” ދައްތާ. ކޮންތާކަށް ތިދަނީ؟ އަނެއްކާ ކިހިނެއްވީ؟ ދައްތާ.” ޖަލީލުއަށް ކުއްލިއަކަށް ހޭލެވުނީ މިފަދަ އަޑުތަކެއްގެ ސަބަބުންނެވެ. ނިދިވެސް ފިލައިގެން ގޮސް އަވަސް އަވަހަށް އެނދުން ތެދުވެ ބޭރަށް ހިނގައިގަތެވެ. އޭރު ފޮއްޓަށް އެއްޗެހި އަޅައިގެން ގޭގެ ދޮރުމަތީގަިއ ހުރި ނިއުމާ ފެނިފަިއ ޖަލީލުއަށް ހައިރާން ކަމާއިިއެކު ބަލަން ހުރެވުނީއެވެ. ކަިއރީގަިއ މުފީދާ ކޮންތާކަށް ދަނީހޭ އަހަމުން ދިޔައިރު ލިޔާގަތު ފެންނަން ނެތުމުން ވަޑާން ގެޔަށް ދިޔައީކަން ޖަލީލުއަށް ޔަގީން ވެއްޖެއެވެ.
” ކާފަ. ބަލާބަލަ. ދައްތަ އެއުޅެނީ ދާންށޯ. ކޮންތާކަށް ދަނީހޭ އަހައަހާވެސް ނުބުނި.” ޖަލީލު ފެނުމާއިއެކު މުފީދާ ބުންޏެވެ. ޖަލީލުއާއި ދިމާލަށް ބަލައިލާ ނިއުމާ އެއްލޯ މަރައިލީ އެވަގުތުގައެވެ. ނިއުމާ ބުނާގޮތުގައި މިއަދަކީ އޭނާގެ ރޭވުމުގެ ދެވަނަ މަރުހަލާ ކަނޑަތު ކުރާ ދުވަހެވެ. އަނެއްކާ މިހާރު ނިއުމާ އެއުޅެނީ ކީކޭ ހިތަށް އަރައިގެން ބާއެވެ؟
” ދަރިފުޅާ! ދައްތަޔަށް ދާން މަޖުބޫރޭ. އެހެން ގޮތެއް ނެތޭ. މިޔޮއް ހުރިހާ ދުވަހު ފުރިހަމަ ނުކުރެވިގެން އުޅުނު ކަންތައް ހާސިލްކުރަން އެބަ ޖެހޭ.” އެއްމިޔަކަނުން ހީލަމުން ޖަލީލުއާއި ދިމާލަށް ބަލަން ހުރެ ނިއުމާ މިހެން ބުނިއިރު އޭނާ ދިޔައީ މުފީދާގެ ބޮލުގައި ފިރުމަމުންނެވެ.
” އެކަމަކު ދައްތާ. ލިޔާގަތުއެއްވެސް ހިތްހަމަ އެއް ނުޖެހޭނެއްނު ތިގޮތަށް ނުބުނެ ދިޔައީމަ. އަނެއްކޮޅުން ދައްތަ ތިދާ ތަނެއް ބުނެލީމައެއްނު ހަބަރެއްވެސް ވާނީ. ކޮންތާކަށްތަ ދާން ތިއުޅެނީ؟ ކީއްކުރަންތަ؟” މުފީދާގެ ހިތުގަިއ އުފެދުނު އެތައް ސުވާލެއް ބޭރުކުރަމުން ދިޔައިރު ޖަލީލުގެ ހިތުގަިއ އުފެދިފަިއވާ ސުވާލުތައްވެސް މަދެއް ނޫނެވެ. މިއާއިލާ ދޫކޮށްފައި ނިއުމާ ނުދާނެކަން އޭނާއަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ. ނަމަވެސް އޭނާއަށްވެސް ނުވިސްނުނު ކަމަކީ ނިއުމާގެ މިހާރުގެ ރޭވުންގަނޑެވެ.
