މިކްޔާ ޝަމާންގެ ކޮލުގައި ބޮސްދިނުމަށްފަހު ރޭގަނޑުގެ ވަދާއީ ސަލާމް ކުރިއެވެ. ޝަމާންވެސް ހިނިތުންވެލުމަށް ފަހު މިކްޔާގެ ކޮލުގައި މަޑު މަޑުން ހިފާލުމަށްފަހު ދޮރުލެއްޕުމަށް އެދުނެވެ. ޝަމާން އެނބުރި ދިޔުމަށް ހިނގައިގަތް ވަގުތު އެގޭ ދޮރު ހުޅުވާލުމަށްފަހު ޝަކީލާ ބޯދިއްކޮށްލިއެވެ.
އަވަސް ހަރަކާތަކާއެކު ޝަމާން އެތާހުރި ގަހެއްގެ ބިއްދަށަށް ވަދެ ނިވާވެލިއެވެ. އެވަގުތު އެތަނަށް ވެރިވެފައި އޮތް އަނދިރި ކަމުގެ ސަބަބުން ޝަކީލާ އަށް ޝަމާން ފެންނަ ގޮތެއް ނުވިއެވެ. އެހެންކަމުން ދޮރުލެއްޕުމަށް ފަހު ތަޅުލިއެވެ.
” ނަސީބެއް..ކިރިޔާ އެ ސަލާމަތްވީ..އެހެން ނޫންނަމަ މިއަދު މަގޭ ދުވަސް ދާނެ..” ފުން ނޭވައެއްދޫކޮށްލުމަށްފަހު ޝަމާން ފާރުމަތިން ފުންމާލި އެވެ.
ޝަކީލާގެ ހަރަކާތްތަކުން އޭނާ މީހަކަށް ނުގުޅިގެން އުޅޭކަން ދޭހަވެހެވެ. މޫނު މަތީގެ ކުލަ އޮށްސިފައިވާ އިރު ދެބުމަ ވަނީ ގޮށްޖެހިފައެވެ. މަޑު މަޑުން ތުން ތަޅުވަމުންދާއިރުގަ ކޮންމެސް އެއްޗެހިތަކެއް ކިޔާކަން އެނގެއެވެ.
މިކްޔާގެ ދިރި އުޅުމަށް ވަންނަން މަސައްކަތް ކުރި ހަމައެކަނި މީހަކީ އާރިފް އެވެ. ނަމަވެސް ޝަކީލާ ވަނީ ނުހަނު ރޭވުންތެރި ކަމާއެކު އޭނާ މަގުން އެއްފަރާތް ކޮށްލާފައެވެ. ޑްރަގްސް މައްސަލައެއްގައި އާރިފް ބައްދާލީ އޭނާގެ ސިޔާސީ ނުފޫޒުގެ ބޭނުން ކޮށްގެނެވެ. ޝަކީލާ އަކީ ސިޔާސީ މައިދާނުގައި ވަރަށް ނުފޫޒު ގަދަ މީހެކެވެ. އެ ގޮތުން އޭނާ ދަންނަ މީހުންގެ އެހީތެރި ކަމާއެކު އާރިފް ގެ ކަންތައް ނިންމާލިއެވެ. އޭރު ނަސީބު އަތުގައި ހިފުމުން އާރިފް ސަލާމަތްވީއެވެ. އަދި އޭނަ އަށް ޝަކީލާ ކަންތައް ކުރި ގޮތް ވަނީ އެނގިފައެވެ. ނަމަވެސް ކަންތައް އިތުރަށް ގޯސްވީ އާރިފް ގެ މަންމަ ނިޔާވުމުންނެވެ. އާރިފް ބަންދު ކުރުމުން އެކަމުގެ ހިތާމައިގައި އޭނާ މަންމަ މިދުނިޔެ ދޫކުރުމުން ހުރިހާ ރޯޅިއެއް ބޭލީ ޝަކީލާ އަށެވެ. އަދި މިކްޔާވެސް އެކަމުގައި ބައިވެރި ވެފައިވާކަމަށް ބުނެ އެދެމީހުންގެ ދިރި އުޅުން ބަރުބާދު ކޮށްލާނެކަމަށް އާރިފް ވަނީ އެތައް އިންޒާރު ތަކެއް ދީފައެވެ. އެހެން ނަމަވެސް މިކަމުގެ ސަބަބުން ޝަކީލާ އަށް މާ ބޮޑު އަސަރެއް ނުކުރެއެވެ. ހުރިހާވެސް ކަންބޮޑު ވުމަކީ މިކްޔާ އެވެ. މިކްޔާ އަށް ކަމެއް ވެއްޖެނަމަ ޝަކީލާ ދެކެމުން އައި ހުފަވެން ތަކުގައި ކުލަ ޖެހުމުގެ ކުރިން ބިލާހަކަށް ވެދާނެއެވެ. އެހެން ކަމުން އޭނާ މިކްޔާ ރައްކާތެރި ކަމާއެކު ބަލަމުން އައީ އާރިފްގެ ފަރާތުން ގެއްލުމެއް ލިބިދާނެތީއެވެ. ނިޒްމާގެ މަރުގެ ހާދިސާ އަށްފަހު ޝަކީލާ ނިންމީ ދެން އިތުރަށް އިންތިޒާރު ނުކޮށް ހުރިހާ ކަމެއް ނިންމުމަށެވެ.
ހިޔާލީ ދުނިޔެއަކަށް ގެއްލިފައި އެތައް އިރަކު އެހެން އިންދަ ފޯނު ރިންގް ވުމާއެކު ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލުމަށް ފަހު އެނދުމަތީގައި އިށީނދެ ހަމަ ޖެހިލުމަށްފަހު ފޯނު ނަގާ ކަންފަތުގައި ޖެހިއެވެ. ޝަކީލާގެ އެ ފޯނުކޯލަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދާނެ ކޯލެކެވެ. އެހެން ކަމުން އޭނާ ބޭނުންވަނީ ވަރަށް ހަމަޖެހިލައިގެން ވާހަކަ ދައްކާލުމަށެވެ.
