ކަޅި (ދެވަނަ ބައި)
އަހަރެންގެ ކެތްތެރިކަން ކޮޅުން ލިއެވެ. އެންމެ ފަހުން އަހަރެންގެ އަތުގައި އޮތް ދަނޑިބުރިން ފުންމާގެން ގޮސް ރިފްއަތުގެ ބޮލުގައި ޖެހީމެވެ. އެއާއެކު ބާރު ހަޅޭކަކާއެކު އޭނާ ބިންމައްޗަށް ތިރި ވިއެވެ. އަހަރެންގެ އަތުގައި އޮތް ދަނޑިބުރި ބިންދާގެން ދިޔައެވެ. އަހަރެން ބަލައިލީ ރިފްއަތު އާއި ދިމާއަށެވެ. އޭރު އޭނަގެ ބޮލުން ރޮނގަކަށް ލޭގެ ތިކިތަށް ފައިބައެވެ. އަހަރެންގެ ތުންފަތަށް ވެރިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ނަމަވެސް، އެހިނިތުންވުން ފިލައިގެން ދިޔައީ ވަރަށް ގާތުން ބަރު އަޑަކުން މީހަކު ހޭންފެށުމުންނެވެ. މަޑުމަޑުން އަހަރެން އެދިމާއަށް ބަލައިލީމެވެ. އެއާއެކު އަހަރެން ދިޔައީ ސިއްސައިގެނެވެ. އަދި އަހަރެންގެ އަތުގައި އޮތް ދަނޑިބުރި ވެއްޓުނެވެ…
“ހީކުރީ ދޯ، އެންމެ މީހަކު ބަލިކޮށްފައި ހުރެވޭނެކަމަށް! ތި ފަޅާލީ ރިފްއަތުގެ ބޯ! އެނގޭތަ އެއީ ކާކުކަން؟ އެއީ އަހަރުމެންގެ ލީޑަރު! މިތާ ތިނެއް ފެންނަން ހުރިއެއްކަމަކު، ރިފުއަތުގެ ދަށުން ދިހަ މީހުން އުޅޭ އަހަރުން ނުލާ! ބަލާބަލަ މަށާ ދިމާއަށް، މަށާއި ތެޅޭނެ؟ ކަލޭގެ ބައްޕަ އެއޮތީ ނުކުޅެދިފައި! އަދި ތީ އަންހެނެއް! އަހަރެންމީ ޒަކީ، މަ މީ ރިފްއަތުގެ އެސިސްޓެންޓު، އެހެރީ ފައްޔާޒު، މަގޭ ދަށުން ހުންނަ މީހާ!” ފަލަ ކަޅު ހުތުރު މީހަކު އަހަރެންގެ ފަހަތުން އަހަރެން ހެދުމުގައި ހިފާ އެމީހާގެ މޫނާއި ހިސާބަށް ކައިރިއަށް ދަމާގެންފައި ބުންޏެވެ. އަހަރެން އެމީހާގެ ފަލަ އަތުގައި ދަތް އެޅީމެވެ. “އައްދިއްޔޯއި!” އޭނާ އަހަރެންގެ ހެދުމުން ދޫކޮށްލަމުން ބާރަށް ރޮއެގަތެވެ. “ތިހެން ނުރެކެވޭނެ!” ދުރުގައި ހުރި ފައްޔާޒު، އަތަށް އަހަރެން ގެންގުޅުނު ދަނޑިބުރި ހެޔޮވަރު ކޮށްލަމުން ބުންޏެވެ. އޭނަ އަހަރެންނާއި އަރާ ހަމަވުމުގެ ކުރިން ބައްޕަ ތެދުވެ އޭނަ ކޮށްޕާލިއެވެ. “ސަމާ! ސަމާ! ތިތަނުން ދުރަށްދޭ، ސަމާ އަށް އަނިޔާއެއް ވެދާނެ!” ހަފިއްތަ ދުރުގައި އިނދެ ގޮވަމުން ދެއެވެ. އެ އަޑުގައި އެކުލެވިގެންވަނީ ވޭނާ ކެކުޅުމެވެ.
