
ތާޝާ (ދެވަނަ ބައި)
“ތާޝާ މަޑުކޮށްބަލަ” އަހަރެން ތާޝާގެ އަތުގައި ހިފާ ހުއްޓުވީމެވެ. ތާޝާ އަހަންނާ ދިމާލަށް ބަލާލީ ދޫކޮށްލާށޭ ބުނާކަހަލަ ގޮތަކަށެވެ. ކުރެވުނު ކަންތަކުން އަހަރެން ލަދު ގަންނަ ގޮތް ވިޔެވެ. އަވަހަށް އެއަތުން ދޫކޮށްލީމެވެ. އަނެއްކާވެސް ތާޝާ ރަށުތެރެޔަށް ވާގޮތަށް ހިނގައިގަތެވެ. އަހަރެންވެސް ބަހެއް ނުބުނެ ފަހަތުން ދިޔައީ ދަނީ ކޮން ގެޔަކަށްތޯ ބަލާލާށެވެ. ތާޝާ ހިނގަމުން ދިޔައީ ރަށުގެ މީހުން ނޫޅޭ ދިމާލަށެވެ. އެހިސާބުގައި އެއްވެސް މީހެއް ނޫޅެޔޭ ބުނާއަޑު އަހަމެވެ. ތާޝާގެ ގެ ހުންނަނީ އެދިމާލުގައިބާއޭ އަހަރެންގެ ހިތަށް އެރިޔެވެ.
ތާޝާ ގޮސް ވަދުނީ އާދައިގެ ގޮތަކަށް ހަދާފައިވާ ގެޔެއްގެ ތެރެޔަށެވެ. ތިރި ތިރިކޮށް ހަދާފައި ހުރި އެގެ ވަށައިގެން ވަނީ ފާރެއް ރާނާފަޔެވެ. ހިނގާފައިދާ ކޮންމެ މީހަކަށްވެސް އެގޯތިތެރޭގެ އެތެރެ ވަރަށް ރީއްޗަށް ފެންނާނެއެވެ. އަހަރެންގޮސް ހުއްޓުނީ ގޭގެ ދޮރުމައްޗަށެވެ. އެއިރު ދުފާ ރަތް ކޮށްގެން އިން ފިރިހިނެއް ގޭ ދޮރުމަތީ ހުރި ޖޯލީގައި ފޮތެއް ކިޔާން އޮތެވެ. މުޅި ގޭތެރޭގައި ހުރީ ގަސް އިންދާފައެވެ. ގެޔާ ވަކިން އެއްއަރިމައްޗަށް ވާގޮތަށް ވަކިން ހަދާފައި ހުރި ބަޔެއް ހުއްޓެވެ. އަހަރެން ގޭ ތެރެޔަށް ނަޒަރު ހިންގަން ހުއްޓައި ސިއްސައިގެން ދިޔައީ ޖޯލީގައި އޮތް މީހާ އަހަރެންގެ ކުރި މައްޗަށް އައުމުންނެވެ.
“ކީއްކުރާ ކުއްޖެއް؟” އެމީހާ ދޮފުންގަނޑު މީރުކޮށްލަން އަނގަޔަށް ދުންފަތްގަނޑު ލަމުން އަހާލިއެވެ.
“މީ.. މި ތާޝާގެ ގެ ތަ މީ؟” އަހަރެން ވަރަށް ޖެހިލުންވެ ހުރެ އަހާލީމެވެ.
“ކަލޭތީ ކާކު ތާޝާ ހޯދަން؟” އަނެއްކާވެސް އެމީހާ އަހާލިއެވެ. “މީ..މި.. އެއްވެސް މީހެއް ނޫން” ބުނާނެ އެއްޗެއް ނޭންގިގެން އަހަރެން ބުނެލީމެވެ. މިހެން ބުނެފައި އަހަރެން އެނބުރެލި ވަގުތު ގެޔަށް ވަންނާން ދެ ފިރިހެނުން އާދެޔެވެ. އަހަރެން ވަކި ވަކިން ދެމީހުންގެ މޫނަށް ބަލާލީމެވެ. އެތަނުން އެކަކީ އަހަރެންގެ ގެޔާ ޖެހިގެން ހުންނަގޭ އާދަމްބެޔެވެ. ނަމަވެސް އަހަރެން ފެނުމުން އަޅާވެސް ނުލައި އާދަމްބެ އެގޭތެރެޔަށް ވަދެގެން ދިޔައެވެ.
