އެހީގެއަގު
ފަނަރަވަނަބައި
” އޭނަ … އަހަރެންގާތު ބުނި. ލަންމާ ވަރިކޮށްފަ …. އަބަދުގެ އަބަދަށް އަހަރެން ކައިރިއަށް އަންނާނަމޭ. އެކަމަކު އޭނަ
އަކަށް …. އެކަމެއް ނުވި. ލަންމާއާ ވަކިވެގެން އޭނައަށް …. އެ …. ތަނަވަސްކަމުގަ ނޫޅެވޭނެކަން އޭނާއަށް ވެސް އެނގޭ. ” ނާއިލަށް ބަލާލުމަށްފަހު ކޯޓްތެރެއަށް ނަޒަރުހިންގާލަމުން މަޑުމަޑުން ސުޖީތާ ވާހަކަ ދެއްކިއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.
ސުޖީތާގެ ފަރާތުން ހަސީލް ހޯދަން ބޭނުންވާ މަޢުލޫމާތުތައް ހޯދުމަށްފަހު ގޮސް އޭނާގެ ގޮނޑީގަ އިށީނެވެ.
ސުޖީތާގެ ފަރާތުން އެއްވެސް ކަމެއް އޮޅުން ފިލުވާން ބޭނުންނަމަ އެކަމާއިގެން ކުރިޔަށް ދިއުމަށް އިނާއަށް ފުރުސަތު
ދިނުމުން އިނާ ބުނީ ސުޖީތާގެ ފަރާތުން އެއްވެސްކަމެއް އޮޅުންފިލުވާން ބޭނުންނުވާ ކަމަށެވެ. އެއާއެކު އެންމެންގެ ލޯތައް އޭނާއަށް އަމާޒުވެގެން ދިޔަ ނަމަވެސް އެކަމަކަށް އިނާ އަޅައެއް ނުލައެވެ.
ސުޖީތާއަށް ފަހު ހަސީލް ދެން ހާޒިރުކުރީ ޖިމާމްއެވެ. އުމުރުގެ ސައުވީހަކަށް އަހަރުގެ ޖިމާމްއަކީ މިހާރުގެ އަންހެން
ކުދިން އެންމެ ގަޔާވާފަދަ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ހެދިހުރި ހަށިގަނޑެއްގެ ވެރިއެކެވެ. މިހާރުގެ ގޮތަށް ގަޔަށްބާރު ޓީސާޓެއްލައި ކަރުގަ ފަށެއް އަޅާފައިހުރިއިރު ޒަމާނީ އެތައްކަމެއް އޭނާގެ ފަރާތުން ފާހަގަވަމުން ދިޔައެވެ.
ޖިމާމް ގޮސް އޭނާއަށް ހާއްސަކުރެވިފައިވާ ގޮނޑީގަ އިށީންދެ ހަމަޖެހިލުމުން ހަސީލް ތެދުވެގެން އޭނާއާ ދިމާއަށް ދަމުން
ވާހަކަދައްކާން ފެށިއެވެ.
” ޖިމާމް! ލަންމާ ދަންނަންތަ؟ ” ޖިމާމްއާ ދިމާއަށް އަންނަމުން ހަސީލް އަހާލިއެވެ.
” އާން. ” ޖިމާމް ބުނެލިއެވެ.
” އެއީ ކިހިނެތް؟ ” އަނެއްކާ ވެސް ހަސީލް އެހިއެވެ.
” ކުޅިވަރު އެކުވެންޏަށް ގޮސް އުޅުނު އުޅުމުގަ … އެހެން ނޫނަސް އެއީ އަހަރެންގެ އަމިއްލަކަމެއްނު. ” ޖިމާމް ޖަވާބު
ދިންއިރު އަޑާއި ހަރަކާތުން ފާޅުވެގެން ދިޔައީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.
” ތިބުނާ ދިމާވުން ފަހުން ރަހުމަތްތެރިކަމަށް ބަދަލުވިއެއްނު؟ ” ހަސީލްގެ ސުވާލުތައް ކުރިޔަށް ދިޔައެވެ.
” އާން. އޭނައަށް އަހަރެން ރަނގަޅުވީ. ދެން އަހަރެންނަށް ވެސް އޭނަ ރަނގަޅުވީ. އެހެންވީމަ ދެންވާނީ ރައްޓެހިންނަށް
ކަން ކަލެއަށް ވެސް އެނގެއެއްނު. ” ހިނިތުންވެލަމުން ޖިމާމް ވާހަކަ ދެއްކިއެވެ.
