Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ތެއްތިރީސްވަނަ ބައި)

Mysterious Angel Level 110 Stories100 Comments
July 30, 2016 6 Mins Read
10 Comments

” ކަލޭ ބޭނުންވި އެއްވެސް ކަމެއް ނުވިއެއްނު.. ޝާޔަންގެ ހުރިހާ މުދަލެއް އެވަނީ ޝާޔަލްގެ ނަންމަތީގަ.. ހުރިހާ ޕްލޭންތަކެއް ފެއިލްވީނު.. ދެން ކީއްކުރާނީ؟” އަހަރެން އޭނަގެ މޫނަށް ބަލާލީމެވެ. އެވަގުތު އޭނަ ބާރުބާރަށް ހޭންފެށިއެވެ. އޭނަ ބޭނުންވި ގޮތަށް ކަންތައް ނުވުމުން އޭނައަށް ޝޮކެއްލިބި މޮޔަވީ ހެއްޔެވެ؟

” ތިހީކުރަނީ އަހަރެން މިހުރިހާ ކަމެއް ކުރީ ޝާޔަންގެ މުދާތައް ހޯދަންކަމަށްތަ މޮޔަޔާ؟ އަހަރެން ކީއްކުރަން އެމީހުންގެ މުދާތައް ހޯދަންވީ؟” އޭނަގެ މޫނުމަތީގައި ލަދުވެތިކަމުގެ ކަންފުޅެއްވެސް ނުވެއެވެ. ފައިސާއާއި މުދާ ބޭނުންނުވާކަމުގައިވަންޏާ އޭނަގެ މަޤުސަދަކީ ކޮބައިހެއްޔެވެ؟

“ދެން އެހެންވީއިރު ކީއްވެ އެގޮތަށް ކަންތައްކުރީ؟ ޝާޔަންއަށް އެހާ އަނިޔާދިނީ ކީއްވެ؟ ދިރި ހުއްޓަސް ކޮންމެ ކޮންމެ ދުވަހަކު އޭނަ އެތައް ހާސް  ފަހަރަކު މަރާލީ ކީއްވެ؟ އެމަޢުސޫމު އަންހެންކުއްޖާ ކަލެއަށް ދިނީ ކޮންގެއްލުމެއްތަ؟ ބުނެބަލަ..” ހަށިގަނޑުގައި ކިތަންމެ ވޭނެއް އެޅިނަމަވެސް ހުރިހާ ކަމެއް ހަނދާން ނައްތާލުމަށްފަހު ތެދުވެގެން ޒައިކްއާއި ދިމާލަށް ހިގައިގަތީމެވެ. މާނިއު އެކަން މަނާކުރަން އުޅުނުނަމަވެސް އަތުގެ އިޝާރާތުން މަޑުންހުރުމަށް އެދުނީމެވެ.

“ޝާޔަން އަހަންނަކަށް އެއްވެސް ގެއްލުމެއްނުދޭ.. އެކަމަކު އަހަރެން ބޭނުންވަނީ މުޅި އެއާއިލާ ބަރުބާދުކޮށްލަން.. އިސްމާއިލްގެ ޤާޒީ އަބަދުވެސް ފަޚުރުވެރިވަމުންދާ އޭނަގެ އާއިލާގެ އިއްޒަތާ ޤަދަރު ވެއްޔާ މޮޑެލަން.. ދުނިޔޭގެ އެމީހުން ހޭދަކުރާ ކޮންމެ ދުވަހަކީވެސް ވޭނުންފުރިފައިވާ ދުވަހަކަށް ހަދަން.. ދިރިހުއްޓަސް މަރުވުމަށްވުރެ ވޭންހުރި ދިރިއުޅުމަކަށް ވާން.. އެމީހުންނަށް ކޮންމެ ދުވަހަކީ މަރުވުމާއި އެއްވަރަށް ވޭނާއި ހިތްދަތިކަން ލިބި ލިބި ހުންނަ ދުވަހަކަށް ވާން..” ވާހަކަ ދައްކަމުންދިޔައިރު އޭނަގެ މޫނުމަތިން ފެންނަމުންދަނީ ރުޅިވެރިކަމެވެ. އޭނަގެ ހިތުގައި އެއާއިލާއަށްޓަކައި އެވަރަށް ނަފްރަތުއެވަނީ ކީއްވެހެއްޔެވެ؟ އެއާއިލާއިން އޭނައަށް ކުރީ ކީއްހެއްޔެވެ؟  އޭނަގެ ހިތުގައި ބަދަލުހިފުމުގެ އަލިފާންގަނޑު އަދަމުންދިޔުމުގެ ފެށުމަކީ ކޮބާބާއެވެ؟

“ކީއްވެގެން އެމީހުންގެ ކިބައިން ބަދަލު ހިފަން ބޭނުންވަނީ؟ ޒައިކްއަށް އެމީހުންކުރީ ކީއް؟” އަހަރެން އޭނަގެ ގާތަށް ފިޔަވަޅެއް އަޅާލީމެވެ. އޭނަ މަޑުމަޑުން އިސްޖަހާލިއެވެ.