” ހެލޯ އިކްރާމް !…ހާދަ ލަހުންނޭ ތި ފޯނު ކުރީ މިހާރު ކޮން އިރެއް މަ ނުގުޅިގެން އުޅޭތާ؟” ޝަކީލާ އިނީ ކެތް މަދުވެފައެވެ. “ދެން ޝަކީ އަށްވެސް އިނގެން ޖެހޭނެ މަގޭ އަނބިމީހާ އަށްވެސް ވަގުތު ދޭން ޖެހޭ ކަން….ހޫމް ދެން ދައްކަބަލަ ތި ނުދެއްކިގެން އުޅޭވާހަކަ..އަނެއްކާ މަގޭ އިންތިޒާރުގެ ނިމުން އައީތަ؟.. މިހާރު ހާދަ އިންތިޒާރެއް ކުރުވައިފިއޭ ދޯ..” އެކޮޅުން އިވިގެން ދިޔައީ ބަރު އަޑެކެވެ.
” ތިވާހަކަ ދައްކަން ވެގެން މިގުޅީވެސް..މަ މިހާރު ނިންމައިފިން ކައިވެނި އަވަސް ކުރަން..” ޝަކީލާ ބުންޏެވެ. ” އެކަމަކު މަ ބޭނުންވަނީ ލަންކާގަ މިކައިވެނި ކުރަން..އޭރުން މީހަކަށް ޝައްކެއްވެސް ނުވާނީ..އަހަރެން ދާނަން މާދަމާ ..ދެން ތިކޮޅަށް ގޮއްސަ ޕާސްޕޯޓް ކަންތައް ނިމުނުހާ އަވަހަށް ލަންކާ އަށް ފުރާނީ..” ޝަކީލާ އޭނާ ބެނުންވާ ގޮތް އިއްވާލިއެވެ.
” ސޯ އަހަރެން ފްރައިޑޭ އަށް ހުރިހާ ކަމެއް ނިންމާނަން..މިބުނީ ޝަކީ އަށް ދޭން ބުނި ގޭގެ ރެޖިސްޓްރީ ކަންތައް..ދެން މިކޮޅަށް އައިސް ސައިން ކޮށްލީމަ އެނިމުނީ..އެކޮޅަށް ފުރާނީ ސަޓަރޑޭގަ..އެގޮތް ކިހިނެއްވާނެ؟ އެކޮޅުން ވާހަކަ ދެއްކި މީހާ ގޭގެ ޜެޖިސްޓްރީ ވާހަކަ ބުނުމާއެކު ޝަކީލާ އޭނާގެ ހިޔާލީ ފޮލާ ކަންކަން ފެށިއެވެ. މާލޭގެ އަމިއްލަ ގެއެއް ހުރެ މުއްސަނދި ދިރި އުޅުމެއް އުޅުމަކީ ޝަކީލާ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެކެވެ. ދެން އެކަންތައް ވާން މާ ގިނަދުވަހެއްވެސް ނެތެވެ. ޝަކީލާގެ މޫނުމަތި ވަނީ އުޖާލާވެފައެވެ.
” ޝަކީ..ކޮބާ ކަމު ނުދަނީތަ؟..އެހުރީ ދިހަ ބުރީގެ އިމާރާތް ރެޑީގަ.. ހަމަ އެކަނި ޝަކީ އަށް..” ޝަކީލާ އަށް ހިޔާލީ ދުނިޔެއިން ނިކުމެވުމާ އެކު އެކޮޅުން ދެއްކި ވަހަކަތަކަށް ޖަވާބު ދިނުމަށްފަހު ފޯނު ބޭއްވީ ސިއްރުވެރި ނިންމުންތަކެއް ނިންމުމަށް ފަހުއެވެ.
**
ހެނދުނު ހޭލެވުމާއެކު ޝަމާން އަވަސްވެގަތީ ފުރަން އެއާޕޯޓަށް ދާށެވެ. ރޭގަ ލަހުން ނިދުނީމަ ހޭލެވުނީވެސް ލަހުން ކަމަށް ވުމާ އެކު ވަގުތު ވަނީ ވަރަށް ކުޑަތަން ވެފައެވެ. ޝަމާން ތައްޔާރުވެގެން ނިކުތް އިރުގަ މާމަ ހުރީ ސައި ތައްޔާރުކޮށްފައެވެ. “މާމާ ނެތް ވަގުތެއް.. މި ހުރިހާ އެއްޗެއް ކައިގެން ނުދެވޭނެ..އިނގޭ ވަރަށް މީރުވާނެކަންވެސް..ދެން އެހެން ފަހަރަކުން ކާނީ ދޯ..ހެހެ..” ކުޑަ ގޮތަކަށް ސައި ބޮއެގެން ނިކުމެ މާމަ އާއި ސަލާމް ކޮށްލުމަށް ފަހު ޝަމާން ކާފަ އާއި އެކު އެއާޕޯޓަށް ދިޔުމަށް ޓެކްސީ އަށް އެރި އެވެ. އެވަގުތު މިކްޔާ ހުރީ އެމީހުންގެ ގޭގެ ދޮރުމަތީގައިއެވެ. ޝަމާން އަށް މިކްޔާ ފެނުމާއެކު ރޭގެ ކަންތައް ހަނދާންވިއެވެ. އަދި މިކްޔާ އަށް ހިނިތުންވެލުމަށްފަހު އަތުން ހަނާ އަޅާލިއެވެ. ޓެކްސީ ގޮސް އޮބާލަންދެން މިކްޔާ އެހުރި ގޮތަށް ހުއްޓެވެ. އޭނާގެ ހިތް ވަނީ ނުތަނަވަސް ވެފައެވެ. ކީއްވެ ކަމެއް ނޭނގެ އެވެ. ހީވަނީ ކޮންމެސް މުހިއްމު އެއްޗެއް ގެއްލެން އުޅޭހެންނެވެ.