ގެޔަށް ދިޔަ މަގުމަތީގައި އަހަރެން ވަރަށް ވިސްނީމެވެ. ތާޝާ ކޮންމެ ދުވަހަކު އެކަނި އިނދެގެން ރޯންވީ ކީއްވެގެން ހެއްޔެވެ؟ އެގޭ ތެރެއިން އަހަރެންނަކަށް އެއްވެސް ކަހަލަ ކަމެއް ފާހަގައެއް ނުކުރެވުނެވެ. އެންމެ ފަހުން އަހަރެން ނިންމީ އާދަމްބެ ކައިރީ ތާޝާގެ ވާހަކަ އަހާށެވެ.
ޖެހިގެން އައި ދުވަހު ހަވީރު އަހަރެން ތާޝާގެ އިންތިޒާރުގައި ގޮނޑުދޮށުގައި ހުރީމެވެ. އިރުއޮއްސި ބަންގި ގޮވިއިރުވެސް ތާޝާ ގޮނޑުދޮށަކަށް ނާދެއެވެ. އަހަރެންގެ ހިތް މާޔޫސްވެގެން ދިޔައެވެ. އަހަރެން ގޮނޑު ދޮށުގައި ހުރެފައި ދެން މިސްރާބުޖެހީ ތާޝާގެ ގެޔާ ދިމާލަށެވެ. ކޮންމެވެސް ކަމެއް ވެއްޖެކަމަށް އަހަރެންގެ ހިތް ބުނަމުންދިޔައެވެ. އެގޭ ދޮރުމައްޗަށް އެރިއިރު އަހަރެންގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައީ ޖޯލީގައި އޮތް ތާޝާ ފެނުމުންނެވެ. އަހަރެން ފެނުމުން ތާޝާ އަހަރެންނާ ދިމާލަށް ބަލައިލީ ވަރަށް ނުރުހުންވެ ހުރެއެވެ. ޖޯލިން ތެދުވެގެން އަހަރެންނާ ދިމާލަށް އަންނަން ފެށުމުން އަހަރެންގެ ހިތް ތެޅެލިއެވެ.
“ކީއްކުރަން މިގެޔައް ތި އައީ؟” ފުރަތަމަ ފަހަރަށް އަހަރެންނަށް ތާޝާގެ އެ ޖާދުވީ އަޑު އިވިގެން ދިޔައެވެ. ބުނާނެ އެއްޗެއް ނޭންގިފައި އެ ފަރި ކަމަށް ބަލަން ހުއްޓައި ތާޝާ އަހަރެންނަށް “އޭތް” އޭ ކިޔާފައި ގޮވާލިއެވެ. އަހަރެން އަނެއްކާވެސް އެދެލޮލަށް ބަލާލީމެވެ. ރަތްވެ ދުޅަވެފައިވާ އެދެލޮލުން އަހަރެންގެ އެންމެ ހިމަ ނާރަށްދަންދެން ކުޅެލިއެވެ.
“އަޑެއް ނީވޭތަ؟ ކީއްކުރަންހޭ މިގެޔަށް ތި އަންނަނީ؟” ތާޝާގެ އަޑަށް ބާރުލާފައި އަހަރެންނާ ސުވާލުކޮށްލިއެވެ.
