޓޯރެންޓަށް ކާންދިޔައެވެ. އޯޑަރ ދިނުމަށްފަހު ޒިހާން އެންމެނާ ދިމާއަށް އެނބުރިފައި ވާހަކަ ދައްކަން ފެށިއެވެ.
” ހުރިހާ އެންމެންވެސް ރަނގަޅަށް އަޑުއަހާތި!….އަހަރެމެން އެންމެން ޗުއްޓީ ނަގައިގެން މިރަށަށް އައީ ހަމަ އެންމެ ބޭނުމަ….އެކީގަ ވަގުތުކޮޅެއް ހޭދަކޮށްލާ މަޖާކޮށްލަން…..އެކަމަކު މިހާރު ކަންތައްތައް މިދަނީ ދިމާ އިދިކޮޅަށް……އެހެންވީމަ ޝާންއާ ނައީޝްއާ ދެމީހުން އެބަޖެހޭ ތިކޯޅުންގަނޑު ނިންމާލަން…..ތިކަންތައް ކޮންމެވެސް ކޮޅެއްގަ ޖައްސާފަ ނޫނީ މިތަނުން ގޮސްގެންނުވާނެ މިރޭ….އިރުއެރިޔަސް ވަރިހަމަ މަށަށް…” އިޝާންއާއި ނައީޝްއަށް ބަލާލާފައި އަމުރުވެރި ގޮތަކަށް ޒިހާން ބުންޏެވެ. އިޝާންގެ ގާތަށް ހިނިވެސް އައެވެ.
” އޯކޭ އޯކޭ……ހިނގަމާ ގޮތަކަށް އެއްބަސްވާން……އަހަރެން މިބުނާގޮތަށް ނައީޝް އެއްބަސް ވަންޏާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް….އޯކޭތަ؟” ނައީޝްއަށް ބަލާލަމުން އިޝާން އަހާލިއެވެ.
” ހޫމް ބުނެބަލަ!” ޒިހާން އިޝާންއަށް ފުރުސަތުދިނެވެ.
” އަހަރެން މިބުނާ އެއްޗެއްވެސް ރަނގަޅަށް އަޑުއަހާތި!….ކަލޭމެން މިރަށަށް ތިއައީ މަޖާކުރަން…..އެކަމަކު އަހަރެން މިރަށަށް މިއައީ ވަޒީފާއެއް ހޯދައިގެން މިތާއުޅެން…..ކަލޭމެން މިތާ ގަންނާނެހާ ގަނޑެއްގެނެފަ ދިޔައީމަ އެކަމުގެ ހުތުރުނަން ލިބޭނީ މަށަށް……މަގެނައި ބަޔަކު އެދިޔައީ މިވެނި ވައްތަރަކަށް އުޅެފައޭ ބުނާނެ…..އޭރުން އެވެއްޓުނީ މަގޭއަގު…..ދެން ނީލްގެ ވާހަކަ…..މަށަށް އޯކޭ ކަލޭމެންގެ ތެރެއިން ކޮންމެމީހަކު އޭނަޔާ ވާހަކަ ދެއްކިޔަސް…..އެކަމަކު އިހުތިރާމާ ގަދަރާއެކު ވަކި ލިމިޓެއްގަ…..މުސްތަޤުބަލްގަ ނީލްވާނީ އަހަރެންގެ ބޮހަށް…..ވިސްނާނުލާ ކަލޭމެން ކުރާކަމަކުން އަހަރެންނަށް ލިބެން އޮތް ޖޮބްވެސް ހިނގައިދާނެ…..މިހާރު ވިސްނިއްޖެތަ އަސްލު މައްސަލަ؟…” އެންމެން ހިމޭންކަމާއެކު އިޝާން ދެއްކި ވާހަކަތައް އަޑުއެހިއެވެ. އިޝާން ދެއްކިވާހަކަ އެންމެންވެސް ގަބޫލުކުރިއެވެ. ނައީޝްވެސް އެންމެންގެ ކުރިމަތީ އެވާހަކަ ތަކާއި އެއްބަސްވިއެވެ. ނަމަވެސް އޭނަގެ ހިތުގައި އޮތް އަޒުމެއް އަދިވެސް ބަދަލެއް ނުވެއެވެ.
އޭގެ ދެދުވަސްފަހުން އިޝާންއަށް ސުކޫލުން ވަޒީފާ ހަމަޖެހުނުކަން އެންގިއެވެ. އިޝާންގެ އިތުރުން އޭނާގެ އެކުވެރިންވެސް އެކަމާ އުފާކުރިއެވެ. ފަތިހުފަތިހާ ތެދުވެ ފެންވަރާ ނަމާދުކޮށްގެން އިޝާން ސުކޫލަށް ދާން ތައްޔާރުވިއެވެ. ވަޒީފާއަކަށްދާ ފުރަތަމަ ދުވަސްކަމުން ހިތްތެޅޭވަރުން ގަޑިޖެހުމުގެ ފަނަރަ މިނެޓުކުރިން އިޝާންހުރީ ސުކޫލުގެ ކައިރީގައެވެ. ސުކޫލު ގޭޓްކުރިމަތީ ހުއްޓިލައިގެން އިޝާން ހުއްޓައި ބައިސްކަލެއްގައި އައި އަންހެން ކުއްޖަކު ވަރަށް ބާރަށް އިޝާންއާ ދިމާއަށް އައެވެ. އިޝާން ހީކުރީ އެކުއްޖާ ބުރެކި ޖައްސާނެ ކަމަށެވެ. ނަމަވެސް އެބައިސްކަލްގައި ބުރެކި ނެތްކަން އެނގުނުއިރު އޮތީ ވާނެ ގޮތެއްވެ ނިމިފައެވެ. އިޝާންގެ ގައިގާ ބައިސްކަލުން ޖެހި، ބައިސްކަލާއެކު އެއަންހެން ކުއްޖާވެސް ވެއްޓުނެވެ. އިޝާންވެސް އަރިއަޅާލައިގެން ދިޔަ ވަގުތު ފާރުގައި ހިފެހެއްޓުނު ކަމުން ނުވެއްޓި ސަލާމަތްވިއެވެ. ނަމަވެސް އޭނާގެ ފަޓްލޫނުގެ ބޮޑުބައިގައި އޮތީ ކިލަޔާއި ހިރަފުހުން ތަތްތެޅިފައެވެ. އެހައި މައިރާ ތެދުވެ ވަރުގެކޮޅަށް ތައްޔާރުވެގެން އައިސް ހުއްޓައި ލިބުނު ލަނޑުން އިސާހިތަކު އޭނާގެ ގާތަށް ރުޅިއަތުވެއްޖެއެވެ. އިޝާން ދެލޯބޮޑުކޮށްފައި ރުޅިވެރި ނަޒަރަކުން އަންހެން ކުއްޖާއަށް ބަލާލިއެވެ. އަންހެން ކުއްޖާހުރީ ބިރުންގޮސް ހަދާނެ ގޮތް ހުސްވެފައެވެ.
