Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެފިނިމެންދަން 1

Shine Level 6100 Stories10 Stories100 Comments100 Login
October 17, 2016 16 Mins Read
25 Comments
  • * މިއީ ކުރިންވެސް ޝައިން މިސައިޓްގައި ޕޯސްޓް ކުރި ވާހަކައެކެވެ. އެޑްމިންގެ އެދުމުގެ މަތިން އަނެއްކާވެސް ޕޯސްޓްކުރަން ފެށީއެވެ.

ވަގުތަކީ ހަވީރުގެ ވަގުތެވެ. ރަށުގެ ދެކުނުކޮޅުގައި އޮންނަ ކުޅީގެ އައްސޭރިފަށުގައި ރުކެއްގައި ލައްވެގެން ނީލާހުރީ ފެންނަންމުންދާ ގުދުރަތީ މަންޒަރުތަކަށް ހިތްދޫކޮށްލައިގެންނެވެ. ގަސްތަކުގެ ފެހިކުލައިގެ ހިޔަނީގެ ސަބަބުން ކުޅީގެ ފެންގަނޑަށް ވެރިވެފައިވަނީ ހިތްގައިމު ފެހިކުލައެކެވެ. އޮއްސެމުންދާ އިރުގެ ރަންދޯދިތައް ފެންގަނޑަށް އެޅުމުން އިތުރު ހިތްގައިމުކަމެއް ގެނެސްދީފައިވެއެވެ. ގަސްތަކުގައި ދޮންވެ، ވެއްޓެން ތައްޔާރުވަފައިވާ ފަތްތަކުގައި ވައިރޯޅި ބީހިލުމުން ކެތްނުކުރެވިގެން ފަތްތައް ގަސްތަކުގެ ގޮފިތައް ދޫކޮށް ފެންގަޑުގެ ތެރެއަށް ވެރެމުންދިޔައެވެ. ފެންގަނޑުގެތެރެއަށް ވެއްޓެމުންދިޔަ ކޮންމެފަތަކާއި އެކީ ކުދިކުދި ރާޅުބާނީތަކެއް ފެންގަނޑުގައި އުފައްދައެވެ. އެހަމަހިމޭން މާހައުލުގެ ހިތްގައިމުކަމުންވެސް، ނީލާގެ އެކަނިވެރިހިތައް ހަމަޖެހުމެއް ލިބޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

އުމުރުގެ ބޮޑުބައެއް ކިޔެވުމުގައި ހޭދަކުރުމުގެ ސަބަބުން ފަންސަވީސް އަހަރުވީއިރުވެސް ނީލާހުރީ ހުސްހަށިބަޔަށެވެ. ކިޔަވަމުންދިޔަ ދުވަސްވަރު ލޯބީގެ ގުޅުމެއް ފަށަށް އޭނާގެ މައިންބަފައިން އިންކާރުކުރީއެވެ. ޚުދު ނީލާވެސް ބޭނުންވީ ފުރަތަމަ ކިޔަވާށެވެ. އެހެންކަމުން ޑިގްރީއާ ހަމައަށް ކިޔެވެންދެންވެސް ނީލާލޯބިވެރިޔަކު ޚިޔާރެއް ނުކުރަމެވެ. ހިތްކިޔާކަހަލަ ރީތި ފިރިހެންކުދިން ނުފެންނަނީކީ ނޫނެވެ. މަންމައާއި ބައްޕަގެ ހުރިހަމައެކަނި ދަރިފުޅަށްވީތީ އެމީހުންގެ އުއްމީދުތަކުގައި ކޮޅުފައިންޖަހަން ބޭނުންނުވީއެވެ. މިއަދު ނީލާއަކީ މަންމަމެން ބޭނުންވި ފަދަ މޮޅުދަރިއެކެވެ. މީހުންގެ ލޯތްބާއި އިޚްތިރާމު ލިބިގެންވާ ފަރުދެކެވެ. ރަށު ސުކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ ހައިސިއްޔަތުން އޭނާއަކީ ޤަދަރުލިބިގެންވާ ޤާބިލް ވެރިއެކެވެ. ނީލާގެ ބަސްމަދުކަމާއި މަޑުމައިތިރި މިޖާޒުގެ ސަބަބުން މީހުން އޭނާއަށް އިހުތިރާމު ކުރެއެވެ. ކިތަންމެ ހިތްހަމަ ނުޖެހިގެން މައްސަލައަކާއިގެން އައި ނަމަވެސް ނީލާއާ ހަމައަށް އައިސް އެމީހަކު މަޑުމައިތިރިކަން އިޚްތިޔާރުކުރާކަން ޚުދުއޭނާއަށްވެސް ފާހަގަ ކުރެވެއެވެ. ޕްރިންސިޕަލްއަކީވެސް ރަށުގެ ކަމުވޮށިގެންވާ ގަދަރުވެރި ފަރާތަކަށް ވީތީ މީސްތަކުންގެ ލޯތްބާއި އިހުތިރާމް ލިބިފައިވެއެވެ. ޚުދު ނީލާވެސް އެބޭފުޅާއަށް އިޚުތިރާމުކުރަނީ އެއީ އޭނާއަށްވެސް ކަމުދާ ކަހަލަ ހަރުދަނާ ސަޚުސިއްޔަތަކަށް ވާތީއެވެ.

ރަށަށް އައިސް މިހޭދަވީ މަދުދުވަސްކޮޅުގެ ތެރޭގައިވެސް ނީލާގެ ހިތުގައި ރަށަށް ޖެހިފައިވާ ލޯބި އިތުރުވެގެން ދިޔައެވެ.  ރަށުގެ ހިތްގައިމު މާހައުލުގައި މިގޮތަށް މިނިވަންކަމާއެކު ވަގުތު ހޭދަކޮށްލަން އޭނާއަށް މިލިބުނީ އަދި ކިރިޔާއެވެ. އުމުރުން އަށް އަހަރުން ފެށިގެން އުޅެވިފައިހުރީ ރަށުންބޭރުގައެވެ. ޗުއްޓީއެއްގައި މަދު ފަހަރަކު ރަށަށް އާދެވިފައިވީނަމަވެސް އުމުރުގެ ބޮޑުބައި ހޭދަކުރެވުނީ މާލޭގައެވެ. ރަށުގެ ހިތްގައިމު ދޮންވެލިތުނޑިއާއި ވިލުނޫކުލައިގެ ރީތި ފަޅުގެ ޗާލުކަން ދެކިލާހިތް އަބަދުވެސް އޭނާވެއެވެ. ނޮޅިވަރަންފަރަކީ ނީލާގެ އުފަން ރަށްކަމުގައިވިޔަސް މިއަދު އޭނާއަކީ މިރަށަށް ބީރައްޓެއްސެއް ފަދަމީހެކެވެ. ރަށުގެ އުފަންމީހުންގެ ތެރެއިންވެސް އޭނާ ދަންނަނީ މަދުމީހެކެވެ. އަދި އަމުދުން ރަށަށް އަލަށް ބަދަލުވީ ތިންރަށުގެ މީހުންގެ ތެރޭގައި ދަންނަ އެކަކުވެސް ނޫޅެއެވެ. އެތައް އަހަރަކަށްފަހު ރަށަށް އާދެވުނުއިރު މިވަނީ ކުރިންހީނުކުރާ އެތައް ބަދަލުތަކެއް ރަށަށް އައިސްފައެވެ. މަންމައާއި ބައްޕަވެސް ރަށުގެ މާހައުލަށް ހޭނެން ދުވަސްކޮޅެއްނެގިއެވެ. ރަށުގައި މީހުން ގިނަވުމުން ހަލަބޮލިކަމާއި ބިރުވެރިކަން އުފެދޭނެކަމުގައި ނީލާ ހީކުރިއެވެ. ނަމަވެސް ރަށުތެރޭން އޭނާއަށް އެފަދަ އެއްވެސް ކަމެއް ފެނިފައެއް ނުވެއެވެ. މަގުމަތިން ހިނގާފައިދާއިރު ބައެއް އާމޫނުތައްފެނި ބީރައްޓެހިކަން އިހުސާސްކުރުން ފިޔަވާ އިތުރުކަމެއް ނީލާއަކަށް ފާހަގައެއް ނުކުރެވެއެވެ.

މަސައްކަތުގެ މާހައުލުގައި އެންމެންވެސް އުޅެނީ ނުހަނު އެކުވެރިކަމާއެކުގައެވެ. އެހެންކަމުން ހިތްނުތަނަވަސް ވުމާއި ޝަކުވާކުރުމުގެ އެއްވެސް ފުރުސަތެއް ނޯވެއެވެ. ނަމަވެސް ތާއަބަދު އޭނާގެ ހިތައް އެކަނިވެރިކަން އިހުސާސް ކުރެވެމުންދެއެވެ. ދިމާވާ ބައެއް ކަންތައްތައް ހިއްސާކޮށްލާނެ ބައިވެރިއަކު ނެތްކަމުގެ އުނިކަން މަދުން ނަމަވެސް އިހުސާސް ކުރެވެއެވެ. އެފަދަ ވަގުތުތަކުގައި ނީލާގެގެ އެކުވެރިޔަކީ އޭނާގެ ލެޕްޓޮޕެވެ. އޭގައި ނީލާ ބޭނުން ކޮންމެ ވާހަކައެއްވެސް ހިއްސާކުރެވެއެވެ. އެކަމުން އޭނާގެ ހިތައް ހަމަޖެހުންވެސް ލިބެއެވެ. ނަމަވެސް އަބަދު ގޭތެރޭގައި އިނުމުންވެސް ބައެއްފަހަރު ފޫހިކަން އިހުސާސްކުރެވޭތީ ބޭރަށް ނުކުންނަން ނީލާގެ ހިތް އޭނާއަށް މަޖުބޫރު ކުރެއެވެ. މިއަދުވެސް ނީލާ ބޭރަށް ނުކުތީ، ކޮޓަރިތެރޭގައި އޮވެއޮވެ ފޫހިވެގެންނެވެ. މަޑުމަޑުން ހިނގަމުންގޮސް އޭނާ ގޮނޑުދޮށަށް ފޭބިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން ރީތި ހުދުވެލިގަނޑުމަތީގައި ހުސްފައިގައި ހިނގަމުން އައިސް ރަށުގެ ދެކުނުކޮޅަށްވެސް ނީލާއަށް އާދެވުނީއެވެ. މިހިސާބަށް އައުމުން ކުޅީގެމަތިން ހަނދާންވެ ބަލާލާ ހިތްވީއެވެ. މިއީ ހިތަށް ދިރުން ގެނެސްދޭފަދަ ހިތްގައިމު މާހައުލެކެވެ.

ފޫހިކަމެއްނެތި ކުޅިއަށް ބަލަން އެތައްއިރަކު ނީލާ ހުއްޓެވެ. އެހެން ހުއްޓާ ކުއްލިއަކަށް ބަޔަކު ހިނގާ އަޑުކަހަލަ އަޑެއް އޭނާއަށް އިވުނެވެ. އަޑު އަންނަނީ ނީލާގެ ފުރަގަހުންނެވެ. މިފަދަ ވަގުތެއްގައި އެތަނަށް އަންނާނީ ކޮންބަޔެއްބާއޭ އޭނާގެ ހިތަށްއެރިއެވެ. ބޭއިޚުތިޔާރުގައި ނީލާއަށް ފަހަތްބަލާލެވުނެވެ. އޭރު ޒުވާން ފުރައިގެ ފަސް ފިރިހެންކުދިން ނީލާ ހުރިދިމާއަށް ހިނގާފައި އާދެއެވެ.  އެމީހުންނަކަށް އަދި ނީލާއެއް ނުފެނެވެ. އެމީހުނަށް ފެންނާކަށްވެސް ނީލާ ބޭނުމެއް ނޫނެވެ. މިހުރެވުނުތަނަކީ މީހުން އުޅޭ ސަރަހައްދާއި ނުހަނު ދުރުގައިވާތަނެއްކަން ހަނދާންވެ އިސާހިތަކު ނީލާގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. އޭނާ މަޑުމަޑުން ރުކާނިވާވެލައިގެން ހުރީ އެމީހުންނަށް ނުފެނިވޭތޯއެވެ.

” އޭތް ޝާން…ބަލާބަލަ! އެހެރަދަނީ މަބުނި ވައްތަރުގެ ދޫންޏެއް…..މިތާއުޅޭ ވަރަށް ރީތި ދޫނި..” ކޮންމެވެސް އެއްކުއްޖަކު ބުނާއަޑުއިވުނެވެ.

” އެއީ އިރުވާހުދެއް ނޫންތަ……މިދެން އެފްރިކާގެ ޖަންގަލިތަ މިތާ ފާޑުފާޑު ދޫނިއުޅެން…” ލާނެތް ފާޑަކަށް ހީގެންފައި ދެވަނަ ކުއްޖާ ޖަވާބުދިނެވެ. އެކުދިން ވާހަކަ ދައްކަމުން ނީލާހުރި ދިމާއަށް އަންނަމުން ދިޔަވަރަކަށް އޭނާގެ ހިތުގެ ތެޅުން ގަދަވަމުންދިޔައެވެ. ނޭވާވެސް އަވަސްވަމުންދިޔައެވެ. ދެލޯމަރައިގެން ނޭވާހަމަޔަކަށް އެޅުވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

” އޯ މައި ގޯޑް….މީއަނެއްކާ ޕަރީއެއްތަ؟” ކުއްލިއަކަށް ދާދިގާތުން އިވުނު ފިރިހެންވަންތަ އަޑެއްގެ ސަބަބުން ނީލާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ބިރުންހުރެ ދެލޯހުޅުވާލިއިރު ނީލާގެ ސީދާކުރިމަތީގައި އޭނާގެ މޫނަށް ބަލަހައްޓައިގެން ހެވިފައި ޒުވާންރީތި ފިރިހެން ކުއްޖަކު ހުއްޓެވެ. އެކުއްޖާގެ އުމުރުން ވިއްސަކަށް އަހަރަށްވުރެ މައްޗެއް ނުވާނެކަން ގައިމެވެ. މޫނުމަތީގައި މައުސޫމު ގޮތެއް ހުއްޓެވެ. އޭނާގެ އަޑަށް ދެންތިބިކުދިންވެސް ދުވެފައި ނީލާގެ ގާތަށް އަތުވެއްޖެއެވެ. ވަށައިގެންތިބެ ހުރިހާކުދިން

ނީލާއަށް ބަލަންފެށުމުން ވަގުތުން އޭނާގެ އަތްފައިފިނި ވެއްޖެއެވެ. އެތާނގައި މީގެކުރިން ނީލާދުށް އެއްވެސް  ކުއްޖެއް ނެތެވެ. އެއީ މުޅިންވެސް އޭނާއަށް އާމޫނުތަކެކެވެ.

