
ނުހައްޤު ލޯބި (4 ވަނަ ބައި)
“ހަލޯ…” ފޯނު ކަންފަތުގައި ޖެހުމަށްފަހު ރާހުލް އެހެން ބުނެލީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ.
“ހަލޯ… ނީލޫ މުހައްމަދު އުޅުއްވާތޯ؟” އެކޮޅުން އެހެން ބުނުމުން ރާހުލް ފަހާފޮށި ދޮށުގައި އިން ނީލޫއަށް ގޮވާލިއެވެ. ނީލޫ އައިސް ފޯނު ކަންފަތުގައި ޖަހައި ވާހަކަ ދައްކަން ފެށިއެވެ.
“ހަލޯ.. މިއީ މުހައްމަދު މަސައްކަތް ކުރައްވާ އޮފީހުން އިނގޭތޯ…. މުހައްމަދު ގެ ބޮލަށް ދަގަނޑު ހޮޅިތަކެއް ވެއްޓި ވަރަށް ބޮޑަށް އަނިޔާ ވެގެން އެކަން އަންގާލުމަށް މިގުޅާލީ….” ނީލޫއަށް އެކޮޅުން އިވުނު ބަސްތައް ކަންފަތުގައި ގުގުމާލީ ހޮނުގުގުރިއެއް ފަދައިންނެވެ. އޭނާ މަޑުމަޑުން އަނެއް ފަރާތަށް އެނބުރުމަށްފަހު ސޯފާގައި ޓީވީ ބަލަން އިން ރާހުލްއަށާ ޝިޔާއަށް ބަލާލިއެވެ. އެއާއެކު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. އަތުން ވަރު ހުސްވެގެން ފޯނުގެ އަތްގަނޑު ދޫވިއެވެ. އެއާއެކު އޭނާގެ ބޮލަށް އެނބުރުން އަރައިގެން ވެއްޓެން ދިއައެވެ.
ރާހުލް އާއި ޝިޔާއަށް ސިހިފައި ފަހަތް ބަލާލެވުނީ ބާރު އަޑުފައްގަނޑެއް އިވުމުންނެވެ. ވެއްޓިފައިވާ އޭނާގެ މަންމަ ފެނުމުން ރާހުލް އަވަސް އަވަހަށް ދުވެފައި އެދިމާއަށް ދިއައިރު އޭނާގެ އަޑު މުޅި ގޭގައި ގުގުމާލިއެވެ. “މަންމާ!”
ނީލޫއަށް ހޭލެވުނު އިރު އޭނާ އޮތީ އެނދުގައި ބާއްވާފައެވެ. ކައިރީގައި ރާހުލް އާއި ޝިޔާ ތިބި އިރު އެދެމީހުންގެ ލޮލުގައި ވިދާބަބުޅަމުން ދިޔަ ކަރުނަތައް ފެނި ނީލޫގެ ހިތުގައި ރިއްސާލިއެވެ.
“ދަރިފުޅާ!” ނީލޫ އެންމެ ކައިރީގައި އިން ރާހުލްގެ ގައިގައި ބައްދައިގަނެ ރޯން ފެށިއެވެ. “ދަރިފުޅާ! ބައްޕަ… ބައްޕަ…. ހިނގާބަލަ ބައްޕަ ކައިރިއަށް ދާން… ބައްޕައަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ….” ނީލޫ ރޮމުން ރޮމުން އެނދުން ތެދުވަން މަސައްކަތްކުރިއެވެ. އެވަގުތު ރާހުލް ނީލޫގެ ކޮނޑުގައި ހިފައި އެނދުގައި ބާއްވަން އުޅުނެވެ.
“ނޫން މަންމާ… މަންމަ އޯކޭ އެއް ނޫނެއްނު.. ނުތެދުވޭ…” ރާހުލް އެހެން ބުނުމުން ވެސް ނީލޫ ދިއައީ ގަދަ ހަަދަމުންނެވެ. މުހައްމަދު ގާތަށް ގެންގޮސްދޭށޭ ކިޔައި އާދޭސްކުރަމުންނެވެ. އެންމެ ފަހުން ރާހުލްއާއި ޝިޔާއަށް ވެސް ނީލޫ އުޅޭ ގޮތުން ކެއް ނުވެގެން އެންމެ ފަހުން މުހައްމަދު ގާތަށް ދާން އެއްބަސްވިއެވެ. ނީލޫ މުހައްމަދު މަސައްކަތްކުރާ އޮފީހަށް ގުޅުމަށްފަހު އޭނާ އޮތީ ކޮން ހޮސްޕިޓަލެއްގައިތޯ އޮޅުން ފިލުވިއެވެ. އަދި ތިން މީހުން ޓެކްސީއަކަށް އަރައިގެން އެ ހޮސްޕިޓަލާ ދިމާއަށް މިސްރާބުޖެހިއެވެ. ދިޔަ މަގުމަތީގައި ޝިޔާ ރިޔާއަށް ގުޅައި ބައްޕަގެ ހާލު އެންގިއެވެ. އެއާއެކު ރިޔާ ވެސް ވަރަށް އަވަހަށް އަންނާނެ ކަމުގައި ބުނެ ފޯނު ބޭއްވިއެވެ.