އެގޮތަށް އިރުކޮޅާކު ހުރުމަށްފަހު މިކްޔާ ގޭތެރެއަށް ވަތް ވަގުތު ވަރަށް އަވަދި ނެތިކޮށް އެއްޗެހި ޕެކް ކުރުމުގައި ޝަކީލާ އުޅޭތަން ފެނިފަ ހައިރާންވިއެވެ. ޝަކީލާ އަކީ މިހާ ހެނދުނަކާ ހޭލާ މީހެއްވެސް ނޫނެވެ.
” މަންމާ ތިއުޅެނީ ތަނަކަށް ދާންތަ؟” މިކްޔާ ސުވާލުކޮށްލިއެވެ.
” މަށެއް އެކަންޏެއް ނޫން ދަނީ ކަލޭވެސް ދާން ޓިކެޓް ނަގާފަ އެއޮތީ… ބޭނުންވާނެ ހުރިހާ ސާމާނެއް ޕެކް ކުރާތި.. ދެން ނޭނގެ އާދެވޭނެ ދުވަހެއް..އަވަސް ކުރޭ..” ޝަކީލާ ރުންކުރު ކަމާއެކު ބުނެލިއެވެ. މިކްޔާ ހުރީ ވާނުވާ ނޭނގިފައި ވިސްނުމަކަށް ގެއްލިފައެވެ. ކުއްލިއަކަށް މަންމަ އެއްޗެހި ޕެކް ކުރާ ސަބަބެއް މިކްޔާ ގެ ސިކުނޑި އަކަށް އަނދާޒާއެއް ނުކުރެވުނެވެ.
“އަދިވެސް އަވަސް ކަމުންތަ ތި ހުންނަނީ..އަވަސް ކުރާށޭ މިބުނީނު..ހަވީރު ފުރަންޖެހޭ..އޭގެ ކުރިން މި ސާމާނުތައް އެބަޖެހޭ މިރޭ ފުރާ ބޯއްޓަކަށް އަރުވަން..ކަލޭ އަވަސް ކޮށްގެން އައީމަ މިކަންތައް އަވަސް ވާނީ…ދޭބަލަ ދެން ތިހެން ނުހުރެ..” ޝަކީލާ ހަޅޭލަވާގަތުމާއެކު މިކްޔާ ސިއްސައިގެން ގޮސް އަވަހަށް ކޮޓަރިއަށް ދިޔައެވެ.
މިކްޔާ އޭނާ ބޭނުންވާނެ ސާމާނުތައް ޕެކް ކޮށްލިއެވެ. އަދި ޝަމާން ދިން އެ ކުޑަ ނޯޓް ފޮތް ނެގުމަށްފަހު އޭގައި އެއްޗެއް ލިޔެލާފައި އަތް ދަބަސް ތެރެއަށް ލިޔެވެ. މިކްޔާ އޭނާގެ ފޯނު ނެގުމަށްފަހު ޝަމާން އަށް މެސެޖް ކުރަން އިންދަ ޝަކީލާ ކޮޓަރިތެރެއަށް ބޯ ދިއްކޮށްލުމަށްފަހު އައުމަށް އަމުރުކޮށްލިއެވެ.
އެއްޗެހިތައް ޕެކް ކޮށްލުމަށް ފަހު ބޯއްޓައް އެރުވުމަށް ބަޔަކާ ހަވާލު ކުރުމަށްފަހު ޝަކީލާ ވަނީ ފެންވަރާ ތައްޔާރު ވުމަށެވެ. އޭރު ވަނީ ގަޑިން 2 ޖަހާ ބޮޑުވެފައެވެ. އެހެން ކަމުން ދެމީހުން ފުރަން ތައްޔާރު ވުމަށް އުޅުނެވެ. މިކްޔާ ހުރީ ޝަމާން އާ ވާހަކަ ދައްކާނެ ވަގުތެއް ނުލިބިފައެވެ. ކޮޓަރިއަށް ވަތް ގޮތަށް ފޯނު ކޮބާތޯ ބަލާލިއެވެ. ފޯނު ފެންނަން ނެތުމުން ސިޓިން ރޫމް ވެސް ބެލިއެވެ. އެކަމަކު ފޯނު ފެންނާކަށް ނެތެވެ.
މިކްޔާ ސިޓިން ރޫމްގަ ހުއްޓަ ޝަކީލާ ތައްޔާރުވެގެން ނިކުތެވެ. “މަންމާ އަހަރެންގެ ފޯނު ދެކުނިންތަ؟ ނެތް ކޮޓަރީގައެއް..ސިޓިންރޫމްވެސް މި ހޯދީ..އެކަމަކު ނެތް ފެންނާކަށް..” މާޔޫސް ވެފާ ހުރެ މިކްޔާ ބުނެލިއެވެ. އެވަގުތު ޝަކީލާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. ނަމަވެސް ކުޅަދާނަކަމާއެކު ހާސް ކަމުގެ މައްޗައް ރުޅިވެރިކަން އިސްކޮށްލީ ކުޅަދާނަ އެކްޓަރެއް ފަދައިންނެވެ.