“އިސްމާއިލް ޤާޒީއާއި އޭނަގެ ދެފިރެހެންދަރިން މިތަނަން ގެނައީމަ އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން..” ކުރިއާއިޚިލާފަށް މިހާރު އޭނަގެ މޫނުމަތިން ފެންނަމުންދަނީ ހިތާމައިގެ ކުލަވަރެވެ. ތަކުރާރުކޮށް އެހުމުންވެސް އޭނަ ދިނީ އެއްޖަވާބެވެ. އަހަރެން އިޝާރާތެއް ކޮށްލުމުން މާނިއު ބޯޖަހާލުމަށްފަހު ބޭރަށް ނިކުތެވެ. މާނިއު ދިޔުމަށްފަހުގައިވެސް އަހަރެން އޭނައާއި އެތައް ވަރަކަށް ސުވާލުކުރަމުންދިޔައީމެވެ. ނަމަވެސް އޭނަގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބެއެވެ. އޭނަ އިސްޖަހާލައިގެން ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނީއެވެ. އެދޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފޮރުވޭތޯ އޭނަ މަސައްކަތްކުރަމުންދިޔައެވެ.

“ސަރ.. އެންމެން އަތުވެއްޖެ..” ޒައިކްގެ ޙަރަކާތްތަކަށް ސަމާލުކަން ދީގެން ހުރުމުން މާނިއުގެ އަޑުއިވުމުން ސިހުނެވެ.

“ގެނޭ އެންމެން..” ހާސްކަން ފޮރުވަން މަސައްކަތްކުރަމުން އަހަރެން ބުނީމެވެ. އިރުކޮޅަކުން އިސްމާއިލް ޤާޒީއާއި އޭނަގެ ތިންދަރިން އެތެރެއަށްވަނެވެ.

“ޒައިކް ދަރިފުޅާ.. ކީއްވެ މިތަނަން ގެންނަން ޖެހުނީ؟” އިސްމާޢިލް ޤާޒީ ހިގައިގަތީ ޒައިކްއާއި ދިމާލަށެވެ.

“މަށާއި ކައިރިނުވާތި މުސްކުޅިޔާ..” ޒައިކްގެ އަޑު ގަދައެވެ. އޭނަ ލަދުވެތިކަމާއެކު ފަހަތަށް ޖެހިލިއެވެ.

 

” އާން އަޑުއަހާ.. އަހަރެން ޝާޔަން ޝާހިދު މަރާލީ.. އަހަރެންގެ މިދެއަތުން.. އޭނައާއި ބައްދަލުވުމާއި ކައިވެއްޏަކީ އަހަރެންގެ ރޭވުންތަކުގެ ދަށުން ހިންގާފައިވާ ކަންކަން.. އަހަރެންގެ މަޅީގައި އޭނަ ޖެހޭނެ ހުރިހާ އުކުޅެއް އަހަރެން ބޭނުންކުރިން.. އޭނަދެކެ ލޯބިވާކަމަށް އެކްޓްކޮށް އޯލްދެޓް ނޮންސެންސް.. ޝާޔަން މަރާލުމުގެ ކުރީގައި އޭނައަށް ކުރި ހުރިހާ އަނިޔާއެއް ކުރީ އަހަރެން.. މިހުރިހާ ކަމެއްކުރީ ހަމަހޭގަ ހުރެގެން.. އެކަމަކު ވެދިޔަ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނެ ތިއެންމެންވެސް..” އަތުގެ އިޝާރާތުން ޒައިކް ދެއްކީ ޝާޔަންމެންގެ އާއިލާގެ މެންބަރުންނެވެ.

” އެކަމަކު ކީއްވެ؟ ކީއްވެ އަހަރުމެން ތިކަމުގަ ޒިންމާވާން ޖެހެނީ؟” ޝާޔަންގެ ބޮޑުބޭބެ ޒުހޭރު ސުވާލުކުރިއެވެ.

“ކީއްވެހޭ؟ އެއީ ކަލޭމެން ކުރި ކުށުގެ އަދަބު.. ހަނދާންވޭތަ މީގެ ދިހަ އަހަރުކުރިން ކަލޭމެން އަންހެންކުއްޖެއްގެ އިއްފަތްތެރިކަން ނަގާލިގޮތް.. އެއަންހެންކުއްޖާއަށް ކަލޭމެން ޖެއްސި ހާލު.. ހަނދާން އެބަހުރިތަ؟” ޒައިކްގެ އަޑުގައި ރުޅިވެރިކަންވީއިރު ރިހުންވެސްވިއެވެ. އެއީ ޒައިކްގެ އާއިލާގެ މީހެއްކަންނޭނގެއެވެ. އޭނަ ބަދަލުހިފުމުގެ އަސްލަކީ އެއީކަންނޭނގެއެވެ.