އެންމެ ނުލަފާއުމުރުގެ ފިރިހެންކުދިން ތަކެއްގެ މެދުގައި އެކަނިމާއެކަނި ހުންނަން ޖެހުމުން ހިތަށް ބިރުވެރިކަންވަދެ ފައިކޮޅުންވާގި ދޫވާގޮތްވިއެވެ. ހަދާނެ ހަމަ އެއްގޮތެއްވެސް އޭނަގެ ސިކުނޑިއަކަށް ނައެވެ. ކުރިއަށް ވުރެވެސް ބޮޑަށް ރުކުގައި ލައްވެ ފިތިގެން ގުޑިލަންވެސް ނުކެރިފައި ނީލާ ހުއްޓެވެ. ނީލާގެ މޫނަށް ބަލަހައްޓައިގެންހުރި އިޝާންހުރީ ނީލާފެނި ފާޑަކަށް ޝޯޚްވެފައެވެ. އެއީ އޭނާ މިރަށުގައި މިހޭދަކުރި ތިންދުވަހުތެރޭގައިވެސް ފެނިވައިވާ ކުއްޖެއް ނޫނެވެ. ގަދަ ފިޔާތޮށިކުލައިގެ ޝޯލްގެ ތެރެއިން ނީލާގެ ދޮންދޮން މޫނު ފެންނަންލެއް ރީތިކަމުން އިޝާންއަށް ބަސްހުއްޓިފައި ބަލަންއިރުކޮޅަކު ހުރެވުނެވެ. ކުއްލިއަކަށް އިޝާންގެ އަތުގައި އޮތް ކެމެރާ ނީލާގެ މޫނާ އަމާޒުކޮށްފައި ފޮޓޯނަގަން ފެށިއެވެ. ނީލާއަށް މޫނާ ދިމާއަށް އަތް ހުރަސްކޮށް ލެވުނީވެސް ދެތިން ގަނޑުނެގި ފަހުންނެވެ.

” ވާއު! ބިއުޓިފުލް!” ކެމެރާގެ ސުކްރީން އެހެންކުދިންނަށްވެސް ދައްކާލަމުން އިޝާން ބުންޏެވެ. އެހެންކުދިންވެސް އޭނާއާ އެއްބައިވުމުގެ ގޮތުން ފޮޓޯއަށް ތައުރީފު ކުރިއެވެ.

” އަދި އެއްފަހަރު މޫނު ދައްކާލަފާނަންތަ އަހަރެން ފޮޓޯއެއް ނަގަން……އައި ޕްރޮމިސް…ތީނަގެ ފޮޓޯ އަހަރެން ލީކެއް ނުކުރާނަންކަން….ދޯ ގައިޒްސް..” އޭނާގެ އެކުވެރިންނަށް ދޯދެމުން އޭނާ ނީލާގެ ގާތަށް ޖެހިލިއެވެ. ރުކުގައި އެއްއަތް ވިއްދާލަމުން އިޝާން ކުޑަކޮށް ނީލާއާ ދިމާއަށް ގުދުވެލިއެވެ. އެވަގުތު ނީލާގެ ނޭފަތުގައި ޖެހުނު ފިރިހެން ސެންޓުގެ ވަސް އޭނާގެ ހިއްސުތަކާ ކުޅެލިއެވެ. ނީލާ ކުރިޔަށްވުރެ ބޮޑަށް އިސްޖަހާލަމުން އޭނާގެ މޫނުފޮރުވަން މަސައްކަތްކުރިއެވެ. އިޝާންވެސް ކުރިއަށްވުރެ ބޮޑަށް ނީލާއާ ދިމާއަށް ގުދުވިއެވެ. ނީލާ ބިރުންހުރެ އިޝާންގެ މޫނަށް ބަލާލީމެވެ. ނީލާ އިސްއުފުލާލުމުން އިޝާންގެ ނޭފަތާއި އޭނާގެ ނޭފަތާއި ދެމެދުގައިހުރީ ބައި އިންޗިއެއްހައި ދުރުމިނެވެ. އިޝާންގެ ހޫނުނޭވާތައް އެއްވެސް ހުރަހެއްނެތި ނީލާގެ މޫނަށް އެޅެންފެށިއެވެ. ލާނެތްކަން އެކުލެވިފައިވާ އެތޫނު ދެލޯ ނީލާގެ ލޮލާއި އަމާޒުވުމުން ހިނދުކޮޅަކަށް އޭނާގެ ހަށިގަނޑުގެ ހަރަކާތްތައް ހުއްޓުނެވެ. ދެވަނަ ސިކުންތުގައި ނީލާއަށް ލޯމަރާލެވުނީ އިޝާންގެ އެތޫނު ނަޒަރުން ސަލާމަތްވުމަށެވެ. ކިތަންމެ މައުސޫމު ގޮތެއް އެމޫނުގައި ހުއްޓަސް އެތޫނު ދެލޮލުން ނީލާގެ މުޅި ހަށިގަނޑަށް އަސަރުކުރުވައިފިއެވެ.

“ހާދަބިރުންހުރިހެން ހީވެޔޭ…..އަހަރެން ކަމެއްކޮށްފާނެތީދޯ……އަސްލުވެސް ހިތައްއެބައަރާ ތިހާ ރީތިކުއްޖަކު މިހާ ރޮމޭންޓިކްތާކުން ފެނުނީމަ ހަމަކަމެއް ނުކޮށް  ދޫކޮށްލަންވީބާއޭ…..ކިހާސަޅި ޗާންސެއްމީ….އަހަރެމެން ބޭނުން ކޮންމެކަމެއް މިވަގުތުކުރިޔަސް އެކަކަށްވެސް ނޭނގޭނެ..” އިޝާން ވައިއަޑުން ވާހަކަ ދެއްކިނަމަވެސް އެވާހަކަތައް ނީލާއަށް އިވުނީ ބިރުވެރި ހޮނުގުގުރިއެއް ފަދައިންނެވެ. ނީލާގެ ހިތައްއެރިއެވެ. އޭނާ އެބުނީ ތެދެކެވެ. އެމީހުން އަހަރެންނަށް ކޮންމެގޮތެއް ހެދިޔަސް މިވަގުތު އަހަރެންނަށް ހެދޭނެ ގަދައެއްނެތެވެ. އެމީހުން އަހަރެން ރޭޕްވެސް ކޮށްފާނެއެވެ. އަހަރެންގެ ފޮޓޯނަގާފައި އިންޓަރނެޓަށްވެސް ލައިފާނެއެވެ. ގަތްބިރުން ނީލާގެ ހިތުގެ ތެޅުންވެސް އިންތިހާއަށް ގަދަވެގެންދިޔައެވެ. އެދޮންމޫނުގެ ކުލަވެސް ފަނޑުވެގެން ދިޔައީ އިޝާން ބަލަބަލާ ހުއްޓައެވެ. ނީލާގެ ނޭވާވެސް ހިނދެއް ހިނދަކަށް އަވަސްވަމުން ދިޔައެވެ. އޭނާގެ މުޅިހަށިގަނޑުގައި ތުރުތުރެއްވެސް އުފެދުނެވެ. ނީލާގެ ބޮލަށް އެނބުރުން އަރާކަހަލަ ގޮތެއްވެގެން ދިޔައެވެ. ނީލާއަށް ވަމުންދާގޮތް ފެނުމުން އިޝާންގެ މޫނުގައިހުރި ލާނެތްކަން ކެނޑި ސީރިއަސް ވެވުނެވެ.

” އޭތް..އޭތް…އޯކޭތަ؟….ކިހިނެއްތިވަނީ….އޯ ގޯޑް…..ފެއިންޓްވަނީތަ؟” އިޝާން ނީލާގެ ކޮލުގައި މަޑުމަޑުން އަތް ޖައްސާލިއެވެ.  މުޅިމާހައުލުވެސް އެނބުރޭހެން ނީލާއަށް ހީވިއެވެ. އޭނާގެ ފައިކޮޅުން ހަކަތަ ހުސްވެއްޖެއެވެ. މޫނުމައްޗަށްވެސް އަނދިރިވާން ފަށައިފިއެވެ. ރުކުގައި ހިފަހައްޓަން އުޅުނުނަމަވެސް އަތްތުރުތުރު އަޅާވަރުން މަޑުމަޑުން އޭނާގެ އަތްދޫވަމުން ދިޔައެވެ. އަރިއަޅާލައިގެންދިޔަ ވަގުތު ނީލާއަށް އިޝާންގެ ގައިގާ ހިފެހެއްޓުނުކަން އެނގެއެވެ. ދެންވީގޮތެއް އޭނާއަކަށް ނޭނގުނެވެ. އިޝާންއަށް ލިބުނު ސިހުމާއެކު އަވަސް އަވަހަށް ނީލާގެ ގައިގާ ހިފެހެއްޓިއެވެ. އަދި މަޑުމަޑުން ނީލާ ގޮވައިގެން ރުއްދަށުގައި އިށީނެވެ.

” އޭތް…ބަޑީސް….މިކުއްޖާ ހަމައަސްލުވެސް ފެއިންޓްވީއޭ….އަވަހަށް ފެންފުޅިދީބަލަ!” ހާސްވެފައި އިޝާން އޭނާގެ އެކުވެރިންނަށް ބުންޏެވެ. އެމީހުންވެސް ކަންބޮޑުވެގެން ނީލާއާއި އިޝާންގެ ވަށައިގެން އިށީނދެ ނީލާގެ މޫނަށް ބަލަން ތިއްބެވެ. އިޝާން ނީލާ އޭނާގެ އުނގުތެރޭގައި ރީތިކޮށް ބޭއްވުމަށްފަހު މޫނުގައި ފެންހާކަން ފެށިއެވެ. އަދި ނީލާގެ މަޑުމަޑު އަތްތިލާގައި އަތްހާކައި ހޫނުކުރަން ފެށިއެވެ. ނަމަވެސް ނީލާގެ އެއްވެސް ހަރަކާތެއްނެތެވެ.

” މިޖެހުނީ ކިހާދެރަކަމެއް…..ދެން ކިހިނެއް ހަދާނީވެސް؟….ޝާން ކީކޭބުނީމަތަ އޭނަ ފެއިންޓްވީ؟….” ޒިހާން ސީރިއަސްވެފައި އަހާލިއެވެ.

” އަހަރެން ސަމާސާއެއްކޮށްލީ…..އަހަންނަށް ކިހިނެއް އެނގޭނީ…މިކުއްޖާ އެހާ ބިރުގަންނާނެކަމެއް…” އިޝާންއިނީ ވަރަށް ކަންބޮޑުވެ ދެރަވެސް ވެފައެވެ. ފެންހާކާތާ އިރުކޮޅެއްފަހުން ނީލާ އެސްފިޔަތައް ތަޅުވާލިއެވެ. އިޝާން ކެތްތެރިކަމެއްނެތި އެހަންއޮމާން މޫނަށް ބަލަހައްޓައިގެން ފިރުމާލަ ފިރުމާލާއިނެވެ. ލޯހުޅުވާލުމާއެކު ނީލާ ވަށައިގެން ހޯދާލިއެވެ. ރަނގަޅަށް ދެލޯހުޅުވާފައި ބަލާލިއިރު ނީލާއަށް މިއޮވެވުނީ އިޝާންގެ އުނގުގައެވެ. އިޝާންއިނީ ރުކުގައި ލެނގިލައިގެންނެވެ. ނީލާއަށް އޮވެވުނީ އެނުދަންނަ ފިރިހެން ކުއްޖާގެ އުނގުގައިކަން އެނގުމުން ގަތްލަދުން އޭނާ އަވަސް އަވަހަށް ތެދުވަން މަސައްކަތްކުރިއެވެ.  ނަމަވެސް އިޝާން ނީލާގެ އަތުގައި ހިފެހެއްޓިއެވެ.

” މަޑުކޮށްބަލަ!….އަދި އެއްކޮށް ހަމަޔަކަށް އެޅޭންދެން…..އަދިވެސް ހީވަނީ އެނބުރުން އަރާފަހުރިހެން…..ނައީޝް އަދި ފެންފޮދެއް ގެނެބަލަ!” ނީލާގެ އަތުގައިހިފައި އޭނާ ދާދިގާތުގައި ބޭއްދުމަށްފަހު އިޝާން އޭނާގެ އެކުވެރިޔާއަށް ބުންޏެވެ.

” ޝާން…އަން މިއޮތީ ފެންފުޅި…” ތަންކޮޅެއް ދުރުގައި ކޮޅަށްހުރި ނައީޝް އޭނާގެ އަތުގައި އޮތްދަބަހުންނެގި ފެންފުޅިއެއް އިޝާންއަށް އެއްލިއެވެ.

