ހަތަރުވަނަ ބުރި ސިޑީގެ ފާރުގައި ހުރި ސްވިޗް ޖައްސާލިއިރު މީރާއަށް މައި ނޭވާ ލެވެނީއެވެ. ނަމަވެސް މީރާ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ސިޑިން މައްޗަށް އަރަން ހިނގައިގަތެވެ. ދެ ހަރުފަތެއް މައްޗަށް އެރުނު ތަނާ ކުއްލިއަކަށް ސިޑީގެ ލައިޓް ކަނިކަނި ބުރާ ނިވި ދިއްލެން ފެށުމުން މީރާއަށް ސިހުމެއް ލިބުނެވެ. ނަމަވެސް ފަރުވާލެއް ނުބަހައްޓާ ސިޑިން މައްޗަށް އަރަން ފިޔަވަޅު އަވަސްކޮށްލިއެވެ. އިސްއޮބައިގެން ހުރެ ފަސްވަނަ ބުރިއަށް އެރުމަށްފަހު ދަބަސްތެރެއަށް އަތް ކޮށްޕާލީ އެޕާޓްމަންޓްގެ ތަޅުދަނޑި ނަގާށެވެ.
ކުއްލިއަކަށް މީހަކު ފެނުމުން ސިހިފައި މީރާ ކުރިއަށް ބަލާލިއެވެ. އިސްތަށިގަނޑު ހާވާލައިގެން ހުރި އަންހެން ކުއްޖެކެވެ. އޭނާ ހުރީ މީރާއަށް ފުރަގަސްދީގެންނެވެ. މީރާ ހީކުރީ އެއީ އެގޭ ދޮރު ތަޅުލާފަ ހުރުމުން އެތެރެއަށް ނުވަދެވިފައި ހުރި ކުއްޖެއް ކަމަށެވެ. ފަހަރުގައި ރިޔާޒްމެން ރަށު ކުއްޖަކަށްވެސް ވެދާނެއެވެ.
އަތުގައި ތަޅުދަނޑި ޖެހުމާއެކީ ހިނިތުންވެލަމުން މީރާ ވާހަކަދެއްކީ އެ ގޮތްނޭނގޭ އަންހެން ކުއްޖާއަށް މުޚާތަބު ކުރަމުންނެވެ. “ހެއި… ކީއްކުރާ ކުއްޖެއް؟… ކާކު ހޯދަނީ…”
*** *** *** *** *** ***
ލޯމެރެމުން ދިޔަ މަންޝާގެ މޫނުގައި ފިރުމާލަމުން ޒިބާން ވާހަކަ ދެއްކިއެވެ. “މަން… އަހަރެން މަންދެކެ ވަރަށް ލޯބިވޭ.. މިރޭ މާލެ ފުރަންޖެހޭކަންވެސް އިނގޭ… ދެން މާލެއިން ބައްދަލުވާން ވަރަށް އުނދަގޫވާނެކަންވެސް އިނގޭ… އެހެންވެ މިރަށުގަ… މި މާހައުލުގަ… އަހަރެން މި ގޮތަށް މަންއާ ބައްދަލުކުރަން ބޭނުންވީ… އަހަރެން މިދިން ބުއިމުގެ ސަބަބުން މިހާރު ތި ފެންނަނީ މަންގެ އަސްލު ބަނޑު ހުންނާނެ ގޮތް… ހިޔެއްނުވޭ ދެން މާ ގިނަ ދުވަސްތަކެއް ވާނެހެނެއް…. މަންއަށް މިކަމުގަ އެހީވާން އަހަރެން މަން ބަލާ އަންނާނަން… ވަގުތު ޖެހުނީމަ މަންޝާ މީހުންގެ ލޯތަކަށް ފޮރުވަންޖެހޭ…” ޒިބާންގެ ވާހަކައިގައި ހުރި ސީރިއަސްކަން މަންޝާއަށް ނަގައިގަނެވުނެވެ.
ޒިބާންގެ މޫނަށް ބަލާލަމުން މަންޝާ ވާހަކަ ދެއްކިއެވެ. “ޒިބާން… އަޅެ… ވިހާ އިރު ވަރަށް ތަދުވާނެތަ… މީހުން އެހެންބުނާތީ ވަރަށް ބިރުގަނޭ…. ދެން ނޭނގެ ވަރަށް އެހެންކަހަލަ ދޯ… އިނގޭ ޒިބާން އަހަންނަށާ މިދަރިފުޅަށް ދެރަ ގޮތެއް ނުހަދާނެކަން… އެކަމަކު… ޒިބާންގެ އާއިލާއިން މިކަމާ ގަބޫލުތަ… އިންސާނުންނާ ޖިންނީންނާ ގުޅިގެން އުޅުމާ ދޭތެރޭ އެމީހުން ދެކެނީ ކިހިނެއް… ޒިބާންގެ އާއިލާ އަހަރެން ބައިވެރިއެއް ގޮތަށް ގަބޫލުކުރާނެތަ؟…” މަންޝާ ކުރި ސުވާލުތަކުން ޒިބާންގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ.
ޒިބާންގެ އުނގުމަތިން ބޯ ހިއްލާލަމުން މަންޝާ ކަނދުފަތީގައި އަރިއަކަށް އިށީނދެލީ އެއްއަތް ވިއްދާލަމުންނެވެ. އޭރުވެސް މަންޝާގެ ބަނޑު ހުރީ ބޮޑުކޮށެވެ. “ޒިބާން… އަހަރެން ޒިބާންގެ އާއިލާއަކަށް ނުދައްކާނަންތަ؟… އަހަރެންނަށް ޒިބާންގެ މާގިނަ ކަންތައްތަކެއް ނޭނގޭކަން ޒިބާނަށް އިނގޭނެ.. ޕްލީސް ވާހަކަ ދައްކަބަލަ….” ޒިބާންގެ އަތުގައި ހިފާ މަންޝާ ތަޅުވާލިއެވެ.
