ދޭނަން ހިތާ ޖާނާ (30)
އަޒުރާ ނިޔާވި ޚަބަރު ލީނާއަށް ދިނީ ލޫތް އަމިއްލައަށްށެވެ. ލީނާ ވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އައިސް އައިފާއާއި އެކީ އުޅޭ އިރު އެކަން އޭނާއަށް އިނގެން ވާނެކަމަށް ލޫތް ޤަބޫލު ކުރިއެވެ. “އައި އެމް ސޯ ސޮރީ..” ލީނާ މިހެން ބުނެ ލޫތްގެ ބުރަކަށީގައި ފިރުމާލިއެވެ. ކޮޓަރިން ނިކުއިން ލައިޝާއަށް މި މަންޒަރު ފެނުމުނެ ދެއަތް މުށްކެވުނެވެ. “ލީނާ!!” ލައިޝާގެ އަޑަށް ބާރު ލާފައި ބުނެލިއެވެ.
ލޫތްގެ ބުރަކަށީގައި އޮތް އަތް ދުރަށްލަމުން ލީނާ ސިހިފައި ފަސް އެނބުރުނެވެ. އޭރު ލޫތް ވެސް ލޯ ފޮހެލަމުން ދުރުގައި ހުރި ލައިޝާއަށް ނަޒަރު ހުއްޓާލިއެވެ. “ހައި ލައީ.. ކިހިނެތް؟” ލީނާ ހިނިތުން ވެލަމުން އައިސް ލައިޝާ ކައިރީގައި މަޑުކޮށްލިއެވެ. އޭރު ދެއަތް މުށްކެވިފައި ހުރެ ލައިޝާ ކުޑަކޮން ހިނިތުން ވެލީ މިޚާލަތުގައި އެއްޗެކޭ ބުނުން ރަނގަޅު ނުވާނެތީއެވެ.
ކޮޓަރީގަ އިން އިން އާޒިމާ ދުރަށް ޖެހިލީ އައިފާއަށް ފެންތައްޓެއް ދިނުމަށްށެވެ. އެވަގުތު އެތެރެއަށް ވައިން ލީނާގެ ފަހަތުގައި ލޫތް ވެސް ހުއްޓެވެ. “އައިފާ..” ލީނާ އެ އައި ގޮތަށް އައިސް ރޮވިފައި އިން އައިފާގެ ގައިގައި ބައްދާލިއެވެ. މި މަންޒަރު ދެކެން ދުރުގައި ހުރި އާޒިމާ އައީ އަމަށަކު ރުޅިއެއް ނޫނެވެ.
އަތުގައި ހުރި ފެންތަށި ހޫރާ ނުލެވުނީ ވެސް ކިރިޔާއެވެ. މިހާރު ލީނާ މާ ހިތްހެޔޮ ކަމަށް ހެދިގެން އައިސް އައިފާއަށް ހިތްވަރު ދޭއިރު އޭނާގެ ހުރި ނުބައި ނުލަފާ ކަމޭ އާޒިމާ ހިތަށް އެރިއެވެ. އޭރު އައިފާ ލޯފޮހެލަމުން ހަމަޖެހެން މަސައްކަތް ކުރެއެވެ. “އަން.. ފެންފޮދެއް ބޯލަ..” އާޒިމާ ފެންތަށި ދިއްކޮށްލަމުން ބުނެލިއެވެ.
ލީނާ ހިނިތުން ވެލަމުން އާޒިމާގެ ހާލު އަހާލީ މީހުންގެ ލޮލުގައި އަނދު އަޅުވަން ކަމުގައި އޭނާއަށް ޔަޤީންނެވެ. އޭރު މި މަންޒަރު ބަލަން ހުރި ލައިޝާ އިންތިހާއަށް ހިތްހަމަ ނުޖެހުނެވެ. “މީ ކޮންކަމެއް ލޫތް؟” ލައިޝާއަށް އެއްޗެކޭ ނުބުނެ ނުހުރެވިގެން ލޫތް އަށް އަޑު އިވޭވަރަށް އަހާލިއެވެ.
“ކޮންކަމެއް؟” ލޫތް މިހެން ބުނިއިރު އޭނާ ހުރީ ވާނުވައި ނޭނގިފައެވެ. “ކާކު ލީނާ މިތަނަށް ގެނައީ؟” ލައިޝާގެ ސުވާލަށް ލީނާ ގެނައީ ޚުދު ލޫތްކަމަށް އޭނާ ބުންޏެވެ. މި ޖަވާބުން ލައިޝާއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. “ލޫތް؟ އެކީއްކުރަން؟ މޮޔަވީތަ..” ލައިޝާ މިހެން ބުނި އިރު އޭނާ ދެބުމަ ގޮށްޖެހުނެވެ.
ލޫތް ދުރަށް ޖެހެލީ ލައިޝާގެ އަޑު ބާރުވުމުން އެހެން މީހުންނަށް އެކަން ނޭންގުމަށްށެވެ. “ކިހިނެތް ވީތަ.. ލީނާ އާދެއޭ ކުރިން ވެސް.” ލޫތް ހަމަޖެހިފައި ހުރެ ބުނެލިއެވެ. “އިނގެޔޭ ތިކަން.. ކީއްކުރަންހޭ ގެނައީ. ހަނދާން ނެތުނީތަ އޭނާ ކަންތައް ކުރިގޮތް އަނެއްކާވެސް ލީނާ މި ދޭތެރެއަށް ތި ގެނައީ.” ލައިޝާގެ އަޑުގައި މިހާރު ވަނީ ހަރުކަށި ކަމެވެ. ލޫތްއަށް މިހިރަ ވެފައި ހުރިގޮތެއް އޭނާއަކަށް ނުވިސްނުނެވެ.
“ކާމް ޑައުން! އަހަރެން ހަނދާން އެބަހުރި. އެކަމަކު ޝީ އިޒް ނޮޓް ދަ ސޭމް އެނީ މޯ. މީހުންނަށް ކުށް ވެސް ކުރެވޭނެ. އަންޑަސްޓޭންޑް ވެބަލަ.” ލޫތް ވެސް މިފަހަރު ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަދެއްކިއެވެ. “އެކަމަކު..” ލައިޝާގެ ވާހަކަ ލޫތް މެދުކަނޑާލިއެވެ. “އިނަފް!” ލޫތް މިހެން ބުނެފައި އެތަނުން ދިޔައެވެ.
ލޫތްގެ އަމަލުން ލައިޝާ ހުރީ ހަމަ ރަނގަޅަށް ވެސް ހައިރާން ވެފައެވެ. އޭނާ އެގޮތަށް އުޅޭނަމަ އަނެއްކާ ވެސް ލީނާއަށް ލޫތްގެ ވިސްނުމާއި ކުޅެލަން އުނދަގޫ ނުވާނެކަން އޭނާއަށް ޔަޤީންނެވެ. އިރުކޮޅަކު ވިސްނާލަން ހުރެފައި އޭނާ އެތަނުން ހިނގައިގަތީ ފަހުން އެކަމާއި ބެހޭގޮތުން އާޒިމާއާއި ވާހަކަދައްކަން ނިންމައިގެންނެވެ.
****
ކަށުކަމާ ކެމީގެ ކަންތައް ނިމި އަޒުރާ ވަޅުލުމަށްފަހު އެންމެން ގެއަށް އައިރު ހަތެއް ޖަހައިފިއެވެ. ލުތުފީ ގެއަށް އައީ އާލިމް ގޮވައިގެންނެވެ. އެއީ މިވަގުތު އޭނާ އެކަނި ދޫކޮށްލުމަކީ ރަނގަޅު ކަމަކަށް ނުވެފައި އަދި އެއީ ރިޔާޒުގެ ދަރިއަކަށް ވެސް ވީތީއެވެ. ސިޓިން ރޫމުގައި އިން އާލިމްގެ ނަޒަރު ހުރީ ބެލްކަންޏަށް ހުއްޓިފައެވެ. އިރުކޮޅަކު އެގޮތަށް އިނދެފައި އޭނާ ބޭރަށް ނިކުމެ ރެއިލިންގައި އަތް އަޅުވާލިއެވެ.