” އަން….ފެންފޮދެއްބޯލާ!…..މާބޮޑަށް ބިރުގަތީދޯ…ސޮރީ ވަރަށް ބޮޑަށް…އަހަރެން ހަމަ ސަމާސާކޮށްލީ…ހިޔެއްނުކުރަން ތިވަރުވެދާނެ ކަމަކަށް” ދެރަވެލާފައި އިޝާން ވާހަކަ ދެއްކިއެވެ. އެހާގާތުގައި އިޝާން އިނުމުން ނީލާއިނީ ކަންބޮޑުވެފައެވެ. ނީލާއަށްވީގޮތް އިޝާންއަށް ރަނގަޅަށް އެނގޭތީ އޭނާ މަސައްކަތްކުރީ ނީލާގެ ހާސްކަން ކަނޑުވާށެވެ. ނީލާ ފެންފޮދެއްބޯލުމަށްފަހު ފެންފުޅި އިޝާންގެ އަތަށްދިނެވެ. އަދިވެސް ނީލާގެ ހިތުގެ ތެޅުން ހަމަޔަކަށް ނޭޅެއެވެ.

” ޝާން އާހެދިވީގޮތެއް އެއީ…..ޝާން އެފަކީރު ބިރުގަންނަވާލީ ވިއްޔަ؟…އެހެން ހަދާކަށް ނުވާނެއްނު އެހާ ނާޒުކުކުދިންނަށް….” އިޝާންގެ އެހެން އެކުވެރިޔަކު އިޝާންއާދިމާކޮށްލިއެވެ. ނީލާ އަނެއްކާވެސް އިޝާންއާ ދުރަށްޖެހިލުމަށްފަހު ތެދުވަން މަސައްކަތްކުރިއެވެ. އިޝާން ނީލާގެ އަތުގައި ހިފައިގެން އޭނާއާއެކު ތެދުވެ ހަމަޖެހިލަމުން ނީލާއަށް ބަލާލާފައި ހީލިއެވެ. ނީލާ ލަދުން އިސްޖަހާލިއެވެ.

” މީ އިޝާން…..އެކުވެރިން ކިޔަނީ ޝާން…..ތީ ކޮންނަމެއްކިޔާ ކުއްޖެއް…..ނަން އެނގުނީމަތާ ދެންފަހަރުން ފެނުނަސް ގޮވާލަންވެސް އެނގޭނީ..” ނީލާއާ ދިމާއަށް އަތްދިއްކޮށްލަމުން އިޝާން ބުންޏެވެ. ނީލާ އަދިވެސްހުރީ އިސްއުފުލާ ބަލާލަންވެސް ނުކެރިފައެވެ. ޝާންގެ އަތަށް ބަލަހައްޓައިގެން ހުރިއިރު އޭނާއާ ހަތަރުކަޅި ހަމަކުރަން ނީލާހުރީ ޖެހިލުންވެފައެވެ. އަޖާއިބެކެވެ. ނީލާގެ ހިތައްއެރިއެވެ. ދުވާލަކު އެތައްފަހަރަކު ތަފާތު އެތައްބަޔަކާކުރިމަތިލާއިރުވެސް އަހަރެން ޖެހިލުމެއް ނުވެއެވެ. ލަދެއްވެސް ނުގަނެއެވެ.  އަދި ފުރާވަރުގެ ކުދިންގެ އެކިއެކި ގޯނާތަކާ ކުރިމަތިލައި އެކުދިންނަށް ހެޔޮނަސޭހަތްދީހަދަނީ ނިކަން ކެރިގެންނެވެ. ދެން މިހާރު މިހާފިނޑިމިވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަށްވުރެ އެތައް އަހަރެއްހަގު ފިރިހެން ކުއްޖަކު ފެނުމުން އަހަރެން މިހާ ފިނޑިވީ ކީއްވެގެން ހެއްޔެވެ؟ އެދެލޮލަށް ބަލަން އަހަރެން ޖެހިލުންވަނީ ކީއްވެގެން ހެއްޔެވެ؟ ނީލާއަކަށް އެއްގޮތަކަށްވެސް އޭނާގެ ހިތަށްވީގޮތެއް ނޭނގުނެވެ. އެނގޭހައިވެސް އެއްޗަކީ ކުރިންނުވާ ގޮތެއް އިޝާން ފެނުމުން އޭނާއަށްވީކަމެވެ.

” ނަން ނުބުނަންތަ ތިހުންނަނީ….އޯކޭ..ދެން ނަންބުނަންވެސް ތިހާބިރުގަންނަންޏާ ކުރާނެ ކަމެއްނެތް….” ނީލާގެ ޖަވާބެއް ނުލިބުމުން އިޝާން ހިނިތުންވެލާފައި އޭނާގެ އަތް ޖީބަށް ޖަހާލިއެވެ. ނީލާ ސިއްރުސިއްރުން އިޝާންއަށް ބަލާލީއެވެ. ހުދުކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ސްކިނީ ޖީންސެއްގައި ފެންނައިރު ބަލާފޫހިނުވާހާ ރީއްޗެވެ. ކަނދުރާއާ ހަމަޔަށް ދިގުކޮށްލާފައިއޮތް ފަންއިސްތަށިގަނޑެކެވެ. އިސްކޮޅާއި އެއްވަރުގެ ރޫފައެކެވެ. ހަށިގަނޑަށް ބަލާލުމުން ހީވަނީ ފަންސަވީހަކަށް އަހަރުގެ ޒުވާނެއް ހެންނެވެ. ނަމަވެސް މޫނުމަތީގައިވާ މައުސޫމުކަމާއި ލާނެއްކަމުން އޭނާގެ އުމުރުގެ ހަގުކަން ދޭހަކޮށްދެއެވެ. ތުންފަތުގައި ދުވެލަ ދުވެލާހުރި ހިނިތުންވުމުގެ ސަބަބުން އެމޫނުގެ އުޖާލާކަން އިތުރުކޮށްދީފައި ވެއެވެ. އޭނާގެ ވަށައިގެންތިބިކުދިންވެސް، އިސްކޮޅުން އޭނައާއި ދާދި އެއްވަރުނަމަވެސް ހަށިގަނޑުން ނިކަމެއްޗެވެ. ހިކިކަމުން ޖީންސް ހަރުލަނީވެސް ކިރިޔަ ކިރިޔާއެވެ. މައްސަލައެއް ނެތްތާއެވެ.އެއީ ޒަމާނީ ފެޝަން ވިއްޔާއެވެ.

” މީ ނައީޝް….މީޝިޔާން….މީޒިހާން….މީއަމާން….މީ އަހަރެންގެ އެންމެގާތް އެކުވެރިން….އަދިހަމަ އަލަށް މިރަށަށް މިއައީ…..ދެން މީނަވެސް ނަންބުނެލަދިނިއްޔާ ވަރަށް ރަނގަޅު…” އިޝާން އޭނާގެ ހުރިހާ އެކުވެރިން ވަކިވަކިން ތައާރަފްކޮށްދިނެވެ.

” އަހަރެންނަށް ކިޔަނީ ނީލާ” ނީލާ ވަރަށް ހިތަވަރުކޮށްފައި އޭނާގެ ނަން ބުންޏެވެ.

“ވާއު…ނަންވެސް ހާދަ ރީއްޗޭ!” އިޝާންއަށް އެހެންބުނެވުނީ ބޭއިޚްތިޔާރުގައެވެ. އެވަގުތު އޭނާގެ އެކުވެރިން ހޭންވެސް ފެށިއެވެ. އިޝާން ރަކިވާގޮތްވުމުން އަވަސް އަވަހަށް ވާހަކަ ބަދަލުކޮށްލިއެވެ.

” ކުރިންވެސް މިރަށުގަ އުޅެންތަ ނީލް؟” އިޝާން ނީލްއޭ މުޚާތަބުކުރުމުން ނީލާ ބަލާލީ ހައިރާންކަމާއެކީގައެވެ. އެއީ އޭނާއަށް ދުވަހަކުވެސް މީހަކު މީގެކުރިން މުޚާތަބުކުރިގޮތެއް ނޫނެވެ. އޭނާގެ އެކުވެރިންވެސް އޭނާއަށް ކިޔާއުޅެނީ “ނީ” އެވެ.

“އުމްމް…އަހަރެން ނީލް ކިޔަސް އޯކޭތަ؟” ނީލާ ބަލާލިގޮތުން ޖެހިލުންވެހުރެ އިޝާން އަހާލިއެވެ. ނީލާ ހަމައެކަނި ހިނިތުންވެލީއެވެ.

” އާނ! ޝާން ބޭނުންނަމަކުން ހަމަގޮވަންވީނު!….ޝާންގެ އުނގުގަ އޭނާބޭއްވީވެސް ހުއްދަހޯދާފައެއް ނޫނެއްނު!…ދެން މިހާރު ނަމަކުން ގޮވަންވީމަ ކޮން ހުއްދައެއްތިހޯދަނީ؟” ޒިހާން ބުނެލި ވާހަކައިން ނީލާ ލަދުން ތިރީތުންފަތުގައި ދަތްއަޅާލި މަންޒަރު ރީތިކޮށްވެސް އިޝާން އަށް ފެނުނެވެ. އިޝާން ޒިހާންއަށް ލޯއަޅާލިއެވެ. ނީލާހުރީ އަވަހަށް އެތަނުންދާން ބޭނުންވެފައެވެ. އެހެންކަމުން އަވަސް އަވަހަށް ގޮނޑުދޮށަށް ފައިބަން ހިނގައިގަތެވެ. އެވަގުތު އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއްގެނައީ އިތުރު އެހެންބަޔަކު ވާހަކަދައްކަމުން އަންނައަޑު އިވުމުންނެވެ. ނީލާއަށް ކަންބޮޑުވެފައި ފަހަތްބަލާލެވުނެވެ. ނީލާ ޒުވާން ފިރިހެންކުދިންތަކެއްގެ މެދުގައި ހުއްޓައި އެހެންމީހަކަށް ފެނި އޭނާގެ އަގުވެއްޓޭކަށް ބޭނުމެއް ނުވެއެވެ. ނީލާ ފަހަތް ފަހަތަށް އިޝާންމެން ތިބި ދިމާއަށް ހިނގައިގަތީ އެއަންނަ މީހުންނަށް ނުފެންނަން ވެގެންނެވެ. އިޝާން އަށާއި އޭނާގެ އެކުވެރިންނަށްވެސް ބަޔަކު ވާހަކަ ދައްކާއަޑު އިވިގެން އެކަކު އަނެކެއްގެ މޫނަށް ބަލާލިއެވެ. އެކަނި އަންހެން ކުއްޖެއްގެ ގާތުގައި އެމީހުންތިބިތަން ރަށުބަޔަކަށް ފެންނާކަން އެމީހުންވެސް ނޭދެއެވެ. ނީލާ ފަހަތަށް ޖެހެމުންގޮސް ކުރިންވެސް އޭނާ ހުރިހިސާބަށް ދެވުމުން ހުއްޓި އިޝާންގެ މޫނަށް ބަލާލީ ދެންހަދާނެ ގޮތެއް ނޭނގިގެންނެވެ. އިޝާން ބަލާކަށް ނުހުރެ ނީލާގެ އަތުގައި ހިފައިގެން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކައިރީގައިހުރި ކަށިކެޔޮގަހެއްގެ ނިވަލަށް ވަދެފިލައިފިއެވެ. އިޝާންގެ އެކުވެރިންވެސް އަވަސް އަވަހަށް އެތަން މިތަނަށް ވަދެއްޖެއެވެ.

އެންމެންވެސް ނޭވާ ހިފަހައްޓާލައިގެން ތިއްބާ އެބަޔަކު ވާހަކަ ދައްކަމުން ހުއްޓިވެސްނުލައި އެދިޔަގޮތަށް ރަށުގެ ދެކުނުކޮޅަށް ދިޔައެވެ. އެގުރޫޕްގައިވެސް ގާތްގަނޑަކަށް ފަސްވަރަކަށް މީހުން ތިއްބެވެ. އެމީހުން ގޮސް އޮބާލުމުން އިޝާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އިޝާން ހަމަޖެހިލަމުން ނީލާއަށް ބަލާލިއިރު އޭނާހުރީ ބިރުން އަދިވެސް ނޭވާ ހިފަހައްޓައި ލައިގެންނެވެ. ތިބެވުނުލެއް ގާތްކަމުން އެކަކު އަނެކެއްގެ ހިތުގެ ތެޅުމުގެ އަޑުވެސްއިވޭހާ ވެއެވެ. އިޝާން ބަލަން ފެށުމުން ނީލާ އަވަސް އަވަހަށް އިޝާންއާ ދުރަށް ޖެހިލިއެވެ. އިޝާންވެސް ހިނިތުންވެލާފައި އަނެއްފަރާތަށް އެނބުރި އެހެން މީހުން ކޮބައިތޯ ބަލާލިއެވެ.

“އާއާއާތްތްތް!” ކުއްލިއަކަށް ނީލާ ވަރަށްބާރަށް ހަޅޭއްލަވައިގަތެވެ. އިޝާން ދިޔައީ އެއްލިގެންނެވެ.

” ކިހިނެއްވީ؟” ހާސްވެފައި އިޝާން ސުވާލުކޮށްލިއެވެ.

” އިޝާންގެ ޓީޝާޓްގަ އެބޮތް….ކޮންމެވެސް ދިރޭއެއްޗެއް…..ފުރަގަހުގަ…” މާނޭވާލަމުން ނީލާ ވާހަކަ ދެއްކިއެވެ.

