Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެހީގެއަގު ނިމުން

mohamed neer Level 210 Stories100 Stories
September 2, 2013 4 Mins Read
3 Comments

އިނާ ހޭއަރައި ލޯހުޅުވާލުމާއެކު ފެނުނީ އޭނާގެ ދެފައި ބަނުމަށް މަސައްކަތް ކުރަމުންދިޔަ ނާއިލް އެވެ. އިނާ ކުއްލިއަކަށް
ދެފައި ދަމައިގަންނަމުން ފައިކުރުކޮށްފަ ނާއިލްގެ މޭމަތީގަ ފައިން ޖެހިއެވެ. އެފަދަކަމަކަށް އެއްވެސްވަރަކަށް ނުވިސްނާހުރި ނާއިލް ވިއްސައިގެން ގޮސް ކުޑަދޮރުގެ ބިއްލޫރިގަނޑުގަޖެހި ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކުޑަދޮރުން ބޭރަށް ވެއްޓިއްޖެއެވެ.
ވެއްޓިޖެހުނުގޮތުން ވީތަދާއި އިނާ ފައިން ޖެހުމުން މެޔަށް ވަމުންދާ ތަދުގެ އިތުރުން ބިއްލޫރިގަނޑުތަޅައިގެން ގޮސް
ވެފައިވާ ޒަހަމުގެ ސަބަބުން ނާއިލްގެ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ.
އެނދާއެކު ދެއަތްބަނދެފައިވާ އިނާ ސަލާމަތްވުމަށް މަސައްކަތްކުރަމުން ރޮމުން ދިޔައެވެ. ކަންތައް ވެފައިވާގޮތުން ވަގުތު
އައިސް ޖެހުނީކަން އެނގުނު ނަމަވެސް އިނާ އުންމީދު ނަގައެއްނުލައެވެ. ހިތްވަރު ދުލެއް ނުކުރެއެވެ.
އިނާ ސަލާމަތްވެއްޖެނަމަ ލަންމާ މަރާލީ ނާއިލްކަން ސާބިތުކޮށްދޭނެކަން ނާއިލަށް އެނގެއެވެ. ވަމުންދާތަދާއި އަޅަމުންދާ
ވޭނަށް މާބޮޑު ސަމާލުކަމެއްނުދީ ނުހަނު ހިތްވަރާއެކު މަޑުމަޑުން ނަމަވެސް ނާއިލް މަސައްކަތްކުރަމުން ދިޔައީ އިނާއާ ހަމައަށް ދެވޭތޯ އެވެ.
އުންމީދު ނަގާނުލާ ރޮމުން ރޮމުން ނަމަވެސް ގަދަހިތްވަރާއެކު އިނާ މަސައްކަތްކުރަމުން ދިޔައެވެ. އިނާ ކުރަމުންދިޔަ
މަސައްކަތުން އެ ދެ ވާގަނޑު ކޮންމެވެސް ވަރަކަށް ދޫވެ އިނާއަށް އަނގަޖެހޭވަރު ވިއެވެ. އިނާ އަވަސް އަވަހަށް އަނގައިން އެއް ވާގަނޑު މޮހާލިއެވެ.
ވާގަނޑު މޮހާލައިގެން ސަލާމަތްވުމަށް އިނާ މަސައްކަތްކުރަމުން ދަނިކޮށް ނާއިލް އައިސް ކޮޓަރިއަށް ވަތްތަން ފެނުމާއެކު
އަޑުގެކޮޅަށް އިނާއަށް ރޮއިގަނެވުނެވެ. ހަމައެހެންމެ އަވަސް އަވަހަށް ތެޅިގަނެވުނެވެ.