” މަށެއް ނުދެކެން ކަލޭގެ ފޯނެއް..މިތާ ކިތައް މީހުން އުޅެފަތަ އެދިޔައީ އެއްޗެހިތައް ގެންދަން..ކިހިނެއް އިނގޭނީ އޭގެއިން މީހަކު ނުގެންދާނެ ކަމެއްވެސް…މީ ވަރަށް ވަގުން އުޅޭ ޒަމާނެއް..ކަލޭގެ ފަރުވާ ކުޑަކަމުން އެވީ ހަމަ ރަނގަޅު ގޮތް…ދެން އެކަމަކު ފޯނު ގަންނާކަށް ވަގުތެއް ނެތް..މާލެ ގޮއްސަ ގަންނާނީ..ދެން ވެސް އަވަސް ކުރަން ދޭބަލަ..” ޝަކީލާގެ އޭނާގެ މޫނަށް ވައްތަރެއް ޖައްސާލަމުން ސޯފާގައި ހަމަޖެހިލިއެވެ.
މިކްޔާ ބަސްއަހާ ކިޔަމަން ދަރިޔެއްހެން ގޮސް ކޮޓަރިއަށް ވަނެވެ. އެވަގުތު ޝަކީލާ އޭނާގެ އަތް ދަބަސްތެރެއިން މިކްޔާގެ ފޯނު ނެގިއެވެ. އަދި ދެބުމަ ގޮށް ޖަހާލުމަށްފަހު މިކްޔާގެ ކޮޓަރިއާ ދިމާއަށް ބަލާލިއެވެ. ” ހުއް..ކަލޭގެ ހިތާވެގެން އުޅޭ މީހާ ގުޅާނެތީވެ ދޯ މާވަރަކަށް ފޯނު ތި ހޯދަނީ..މިހާރުވެސް ގުޅާވަރުން މަގޭ ބޯ ފަޅައިގެންދާވަރުވޭ..” ޝަކީލާ އަތުގައި އޮތް ފޯނަށް “ޝޭން” އަރާފައި އޮތެވެ. ޝަމާން އެދަނީ މިކްޔާ އާއި ގުޅޭތޯ ބަލަމުންނެވެ. އެހެނަސް މިވަގުތު ނަސީބު ހުރީ ޝަކީލާ އާއި އެއްކޮޅަށެވެ.
ޝަކީލާ ފޯނުގެ ސިމް ކޮޅު ނެގުމަށްފަހު އެތާ ހުރި ޑަސްބިނަށްލިއެވެ. އަދި ފޯނު އަތް ދަބަސް ތެރެއަށް ލުމަށްފަހު ހަމަ ޖެހުމުގެ ނޭވައެއްދޫކޮށްލިއެވެ. އޭނާގެ ޕްލޭން ފޮލޮޕް ވުމުގެ ހުރިހާ މަގެއް ބަންދު ކުރާނެއެވެ. ދެން އިތުރަށް އޭނާގެ މަސައްކަތައް ހުރަހެއް ދިމާވުމުގެ ޗާންސެއް ދިނުމެއެއް ނޯންނާނެއެވެ.
ކޮޓަރި ތެރޭގައި މިކްޔާ ތައްޔާރު ވަމުން ދިޔަ ނަމަވެސް އޭނާގެ ހިތައްވަނީ ނުތަނަވަސްކަން ވެރި ވެފައެވެ. ” އަހަންނަށް ހަމަ ޔަޤީން މަންމަކަން އެ ފޯނު ނަގާނީ…ނަސީބެއް ޝަމާންގެ ނަމްބަރު ނޯޓް ކޮށްލެވުނުކަން..” މިކްޔާ މިއަދު އެ ނޯޓް ފޮތުގައި ޝަމާންގެ ނަމްބަރު ނޯޓް ކޮށްލީ ޝަކީލާގެ އަމަލުތަކުން ޝައްކު ވާތީވެއެވެ. ކޮންމެވެސް ގޮތަކުން ޝަކީލާ އަށް ޝަމާން އާއި އޭނަގެ ގުޅުން އިނގޭހެން ވެސް މިކްޔާ އަށް ހީވެއެވެ. ނަމަވެސް ޝަކީލާ އާއި އިތުރު ސުވާލެއް ނުކުރަނީ އޭގެ ނަތީޖާ އަކީ ކޮބާ ކަން އިނގޭތީވެއެވެ.
***
މިކްޔާމެންނަށް މާލެ އާދެވުނީ އިރު އޮއްސެން ކައިރި ވެފައި ވަނިކޮށެވެ. މާލެ އާދެވުމާއެކީ ޝަކީލާ މިކްޔާ ގޮވައިގެން ދިޔައީ އިކްރާމް ހިފާފައި ހުރި ގެސްޓް ހައުސް އަކަށެވެ. އުޅެން ޖެހުނުލެއް ބިޒީ ކަމުން އިކްރާމަށް އާދެވޭގޮތް ނުވިނަމަވެސް ޝަކީލާ މެންނަށް އެހީވުމަށް މީހަކު ފޮނުވިއެވެ.
މިކްޔާ ހުރީ މި އާ މަހައުލުގެ ސަބަބުން ބޮލުގައި ރިއްސާފައެވެ. އަދި އެހެންމެ ޝަމާންގެ ހަބަރެއް ނުބެލޭތީވެ އެކަމާ ނުހަނު ދެރަވެފައެވެ. ޝަމާން ވެސް މިކްޔާ އާއި ނުގުޅިގެން އުޅޭނެއެވެ. މިހުރިހާ ކަމެއްވެސް މިވަނީ ހަމަ ޝަކީލާގެ ނުބައި ރޭވުމެއްގެ ދަށުން ކަމެއް މިކްޔާ އަށް ރޭކާވެސް ނުލައެވެ.
ޝަކީލާ ބޭނުންވީ އަވަހަށް ނިދުމަށެވެ. އިކްރާމް ގުޅާފައި މާދަމާ އަންނާނެ ވާހަކަ ބުނުމުން ވަގުތު ހިނގާލެއް ލަސްކަމުން އެކަމާ ހިތްހަމަ ނުޖެހިފައި އޮވެ ޝަކީލާ ފުން ނިންޖަކަށް ގެނބިއްޖެއެވެ. ޖެހިގެން އޮތް އެނދުގައި އޮތް މިކްޔާވެސް ނިދާފައި އޮތެވެ.
