
ލޯބިން ބުނާތީ – 69

ހެނދުނު ރިހާނަށް ހޭލެވުމާއެކު ފުންމައިގެން ތެދުވެވުނެވެ. ރޭގައި އޭނާއަށް ނިދުނީ ނޭނގި އޮއްވައެވެ. އޭނާއަށް ފުރަތަމަވެސް ބަލާލެވުނީ ލިއާއަށެވެ. ކޮޓަރީގައިވި ފަނޑު އަލިކަމުން ރިހާނަށް ލިއާ ފާހަގަވާން ކުޑަ އިރުކޮޅެއް ނެގިއެވެ. ހީވާގޮތުން ލިއާއަށް އޮތީ ނިދިފައެވެ. ރިހާން އަވަހަށް ގާތަށް ޖެހިލާފައި ލިއާގެ ނިތުގައި އަތް ޖައްސާލިއެވެ. އޭނާ ކަންބޮޑުވީ ލިއާ ހުންގަދަ ކަމުންނެވެ.
“ލިއާ…” ރިހާން މަޑުމަޑުން ލިއާގެ ކޯތާފަތުގައި ހިފާ ތަޅުވާލިއެވެ. ލިއާގެ ހަބަރެއް ނުވިއެވެ. ރިހާންގެ މޫނުމަތިން މިފަހަރު ރަނގަޅަށްވެސް ހާސްކަން ފެނުނެވެ. އޭނާ ލިއާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން އަނެއްކާވެސް ލިއާއަށް ގޮވިއެވެ. ރިހާން ހަމައިން ނައްޓާވަރު ވެފައި ވަނިކޮށް ވަރުދެރަ ގޮތަކަށް ލިއާއަށް ލޯ ހުޅުވާލެވުނީ ކިރިޔަ ކިރިޔާއެވެ. ރިހާން ލިއާގެ ކޮނޑުން ދޫކޮށްލުމާއެކު އަވަސްއަވަހަށް ފޯނު ނަގާ ނަންބަރަކަށް ގުޅިއެވެ.
“މަޓޭ…ވަރަށް އަވަހަށް އާދެބަލަ ކާރު ހިފައިގެން…” ރިހާން ގުޅީ އޭނާގެ އެކުވެރި މާއިޒް އަށެވެ. މާއިޒް އަކީ ރަށު އޮފީހުގައި ވަޒީފާ އަދާކުރުމުގެ އިތުރުން ރަށުގައި ޓެކްސީކަން ކުރާ ޒުވާނެކެވެ. ރިހާންގެ އަޑުގައިވި ހާސްކަން ނަގައިގަނެވި މާއިޒް އަވަހަށް މިދަނީއޭ ބުނެލިއެވެ.
ފާހަނައަށް ވަދެ މޫނު ދޮވެލައިގެން ނިކުތް ގޮތަށް ރިހާން އަވަސްވެގަތީ ލިއާގެ ހެދުން ބަދަލު ކުރުވުމަށެވެ. އިހުނަށްވުރެ ލިއާގެ ހަށިގަނޑު ހިމޭންވެފައި ވެއެވެ. ރިހާންގެ ހާސްކަން ހިނދަކަށްވުރެ ހިނދެއް އިތުރުވަމުން ދިޔައެވެ. ހުމުގެ ސަބަބުން ލިއާގެ މުޅި މޫނަށް ރަތްކަން ވެރިވެފައި ވެއެވެ.
“ލިއާ…އަޑު އިވޭތަ…؟ އެއްޗެކޭ ބުނެބަލަ…” ރިހާން ހާސްކަމާއެކު ލިއާގެ މޫނުގައި ހިފާލާ ކުޑަކޮށް އަތުން ކޮށްޓާލިއެވެ. މިފަހަރުވެސް ލިއާ ވަރުދެރަ ގޮތަކަށް ކިރިޔަ ކިރިޔާ ލޯ ހުޅުވާލިއެވެ. ނަމަވެސް އެހާމެ އަވަހަށް އަލުން ލޯ މަރާލައިފިއެވެ. ރިހާނަށް އަނެއްކާވެސް ފޯނު ނެގުނީ މާއިޒަށް ގުޅުމަށެވެ. އެހެނަސް ރިންގަށް ނުޖެހިގެން އުޅެނިކޮށް ބޭރުން ބަރުގޮނުގެ އަޑު އިވުނެވެ.
ލުއި ފަތްކޮޅެއް ފަދައިން އަތްދަނޑިމައްޗަށް ލިއާ އުފުލާލުމާއެކު ރިހާން ގޮސް ކޮޓަރިން ނިކުތެވެ. ނަސީބަކުން ގޭތެރެއިން އެކަކުވެސް ފެންނާކަށް ނެތެވެ. ޑްރައިވަރ ސީޓުގައި އިން މާއިޒަށް ރިހާން ފެނި އަވަސްއަވަހަށް ކާރުން ނިކުމެ ފަހަތު ސީޓުގެ ދޮރު ހުޅުވައިދިނެވެ. ލިއާ ގޮވައިގެން ރިހާން އެރުމާއެކު ކާރުގެ ދޮރު ލައްޕާފައި މާއިޒް ގޮސް ޑްރައިވަރ ސީޓަށް އަރާ ކާރު ދުއްވާލީ ބާރަށެވެ.
ލިއާ ވެއްދުނީ އީ.އާރަށެވެ. ޑޮކްޓަރާއި ނަރުހުން ލިއާއަށް ފަރުވާ ދިނުމުގައި އަވަސްވެގަތެވެ. ޑޮކްޓަރ ބަލާފައި ބުނީ ލިއާގެ ހާލަތު ސީރިއަސް ކަމަށާއި ބީޕީ ވަރަށް ދަށްވެފައި ވާކަމަށެވެ. އަދި ލިއާ ސެޕްޓިކް ޝޮކަކަށް ގޮސްފައި ވާކަމަށް ލަފާ ކުރެވޭ ކަމަށާއި އެތަނުން އެވަގުތު ދެވެން އޮތް ފަރުވާއެއް އެންމެ ފުރިހަމައަށް ދޭނެ ކަމުގައެވެ. ޑޮކްޓަރު އީއާރަށް ވަނުމާއެކު ރިހާނަށް ހާސްކަމާއެކު ތުނިކޮށް ހުރި ތުނބުޅީގައި އަތް ހާކާލެވުނެވެ. ލިއާއަށް އަޅާލަން ޖެހޭ ވަރަށް އަޅާނުލެވުމުގެ ސަބަބުން އަމިއްލަ ޒަމީރުވެސް ރިހާން ކުށްވެރި ކުރަމުން ދާކަހަލައެވެ. ރިހާނަށް އެނގޭ ކަމަކީ މިވަގުތު ލިއާއަށް ދެރަ ގޮތެއް ވެއްޖެ ނަމަ އަމިއްލަ ނަފްސަށް މާފު ނުކުރެވޭނެކަމެވެ.
ޑިއުޓީއަށް ނުދެވޭނެ ވާހަކަ އަންގާފައި ރިހާންގެ ގިނަ ވަގުތު ހޭދަކުރީ ހޮސްޕިޓަލުގައެވެ. އިރުކޮޅަކަށް އޭނާ ގެޔަށް ދިޔައީ ލިއާގެ ބައެއް ސާމާނު ބަލައެވެ. އެ އެއްޗެހި ހިފައިގެން، ކައިގެން ހޮސްޕިޓަލަށް އާދެވުނުއިރުވެސް ލިއާ އޮތީ އީ.އާރް ގައެވެ.
ލިއާގެ ހާލު ރަނގަޅުވާ އަތަށް އެޅީ އަނެއް ދުވަހުއެވެ. ހެނދުނު ލިއާއަށް ހޭލެވުނު ވަގުތު ރިހާން ވޯޑަށް ވަދެގެން އަންނަނީއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ލިއާގެ ނަޒަރު ހުއްޓާލީ މަތީގައި އެނބުރެމުން ދިޔަ ފަންކާއަށެވެ. އަތަށް ގުޅާފައިވާ އައިވީ ލަސްލަހުން ހުސްވަމުން ދިޔައެވެ.
“ކޮންމެވެސް މީހަކު ވަރަށް ގުޅާލާފަ އެބައޮތް…” ރިހާން އައި އިރު އޭނާގެ އަތުގައި ލިއާގެ ފޯނު އޮތެވެ. ލިއާގެ ނަޒަރު ރިހާނަށް ހުއްޓުނެވެ. ރިހާން އެހެން ބުނުމުން ލިއާގެ ހިތް ތެޅިގަތީއެވެ. ފުރަތަމަވެސް ހިތަށް އައީ ކައިލްގެ ނަމެވެ. ނަމަވެސް ރިހާންގެ މޫނުގެ ކުލަވަރަށް ބަލާފައި ގުޅީ ކައިލްހެން ހިއެއް ނުވެއެވެ. ލިއާގެ ފޯނުގައި ކައިލްގެ ނަންބަރު ސޭވްކޮށްފައި ވާނެއެވެ.
ލިއާގެ އެދުމުގެ މަތިން އެންމެ ފަހުން ގުޅާފައި އިން ނަންބަރަށް ގުޅާފައި ރިހާން ލިއާ އަތަށް ފޯނު ދިނެވެ. ކެނިއުލާ ގުޅާފައި އޮތް އަތް ނޫން އަނެއް އަތުން ލިއާ ފޯނުގައި ހިފާ ކަންފަތުގައި ޖައްސާލިއެވެ. ދެފަހަރަކު ރިންގްވެލި އިރަށް އެކޮޅުން ފޯނު ނަގައިފިއެވެ.
“ލިއާތަ…؟” އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެކެވެ. އަޑުގައިވަނީ އަވަސް އަރުވާލުމެވެ. ލިއާގެ މޫނުމަތިން ހައިރާންކަން ފެނުނެވެ.
“ލިއާ ވާހަކަ ދައްކަނީ…” ލިއާ މަޑުމަޑުން ބުނެލިއެވެ.