” އެއީ އެއީ..” ޝާޔަންގެ ބޭބެ ޒުހުރީ އެއްޗެއް ބުނަންއުޅުނެވެ. ނަމަވެސް ޒައިކް އެމީހުންނަށް ފުރުސަތެއް ނުދިނެވެ.

“ކޮން އެއީ އެއީއެއް ކިޔާކަށް؟ އެނގޭތަ އެދުވަސް ފަހުން އެއަންހެންކުއްޖާ އުޅެމުންދާ ޙާލު.. ކޮންމެ ދުވަހަކީ އޭނައަށް މަރުވުމަށްވުރެ ވޭންހުރި ދުވަހެއް.. ކޮންމެ ދުވަހަކު އެތައް ވޭނެއް އެހަށިގަނޑު އަޅާ.. ދިހަ އަހަރުމިވީ އޭނަ އެޙާލުގަ ތެޅިފޮޅެމުންދާތާ.. އެއަންހެންކުއްޖާއަށް އެޙާލު ޖެއްސިއިރު އެއްފަހަރުވެސް ހިތަށްއެރިތަ އެއީ މީހެއްގެ އަންހެންދަރިއެކޭ.. އެއީވެސް އިންސާނެކޭ..” އޭނަގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހެމުންދިޔައެވެ.

” ރީޝާއަށް އެހެންވީ މޫދަށްވެއްޓިގެންނު؟ އެއީ އެކްސިޑެންޓެއްނު..” ކުރިން އެއްޗެއް ނުބުނެހުރި ޝާޔަންގެ މަންމަ ޒިޔާދާ ވާހަކަދެއްކިއެވެ.

” އެކްސިޑެންޓެއް ނޫން.. އެއީ ބަޔަކު ގަސްތުގައި ކުރިކަމެއް.. ކިޔަވައިދިނުމުގެ ބަހަނާގަ ގެންގޮސް ދައްތަގެ އިއްފަތްތެރިކަން ފޭރިގަތީ.. އެވަރުން ނުވެގެން އެތައް އަނިޔާއެއްކޮށްފަ މޫދަށް އެއްލާލީ މީހުންނަށް އެއީ އެކްސިޑެންޓެއް ކަމަށް ދައްކަން.. ބުނެބަލަ އޭނަގެ ކޮން ކުށެއް އޮތީ؟ ކީއްވެ އޭނައަށް އެހެން ހެދީ؟ ” ޒައިކް ރުޅި އައިސްގެން ހަޅޭއްލަވައިގަތެވެ.

އަހަރުމެން އުޅުނީ ކިހާ އުފަލުން.. މަންމައާއި ދައްތައާ.. ތަނަވަސްކަން ލިބިފަނެތަސް އަހަރުމެންގެ ކުޑަ ކުޑަ އާއިލާ އުޅުނީ އުފަލުން.. ދައްތައަކީ އަހަރެންގެ ހުރިހާވެސް މީހަކީ.. ކިޔަވަން އޭނަ ވަރަށް ޝައުޤުވެރި.. އެހެންވެ މަންމަ އޭނަ ހަނިމާދޫއަށް ފޮނުވީ ރަށުން ކިޔެވެންހުރިވަރަށްވުރެ މައްޗަށް އޭނަ ކިޔަވަން ބޭނުންވާތީ.. އޭނަ ހުރީ ވަރަށް އުފަލުން.. އެކަމަކު މިތިބަ ޒުހޭރު އާއި ޒުހުރީގެ ސަބަބުން އޭނަގެ ދިރިއުޅުން ނަރަކައަކަށް ހަދައިލީ.. ދިރިހުއްޓަސް މަރުވެފައިވާ މައްޔިތަކަށް ހެދީ.. ޓިއުޝަންކުލާހުގެ ނަމުގަ އެމީހުން ކުރަމުން އައީ އެފަދަ މުޑުދާރު ޢަމަލުތައް..” ބައެއްފަހަރު ރޮމުންދާއިރު އަނެއްބައި ފަހަރު އޭނަ ރުޅިއައިސްގެން ދަތްކުޑިވިކާލައެވެ.

” ކަމާބެހޭ ފަރާތަށް މައްސަލައެއް ހުށައެއް ނާޅާނަންތަ؟” އަހަރެން ދުލުގައި އޮތް ސުވާލު މާނިއު ކުރިއެވެ.

“ދައްތައަށް އިންސާފު ހޯދައިދޭން ކުރެވެންހުރި ކަމެއް މަންމަކުރި.. އެކަމަކު މިހިރި **** އޭނަގެ ދަރިން ސަލާމަތްކުރަން ރިޝްވަތުދިނީ.. އެމީހުންގެ ބޮލުގަ އެޅުވީ ދޮގު ތުހުމަތުތަކެއް ކަމަށް ހެދީ އަހަރުމެން ނިކަމެތިންނަށް ވެފަ އެމީހުން އަތުގަ ބޭނުންވަރަކަށް ފައިސާ ހުރީމަ..” އޭނަ ރުޅިވެރި ނަޒަރަކުން ޝާޔަންގެ ކާފައަށް ބަލާލިއެވެ. އެއެންމެން ލަދުން އިސްއުފުލާލަން ނުކެރިފައި ތިއްބެވެ. އެމީހުންގެ ހަރަކާތްތަކުން ޒައިކް އެދެއްކީ ތެދު ވާހަކައެއްކަން ހާމަވިއެވެ.