“އަހަރެން މިއައީ ތާޝާ ހޯދަން. މިއަދު ގޮނޑުދޮށަށް ނުދާތީ އެހެންވެ..” ވަރަށް ޖެހިލުންވެ ހުރެ އަހަރެން ބުނެލީމެވެ. “ބުނަން ވާހަކައެއް.. ތީ އަހަރެން ދަންނަ މީހެއްވެސް ނޫން… ދެން އަހަރެން ހޯދަން ނާންނާތި!” އަހަރެންނާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކުރަމުން ތާޝާ ބުނެލިއެވެ. އަހަރެންނާ ދިމާލަށް ބަލަން ހުރި ތާޝާގެ ދެލޯ ބޮދުވެގެން ދިޔައީ ކުއްލިއަކަށެވެ. ނަމަވެސް މިވަގުތު އޭނަގެ ދެލޯ ހުރީ އަހަރެންގެ ފުރަގަހަށެވެ. އަހަރެން މަޑުމަޑުން ފަހަތަށް އެނބުރެލި ވަގުތު، ދުރުން އިއްޔަ އަހަރެންނަށް ފެނުން ފިރިހެން މީހާޔާ އާދަމްބެޔާ އަންނަތަން ފެނެއެވެ.
“އެމީހުންނަށް ނުފެންނަ ގޮތަށް މިތަނުން ދޭބަލަ އަވަހަށް..” ރުންކުރު ގޮތަކަށް ތާޝާ ބުނެލިއެވެ. ތާޝާގެ މޫނުމަތިން އަހަރެންނަށް ފެނުނީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ. ތާޝާގެ އެ ހާސްވެފައިވާ މޫނު ފެނުމުން އަހަރެން އަވަހަށް އެތަނުންދާން ހިނގައިގަތީމެވެ. ފަސް އެނބުރި ބަލައިލިއިރު ތާޝާ އެތެރެޔަށް ގޮސް ވަންނަނީއެވެ. ކުރިޔަށްދާން އެނބުރެލި ވަގުތު އަހަރެން ލައިގަތީ އާދަމްބެގެ ގައިގައެވެ. އަހަރެންނާ ދިމާލަށް ފާޑަކަށް ލޯއަޅާލުމަށްފަހު ކުރިޔަށް ހިނގައިގަތެވެ.
މިދިމާވި ހާދިސާއިން އަނެއްކާވެސް އަހަރެންގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. އާދަމްބެޔާ ތާޝާޔާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އެމީހުން އަންނަތަން ފެނުމުން ތާޝާ އެވަރަށް ބިރުގަތީ ކީއްވެގެން ހެއްޔެވެ؟ މިއަދު ތާޝާ ގޮނޑު ދޮށަށްވެސް ނުދެއެވެ. އަނެއްކާ ތާޝާގެ ގެ ވެސް ހުންނަނީ މީހުން ނޫޅޭ ހިސާބުގައެވެ. އެކިކަހަލަ ޚިޔާލުތަކުން އަހަރެންގެ ބޯ ފަޅައިގެންދާވަރު ވިޔެވެ. އަނެއްކާ އެއްހަފްތާ ފަހުން އަހަރެން މާލެ ވެސް ދާންވީއެވެ. ތާޝާގެ ނަމާ، ގެޔާ ނޫނީ އަހަރެންނަކަށް އެކައްޗެއްވެސް ނޭންގެއެވެ.
އެރޭގެ ވަގުތެވެ. އަހަރެން އޮތީ ގޭ ބޭރުގައި ހުންނަ ޖޯލީގައި ފޯނާ ކުޅޭށެވެ. ފޯނަށް ބަލަހައްޓައިގެން އޮތްނަމަވެސް އަހަރެންގެ ސިކުނޑީގައި އެނބުރެމުންދިޔައީ ތާޝާގެ ޚިޔާލުތަކެވެ. ރަށުގައި ނޫޅޭތީ މާގިނަ ރައްޓެހިންތަކެއް ވެސް ނެތެވެ. ތާޝާގެ ވާހަކަ ކޮންމެވެސް މީހެއް ކައިރީ ޙިއްސާ ކޮށްލަން އަހަރެން ހުރީ ވަރަށް ބޭނުންވެފަޔެވެ. މިހެން އޮއްވައި އަހަރެން ކައިރީ އައިސް އިށީނީ ކުރިމަތިން ހުންނަގޭގައި އުޅޭ އިނާޝާއެވެ. އަހަރެންނާ އިނާޝާއަކީ ކުޑައިރު އެކީ އުޅުން ދެމީހުންނެވެ. ނަމަވެސް އަހަރެން މާލެ ދިއުމުން ބީރައްޓެހި ކަމުގެ ފާރެއް ދެމީހުންގެ މެދުގައި ވަނީ ލެވިފައެވެ. ނަމަވެސް މިފަހަރު ރަށަށް އައި ފަހުން ކޮންމެވެސް ވަރަކަށް ވާހަކަދައްކާ ހަދަމެވެ.
