ޒާންއާއި ހުމަޔޫންގެ އިތުރުން އާއިޒު ތިބީ ޒާންމެންގެ ގޭގެ ފާރުބުރިމަތީގައެވެ. ޒާން އިނީ ޝިޔާމް ގުޅުމުން ވާހަކަ ދައްކާށެވެ. ހުމަޔޫންއާ އާއިޒު ތިބީ އަޑުއަހާށެވެ.
“ކީކޭތަ ޝިޔާމް ބުނީ؟” ފޯނު ބޭއްވި ޒާންކުރެން އާއިޒު ސުވާލުކޮށްލިއެވެ.
“މިރޭ އެގޭގަ އޮތް ހަފްލާއަކަށް ދަޢުވަތު ދިނީ. ބުނީ ވަރަށް ހާއްސަ ހަފްލާއެކޭ. އެހެންވީމަ ކޮންމެ ހެނެއްވެސް އައިސްދޭންވާނެޔޭ.” ޒާން ބުނެދިނެވެ.
“އަނެއްކާ ކޮންކަމެއްބާ؟” އާއިޒު ކަންބޮޑުވިއެވެ.
“ހާސްނުވޭ އާއިޒު. އެތަނުގަ ޒާން ހުންނާނެއެއްނު. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” ހުމަޔޫން ޒާންއަށް ހިތްވަރުދިނެވެ.
“މިރޭ ކަންތައްވާގޮތަކުން ދެން އެނގޭނީ ކުރިއަށް އަޅަންވީ ފިޔަވަޅު.” ޒާން ފުންކޮށްވިސްނާލަމުން ބުނެލިއެވެ.

“ކީއްވެ ކުއްލިއަކަށް މިހާ ބޮޑު ހަފްލާއެއް ބާއްވަން ތިޔަ ނިންމީ. ހާއްސަކަމެއް އޮތީތަ؟” ފަރީދާ ސުވާލުކުރީ ޝިޔާމާއެވެ. ހަފްލާއަށް ގޭތެރެ ޒީނަތްތެރިކުރުމުގެ ކަންތައް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ދެއެވެ. ފަރީދާއާއި ޝިޔާމް ތިބީ ކަންތައް ކުރަމުންދާގޮތް ބަލާށެވެ.
“އާނ. މިރެއަކީ ވަރަށް ބޮޑު ރެއެއް. ޝާމްއާ ކައިވެނި ކުރަން އުޅޭ ކުއްޖާގެ އިތުރުން ހުމާމުވެސް ކައިވެނި ކުރަން ބޭނުންވާ ކުއްޖާއާ ބައްދަލުވެވޭތީ.” ޝިޔާމު ހާމަކޮށްލިއެވެ.
“އޭނ. ހުމާމުވެސްތަ؟” ފަރީދާއަށް ލިބުނީ ހައިރާންކަމެކެވެ. ނަމަވެސް އެ ހައިރާންކަން އުފާވެރިކަމަށް ބަދަލުވެގެން ދިޔައެވެ. “އަހަރެން ހިތަށް އަރަޔޭ އެސޮރު އެހާ ބޮޑަށް ބަދަލުވެގެން އެދިޔައީ ކީއްވެ ބާއޭ. ﷲއަށް ހަމްދުހުރި. ތި އަންހެން ކުއްޖާވާނީ ވަރަށް ރަނގަޅުކުއްޖަކަށް. އެހެންވެގެން އެފަދަ ހެޔޮ ބަދަލެއް ހުމާމަށް އެ އައީ.” ފަރީދާ އުފަލުން ބުނެލިއެވެ.
“އާނ. އަހަރެންނަށްވެސް ޔަޤީންވެއްޖެ ހުމާމު ހޯދާނީ ރަނގަޅު ކުއްޖެއްކަމަށް. އަހަރުމެންގެ އާއިލާ އާ އެކަށީގެންވާ ކުއްޖެއްކަން .ޤަދަރުވެރި އަދި އިއްޒަތްތެރި ކުއްޖެއްކަން.” ޝިޔާމް އޭނާގެ ހިތް ދެކެމުންދާ ފޮނި ހުވަފެން ހާމަކޮށްލިއެވެ.

