
ލޯބިން ބުނާތީ – 68

ދެބެން ކާން ދިޔައިރު އަކީލް އިނެވެ. އޭނާވެސް އިނީ ބްރޭކް ގަޑިއަށް އައިސްފައެވެ. ކަޅު ގަމީހަކާއި ކަޅު ފަޓުލޫނެއްގައި އިންއިރު އަމިއްލަ ދަރިން ކައިލް އާއި އާލިކްއަށް ދޫނުކުރެއެވެ. ކެއުމުގެ ތެރޭ އެކި ވާހަކަ ދެކެވެމުން ގޮސް ކައިލް އަކީލަށް ގޮވާލުމުން ދެބަފައިންގެ ސަމާލުކަންވެސް ކައިލްއަށް ހުއްޓުނެވެ. ކައިލް އެދުނީ ހޮސްޕިޓަލުން ކައިލްއަށް ވަޒީފާ ހަމަޖެއްސުމަށެވެ. ވެގެން ވާނަމަ މިއަދު ނިކުންނަންވެސް ކައިލް ހުރީ ތައްޔާރަށެވެ. ލިއާގެ އިންތިޒާރުގައި ހޭދަވާ ކޮންމެ ސިކުންތެއް ކައިލްއަށް ވެފައިވަނީ ބޮޑު ވޭނަކަށެވެ. ވުމާއެކު ކައިލް ބޭނުންވީ އޭނާގެ ދުވަހީ ތާވަލު ބިޒީކޮށްލުމަށެވެ. ނޫންނަމަ އޭނާގެ ކެތްތެރިކަން ކޮޅުންލާފާނެއެވެ.
އަކީލްއަށް ލިބުނީ ބޮޑު ހިތްހަމަޖެހުމެކެވެ. މިއަދު އެކަމާ އުޅޭނަމޭ އަކީލް ބުނެލިއިރު ކައިލް އިނީ ހިޔާލަކަށް ގެއްލިފައި މަޑުމަޑުން ކާލަކާލައެވެ. އެ ނަޒަރު އިރުއިރުކޮޅާ ކައިރި އޮތް ފޯނަށް ހުއްޓެއެވެ.
ގަޑިތަކުން ރޭގަނޑު ދިހައެއް ޖަހަނީއެވެ. ސޯފާގައި އޮތް ލިއާގެ ހަށިގަނޑުގައި މަޑު ރިހުމެއް އުފެދިފައިވެއެވެ. ހޮސްޕިޓަލުން އައި ނަމަވެސް މުޅިން ހަމަޔަކަށް ނޭޅޭތީ ލިއާއަށް ގުޅުވާލެވުނީ ރަނގަޅަށް ނުކެވޭތީ އެކަމާއެވެ. އެހެންނަމަވެސް އިރުއޮއްސެން ދިޔައިރު މުޅި ގައިގަވެސް ރިއްސަން ފެށީއެވެ. އެނދުގައި އޮންނަން ލިއާ ބޭނުން ނުވަނީ ރިހާން ގާތު އޮންނަން ބޭނުން ނުވާތީއެވެ. އެ ދެމެދުގައި އަދިވެސް ކައިވެނީގެ ނަން އޮތްކަމަކު ލިއާއަށް މިހާރު އެ ކައިވެނިން އުއްމީދު ކަނޑާލެވިއްޖެއެވެ. އޭނާއަށް ކުރެވެމުން ދަނީ މުޅި ދުނިޔެއަށް އެކަނިވެފައިވާކަމުގެ އިހުސާސެކެވެ.