“ކީކޭ؟…ކޯއްޗެއްތަ؟” ހުއްޓަހުއްޓާފައި ނީލާ ދެއްކި ވާހަކައެއް އިޝާންއަކަށް ސާފެއް ނުވިއެވެ. ނަމަވެސް ނީލާ ބިރުގެންފައިހުރިވަރުން އިޝާންވެސް ބިރުންގޮސް އަވަސް އަވަހަށް ޓީޝާޓް ބޮލުން ދަމައިގެންފައި އަތުގެކޮޅަށް ހޫރާލިއެވެ. ނަންނުގަންޗެއްވެސް އޮވެދާނެތީ އިޝާންހުރީ އިންތިހާއަށް ބިރުގެންފައެވެ.

” ކިހިނެއްވީތަ ހާދަވަރަކަށް ހަޅޭއްލަވަނީ؟….” ޝިޔާންވެސް ކައިރީގައިހުރި ރުކުގެ އެފަރާތުން ނުކުމެ ކަންބޮޑުވެފައި އަހާލިއެވެ.

” ބުރޯ؟..ތީ ކޮންކަމެއް؟….ހުސްގަޔާހަދާލައިގެން އަނެއްކާ ކީއްކުރާނަމޭ ހިތާތިއުޅެނީ؟….” ހުސްގަޔާހުރި އިޝާންފެނި ހައިރާންވެފައި ޒިހާން އަހާލިއެވެ.

” ލިބުނު ފުރުސަތުގެ ބޭނުންހިފާ އެކުއްޖާއަށް ގޮތެއްހެދީތަ….އޭނަ އެހާބާރަށް ހަޅޭއްލެވީ؟..” ނައީޝްއަށްވެސް އިޝާން އެގޮތަށް ހުއްޓައި ފެނުމުން ކުށްހީއެއް ކުރެވުނެވެ.

” ކަމޯން ގައިޒްސް……މަކަމެއް ނުކުރަމޭ ދޯ ނީލް……ނީލްއޭ ކުރިކަމެއްވިއްޔާކުރީ…..މަގޭ ޓީޝާޓްގަ ދިރޭ އެއްޗެއް އޮތީއޭކިޔާ ހަޅޭއްލަވައިގަތީމަ މަވެސް ބިރުން ޓީޝާޓް ހޫރާލީ…..ނޭނގެ އޭތިދިޔަ ދިމާލެއްވެސް..” ވަށައިގެން ހޯދާބަލާލަމުން އިޝާން ވީގޮތް އޮޅުން ފިލުވައިދިނެވެ. އެވަގުތު އެންމެން އެއްފަހަރާ ބާރަކަށް ހޭންފެށިއެވެ. ނައީޝް ކައިރީގައި ހުރި ފަންތަކެއް މައްޗައް ވެއްޓިއޮވެގެން ހެމުންދިޔައެވެ. ދެންތިބިމީހުންވެސް ބިނދިބިނދިފައި ހެނީއެވެ. އިޝާން ނީލާއަށް ބަލާލިއިރު އޭނާވެސް އަނގަމަތީއަތް އަޅައިގެންހުރީ ހިނިގަނޑުމަތަކުރަން ވެގެންނެވެ. އެންމެން ހޭތަން ފެނުމުން އިޝާން ހަމަރަނގަޅަށްވެސް ރަކިވިއެވެ. އިޝާންގެ ރީތި ފިރިހެންވަންތަ ހަށިގަނޑުފެނި ނީލާއަށް ސިއްރު ސިއްރުން ބަލާލެވުނެވެ. އިޝާންއަށްވެސް އެކަން ފާހަގަކުރެވި އިތުރަށް ލަދުގަންނަ ގޮތްވިއެވެ. އިޝާން ދިމަދިމާ ހޯދަމުންދަނިކޮށް އޭނާގެ ޓީޝާޓްފެނުނީ ކައިރީގައިހުރި ކަށިކެޔޮގަހުގެ ކުރީގައި ހަރުލާފައި ހުއްޓައެވެ. ފަންކިރިއްސާފައިވާ އޮށިގަނޑެއް ނަގައިގެން އޭނާގެ ޓީޝާޓް ނެގޭތޯ އިޝާން މަސައްކަތްކުރިއެވެ. އެމަންޒަރު ފެނިފައި އަނެއްކާވެސް އޭނާގެ އެކުވެރިން އޭނާއަށް މަލާމާތްކޮށްފައި ހެމުންދިޔައެވެ. އިޝާންއަށް ބަލާލެވުނީ ނީލާއާ ދިމާއެވެ. އިޝާންއާ ހަތަރުކަޅި ހަމަވުމުން ނީލާ އަވަސް އަވަހަށް އިސްޖަހާލިއެވެ. ހައެއްކަ ފަހަރު މަސައްކަތް ކުރިފަހުން އިޝާންގެ ޓީޝާޓް ނެގިއްޖެއެވެ. އިޝާން ބިރުންހުރެ ވަރަށް ބާރަށް ޓީޝާޓް ފޮޅާލިއެވެ. އެއާއެކު ކުޑަ ކުޑަ ވާމެކުންޏެއް ޓީޝާޓްގެ ތެރެއިން ވެއްޓުނެވެ. އިޝާން ލޯހަނިކޮށްލާފައި ނީލާއަށް ބަލާލަމުން ދެބުމަގޮށްޖަހާލިއެވެ. ޒިހާންއަށް އެމަންޒަރުފެނި އަނެއްކާވެސް ހިނިގަނޑު ފަޅައިގެންދިޔައެވެ.

” ކުޑަ ކުޑަ ވާމެކުންޏަކާހެދި މީހަކު އޮރިޔާންވީ..ހެހެހެ.” ހެމުން ހެމުން ޒިހާން ބުންޏެވެ. އިޝާން އަނގައިންވެސް ނުބުނެ ޓީޝާޓްލައިގެން ހޭޅިފަށުން ނުކުމެ ގޮޑުދޮށަށް ފޭބިއެވެ. ދެންތިބިމީހުންވެސް އިޝާންގެ ފަހަތުން ދާން ހިނގައިގަތެވެ.

” އާދޭ ނީލްވެސް ދާން….” އެންމެ ފަހަތުގައި ހުރި ނައީޝް ހިނިތުންވެލަމުން ނީލާއަށް ބުންޏެވެ. ނީލާހުރީ ހަދަންވީ ކިހިނެއްކަމެއް ނޭނގިފައެވެ. އަތުގައި އޮތްފޯނަށް ބަލާލީ ގަޑިންވީއިރެއް ބެލުމަށެވެ. މިހާރު ހަވީރު ފަސްގަޑިބައިވެއްޖެއެވެ. ނީލާހުރީ ވަރަށް ބޮޑަށް ގެޔަށްދާން ބޭނުންވެފައެވެ. ނަމަވެސް ފިރިހެންކުދިން ތަކެއްގެ ފަހަތުންދާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން އެހުރިތާނގައި މަޑުކޮށްގެން އޭނާހުރީއެވެ.

” ނުދާނަންތަ؟” ނީލާ ނައީޝްއާ އެކު ހިނގައި ނުގަތުމުން ތަންކޮޅަކަށް ގޮސްފައިވެސް ނައީޝް މަޑުކޮށްލިއެވެ.

“ތިމީހުންދޭ!…އަހަރެން ފަހުންދާނަން..” އެންމެފަހުން ނީލާ ބުންޏެވެ.

” ނޫން….ނީލް ކުރިންދޭ!..އެހެންނޫނީ އިރުއޮއްސޭއިރުވެސް އަވަށާހަމަޔަކަށް ނުފޯރާނެ…..އަހަރެމެން ހިނގައިދާނަން ފަހުން…” އެމީހުނާ ދިމާއަށް އަންނަމުން އިޝާން ބުންޏެވެ. އިރުއޮއްސި އަނދިރިވާފަހުން އަންހެން ކުއްޖަކު އެކަނި ގޮނޑުދޮށުގައި ހުންނަން އިޝާން ބޭނުންނުވީއެވެ. އިޝާން ސީރިއަސްވެފައި ހުރުމުން ނީލާ އެއްވެސް އެއްޗެއް ނުބުނެ ދާންހިނގައިގަތެވެ. އިޝާންވެސް ނީލާއާއެކު ގޮނޑުދޮށަށްފައިބައި ނީލާދާ މަންޒަރުބަލަން ހުއްޓެވެ.

” ވަރަށް ސަޅި ބިޓެއްދޯ؟….ސެޓްކޮށްލަމާ…އިޝާންއަށް ވާނެހެން ހީވަނީ..” އިޝާންގެ ގާތަށް ޖެހިލާފައި ނައީޝް ބުނެލި ޖުމްލައިން އިޝާން ސިހޭގޮތްވިއެވެ.

” ދެންހަމަ ތާކުން މީހަކު ފެންނައިރަށް ކަލެއަށް ތިނޫން އެއްޗެއް ނުވިސްނޭތަ؟…އެވެދާނެ މީހެއްގެ އަންބަކަށްވެސް..” ސަމާސާ ރާގެއްގައި ބުނިނަމަވެސް އިޝާންހުރީ ކުޑަކޮށް ނުރުހިފައެވެ.

” ހެހެހެ..އިޝާންއަށް ހީވޭތަ މީހެއްގެ އަންބެއްނަމަ އޭނަ މިތަނުގަ އެހުރިހާއިރު ހުންނާނެހެން……އެކަނިމާއެކަނި….އެއީ ލޯބިވެރިޔެއްވެސް ނެތް އެކަނިވެރިއެއްކަންވެސް ޔަގީން…..އެކަހަލަކުދިން ހަމަ ކިރިޔާ ކޮށްޓާލިޔަސް ވަރަށް ފަސޭހައިން ސެޓްވާނެ..” އެއްވެސް ވަރަކަށް ވިސްނާލުމެއްނެތި ނީލާއާ ބެހޭގޮތުން ނައީޝް އެގޮތަށް ވާހަކަ ދެއްކުމުން އިޝާންގެ ގާތަށް ރުޅިއަންނަ ގޮތްވިއެވެ.

” ނައްޓޭއަށް ހީވަނީތަ…..ނައްޓޭއަށް ފެންނަހާ އަންހެންކުއްޖަކު ބޭނުން ގޮތަކަށް ހައްލާލެވިދާނެއޭ…..ތިހެންބުނާއިރު ހީވަނީ ދުނިޔޭގަ އުޅޭ ހުރިހާ އަންހެން ކުދިންނަކީވެސް ނައްޓޭ ތިގެންގުޅޭ ކަހަލަ ކަޓްކުދިން ކަމަށްތަ…..އެންމެން އެއްގޮތެއް ނުވާނެ އިނގޭ!” އިޝާން ނީލާ ދިފާއުކޮށް ނައީޝްއާ ދެކޮޅަށް ވާހަކަ ދެއްކުމުން ނައީޝް ހުރީ ހައިރާންވެފައެވެ. މިނޫނީ މިމައުލޫގައި ނައީޝްއާ ދެކޮޅަށް އިޝާން ވާހަކަ ދައްކާފައެއް ނުވެއެވެ.

” ޝާން….ކަލޭ އަނެއްކާ ހިތްކީތަ އެމަންޖެއަށް…..ހެހެހެ…ހާދަވަރެކޭތިވީ…ދެން ގޯހެއްނޫން…..ކަލެޔާ ވަރަށް ގުޅެޔޭހަމަ..” ނައީޝް ހިނގަނޑެއް ޖަހާލަމުން އެހެން ބުނުމުން އިޝާންއަށްވެސް އޭނައަށް ވާހަކަ ދެއްކުނުގޮތާމެދު ވިސްނާލެވުނެވެ.

ބޭއިޚްތިޔާރިގައިވެސް އޭނާއަށް ނީލާ ދިފާއުކުރެވުނީތީ ހައިރާންވިއެވެ. އެއަންހެން ކުއްޖާއާމެދު އޭނާއަށް އަދި ނަންފިޔަވާ އިތުރު އެއްވެސް އެއްޗެއް އެނގިފައެއް ނެތެވެ. މިހާ އަވަހަށް އަންހެން ކުއްޖަކާ އިޝާން ގަޔާވުމަކީ ވެދާނެ ގޮތެއް ކަމަކަށް ޚުދު އޭނާވެސް ގަބޫލެއް ނުކުރެއެވެ.

” ހުނ..މަނޫޅެން ކޮންމެހެން އޭނަޔާ ހިތާވެގެނެއް…..އަދި އަލަށް މަށަށް އޭނަ މިފެނުނީވެސް….އެހެންނޫނަސް އޭނަ މަށަށްވުރެ އުމުރުންވެސް ބޮޑުވާނެހެން މަށަށްހީވަނީ……ދެން މައެބައުޅޭތަ މޮޔަވެގެން..” އިޝާން އަވަސް އަވަހަށް ނައީޝްގެ ވާހަކަ ތަކައް އިންކާރުކުރިއެވެ. ނަމަވެސް އޭނާގެ ހިތުގެ އެއްކަނަނުން އެއަންހެން ކުއްޖާއަށް ޖާގައެއް ދެވިއްޖެކަން ކަށަވަރެވެ.

“ތިހެންވިއްޔާ މަސެޓްކޮށްފާނަން އޭނަ….މަށަށް ވަރަށްކަމުދޭ އޭޖުން ބޮޑެތިކުދިން….ކަމުގެ ތަޖުރިބާ ހުންނާނެންނު….ދުވަސްކޮޅަކު މަޖާކޮށްލާފަ ދޫކޮށްލީމަ ނިމުނީނު….” ވަރަށް ހަމަޖެހިލާފައި ނައީޝް ދެއްކި ވިޔާނުދާ ވާހަކައިން އަނެއްކާވެސް އިޝާން ނުރުހުންވިއެވެ.