” ދެން ހުންނާނެއްނު ދިރިއުޅުމުގަ ނުކުރެވި ހުންނަ ބައިވަރު ކަންތައް. ވަރަށް ގިނަ ދުވަސް ނަގާނެ. އަދަދެއް ބުނާކަށް ނޭނގެ. ދަރިފުޅު ހާސްނުވޭ. އަދި އަހަރެން އަންނާނަން ވަރަށް އަވަހަށް. ލިޔާގަތު އައިމަ ބުނެލާ އަހަރެން ދިޔަ ވާހަކަ އިނގޭ.” އަތުގަިއ އޮތް ކުޑަވަރެއްގެ ފޮށި އަނެއްކާވެސް އުފުއްލާލައި ހިނގައިގަތީ އޭނަ އެދާން އުޅޭ ތަނަކާއި ދިމާލަށްށެވެ. ނަމަވެސް ހުރި ފިޔަވަޅު މަތީގައި ހުރެވުނީ ކުރިމަތީގަިއ ހުއްޓެލި ލިޔާގަތު ފެނިފައެވެ. އޭނާއަށް ހިންދިރުވާ ލެވުނީވެސް އެވަގުތުގައެވެ. ކުރަން އުޅޭ ކަންތައް ކާމިޔާބު ނުވާނެކަމުގެ ރަތް ސިގުނަލް ދިއްލާލުމުންނެވެ. އޭނާ ބޭނުން ވަނީ އެހެން މީހަކަށް ހިލަމެއްވެސް ނުވާ ގޮތަށް ފުރައިގެން ދާށެވެ. ނަމަވެސް އެކަންތަކަށް އެންމެ ފުރަތަމަ ހުރަސް އެޅީ މުފީދާއެވެ. މުފީދާ ވަރަށް ފަސޭހައިން އޭނަ އެކަނި ދިޔަ ދިނީހެވެ. ނަމަވެސް ލިޔާގަތު އެފުރުސަތު އޭނާއަށް ނުދޭނެކަން ނިއުމާއަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ.
ނިއުމާ ކުރިޔަށް ފިޔަވަޅެއް އަޅާލިއެވެ. ދާނެ ފުރުސަތެއް ލިބޭތޯ އެދިއެދި ހުރެއެވެ. ނަމަވެސް އެކަންވީ ނާކާމިޔާބެވެ. ލިޔާގަތު އައިސް ކުރިމަތީގަިއ ހުއްޓެލަމުން ވާހަކަ ދައްކަން ފެށުމުގެ ސަބަބުންނެވެ. ” ދައްތަ ކޮން ތާކަށް ދަނީ؟ ދެން ތި ފޮއްޓޯ؟ އަހަރެން މިއައީ ދެންމެ ބަނދަރު ދޮށުން ނެތް ފުރާ ދޯންޏެއްވެސް. އެހެން ގެޔަކަށް ބަދަލު ވަނީތަ؟ ”
” މްމްމްމް ނޫނޭ. އަހަރެން ފުރަން ދާން މިދަނީ. ވަރް ވަރަ ވަރަށް ވަރަށް ބަލިވެގެން. މަމަމާލެ ދާން.” ކޮއްޓަމުން ނިއުމާއަށް ދޮގު ހަދަންވެސް އުނދަގޫވިއެވެ.
” ބަލިވެގެންނޭ؟ އަހަރެން ކަިއރީ ނުވެސް ބުނޭ. އަހަރެންވެސް ދާނަން.” ކަންތައް ތައް ވެގެން ދިޔައީ ނިއުމާގެ ހިތުގައި އެކަމަކަށްޓަކައި ބިރުވެރިކަން އުފެދިފަިއވާ ގޮތަށްށެވެ.
” ނޫނޭ. ދައްއްތަ އެކަނި ގޮސްފާނަމޭ. ލިޔާގަތު ޖެހޭ… ޖެހޭނު މުފީދާއާއި ކާފަޔަށް ބަލަންވެސް.” މިފަހަރުވެސް އެހައި އުނދަގުލުން ނިއުމާ ބުންޏެވެ.