ލިއާ ފޯނު ނެގިއެވެ. އިންސްޓަގްރާމަށް ވަދެފައި ބްލޮކް ލިސްޓު ހުޅުވާލިއެވެ. މިފަހަރު ދެވަނަ ވިސްނުމަކަށް ނުގޮސް ވަގުތުން ކައިލް އަންބްލޮކް ކޮށްލައިފިއެވެ. ނަމަވެސް މެސެޖު ފޮނުވުމެއް ނެތި ލިއާ ކޮންވަޒޭޝަންގެ މަތިން ތިރިއަށް އިނގިލި ހިންގަމުން ދިޔައެވެ. މެސެޖުތައް ޑިލީޓްކޮށްފައި ވީތީ ފެންނަމުން ދަނީ ފަސްއަހަރު ކުރީގެ މެސެޖުތަކެވެ. ކައިލް މިހާރު ނިދާފާނެ ބާއެވެ؟ ނޫނީ ލިއާގެ މަތިން ހަނދާން ނެތުނީ ބާއެވެ؟ ލިއާ މެސެޖު ކުރާނެ ކަމަށް އިންތިޒާރު ކުރިބާއެވެ؟ ލިއާގެ ހިތަށް އެރިއެވެ.
“ލިއާ…” ލިއާ ސިއްސައިގެން ދިޔައީ ކޮންވަޒޭޝަނަށް އައި މެސެޖުންނެވެ. ލިބުނު ހައިރާންކަމާ އެއްވަރަށް އެ ތުންފަތްވެސް ކުޑަކޮށް ދެމިލައިފިއެވެ. ކައިލް ހީވަނީ ލިއާ އަންބްލޮކް ކުރޭތޯ ބަލަބަލާ ހުރިހެންނެވެ.
މުޅި ދުވަހު އިރުއިރުކޮޅާ ފޯނަށް ބަލަމުން ދިޔަ ކައިލްއަށް ލިއާގެ ކޮންވަޒޭޝަނަށް ވަދެވުނު ވަގުތު ބްލޮކް ކޮށްފައި އިންކަމުގެ ނިޝާން ފެންނަން ނެތުމުން ދެލޯ ދިއްލިގެން އައިކަހަލައެވެ. ކައިލް އެންމެ ވަގުތުކޮޅެއްވެސް ބޭކާރު ނުކުރިއެވެ. ވަގުތުން މެސެޖެއް ފޮނުވާލެވުނީ ކެތްތެރިކަމެއް ނެތިއެވެ. މިއަދު އެއްކޮށް އެކި ކަންކަމުގައި މަޝްއޫލުވެ އުޅުނު ނަމަވެސް އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ސިކުނޑިން ލިއާގެ ސޫރަ ފޮހެވިގެން ނުދިޔައެވެ. އެންމެފަހުން ލިއަމްއަށް ގުޅައިގެން ލިއާގެ ވާހަކަތައްވެސް ހިއްސާކުރެވުނެވެ. ހިތަށް ވަގުތީ ގޮތުން ނަމަވެސް ތަސައްލީއެއް ލިބޭތޯއެވެ. އެ ދެމެދުގައި ގިނައިރުތަކެއް ވަންދެން ވާހަކަ ދެކެވުނު އިރު، ލިއަމް ލަފާ ދިނީ ވިސްނާފައި ނޫނީ ފިޔަވަޅެއް ނޭޅުމަށެވެ.
“ހައި…” ލިއާގެ ފަރާތުން ލިބުނު ރައްދު މެސެޖަށް ކައިލް ބަލަން އިނެވެ. ދެން އޭނާއަށް ދޫކޮށްލެވުނީ ހިފަހައްޓައިގެން އިނދެވުންކަން ނޭނގުނު ފުން ނޭވާއެކެވެ. ހީވީ މުޅި ދުވަހު ހަމަޖެހުމުގެ ނޭވާއެއް އެ ދޫކޮށްލީ އަދި ކިރިޔާހެންނެވެ.
“ހައު އާރ ޔޫ…؟” ލިއާއަށް މެސެޖު ފޮނުވާލަމުން ކައިލް ބެލްކަންޏަށް ނިކުތެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ހުރިއިރު ޖެހެމުން ދިޔަ ތާޒާ ވައި އެ ތަނަވަސް މޭމަތީ ބީހެމުން ދިޔައެވެ.