“ކީއްވެފަ؟” އަހަރެންގެ ފޯނަށް ލޯ އަޅާލަމުން އިނާޝާ އަހާލިއެވެ. ބަދަލުގައި އަހަރެން އިނާޝާގެ މޫނަށް ބަލާލާފައި ހީލީމެވެ. އަބަދުވެސް އިނާޝާ އަހަރެން ފެނުމުން ވާހަކަ ދައްކަން އުޅެޔެވެ. އިނާޝާ އަކީ ވަރަށް މީހުންނާ ގުޅޭ ކުއްޖެކެވެ. އެވަގުތު އަހަރެންގެ ހިތުގެ ހާލަތު އިނާޝާޔަށް ބަޔާންކޮށްދޭން ވެސް ހިތަށްއެރިއެވެ. އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބެންއޮތީ ތާޝާގެ ވާހަކަ ކޮންމެވެސް މީހަކަށް ކިޔައިދީގެންނެވެ. ވަރަށް ވިސްނަން އިނދެފައި އަހަރެން އިނާޝާޔާ ވާހަކަ ދައްކަންފެށީމެވެ.
“މިރަށުގެ އުތުރު ފަރާތު ވަލާ ދިމާލުގަ އަދިވެސް މީހުން އުޅޭތަ؟” އަހަރެން ފެށީ ވަރަށް ދުރު ދުރުންނެވެ.
“ދެތިން އާއިލާއެއް އުޅޭ އެހިސާބުގަ. ރަށުމީހުން ކިޔަނީ ގެވަޅު ދޫކުރި އިރު ނުލިބޭ މީހުންނޭ އެއީ..” އިނާޝާ ބުނެލިއެވެ. ދެން އަހަރެން އިނީ ދެޚިޔާލެއްގައެވެ. އަހަންވީތޯ ނުވަނަ ނޫންތޯ އަހަރެންގެ ހިތަށް އަރަމުންދިޔައެވެ.
“އަހަރެން ވާހަކައެއް އަހަންތަ؟” ނީންދެވެގެން އަހަރެން އަނެއްކާވެސް ބުނެލީމެވެ. “އަހާބަލަ..” އިނާޝާ އަހަރެންނާ ދިމާލަށް ބަލަން އިނީ ކިޔަން އުޅޭ އެއްޗެއް އަޑުއަހާ ހިތުން ކަންނޭންގެއެވެ.
“ތާޝާ އިނގޭތަ؟” އަހަރެން ހިތްވަރު ކޮށްފައި އަހާލީމެވެ.
“ތާޝާ އިނގޭ.. އެކަމަކު ކީއްވެ ތާޝާގެ ވާހަކަ ތި އެހީ؟” އިނާޝާ ދެބުމަ ގޮށް ޖަހާލަމުން އަހާލިއެވެ. އެހިސާބުން އަހަރެން ތާޝާ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ހިނގި ހުރިހާ ކަމެއް އިނާޝާޔަށް ކިޔާދިނީމެވެ.
“މާޒް ކީއްވެ ދެން އެވަރަކުން އޭނަގެ ކަންތައްތައް ހޯދަން ތި އުޅެނީ؟” އިނާޝާ މިސުވާލުކުރުމުން އަހަރެން ހައިރާންވިއެވެ. ދެންމެ އަހަރެން ތާޝާ ގޮނޑުދޮށުގައި އިނދެގެން ރޯ ވާހަކަ ސާފުކޮށް ބުނެފީމެވެ.