” ދައްތަ ތިއުޅެނީ ބަހަނާ ދައްކަންވެގެން. އަހަރެން ދޭނެތަ ދައްތަ އެކަނި ދިޔަ؟ މުފީއާ ކާފަ ބަހައްޓަފަ ވިޔަސް މަޖްބޫރު ވީމަ ޖެހޭނު ދާން. މުފީ. އަވަހަށް ފޮށި ތައްޔާރު ކޮށްލަބަލަ. އަހަރެން ދާން ވެއްޖެ.” މިހެން ބުނެލަމުން ލިޔާގަތު ބަލައިލީ މުފީދާއާއި ދީމާލަށްށެވެ. އޭރުވެސް ނިއުމާ ހުރީ ހަދާނެ ގޮތެއް ނޭނގި އިސްޖަހައިގެންނެވެ.
” މުފީ!!” އަޑަށް ބާރުލާފައި ލިޔާގަތު ހަޅޭއްލަވައިގަތުމާއިއެކު އިސްޖަހައިލަިއގެން ހުރި ނިއުމާއަށް ފަހަތް ބަލަިއލެވުނެވެ. އޭރު މުފީދާ ބޮލުގަިއ އަތް އަޅައިގެން ހުރެ ވެއްޓެމުން ދިޔައިރު ލިޔާގަތު މުފީދާ ނުވެއްޓެނީސް ހިފޭތޯ ދުއްވަިއގަތެވެ. ޖަލީލުވެސް ކުއްލައަކަށް ތިރިވެލީ އެވަގުތުއެވެ. ނިއުމާއަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. އޭނާ އަވަހަކަށް ބޭރަށް ނިކުމެގެން ދިޔައިރު މުފީދާ އޮތީ ލިޔާގަތުގެ ފަިއ މަތީގައެވެ. ލިޔާގަތުގެ ހަޅޭކުގެ އަޑަށް އަވައްޓެރިން ތައް އެއްވަމުން ދިއުމުން އެއެންމެންގެ ތެރެއިން ވަކިން އޭނާ ފާހަގަ ކުރަން އިތުރު މީހަކަށް އުނދަގޫވާނެއެވެ. އަނެއްކޮޅުން އެންމެންގެ ސަމާލުކަންވެސް ހުއްޓިފައިވަނީ މުފީދާއަށްށެވެ.
” ކަލޯ ނުލަފާ ދެކުދިން ދޭބަލަ ގަފޫރުބޭ ބަލާ. ކަނބުލޮ ދޭބަލަ ފޫޅުމާތް ކަމަނަ ބަލާ.” އެތަނުން މީހަކު ގޮވައިލިއެވެ. އެހިނދު މުންޑު އަނދެގެން ތިބި ފުރާވަރުގެ ދެތިން ފިރިހެން ކުދިން ދުއްވައިގަތީ ގަފޫރުބޭ ބަލައެވެ. ޒަމާނުގެ ގޮތުން ސިއްހީ ފަރުވާއެއްވެސް ދެވެނީ ގަފޫރުބޭމެން ކަހަލަ މޮޅު ފަންޑިތަވެރިން ނަށްށެވެ. ދެން އިތުރަށް ކަމެއް ކުރެވެންޏާ ކުރެވެނީ ފޫޅުމާތް ކަމަނަޔަށްށެވެ.
ލިޔާގަތު މުފީދާ އުފުއްލާލަމުން ގޭތެރެއަށް ވެއްދިއެވެ. އަދި ފަތްޖެހި އެނދެއްގަިއ ބާއްވަލީ ގަބޫރުބެ އަންނަން ވާއިރަށް ފަރުވާދޭން ފެށޭނެ ގޮތަށްށެވެ. އޭރުގައިވެސް ބޭރުގައި ތިބި މީހުންގެ ތުން ތުން މަތިން އެތައް ވާހަކައެއް ދެކެވެމުން ދިޔައެވެ.