” އެދުވަހު އަހަރެން އަޒުމް ކަނޑައެޅިން އެމީހުންގެ އަންހެންދަރިންނަށް އަހަރެން ދައްތައަށް ޖެއްސި ހާލު ޖައްސަން.. އެމީހުންގެ ދަރިއަކަށް އެފަދަ ޙާލެއް ޖެހުނީމަ އެމީހުން ތެޅިފޮޅޭތަން ބަލަން އަހަރެން ބޭނުންވީ.. ތަޤުދީރުގެ ރޭވުންވެސް ކިހާ މޮޅު.. ޒުހޭރުވީ ދަރިން ލިބުމުން މަޙުރޫމުވެފައިވާ މީހަކަށް.. ޒުހުރީގެ ތިބީ ފިރެހެން ދަރިން.. އެއެންމެން ޝާޔަންދެކެ އަމިއްލަ ދަރިއެއް ފަދައިން ލޯބިވޭ.. އެހެންވީމަ އަހަރެންގެ ޓާގެޓަކަށް އޭނަ ހެދީ.. އަހަރެން ބަލަން ބޭނުންވީ އެމީހުންނަށް ޝާޔަން އެހާލުގަ ވާތަން ފެނުނީމަ ވާގޮތް.. އެމީހުންގެ އަމަލުތައް ހުންނާނެ ގޮތް.. އަހަރެންގެ ހިތަށް ހާދަ ހިތްހަމަޖެހުމެއް ލިބުނޭ ޝާޔަން ވޭނުން ތެޅިފޮޅޭތަން ބަލަން.. އިންތިހާ އަނިޔާ ލިބެމުންދިޔައިރު އޭނައަކަށް އެއްވެސް މީހެއްގެ ގާތު އެވާހަކަ ބުނާނެ ފުރުސަތެއްވެސް ނުދެން އަމިއްލައަށް މަރުވާކަށް ފުރުސަތެއްވެސް ނުދެން.. އަހަރެން ބޭނުންވީ ހުރިހާ ފަރާތަކުން އޭނައަށް މަޖުބޫރުކުރުވާފަ ބަހައްޓަން އެމީހުން އަހަރެން ދައްތައަށް ހެދިހެން.. ޝާޔަންއަށްފަހު އަހަރެން ބޭނުންވީ ޝާޔަލްވެސް އެޙާލު ޖައްސަން.. ހުރިހާ ކަމެއްވެސް ދިޔައީ ޕްލޭންއާއި އެއްގޮތަށް.. ޝިމާލް ޝާޔަލްއަށް ޝައްކުކުރަމުންދިޔައީ ޝާޔަންގެ މަރަށް.. އެހެންވެ ޝުހާދު އެދޭތެރެއަށް ގެންނަން ޖެހުނީވެސް.. ޝާޔަންގެ މަރަށްފަހު އަހަރެންގެ ޙާލުހުރިގޮތް ފެނިފަ މިމީހުން ބޭނުންވީ ޝާޔަލްއާއި އަހަރެންގެ ކައިވެނި ކުރަން.. އެކަމަކު ޝިމާލްއާއި ހެދި އޭނަ އަހަރެންނާ ކައިވެނި ކުރަން ދެކޮޅު ހެދީ.. ” މިފަހަރު އޭނަގެ ނަޒަރު ހުއްޓުނީ އަހަންނަށެވެ.

” ދެން ތިބުނީ ނޫރުއަކީ؟” އޭނަގެ މޫނަށް ބަލާލަމުން އަހަރެން އެހީމެވެ.

“ނޫރު އެއީ އަހަރެންގެ ދަރިއެއް.. މީރާގެ ވާހަކަ އަހަރެން ކިޔައިދިނީ ހަމަތެދަށް.. އަހަރެން އޭނަދެކެ ވަރަށް ލޯބިވީން.. އެކަމަކު އޭނަ އަހަންނަށް އޮޅުވާލީ.. އެހެންވެ ބްލެކްމެއިލްކޮށްގެން އަހަރެން ބޭނުންވާ ކަންކަން އޭނަގެ ފަރާތުން ހޯދަމުންއައީ.. އޭނަ ޖަލަށް ދިޔައީވެސް އަހަރެންނާ ހެދި..” ބުނާނެ އެއްޗެއް އަހަރެންގެ ދުލަކަށްނައެވެ. އެބަޔަކަށް އެންމެ އިޙްތިރާމުކުރަމުންއައި މީހުންގެ ފަތިފުށް އެނގުމުން ހިސާބަކަށް ފޫހިވިއެވެ. އެންމެންގެ ކުރިމަތީގައި ޤަދަރުވެރިކަން ދައްކައިގެން އުޅުނު މީހުންގެ ޙަޤީޤަތް އަދިކިރިޔާ މިފެނުނީއެވެ. މިހުރިހާ ކަމެއް ފެނުމުގެ ކުރިން ޝާޔަން ދިޔައީ އޭނަގެ ނަސީބުގައި އެމީހުންގެ ހަޑިމުޑުދާރު އަމަލުތައް އެނގެން ނެތީމަކަމަށްވެދާނެއެވެ.