“ލިއާ މީ އަނަސް…” އެކޮޅުން ވާހަކަ ދެއްކި ޒުވާނާ ބުނެލިއެވެ. ލިއާއަށް އެއީ ކާކުކަން އެނގުނެވެ. އަނަސްއަކީ ލިއާގެ ދޮންމަންމަގެ ދޮށީ ދަރިފުޅެވެ. ލިއާއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އަނަސް ވާހަކަ ދައްކަން ފެށިއެވެ.
“މިއުޅެނީ ވަރަށް ދެރަކަމެއް ވެގެން…ބޭބެ…… މިބުނީ ލިއާގެ ބައްޕަ ހޮސްޕިޓަލަށް ގެނެސްގެން…މިގަޑީ މާ ގިނަ ވާހަކައެއް ނުދެއްކޭނެ…ބައްޕަގެ ހާލު ވަރަށް ސީރިއަސް…ރޭގައި ދަންވަރު ހޮސްޕިޓަލަށް ގެނެވުނީ…ފަތިހުއްސުރެ ލިއާއާއި ގުޅަން ވަރަށް މަސައްކަތް ކޮށްފިން…ޝަރީފާ ދައްތަ ކައިރިވެސް ބުނެފިން…” އަނަސްގެ ވާހަކައިން ލިއާގެ ދެލޯ ބޮޑުވެގެން އައެވެ. ފުންމައިގެން ތެދުވި ވަގުތު ކެނިއުލާ ވާގަނޑަށް ލުކި ޖެހިގެން އައެވެ. ރިހާނަށް ސިހިފައި ބާރަށް ލިއާގެ ނަމުން ގޮވާލެވުނެވެ. އޭނާ އަވަސް ހަރަކާތާއެކު ލިއާގެ ކެނިއުލާ ގުޅާފައި އޮތް އަތުގައި ހިފެހެއްޓިއެވެ.
“އަހަރެން ބޭނުން ބައްޕަ ކައިރިއަށް ދާން…އަހަރެން މިއަދު ދާނަން…” އަވަސް އަރުވާލާފައި ލިއާ ފޯނުން ވާހަކަ ދެއްކިއެވެ. ފޯނު ކެނޑުނު އިރު ލިއާ ބަލާލިއިރު ޝަރީފާ އާއި ޝަމްނާ އާއި ޝައުރާވެސް އެތައް ފަހަރަކު ގުޅާފައި ހުއްޓެވެ. އެކަމުންވެސް ހާލަތުގެ ސީރިއަސްކަން ލިއާއަށް ނަގައިގަނެވުނެވެ.
“ރިހާން އަހަރެން ބޭނުން ބައްޕަ ކައިރިއަށް ދާން…ޑޮކްޓަރު ކައިރި ބުނޭ އަހަރެން ދޫކޮށްލާށޭ…” ލިއާގެ ލޮލުގައި ވިދަމުން ދިޔައީ ބޮޑެތި ކަރުނަތަކެވެ. މިފަދަ ގޮތަކަށް ލިއާ ރިހާނާ ވާހަކަ ނުދައްކާތާ އެތައް ދުވަހެއް ވެއްޖެއެވެ. ރިހާންގެ ގާތުން ކަމަކަށް އެދެވުނީ ގޮތް ހުސްވެގެންނެވެ. ވެގެން އުޅޭ ގޮތެއް މާ ބޮޑަށް ނޭނގުނަސް ރިހާނަށްވެސް ކަމެއް ވަރަށް ބޮޑަށް ގޯސްވެއްޖެކަން އެނގުނެވެ. އޭނާއަށް ލިއާއަށް ބަލާލެވުނީ ކަންބޮޑުވުމާއެކުއެވެ. ލިއާގެ ހާލުވެސް މުޅިން ރަނގަޅެއް ނޫނެވެ. އެހެން ނަމަވެސް ދެވަނަ ފަހަރަށް ލިއާ ރިހާންގެ އަތުގައި ހިފާ ތަޅުވައިގަތުމާއެކު ރިހާން އެބަ އަންނަމޭ ބުނެފައި ދިޔައެވެ. އޭނާ ދިޔައީ ނަރުހުންގެ ޑިޕާޓްމެންޓަށެވެ.
މުޅިން ހުން ތިރި ނުވާތީ ލިއާ ދޫކޮށްލަން ޑޮކްޓަރ ހިތްހަމައެއް ނުޖެހުނެވެ. އެހެންވިޔަސް ލިއާގެ އެތައް އާދޭހާއެކު ޑޮކްޓަރ އެއްބަސްވިއެވެ. ނަރސް ކެނިއުލާ ނައްޓާލުމާއެކު ލިއާ އެނދުން ފޭބިއެވެ. އޭރު ރިހާން ހުރީ ފޯނެއްގައެވެ. އޭނާ ބަލަމުން ދިޔައީ ޑިންގީއެއް އަތުޖެހޭތޯއެވެ. ނަސީބަކުން އަހުޒަމްގެ ބައްޕަގެ ޑިންގީ ހަމަޖެހުނެވެ. ލިއާ ބޭނުންވީ ހޮސްޕިޓަލުން އެ ދާ ގޮތަށް ބަނދަރަށް ދިއުމަށެވެ.
ޑިންގީގައި ލިއާއަށް އިނދެވެނީ ކިރިޔަ ކިރިޔާއެވެ. އެ ހަށިގަނޑުގެ ވަރުދެރަކަން ލިއާއަށް އިހުސާސް ނުވާކަހަލައެވެ. އެއަށްވުރެ ބައްޕަގެ ހާލަތާއި މެދު ލިއާގެ ހިތް ނުތަނަވަސްވެފައި ވެއެވެ. އަދިވެސް ބައްޕަ ހޮސްޕިޓަލަށް ގެންދަން މެދުވެރިވާން ޖެހުނީ ކީއްވެ ކަމެއް ނޭނގެއެވެ. އަނަސް އަވަސްއަރުވާލާފައި ހުރިވަރުން އެ ހުރިހާ މައުލޫމާތެއް ނޭހުނީއެވެ. ޑިންގީގައި ހޭދަވެގެން ދިޔަ ވަގުތުތަކުގައި ލިއާގެ ހިޔާލުތައް ގުޅިފައިވަނީ ބައްޕައާއެވެ. މި ފާއިތުވެ ދިޔަ ދުވަސްތަކުގައި މަދު ފަހަރަކު ނަމަވެސް ބައްޕަ ގުޅުމުން އޭނާ ޖަވާބު ނުދީ ދޫކޮށްލި ބައެއް ދުވަސްތަކެވެ. އެ ހަނދާންތަކުން ހިތަށް ދަތިކަން ލިބުނެވެ. ނަމަވެސް އޭރު އޭނާ އެހެން ކަންތައް ކުރުމުގެ މަގްސަދަކީ އޭނާގެ ހާލަތު ބައްޕައަށް ސިއްރުކުރުމެވެ.
މާ ދުރު ނޫން ރަށެއްކަމުން ފަނަރަ ވަރަކަށް މިނެޓް ތެރޭ އާދެވުނެވެ. ޑިންގީން ލިއާ ފައިބަން ރިހާން އެހީވިއެވެ. ލިއާގެ އިސްތަށިގަނޑު ފަހަތަށް އައްސާލެވިފައި ވީ ނަމަވެސް ކޮންމެވެސް ވަރަކަށް ބޯ ވަނީ ހޭވިފައެވެ. އެކަމަށް ލިއާ ސަމާލުކަމެއް ނުދިނެވެ. އެވަގުތު ވީ އަތުގައި އޮތް ފޯނު ރިންގުވީ ވަގުތަށެވެ. ލިއާ ބަލާލިއިރު ގުޅަނީ ޝަމްނާއެވެ.
“ލިއާ ކޮބައިތަ…؟ ވަރަށް އަވަހަށް އާދެބަލަ…” ޝަމްނާގެ އަޑު ތުރުތުރު އަޅައެވެ. އެއާއި އެކު ލިއާއަށް ފޯނުން ފަނޑު ގޮތަކަށް ބައެއްގެ ރުއިމުގެ އަޑު އިވުނެވެ. ލިއާގެ މޭ ތެޅިގަތީ ނުބައި ގޮތަކަށެވެ. ބޮލަށް އެނބުރުން އަރާހެން ހީވިއެވެ. އޭނާގެ ވިސްނުން ވަގުތުން ދިޔައީ އެންމެ ނާޒުކު ފައްތަރަށެވެ. ގާތުގައި ހުރި ރިހާންއަށްވެސް ކަމެއް ގޯސް ވެއްޖެކަން ނަގައިގަނެވުނެވެ.
“ނޫން ނޫން…” ލިއާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެހެން ވެގެންނެއް ނުވާނެއެވެ. ރިހާން އަވަސްއަވަހަށް ލިއާގެ ދެކޮނޑުގައި ހިފާ ގާތްކޮށްލީ ލިއާ ކޮޅަށް ހުރުން ދަތިވެގެން އުޅޭތީއެވެ. ލިއާ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ރިހާން ކަންބޮޑުވުމާއެކު ސުވާލު ކުރަމުން ދިޔައެވެ. ލިއާ އެދުނީ ޓެކްސީއެއް ހުއްޓުވުމަށެވެ. މީސްކޮޅު މަދު އެ ރަށުގައި ކާރެއް ހޯދުން ފަސޭހަ ކަމެއް ނުވިއެވެ. އެންމެ ފަހުން އެހެން ދިޔަ ކުޑަ ބަގީއެއް ރިހާން ހުއްޓުވިއެވެ.