އިނާއާ ދިމާއަށް އަންނަން މަސައްކަތްކުރަމުންދަނިކޮށް ނާއިލްގެ ޚަބަރުހުސްވުން ކަހަލަކަމެއް ދިމާވެގެން ތަޅުންމައްޗަށް
ވެއްޓިއްޖެއެވެ.
އިނާ އަވަސް އަވަހަށް ދެއަތް މޮހާލައިގެން އެނދުންފޭބިއެވެ. އަދި ފަރުވާތެރިކަމާ ޝައުޤުވެރިކަމާއެކު ނާއިލަށް ބަލަމުން
ބަލަމުން ގޮސް ކޮޓަރިން ނުކުތެވެ.
އިނާ ދުވެފައި ގޮސް މަގަށް ނުކުމެ ދެކޮޅު ހޯދާލިއިރު މަގުމަތިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހަމައެހެންމެ ދުއްވާ
އެއްޗެއް ވެސް ދަތުރުކުރަމުންދާތީ ފެންނާކަށް ނެތެވެ. އެއާއެކު އިނާގެ ހާސްކަން އިތުރުވިއެވެ.
ގޯތިވަށާލާފައި ގޮސް އަނެއްމަގަށް ނުކުތުމާއެކު އިނާގެ ލޮލުގަ އަޅައިގަތީ މަގުގެ އަނެއްފަރާތުގަ ޕާކުކޮށްފައި އޮތް ކުޑަ
ޕިކަޕެވެ. ދުވެފައި ގޮސް ބަލާލިއިރު ތަޅުދަނޑިއެއް ނެތެވެ. ސަލާމަތްވެވޭނެ އެއްވެސްގޮތެއް ނެތްކަމަށް ހީކުރެވުމާއެކު އިނާއަށް ބާރަށް ރޮއިގަނެވުނެވެ.
އިރުކޮޅަކު އެހެން ހުރުމަށްފަހު ވަށައިގެން ހޯދާލިއިރު އެހިސާބުން އިތުރުއުޅަނދެއް ފެންނަން ނެތުމުން މިޕިކަޕަކީ
ނާއިލް އައިސްއުޅޭ ޕިކަޕަށް ވެދާނެކަމުގަ އިނާއަށް ގަބޫލުކުރެވުނެވެ.އިރުކޮޅަކު އެހެން ހުރުމަށްފަހު އިނާ ގެއާދިމާއަށް ދުއްވައިގަތީ ކޮންމެވެސް ކަމެއް ހަނދާންވެގެން ކަން ޔަގީނެވެ. އިނާ ދުވެފައި ދިޔަގޮތަށް ގޮސް ގޭތެރަށް ވަތްނަމަވެސް ކޮޓަރިއާ ދިމާއަށް މިސްރާބުޖެހީ ފިޔަވަޅުގެ އަޑު ވެސް ނީވޭހާ މަޑުމަޑުންނެވެ.
މަޑުމަޑުން އިނާ ގޮސް ބަލާލިއިރު ނާއިލް ކުރިން ވެސް އޮތްގޮތަށް އޮތެވެ. އެހެންކަމުން އިނާއަށް ހަމަޖެހުމުގެ ނޭވާއަށް
ލެވުނެވެ. އަދި މަޑުމަޑުން ނާއިލާއި ގާތަށް ޖެހިލަމުން ޕިކަޕްގެ ތަޅުދަނޑި ފެންނަންއޮތްތޯ ބަލާލިއެވެ.
ނަސީބާމެދު އިނާއަށް ހިނިތުން ވެލެވުނީ ނާއިލްގެ ޖީބުން ތަޅުދަނޑި ފެންނަން އިނުމުންނާއި ތަޅުދަނޑީގެފުލުގަ ލާފައިވާ
ހިމަހިމަ ޗޭނުފަށް ތަންކޮޅެއް ދުރަށް އައިސްފައި އޮތުމުންނެވެ.
މަޑުމަޑުން ނާއިލާއި ދިމާއަށް ގުދުވެ ޗޭނުފަށުގައިހިފާ މަޑުމަޑުން ދަމަމުން ދިޔައިރު އިނާގެ އަތުގަ ކޮންމެވެސް ވަރެއްގެ