ޒިބާން ކަރުކެހިލިއެވެ. ވާހަކަ ދައްކަން އުނދަގޫވެފައި އިންކަން ޒިބާންގެ ހަރަކާތްތަކުން މަންޝާއަށް ދޭހަވިއެވެ. “އަހަރެންގެ ބައްޕަ އަކީ… ވަރަށް ބާރުގަދަ ޖިންނިއެއް… އެކަމަކު އަހަރެންގެ މަންމަ މި ދުނިޔެއަކު ނެތް… މަންމަ ވަނީ ކިޔަމަންތެރި ނުވުމުގެ ސަބަބުން އާއިލާއިން ވަކިކޮށްލާފަ… މަންމައަށް ދިމާވި ކަންތައް އެއީ ވަރަށް ހިތްދަތި ކަމެއް… ދެން އަހަރެންގެ ހުންނަނީ ކޮއްކޮއެއް… އޭނަ އެއީ ވަރަށް ޒީލަގަދަަވާނެ… އަހަރެންގެ ކޮއްކޮ މަންޝާއާ އެހާ ގަބޫލެއް ނޫން… ބައްޕަވެސް…. އެކަމަކު އަަހަރެން މަންޝާ ދުލެއް ނުކުރާނަން… ބޮޑުދައިތަމެން ތިބީ އަހަރެންނާ އެއްކޮޅަށް… އަހަރެންގެ ބައްޕަމެންނަށް އަހަރެން އުޅޭ ނޫޅޭގޮތް އިނގޭނެ.. ނަމަވެސް ބޮޑުދައިތައާ އިދިކޮޅަށް އެއްޗެއް ނުބުނަން ބައްޕަ އެހުންނަނީ…. މިބުއިންވެސް ދިނީ ބޮޑު ދައިތަ…” ސައިކުރާ ދައްކާލަމުން ޒިބާންގެ ވާހަކަ ނިންމާލިއެވެ.
ޒިބާންގެ ވާހަކަތައް އަޑުއަހާފަ މަންޝާ އެ އާއިލާއާ ބައްދަލުކުރަން ބޭނުންވިއެވެ. ނަމަވެސް އާއިލާ ތެރޭގައި އެދެމީހުންގެ ގުޅުމާ ނުރުހުންވާ ބަޔަކު ހުރުމުން މަންޝާގެ ހިތުގެ އެދުން ހާމަކުރާކަށް ނުކެރުނެވެ.
މަންޝާގެ މޫނަށް ބަލަން ޒިބާން އިންއިރު މަންޝާގެ ހިތުގެ އެދުން ޒިބާނަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް އެ އެދުން ފުރިހަމަ ކޮށްދޭނީވެސް ކިހިނެއް ހެއްޔެވެ. މަންޝާއަށް ލިބިދާނެ ނުރަކައްލަކަށް ޒިބާން ބަލަން ޖެހޭނެއެވެ. އެހެން ނޫނީ އޭނާގެ ލޯބި މިދުނިޔެއަށް އަލްވަދާއު ކިޔާނެއެވެ. އޭނާގެ ކޮއްކޮ ނުރުހޭވަރުން، މިހާރުވެސް ޒިބާން އެހުންނަނީ މަންޝާގެ ހަށި ފާރަވެރިއެއްހެން ތާ އަބަދު ކައިރީގައި ބަލާށެވެ. ކިރިޔާ އަތަކަށް ޖެހިލިއަސް ނުރައްކަލެއް އައިސްދާނެކަމުގެ ބިރުވަނީ ޒިބާންގެ ހިތުގައި އުފެދިފައެވެ.
*** *** *** *** *** ***
މީރާއާ ދިމާއަށް އެ އަންހެން ކުއްޖާ އެނބުރި ބަލާލިއެވެ. ފުރަތަމަ ފެނިލުމުންވެސް އެ ކުއްޖާއަކީ ކޮންމެވެސް ތަނަކުން ފެނުނު ކުއްޖެއް މަތިން މީރާ ހަނދާން ވިއެވެ. އެޕާޓްމަަންޓަަށް ވަންނަން ކެތްމަދުވެފައި ވީނަމަވެސް މީރާ އެކުއްޖާ ފެނުނު ދުވަސް ހަނދާންކުރަން ބޭނުން ވިއެވެ. އެ ކުއްޖާ ފެނުނީ ހޮސްޕިޓަލުންނެވެ. ރިޔާޒްގެ ކޮއްކޮ މަރުވެގެން އުޅުނުއިރު ހޮސްޕިޓަލުން ނެރެގެން ސަހަރާއަށް ގެންދިޔައިރު މީރާއަށް އެ އަންހެން ކުއްޖާ ފެނުނު މަތިން ހަނދާންވިއެވެ.
އެއީ އެ އަންހެން ކުއްޖާކަން މީރާއަށް ޔަގީންވީ އެކުއްޖާގެ ކުދި ބުޅި އިސްތަށިގަނޑުންނާ ކަންފަތް ދަށުން ފެށިގެން ކަރުގެ އެއްފަރާތުގައިވާ ބޮޑު ލަކުނުންނެވެ. އަދި އެއީއާދަޔާ ޚިލާފަށް ރީތި ދޮން ކުއްޖެކެެވެ. ގުދުރަތީގޮތުން ލިބިފައިވާ މުށިކުލައިގެ ބޮޑު ކަޅިއެއްގެ ވެރިއެކެވެ. “ތީ ހުޅުދޫ ކުއްޖެއްތަ؟… ހޮސްޕިޓަަލުން ދިމާވިދޯ… އަހަރެން މީ މީރާ…. ރިޔާޒްގެ އަންހެނުން….” އިސްވެ އެއަންހެން ކުއްޖާއާ މީރާ ތައާރަފްވެލިއެވެ.
