Skip to content
އެސްފިޔަ

ނުހައްޤު ލޯބި (2 ވަނަ ބައި)

“ކޮބާތަ އޭނާ؟ ކޮބާތަ މިހާރު؟” ނިދި ޖެހޭއިރަށް ސިއްސައިގެން ގޮސް ރާހުލް އަށް ތެދުވެވުނީ މީހަކު ހަޅޭއްލަވާ އަޑަށެވެ. އެ ކިޔާ އެއްޗެއް ނޫނގުނު ނަމަވެސް އެއަޑު ކަންފަތުގައި ޖެހޭއިރަށް އެއީ އާމިނާ ކަން އޭނާ އަށް ޔަޤީންވިއެވެ. ދެލޯ ހުޅުވާލުމަށްފަހު އޭނާ ލޯ އުނގުޅަން ފެށީ ހަމަ ނިދި ނުލިބުމުގެ ސަބަބުން އެ ދެލޮލުގައި ރިއްސާތީއެވެ.

އެތަނުގެ ޓިނު ދޮރުފަތް ޓަސް ލާފައި ހުޅުވުނު އަޑަށް ރާހުލް ސިހިފައި އެދިމާ ބަލާލިއެވެ. ދެބުމަ ގޮއް ޖަހައިގެން ދޮރުމަތީގައި ހުރި އާމިނާ ފެނި އޭނާ ފަތްޖެހި އެނދުން ތެދުވިއެވެ. އަދި ދެލޯ ބޮޑުކޮށްގެން އާމިނާ އާ ދިމާއަށް ބަލަން ހުއްޓެވެ.

“އަރާމުކޮށް ނިދާލަނީ ދޯ؟ ސާބަހޭ! ސައްތާރު ކައިރީ މަ އޭރު ވެސް ބުނީމޭ ރަނގަޅު މީހެއް ގެންނާށޭ! ހަމަ ތާކުން ތާކުން ނުޖެހޭ މީހެއް ގެނައީމަ ކަމުދޭތަ؟” އާމިނާ ނުރުހުމާއެކު ބުނެލިއެވެ. ރާހުލް ވާނުވާ ނޭނގިފައި އެދިމާއަށް ބަލަން ހުރި އިރު އޭނާ އެއްއަތުން ލޯ އުނގުޅަމުން ދިއައެވެ.

“ބަލަ ހުންނަންވީކީ ނޫން! އަންނަންވީ!” އާމިނާ ބާރުބާރަށް އެހެން ބުނީ އަތުން އައުމަށް އިޝާރާތްކުރަމުންނެވެ. އެއާއެކު ރާހުލް އަވަސް އަރުވާލާފައި އާމިނާ އާ ދިމާއަށް ހިނގައިގަތެވެ. އާމިނާ ގެ ފަަހަތުން ރާހުލް ގޯތި ތެރެއަށް ނިކުތް ހިނދު އޭނާގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ އެއްފަރާތެއްގައި ޖަހާފައި ހުރި ފޭރާގެ އެއްކައިރީގައި ފުންޏަކަށް ޖަހާފައި ހުރި ކާށިތަކެވެ. އާމިނާ ހަލުވި ހިނގުމެއްގައި ގޮސް ފޭރާ ކައިރީގައި މަޑުކޮށްލުމާއެކު ރާހުލް އާމިނާ އާ ދިމާއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

“ކަލޯ…! މި އެހެންވީއޭ…!” އާމިނާ ކާށިތަކަށް އިށާރާތްކޮއްލަމުން ބުނެލިއެވެ. ރާހުލް އެކާށިތަކަށް ބަލާލުުމަށްފަހު އަނެއްކާވެސް އާމިނާގެ މޫނަށް ބަލާލީ އެކިޔާ އެއްޗެއް ނޭނގިގެންނެވެ.

“ހޫނ… އަދި މީނައަކަށް ކިޔާ އެއްޗެއް ވެސް އެނގެނީކީ ނޫނޭ ދޯ!” އާމިނާ އެހެން ބުނުމަށްފަހު އެތަނުން ކާއްޓެއް ނަގައި އެހެން ފެށީ ހަދަން ޖެހޭ ގޮތް ރާހުލް އަށް ރީތިކޮށް ދައްކައިދެމުންނެވެ. ރާހުލް ވިސްނުންތެރިކަމާއެކު އާމިނާގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ.

“އަން… ދެން ކަލޭ އެހެބަލަ މީތި….” އާމިނާ ރާހުލް އަތައް ކާއްޓެއް ދެމުން ބުނެލީ މަޑުން ނަމަވެސް ރުންކުރު ގޮތަކަށެވެ. ރާހުލް އެ ކާށި ހިފައިގެން ފޭރާ އާ ގާތަށް ދިއައެވެ. އާމިނާ ކާށި އެހޭ ތަން ބެލި އިރު އޭނާ އަށް ހީކުރެވުނީ އެކަމަކީ ފަސޭހަކަމެކެވެ. ނަމަވެސް އެ ކާށި ފޭރާއަށް ހަރާލުމަށް ވެސް ރާހުލް އަށް އުނދަގޫވިއެވެ. އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި އާމިނާ ފެނުމުން ގައިގައި ނެތް ހިތްވަރު ލާފައި އެކާށި އުނދަގޫކަމާއެކު އެހެލިއެވެ. އޭރު އޭނާގެ މޫނުން ދާތިކިތައް ވިދައެވެ.