އެކަކު ބުނާނެއެވެ. މުފީދާ މަރުވީއެވެ. އަނެއްކޮޅުން އަނެކަކު ބުނަނީ އަނބުރައިގަތީ ކަމުގައެވެ. ހުރިހާ އެންމެންވެސް ޖާގަ ދައްކައިލީ އަތުގަިއ އޮތް ތަސްބީހަ ފަތިން ކޮންމެސް އެއްޗެއް ކިޔަމުން ކިޔަމުން އައި ގަފޫރު ބެޔަށްށެވެ. މުސްކުޅި ކަމުން ގަފޫރު ބެޔަށް މުސްކުޅިކަމުން ހިނގެނީވެސް ހަމަ ކިރިޔާއެވެ. ގަފޫރުބެގެ ދެއަތުގައި ދެކުދިން ހިފައިގެން ރާސްތައް ދައްކަމުން ދިޔަގޮތުން ގަފޫރުބޭގެ ލޮލަށް ރަނގަޅަށް ނުފެންނަ ކަން އެނގެއެވެ. ކުޑަކޮށް ލޯ ކަވިކޮށްލައިގެން ހުރިއިރު މަންޒަރުތައް އޭނާއަށް ފެންނަނީ ވަރަށްވެސް ފުސްކޮށްށެވެ.
” މިތަތާ މަޑުކޮށްގެން ހުރެރޭ އިނގޭ ކޮއިފުޅާ. ބޭބެ ބަލާލާނަން ކިހިނެއްތޯ ވީ.” އެތެރެއަށް ވަނުމުގެ ކުރިން ތުރުތުރުލަމުން ދިޔަ އަޑަކުން ގަފޫރުބޭ މިހެން ބުނީ ބޭރުގައި މަޑުކޮށްލައިގެން ހުރި ލިޔާގަތުއާއި ދީމާލަށްށެވެ. ލިޔާގަތު ބޯ ޖަހައިލީ ކެތްތެރިކަން ކުޑަވެފަިއ ހުރެއެވެ. އޭރު ރަތް ލިބޭހެއްގައި ހުރެ ލިޔާގަތުއާއި ހަމަ ކޮށްލި ފޫޅުމާތް ކަމަނަވެސް ލިޔާގަތުގެ ކޮނޑުގައި ފިރުމައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަދި ލަހެއް ފަހެއް ނުވެ އެތެރެއަށް ދެމި ގަތެވެ.
” ދަރިފުޅާ! ކޮބާތަ އެ ނިއުމާ؟ ކާފަ ހުންނާނަން މިތާގަ މުފީދާއަށް ވީގޮތެއް ބަލަން. ނިކަން ވަރަށް އަވަހަށް ދޭބަލަ ދަރިފުޅުގެ ދައްތަ ހޯދާލަން. ނޭނގެ އެފަކީރު ކަނޑަށް ފުންމާލާ މަރުވީ ނޫން ކަމެއްވެސް. ކާފަ ހުންނާނަމޭ މިތާނގަ. ދަރިފުޅު ގޮސްލާފަ ބަލައިލާފަ އަވަހަށް އާދޭ.” ނިއުމާގެ ރޭވުންގަނޑާއި އެއްގޮތަށް ކަންތައް ގޮސްދާނެތީ ބިރުން ހުރެ ޖަލީލު ބުންޏެވެ. އޭނާ ބިރު ގަންނަނީ ނިއުމާ މަރު ވެދާނެތީއެއް ނޫނެވެ. ނަމަވެސް ނިއުމާ ކުރަން އެއުޅެނީ އެހެން މީހަކަށް ހުއްޓުވޭ ވަރުގެ ކަމެއް ނޫނޭ ހިތަށް އެރުމުން އޭނާ ބިރުގަންނަނީއެވެ.
ލިޔާގަތުއަށް ކުއްލިއަަކަށް އެއްޗެހި ހަނދާން ވުމުން ގެއިން ބޭރަށް ދާން ފިޔަވަޅެއް އަަޅައިލިއެވެ.
ނަމަވެސް އޭގެ ދެވަނަ ސިކުންތުގަިއ ކާފައާއި ދިމާލަށް ބަލައިލާ ބުންޏެވެ. ” ކާފަ. މުފީއަށް ރަނގަޅަށް ބަލައްޗޭ. ކަމެއް ގޯހިއްޔާ ކުއްޖަކު ފޮނުވަިއގެން މަ ބަލާ ފޮނުވާ. މަ ހުންނާނަން އަތިރި މަތީ.” ޖަލީލު ބޯ ޖަހައިލުމުން ލިޔާގަތު އަވަސްވެގަތީ ނިއުމާ ފެނޭތޯ ނިކުމެލާށެވެ.