އެދުވަހު ހަވީރުވެގެން ގޮސް އިރު އޮއްސުނު އިރުވެސް ހުމާމުގެ ހަބަރެއް ނުވިއެވެ. އެހެންކަމުން ޝާމް ނިންމީ އޭނާގެ ޕްލޭނާ އެއްގޮތަށް ކަންތައް ކުރުމަށެވެ. ސައިކަލަށް އަރައިގެން ދިޔައީ ޖާހަތު އުޅޭ ގެއަށެވެ. ޖާހަތު އިނީ ގޭ ބޭރު ހުރި ޖޯލިފަތީގައެވެ. ޝާމް ފެނުމުން ހައިރާންކަން ލިބި ކޮޅަށް ތެދުވުނެވެ.
“ޝާމް.” ޖާހަތަށް ބުނެލެވުނެވެ.
“އަހަރެން ބުނީމެއްނު ހުމާމު ބޭނުމީ ފައިސާއޭ. އޭނަގެ ޖަވާބެއް އަދިވެސް އަހަރެންނަކަށް ނުލިބޭ. އެހެންވީމަ ދެން ހަމަ ކަންތައް ކުރާނީ އަހަރުމެން ރާވާފަ އޮތްގޮތަށް.” ޝާމް ސައިކަލުން ފައިބަމުން ބުނެލިއެވެ.
ޖާހަތު ވަކި އެއްޗެކޭ ނުބުނެއެވެ. ކަންތައް ވަމުންދާގޮތާމެދު ހިތުގައި ޝައްކު އުފެދެމުން ދާތީއެވެ. ދެރަކަމަކީ ރަނގަޅު މަގު ދައްކައިދޭން މީހެއްވެސް ނެތްކަމެވެ. އަމިއްލައަށް ފެނުނު ގޮތަކަށް ކަންތައްކުރުމުގެ ސަބަބުން އޭނާގެ ދިރިއުޅުން އެއްވެސް މިސްރާބެއްނެތި ދަތުރުކުރާ ކަނދުފައްޗަކާ އެއްވަރު ވެއްޖެއެވެ.
“ޖާހަތު.” ޝާމް ޖާހަތަށް ގޮވާލިއެވެ. ޖާހަތު ބަލައިލިއެވެ.
“އަހަރެންގެ ހިތް ބުނަނީ މިހިސާބުން މިކަންތައް ހުއްޓާލާށޭ. ދެން މިހާރު މިދަނީ މާ މައްޗަށް. މިކަމުގެ ތެރެއަށް ގޭ މީހުން ވައްދައިގެން މިކަން ބޮޑުކުރާކަށް އަހަރެން ބޭނުމެއް ނޫން.” ޖާހަތު ބުނެލިއެވެ.
ޝާމް ހިތްހަމަ ނުޖެހުނުވެ. “މިހިސާބަށް މިކަންތައްކޮށްފައި މަންޒިލާ މިހާ ގާތްވުމުން ފަހަތަށް ޖެހެންވީތަ. އަހަރެން ހީ ނުކުރަން ޖާހަތު ތި ތިހާ ފިނޑި މީހަކަށް ވާނެކަމަކަށް.”
ޝާމްގެ ބަސްތަކުން ޖާހަތު ރުޅިއައެވެ. އަދި އޭނާއާ އެއްކޮށް އެއްވެސް ކަމެއްކުރުމަށް އިންކާރުކުރިއެވެ.
“އެންމެ ރަނގަޅު. ޖާހަތު ބޭނުމީ މެލޭޝިޔާއަށް ދާންނު؟ އަހަރެން ޖާހަތުއަށް އެކަން ކޮށްދޭނަން. އަދި ޖާހަތުގެ އެކުވެރިޔާއާ ހަމައަށް ފޮނުވާދިނުމުގެ ޒިންމާ އަހަރެން މިނެގީ. ހަމައެކަނި އަހަރެން ބުނާ ކަމެއްކޮށްދީ. މިރޭ އެ ހަފްލާގައި ބައިވެރިވެދީ.” ޝާމް އެދުނެވެ. ޖާހަތު ދެކޮޅުހަދަން އަނގަހުޅުވާލިނަމަވެސް ޝާމް އަނެއްކާ ވާހަކަ ކުރިއަށް ގެންދިޔައެވެ. “މިގޮތަށް ކަންކުރުމުން ދެމީހުންނަށްވެސް އޮތީ ފައިދާ. ޖާހަތު ބޭނުމެއްނުވޭ ހުމާމާ އިންނާކަށް. އަނެއްކޮޅުން މެލޭޝިޔާއަށް ދާނެ ގޮތެއް ނެތް. އަހަރެން މިހުރިހާ ކަމަކަށް މަގުފަހިކޮށްދޭނަން. ހަމަ އެކަނި މިރޭގެ މިހަފްލާގައި ބައިވެރިވެދީ.” ޝާމް އެދުނެވެ.
އެތަކެއް އާދޭސްތަކަކަށްފަހު ޖާހަތު އެއްބަސްވިއެވެ.