“މިބުނީނު.. އޭނަ ކޮންމެވެސް ކަމެއް ވެގެންނެއްނު ކޮންމެ ދުވަހަކު އެކަނި އިނދެގެން ރޯނީ؟ އިނާ ޕްލީޒް.. ތާޝާޔާ ބެހޭގޮތުން އިނގޭ ހުރިހާ އެއްޗެއް އަހަރެންނަށް ކިޔާދީބަލަ…” އާދޭސްކުރާ ރާގަކަށް އަހަރެން ބުނެލީމެވެ.
“އެއީ ވަރަށް ފާޑެއްގެ ކުއްޖެއް. ގެއިންވެސް ނިކުންނާނީ ހަވީރަށް އެކަނި.. ގޮސް އިންނާނީ ގޮނޑުދޮށުގަ. އެއްވެސް މީހަކާ ވާހަކައެއްވެސް ނުދައްކާނެ.. އޭނަ އަނގައިން ބުނާތަން ފެންނަނީ އެގޭ ކައިރީ އުޅޭ ކުޑަކުޑަ ފިރިހެން ކުއްޖަކާ އެކަނި.. ނޭންގެ ކީއްވެ ކަމެއް އެހެން އުޅެނީއެއް… ގްރޭޑް ހަތަކާ ހިސާބަށް ސްކޫލަށްވެސް ދިޔައީ.. އަހަރެންނަށް އިނގެނީ އެވަރަށް..” އިނާޝާ ކިޔައިދިނެވެ. “އަނެއްކާ މާޒް އޭނަޔަށް ހިތްކީތަ؟” އިނާޝާގެ މިސުވާލުން އަހަރެންގެ ހިތް ތެޅެލިއެވެ. ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ. އަހަރެންގެ ހިތުގެ އެދުމެއް ޚުދު އަހަރެންނަކަށްވެސް ނޭންގެއެވެ. އިނގޭހާވެސް އެއްޗަކީ ތާޝާ އަހަރެންގެ ހިތުގެ ހަމަޖެހުން ނަގައިލައިފިކަމެވެ. “މާޒް” އިނާޝާ އަހަރެންނަށް ގޮވާލީ އަހަރެންގެ ޖަވާބެއް ނައުމުންނެވެ.
“ތިސުވާލުގެ ޖަވާބެއް ނޭންގެ.. އަހަރެން ވަރަށް ބޭނުން ތާޝާގެ ހުރިހާ ކަމެއް އެނގެން. ތާޝާ އެހެން އުޅެންވީ ސަބަބެއްވާނެޔޭ އަހަރެންގެ ހިތް ހަމަ ބުނަނީ” އަހަރެން ބުނެލީމެވެ.
“އާދަމްބެ ކައިރީ އަހާލަންވީނު؟” ވިސްނަން އިނދެފައި އިނާޝާ ބުނެލިއެވެ.
“އާން.. އެކަމަކު އަހަރެންނާ ދިމާވި ދެދުވަހުވެސް އޭނަ ވަރަށް ރުޅިން އަހަރެންނާ ދިމާލަށް ބެލީވެސް..” އަހަރެންނަށް އެޚިޔާލު ކަމުދިޔައެވެ.
“އިނާ އަހަރެންނަށް ހެލްޕްވާނަން ދޯ؟” އަހަރެން އިނާޝާގެ އެހީ ކިތަންމެހާވެސް ބޭނުމެވެ. “ހުމްމް..” މިހެން ބުނުމަށްފަހު އިނާޝާ ތެދުވެގެން ދިޔައެވެ. އަހަރެންގެ ބޮލުން އެތައްކަމެއް ލުއިވެގެން ދިޔަހެން ހީވިއެވެ. ހިތަށް ހަމަޖެހުން ލިބި، މޫނުމަތި އުޖާލާވިއެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. “ތާޝާގެ ހިތާ ހިސާބަށް އަހަރެން ވާސިލްވާނަމެވެ. ތާޝާގެ ކޮންމެ ރިހުމަކަށް ފަރުވާ ކޮށްދޭނަމެވެ.” (ނުނިމޭ)
3 Comments!
Comments are closed.
V reethi. Keep it up. Anehbai awahah up kohdheche.. waiting waiting
vv reethi
Mistory eboa kurinbee.mv ga