“ލަހޭ އެކަމަކުވާ! އަވަސްކުރޭ…! ހުރިހާ އެއްޗެއް އެހޭ!” އާމިނާ އަމުރުކުރާ ރާގަކަށް އެެހެން ބުނެލީ އެތާ ހުރި ހުރިހާ ކާއްޓައް އިޝާރާތްކޮއްލަމުންނެވެ. އެވަގުތު ރާހުލްގެ މޭގަނޑު ހީވީ އަނގައަށް އައިހެންނެވެ. އޭނާ މިގަޑީގައި މިހުރިހާ އެއްޗެއް އެހޭނީ ކިހިނަކުންހެއްޔެވެ؟ އޭނާގެ ހަށިގަނޑު ވަރުބަލިވެފައިވީއިރު ނިދިއައިސްގެން އެދެލޯ ވަނީ ރަތް ވެފައެވެ. އޭނާ އެހުރީ ބަނޑުހައިވެގެން ހާންތިވާ ވަރު ވެފައެވެ. އެ ބޮލުގައި ގަދަ ރިހުމެއް އެކުލެވިގެން ވާއިރު އަދިވެސް ކުޑަކޮށް ބޯ އަނބުރާ ކަހަލަ ގޮތެއް ހުރެއެވެ. ދެންމެވެސް އޭނާއަށް އެއް ކާށިވެސް އެހެވުނީ ލައްކަ މަސައްކަތުންނެވެ. ދެން އެހުރިހާ ކާއްޓެއް….؟

ރާހުލް ކާށި ފުންޏަށް ފުންކޮށް ބަލާލިއެވެ. އެތަނުގައި މަދުވެގެން ފަންސާހަކަށް ކާށި ހުންނާނެކަން ޔަޤީނެވެ. ދެއަތުން މޫނު ފުހެލުމަށްފަހު އޭނާ އަށް ހަވާލުކުރެވިފައިވީ މަސައްކަތް ކުރަން ފެށިއެވެ. އެއީ އޭނާއަށް ކުރަން ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސްވެސް މެއެވެ. ކޮންމެ ގޮތެއް ވިޔަސް އެ ގޭގައި އުޅެންޏާ ޖެހޭނީ އެމީހުން ބުނާ ގޮތެއް ހަދަންކަން އޭނާއަށް ވިސްނެއެވެ. ވުމާއެކު އެހެން ކާއްޓެއް ނެގުމަށްފަހު އޭނާ ފޭރާގައި ޖެހިއެވެ. ހަަށަން ބަނދެގެން މަންޒަރު ބަލަން ހުރި އާމިނާ ވެސް އަވަސްކުރާށޭ ކިޔައިފައި އެވަގުތު ގޭތެރެއަށް ހިނގައްޖެއެވެ.

ރާހުލް އާމިނާ ދިޔަ ދިމާއަށް ބަލާލިއެވެ. އޭނާ މިރަށަށް މިގެއަށް އެއައީ މިޔަދެވެ. ކަނޑުމަތީގައި ދުވަހަކުވެސް ނުކުރާހާ ދިގު ދަތުރެއް ކޮއްފައެވެ. އޭނާ ވެސް ވަރުބަލި ވާނެއް ނޫން ހެއްޔެވެ؟ އޭނާ ވެސް ބަނޑުހައިވާނެއް ނޫން ހެއްޔެވެ؟ އައި ގޮތަށް އައިސް އޭނާއަށް އެ ޖެހުނީ މަސައްކަތްކުރާށެވެ. ބުރަކަށި ދަމާލައި އަރާމުކޮށްލާނެ ފުރުސަތެއް ވެސް ނުލިބުނެވެ. ކޮންމެ ގޮތެއް ވިޔަސް ލާރި ހޯދުމަކީ އޭނާ މިތަނަށް އައި މަޤުސަދެވެ. ސާހިބުމީހާ ގެ ރުހުން ހޯދައިގެން ރަނގަޅު މުސާރައެއް ހޯދަން އޭނާ ބޭނުންވެއެވެ.

ރާހުލް އޭނާގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. އޭނާ ބޭނުންވީ އަވަހަށް އެކަންތައް ނިންމާލުމަށްފަހު އަރާމުކޮށްލާށެވެ. ނަމަވެސް މެންދުރުވިޔަސް އެކަންތައް ނިމޭނެބާއޭ އެ ހިތަށް އަރަމުން ދިއައެވެ.

**

އާމިނާ ބަދިގޭގައި ރިހަ ކައްކަން އުޅުނު އިރު އަނގައިން މަޑު ރާގެއް ލައްވަމުން ދިއައެވެ. ތެލި އުނދުން މައްޗަށް އުދައި ރޯކޮއްލުމަށްފަހު އޭނާ ނިތްކުރިމަތީގައިވާ ދާތިކިތައް ފުހެލިއެވެ. އަދި އުނދުން ބަހައްޓާފައި ހުންނަ ޝީޓް މަތީގައި ލެނގިލައިގެން ހުރި އިރު ހީވަނީ މަސައްކަތް ކޮށްކޮށް ވަރުބަލިވެފައިވާ މީހެއް ހެންނެވެ.