“އައެމް ފައިން…މިއަދު މައިގްރެއިން ޓްރިގަރ ވެގެން އިރުކޮޅަކަށް ހޮސްޕިޓަލުގަ ބޭއްވި…މިހާރު އެކަމަކު ރަނގަޅު…” ލިއާގެ މެސެޖު ކިޔާފައި ކައިލް ކައްޓެއްހެން ސީދާވެގެން އައެވެ. ރެއިލިންގައި އަޅުވާލާފައިވާ އަތް ނައްޓުވާލުމާއެކު ހަލުވިކަމާއެކު ދެއަތުން ޓައިޕް ކުރަން ފެށިއިރު މޫނުމަތީގައިވީ ކަންބޮޑުވުމެވެ.
“ވަޓް…؟!”
“މައިގްރެއިން…؟”
“އާރ ޔޫ ޝުއަރ ޔޫ އާރ އޯކޭ…؟”
ލިއާއަށް މެސެޖުތަކަށް ބަލަން އިނދެވުނެވެ. އޭނާގެ ހާލު މުޅިން ރަނގަޅު ނޫންނަމަވެސް ލިއާ ބޭކާރު ގޮތުގައި ކައިލް ހާސްކުރަން ބޭނުން ނުވީއެވެ.
“އަހަރެން ރަނގަޅޭ ކައިލް…ޕްލީޒް ޑޯންޓް ވޮރީ…” މެސެޖު ފޮނުވާލިއިރުވެސް ލިއާގެ މޫނުން ފެންނަނީ ވަރުދެރަ ކަމެވެ.
“ހައު އޭމް އައި ސަޕޯސްޑް ނޮޓް ޓު ވޮރީ ވެން ޔޫ ޓެލް މީ ޔޫ އަރ ސިކް..؟” ކައިލްގެ މެސެޖު ކިޔާފައި ލިއާގެ މެޔަށް ބާރުވެގެން އައެވެ. މި ހުރިހާ ދުވަހަށް ފަހުވެސް ކައިލްގެ ކިބައިގައި ބަދަލުވުމެއް ނުވާ ހިތި ހަގީގަތެއް ވެއެވެ. އަދިވެސް އެ އޯގާތެރި މިޒާޖަށް ބަދަލެއް ނާދެއެވެ. އެންމެ ކުދި ކުދި ކަންތަކާވެސް ކައިލްގެ ސަމާލުކަން ލިއާއަށް ލިބެއެވެ. ލިއާއާއި ގުޅިފައިވާ ކޮންމެ ކަމެއްވެސް ކައިލްއަށް މުހިއްމެވެ. ލިއާގެ ހިތަށް އެންމެ ވޭން ލިބެނީ އެ ކަންކަމުންނެވެ.
“އައެމް ފައިން ކައިލް…” ފެންކަޅިވެފައި އޮވެ ލިއާ މެސެޖު ފޮނުވާލިއެވެ.
“އޯކޭ…ޕްލީޒް ޓޭކް ކެއަރ އޮފް ޔުއަރސެލްފް…” ކައިލްގެ މެސެޖު ކިޔާލާފައި ލިއާއަށް މަޑުމަޑުން ބޯ ޖަހާލެވުނެވެ. އެ މަންޒަރު ބަލާނެ މީހެއް ނެތްކަމުގައި ވިޔަސްއެވެ.
“ރޭގަ ރަނގަޅަށް ނިދިންތަ…؟” ކައިލްގެ މެސެޖު ލިއާ ކިޔާލިއެވެ. ނޫނެކޭ ބުނެ އޭނާ ރިޕްލައި ފޮނުވާލިއެވެ.
ކައިލް ލިއާގެ މެސެޖަށް ބަލަން ހުރިއިރު މޫނުމަތީގައިވަނީ ހިމޭންކަމެވެ. ލިއާއަށް ނުނިދުމުގެ ފަހަތުގައިވާ ސަބަބު ކައިލް އޮޅުންފިލުވަން ބޭނުންވިއެވެ. އަދި ރޭގައި އެ ދެމެދުގައި ދެކެވުނު ވާހަކަތަކަށްފަހު ކަން ހިނގައިދިޔަ ގޮތްވެސް ބަލަން ކައިލްގެ ހިތް އެދުނެވެ. ނަމަވެސް ކައިލް އޭނާގެ ވައުދު މަތިން ހަނދާންވިއެވެ. އޭނާ ލިއާގެ ސިކުނޑިއަށް ބުރަކުރާކަށް ބޭނުމެއް ނޫނެވެ. އަނެއްކާވެސް ލިއާގެ މެސެޖެއް އައުމާއެކު ކައިލްއަށް ފޯނަށް ބަލާލެވުނެވެ.