ތުރުތުރުލުމެއް ހުއްޓެވެ. އެހެންކަމުން އޭނަ އަދި ވެސް އެހުރީ ބިރުންކަން ޔަގީނެވެ.
އިނާ އެތައްއިރަކު ކުރި މަސައްކަތުން ތަޅުދަނޑި ނެގިއްޖެއެވެ. އެއާއެކު އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ގެއިން
ނުކުންނާން ދުއްވައިގަތެވެ.
ތަޅުދަނޑި ހިފައިގެން އިނާ ނުކުތުމާއެކު ނާއިލް ލޯހުޅުވާލިއެވެ.
އިނާ ދުވެފައި އައިސް ޕިކަޕަށް އަރާ ސްޓާޓްކުރެވޭތޯ މަސައްކަތް ފެށިއެވެ. އެހެނަސް ގަތްފައިވާ ބިރުގެ ސަބަބުން އަތް
ތުރުތުރުއަޅާތީ ތަޅުވަޅާއި ތަޅުދަނޑި ދިމާކުރުމަކީ އިނާއަށް އުނދަގޫކަމަކަށް ވިއެވެ. އެއާއެކު މަޑުމަޑުން ރޮވެން ވެސް ފެށިއެވެ.
ފަސްވަރަކަށް މިނިޓް ކުރިމަސައްކަތުން ޕިކަޕް ސްޓާޓްކުރިއިރު ނާއިލް އައިސް ޕިކަޕްގެ ފަހަތަށް އެރިކަމެއް އިނާއަކަށް
ނޭނގެއެވެ. އެހެންކަމުން ޕިކަޕް ސްޓާޓްކުރެވުމާއެކު އަވަސް އަވަހަށް ދުއްވާލިއެވެ.
ޕިކަޕް ދުއްވާލެވުމުން އިނާ ކުޑަކޮށް ހަމައަކަށް އެޅުނު ނަމަވެސް، ވެފައިހުރި ހާސްވުމެއްގެ ސަބަބުންނާއި ގަތްފައިވާ
ބިރުގެ އިތުރުން އެފަދަ އެއްޗެއް ދުއްވަން އެންމެރަނގަޅަކަށް ނުވެސް އެނގެއެވެ. އަނދިރި މަގުތަކުގަ ޕިކަޕް ދުއްވަމުން ދިޔައިރު ވެސް އިނާ އިނީ ކޮންމެވެސްވަރަކަށް ރޮވިފައެވެ.
ޕިކަޕްގެ ބިއްލޫރިގަނޑު ފަހަތުންހުރި ދަގަނޑުގަ ހިފަހައްޓާލަމުން ނާއިލް ކޮޅަށް ތެދުވި ނަމަވެސް އިނާއަކަށް ތަނެއް
ދޮރެއް ނޭނގެއެވެ. ވަރަށް އަވަސް ހަރަކާތްތަކަކާއެކު ނާއިލް އޭނާގެ އަތުގައިއޮތް ދަގަނޑުގަނޑަކުން ޖަހާ ޕިކަޕްގެ ބިއްލޫރިގަނޑު ތަޅާލިއެވެ. ގަތްބިރާއެކު އަޑުގެކޮޅަށް ރޮއިގަންނަމުން އިނާ ހަޅޭލަވައިގަތެވެ.
ނާއިލް އަވަސް އަވަހަށް ފުރަގަހުން އަތްލާ އިނާގެ ކަރުގަ ހިފިއެވެ. އެހެނަސް ނާއިލްގެ އަތްދަށުން ސަލާމަތްވުމަށް
މަސައްކަތްކުރަމުން ޕިކަޕްގެ މިސްރާބު ރަނގަޅަށް ބެހެއްޓޭތޯ އިނާ މަސައްކަތްކުރަމުން ދިޔައެވެ.
ނާއިލް އެތައްއިރަކު ކުރި މަސައްކަތުން އިނާގެ އަތުން ހުންގާނު ދޫވެ ޕިކަޕްގެ މިސްރާބު ބަދަލުވިއެވެ.
އިނާގެ ކަރުގަ ހިފާ ބާރުކުރަމުން އިނާގެ ނޭވާ ހާސްކޮށްލެވޭތޯ ނާއިލް މަސައްކަތްކުރަމުން ދިޔަ ނަމަވެސް އިނާ ވެސް