“އާމިނާ! އާމީ! ކޮބާތަ އާމިނާ؟” އާމިނާ އެއަޑު އަންނަ ދިމާއަށް ބަލާލީ ފޫހިކަމާ އެކީގައެވެ. އެއީ ޖެހިގެން ހުރިގޭ ޒުލޭހާގެ އަޑުކަން އޭނާއަށް ހަމަ ރަނގަޅަށް ވެސް އެނގުނެވެ.

“އާމީ! އާދެބަލަ! ކީއްކުރަނީތަ ތިޔަ؟” ޒުލޭހާ އެހެން ގޮވާލުމުން އާމިނާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. އަދި ރިހަ ތެލި ކުޑަކޮށް ހަލާލުމަށްފަހު އެދިމާއަށް ހިނގައިގަތެވެ.

“ކަންތަކާ ލައިގަތީއޭ މި…” އާމިނާ ދަމުން މަޑުމަޑުން ކުނޑި ކިޔާލިއެވެ. އޭނާ ގޭތެރެއަށް ވަދެވެން ހުންނަ ދޮރުން ބޯ ދިއްކޮއްލައި ބޭރުބަލާލިއިރު ދޮރު ކުރިމަތީގައި ޒުލޭހާ ދުފާލަ ދުފާލަ ހުއްޓެވެ.

“ޒުލޭ… މިގަޑީގަ ކީއްކުރަނީ؟ ކަމަކު ތަ؟” އާމިނާ މޫނުމަތީގައިވާ ނުރުހުންވުން ފޮރުވާލައި ހިނިތުންވެލަމުން އަހާލީ ރަހުމަތްތެރި ގޮތަކަށެވެ.

“ކަމަކު ނޫން…. ދެން ހަމަ ޖައްސާލީ އާމީ އާ ވާހަކަ ދައްކާލަން…” ޒުލޭހާ އަނގަ ހަލުވަމުން ބުނެލިއެވެ. އަދި ޗޫސް ކިޔާފައި އޭނާ ބިން މައްޗަށް ރަތް ކުޅުގަނޑެއް ޖެހިއެވެ. މަންޒަރު ބަލަން ހުރި އާމިނާ ފަކުރު ގަނެގެން މޫނަށް ގޮތެއް ހަދާލިއެވެ.

“އާމީ… މިގެއަށް ބަންގާޅި އެއް ގެނައީއޯ؟ އެއީ ތެދެއްތަ؟” ޒުލޭހާ ޝައުޤުވެރިކަމާއެކު އަހާލީ އެއް އަތުން އަނގަމަތި ފުހެލަމުންނެވެ.

“އާން…” ފަރުވާކުޑަ ގޮތަކަށް އާމިނާ ބުނެލިއެވެ. އޭރުވެސް ޒުލޭހާ އެގެއަށް އެއައީ އެ ބަންގާޅި މީހާ ގެނައި ހަބަރު ލިބިގެން އެކެން އޮޅުން ފިލުވަންކަން އޭނާ އަށް އެނގުނެވެ.

“ކީއްކުރަން ގެނައި މީހެއްތަ؟ އާމީ އަށް ނުވަނީ ދޯ އަމިއްލަ ކަންތައް ވެސް؟” ޒުލޭހާ މަލާމާތްކުރާ ރާގެއްގައި ބުނެލީ އިތުރު ފޯއްގަނޑެއް އަނގައަށް ލަމުންނެވެ.

“ގޭތެރޭގެ ބައެއް ކަންތައް ކޮއްލާ ހަދާލަން ގެނައީ… މަ ކޮންމެ މީހެއް ގެނަޔަސް ޒުލޭ އަކަށް ނުބެހެވޭނެ! މަ ބޭނުމިއްޔާ ހަމަ މަ ގެންނަންވީ ދޯ!” އާމިނާ  ޒުލޭހާ އާ ދިމާއަށް ދެލޯ ހަނިކޮއްލަމުން ރުންކުރު ގޮތަކަށް ބުނެލިއެވެ.

“އޭ މަ އެހެން ބުނި އެއްޗެއް ނޫނޭ…. ކޮބާތަ މިހާރު އެ ބަންގާޅި މީހާ؟” ޒުލޭހާ ދެކޮޅު ހޯދާލަމުން އެހެން ބުނެލީ ހިނިގަނޑެއް ޖަހާލުމަށްފަހުގައެވެ.

“އެ ފަރާތުގަ އެބައުޅޭ ކާށި އެހެން….” އާމިނާ ފަރުވާ ކުޑަ ގޮތަކަށް ބުނެލީ ހަރަން ބަނދެލަމުންނެވެ. އެވަގުތު އޭނާގެ ނޭފަތުގައި ޖެހުނީ އޭނާ ކައްކަމުން ދިޔަ ރިހައިގެ ވަހެވެ. އެއާއެކު މަގޭ ރިހަތެއްޔޭ ގޮވަމުން އާމިނާ ދުވެފައި އެތެރެއަށް ހިނގައްޖއެވެ.