މުހައްމަދު ބާއްވާފައި އޮތް އެމެޖެންސީ ރޫމާ ދިމާއަށް ނީލޫ ދިއައީ ދުވެފައެވެ. ފަހަތުން ކަހަލަ ގޮތަކަށް ރާހުލް އާއި ޝިޔާ ވެސް ދިއައެވެ. ރޫމުގެ ދޮރުމައްޗަށް އެރުނުތަނާހެން ދެތިން ނަރުހަކު އެތަނުން ހުދު ފޮތިގަނޑެއް އަޅާފައި އޮތް އެނދެއް ނެރުމުން ނީލޫ ވަގުތުން ހުއްޓުނެވެ. އަދި މަޑުމަޑުން ގޮސް އެ ފޮތިގަނޑު ހިއްލާލިއެވެ. ޒަޚަމްވެފައިވާ މުހައްމަދުގެ މޫނު ފެނުމުން ނީލޫއަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. ވަގުތުން ފޮތިގަނޑުން ދޫކޮށްލުމަށްފަހު ހުރި ތަނަށް ތިރިވިއެވެ. ރާހުލްއާއި ޝިޔާއަށް ވެސް މިމަންޒަރު ފެނުމުން ތިބީ ގަބު އަރާފައެވެ.
“ތީ މި ބޭފުޅާގެ އާއިލާ މީހުންތޯ؟” އެނދުކައިރީގައި ހުރި ޑޮކްޓަރު ނީލޫއާ ސުވާލު ކުރިއެވެ. ނަމަވެސް ނީލޫ ތަޅުންގަނޑުގައި އެއިން ގޮތަށް އިނީއެވެ. ރާހުލްއާއި ޝިޔާ ވެސް ތިބި ގޮތް ފެނިފައި އެތާ ހުރި މުހައްމަދުގެ އޮފީހުގައި މަސައްކަތް ކުރާ މީހުންތައް ގޮސް ޑޮކްޓަރާ ވާހަކަ ދައްކަން ފެށިއެވެ. އެނދު ކޮއްޕަމުން ގެންގޮސް ކުރޮމަތިން އޮބާލަންދެން ނީލޫ އެއަށް ބަލަހައްޓައިގެން ހުއްޓެވެ.
“ސޮރީ… ޑޮކްޓަރު ބުނުއްވީ ސަލާމަތް ކުރަން ވަރަށް މަސައްކަތް ކުރި ކަމަށް…. އެކަމަކު…” އެ އޮފީހުގައި މަސައްކަތްކުރާ މީހެއް ކަމައްވާ ނަދޭޝް އައިސް ނީލޫގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ. އެއަޑުގައި ހިތާމައާއި ރިހުން އެކުލެވިފައިވިއެވެ.
“ނޫން….” ނީލޫއަށް މަޑުމަޑުން އެހެން ބުނެލެވުނު އިރު އެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފަށައިފިއެވެ. ގަބުވެފައި ކޮޅަށް ތިބި ރާހުލް އާއި ޝިޔާ އަށް ބަލާލުމުން އެ ހިތުގައި އަޅާ ރިހުން އިހުނަށް ވުރެވެސް ގަދަވިއެވެ. އޭނާގެ ލޯބިވާ ފިރިމީހާ އޭނާއާ ވަކިވެގެން އެދިއައީ ކުދިންކޮޅު ޔަތީމުކޮއްފައެވެ. އެކުދިންގެ މުސްތަޤުބަލު އަނދިރިވެގެން ދިޔަކަމުގެ އިހުސާސް އެވަގުތު އޭނާއަށް ކުރެވެން ފެށިއެވެ.
“މަންމާ! ކޮބާތަ ބައްޕަ؟” ނީލޫއަށް ސިހުން ލިބުނީ ދުވެފައި އައިސް ކައިރީގައި ހުއްޓިލި ރިޔާ ފެނިފައެވެ. ރިޔާ ފެނުމުން އޭނާ ރޮމުން ރޮމުން ގޮސް އެކުއްޖާ ގައިގައި ބައްދާލިއެވެ.