ހަފްލާ ފެށިގެން ކުރިއަށްދާން ފަށައިފިއެވެ. ފަރީދާއާއި ޝިޔާމް މެހްމާނުންނަށް މަރްހަބާކިޔަމުން ދިޔައެވެ. ހުމާމު ހުރީ ޝާމްގެ ކޮޓަރީގައެވެ.
“ވަރަށް ވިސްނައިފިން. އަހަރެން ބޭބެއަށް އެޕްރޮޖެކްޓް ދޭން އެއްބަސް.” ހުމާމު ބުނެލިއެވެ.
ކޯޓު ފަޓްލޫނުގައި ތައްޔާރުވަމުންދިޔަ ޝާމް ހިނިތުންވެލަމުން ހުމާމަށް ބުނެލިއެވެ. “އައްދޭ. އަހަރެންގެ މަޖުނޫނު ކޮއްކޮއަށް ހެޔޮވިސްނުން ލިބިއްޖެ ދޯ.”
ހުމާމު ޕްރޮޖެކްޓާ ބެހޭ ހުރިހާ ލިޔެކިޔުންތަކެއްގެ ފައިލް ޝާމްއާ ހަވާލުކުރިއެވެ.
“އެކަމަކު އަހަރެންގެ އެބައޮތް ސުވާލެއް.” ހުމާމު ބުނެލިއެވެ.
“ކޮން ސުވާލެއް.” ފައިލު ހޯދަމުން ޝާމް ސުވާލުކޮށްލިއެވެ.
“ޖާހަތު ހަމަ އަސްލުވެސް ބަނޑުބޮޑުތަ؟” ހުމާމު ސީރިއަސްކަމާއެކު ސުވާލުކޮށްލިއެވެ.
ޝާމް ހުމާމަށް ބަލައިލިއެވެ. އަދި އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެ މަދު ސިކުންތުކޮޅުގެ ތެރޭގައި ޝާމްގެ ސިކުނޑިއަށް ޝައިތާނާ ވަސްވާސްދިނެވެ. އޭނާގެ ބޭނުން ފުދިއްޖެއެވެ. ނަމަވެސް ހަޤީޤަތް ހާމަ ކުރަން ގަސްތެއް ނުކުރިއެވެ.
ހުމާމުގެ ހިތް ކުދިކުދި ވެގެން ދިޔައެވެ. ޝާމް ހިނިތުންވެލަމުން ލޯގަނޑުކުރިމަތީގައި ހުއްޓުނެވެ. އޭނާގެ މިސަމާސާއިން އެހެންމީހަކަށް ކޮށްފާނެ އަސަރެއް އެންމެ ފަހަރަކުވެސް ވިސްނާ ނުލެވޭފަދައެވެ. ނުވަތަ އެކަމުން ކޮންމެފަދަ ނަތީޖާއެއްވެސް ނިކުމެދާނެކަމަށް ވިސްނާލުވުނީއެވެ.
ހުމާމު ކޮޓަރިން ނިކުމެގެން ދިޔައެވެ. ޝާމް އެނބުރި ބަލައިލަމުން ހިނިތުންވެލިއެވެ.
މޭޒުމަތީގައި އޮތްފޯނު ވައިބްރޭޓް ވާންފެށީ އެވަގުތުއެވެ. ޖާހަތުގެ ކޯލެކެވެ. ޝާމް ވިސްނާލިއެވެ. އެއަށްފަހު ފޯނު ކަނޑާލިއެވެ.
“ސޮރީ ޖާހަތު! އަހަރެމެންގެ ޕްލޭނަށްވުރެ ކުރިން އަހަރެންގެ މަޤްސަދު ހާސިލް ވެއްޖެ. އައި ޑޯންޓް ނީޑް ޔޫ ނައު.” އަމިއްލަ އެދުމުން ފުރިފައިވި ޝާމް ބުނެލިއެވެ.
‘ފޯނު ކަނޑާލީ؟” ފޯނުގެ ސްކްރީނަށް ބަލަން އިން ޖާހަތަށް ހައިރާންކަމާއެކު ބުނެލެވުނެވެ. ޖާހަތު އިނީ ހަފްލާއަށް ދިއުމަށްޓަކައި ތައްޔާރުވެލައިގެން ގޭ ކުރިމަތީއެވެ. ޖާހަތު ބަލާ ކާރެއް އަންނާނެ ވާހަކަ ޝާމް ކުރިން ބުންޏެވެ. ނަމަވެސް ލަސްވާތީ ގުޅާލީއެވެ.
ޖާހަތު ދެކޮޅު ހޯދާލިއެވެ. ކުރިން ތައްޔާރުވީ އަވަހަށް ގެއިން ދިޔުމަށްޓަކައެވެ. އެއީ ޝިފާ ކޮލެޖްނިމިގެން ގެއަށް އަންނަ ގަޑިކަމަށްވާތީ ޝިފާއާ ކުރިމަތި ނުލާންވެގެންނެވެ. ނަމަވެސް ލަސްވުމުގެ ސަބަބުން ޖާހަތުއަށް ޖެހުނީ ޝިފާގެ އެތަކެއް ސުވާލުތަކަކާ ކުރިމަތިލާށެވެ. ދޭނެ ޖަވާބެއް ނޭނގި ޖާހަތު މިރޭ ބޭޒާރުވެސް ވެއްޖެއެވެ. ޝިފާއަށް ކޮންމެވެސް ކަމެއް ސިއްރުކުރާކަން އޭނާއަށް ޝައްކުވީއެވެ. އުފެދެމުން އައި ރަހްމަތްތެރިކަމުގެ ގުޅުން މިލަން ފެށީއެވެ.
ޖާހަތުގެ ލޮލުން ކަރުނަ ހިލުނެވެ. ހިތްބުނެލިއެވެ.’ޝިފާއެވެ. މާފްކުރާށެވެ. ހަޤީޤަތް ކިޔާ ނުދެވެނީ މަޖުބޫރުވެފައި ވުމުންނެވެ. އަހަރެންނަށް ވުރެ ޝިފާ ގާތީ ހުމާމާއެވެ. މިކަންތައް ދެން ހިއްސާކުރާނީ ކިހިނެތް ހެއްޔެވ؟ އަހަރެންނަށް މަޢާފުކުރައްޗެވެ.’
ކަޅުކުލައިގެ ކާރެއް އައިސް ޖާހަތު ކުރިމައްޗަށް މަޑޫކޮށްލިއެވެ.
ދޮރުހުޅުވާލުމާއެކު ފޭބީ ހުދުކުލައިގެ ޔުނިފޯމުގައި ހުރި ފިރިހެން ޑްރައިވަރެކެވެ. “މިއައީ ޝާމް ފޮނުވައިގެން.” އެމީހާ ބުނެލިއެވެ. ޔަޤީންކަން ލިބުމާއެކީ ޖާހަތު ކާރަށް އެރިއެވެ. އަތްފައި ފިނިވާން ފެށީ އެހިސާބުންނެވެ. ކުރިއަށް ކަންތައް ވާނެ ގޮތެއް ނޭނގޭތީއެވެ. ޝާމް ބުނެފައިވާ ގޮތަށް ކަންތައް ކުރެވޭނެ ބާއޭ ހިތް ބުނެލިއެވެ. ޝާމް ބުނެފައިވާ ގޮތުން މިރޭ ޖާހަތު، އޭނާ އެއީ ހުމާމުގެ އަންހެނުންކަމުގައި ޝިޔާމް ކައިރީގައި ބުނަން ޖެހޭނެއެވެ. އަދި އޭނާ އިނީ ބަލިވެ ކަމުގައިވެސް ބުނެދޭންޖެހޭނެއެވެ. ހުމާމު ޖާހަތު ބަލިވެ އިނީ އޭނާގެ ދަރިއަކަށް ކަމަށް އެއްބަހެއް ނުވާނެއެވެ. އެކަމަކު އެކަމުގެ ހެކި ޝާމް ދައްކާނެއެވެ. އަދި ކައިވެނި ކުރި ކަމުގެ ސެޓްފިކެޓްވެސް ޝާމްވަނީ ތައްޔާރުކޮށްފައެވެ. ހުރިހާކަމެއް ފަޅާއެރުމުން،އެކަމުގެ އަދަބެއްގެ ގޮތުން ޝިޔާމުގެ ވިޔަފާރިން ހުމާމު ވަކިކުރާނެކަން ޔަޤީނެވެ. އެހިސާބުން ޝާމްގެ މަޤްސަދު ހާސިލްވީއެވެ.