“މިހިރަ އަންހެނާވެސް، މީގެ ތެރެއަށް ވަދެ ގަތީދޯ!” ރިފުއަތު މަޑުމަޑުން ބޯ ހިއްލާލަމުން ބުންޏެވެ. އޭރު އެނަގެ ބޮލުން ލޭފޭބުން ހުރީ މަނާވެފައެވެ. “ފެނޭތަ އޭންދަ މަންޖެ! އެމަންޖެހެން ބަނދެފައި ކަލޭވެސް ގެންދަން ޖެހިދާނެ! ކަލޭ ބައްޕަ ކަލޭ ހޯދާކަށް ނާންނާނެ! އަދި އެހެރަ މަންޖެވެސް ހޯދާކަށް ނާންނާނެ، މަ ކަލޭމެން ދެމީހުންނަށް….” ރިފުއަތުގެ ޖުމުލަ ފުރިހަމަ ކުރިޔަނުދީ އަހަރެން ދަނޑިބުރި ނަގާ ގައިގައި ހުރި ބާރެއްލާފައި އޭނަ ބޮލުގައި ފަޅައިގެން ގޮސްފައި އިންތާ ޖެހީމެވެ. އޭރު އޭނަ ދޫވަނީ ބޭރަށް ނިކުމެފައެވެ. އަހަރެން ޖެހިލެއް ބާރުކަމުން، އޭނަގެ ދުލުގައި އޭނަގެ އަމިއްލަ ދަތުން ދަތްއެޅި ލޭއޮހޮރިގެން ދިޔައެވެ. އަދި އޭނަގެ ބޮލުން އިތުރަށް ލޭފައިބަން ފެށިއެވެ. އަހަރެން ގައިގައި އެހާވަރަށް ހަކަތަ އެބަހުއްޓެވެ. އަހަރެންގެ އުމުރުން ކިތަންމެ ހަގަސް، އަހަރެން ނުދަންނަ މީހަކަށް އަހަރެންނަކީ ކުޑަކުއްޖެއްކަމެއް ނޭންގޭނެއެވެ. ބަލާބެލުމަށް، ސޯޅަ ސަތާރަ އަހަރުގެ ކުއްޖަކާއި އެއްވަރު ވާނެއެވެ.
“ސަމާ! ތިހެން ނަހަދާ! ބައްޕަ އެއްވެސް ބަޔަކަށް އަނިޔާކުރާކަށް ބޭނުމެއްނޫން! ބައްޕަ އަނިޔާކުރަނީ ހަމައެކަނި ދަރިފުޅުމެންގެ ސަލާމަތަށްޓަކައި! ދަރިފުޅަށް ލިބިދާނެ ގެއްލުމަކަށްޓަކައި!” ބައްޕަ ބަނޑުގައި އަތް އަޅާ ތިރިވެލަމުން ތުރުތުރު އެޅި އަޑަކުން ބުންޏެވެ. “ނޫން ބައްޕާ! ބައްޕައަކަށް އެކަމެއް ނުކުރެވޭނެ! ޚުދު އަހަރެން ބައްޕަ ސަލާމަތްކުރާނީ! އެކަމަކަށް ނޫންތަ، އަހަރެން ތަރުބިއްޔަތު ކުރަނީ؟ މުސްކުޅިވާދުވަހު އަހަރެން ބައްޕަ އަށް އަޅާލުމައްޓަކާ! ނުރައްކާ ހާލަތްތަކުގައި ބައްޕަ އެ އުންދަގޫ އަނދަވަޅުތަކުން ސަލާމަތް ކޮށްދިނުމައްޓަކާ!” އަހަރެން އެއްނޭވައަކުން ކިޔާނިންމާލީމެވެ. “ތީ އަންހެންކުއްޖެއް! ތޭރަ އަހަރުގެ ކުޑަކުއްޖެއް!” ބައްޕަ މަޑުމަޑުން ބުނެލިއެވެ. “ތޭރައޭ!” ދުރުގައި އިން ފައްޔާޒު ތެދުވަމުން ބުންޏެވެ. “ދޮގެއް ތިހެދީ!” ފައްޔާޒު އާއި ބައިވެރިވަމުން ޒަކީ ބުންޏެވެ. އަހަރެން އެދެމީހުނާއި ދިމާއަށް ލޯއަޅާލީމެވެ. “މިހާރު މަށަށް އެނގިއްޖެ! ކަލޭގައިގައި ބާރެއް ނުހުންނާނެކަން! ކުޑަކުޑަ ބޮކެއް! ބަލަ! މަށަށް ފަންސަވީސް އަހަރު!” ފައްޔާޒު ދެ އިނގިލިން ބޮލުގައި ފުނާއަޅަމުން ބުންޏެވެ.