“ނައްޓޭ….ތިއަނގަގަނޑު މައިތިރކޮށްބަލަ…..ކަލޭ ދުވަހަކުވެސް ނުވާނެ ސަހަލެއް….އެކަމް ބުނަން ނީލްއާ ތިފާޑަށް ދިމާކުރަން ނުވިސްނާތި!….މިއަދު އޭނައަށް ވީގޮތުންވެސް އެނގެއެއްނު އެއީ ތިހީކުރާކަހަލަ ތަޖުރިބާއެއްކޮށްފަ ހުރިކުއްޖެއް ނޫންކަން…..އުމުރުން ބޮޑުވާހަމީހަކު ކަންކަމުގަ ގިނަތަޖުރިބާ ހުންނަން ޖެހޭތަ…..ތާކުމީހަކު ހުއްޓަކަސް ފޮށެންނޫޅެބަލަ…” މިފަހަރު އިޝާންގެ ވާހަކަތަކުން ނައީޝްވެސް ރުޅިއަންނަ ގޮތްވިއެވެ. އަދި އޭނާއަށް ކޮންމެވެސް އެއްޗެއް ވިސްނުނެވެ.

“ތިހެން ބުނާއިރުހީވަނީ އެއީ ކަލޭގެ ގާރލް ފުރެންޑްހެން…..ކަލޭއޭނަ އުނގަށްލައިގެން އިންނަންވެސް އޯކޭދޯ….އޭނަގެ ގައިގާ ކަލޭ އަތްލުން އެއީ މައްސަލައެއްވެސް ނޫން……މަބުނީ ކަލޭބޭނުން ނޫނިއްޔާ މަސެޓްކުރާ ވާހަކަ…އޭގަ ކޮބާތަ މައްސަލައެއް….މަމިއުޅެނީ އަންހެން ކުއްޖަކު ނުވެގެނެއް ނޫނޭ…މިހާރުވެސް ތިންކުދިންނާ ރައްޓެހިވެގެން މިއުޅެނީ…..ކަލެއަށް ތިއުޅެނީ ކަމެއްކުރަންވެސް ނުކެރިގެން…..ބަލަންހުންނާތި އެމަންޖެއާވެސް ރައްޓެހިވެފަ މަހުއްޓާލާނީ…..އެމަލުގެ ފޮނިކޮޅުވެސް ބޯލާނަން މިރަށުން ފޭބުމުގެކުރިން…ހެޔޮމީހެއްގެ އަންބަކަށް ވިޔަސް…” ނައީޝް ރުޅިވެރިކަމާއި ފަޚުރުވެރިކަމާއެކު ދައްކަމުންދިޔަ ވާހަކަތަކުން އިޝާންގެ ލޭހޫނުވާ ގޮތްވިއެވެ.

“ނައްޓޭ….މަ ސީރިއަސްކޮށް މިބުނަނީ…ނީލްއާ ދިމާނުކުރާތި! އޭރުން ނަތީޖާ މާރަނގަޅެއް ނުވާނެ!” ނައީޝްގެ ގާތަށް ޖެހިލަމުން އިންޒާރުގެ ރާގަކަށް އިޝާން ބުންޏެވެ.

” އޭތް އޭތް ތީކޮންކަމެއް ކަލޭމެން ދެމީހުން……ދެންމެ ފެނުނު އަންހެން ކުއްޖަކާހެދިތަ ތިތަޅާފޮޅަނީ……ދެން ސާބަހޭ….އަންހެން ކުދިން ހުސްވީތަ ދުނިޔެއިން……ކަމޯން..ރިލެކްސް..” ޒިހާން އައިސް އެދެމެދަށް ވަންނަމުން އެދެމީހުން މައިތިރިކުރިއެވެ. އަމާން އާއި ޝިޔާން ތަންކޮޅެއް ދުރުގައި ހީލަހީލާ ތިއްބެވެ. އިޝާން ރުޅިއައިސް ހުރިވަރުން ބާރުބާރަށް ދާންހިނގައިގަތެވެ. އެހެންމީހުންވެސް އިޝާންގެ ފަހަތުން ބަހެއްވެސް ނުބުނެތިބެގެން ކުރިޔަށްދިޔައެވެ. އިޝާންއާއި ނައީޝްގެ ކަންތަކާ ޒިހާންހުރީ ހާސްވެފައެވެ. ނަމަވެސް އަނެއްދެމީހުން މާބޮޑުކަމަކަށްވެސް ނުހަދާ ހިނިއައިސް ތިބީ އެއީ ވަގުތީ އަރާރުމެއްކަން އެނގޭތީއެވެ. މާދަމާ އިރުއަރާއިރު އަނެއްކާވެސް ދެމީހުންތިބޭނީ ހަމަޖެހިފައިކަން އެމީހުންނަށް އެނގެއެވެ. އެއީ އަލަކަށް ވާ ކަމެއް ނޫނެވެ. ނަމަވެސް މިއަދު އެދެމީހުން ދެބަސްއެވީ މުޅިންއާ މައުލޫއަކަށެވެ. ދެމީހުންގެ މޫނުމަތިން ފެނުނު ކުލަތަކުން އެރުޅިގަނޑު އަވަހަށް ފިލައިގެން ދާނެހެނެއް ހިއެއް ނުވެއެވެ.

ނީލާއަށް އަވަށާ ހަމައަށް އާދެވުނުއިރު އިރުއޮއްސި އަނދިރި ވެއްޖެއެވެ. ގޭތެރެއަށް ވަތްއިރު އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވެއެވެ. މަންމައާއި ބައްޕަވެސް މިހާރުވާނީ މިސްކިތުގައިކަން އޭނާއަށް އެނގުނެވެ. ނީލާވެސް ކޮޓަރިން ވަނުމަށްފަހު ފާޚާނާއަށް ވަދެ ވުޟޫކޮށްލިއެވެ. ނަމާދުކޮށް ނިމިގެން އިރުކޮޅަކު ޤުރުއާން ކިޔަވަން އޭނާ މަޑުކޮށްލިއެވެ. އެކަމުން އޭނާގެ ހިތަށް އާދަޔާ ޚިލާފު ފިނިކަމެއް ލިބިގެން ދެއެވެ.

އިޝާންއާ އޭނާގެ އެކުވެރިން، އެމީހުން ކުއްޔަށް ހިފާފައިހުރި ގެޔާ ހަމައަށް އާދެވުނުއިރުހުރީ އިޝާ ނަމާދު ވަގުތުވާން ގާތް ވެފައެވެ. އިޝާން އަވަސް އަވަހަށް ފާޚާނާއަށް ވަދެ ފެންވަރާލައިގެން ދިޔައީ މިސްކިތަށެވެ. ނައީޝް ނޫން އެހެން ހުރިހާ

އެކުވެރިންވެސް އޭނާއާ އެކު މިސްކިތަށް ދިޔައެވެ. ނައީޝް އައިސް ސިޓިންރޫމް ސޯފާއަށް ވެއްޓިގަތްގޮތަށް އޮތީއެވެ. އޭނާ އަދިވެސް އޮތީ ރުޅިއައިސްފައެވެ. އެހެންމީހުންވެސް އޭނާއަށް ބަހެއް ނުބުނެ ދިޔައީ އެހެން ވެގެންނެވެ.

އިޝާ ނަމާދު ވަގުތު ވުމުން އަނެއްކާވެސް ނަމާދުކޮށްލައިގެން ސިޓިންރޫމުގެ ސޯފާއެއްގައި ނީލާ ޖައްސާލިއެވެ. އެހެން އޮތްއިރު އޭނާގެ ސިކުނޑީގައި ސިފަވަމުންދަނީ މިއަދު ހަވީރުގެ މަންޒަރެވެ. އިޝާން ބިރުން ޓީޝާޓް އެއްލާލިގޮތް ހަނދާންވެފައި ނީލާގެ ގާތަށް ބޭއިޚްތިޔާރުގައި ހިނިއައެވެ.

” އައްދެ….އެކަނި އޮވެގެން ހާދަ ހިނިއަންނަނީ ކޮންކަމަކާ؟…..މިހާރު ދަރިފުޅުވެސް ހޭލާއޮވެ ހުވަފެން ބަލަން ފެށީތަ؟..” ނީލާ ސިހިފައި ބަލާލިއިރު އޭނާގެ މަންމަ ނިޔާޝާ ހެވިފައިހުރެގެން އޭނާގެ ގާތަށް އަންނަނީއެވެ.

“ދެން މަންމަވެސް ދައްކާ ވާހަކަ…..އެކަނި އޮވެގެން ހެންޏާ އެވީ ހުވަފެން ބަލާކަމަށްތަ؟….ހުނުމަކީ ސިއްޚަތަށް ފައިދާހުރިކަމެއްކަން މަންމައަށްވެސް އެނގެއެއްނު!…..” ތެދުވެ އިށީންނަމުން ނީލާވެސް އޭނާގެ މަންމަގެ ވާހަކައިގާ ބައިވެރިވިއެވެ.

“ދަރިފުޅު ހަވީރު ކޮންތާކަށްތަ ދިޔައީ؟…..ގޭގާ ނެތްކަން އެނގުނީމަ މަންމަ ހީކުރީ ނީނާމެންގެ ގެޔަށް ދިޔައީކަމަށް…..އެކަމު މަގުމަތިން ނީނާ ފެނިގެން ދަރިފުޅުކޮބާތޯ މަންމަގާތު އެހީމަ އެނގުނީ ނުދާކަން…….ކޮންތާކަށްތަ ދިޔައީ އެކަނިމާއެކަނި؟..” މަންމަ ކުޑަކޮށް ސީރިއަސްވެފައި އަހާލިގޮތުން އެސުވާލުގެ ޖަވާބުދޭން ނީލާ ޖެހިލުންވިއެވެ. ހަވީރު ހިނގި ކަންތައް މަންމައަށް އެނގިއްޖެނަމަ މަންމަ ހިތްހަމަ ނުޖެހިދާނެތީ އޭނާ ބިރުގަތެވެ.

” އަހަރެން ދިޔައީ އަތިރިމައްޗަށް ފިނިކޮށްލަން…..އެހެންތާކަށް ނުދަން..” ތަފްސީލުކޮށް ނުބުނި ނަމަވެސް އޭނާ ދިޔަތަން މަންމައަށް އޮޅުންފިލުވައި ދިނެވެ.

” އެކަމަކުދެން އަނދިރިވަންދެން ގޮނޑުދޮށުގަތަ ހުރީ…….މަންމަ ބުނަމެއްނު އިރުއޮއްސޭ ގަޑީގަ ގޮނޑުދޮށުގަ ހުންނާކަށް ނުވާނެއޭ……ތިހެން އުޅެނިކޮށް ޖިންނިއެއް ދަރިފުޅާ އަވަލާފިއްޔާ ކީއްކުރާނީ….އޭރުން ދަރިފުޅާއެކީ މަންމަމެންވެސް މޮޔަކަންނޭނގެވާނީ…” ދަރިފުޅު ކަންތައްކުރި ގޮތުން ހިތްހަމަ ނުޖެހުނު ނަމަވެސް ނިޔާޝާ އެނާގެ ދަރިފުޅާ ސަމާސާ ކޮށްލިއެވެ.

“ހެހެހެ މަންމަ ބިރުގަންނަނީ ޖިންނިޔަކު މަށާ އަޅައިގެންފާނެތީދޯ؟….މިޒަމާނުގަ ޖިންނިންނަށްވުރެ އިންސިން މާނުބައި….މާ ނުރައްކާތެރި……ޖިންނިޔަކު އަވަލައިފިއްޔާ ޤުރުޢާނުން ސޫރަތެއް ކިޔާލިއަސް ހިނގައިދާނެ….އެކަމަކު މިއުޅޭ ޒާތުގެ މީހަކު އަވަލައިފިއްޔާ….އުމުރަށްވެސް އެއުނދަގޫ ޖެހޭނެ…” މަންމަ ރުޅިނާންނަ ކަން އެނގުމުން ނީލާ ވަރަށް ހިތްހަމަ ޖެހުނެވެ. އޭނާގެ މަންމަ ދުވަހަކުވެސް ރުޅިއައިސްގެން އެއްޗެއް ބުނިކަމެއް ނޭނގެއެވެ. މަންމައާއި ވާހަކަ ދައްކާއިރު ނީލާއަށް އިހުސާސް ކުރެވެނީ ގާތް ރަހުމަތްތެރިޔަކާ ވާހަކަ ދެއްކޭފަދަ ގޮތެކެވެ. މަންމަގެ ސަމާސާ މިޖާޒުގެ ސަބަބުން މަންމައާ އެއްވެސް ކަމެއް ހިއްސާކުރާކަށް އޭނާ ޖެހިލުމެއް ނުވެއެވެ.

**************

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ސުކޫލުގެ ދޮރުން އެތެރެއަށް ވަނުމާއެކީ ނީލާގެ ފޯނު ރިންގްވިއެވެ. ހައިރާންވެހުރެ ނީލާ ފޯނަށް ބަލާލިއިރު ގުޅަނީ ޕްރިންސިޕަލް އަނިލްއެވެ. ނީލާ އަވަހަށް ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން ހަލޯއޭ ބުނެލިއެވެ.