މަރުކަޒު ދޮރުމައްޗަށް ބަގީ ހުއްޓުމާއެކު ލިއާ އޭގެން ފުންމާލައިގެން ދުވެފައި ގޮސް މަރުކަޒު ތެރެއަށް ވަނެވެ. އޭރު މުޅި ސިކުނޑިން ނުރައްކާތެރި ކަމުގެ ރަނގަބީލު އިވޭކަހަލައެވެ. މަރުކަޒަށް ވަންނަ ރާސްތާ ކިތައްމެ ކުރު ނަމަވެސް ލިއާއަށް ކޮންމެ ފިޔަވަޅެއްވެސް ވީ ގަރުނެއްހާ ދިގުމިނަށެވެ. ފަހަތުން ރިހާން އައެވެ.
ވަކި ހިސާބަކަށް ދެވުނު ފަހުން ލިއާއަށް ގޮނޑިބަރިތަކުގައި ތިބި ޝަރީފާމެންނާއި ދޮންމަންމަގެ އާއިލާ ފެނިއްޖެއެވެ. މިފަހަރު މީހަކަށް އޭނާގެ ހާލަތު ދެނެގަނެވިދާނެ ކަމަކަށް ލިއާގެ ސަމާލުކަމެއް ނެތެވެ. ދުވެފައި އައިސް ލިއާ ހުއްޓުނީ އައި.ސީ.ޔޫ ދޮރުމަތީގައެވެ. އެހެން މީހަކަށް ސަމާލުކަން ދިނުމެއް ނެތި ލިއާ އައި.ސީ.ޔޫ ގެ އެތެރެ ފެނޭތޯ ބަލާލިއެވެ. އެވަގުތު ގޮނޑީގައި އިސްޖެހިފައި އިން ޝަރީފާއަށް ލިއާ ފެނިއްޖެއެވެ. ލޮލުގައި ވީ ކަރުނަތަކާއެކުވެސް ޝަރީފާގެ މޫނުމަތިން ހައިރާންކަން ފެނުނީ ނިކަމެތިވެފައިވާ ލިއާގެ ހަށިގަނޑު ފެނުމުންނެވެ. ގާތުގައި އިށީނދެ ތިބި ޝަމްނާ އާއި ޝައުރާގެ މޫނުމަތީގައިވެސް ވަނީ އެ ކުލަވަރެވެ.
“ލިއާ…” ޝަރީފާ ގޮވާލިއެވެ. ލިއާ ބަލާލިއިރު އެ މޫނުމަތީގައިވަނީ ކެތްތެރިކަން ކުޑަކަމެވެ.
“ބައްޕަ ކޮބާ…؟” ތެޅިތެޅި އޮތް ހިތަކާއެކު ލިއާއަށް އެހުނެވެ. އޭނާއަށް އެތަނުގައި ތިބި މީހުންގެ މޫނަށް ނަޒަރު ހިންގާލެވުނީ ދެނެވެ. ގޮނޑިބަރީގެ އެންމެ އެކޮޅުގައި އާނިސާ އިންއިރު އާނިސާ ގާތުގައި އޭނާގެ ދައްތަމެންނާއި ލިއާގެ އެއްބަފާ ކުޑަ ކޮއްކޮ ހުއްޓެވެ. ލިއާގެ ސުވާލާއެކު ޝަރީފާ އިސްޖަހާލި މަންޒަރު ފެނުނެވެ. އެވަގުތު އާނިސާ ކައިރި ހުރި އަނަސް އަވަސް ހިނގުމެއްގައި ލިއާ ގާތަށް އައެވެ. އަނަސްގެ ނަޒަރު ހުއްޓުނީ ރިހާނަށެވެ. ލިއާއަށް ހަމްދަރުދީގެ ނަޒަރަކުން ބަލާލާފައި އަނަސް ފުން ނޭވާއެއް ދޫކޮށްލިއެވެ.
“އަހަރެން މާލެއިން ޗުއްޓީއަށް ރަށަށް އައީ ވީކެއް ކުރިން…އޭރުވެސް ބޭބެ އުޅެނީ މޭގައި ރިއްސާތީ…މަންމަވެސް ވަރަށް ކިޔާ ޑޮކްޓަރަށް ދައްކަން ދާށޭ…އަހަރެންވެސް ވަރަށް ބުނިން ޑޮކްޓަރަށް ދައްކަން ދާން…އެކަމަކު ބޭބެ އެއްބަހެއް ނުވޭ…މާ ބޮޑު ކަމެއް ނޫނޭ ކިޔާފަ ކޮންމެ ފަހަރަކު ދޫކޮށްލަނީ…އެހެން އުޅޭއިރު ދޭތެރެއަކުން މޭގައި ރިއްސާތީ އޮންނާނެ ގެއިން ނުނިކުމެވެސް…ދެން ރޭގަ ބަޔަކަށް ފެނުނީ މިސްކިތް ކައިރިއަށް ވެއްޓިފަ އޮއްވާ…މަންމައަށް ހޮސްޕިޓަލުން ގުޅީމަ އަހަރެން އަވަހަށް މަންމަ ގޮވައިގެން އައީ…ޑޮކްޓަރު އެންގީ ހާލު ވަރަށް ސީރިއަސްކަމަށް…ސްޓްރޯކެއް ޖެހުނީއޭ ބުނީ…ޝަރީފައްތައަށްވެސް ގުޅީ ވަރަށް ބޮޑަށް ބޭބެގެ ހާލު ސީރިއަސް ވީމަ…އޭރުން ފެށިގެން ލިއާއަށްވެސް ވަރަށް ގުޅިން…ދެންމެ……” އަނަސް ވާހަކަ ދައްކަ ދައްކާ ހުރެފައި ކުޑަކޮށް މަޑުޖެހުނެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލާފައި ބަލާލީ ލިއާއަށެވެ. އެހިސާބަށް އަނަސްގެ ވާހަކަ ދިޔައިރަށް އާނިސާގެ ރުއިމުގެ އަޑު އިވިއްޖެއެވެ.
“ދެންމެ ޑޮކްޓަރު ނިކުމެފަ ބުނެފި……ބޭބެ ނިޔާވެއްޖޭ…” އަނަސްގެ ވާހަކައިން ރިހާނަށް ބަލާލެވުނީ ސިހިފައެވެ. އޭނާގެ މޫނުގައި ވަނީ ގަބޫލުކުރަން ދަތިކަމުގެ ކުލަވަރެވެ. އަނަސްގެ އަޑު އިވިފައި ޝަމްނާއާއި ޝައުރާގެ ރުއިމުގެ އަޑުވެސް އިވުނެވެ. މާހައުލުގައިވި ހިތާމައިގެ އަސްލު ރިހާނަށް އެނގުނީ އަދި ކިރިޔާއެވެ.
“ނި……ނިޔާވި…” ސިހިގެން އައި އަނަސް އާއި ރިހާންގެ ނަޒަރު ލިއާއަށް ހުއްޓުނެވެ. އޭރު ލިއާގެ އަތް ތުރުތުރު އަޅަމުން ދިޔައެވެ. އެއް ދިމާލަކަށް ނަޒަރު ހުއްޓިފައި ހުރިއިރު ޝޮކެއްގައި ވާކަހަލައެވެ. ރިހާން އަވަސްއަވަހަށް ލިއާ ގާތްކޮށްލުމާއެކު ގޮސް ގޮނޑީގައި ބޭންދިއެވެ. ލިއާއަށް ހީވަމުން ދިޔައީ ބޮންތަކެއް ފަދައިން ސިކުނޑިތެރޭ އެއްޗެހި ތަކެއް ގޮވަމުން ދިޔަހެންނެވެ. އަނަސްގެ އެންމެފަހު ޖުމްލަތައް ކަންފަތުގައި ހަރުލާފައި ވެއެވެ. މުޅިތަން އަނދިރިވެގެން ދާކަހަލަ އިހުސާސެއް ލިއާއަށް ކުރެވުނެވެ. އޭނާގެ ލޯ މައްޗަށް ލޯބިވާ މަންމަގެ ސޫރަ ކުލަވަމުން ދިޔައެވެ. ހަމަ އެއާއިއެކު އެ ސޫރަ އާއި އެކުވެގެން ބައްޕައާއި ގުޅުން ހުރި އެކި އެކި ހަނދާންތައް ލޯމަތީ ކުލަވަމުން ދިޔައެވެ. ލިއާއަށް ހީވަމުން ދިޔައީ ލޯ މައްޗަށް އަނދިރިވާހެންނެވެ.
ޝަމްނާ އައިސް ލިއާ ގާތުގައި އިށީނދެ ލިއާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އޭނާ ހިތްވަރު ކޮށްފައި ލިއާ ހަމަޔަކަށް އެޅުވޭތޯ އުޅުނެވެ. އެވަގުތު ޝަރީފާ ގާތު އިން ޝައުރާގެ ފޯނަށް ކޯލެއް އައެވެ. ޝައުރާއަށް ބަލާލެވުނީ ލިއާއަށެވެ. ނަމަވެސް ހާލަތުގެ ގޮތުން ލިއާ ގާތު އެ ކޯލްގެ ވާހަކަ ބުނެވޭކަށް ނެތެވެ. ފޯނަށް ޖަވާބު ދެމުން ޝައުރާ ދުރަށް ހިނގައިގަތެވެ.
“ނޫން…!” ބާރަށް ހަޅޭއްލަވައިގަންނަން އުޅުނު ނަމަވެސް ލިއާގެ އަޑު ނިކުތީ ކިރިޔާއެވެ. ލިއާގެ ސިކުނޑިއަށް ކަންކަން ނަގައިގަންނަން ދަތިވެފައި ވެއެވެ. އޭނާ ގަބޫލުކުރަމުން ދިޔައީ އޭނާއަށް މި އުޅެވެނީ ނުބައި ހުވަފެނެއްތެރޭ ކަމެވެ. ފަހަރެއްގައި ހުންގަދަވުމުގެ ސަބަބުން އޭނާގެ ސިކުނޑިން ހަގީގަތެއް ނެތް މަންޒަރުތަކެއް ސިފަކޮށްދެނީއެވެ. ލިއާ އަމިއްލަ ނަފްސަށް އޮޅުވާލަން މަސައްކަތް ކުރިއެވެ. އެވަގުތު ޝަރީފާ ލޯ ފޮހެލާފައި އައިސް ލިއާ ގާތު އިށީނެވެ.