“ސޮރީ!” ވަރަށް ބިރުންހުރެ މަޑުމަޑުން އަންހެންކުއްޖާ ބުންޏެވެ. އެވަގުތު ހަލުވިކަމާއެކު ބައިސްކަލްގައި އައި ނީނާއަށް އެދެމީހުންފެނި ހިސާބަކަށް ހައިރާންވެފައި ގޭޓްކައިރިއަށް ބައިސްކަލް މަޑުކޮށްލިއެވެ.
“އަރޫ ކިހިނެއްވެފަ ތިހުރީ؟!ބައިސްކަލުން ވެއްޓުނީތަ؟” އިޝާންއާއި އަންހެންކުއްޖާއަށް ފުންކޮށް ބަލާލަމުން ނީނާ އަހާލިއެވެ.
“އެކްސިޑެންޓްވީ” އަންހެން ކުއްޖާ ނީނާގެ ގާތަށް ޖެހިލާފައި ސިއްރު ސިއްރުން ބުނެލިއެވެ. އެވަގުތު ނީނާގެ ހިނގަނޑު ފަޅައިގެން ދިޔައެވެ. ދެމީހުންނަށް ވެފައި ތިބިގޮތްފެނި ، އެކްސިޑެންޓްވީ މަންޒަރު އޭނާގެ ސިކުނޑިއަށް ސިފަކުރެވުނީއެވެ. އިޝާން ނީނާއަށް ބަލާލާފައި ދެބުމަ ކައިރިކޮށްލިއެވެ.
“ސޮރީ…ސޮރީ…މަށަށްހީވަނީ ދެމީހުންވެސް ޖެހޭނީ ހެދުން ބަދަލުކުރަންހެން….އަހަރެން މިދަނީ އޮފީސްހުޅުވަން…ދެމީހުންވެސް އަވަހަށް ސޮއިކޮށްލާފަ ގެޔަށްދާންވީނު!” އަވަސް އަވަހަށް ހިނިގަނޑު މަތަކުރަމުން ނީނާ އެމީހުނަށް ލަފާދިނެވެ. ނީނާ އޮފީސް ހުޅުވުމަށްފަހު އިޝާންއަށް ސޮއިކުރާ ފައިލް ދައްކާލިއެވެ. އިޝާން ސޮއިކުރުމަށްފަހު އަވަސްވެގަތީ އެހެންމީހުން އަންނަންވާއިރަށް ގެޔަށްދިއުމަށެވެ. އޮފީހުގެ ދޮރުން ނުކުމެ ނުކުމެހުއްޓާ އަނެއްކާވެސް އިޝާން މީހެއްގެ ގައިގާ ލައިގެންފިއެވެ. ހުޝިޔާރުކަމާއެކީ އިޝާން އޭނާ ނުހިފެހެއްޓިނަމަ ދެމީހުން އެކުގައި ވެއްޓުނީހެވެ. ރަނގަޅަށް ހަމަޖެހިލަމުން އިޝާން ބަލާލިއިރު އެއީ ނީލާއެވެ.
“އޯހް ސޮރީ” ނީލާ އަވަސް އަވަހަށް ދުރަށްޖެހިލަމުން ހިނިތުންވެލިއެވެ.
“ނޯ، އައި އެމް ސޮރީ…ބަޓް ބީކެއަރފުލް މޭމް!” ލާނެއް ގޮތަކަށް ހީލާފައި އިޝާން ބުނެލިގޮތުން ނީލާއަށް އިތުރަށް ހެވުނެވެ. އިޝާން އަވަސް ފިޔަވަޅުތަކެއްގައި ގެޔާދިމާއަށް މިސްރާބުޖެހިއިރު ސުކޫލަށް އަންނަމުންދާ ކުދިންނާއި ބެލެނިވެރިން ދުރުދުރުން ފެނެއެވެ. އެއިން މީހަކަށް ނުފެނި ގެޔަށްދެވޭތޯ އޭނާ ހިނގުން ކުރިޔަށްވުރެވެސް ބާރުކޮށްލިއެވެ.
އިޝާން ހެދުން ބަދަލުކޮށްގެން އަލުން އެނބުރި ސުކޫލަށް އައިއިރު ހުރިހާ މުއައްޒަފުންހެން އައިސް ނިމިއްޖެއެވެ. އޮފީސްތެރެއަށް ވަދެގެން ދިޔައިރު އިދާރީ މުއައްޒަފުން އެމީހުންގެ މަސައްކަތާއިގެން ކުރިއަށް ދެއެވެ. އިދާރީ މުއައްޒަފުންގެ ތެރެއިން ކުރީދުވަހު އޭނާއަށް ނުފެންނަ ތިންކުއްޖަކުވެސް މިއަދު އެބަތިއްބެވެ. އިންޓަވިއުއަށް އައި ދުވަހު އޭނާއަށް ފެނުނީ ހަމައެކަނި ނީނާއެވެ. އިޝާން ވަނުމާއެކު ނީނާ ހިނިތުންވެލާފައި އޭނާގެ ކެބިންއިން ނުކުތެވެ.
“މިއީ އިޝާންގެ ކެބިން އިނގޭ!….އިތުރު ކަމެއް އޮޅުން ފިލުވަން ބޭނުންނަމަ އަޅުގަނޑަށް އަންގާލާ….އައި އެމް އޯލްވޭސް އެވެއިލެބަލް…” ނީނާގެ ކެބިންއާއި ޖެހިގެންހުރި ކެބިން ދައްކާލަމުން ނީނާ ބުންޏެވެ. ނީނާގެ ހިތްހެޔޮކަމާއި ގާތްކަން ފެނިފައި އިޝާން ވަރަށް ހިތްހަމަ ޖެހުނެވެ.