ހަފްލާއަށް މެހްމާނުން ހަމަ ވެއްޖެއެވެ. ރަށުގެ ގަދަރުވެރިންނާއި ކަމު ވޮށިގެންވާ މީހުންނެވެ. ހުމާމާއި ޝާމްވެސް އެކުއެކީގައިހެން ނިކުތެވެ. އަދި މެހްމާންނުނާ ސަލާމް ކުރުމާއި ވާހަކަ ދެއްކުމުގައި ތިއްބެވެ.
“ކޮބާ އެކުދިން؟” ޝިޔާމް އައިސް ޝާމްގެ ކަންފަތް ދަށުގައި ބުނެލިއެވެ. ހުމާމުވެސް އެވަގުތު އެތަނަށް އައެވެ. “ދަރިފުޅާ ހުމާމު ކޮބާތަ އެކުއްޖާ؟” ޝިޔާމް ހުމާމާވެސް އެސުވާލުކޮށްލިއެވެ.
“އެބައާދޭ.” ހުމާމު ޖަވާބުދިނީ ވަރަށް ކުރުކޮށެވެ. ހުރިހާ ކަމެއް އެނގިހުރެވެސް ހުމާމުގެ މޫނު މަތިން ހާސްކަމެއް ފެންނަމުން ނުދިޔުމުން ޝާމްއަށް ހައިރާންކަން ލިބުނެވެ. ޝިޔާމް އެތަނުން ދިޔުމުން މަޑުމަޑުން ހުމާމާ ގާތްވެލިއެވެ. “ހާދަ ހަމަ ޖެހިލައިގެން؟ އަނެއްކާ ޖާހަތު ބަލިވެ އިނީ ހުމާމުގެ ކުއްޖަކަށްކަން އެނގުނީތަ؟”
ޝާމް ބޭނުންވީ ހުމާމު ރުޅިއަރުވާށެވެ. މި ހަފްލާގައި އޭނާގެ ކިބައިން ކޮންމެވެސް ކަހަލަ ނޭދެވޭ އަމަލުތަކެއް ފެންނާށެވެ.
“ނޫނޭ. ޖާހަތު ބަލިވެ އިނީ އަހަރެންނަކަށް ނޫން. ކުރިންވެސް ބުނީމެއްނު ދޯ؟” ހުމާމު ހިނިތުންވެލަމުން ބުނެލިއެވެ. ޝާމްގެ ހައިރާންކަން އިތުރުވިއެވެ. ހުމާމު އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ޝާމް ހުމާމުގެ ކޮނޑުގައި ހިފައި ހުއްޓުވިއެވެ. ހުމާމުގެ އެ ހަމަޖެހުން އޭނާއަށް ބަލައިނުގަނެވުނީއެވެ.
“ދެން އެހެންވީއިރު ކީއްކުރަން އިންނަން ތިއުޅެނީ؟” ޝާމް ސުވާލުކޮށްލިއެވެ.
ހުމާމު ހިނިތުންވެލިއެވެ. “އަހަރެންނަށް އޮޅިއްޖެ ބޭބެ އަސްލު ބޭނުންވެގެން ތިއުޅޭ ކަމެއް؟ ބޭބެ ބޭނުންވީ އެޕްރޮޖެކްޓް ހާސިލްކުރަންތަ؟ ނޫނީ ޖާހަތު ހާސިލްކުރަންތަ؟” ހުމާމު ސުވާލުކޮށްލިއެވެ. ޝާމްއަށް އުނދަގޫވިއެވެ. އޭނާގެ މަޤްސަދު ހުމާމަށް އެނގުނީތީއެވެ.
“ބޭބެ ހީކުރަނީ ބޭބެގެ އެކަނިކަމަށް ދޯ ބޮލެއް އިންނަނީ. އަހަރެންގެވެސް މި ބޮލެކޭ. ބޭބެއަށްވުރެ ރަނގަޅަށް އަހަރެންނަށް ޖާހަތު އެނގޭ. ޖާހަތު އެއީ ވިޔާ ނުދާކޮށް އުޅޭ ކުއްޖެއް ނޫން. އެކަން އެންމެ ރަނގަޅަށް ޘާބިތުކޮށްދެވޭނީ އަހަރެންނަށް. އެހެންވީމަ ޖާހަތު ބަނޑުބޮޑު ނޫންކަންވެސް އެންމެ ރަނގަޅަށް އެނގޭނީ އަހަރެންނަކަށްނު.” ހުމާމު ހަމަ ޖެހިލައިގެން އިނދެ ބުނެލިއެވެ. ޝާމަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ހީކުރިވަރަށް ވުރެ ހުމާމު މާ ހުޝިޔާރެވެ.
“ތިކުރި ކަންތަކުގެ ސަޒާ ލިބޭނެ. އަހަރެން އެކަން ކުރާނަން. ހަމަ ބޭބެ ކަންތައް ކުރިގޮތަށް. ހަމަ އެނާޅިން.” ހުމާމު ރުޅިވެރިކަމާއެކު ބުނެލިއެވެ. ނަމަވެސް ޕާރޓީގެ މާހައުލަށްވެފައި މީހުން ގިނަ ކަމުން ދެމީހުންވެސް ތިބީ މޫނުމަތިން ފެންނަމުން ދިޔަ އިހުސާސްތައް ކޮންޓްރޯލްކޮށްގެންނެވެ. އެދެމެދުގައި ދެކެވެމުންދިޔައީ ކޮންވާހަކަތަކެއްކަމެއް ދުރުގައިތިބި އެކަކަށް ވެސް ވިސްނައެއް ނުގަނެވެއެވެ.
“ކޮންކަމެއްގެ ސަޒާއެއް؟” ޝާމް ހައިރާންވެފައި ބުނެލިއެވެ.
ހުމާމު މަލާމާތުގެ ރާގެއްގައި ހިނިތުންވެލިއެވެ. “ނޭނގޭތަ؟ ބުނެދޭންވީދޯ؟ ޖާހަތުއާ ދެމީހުން ރާވައިގެން އަހަރެން އަތުން އެ ޕްރޮޖެކްޓް ހާސިލްކުރަން އުޅުނު ގޮތް. ބޭބެގެ ސަޒާ ދޭނީ ބައްޕަ. ދެން އޮތީ ޖާހަތު. އޭނަ އަށް އަހަރެން އެކުށުގެ ސަޒާ ދޭނަން، ދެވަނަ ދުވަހަކު އަހަރެންނާ ދިމާއަށް ނުރުހުމުގެ ނަޒަރަކުން ބަލައިލާންވެސް ނުކެރޭނެވަރަށް.” ހުމާމު ދަތްކުނޑިވިކާލަމުން ބުނެލިއެވެ. “މިހުރިހާ ކަމެއް ކުރާނީ ބޭބެ ކަންތައް ކުރާ އުސޫލުން. ލޯބި ލޯބިން ގެންގުޅެފަ، އޮޅުވީމަ ފިޔަގަނޑު ހަމަ ބުރިކޮށްލާނީ.”
ހުމާމުގެ ހިތުގައިވި ނަފްރަތުގެ ހުޅުގަނޑުގެ ކަނިތައް ޝާމްއަށް ފެނުނު ފަދައެވެ. އެވަގުތު އޭނާ ވިސްނާލީ އެހުރިހާކަމަކުން ސަލާމަތްވާނެ ގޮތެކެވެ. ޖާހަތު ސަލާމަތްކުރާނެ ގޮތެއް ވިސްނާލަންވެސް ހަނދާނެއް ނުވިއެވެ. ނުވަތަ އެކަމަކީ މުހިންމު ކަމަކަށް ނުފެނުނީއެވެ.
މާ ގިނައިރުތަކެއްނުވެ ޖާހަތުއިން ކާރު ޝިޔާމްގެ ގޭ ދޮރާށިން ވަނެވެ. ޖާހަތު އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.