“މަންމާ… ކިހިނެއްތަވީ؟” ރިޔާ އަހާ އަހާ ވެސް ނީލޫއަކަށް ޖަވާބު ދެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ ރާހުލް އާއި ޝިޔާ ގާތު އަހަން ފެށިއެވެ. އެދެމިހުން ތިބި ގޮތް ފެނިފައި ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ އިހުސާސް ރިޔާއަށް ކުރެވެން ފެށިއެވެ. އެއިން އެކަކުވެސް އޭނާ އަަހަމުން ދިޔަ ސުވާލަކަށް ޖަވާބެއް ނުދިނެވެ.
“ރާހުލް! ކޮބާހޭ ބައްޕަ ؟؟ މިއަހަނީ ކޮބާހޭ ބައްޕަ؟ ވެގެން އުޅޭ ގޮތެއް ބުނާށޭ!” ރިޔާ ރާހުލްގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ބާރަކަށް ބުނެލިއެވެ. އޭރު އޭނާ ހުރީ ހިސާބަކަށް ރުޅިވެސް ގަދަވެފައެވެ.
“ކޮއްކޯ….” ރިޔާ ސިހުނީ މީހަކު ފަހަތުން އޭނާގެ ކޮނޑުގައި އަތް ބާއްވާލަމުންނެވެ. އޭރު ފަހަތުގައި ނަދޭޝް ދެރަވެފައި ހުއްޓެވެ. “ބައްޕަ ނިޔާވެއްޖެ…” ރިޔާއަށް މިއަޑު އިވުމުން ހިން ދިރުވާލެވުނެވެ. “ހިތްވަރުކުރާތި..” ނަދޭޝް އެހެން ބުނުމުން ރިޔާ ނަދޭޝްގެ މޭގައި އަޅައި ދުރަށް ކޮއްޕާލިއެވެ.
“ނޫން! މަގޭ ބައްޕައެއް މަރެއްނުވާނެ…!” ރިޔާ ނަދޭޝް އާ ދިމާއަށް ބާރަކަށް ބުނެލިއެެވެ. ދެވަނަ ސިކުންތުގައި އޭނާ ގިސްލަ ގިސްލާފައި ރޯން ފެށީ ކުޑަކުއްޖެއް ފަދައިންނެވެ. މީހަކާ އިނދެގެން އެހެން ގެއެއްގައި އުޅުނު ނަމަވެސް އޭނާ ބައްޕަ ދެކެ ނުލާހިކު ލޯބި ވެއެވެ. އޭނާ މިވަރުކޮއްފައި އެހުރީ އެބައްޕަގެ ނިމުމެއް ނެތް ލޯތްބާއި ކުލުނު ދީގެންނެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. މަރަކީ ހަމަ ކޮންމެ މީހަކުވެސް ކުރިމަތިލާންޖެހޭނެ ދުވަހެކެވެ. އޭނާ ކެތްކުރާނެއެވެ. އޭނާގެ ހުރި ދެކޮއްކޮ އާއި މަންމައަށްޓަކައެވެ.
މުހައްމަދުގެ ޖަނާޒާގެ ކަންތައް ނިމުނު ފަހުން ދެދުވަސްވީއިރުވެސް ރާހުލްގެ ކަމަކީ އަބަދު ރުއިމާއި ހިތާމަކުރުމެވެ. އޭނާގެ އަރުތެރެއިން އެއްޗެއް ނުދިރޭތާ ގައިގައި ވަރު ނުހުންނާތީ ސްކޫލަކަށްވެސް ނުދެވެއެވެ. އެދުވަހަށްފަހު ރިޔާ އެގެއަށް ބަދަލުވީ މަންމަމެންނަށް އެހީތެރިވާށެވެ. ނީލޫ އެއްގޮތަކަށްވެސް ކޮޓަރިން ނިކުމެ ނޫޅޭތީ ގޭތެރޭގެ ހުރިހާ މަސައްކަތެއްވެސް ހިތްވަރާއެކު ކޮއް އުޅެނީ ރިޔާއެވެ. ޝިޔާ ވެސް ކޮންމެވެސް ވަރަކަށް ރިޔާ އަށް އެހީވެދީ އުޅުނު ނަމަވެސް ބައްޕަ ނިޔާވި ފަހުން އޭނާ އަބަދު ހުންނަނީ މިލާ މޯޅިވެފައެވެ.