“ދަރިފުޅާ…މަރަކީ މިކަހަލަ އެއްޗެއް…އަހަރެމެން ހީވެސް ނުކޮށް ހުއްޓާ އަޖަލު ހަމަވެދާނެ…” ޝަރީފާ ލިއާގެ ކޮނޑުގައި ހިފަހައްޓާލަމުން ގަޔާ ކައިރިކޮށްލިއެވެ. ހުރި ހަމައެކަނި ބޭބެ ވަކިވުމުގެ ހިތާމައިގަ ވީނަމަވެސް ޝަރީފާގެ ހިތުގައި ލިއާއާއި މެދު މާ ބޮޑަށް ކަންބޮޑުވުން ވިއެވެ. އެފަކީރަށް މަންމަ އާއި ބައްޕަވެސް އުމުރަށް ގެއްލުނީއެވެ. ލިއާގެ ފަރާތުން ފެންނަނީ ހިމޭންކަމެވެ. މުޅި ހަށިން ބާރު ގޮސްފައި ވާކަހަލައެވެ.
ރަށަށް އައިފަހުން ކައިލް ވަޒީފާއަށް ނިކުތް ފުރަތަމަ ދުވަހެވެ. މުވައްޒަފުންނަށް ކައިލް ތައާރަފުކޮށްދިނުމާއެކު އޮތީ ހޮސްޕިޓަލުގެ އެކިއެކި ކަންކަން ކައިލްއަށް އޮޅުންފިލުވައިދީ ކިޔައިދިނުމެވެ. ފުރަތަމަ ދުވަސްކޮޅުކަމުން ކައިލް މަސައްކަތް ކުރަން ޖެހުނީ ޑޮކްޓަރ ޒައިރަން އާއި އެކުއެވެ. ޒައިރަން އަކީވެސް ޒުވާން ޑޮކްޓަރެކެވެ. އުމުރުން އަށާވީސް އަހަރެވެ. ބައިމަތި ފުޅާވެފައި އިސްކޮޅުން ދިގު އިރު ނުހަނު ފިރިހެންވަންތައެވެ.
“ދުވަސްކޮޅަކުން މި ހޮސްޕިޓަލަށް ދައްކަން އަންނަ އަންހެންކުދިންގެ ކިއު ކުރިއަށްވުރެ އިތުރުވާނެ ދޯ…” ކައިލްއާއި ޒައިރަން އާއި އެއްވަރަކަށް ހިނގާފައި ދަމުން އަންހެނުންގެ ހާއްސަ ޑޮކްޓަރ ޖައިލަމް ވާހަކަ ދެއްކީ ލާނެއް ރާގަކަށެވެ. އޭނާ ބުނީކީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. މިހާރުވެސް ބައެއް ނަރުހުންނާއި، ކައުންޓަރުގައި ތިބި ބައެއް އަންހެންކުދިންގެ ނަޒަރު އެ ޒުވާނުންނަށް ހުއްޓެމުން ދިޔައެވެ.
“ޖައި ދައްކާ ވާހަކައަށް އަޅާނުލާ އިނގޭ ކެލް…އޭނާ ޖޭވަނީ މެރީ ކޮށްގެން ކިޑެއްވެސް ހުރީމަ މިހާރު ގިނަ އަންހެން ކުދިންގެ ސަމާލުކަން ނުލިބޭތީ…” ޒައިރަންގެ ފަރާތުން އިވުނީ ފިރިހެންވަންތަ ހުނުމެއްގެ އަޑެވެ. ކައިލްވެސް ލުއިކޮށް ހީލިއެވެ. ވަޒީފާގެ ފުރަތަމަ ދުވަހުވެސް ކައިލްއާއި މި ދިމާވީ އޭނާއަށް ކަމުދާ ފަދަ އެކުވެރިންނާއެވެ. ޒައިރަންގެ ވާހަކައިން ޖައިލަމް ޗަސް ޖަހާލިއެވެ.
“ވައި ޝުޑް އައި ބީ ޖެލަސް…؟ އަހަރެން ބޭނުންވި މީހާ ލިބިއްޖެ އެންޑް އައި ހޭވް އަ ބިއުޓިފުލް ޑޯޓަރ…ދެން އިތުރަށް ކޮންކަމެއް އަހަރެން ބޭނުންވާނީވެސް…؟” ޖައިލަމް ފަހުރުވެރި ވެލާފައި ވާހަކަ ދެއްކިއެވެ. ޒައިރަން ހޭންފެށިއެވެ. އެމީހުންގެ ވާހަކަތަކުން ކައިލްގެ ސިކުނޑިއަށް އިރުކޮޅަކަށް ލުއިވެގެން އައީ އެ ސިކުނޑިތެރޭ އުފެދިފައިވާ ހައިޖާންގަނޑު ހިމޭންވުމުންނެވެ. ރޭގައި ލިއާގެ އެއްވެސް ހަބަރެއް ނުވުން ވެގެން ދިޔައީ ރޭގެ ނިދިން ކައިލް މަހުރޫމްކުރުވި ކަމަކަށެވެ. ކެތްތެރިކަމެއް ނެތި އިންތިޒާރުގައި ވަނިކޮށް އޭނާއަށް ނިދުނު އިރެއްވެސް ނޭނގުނެވެ. ހޭލެވުނީ ހެނދުނު އަކީލް ގޮވުމުންނެވެ. އަކީލް އެދުނީ އޭނާއާއި އެކު ހޮސްޕިޓަލަށް ދާން ތައްޔާރު ވުމަށެވެ. ކައިލް އަވަހަށް އެއްބަސްވެގެން ދިޔައީ އެވަގުތަށް ލިއާގެ ހިޔާލުތަކާ ދުރުވާނެ މަގެއް ފެނުމުންނެވެ.
އެންމެ ބިޒީވެގެން އައި ވަގުތު ކައިލްގެ ޖީބުގައި އޮތް ފޯނު ރިންގްވިއެވެ. ކައިލް ބެލިއިރު ގުޅަނީ އިޝާންއެވެ. ވަގުތުގެ ގޮތުން ކައިލްއަށް ފޯނަށް ޖަވާބުދެވޭކަށް ނެތެވެ. ވުމާއެކު ފޯނު ކަނޑާލާފައި އިޝާންއަށް މެސެޖެއް ފޮނުވާލުމާއެކު ފޯނު ސައިލެންޓަށް ލާފައި އަލުން ޖީބަށް ލިއެވެ. ކުރަމުން ދިޔަ މަސައްކަތަށް ކައިލްގެ ފުރިހަމަ ސަމާލުކަން ހުއްޓާލިއެވެ.
މެންދުރުގެ އަވި ފަނޑުވާން ދަނީއެވެ. ހިނަވާގޭގެ ކައިރިއަށް އާދެވުނުއިރު ލިއާގެ އެއްފަރާތުގައި ހުރީ ޝަރީފާއެވެ. އަނެއްފަރާތުގައި ޝަމްނާ ހުރިއިރު އޭނާ ހުރީ ލިއާގެ ގައިގަ ހިފަހައްޓާލައިގެންނެވެ. އަދިވެސް ލިއާ ހުރީ ގަދަޔަށް ހުން އައިސްފައެވެ. ރިހާން ހުރީ އަނަސް އާއި އެކު ހިނަވާގެ ގޯތިތެރޭގައެވެ. ލިއާގެ ކިބައިން ފެންނަނީ ހިމޭންކަމެވެ. މަރުކަޒުން ނިކުމެ ޝަރީފާމެންނާއެކު އާނިސާގެ ގެއަށް ދެވި، ހިނަވާ ގެޔަށް އައުމާ ހަމަޔަށްވެސް ލިއާގެ ފަރާތުން އެއްވެސް ބަހެއް ނީވެއެވެ. ލިބުނު ޝޮކުން އަދިވެސް އަރައިނުގަނެވޭ ކަހަލައެވެ. ޝަރީފާ ގާތު ހުރި އާނިސާގެ ދައްތައެއް ކަންބޮޑުވުމާއެކު ލިއާގެ ހާލަތާމެދު ވާހަކަ ދައްކަމުން ދިޔައެވެ. ލިއާއަށް ވެފައި ހުރިގޮތުން ޝަރީފްގެ މޫނު ދައްކަން ގެންގޮސްފިނަމަ ލިއާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް އޭނާ ލަފާކުރިއެވެ.
“އެހެންވިޔަސް ދެން ކީއްކުރާނީ…؟ މީ އެފަކީރަށް ބައްޕަ ފެންނާނެ އެންމެ ފަހު ފަހަރު…މޫނު ދައްކަން ވާނޭނު…” ޝަރީފާގެ އަޑުގައިވަނީ ހިމޭންކަމެވެ. އޭނާ ބުނީ ރަނގަޅު ވާހަކައެއް ކަމަކު ލިއާގެ ހާލާއި މެދު އޭނާވެސް ވަނީ ކަންބޮޑުވެފައެވެ. ގޯތިތެރޭ ހުރި ރިހާންގެ ކަންބޮޑުވުން އެކުލެވިގެންވި ނަޒަރު ވަނީ ލިއާއަށް ހުއްޓިފައެވެ.
ޝަރީފާ އިޝާރަތްކޮށްލުމާއެކު ރިހާން އަވަސްއަވަހަށް ގޮސް ހިނަވާގޭގައި މޫނު ދައްކަން ހާއްސަކޮށްފައިވާ ބަޔަށް ވަނެވެ. ޝަރީފާއާއި ޝަމްނާ ކުރިޔަށް ހިނގައިގަތުމާއެކު ލިއާއަށްވެސް މަޑުމަޑުން ހިނގައިގަނެވުނެވެ. އެތަނުގެ ތެރެއަށް ވަންނަންވީއިރަށް ލިއާގެ އަތްފަޔާއި ތުންފަތްވެސް ތުރުތުރު ލާން ފެށިއެވެ. ޝަމްނާ އިހުނަށްވުރެ ބޮޑަށް ލިއާ ގާތްކޮށްލިއެވެ.