ޒައިކް ހުރިހާ ކަމަކަށް އެއްބަސްވުމުން އޭނަ ހައްޔަރުކުރުނެވެ. އޭނަގެ ބަޔާނުގައިވާ ގޮތުން ޒުހުރީއާއި ޒުހޭރުގެ މައްސަލަ ބަލަން ފެށުނެވެ. ޝާޔަންއަށް އިންސާފު ހޯދައިދިނުމަށް ކުރެވުނު މަސައްކަތްތަކުން އޭނަގެ އާއިލާގެ ސިއްރުތައްވެސް ހާމަވެގެންދިޔައީއެވެ. ޝާޔަލް ގާތުގައި އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ އޭނައަށް މިވާހަކަތައް ކިޔައިދޭނީ ކޮންދުލަކުން ހެއްޔެވެ؟ ވެދިޔަ ކަންތައްތަކުގައި އޭނަގެ އެއްވެސް ކުށެއްނެތްނަމަވެސް އޭނަގެ މަތިންވެސް ފާޑަކަށް ފޫހިވިއެވެ.

 

“ސަރ..” މާނިއު ކާރުގެ ދޮރު ހުޅުވާލަދިނެވެ. އަހަރެން ޝުކުރުއަދާކުރަމުން އޭނަގެ އެހީއާއިއެކީ ފޭބީމެވެ. އޭރު ޝިއުޒް އަހަރެންގެ އިންތިޒާރުގައި ބޭރުގައި ހުއްޓެވެ. ގޭގެދޮރާއިހަމައަށް ވަންނަންދެން އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ.

“ސަޕްރައިޒް..” ދޮރު ހުޅުވާލުމާއެކީ ޝާލީ ދުވެފައި އައިސް އަހަރެންްގެ ގައިގާ ބައްދާލިއެވެ.

” ވަޓް.. ކޮންއިރަކު އައީ؟” ލިބުނު ހައިރާންކަމުން ބުނެލެވުނެވެ.

” މިއަދު ހަމަ މިއައީ..” ޝާލީ އަހަރެން އިށީނދެގެން އިން ފުރޮޅުލީގޮނޑީގައި ހިފާލަމުން އެތެރެއަށްވަނެވެ. އެންމެންގެ މޫނުމަތިން ފެންނަމުންދަނީ އުފާވެރިކަމެވެ. މުޅި އާއިލާގެ އުފާވެރިކަން ގުޅިފައިވަނީ އޭނައާއިހެން ހީވެއެވެ. ޒައިކްގެ ދައްތައަށް ދިމާވިކަމެއް ޝާލީއަށް ދިމާވިނަމަ އަހަރެންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ކަމެއް ދިމާވިނަމަ އަހަރެން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟

“ތިއްތީ ކިހިނެއްވެފަ؟” ޝާލީއައިސް އަހަރެންގެ އަތުގައި ކޮށްޓާލިއެވެ.

” މާބޮޑަށް ޓަޔަރޑްވީ.. ރެސްޓުކޮށްލަން ބޭނުމީ..” ސިކުނޑީގައި ފުނިޖެހެމުންދާ ޙިޔާލުތައް ފަހަރެއްގައިވެސް ޝާލީއަށް އެނގޭކަން ބޭނުމެއްނޫނެވެ. ދޮންބެ އަހަރެން ގޮވައިގެން ކޮޓަރިއަށް ގެނެސްދިނެވެ. އޭރު ޖޫސްތައްޓެއް ހިފައިގެން މަންމަ އެތެރެއަށްވަނެވެ.

” ދަރިފުޅު ކޮންކަމަކާ ތިވިސްނަނީ؟” މަންމަ އަހަރެންގެ ގާތުގައި އިށީނެވެ.

” އެއްވެސް ކަމަކާ ނުވިސްނަން..” މަންމަގެ އުނގުގައި ބޯއަޅާލަމުން އަހަރެން ބުނީމެވެ.

” ޝާލް ދަރިފުޅު ކައިރީގަ ނުބުނެ އައީމަ ހިތްހަމަނުޖެހިފަތަ؟” މަންމަ އަހާލިއެވެ.

