މާޔޫސް ވެފާ… ( 5 ވަނަ ބައި )
ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް އަހަރެން މަޑުމަޑުން ކާޓޭން ކުޑަކޮށް ކަހާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަންނަށް ފެނުނު ހާވެސް އެއްޗަކީ މުޅި ގޯތިތެރޭގައިވާ ކަނު އަނދިރިކަމެވެ. ބިރުން އަހަރެންގެ ހިތް ރޫރޫ އަޅައިގަތެވެ. ޖުނޫމް ކޮބާބާއެވެ.
ކުއްލިއަކަށް ޖުނޫމް އައިސް ކުޑަދޮރު ކައިރިއަށް ހުއްޓިލުމުން އަހަރެން ދިޔައީ ސިއްސައި ގެނެވެ. ގަތް ބިރުން އެ ދަންވަރު ހަޅޭއްލަވައި ނުގަނެވުނީވެސް ކިރިޔާއެވެ. އަހަންނަށް ވީގޮތް ފެނި ޖުނޫމް ހުރީ ފާޑަކަށް ހިނިއައިސް ފައެވެ. އަތުގެ އިޝާރާތުން އޭނާ ދޮރު ހުޅުވުމަށް އެންގިއެވެ. އަހަރެން ގުޑިވެސް ނުލާ އެހުރި ގޮތަށް ހުރީ ދޮރު ހުޅުވުމަށް ޖެހިލުންވާތީއެވެ. އަނެއްކާވެސް ޖުނޫމް ހުޅުވާށޭ ކިޔަން ފެށިއެވެ.
އަހަރެން ހަމަ ކުޑަ ދޮރު ހުޅުވާލުމައެކު އޭނާ ފުންމައިގެން ކޮޓަރިތެރެއަށް ދެމިގެންފިއެވެ. އެއަށް ފަހު ކޮޓަރި ދޮރު ލައްޕާ ތަޅުލީވެސް އޭނާގެ އަތުންނެވެ. އަހަންނަށް ހުރެވުނީ ބިރުގެންފައެވެ. ޖުނޫމް އަށް އިތުބާރު ނުކުރާތީ އެއް ނޫނެވެ. އަހަރެން ޖުނޫމްއަށް ފުރިހަމައަށް އިތުބާރު ކުރަމެވެ.
ދޮރު ލައްޕާ ތަނޑު އަޅުވާލާފައި ޖުނޫމް އަހަންނާ ކުރިމަތި ލިއެވެ. އޭނާ ގެ މޫނުމަތީން ހިތާމައިގެ އަސަރުތަށް ފެންނަން ހުއްޓެވެ. ޖުނޫމް އަހަރެންގެ ދެއަތް ތިލައިގަ ހިފާ ފިއްތާލަމުން އަހަންނާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އެ ދެލޮލުގަ ކަރުނައިގެ އަސަރު ވީތަން އަހަރެން ދުށީމެވެ. އަހަރެން އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ ޖުނޫމް އަހަރެންގެ ތުންފަތުގަ ޝަހާދަތް އިނގިލި ޖައްސާލަމުން ބޯ ހޫރުވާލިއެވެ. ދެން އޭނާ އަހަރެންގެ އަތުގަ ހިފައިގެންގޮސް އެނދުގަ އިށީނދެ އަހަރެން ގަޔާ ކައިރި ކޮށްލިއެވެ.
އެގޮތުގަ އިރުކޮޅެއް ވަންދެން ތިބެފަ ޖުނޫމް އަހަންނާ ގައިގޯޅި ވާން ފެށިއެވެ. އެ ފިރުމުންތަކުން އަހަންނަށް އުނދަގޫވިއެވެ. ކައިވެނީގެ ކުރިން ކިތަންމެ ކުޑަ މިންވަރަކަށްވެސް ގައިގޯޅިވެ ހަދާކަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. “ނޫން ޖުމް..މީ ރަނގަޅު ކަމެއް ނޫން..” އަހަރެން ޖުނޫމް އާ ދުރަށް ޖެހިލަމުން ބުނީމެވެ. އެވަގުތު ޖުނޫމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ކުރިއަށް ވުރެވެސް އޭނަގެ މޫނުން ހިތާމަވެރިކަން ފެންނަން ފެށިއެވެ.
” ހީރާވެސް އަހަންނަށް ޓްރަސްޓެއް ނުކުރަން ދޯ…މިއަދު ހީރާ މަންމަ ގޮވި އެއްޗެއްސުން އަހަރެން މިހިރީ ވަރަށް ދެރަވެފަ…ހީރާވެސް އަހަންނަށް އިތުބާރު ނުކުރާތީ ދޯ ތިގޮތަށް ތި ދުރަށް ދަނީ..ކީއްވެތަ..” ޖުނޫމް ގެ ލޮލުން ކަރުނަތަށް އޮހޮރިގަތް މަންޒަރު ފެނިފާ އަހަރެންގެ ހިތުގެ އެންމެ ފުންމިނަށްވެސް އަސަރު ކުރިއެވެ. ބުނަންވި އެއްޗެއްވެސް އަހަންނަކަށް ނޭނގުނެވެ. މިއޮއް ‘ކޫލް’ މީހާ މިހެން ރޮއެދާނެއެކޭ ހީވެސް ނުކުރަމެވެ. ބޮޑު ފިރިހެނަކު ހަގީގަތަށް ރުއިމަންޒަރު ފެނުނު މީ ފުރަތަމަ ފަހަރު ކަމުން އަހަންނަށްވެސް ޖަޒްބާތީ ވެވިއްޖެއެވެ.