“އާނ! އަދިބުނަން…އިރުކޮޅަކުން ޕްރިންސިޕަލް ދުރުވާނެ…..ޕްރިންސިޕަލް ބުނުއްވާފައޮތީ އިޝާން ޕްރިންސިޕަލްއާ ބައްދަލުކޮށްލާށޭ …” ދާން ހިނގައިގެންފައިވެސް އެނބުރި އިޝާންއަށް ބަލާލަމުން ނީނާ ބުންޏެވެ.
” ޕްރިންސިޕަލް އެބައިންނެވިއެއް ނޫންތަ؟.” ނީލާގެ ކެބިންނަށް އިޝާރާތްކޮށްލަމުން ކުޑަކޮށް ހައިރާންވެފައި އިޝާން އަހާލިއެވެ.
” ނޫނޭ…ނީލާ މިސްއަކީ ޑެޕިއުޓީ ޕްރިންސިޕަލް……އަނިލް ސަރއަކީ ޕްރިންސިޕަލް….އިޝާން އަކަށް ނޭނގޭތަ؟….ކުރިން ދުވަހު ނުބުނޭތަ؟” ނީނާ އިޝާންގެ ކެބިންގެ ބިތުގައި އަތް އަޅުވާލަމުން ސުވާލުކޮށްލިއެވެ.
” އެދުވަހު އިންޓަރވިއު ކުރީ ނީލާ މޭމް ވިއްޔަ….އެހެންވެ މަހީކުރީ އެއީ ކަމަށް ޕްރިންސިޕަލް….ބުނިވެސް ކަންނޭނގެ…..މަށަށް އޮޅުނީ ކަމަށް އެވާނީދޯ” އިޝާން ބޯކަހާލާފައި އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.
” ނޯޅޭވަރެއްތަ…..ބައްދަލުކުރަން އައިމީހާ ނޫންމީހަކާ ބައްދަލުވީމާ ވީގޮތްމީ….މިވީގޮތުން އަލުން ބަލުން ޕްރިންސިޕަލްއާ ބައްދަލުކޮށް ތައާރަފްވާން ދޯ ޖެހޭނީ؟.” އިޝާން އަނެއްކާވެސް ނީނާއަށް ބަލާލާފައި ހީލިއެވެ.
“އޯކޭ އައި ވިލް މީޓް ހިމް” އިޝާން ހިނިތުންވެލަމުން އޭނާގެ ގޮނޑީގައި ހަމަޖެހިލިއެވެ. ނީނާ ހިނިތުން ވެލާފައި ގޮސް އޭނާގެ ކެބިންއަށް ވަނެވެ.
” އޭތް…އިމްނާއަށް އެނގޭތަ… މިއަރޫއަށް ވަރުގަދަ ލަނޑެއް ލިބިގެން އުޅޭ މަ އޮފީސް ހުޅުވަން އައިއިރު…..ބައިސްކަލުން ވެއްޓި މުޅިމީހާއޮތީ ކިލާގަނޑެއްހެން ވެފަ…..އަދި އެނގޭތަ މިއަދު އަލަށް އައި ކުއްޖާއާ އެކްސިޑެންޓް ވެފައޭ ވެއްޓުނީވެސް….މައައި އިރު ދެމީހުން ތިބިގޮތް ފެނިފަ މަ ހީހީ ކިރިޔާ ހަލާކުނުވީ..” ފަރި ހިނގުމެއްގައި އޮފީސްތެރެއަށް ވަދެގެން އައި އަރޫނާ ފެނުމާއެކީ ނީނާ ދިމާކުރަން ފެށިއެވެ.
” މިހާރު ތިއައީ ހެދުން ބަދަލުކޮށްގެންދޯ؟” އިމްނާވެސް ނީނާގެ ވާހަކައިގެ ބައިވެރިވެ އަރޫނާގާތު އަހާލިއެވެ. އަރޫނާ ބަހެއްވެސް ނުބުނެ އައިގޮތަށް އައިސް ކެބިންތެރެއަށް ވަދެ އޭނާގެ ގޮނޑީގައި އިށީނެވެ. އެތިންކުދިންވެސް މަސައްކަތްކުރަނީ އެޑްމިން އޮފިސަރގެ ގޮތުގައިކަމުން ތިންކުދިންވެސް ތިބެނީ އެއް ކެބިންއެއް ގައެވެ.
” އޭތް ރުޅިއައީތަ މައެހެން ބުނީމަ؟” އަރޫނާގެ ގައިގާ ކޮށްޓާލާފައި ނީނާ އަހާލިއެވެ.
” ދެން ތިޔަށްވުރެ މަޑުން ވާހަކަ ދައްކަބަލަ! ތިހާ ބާރަށް ވާހަކަ ދެއްކީމަ އޭނާއަށްވެސް އިވޭނެއްނު! މަމިހުރީ ވީގޮތުން ވަރަށް ލަދުގެންފަ….މަށަށް އެނގޭ އޭރުވެސް މި ނީނާއަށް އެނގިއްޖެއްޔާ މިތާއުޅޭ އެންމެނަށް އެނގޭނެކަން….” އަރޫނާ ނީނާއަށް ލޯއަޅާލިއެވެ.
” އާނ ފޭސްބުކުގަވެސް ލިޔާނަން ތިވާހަކަ…..މަށަށް ތަންކޮޅެއް ކުރިން އާދެވުނުނަމަ ފޮޓޯނަގާފަ ފޮޓޯވެސް ލީމުސް…”ނީނާ އަނެއްކާވެސް އަރޫނާއާ ދިމާކުރަން ފެށިއެވެ.
“އޭތް މަށަށް ހީވަނީ އަރޫ ހިތްވެސް ކިޔައިފިހެން އެކުއްޖާއަށް…..މަށަށް ފެންނަނީ އަރޫ ތިކަމާ އުޅެން…..ނުލާހިކު ސަޅި، އަދި މާލޭގަ ގެދޮރުވެސް ހުރި ކުއްޖެއްކޯ އެއީ…..އަހަރެމެން މެރީކޮށްގެން ތިބީމަ ތިޗާންސެއްވެސް ނޯންނާނެ ވިއްޔަ ދޯ ނީ” އިމްނާވެސް ނީނާއާ އެއްބައިވެގެން އަރޫނާއާ ގޯނާކުރަން ފެށިއެވެ.