ޒޭބާގެ ކަޅި އަމާޒުވެފައިވަނީ މީރާގެ ބަނޑާ ދިމާއަށެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އެޅިއިރު މީރާގެ ބަނޑާ ދިމާލުން ކަޅި ވަތްކެއް ނުކުރެއެވެ. ބަހެއްވެސް ނުބުނެއެވެ. މީރާއަށް ހައިރާންކަމެއް ލިބުނީ ޒޭބާގެ އަމަލުތައް ހުރިގޮތުންނެވެ. މީރާ ފަހަތަށް ފިޔަވަޅެއް އެޅީ ބަނޑުގައި ހިފަހައްޓަމުންނެވެ. ޒޭބާ އަދިވެސް ހުރީ މީރާގެ ބަނޑަށް ބަލާށެވެ. ރުންކުރުގޮތެއް ހުންނަ މީރާއަކަށް ހިމޭނަކުން ނުހުރެވުނެވެ. “ތީކާކުތަ؟… ކިހިނެވެގެން ތިއުޅެނީ؟… އަހަރެން ގެއަށް ވަންނަން ވެއްޖެ… ދުރަށް ދޭ…”
މީރާ ބޭނުންވީ އެ އަޖައިބެއް ކަހަލަ އަންހެން ކުއްޖާގެ ކުރިމަތިން ދުރަށް ދާށެވެ. އަރިއަކަށް ޖެހެމުން ޒޭބާ ކައިރިން ނެއްޓިގެން ދާން މަސައްކަތް ކުރި ނަމަވެސް މީރާގެ ފިޔަވަޅު މަޑުޖެހުނީ އަޖައިބުކުރުވަނިވި ކަމެއް ފެނުމުންނެވެ. ޒޭބާގެ ދެލޯ ނޫކުލައިން ދިއްލިގެން ދިޔުމުންނެވެ. އޭނާގެ ހަންގަނޑަށް އޭރުވަނީ ހުދުކުލަ އަރާފައެވެ. ބުޅި އިސްތަށިގަނޑު ފޯލި ފޯއްޔަށް ވައިގެތެރޭގައި އުދުހެން ފެށިއިރު ހީވަނީ ބޯވައެއްގެ ފައިތަކެއް ހެނެވެ.
ބިރުންހުރި މީރާ ފުރަތަމަވެސް އަތް ޖައްސާލީ އޭނާގެ އަތުގެ މުލައްދަނޑީގައެވެ. ތަވީދު ނެގުނުމަތިން ހަނދާންވީ ދެނެވެ. މިއަދު މީރާ ލީ އޭނާގެ މަންމަ ގެނެސްދިން އަތްކުރު ހެދުމެކެވެ. އުޅަބޮށިން ތިން އިިންޗިއެއްހާ މަތީގައި އަޅާފައިވާ ތަވީދު ފެންނާތީ މީރާ އެތަވީދު ނެގީ ހޮސްޕިޓަލުން އައިސް އަޅާށެވެ. މިވީ ކުޑަ ވަގުތުކޮޅު ތެރޭގައި މިފަދަ ޝައިތާނަކާ ދިމާވެދާނެކޭ މީރާ ހިތަކަށްވެސް ނާރައެވެ.
އިރުއޮއްސުނު ވަގުތުކަމުން މިވަގުތަކީ އެމީހުންގެ ބާރު ގަދަވެގެން އަންނަ ވަގުތެކެވެ. މީރާ ފަސް އެނބުރުނީ އެ އަންހެން ކުއްޖާގެ ހަންގަނޑުގައި ހުުޅުނބުފާޑުގެ އެއްޗެއް ފާޅުވާން ފެށުމުންނެވެ. އެ ހުޅުނބުތަކުގައި މަޑު ނޫކުލައިގެ ވިދުމެއް ހުއްޓެވެ. ބިރުންގޮސް މީރާ ދާހިއްލާ ފޯވަނީއެވެ. ދެފައި ފިއްތައިގެން ހުރި މީރާއަށް ނުހިފޭއްޓި، އެހުރިތަނަށް ކުޑަކަމުދެވުނީވެސް އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. އޭރުވެސް ސިޑިއާ ދިމާލުން ހުރި ބޮކި ނިވިދިއްލެމުން ދިޔައެވެ. ސިޑިން ތިރިއަށް ފައިބަން އެޅި ފިޔަވަޅާ އެކީ މީރާގެ ބުރަކަށީގައި މީހަކު ޖެހިކަން އެނގުނެވެ.
“މަންމާ…..”
އަޑުގެ ނެތްތަނަށް މީރާ ހަޅޭއްލަވައިގަތީ ދެން ވެދާނެ ގޮތަކާދޭތެރޭ ވިސްނާލެވުމުންނެވެ. ބަނޑުގައިވާ ދަރިފުޅު ސަލާމަތްކުރަން މީރާ ބޭނުންވިއެވެ. ބަނޑުވަތަށް ސިޑިން ތިރިއަށް މީރާ ވެއްޓުނީ މީރާއަށް ކުޑަކަމުދެވިފައިވާ ތަނުގެ މަތިން ފައި ކައްސާލުމުންނެވެ. ވެއްޓިގެން ދިޔައިރު އޭނާގެ ބަނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. ފާރުގައި ނިތްކުރި ޖެހުނުލެއް ބާރުކަމުން މީރާގެ ޚަބަރު ހުސްވިއެވެ.
*** *** *** *** *** ***
އާމިނައަށް ނިދިފައި އޮތުމުން ޟިރާރު ސިޓިންގް ރޫމުގައި ހުރި ސޯފާގައި އިށީނދެގެން އިނީ ޓީވީއިން ބަންގި ގޮވަން ދެނެވެ. ކުއްލިއަކަށް ޟިރާރުގެ ކަންފަތުގައި ޖެހުނީ މީރާގެ ހަޅޭކުގެ އަޑެވެ. އެއީ މީރާގެ އަޑުކަން ޔަގީނެވެ. ޟިރާރު އެޕާޓްމަންޓުން ބޭރަށް ނުކުންނަން ދޮރު ހުޅުވާލި ވަގުތަކީ މަޢްރިބް ނަމާދަށް ބަންގި ގޮވި ގަޑިއެވެ. އެޕާޓްމަންޓް ކުރިމައްޗަށް ވާގޮތަށް ހުރި ސިޑިބަރި ކައިރީގައި އަތް ދަބަހެއް ހުރިތަން ފެނުމުން ޟިރާރު ކުރިއަށް ހިނގައިގަތީ ފައިވާންވެސް ނުލައެވެ.
ސީޑިއާ އަރާ ހަމަވި އިރު ސިޑިން ތިރީގައި ގުޅަވަރަކަށް ޖެހިފައި އޮތް މީރާ ފެނުމުން ޟިރާރު ސިޑިން ތިރިއަށް ފައިބަން ދުއްވައިގަތެވެ. ޟިރާރުގެ ފައި ތެމުމުން ސިޑިމަތީ ކޮންމެވެސް ވަރަކަށް ފެންއެޅިފައި ހުރިކަން ޟިރާރަށް ފާހަގަވިއެވެ. ވެއްޓިފައި އޮތް މީރާ ނަގަން ޟިރާރު މަސައްކަތް ކުރިއެވެ. މީރާގެ ނިތްކުރި ފަޅައިގެން ގޮސް ލޭ ފައިބާފައި ހުއްޓެވެ.