**
ހެނދުނުގެ ވަގުތެވެ. ޝަކީލާ ކަންނެތް ކަމާއެކު ރިންގް ވަމުންދާ އޭނަގެ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. “ޝަކީ މިދަނީ ތިކޮޅަށް ޕޭޕާސްތަށް ހިފައިގެން..ބީ ރެޑީ..އައިލް ބީ ދެ އާރ ވިތިން 30 މިނިޓްސް..” އިކްރާމްގެ އަޑު ޖެހުމާ އެކު ޝަކީލަގެ ނިދިފިލާ ދިޔައެވެ. ވަގުތުން މިކްޔާ އަށް ގޮވާފައި ތައްޔާރުވެލުމަށް ބުނެލުމަށް ފަހު ފޯނުން މީހަކަށް ގުޅުމަށްފަހު ފާހާނާ އަށް ވަނެވެ. މިކްޔާ ހުންނަނީ ޝަކީލާގެ އުޅުމާ މެދު ޝައްކުވެފައެވެ. އެހެންޔާ ނުފެންނަ ކަހަލަ އުފާވެރިކަމެއް މިޙާރު ޝަކީލާގެ މޫނުމަތީގައި ވެއެވެ. އެ އުފާވެރިކަމުން މިކްޔާ އަށް ނުތަނަވަސްކަން ލިބެނީ ކީއްވެ ކަމެއް ހުދު އޭނާ އަށްވެސް ނޭނގެއެވެ.
ޝަކީލާ އޭނާގެ މުރާދު ފުރިހަމަވުމާއެކު އުފަލުން ހީވަނީ ދެފައި ބިމުގައި ހަރު ނުލާހެންނެވެ. މާދަމާ ލަންކާ އަށް ފުރަން ތައްޔާރު ވުމަށް ބުނުމަށްފަހު އިކްރާމް އެދިޔައީ އޭނާގެ ވައުދު ފުރިހަމަ ކޮށްފައެވެ. ދެން އޮތީ ޝަކީލާގެ ވައުދު ފުއްދުމެވެ. އޭނާ އެކަން ކުރާނެއެވެ. އޭރުން އެ ދިހަ ބުރީ އިމާރާތުގައި ހަމަޖެހިގެން އުޅެވޭނެއެވެ. ބޮލުން ބޮޑު ބުރައެއް ފިލާނީ އޭރުންނެވެ.
މިކްޔާ އަށް އެ ނުދަންނަ މީހާގެ އަޑު ވަރަށް ދަންނަ އަޑަކާ ވައްތަރުވުމުން އެކަމާ ވިސްނާލިއެވެ. ނަމަވެސް އެއީ ކާކުކަމެއް ވިސްނުމަކަށް ނައެވެ. އަދި މާދަމާ ލަންކާ އަށް ދަނީ ކީއްކުރަން ނޭނގުމުން މިކްޔާ ކަންބޮޑުވިއެވެ. އެހެން ކަމުން ޝަކީލާ އާއި ސުވާލު ނުކޮށެއް ނީނދެވުނެވެ.
“މަންމާ އެއީ ކީއްކުރާ މީހެއް..މި ބުނީ މަންމަ އެމީހާ ގެނައި ގަނޑުތަކުގައި ސޮއެ ކުރީމަ އެހެންވެ..އަޅުގަނޑަށް ހީވަނީ އެމީހާ އަޅުގަނޑު ދަންނަހެން..ވަރަށް ބެލި އޭނަ..” ހިތްހަމަ ނުޖެހިފަ ހުރެ މިކްޔާ ސުވާލުކޮށްލުމާއެކު ޝަކީލާ ހީވީ މިކްޔާ ރޮލާ ކާލަފާނެހެންނެވެ.
” ސާބަހޭ ދެން ކަލެ އަށް.. މީހަކު ބަލާކަށް ތީ މާރީތި މީހެއްވެސް ނޫން..”
“ކިތައްމެ ހިތް ހެޔޮ މީހަކަސް ކަލޭގެ ވިސްނުން ހުރި ނުބައިކަމުން އެމީހާ ބަލަނީ އޭ ތިބުނީ…ކިހިނެއްވީ ބެލިއްޔާ؟.. ކަލޭވެސް ބެލީމަ ދޯ އެނގޭނީ އޭނަ ބެލިކަން..ދެން ކީކޭ ކިޔަން ތިއުޅެނީ..ބުނަންތަ ރަނގަޅު ވާހަކައެއް އަހަރެން ނުޖެހޭނެ ކަލެއަށް ކަންކަން އޮޅުން ފިލުވައި ދޭކަށް…ދެން މާދަމާ ލަންކާ އަށް ފުރަން ތައްޔާރު ވެގެން ހުރީމަ ކަލޭ ކުރަން ޖެހޭ އިތުރު ކަމެއް ނޯންނާނެ..”
ޝަކީލާ ފުސް މޫނަކާ އެކު އެހެން ބުނެލުމަށްފަހު އެތަނުން ދުރަށް ހިނގައި ގަތެވެ.
“ނުދާނަން އަހަރެން ބޭނުމީ ރަށަށް ދާން..” މިކްޔާ ރޮވިފައި އެހެން ބުނެލިއިރުގައި ދެލޮލުން ކަރުނަ ނިރާލިއެވެ. ޝަމާންގެ ހަބަރެއް ނުލިބި އެއް ދުވަސް ވީ އިރު އޭނާގެ ހަބަރެއް ޝަމާން އަށް ލިބޭނެ ގޮތެއް އޮތީއެއްވެސް ނޫނެވެ. މަންމަގެ ސަބަބުން އެނާ މާލެ ދާން އުޅޭވާހަކަ ޝަމާން މާމަ ކައިރިގައި ވެސް ބުނެވޭގޮތެއް ނުވިއެވެ. ހުރިހާ ކަމަކާ ވިސްނަން ޖެހުމުން މިކްޔާ ވަނީ ހާސްކަމެއްގެ ތެރޭގައި އެވެ.