” ތިބުނާ ރައްޓެހިކަމުގެ ކަލޭގެ އެނދާހަމައަށް ވެސް ލަންމާ ގެންދިޔައީމެއްނު؟ ” ކުރިޔަށްވުރެ ޖިމާމާއި ގާތަށް ޖެހިލަމުން
ހިނިތުންވުމާއެކު ހަސީލް އެހިއެވެ.
” ތިއީ އަހަރުމެން ދެމީހުންގެ އަމިއްލަކަމެއް. ” އެސުވާލަށް ޖަވާބުދޭން ޖިމާމް ބޭނުން ނުވީ ކަހަލައެވެ.
” ކަލޭ މިތަނުގަ އެއްވެސް ކަމެއް ސިއްރުކޮށްފިނަމަ ފަހުން ގެއްލުން ވެދާނެ. ” ހަސީލް މަސައްކަތްކުރީ ޖިމާމަށް އެއްޗެއް
ވިސްނައިދޭން ކަންނޭނގެއެވެ.
” އަހަރެން އަމިއްލައަށް އޭނައަކާ ގުޅުމެއް ނުބާއްވަން…..އޭނާ ވެސް ބޭނުންވީ. ” ޖިމާމް ޖަވާބު ދެމުން ނާއިލަށް
ބަލާލި ނަމަވެސް ނާއިލް އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.
” އޭނަ. ބޭނުންވަރަކަށް އޭނަ ބޭނުންކަމެއް ކޮށްދެންތަ؟ ކިހާ ދުވަހަކު އެހެން އުޅުނިންތަ؟ ” ހަސީލް އިތުރަށް އަހާލި
އެވެ. ޖިމާމްއެކޭ އެއްފަދައިން ހަސީލްގެ ލޯ ވެސް މިފަހަރު އަމާޒުވީ ނާއިލަށެވެ.
” އޭނަ ދިރިހުރިހާ ދުވަހަކު. ” ހަމަޖެހިލަމުން ޖިމާމް ބުނެލިއެވެ.
” ކަލެއަށް ވެސް އެނގެއެއްނު އެއީ މީހެއްގެ އަންބެއްކަން. ” ހަސީލް ބުނެލިއެވެ.
” އާން ….. އެކަމަކު ލަންމާ ބުނި އޭނަގެ ފިރިމީހަ އެހެންމީހެއްގެ ފަރާތުން އުފާ ހޯދަމުން އެމީހުނަށް ލޯބިދެމުންދާއިރު
އޭނައަށް ލޯބި ނުދެވެންވީ ކީއްވެހޭ. ” ޖިމާމް ވާހަކަ ދެއްކީ ލަންމާގެ ދިފާއުގައެވެ.
” ތިކަންތައް ތިޔަށްވުރެ ސާފުކޮށް ބުނެދީފާނަންތަ؟ ” ހަސީލް ބޭނުންވީ އެކަންތައް ތަފްސީލުކޮށް އޮޅުން ފިލުވާށެވެ.
” ލަންމާ އަހަރެންގާތު ބުނި ނާއިލް ކޮންމެ ރެއަކު ވެސް އަންހެންކުއްޖަކު ގެއަށް ގެނެއޭ. ފުރަތަމަ ވެސް އޭނަގެ ވާހަކަ
ތަކުން އެކުއްޖާގެ ހިތް ލަންބާލައޭ. އަދި ގެ ދައްކާ އޭނަގެ ތަނަވަސްކަމުގެ ވާހަކަދައްކައޭ. މާދަނޑަށް ގެންގޮސް ލޯބީގެ ޅެންތަކާއި ލަވަތައް ކިޔައިދީ އޭނާގެ ލޯބީގެ ދަލުގަ ޖައްސައޭ. އަދި އަވަސް އަވަހަށް އޭނާގެ ކޮޓަރިއަށް ގެންދެއޭ. ” ލަންމާ ކިޔާދީފައިވާ ވާހަކަތައް ހަނދާން ކުރަމުން ޖިމާމް ކިޔައިދެމުން ދިޔައެވެ.
” ހަމަ ސީދާ ކޮޓަރިއަށް؟ ” ހައިރާންކަން އެކުލެވިފައިވާ ފަދައަކުން ހަސީލް އަހާލިއެވެ.
” އާން. ” ހިނިތުންވުމާއެކު ޖިމާމް ބުނެލިއެވެ.
” ލަންމާއަށް ތިޔަ ހުރިހާކަމެއް އެނގޭއިރު ވެސް ވަރިވާ ވާހަކައެއް ނުދައްކާތަ؟ ތިއީ އަޖައިބެއްނު؟ ” ހަސީލް ސުވާލު
ކުރަމުން ނާއިލަށް ބަލާލީ އޭނާގެ ކާމިޔާބަށް ހިނިތުންވަމުންނެވެ.