“ދެން ސާބަހޭ…..ކަލޭމެންނަށް އަލަށް މީހަކު ފެންނައިރަށް އެމީހަކާ މަށާއަޅުވާ ކިޔާނެ…..މަނޫޅެން ކޮންމެހެން މާލޭމީހަކު ނުފެނިގެންނެއް…” އަރޫނާ ރުޅިއަންނަގޮތް ދައްކާލިނަމަވެސް އިޝާން ފެނުނު ފަހުން އޭނާގެ ހިތަށް ގޮތެއް ވެއްޖެހެން އޭނާއަށްވެސް ހީކުރެވެން ފަށައިފިއެވެ. އިޝާންގެ ނަންއިވުމުން އޭނާގެ ހިތުގެ ވިންދު އަވަސްވަނީ އެހެންވެގެން ތާއެވެ. ނަމަވެސް އިޝާންގެ ފުރަތަމަ ނަޒަރުންވެސް އޭނާ ބިރުގަންނަވާލައިފިއެވެ. އެރުޅިވެރި ދެލޯހިތަށް ސިފަވުމުން ގައިން ހީބިނަގާ ގޮތްވިއެވެ. އަރޫނާ ވިސްނުމެއްގެ ތެރޭގައި އިންދައި އަނެއްކާވެސް އިމްނާ އޭނާއަށް ގޯނާކޮށްލިއެވެ. އެކުދިން ހީހީފައި ދެއްކި ހުރިހާ ވާހަކައެއް ވަރަށް ސާފުކޮށް އިޝާންއަށް އިވެމުން ދިޔައެވެ. އިޝާން އެއްމިޔަކަނުން ހިނިތުންވެލައިގެން އިނދެ އެވާހަކަތައް އަޑުއަހަމުން ދިޔައެވެ.
ކުޑައިރުކޮޅެއްފަހުން ޕްރިންސިޕަލްވެސް ވަޑައިގެންފިއެވެ. ނަމަވެސް އެސެމްބްލީގަޑި ކުޑަތަންވެފައި އޮތުމުން އިޝާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ޕްރިންސިޕަލް ނުކުންނެވީ އެސެމްބްލީ ސަރަހައްދަށެވެ. ޕްރިންސިޕަލްގެ ފަހަތުން ނީލާވެސް ނުކުތެވެ. ޓީޗަރުންތައް ކުދިންތައް ގޮވައިގެން އެސެމްބްލީގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދެއެވެ. އެސެމްބްލީއަށް ހާޒިރުވާ ރަނގަބީލު ޖެހުމާއެކީ ހުރިހާކުދިންތައް ހަލުވި ފިޔަވަޔުތަކެއްގައި އައިސް ސަފްސަފަށް އެތުރެންފެށިއެވެ.
އެސެމްބްލީ ނިމިގެން އަނިލްއާއި ނީލާވެސް އޮފީސްތެރެއަށް ވަދެ އެމީހެއްގެ ކެބިންއަށް މިސްރާބު ޖެހިއެވެ. ކުޑައިރުކޮޅެއްފަހުން ޕްރިންސިޕަލްގެ ކެބިންއަށް އިޝާން އައުމަށް އެދުނެވެ. އިޝާންވެސް އިނީ އެވަގުތެއްގެ އިންތިޒާރުގައެވެ.
“އިށީއްނަވާ!” ޕްރިންސިޕަލްގެ ކެބިންއަށް ވަނުމާއެކީ ކުރިމަތީހުރި ގޮނޑިއަށް އިޝާރަށްކުރަމުން ޕްރިންސިޕަލް ބުންޏެވެ. އިޝާންވެސް އަދަބުވެރިކަމާއެކު އެގޮނޑީގައި އިށީނެވެ. ޕްރިންސިޕަލް އަނިލްއަކީ އުމުރުން ތިރީހަކަށް އަހަރުގެ ޒުވާނެކެވެ. ހިތްހެޔޮ ސާދާ މިޒާޖެއްގެ ވެރިއެކެވެ. ފުރަތަމަ ބައްދަލުވުމުންވެސް އިޝާންއަށް އަނިލް ކަމުދިޔައެވެ. އަނިލްގެ ކިބައިގައިވާ އެކުވެރި މިޒާޖުގެ ސަބަބުން އެކީގައި މަސައްކަތްކުރަން ފަސޭހަވާނޭކަން އިޝާންއަށް ޔަގީންވިއެވެ. އިޝާންއަށް އޭނާގެ ވަޒީފާގައި ކުރަންޖެހޭ ހުރިހާކަމެއްވެސް ވަރަށް ސާފުކޮށް އަނިލް ބުނެދީހެދިއެވެ. އިޝާންފަދަ ޤާބިލް ޒުވާނަކު ސުކޫލާ ގުޅުނުކަމަށްޓަކައި އަނިލްވެސް ވަރަށް އުފާކުރިއެވެ. ރަށަށް ނިސްބަތްވެސް ނުވާ ދަރިއަކު އިސްވެ ރަށަށް ޚިދުމަތެއް ކޮށްދޭން ނިންމުމުން އެކަމަށް ތައުރީފްވެސް ކުރިއެވެ. ދެމީހުން ހިނިތުންވެފައިތިބެ ވާހަކަ ދައްކަމުން ދިޔަ މަންޒަރު ފެންނަމީހަކަށް އެއީ އަލަށް ބައްދަލުވީ ދެމީހުންނޭވެސް ހިޔެއް ނުވާނެއެވެ. އެހާވެސް އެކުވެރިއެވެ. ދުވަހުގެ ޝެޝަން ނިމުމުގެ ކުރިން ހުރިހާ މުއައްޒަފުންނާއި އަވަސް ބައްދަލުވުމެއް ބޭއްވުމަށްފަހު، ޕްރިންސިޕަލް ރަސްމީކޮށް އިޝާން ތައާރަފުކޮށްދިނެވެ. އެންމެންގެ ފަރާތުންވެސް އަލަށް އެމީހުނާ ގުޅުނު އެކުވެރިޔާއަށް ހޫނުމަރުހަބާއެއް ކިއެވެ.