” އުހުނ.. ހިތްހަމަނުޖެހިފައެއްނޫން.. އެކަމަކު އެއީ އަންހެންކުއްޖެއް.. މީހެއްގެ ގޮތެއް ނޭނގޭނެ.. މިޒަމާނުގަ އެއްވެސް މީހަކަށް އިތުބާރުކުރާކަށް ނުވާނެ..” ޒައިކްގެ ދައްތަގެ މަތިން ހަނދާންވުމުން ހިތުގައި ބިރުވެރިކަން އުފެދުނެވެ. މިދުވަސްވަރު ޝާލީ މާލެއައުމަކީ އަނެއްކާ ރައްކާތެރިކަމެއް ހެއްޔެވެ؟ ކަންތައް ވެފައިވާ ގޮތުން އަހަރެންނަށް ނަފްރަތުކުރާނެ ގިނަބަޔަކު މިހާރު އުޅޭނެއެވެ. އެއިން މީހެއްގެ ޝިކާރައަކަށް ޝާލީވެއްޖެނަމަ..

“ތިވެސް ތެދެއް.. އެކަމަކު އަބަދު ދަރިފުޅުމެންނެއްވެސް އޭނަ ކައިރިއަކު ނުތިބޭނު.. އޭނަ އަމިއްލައަށްވެސް އުޅެން ދަސްކުރަންޖެހޭނު..” މަންމަ އެބުނީވެސް ތެދެކެވެ. ޖޫސްތަށި ބޯލައިގެން އެނދުގައި ޖައްސާލީ ހަށިގަނޑަށް އަރާމެއް ހޯދައިދެވޭތޯއެވެ. ނަމަވެސް ހިތާއި ސިކުނޑީގައި އުފެދިފައިވާ ހައިޖާންގަނޑު މާބޮޑެވެ.

އާދުވަހަކަށް އިރުއެރީ އަހަރެންނަށް ދިރިއުޅުމުގެ ތަފާތު ކުލައެއް ދައްކަމުންނެވެ. ފުރޮޅުލީގޮނޑިއެއްގައި އިންނަންޖެހުނުކަމަށްވިޔަސް ނިންމަންޖެހޭ މަސައްކަތްތައް ހުރުމުން ކޮންމެހެންވެސް އޮފީހަށް ދާންޖެހެއެވެ. އެއްއަތުގެ އެހީއާއިއެކީ އުދަނގޫގޮތަކަށް ތައްޔާރުވެލައިގެން ނިކުތްއިރު ކޮންމެމީހަކުވެސް އެމީހެއްގެ މަސައްކަތައިގެން އުޅެމުންދިޔައެވެ. މަންމައާއި ކިއާރާ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމައިގެން އުޅެމުންދިޔައިރު ޝާލީއާއި ނޫރު ފޮތެއްގެ ތެރެއަށް ގެއްލިފައި ތިއްބެވެ.

“ޝާލް.. ތިއްތި ތިރިއަށް ގެންގޮސްދީބަލަ..” އަހަރެންގެ ޖުމްލަ ފުރިހަމަނުވަނީސް ޝާލީއައިސް ގޮނޑީގައި ހިފާލިއެވެ.

“ތިއްތި އެކަނި ދެވޭނެތަ؟” ދޮރުން ބޭރަށް ނިކުންނަމުން ޝާލީ އަހާލިއެވެ.

” މާނިއު އަންނާނެ މިހާރު…” އަހަރެންގެ ސަބަބުން އެންމެންނަށް އުދަނގޫ އުފުލަންޖެހިފައިވަނީއެވެ.

“ޝާލް ދޭ އެތެރެއަށް..” ބޭރަށް ނިކުތުމުންވެސް އޭނަ މަޑުކޮށްގެންހުރީއެވެ. އަމުރުވެރި ރާގަކަށް އެހެން ބުނެލުމުން އޭނަ ދުވެފައި ހިނގައްޖެއެވެ. ކުޑައިރުކޮޅެއްފަހުން މާނިއުވެސް އަތުވެއްޖެއެވެ.

“އެޑްރެސް ލިބިއްޖެތަ؟” އޭނަ ބޯޖަހާލިއެވެ. ކާރަށް އެރުމުން މާނިއު ދާންވީ އެޑްރެސްބުނެލިއެވެ. ކާރު މަޑުކޮށްލީ ރީތިކޮށް ހަދާފައިވާ އިމާރާތެއްގެ ކައިރިއަށެވެ. މާނިއުގެ އެހީއާއެކީ އެތެރެއަށްވަނީމެވެ.

“ޓެންތް ފުލޯ..” އެއީ އިމާރާތުގެ އެންމެ މަތީބުރި ކަންނޭނގެއެވެ. ފެންނަފެނުމަށް ވަރަށް ފަހުން އިމާރާތްކޮށްފައިވާ ތަނެއްހެން ހީވެއެވެ. ކޮންމެ ތަނަކުން ފެންނަމުންދަނީ ތަނަވަސްކަމުގެ ކުލަތަކެވެ. އެންމެ ޒަމާނީ ގޮތަށް ފަރުމާކުރެވިފައިވާ އިމާރާތެކެވެ. ލިފްޓުގެ ދޮރުހުޅުވުމުން މާނިއު އަހަރެންގެ ގޮނޑީގައި ހިފައިގެން އެތެރެއަށްވަނެވެ.

ބެލްޖަހާލުމުން ދޮރުހުޅުވިއިރު ބޭރުމީހެއް ދޮރުމަތީގައި ހުއްޓެވެ. އޭނަގެ ލޮލުން ފެންނަމުންދަނީ ބިރުވެރިކަމެވެ.