“ދަރިފުޅާ… މީރާ… މީރާ…” މީރާގެ މޫނުގައި ހިފާ ތަޅުވަމުން ޟިރާރު ގޮވަމުން ދިޔައެވެ. މީރާގެ ޚަބަރެއް ނުވުމުން ޟިރާރު އޭނާ ނަގަން މަސައްކަތް ކުރިއެވެ. ޟިރާރަށް މީރާ ނެގޭ ގޮތެއް ނުވިއެވެ. އެވަގުތު އިވުނީ ލިފްޓު މައްޗަށް އައިސް ދޮރު ހުޅުވުނު އަޑެވެ.
“މީހެކޭ… މީހެކޭ… އާދެބަލަ…މިތަނަށް…” އަޑުގެ ނެތްތަނަށް ޟިރާރު ގޮވާލީ އެ ލިފްޓުން އައި މީހެއްގެ އެހީތެރިކަމެއް ހޯދާށެވެ.
ލިފްޓުން ނުކުތް ޞަފޫރާ ސިޑިއާ ދިމާއަށް އަވަސްވެގަތީ މީހަކު ގޮވާ އަޑު އިވޭތީއެވެ. މީރާ ވެއްޓިފައި އޮތް ތަން ފެނުމުން ޞަފޫރާގެ އަތުގައި ވާ ފޮތިކޮތަޅު ދޫވިއެވެ. ކުރިއަށް އެޅި ފިޔަވަޅު މަޑުޖެހުނީ ޟިރާރު ސިޑި މައްޗަށް އިޝާރާތް ކުރުމުންނެވެ. އެހެންކަމުން ޞަފޫރާ ސިޑިން ތިރިއަށް ފޭބީ ވަރަށް ބަލައިގެންނެވެ.
*** *** *** *** *** ***
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސިގެން ދިޔުމުން ދުނިޔެއަށް ވެރިވި އަނދިރިކަމުގެ ތެރެއަށް ފުރިހަމަ ކަމެއް ގެނެސްދެނީ އުޑުމަތިން ފެންނަމުން ދާ ތަރިތަކާއި ހަނދެވެ. މިރޭ ތަރިއެއް އަދި ހަނދެއްވެސް ނުފެނެއެވެ. އަނދިރިކަމުގެ ސަބަބުން މަންޝާ ބިރުގަންނާކަށް ޒިބާނެއް ނޭދެއެވެ. އެހެންކަމުން ޒިބާން ފުއްޓައްކެއް ޖާހަލިއެވެ. އެވަގުތު އެތަނަށް އަލިފާން ކޮކާތައް ފާޅުވިއެވެ. އެ ސޫފިތައް އައި ނައި ދިމާލެއް މަންޝާއަކަށް ނޭނގުނެވެ. ޒިބާންމެން ތިބި ކަނދުފަތި ވަށާ އުދުހެމުން ދިޔައިރު އެ އަލިފާން ކޮކާތަކުގެ ދަޅަ މޫދުގެ ލޮނުގަނޑަށް އެޅިފައިވާއިރު ވަރަށް ވެސް ރީއްޗެވެ.
ގުގުރާލުމާއި އެކީ ވިއްސާރައިގެ ކުލަވަރު ދައްކާލުމުން އިސްއުފުލާ މައްޗަށް މަންޝާ ބަލާލިއެވެ. އޭރު ތުނިތުނިކޮށް ވާރޭ ކަނި ޖަހަން ފަށައިފިއެވެ. އިރު އޮއްސުނު ވަގުތުގައި އެހާ އަނދިރިވީ އެހެންވެ ކަން މަންޝާއަށް އެނގުނެވެ. ވާރޭގެ ކަނިތައް މަންޝާގެ މޫނުގައި ޖެހުމުން އޭނާގެ ލޯ މަރާލިއިރު ތުންފަތަށް ވެރިވި ހިނތުންވުން ފެނި ޒިބާނަށްވެސް ހެވުނެވެ. ވާރޭ ބޯ ކުރަން ފެށިއެވެ. އެވަގުތު ޒިބާން އެކަނދުފަތީގެ މިސްރާބު ރަށާ ދިމާއަށް އަނބުރާލިއެވެ. ވެހެމުން ދިޔަ ވާރޭގެ ތެރޭ އެމީހުން ތިބީ ތެމި ފޯވެފައެވެ. ރަށުގެ ގޮނޑުދޮށާ ހަމައަށް އައިސް އެ ކަނދުފަތި ކައިރިކުރުމުން ފުރަތަމަ ފޭބީ ޒިބާނެވެ. ޒިބާންގެ އަތުގައި ހިފަމުން ކަނދުފަތިން މަންޝާ ފޭބީ އެއް އަތުން އެ ދިގު ހެދުން އަރުވާލަމުންނެވެ.
ގޮނޑުދޮށު ކައިރިން ހިނގާފައި ދެމީހުން އެއްގަމަށް އެރިއެވެ. ވާރޭ ދިޔައީ ފަހަރެއް ފަހަރެއް ބޯކުރަމުންނެވެ. އެދެމީހުން އެކީގައި ގޮސް ވަނީ ބެރެބެދި ގަސްދަށަށެވެ. ހީކަރުވާތީ މަންޝާ ހަށަން ބަނދެލީ ދެއަތް ދެއަތާ ހާކާލަމުންނެވެ. ޒިބާންގެ ނަޒަރު ހުއްޓުނީ މަންޝާގެ ފޯވެފައިވާ ހަށިގަނޑަށެވެ. ލައިގެން ހުރި ހުދުކުލައިގެ ހެދުންވަނީ ތެމުމުގެ ސަބަބުން ގައިގާ ތަތްލާފައެވެ. ކުރިއަށް ޖެހިލަމުން މަންޝާގެ ކޮނޑުގައި ޒިބާން ހިފާލިއެވެ. އެވަގުތު ޒިބާންގެ މޫނަށް މަންޝާ ބަލާލިއެވެ. ޒިބާންގެ ތެމިފައިވާ އިސްތަށިގަނޑުގެ ތެރެއަށް އޭނާގެ އެއް އަތް މަހާލަމުން މައްޗަށް އިސްތަށިތައް އަޅާލި އިރު ޒިބާންގެ ނިތްކުރިމަތިން މޫނަށް ފައިބަމުން ދިޔަ ފެންތިކިތަކަށް މަންޝާ ހުރީ ބަލާށެވެ.