” ތިހެން ނުބުނޭ ޖުމް..އެއް އިންސާނަކު އަނެއް އިންސާނަކަށް ޓްރަސްޓް ކުރާނެ އެންމެ މަތީ ދަރަޖައަކަށް އަހަރެން ޖުމްއަށް އިތުބާރުކުރަން..އައި ލަވް ޔޫ ސޯ މަޗް..” އަހަރެން ޖުނޫމް އާ ގާތަށް ޖެހިލަމުން ދެރަވެފަ އިނދެ ބުނީމެވެ. އަދި ޖުނޫމް ގެ ކަރުނަތަށްވެސް ފޮހެދިނީމެވެ. ޖުނޫމް އަހަރެން ގައިގަ ބައްދާލައިގެން އިރުކޮޅަކު އިނދެފަ ދުރަށް ޖެހިލިއެވެ. އޭރު އޭނާ ގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. އަހަރެންގެ ހިތަށް ހަމަ ޖެހުމެއް ލިބުނެވެ.
ދެމީހުން އެކި އެކި ވާހަކައިގަ ތިއްބާ ވަގުތު ހިނގާ ދިޔަ ގޮތް ވެސް ނޭނގުނެވެ. އެވީ ވަގުތު ކޮޅުގާވެސް ޖުނޫމްއަށް މެސެޖް ކޮށް ގުޅާ ހެދި މީހުންވެސް މަދެއް ނޫނެވެ. ޖުނޫމް ބުނާ ގޮތުގަ އެއީ ހައްތާވެސް އޭނާގެ ރައްޓެހިންނެވެ. އަހަރެންނަށް އިނދެވުނީ ހައިރާންވެފައެވެ. ދަންވަރަސް އެ ބުނާ އެކުވެރިންނަކީ ނިދާ ބައެއް ނޫންތާއެވެ.
އެގޮތުގަ ތިއްބާ ތިންގަޑި ބައިވެއްޖެ ކަން އެނގުމުން އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. މިހާރު މަންމަމެން ހޭލާ އުޅޭނޭ ހިތަށް އަރާފަ އަހަރެންގެ ހިތް ރޫރޫ އަޅައިގަތެވެ. އަހަރެން ބޭނުންވީ ޖުނޫމް އަވަހަށް ފޮނުވާލާށެވެ. އެވަގުތު އިވުނީ މަންމަ މެންގެ ކޮޓަރި ދޮރު ހުޅުވުނު އަޑެވެ. ހަމަ އެސިކުންތުގަ އިވުނީ އަހަރެންގެ ކޮޓަރި ދޮރުގަ މީހަކު ޓަކި ދިން އަޑެވެ. ” ހީރާ…ހީރާ..” ބާރު ބާރަށް އަހަރެންގެ ނަމުން ދެފަހަރަކު މަންމަ ގޮވާލި އަޑު އިވުނެވެ. އަހަންނަށް ހުރެވުނީ އަނގަމަތީގައި އަތް އަޅައިގެންނެވެ. މިގަޑީ މަންމަ މެން ހޭލާ އުޅުނަސް ދުވަހަކުވެސް އަހަންނަށް މިގޮތަށް ގޮވާފައެއް ނުވެފައެވެ. އަނެއްކާ ކިހިނެއްވީ ބާއެވެ. ޖުނޫމް މި ކޮޓަރީގަ ހުރި ކަން މަންމައަށް އެނގުނީ ބާއެވެ. ޖުނޫމް ވެސް ކުޑަ ހައިރާން ކަމަކައެކު އަހަރެންގެ މޫނަށް ބަލަން ހުއްޓެވެ. ބިރުން ހުރެ އަހަރެން ޖުނޫމްގެ އަތުގަ ހިފާ ބާރުކޮށްލީމެވެ. ދެން އިވުނީ މަންމަ ގޭގެ މައިދޮރު ހުޅުވާލި އަޑެވެ. މިއޮއް ފަތިހާ މަންމަ މިއުޅެނީ މޮޔަ ވެގެން ހެއްޔެވެ. އަދި ހަތަރެއްވެސް ނުޖަހާ ވިއްޔައެވެ.