” ލޫސީ ކާކުތަ؟” އެތެރެއިން އަޑުއައެވެ.

“ޕޮލިސް.. ދައްތާ ޕޮލިސް..” އޭނަގެ އަޑުގައި ތުރުތުރެއް ހުއްޓެވެ. އިރުކޮޅަކުން އުމުރުން ތަންކޮޅެއް ދުވަސްވެފައިހުރި އަންހެނެއް އައިސް އެތެރެއަށްވަނުމަށްއެދުނެވެ. ޒަމާނީ ސޯފާތަކާއި ފަރުނީޗަރތަކުން ޒީނަތްތެރިކުރެވިފައިވާ ސިޓިންރޫމެކެވެ.

“ކޮންކަމަކުތޯ؟” އެއަންހެންމީހާ ވާހަކަ ދެއްކީ އަދަބުވެރިކަމާއެކީގައެވެ.

” ފަރިޔާލު ތޯ؟” މާނިއު އަހާލިއެވެ. އޭނަ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“އަޅުގަނޑުމެން ބޭނުންވަނީ ރީޝާއާއި ބެހޭ ގޮތުން މައުލޫމާތުކޮޅެއް ހޯދަން.. އޭނައަށް ދިމާވި ހާދިޘާ..” އެއަންހެންމީހާގެ މޫނަށް ބަލާލަމުން ބުނީމެވެ. އޭނަގެ ދެލޮލަށް ކަރުނަތައް ބޮޑިވެގަތެވެ. ނަމަވެސް ހިތްވަރުކޮށްލާފައި އަތުގެ ނުފުށުން ކަރުނަތައް ފޮހެލިއެވެ.

” މީގެ ދިހައަހަރު ކުރިން ހިނގިކަމެއް އެއީ.. އޭރު ރީޝާގެ އުމުރުން ސަތާރަ އަހަރު.. ރަށުންކިޔެވެންހުރިވަރަށް ކިޔެވުނީމަ އޭނަ ބޭނުންވީ އިތުރަށް ކިޔަވަން.. އަހަރުމެންގެ ތަނަވަސްކަމެއް ނެތް އޭނަ މާލެ ނޫނީ ކުޅުދުއްފުއްޓަށް ފޮނުވާކަށް.. އަހަރެން ކިރިޔާ ދަންނަމީހަކުވެސް އުޅެނީ ހަނިމާދޫގަ.. އެހެންވެ ހަނިމާދޫއަށް ފޮނުވީ.. އޭނަ ހުރީ ވަރަށް އުފަލުން.. އަބަދުވެސް ބުނާނެ ކިޔަވައިގެން ވަރަށް މޮޅު މީހަކަށް ވާނަމޭ.. ބަސްއަހާ ކިޔަމަންތެރި ދަރިއެއް އެއީ.. ކިޔެވުންނޫން އެހެން އެއްވެސް ކަމަކަށް އޭނަގެ ޝައުޤުވެރިކަމެއްނެތް.. މިބުނީ އެއުމުރުގެ އެހެންކުދިންހެން ފިރިހެންކުއްޖަކާއެކީ އެފަދަ އެއްވެސް ގުޅުމެއް ނޯވެއޭ.. ހުރިހާ ކަމެއްވެސް އޭނަ އަހަންނާ ހިއްސާކުރާނެ..

އޭރު ޒުހުރީމެން ހިންގި ޓިއުޝަން ކުލާހެއް.. އެކުލާހަށް ރީޝާ ދާންފެށިތާ ދުވަސްކޮޅެއް ވީއިރަށް އަހަރެން ގާތު ބުނި އެމީހުންގެ އަމަލުތައް ހުންނަގޮތް.. އޭރު އަހަރެންވެސް މާބޮޑުކަމަކަށް ނުހަދަން.. އަހަރެންގެ ދަރިފުޅަކީ ރީތި ކުއްޖެއްވީމަ ފިރެހެންކުދިންގެ ފަރާތުން އެކަހަލަ ކަންކަމާއި ކުރިމަތިލާންޖެހޭނެކަން އޭނައަށް ވިސްނާދިނީ.. އެކަމަކު އެމީހުން.. ރީޝާގެ އިއްފަތްތެރިކަން ފޭރިގަތީ.. އެވަރުން ނުވެގެން އެތައް އަނިޔާއެއް ކޮށް މޫދަށް މަރުވާން އެއްލާލީ.. އެމީހުން ބިރުގަތީ ރީޝާގެ ސަބަބުން އެމީހުންގެ އަބުރާއި އިއްޒަތަށް ފަޑުވެގެން ހިގައިދާނެތީ…” އޭނަގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހެމުންދިޔައެވެ. މަންމައަކަށް ދަރިއެއްގެ އެފަދަ ވާހަކައެއް ކިޔައިދިނުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.

” އޭގެފަހުން ރީޝާއަށް ވީ ކިހިނެއް؟” އަހަރެން އަހާލީމެވެ.