އޭރު ގޭގެ ސައިހެދުމުގެ ކަންތައް ކުރިއަށް ދިޔައިރު ލުތުފީ ދެ ކޮފީތަށި ހިފައިގެން ބެލްކަންޏަށް ނިކުތެވެ. ހެނދުނުގެ އަރާމު އަވިން ގަޔަށް ހޫނު އިހުސާސް ވަމުން ދިޔައިރު ބެލްކަނީގައި ހައްދާފައި ހުރި މާތަށް ފޮޅިލާފައި ވިއެވެ. ލުތުފީ ގޮސް ރެއިލިން ގައި ލެނގިލަމުން އާލިމްއަށް ކޮފީތަށި ދިއްކޮށްލިއެވެ.
ދެމީހުން ހަމަހިމޭންކަން މަތީ ކޮފީ ބޮމުން ދިޔައިރު މަގުތަކުގައި ދުއްވަމުން ދިޔަ ކާރުބާރުގެ އަޑު އިވެމުން ދިޔައެވެ. “އަޅުގަނޑުގެ ބައްޕައަކީ ކޮންކަހަލަ މީހެއް؟” އާލިމް ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެ އަހާލިއެވެ. “ރިޔާޒް. ރިޔާޒް އަކީ ވަރަށް ހިތްހެޔޮ މީހެއް. ގިނަފަހަރަށް މީހަކު ކަމަކު ނުބުންޏަސް އެކަމެއް ކޮށްދޭނެ. އޭނަ އަހަރެންނާއި ދޭތެރޭ ދެކުނީ ހަމަ އެއްބަޑު އެއްބަފާ ކޮއްކޮއެއްގެ ގޮތަށް.” ކޮފީތަށިން ކޯވަރެއް ބޯލަމުން ލުތުފީ ބުނެލިއެވެ.
ލުތުފީގެ ވާހަކައިން އާލިމް ހިނިތުންވެލިއެވެ. “ހިތްހެވޭ؟ އެހެންވެތަ މަންމައާއި ދޭތެރޭ އެގޮތަށް ކަންތައް ކުރީ؟” އާލިމް ދެބުމަ ގޮށްޖެހިފައި ހުރެ ލުތުފީއަށް ނަޒަރު ހުއްޓާލިއެވެ. “އެއްފަހަރު ވެސް އަހަރެން ދެކިލަން ނައީ ހިތްހެޔޮ ކަމުންތަ؟ މަންމަ އެހައި ހާލުގައި އުޅެން ޖެއްސީ ވެސް ހިތްހެޔޮ ކަމުން.. މިއަދު މަންމަ ނިއާވި އިރު..” އާލިމްގެ އަޑު ކުރެހުމުން އޭނާ ވާހަކަ ހުއްޓަލިއެވެ. އޭރު އެލޮލުން ކަރުނަ ނިރާލި މަންޒަރު ފެނުމުން ލުތުފީ ވެސް ދެރަވިއެވެ.
“ތެދެއް ތިބުނީ. ރިޔާޒް އަޒުރާއާއި ދޭތެރޭ ކަންތައްކުރީ ވަރަށް އިހާނެތިކޮން. އެކަމަކު ވޭތުވެދިޔަ ވަގުތެއް ބަދަލެއް ނުކުރެވޭނެ. އޭގެ ބަދަލުގައި އަހަރެން ބޭނުން އާލިމްއަށް އެހީވާން..” ލުތުފީ މިހެން ބުނުމުން އާލިމް ލޯ ފޮހެލުމަށްފަހު އޭނާއަށް ނަޒަރު ހުއްޓާލިއެވެ.
“އަހަރެން ބޭނުމީ މީގެފަހުން އާލިމް މިގޭގައި އުޅެން. ރިޔާޒްއަކީ އަހަރެންގެ ބައްޕަ އަމިއްލަ ދަރިއެއް ފަދައިން ބަލާބޮޑު ކުރި މީހެއް. އެހެންވީމަ މިއަދު އޭނާއަށް އަމިއްލަ ދަރިއަށް ނުކޮށްދެވުނު ކަންތައް އަހަރެން ކޮށްދޭނަން. އެކަނި ނޫޅޭ މިތަނަށް އާދޭ. މިވެސް ހަމަ އާލިމްގެ ގެ. އާލިމް ބައްޕަގެ ގެ. އެކަމަކު މިކަން ކުރާނީ ހަމައެކަނި އާލިމް ބޭނުންވައްޏާ.. ނުރުހޭނަމަ އަހަރެން ނެތިން މަޖުބޫރު ކުރާކަށް.” ލުތުފީ މިހެން ބުނެ އާލިމްގެ ޖަވާބަކަށް އިންތިޒާރު ކުރިއެވެ.
“އަޅުގަނޑު ވިސްނާލަން ޖެހޭނީ..” ނިތްކުރީގައި އަތް ހާކާލަމުން އާލިމް ބުނެލިއެވެ. “މައްސަލައެއްނެތް.. އާލިމްއަށް ފެންނަ ގޮތެއް ހަމަ ހަދަންވީ. ޒުލޭހާ އުޅޭ ބައިގައި އާލިމްއަށް އުޅެވޭނެ.. މިކަމާއި އެއްބަސް ވެއްޖެއްޔާ އަހަރެން މިހިރީ ތިއީ ރިޔާޒްގެ ދަރިއެއްކަން އެންމެންނަށް އަންގަން ތައްޔާރަށް. އަޒުރާ ނެތްދުވަހު އާލިމްއަށް އަޅާލަން އަހަރެން ބޭނުން..” ލުތުފީ މިހެން ބުނެފައި އާލިމްގެ ކޮނޑުގައި ކުޑަކޮން ޖަހާލުމަށްފަހު ގޭތެރެއަށް އެނބުރި ދިޔައެވެ.
****
ދެހަފްތާ ފަހުން އައިފާ ގެއަށް ދޫކޮށްލުމުން އޭނާ ގެންދިޔައީ ލޫތްގެ ގެއަށްށެވެ. އާޒިމާ އެންމެ މިނެޓަކަށް ވެސް އައިފާ އޭނާގެ ލޯ ކުރިމަތިން ގެއްލޭކަށް ނޭދެއެވެ. ކޮޓަރީގައި އެކަނި އިން އައިފާ ނަޒަރު ހުރީ ފާރަށް ހުއްޓިފައެވެ. ޓީވީ ހުޅުވާފައި ހުރިއިރު ކޮޓަރީގެ ލައިޓުތައް ވަނީ ނިންވާލެވިފައެވެ.
ކޮޓަރިއަށް ވައިން އާޒިމާއަށް އެނދުގައި ލެނގިލައިގެން އަނދިރީގައި އިން އައިފާ ފެނުމުން ހިތަށް ތަދުވިއެވެ. ކޮޓަރީގެ ލައިޓުތަށް ދިއްލާލަމުން އާޒިމާ ޖޫސްތަށި ހިފައިގެން އެތެރެއަށް ވަނެވެ. “ދަރިފުޅާ.. ލައިޓުތައް ނިއްވާލައިގެން ކިއްވެ ތިއިނީ؟” އާޒިމާ އައިސް އެނދުގައި އިށީނދެލަމުން ބުނެލިއެވެ.