ކާރުމަޑުކޮށްލުމާއެކު ޑްރައިވަރު ފައިބައިގެން އައިސް ޖާހަތަށް ދޮރުހުޅުވާލަދިނެވެ. ތަފާތު މާމެލާމެލިން ޒީނަތްތެރިކުރެވިފައިވާ އެ ބޮޑު ގެއަށް ނަޒަރު ހުއްޓާލައިގެން އިނދެ ޖާހަތު ކާރުން ފޭބިއެވެ. ލައިގެން އިން ހުދުކުލައިގެ ގައުންގެ ފަސްބައިގައި ހިފައި ކުޑަކޮށް ހިއްލާލައިގެން ކުރިއަށް ހިނގައިގަތެވެ. ކަޅުކުލައިގެ ޝޯލް އާއެކު ކަންފަތްމަތީގައި ހަރުކޮށްފައިވާ ހުދުކުލައިގެ ކުޑަ މަލުން ޖާހަތުގެ ރީތިކަން އިތުރުކޮށްދެއެވެ. ވިދަމުންދާ ރަތްކުލައިގެ ތުންފަތާއި ލޮލުގައި އަޅާފައިވާ މަސްކަރާއިން ޖާހަތުގެ ދޮން މޫނަށްވަނީ ދިހުންކުލަ ގެނެސްފައެވެ. މީގެ އިތުރުން ކަޅާ ގުޅުވައިގެން އަތުކުރީގައި ތަނޑިގަނޑަކާއި އިނގިލީގައި އަނގޮއްޓިއެއް އަޅާފައިވެއެވެ.
ދޮރުން ވަދެގެން އައި ޖާހަތުއަށް ދުރުގައި ހުރި ހުމާމުގެ ނަޒަރު އަމާޒުވިއެވެ. ރީތިކަމުގެ ފުރިހަމަ ނަމޫނާއެކެވެ. އެ ބަނިޔާދަން ހަށިގަނޑުން އެތަށް ބައެއްގެ ހިތްތައް ކަތިލަމުން ދިޔަފަދައެވެ.
ޖާހަތުއަށް ނަޒަރުހުއްޓާލައިގެން އިން ހުމާމަށް ބަލަން ދުރުގައި ޝާމް ހުއްޓެވެ. މިހަފްލާގައި އަދި އޭނާ ބޭނުންވާ ގޮތަށް ކަންތައްތަކެއް ނުވެއެވެ. އޭނާ ހީކުރިގޮތާ ހިލާފަށް ހުމާމު މާހުޝިޔާރެވެ. ޝާމް ދެން އަޅަންވީ ފިޔަވަޅަކާ މެދު ވިސްނާލިއެވެ.
ހުމާމު ޖާހަތާ ދިމާއަށް ހިގައިގަތްތައް ފެނުނީ އެވަގުތުއެވެ. ޝާމް އަވަސް ހަރަކާތްތައްކަކާއެކީ ގޮސް ޖާހަތު ކައިރީގައި ހުއްޓުނެވެ.
“ވާއޮ މައި ޕްރިންސަސް. ޔޫ އާ ލުކިން ގޯޖަސް.” ޖާހަތުގެ ކޮނޑުގައި ހިފައި ކައިރިކޮށްލަމުން ޝާމްބުނެލިއެވެ.
ހުމާމު ހުރީ ހުރި ފިޔަވަޅުމަތީއެވެ. ޝާމް ހުމާމަށް ބަލައިލި ހިނދު އޭނާގެ މޫނުމަތިން ފެންނަންހުރި ހައިރާންކަން އިހުސާސްކުރެވި ހިނިތުންވެލެވުނެވެ. މީގެ އިތުރުން ޖާހަތުއަށް ހުރެވުނީ ހައިރާންކަމާއެކު ބަލާށެވެ. ޝާމް މުޅިން ތަފާތުކޮށް ކަންތައް ކުރުމުންނެވެ.
ޝިޔާމް ޝާމްކައިރިއަށް އައިސް މަޑުކޮށްލިއެވެ. ޖާހަތު ޝިޔާމަށް ބަލައިލަމުން ހިނިތުންވެލިއެވެ. ކަޅު ފަޓްލޫނާއި ނޫގަމީހުގައި ޝިޔާމް ފެންނަލެއް ވަރަށް ސްމާރޓެވެ. އުމުރުން ދުވަސްވެފައިވިނަމަވެސް ހަށިގަނޑުން އެކަމެއް ނުދައްކައެވެ. ހަމައެހެންމެ ކަޅުހެދުމުގައި ހުރި ފަރީދާވެސް ފެންނަނީ ވަރަށް ފިޓްކޮށެވެ. ދެމަފިރިން އެކުއެކީގައި އައިސް ޖާހަތުއާ ސަލާމްކުރިއެވެ.
“ބޭބޭ. މިއީ ޖާހަތު.” ޝާމް ޝިޔާމަށް ބުނެލިއެވެ. “ޖާހަތު މިއީ އަހަރެންގެ ބޭބެ. ދެން މިއީ ބޭބެގެ އަންހެނުން ފަރީދާއްތަ.”
ޖާހަތު ހިނިތުންވެލިއެވެ.
ޝާމް ޖާހަތު ގޮވައިގެން އެތެރެއަށް ހިނގައިގަތެވެ. އަދި އެންމެންނަށް ތަޢާރަފްކޮށްދެމުން ދިޔައެވެ.
ދުރުގައި ބަލަން ހުރި ހުމާމަށް ލިބުނީ ހައިރާންކަމެކެވެ. ޝާމްގެ މިއަމަލުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން މާނައެއްކަން ދެނެގަންނަން އުދުގޫވީއެވެ.
“މިސްޓަރ ޒާން!” އެތެރެއަށް ވަދެގެން އައި ޒާން ފެނުމާއެކު ޝިޔާމް މަރުހަބާކިޔުމުގެ ރާގުގައި ބުނެލިއެވެ. އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ޖާހަތަށްވެސް ބަލައިލެވުނެވެ.
ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވީ ޒާންގެ ވާތް ފަރާތުގައި ހުރެގެން ވަދެގެން އައި މީހާ ފެނުމުންނެވެ.
“އާއިޒު؟!!؟؟!؟!” ހައިރާންވެފައި އިން ޖާހަތަށް ބުނެލެވުނެވެ. ހިތުގައި އެތަށް ސުވާލުތަކެއް އުތުރި އަރައިގަތެވެ. ތުންފަތަށް ހިނިތުންވުން ވެރިކުރުވީވެސް ހަމަ އެސިކުންތުގައެވެ. އުފަލުންގޮސް ލޮލުން ފެން ހިނގާލިއެވެ. އެއީ އޭނާގެ އާއިޒެވެ. އޭނާގެ ހިތުގައި ފޮރުވިފައިވާ ސިއްރު ލޯތްބެވެ. ބޭއިޚްތިޔާރުގައި ކުރިއަށް ފިޔަވަޅެއް އެޅުނު ނަމަވެސް ހަމަ ދުނިޔެއަށް އާދެވުނީ ކައިރީގައި ހުރި ޝާމް އޭނާގެ އަތުގައި ހިފައި ހުއްޓުވުމުންނެވެ. ޖާހަތަށް ހައިރާންކަމާއެކު ބަލައިލެވުނެވެ. ނަމަވެސް ޝާމްގެ ނަޒަރު ހުރީ ޒާން މެންނަށް ހުއްޓާލެވިފައެވެ. އެހެންވެއްޖެނަމަ ޝާމް އެހާ ހުޝިޔާރުކަމާއެކީގައި ޖާހަތުގެ އަތުގައި ހިފައި ހުއްޓުވީ ކިހިނެތް ހެއްޔެވެ؟ ޖާހަތުގެ ސިކުނޑީގައި އެތަށް ސުވާލުތަކެއް ގިނަވެގަތެވެ.