ދެން ފެނުނީ އަދި އަހަރެން މާ ބޯ ހާސްވި މަންޒަރެކެވެ. އަހަރެން ގޮސް ކުޑަދޮރު ގެފޮތިގަނޑު ހިއްލާލާފައި ސިއްރުން ބޭރު ބަލައިލިއިރު ފެނުނީ މަންމަ ޖަނބުރޯލުގަސްދޮށުގަ އިން ޖޯލީގަ އިންދައެވެ. ބޭރު ބޮކީގެ އަލިން އެހިސާބު އޮތީ އެއްކޮށް ދިއްލާ އަޅާފައެވެ. މަންމަ އިނީ ހަތިމެއް ހިފައިގެން ގުރުއާން ކިޔަވާށެވެ. އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. އަހަރެން ދެން މިކޮޓަރިން ޖުނޫމް ނެރޭނީ ކިހިނެއް ހެއްޔެވެ. އެ ޖޯލި ފަތި އޭނީ ހަމަ މިކޮޓަރި ކުޑަދޮރާ ދިމާލަށެވެ. ކޮންމެ ގޮތެއްވިޔަސް މަންމައަށް ނުފެނި ޖުނޫމް ފޮނުވާލެވޭނެ އެއްވެސް ގޮތެއް ނެތެވެ. ގަތް ބިރުންނާ ބޯ ހާސްވި ވަރުން ހިނދުކޮޅެއްގެ ތެރޭގައި މުޅިމީހާ ދަލުން ފޯވެއްޖެއެވެ. މުޅި ހަޔާތުގާވެސް ބޭޒާރެއްވެދާނެތީ އެންމެ ގޮތްހުސްވެ ބިރުގަތް ވަގުތު ކޮޅަކީ އެއީއެވެ.
“ދެން ކިހިނެއް ހަދާނީ..” ގޮތް ހުސްވެފަ ހުރެ އަހަރެން ޖުނޫމް އާ ދިމާލަށް ބުނީމެވެ. އޭރު އަހަރެން ހުރީ ފާޑަކަށް ރޮވެން ގާތްވެފައެވެ. ޖުނޫމް ގެ މޫނުމަތީންވެސް ހާސްކަން ފެނުނެވެ. ޖުނޫމް ބުނިހާވެސް އެއްޗަކީ ހާސް ނުވެ މަންމަ ގޭތެރެއަށް ވަންނަންދެން އިހަށް މަޑުން ތިބުމަށެވެ.
އަހަރެން އިރުކޮޅުކޮޅާ ގޮސް ވަރަށް ސިއްރުން ބޭރު ބަލައިލަމެވެ. މަންމަ ހަމަ އެއިން ގޮތަށް ގުޑިވެސް ނުލާ އެބަ އިނެވެ. އެކަހަލަ ހާލެއްގަ ތެޅި ތެޅި ހުއްޓާ ހަތަރު ގަޑި ބައިވެ ބޮޑުވެއްޖެއެވެ. ދެން ފެނުނީ މިސްކިތަށް ދާން ބައްޕަ ނިކުތް ތަނެވެ. ބައްޕަ ފެނުމާއެކު މަންމަ ފުންމައިގެން ޖޯލިން ތެދުވެއްޖެއެވެ. އަހަރެން ހުރީ ކާޓޭން ކުޑަކޮށް ކަހާލައިގެން ސިއްރުން އެ މަންޒަރު ބަލާށެވެ.
“ޝާކިރު މަޑު ކުރޭ..ހީރާގެ ކޮޓަރި ތެރޭ އެބޮތް އެސޮރު..އެ ޖުނޫމް އެއް މި ގެއިން ނެރެފަ ނޫނީ ޝާކިރު ގޮސް ގެން ނުވާނެ..” ނުރުހުންވެލާފަ މަންމަ ބުނެލި އަޑު އިވުނެވެ. އަހަރެންގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިއެވެ. ގަތް ބިރުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އަހަރެންގެ ދުވަސް ހަމަ މިދިޔައީއެވެ. މިއަދު މަންމަ އަހަރެން ބިމުގެ އަޑީގައި ވަޅުލާނެ ކަން ޔަގީނެވެ. އެކަމަކު މަންމައަށް އެކަމެއް މި އެނގުނީ ކިހިނެއްހެއްޔެވެ.