“ލައިޓު ހުއްޓަސް ނެތަސް ފެންނަނީ އަނދިރިކަން..” އައިފާގެ އަޑުގައި ވީ ރިހުން އިވި އާޒިމާ ދެރަވިއެވެ. ލޮލަށް ނުފެނުމަކީ ކިހައި ބޮޑު ވޭނެއްކަން މިއަދު އޭނާއަށް އިނގިއްޖެއެވެ. އަނެއްކާ އައިފާ އެހާލުގައި އިންދައި އަޒުރާ ނިޔާވުމުން ކުރާނެ އަސަރު އޭނާއަށް އަންދާޒާ ވެސް ނުކޮށްލެވޭނެއެވެ.
“އައިފާ.. ތިހެން ނުބުނޭ. ލޫތް އެއުޅެނީ އެއްނުން އަވަހަށް ކައިވެނީގެ ކަންތައް ހަމަޖައްސައިގެން ދަރިފުޅު ގޮވައިގެން ފުރަން. އިރާދަ ކުރެއްވިއްޔާ އަދި ފެންނާނެ އިނގޭ.. އަން ޖޫސް ބޯލަ.. އިރުކޮޅަކުން ކާން ހަދާނަން..” އާޒިމާ މިހެން ބުނެ ޖޫސްތަށި ދިއްކޮށްލިއެވެ.
“ލޫތް ކޮބާ؟ ނާދޭތަ..” އައިފާ ޖޫސްބޮމުން އަހާލިއެވެ. “އާނ. ހަވީރު ދިޔަގޮތަށް އަދި ނާދޭ.. ދެންމެ މަންމަ ގުޅާލިން. އިރުކޮޅަކު އަންނާނެ.” އާޒިމާ މިހެން ބުނެ އައިފާގެ ބޮލުގައި ފިރުމާލިއެވެ. އައިފާ ދިގުވެފައި އޮތް ފަން އިސްތަށި ކޮޅު ގައި އަތް ފުނާއަޅާލަމުން ގަތާލަދިނެވެ. އެވަގުތު ކޮޓަރި ދޮރު ކުރިމައްޗަށް ހުއްޓުނު ލައިޝާ އައީ އާޒިމާގެ ފޯނު ހިފައިގެންނެވެ.
“މަންމާ.. އެބަ ގުޅާ މީހަކު..” ލައިޝާގެ އަޑަށް އަޒިމާ ބިރެއް ފެނިގެން ތެދުވިހެން ތެޅިގެންފައި އެދިމާއަށް އެދިޔަ ގޮތަށް ގޮސް ފޯނު ނެގިއެވެ. އޭރު ލައިޝާ ހުރީ މަންމަގެ އެ އަމަލުން ހައިރާންވެފައެވެ. “އަނެއް.. ލައިޝާ އެ ޖޫސް ތަށި ހިފައިގެން އަންނައްޗޭ..” އާޒިމާ އަވަސް އަވަހަށް ފޯނު ހިފައިގެން ބެލްކަންޏަށް ނިކުތެވެ. މިތަން ބަލަން ހުރި ލައިޝާ ދެ ޚިޔާލެއްގައި ހުރެފައި ކޮޓަރިއަށް ވަނެވެ.
“ހަލޯ.. ބުނިން ދޯ އަހަރެން ގުޅާނަމޭ..” މާގަސްތަކުގެ ތެރެއަށް ޖެހިލަމުން އާޒިމާ ފޯނު ނެގިއެވެ. ބެލްކަނީގައި ދިއްލާފައި ހުރި ފަނޑު އަލިން އެތަނުގައި މީހަކު ހުއްޓަސް ނޭނގޭނެއެވެ. “އިނގެޔޭ. ހަމަ ބުނާ އިރަކަށް ލީނާ ނުގެނެވޭނެ ދޯ.. ރަނގަޅު ވަގުތެއް ބަލާފައި ތިކަން ކޮށްދޭނަން.” އާޒިމާގެ އަޑުގައިވީ ރުޅިވެރިކަމެވެ.
“ހޫމް.. މާދަން ތިކަން ވޭތޯ ބަލާނަން.. އާނ. ހުކުރު ވަގުތު ނޫޅޭނެ.. ފަހުން ގުޅާނަން..” އާޒިމާ މިހެން ބުނެފައި ފޯނު ކަނޑާލަމުން ފަސް އެނބުރުނު ވަގުތު ކުރިމަތީގައި ހުރި ލައިޝާ ފެނި ސިހުނެވެ. އޭނާގެ ދެބުމަ ގޮށްޖެހިފައި ހުރިއިރު މޫނުމަތިން ފެންނަނީ އިންތިހާ ރުޅިވެރިކަމެވެ.
“މަންމަ.. މަންމަ ހަމަ ތިހާ ވަރުވީ މިހާރު! އަޅުގަނޑު ހީކުރީ އަދި އައިފާއާއި ޤަބޫލު ވީކަމަށް.. އެކަމަކު. ލީނާއާއި ދެމީހުން ވެގެން ކީއްކުރަން ތިރާވަނީ!!” ލައިޝާ ނިކަން ބާރަށް މިހެން ބުނުމުން އާޒިމާ އަވަސް އަވަހަށް ލައިޝާގެ އަނގަމަތީގައި އަތް އެޅިއެވެ. “މަޑުން ވާހަކަ ދައްކަބަލަ! އާދެ މިކޮޅަށް!” އާޒިމާ މިހެން ބުނެފައި ލައިޝާގެ އަތުގައި ހިފައިގެން ދުރަށް ގޮސް ރެއިލިން ކައިރީގައި މަޑުކޮށްލިއެވެ.
އާޒިމާ ވެގެން އުޅޭގޮތް ލައިޝާއަށް ކިޔާދިނީ އިތުރު އެހެން ގޮތެއް ނެތިގެންނެވެ. އެވާހަކަތައް އަޑުއަހަން ހުރި ލައިޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “އެ ލީނާއަށް އެއްޗެއް ވިސްނޭނީ ހަމަ މިގޮތަށް ފަޅާ އަރުވާލިއްޔާ.. އެހެންވެ މަންމަ މިކަން ކުރަން ނިންމީ. އެކަމަކު އައިފާއަށް އެއްވެސް ގޮތެއް ވިޔަކަ ނުދޭނަން..” އާޒިމާ ވިސްނައިދިނެވެ.
“ލީނާ.. ހައު ކުޑް ޝީ. މިކަން ފުލުހުންނަށް ވެސް އަންގަން ޖެހޭނެ އެއްނުން..” ލައިޝާ ހާސްވެފައި ހުރެ ބުނެލިއެވެ. “ތިކަން ވެސް ކުރާނަން. އެކަމަކު އެއްވެސް ހެއްކެތް ނެތި ފުލުހުންނަކަށް ވެސް ހައްޔަރެއް ނުކުރެވޭނެ.” އާޒިމާ ބުނެލިއެވެ. “މިކަން މާދަން ނިންމާނަން.. އެ ލީނާއަށް ލާހިކެއް ނޫންދެން އަހަރެންގެ ދަރިއެއްގެ ދިރިއުޅުމާއި ކުޅެލާކަށް” އާޒިމާ މިހެން ބުނިއިރު އެއަޑުގައި ވީ ރުޅިވެރި ކަމެވެ.