ޒާން އައުމާއެކު ޝިޔާމް ހަފްލާ ފެށުނު ކަމުގެ އިއުލާންކުރިއެވެ. އަދި އެއަށްފަހު މިހަފްލާގައި ވަރަށް މުހިންމުކަމެއް އެބައޮތްކަމުގައި އިއުލާން ކުރިއެވެ. ނަމަވެސް އެންމެ ފުރަތަމަ ހުރިހާ މެހްމާނުންނަށް ޝަރުބަތުން މަރްހަބާކިޔުނެވެ.
އެކަކު އަނެކަކާ މަޝްވަރާކުރުމުގެ އިތުރުން އެތަނުގައި ގިނައިން ދެކެވެމުން ދިޔައީ ވިޔަފާރީގެ ވާހަކައެވެ. ނަމަވެސް ވިޔަފާރިވެރިންގެ އަނބިން ދައްކަމުން ދިޔައީ ގަހަނާގެ ވާހަކައެވެ. ޒީނަތްތެރިވުމުގެ ވާހަކައެވެ. ހަށިގަނޑު ހިއްކާލިގޮތުގެ ވާހަކައެވެ. އެކަކަށް ދޫކުރާ އަނެކަކު ނެތެވެ.
ހުމަޔޫންއާއި އާއިޒުގެ ނަޒަރު އެކިކޮޅުކޮޅު ހޯދަމުން ދިޔައެވެ. ޖާހަތު ފެނޭތޯއެވެ. ހުދުގަމީހާއި ކަޅު ފަޓްލޫނުގައި އާއިޒު ފެންނަލެއް ވަރަށް ފިރިހެންވަންތައެވެ. ޖާހަތުއާ ވަކިވިއިރާ އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެކަސްރަތީ ހަށިގަނޑެވެ. ބޯވެސް ރީތިކޮށް ކޮށާލެވިފައި ހުރުމުން ‘ޖެންޓްލްމަން’އެއްގެ ތައްގަނޑަށް ފުރިހަމައަށް ފެތެއެވެ.
ތަންކޮޅެއްދުރުގައި ހުރި ތަނބަކާ ނިވާވެލައިގެން ޖާހަތު އިނީ ސިއްރުސިއްރުން އާއިޒަށް ބަލާށެވެ. ޖާހަތު އާއިޒުކައިރިއަށް ދާން ބޭނުންވަރު އެދެލޮލުން ހާމަ ވަމުންދިޔައެވެ. ކުޑަކުއްޖަކު އެއްޗަކަށް ބޭނުންވުމުން ބަލާ މަޢުސޫމު ގޮތަށް ޖާހަތު އާއިޒަށް ބަލަން އިނީ އެސްފިޔަވެސް ޖަހާލަން ދަތިވެފައެވެ. އެކަން އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. މިދުނިޔެމަތިން ހިމާޔަތެއް ލިބިފައިވަނީ އާއިޒުގެ ކިބައިންނެވެ. އާއިޒު އަކީ އޯގާތެރި މީހެއްކަމަށް ޖާހަތުއަށްވަނީ ގަބޫލުކުރެވިފައެވެ. އަދި ހަމަ އެހެންމެ ވަކިވުމުގެ ކުރިން އެންމެ ފަހުވަގުތާ ޖެހެންދެންވެސް އޭނާ ހުރީ އާއިޒު އެއީ އޭނާގެ ފިރިމީހާ ކަމުގައި ގަބޫލުކޮށްގެނެވެ.