މުހައްމަދު ނިޔާވިތާ ހަފްތާއެެެއް ފަހެވެ. ރިޔާ އާދައިގެ މަތިން ކާއެއްޗެހި ތަބަކަކަށް ލައިގެން ނީލޫގެ ކޮޓަރިއަށް ވަނެވެ. މިހާރު ނީލޫވެސް ވަނީ ކުޑަކޮށް ހަމައަކަށް އެޅެން ފަށާފައެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ނީލޫގެ އެނދުގެ އެއްފަރާތެއްގައި ނިދާފައި އޮތް ރާހުލް އެވެ. ރާހުލް މިކޮޓަރީގައި ނިދާފައި އޮތުމުން ރިޔާގެ ހިތުގައި ސުވާލު އުފެދުނެވެ. އެގޭގައި ހުންނަނީ ދެކޮޓަރިކަމުން ފެށުނީއްސުރެ ރާހުލް އާއި ޝިޔާ އަދި ރިޔާ ނިދައި އުޅެނީ އެއްކޮޓަރިއެއްގައެވެ. ރިޔާ ތަށިތައް ނީލޫގެ ކުރިމަތީގައި ބަހައްޓަމުން އެކަމާ މެދު ސުވާލުކޮއްލިއެވެ.
“ރޭގައި ޝިޔާ އައީ މަންމަ ގާތަށް… ބުނީ ރާހުލް ނިދީގައި އޮވެގެން ރޮނީއޯ… އަހަރެން ދިޔަ އިރު އޭނާ ރޮއި ހޭރެނީ…. އެހެންވެ މިކޮޓަރިއަށް ގެނައީ… ރޭގަ ވަރަށް ހުންވެސް ގަދަ…. ފެންފޮތި ލީމަ މިހާރު ތަންކޮޅެއް މަޑު…..” ނީލޫ އެހެން ބުނުމުން ރިޔާ ވިސްނާލިއެވެ. އޭނާ ފަތިހު ތެދުވިއިރު ރާހުލް އޮތްތޯ ރަނގަޅަށް ބަލައެއް ނުލެވެއެވެ. ބައްޕަ ނިޔާވުމާ ގުޅިގެން ރާހުލް އަށް ކޮއްފައިވާ އަސަރު ފެނުމުން އޭނާގެ ދެލޯ ފެންކަޅިވިއެވެ.
“ދަރިފުޅާ… މީ ކިހިނެއް ވަފައިތަ؟” ނީލޫ ރިޔާގެ މޫނުމަތީގައާއި ކަރު ދޮށުގައި ކަޅުވެފައިވާ ތަންތަންގަނޑު ފެންނަން ހުރުމުން އެތަން ދައްކާލަމުން އަހާލިއެވެ. އެވަގުތު ރިޔާ ދިއައީ ސިހިގެންނެވެ. ބައްޕަ މަރުވި ދުވަހު އޭނާ ހޮސްޕިޓަލަށް ދިޔަ އިރުވެސް އެ ނިޝާންތައް ހުންނާއެވެ. ނަމަވެސް ހިތަށް ކޮށްފައިވާ އަސަރާ ގުޅިގެން ކުރިން ނީލޫއަށް ވެސް އެކަން ފާހަގަ ނުވީއެވެ.
“ތީ… ތީ….” ރިޔާ މަސައްކަތް ކުރީ ހަޤީޤަތް ފޮރުވާށެވެ. ނަމަވެސް ނީލޫއަށް ދޮގު ހެދުމަކީ އުނގަދޫކަމެއްކަން އޭނާއަށް ވިސްނެއެވެ. އެވަގުތު އޭނާގެ ދެލޯ ފުރިގެން ބަންޑުން ވާން ފެށީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. ރޮމުން ގިސްލަމުން އޭނާ ނީލޫ ގައިގައި އޮޅުލައިގަތެވެ. ނީލޫ އޭނާގެ ބުރަކަށީގައި ފިރުމާލަމުން ވީކީއްތޯ ސުވާލުކުރީ އޯގާތެރިކަމާއެކުގައެވެ.
“މަންމާ…. މަންމާ… ޖަލާލު….” ރިޔާ އަށް ރޮމުން ރޮމުން ބުނެވުނީ އެހިސާބަށެވެ. އޭނާގެ ގިސްލުމަކަށް ހުއްޓުމެއް ނައެވެ. ޖަލާލަކީ ރިޔާގެ ފިރިމީހާއެވެ.
“ސުބުހާނަﷲ ކިހިނެއްވީތަ ރިޔާ ދަރިފުޅާ…. ؟ އަނެއްކާ….. ޖަލާލު އަނިޔާ ކުރަނީތަ ދަރިފުޅާ؟” ނީލޫ ރިޔާގެ ރޮއިރޮއި ދުޅަވެފައިވާ ދެލޮލަށް ބަލާލަމުން އަހާލިއެވެ. އެއާއެކު ރިޔާ ބޯޖަހާލިއެވެ. އޭރުވެސް އޭނާ ގެންދިއައީ ހުއްޓުމެއްނެތި ރޮމުންނެވެ.