އާމިނާ ދިއުމުން ޒުލޭހާ މިސްރާބުޖެހީ އެ ގޯތިތެރޭގެ އަނެއް ފަރާތަށް ދިއުމަށެވެ. އަނގަހަލުވަމުން އޭނާ ހިނގާލާފައި ގޮސް ހުއްޓުނީ ކާށި އެހެން ހުރި ރާހުލް ފެންނަ ހިސާބުގައެވެ. އަދި އެދިމާއަށް ވާގޮތަށް ހުރި ޖޭމުގަސް ދޮށުގައި ހުރި ޖޯލިފަތީގައި ޖައްސާލިއެވެ.

ރާހުލް ކާށި އެހެން ހުރީ ޒުލޭހާ އާ ފުރަގަހަށް ވާގޮތަށެވެ. ޒުލޭހާ ރާހުލްގެ ބޮލުން ފެށިގެން ފަޔަށް ނަޒަރު ހިންގަމުން ދިއައީ ޝަޢުޤުވެރިކަމާ އެކީގައެވެ. އޭނާގެ ނަޒަރު ތިރިއަށް ދަމުން ގޮސް ހުއްޓުނީ ރާހުލްގެ ބުރަކަށިން ތަންކޮޅެއް ތިރިއަށެވެ. ފޭރާއާ ދިމާއަށް ގުދުވެގެން އޮތުމުގެ ސަބަބުން އޭނާ ލައިގެން ހުރި ކުރު ޓީޝާޓު މައްޗަށް އަަރައި ބުރަކަށިން ތަންކޮޅެއް ހާމަވާން ހުއްޓެވެ. ޒުލޭހާ އެތަަނަށް ބަލަމުން ދަތްދޮޅީގައި އަތް ހާކާލިއެވެ. އަދި ތެދުވެގެން ގޮސް ރާހުލް އާ ދާދި ކައިރީގައި ހުއްޓުނެވެ.

“ކޮބާ ކަލޯ؟ ކީއްކޮއްލަނީ؟” ޒުލޭހާ ބާރަކަށް އެހެން ބުނުމުން ރާހުލް އެދިމާ ބަލާލިއެވެ. މެދު ޢުމުރުގެ އަންހެނެކެވެ. ގައިގެ ކުލަ މާ ދޮން ނޫނަސް ކަޅެކޭ ވެސް ނުބުނެވޭނެއެވެ. ލައިގެން ހުރި ފެހިކުލައިގެ ފައިތިލައަށް އަރާ ހައުސްކޯޓު އެ ހަށިގަނޑަށް ހިފާލާފައިވީއިރު އަޅައިގެން ހުރީ ކުޑަ ކަޅު ބުރުގަލެކެވެ.

ޒުލޭހާ އަށް ބަލާލަމުން ރާހުލް ހީލީ އެކިޔާ އެއްޗެއް ނޭނގޭތީއެވެ. ޒުލޭހާ ރާހުލް އަށް ފުންކޮށް ބަލާލިއެވެ. އޭނާގެ ބޮލުން ނިތްކުރިމައްޗަށް ދާތިކިތައް ފައިބައިފައި ހުރި އިރު ނިތްކުރި މައްޗަށް ވެއްޓިފައިވާ އޭނާގެ ފަން އިސްތަށިގަނޑު ވަނީ ނިތްކުރިމަތީގައި ތަތްލަވާފައެވެ. އެ ދޮން މޫނުގައި ދާތިކިތައް ވިދަ ވިދާ ހުރި އިރު އޭނާ ހީލުމުން ދެކޮލަށް އެޅުނު އަޑިކޮޅު ފެނުމުން ޒުލޭހާއަށް ހީލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ފިރިހެންވަންތަ ހަށިގަނޑަށް އޭނާ ބަލާލީ ދަހިވެތި ނަޒަރަކުންނެވެ.

ޒުލޭހާގެ ނަޒަރު ރާހުލްއަށް ހުއްޓިފައިވުމުން އޭނާއަށް އުނގަދޫވިއެވެ. އިރުއިރުކޮޅާ އޭނާ ޒުލޭހާއަށް ބަލާލަނީ ކިހިނެއްވީހޭ އަހާ ފަދައިންނެވެ. ނަމަވެސް ޒުލޭހާ ހަމަ އޭރުވެސް ބަލަން ހުރި ގޮތަށް ދުފާލަ ދުފާލަ ހުރީއެވެ. އުނދަގޫވި ނަމަވެސް ރާހުލް އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިއައެވެ.

“ޒުލޭ! މިހާރު ކީއް ތިކުރަނީ؟” އާމިނާ އެތަނަށް އަންނަމުން ހިތްހަމަނުޖެހިފައި ގޮވާލިއެވެ. އެވަގުތު ޒުލޭހާ ވަރުގަދަ ހިނިގަނޑެއް ޖަހާލުމަށްފަހު އާމިނާ އާ ދިމާއަށް އެނބުރުނެވެ.

“މަ އެބަ ކަމެއް ކުރޭތަ؟ އާމީ މިހާރު ކައްކާ ނިމުނީތަ؟” އާމިނާ އެތަނަށް އައިސް ހުއްޓުމުން ޒުލޭހާ ހެވިފައި އަހާލިއެވެ.