ލިޔާގަތު އަތިރި މައްޗަށް ނިކުމެ ނިއުމާ ދުށިންތޯ އެކިއެކި މީހުން ކައިރީ އަހަމުން ދިޔައެވެ. ނަމަވެސް ހުރިހާ އެންމެންގެ ކިބައިންވެސް ލިބެނީ އެއް ޖަވާބެކެވެ. އަނެއްކޮޅުން އެމީހުން ބުނާގޮތުގަިއ މިއަދު އަދި އެއްވެސް ދޯންޏެއްވެސް ރަށުން ފުރާފަކައެއް ނެތެވެ. ލިޔާގަތުވެސް ރަސޫގެ ގޮނޑު ދަށުގެ އެކި ދިމަދިމަ ބެލިއެވެ. ނަމަވެސް ނިއުމާގެ އެއްވެސް ހަބަރެއް ނުލިބުނެވެ. ބޭނުންވާ ސުވާލުގެ ޖަވާބެއް އެއްވެސް މީހެއްގެ ދުލަކުން ބޭރެއް ނުވިއެވެ. ވުމާއިއެކު ހިތްވަރު އެލުވާލަމުން ލިޔާގަތު ގެޔަށް ދިޔައީ މުފީދާގެ ހާލެއްވެސް ނޭނގޭތީވެއެވެ.
މާޔޫސް ކަމާއިއެކު އަތް އުރާލައިގެން ގެޔާއި ދިމާލަށް ހިނގަމުން ދިޔަ ލިޔާގަތުއަށް އެތައް ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ސިއްރުސިއްރުން ކޮންމެސް އެއްޗެކޭ ކިޔަމުން ދިޔައިރު ވާނުވާއެއް މާ ބޮޑަކަށް އޭނާއަކަށް ނޭނގެއެވެ. އެމީހުން ދައްކާ ވާހަކައަކަށް މާ ބޮޑު ޝައުގެއް ނުދީ ލިޔާގަތު ގޭތެރެއަށް ވަތް އިރު އެކަކުވެސް ފެންނަން ނެތުމުން އޭނާގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.
” މުފީ. މުފީ.” ލިޔާގަތު ބާރަކަށް މުފީދާގެ ނަމުން ގޮވަން ފެށިއެވެ. ނަމަވެސް އެތެރެއިން މީހެއްްގެ ހިލަމެއްވެސް ނުވިއެވެ. އެންމެ ކުޑަމިނުން ޖަލީލުވެސް ފެންނާކަށް ނެތެވެ. ލިޔާގަތު ގޮސް މަޑުމަޑުން އޭނާގެ ކޮޓަރި ދޮރު ކުޑަކޮށް ކޮށްޕައިލިއެވެ. އެހިނދު މަކުޑި ނާޅުވާ ހުރިކަން އެނގުމުން އެތެރެއަށް ދެމިގަތެވެ. ނަމަވެސް އަދިވެސް މުފީދާ ފެންނާކަށް ނެތެވެ. ބިރުވެރި ހިތަކާއި އެކު ފިޔަވަޅު އަޅަން ފެށި ލިޔާގަތުއަށް ” މަންމާ” އޭ ކިޔަިއ ހަޅޭއްލަވަިއގަނެވުނީ ފަހަތުން އައިސް މީހަކު އޮޅުލައިގަތުމުންނެވެ.
އެހިނދު އިވިގެން ދިޔަ މުފީދާގެ ހުނުމުގެ ސަބަބުން ލިޔާގަތުގެ ބިރުވެރިކަން އެކީގަިއ ނެތިގެން ދިޔައެވެ. އޭނާއަށް ފުރަގަހަށް އެނބުރި ބަލައިލެވުނީވެސް އެއްވެސް އަމިއްލަ މޮޔަކާއިމެދު ލަދުގަނެވުނު ވަރުންނެވެ.