އެގަސްދަށުގައި އެމީހުން އިށީނެވެ. ބެރެބެދި މާތަކުގެ މަތީގައެވެ. ޒިބާންގެ ހިއްސުތައް ހޭލައްވާލައިފިއެވެ. މަންޝާގެ ކަނދުރާ ދަށަށް ޒިބާން ގުދުވެލި ވަގުތު މަންޝާ ދެލޯ މަރާލިއެވެ. އެވަގުތު ވެހެމުން ދިޔަ ވާރޭ މަޑުމަޑުން ތުނި ކޮށްލިއެވެ. މަޑުމަޑުން މާތަކުގެ މަތީގައި މަންޝާ ބާއްވާލުމަށްފަހު ޒިބާންގެ ހަށިގަނޑު މަންޝާ ކައިރިއަށް ތިރިކޮށްލިއެވެ. މަންޝާގެ ކޯތާފަތުގައި ހަރުލާފައިވާ މަލުގެ ފިޔައެއް ޒިބާން ނަގާ ދުރަށް ޖައްސާލިއެވެ. މަންޝާއަށް ކުރަމުން ދިޔަ އިހްސާސުން އޭނާގެ ލޯ މަރާލިއެވެ. އަދި މާތަކުގެ މަތީގައިއޮތް މަންޝާގެ އަތުގެ އިނގިލިތަކުން މާތަކުގައި ހިފާ ބޮނޑިކޮށްލިއެވެ.
ވާރޭ ހުއްޓާލި އިރު އެމީހުން ތިބީ އެކަތި ގަނޑެއް ހެންނެވެ. ޒިބާންގެ އަތް ވަނީ މަންޝާގެ އުނަގަނޑުގައި ވަށާލާފައެވެ. މަންޝާގެ ބޮޑުވެފައިވާ ބަނޑު އެދެމީހުން މެދުގައި ވާއިރު މަންޝާގެ ދެއަތް ޒިބާންގެ ކަނދުރާގައި ވަށާލިއެވެ. ދެލޯ މަރައިގެން އޮތް މަންޝާއަށް ލޯ ހުޅުވާލެވުނީ ވައި ގަދަވާކަމުގެ އިހްސާސެއް ވާތީ އެވެ. ދެލޯ ހުޅުވާ ބަލާލިއިރު އެމީހުން ތިބީ ބެރެބެދި ގަސްދަށަކު ނޫނެވެ. އެގަސް މަތީގައެވެ.
މަންޝާއަށް އެނގޭކަމަކީ އެމީހުންގެ ފައި އެއްވެސް ތާކު ނުޖެހޭ ކަމެވެ. ވައިގެތެރޭ ނަގުލު ރޯޅިއެއްހެން އެނބުރެމުން މައްޗަށް އަރަމުން ދިޔަ އިރު އެމީހުން ވަށާ އަލިފާން ކޮކާތަކާ ބެރެބެދިމަލުގެ ފިޔަތައްވެސް އެނބުރެމުން ދިޔައެވެ. ވިލާތަކާ ހަމައަށް އެރުމާއެކު ޒިބާންގެ ބާރުގަ އެމީހުން މަޑުމަޑުން ތިރިއަށް ފޭބިއެވެ. އޭރު މަންޝާ ލައިގެން ހުރި ހެދުމާއި އިސްތަށިގަނޑުވެސް ވަނީ މުޅިން ހިކިފައެވެ. ބިމުގައި ފައި ޖެހުމާއި އެކީ މަންޝާގެ ތުންފަތުގައި ޒިބާން ބޮސްދިނެވެ. އަދި ބަނޑުގައި ފިރުމާލަމުން މަންޝާ ނުދަންނަ ބަހަކުން އޭނާގެ ބަނޑުގައި ވާ ދަރިފުޅާ ވާހަކަ ދައްކަމުން ތުންތަޅުވަމުން ދިޔައެވެ. މަންޝާގެ ބަނޑަށް ދޫކަމެއް ލިބުނީ އެވަގުތުއެވެ. ދެން ޒިބާން އެދުނީ މަންޝާ އަވަހަށް ގެއަށް ދާށެވެ.
މަންޝާގެ ބޫޓަށް ފައި ކޮށްޕާލަމުން ޒިބާންގެ އަތުގައި ހިފާ މަންޝާ ސަލާމްކޮށްލީ އޭނާގެ ދެއަތުންނެވެ. “އައި ވިލް ނެވަރ ފޮގެޓް ދިސް ނައިޓް… އައި ލަވްޔޫ…” މަންޝާގެ ޖުމްލަތަކުން ޒިބާންގެ ހިތަށް ފިނިކަމެއް ލިބުނުކަމުގައި ވީ ނަމަވެސް މަންޝާގެ އަތްތިލައިން ޒިބާންގެ އަތަށް ހޫނުކަމެއް އިހްސާސް ވަމުން ދިޔައެވެ.
މަންޝާގެ އަތުގައި ހިފާ ހުޅުވާލަމުން އަތުގެ ހުދުހަމަށް ޒިބާން ބަލާލިއެވެ. ފެނުނު މަންޒަރުން ޒިބާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“މީ މީ ކިހިނެއްވީ ކަމެއްތަ؟… ކޮން އިރަކު އަތް ފިހުނީ؟…” ޒިބާންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުތަވަސްކަމެވެ. ވާހަކަ ދެއްކުމުގައިވެސް އަޅައިގަތުމެއް ހުއްޓެވެ. ދެލޯ ބޮޑުކޮށްލަމުން މަންޝާގެ މޫނަށް ބަލަންހުރެ ޒިބާން ސުވާލުކުރީ މަންޝާގެ ވާއަތްތިލައިގެ ހުދުހަން އަނދާފައި ހުރުމުންނެވެ.
“ނޭނގެ ކޮން އިރަކު ކަމެއް؟… ތިތަނުން ކުޑަކޮށް ދިލަ ނަގާ… މިހާރު ދެން އޯކޭ… ކިހިނެއްވީ؟ ޒިބާން ހާދަ ހާސްވީ.. ބަލަ އަހަރެމެން އިންސާނުންގެ ތަންތަން އަނދަންވެސް އަނދާނެ…” މަންޝާ ވާހަކަ ދެއްކީ ވަރަށް މަޖާވެލާފައެވެ.