****
މެންދަމު ބާރަ ޖެހިއިރު ކޮޓަރިން ނިކުއިން ލައިޝާ މިސްރާބު ޖެހީ ލޫތްގެ ކޮޓަރިއާއި ދިމާއަށްށެވެ. ދެތިން ފަހަރަކު ޓަކި ޖަހާލުމުން ލޫތް ދޮރު ހުޅުވާލިއެވެ. އޭރު އެނދުގައި ނިދިފައި އޮތް އައިފާއަށް ބަލާލުމަށްފަހު ލައިޝާގެ ފަހަތުން ސިޓިން ރޫމަށް ނިކުއިން އިރު އެތަނުގައި އާޒިމާއާއި ލުތުފީ ވެސް އިނެވެ.
“ކިހިނެތްވީތަ މިގަޑީގައި ނިކުންނަން ބުނީ؟ ސީކްރެޓް ސާކަލްތަ މިއީ. ހެހެ.” ލޫތް ހިނިތުންވެލަމުން ބުނެލިއެވެ. “ލޫތް. ދިސް އިޒް ސީރިއަސް.” ލުތުފީ މިހެން ބުނުމުން އޭނާ ހަމަހިމޭންވިއެވެ. އާޒިމާގެ މޫނުމަތިން ވެސް ފާޅުވީ ހިތްހަމަ ނުޖެހުމެވެ. “އޯކޭ..” ލޫތް މިހެން ބުނެފައި ސޯފާގައި އިށީނެވެ.
ލުތުފީ މިރޭ ގެއަށް އައުމުން އާޒިމާ ވެގެން އުޅޭގޮތް ކިޔާދިނީ މި ކުޅިގަނޑު ނިންމާލުމަށްށެވެ. އޭނާއަށް އެކަނި މިކަން ނުވާނެތީ ލުތުފީ ވެސް މިކަމުގައި ބައިވެރި ކުރުމުން ލީނާ ފަޅާއަރުވާލަން ފަސޭހަ ވާނެތީއެވެ. ލޫތް ހަމަހިމޭނުން އިނދެ އާޒިމާމެންގެ ވާހަކަތައް ކަނުލާ އަޑު އެހިއެވެ.
“ނޫން.. ނުވާނެ ތިހެންނެތް. ލީނާ ކިހިނެތް އައިފާ އެކްސިޑެންޓު ކުރުވާނީ.. އަނެއްކާ އޭނާ ކިހާ ރަނގަޅު އައިފާއަށް މިހާރު. އައި ޑޯންޓް ބްލީވް ދިސް.” ލޫތްގެ އަޑުގައި ވީ ހަރުކަށި ކަމެވެ. “ޑޭމް އިޓް ލޫތް! މިދައްކަނީ ލީނާގެ ވާހަކަ.. އެހެން މީހެއްގެ ދަރިއެއް ލޫތްގެ ބޮލުގައި އެޅުވި މީހާގެ ވާހަކަ. އޭނާ ހަމަ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ. ޝީ އިޒް އަ ބި..” ލައިޝާގެ ވާހަކަ ލޫތް މެދު ކަނޑާލިއެވެ.
“ޝަޓް އަޕް. ލީނާ ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް މީހަކު މަރާލާކަށް އޭނާ ނޫޅޭނެ. އެންޑް ޑޭޑް ވެސް ޤަބޫލު ކުރީތަ. އިނގޭ ލީނާ ދެކެ ރުޅި އަންނަކަން. އެކަމަކު އޭނަ އެވަރުގެ ބޮޑު ކަމެއް ނުކުރާނެ..” ލޫތް ހުރީ އަދިވެސް އެވާހަކަތައް ޤަބޫލު ކުރަން ބޭނުން ނުވެފައެވެ. ލީނާގެ އުޅުން ބަދަލުވެފައި ހުރި ގޮތުން އޭނާއަށް އެކަން ޤަބޫލު ކުރަން އުނދަގޫ ވިއެވެ.
“މައްސަލައެއް ނެތް ލޫތް. މާދަން މީގެ ހަޤީޤަތް ހުރި މިންވަރެއް އިނގިދާނެ. ބައްޕަ ފުލުހަކު ގެންނާނަން..” ލުތުފީ މިހެން ބުނުމުން ލޫތް އަނެއްކާވެސް މޫނު ކުނިކޮށްލިއެވެ. “ފުލުހެކޭ؟ ރިއަލީ ޑޭޑް. މައްސަލައެއް ނެތް. ވީ ވިލް ސީ.” ލޫތް މިހެން ބުނުމުން މާދަން ކަންތައް ވާންވީގޮތް އާޒިމާ އޮޅުން ފިލުވާދިނެވެ.
އެތަށް އިރަކު ވާހަކަދައްކަން ތިބުމަށްފަހު ލޫތް ކޮޓަރިއަށް ވަދެ ފުން ނޭވާއެއް ލިއެވެ. އޭނާ އެދިޔަ ގޮތަށް ގޮސް ފާޚާނާއަށް ވަދެ ދެތިން ފަހަރަށް މޫނަށް ފެންޖެހިއެވެ. އާޒިމާ އެދެއްކި ވާހަކަތަކުން އޭނާ މުޅިން ބޯ ސަކަރާތްވިއެވެ. އައިފާ މަރާލުމުގެ ގަސްތުގައި ލީނާ އެފަދަ ކަމެއް ކޮށްފާނެއޭ އޭނާ ހީވެސް ނުކުރެއެވެ. އިރުކޮޅަކު ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރެފައި ލޫތް ނިކުމެ އެނދުގައި ނިދިފައި އޮތް އައިފާއަށް ނަޒަރު ހުއްޓާލިއެވެ.
ފުން ނިންޖަކުން ނިދިފައި އޮތް އައިފާއަށް މި ވެގެން އުޅޭގޮތުގެ އެއްވެސް ހިލަމެއް ނުވެއެވެ. ލޫތް ގޮސް އައިފާ ބޮލުގައި ފިރުމާލިއެވެ. އައިފާއަށް ކަމެއް ވެއްޖެއްޔާ އޭނާ ދިރިއުޅޭނީ ކިހިނެތް ބާއްވައެވެ. ލުޔޫން ބީވެ ދިޔަގޮތަށް އައިފާ ހިނގައްޖެއްޔާ އޭނާ މުޅިން ފުނޑުފުނޑު ވާނެއެވެ.
****
އާދުވަހަކަށް އިރުއެރި އިރު ވިއްސާރަ ވިލާތަކުން އުޑުމަތި ވަނީ ބަނަކޮށްފައެވެ. ހުކުރު ވަގުތު ޖެހުމުން ލީނާ ގެއިން ނިކުތީ މިއަދު އައިފާ ލޫތްގެ ދިރިއުޅުމުން އުމުރަށް ވަކި ކޮށްލުމުގެ ނިޔަތުގައެވެ. އަތުކުރި ގަޑިއަށް ބަލައިލަމުން އޭނާ ފުންނޭވާއެއް ލިއެވެ. ކާރު ދުއްވާލަމުން އޭނާ މިސްރާބުޖެހީ ލޫތްގެ ގެއަށްށެވެ.
ގޭގެ ބެލް ޖެހިއަޑަށް އާޒިމާ ގޮސް ދޮރު ހުޅުވާލިއެވެ. އޭނާ ހީކުރި ގޮތަށް ކުރިމަތީގައި ހުރީ ލީނާއެވެ. “އާދެ އެތެރެއަށް އަވަހަށް..” އާޒިމާ ހިނިތުންވެލަމުން ބުނެލިއެވެ. “ކޮބާ؟” ލީނާ އެތެރެއަށް ވަންނަމުން އަހާލިއެވެ. “ދެބަފައިން ހުކުރަށް ގޮސްފި.. ދެން އުޅެނީ ލައިޝާއާއި އާލާ.. އައިފާ ވެއްޖެ ކޮޓަރީގައި.” އާޒިމާ ސިއްރު ސިއްރުން ބުނެލިއެވެ.