” ކިރިޔާއެއްނު ބިރުން ހަލާކު ވާވަރު ނުވީ. އެކަހަލަ ކަންތައް ކުރޭތަ؟” ޖާގަ ކުޑަ އެކޮޓަރީގައި ބެހެއްޓިފައިވާ ލަކުޑި އެނދުގައި އިށީނދެލަމުން ލިޔާގަތު ބުންޏެވެ. ” ހެހެހެ.” މުފީދާއަށް އަދިވެސް ހެވެނީއެވެ.
” އަދިވެސް ހެނީތަ މަ އެވަރަށް ބިރުގަންނުވާފަ؟ ” ތުންފަތް އޫ ކޮށްލަމުން ލިޔާގަތު ޝަކުވާކޮށްލިއެވެ.
” މަށަށް ހީވަނީ އަހަރެމެން ދެމީހުންނަށް ލިބެން އުޅޭ ކުއްޖާވެސް ލިޔާގަތު ބިރުގަންނުވާލާނެހެން. ބައްޕަޔަކަށް ވާއިރުވެސް ބޮޑެއް ނުވޭ. ” ހުނުން ހުއްޓަލަމުން މުފީދާ ބުންޏެވެ
” އާނ. އޫނ. ހެވޭ.. އޭނ؟ ކުއްޖާއޭ؟ ކުއްޖާ…” ބޮޑާހާކާފައި ހުރި ލިޔާގަތުއަށް މުފީދާ ބުނި އެއްޗަކާއިމެދު ވިސްނާލެވުނީ މާ ފަހުންނެވެ. އޭރު އޭނާގެ އަނގަ ހުޅުވި ދެލޯ ބޮޑު ވެއްޖެއެވެ. އަދި މުފީދާގެ މޫނަށް ބަލައިލެވުނީ ގަބޫލް ކުރަން ދަތި ވީމައެވެ. އެހިނދު މުފީދާ ބޯ ޖަހައިލުމާއިއެކު ޝައްކު ޔަގީނަށް ބަދަލުވެގެން ދިއުމާއިއެކު ލިޔާގަތަށް އުފަލުން ގޮސް މުފީދާ ހަމަ ބިމުން ނަގައި އުފުއްލާލެވުނެވެ. އަދި ” ޔޭ” އޭ ގޮވަމުން ކޮޓަރި ވަށައި އެނބުރުނު އިރު އޭނާގެ ހިތް އުފަލުން ނަށަމުން ދިޔައެވެ.
” ދެން އަހަރެން ބިންމަތީގަ ބަހައްޓަބަލަ. ކާފަޔަށް އަޑުއިވިދާނެ.” ލަދުން އިސްޖަހައިލައިގެން ހުރެ މުފީދާ ބުންޏެވެ. ލިޔާގަތު މަޑުމަޑުން މުފީދާ އެނދުމަތީގަިއ ބަިއންދާލަމުން އޭނާވެސް ކަިއރީގަިއ އިށީނދެލިއެވެ.
” ތިޔެއް ނޫނޭ. އުފާވެފަ ހުރިވަރުން އަދި ހަނދާން ނެތިފަ މިހުރީ. ކޮބާތަ ދައްތަ؟” ކުއްލިއަކަށް ހަނދާން ވުމުން މުފީދާ އަހައިލިއެވެ. އެހިނދު މޯޅިވެގެން ދިޔަ ލިޔާގަތުގެ މޫނު ފެނިފައި އޭނާއަށް އެއްޗެއް ވިސްނުނު ފަދަ ގޮތަކަށް ބަލައިލިއެވެ.
” ދެން ބުނެބަލަ. ކޮބާތަ ދައްތަ؟ ކާފަ ބުނި ލިޔާގަތު ދިޔައީ ދައްތަ ބަލަޔޭ. ދެން ކޮބާތަ؟” ލިޔާގަތުގެ ފަރާތުން ޖަވާބެއް ނުލިބުމުން އަނެއްކާވެސް މުފީދާ ސުވާލު ތަކުރާރުކޮށްލިއެވެ.