ކުއްލިއަކަށް ގޭތެރެ ހިމޭންވީ ބަޔަކު ގޭތެރެއަށް އެތެރެވެ ގަތުމުންނެވެ. ގޭ ދޮރުވަނީ ވައްޓާލާފައެވެ. ހީވަނީ ބޮޑަށް ރިފުއަތުމެންގެ ކަމެއްހެނެވެ. “ޕޮލިސް!” އަހަރެންެގެ ބައްޕަ ސިހުމާއެކު ކޮޅަށް ތެދުވިއެވެ. ބައްޕަ ތެދުވި ގޮތުންވެސް އަހަރެން ބިރުގަތެވެ. އާންވިއްޔާއެވެ! ކުށްވެރިއެއް ފަދައިން ކޮޅަށް ތެދުވި އިރު ވަނީ ދެލޯ ބޮޑުވެފައެވެ. “އަޅުގަނޑުމެންނަށް ބަޔަކު ރިޕޯޓް ކުރި ގޮތުގައި ރިފުއަތު އާއި ހައިޝަމް އާއި ދެމެދު ވަރަށް ބޮޑު މާރާމާރީއެއް ހިނގައިފައިވޭ! މިތަނުން ކޮބާތޯ އެދެބޭފުޅުންނަކީ؟” ގަދަ ނޫކުލައިގެ ޔުނިފޯރމުގައި ހުރި ފުލުސް އޮފިސަރު، ކުޑަ ކުޑަ ނޯޓް ކޮޅެއް ޖީބުން ނަގަމުން ބުންޏެވެ. “އަ..އަޅުގަނޑަކީ، ހައި..ޝަމް” އަހަރެން ބައްޕަ އަމިއްލަ ގަމީހުގެ ގިރުވާނުގައި ހިފާ ދަމާލަމުން ބުންޏެވެ. “ސަރ، މިއޮތީ ރިފުއަތު! އޭނަގެ ބޯ އެވަނީ ފަޅާލައިފަ! މިހިރަ ހައިޝަމް!” ޒަކީ ދަތްކުނޑިވިކާލާފައި ބައްޕައާއި ދިމާއަށް އިނގިލި ދިއްކޮށްފައި ބުންޏެވެ. “ނޫން ދޮގެއް! ބައްޕައެއް ނޫން އެކަންކުރީކީއެއް!” އަހަރެން ބައްޕަގެ ދިފާޢުގައި ޖަވާބު ދިނީމެވެ. “ދެބޭފުޅުންނާއި ހެކިވެރިން ޒުވާބުހޫނު ނުކުރައްވާ، އަޅުގަނޑުގެ ފަހަތުން ވަޑައިގެން ވެހިކަލްއަށް އަރުއްވާ!” އެ ފުލުސް އޮފިސަރު ބޮލުގައި އަޅާފައިވާ ތޮފި ރަނގަޅަށް ހެޔޮވަރުކޮށްލަމުން އިޝާރާތް ކޮށްލިއެވެ. “ހެކިވެރިން، އަށާރަ އަހަރު ފުރިފައި ތިއްބެވި ބޭފުޅުން!” އެ މީހާ އިތުރަށް އޮޅުން ފިލުވާދެމުން ބޭރަށް ނިކުތެވެ.
އަހަރެން ދުވެފައި ގޮސް ހަފިއްތަގެ އަތް މޮހެލުމަށްފަހު ބޮލުގައި ބުރުގާ އަޅުވާ ދިނީމެވެ. އަދި އަހަރެން ބުނީމެވެ. “ހަފިއްތާ! ބައްޕަ ދިފާޢުކުރާތި! ބައްޕައަށް އަނިޔާއެއް ވުމުގެ ކުރިން ބައްޕަގެ ކުރިމަތީގައިވާ ހުރަހެއް ކަމުގައި ވާން ވާނެ! އަންހެނުންނަށް ވާނެކަން ހިތްވަރާއެކު ދައްކާލާތި!” ހަފިއްތަ ހީލުމަށްފަހު އަހަރެން ނިތްކުރީގައި ބޮހެއް ދިނުމަށްފަހު ނިކުތުމަށް ހިނގައިގަތެވެ. އޭރު ޒަކީ އާއި ފައްޔާޒު، ރިފުއަތު އެމީހުންގެ އަތްދަނޑި މައްޗަށް ލައިގެން ހިނގައިގަންނަނީއެވެ. “ޕޮލިސް، މިގޭ ދޮރު މިހިރީ ވައްޓާލާފައި، އަންހެންކުއްޖަކު އެކަނި ބަހައްޓާފައި ދާންވީ މިއޮތް ރޭގަނޑު؟” ހަފިއްތަ ފުލުސް މީހާ އާއި މުޚާތަބު ކޮށްބުންޏެވެ. “އަޅުގަނޑު މިތާ އުޅުއްވާ ވަޑާންކުރާ ބޭފުޅަކަށް ދެންމެއަކު އެކަން އަންގައިފިން، ވަރަށް އަވަހަށް ދުރުވާނެ، އަހަން! އެއޮށް ވަޑައިގަންނަވަނީ އެބޭފުޅާ!” ފުލުސް މީހާ ދުރަށް އިނގިލި ދިއްކުރަމުން ބުންޏެވެ. އެއީ މުސްކުޅި ފުރާވަރުގެ ބޭބެއެކެވެ. އެބޭ، ގޭ ދޮރުގެ ހުޅުތައް ހަރުކުރުމަށްފަހު، ތަޅު ރަނގަޅުކޮށްލީ ހިނދުކޮޅެއް ތެރޭގައެވެ. ހާދަހާ މޮޅެވެ. ތަޖުރިބާ އެބަހުއްޓެވެ. ބޭބެ އަހަރެންގެ ގެ ދޫކޮށްފައި ދިއުމުގެ ކުރިން އަހަރެން ބޭބެއަށް ޝުކުރުއަދާކުރީމެވެ. ނަމަވެސް ރައްދު ލިބުނީ އަހަރެން ބޭނުންވި ގޮތަކަށް ނޫނެވެ. “ތިކަހަލަ އަންހެން ކުދިން މިހާރު ވަރަށް މަދު ވާނެ! މިއޮތްހާ ދުވަހު މަ މަސައްކަތް ކުރަން ދިޔައިރުވެސް ޝުކުރު އަދާކޮށްލާފައިވަނީ ފިރިހެނުން، އެވެސް ހަރު ފުރާގެ! ދުވަހަކުސް އަންހެނަކު ނެތް ޝުކުރު އަދާކޮށް ތައުރީފުކޮށްފަކާއެއް!” ތޫނު ނަޒަރަކުން އެބޭބެ އަހަރެންނާއި ދިމާއަށްބަލައިލަމުން ބުންޏެވެ.