ހުދު ފޮތިގަނޑު އަޅާފައި ޝަރީފް ބާއްވާލެވިފައި އޮތް މަންޒަރު ފެނުންއިރަށް ލިއާގެ ގައިން ވަރު ދޫވާ ގޮތްވިއެވެ. އޭރު އަދި ލިއާއަށް ޝަރީފްގެ މޫނުވެސް ނުފެނެއެވެ. ނޭވާކޮޅަށް އެޅެމުންދިޔަ މީހެއް ފަދައިން ލިއާގެ ރުއިމުގެ އަޑު ބޭރުވެއްޖެއެވެ. ޝަމްނާ އާއި ޝަރީފާ ހުރީ ސަމާލުވެގެންނެވެ. ޝަމްނާގެ ލޮލުން ކަރުނަ އޮހެމުން ދިޔަ ނަމަވެސް އޭނާ ހުރީ ނުރޯން ހިތްވަރު ކޮށްގެންނެވެ. ލިއާއަށް ހަށިގަނޑު ބެލެންސް ކޮށްލުމުގެ ގޮތުން ޝަރީފް ބާއްވާލެވިފައިވާ މޭޒުމަތީ އަތްވިއްދާލެވުނެވެ. މިވީ ކިހިނެއްހެއްޔެވެ؟ ލިއާގެ ހިތަށް އެރިއެވެ. އޭނާގެ ކައިވެނި ނިމުމަކަށް ގެންނަން ނިންމާފައި ވަނިކޮށް ބައްޕަ އޭނާއާއި ވަކިވާންވީ ކީއްވެހެއްޔެވެ؟ މުޅި ދުނިޔެއަށް އޭނާ ގިނަކޮށްލީ ކީއްވެހެއްޔެވެ؟
ލިއާ ހިތްވަރުކޮށްފައި ކުރިޔަށް ފިޔަވަޅު އެޅުނެވެ. ކަފުންކޮށްފައިވާ ބައްޕަގެ މޫނު ފެނުނުހާއިރުން އޭނާގެ ރުއިމުގެ އަޑު ބާރުވެއްޖެއެވެ. ލިއާއާއި ދެތިން ފޫޓު ދުރުގައި ހުރި ރިހާނަށް ތުންފަތުގައި ދަތް އަޅާ ބާރުކޮށްލެވުނެވެ. ލިއާއަށް މަޑުމަޑުން ތުރުތުރު އަޅަމުން ދިޔަ އަތް ހިއްލާލެވުނީ ޝަރީފްގެ މޫނުގައި އަތް ޖައްސާލުމަށެވެ. ސަމާލުވެގެން ހުރި ޝަރީފާ އަވަސްއަވަހަށް ލިއާގެ އަތުގައި ހިފެހެއްޓިއެވެ. އަތް ތިރިވެގެން އައި ވަގުތު ލިއާއަށް މޭޒުގައި ހިފެހެއްޓުނެވެ. ލިއާ ހީވަނީ ދެންމެ ދެންމެ ރޫޅިދާނެހެންނެވެ. މަންޒަރު ބަލަން ތިބި ގިނަ ބައެއްގެ ލޯތައްވެސް ފެންކަޅި ކޮށްލައިފިއެވެ. ލިއާގެ ތުރުތުރު އަޅަމުން ދިޔަ ދެ ތުންފަތް މަޑުމަޑުން ދުރުވެލިއެވެ.
“ހެޔޮނު…ވާނެ…ބައްޕާ…! އަހަ…ރެންގެ…އެއްވެސް…މީހަކު…މިހާރު…ނެތޭ…” ލިއާގެ އަޑު ނިކުތީ ކެނޑިކެނޑިގެންނެވެ. އަޑުގައިވަނީ ހިތްފަޅައިގެން ދާފަދަ އަސަރެކެވެ. ބައްޕަ ގާތު އޭނާ ދޫކޮށް ނުދިއުމަށް އާދޭސްކުރާ ކަހަލައެވެ. ލިއާގެ އަޑު އިވިފައި އެވަރަށް ހިފަހައްޓަމުން ދަނިކޮށް ޝަމްނާއަށް ރޮވިއްޖެއެވެ. ލިއާގެ ގައިން ދޫކޮށްލުމާއެކު އޭނާއަށް ބައްދާލެވުނީ ޝަރީފާ ގައިގައެވެ. ޝަމްނާގެ ބުރަކަށީގައި ފިރުމާލުމާއެކު ޝަރީފާ މަސައްކަތް ކުރީ އޭނާ ހަމަޔަކަށް އެޅުވޭތޯއެވެ. ރޮއެ ރޮއެ ލިއާގެ ނޭވާ ކޮޅަށް ދާން ގާތްވުމާއެކު ރިހާން އަވަހަށް ކުރިޔަށް ޖެހިލި ގޮތަށް ލިއާ އަތުލަފިކޮށްލިއެވެ. ލިއާގެ ހަށިގަނޑު ގާތްކޮށްލައިގެން ހުރެ ރިހާން ނިކުތީ ގޯތިތެރެއަށެވެ.
ރޮއި ރޮއި ހުރެ ލިއާ މަޑުމަޑުން ރިހާނާ ދުރަށް ޖެހުނެވެ. އެތަނުގައި ހުރި ގަހެއްގައި ލިއާއަށް އަތް އަޅުވާލައިގެން ހުއްޓެވުނެވެ. ރިހާން ހިމޭންކަމާއެކު ލިއާގެ ހަރަކާތްތަކަށް ބަލަން ހުރިއިރު މިވަގުތު ލިއާގެ ހިތަށް ތަސައްލީއެއް ދޭން ބުނާނެ ބަހެއް އޭނާއަކަށް ނުވިސްނުނެވެ. މީގެ އިރުކޮޅެއް ކުރިން ރާޝިދާ ގުޅުމާއެކު އޭނާ ވަނީ ކުރުގޮތަކަށް ކަންތައް ވީގޮތް ކިޔައިދީފައެވެ. ރާޝިދާ އަޑުލައިގަތީ އޭނާ ގާތު ނުބުނީތީއެވެ. ލިއާގެ ބައްޕަގެ މޫނު ބަލަން ނުދިއުމުން މީހުން ކިޔާނެ އެއްޗެއްސާމެދު އޭނާ ކުދިކިޔާލިއެވެ. އެވަގުތުވެސް ލިއާގެ ހާލަތަށްވުރެ ރާޝިދާއަށް މުހިއްމުވީ މީހުން ކިޔާނެ އެއްޗެއްސެވެ. ރިހާން ފޯނު ކަނޑާލީ އެ ހުރިހާ ކަމަކާ ކުރިމަތިލާވަރަށްވުރެ ބޯ ހާސްވެފައި ވާތީއެވެ.
ރޮއި ރޮއި ހުރި ލިއާއަށް ގައިން ވަރު ދޫވާކަން އިހުސާސްވިއެވެ. އަޑު ކެނޑިގެން އައުމާއެކު މަޑުމަޑުން އޭނާގެ ދެލޯ މެރެމުން ދިޔަކަން އެނގުނެވެ. އެވަގުތު ކުއްލިއަކަށް ކައިރި ހުރި މީހަކު އޭނާގެ ގައިގަ ބައްދާލިކަން އިހުސާސްވިއެވެ. ފަނޑު ގޮތަކަށް ލޯ ހުޅުވާލެވުނު ލިއާއަށް އޭނާއާއި ދިމާލަށް އައި ރިހާން ފެނުނެވެ. އަދި ބަލަހައްޓައިގެން ތިބި ޝަމްނާއާއި ޝައުރާވެސް ފެނުނެވެ. ލިއާއަށް އޭނާ ގައިގަ ބައްދާލައިގެން ހުރީ ކާކު ކަމެއް ނޭނގުނެވެ. އެ މީހަކު ބެލުމަށްވުރެ އޭނާގެ ހާލު ދެރައެވެ. މަޑުމަޑުން ލޯ މެރެމުން ގޮސް އެއްކޮށް ގައިން ވަރުހުސްވެގެން ވެއްޓެން ދިޔައެވެ.
އަޞުރު ނަމާދަށްފަހު ޝަރީފް ވަޅުލެވުނެވެ. އާނިސާއާއި އެކު ޝަރީފާ ހުރީ ސަހަރާގެ ދޮރުމަތީގައެވެ. ދެމީހުންގެ ފަރާތުންވެސް ފެންނަނީ މަޑުމޮޅިކަމެވެ. އޭރު ސަހަރާތެރެއިން ފިރިހެނުންތައް ނިކުންނަމުން ދިޔައެވެ. ރިހާން ނިކުތީ އަނަސްއާއި އެކުއެވެ.
ރިހާން ޖީބުގައި އޮތް ފޯނު ނަގާ ބަލާލިއެވެ. ރާޝިދާ އާއި ރާފިއު ގުޅާލާފައި އޮތްވަރުން ރިހާން ހުރީ ބޮލުގައި ރިއްސައިގަނެފައެވެ. ރިހާން ބޭނުންވެފައިވީ އަވަހަށް ރަށަށް ދިއުމަށެވެ. ނަމަވެސް ލިއާ ހޮސްޕިޓަލުން ދޫކޮށްލި އިރަކުން ނޫނީ އެކަން ވާނެ ގޮތެއް ނެތެވެ. ލިއާ ގާތު މިވަގުތު އިނީ ޝަމްނާއާއި ޝައުރާއެވެ.