” ހެލޯ ނީލާ….އަޅުގަނޑު މިގުޅާލީ މިއަދު ސުކޫލަށް ދެވެން ނެތީމަ ނީލާއަށް ކަމެއް ހަވާލުކޮށްލަން ޖެހޭތީ…..މިއަދު އަންނާނެ ޖޮބް އިންޓަވިއުއަށް ކުދިންކޮޅެއް….އެކުދިންގެ ފައިލްތައްވެސް ހުންނާނެ މޭޒުމަތީ….އެހެންވީމާ އެކުދިންގެ އިންޓަވިއުގެ ކަންތައް ކުރިއަށް ގެންދާށޭ ބުނަންވެގެން މިގުޅާލީ…….ދެން އިންޓަވިއު ކުރިއަށް ދިޔަގޮތް ނޯޓްކޮށްލާފަ އަޅުގަނޑު އައީމަ ހިއްސާކޮށްލީމަ ރަނގަޅުވާނެ….އިތުރު އެއްޗެއް އޮޅުން ފިލުވާލަން ބޭނުންވެއްޖެނަމަ އަޅުގަނޑަށް ގުޅާލާ…އޯކޭ؟ ” އަނިލް ވަރަށް ސާފުކޮށް ކަންތައް ކުރަންވީގޮތް ނީލާއަށް އޮޅުން ފިލުވައިދިނެވެ.

” އޯކޭ ސަރ..” ނީލާ މަޑު މަޑުން ޖަވާބުދިނެވެ.

އޮފީހަށްވަދެ ސޮއެކުރުމާއެކު އޭނާ އަވަސްވެގަތީ ޕްރިންސިޕަލް ހަވާލުކުރި މަސައްކަތް ކުރުމަށެވެ. ފައިލްތައް ގެނެސް އޭނާގެ މޭޒުމަތީ ބެހެއްޓުމަށްފަހު ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ.

” ނީނާ….ކޮންއިރަކުން ކުދިން އިންޓަވިއުއަށް އަންނަނީ؟…” ފުރަތަމަ ފައިލް ހުޅުވާލުމާއެކީ ޖެހިގެން ހުރި ކެބިންގައި އިން އެޑްމިން އޮފިސަރ ނީނާއަށް ގޮވާލާފައި ނީލާ ސުވާލުކޮށްލިއެވެ.

” ކޮން އިންޓަވިއުއެއް؟” ނީނާ އިންތަނުން ތެދުވެގެން އައިސް ނީލާގެ ކެބިންގެ  ބިތްގަނޑުގައި އަތްއަޅުވާލަމުން ކުޑަކޮށް ހައިރާންވެފައި އަހާލިއެވެ.

” ނީނާ ކޮންދުނިޔެއެއްގަތަ ތިއުޅެނީ….މިބުނީ އެއްކަލަ ކޮމްޕިއުޓަރ ޓެކްޝީނަން ޖޮބަށް އެޕްލައިކުރި ކުދިންގެ ވާހަކަ….އެކުދިންގާތު އަންނަން ބުނީ ކޮންގަޑިއަކުހޭ މިއެހީ…”

” އޯހ އެވާހަކަ ދޯ…އެކުދިން އަންނާނީ ނުވައެއް ޖަހާއިރު…..އޭ ޕްރިންސިޕަލް ނުދުވާ ދުވަހެއްދޯ….ދެން ޑީޕީ ދޯ އިންޓަވިއު ކުރައްވާނީ…” ނީނާ ވަރަށް ގަޔާވެލާފައި އަހާލިގޮތުން ނީލާގާތަށް ހިނިއައެވެ. އުމުރުގެ ގޮތުންނާއި ހައިސިއްޔަތުގެ ގޮތުން ދެކުދިން ކިތަންމެ ތަފާތު ނަމަވެސް ނީނާގެ ހުންނަ އެކުވެރި މަޖާ މިޖާޒު ނީލާއަށް ވަރަށް ކަމުދެއެވެ. އެހެން ކަމުން ނީލާވެސް އޮފީހުގައި މަސައްކަތްކުރާ އެހެންކުދިންނަށްވުރެ ގާތްކަމެއް ނީނާއާ ބަހައްޓާކަން ޚުދު ނީނާއަށްވެސް ފާހަގަ ކުރެވެއެވެ.

***********

ގަޑިން ހެނދުނުގެ އަށެއް ޖެހުމާއެކީ އިޝާންގެ ފޯން އެލާރމްވާން ފެށިއެވެ. އިޝާން ފުންމައިގެން ތެދުވެ ތުވާލިހިފައިގެން ހަލުވިކަމާއެކު ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނުކުތެވެ. އަލަމާރި ހުޅުވާލުމަށްފަހު ފަހަރަކު ޓީޝާޓެއް ނަގައިގެން ލޯގަނޑު ކުރިމަތީ ހުއްޓެއެވެ. ހިތްހަމަޖެހޭ ޓީޝާޓެއް ނުފެނުމުން ފަހަރަކު ގަމީހެއްނަގައި ލާންފެށިއެވެ. ހައެއްކަ ގަމީސްލީފަހުން އޭނާއަށް ހިތްހަމަޖެހޭ އެއްޗަކާއި ދިމާވެއްޖެއެވެ. ކަޅުކުލައިގެ އޮފީސް ފަޓުލޫނަކާއި އަތްދިގު ހުދުގަމީހެއް ލާފައި ދަށަށް ޖަހާލިއެވެ. އަދި އިސްތަށިގަނޑުވެސް އާދައިގެ ގޮތަކަށް ފުނާއަޅާލިއެވެ.

” އޯހ ކަމޯން…..މިދެން މާ އޮފިޝަލް…..އިންޓަވިއުއަށް ދާއިރު މިހާއޮފިޝަލްވީމަ މީހުން މަލާމަތްވެސް ކުރާނެ….ކަމަކު ނުދޭ..” އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން އިޝާން ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ.

” ތިހާ ރަސްމީވެގެން ހުރީމަ މަހީކުރީ އިންޓަވިއުވެސް ނުކޮށް ޝާންގެ ފޮޓޯއަށް ބަލާފަ ޖޮބްދިނީކަމަށް…ހެ ހެ ހެ ނޭނގޭނެއްނު….” އެނދުގައި އޮތް ޒިހާން ކުޑަކޮށް ލޯހުޅުވާލާފައި އިޝާން ހުރިގޮތް ފެނިގެން ދިމާކޮށްލިއެވެ.

” މަ ފޮޓޯއަށް ބަލާފަ ނުދިނަސް މަގޭ ސެޓްފިކެޓްތަކަށް ބަލާފަ މިޖޮބް މަށަށް ދޭނެކަން ގައިމު…” ގަމީސްބާލާފައި ކޮނޑުގައި އަޅުވަމުން ފަޚުރުވެރިކަމާއެކީ އިޝާން ބުނެލިއެވެ.

” މަހިތަށް އަރާ ޝާން މޮޔަވީބާއޭ….މާލޭގެ ބޮޑެތި ކުންފުނިތަކުން، ބޮޑުމުސާރާގަ ޖޮބު ލިބެންއޮއްވާ މިކަހަލަ ކަޓްތާކުން ތިޖޮބްހޯދަނީ…ގިނަވެގެން ހަހާސް ރުފިޔާވެސް ނުލިބޭނެ” ޒިހާން ކުޑަކޮށް ބޯހިއްލާފައި އަރިއަކަށް ޖެހިލަމުން ސީރިއަސް ކަމާއެކީ ބުނެލިއެވެ.

”  ދެން މާލެއެއީ ވަކިން މޮޅުތަނެއްތަ.؟….މިރަށް ކިހާ ސަޅި…ކިހާ ހިތްގައިމު…މަދުމުސާރަގަ ފުއްދާލައިގެން ހަމަ ސަޅިކޮން އުޅެވޭނެ…..ކަލޭވެސް ދުވަސްކޮޅަކު މިތާއުޅޭއިރަށް ހިތްޖެހިގެން ދާހިތެއް ނުވާނެކަން ޔަގީން…ތިމާލެއަށްވުރެ ހުރިހާ ގޮތަކުންވެސް މަށަށް މިރަށް ސަޅި..” ޒިހާންގެ ސުވާލަށް އިޝާން ޖަވާބުދިނީ އޭނާ މިރަށަށްއައި ހަޤީޤީ މަޤުސަދު ހިތުގައި ފޮރުވަމުންނެވެ. އެއްވެސް މީހަކާ އޭނާ އެކަން ހިއްސާކުރާކަށް ބޭނުމެއް ނޫނެވެ.

” ހޫމް..މަވެސް ނުބުނަމޭ މިރަށް ސަޅިނޫނެކޭ…މަށަކީވެސް ރާއްޖެތެރޭ މީހެއްވިއްޔަ……މަށަށް ކަމުދާނީވެސް މިކަހަލަ ރަށްރަށް…..އެކަމު ޝާން ތީ މާލޭއަށް އުފަން މާލޭ މީހަކަށްވެހުރެ މިރަށުން ޖޮބްހޯދާތީ  އަހަރެން ހަމަ ހައިރާންވީ…..ނުބުންޏަސް މަށަށް އެނގޭ ކޮންމެވެސް އެހެންކަމެއް ތިކަމުގެ އަޑީގަ އޮންނާނެކަން……އަނެއްކާ މިރަށަށް އައީ ކުރިއްސުރެ ބިޓެއް ސެޓްކޮށްގެންތަ؟” ޒިހާން ގަޔާވެލާފައި ކުރި ސުވާލުން އިޝާންއަށް ހެވުނެވެ.

” މަދެންމީ ނައީޝްއެއް ނޫނޭ….އަންނަހާ ތާކުން ބިޓުން ސެޓްކުރާކަށް…..އެކަމު މުސްތަޤުބަލްގަ ނުވާނެއެކޭ ބުނާކަށް ނޭނގޭ…” ގަމީސް ބޭލުމަށްފަހު ޓީޝާޓެއްލައި ގަޔަށް ސެންޓު ބުރުވާލަމުން ހިނިތުންވެފައި އިޝާން ޖަވާބުދިނެވެ.

” ހޫމް…..މަށަށް ހީވަނީ ނީލް ވަރަށް ކަމުގޮސްފިހެން އިޝާންއަށް…..އިއްޔެގަ ދެމީހުން ފައިޓްކުރަން ތައްޔާރުވެގެން ވިއްޔަ ތިބީ……ދެންމަބަލާނަން ތިދެމީހުންކުރެ ކާކަށްތޯ އޭނަ ސެޓްވަނީ…”

” އޯކޭ ދެން ދިޔައްޔޭ….ފަހުން ތިވާހަކަ ދައްކާނީ..” ޒިހާން ދެއްކިވާހަކަ އަވަހަށް އޮއްބާލުމުގެ ގޮތުން އެހެން ބުނުމަށްފަހު އިޝާން ކޮޓަރިން ނުކުތެވެ. އާދައިގެ ހިނގުމެއްގައި އޭނާ މިސްރާބުޖެހީ ސުކޫލާ ދިމާއަށެވެ.

ސުކޫލުގެ ދޮރުން އެތެރެއަށް ވަދެވުމާއެކީ ކުޑަކޮށް ހިތްތެޅޭ ގޮތްވިއެވެ. މިއީ އޭނާ އިންޓަވިއުއަކަށްދާ ފުރަތަމަ ފަހަރުކަމަށް ވާތީއެވެ. ނަމަވެސް ހަމަޖެހިލަމުން ދެއަތް ޖީބަށް ޖަހާލައިގެން އައިސް އޮފީސް ތެރެއަށް އޭނާ ވަނެވެ. އޮފީހުގެ ކަންކަމުގައި އަންނަމީހުން މަޑުކުރަން ހަދާފައިހުރި ބައިގެ ގޮނޑިބަރީގައި އޭރުވެސް އިންޓަވިއުއަށް އައިސް ތިބި ދެތިން ކުއްޖަކު ތިއްބެވެ. އިޝާންވެސް އެއިން ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލިއެވެ. އެތާތިބި ހުރިހާ ކުދިންވެސް އިޝާންގެ މޫނަށް ބީރައްޓެހިގޮތަކަށް ބަލަމުން ދިޔައެވެ. އިޝާން އެމީހުންގެ ނަޒަރުން ސަލާމަތް ވުމަށްޓަކައި އިސްޖަހާލައިގެން އިނދެ އޭނާގެ ފޯނާ ކުޅެން ފެށިއެވެ. ނުވައެއް ޖަހަން ފަސްމިނެޓަށްވީއިރު އިންޓަވިއުއަށް އަންނަން ޖެހޭ ހުރިހާކުދިން އައިސް ހަމަވެއްޖެއެވެ. އިޝާންގެ އިތުރުން ތިން ފިރިހެން ކުދިންނާއި ދެއަންހެން ކުދިން ތިއްބެއެވެ. އެންމެންވެސް ތިބީ އެމީހެއްގެ ނަންގޮވާލުމުގެ އިންތިޒާރުގައި ހިތްތެޅި ތެޅިއެވެ. ފަހަރަކު ފައިލެއް ބަލަމުން ގޮސް އެންމެފަހުން އޮތް ފައިލް ހުޅުވާލުމާއެކީ ނީލާއަށް ހައިރާން ކަމެއް ލިބުނެވެ. އޭގައިވާ އައިޑީކާޑްގެ ކޮޕީއަށް ރަނގަޅަށް ބަލާލީ ޔަގީންކޮށްލުމުގެ ގޮތުންނެވެ.

“އަހުމަދު އިޝާން މުޙައްމަދު…..މިއީ ހަމަ އެއިޝާންބާ؟..” އޭގައިވާ ފޮޓޯއަށް ފުންކޮން ބަލާލަމުން ނީލާ ހިތާހިތާ ސުވާލުކޮށްލިއެވެ. ކަޅާއިހުދުގެ އެފޮޓޯއަށް ރަނގަޅަށް ބަލާލުމުން އެއީ ހަމަ އިއްޔެ ކުޅިކައިރިން ފެނުނު އިޝާންކަން އޭނާއަށް ޔަގީންވިއެވެ. އަދި ތުންފަތުގައި ހިނިތުން ވުމެއް ދުވެލީ ހިތައްވެރިވި ޚިޔާލުންނެވެ.