” ކީކޭ ބުނާނީވެސް؟ އަހަންނަކަށްވެސް ނޭނގެ ދައްތަ ފިލި ތަނެއް. ހީވަނީ ދައްތަ އަހަރެމެންނާ ފިލަން ބޭނުންވީހެން. ބަނދަރުމަތިންވެސް އެތައް ބަޔެއް ކައިރީ އަހައިފިން ކޮބާހޭ ދައްތަ؟ ތެކުނިންހޭވެސް އެހިން. އެކަމަކު.” މިހާހިސާބަށް ބުނެލުމަށްފަހު ލިޔާގަތުއަށް މަޑު ޖެހިލެވުނެވެ.
” އެކަމަކު ކިހިނެއްވީ؟ ނުފެނުނުތަ؟ ދިޔައީތަ މާލެ؟ ” މުފީދާ ސުވާލުކުރަން ފެށިއެވެ.
” ކިހިނެއް އިނގެނީ ދައްތަ ދިޔަ ތަނެއް؟ ބަނދަރު މަތިން ކޮންމެ މީހަކުވެސް ބުނަނީ އެއްވެސް ދޯންޏެއް ނުފުރައޭ. ނުވިތާކަށް ބަނދަރާ ހަމައަށް ދައްތަ ނުވެސް އާދެޔޭ. ދެން އަހަންނަށް ކިހިނެއް އިނގެނީ.. ކިހިނެއްތަ އިނގޭނީ އޭނަ ދިޔަ ތަނެއް؟” ބޮލުގަިއ ކުޑަކޮށް އަތް އަޅައިގެން ހުރެ ލިޔާގަތު މިހެން ބުނިއިރު މޫނުމަތިންވެސް ހާމަވަމުން ދިޔައީ ހާސްކަމެވެ.
” ދެން މާ ބޮޑަށް ހާސްނުވޭ. ދައްތަ އެދިޔައީ އޭނަ ދާން ބޭނުން ވީމަ. އަހަރެމެންނަށް އޭނަ ހޯދަން މަސައްކަތެއްނު ކުރެވޭނީ. ދައްތަ އަހަރެމެންނާ އެކު އުޅޭ ހިތް ނުވާތީއެއްނު އެދިޔައީ. ދެން އަދި ކުޑަކޮށް މާލެއިން ދައްތަ ދާނެހައި ތަނަކަށް ފޯނު ކުރެވިދާނެއްނު. އެކަމް އަދި މިހާ އަވަހަކަށް ދައްތަޔަކަށް މާލެއަކަށް ނުދެވޭނެ އެއްނު ދޯ. ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ. ދައްތަ އަންނަން ބޭނު ވިއްޔާ ގައިމު އަންނާނެއްނު.” ލިޔާގަތުގެ ބޮލުގަިއ ފިރުމާލަމުން މުފީދާ މިހެން ބުނެލުމާއިއެކު ލިޔާގަތު ބޯ ޖަހައިލަމުން އޭނާގެ ލޯބިވާ އަންހެންނުންގެ ބަނޑުގައި ފިރުމާލަ ދިނީ އެހުރިހާ ކަމަކާއިމެދު ވިސްނަން ބޭނުންނުވާތީއެވެ.
މުފީދާގެ ބަނޑަށް 3 މަސް ވޭތުވެގެން ދިޔައިރުވެސް ނިއުމާގެ އެއްވެސް ހަބަރެއް ނުވެއެވެ. ލިޔާގަތު އެކަމާއި ކުޑަކޮށް ހާސަވެފަިއ ހުއްޓަސް ލިބެން އުޅޭ ދަރިއަށްޓަކައި ހިނިތުން ވެލައިގެން ތިބެނީއެވެ. ފަހުން ފަހަކަށް އައިސް މުފީދާ ގަދަޔަށް ހޮޑުލާ ހަދާތީ ލިޔާގަތު ގިނަ ވަގުތުތައް ގޭގަިއ ހޭދަކުރަންވެސް ޖެހެއެވެ. ނަމަވެސް ލިބެން އުޅޭ ދަރިއަށްޓަކައި ލާރި އެއްކުރަން ޖެހޭތީ ލިބޭ ހަމަ އެންމެ ހުސްވަގުތެއްވެސް ބޭކާރު ކޮށްނުލައެވެ. ދެމަފިރިންވެސް ކުރަމުން ދިޔައީ އެތައް ފޮނި ހުވަފެންތަކެކެވެ.