“ދަރިފުޅާ ހުއްޓާލާ…. ދެން އެހެންވިއްޔާ ނުވާނެ އެގެއަށް ގޮސްގެނެއް…..” ނީލޫ ލޯތްބާއެކު ރިޔާ ގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
“ނޫން މަންމާ…. އަހަރެން މިތާ ހުރީމަ މަންމަމެންނަށް ކިހާ އުނދަގޫވާނެ…. ބައްޕަ ނެތީމަ ލާރި ހޯދަނީ ވެސް ކިހިނެއް؟ އަހަރެންނަށްވެސް އޭރުން މިގެއިން ޚަރަދު ދާނެ… އަަހަރެން އެގެއަށް ދާނީ….. ބައްޕަ ރާހުލްގެ ކިޔެވުމަށް ރައްކާކޮށްފަ ހުރި ލާރިކޮޅުވެސް މިހާރު އެދަނީ ހުސްވަމުން…… އަހަރެންގެ ސަބަބުން އިތުރު އުނދަގުލަކާ ކުރިމަތިކުރުވާކަށް ބޭނުމެއްނޫން މަންމާ…!” ރިޔާ ރޮމުން އުނދަގުލާއެކު ބުނެލިއެވެ. ނީލޫ ވިސްނާލިއެވެ. ރިޔާ އެބުނީ ވެސް ތެދެކެވެ. ރިޔާ އެގޭގައި ހުރުމުން އޭނާއަށްޓަކާ އިތުރު ޚަރަދެއްވެސް ދާނެއެވެ. ނަމަވެސް އެއަނިޔާވެރި ޖަލާލުގެ ގާތަށް އޭނާގެ ދަރިފުޅު ފޮނުވާކަށް އެހިތް އެއްބަހެއް ނުވިއެވެ.
“ނޫން ރިޔާ… ނުވާނެ ގޮސްގެނެއް… ދަރިފުޅަށް އަނިޔާ ލިބޭތަން ބަލަން މި މަންމައަކަށް ކެތެއް ނުވާނެ….” ނީލޫ ރިޔާގެ ގައިގައި ބައްދާލަމުން ވަރަށް ލޯބިން އެހެން ބުނެލިއެވެ. އަދި ރިޔާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަދިނެވެ. “މިޔަދުން މިޔަދަށް ދަރިފުޅު ޖެހޭނެ އޭނަ ގާތުން ވަރިވާން….” ނީލޫ ރިޔާ ގާތު ބުނެލިއެވެ.
“އެކަމަކު މަންމާ…. ރާހުލް ކޮއްކޮ އާ ޝިޔާ ކޮއްކޮގެ ގާތު މި ވާހަކަ ނުބުނައްޗޭ… އަހަރެން ނޭދެން އެދެކުދިންނަށް އިތުރު ހިތާމައެއް ދޭކަށެއް… އެދެކުދި…” ރިޔާގެ ވާހަކައަށް ހުއްޓުމެއް އައީ އޭނާ އާ ދިމާއަށް ބަލަހައްޓައިގެން ދެލޮލުން ކަރުނަ އައިސްފައިވާ ހާލު އޮތް ރާހުލް ފެނިފައެވެ. އެވަގުތު ރާހުލްއަށް ހުރިހާ ވާހަކަތަކެއް އަޑު އިވުނުކަން އޭނާއަށް ޔަޤީންވިއެވެ. ރިޔާ އާއި ނީލޫ ރާހުލް ގާތު ޝިޔާއާ ހަމައަށް އެވާހަކަތައް ނުގެންދިއުމަށް އެދުނެވެ.