“ހީރާ..ހަމަ މިހާރު ދޮރު ހުޅުވާ..” ހިނދުކޮޅެއްގެ ތެރޭގަ އިވުނީ ބައްޕަ އައިސް އަހަރެންގެ ކޮޓަރި ދޮރުގަ ތަޅައިގަތް އަޑެވެ. އެމީހުން އަތުގަ ޑަބަލް ކީ ނެތް ކަންވެސް އެއީ އަހަރެންގެ ނަސީބެވެ. ހާސްވެގެން އަހަރެން ތެޅިފޮޅިގަތީމެވެ. ފާހަނާއަށްވެސް ޖުނޫމް ވެއްދޭކަށް ނެތެވެ. ބައްޕަ ކޮޓަރިއަށްވަދެ ހުރިހާތަނެއް ފާސް ކުރާނެކަން ޔަގީނެވެ. މޮޔަ ވެފަ ހުރި މީހެއް ހެން އެނބުރެނިކޮށް އަހަންނަށް ފެނުނީ ޖުނޫމް ގޮދަނޑި ހިއްލައިލިތަނެވެ. އޭނާ އުންމީދުގެ ގޮތަކަށް އަހަންނަށް ބަލައިލިއެވެ. އެ ގޮދަނޑި ދަށުގަ ޓައިލްސް ތަކާ ދެމެދުގަ ޖުނޫމް ވަރުގެ ފިރިހެނަކަށް އޮވެވޭނެ ޖާގަ އެބަ ހުއްޓެވެ. އެ އެނދަކީވެސް ވަށައިގެން ފިލާ ޖަހާފަ ވާ އެނދަކަށް ވުމުން ދަށުގަ މީހަކު ވިޔަސް ނުފެންނާނެއެވެ. ދެމީހުން ވެގެން އެ ބަރު ގޮދަނޑި އުފުލައިލީމެވެ. ޖުނޫމް ތިރިއަށް ފައިބާ ދަށުގަ އޮށޯތުމާއެކު އަހަރެން ގޮދަނޑި ވައްޓާލާ ބެޑްޝީޓްވެސް ރީތި ކޮށްލީމެވެ. އޭރުވެސް މެދުކެނޑުމެއްނެތި ބައްޕަ ދޮރުގަ ތަޅާ އަޑު އިވެއެވެ. ކޮންމެ ގޮތެއްވިޔަސް އަހަންނަށް ލިބިފަވާ ވަގުތު ކޮޅު ކިތަންމެ ހާވެސް ކުޑައެވެ. އަހަރެން އަވަސް އަވަހަށް ލައިގެން ހުރި ހެދުން ބާލާފައި ނިދަންލާ ހެދުން ވައްޓާލީމެވެ. އަދި ނިދި ވައްތަރު މޫނަށް ޖައްސަމުން ގޮސް ދޮރުހުޅުވީމެވެ. ކޮންމެ އަކަސް އެ ހިތްތެޅުނު ވަގުތު ކޮޅު ވަރަށް ފުރިހަމައަށް އަހަންނަށް އެކްޓް ކުރެވުނު ކަމަށް އަމިއްލައަށްވެސް ގަބޫލް ކުރެވުނެވެ. މިހެން ބުންޏަސް އެވަގުތު ކޮޅު އަހަރެން ހުރީ ވަރަށް ހާސްވެފައެވެ.
“ކިހިނެއްވީތަ..” ދޮރު މަތީގައި ހުރި ބައްޕައާ މުހާތަބް ކޮށް ނިދިއަޑަކުން އަހަރެން ބުނެލީމެވެ. ބައްޕަގެ މޫނުމަތީގައިވަނީ ނުރުހުމެވެ. އަނގައިން ނުބުނެ ބައްޕަ ދޮރު ބޮޑަށް ހުޅުވާލަމުން ކޮޓަރިތެރެއަށް ވަނެވެ. ބައްޕަގެ ހަރަކާތް ތަކަށް ބަލަމުން އަހަރެން އެނދުގަ އިށީނދެލީމެވެ. އޭރު މަންމަވެސް އައިސް ކޮޓަރި ދޮރުމަތީގައި މަޑުކޮށްލަނީއެވެ. އެވަގުތު އަހަންނަށް އެ މަންޒަރުން ސިފަވީ ފިލްމެއްގެ ޝޫޓިންގ އެއް ނަގަމުން ދިޔަހެނެވެ.
ބައްޕަ މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގަމުންގޮސް ފުރަތަމަވެސް ހުޅުވާލީ އަލަމާރިއެވެ. އެޔަށްފަހު ގޮސް ފާހާނާ ޗެކްކުރިއެވެ. އަހަންނަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ކޮންމެއަކަސް އަހަރެންގެ މި ކުޑަ ކޮޓަރި ތެރޭގައި ބަލާކަށް މާ ގިނަ އެއްޗެއްސެއްވެސް ނެތެވެ.
“މިތާކު ނެތޭ އެކަކުވެސް ހަސީނާ..” ދޮރުފަތިގަނޑު ދަށް ބަލައިލާފައި ބައްޕަ މަންމައާ މުހާތަބުކޮށް ބުނެލިއެވެ.
އޭރުވެސް މަންމަ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. “އެހެނެއް ނުވާނެ…އެ ޖުނޫމް އޭ ކިޔާ މީހަކު މި ކޮޓަރި ތެރޭ ވެއްޖެ..” އުނަގަނޑުގަ އަތް އަޅުވާލައިގެން ހުރެ މަންމަ ބުނެލިއެވެ.
“ޕިސްޕިސް މަންމާ…މިތާކު ނެތޭ މީހަކު..އަހަރެން ނިދާފަ އޮއްވާ އައިސް ތިގޮވީ..މަންމަ މާ ބޮޑަށް އަހަންނަށް ތި ޝައްކު ކުރަނީ..” ވަރަށް ދެރަވެލާފަ އަހަރެން ބުނެލީމެވެ.