“ސަމާ!” އަހަރެންނަށް ހޭވެރިކަންވީ ހަފިއްތަ ގޮވާލުމުންނެވެ. “އާން، ކީކޭ؟” ފުންމާގެން ތެދުވަމުން އަހަރެން އަހާލީމެވެ. “ކޮބާ ފެންވަރައިފިން؟” ހަފިއްތަ އަހާލިއެވެ. އަހަރެންނަށް ހަފިއްތަ ކީއެއްޗަކަށް މާބޮޑަކަށް ސަމާލުކަމެއް ނުދެވުނެއެވެ. ދެލޯބޮޑުކޮށްލާފައި އަހަރެން އިޝާރާތްކުރީ ހަފިއްތަގެ ފުރަގަހަށްށެވެ. ފަހަތުގައި އެއްޗެއް ހަރަކާތް ކުރާތަން އަހަރެންނަށް އެބަ ފެނެއެވެ. “ކޯއްޗެއް؟” ފަހަތް ބަލާލަމުން ހަފިއްތަ ސުވާލުގެ ނަޒަރަކުން އަހާލިއެވެ. ހަފިއްތަ ފަހަތަށް އެނބުރުމާއެކު ވީނުވީއެއް ނޭނގި އެއެތި ގެއްލިއްޖެއެވެ. އަހަރެންގެ ހިތުގައި ބިރުވެރި ވަހުމުތައް އުފެދިގަތެވެ. ކާކުބާވައެވެ؟ އެއްކަލަ ހިޔަނި ބާވައެވެ؟ އޭތި އަހަރެންނާއި ފާރަލަނީ ބާވައެވެ؟ އަހަރެން މަރާލަން އުޅެނީ ބާވައެވެ؟ “ސަމާ! ކިހިނެތް ވެފައި މިއަދު ތިއިންނަނީ! ހަފިއްތަ އަށް އެބަ ފާހަގަކުރެވޭ ކޮންމެވެސް ކަމަކާ މާބޮޑަށް ވިސްނާކަން!” ފަހަރި އުނަގަނޑުގައި އަތް ވިއްދާލަމުން ބާރު އަޑަކުން ބުންޏެވެ. “ނުވިސްނަން! ކޮ..ކޮބާ ދޮންބެ؟ ހޭލައިފި؟” އަހަރެން މަސައްކަތް ކުރީ މައުޟޫއު އޮޅުވާލާށެވެ. “ދޮންބެ؟ ދޮންބެ ހޭލާތަ އެންމެ ދުވަހަކުވެސް ބާރަ ޖެހުމުގެ ކުރިން، އެއަށް ވުރެ ކުރިން ގޮވިއްޔާ މިގެ ވައްޓާލަފާނެ! އެހާވެސް ރުޅިއަންނާނެ!” މަޖާ ރާގަކަށް ބުނެލަމުން ހަފިއްތަ ކޮޓަރިން ނިކުމެގެން ދިޔައެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް އަހަރެންނަށް ލެވުނީ އެވަގުތުއެވެ.