“ނޫން… މީ އާދައިގެ ކަމެއްނޫން… މަންޝާ ހަނދާންކޮށްބަލަ… އާދަޔާ ޚިލާފްކަމެއް ފާހަގަ ވިތަ؟.. ތަފާތު އަލިކަމެއް.. ނޫނީ އަޑުތަކެއް އިވުނުތަ؟…” ޒިބާން އަނެއްކާވެސް ސުވާލުކުރީ އެވީކަމެއް ރަނގަޅަށް އޮޅުން ފިލުވާށެވެ.
“މްމްމްމް… އާން ހަނދާން ވެއްޖެ… އެއްރޭ ކޮޓަރީގައި އޮއްވާ ނޫކުލައިގެ އަލިގުޅައެއް ވަދެ އަހަރެން ކުރިމަތީ ހުރެ ވަރަށް ތުއި ދެއްކުނު… ދެން އަހަރެން މި އަތް ދިއްކޮށްލީމަ އަހަރެންގެ އަތަށް ތިރިކޮށްލި.. ދެން ފެނުނީ އެ އަލިގުޅަ ގައި ތެރެއަށް ވަތްތަން… އަހަރެންގެ މުޅި ގައިގެ ނާރުތައް ނޫކުލައިން ފުއްޕާލި… ވަރަށް ބޮޑަށް ދިލަ ނެގި.. ގައިގެ ނާރުތައް ބުރިކޮށްލިހެން ހީވީ.. އަތެއް ފައެއް ގުޑުވާވެސް ނުލެވުނު… އެކަމު އެއީ އަހަންނަށް ފެނުނު ހުވަފެނެކޭ… އޭގެ ފަހުންވެސް އެއްރޭ މިތާ މިގަސްދަށުގައި އޮއްވާވެސް ނޫކުލައިގެ ބޮޑު އަލިގުޅައެއް ދުށިން… އެއީ ހަމަމި ބެރެބެދި ގަސް މަތިން… ކިހިނެއްވީ… އަނެއްކާ ނުބައެއް އުޅެނީތަ؟…” ޒިބާންގެ މޫނަށް ބަލަަން ހުރި މަންޝާ ވާހަކަ ދެއްކީ ވަރަށް ސީރިއަސްކޮށެވެ.
“މަން… ދެންދޭ ގެއަށް އެކަހަލަ އެއްވެސް އާދަޔާާ ޚިލާފް ކަމެއް ފެނިއްޖިއްޔާ އަހަންނަށް ގޮވާތި… އެއްވެސް މީހަކަށް މަންޝާއަށް ގެއްލުމެއް ދޭކަށް ނުކެރޭނެ… ބަންގި ގޮވުމުގެ ކުރިން ގެއަށް ދެވޭތޯ ބަލާތި… މިވަގުތު މީހުންގެ ލޯތަކަށް މަންޝާ ފޮރުވިފަ ހުއްޓަސް ބަންގީގެ އަޑުއިވޭ ވަގުތު އެހެން މީހުންނަށް މަންޝާ ފެންނާނެ… އަވަސް ކުރޭ…” މަންޝާގެ އަތަށް ޒިބާން ބޮސްދިނެވެ. އަދި ގެއަށް ދާށޭ ކިޔާ މަންޝާ ފޮނުވާލިއެވެ. މަންޝާ ހިނގަމުން ގޮސް ގަސްތަކުގެ ތެރެއިން ނުކުތެވެ.
މަންޝާ ހިނގާފައި ގޮސް ލޮލުކޮޅަށް ގެއްލެންދެން ޒިބާންހުރީ އޭނާގެ ރުޅި ކޮންޓްރޯލް ކޮށްގެންނެވެ. އައިސްފައިވާ ރުޅީގެ ސަބަބުން ޒިބާންގެ ދެލޯ ދިއްލުނެވެ. އެލޮލުން އަލިފާން ކަނި ބުރަމުންދާ ކަހަލައެވެ. ގަޔަށް ލެވުނުހާ ބާރެއްލާ ޒިބާން ހަޅޭއްލަވައިގަތެވެ.
“ޒޭބާ….”
ފަޒާގެ ތެރޭގައި އެ އަޑު ގުގުމާލިއެވެ. ގަސްތަކުގައި ޖައްސާފައިވާ ދޫނިތައްވެސް އެ އަޑު އިވިގެން އޭއްޗިހިން ތިބި ދިމާލުން ދުރަށް ދާން ފިޔަތައް ތަޅުވާލިއެވެ. ޒިބާންގެ ފަހަތުން އަލިކަމެއް ފާޅުވާން ފެށުމުން ޒިބާން ފަހަތަށް އެނބުރިލީ ޒޭބާއާ ދިމާއަށް އެތިވަރުތައް ގޮވާލާށެވެ. ނޫކުލައިގެ ފުރިހަމަ އަލިކަން ގަދަ އެ އަލިގުޅަ ފެނުމުން އެއީ ޒޭބާ ނޫންކަން ޒިބާނަށް އެނގުނެވެ. އަލިގުޅައިގެ އަލިކަން ގަދަވުމުގެ މާނައަކީ އެ ޖިންނީންގެ ބާރު ގަދަ ކަމާއި އެމީހުންނަކީ ދުވަސްވީ ބައެއްކަން އަންގައިދޭ ކަމެކެވެ.
ޒިބާން އޭރުވެސް ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. އޭރު އެ ނޫކުލައިގެ އަލިގުޅައައިސް ޒިބާން ގާތަށް ހުއްޓުނެވެ. އަލިގުޅައިގެ ނޫއަލި މަޑުވަަމުން ދިޔައިރު އެތަނުން ފާޅުވީ ކަޅުރަތްކުލައިގެ ދިގު ހެދުމެއްގައި ހުރި އަންހެނެކެވެ. އޭނާގެ ފަން ދިގު އިސްތަށިގަނޑުގެ ބޮޑުބައި އޮތީ ބިންމަތީގައެވެ. ދޮން ރީތި އަންހެނެކެވެ. ބޮޑު ދެލޮލެވެ. އޭނާ ޒިބާން ގާތަށް ޖެހިލީ ލޯބިން ފުރިގެންވާ ނަޒަރަކުން ޒިބާނަށް ބަަލަމުންނެވެ. ޒިބާންގެ ދެލޯ ދިއްލިފައި ހުރި ނަމަވެސް އެ އަންހެންމީހާ ގާތްވުމުން އޭނާގެ ލޮލުގެ ރަތްކަން މުޅިންހެން ކެނޑިއްޖެއެވެ.