ސުކޫލަށް އައި ފުރަތަމަ ދުވަހުވެސް ތަނުގެ މާހައުލު އިޝާންއަށް ވަރަށް ކަމުދިޔައެވެ. އެހެންކަމުން ހިތްހަމަޖެހުމާއި އުފަލާއެކު އިޝާން މަސައްކަތް ކުރަމުންދިޔައެވެ. އޭނާގެ ރަހުމަތްތެރިންވެސް އެކަމާ އުފާކޮށް ހެދިއެވެ. ސުކޫލެކޭ އެއްގޮތަށް ގޭތެރޭގެ މާހައުލުވެސް މިހާރު ވަރަށް ހިތްފަސޭހައެވެ. އެއްވެސް ދެބަސްވުމެއް އަދި އަރާރުމެއް ނެތެވެ. ނައީޝް މިހާރު އިޝާންއާ ވަރަށް ގުޅެއެވެ. އެއްވެސް ކަމަކާ ދެބަސްވެ ބަހުސްކޮށެއް ނުހަދައެވެ. އެކަމާ އެންމެންވެސް ތިބީ ހިތްހަމަޖެހިފައެވެ. މިހާރު އެމީހުން ބޭނުންވާގޮތަށް ޗުއްޓީހޭދަކުރެވެމުން ދެއެވެ. ކޮންމެ ދުވަހެއްގެ ހަވީރުވެސް ކޮންމެވެސްކަމެއް އެމީހުން ރާވައެވެ. ފުޓްބޯޅަ ކުޅެން ނުދާދުވަހެއްގައި ވިއްޔާ ކެމެރާހިފައިގެން އެކި އެކި ތަންތަނަށް ގޮސް ފޮޓޯނަގާ ހަދައެވެ. ބައެއް ރޭރޭ ބާބެކިއު ހަދައި ރަށުގެ ބައެއް ރަށްޓެހިންނަށްވެސް ދައުވަތުދީގެން މަޖާކޮށް ހަދައެވެ. ރަށުގެ ގިނަ ޒުވާނުންނަކީ މިހާރު އެމީހުންގެ ރަހުމަތްތެރީންނެވެ. ނަމަވެސް މަގުއޮޅިފައި ހަމަބުއްދިން ނެއްޓިފައިވާ އެއްވެސް ޒުވާނަކާ އެމީހުން ގުޅުމެއް ނުބާއްވައެވެ. އުފަލާއި މަޖަލުގައި ދުވަސްތައް ހޭދަވެގެން ގޮސް ރަހުމަތްތެރިންގެ ޗުއްޓީ ހަމަވެ، އެނބުރިވަޒީފާއަށް ނުކުންނަ ދުވަސް ގާތް ވެއްޖެއެވެ.
“ޝާން!…. ދެދުވަހެއްގެ ތެރޭގައި އަހަރެމެން ދާންޖެހޭނެ….ދެންނޭނގެ އެހާ އަވަހަށް ދިމާވާނެ ކަމެއް…އެކަމު ހަމަ ކިރިޔާވެސް ޗުއްޓީއެއް ލިބިއްޖެއްޔާ މައަންނާނަން މިރަށަށް….ޝާން ބުނިހެން އަސްލުވެސް މިރަށް ވަރަށް ސަޅި….” ސިޓިންރޫމުގެ ސޯފާއެއްގައި އޮށޯވެ އޮތް ޒިހާން އިޝާންއާ މުޚާތަބުކޮށް ބުންޏެވެ.
” ހޫމް މަވެސް މިވިސްނަނީ ތިކަމާ….ޝާން ފޫއްސެއް ނުވާނެތަ އެކަނި އުޅޭކަށް….އަދި އެހެންނޫނަސް އެހާ ރައްކާތެރިއެއްވެސް ނުވާނެ އެކަނި އުޅޭކަށް..” ޒިހާންގެ ގާތުގައި އިން ޝިޔާން ކަންބޮޑުވެފައި ސީރިއަސް ކަމާއެކު އަހާލިއެވެ.
” އިޝާން އެކަންޏެއް ނުވާނެ….މަ ގަސްތެއް ނުކުރަން އެހާ އަވަހަށް ދާކަށް…….މަދެން ރިސޯޓަށް ނުގޮސް ދާނީ ރަށަށް.”
” އޭނ؟! އެކީއްކުރަން ނައްޓޭ ރަށަށްދަނީ…” ނައީޝް ވާހަކަ ފުރިހަމަ ނުވަނީސް ފުންމައިގެން ތެދުވެ ޒިހާން އަހާލިއެވެ.
“ތެދެއް ކިހިނެއްވީ އަނެއްކާ؟” އަމާންވެސް ހައިރާންވެފައި އަހާލިއެވެ.
މަޑުކޮށްބަލަ މަކިޔަންދެން…..ބައްޕަ ބުނީ ވަޒީފާއިން ކެނޑިގެން ރަށަށް އަންނާށޭ……ދޮންބެ އުޅެނީ ކައުންސެލަރަކަށް…..ދޮންބެބުނީ ރަށުން ވަޒީފާއެއް ހަމަޖެހެން އޮތްވާހަކަ….ބައްޕަވެސް ބަލިވެއުޅޭތީ އަސްލުދާން މިއުޅެނީ…” ނައީޝް އޮޅުން ފިލުވައި ދިނެވެ.
” އެހެންތަ؟….ދެން ކީއްކުރާށޯ އަހަރެމެންނާ އެކީ ނުގޮސް މިކޮޅުގަ މަޑުކުރަނީ؟” ޝިޔާން ކޮށްލީ އިޝާންވެސް ކުރަން ބޭނުންވެފައިވާ ސުވާލެކެވެ.
” ދެން ނޭނގެއެއްނު ދުވަހަކުވެސް މިރަށަށް އާދެވޭނެކަމެއް…އެހެންވެ އަދި ދުވަސްކޮޅަކު މަޑުކޮށްލަންބޭނުން…..އެހެންނޫނަސް އިޝާންވެސް ފޫހިފިލާނެ ކޮންމެވެސް މީހަކު މިތާ ހުރީމަ…ނޫންތަ އަޅެ؟” އިޝާންއަށް ބަލާލަމުން ނައީޝް އަހާލިއެވެ.