އޭގެ ފަހުން ނީލޫ އަނެއްކާވެސް ފެހުމުގެ މަސައްކަތާއިގެން ކުރިއަށް ދިއައެވެ. ނަމަވެސް އެކަމުން އެކަށީގެންވާ އާމްދަނީއެއް ނުލިބެއެވެ. އެއްފަހަރު ކައިފިއްޔާ އެމީހުން އުޅެން ޖެހުނީ އަނެއް ފަހަރު ނުކައެވެ. ސްކޫލުގެ ފަހު އަހަރުކަމުން ނީލޫ ރާހުލް ގާތު އެދުނީ އެހެން އެއްވެސް ކަމަކާ ނުވިސްނާ ކިޔެވުމާއިގެން ކުރިއަށް ދިއުމަށެވެ. ނަމަވެސް ރާހުލް އަށް ވެސް ގޭތެރޭގައި ކަންތައް ވަމުންދާ ގޮތާ ދޭތެރޭ ވަރަށް ވިސްނެއެވެ. ފަހަކަށް އައިސް ރިޔާ އާއި ޝިޔާ ވެސް ކައިރި ގޭގެއަށް ގޮސް ނޯކަރީކޮއްދީ ހަދައެވެ. މި މަންޒަރުތައް ބަލަން ރާހުލް ގެ ހިތަށް ކެއް ނުވެއެވެ. އަނެއްކާ މިހާރަކަށް އައިސް ޝިޔާ ގާތަށް އަންނަނީ ވަރުގަދަ ރުޅިއެކެވެ. އެއްވެސް ކަމަކާ ނުލައި ރުޅިއައިސްގެން މީހުންނާ ދިމާއަށް އެއްޗެެހިވެސް ކިޔަން ފަށައިފާނެއެވެ. އެކަމުގެ ސަބަބުން ރާހުލް ދެރަވި ނަމަވެސް ޝިޔާ އަށް އެގޮތަށް ވަނީ ބައްޕަ ނިޔާވުމާ ގުޅިގެން ކޮއްފައިވާ އަސަރެއްގެ ބޮޑުކަމުން ކަމުގައި އޭނާ ޤަބޫލުކުރެއެވެ.
އެއްދުވަހަކު އޭނާ ސްކޫލުން އައިސް ގެއަށް ވަތް ވަގުތެވެ. އާދައިގެ މަތިން ނީލޫ އިނީ ފަހާފޮށި ދޮށުގައެވެ. ޝިޔާ އާއި ރިޔާ ވެސް ގޭތެރޭގައި އުޅުނެވެ. ހީވާ ގޮތުން އެމީހުން އެއައީ މިތާ ކައިރި ގެއަށް މަސައްކަތް ކުރަން ގޮސްފައެވެ. ޝިޔާ ދެބުމަ ގޮށް ޖަހައިގެން ސޯފާގައި އިން އިރު އެމޫނުމަތީގައިވާ ހިތްހަމަ ނުޖެހުން ރާހުލް އަށް ނަގައިގެނެވުނެވެ. ރާހުލް ޝިޔާގެ އެ ބަދަލުވެފައިވާ މިޒާޖުގެ ސަބަބުން ދެރަވެފައި އެދިމާއަށް ބަލަން ހުއްޓެވެ.
“އަދި އެބަ ބަލައެއްނު މިހިރަ މީހާ..!” ޝިޔާ ރުޅިއައިސްފައި ރާހުލް އާ ދިމާއަށް ހަޅޭއްލަވައިގަތް އަޑަށް ފަހާފޮށި ދޮށުގައި އިން ނީލޫ ވެސް އެދިމާއަށް ބަލާލިއެވެ. “މިގޭ ރަން ދަރި ފޮނި ވެފައި އަދި އެބަ ބަލައެއްނު މަށާ ދިމާއަށް! ކަލޭ އަރާމުގައި ސްކޫލަށް ގޮސް ކިޔަވާލާފައި އައީމަ ނިމުނީ ދޯ! އަހަރެމެން ބުރަކޮށް މަސައްކަތް ކޮއްގެން ލާރި ހޯދާފަ ކަލޭ އަންނަން ވާއިރަށް ކާން ހަދާފަ ދޯ ބަހައްޓަން ޖެހެނީ؟ ގޭގައި ފިރިހެނަކު ހުއްޓަސް ވާކަމެއް އޮތީކީ ނޫން!” ޝިޔާ ރާހުލް އާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮއްފައި ކިޔަމުން ދިއައެވެ. އޭނާ ކިޔަމުން ދިޔަ ކޮންމެ ބަހެއް ވިހަ ތީރެއްގެ ސިފައިގައި ރާހުލްގެ ހިތަށް ހެރެމުންދިއައެވެ. އޭނާގެ ދެލޯ ފެންކަޅިވެގެން ދިއައީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ.
“ޝިޔާ!” ރާހުލް އާ ދިމާއަށް އެއްޗެހި ކިޔާތަން ބަަލަން ކުޅަދާނަ ނުވެގެން ރިޔާ ނުރުހިފައި ޝިޔާއަށް ގޮވާލިއެވެ.