އަހަރެން ހިތަށްއަރައެވެ. އެހާވަރަށް އަހަންނަށް ވިސްނެނީ ކީއްވެބާއެވެ؟ ނުވިސްނަން އުޅުނަސް ވިސްނެނީއެވެ. ހިތަށް އަރާ ފަހަރުވެސް އާދެއެވެ. އެއްޗަކުން ޖަހާ ބޯ ޗަސް ކޮށްލާނީއެވެ. ނަމަވެސް އޭގެ ވޭނާއި ތަހައްމަލާއި އުނދަގޫ އުފުލަން ޖެހޭނީވެސް އަހަންނަށެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން އަހަރެން ދިޔައީ ފާހާނާ އާއި ދިމާއަށެވެ. ތުވާއްޔާއި ހެދުމާއި ނަގަން ހަދާންވީވެސް ފާހާނާ ދޮރު ކުރިމައްޗަށް އެރުމަށްފަހުގައި އެވެ. އަމިއްލަ ނަފުސަށް ޗޮކެއް ޖަހާލަމުން ދުއްވާގަތީ އަލަމާރިއާ ދިމާއަށެވެ. ދޮރުފަތް ހުޅުވާލުމުން އަހަރެންގެ ކުރިމައްޗަށް ވެއްޓުނީ ފޮޓޯގަނޑެކެވެ.
އެއީ އާއިލާ އެންމެން މަންމަ މަރުވުމުގެ ކުރިން ނަގާފައި އިން ފޮޓޯއެކެވެ. އެންމެ ކަނާތަށް އިނީ އަހަރެން، މަންމަގެ ކޮނޑަށް އަތްވައްޓާލާގެނެވެ. މަންމަގެ ވައަތަށް ހުރީ ދޮންބެ އާއި ފަހަރިއެވެ. ފަހަރިއާއި ޖެހިގެން ހުރީ ބައްޕަ އާއި ތުއްތުއެވެ. ތުއްތު ފެނުމުން އަހަރެންގެ ރުޅިގަނޑު ބުނަންނޭނގޭހާ ހިސާބު މައްޗަށް ދިޔައެވެ. މަންމަ އަށާއި ބައްޕައަށް އިހާނެތިކޮށް ކަންތައްކުރުމަށްފަހު އެތިކޮޅު ހިފައިގެން މިގެއިން ނުކުމުގެން ދިޔައީއެވެ. ޚަބަރު ލިބޭގޮތުގައި ތުއްތު ވީ މާލޭގައެވެ. މާލޭގައި ގެއެއް ކުއްޔަށް ހިފައިގެނެވެ. ތުއްތުގެ މޫނުމަތީގައިވާ ހިނިތުންވުން ފެނިފައި އަހަރެން ވަރަށް ދެރަވިއެވެ. ތުއްތު އާއި އެކީ ހޭދަކުރި މަޖާ، ސަކަ ވަގުތުތަކުގެ މަތިން ހަނދާންވާން ފެށިއެވެ. އަވަސް އަވަހަށް ފޮޓޯގަނޑު އަލަމާރީގެ ވަތްގަނޑަށް ލީ، އިތުރަށް ވިސްނަން ބޭނުން ނުވެގެނެވެ. އަނެއްކާ މިތާ ކޮޅަށް އެތަށް އިރަކު ހުންނަން ޖެހިދާނެތީއެވެ.
ލާނެ އަންނައުނު ނެގުމަށްފަހު ބޭރާ ދިމާލުގައި އިން ރޯނެއްގައި އަޅުވާފައި އިން ފިޔާތޮށި ތުވާލި ނެގީމެވެ. އަދި ފާހާނާ ދިޔުމަށް ކުރިމަތިލީމެވެ. ކަންނެތްވެފައިވާ ގޮތަކަށް ގޮސް ފާހަނާ ދޮރު ތަޅުގައި ހިފާ އަނބުރާލީމެވެ. ދޮރު ހުޅުވިއްޖެއެވެ. ދުޢާ ކިޔުމަށްފަހު އަހަރެން ފާހާނާ އެތެރެއަށް ވަންނަން އުޅެނިކޮށް ކަޅު އެއްޗެއް ފާހާނާ ތެރޭ ހަރަކާތްކުރާހެން ހީވިއެވެ. ނުވަންނަން ހުރެފައިވެސް ދުއާކިޔުމުން ﷲ ރައްކާތެރި ކުރައްވާނެކަމަށް ދަނެގެން އަހަރެން ފާހަނައަށް ވަދެ ދޮރުލައްޕާ ތަޅުލީމެވެ. ފެންވަރަން ހުރި އިރު އަހަރެންނަށް ވަރަށް ތަފާތު އިހުސާސް ތަކެއް ކުރެވުނެވެ. އިރުއިރުކޮޅާއި އެކި ދިމަދިމާއަށް ބެލެނީއެވެ. އެއްޗެއް އުޅޭހެން ހީވަނީއެވެ. ފަހަތަށްށެވެ. ކަނާއަތާ ވާއަތަށެވެ. މީހަކު ނުފެނެނެއެވެ. ނަމަވެސް ފާޑެއްގެ ގޮތެއް ހީވަނީއެވެ.