“ހޫ ނިމިއްޖެ…. ޒުލޭ ނުވެސް ކައްކާ ދުވަހަކީތަ؟” އާމިނާ ހަރަން ބަނދެލަމުން އަހާލީ ކާށި އެހެން ގުދުވެގެން އޮތް ރާހުލް އަށް ބަލާލަމުންނެވެ. “ތި އަވަސްކޮއްބަލަ! މިހާރު އެއޮއް އެގާރަ ޖަހަނީ އޭ! މި ބަންގާޅިން ގެނަޔަސް ފަސޭހައެއް ވަނީކީއެއް ނޫން ވިއްޔަ….. ކޮން އިރެއްތަ މިހާރު ކާށި އެހެން ހުންނަތާ؟ ” އާމިނާ ރުޅިއައިސްފައި ރާހުލްއާ ދިމާއަށް ބުނެލިއެވެ. ރާހުލް އާމިނާ އަށް ބަލާލުމަށްފަހު އޭނާގެ ހަރަކާތްތައް އިހުނަށް ވުރެ ވެސް އަވަސްކޮށްލީ އާމިނާ ހިތްހަމަނުޖެހިފައި ހުރިކަން އެނގުމުންނެވެ.

“ސާބަސް އާމީއަށް….” ޒުލޭހާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “އާމީ އަކަށް ނޭނގޭތަ؟ މިކުދިން ގެންގުޅެން ޖެހޭނީ ނުލާހިކު……” މިހާ ހިސާބަށް ބުނުމަށްފަހު ޒުލޭހާ ރާހުލް އަށް ބަލާލީ ކުރިންވެސް ބަލާލި ފަދަ ދަހިވެތި ނަޒަރަކުންނެވެ. “ލޯބިންނޭ….” ޒުލޭހާ އެ ޖުމްލަ ފުރިހަމަކުރުމުން އާމިނާ އަނގައަށް ގޮތެއް ހަދާލިއެވެ.

“މަށެއް ނޫޅެން މި އަންނަ ފާޑުފާޑު މީހުން ލޯބިން ގެންގުޅޭކަށެއް….” އާމިނާ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. “ޒުލޭ ބޭނުމިއްޔާ ޒުލޭ އެމީހުންނާ ލޯބިން ކަންތައް ކޮއްބަލަ!” އާމިނާ ޒުލޭހާއާ ދިމާއަށް ލޯއަޅާލަމުން ބުނެލިއެވެ. އެއާއެކު ޒުލޭހާ އަނެއްކާވެސް ރާހުލް އަށް ބަލާލަމުން ވަރުގަަދަ ހިނިގަނޑެއް ޖަހާލިއެވެ.

“ހޫ… ދެން ހެވޭ!…. މަމި ދަނީ…. އަދި މެންދުރަކަށް ނުކައްކަމޭ….” ޒުލޭހާ އެހެން ބުނެލުމަށްފަހު ދޮރާއްޓާ ދިމާއަށް ހިނގައިގަތެވެ. “އަންނާނަން ފަހުން!” އެހެން ގޮވާލުމަށްފަހު އޭނާ އެގެއިން ނިކުމެގެން ހިނގައްޖެއެވެ.

“ހެޔޮ ދުވަހަކު ނަޔަސް….” އާމިނާ މަޑުމަޑުން ކުނޑި ކިޔާލިއެވެ. އަދި ގޭތެރެއަށް ދާން ހިނގައިގަތެވެ. “އެހެން މީހުންނަށް މޮޅެއް ލިބެއްޖިއްޔާ މީނަ ވަރަށް ހަސަދަލާނެ…. މިޔަދުވެސް އެ ބަންގާޅި ގެނައިކަން އެނގުނީމައެއްނު އެއައީ… މަަށަށް އެނގެއޭ އެހެންވެކަން އައީ…. އަތުވެއްޖިއްޔާ ބޮލަށް އުނދަގޫކުރުން ނޫން ކަމެއް ނުކުރާނެ… ވަރެއްގެ އަންހެނެކޭ….” އޭނާ ގޭތެރެއަށް ވަދެވެންދެން ވެސް މަޑުމަޑުން ޒުލޭހާއާ ދިމާއަށް އެއްޗެހި ކިޔަމުން ދިއައެވެ.