ޝަރީފާއާއި ރިހާނަށް ހޮސްޕިޓަލަށް ދެވުނީ އެކުއެކީގައެވެ. އޭރު ޝަމްނާ އާއި ޝައުރާ އުޅެނީ ހުއްޓާނުލާ އޮވެ ލިއާ ރޮމުން ގެންދާތީ ހަދާނެ ގޮތް ހުސްވެގެންނެވެ. ކައިރީގައި ދެ ނަރުހަކުވެސް ލިއާއަށް ހިތްވަރު ދިނުމުގައި އުޅެއެވެ. ލިއާގެ ހާލަތު ހުރި ގޮތުން ޝަރީފާ އެވަގުތަށް އޭނާގެ އެދުން ހާމަކުރުން ފަސްކޮށްލިއެވެ. އޭނާ ބޭނުންވަނީ ދުވަސްކޮޅަކަށް ލިއާ އޭނާ ގާތަށް ރަށަށް ގެންދިއުމަށެވެ. އެހެންވިޔަސް ލިއާއަކީ މިހާރު އެހެން މީހެއްގެ ޒިންމާގެ ދަށުގައި ވާ ފަރާތެކެވެ. އެމީހެއްގެ ހުއްދަ ލިބިގެން ނޫނީ ލިއާ ގެންދެވޭކަށް ނެތެވެ. ޝަރީފާ ނިންމީ ހަފްތާއެއް ފަހުން ރިހާނަށް ގުޅާފައި ލިއާ ދުވަސްކޮޅަކަށް އޭނާ ގާތަށް ފޮނުވާށޭ ބުނުމަށެވެ. ހޮސްޕިޓަލުން ލިއާ ދޫކޮށްލަންދެން ޝަރީފާ އެކި ވާހަކަތައް ދައްކަމުން ލިއާއަށް ހިތްވަރު ދެމުން ގެންދިޔައެވެ.
ލިއާގެ ކިބައިގައި ވާހަކަ ދައްކާނެހާ ހިތްވަރެއް ނެތެވެ. ކަންތައް ހިނގައިދިޔަ ގޮތް އަދިވެސް ސިކުނޑިއަށް ނަގައިގަންނަން ދަތިވެފައި ވާކަހަލައެވެ. އެންމެ ދުވަހަކުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައީއެވެ. ދިރިއުޅުން މަތިން ލިއާ ފޫހިވެއްޖެއެވެ. ދިރިއުޅުން އަބަދުވެސް އޭނާއާއި ކުރިމަތިކުރުވަނީ ބޭއިންސާފެވެ. ރިހާންގެ ރަށަށް އަނބުރާ ދިއުމަށް ޑިންގީގައި އިންއިރުވެސް ލިއާއަށް އިނދެވެނީ ކިރިޔާއެވެ. ރިހާން ހުންނަން ޖެހުނީ ސަމާލުވެގެންނެވެ. އެންމެ ކަންބޮޑުވީ ލިއާ ވާހަކަ ނުދައްކާތީއެވެ. ބަހެއް ނުބުނެ އިންއިރު ލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. ރަށުގެ ފަޅުން ޑިންގީ ވަންނަންވީއިރަށް އަނެއްކާވެސް ލިއާ ހޭ ހުސްވެގެން ވެއްޓެން ދިޔަ ވަގުތު ރިހާނަށް ހިފެހެއްޓުނީ ކިރިޔާއެވެ.
ކައިލް އޭނާއަށް ހާއްސަކުރެވިފައިވާ ބަޔަށް ވަންނަމުން ފޯނު ބަލާލިއެވެ. ފުރަތަމަ ދުވަސް ދިޔައީ އޭނާ ހީކުރި ވަރަށްވުރެ ބިޒީކޮށެވެ. އޭނާގެ އާ ޒިންމާތައް ދަސްކުރުމާއި އެކިއެކި ބަލިމީހުންނަށް ޒިޔާރަތްކުރުމާއި، މީޓިންތަކަށް ހާޒިރުވީއިރު އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ވީ އަދި ކިރިޔާއެވެ. އޭނާއަށް ލޯ ހަނިކޮށްލެވުނީ އިޝާން ގުޅާލާފައި އޮތްވަރު ފެނުމުންނެވެ. ހަތްދިހަ ކޯލް ހަމަނުވާކަމެވެ. އެއާއި އެކު އެތައް މެސެޖު ތަކެއްވެސް ހުއްޓެވެ. ލައިގެން ހުރި ކަޅުކުލައިގެ ގަމީހުގެ ފުރަތަމަ ދެގޮށް ނައްޓާލަމުން މެސެޖު ކިޔުމެއް ނެތި ކައިލް އިޝާންގެ ނަންބަރަށް ގުޅާލިއެވެ.
“ވަޓް ދަ ހެލް ކެލް…! ބޮޑު ކަމެއް ދިމާވެގެން ގުޅާ ދުވަހަކު ފޯނު ނުނަގާނެ…!” ފޯނު ނެގުމާއެކު ފުރަތަމަވެސް އިޝާންއަށް ބުނެވުނީ އެހެންނެވެ. ކައިލްއަށް ލިބުނީ ހައިރާންކަމެކެވެ.
“އަހަރެން ޑިއުޓީގައޭ އުޅުނީ…ކިހިނެއްވީތަ…؟” ކައިލް އެހިއެވެ. ބޮޑުކަމެއް ހިނގައިފިކަން އޭނާގެ ހަވަނަ ހިއްސު އަންގަދީފިއެވެ. އޭރު އަދި ލިބެން އުޅޭ ހަބަރުގެ ބޮޑުމިނުގެ ހިލަމެއް ކައިލްއަކަށް ނުވެއެވެ. ކައިލްގެ ސުވާލާއެކު އިރުކޮޅެއްގެ ހިމޭންކަމެއް ވެރިވެގެން ދިޔައެވެ.
“ލިއާގެ ބައްޕަ ނިޔާވެގެން އުޅެނީ…ކައިލް އެނގެން ބޭނުންވާނެތީ އެވަރަކަށް ގުޅީ…” އިޝާން ބުނެލި ޖުމްލައިން ކައިލްގެ ހަރަކާތްތައް މަޑުޖެހުނެވެ. އޭނާއަށް ލިބުނީ ޝޮކެކެވެ.
“ވަޓް ޑިޑް ޔޫ ސޭ…؟” އަތުތެރޭވި ފޯނަށް ބާރުކޮށްލެވުމާއެކު ކައިލްއަށް ބުނެވުނެވެ.
“ކައިލް އެނގެން ބޭނުންވާނެތީ ބުނެލީ…” އިޝާން ބުނެލިއެވެ. ކައިލްގެ ނަޒަރު އެއްދިމާލަކަށް ހުއްޓިފައިވާއިރު ދާދި ދެންމެއަކު ކަންފަތަށް އިވިގެން ދިޔަ ބަސްތައް ނަގައިގަންނަން މަސައްކަތް ކުރާ ކަހަލައެވެ. އެ މޫނުމަތިން ހާސްކަން ފެނުނުއިރު އޭނާގެ ވިސްނުން ވަގުތުން ހިންގާލެވުނީ ލިއާއާއި މެދުއެވެ. ލިއާގެ ހާލު އެނގެން ބޭނުންވިވަރުން ކައިލްގެ ހިތް ތެޅިފޮޅިގަތެވެ.
“ލިއާގެ ބައްޕަ ނިޔާވީއޭ…؟” ކައިލްއަށް އެހުނެވެ.
“ޔެސް…” އިޝާންގެ އަޑުގައިވީ ހަމަހިމޭންކަމެވެ. “ކައިލް އިތުރަށް އެނގެން ބޭނުންވަންޏާ ކައިރާއަށް ގުޅާ…އައި ހެވް އެ ޝެޑިއުލްޑް ފްލައިޓް…” އިޝާން ބުނެލިއެވެ. މިއީ އިޝާންގެ ޑިއުޓީ ގަޑިކަން ކައިލްއަށް އެނގުނެވެ.
“ކީއްވެ ކައިރާ…؟” ކައިލް އެހިއެވެ. އިޝާންގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބުނެވެ. ކައިރާއަށް ގުޅުމުން ހުރިހާ ކަމެއް ސާފުވާނޭ ބުނެ އިޝާން ފޯނު ކަނޑާލިއެވެ. އޭރުވެސް ކައިލްއަށް ހުރެވުނީ ކަންފަތުން ފޯނު ނުނަގައެވެ. އިވިގެން ދިޔަ ވާހަކަތައް ގަބޫލުކުރަން އަދިވެސް ދަތިވެފައިވާކަން ހާމަވެއެވެ.
މަޑުމަޑުން ލޯ ހުޅުވާލި ލިއާއަށް ފުރަތަމަވެސް ފެނުނީ މަތީގައިވާ ހުދު ސީލިންގެވެ. އެއާއި އެކުވެ އެކި މީހުންގެ ވާހަކަ ދެކެވުމުގެ އަޑު އެކޯވެގެން އިވުނެވެ. އިރުކޮޅަކަށް ލިއާއަށް އޮވެވުނީ ވާނުވާ ނަގައިނުގަނެވިފައެވެ.
“ލިއާ…” ގާތުން އިވުނު ލައިބާގެ އަޑުން ލިއާއަށް މަޑުމަޑުން އެސްފިޔަ ޖަހާލެވުނެވެ. އަޑު އައި ފަރާތަށް މޫނު އަނބުރާލުމަށްޓަކައިވެސް ލިއާ އެތައް ހިތްވަރެއް ލާން ޖެހުނެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވިއެވެ. ފުރަތަމަ ހީވީ ލޮލަށް ފެންނަ ގޮތްކަމަށެވެ. ނަމަވެސް ކައިރި ހުރި މީހަކު އައިސް ލިއާގެ އަތުގައި ހިފާލުމާއެކު ލިއާ ހަގީގަތުގެ ތެރެއަށް ގެނެސްދީފިއެވެ. ފަސްއަހަރު ފަހުން އެ ސޫރަ ފެނުމުން ލިއާއަށް ބަލަން އޮވެވުނީއެވެ.