“މާން!” އީމަންގެ ކޮޓަރިއަށް ވަދެގެން އައި ރީމް ގޮވާލިއެވެ. ބޭރު ބެލްކަނީގައި އަޅިކުލައިގެ ޓީޝާޓަކައީ ގަދަނޫކުލައިގެ ސޯޓުބުރިއެއްގައި ހުރި އީމަން ފަހަތަށް އެނބުރި ބަލައިލި ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެ އަނެއްކާ އެނބުރުނީއެވެ. ރީމް ކަންތައް ކުރިގޮތުން އޭނާވަނީ ރީމް މަތިން ފޫހިވެފައެވެ. އީމަންގެ ފަރުވާކުޑަ ބެލުންފެނި ރީމް ދެރަވިއެވެ.
“މާން. އަހަރެން ދެކެ ރުޅި އައިސްފަތަ؟ އަހަރެން ވަރަށް މަސައްކަތްކުރިން ޔާނާއާށް ވިސްނައިދެވޭތޯ. އެކަމަކު ޔާނާ އެއްބަހެއް ނުވި.” ރީމް ވާހަކަ ދައްކަންފެށިއެވެ. އީމަން އެއްވެސް އެއްޗެކޭ ނުބުންޏެވެ.
“މާން ހަމަ އަސްލުވެސް އަހަރެން ޔާނާ ކައިރީގަ ހުރިހާ ވާހަކަ ތަކެއް ތަފްސީލުކޮށްކިޔައިދިނިން.” ރީމް ޔަޤީންކޮށްދިނެވެ.
“އަހަރެންނަށް އެނގެޔޭ ރީމް ކިޔައިދިން ގޮތް. ރީމް ކުރީ އެންމެ ކަމެއް. ޔާނާ އިމޯޝަނަލީ ބްލެކްމެއިލް ކުރީ.” އީމަން ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ.
ރީމް ދެލޯ ބޮޑުކޮށްލަމުން ދެކޮޅަށް ބޯހޫރުވާލީ ނޫނެކޭ ބުނަމުންނެވެ. އަދި ކަޅު ސްކިނީއާއެކު ލައިގެން ހުރި މަޑު ފެހިކުލައިގެ ޓީޝާޓަށް ދަމާލެވުނީ ބޭއިހްތިޔާރުގައެވެ.
“ރީމް ނޫނެކޭ ބުނާނެ ކަމެއް ނެތް. އަހަރެންނަށް ހުރިހާ އެއްޗެއް ވިސްނޭ. ރީމްއަށް ހަމަ ރަނގަޅަށް އެނގޭ ޔާނާގެ އެއްވެސް ހަނދާނެ ނެތްކަން. ދެން ރީމް ގޮސް އަހަރެން ދެކެ ލޯބިވަމޭ ކިޔައިގެން ހުރެ ތި ކުޅުނު ޑްރާމާއިން ކޮންމެ މީހަކުވެސް ދެރަވާނެ. އެހެންވެގެން ޔާނާ ނިންމީ އަނބުރާ ނާންނަން. އެކަމަކު ރީމް ހަނދާންކުރާތި. އަހަރެންގެ ހަޔާތުގައި ކުރިން ރީމްއަށް ދެވިފައިވާ މަޤާމެއް ދެން ރީމްއަކަށް ނުލިބޭނެ.” އީމަން ރެއިލިންގައި އަތް އަޅާލަމުން ބުނެލިއެވެ.
“ނޫން މާން ތިހެން ނުބުނޭ. އަހަރުމެންގެ މިދަރިފުޅަށްޓަކާވެސް…” ރީމް ރޮމުން ބުނެލިއެވެ. އޭނާ ބޭނުމީ ކޮންމެ ގޮތެއް ހަދައިގެންނަމަވެސް އީމަންގެ ރުހުން ހޯދާށެވެ.
“އަހަރުމެންގެ ދަރިފުޅޭ؟ ތިއީ އަހަރެން ކޮންއިރަކު ރީމްއަށް ދިން ކުއްޖެއްތަ؟ ކިތައްފަހަރު އަހަރެން ރީމް ކައިރީގަ ބުނާނީ ތިއީ އަހަރެންގެ ކުއްޖެއް ނޫނޭ. އަހަރެންގެ ދަރިއެއް ރީމްގެ ބަނޑުގައެއް ނޯންނާނެ.” އީމަން ރުޅިގަދަވެފައި ހުރިނަމަވެސް ކޮންޓްރޯލްކުރަމުން ބުނެލިއެވެ.
“ހެޔޮނުވާނެ މާން. ތިފަދަ ބަދުނާމް އަހަރެންގެ ބޮލުގަ ނާޅުވާ.” ރީމް ގިސްލަމުން ވާހަކަ ދެއްކުން ކުރިއަށް ގެންދިޔައެވެ. “އަހަރެން ގަބޫލުކުރަން އަހަރެންނާ މާންގެ ގާތް އެއްވެސް ގުޅުމެއް ނެތް ކަމަށް. އެކަމަކު ހަނދާންކޮށްބަލަ، އެރޭ! އެރޭ އަހަރުމެން ދެމީހުން…..” ރީމް އަޑު ބެދުނުކަހަލައެވެ. އިސް ޖަހާލިއެވެ.
“އެރާ ކަންތައް ވީގޮތް ހަނދާނުގަ އެބަހުރި އަހަރެން. ހަނދާން ނެތުނީ ރީމް. އަހަރެން ހަނދާންކޮށްދެންތަ؟” އީމަން ރީމްގެ ކޮނޑުގައި ހިފައި ބުނެލިއެވެ. ރީމް އީމަންއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެދެލޮލުން ރީމްއަށްޓަކައި ފެންނަނީ ނަފްރަތެވެ. އީމަން ރީމްގެ އަތުގައި ހިފައިގެން ގޮސް އެނދު ކައިރީގައި ހުއްޓުނެވެ.
“ތިބުނަނީ އެރޭ، މިތަންމަތީގައި ހިނގި ކަން ހަނދާންކުރާށޭތަ؟” އީމަން އެނދާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ސުވާލުކޮށްލިއެވެ.