” އޭނަ އެއްފަހަރަކު ބުނި ވަރިވާން ބޭނުމޭ …. އެކަމު ހުރިހާ މަސައްކަތަކީ އޭނާގެ ހިއްސާ އެކުލެވޭ މަސައްކަތްތަކެކޭ
ވެސް ބުނި. އޭނަ ވަރިވެއްޖެނަމަ ނާއިލްގެ ފަރާތުން އޭނައަށް އެކައްޗެއް ވެސް ނުލިބޭނެކަން އޭނައަށް ވެސް އިނގޭ. ” މާޒީއަށް އިސާރާތްކޮށް ޖިމާމް ވާހަކަ ދެއްކިއެވެ.
ޖިމާމްގެ ފަރާތުން ހަސީލް ހޯދަން ބޭނުންވާ މަޢުލޫމާތުތައް ހޯދާ ނިމުނުއިރު، ސަރީއަތް ކުރިޔަށް ގެންދިއުމަށް މިއަދަށް
ހަމަޖައްސާފައިވާ ވަގުތު ހަމަވުމުން ސަރީއަތް މެދުކަނޑާލިއެވެ. އަދި ދެން ސަރިއަތް އޮންނާނެ ތާރީހާއިގަޑި އިޢުލާނު ކުރިއެވެ.
ކޯޓުން ނުކުމެގެން އަތިރިމައްޗާއި ދިމާއަށް އިނާ ހިނގައިގަތްއިރު އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުންދަނީ
މާޔޫސްކަމާއި ހިތާމައިގެ ކުލަވަރެވެ. އޭނައަށް ގޮވަމުން އޭނާގެ ފަހަތުން ނާއިލް އައި ނަމަވެސް އެކަމަކަށް އިނާ ސަމާލުކަމެއް ނުދެއެވެ. އެހެންކަމުން އޭނާ ހިނގަމުން ދިޔަގޮތަށް ދިޔައެވެ.
ނާއިލްގެ ގޮވުމަށް އެއްވެސް ސަމާލުކަމެއް ނުދީ ހިނގަމުންދިޔަ އިނާއަށް، ހުއްޓެން މަޖުބޫރުވީ ނާއިލް އައިސް އޭނާގެ
އަތުގަ ހިފެހެއްޓުމުންނެވެ.
” އިނާ! މަޑުކޮށްބަލަ …. މަޑުކޮށްބަލަ. ” އިނާގެ އަތުގަ ހިފަމުން ނާއިލް އެދުނެވެ.
ނާއިލް ވާހަކަދެއްކި ނަމަވެސް ނާއިލާއި ވާހަކަދައްކާކަށް އިނާ ބޭނުމެއް ނުވިއެވެ.
ނާއިލްގެ އާދޭސްކުރުންތަކާއި ހުރަސް އެޅުން ތަކުގެ ސަބަބުން އިތުރަށް ކުރިޔަށް ނުދެވޭނެކަން އެނގުމުން އިނާ މަޑުކުރި
އެވެ. އަދި މަގުގެ އެއްފަރާތުހުރި ދިއްގާގަސް ކައިރިއަށް ޖެހެލިއެވެ.
” އިނާ! އާދޭސްކޮށްފައި ބުނަން …. މަޑުކޮށްބަލަ. ” އިނާއަށް ބަލާލަމުން ނާއިލް އެދުނެވެ.
” ކުށްވެރިއަކީ އަހަރެން. އަހަރެން ކަލެއަށް އިތުބާރު ކުރީތީ ކަލޭ އަހަރެންގެ ބޭނުން ތިޔަހިފަނީ ރަނގަޅަކަށް ނޫން. ކަލޭ
އަހަރެން ބޭނުންކުރަނީ ކަލޭގެ ހިމާޔަތަކަށް. ” އިނާ ވާހަކަދެއްކިއިރު ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.
” އެގޮތަކަށް ނޫން. އަހަރެން ކަލޭ ކައިރީ ބުނަން ބޭނުންވި. އެކަމަކު …. ” ނާއިލް މެދުކަނޑާލިއެވެ.
” އެކަމަކު …. ކީއްވީ؟ ” އިނާ އެހިއެވެ.
” އަހަރެން ހިޔެއް ނުކުރަން އެކަން ޕޮލިހުންނާއި ހަމައަށް ދާނެކަމަކަށް. އެހެންވީރު …. ” އިނާ ވާހަކަދައްކަން ފެށުމުން
ނާއިލް ވާހަކަ ދެއްކުން މެދުކަނޑާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



ރީތި ވާހަކައެއް