ލީނާ ވިހަ ގޮތަކަށް ހީލަމުން އަވަސް ފިޔަވަޅު ތަކެއްގައި އައިފާގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ. “އައިފާ..” ދޮރުގައި ޓަކި ޖަހާލަމުން ލީނާ މިހެން ބުނެފައި އެތެރަށް ވަނެވެ. ސޯފާގައި އިން އައިފާ އަޑުއައި ދިމާއަށް ނަޒަރު ހުއްޓާލަމުން ހިނިތުންވެލިއެވެ. “ލީނާ.. ކިހިނެތްވީ މިގަޑީގައި؟” އައިފާ އަހާލިއެވެ.
“އޯ.. އެއީ މިއަދު މިގެއިން މެންދުރު ކެއުމަށް ދައުވަތު ދިނީމަ.” ލީނާ ދޮގެއް ހަދާލިއެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން އިނދެފައި ލީނާ ސޯފާއިން ތެދުވިއެވެ. “އިނގޭތަ ވާރޭ ވެހޭކަން އެބަ؟” ލީނާ އޭނާގެ މަޤްސަދު ހާސިލް ކުރުމަށް ވާހަކަފެށިއެވެ. މިއަދު ވާރޭ ވެހުނަސް އަވި ދީފައި އޮތަސް މިކަން ނިންމާން އޭނާ އަޒުމު ކަނޑައެޅިއެވެ.
“ހިނގާ ޓެރެސްއަށް ގޮސްލަން..” ލީނާ މިހެން ބުނުމުން އައިފާ ދާން ދެކޮޅު ހެދިއެވެ. “އެކީއްވެ.. އެހައި ބޯކޮން ނެތް ނުވެހެޔޭ.. އެހެން ނޫނަސް އައިފާ ކޮންދުވަހެއް ބޭރަށް ނިކުމެ ނުލާތާ..” ލީނާގެ ވާހަކަތަކުން އައިފާ ވެސް ބޭރަށް ގޮސްލާ ހިތްވިއެވެ. އޭރު ދޮރު ކުރިމަތީގައި ހުރި އާޒިމާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ.
ނަމަވެސް ލީނާގެ ނަޒަރު އޭނާއަށް ހުއްޓުމާއި އެކީ ހިނިތުންވެލިއެވެ. “އޯކޭ.. ގޮސްލާފައި އަންނާނީ ދޯ. ކޮބާ މަންމަ..” އައިފާ ސޯފާއިން ތެދުވަމުން އަހާލިއެވެ. “މަންމަ މިހިރީއޭ ދަރިފުޅާ. ދޭ ގޮސްލާފައި އަންނަން. ބަލައިގެން ދައްޗޭ..” އާޒިމާ މިހެން ބުނުމުން ލީނާ ހިނިތުން ވެލަމުން އައިފާގެ އަތުގައި ހިފައިގެން ބޭރަށް ނިކުތެވެ.
ލީނާ ދިއުމުން އާޒިމާ އަވަހަށް ފޯނު ނަގައި ލޫތްއަށް ގުޅުމަށްފަހު މައްޗަށް އެރުމަށް ބުންޏެވެ. އޭރު ލައިޝާ ވެސް އޭނާގެ ކޮޓަރިން ނިކުމެ އާޒިމާގެ ފަހަތުން ސިޑިން ޓޭރެސްއަށް އަރަން ދިޔައީ ލީނާމެން ލިފްޓުން އެރުމުންނެވެ. ޓެރެސްއަށް ނިކުއިން އިރު ޖެހެމުން ދިޔަ ފިނި ވައިރޯޅި ތަކުން އައިފާ ގައިން ހީބިހި ނަގުވާލިއެވެ.
ވަކި ހިސާބަކަށް ދިއުމަށްފަހު ލޯ މަރާލަމުން އޭނާ އެ މާހައުލު ހިތަށް ނަގައިގަތެވެ. “އައި މިސްޑް ދިސް..” އައިފާގެ ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވިއެވެ. “އާދެ މިކޮޅަށް..” ލީނާ މިހެން ބުނެފައި އައިފާގެ އަތުގައި ހިފައިގެން ދުރަށް ގޮސްލިއެވެ. “އިނގޭތަ އަހަރެން މިގޭގައި އުޅުން އިރު ވަރަށް ގިނައިން މިތަނަށް އަންނަން.” ލީނާ ވާހަކަދެއްކިއެވެ.
“ލުޔޫންއަށް ވަރަށް މަޖާވާނެ މިތަނުގައި ބޯޅަ ކުޅެން..” ލީނާ މިހެން ބުނިއިރު އޭނާ އަޑު ކުރެހުނެވެ. “ލޫތް ވެސް އަންނާނެ އޭނައާއި އެކީ ކުޅެން..” ލީނާގެ ވާހަކަ އިވި އައިފާ ހަމަދަރުދީ ވިއެވެ. “އައި އެމް ސޮރީ ލީނާ..” އައިފާ ދެރެވެފައި ބުނެލިއެވެ. އޭނާގެ ދޫކޮށްލެވިފައި އޮތް އިސްތަށިގަނޑު ވަޔާއި ވިހުރެމުން ދިޔައެވެ.
“އާ ޔޫ؟” ލީނާ އަހާލިއެވެ. އައިފާއަށް އެބުނި އެއްޗެއްގެ މާނަ ނޭނގުނެވެ. “ތި ބުނީ؟” އައިފާ ހައިރާންވެފައި ހުރެ އަހާލިއެވެ. “އާ ޔޫ ސޮރީ އައިފާ!!” ލީނާ ހަރުކަށި ކަމާއިއެކު މިހެން ބުނުމުން އައިފާ ސިހުނެވެ. އޭނާއަށް އެއްވެސް ތަނެއް ނުފެންނަ އިރު އިވެނީ ލީނާގެ ރުޅިވެރި އަޑެވެ.
“އަހަރެންގެ ފިރިމީހާ ޖަހައިގަނެގެން ނިކަން އުފަލުން އެބަ އުޅެއެއްނުން.. ކަލޭއާ ހެދި ލޫތް އަހަރެން ދޫކޮށްލީ.. އެއް އިރެއްގައި އަހަރެން އުޅުނު އުފާވެރި ދިރިއުޅުން ކަލޭއަށް ލިބުނީ. ސޯ އާ ޔޫ ސޮރީ އައިފާ!” ލީނާގެ ވާހަކަތަކުން އައިފާ ހައިރާންވިއެވެ. “ލީނާ.. ކީކޭ ތިކިޔަނީ؟” އައިފާގެ ހިތުގައި ބިރުވެރި ކަމުގެ ރާޅު ބާންޏެއް ދުވެލިއެވެ.
“އަހަރެން އެވަރަށް އައިފާ ލޫތްއާއި ދުރުކުރަން އުޅުނީމަ ވެސް ނުދިޔައިމެންނުން! އެންމެ ފަހުން ކާރަކުން ޖެއްސި އިރުވެސް ކަލޭ އަދިވެސް މަރުވާކަށް ނޫޅެ!” ލީނާ ބުނި ވާހަކައިން އައިފާ ދެފިޔަވަޅު ފަހަތަށް ޖެހެވުނެވެ. “ކީ.. ކީކޭ؟ އަހަރެން އެކްސިޑެންޓް ވީ..” އައިފާގެ ވާހަކަ ލީނާ މެދުކަނޑާލިއެވެ.