“ރިޔާ ދައްތަ ވެސް ހުރޭ މަޑުން އިނގޭ! މީނަ އަކަށް ވެސް ނޭނގުނު ވިއްޔަ އަމިއްލަ ފިރިމީހާ އާ އެކީ ރީތިކޮށް އުޅޭކަށް! ހިތަށް އަރާއިރަށް ވަރިވެގެން އަންނަންވީތަ މިގެއަށް؟ ގައިމު ޖަލީލާ އިނދެގެން އުޅުން ނަމަ ޖަލީލުގެ ފަރާތުންވެސް ކޮންމެވެސް ލާރިއެއް ލިބޭނެ ދޯ އަހަރެމެންނަށް! އެކަމަކު ނޫން! މީނަ ބޭނުންވީ ވަރިވާން…! އެވެސް އަހަރެމެން ހާލުގައި ޖެހުނު ދުވަހު…! އުނދަގޫ ކުރާކަށްނު ދޯ ތިވައްތަރަށް ތި އުޅެނީ؟” ރިޔާ އާ ދިމާއަށް އިނގިލި ދިއްކޮއްލަމުން ޝިޔާ އެހެން ބުނީ ދަތްކުނޑި ވިކާފައެވެ. އޭރު ރިޔާގެ ދެލޯވެސް ދިއައީ މަޑުމަޑުން ފެންކަޅިވަމުންނެވެ.
“ހުއްޓާލާ ޝިޔާ! ދޭ ހަމަ މިހާރު ކޮޓަރިއަށް…” ނީލޫ ތެދުވެ އެހެން ބުނުމުން އޭނާ ރާހުލް އާއި ރިޔާ އަށް ލޯ އަޅާލަމުން ދުވެފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
ރާހުލް އެއްޗެހި ބަަދަލުކޮށްގެން އައިސް ވިސްނާލިއެވެ. ޝިޔާ ވެސް އެބުނީ ދޮގެއް ނޫނެވެ. އާއިލާގެ އެހެން މީހުން މަސައްކަތް ކޮއްގެން ހޯދާ ލާރި އޭނާގެ ކިޔެވުމަށް ޚަރަދުވަމުން ދާއިރު އޭނާވެސް މިކަމާ މެދު ވިސްނަން އެބަޖެހެއެވެ. މިހާރު ދެން އޭނާއަށް ވާވަރަށް ކިޔެވިއްޖެއެވެ. ސްކޫލުން ކެނޑިގެން ވަޒީފާއެއް ހޯދިޔަސް މިހާލަތުގައި މާ ރަނގަޅުވާނެކަމުގައި އޭނާއަށް ވިސްނުނެވެ.
ރާހުލް ސްކޫލުން ކެނޑެން ބޭނުންވާ ވާހަކަ ނީލޫ ގާތު ބުނުމުން އޭނާ ވަގުތުން އެކަމަށް އިންކާރު ކުރިއެވެ. ނަމަވެސް ރާހުލް ނީލޫގެ އަޑެއް ނޭހިއެވެ. އޭނާ ސްކޫލުން ކެނޑިގެން ކައިރި ގެއެއްގެ ރޭނުމުގެ މަސައްކަތުގައި ބައިވެރިވިއެވެ. އޭރު އޭނާގެ އުމުރުން 20 އަހަރެވެ. ނީލޫ މިކަމާ ދެރަވި ނަމަވެސް ރާހުލް ވެސް އެކަން އެކުރަނީ އެއާއިލާއައްޓަކައި ކަން އޭނާއަށް ވިސްނުނެވެ.
މިގޮތުގައި އަހަރެއް ފާއިތުވެގެން ދިއައިރު މާ ބޮޑު ދަތިކަމެއް ނެތި އެއާއިލާ ދިރިއުޅެމުން ގެންދިއައެވެ. ނަމަވެސް އެކަން މާ ގިނަ ދުވަހަކަށް ދެމިގެނެއް ނުދިއައެވެ. ނީލޫއަށް ލޭގެ ކެންސަރު ޖެހުން ވެގެން ދިއައީ މުޅި އެއާއިލާ ހިތާމައިން ފޯކޮށްލި ކަމަކަށެވެ. ނީލޫއަށް ފަރުވާ ކުރުމަށްޓަކައި އަތުގައި ހުރިއްޔާ ހުރި ލާރިއެއް ހުސްވާން ފެށުމުން ރާހުލްގެ ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި އޭނާ އަބަދުހެން ވިސްނާ ފިކުރުކުރަން ފެށިއެވެ. އެންމެ ފަހުން މަސައްކަތް ކުރުމަށްޓަކައި އޭނާ ދިވެހިރާއްޖެއަށް ދިއުމަށް ގަސްތުކުރީ ޝިޔާގެ ލަފާގެ މަތިންނެވެ. އެ ޤައުމަށް ގޮސްފައި މުއްސަނދިންނަށް ވެގެން އަންނަ ބަންގްލަދޭޝް މީހުންގެ ވާހަކަ އޭނާ ވަނީ އަޑު އަހާފައެވެ. ރިޔާ މިކަމާ ދެކޮޅު ހެދި ނަމަވެސް ރާހުލް ވަނީ އޭނާގެ ނިންމުން ނިންމާފައެވެ. އޭނާގެ ލޯބިވާ މަންމަައަށް ބޭސްކުރުމަށްޓަކައި އޭނާ ކޮންމެ ފަދަކަމެއް ވެސް ކުރަން ބޭނުންވެއެވެ. ރާހުލް އަށް މި ޚިޔާލު ދިނީތީ ރިޔާ ޝިޔާ ދެކެ ވެސް ރުޅިއައެވެ.