” މަށަށް އޯކޭ….ނައީޝް ބޭނުން ދުވަހެއްވާންދެން މަޑުކުރަންވީ….އެކަމު ކުރިންވެސް މަކުރި ޝަރުތު ހަނދާން ބަހައްޓަން ޖެހޭނެ…” އިޝާންވެސް ދެބަހެއްނެތި އެގޮތާއި އެއްބަސްވީ އޭނާވެސް އެކަނި އުޅެން ބޭނުން ނުވާތީއެވެ. ދެދުވަސްފަހުން އަނެއް ތިންމީހުން މާލެދާން ފުރައިފިއެވެ. ނައީޝް މަޑުކުރުމުން ހިތަށް ލިބުނު ހަމަޖެހުމާ އެއްވަރަށް ނުތަނަވަސްކަން ވެސް އިހުސާސް ކުރެވެން ފެށިއެވެ. ނައީޝްގެ މަޤުސަދާއި މެދު ޝައްކުކުރެވެން ފެށިއެވެ. ހަމަ އެއްވެސް މަޤުސަދެއްނެތި އެގޮތަށް އިޝާންއަށްޓަކައި ނައީޝް މަޑުކޮށްފާނެ ކަމުގައި އޭނާއަށް ގަބޫލު ނުކުރެވެނީއެވެ. ނަމަވެސް ހަފްތާއެއް ވެގެން ދިޔައިރުވެސް ނައީޝްގެ ފަރާތުން ނޭދެވޭ އެއްވެސް ކަމެއް އޭނާއަކަށް ނުފެނުނެވެ. މަޑުމަޑުން ދެމީހުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލާ ހިނގައްޖެއެވެ.
ފެންވަރާ ތާޒާވެލައިގެން އައިސް ކޮފީއެއް ބޯލުމަށްޓަކައި ގޯތިތެރޭގައިހުރި ޖޯލިފަތީގައި އިޝާން ޖައްސާލިއެވެ. ގޯތިތެރޭގައި ހައްދާފައިވާ ފިނިފެންމާ ގަސްތަކުގައި ފަރިވެފޮޅިފައިވާ މާތަކުގެ ވަހުން ޖައްވުގައި ހުވަދުލެވިފައިވެއެވެ. ޖެހޭ ފިނި ފިނި ރޯޅިއާއެކު ލިއްބައިދޭ މީރުވަހުން ހިއްސުތައް ތާޒާވެލައިފިއެވެ. ރަތްކުލައާއި ފިޔާތޮށި ކުލައިގެ މާތަކަށް ބަލަން އޮވެފައި އިޝާން މަޑުމަޑުން ތެދުވިއެވެ. ގަސްތަކުގެ ކައިރިއަށް ގޮސް މާތަކުގައި އަތް ޖައްސާލިއެވެ. އަދި ފިޔާތޮށި ފިނިފެންމަލެއްގެ ބިނދެލާފައި ވަސްބަލާލިއެވެ. އެމަލުގެ ލުއިލުއި މީރުވަހުން އިޝާންގެ ހިތްފުރިއަރާހައިވިއެވެ. މަލަށް ބަލަހައްޓައިގެން ހުރިއިރު އިޝާންގެ ހިތަށްއަރަމުން ދިޔައެވެ. އަންހެންކުދިންނަކީ މަލެއްފަދަ ބައެކެވެ. އެމީހުންގެ ނާޒުކުކަމާއެކުވެސް ފިރިހެނުންގެ ހިއްސުތަކާކުޅެލަނީ ދާދި ފަސޭހައިންނެވެ. މަލުގެވަހުން ހިތަށް ފިނިކަން ލިބޭފަދައިން އަންހެންކުދީންވެސް އެކުދީންގެ އަދާތަކުން ފިރިހެނުންގެ ހިތްތައް ދީވާނާކޮށްލައެވެ. ނީލާއަކީ އެފަދަ އަދާތަކެއް ލިބިފައިވާ އަންހެން ކުއްޖެކެވެ. ނީލާ ފެނުމުން އިޝާންގެ ހިތަށް ހަމަޖެހުން ލިބެއެވެ. އުފާވެއެވެ. ގާތުގައިވާން ބޭނުންވެއެވެ. ސަހުސިއްޔަތުގެ ގޮތުން އޭނާއަށްވުރެ މަތީނަމަވެސް އެއީ ހަމަ މަލެއްފަދަ ނާޒުކް އަންހެން ކުއްޖެއްކަން އެންމެ ފުރަތަމަ ދުވަހުވެސް އިޝާންއަށް އޮތީ އެނގިފައެވެ. އެދުވަހުގެ މަތިން ހަނދާންވެފައި ބޭއިޚުތިޔާރުގައި އިޝާން ހިނިތުންވެލެވުނެވެ.
” ޝާން…އިޝްގްގައި ޖެހުނީތަ؟” ދޮރުކަނީގައި ލެނގިލައިގެން އިޝާންގެ ހަރަކާތްތަކައް ބަލަންހުރި ނައީޝް ހެވިފައި އަހާލިއެވެ. އިޝާން ބަލާލިއިރު ނައީޝް ހިނިއައިސް ހުރުމުން އަވަސް އަވަހަށް މާއެއްލާލާފައި ކޮފީ ޖޯޑުގައި ތުންޖަހާލިއެވެ.
“ހެހެހެ މަށަށް ހީވަނީ ހަމަރަނގަޅަށްވެސް އިޝްޤުގަ ޖެހިފަހެން ތިހުރީ…” ނައީޝް އަނެއްކާވެސް އިޝާންއާ ދިމާކޮށްލިއެވެ.
“މީހަކު މަލަކުން ވަސްބަލާލިއްޔާ އެ އިޝްޤުގަ ޖެހުނީތަ…..ތިދެން އަޖާއިބެއް…” ޖޯލީގައި އިށީއްނަމުން އިޝާން ބުނެލިއެވެ.
” ހޫމް މާމަލުން ވަސްބެލުމާއި އެކަނިހުރެ ހިނިތުންވުމާއި ފެންވަރާއިރު ލަވަކިޔުމަކީ…މީ އާއްމުކޮށް ލޯބިވީމަ ކޮށްއުޅޭ ކަންތަކުގެ ގޮތުގަ މީހުން ސިފަކުރަނީ…..އެހެން ވެޔެއްނު ފިލްމުތަކުގަވެސް އެގޮތަށް ދައްކުވާދެނީ…” އިޝާންގެ ގާތުގައި އިށީއްނަމުން ނައީޝް އޮޅުން ފިލުވައިދިނެވެ.