” އެކަމަކު މިއީ މާލޭ ކުއްޖެއް……މާލޭ އެޑްރެހެއްގަ އޮތަސް ވެދާނެ މިރަށަށް ނިސްބަތްވާ ކުއްޖަކަށްވެސް….” އައިޑީކާޑުގެ ކޮޕީގައި އިން އެޑުރެސް ފެނުމުން ނީލާގެ ހިތަށް އެރިއެވެ.

” ޑިޕްލޮމާ އިން ކޮމްޕިއުޓަރ ސައިންސް؟! އެވެސް އަދި މެލޭޝިއާގެ އެފް.ޓީ.އެމް.އެސް ކޮލެޖުން؟!!….” އިޝާންގެ ސެޓްފިކެޓްތައްފެނި ނީލާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. އެފަދަ ރަނގަޅު ފެންވަރަކަށް ކިޔަވައިގެންހުރެ އާދައިގެ ސުކޫލަކުން ވަޒީފާއަށް އެދިފައި އޮތުމުން ހައިރާން ނުވާނީ ކާކު ހެއްޔެވެ؟

ފަހަރަކު ކުއްޖެއްގެ އިންޓަވިއު ކުރަމުން ގޮސް އެންމެ ފަހުން އިޝާންގެ ވަގުތުވެސް ޖެހިއްޖެއެވެ. ތެޅިތެޅި އޮތް ހިތަކާއެކު އިޝާން އެތެރެއަށް ވަނެވެ. ނީލާއިން ކެބިންއަށް ވަނުމާއެކު އިޝާންއަށް ހުއްޓެވުނީ ލިބުނު ހައިރާންކަމުންނެވެ. އެތަނުން އޭނާއަށް ނީލާއާ ބައްދަލުކުރަން ޖެހިދާނެކަމަށް އޭނާގެ ޚިޔާލަށްވެސް އައިސްފައެއް ނުވެއެވެ. ނީލާފެނި އިއްޔެގެ މަންޒަރު ހަނދާންވެ އިޝާންއަށް ބޭއިޚުތިޔާރުގައި އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ނީލާއަކީ ކާކުކަން އެނގުމުން އޭނާ ހަމަހަގީގަތުގައިވެސް ލަނދުގަނެއްޖެވެ. އޭނާ ފެނިގެން ބިރުން ހޭނެތުނު މައުސޫމު އަންހެން ކުއްޖާއަކީ މިފަދަ މަތީމަޤާމެއްގައި ހުރި ކުއްޖެއްކަން އޭނާއަށް އެނގޭނީ ކިނިނެއް ހެއްޔެވެ؟

” އިށީއްނަވާ!” އިޝާންއަށް ވީގޮތް ފެނި ނީލާގެ ގާތަށް ހިނިއައި ނަމަވެސް އެކަން އެތެރަށް ހިންދާލަމުން ގޮނޑިއަށް އިޝާރާތްކޮށްލިއެވެ. މިދިމާވިގޮތުން، ތުންފަތަށް ވެރިވި ލަދުރަކި ހިނިތުންވުން ފޮރުވަމުން އިޝާންވެސް ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. އިޝާންގެ ނަން ގޮވާލީއްސުރެ ނީލާވެސް އިނީ އަތްފައިފިނިވެ ޖެހިލުންވެފައެވެ. ނަމަވެސް އޭނާގެ މޫނުމަތިން އެކަމުގެ އެއްވެސް އަސަ ރެއް ނުދައްކާ އިންޓަވިއު ކުރިއަށް ގެންދިޔައެވެ. އިޝާންވެސް ވަރަށް ހަމަޖެހިލައިގެން އިނދެ ނީލާގެ ކޮންމެ ސުވާލަކަށްވެސް ޖަވާބުދެމުން ދިޔައެވެ.

” އަޅުގަނޑު ހިތަށް އަރަނީ ކީއްވެބާއޭ މިދާއިރައިން މިފަދަ މަތީ ފާހެއް އޮތްއިރު މާލޭން ޖޮބްނުހޯދާ މިކޮޅަށް އެޕްލައިކުރީ؟..” ޖެހިލުންވެ އިނދެފައިވެސް ނީލާ އޭނާގެ ހިތުގައި އުފެދުނު ސުވާލު އިޝާންއާ ކޮށްލިއެވެ.

” މާފްކުރައްވާ!…އަޅުގަނޑަކަށް ނޭނގެ އިންޓަވިއުގަ ތިސުވާލު އަންނާނެކަމެއް…..އެހެންވެ ތިސުވާލަށް ތައްޔާރުނުވެ އައީ..” ތޫނު ނަޒަރަކުން ނީލާއަށް ބަލާލަމުން ލާނެއްގޮތަކަށް އިޝާން ބުންޏެވެ. އިޝާންގެ ޖަވާބު އިވިފައި ނީލާ ވަގުތުން ރަކިވިއެވެ. އަދި އެހާގާތުން އިޝާންގެ ނަޒަރު އަމާޒުވުން އަވަސް އަވަހަށް އިސްޖަހާލެވުނެވެ. އެވަގުތު އިޝާންއަށް ސިފަވީ އިއްޔެގައި އޭނާގެ ކުރިމަތީގައި ހުރި ނީލާއެވެ. ކިތަންމެ ބޮޑުގޮނޑިއެއްގައި އިނަސް މިއީ ހަމަ އެމައުސޫމު އަންހެން ކުއްޖާއެވެ. މިހާރުވެސް އެއިނީ ބިރުން ނޫންކަމެއް ނޭނގެއެވެ. އެހެން ހިތައް އެރުމާއެކު ބޭއިޚްތިޔާރުގައި އިޝާންއަށް ހިނިތުން ވެލެވުނެވެ.

” މާފްކުރައްވާ!…އެއީ އިންޓަވިއުގެ ބައެއްނޫން….އަޅުގަނޑު ހިތުގަ ސުވާލު އުފެދުނީމަ ހަމަ އަހާލީ…” އެއިން ގޮތަށް އިނދެ ނީލާ ޖަވާބު ދިނެވެ.

” އެހެންތޯ….ސުވާލު އުފެދުން އެއީ މައްސަލައެއްނޫން……އެކަމަކު ޒާތީ ސުވާލެއްވީމަ ރަސްމީގަޑީގަ ޖަވާބުދެވެން ނެތްވާހަކަ ހިތާމަޔާއެކު ދަންނަވަން…..ދެން އަޅުގަނޑު ދިޔަޔަސް އެންމެ ރަނގަޅުތޯ..ނީލް؟” އިޝާން ނީލްއޭ ބުނެލުމުން ނީލާއަށް އިޝާންއާ ދިމާބަލާވުނެވެ.

” ސޮރީ!…….މޭމް..” އިޝާން އަނގަޔަށް ގޮތެއް ހަދާލާފައި އަވަސް އަވަހަށް އޭނާގެ ޖުމްލަ ރަނގަޅުކޮށްލިއެވެ.

” އެންމެ ރަނގަޅު ދިޔަޔަސް…..އިރާދަކުއްވިއްޔާ ދެދުވަސްތެރޭގަ ޖަވާބެއް ލިބޭނެ..” ހިނިތުންވެލަމުން ނީލާ އިޝާންގެ ހިތުގައި އުފެދިދާނެހެން ހީވާ ސުވާލަށްވެސް ޖަވާބުދިނެވެ. އިޝާން ގޮނޑިން ތެދުވެގެން ތަންކޮޅަކަށް ގޮސްފައިވެސް އެނބުރިއައިސް ނީލާގެ މޭޒާ ދާދިގާތަށް ހުއްޓުނެވެ. އަދި މަޑުމަޑުން ނީލާއާ ދިމާއަށް ގުދުވިއެވެ. ނީލާ ދެލޯބޮޑުކޮށްގެން އިޝާންގެ މޫނަށް ބަލަންއިނީ އިޝާން ކުރަން އުޅޭކަމެއް ނޭނގި ހައިރާންވެފައެވެ.

” ސޮރީ  އެބައުޓް ޔެސްޓަރޑޭ…..ހޯޕް ޔޫވިލް ނޮޓް ޓޭކްއިޓް ޕާރސަނަލް……ބާއި” އެހެންމީހުންނަށް ނީވޭނެހެން ސިއްރު ސިއްރުން އިޝާން އެހެން ބުނެލުމަށްފަހު، ލާނެއްގޮތަކަށް ހީލަމުން ނުކުމެގެން ހިނގައްޖެއެވެ. އެފިނި މާހައުލުގައި  އިޝާންގެ މޫނު އެހާގާތުން ފެނުމުން އޭނާގެ އިނީ އަތްފައިފިނިވެ ހަރަކާތެއްވެސް ގެންނަން ނޭނގި ގަނޑުވެފައެވެ. އިޝާން ދިއުމުން ނީލާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ އިޝާންގެ ލާނެއްކަމުންނެވެ. އެންމެ ދެފަހަރަކު ފެނިލުމުންވެސް އިޝާން ނީލާގެ ހިތާކުޅެލައިފިއެވެ.

ހިނިތުންވެހުރެ ސުކޫލު ދޮރާށިން ނުކުތުމާއެކު އޭނާގެ ފޯން ރިންގްވިއެވެ.

” ހެލޯ ޝާން…..އަހަރެމެން މިތިބީ ސިކްސް ޑިގްރީގަ ސައިބޯން….އާދޭއަވަހަށް..” އިޝާން ހެލޯއޭ ބުނުމާއެކު ޒިހާން ވާހަކަ ދެއްކިއެވެ.

” އޯކޭ މިދަނީ!” އިޝާން ދެޖީބަށް އަތްޖަހާލައިގެން ފިރިހެންވަންތަ ހިނގުމެއްގައި “ސިކްސް ޑިގްރީ” ރެސްޓޯރެންޓަށް މިސްރާބު ޖެހިއެވެ. އިޝާން ރެސްޓޯރެންޓަށް ވަތްއިރު އޭނާގެ ރަހުމަތްތެރިން ކާއެއްޗެއްސަށް އޯޑަރުކޮށްގެން އިންތިޒާރުގައި ތިއްބެވެ.

” ކޮބާ ނައީޝް؟.” ޝިޔާންގެ ގާތުގައި ހުރި ގޮނޑިއެއް ދަމާލާފައި އިށީންނަމުން އިޝާން އަހާލިއެވެ.

” އޭނާ އަދިވެސް ނިދަނީ…..ސައިބޯން ހިނގާށޭ ބުނީމަ ބުނީ…ކަލޭމެން ދާށޭ…މަދާނަމޭފަހުން……މަށަށް ހީވަނީ އަދިވެސް އެކަލޭގެ އެއޮތީ އިއްޔެގެ ކަންތަކާ ކަޓާފަހެން…” އިޝާންއަށް ބަލާލަމުން ޝިޔާން ބުނެލިއެވެ.

” ހޫމް މިދެމީހުންނަށްވާ އެމަންޖެ ފެނިގެން ވަރެއް ވެއްޖެތާ…..ހިތަށްއަރާ ފައިޓަކަށް ނުގޮސް ތިކަން ނިމޭނެބާއޭ…..ދެމީހުން ތިހާ ހިތްކިޔަންޏާ ދެމީހުން ބެޓެއް ކުރަންވީނު….މޮޅުވާމީހަކު އޭނާ ސެޓްކުރީމަ ނިމުނީނު!” މަޑުން އިނދެފައި އަމާންވެސް ވަރުގަދަ ތީރެއް އިޝާންއަށް ދޫކޮށްލިއެވެ. އަމާން އެހެންބުނީ މަޖަލަށް ނަމަވެސް އިޝާންގެ ހިތްހަމަ ނުޖެހުނެވެ.

” އޯކޭ! ސްޓްޕް އިޓް…..އޭނާއޭ ކިޔައިގެން ކަލޭމެން ހިތަށްއެރިހާ އެއްޗެއް ނުކިޔަބަލަ!……ކަލޭމެނަށް އެނގޭތަ އެއީ ކާކުކަން…..އެއީ މިރަށު ސުކޫލުގެ ޕްރިންސިޕަލް.” އިޝާން ސީރިޔަސް ވެލާފައި ތަންކޮޅެއް މަޑުން ބުންޏެވެ.

” އޭނ؟!…ހަމަރަނގަޅަށްވެސް…..އެއޮއް ސަޅި ބިޓަކީ ހަމަ ޕްރިންސިޕަލެއްތަ؟..” ޒިހާންއަށް ޔަގީން ނުވެގެން އަހާލިއެވެ. އެހެންމީހުންގެ މޫނުމަތިންވެސް ފެންނަނީ ހައިރާންކަމެވެ.

” އާނ! އެއީ ޕްރިންސިޕަލް…މަށާ އިންޓަވިއު ކުރީވެސް އޭނަ…” ވަރަށް ޔަގީންކަމާއެކީ އިޝާން ބުންޏެވެ.

” އޯސަޅި….ތިއޮތީ އަޅާދަމާފައެއްނު!….ޖޮބް ސެޓް ވެއްޖެއްޔާ ދެންތިކަން އިޝާންއަށް މާފަސޭހައިންވެސް ކުރެވޭނެ…” ޝިޔާން މަޖާވެލާފައި އިޝާންއާ ދިމާކޮށްލިއެވެ.