“ބޮޑުދައިތާ… އަވަ މަންޝާ ފޮރޮވާށް ވަރަށް މަސައްކައް ކެޑެން… ޒޭބާ އެކަމައް ނިހުއްޓި… އެއަށް ވިސްނައިދެރެފެލެ… މަންޝާ އެހިށީ މަގޭ ކޫދަކާ ބަލިވެ… މަ ބޭނުމަށް ނޫން އެދެމައިންނަށް ދެރަގޮތެއް ވޭކަށް…” (ބޮޑުދައިތާ…. އަހަރެން މަންޝާ ރަައްކާކުރަން ވަރަށް މަސައްކަތް ކުރިން… ޒޭބާ އެކަމެއް ނުހުއްޓި.. އޭނާއަށް ވިސްނައިދީ… މަންޝާ އޭނީ އަހަރެންގެ ދަރިއަކަށް ބަލިވެ… އަހަރެން ބޭނުމެއް ނޫން އެދެމައިންނަށް ދެރަގޮތެއް ވާކަށް…) ސަކޭރީގެ ކޮނޑުގައި ހިފަހައްޓަމުން ޒިބާން ވާހަކަ ދެއްކިއެވެ.
“ޒޭބާއަށް ވަރަށް ވިސްނައިދެވިގެ… އެއައެހިށީ ގޮއްދޫކެރާ ކަހަލެއި ގޮތަކަށް ނުން… މިކޯ މާއިކަހާށަސް ނިއޭތާން ކިހޭ ދުވަހަށް؟… މަންޝާއަށް ނިރައްކަލަށް ކުރިމަތިވެފޭނެތީ އަވަ ދުރުދުރުން ބަލައި ވޭނޑެން… މަ ހިށި ކަލަކި ޒޭބާއަށް އެކަހަލެއި ކަމަށް ނިކެރެވޭހެއްކަން ޔަގީން…” (ޒޭބާއަށް ވަރަށް ވިސްނައިދެވިއްޖެ.. އޭނާ ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫން… މިހާރު މަ ކައިރިއަށްވެސް ނާންނަތާ ކޮން ދުވަހެއް؟ މަންޝާއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ދުރުދުރުން މަ ބަލަބަލާ އުޅެން… މަހުރި ވަގުތެއްގައި ޒޭބާއަށް އެކަހަލަ ކަމެއް ނުކުރެވޭނެކަން ޔަގީން…) ސަކޭރީ ދެއްކި ވާހަކަތަކުން މަންޝާ ބުނި އެއްކަންތައް މަތިން ހަނދާންވިއެވެ. ބެރެބެދި ގަސްދޮށުގައި މަންޝާ ބާއްވާފަ ޒިބާން ދިޔަ ދުވަހު ދިޔައީ ބޮޑުދައިތަ ގާތު މަަންޝާ ރައްކާތެރިކުރުމަށް އެދެމުންނެވެ.
“ކޮބާ ބައްޕަ؟…” ޒިބާންގެ ބައްޕަ ނުފެންނަތާ ގިނަ ދުވަސްތަކެއް ވެފައި ހުރުމުން ޒިބާން ބޭނުންވީ ބައްޕަގެ ހާލު އޮޅުން ފިލުވާށެވެ.
“ސައިބްރޯތަށް ޒިބާން ތެ ވޭނޑޭލެއް އެއިގެން ހިންނަނނެއި ވަރަށް ހިއްހަމަނިޖެހިފެއި… ހިށި ހަމައެކަނި ފިރިހެން ކޮއްޔާ ވީމެއި ޒީބާނަށް އަމުރަށް ނިކޮށް އެ ހިށީ… ސައިބްރޯތަށް ވިސްނެއިދިއޭތޯ އަވަ ވަރަށް މަސައްކައް ކެރަން… ޒިބާން… އެ ކޮއްޔާއަށް ރަނގަޅާށް ބަލާހެތި… ވެހާށް ދުވަސް ކަވަރިވީމެއި މަންޝާއަށް ވަރަށް އުނދަގޫތައް ވޭހެއް… އެހުށުހެއި ކަލަކި މަންޝާއެކެހި ހިންނަށް ވޭހެއް… ވަގުތު ޖެހެންވީމެއި މައި ކަހަށް މަންޝާ ގިނޭހެތިވާ… އެކޮއްޔާ އެކަނި ވެހާއް ވަރަށް އުުދަގޫ ވޭހެއް…” (ސައިބްރޯތަށް ޒިބާން ތިއުޅޭ ގޮތް އެނގިގެން ހުންނަނީ ވަރަށް ހިތްހަމަނުޖެހިފަ… ހުރި ހަމައެކަނި ފިރިހެން ދަރިއަށް ވީމަ ޒިބާނަށް އަމުރެއް ނުކޮށް އެހުރީ… ސައިބްރޯތަށް ވިސްނައިދެވޭތޯ މަ ވަރަށް މަސައްކަތް ކުރަން… ޒިބާން… އެ ކުއްޖާއަށް ރަނގަޅަށް ބަލާތި… ވިހަން ދުވަސް ކައިރިވީމަ މަންްޝާއަށް ވަރަށް އުނދަގޫތައް ވާނެ… އެ ހުރިހާ ވަގުތެއްގައި މަންޝާއާއެކީ ހުންނަން ވާނެ… ވަގުތު ޖެހެންވާއިރަށް މަ ކައިރިއަށް މަންޝާ ގެންނާތި އިނގޭ… އެމަންޖެ އެކަނި ވިހަން ވަރަށް އުނދަގޫވާނެ…)
އާއެކޭ ބުނުމުގެ ގޮތުން ޒިބާން ބޯޖަހާލިއެވެ. ގަސްތަކާ ދިމާއަށް ޒިބާން ބަލާލީ ކަމެއްވާން އުޅޭކަމުގެ އިހްސާސް އޭނާއަށް ކުރުމުންނެވެ. ބަންގީގެ އަޑު މުޅި ތަށުތެރެއަށް ފެތުރިގެންް ދިޔައީ އެވަގުތުއެވެ. އެ ދެމަޚްލޫގު އަލިކޮޅެއްގެ ސިފައަށް ބަދަލުވެ، ފަޒާގެތެރެއަށް ހަލުވި މިނެއްގައި އަރައިގެން ދިޔައެވެ.