” އެރެއަށްފަހު އޭނަގެ ދިރިއުޅުން މުޅިން ބަދަލުވި.. ފުރަތަމަ އޭނަގެ ހާލު އެހާ ގޯހެއްނޫން.. އޭނަ އަމިއްލައަށް އަހަރުމެންނަށް އެވާހަކަ ކިޔައިދިނީ.. އެކަމަކު ލިބިފަހުރި އަނިޔާތަކަށް ފަރުވާނުކުރެވި ގިނަދުވަސްވީމަ އޭނަގެ ހާލު ގޯސްވާންފެށީ.. ގިނަފަހަރަށް ހަމަހޭގައިވެސް ނުހުރޭ.. ހަމަހޭގައި ހުންނަ ވަގުތުތަކުގައިވެސް މަސައްކަތްކުރީ އަމިއްލައަށް މަރުވާން.. އެތައް ފަހަރަކު މަރުވާން މަސައްކަތްކުރި.. އެންމެފަހުން.. މިހާރު ކޯމާގަ..” ދަރިއަކު އެފަދަ ހާލުގައިވުމަކީ މަންމައަކަށް ހާދަ އަސަރުކުރާނެކަމެކެވެ. އަހަރެން އެމަންމަގެ އަތުގައި ހިފާލީމެވެ.

” އަހަރުމެންނަށް އޭނައާއި ބައްދަލުކުރެވިދާނެތަ؟” އެކަރުނުން ފުރިފައިވާ ދެލޯ ފެނުމުން ހާދަ އަސަރެއްކުރެއެވެ. އޭނަ ބޯޖަހާލަމުން އައުމަށް އެދުނެވެ. އޭނަ ހުއްޓުނީ އެންމެ ބިއްދޮށަށްހުރި ކޮޓަރީގެ ދޮރުމަތީގައެވެ. އެތެރެއަށްވަތްއިރު މެޝިތަކުގެ އަޑު އިވެމުންދިޔައެވެ. މުޅި ކޮޓަރިތެރެވަނީ ހޮސްޕިޓަލެއްގެ ކޮޓަރިއެއް ފަދައިން ތައްޔާރުކޮށްފައެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި ބެހެއްޓިފައިވާ އެނދުގައި އަންހެންކުއްޖަކު އޮތެވެ. އޭނައޮތް އެނދު ކައިރީގައި ތަފާތު މެޝިންތައް ބެހެއްޓިފައިވެއެވެ. އަހަރެން އޭނަ ކައިރިއަށް ހުއްޓިލީމެވެ. ދެލޯމެރިފައިވާއިރު އޭނަގެ މޫނުމަތިން ފެންނަމުންދަނީ ވީރާނާކަމެވެ.

މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމުން އެއްފަރާތެއްގައި ހުރި ބިތުގައި ބޮޑު ފޮތްހަރުގަނޑެއް ބެހެއްޓިފައި ހުއްޓެވެ. އޭގެ ކައިރީގައި ފާރުގައި ފޮޓޯއެއް ހަރުކޮށްފައިވެއެވެ. ރީޝާގެ ކުރީގެ ފޮޓޯއެއްކަންނޭނގެއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Angel

Level 110 Stories100 Comments

Other Articles

Previous

ދޭނަން ހިތާ ޖާނާ (20)

Next

ވަކި ވީމާ ކަލާ.. މިހަޔާތާ މަގޭ..

Next
July 30, 2016

ވަކި ވީމާ ކަލާ.. މިހަޔާތާ މަގޭ..

Previews
July 30, 2016

ދޭނަން ހިތާ ޖާނާ (20)

10 Comments!

  1. Lalla says:
    July 30, 2016 at 7:44 pm

    Ohh i was waitin for this storyy…Finallyy…Plx dhn baivas avas up kurahchey ingeyy…

  2. Enaash says:
    July 30, 2016 at 7:46 pm

    V nice v interesting

  3. kabulo says:
    July 30, 2016 at 7:48 pm

    salhiyey..,, kn irakun nxt prt

  4. Same says:
    July 30, 2016 at 7:51 pm

    V nice. When next part????

  5. Angel says:
    July 30, 2016 at 8:10 pm

    I thot so.. shaayan ge kaafa kibain badhal hifan

  6. Hooo says:
    July 30, 2016 at 11:00 pm

    Wooooooow. No words.

  7. Nern.. says:
    July 31, 2016 at 12:25 pm

    mee hama hageegatheh baa..???????
    unbelievable..?????nxt prt avahah up kohdhehcheyyy..!!

  8. rafa says:
    July 31, 2016 at 4:23 pm

    Wow nice..i like how the stry is going ☺

  9. ???? says:
    July 31, 2016 at 6:44 pm

    wow nice ?????

  10. az says:
    August 1, 2016 at 12:11 pm

    wow nice

Comments are closed.

Next Episodeއަހަރެންގެ ވާހަކަ (ސައުރަތިރީސްވަނަ ބައި)←


All Right Reserved!