“އާނ! އަހަރެން އެކަން ކުރުވީ. އެކަމުވެސް ކަލޭގެ ހުރި ސުންޕާކަމުން އަދިވެސް ތިހުރީ. ބަޓް ނޮޓް އެނީ މޯ! ލޫތް އިޒް މައިން.. އަޑު އިވިއްޖެ..” ލީނާގެ އަޑު ބާރުވީ ވަރަކަށް އައިފާގެ ފިޔަވަޅުތަށް ފަހަތަށް ޖެހެމުން ދިޔައެވެ. ބާރު ވައިރޯޅި ތަކުގެ ހަމަލާ އަންނަމުން ދިޔައިރު ވާރޭ ކަނި ޖަހަމުން ދިޔައެވެ.
ދުރުގައި ތިބި އާޒިމާއާއި ލައިޝާގެ އިތުރުން ލުތުފީ އާއި ލޫތްއަށް ލީނާގެ ކޮންމެ ބަހެއް އަޑު އިވުނެވެ. އެމީހުންގެ އިތުރުން ލުތުފީ ގެނައި ފުލުސް މީހާ ވެސް ކައިރީގައި ހުއްޓެވެ. ނަމަވެސް އެމީހުންނަށް ފުރަގަސް ދީގެން ހުރި ލީނާއަށް މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ.
“ލީނާ ޕްލީޒް.. ހަމަޖެހިލަބަލަ..” އައިފާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު ވެސް ލީނާއަށް ވިސްނައި ދެވޭތޯ ބެލިއެވެ. އަނދިރިކަން ވަށަލެވިފައި ވީއިރު މިދެވޭ ދިމާލެއް ވެސް ދާނެ ތަނެއް ވެސް އޭނާއަކަށް ނޭނގުނެވެ. “ޝަޓް އަޕް!” ލީނާ މިހެން ބުނެފައި އެދިޔަ ގޮތަށް ގޮސް އައިފާ އަތުގައި ހިފައި ޓެރެސްގެ ކޮޅައި ދިމާއަށް މިސްރާބުޖެހިއެވެ. އޭރު އައިފާ ނުދާން ގަދަ ހަދަމުން ދިޔައެވެ.
މި މަންޒަރު ބަލަން ހުރި ލޫތް ދުމެއް ޖަހާފައި އެދިޔަ ގޮތަށް ގޮސް ލީނާގެ އަތުގައި ހިފައި ގަޔާއި ވީ ދިމާއަށް އަނބުރާލިއެވެ. އޭރު ލީނާގެ އަތުން އައިފާ ދޫވެ އޭނާ ގޮސް ތަޅުންގަނޑު މަތީގައި ޖެހުނެވެ. އެވަގުތު އާޒިމާމެން ވެސް އެދިމާއަށް ގޮސް އައިފާ ކައިރިއަށް ތިރިވިއެވެ.
ލޫތް އަތް ދަމާފައި ލީނާގެ ކޯމަތީގައި ހޫނު އެތިފަހަރެއް ޖެހުމާއި އެކީ އޭނާ އަރި އަޅާލިއެވެ. ހަމަ އެވަގުތު ލީނާގެ އަނގަމަތީގައި ހިފައި ބާރު ކޮށްލިއިރު ލޫތްގެ ލޮލުން އިންތިހާ ރުޅިވެރިކަން ފާޅުވިއެވެ. މިހާއިރު ވަންދެން އެއްޗެކޭ ނުބުނެ ހުރީ ހަޤީޤަތް ހާމަ ވަންދެންނެވެ. “ހުރި ގޮތް ކުޑަކަން. އައި ޓަރްސްޓެޑް ޔޫ.. އައިފާ މަރާލަން ވެސް ލީނާ ފަސްނުޖެހުނީތީ އަހަރެން ހަމަ ހައިރާން ވެއްޖޭން. ޔޫ އާ ޑިސްކަންޓިން!” ލޫތް ލީނާގެ ކޮލަށް ބާރު ކޮށްލިވަރުން އޭނާގެ އަނގައިގައި ލޭރަހަ ލިއެވެ.
“ލޫތް! އޭތް.. ދޫކޮށްލާ!” ލުތުފީ އަވަހަށް ލޫތް ދުރުކުރަން މަސައްކަތް ކުރިއެވެ. އޭރު ފުލުސް މީހާ ވެސް އޭނާ ދުރުކުރެވޭތޯ އުޅުނެވެ. “ދެޓްސް އިނަފް..” ލޫތް ދުރަށް ލަމުން ފުލުސް މީހާ ބުނެލިއެވެ. އޭރު ވެއްޓިފައި އޮތް އައިފާ ތެދުވެ ހުރި އިރު ކައިރީގައި އާޒިމާ ހުއްޓެވެ. ލީނާ ވާނުވާ ނޭނގިފައި ހުރެ އެއްފަހަރު އައިފާއަށް އަނެއްފަހަރު ލޫތްއަށް ނަޒަރު ހުއްޓަލިއެވެ.
“އަހަރެންނެއް ނޫން.. ލޫތް މަންމަ ވެސް މިކަމުގައި ބައިވެރިވި!” ލީނާ ހަޅޭ ލަވައިގަތުމުން އާޒިމާ އެ އައި ގޮތަށް އައިސް އަނެއްކާ ވެސް ލިނާގެ ކޯމަތީގައި ޖެހިއެވެ. “ހުއްޓާލާ! ބުނިން ދޯ ލޫތްގެ ދިރިއުޅުމަށް ވައި އެޅިލިއަސް އަހަރެންގެ ހުރި ނުބައިކަން ދައްކާލާނަމޭ! ފެނިއްޖެތަ ނުބައިކަން. ހީކުރީ ދޯ އަހަރެން ލީނާ ބުނި އެއްޗަކަށް އާބަސް ބުނާނެއޭ.. ގެންދޭ މީނަ މިތަނުން!” އާޒިމާ މިހެން ބުނެފައި ލީނާ ފުލުސް މީހާއާއި ހަވާލު ކުރިއެވެ.
ލީނާ ނުދާން ގަދައެއް ދެއްކި ނަމަވެސް ފަހުން އައި ދެފުލުހުން ވެގެން އޭނާ އެތަނުން ގެންދިޔައެވެ. އޭރު ރޮވިފައި ހުރި އައިފާ ލޫތްގެ ކޮނޑުގައި ބޯ އަޅާލައިގެން ހުއްޓެވެ. “ހުއްޓާލާ ދެން.. އިޓްސް އޯވާ އައި ޕްރޮމިސް. ދެން އައިފާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން.. އައި ވޮޒް ސޯ ސްޓުޕިޑް..” ލޫތް މިހެން ބުނުމުން އައިފާ އޭނާ ހުއްޓުވިއެވެ.
“ނޫން ލޫތް.. އިޓްސް ނޮޓް ޔުއާ ފޯލްޓް.” އައިފާ މިހެން ބުނުމުން އޭނާގެ ކޯތަފަތުގައި ވީ ކަރުނަތަށް ލޫތް ފޮހެލަދިނެވެ. އޭރު ޖަހަމުންދިޔަ ވާރޭ ކަނިތައް ބޯކުރަން ފެށުމުން އާޒިމާ މެން އެތެރެއަށް ވަނެވެ. “ޑޯންޓް ވޮރީ.. ދެން އޮތީ އައިފާއާއި މެރީ ކޮށްފަ ލަންޑަންއަށް ދިޔުން.. އައި އެމް އޯލް ޔުއާޒް..” ލޫތް މިހެން ބުނެ އައިފާ އެމޭގައި ފޮރުވާލިއެވެ. ދެން އޭނާއަށް އެއްވެސް އަނިޔާޢެއް ކުރިމަތިވިޔަ ލޫތް ނުދޭނެއެވެ.