ފުންމައިގެން ކަހަލަ ގޮތަކަށް ޝަކީލާ އައިސް މިކްޔާގެ ކޮލުގައި ހިފާ ފިތާލިއެވެ. “ކީކޭ ނުދާނަމޭ..އަދި އެއްފަހަރު ބުނެބަލަ..؟ އަހަރެން ކުރާ ކަމަކާ ދެކޮޅަށް އެއްޗެކޭ ބުނެފިއްޔާ ކަލޭގެ ދޫ ބުރި ކޮށްލާނަން..އަދި އެބައުޅެއެއްނު މާ ވާހަކަ ދެއްކޭ މީހަކަށް ވެގެން.ކަލޭގެ އަމާ ކަލޭ ދޫކޮށްލާފައި ދިޔުމުން ބަލާ ބޮޑު ކުރީ މަށޭ..ހަނދާން ނެތުނީތަ..؟ މިއަދު ކަލޭ އަހަރެން ބުނާ ގޮތް ނޫން ގޮތެއް ނުހަދާ ދާނެ ތަނެއް އެބައޮތްތަ؟ އެހެންވީމަ ތި އަނގަ މައިތިރި ކޮށްގެން ހުރިއްޔާ ފައިދާ ވާނީ ހަމަ ކަލެއަށް..” ޝަކީލާގެ ދެލޮލުން ރުޅިވެރިކަން ފާޅުވަމުން ދަނީ އިންތިހާ އަށެވެ. މިކްޔާ އޭރު ޝަކީލާގެ އަތުގައި ހިފާ އެއަތް އޭނާގެ ކޮލުން ނެއްޓުވޭތޯ މަސައްކައްކުރަމުން ދިޔައެވެ.
“ކަލޭ ލަންކާ އަށް ގެންދަނީ ކިޔަވާ ދިނުމަށް..މި ލިޔުންތަކަކީ އެކޮޅަށް ގޮސް ކޮލެޖް އަށް ވަންނަން އެދޭ ފޯމާއި އެހެން ލިޔެކިޔުންތައް..އެހެންވީމ މިބުނަނީ މީ ކަލެއަށް ރަނގަޅަކަށް ކުރާ ކަމެކޭ..” މިކްޔާގެ ކޮލުން އަތް ދޫކޮށްލުމަށްފަހު ކޮޓަރިއަށް ވަންނަމުން ޝަކީލާ އެހެން ބުނެލީ މަޑުމައިތިރި ރާގެއްގައިވީ ނަމަވެސް އަޑުގައި އެހުންނަ ހަރުކަށި ގޮތް ގަނޑު ހުއްޓެވެ. މިކްޔާ އަށް އެއިން އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރެވެއެވެ. ޝަކީލާ އަކީ އެދުމެއް ނެތި ވެދުމެއް ކުރާ ކަހަލަ މީހެއް ނޫނެވެ. މިކަމުގައި ފޮރުވިފައިވާ ސިއްރުތަކެއް ވާކަން މިކްޔާގެ ސިކުނޑި ދެނެގަތެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ޝަކީލާ އޭނާ އަށް ފައިދާ ނުވާ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެއެވެ. ނަމަވެސް ޝަކީލާ ބުނި ފަދައިން މިއަދު މިކްޔާ ދާނެ އިތުރު ތަނެއް ނެތެވެ. އާއިލާ މީހެއް އިތުބާރު ކުރެވޭ ރަހުމަތްތެރި އެއް ނެތެވެ. އެހެން ކަމުން އެކަމަށް އެއްބަސްވުން ނޫން ގޮތެއްނެތެވެ.
**
ޝަމާން ކުރަން އައި ކަންތައް ނިންމާލުމަށް ފަހު ފުރުމުގެ ކުރިން އެނބުރި ރަށަށްދާން ނިންމިއެވެ. އޭނަ މާލެ އައި ގޮތަށް މިކްޔާ އަށް ގުޅޭތޯ ކުރި މަސައްކަތް ވަނީ ބޭކާރުވެފައެވެ. އެތައް މެސެޖެއް ކުރި ނަމަވެސް ޖަވާބެއް ނުލިބެއެވެ. ފަހުން ގުޅުމުން ފޯނު އޮތީ ނިއްވާލާފައެވެ. މާމަމެންވެސްވީ ދެދުވަހުގެ ދަތުރަކަށް ރަށުން ބޭރަށް ގޮހެވެ. އެހެންކަމުން ޝަމާން އަށް މިކްޔާގެ ހަބަރެއް ލިބޭގޮތް ވަނީ ނުވެފައެވެ. ހޮނިހިރު ދުވަހު ޝަމާން އަށް ރަށަށް ދާން ޖާގައެއް ލިބުން އެކަމާ ނުހަނު އުފާވިއެވެ. ހިތާ ހިތުން ހުރިހާ ކަމެއް ރަނގަޅުވާނެކަމަށް ދުޢާ ކޮށްލެވުނީ ނޭނގޭ ބިރުވެރިކަމެއް ހިތުގައި އުފަން ވެފައި ވުމުންނެވެ. ޝަމާން އެނބުރި ރަށަށް އައި ދުވަހުވެސް ހިތައްވަނީ ނުތަނަވަސްކަން ވެރިވެފައެވެ. އެކަމުގެ ސަބަބެއް ކަމުގައި ޝަމާން ދެކުނީ މިކްޔާ އާއި ދުރުގައި ހުންނަން ޖެހުމުން ކަމަށެވެ.