ހިތްވަރު ދޫކޮށްނުލާ ނާއިލްގެ އަތްދަށުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދިޔައެވެ.
ޕިކަޕްގެ މިސްރާބު ބަދަލުވެގެން ދިޔަގޮތަށް ގޮސް ވެއްޓުނީ މަގުގެ އެއްފަރާތުގައޮތް ކަނޑޫކުޅިއަކަށެވެ.
ނާއިލް އޭނާގެ މަސައްކަތް ކާމިޔާބުވޭތޯ މަސައްކަތް ކުރަމުންދިޔައިރު، ރޮމުން އާދޭސްކުރަމުން ނާއިލްގެ ކިބައިން ސަލާމަތް
ވުމަށް އިނާ ކުރަމުންދިޔަ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދިޔައެވެ. އިނާގެ އަޑު ކަނޑުވާލުމަށްޓަކައި އަނގަ ބަންދުކޮށްލަން މަސައްކަތްކުރި ވަގުތު ނާއިލްގެ އަތުގަ އިނާ ދަތްއެޅުމުން ވީ ތަދާއެކު ހަޅޭލަވައިގަންނަމުން އިނާގެ ގައިން ނާއިލް ދޫކޮށްލިއެވެ.
ނާއިލްގެ އަތްދަށުން ސަލާމަތްވުމާއެކު ޕިކަޕުން ފުންމާލައިގެން އިނާ އުޅުނީ ކޯރުގެ އަނެއްފަރާތަށް ދާން ނަމަވެސް އިނާގެ
އުނަގަނޑާއި ހަމައަށް ކޯރުގަ ފެންހުރުމުން ހިނގަން އުނދަގޫވިއެވެ.
އިނާއަށް ތަންކޮޅަކަށް ވެސް ނުދެވެނީސް ނާއިލް ޕިކަޕުން ފުންމާލައިގެން އައިސް އޭނާގެގައިގަ ހިފެހެއްޓިއެވެ. އަދި
ގަދަކަމުން ދަމާފައި ކަހަލަގޮތަކަށް ޕިކަޕްކައިރިއަށް ގެންގޮސް އިނާގެބޮލުން ޕިކަޕްގެ ޖެހޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނާއިލް މަސައްކަތްކުރަމުން ދިޔައީ އިނާގެބޮލުން ޕިކަޕްގަޖަހާ ބޯފަޅާލާން ނަމަވެސް އިނާ ކުރަމުންދިޔަ މަސައްކަތުގެ ސަބަބުން ނާއިލަށް ކާމިޔާބުވާގޮތެއް ނުވެއެވެ.
ކުއްލިއަކަށް ނާއިލްގެ އަތްދަށުން ދެމިގަންނަން މަސައްކަތްކުރަމުން އިނާ ހޫރާލިއަތް ޖެހުނީ ނާއިލްގެ އަނގަމަތީގައެވެ.
ޖެހުނުލެއް ބާރުކަމުން ވީތަދާއެކު ނާއިލަށް އިނާގެ ގައިން ދޫކޮށްލެވުނެވެ.
އޭނާގެގައިން ނާއިލް ދޫކޮށްލުމާއެކު އިނާ އަނެއްކާ ވެސް މަސައްކަތްކުރީ އެއްގަމަށް އަރާށެވެ. އެހެނަސް ނާއިލް އަނެއްކާ
ވެސް އަވަސް އަވަހަށް އައިސް އިނާގެގައިގަ ހިފެހެއްޓިއެވެ. އެއާއެކު އިނާގެ ކަރުގަހިފިއެވެ.
ކުރަންޖެހުނު ގަދަފަދަ ހަނގުރާމައިގެ ސަބަބުނާއި ރޯންޖެހުނު ރުއިމުގެ ސަބަބުން ވަރުބަލިވެފައިހުރި އިނާއަކަށް މިފަހަރު