” ފިލްމުތަކުގަ މީހަކު މަރުވިޔަސް ލަވަކިޔާފަ ނަށާތަން ދައްކަފާނެ….އެވެސް ދެން ހަޤީގަތުގަ އެކަން ވާގޮތްތަ؟….ހޫމް އެހެންވިއްޔާ ބުނެބަލަ….ނައީޝް ކިތައްފަހަރު އިޝްޤުގަ ޖެހެފިން…..ކިތައްމަލުން ފޮނިބޮއެފިން…..ކިތައް ލަވަކުޅެފިން ގޮނޑުދޮށްތަކުގަ…..އެހުރިހާ ކުދިން ދެކެވެސް ނައީޝް ހަމަ ލޯބިވޭތަ؟” އިޝާން ޖެއްސުމުގެ ގޮތުން ކޮށްލި ސުވާލުން ނައީޝް ހިނދުކޮޅަކަށް ހިމޭންވިއެވެ.
” ކިހިނެއްވީ؟….ކީއްވެ އެއްޗެކޭ ނުބުނީ؟” އަނެއްކާވެސް އިޝާން އަހާލިއެވެ.
” އަހަރެން ގަބޫލުކުރަން އަހަންނަށް ވަރަށް ގިނަކުދިންނާ ގުޅުން ބޭއްވިއްޖެކަން…..ގޮނޑުދޮށްތަކުގައިވެސް ވަރަށްގިނަ ވަގުތު ހޭދަކޮށް، ވަރަށް ގިނަ ގޮތްގޮތަށްވެސް އުޅުނިން….އެކަމަކު ދުވަހަކުވެސް އެއިން މީހަކު ދެކެ އަހަންނަކަށް ލޯތްބެއް ނުވެވުނު………އެންމެ މީހަކު ފިޔަވާ…..އޭނަ އަހަންނަކަށް ނުލިބުނު……ދެން ނޭނގެ ދުވަހަކުވެސް އެގޮތަށް މީހަކުދެކެ ލޯބި ވެވޭނެކަމެއް..” ނައީޝް ސީރިއަސް ވެލާފައި ދެއްކި ވާހަކައިން އިޝާންއަށްވެސް ސީރިއަސް ވެވުނެވެ.
” ކޮބާ ތިބުނާ ކުއްޖާ؟….ކީއްވެ އެކުއްޖާ ނުލިބުނީ؟…” އިޝާން ގަޔާވެލާފައި އަހާލިއެވެ.
“ދެން އެވާހަކަ ދޫކޮށްލާ……ބޭކާރުކަމެއްނު…..އެހެންނޫނަސް ލޯތްބަކީ އަހަންނަށް އެހާ މުހިއްމު އެއްޗެއްނޫން….ލޯތްބާ ނުލާވެސް އަހަރެންގެ ބޭނުން ފުދުނީމަ ނިމުނީނު” ނައީޝް އިތުރަށް އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ނައީޝް ކޮންމެވެސް ކަމެއް ފޮރުވާކަން އިޝާންއަށް ޔަގީންވިއެވެ.
“އޯކޭ މަމިދަނީ މިހާރު ގަޑިޖެހޭތީ….ސައިބޯންދާންވީމަ ގުޅާނަން…” ގަޑިޔަށް ބަލާލަމުން އިޝާން ތެދުވިއެވެ. ނައީޝް ޖޯލީގައި އޮށޯވެ ލޯމަރާލިއެވެ. ލެޕްޓޮޕް ދަބަސް ކޮނޑުގައި އަޅުވާލައިގެން ދޮރާއްޓާއި ދިމާއަށް ހިނގައިގެންފައިވެސް އިޝާން މަޑުޖެހިލިއެވެ. އަދި ޖޯލީގައި ލޯމަރައިގެން އޮތް ނައީޝްއަށް ބަލާލުމަށްފަހު، އަވަސް އަވަހަށް ފިނިފެންމާގަހުން މަލެއް ބިނދެލައިގެން ހަލުވިކަމާއެކު ދޮރާށިން ނުކުތެވެ.
” މިއަދު މޭމްއަށް މޯރނިންގް ކިޔާނީ ފިނިފެންމަލަކުން…..ފިނިފެންމަލެއްފަދަ ލޯބި ލޯބި ނީލް…..އުއްމަ!” މަލުގައި ތުންފަތް ޖައްސާލަމުން އިޝާން ހިނިތުންވެލިއެވެ. މާހިފައިގެން ތަންކޮޅަކަށް ގޮސްފައި، މީހަކަށް ފެނުދާނެތީ ލެޕްޓޮޕް ދަބަސްތެރެއަށް ސަމާލުކަމާއެކީގައި މާލިއެވެ.
އޮފީހަށްވަދެ ސޮއިކުރުމަށްފަހު އިޝާން ވަށައިގެން ހޯދާލީ ނީލާ ފެނޭތޯއެވެ. ނީނާގެ އިތުރުން ޕްރިންޓަރ އަކަށް އުޅޭ ޒިޔާން ފިޔަވައި އިތުރުމީހަކު ނެތެވެ. ޒިޔާންއަށް ހައިޖަހާލުމަށްފަހު އިޝާން އޭނާގެ ކެބިންގެ ތެރެއަށް ވަނެވެ. ފިނިފެންމާ ދަބަހުން ނަގާފައި ބަލާލިއެވެ. މާހިފައިގެން ނީލާގެ ކެބިންއަށް ދާން ހިތަށް އަރާފައިވެސް އިޝާން ވިސްނާލިއެވެ.
” މިގަޑީގަ މާ ބާއްވާފިއްޔާ އެނގޭނެ އަހަރެންގެ ކަމެއްކަން……ނީލް މީހެއްގާތު ބުނެފިއްޔާ މައްސަލައަކަށްވެސް ވެދާނެ…..އެކަމުވެސް މިމާ ދޭން އަހަރެންބޭނުން…..ނީލް ބުރޭކަށްދާގަޑީގަ ބާއްވާނީ މޭޒުމަތީ….އޭރުން ނޭގޭނެ ކާކުދިން އެއްޗެއްކަމެއް……” އިޝާން ހިނިތުންވެލާފައި އެމާ މޭޒުގެ ވަތްގަނޑު ތެރެއަށްލިއެވެ.