ރީތިވެ ހުރިހާ ތައްޔާރީތަކެއް ވެގެން ކޮޓަރިން ނިކުމެވުނުއިރު ހަފިއްތަ އިނީ ސޯފާގައި އިށީންދެލައިގެން ޓީވީ ބަލާށެވެ. އަހަރެން ހިތަށް އަރައެވެ. ހަފިއްތަ އިންނަހެން އަބަދުވެސް އިނދެވޭނެނަމައެވެ. ހަފިއްތަ އަކީ ދެމަފިރިއަކަށް ލިބުނު އެންމެ ކުއްޖެކެވެ. ހަފިއްތަގެ މަންމަ އާއި ބައްޕަ ވަނީ ކާރު އެކްސިޑެންޓެއްގައި ދުނިޔެ ދޫކޮށްފައެވެ. ނަމަވެސް ހަފިއްތަ އިންނަނީ ނުލާހިކު ހިތްހަމަ ޖެހިލައިގެނެވެ. އަހަރެންހެން އަބަދު އެއްތަނަކަށް ގެއްލިފައި ނޫނީ، ކަމަކާއި ވިސްނަ ވިސްނައެއް ނޫޅެއެވެ. ނަމަވެސް ހަފިއްތަ އެންމެ ހިތްހަމަ ޖެހޭކަމަކީ މީހެއްގެ މޫނުމައްޗަށް ވެރިވާ ހިނިތުންވުމެވެ. އުފާވެރިކަމުގެ ހިނިތުންވުމެވެ. އެއީ ހަފިއްތަ ބުނެފައިވާ ފަދައިންނެވެ. “މީހާގެ ތުންފަތްމައްޗަށް ވެރިވާ އުފާވެރިކަމުގެ ހިނިތުންވުމަކުން އަނެކާއަށް ތަސައްލީ އެއް ލިއްބައިދެއެވެ. އަނެކާ އުފާކޮށްދޭއެވެ.”:
“ޕިސް، ޕިސް!” މީހަކު ޕިސް ޕިސް ކަނޑާ އަޑަށް އަހަރެން ބޯ ހިއްލާލާފައި ބަލައިލީމެވެ. “ކޮޓަރިން ނިކުތްގޮތަށް ތާކު ނުވެސް އިށީންދެ، ކޮޅަށް ހުއްޓިފައި އެބަހުރި ހަމަ!” ހަފިއްތަ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. “ހެހެހޭ! އަހަރެންނަށް އަބަދު ހުރެވެނީ ދޯ އެހެން!” އަހަރެން ބުނެލީމެވެ. “ހަފިއްތާ! އަހަރެން އަންނާނަން ބޭރު ޖޯލީގައި އޮވެ ހިތްހަމަޖައްސާލާގެން… މިބުނީ ފިނިކޮށްލައިގެން ވަރަށް އަވަހަށް އަންނާނަމޭ އެނގޭ!” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.
ގޭދޮރު ހުޅުވައިފައި ބޭރަށް ނިކުމެ މޯޅިއަކަށް ދަމައިލީމެވެ. އަދި މަގުގެ ދެކޮޅަށް ބަލައިލީ އުފާވެ ހުރެއެވެ. މިގޭތެރެއިން ނިކުމެވުން ހީވާނީ ބަގީޗާއަކަށް ނިކުމެވޭ ހެނެވެ. ހަފިއްތަ މިތަނުގައި އެކިކަހަލަ މާގަސް ހައްދައިފައިވެއެވެ. ގާތްގަނޑަކަށް ފަސް ވަރަކަށް ފޫޓު ދުރުގައި ކަނާތްފަރާތުގަޔާއި އަދި ވާތްފަރާތުގައި ދެފާރު ބިނާކޮށްފައިވެއެވެ. އެއީ، މި ގޯތި ނިމޭ ހިސާބެވެ. އެފާރުތަކުގެ ކުރިމައްޗަށް އޮންނާނީ މަގެވެ. ނަމަވެސް ފާރު މަތިން އަހަރެންނަށް މަގުގެ ދެފަރާތް ރީއްޗަށް ފެނެއެވެ. އަހަރެންގެ ނަޒަރުގައި އެފާރު މާބޮޑަށް ތިރީއެވެ. މިގެއަށް ވަންނަން އޮންނަ މަގު އޮންނަނީ ހުސްކޮށެވެ. އެއީ ހިނގާ މީހުންނަށް މިގެއަށް ވަންނަން ދަތި ނުވާނެ ގޮތަށެވެ.