ގޮތް ދޫނުކުރާން ވެގެން އައިސް މަންމަގެ ދެއަތުން ހުރިހާ ތަނެއް ބަލާ ފާސް ކުރިއެވެ. މަންމަ ހިތްހަމަ ޖެހުނީ އެހިސާބުންނެވެ. އަހަންނާ ދިމާލަށް ލޯ އަޅަލާފައި މަންމަ ނިކުމެގެން ހިނގައްޖެއެވެ. އޭރު ބައްޕަވެސް ގޮސްފިއެވެ. އަހަންނަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. ޝުކުރު ހުއްޓެވެ. ސަލާމަތްމިވީ ހަމަ ނަސީބުންނެވެ. އެހެނަސް މަންމައާ ބައްޕައަށް އެވަރަށް ދޮގުހަދަން ޖެހުނީތީ އަހަރެން އިންތިހާއަށް ދެރަވިއެވެ. ދޮގު ހެދުމަކީ އަހަރެންގެ ކިބައިގެ ވާކަމަކަށް ނުވާތީއެވެ. މަންމައަށް ޖުނޫމް އައިކަން އެނގުނު ގޮތަކާ މެދުގަވެސް އަހަރެންގެ ހިތް މިވަނީ ސުވާލުން ފުރިފައެވެ.
އަހަރެން އަވަހަށް ގޮސް އެ ބަރު ގޮދަނޑި އެކަނިމާއެކަނި އުފުލާލީމެވެ. އަވަހަށް ޖުނޫމް ނެގީމެވެ. ބޭރުތެރެވެސް އޭރު ވަނީ އަމާންވެފައެވެ. މަންމަވެސް މިހާރަކު ބޭރަކު ނެތެވެ. އަހަރެން އަވަހަށް ޖުނޫމް ކުޑަ ދޮރުން ނެރުނީމެވެ. ޖުނޫމް ގޮސް ގޭގެ އުސް ފާރުން ބޭރަށް ފުންމާލަންދެންވެސް އަހަންނަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ނަސީބަކުން މީހަކަށް ނުފެނި މިގެއިން އޭނަ ނެރެވިއްޖެއެވެ. އަހަންނަށް ހިތްހަމަ ޖެހުމާއެކު ފުންނޭވާއެއް ލެވުނެވެ. މިރޭ މި ސަލާމަތްވިޔެކޭވެސް ނުކިޔާނެއެވެ. ފަޅާ އެރިނަމަ އަހަރެންގެ ދުވަސް ދިޔައީހެވެ. މިރޭ މިތެޅެން ޖެހުނު ހާލު ދުވަހަކުވެސް ހިތަކުން ނުފިލާނެއެވެ. އެރޭ އަހަރެން އަޒުމް ކަނޑަ އެޅީ ދުވަހަކުވެސް ދެން އެފަދަ ގޮތަކަށް ބައްދަލު ނުކުރާށެވެ.
ބަދިގެ ތެރޭގައި އަހަރެން އުޅުނީ މެންދުރަށް ކައްކާށެވެ. މިއަދުގެ ކެއުން ވަރަށް ހާއްސަ ވާން އެބަޖެހެއެވެ. މިއަދު އަހަރެންގެ ކަޒިންއެއް ކަމަށް ވާ ނަޝާ މިރަށަށް އެބަ އާދެއެވެ. މަންމަ ވީ ފެރީ ލަފާ ތަނަށް ނަޝާ ބަލާ ގޮހެވެ.
ނަޝާ އަކީ މަންމަ އެއްބަޑު އެއްބަފާ އަންހެނެއްގެ ދަރިއެކެވެ. ރަށުގަ އުޅުން އިރު އަހަރެންގެ ކްލާސް މޭޓެކެވެ. އުމުރުން އަހަންނާ އެއްވަރެވެ. ނަޝާމެން އަދިވެސް ދިރިއުޅެނީ އަހަރެމެން ކުރިން ފައިބައިގެން އައި ރަށުގައެވެ. މަންމަ ފަރާތު އާއިލާގެ ބޮޑު ބައެއް އަދިވެސް ތިބީ އެރަށުގައެވެ. އެމީހުން ރަށް ދޫކޮށްފަ އެހެން ތަނަކަށް ހިޖުރަ ކުރަން ބޭނުން ނުވަނީއެވެ.
ނަޝާ މިރަށަށް (ފުނަދޫ) އެއަންނަނީ އޭނާއަށް ލިބުނު ވޯކް ސޮޕެއްގައެވެ. ނަޝާ އަކީ އެމީހުން އުޅޭ ރަށުގަ ސްކޫލް ގަ ޕްރައިމަރީ ގްރޭޑް ތަކަށް ކިޔަވައިދޭ ހަރުދަނާ ޒުވާނެކެވެ. އެއީ އަހަރެންގެ ކަޒިން ކުދިންތަކުގެ ތެރެއިން އަހަރެން އެންމެ ލޯބިވާ ކަޒިންއެވެ. އެއީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ ރަނގަޅު ކުއްޖެކެވެ. އަހަރެންގެ އަތުގަ ފޯނު ނެތުމާއެކު ނަޝާ އާ ވާހަކަ ނުދެއްކޭތާ ވަރަށް ދުވަސް ވެއްޖެއެވެ.
މޭޒު މަތީގައި ތަށިތަށް އަތުރަން ހުއްޓާ މަންމަ ނަޝާއާއެކު އައިސް ގެއަށް ވަދެއްޖެއެވެ. އަހަރެން ފެނިލުމާއެކު ނަޝާ ހިނިތުންވެލިއެވެ. މަންމަ މެން އައިކަން އެނގުމުން ބޭރުގަ ތިބި އަހަރެންގެ ދައްތަމެންވެސް އައިސް ގެއަށް ވަދެއްޖެއެވެ.