“ލިއާ…” އިވިގެން ދިޔައީ ކައިރާގެ އަޑެވެ. ކުރިން ކޮނޑާއި ހަމަޔަށް އޮންނަ ކައިރާގެ އިސްތަށިގަނޑު ބުރަކަށީގެ މެދަކާއި ހަމަޔަށް އޮތުމުން ތަފާތު ގޮތެއް ހުއްޓެވެ. ކައިރާ މަޑުމަޑުން ލިއާގެ އަތުގައި ހިފާލިއެވެ. އޭނާގެ ދެއަތުގެ ތެރޭގައި މަޑުމަޑުން ލިއާގެ އަތް ހިފަހައްޓާލިއެވެ.
ލިއާގެ ހަނދާނަށް ކަމެއް ސިފަވިއެވެ. ބައްޕަގެ މޫނު ބަލާފައި ނިކުމެ ގޯތިތެރޭގައި ހުރި ވަގުތު އޭނާ ވެއްޓެން ދިޔައިރު މީހަކު ބައްދާލި ވަގުތެވެ. އެވަގުތު އޭނާއަށް ޝައުރާ ކައިރާގެ ނަމުން ގޮވާލި އަޑު އިވުނެވެ. އެހެންވީމަ އެވަގުތު އޭނާ ގާތު ހުރީ ކައިރާތާއެވެ.
“އެރަށުގައި ހުރެފަ ލިއާ ހޮސްޕިޓަލަށް ގެންގޮސް އަހަރެން ގެސްޓް ހައުސްއަށް ދިޔައީ ފެންވަރައިގެން އަންނަން ވެގެން…އެކަމަކު ޝައުރާ މެސެޖު ކޮށްފަ ބުނީ ލިއާ ފުރައިފިޔޭ…އެހެންވެ މިރަށަށް އައީ…ލިއާ ހޯދާނެ ގޮތެއް ނޭނގުނު…ދެން ޝައުރާ ލައިބާގެ ނަންބަރ ދިނީމަ ލައިބާއަށް ގުޅީމަ އެނގުނީ ލިއާ ހޮސްޕިޓަލަށް ގެނައިކަން…ލިއާ ކިހިނެއްތަ…؟” ވާހަކަ ދެއްކުމަށްފަހު ކައިރާއަށް އެހުނެވެ. އެއީ ކިހާ ބޭކާރު ސުވާލެއްކަން ކައިރާއަށްވެސް އެނގެއެވެ. ލިއާގެ ހާލަތު ހުރީ ލޯމައްޗަށް ފެންނާށެވެ. އެހެނަސް ކައިރާއަށްވެސް ބުނާނެ އިތުރު އެއްޗެއް ނޭނގުނީއެވެ. ނޭނގުނީކީ ނޫނެވެ. ކައިރާގެ ހިތުގައި އެތައް ހާސް ޝަކުވާއެއް ވެއެވެ. ނަމަވެސް މީ އެ ހުރިހާކަމެއް ހާމަކުރަން މުނާސަބަތު ގަޑިއެއް ނޫނެވެ.
ލިއާ ޖަވާބެއް ނުދީ ނަޒަރު ވަކިކޮށްލިއިރު އެ ލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެއް ފައިބެގެން ދިޔައެވެ. ކައިރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ލިއާއާއި ގާތަށް ޖެހުމާއެކު ކައިރާ މަޑުމަޑުން ލިއާގެ ލޮލުން ފޭބި ކަރުނަތައް ފޮހެލައިދިނެވެ.
“އަހަންނަށް ހުރިހާ ކަމެއްވެސް އެނގިއްޖެ…” ކައިރާ މަޑުމަޑުން ބުނެލިއެވެ. ލިއާގެ ނަޒަރު އަލުން ކައިރާއާއި އަމާޒުވިއެވެ. އިރުކޮޅެއް ވަންދެން ކައިރާއަށް ބަލަން ހުރެފައި ލިއާގެ ކަޅި ހުއްޓުނީ ލައިބާއަށެވެ. އެ ލޮލުގައިވަނީ ޝަކުވާއެވެ. އެކަން ދޭހަވެ ލައިބާ ކުރިޔަށް ޖެހިލިއެވެ.
“ސޮރީ ލިއާ…އެކަމަކު އަހަންނަށް ދެން މިކަންތައް ސިއްރުކޮށްގެން ނޫޅެވޭނެ…ލިއާ ތި ހާލެއްގަ އުޅޭކަށް ޑިޒާވެއް ނޫން…ރިހާން ލިއާއާއި ދޭތެރޭ ކަންތައް ކުރަނީކީ މީހަކު ސިއްރުކޮށްގެން އުޅޭ ކަހަލަ ގޮތަކަށް ނޫން…” ލައިބާ ވާހަކަ ދެއްކިއެވެ. ލިއާއަށް މަޑުމަޑުން ދުރު ބަލާލެވުނެވެ. ލައިބާ އާއި ޖަދަލު ކުރާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.
“ލިއާ…އެއްވެސް މީހަކު ނުބުނޭ ލިއާ މި ހާލެއްގަ ސަފަރ ކުރާށޭ…އަހަންނަށް ލިއާ ފެނުނު ވަގުތު ފުރަތަމަ ވަކިކުރަންވެސް ނޭނގުނު…މީހާ ހީވަނީ ދިރިހުރި މައްޔިތެއްހެން…” ކައިރާ ބުނެލިއެވެ. ދެންވެސް ލިއާ ހިމޭންކަން އިހުތިޔާރު ކުރިއެވެ. މިހާރުވެސް ވެ ނިމިދިޔަ ހުރިހާ ކަމަކާ ކުރިމަތިލުމަށް ލިއާ އަމިއްލަ ނަފްސާ ހަނގުރާމަ ކުރަމުން ދަނީއެވެ. އިތުރު ކަމަކާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ނެތެވެ. އަނެއްކާ މިހާރު ކައިރާއަށް ހުރިހާ ކަމެއް އެނގުނީއެވެ. އޭގެ މާނަ ލިއާއަށް އެނގެއެވެ. އޭނާ އެންމެ ބިރުގަތް ކަމަކީ މިއީއެވެ. ކައިރާއަށް އެ ހަގީގަތް އެނގުމަކީ ލިއާ މިހުރިހާ ދުވަހު އެމީހަކަށް ހަގީގަތް ސިއްރުކުރަން މަސައްކަތް ކުރަމުން ދިޔަ ފަރާތަށްވެސް އެ ހަގީގަތް އެނގުމެވެ. ކައިލްއަށެވެ.
“ލިއާއަށް ލައިބާގެ ދުލުގަ ހިފެހެއްޓިދާނެ…އަހަރެންގެ ދުލަކު ނުހިފޭއްޓޭނެ…” ލިއާގެ މޫނުގެ ކުލަވަރުތައް ދިރާސާކޮށްލި ކައިރާގެ އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ. ހާލަތުގެ ގޮތުން ލިއާއާއި މި ބީދައިން ވާހަކަ ދައްކަން ބޭނުން ނުވިޔަސް ލިއާގެ ހާލު ފެނި ކައިރާއަށް އަމިއްލަ ނަފްސު ނުހިފޭއްޓުނީއެވެ. އިތުރު އެއްޗެކޭ ނުބުނެވި އުޅެނިކޮށް ކައިރާގެ ފޯނު ވައިބްރޭޓް ވިއެވެ.
ފޯނަށް ނަޒަރެއް ދީފައި ކައިރާ ލިއާއަށްވެސް ނަޒަރެއް ދިނެވެ. އެއަށްފަހު އެބަ އަންނަމޭ ބުނެފައި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ވޯޑުން ނިކުތެވެ. ކައިރާގެ ހަރަކާތްތައް ހުރި ގޮތުން އެއީ ކާކުގެ ކޯލެއްކަން ލިއާއަށް ޔަގީނާ ގާތަށް އެނގުނެވެ.
“ހެލޯ…” ވޯޑުން ބޭރަށް ނިކުމެފައި ކައިރާ ފޯނަށް ޖަވާބު ދިނެވެ.
“ވައި ދަ ހެލް ޔޫ ޑިޑިންޓް ޓެލް މީ…؟!!!” ކައިލްގެ ބާރު ރުޅިވެރި އަޑު އިވުނެވެ. ކައިރާއަށް ލޯ މަރާލެވުނީ ބޮލުގައި ރިއްސައިގަތް ފަދައަކުންނެވެ.
“ހެލޯ ޓު ޔޫ ޓޫ ކައިލް…” ކައިރާ ފިނި އަޑަކުން ބުނެލިއެވެ.
“ޑޯންޓް ސްޓާރޓް ވިތް މީ ކައިރާ…! ލިއާގެ ބައްޕަގެ މޫނު ބަލަން ދިޔައިރު ކީއްވެހޭ އަހަރެން ގާތު ނުބުނެ ދިޔައީ…؟!” ކައިލްގެ އަޑު ބާރެވެ.
“އަހަރެން ގުޅީމޭ ކައިލް…” ކައިރާ މަޑުމަޑުން ބުނެލިއެވެ.
“ދެން ނޭނގުނުތަ އަހަރެން ހޯދަން ހޮސްޕިޓަލަށް އަންނަން…؟ ހެލޯ…؟ ޔޫ އާރ ދަ ޑޯޓަރ އޮފް ދަ އޯނަރ ހިއަރ…” ކައިލް ހަމައިން ނައްޓަނީހެން ހީވެއެވެ. އޭނާ ރުޅިވެރިކަމާއެކު ދޫކޮށްލި ހޫނު ނޭވާގެ އަޑު ކައިރާއަށް އިވުނެވެ.