އެއްވެސް ކަމެއް ނުކުރެވުނެވެ. އިނާގެބޮލުގެ އިސްތަށިގަނޑުގަ ހިފާވާންކޮށްލަމުން ދެތިންފަހަރަކު ގަންބާލާފައި ނެގިއިރު އިނާ ހުރީ ނޭވާ ހާސްވެ ދެލޯ ބޮޑުވެ އަނގައާއި ނޭފަތުން ލޭ އައިސްފައެވެ. އަތްފައިންނާއި ހަށިގަނޑުން ބާރުދެރަވެ ވަރު ހުސްވެފައެވެ.
ކޯރުގެއަޑިއަށް އިނާ ގަންބާލާ އޭނާގެ ބޮލުގަ ހިފަހައްޓާލައިގެން ނާއިލް ހުއްޓެވެ. މަރުން ސަލާމަތްވުމަށްޓަކައި މަސައްކަތް
ކުރަމުންދިޔަ އިނާގެ އަތުގަ، ނާއިލްގެ ޖިންސް ޖީބުބޭރަށް ލައްވާފައިއިން ހަންޖަރުޖެހުމާއެކު ދަމައިގަތެވެ. އަދި ނާއިލަށް އެއްވެސް ފުރުސަތެއް ނުދީ ނާއިލްގެ ބަނޑަށް ހަންޖަރު ހަރާލިއެވެ. އެވަގުތު ވީތަދާއި ލިބުނު ރިހުމުގެ ސަބަބުން ނާއިލަށް ކެތްނުވެގެން އަޑުގެކޮޅަށް ރޮއި ހަޅޭލަވައިގަންނަމުން އިނާގެ ގައިން ދޫކޮށްލިއެވެ. އެއާއެކު އިނާ ފެންގަނޑުތެރޭން ތެދުވަމުން ނާއިލްގެ ބޮލުގަ ޖެހިއެވެ.
އިނާ އެއްގަމަށްއައީ ޚަބަރު ހުސްވެގެން ފެންގަނޑުތެރެއަށް ވެއްޓުނު ނާއިލްގެ އަތުގަ ހިފާދަމާފައި ކަހަލަގޮތަކަށް ގޮވައި
ގެންނެވެ. އިނާއަށް އެހިސާބަށް އާދެވުނުއިރު ޕޮލިހުން ވެސް އެހިސާބަށް އައިސްފިއެވެ.
ނާއިލާއި އިނާގެ މެދުގަ ކަންތައްތަކެއް ހިނގައިގެން އުޅޭކަން އަތީލަށް އެނގުނީ އިރުއެރިފަހުންނެވެ. އެހެންކަމުން ޚަބަރު
ލިބުމާއެކު އަތީލް އަވަހަށް އެގެއަށް ދިޔައެވެ. އަތީލް ދިޔައިރު އިނާ އޮތީ ނިދާފައެވެ.
އިނާއަށް ހޭލެވުނީ ކޮންމެވެސް މީހެއްގެ ހިލަމެއް ވެގެންނެވެ. ހޭލެވުމާއެކު އަވަސް އަވަހަށް ލޯހުޅުވާލަމުން ކާކުތޯ ބަލާލި
އިރު އެއީ އަތީލް އެވެ.
” ކުޅަދާނަ ތެޅުންތެރިޔާ. ” އިނާއަށް ބަލާލަމުން އެހެންބުނުމަށްފަހު އަތީލް އައިސް އިނާގެ މަގަތުން އިށީނެވެ. އިނާ
ތެދުވެ އެނދުގަ އިށީންނަމުން އަތީލަށް ބަލާލިއިރު މޫނުމަތިން ފެންނަމުންދަނީ ހާސްކަމާއި ނުތަނަވަސްކަމުގެ އަސަރުތަކެވެ.
” އޭތް! ބައިވަރު މީހުން އައިސް އެބަތިބި އެ ކުއްވެރިޔާ އަތުލައިގަތް ކުޅަދާނަ ފަހުލަވާނާއި ބައްދަލުކުރަން … ހިނގާ