މަގުގެ އެއްފަރާތުން ހިނގަމުން އަންނަ މީހާއާއި ދިމާއަށް އަހަރެން ބަލައިލީމެވެ. އެވަގުތު އަހަރެންގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވަނެވެ. އެމީހާ މަޑުމަޑުން އަހަރެންނާއި ދިމާއަށް ބަލާލިއެވެ. އަދި ހިނިގަނޑެއް ޖަހާލިއެވެ. އެހާ ލާނެތް ހިނިގަނޑެއް އަހަރެން މީންދުވަހަކުވެސް އަޑެއް ނާހަމައެވެ. އެމީހާ އަހަރެންނަށް ގޮވާލިއެވެ. “އޭއި..!” އަހަރެން ބިރުން އަވަހަށް ގޭތެރެއަށް ދެމިގަތީމެވެ. އަދި ދޮރުތަޅުލީމެވެ. އޭރު މުޅި މީހާ ބިރުން ތުރުތުރު އަޅަނީއެވެ… ހަފިއްތަ އަހަރެންނާ ދިމާއަށް ބަލައިލައިފައި އަހާލިއެވެ. “ކިހިނެތްވީ؟” އަހަރެން އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ގޭ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. ބިރުން ގޮސް އަހަރެން އަމިއްލަ އަނގަމަތީގައި އަތް އަޅާލީމެވެ.
“އޭތް! ދޮރު ހުޅުވާ!” އެމީހާ ގޮވަން ފެށިއެވެ. “ކާކުތަ؟” ހަފިއްތަ އަހާލިއެވެ. “ނެތް ވަގުތެއް! ދޮންބެއަށް ގޮވާ! އެއްކަލަ ފައްޔާޒު އެއީ!” އަހަރެން ބުނީމެވެ. “ފައްޔާޒޭ! ދައްކަބަލަ ބަލާލަން!” ހަފިއްތަ އައިސް ދޮރުހުޅުވަން އުޅުނެވެ. “ނޫން! ބައްޕަ ޖަލަށް ލީ މިމީހުން މެދުވެރި ވެގެން! ހަނދާންކޮށްބަލަ!” އަހަރެން ގޮވަން ފެށީމެވެ. “ކުޑަ ކުއްޖާޔާ! ދޮރު ހުޅުވާށޭ!” އެކޮޅުން ގޮވަމުން ދިޔައެވެ. “ދޮންބެ އާއި އެކު ދޯނީގައި އުޅޭ ފައްޔާޒުތަ؟” ހަފިއްތަ އަހާލިއެވެ. “ނޫނެކޭ! ރިފުއަތު އެކޭ ކިޔާ ކުޑަ މީހާއާއި އެކީ އުޅޭ ފައްޔާޒޭ!” އަހަރެން ވަރަށް ބާރަށް ބުނީމެވެ. ހަފިއްތަ އަށް އެއީ ކާކުކަން ހަނދާންވީ އަދިކިރިޔާއެވެ. ދުވެފައި ގޮސް ދޮންބެ އަށް ގޮވިއެވެ. އިރުކޮޅެއް ތެރޭ ދޮންބެ ނިކުމެގެން އައީ ވަރަށް ރުޅި ގަދަވެފައެވެ. ފަހަތުގައި ހަފިއްތަ ވަރަށް ހިނިއައިސްފައި ހުއްޓެވެ. “ސަމާ! ސަމާ ފުނޑާނުލަނީސް އަވަހަށް ދޭ ދުރަށް!” ހަފިއްތަ ހެމުން ބުނަންފެށިއެވެ. އަވަހަށް އަހަރެން ދުރަށް ޖެހުނީމެވެ. ޓީޝާޓު ނުލާ ދޮންބެ ހުންނައިރު ފެންނަ މީހަކު، ބިރުން ތުރު ތުރު އަޅާ ވަރު ވާނެއެވެ. އެއީ ދޮންބެގެ ބިޔަ ކަމުންނެވެ.