ޝަމާންގެ ހަރަކާތް ތަކަށް ސަމާލުކަމެއް ދީގެން އިން އާލިމާގެ ގެ މޫނުމަތީގައި ވަނީ ހިތާމައިގެ ކުލަވަރުތަކެވެ. އަމިއްލަ ދަރިއެއް ފަދައިން ބަލާ ބޮޑު ކުރަމުން އަންނަ ދަރިއެއްގެ ހިތާމަ މަޔަކަށް ނުފޮރުވޭނެއެވެ.
“ދަރިފުޅު ކަމަކާ ކަންބޮޑުވެފައި ހުރިހެން ހާދަ ހީވެޔޭ..ރަށުން އައިދުވަހުވެސް ބޮޑުދައިތަ އަށް ފާހަގަވި..” އާލިމާ ކަންބޮޑުވުމާއެކު ސުވާލުކޮށްލިއެވެ. ޝަމާން އެވަގުތު ކުރަން އިން މަސައްކަތް އެއްފަރާތް ކޮށްލުމަށްފަހު ބޮޑުދައިތަގެ ވާހަކައަށް ފުރިހަމަ ސަމާލުކަމެއް ދިނެވެ.
” އެއްވެސް ކަމެއް ނުވެޔޭ…ތީހަމަ ބޮޑުދައިތަ މާގިނައިން ވިސްނާތީވެ ވާގޮތެކޭ..އަޅުގަނޑު ހަމަ ބަރާބަރު..އެކަމަކު މިއުޅެނީ މާދަމާ ރަށަށް ދިޔުމުގެ ކުރިން ބައެއް ކަން ކަން ކޮށްލެވޭތޯ..މިހާރު ހަމަޖެހިފައި އޮތް ގޮތުންނަމަ މި ފެށޭ ހަފްތާގައި ލަންޑަނަށް ފުރަން ހަމަ ޖެހިއްޖެ..” ހިނިތުންވެލަމުން ޝަމާން އެނބުރި މަސައްކަތައް ރުޖޫޢަ ވެއްޖެއެވެ. އެވަގުތު އާލިމާވެސް ހަނދާންވީ އޭނާގެ ފިރިމީހާ މާދަމާ ވިޔަފާރި ދަތުރެއްގައި ރާއްޖެއިން ބޭރަށް ފުރަން ޖެހޭ ކަމެވެ. އެހެން ކަމުން ފޮށި ތައްޔާރު ކުރުމަށް އަވަސްވެލިއެވެ. އެއީ އާލިމާގެ އަބަދުގެވެސް އާދައެވެ. އޭނާގެ ފިރިމީހާ ކަންތައް އެންމެ ފުރިހަމަ ގޮތުގައި ކޮށްދިނުމަކީ އާލިމާ އަބަދުވެސް ޚާއަސް ސަމާލުކަންދޭ ކަންތަކެވެ.
**
މެންދުރުގެ ވަގުތެވެ. ޝަކީލާ ފެންވަރަން ވަނުމާއެކު މިކްޔާ ޝަކީލާގެ ފޯނުން ޝަމާން އަށް ގުޅުމަށް އެނަމްބަރަށް ޑަޔަލް ކޮށްލިއެވެ. މިކްޔާގެ އަތްފައި ވަނީ ފިނިވެފައެވެ. އިރު އިރުކޮޅުން ފާހާނާ ދޮރާ ދިމާއަށް ހާސްކަމާއެކު ބަލާލެވެނީ ޝަކީލާ ނިކުމެދާނެތީއެވެ. އެތައް ފަހަރަކު ގުޅުމުންވެސް ފޯނު އޮތީ އޮފްކޮށްލާފައިއެވެ. އެންމެ ފަހުން ހަތިޔާރު ބަހައްޓާފައި ތަޤްދީޜު ކަނޑައެޅިމަގުންހިގުމަށް މިކްޔާގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ.
މިކްޔާ ޝަކީލާ އާއި އެކު އެއާޕޯޓަށް ދިޔައިރު އެދުވަހު ގެޔަށް އައި މީހާވެސް ހުއްޓެވެ. އެމީހާ ޝަކީލާ އާއި ވާހަކަދައްކަމުން ދިޔައިރުވެސް މިކްޔާ އާއި ދިމާއަށް ވަރަށް ގިނައިން ބަލަމުން ދިޔައެވެ. މިކަމާ މިކްޔާ ހުރީ ނުހަނު ރުޅިގަދަ ވެފައި ވިޔަސް މޫނުމަތިން އެކަން ނުދައްކާ ވޭތޯ ބަލަމުން ދިޔައެވެ. އެހެން ނޫނީ ޝަކީލާގެ ބަދު ބަހަކާ ކުރިމަތި ލާން ޖެހިދާނެއެވެ. ކިތައްމެ މީހުން ގިނަ ތަނަކަށް ވިޔަސް ޝަކީލާ އަކީ ފަސް ޖެހޭނެ މީހެއް ނޫނެވެ. މިކްޔާ ވަނީ ޝަކީލާގެ ހުރިހާ ކުލަވަރުތަކެއް ދެކެފައިއެވެ.
” ބޮޑު މުސްކުޅިގަނޑެއް…އެކަމަކުވެސް ހަމަ ބެލުން ނޫން ކަމެއް ނުކުރޭ..އެންމެ ފުރަތަމަ ދުވަހުވެސް އެހާ ވަރަށް ބެލި.. ދެން އަނެއްކާ މިޙާރު ބަލަން އެހުރި ގޮތުން ހީވަނީ އަހަރެން ރޮލާ ކާލަފާނެހެން..އަހަންނަކަށް ނޭނގެ މީނަ މިދަނީ ކީއްކުރަން ކަމެއް..މަންމަވެސް އަލަކަށް ނޫންވިއްޔަ ލަންކާ އަށް އެދަނީ ދެން ހަމަ މި މުސްކުޅިބޭ ގަނޑު ގެންދަންޖެހޭތަ؟ ވަރަށް ފޫހިވޭ ..” މިކްޔާ މޫނު އަނެއް ފަރާތައް އަނބުރާލީ އެ ނުދަންނަ މީހާގެ ބެލުންތަކުން އުނދަގޫ ވާތީވެއެވެ. އޭރުވެސް ޝަކީލާ އޭނާގެ އޮލަ ވާހަކައިގައި ހުއްޓެވެ.