“އެއްޗެއް އަހާލަންތަ…؟” ލިއާގެ މެސެޖުގައި ވެއެވެ. ކައިލް ޖަވާބުގައި ލިއާއަށް އޭނާ ގާތު ކޮންމެ އެއްޗެއްވެސް އެހޭނޭ ބުނެލިއެވެ.
މެސެޖު ޓައިޕްކޮށްފައި ލިއާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އެ މެސެޖު ފޮނުވުމާ މެދު އޭނާގެ ހިޔާލު ތަފާތުވެފައި ވެއެވެ. އެހެނަސް އެއީ އޭނާ އޮޅުން ފިލުވަން ޖެހޭ މުހިއްމު ކަމެކެވެ.
“ކައިލްގެ ގާލްފްރެންޑް މައްސަލައެއް ނުޖައްސާނެތަ އަހަންނާ ވާހަކަ ދެއްކީމަ…؟” ލިއާގެ މެސެޖަށް ބަލަން ކައިލްއަށް އިރުކޮޅެއް ވަންދެން ހުރެވުނެވެ. ހަރަކާތެއް ނެތިފައި ހުރިއިރު ޖެހެމުން ދިޔަ ލުއި ވައިރޯޅިތަކުން އެ ފަން އިސްތަށިގަނޑު ދެފަރާތަށް ނަށަމުން ދިޔައެވެ. އިރުކޮޅެއް ފަހުން ކައިލްގެ ފަރާތުން ލުއި ހީލުމެއްގެ އަޑު އިވުނެވެ. ވޭން އެކުލެވިގެންވާ ހީލުމެކެވެ.
ގާލްފްރެންޑް… ފަސް އަހަރު އޭނާ އެގޮތް މިގޮތަށް ހޭދަކުރިއިރު ލިއާއަށް ފުރަތަމަވެސް ވިސްނުން ހިންގާލަން އެނގުނީ އެކަމަށްހެއްޔެވެ؟ ޓައިޕް ކުރުމުގެ ކުރިން ކައިލް މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލިއެވެ.
“ގާލްފްރެންޑް…؟” ކައިލްގެ މެސެޖު ކިޔާފައި ލިއާ އާނއެކޭ ބުނެ މެސެޖު ފޮނުވިއެވެ.
“ޑޫ ޔޫ ސީރިއަސްލީ ތިންކް އައި ކެން ބީ އިން އަ ރިލޭޝަންޝިޕް ވިތް ސަމްވަން އެލްސް…” ކައިލްގެ މެސެޖު ކިޔާފައި ލިއާ ގަނޑުވިއެވެ. އޭނާއަށް ދެތިން ފަހަރު އެ މެސެޖު ކިޔާލެވުނެވެ. ބަޔާންކުރަން ނޭނގޭ ފަދަ ގޮތަކަށް ހިތުގެ ތެޅުން ބާރުވެގެން އައެވެ.