****
ލީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުޤީޤު ކުރަމުން ދިޔައެވެ. ހަފްތާއެއް ތެރޭގައި ލޫތްއާއި އައިފާގެ ކައިވެނި ކުޑަގޮތަކަށް ކުރުމަށްފަހު އެމީހުން ލަންޑަންއަށް ފުރިއެވެ. އާލިމް ވެސް ލުތުފީގެ އެދުމަށް އެގެއަށް ބަދަލުވެ އެއީ ރިޔާޒްގެ ދަރިއެއްކަން އެންމެންނަށް އެންގިއެވެ.
ޒޭންގެ ހާލު ރަނގަޅު ވަމުން އަންނާތީ އެންމެން ވެސް އެކަމާއި ތިބެނީ ހިތްހަމަ ޖެހިފައެވެ. ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވެސް އެތަނުން ދޫކޮށްލުމުން އެނބުރި އެއާއިލާއަށް އަންނާނެތީ ލުތުފީ ހުރީ އިންތިހާއަށް ހިތްހަމަ ޖެހިފައެވެ. ނާއިލްގެ ވެސް ކައިވެނި ލޫތްމެން އައުމުން ކުރުމަށް ހަމަޖެހިފައިވިއެވެ. ލުތުފީގެ އާއިލާ ފުރިހަމަ ވީއެވެ.
އައިފާ ލަންޑަންއަށް ގޮސް އެންމެ މޮޅެތި ޑޮކްޓަރުންނަށް ދެއްކުމަށްފަހު އޮޕަރޭޝަން ކުރެވުނެވެ. އޭނާގެ ފެނުން އެއްކޮން ލިބުމުގެ އުއްމީދު ނެތެއް ކަމަކު ކޮންމެ ވެސް ވަރެއް ވެދާނެ ކަމަށް ޑޮކްޓަރުން ބުނުމުން އައިފާއަށް ހިތްވަރެއް ލިބުނެވެ. ހޮސްޕިޓަލްގެ އެނދުގައި އިން އިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.
މިއަދު މިއީ ބޭސް ގަނޑު ނަގާ ދުވަހެވެ. ކިރިޔާ ވެސް ފެނުމުގެ އުއްމީދު އޮތްކަން އިނގޭނީ މިއަދުއެވެ. ނަމަވެސް މުފެނުނަސް އޭނާ ދެރައެއް ނުވާނެއެވެ. ލޫތް މުޅި އުމުރުވެސް އޭނާއާއި އެކީ ވާނެތީ އެއްވެސް ޝަކުވާއެއް ނެތެވެ. “އައިފާ. އައި އެމް ގޮއިން ޓު ރިމޫވް ދަ ޑްރެސިން.” ޑޮކްޓަރު މިހެން ބުނެފައި ބޭސް ގަނޑު ނެނގުމަށްފަހު އައިފާ ކައިރީފައި ލޯ ހުޅުވުމަށް އެދުނެވެ.
ހިންދިރުވާލުމަށްފަހު އައިފާ މަޑުމަޑުން އެސްފިޔަތަށް ދުރުކޮށްލި އިރު ހިތުގެ ތެޅުން އަވަސް ވިއެވެ. ފަނޑު އައްޔެއް ލޮލަށް އެޅުމާއި އެކީ އައިފާ ބޭއިޚްތިޔާރުގައި ލޯ މަރާލެވުނެވެ. “އިޓްސް އޯކޭ.. އޯޕެން ސްލޯލީ..” ޑޮކްޓަރު މިހެން ބުނުމުން އައިފާ އަނެއްކާ ވެސް ލޯ ހުޅުވާލިއެވެ.
ފެންނަމުންދިޔަ ފަނޑު އަލިން އޭނާއަށް ކުރިމަތީގައި ހުރި ތަންތަން ފާހަގަ ވަނީ ފުސްކޮށެވެ. “އައިފާ..” ލޫތްގެ އަޑު ޖެހުމާއި އެކީ އޭނާ އެދިމާއަށް ނަޒަރު ހުއްޓާލިއެވެ. ކިތަންމެ ފަނޑުކޮން ފެނުނު ނަމަވެސް އެއީ ލޫތްގެ މޫނެވެ. އައިފާ ވީ އުފަލުން ލޮލުން ކަރުނަ ނިރާލި އިރު އޭނާ ދެއަތުން ލޫތްގެ މޫނުގައި ހިފިއެވެ.
“ލޫތް.. ލޫތް އައި ކެން ސީ.. ވަރަށް ފުސް. އެކަމަކު ފެނޭ.” އައިފާ މިހެން ބުނުމުން ލޫތްގެ ލޯ ކަރުނުން ފުސްވިއެވެ. ޑޮކްޓަރު އިތުރަށް އައިފާ އެގްޒާމް ކުރުމަށްފަހު ހިނިތުން ވެލިއެވެ. “އައި ސައިޓް އިޒް ނޮޓް ފުލީ ރިކަވާޑް. ބަޓް އިޓްސް ދެއާ.. ޝީ ވިލް ނީޑް ޓު ވެއާ ގްލާސެސް ސޯ އިޓް ވޯންޓް ބީ ދެޓް ބްލާ.” ޑޮކްޓަރު މިހެން ބުނުމުން ލޫތް އުފަލުން އައިފާގެ ގައިގައި ބައްދާލިއެވެ.
“އައިފާ.. ބޭބީ. ޔޫ ކެން ސީ.. އައިނު އެޅީމަ އެހައި ފުހެއް ނުވާނެ.. އިޓް ޑަޒަންޓް މެޓާ.. ޔޫ ކެން ސީ މީ..” ލޫތް އުފަލުން ރޮވިފައި އިނދެ ބުނެލިއެވެ. އައިފާއަށް އުފަލުން ރޮވުނެވެ. ކޮންމެ ގޮތަކަށް ފެނުނަސް ލޫތްގެ އެ ހިތްގައިމު ސޫރަ ފެނުމުން އޭނާގެ ހުރިހާ ޝަކުވާތަކެއް ފިލާ ހިނގައްޖެއެވެ.
****
ދުވަސްތައް ފާއިތުވަމުން ގޮސް ދެއަހަރު މާޒީގެ ސޮފްހާތަކަށް އެކުވެގެން ދިޔައީއެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. ލޫތްގެ އުރުގައި އިން އެއް އަހަރަށް ދާ ރުހާން ދެމިގެންފައި ތިރިއަށް ފައިބާން އުޅުނެވެ. އޭރު އައިފާ ލޫތްގެ އަތުގައި ހިފައިގެން ހުއްޓެވެ. މާލޭގެ އާސަހަރާއަށް ވަދެގެން ގޮސް އެމީހުން މަޑުކޮށްލީ ލުޔޫންގެ މަހާނަ ކައިރީގައެވެ.
“ނޯ..” ރުހާން ފައިބަން ގަދަ ދެއްކުމުން ލޫތް އޭނާ ބިންމަތީގައި ބެހެއްޓުމުން ފުމެން ފެށިއެވެ. “ތުއްތުކޮން އިނގޭ ދޫނި..” ރުހާންގެ އިސްތަށި ކޮޅު ރީތި ކޮށްލަމުން އައިފާ ބުނެލިއެވެ. ލުޔޫންގެ މަހާނަ ކައިރިއަށް ލޫތް ތިރިވެލަމުން ރުހާން ގެނެސް ކައިރި ކޮށްލިއެވެ. “ލޫލޫ.. މިއީ ދަރިފުޅުގެ ކޮއްކޮ ރުހާން..” ލޫތް ހިނިތުންވެލަމުން ބުނެލިއެވެ.