“ޝަކީ ބުނަން ތިހުރީ ހަމަ ޖަވާހިރެއް ލިބިފައި..އަހަރެން މިއަދު ވަރަށް އުފާވެއްޖެ ޝަކީ އަހަންނަށް ވީ ވައުދު ފުއްދީމަ..” އިކްރާމް ޝަކީލާގެ ކައިރީގައި ބުނެލިއެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އެމީހުންނާ ތަންކޮޅެއް ދުރުގައި ހުރި މިކްޔާ އަށެވެ. އިކްރާމްގެ މިވާހަކައަށް ޝަކީލާ ގެ މޫނުމަތިން ފުޅާ ހިނިތުންވުމެއް ފެނިގެންދިޔައެވެ.
**
ޝަމާން ފޯނު ފްލައިޓް މޯޑް ޑީ އެކްޓިވޭޓް ކުރުމަށް ފަހު ބޮޑުދައިތަ އަށް މެސެޖެއް ކޮށްލީ އޭނާ އަށް ރަށަށް އާދެވުނުކަން އެންގުމަށެވެ.” މީ ކާކުބާ އެހާވަރަކަށް ގުޅާފަ މިއޮތީ..އަހަރެން ފްލައިޓްގައި އިންދަ ގުޅާފަ މި އޮތީވެސް..ވަރަށް މުހިއްމު ކަމަކު ގުޅިމީހަކަށް ވާނީ..20 މިސްޑް ކޯލް އެލާރޓް އެބައޮތް..” އެވަގުތު އެ ފޯނަށް ނުދަންނަ ނަމްބަރަކުން މިސް ކޯލް އެލަރޓް މެސެޖް އައިސްސަ އިންތަން ފެނުމާއެކު ޝަމާން އަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނީ އެއީ މިކްޔާ އަށް ވެދާނެކަމަށް ހީކޮށެވެ. އަދި ވަގުތުން އެނަމްބަރަށް ޑަޔަލް ކޮށްލިއެވެ.
ބޯޑިން ގޭޓަށް ވަންނަމުން ޝަކީލާ އޭނާގެ ފޯނު އޮފް ކޮށްލުމަށްފަހު އަތް ދަބަސްތެރެއަށްލިއެވެ. އަދި ކައިރީގައި ހުރި އިކްރާމް އަށް ހިނިތުންވުމެއް ރައްދުކުރަމުން މިކްޔާ ގޮވައިގެން ފްލައިޓަށް އަރާ ހަމަޖެހިލިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ފްލައިޓް އޭގެ މަންޒިލަށް ދަތުރު ފެއްޓިއެވެ.
ކުޑަ ދޮރުން ބޭރު ބަލަން އިން މިޔްޔާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ކުޑަ ހިނދުކޮޅަކަށް ލިބުނު ލޯބި ހިތުގައި ބިންވަޅުނެގިފައިވަނީ ވަރަށްވެސް ފުންކޮށެވެ. ޝަމާން އާއި ހޭދަ ކުރެވުނު އެ މަދު ވަގުތު ކޮޅަކީ މިކްޔާގެ ހަޔާތުގެ އެންމެ އުފާވެރި ވަގުތު ކޮޅެވެ. އެލޯތްބައްޓަކައި މިކްޔާ ވަނީ އެތައް އިންތިޒާރެއް ކޮށްފައިއެވެ. ނަމަވެސް މިއަދު އޭނާ އެކޭ މަންޒިލެއްނެތް މުސާފިރެކޭ ތަފާތެއް ނެތެވެ. އޭނާވެސް ދަތުރު ކުރަމުން އެދަނީ ދާނެ މަންޒިލެއް ނެތިއެވެ. ދުނިޔެ އޭނާ އަށް މަލާމަތް ކުރާކަހަލައެވެ. އުފާވެރި ކަމުގެ ކުޑަނަމަވެސް މިންވަރެއް އޭނާގެ ނަސީބުގައި ނެތީ ހެއްޔެވެ؟ ލޯބި އެއީ ހަމަ އެކަނި ދެ އަކުރުގެ ލަފްޒަކަށް ވެނިމިއްޖެއޭ ހިތް ބުނާ ކަހަލައެވެ. މިކްޔާ ގޮނޑީގައި ހަމަޖެހިލުމަށްފަހު ލޯމަރާލިއެވެ. އެވަގުތު ޝަމާންގެ ސޫރަ ސިފަވެގެން ދިޔުމާއެކު މިކްޔާގެ އެސްފިޔަތަކުގެ ދަށުން ކަރުނައިގެ ރޮނގެއް ކޯތާފަތުގައި ބީހިލިއެވެ.
8 Comments!
Comments are closed.
enjoy 8th part of de story.. 🙂
plx feel free to leave a comment..n let me knw de mistakes.. insha allah 9th part will up ASAP.. keep waiting.. n thank u all for ur support..
nice
when next part
me 1st dhw
good and sory is amazing
when next part
me 1st dhw
vv reethi
vvv reethi mi vaahaka 9 vanabai thankolhe avahah genesdhechey
Ooooo. Mikya innah eulheni anekaa shammaange bodhu daatage firimyhadho ???. ????
But v v reethi ???
V hyvey shamaange lhiyanaa mikyaa marry kuruvan ulheyhen ehenciy nudheythi ekaiveni nukurevenys emyhaa gandah kommes gothen hadhaa noony shamaan noony emyhaage wife ah dheveyne nama dhw anyway story v obi v habeys