ރާހުލް ރާއްޖެ ދާން އުޅޭ ހަބަރު ލިބުނުމުން ނީލޫ މިކަމާ ވަރަށް އިންކާރުކުރިއެވެ. ނަމަވެސް ރާހުލް ގޮތް ދޫ ނުކުރުމުން ނީލޫއަށް ޖެހުނީ އޭނާގެ ހަތިޔާރު ބަހައްޓާށެވެ. އެދުވަހު ނީލޫ ރާހުލް އަށް ދިން ނަސޭހަތްތައް އަދިވެސް އޭނާގެ ކަންފަތުފައި ހަރުލާފައި އެބަހުއްޓެވެ. “ދަރިފުޅާ…. ތިތަނަށް ދާއިރު ވިސްނާތި… ގެންގުޅޭ މީހާއަކީ ކިތަންމެ ރަނގަޅު މީހަކަށްވެސް އަދި ކިތަންމެ ގޯސް މީހަކަަށް ވެސް ވެދާނެ… ނަމަވެސް ކޮންމެ ގޮތެއް ވިޔަސް އެމީހުންގެ ބަސް ޤަބޫލުކޮށްގެން އުޅޭތި… ނަމަނަމަ އެމީހުންގެ އެއްޗަކަށް ގެއްލުންދީ ވައްކަންކޮށް ،މިފަދަ ވިޔާ ނުދާ ކަމެއް ނުކުރާތި… މަންމައަށް އެނގޭ ދަރިފުޅު އެފަދަ ކަންކަމެއް ނުކުރާނެކަން…. އެކަމަކުވެސް ބުނެލަދިނީ…. މަންމައަށް އެނގޭ ދަރިފުޅުގެ މަސައްކަތުން މަންމަ ރަނގަޅު ކުރާނެކަން….. ހިތްވަރުކުރާތި….”
#~#~#~#
ރާހުލް އަށް އޭނާގެ ހިޔާލީ ދުނިޔެއިން ނިކުމެވުނު އިރު އެދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިއައެވެ. އޭނާގެ މަޑު ގިސްލުން އެކޮޓަރީގައ ހަރުލާފައި ހުއްޓެވެ.
“މަންމާ… މާތް ﷲގެ އިރާދަފުޅާއެކު އަހަރެން މަންމަ ރަނގަޅު ކުރާނަން…” އޭނާ ދެލޯ ފުހެލަމުން މަޑުމަޑުން އެހެން ބުނެލީ އޭނާގެ ބަހުންނެވެ.
#ނުނިމޭ#
15 Comments!
Comments are closed.
މި ބައި ވެސް ހުރިހާ ކުދިންނަށް ކަމުދާނެކަމަށް އުންމީދުކުރަން 🙂
vv reethi…??
vvv nice story? ?
Keep up the good work liaa…..
Alheyy v reethi mi stry
a heart touching story…vaahaka varah reeethi..
Alheyyy ? v nice mi stry
bayaan kuran dhathi ihusaas thakeh hithah kuruwaa vaahakaeh…….. plx upload the next part soon
Varah reethi
Rovijje… rahul akee aslu haadha nikamethi kujjekey dhw… amina.men ekan balaigannaane nama?
Haadha reechey stry
Wow v thafaathu adhi reethi reethi storry eh mifaharuvx lua thi hadhiyaa kuree
Thaany storry nukiyaakamah hekoh dhera nuwahchey liaa liaage storry eh viyya thaany kiyaane
Ekm adhi cmt nulevign miulheny hurihaa baeh vx kiyan hehe..v v loabi storry eh..
V v rythi story eh …liaaa alhe appy ah roVeny ey?? asluvx v v v dheravey mi story ga mivaagothun dhn oi bai vx avas kohdhehchey
wow mi story was supurb.. ??????????????????????????????????????????????
I. Feel so bad fr rahul.. he deserves a better life?
V reethi 🙂