*** *** *** *** *** ***
ގަސްތަކުގެ ތެރެއިން ނުކުމެވުމުން އަވަހަށް ގެއަށް ދިޔުމަށް މަންޝާ ހިނގައިގަތީ އަތިރި ފަރާތު މަގުންނެވެ. ތަންްކޮޅަކަށް ދެވުނު ތަނާ ބަންގީގެ އަޑު މަންޝާގެ ކަންފަތުގައި ޖެހުމުން އޭނާގެ ފިޔަވަޅު ހުއްޓުނެވެ. ވަށައިގެން އެ މާހައުލަށް ބަލާލެވުނީ މީހަކު ފެންނަން ހުރިތޯ ޔަގީން ކުރާށެވެ. ބަންގީގެ އަޑާއި އެކީ މަންޝާގެ ބަނޑަށްވެސް ކޮންމެވެސްް ވަރަކަށް އުނދަގޫވާން ފެށިއެވެ. އަތިރި ކައިރީ ހުރި ހިރުނދު ގަހެއްގައި އަތް ވިއްދާލަމުން މަންޝާ ފިޔަވަޅު މަޑުކޮށްލީ އެވާ އުނދަގޫތަކުން ކުރިއަށް ނުދެވުމުންނެވެ.
ގަހުގައި ލެނގިލައިގެން ފުން ނޭވާތަކެއް ބޭރުކުރަމުން ދިޔައިރު މަންޝާގެ ހިތުގެ ވިންދު އަވަސްވެފައި ވާކަން އެނާއަށް އިހްސާސް ވެއެވެ. ޢިޝާ ނަމާދަށް ބަންގި ގޮވަމުން ދިޔަ މުދިމުގެ އަޑު ކެނޑޭނެ ވަގުތަކަށް މަންޝާ އިންތިޒާރު ކުރަމުން ދިޔައިރު އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް އޭނާއަކަށް ކެތެއްނުކުރެވުނެވެ. ނިތްކުރިމަތިން އޮއްދާ ހިއްލަމުން ދިޔައެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ބާރަށް ނުރޯން ދެތުންފަތް ފިއްތާލަމުން ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ.
އިރުކޮޅެއް ފަހުން ބަންގި ގޮވާ ނިމިއްޖެއެވެ. މަންޝާއަށް ވަމުންދިޔަ އުނދަގޫތަކުން ނަޖާ ވިއެވެ. ވަރުބަލިކަމެއް އިހްސާސް ވުމުން އެގަސް ކައިރިން ދުރަށްޖެހި މަންޝާ ހިނގައިގަތީ ގެއަށް ދިއުމަށެވެ. ކުރިއަށް އެޅި ފިޔަވަޅަށް ހުއްޓުމެއް އައީ ފަހަތުން މީހަަކު ގޮވާލި އަޑު ކަންފަތުގައި ޖެހުމުންނެވެ. “މަންޝާ… މިތާ ކީއްކުރަނީ؟…”
(ނުނިމޭ)
2439 Comments
Comments are closed.
vvv reethi…???
thanks Sabeeha 🙂
Wow.nice.haadha lhahey up vaalhe
sorry for the delay…. I cudnt upload the story yesterday,.. as am very busy these daays… 🙂 hope u like it
ހަސަންބެ ނެތީމަ ހާދަ ވައޭ
hassanbege fan eh dhw..wait for his scene in upcumming episodes… 🙂
Haha dho
Rythi mibai vx
Thanks Appy 🙂 🙂
varah furihma
thanks ayya 🙂
Salhi…. hama habeysss
thank u so much 🙂
Maabodah fantasy vaahen heevany
Ekamu hadieh noon
V v salhi nxt episode vexx up khoba avaha…
Nyc..:)
Hope u will upload a new part soon
Eykala hassanbe kaneynge e govy dhw ? stry v v v nice i like it altxxxxx
Alheyy… Haadha reehchey mi vaahaka… Dhn vaa goiy ngen beynun vanee ???
Varah reethi. Keep it up. Waiting for the next episode. Avahah genes dhehchey
Hahahahah bad boy aharenn bunymennu zeyba eyii jinni ekey hahahahha..mihaaru gabool kirevihjje dhw
hahaha…. ok u won… congrats bad girl… this story is soo amazing…. just wow…
i also knew that zeybaa was a ghost… ☺ hehehe but i didn’t comment..
Mashah mivaahakaaige furathama episode kiyaafaves engijje Zeyba akee goast eh kan. Ma comment nukuree. 🙂
bad boy nice it keep it up
Varah salhivaahaka
Kaaku akah neygenee zeyba eii jinni eh kan. Shax keep it up. V reethi mi part vx…
Hey. This part also Nice. Jinnin jinninnaaves vaahakadhakkanee Addoo bahuruvain dho??? Hehehe…
Evne knows that zeybaa is a ghost … Zybaai dhimaavi first episode in ves egunu ei jinni ehkkan.. ????? so sad but v habeys keepit up …Maashallah…
Avha up up up up up.. Avas kohfela dhen.. V Las upveyle.. Ip up up up..
Ishaa namaadh vaguthu othyma nuvisnun iru ose gadi ga maurib namaadha govany
iru ossunu fahun mansha men gas dhoshuga thibi dho… varah bodah andhiri veefahun geyah dhaan mansha nattaalee.. so isha namaadhah goveema nuvisnenvee kameh eba oiytha….
Wow… so zeyba aky ziban ge kokko dhw… nice…
Vara habays nice story
Waiting for next part
Wow. .this story is amazing..comment nukoh madukohly story eh koh mihaaruge hisabah Kiya nimendhen.love it..adhi meege kith ah Bai ebain thoa? ?
Waiting. ………
Anehbai kon irakun… waiting…
Kobaa anehbai??? Haadha slow ey… Ehaagina dhuvasnukoh anehbai genes dheeba..
Shaaz, try to upload the episodes on a regular basis. On a specific routine. When it comes to professionalism there is nothing called excuses. You have a great skill. Try be more organised and prove everyone how talented you are. Sorry, but for me you are labelled as an unorganised talented writer who fails to upload episodes on time. Hope you would take this in a positive manner. 🙂
U r right sama… I agree..