**

ރާހުލް އެ ހުރިހާ ކާއްޓެއް އެހެ ނިމުނު އިރު މެންދުރު ނަމާދައް ބަންގިވެސް ގޮވާފިއެވެ. މުޅި ގައި ދަލުން ތަތްތެޅިފައިވުމުން އޭނާ އަވަސްވެގަތީ ފެންވަރާލާށެވެ. އޭރު އޭނާގެ ބޮލުގައިވާ ރިހުން ދެގުނައަށް އިތުރުވެފައިވާ ކަހަލައެވެ. ފެންވަރައިގެން ކޮޓަރިގަނޑަށް ގޮސް އޭނާ ދަބަހުން ނަމާދުކުރާ ކުނަލެއް ނެގިއެވެ. އަދި މިހާރު ސާފުކުރެވިފައިވާ ތަޅުންގަނޑު މަތީ އެ އަޅާލިއެވެ. ބޮލުގައި ހުދު ރުމާލެއް އައްސާލުމަށްފަހު އޭނާ އެ ކުނާ މައްޗައް އަރައި މެންދުރު ނަމާދުކޮއްލިއެވެ. އޭނާ ސަޖިދައަށް ދިޔަ ވަގުތު ބޮލަށް ކުއްލި ތަދެއް އެރިއެވެ. ނަމަވެސް ހިތްވަރުކޮއްލުމަށްފަހު ނަމާދުކޮށް ނިންމާލައިގެން އޭނާ ފަތްޖެހިއެނދުގައި އޮށޯވެލިއެވެ. އޭރު ހޫނުވުމުގެ ސަބަބުން މުޅި މީހާ ދާހިއްލައިފިއެވެ. ހިތްވަރުކޮށްލާފައި ތެދުވެ އޭނާ ފަންކާގަނޑު ޖައްސާލުމަށްފަހު އަނެއްކާވެސް އޮށޯވެލިއެވެ. ބޮލަށް އަރާފައި ހުރި ތަދު ފިލާތޯ އޭނާ އެއްއަތުން ބޮލުގައި މަޑުމަޑުން ފިރުމަމުން ދިިއައެވެ. އެހިނދު އޭނާގެ ބަނޑުން އަޑު ކިޔައިގެން ދިއައެވެ. ރެއިންސުރެ އޭނާ އެއްވެސް އެއްޗެއް ނުކައި ހުރުމުގެ ސަބަބުން ބަނޑުގައި ވެސް ކުޑަކޮށް ރިއްސައެވެ.

ރާހުލް އެތާ އޮންނަތާ މާގިނައިރެއްނުވެ ދަބަރު އަޑު ކިޔާފައި އެތަނުގެ ދޮރު ހުޅުވިއްޖެއެވެ. ވަނީ ސައްތާރުކަން އެނގުމުން އޭނާ ތެދުވަން މަސައްކަތްކުރި ނަމަވެސް ބޮލުގައި ރިއްސާވަރުން އެ ހިތްވަރެއް ނުލިބުނެވެ. ސައްތާރު އައިސް ރާހުލް އޮތް ފަތްޖެހިއެނދުގެ ކައިރީގައި ހުއްޓެލިއެވެ. ބޮލުގައި ހުދު ތާކިހަލެއް އަޅާފައި ހުރުމުން ސައްތާރު އެއައީ މިސްކިތުންކަން ރާހުލް އަށް އެނގުނެވެ.

“ކޮބާ ؟ ކައިފިންތަ މިހާރު؟” ސައްތާރު އަހާލިއެވެ. އަދި އަތުގެ އިށާރާތުން އަންނާށޭ ބުނީ އެއް އަތުން ކާގޮތް ދައްކާލަމުންނެވެ. އެވަގުތު ރާހުލް ގަދަކަމުން ކަހަލަ ގޮތަކަށް ތެދުވީ ކޮންމެ ގޮތެއްވިޔަސް އަނގައަށް ކާއެތިކޮޅެއް ލާން ބޭނުންވާތީއެވެ. އޭނާ ނުކައި ހުންނަތާ މިހާރު ކޮން އިރެއް ހެއްޔެވެ؟

ރާހުލް ސައްތާރުގެ ފަހަތުން ގޮސް އެގޭތެރެއަށް ވަނެވެ. ރާހުލް އަށް އެ ގޭތެރެ މިފެނުނީ އަދި ކިރިޔާއެވެ. ސިޓިންގރޫމުގައި ބަހައްޓާލާފައި ހުރި މޮޅު ސޯފާސެޓާއި 60 އިންޗީގެ ސްމާޓް ޓީވީއަށް އެކަނި ބަލާލުމުންވެސް އެގޭ މީހުންގެ މުއްސަނދިކަން އެނގި ހާމަވެއެވެ. ޓީވީ ރެކުގެ މަތީގައި ބަހައްޓާފައި ހުރި އެކި ފާޑު ފާޑުގެ ބިއްލޫރި މާވަށިތަކުން މުޅި އެތަނަށް ހިތްގައިމުކަމެއް ގެނަސްދެއެވެ. ގޭތެރޭގައި ލާފައި ހުރީ މަޑު ދަނބުކުލައަކަށްދާ ކުލައެކެވެ. ރާހުލް އެކި ދިމަ ދިމާއަށް ނަޒަރު ހުއްޓަމުން ސައްތާރުގެ ފަހަތުން ހިނގާފައި ދިއައެވެ.

“އޭތް! މަ މިއުޅެނީ މީނަ ހޯދަން ދާށޭ އަދި…..” ކޮޓަރިއެއް ހުޅުވާލާފައި މޮއްޕަކާއި މޮއްޕުލާ ބާލިދީއެއްގެ އިތުރުން ފިހިގަނޑު ހިފައިގެން ނިކުތް އާމިނާ ސައްތާރައް ބަލާލަމުން ބުނެލިއެވެ. “އަން! ގޭތެރެ ކުނި ކަހާ މޮއްޕު ލާ….! ސިޓިންގރޫމާ ބަދިގެއާ އަދި މި 4 ކޮޓަރީގަ ވެސް ލާތި..” އާމިނާ އެ އެއެއްޗެހިތައް ރާހުލްގެ އަތަށް ލައިދެމުން ބުނެލީ އެގޭ ކޮޓަރިތަކާ ދިމާއަށް އިޝާރާތް ކޮއްލަމުންނެވެ.