“މިހުރިހާ އެއްޗެއްވެސް ހެދީ ހަމަ ހީރާތަ…ހާދަ ކުޅަދާނައޭ ދޯ..އަހަންނަކަށް ނޭނގޭނެ މިހާ މީރުކޮށް ކައްކާކަށް..” ޑެވިލްޑް ޗިކަން އާ ފްރައިޑް ރައިސް މީރުކޮށް ކާން އިނދެ ނަޝާ ކިޔަމުން ދިޔައެވެ. އޭނާގެ ކޮންމެ ވާހަކަޔަކަށްވެސް ލުއި ހިނިތުންވުމަކުން އަހަރެން ރައްދު ދެމުންދިޔައީއެވެ.
ނަޝާ ގެ ތައުރީފުގެ ބަސްތަކުން އަހަރެންގެ ހިތަށް ހަމަ ޖެހުމެއް ލިބުނެވެ. އަހަރެން ކެއްކި އެއްޗެއް މީރުވެގެން މިއިން ދުވަހަކުވެސް މީހަކު ތައުރީފެއް ނުކުރެއެވެ. ނަޝާގެ ސަބަބުން އަހަރެންގެ ފޫހިފިލާ އެކަނި ވެރިކަމަށް ލުއެއް ލިބުނެވެ.
ނަޝާ އަހަންނާ މާ ގާތް ކޮށް އުޅޭތީ އަހަރެންގެ ދައްތަ މެނަށް އެކަން ހަޖަމެއް ނުވިއެވެ. އެމީހުން ބޭނުންވީ ނަޝާ ގެ ހިތުގަވެސް އަހަންނާމެދު ފޫހިކަން އުފައްދަން ކަންނޭނގެއެވެ. އަހަންނަށް ކުޑަވެސް އުފަލެއް ލިބުމަށް އެމީހުން ނުރުހޭނެކަން އަހަންނަށް ޔަގީންވެއެވެ. އެތިން މީހުންވެސް އަހަންނާ އެވަރަށް ޖެހިފަ އެތިބެނީ ކީއްވެބާއޭ އަބަދުވެސް ހިތަށް އަރައެވެ. ގައިމު އެއީ ހަމަ އަހަރެންގެ އެއްބަޑު އެއްބަފާ ދައްތަ މެންވިއްޔާއެވެ. ނަމަވެސް ހަނދާން ހުންނަން ފެށީން ސުރެ އެމީހުން ކޮންމެ ކަމެއްގާވެސް އަހަރެން ބާކީ ކުރެއެވެ. ރޮއެރޮއެ ހުއްޓާވެސް އަހަރެން ބަހައްޓާފަ ކިތަންމެ ތަނަކަށް އެމީހުން ދިޔައެވެ. އެއީ އެކުއެކީގަ ބޮޑުވި ތިން މީހުންނެވެ. އެއިން ކޮންމެ މީހެއްގެވެސް އުމުރުގައިވެސް ހުރީ އަހަރެއްހާ ދުވަހުގެ ތަފާތެވެ.
“ވިސް ނައިގެން އުޅޭޗޭ އިނގޭ ނަޝާ..ބައެއް ފަހަރު ތަންދޮރު ނުބަލާ ބައެއް ކަހަލަ މީހުން މާ ގާތް ކުރީމަ ލަނޑު ލިބިދާނެ..ނަޝާ އަށްވެސް ޖިންނި އަވަލަދާނެ..” އަހަންނަށް ބަލައިލާފަ ޖެއްސުމުގެ ފާޑަކަށް ދޮންތަ ބުނެލިއެވެ. ދޮންތަ އެ އިޝާރާތް ކުރީ އަހަންނާ ޖުނޫމް އަށް ކަން ޔަގީނެވެ. ދެރަވެފަ އަހަރެން ދޮންތައަށާ ނަޝާ ގެ މޫނަށް ބަލައިލީމެވެ.
ނަސީބަކުން ނަޝާއަށް މާ ބޮޑަށް ދޮންތަ ބުނި އެއްޗެއް ފަހުމް އެއް ނުވިއެވެ. އޭނާ ކީކޭ ހޭ އަހާލަފައި މާ ބޮޑު ކަމަކަށް ނުހަދާ އުޅުނީ ކުދިވެރިންނާގެންނެވެ.
ކޮޓަރި ތެރޭގައިވަނީ ފަނޑު އަލިކަމެވެ. އަހަރެން އޮތީ ނިދަން އަރައެވެ. ނަމަވެސް ލޮލަކު ނިންޖެއްނުވެއެވެ. މިއަދު ދޯންޏެއް ދިމާވި މައްސަލައެއްގާ މަހަށް ނުދާތީ މިރޭ މަސްކައްކާ އުޅޭ ކަށް ނުޖެހުނެވެ.