15

8 Comments

  1. Aphy

    July 3, 2016 at 12:50 pm

    Haadha haa kurey:(
    Knmme dhuvahaku up kuriyas dhigukohlla dheynveenun:)

  2. Same

    July 3, 2016 at 1:13 pm

    V reethi mi part ves

  3. Story lover

    July 3, 2016 at 1:28 pm

    Haadha kurey!!! Thankolheh dhigukoh up kohdheynama dhw… But v v rythi mi baivess ?
    Lurv this story..

  4. Nahu

    July 3, 2016 at 2:21 pm

    jaahath ah hama emeehunge kibain salaamai veven netheetha. jaahath ah abadhu ehgotheh vanee mihaaru interest ves eba kudavey. same thing repeating dho

    • Yaana

      July 3, 2016 at 2:30 pm

      yhh.. hama digu dhanmanyy.. n reem ge kame vx falha e naaraa

  5. aloo

    July 3, 2016 at 2:22 pm

    Haadha kurey… thankolhrh dhigukohlaa nama

  6. Ainthu

    July 4, 2016 at 5:16 am

    Aakameh nuhinga mihaaru, abadhu ekkameh repeat vany, foohivejje vaahaka mathin

  7. Nahu

    July 4, 2016 at 8:45 pm

    Alhe thankolheh dhigu kh up kh dhevi dhaane tha ? V rythi mi part ves . Jaahathu avahah ekamun salaamai kh dhybala. Jaahathu ah enuuun gotheh nethy tha hama .

Comments are closed.