“ބަލަ އާމިނާ….. އޭނަ އެހުރީ މިރަށަށް އައީއްސުރެ ނުކައޭ…… އޭނަ ވެސް ބަނޑުހައިވާނެއް ނޫންތަ؟” ސައްތާރު ނުރުހިފައި އާމިނާ އަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު އާމިނާ ތުން އަނބުރާލަމުން ރާހުލް އަތުގައި ހުރި އެއްޗެހި އަލުން އަތުލިއެވެ.

“އާމިނާ ދޭބަލަ އޭނައަށް ކާއެއްޗެއް ދައްކަން….” ސައްތާރު އެހެން ބުނުމުން އާމިނާ ރާހުލް އަށް އައުމަށް އިޝާރާތް ކުރަމުން ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. އާމިނާ ގޮސް ރިހަތެލި މަތިނަގައި ބަލާލިއެވެ. އޭގައި މިހާރު އެހުރި ރިހަކޮޅުން އޭނާ އާއި ސައްތާރު ރެއިން ކާވަރު ވާނީ ކިރިޔާއެވެ. އެހެންކަމުން އޭނާ އޭގައި މަތިޖެހުމަށްފަހު ކުރިން ދުވަހު ކެއްކި ގަރުދިޔަ އެތީގެ މަތި ނަގައި ބަލާލިއެވެ. ފޫ ފޮރުވޭވަރުގެ ކުޑަ އެތިކޮޅެއް އޭގައި ހުއްޓެވެ. އޭނާ މިޔަދު ހެނދުނު އެ ހޫނުކުރާކަށް ވެސް ހަނދާނެއް ނެތެވެ. ވުމާއެކު އެ މިހާރު ހުންނާނީ ކުޑަކޮށް ސަކަރާތްވެފައިކަން ވެސް އޭނާއަށް އެނގެއެވެ. ނަަމަވެސް އޭނާ ރާހުލް އަށް އެ ދެއްކުމަށްފަހު ކާށޭ ބުނީ ރުންކުރުވެފައި ހުރެއެވެ. އަދި ބަތްތެލިވެސް ދައްކާލުމަށްފަހު ތަށިތައް ބަހައްޓާ ހަރުގަނޑުގެ އަޑިން އެންމެ ބާތަށި ނެގުމަށްފަހު ރާހުލް އަތަށް ދިނެވެ. ރާހުލް އެތައްޓަށް ބަލާލިއެވެ. އޭތި ހިރަފުސްވެ ހަޑިވެފައި ވުމުން އޭނާ ސިންކު ގާތަށް ޖެހިލައި އެ ރީތިކޮށް ދޮވެލިއެވެ. އާމިނާ ދިއުމުން އޭނާ ބަތްތެލިން ތިން ސަމުސާ ބަތް އަޅާލުމަށްފަހު ގަރުދިޔަ ތެލި އެތެރެއަށް ބަލާލިއެވެ. އެއީ ދުވަހަކުވެސް އޭނާ ކޭ އެއްޗަކަށް ނުވުމުން އޭނާ ތެލި ތެރެއިން ވަސްބަލާލިއެވެ. ދުވި ގަރުވަހުން އޭނާ ކުޑަކޮށް އޯކަށް ވެސް ދެމުނެވެ. ނަމަވެސް ހިންދިރުވާލާ ކުޑަކޮށް ހަމައަކަށް އެޅިލުމުން އަވަސް އަވަހަށް ތެލިން ކުޑަ މަސްކޮޅެއް ލައިގެން ގޮސް މޭޒު ކައިރީ އިށީނެވެ. އަދި ގަދަކަމުން ކަހަލ ގޮތަކަށް ބަތް ސުވާ އަނގައަށް ލައިގެން ހަފަން ފެށީ ވެފައިވާ ބަނޑުހައެއްގެ ބޮޑުކަމުންނެވެ. އޭނާގެ ހިތަށް އެވަގުތު ތަފާތު އެއްޗެހި ހިތަށް އަރަމުން ދިއައެވެ. ތަށިތައް ބަހައްޓާފައި ހުރި ހަރުގަނޑުގައި ބައިވަރު ރީތި ތަށިތައް އެބަހުއްޓެވެ. ދެން އެމީހުން އޭނާއަށް އެންމެ ބާ، އެންމެ ހަޑި ތަށި ދިނީ ކީއްވެގެން ހެއްޔެވެ؟ އެހާ ރީތި ބޮޑު ގެއެއް ހުންނަ އިރުވެސް އޭނާ އުޅެން ޖެހޭ ކުޑަ، ހަޑި ތަންކޮޅު ނިކަން ދެކިބަލާށެވެ. ދުވަހަކުވެސް އުޅެން ނުޖެހޭފަދަ ދަތި ހާލެއްގައި އޭނާ މިޔަދު މި ވަނީ މިތަނުގައި އުޅެން ޖެހިފައެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނަ ނިރާލީ ކޮންމެ ފަދަ ހާލެއްގައިވެސް މިތަނުގައި އޭނާ ކެތްކުރަން ޖެހޭނެކަން އެނގުމުންނެވެ.