ކިންގްސައިޒް އެނދުގެ އަނެއްފަރާތުގަ އޮތް ނަޝާއަށް އަހަރެން ބަލައިލީމެވެ. އޭނާ އޮތީ ފޯނުން އޭނާގެ ލޯބިވެރިޔާއާ ޗެޓް ކުރާށެވެ. އަހަންނަށް ކަޅި ޖަހާ ނުލާ ބެލުނީ ނަޝާގެ ފޯނަށެވެ. ނަޝާ ހާދަ ނަސީބު ގަދައޭ ހިތަށް އެރިއެވެ. ނަޝާގެ ދިރިއުޅުން ކިހާ އުފާވެރި ހެއްޔެވެ. އަބަދުވެސް ނަޝާގެ ތުންފަތްމަތީގައި އެވަނީ ހިނިތުންވުމެވެ. އަހަރެންގެ ބަދު ނަސީބު ހާލާ މެދު އަހަންނަށް އެވަގުތު ހިތާހިތުން ރޮވުނެވެ. އަހަރެން ވެސް މީ ނަޝާ ފަދަ ޒުވާން ކުއްޖެކެވެ. ނަމަވެސް އަހަރެންގެ އަތުގަ ލޯބިވެރިޔާއާ އަނގައިން ބުނެލާނެ ފޯނެއްވެސް ނެތެވެ.
އެހެން އަހަރެން ބަލަން އޮއްވާ ބާލީސް ދަށަށް ފޯނު ލާފައި ނަޝާ އަހަންނާ ވީ ފަރާތަށް އެނބުރިލިއެވެ.
” ހޭ ހީރާ..ނިދަނީތަ…އަހަރެން ވާހަކައެއް އަހާލަންތަ” ނަޝާ ބުނެލިއެވެ.
“ހޫމް..ބުނެބަލަ..”
“ހީރާ ގެ މިޒާޖު މިހާރު ހާދަ ބަދަލް ވެއްޖޭ.. ކަމަކާ ވަރަށް ބޮޑަށް ހިތާމަ ކުރާހެން ވަރަށް ހީވޭ..އަހަންނަށް ޓްރަސްޓް ކޮށްފަ ތިވެގެން އުޅޭ ގޮތް ކިޔާދީފާނަންތަ..ތީ ރަށުން އަހަންނަށް ފެނުނު ހީރާއެއް ނޫން..މިގޭގަ މިހޭދަވީ އެއްދުވަސް ތެރޭގައިވެސް މިގޭ މީހުން ވަރަށް ބޮޑަށް ހީރާ އެކަހެރިކޮށްފަ ބަހައްޓާކަށް އަހަންނަށް ފާހަގަ ވެއްޖެ..ކިހިނެއްވެގެންތަ މިއުޅެނީ..ހީރާގެ މަންމަ ވެސް ހީރާއާ ވާހަކަ ދެއްކި ތަނެއް އަހަރެން ނުދެކެން..” ނަޝާ އަހަރެން ގެ މޫނަށް ބަލަމުން ވަރަށް ސީރިއަސް ކަމާއެކު ވާހަކަ ދެއްކިއެވެ. ނަޝާގެ ވާހަކަތަށް އަޑު އަހަން ހިމޭން ކަމާއެކު އޮތް އިރު އަހަރެންގެ ހިތަށް ފާޑަކަށް އަސަރު ކުރަމުންދިޔައެވެ. އެއްމެ އިންސާނަކަށް ނަމަވެސް އަހަރެންގެ މި އެކަނިވެރި ދިރިއުޅުން ފާހަގަވެގެން މިކަމާ ވާހަކަދެއްކީތީ ހިތަށް ހިތްހަމަ ޖެހުމެއްވެސް ވެރިވިއެވެ.
އެވަގުތު އަހަރެންގެ ހިތަށް އެރީ ކީކޭ ކަމެއްވެސް ނޭނގެއެވެ. އަހަރެން ބޭނުންވީ ނަޝާއަށް ހުރިހާ ވާހަކައެއްވެސް ކިޔާދޭށެއެވެ. މިއޮއްހާ ދުވަހު އަހަރެންގެ ހިތުގަ ފޮރުވިފަވާ ޝަކުވާތަށް ނަޝާގެ ކުރިމަށްޗަށް ބަންޑުން ކޮށްލާށެވެ. މިއީ ދުވަހަކުވެސް މީހަކަށް ކިޔާދިން ވާހަކަތަކަކަށް ނުވިޔަސް ނަޝާ އަށް އަހަރެންގެ ދިރިއުޅުމުގެ ހާލަތު ކިޔާދޭން ނިންމީމެވެ.