އޭރު ކޮޅަށް ހުރި އައިފާ މަޑުމަޑުން ލޫތްގެ ކޮނޑުގައި އަތްލިއެވެ. “ލޫލު ހުރި ނަމަ ވަރަށް އުފާވާނެ..” އައިފާ މިހެން ބުނުމުން ލޫތް ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ. “ލޫލު.. އައި މިސް ހާ ސޯ މަޗް.” ލޫތް ފުން ނޭވާއެއްލަމުން ބުނެލިއެވެ. ލުޔޫންއަކީ އޭނާގެ އަމިއްލަ ދަރިއަކަށް ނުވި ނަމަވެސް ލޫތް ދެކެނީ އެއީ ހަމަ އޭނާގެ ދަރިއެއް ގޮތުގައެވެ.
“ލޫ..” ރުހާން އޭނާގެ ޅައަޑުން މިހެން ބުނެފައި ހިނިތުން ވެލުމުން ކޮލަށް އަޑި ކޮޅެއް އެޅުނެވެ. “ޔެސް ބޭބީ.. ލޫލު.” އައިފާ މިހެން ބުނެފައި ރުހާންގެ ކޮލަށް ދޮނެއް ދިނެވެ. އައިފާގެ އިންނަ ކަހަލަ ކަޅުތިލައެއް ރުހާން ގެ ވެސް އިނދެއެވެ. ނަމަވެސް ބޮޑަށް ވައްތަރު ވަނީ ލޫތް އާއި އެވެ.
“ހިނގާ ދާން..” ލޫތް ތެދުވެ އައިފާގެ ނިއްކުރީގައި ބޮސްދެމުން ބުނެލިއެވެ. “އައި ލަވް ޔޫ..” އައިފާ މިހެން ބުނުމުން ލޫތް އޭނާގެ ނޭފަތުގައި ހިފާލިއެވެ. އެވަގުތު ރުހާން ދާންވެގެން އައިފާގެ ހެދުމުގެ ފަސްބައިގައި ހިފައި ދަމަން ފެށިއެވެ. “އޯކޭ ބިގް ބޯއި.. ހިނގާ.” ލޫތް މިހެން ބުނެފައި ރުހާންގެ އަތުގައި ހިފުމުން އައިފާ އޭނާގެ އަނެއް އަތުގައި ހިފިއެވެ.
ދެމަފިރިން ސަހަރާއިން ނިކުމެގެން ދިޔައިރު އޮއްސެމުން ދިޔައިރުގެ އަލި މުޅި މާހައުލަށް ވެރިވެފައިވިއެވެ. ލޫތް ވަކި ހިސާބަކަށް ގޮސްފައި ފަސްއެނބުރި ލުޔޫންގެ މަހާނައަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ހިނިތުން ވެއްލަމުން ތިރިވެ ރުހާންނަގައި މައްޗަށް އެއްލުމަށްފަހު ހިފުމާއި އެކީ ރުހާނެގެ މައުސޫމް ހުނުން ފަޒާގައި ގުގުމާލިއެވެ.
-ނިމުނީ-
48 Comments!
Comments are closed.



Yeyy first adhi nukiyan kiyaafa cmnt kohlaanan
Hey. So here we are. this is the end. hope you guys enjoyed it with some delays in between. Nevermind. I just wanna say thank you. For your love and support. you guys are really sweet and I apologize for the extreme delays. Anyways a big thank you for loving this story and for being so supportive. Oh and I’ll start a new story in sha allah soon. Well I don’t know how “soon” the soon is. But ya definitely i hope to bring you guys a new story and this time i’ll write it before hand so there is no delays due to any unexpected circumstances. ? So hope to see you all again with a new story in sha allah. Bye bye guys.
Love ❤️
awww. you are so sweeet ❤️ gina writers in readers a talk ves nukuraane. but you talk to us that really nice. and loved this story. vvvv miss vaane layaa mathin. will wait for a new story from you ?
thanks faathi ?
thnksss…v v v inthizaaru kohfin mi part ah….waiting for a new story 4rm u…but ehaa time nuvanyaa story eikoh liyefa dn up kuran fashaa…cux who knws wen u ll get bxxy or may stuck with such an incident…good luck dr…???
Thanks dear ??
vvvvvvv reethi! nimun vvv salhi igey. Loved it layaal. Welldone ?????? Will wait for a new story from you and you are me new favorite writer ❤️ Looth and Aifa will be missed.
Thank you ❤️
Wowwwww.. Love it layaa. U are the best..???
thank you love ?
Vvv salhi. Adhi vx mi kahala Reethi vaahaka eh avas musthagbalehga kiyan libeyne kamah Ummeedhu kuran n thank you layaal vaahaka nimen dhn genes dhineethee.☺????????
Thanks dear ❤️❤️
Loved it.. vara boda look forward kureveyne layaal ge ithuru story akah. And avas mustagubaleh ga kiyaalan libeyne kama ummeedhu kuran
Thanks ??
Wow…this story is awesome layaal…vvvvvvvvvvvv rythi nd thanks vaahaka nimendhen genasdhinyma?…ashi layaa ge ehen vaahaka eh genasdheynan dhw
yes i’ll write a new story in sha allah and thanks ?
Vv rythi story eh mi nimuny… liked this vv much… n waiting for more stories from u layaal… all the best!
thank you marsha ?
Omg layaaa. This story is too good. Hope to c yu soonnn. N i loved it truly ??
thanks dear ?
Thanks for writing such a beautiful story. You’re awesome. 🙂 x
hey nimuny dhww story… adhi nukiyan ….hykuran mi part nic vaane kamah
I love this storyy. Vvv nice. hope to see a mew story from you. And you will be missed layaa kolhu. ❤️
aww. i’ll miss you all too ❤️
Woww story hama v v v salhi.❤
Thanks dear ?
Vrh reethi vaahaka eh❤️ It waiting for ur next story?
thanks girl ?
layaaaaaaaaaaal! Story hama obi igeyy. v inthizaaru kueevey vaahaka eh mi abadhuves. and its was so nice. will miss you dearly. ?
thank you love ?
i never commented mi story ah but hama gavaidhun kiyan. bunelan othi vvvvv furihama vaahaka ekey mi ee. good effort. hama regular kon up vey dhen fahun nuviyas that’s ok. sifakurun eneme kamudhani. so glad thi kahala writers ulheythi. keep up the good work. these new writers in this site hama laara and aishaa menna dhookura vare nuvey. mi hama future writers. shaz lyn ekey layaal ekey. vvv molhu. will wait for a new story from you ????❤️❤️
Thanks for reading love ❤️
wow. vv reethi story igey. can ask something? layaa single tha?
Vara reeethi….ur the best
Thanks ??
Vr nice…
thanks ?
Whn will u start the nxt story??? Cnt wait… ?miss u layaa….
well I don’t know yet. but as soon as I finish it i’ll update ?
Varah varah reethi vaahaka❤❤❤
V reethi nimaaligoi. Mi kahala reethi vaahaka e dhen ves genasdhechey. Thanks layaaal
thank you ?
layaaa.. will miss u n ur story???…story hama 1 vana…filmeh balaalevunu fadha…sifakurun hama 100%?..haadha molhey…wish u al d bst…aazima ah award eh dheyvaru vey dhw???
layaaa.. will miss u n ur story???…story hama 1 vana…filmeh balaalevunu fadha…sifakurun hama 100%?..haadha molhey…wish u al d bst…aazima ah award eh dheyvaru vey dhw???
hehe dheyn v hama. Thank you love ❤️
Layaage next story ah inthizaaru kureve good luck
Waw layaal.. vvv nycc thx stwry.. Unmeedhu kuran vv avahah layaal ge nw stwry eh up kuraane kamah.. Keep it up..:)
vvvvv reeethi vahaka eh mee. hama eh dhuvahun idhegen mi kiyaa nihmaali. sifakurun hama habeys. sooo good layaal. hope to see the new story soon.