އަވަހަށް ބޭރަށް ދާން. ” އިނާގެ މޫނަށް ބަލާލަމުން އަތީލް ވާހަކަ ދެއްކިއެވެ.
” އަހަރެން ބޭނުމެއްނޫން އެހެން އެއްވެސް މީހަކާއި ބައްދަލުކުރާކަށް. ” އަތީލަށް ބަލަން އިނދެ އިނާ ޖަވާބު ދިނެވެ.
” އިނާ! ކޮންމެމީހަކަށް ވެސް ކުށެއް ކުރެވިދާނެ. އެމީހެއްގެ ކުށުގެ ބަދަލުހޯދަން ކޮންމެވެސް މީހަކު ދަސްކުރީ ކަލޭގެ
ކިބައިން. ” އިނާއަށް ބަލަން އިނދެ އަތީލް ވާހަކަ ދެއްކިއެވެ.
” އަހަރެން އެކުވެރިކަން ދަމަހައްޓަން ދަސްކުރީ އަތީލްގެ ކިބައިން. ޝުކުރިއްޔާ! ” އަތީލަށް ހިނިތުންވެލަމުން އިނާ
ބުނެލިއެވެ.
އަތީލް މަޑުމަޑުން ތެދުވެގެން ގޮސް ކުޑަދޮރުގެ ފޮތިތައް ކަހާލިއެވެ. އެއާއެކު އިރުގެއަލި ސީދާ ކޮޓަރިތެރެއަށް ފޯރިއެވެ.
އެނދާއިދިމާއަށް އަތީލް ބަލާލިއިރު އަތީލަށް ބަލަހައްޓައިގެން ހިނިތުންވެފައި އިނާ އިނެވެ.
” ތެދުވޭ …. ތެދުވެގެން އަހަރެން ކައިރިއަށް އާދޭ …. އަހަރެން އަބަދުވެސް މިއިންތިޒާރުކުރަނީ އިނާއަށް. ” އިނާއާ
ދިމާއަށް އަތްދިއްކޮށްލަމުން ހިނިތުންވުމާއެކު އަތީލް ވާހަކަ ދެއްކިއެވެ.
” އެކީއްވެ؟ ” އިނާ އަހާލިއެވެ.
އިނާ މަޑުމަޑުން ތެދުވެގެން އައިސް އަތީލްގާތަށް ހުއްޓި އަތީލް ބޭނުންވި ފަދައިން އަތީލްއާ ބައްދާލަމުން އަތީލްގެ
މޭގަ ބޯއަޅާލިއެވެ. އެއާއެކު އަތީލް ވެސް އިނާގެގައިގަ ބައްދާލިއެވެ.
” ނޭނގޭތަ؟ ” އަތީލް އަހާލިއެވެ.
” އެއީ އަތީލް އަހަރެންނަށްދިން ލޯތްބާއި އެހީގެއަގު ” މަޑުމަޑުން އިނާ ބުނެލިއެވެ.
ނިމުނީ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ހިތް ނުރޮއްވާ… (10)

Next

އޯޕަން ކުލޯޒް

Next
September 4, 2013

އޯޕަން ކުލޯޒް

Previews
August 31, 2013

ހިތް ނުރޮއްވާ… (10)

3 Comments!

  1. George says:
    February 4, 2014 at 2:33 pm

    Thanky Thanky for all this good inirnmatfoo!

  2. user input says:
    October 5, 2014 at 6:26 pm

    It’s always a pleasure to hear from someone with expertise.

  3. liyaa says:
    December 2, 2018 at 9:30 am

    nice ☺

Comments are closed.


All Right Reserved!