“އަހަންނަކަށް ނޭނގެ ނަޝް…އާއިލާ ތެރޭގައި މުޅިން އަހަރެން މިހުންނަނީ ބާކީވެފަ…އަދި ހާއްސަކޮށް ފެށުނީއްސުރެން ދައްތަމެން އައީ އަހަންނަށް އަނިޔާ ދެމުން..ނަޝާ އަށް އެނގޭނެ ރަށުގަ އުޅުން އިރުވެސް ދައްތަމެން އަހަންނަށް ހަދާލާ ގޮތް….އެމީހުން އޭރުގަވެސް މަޖާ ގަނޑު ތަކާ އެއްޗެހި ހަދައިގެން ތަންތަނަށް ދާނެ އަހަރެން ނުލާ..އަހަންނަށް މިހާރު ޔަގީން ކުރެވޭ އާއިލާ ތެރޭ އަހަރެން ދެކެ ލޯބިވާ އެކަކުވެސް ނެތް ކަން.. މަންމަވެސް ބައްޕަވެސް ދުވަހަކުވެސް އަހަންނަށް ދަރިފުޅާ އޭ ކިޔާފަ ގޮވާލި ހަނދާނެއްވެސް ނުވޭ..އަބަދުވެސް ކިޔާނީ ނަމުން ހަމަ..މަންމަ މެން އުޅޭ ގޮތުން ދޮންތަ ވަރުގެ ދަރިއެއް ނެތް ހެން ހީވަނީ..ދޮށީ ދަރިފުޅު ވީމަ ކަންނޭނގެ އެހާ ލޯބިވަނީ..ދޮންތަގެ ހަތަރެސް ފައިގަވެސް މަންމަ މެން ރަން ކެވެލި އަޅުވާދީފަ އެހުންނަނީ…އެކަމަކުވެސް ދުވަހަކުވެސް އަހަރެން ޝަކުވާއެއް ނުކުރަމޭ..މަންމައަށް ވުރެ ބޮޑަށްވެސް ބައްޕަ އަހަރެންދެކެ ރުޅި އަންނަހެން ހީވަނީ…ބައްޕަ އަހަންނާ އަނގައިން ބުނާނީވެސް ކޮންމެ ހެން ބުނަން ޖެހިގެން..ވެދާނެ ފަހަރެއްގަ ފިރިހެން ދަރިއަކު ނެތީމަ ހުސް އަންހެންދަރިންވީމަ ރުޅި އަންނަނީ ކަމަށްވެސް..ވަރަށް ދެރަވޭ މިގޮތަށް އާއިލަ ތެރޭގައި ތަފާތުކުރުން ގެންގުޅެތީ..” އަހަރެން ދައްކަ ދައްކާ ހުރި ވާހަކަތަށް ހުއްޓާލީ އަހަންނަށް ރޮވޭގޮތް ވީމައެވެ. އަހަންނަށްވީ ގޮތް ފެނުމުން ހިއްވަރުދޭން ނަޝާ އަހަރެންގެ އަތުގަ ހިފާ ބާރުކޮށްލިއެވެ. އަހަރެން ދެން އަނގައިން ނުބުނެ މަޑުން އޮތީ ހަމަޔަކަށް އެޅިލަން ދެނެވެ.
އަހަރެން ދެން ބޭނުންވީ ނަޝާއަށް ޖުނޫމް ގެ ވާހަކަތަށް ކިޔާދޭށެއެވެ. ޖުނޫމްގެ ނަން އިވުމާއެކު ނަޝާގެ މޫނު މައްޗަށް އެރި ކުލަވަރު އަހަރެން ދުށީމެވެ. އެ މޫނުން އާދަޔާ ހިލާފް އަސަރުތަކެއް ފެނުނެވެ. ސުވާލުގެ ނަޒަރަކުން އަހަރެން ބަލައިލުމުން އޭނާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.



Nice ingay
thankss faathi..bt haadha avahakasheyy thikiyaalyy
hi all…maayoos vefaa ge 5 vana part miothy…hope kuran hamudhaanekamah..
Thankolheh dhigu koh wahaka eh liyany kon dhuwahakun? Kuru stories eha kamaku nudhey… but story warah Salhi adhi hama…
thank u for the comment shimaa… neyge dhigu story eh ehaa avahah liyevidhaane kameh.. thibunihen mi storyy v avahah nimeyne
v nice❤
vv reethi..??
Wow ! V v salhi mi story. Nashaa any junoom he x eh kanneyge. Heekuran dhen part eh miah vureh dhigu kollaane kamah. Waiting for next part.
thankss aishaa…yap vedhaane dhww
v reethi…v inthizaarukohfin mi vahaka ah..nextga junoon aky kaaku kan engen beynu…
thihaa inthixaaruga mi storyy kiyaalaa hithun huryma hama v thankss
Nice stry. I feel like im reading my life stry.
Gux luck. ☺
V salhi
V nice. …kihineh vaan baa eulheny junoom n nasha aa kn gulhumeh
thankooo…vaan ulheyy gotheh egeynyy maadhamaa
Lyv junoom hyraa…. Even I have experienced such a loser bf… Eyna bunaagothah hurihaa Kameh kuran vx jehenyy… I fyl relieved after leaving himm
Heyyy…its nice storyy..reesham thy konrashsku kujjehthr
thankss nooo..reesham mee foakaidhoo igeyy
Thankolheh kuree…ekamuves v reethi mi part ves…dhn dhigu kohllahcheh?
alheyy appyy kuruthr…its morethan 1500 wordss..anywayy thankss tmrw ge part adhi miwah vure dhigukhleveythw balaanann igeyy
ooooooops… salhiyey hama
thankss rose
OMG ??? Junoom akeee Nasha ge BF kanneygey anehkaa.noonee junoom ge nubai amaluthah nasha ah egenee kanneyge.Mi story ge drama eh onna nama ey hitah araa.Best story i ever read in my lyf.
All the best ??
ohhh…thankss for the lovelyy comment aishath