ދޮންބެ އައިސް ދޮރު ހުޅުވާލިއެވެ. “ހުމް! ކިހިނެތްވީ؟” ހޮނުގުގުރި އެއްގެ އަޑާއި އެއްވަރަށް ދޮންބެ ބުންޏެވެ. “އަނޭ.. ސާ..ފަތެއް ލިބިދާނެ.ތަ؟” ތުރުތުރު އެޅި އަޑަކުން ފައްޔާޒު ބުންޏެވެ. “ސައިފަތޭ؟ ކަލޭ އައީ މިތާ ތިބޭ އަންހެންކުދިންނާއި ފޮށޭކަށް ނޫންތަ؟” ދޮންބެ އަތްމުއްކަވަމުން ބުންޏެވެ. ނޫނެކެވެ. ތަޅާފޮޅުމަކަށް ނުދައްޗެވެ. ފައްޔާޒު މަރުވެދާނެއެވެ. އޭރުން ދޮންބެ ދާން ޖެހޭނީ ބައްޕައިން ކަހަލަ ގޮޅިއަކަށެވެ. އަހަރެން ހިތާހިތާ ކިޔާލީމެވެ. “ނު.ނޫން! ފިހާ..ރަ ބަންދުކޮށްފައި ހުރީ..މަ، އަވަށްޓެރިއެއްގެ ގެއިން..، ސައިހަ… ސައިފަތެއް ހޯދާން ކަމަށް!” ފައްޔާޒުގެ އަޑުގައި ވަނީ ބިރުވެރި ކަމެވެ. “ބަންދުކޮށްފައޭ؟ 10 ޖަހައިފި! އެކަމު ފިހާރަތަށް ބަންދުކޮށްފައި؟ ހަމަޖެހޭ ވާހަކަ އެއް ދައްކާ ނޫނީ މިތާ މީހުން އެއްކޮށްލާ ވަރު ކޮށްލާނަން، އަދި ކަލޭ ލަދު ގަންނަވާލާނަން!” ދޮންބެ ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. “އޯ..ކޭ! ބަބާއި!” ފައްޔާޒު ބިރުން ދިޔައީތާއެވެ. އަހަރެން ބަނޑަށް ހޭންފެށީމެވެ.
ދޮންބެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހުމުން އަހަރެން ބޭރު ތެރެ ބަލައިލީމެވެ. އަހަރެންގެ ހިނިގަނޑު މަތަ ނުކުރެވިގެން ދިޔައީ ފަޅައިގެނެވެ. ފައްޔާޒު ދެފައި ތުރުތުރު އަޅާވަރުން އެއުޅެނީ ކުރިއަށް ފިޔަވަޅު އަޅަން އުނދަގޫ ވެގެނެވެ. ފައްޔާޒު ތިރިން ލައިގެން ހުރި ހުދު ފަޓުލޫނުވެސް ވަނީ ތެތްމާލާފައެވެ. “ކޯއްޗެއް ފެނިގެންތަ ތިހެނީ؟” ހަފިއްތަ އަހަންނާއި ކައިރިވެލަމުން އެހިއެވެ. އަދި ބޭރަށް ބޯ ދިއްކޮށްލިއެވެ. ހަފިއްތަ އަށް ފެނުނު މަންޒަރުން ހަފިއްތަވެސް ހޭންފަށައިފިއެވެ. “ދޮންބެ ގަދަ ދޯ؟” އަހަރެން ބުނީމެވެ.
އަހަރެން ސިއްސައިގެން ދިޔައީ ގަޔަށް ކުއްލިއަކަށް ހޫނުގަނޑެއް އެރުމުންނެވެ. ވާގިދޫވާހެން ހީވިއެވެ. ބޮލަށް ބަރުވާން ފަށައިފިއެވެ. އަނދިރި ވާން ފަށައިފިއެވެ. ތަޅުންގަނޑުމައްޗަށް އަހަރެން ވެއްޓި ވަރަށް ބާރަށް ޖެހުނެވެ. ދެންވީ ނުވީއެއް ނޭނގުނެވެ……
316 Comments
Comments are closed.
evves kahala hiyhama nujehummeh ulheykamuga vaanama alhugandah angaala dhinun alhugandu edhen
Varah reethi. Esfiya team ah adhi mi site ga vaahaka kiya huruiha kudhina eid mubarak
Vrh reethi…next part avahah up kurahche
V reethi
V thafaathu story eh
Keep going
Eid mubaarak to all
Story v reethi emmenahves eid Mubarak ???
mivaahaka kiyuvva hurihaa kiyuntherinna, ummuge faraathun Eid Mubaarik
vaahaka hadiyya bunela dhechey
V v v reethi… hehehe… Fayyaaz ah veegothun hama hini annany… sifavany eyna birun hin’gan un’dhagoo vegen ulhey than… next part avas kollahchey…
Vvvvv cute mi part ves
huriha kiyuntheringe ebbaarulummah, varah boddah shukuru adhaakuran!
Alhugandu kiyuntherinna suvaalley kohllan beynun. Mi part genes dheefaivaa dhigumin rangalhutho?
Yes… aslu Saajy bunaany kithanme dhigukoh liyunas shauquverikan hifehettifa hunnanyaa heevaany kuruhenney… ehen veema gina faharah kudhin kurey kiyany… ekam baeh vaahaka hurey v kurukoh liyefa… dhen aslu readers ves jeheyne writer ah respect kuran… egothah writer ves… vaahaka liyumaky aslu v bura kameh… v vaguthu nagaa kameh… ehen veema thi liyamundhaa varah liyamun gendhaashey bunelan beynunvany… adhives ehfaharu bunelan… story v v v reethi…
i agree ekam vanya dhigu kuhla dhey thi <3
aslu v reethi keep it
up
v v reethi masha allah..keep it up?