“އަހަންނަށް ތި ހުރިހާ ކަމަކަށް ވަގުތު ނެތީއޭ…ކައިލް…! އަޑުއަހާބަލަ…ޝައުރާ މެސެޖުކޮށްފަ ބުނީ ލިއާގެ ބައްޕަ ވަރަށް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ…އަހަރެން އުޅުނީ ކައިލް ގޮވައިގެން ދާން…އަހަންނަށް އެނގޭ ލިއާ ދާނެކަން…އެކަމަކު ނުބުނެވި އުޅެނިކޮށް ޝައުރާ އަނެއްކާ ގުޅާފަ ބުނީ ލިއާގެ ބައްޕަ ނިޔާވި ވާހަކަ…އޭނާ އެހެން ބުނީއްސުރެ އަހަރެންވެސް ހާދަ ގުޅީމޭ…އިޝާންއަށް ގުޅީ އެ ގޭ ލޯންޗް ހަމަޖައްސަންވެގެން…އިޝާންވެސް ބުނި ކައިލްއަށް ވަރަށް ގުޅީމޭ…އަހަންނަށް ހޮސްޕިޓަލަށް ދާން ޓައިމެއް ނުވި…އަވަހަށް ފުރަން ދިޔައީ…” ކައިރާ ތަފްސީލު ކޮށްދިނެވެ.
ކައިލްއަށް ނިތްކުރިއާއި ނޭފަތް ގުޅިފައިވާ ހިސާބުގައި ދެއިނގިލި ކުރިން ހިފަހައްޓާލާ ފިއްތާލެވުނެވެ. އޭނާގެ ބޯ ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. ކައިރާއަށް ދޭނެ ޖަވާބެއް ކައިލްއަކަށް ނުވިސްނުނެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައީ އިންތިހާއަށެވެ. އޭނާގެ ސަބަބުން ލިއާގެ މި ނާޒުކު ހާލަތުގައި ލިއާގެ ގާތުގައި ހުރުމަށް ލިބުނު ފުރުސަތުވެސް ނަގާލެވުނީއެވެ. ލިއާއާއި މެދު ވިސްނިފައި ކައިލްގެ ހިތުގައިވަނީ ގަދަ ރިހުމެއް އުފެދިފައެވެ.
“ކައިލް…” ކައިރާ ގޮވާލީ ކައިލްގެ ހަބަރެއް ނުވުމުންނެވެ.
“ކައިލް…އެބަހުރިންތަ…؟” ކައިރާގެ ހާސްކަން އެކުލެވިގެންވި އަޑު އިވުނެވެ. ކައިލް މަޑުމަޑުން ހމމ އަޅުވާލިއެވެ. ކައިރާ ދޫކޮށްލީ ހަމަޖެހުމުގެ ނޭވާއެކެވެ. އިރުކޮޅެއް ވަންދެން އެ ދެމެދުގައި ހިމޭންކަން ދެމި އޮތެވެ.
“ކައިލް…” ކައިރާ މަޑުމަޑުން ގޮވާލި ގޮތުން ކައިލްގެ ހިތަށް ފިނިވެގެން އައެވެ. “ކައިލްއަށް އެނގެން ޖެހޭ ވަރަށް މުހިއްމު ކަމެއް އެބައޮތް…” ކައިރާގެ އަޑުގައިވަނީ ސީރިއަސްކަމެވެ.
“ވަޓް އިޒް އިޓް…؟” ކައިލްގެ ރައްދު އައީ ނުހަނު އަވަހަށެވެ. ކައިރާ ބުނަން އުޅޭ ވާހަކައަކީ ލިއާއާއި ގުޅުން ހުރި ކަމަކަށް ވެދާނޭ ހިތް ބުނެލިއެވެ.
ކައިރާ ނަޒަރު ހިންގާލީ ވޯޑަށް ވަންނަން ހުރި ދޮރާއި ދިމާލަށެވެ. އެ ދޮރުގެ ބިއްލޫރިގަނޑު ތެރެއިން އޭނާއަށް ލިއާ ގާތު އިށީނދެ އިން ލައިބާ ފެނުނެވެ. ލިއާ އެއްފަރާތަކަށް މޫނު އަނބުރާލައިގެން އޮތް އިރު ލައިބާ އިނދެގެން މަޑުމަޑުން ލިއާގެ އަތުގައި ފިރުމަމުން ދިޔައެވެ. ކައިރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ފޯނުން ކައިލް ގާތު އެ ދައްކަން އުޅޭ ވާހަކައެއް ބުނާކަށް ކައިރާ ބޭނުމެއް ނޫނެވެ.
“ކައިލް…އަހަރެން ރަށަށް ގޮސް މި ވާހަކަ ދައްކާނަން…” ކައިރާ ބުނެލިއެވެ.
“ކައިރާ…!! ޔޫ އާރ މޭކިން މީ ނާވަސް…ޓެލް މީ ނައު…!” ކައިލް އަމުރުކުރިއެވެ.
“ކައިލް ހަމަޖެހިބަލަ… އޯކޭ އޯކޭ… އަހަރެން އިރުކޮޅަކުން ރަށަށް ދާނަން…ދާ ގޮތަށް ތިގެއަށް ދާނަން…އެގޮތް އެންމެ ރަނގަޅެއްނު…؟ މީ ފޯނުން ދެއްކޭ ކަހަލަ ވާހަކައެއް ނޫން…” ކައިރާ ވާހަކަ ދެއްކިއެވެ. ނުރުހުން ވެފައި ހުރެވެސް ކައިލް އެއްބަސް ވެއްޖެއެވެ. އެއާއިއެކު ކައިރާ ކޯލް ކުރުކޮށްލިއެވެ.
ކައިލް މަޑު ހިނގުމެއްގައި ގޮސް ހުއްޓުނީ އެ ކޮޓަރީގައި ހުރި ބިއްލޫރި ކުޑަދޮރު ކައިރިއަށެވެ. އެ ދިމާލުން ހޮސްޕިޓަލު ގޯތިތެރޭގައި ހަރަކާތްތެރިވަމުންދާ މީހުން ފެނެއެވެ. ނަމަވެސް އެ ހިޔާލުގައި ވަނީ ކުރިމަތިން ފެންނަމުންދާ މަންޒަރެއް ނޫނެވެ. ހިތް ނުތަނަވަސްވެފައި ވަނީ ކައިރާ ދައްކަން އުޅޭ ވާހަކައަކާއި މެދުއެވެ. ލިއާގެ ހާލާއި މެދު ވިސްނޭ ވަރަކަށް ކައިލްގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. ތެޅިފޮޅެމުން ދިޔަ އެ ހިތް އެދެމުން ދިޔައީ ލިއާ ގާތުގައި ވުމަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (31)
Comments are closed.
This is Episode 69?
Yes
Omghggggg. Warah salhiii dhen emme inthizaaru kureveynee dhen in part ah. Pleaseeeeee Ava’s kohdhehcheyyyy.
Awww thank you 🤭💗
Hama rovijje 😭 this part is really emotional I feel so bad for Leah 😭😭😭 hama adu ivunukahala 💔💔
It was really emotional for me to write too 🥺💔 Leah’s words hit me hard while writing that scene 😭 Thank you for feeling it so deeply 🥹🥹
Dhen heyonuvaane efakeera ehen hadhan
Alheyy sorry 🥹💔
Alheyyyyy. …mi part kiyaafa hama rovihjje…heeevee Kurin Vefa oih kmh kurimathin sifa v hen …OMG IT’S SO REALISTIC AND SO EMOTIONAL ☹️..the way U describe each and every line omg it’s so realistic… this story has become my absolute favourite..no wonder why I always keep looking forward to the next part….U are my fav author and I love Ur stories…
This part is honestly so emotional. And i actually felt it in my chest … Like ehaa Vs deep koh lines liyefa huryma 🥹 and sifa kohdheefa huri goih Vs was too perfect
AND PLEASE KAIL AND LIAAAAAA ☹️
Ly🤍
Awww this comment honestly touched my heart so much 🥹💗 This part was emotional for me to write too and knowing you felt every bit of it means more than I can explain…Thank you for loving my stories and supporting me this much 🥹💗
Hehe yeah Kyle and Leahhh 🤭😭 LY too darl 🖤🥀
Alhey noo hama Asluves rovijje mi part kiyaafa cant even imagine how lia would feel… Kyle please come and save your lia
Awww 🥺💔 Poor Leah
Kyle really needs to hurry up 😭🤭 I’m so glad the emotions came through to you love 🥹💗
Omgggg!
Need the next part nowww!!!!!!
Tuesday In Shaa Allaah ☺️💗
Waiting for next part..
Tuesday In Shaa Allaah ☺️💗
Waaaaaah.. hama aslah vrh dheravejje.. Kaira avahah Kyle kairy buneba.. dhen Leah ah hiyyhama jehumeh hoadha dheeba knmes meehaku.. aadheyhekey mikurani.. moyavanee Leah ulhey hiyydhathi haalu fenifa .. 😭😭😭😭😭
Awww 😭 Leah really needs a break from everything 🥹 And Kaira needs to do her parttt hehehe 😭🤭💗
Vrh reethi mi part vx .. you really are soo talented…Masha Allah.. allaahumma barik..
Your words mean a lot to me 🥹 May Allah bless you 💗💗
👌🏻👌🏻
💗💗
The way you describe every single scene is just unbelievable. Omg! It feels so real. I could feel Lia’s pain through every word. While reading the funeral scene, I actually cried. It felt as though I was right there beside Lia, experiencing every bit of her heartbreak.💔💔💔
My dear Kyle, please go and meet Lia. She really needs you right now. She needs your love, comfort, and support more than ever.
Kobaitha mihaaru thi rihaan??
Awww this comment 🥺💔 I’m so glad the emotions came through and made you feel like you were right there with Leah 🥹💗🫂 That funeral scene was really difficult for me to write too 😭😭💔💔
Yeah Kyle seriously needs to hurry up 😭😭
As for Rihan don’t even get me started on that man 🤣💀
Next part when ?
She said it will be published on Tuesday 😊
Yes In Shaa Allah Tuesday ☺️💗
when is next part 😭😭😭😭😭😭
Tuesday ☺️💗
Fulufulun mi kiyaa nimmaalee 57 vans episode in feshigen. Varah salhi mivaahaka inge. May Allah put barakah in your work. 🤲
مَا شَاءَ اللَّهُ، بَارَكَ اللَّهُ فِيكِ 🤍
Aameen 🤲🏻 May Allah bless you too and put barakah in everything you do 🥹💗 Jazaakillahu khairan for your beautiful du’a 🤍