#ނުނިމޭ#

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (48)

  1. Liaa

    here’s the second part 🙂
    Let me knw ingey how u think abt this….
    LOves <3

  2. she

    Aslu vx mi ee dhw mihaaruge mujuthamau in bangaalhinnaa medhu kan kuraa goiyy..gd wrk …kyp goin

    1. Liaa
      she

      Asluves dw She ….
      Thankyw ingey 🙂

    2. Loona
      she

      Bangaalhi ehh ulheythy hadi

  3. Aanaa

    Reethi

    1. Liaa
      Aanaa

      thankss Aanaa 🙂

  4. fathun

    rovijje dhn

  5. fathun

    ehn hadhaaka nuveene. eves insaaanun viyaa

    1. Liaa
      fathun

      Dhw faathun. Gina dhivehin emeehunaa medhu kantha kurany v goas koh..

  6. sabeeha

    v reethi

    1. Liaa
      sabeeha

      Thankyw sabeeha 🙂

  7. ayya

    vaahaka kuriah dhaa goii varah reethi…very interesting

    1. Liaa
      ayya

      Thankyw ayya 🙂

  8. Kitty

    Whn next part liaa I missed u so much kurin part ah comment nukurevunyma sorry

    1. Liaa
      Kitty

      Aww.. so sweet? veehaaves avahah up kuraanan…

  9. naj

    salhi… vr painful

    1. Liaa
      naj

      Thankyw naj

  10. Shasha

    Awwwnn.. my island thulhaadhoo.
    This story is thafaathu.. hope it will b nice..

    1. Liaa
      Shasha

      Thankyw shasha… story nimendhen kiyaalahchey ?

  11. lai

    Salhi next part konirakun

    1. Liaa
      lai

      Thankyw lai.. veehaaves avahah up kuraanan

  12. Rafa

    pis pis kykey bunaany dhw hama migaumuga hingaa kantha mee :p bangaalhi meehunakyvx hama insaanun but raajeyga ulhey gina meehunah heevany ae ehen dhuniye akun aisgen ulhen maa dhashu baye hen vihya :/..hate people like this aaminaa :@..anyways mi partvx v reethi 🙂

    1. Liaa
      Rafa

      Thankyw rafa ?
      Hmm dhw migaumuge meehun kanthah kuraa goi

  13. aff

    reethi… rahul fakyru dhw.. dheravehje.. keep goin liaa

    1. Liaa
      aff

      Thankyw aff ?

  14. ainth

    Vr Vr reethi. Heevany hama aslu hen. Hithah thadhuvey. Ekamaku baeh meehun kankurany hama migothah

    1. Liaa
      ainth

      Thankss ainth…

  15. Ree

    Awesome story.. keep up the gud work?

    1. Liaa
      Ree

      Thankyu Ree 🙂

  16. ?

    Aahh….touched my heart hama … This is so datum true ?

    1. Liaa
      ?

      Thankyw ?

  17. Jeem

    V reethi??

    1. Liaa
      Jeem

      Thankyw jeem 🙂

  18. Firaa

    V dhetavey kiyaa iru

    1. Liaa
      Firaa

      Yes. Liaa ves v dheravey baeh meehun bidheyseennaa medhu kanthah kuraa gothun…?

  19. RIF

    Mii bondhu loabi thr …arg

    1. Liaa
      RIF

      Nooney … eh gothakah ves mee bondhu lobi eh nun ? Mi story liyumuge magusadhakee mi mujuthamauga efadha meehunaa medhu goas koh kanthah kuraa dhivehinnah e meehunge mistake realize kohdhinun. So, if anyone knows such kind of person, i request u to recommend this story to them…

  20. Nik

    Varah nice… Superb???

    1. Liaa
      Nik

      Thankyw Nik

  21. Ainaan

    Bangaalhi eh ge nazarun v ma thafaathu n asaru gadha. Imagine we maldivians working in another country n being treated like dat. Kihaa dhuvahaku keh vaane baa dhuvessaka ehen. Dhivehinnakee kanneh foni bayeh.. aharemen ge haalath miadhu huri goi mee hama.. asaru gadha..

    1. Liaa
      Ainaan

      I totally agree with u, Ainaan … thankyw?

  22. Zul

    Stry vrh reethi
    Liaa…kameh khdhevidhaaanetha

    1. Liaa
      Zul

      Thabkyw?
      Konkametha zul?

  23. Appy

    Mihaaru 2 part up kohfa …oh adhi mi kiyaadhevuny v rythi n v dheravey mi story kiyaa iru ..alhe ehen hadhaakah nuvaanehnu liaa avahahh rahul ah musaara dhybala eyrun vx kaaehcheh hoadheynehnu asluvx appy v dhera vey ehen hadhaathy ?

    1. Liaa
      Appy

      Thnkyw Appy? always so supportive ?

  24. Ihoo

    V v nice mi part ?

  25. ba

    Bagaalhi eh ulheythy hadieh nun hama varah reethi…keep writing girl..v habeys story eh hama.. aharemen mee insaanun vihyyaa ei ves hama insaanun..adhi bangaalhi akas dhivehsakas ,..kiyan beynun noon meehun nukyma nimuny bangaalhi eh ulheyey kiyaafa

  26. THAKURU

    Rahul kiyaatha muslimun nah

Comments are closed.