ނީލާ ބުރޭކަށް ދާނެ އިރެއްގެ އިންތިޒާރުގައި އިޝާން އިންނަތާ އެތައްއިރެއްފަހުން ނީލާ ހިނގައްޖެއެވެ. އިޝާން މޭޒު ވަތްގަނޑުން މާ ނެގިއެވެ. މާއޮތީ ކޮންމެވެސް ވަރަކަށް މޯޅިވެފައެވެ. ނަމަވެސް އޭގެވަސް އަދިވެސް ތާޒާކަމާއެކު ހުއްޓެވެ. އިޝާން ކަރުދާސްކޮޅެއް ނެގުމަށްފަހު ލިޔާނެ އެއްޗަކާއި މެދު ވިސްނާލިއެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ހަމައެކަނި “ގުޑްމޯރނިންގް” ލިޔެލުމަށްފަހު ކަރުދާސްކޮޅު މަލުގައި ހަރުކޮށްލިއެވެ. އަދި އެހެން މީހުންނަށް ސިއްރު ސިއްރުން ގޮސް ނީލާގެ ކެބިންއަށްވަދެ މޭޒުމަތީގައި މާބޭއްވިއެވެ. ހިނިތުންވެހުރެ އޮފީހުން ނުކުންނަނިކޮށް ޕްރިންޓް ރޫމްއިން ދުވެފައި ނުކުތް އަރޫނާ ލައިގަތީ އިޝާންގެ ގައިގައެވެ. އެއާއެކު އަރޫނާ އަރިއަޅާލިއެވެ. އިޝާން އަރޫނާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ.
” މީ ހާދަ ކެއާރލެސް ގާރލްއެކޭދޯ..” އަރޫނާގެ ސަބަބުން ހިތްހަމަ ނުޖެހުނު ނަމަވެސް އިޝާން ސަމާސާކޮށްލިއެވެ.
“ސޮރީ” ރޮވިފައިވާ އަޑަކުން އަރޫނާ ސޮރީއޭ ބުނުމުން އިޝާން ހައިރާންވެފައި ބަލާލިއެވެ. އަރޫނާ ލޯފުހެމުން ދުވެފާ ގޮސް ފާޚާނާއަށް ވަނެވެ. އިޝާން ވާނުވާ ނޭނގިފައި ހުއްޓާ ޕްރިންޓް ރޫމްތެރެއިން ނުކުތް ޒިޔާން ފެނިފައި އިތުރަށް ހައިރާންވިއެވެ.
” އަނހަ އިޝާން…ސައިބޯންދަނީތަ؟” ހަމަޖެހިލާފައި ޒިޔާން އަހާލިއެވެ. އިޝާން ވިސްނާލިއެވެ. އަރޫނާ ރޮމުން ރޮމުން ޕްރިންޓް ރޫމް ތެރެއިން ނުކުތީ ކީއްވެބާއެވެ؟ އަނެއްކާ އެއީ ޒިޔާންގެ ކަމެއްބާއެވެ؟
” ކޮންކަމަކާ ތި ވިސްނަނީ..” އިޝާންގެ ކޮނޑުގައި ޖަހާލަމުން ޒިޔާން ބުންޏެވެ.
” ނުވިސްނަން….ހިނގާ ސައިބޯންދަމާ….މަމިދަނީ ރެސްޓޯރެންޓަށް ދާންވެގެން…..”
” ހޫމް ދޭ ދޭ….ތިކަހަލަ ފޯރާކުދިން ރެސްޓޯރެންޓަށް ދިޔައީމަ އަހަރެމެން ކީއްކުރާނީ…..އެހެންނޫނަސް ގޭގަ ހަދާ އެއްޗެހި މަށަށް މާމީރު…” އެހެންބުނެފައި ޒިޔާން އަނެއްކާވެސް ޕްރިންޓް ރޫމަށްވަދެ އޭނާގެ މަސައްކަތާއިގެމް ކުރިޔަށް ދިޔައެވެ.
އިޝާން ދެފަރާތަކަށް ބޯހޫރާލާފައި އޮފީހުން ނުކުތެވެ. ޖީބުން ފޯނުނަގާފައި ނައީޝްއަށް ގުޅާލިއެވެ.
” ކޮބާ…. ހޭލެވިއްޖެތަ ބޭފުޅާ؟….މަމިދަނީ އެކޮޅަށް އާދޭ އަވަހަށް….ވަރަށް ހައިވެފަ މިހުރީ…” ނައީޝް ބަހެއްވެސް ނުބުނަނީސް އިޝާން ހުރިހާ ވާހަކައެއް ދައްކާ ނިންމާލިއެވެ.
” އޯކޭ…މިދަނީ” ނައީޝް ފޯން ކަނޑާލުމަށްފަހު ފާޚާނާއަށް ވަނެވެ.
އަރޫނާ ފާޚާނާގައި ހުރެގެން އެތައްއިރެއް ވާންދެން ރުޔެވެ. އޭނާގެ ނިކަމެތިކަމާއި އާރެއްބާރެއް ނެތްކަމާމެދު އެތައް ކަރުނައެއް އޮއްސިއެވެ. ދެރަކަމަކީ އެއްވެސް މީހެއްގާތުގައި އެހީއަށް އެދެވެންވެސް ނެތްކަމެވެ. ލޯގަނޑު ކުރިމަތީހުރެގެން މޮޔައަކު ފަދައިން އެތައް ފަހަރަކު އޭނާ މޫނުދޮވެފިއެވެ. ހީވަނީ މޫނުގައި އެއްޗެއް ހޭކިގެން ނުފިލައިގެން އުޅޭހެންނެވެ. އާއެކެވެ. ކިތަންމެ ވަރަށް ދޮވުނަސް ނުފިލާނޭ ލައްގަނޑެއްވަނީ އޭނާގެ ހަޔާތުގައި ޖެހިފައެވެ. އަރޫނާ ސިހިފައި ލޯހުޅުވާލީ ކޮންމެވެސް މީހަކު ތަޅުގައި ހިފިހެން ހީވެގެންނެވެ. އަވަސް އަވަހަށް ލޯފުހެލުމަށްފަހު ދޮރުހުޅުވާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.





V v v nice. Avaha up kondineema thanks.
V v reethi mi bai Vx waiting for the nxt part
Reethi.
Asluves dhw salhi ey
Shiny next part koba
ވަރަށް ވަރަށް ރީތި… އަވަހަށް 3ވަނަ ބައި އަޕްކޮށްދެއްޗޭ… އެބަ ވަރަށް އިންތިޒާރު ކުރެވޭ
ޝައިން! މި ވާހަކައިގަ ކިތައް ބައިތަ އިންނަނީ؟
Wow vvvvvvvvvvvvvv salhi avahah up kohcdehchey next part kiyaa hitun indah mi part nimuny?????????
Mivahaka ekoh kiyaafa othi mi varah salhi vahaka