ހަމަ އެފަދައިން ޖަލީލުވެސް ހުންނަނީ ކާފަ ދަރިއަކަށްޓަކައި އެތައް އިންތިޒާރެއް ކޮށްލަ ކޮށްލަ އެވެ. އަބަދުވެސް ހިތުން ދުޢާ ކުރަމުން ދިޔައީ އޭނާގެ ހުވަފެން ފުރިހަމަ ނުވަނީސް ނިއުމާ އަލުން އޭނާގެ ދިރިއުޅުމަށް އަިއސް ދާނެތީ ބިރުގަންނަނީއެވެ. ނިއުމާ ދަމުން ދިޔަ އިންޒާރު އަދިވެސް އޭނާގެ ހިތުގެ ކަނެއްގައި ހަރުލާފައިވެއެވެ. މިހާރު އޭނާއަށް ނިއުމާ އުޅޭ ތަނެއް ހޯދަން އެތައް މަސައްކަތެއް ކުރެވިއްޖެއެވެ. ނިއުމާ އެހަިއ ފަސޭހައިން އޭނާގެ އާއިލާ ދޫކޮށް ނުދާނެކަން ކިތަންމެ ރަނގަޅަށްވެސް އޭނާއަށް އިނގެއެވެ. ނަމަވެސް ނިއުމާގެ އިރާދަ ނޭނގޭ ކަމީ އޭނާގެ ބަދު ނަސީބެވެ.
އެއްދުވަހަކު ލިޔާގަތުއާއި މުފީދާ ކުރުނބާ އަޅަން ދިއުމާއިއެކު ޖަލީލު ބޭރު ޖޯލިފަތީގަިއ އޮއްވައި މީހަކު އައިސް ސަލާމް ގޮވާލަމުން އިއްވަމުން ދިޔައެވެ. ” ޖަލީލުއަށް އައިސްފަ އޮތް ސިޓީއެއް.” ޖަލީލު ތެޅި ތެޅި އޮތް ހިތަކާއިއެކު އެމިހާ ދިން ސިޓީ ގަިއ ހިފައިލިއެވެ. ހަމަ ސިޓީގަިއ ހިފައިލުމާއިއެކު އެމީހާ ގެއިން ނިކުމެގެން ދިޔައެވެ.
ތުރުތުރު އަޅަމުން ދިޔަ އަތުން ޖަލީލު މަޑުމަޑުން ސިޓީ އުރަ ކަނޑައިލިއެވެ. ތެދެކެވެ. ސިޓީ އެޑްރެސް ކުރެވިފަިއ ވަނީ އޭނާއަށްށެވެ. ދެން ޖަލީލު އެސިޓީ ކިޔައިލުމެއް ނެތި ނަޒަރު ހިންގައިލީ ސިޓީގެ އެންމެ ތިރީގައި ލިޔެވިފައިވާ ނަމަށްށެވެ. އެއީ އެމީހެއްގެ ސިޓީއެއް ދެކެ ބިރުން އޭނާ ފިލާނެ އިންސާނާ ފޮނުވާފައިވާ ސިޓީއެކެވެ. އާނއެކެވެ. އެއީ ……….
ނުނިމޭ..
7 Comments!
Comments are closed.
Salaam.. Nxt prt balaanan vrh avahah up vey thww.. Yageen kameh nudheveyne ingey maadhamayakah… Tym libey avahakah up kuraanan INSHA ALLAH.. Cox nw also ushaage test thah kuriyah dhanii. So aslu vrh vrh vrh BXY vaane.. Bt 4 sure i can say b4 1 wyk ill up it ingey… E ee enme las vegen…
Hwp u ill lyk thixx…
wow
thnkw..
nice..?
thnkxx..
Niuma ge sity eh dhw eiii…. Dhn kihineh baa vaany
Lets c dw..