“ޝްޝްޝް! މަޑުން ވާހަކަ ދައްކަބަލަ!….އެހެން މީހަކަށް އަޑުއިވިއްޖެއްޔާ ކީކޭ ހިތަށް އަރާނީ!….މިރަށުން ދާންވަންދެންވެސް ތިއަނގަތައް ހިމޭނުންލައިގެން ތިބެބަލަ!….ކަލޭމެން ދިޔަޔަކަސް މައެބަޖެހެޔޭ މިރަށުގަ އުޅެން….މަބޭނުމެއްނޫން މަގޭ ރައްޓެހިންނޭ

ކިޔައިގެން މީހުން ފާޑުފާޑު ވާހަކަ ދައްކާކަށް……އެހެން ނޫނަސް ނީލްއަކީ ވަރަށް ރަނގަޅު ކުއްޖެއް…އަހަރެމެންވެސް ޖެހޭނެ އޭނައަށް ޤަދަރުކުރަން” އިޝާން އިނީ ވަރަށް ސީރިއަސްވެފައެވެ. އެވާހަކަތައް އަޑުއެހިއިރު އޭނާގެ ރަހުމަތްތެރިން ތިބީ ލާނެއް ފާޑަކަށް ހިނިއައިސްފައެވެ.

” އޯކޭ….އަހަރެމެންގެ ސަބަބުން ޝާން ލަދުގަންނާކަށް ނުޖެހޭނެކަން ގައިމު….އަހަރެމެންނަށްވެސް އެނގޭ ނީލްއަކީ އަސްލުވެސް ހަރުދަނާ ރަނގަޅުކުއްޖެއްކަން…..އެހެންނޫންނަމަ އިޝާންގެ ހިތެއްނުކީސް އެހާއަވަހަކަށް…” ހިނިގަނޑެއް ޖަހާލަމުން ޒިހާން އިޝާންގެ ބުރަކަށީގައި ޖަހާލިއެވެ.

” ކަމޯން ގައިޒްސް…އައިމް ސީރިއަސް….ރަނގަޅުމީހަކު ރަނގަޅޭ ބުނުން އެއީ ހިތްކިޔުންތަ؟..އަޖާއިބުވާވަރުވޭ…..އަހަރެން ނޫޅެން  އަންހެންކުދިންނާއެކު ކުޅިގަނޑެއް ކުޅޭކަން މިރަށުގައެއް…..އަހަރެން ތިހީކުރާ ކަހަލަ އެއްވެސް އެއްޗެއް ނީލްއާމެދު ހިތަކަށް ނާރުވަން….އެއީ އުމުރުގެ ގޮތުންވެސް އަދި ވަޒީފާގެ ގޮތުންވެސް މަށަށްވުރެ ސީރިއަރ މީހެއް…..އެހެންވީމަ އަހަރެން އޭނައަށް އިހުތިރާމުކުރަނީ….. ދެން ތިކަހަލަ ފޭކްވާހަކަ ނުދައްކާ ކޮންމެވެސް އެހެން ވާހަކައެއް ދައްކަބަލަ!” އިޝާން މަސައްކަތްކުރީ އޭނާގެ އެކުވެރިންނަށް ވިސްނަދެވޭތޯއެވެ.

” ހޫމް….އަހަރެމެން ތިބެދާނަން އެވާހަކަ ނުދައްކާވެސް….އެކަމަކު އެއުޅޭ ރޯމިޔޯގެ ގޮތެއް ނޭނގެ ހަމަ….އޭނައަކަށް ނޯންނާނެ އެއްވެސް ބަރޯސާއެއް……ނަސްލަކަށް ކުލަޔަށް ބަލާމީހެއްނޫން އެއީކީ……”އަން” ކިޔައިފިއްޔާ އަންނާރެއްވެސް އޯކޭވާނެ އޭނަޔަށް…” ހެވިފައި ޒިހާން ބުނިނަމަވެސް ނައީޝްގެ އެހުންނަ ގޮތެއްގެ ސަބަބުން އޭނާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ދެންތިބި އެކުވެރިންވެސް ވިސްނަމުން ދިޔައީ ނައީޝްއާ މެދުގައެވެ. ނައީޝް އަކީ ބުނެފިބަހެއްގައި ހިފަހައްޓާ ގޮތްދޫނުކުރާ މީހެކެވެ. އޭނާ ބުނެފިކޮންމެކަމެއް އޭނާ ކުރާނެއެވެ. ނީލާއާ ދިމާކުރާކަށްވެސް އޭނާ ފަހަކަށް ނުޖެހޭނެކަން އެންމެނަށްވެސް އެނގެއެވެ.

” އަދި މޮޅުކަމަކީ އޭނާ ދިމާކުރާ ކޮންމެ އަންހެން ކުއްޖަކުވެސް އޭނަޔާހެދި ހޭބަލިވާތީ……މަށަކަށް ނޭނގެ އޭނަ އެހަދާ އުކުޅެއްވެސް….” ޝިޔާންވެސް ސީރިއަސް ވެލާފައި ވާހަކަ ދެއްކިއެވެ.

އިޝާން ބަހެއް ނުބުނި ނަމަވެސް އޭނައިނީ އެކަމާ ކަންބޮޑުވެފައެވެ. އޭނާ ރައްޓެހިވާ އަންހެންކުދިންގެ އަދަދެއްވެސް އެމީހުންނަކަށް ނޭނގެއެވެ. ވަކި އުމުރެއް ވަކި ކުލައެއް އޭނަ ނުބަލައެވެ. މީހުންގެ އަނބިންނާވެސް ނައީޝް ގުޅުން ބާއްވައެވެ. ނަމަވެސް އެކަން އޭނާގެ ރަހުމަތްތެރިންނަކަށް ނާންގައެވެ. ނައީޝް އަންހެންކުދިންނާ ގުޅުން އުފައްދަނީ ހަމަ އެންމެ މަޤުސަދެއްގައެވެ. އޭނާގެ މަޤުސަދު ހާސިލް ވުމުން އޭނާ އެކުއްޖަކާ ގުޅުން ކަނޑާލައެވެ. އޭނާގެ މިސިފަ ރަހުމަތްތެރިންނަށް އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. އެއީ އެމީހުންވެސް އެގޮތަށް ނޫޅޭތީއެވެ. ނަމަވެސް އެއީ އޭނާގެ އަމިއްލަ ކަމަކަށްވާތީ އެމީހުންވެސް މާބޮޑަށް އެކަމާ އަޅާނުލައެވެ. މިހާރުވެސް އޭނާ ތިންކުދިންނާ އެއްފަހަރާ ގުޅުން ބާއްވާކަންވެސް އެމީހުނަށް އެނގެއެވެ.

ސައިބޮއެ ނިމުމުން އެމީހުން ވާހަކައިގައި ތިބެގެން އެތަނުން ނުކުމެގެން ދިޔައިރު އެތާ ދާދިގާތުގައި ހުރި މޭޒެއްގެ ދޮށުގައި ފުރަގަސްދީގެން ނައީޝް އިންކަމެއް އެމީހުން ނުދެނެ ހުއްޓެވެ. ނައީޝްއަށް އެހުރިހާ ވާހަކައެއް އަޑުއިވުނެވެ. މޭޒުކައިރީގައިހުރި ބަގީޗާގަހެއްގެ ނިވަލުގައި އިނުމުން އެމީހުންނަކަށް އޭނާ ނުފެނުނީއެވެ. އެއީ އޭނަ ބޭނުންވި ގޮތެވެ. އޭނާގެ ރައްޓެހިންނަށްވެސް އޭނާގެ ހުރިހާ ހަޤީގަތެއް ނޭނގެއެވެ. އެކީގައި އުޅޭއިރު އެންމެނާއި މަޖާކޮށް ސަކަރާތް ޖަހާހެދިނަމަވެސް އޭނާގެ ކިބައިގައި އެހެންމީހުންނަށް އަޑިނޭނގޭ ފަރާތެއް އޮވެއެވެ. އެކުވެރިންގެ ވާހަކަތަކުން އޭނަގެ ރުޅި އިންތިހާއަށް ދިޔައެވެ. އަދި އެމީހުން ހީވެސް ނުކުރާފަދަ ރޭވުމެއް ހިތުގައި ރާވާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shine

Level 6100 Stories10 Stories100 Comments100 Login

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

އަހަރެންގެ ހިތުގެ މިލްކްވެރިޔަކީ ހަމަ އަހަރެންނެވެ. (1 ވަނަ ބައި)

Next

ނޭނގޭހެ ހާދަ ލޯބިވޭ 26

Next
October 18, 2016

ނޭނގޭހެ ހާދަ ލޯބިވޭ 26

Previews
October 17, 2016

އަހަރެންގެ ހިތުގެ މިލްކްވެރިޔަކީ ހަމަ އަހަރެންނެވެ. (1 ވަނަ ބައި)

25 Comments!

  1. shooty says:
    October 17, 2016 at 11:56 pm

    Me kiyaafa oi story eh hen varah heevey.

  2. Faathee says:
    October 18, 2016 at 12:12 am

    Ehves meehaka esfiya app ga mahsala eh ulhey hen heevey tha? Or am I the only one who is having this problem

    1. shooty says:
      October 18, 2016 at 12:26 am

      Nun.. Massala ulhey hama v ves.

    2. no one care says:
      October 18, 2016 at 9:04 am

      mahsala ulhey eba

    3. Admin says:
      October 18, 2016 at 6:50 pm

      there is an issue and we are working to fix it asap

  3. Lym says:
    October 18, 2016 at 1:13 am

    Thanks mivaahaka genesdhinithi

  4. Khajja says:
    October 18, 2016 at 1:22 am

    Alhey mi stry feshumuge kurinves bunefa ebaoiy mi stry aky kurinves mi site ga up kuri stry ekey adminge edhilevvumashey 2 vanafaharah up kury…. mi stry v rythi n neel ah dheragotheh nuhadhachchey eulhey naeesh ge kibain neel salaamaiykoh rakkaatherikuraathi pls waitin waitin

  5. Sim says:
    October 18, 2016 at 7:39 am

    Mi biruveri vaahaka eh tha?

  6. Naxy says:
    October 18, 2016 at 7:56 am

    Ya esfiya site ga ulhey mahsala eh. Site load ves nuvey Gina faharu.

  7. Anonymous says:
    October 18, 2016 at 8:42 am

    Mi “shine” dho “deevaana” vahakaves liyunee , vvarah molhu kujje vahaka liyan vvv reethi ?

  8. no one care says:
    October 18, 2016 at 9:39 am

    mi vaahaka vx v reethi, next part avahah upload kohla dheythi..

  9. Reethi says:
    October 18, 2016 at 9:41 am

    Shine mi vaahaka up kuraakan naseebeh nun dheevaana vaahaka esfiya in up kuranee v . Kurukoh ehenve v. Foohivey esfiya dheke . Kanneh admin eh. Mi vaahaka ves esfiya in genesdhin nama hadhaanee ehen thanx shine v.v. reethi

  10. Aaf says:
    October 18, 2016 at 10:03 am

    Mivaahaka vvvnice shine ge new story gensdhinumah edhen “boss” vaahaka gensdhinumah vvv adhyhaaeku edhen plspls shine nulhaahiku reethi vaahaka eh eiy

  11. Aisha says:
    October 18, 2016 at 10:15 am

    Shine welcome back…… v happy vehje shine enburi esfiya ah aama…

  12. Shara says:
    October 18, 2016 at 10:31 am

    Next part kn irakun!!! V v salhi mi stry,,komme dhuvahaku vx mi stry kiyaalan libeyne kamah ummeedhu kuran!!???

  13. Shine says:
    October 18, 2016 at 10:35 am

    ކޮންމެ ދުވަހަކުވެސް އަޕްކޮށްދޭން ހިތުގައޮތީ……މިރޭ ދެން އޮތްޕާރޓް އިންޝާﷲ

    1. Aisha says:
      October 18, 2016 at 1:47 pm

      Shine plz liminho genesdhyba…. v hoadhaafin e vaahaka….

  14. Saandy says:
    October 18, 2016 at 10:51 am

    ވަރަށް ވަރަށް ރީތި… ވަރަށް ޝަޢުޤުވެރި… މި ނައީޝް މީ ހާދަ ނުރައްކާތެރި މީހެކޭ ދޯ… މިފަހަރު ކޮމެންޓްތަކެއް ނުކިޔާނަން… ދީވާނާ ވާހަކަވެސް ދެވަނަ ފަހަރު ގެނެސްދިންއިރު ކޮމެންޓްތައް ކިޔުނީމަ މުޅިން ސަކަރާތް… އޮތީ ވާހަކައިގެ ކުރި މަރާލާފަ… އޭރު ކުރިން އެވާހަކަ ނުކިޔާ އޮތީ… މިވާހަކަވެސް މި ކިޔަނީ މުޅިން އަލަށް… ދެވަނަ ބައި އަވަހަށް އަޕްކޮށްލައްޗޭ

  15. Anonymous says:
    October 18, 2016 at 10:56 am

    v reethi…?

  16. Sabeeha says:
    October 18, 2016 at 10:59 am

    v salhi…?

  17. Sabeeha says:
    October 18, 2016 at 10:59 am

    v salhi…?

  18. Laal says:
    October 18, 2016 at 11:39 am

    Nice

  19. Akif says:
    October 18, 2016 at 12:09 pm

    shain ge vahaka eh anekaaves kiyaalan libey thy vrh uffa vehjeh…shain vahaka liyaa fa hunna gothaa siffakurun tha vrh kamudhey….kiyaalafa igey vrh hunnaru verikan..story v nice..waiting for nextpart

  20. bunny says:
    October 18, 2016 at 1:31 pm

    The best thing is, varah dhigu koh liyefa miothy. kuru ethi kolheh liyumuge badhaluga. ?

  21. imagination says:
    October 18, 2016 at 5:57 pm

    woooooooooooooooooooooooooaaaaaaaaaaaaaaaaaaaaaaaaahhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!….i m in love with this story at first site <3 <3 <3 <3

Comments are closed.

Next Episodeއެފިނިމެންދަން 2←


All Right Reserved!