“ވަޓް ޑޫ ޔޫ މީން…؟” ލިއާގެ މެސެޖަށް ކައިލްއަށް ބަލަން ހުރެވުނެވެ. ލިއާ އެ މާނަ ކުރާ ގޮތް ކައިލްއަށް ނަގައިގަނެވެއެވެ. ހިތުގެ ކަނަކުން ލިއާއަށް ހުރިހާ ހަގީގަތެއް ހާމަކުރަން ގޮވާލިއެވެ. އެ ހިތުން ލިއާއަށް ދެވިފައިވާ މަގާމު އަންހެނަކަށް ދިނުމަށް ނުކުޅެދިފައި ވާކަމެވެ. ލިއާއަކީ އެ ހިތުގެ ވިންދެވެ. އެ ލޯބި ވަނީ އޭނާގެ ހިތާއި ފުރާނަޔާ ގުޅި ލާމެހިފައެވެ. ފަސް އަހަރަކީ އެ ލޯބި މަތިން ހަނދާން ނައްތާލަން ކައިލްއަށްޓަކާ ދިގު މުއްދަތެއް ނޫނެވެ. ކައިލް އެ ހިތުގެ ހާލު ލިއާއަށް ބަޔާންކޮށްދެން ބޭނުންވިއެވެ. އެހެންނަމަވެސް މިފަދަ ވަގުތެއްގައި އެކަހަލަ ވާހަކައެއް ދެއްކުމަށް ކައިލް އުޒުރުވެރިވިއެވެ. ލިއާ އެހުރީ ކައިލްއަށް އެފަދަ ވާހަކައެއް ދެއްކޭނެފަދަ ހާލަތެއްގައެއް ނޫނެވެ. ހިމޭންކަމާއެކު ސްކްރީނަށް ބަލަން ހުރި ކައިލްއަށް ހޭވެރިކަންވީ އަނެއްކާވެސް ލިއާގެ މެސެޖެއް ލިބުމުންނެވެ.
“ނޮޓް އީވެން ވަން ގާލް އިން ދީސް ފައިވް ޔާރސް…؟” ލިއާގެ މެސެޖު ކިޔާފައި އަނެއްކާވެސް މާނައެއް ނެތް ހީލުމެއް ކައިލްގެ ފަރާތުން އިވުނެވެ.
“ނޯޕް…” ކައިލް މެސެޖު ފޮނުވާލިއެވެ.
“ކައިލް…!” ލިއާގެ މެސެޖުގައި ވިއެވެ. މެސެޖުގެ ޒަރީއާއިން ފެންނަން އިންނަމަވެސް ކައިލްއަށް އެވަގުތު ލިއާ ގަބޫލުކުރަން ދަތި އަޑަކުން ކައިލްގެ ނަމުން ގޮވާލި އަޑު އިވުނު ކަހަލައެވެ.
“ވަޓް…؟”
“ފަސް އަހަރަކީ ކުރު މުއްދަތެއް ނޫނޭނު…؟” ލިއާގެ މެސެޖު ކިޔާފައި ރިހުމުގެ ހިނިތުންވުމަކާއެކު ކައިލް ފުން ނޭވާއެއް ދޫކޮށްލިއެވެ.
“އައެމް އެވެއަރ ލިއާ…” ކައިލްގެ މެސެޖަށް ބަލަން ލިއާއަށް އޮވެވުނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މި ހުރިހާ ދުވަހު އޭނާއަށް ހީކުރެވިފައިވަނީ ކައިލްވެސް އޭނާ މަތިން ހަނދާން ނައްތާލާ ދިރިއުޅުމައިގެން ކުރިޔަށް ދިޔައީ ކަމުގައެވެ. އޭނާއަށް ނުދެވުނު ލޯބި އެހެން ފަރާތަކުން ހާސިލު ކުރީކަމުގައެވެ. އެ ހިޔާލުން އޭނާގެ ހިތަށް ރިހުން ގެނުވި ކިތައްމެ ދުވަހެއް ދިޔައެވެ. ނަމަވެސް އެފަދަ ކޮންމެ ވަގުތެއްގައި ލިއާގެ ހިތްހަމަ ޖައްސާލަނީ އޭނާ ކައިލްގެ ދިރިއުޅުމާއި ދުރުގައި ހުރުމުން ކައިލްގެ ދިރިއުޅުން އާބާދުވެދާނެ ކަމުގެ ހިޔާލުންނެވެ. އެހެނަސް މި ވީ ކިހިނެއްހެއްޔެވެ؟
“ވައި…؟” ލިއާގެ މެސެޖަށް ކައިލް ބަލާލިއެވެ. ވަގުތުން ހިތުން ޖަވާބު އައި ކަހަލައެވެ. ސަބަބަކީ އެ ހިތުން ލިއާ ދެކެ ލޯބިވުން ނުހުއްޓުމެވެ. ސަބަބަކީ އެ ހަޔާތަށް އަންނަން ބޭނުންވެ ކިތައްމެ ފަރާތެއްގެ ހުށަހެޅުން އައިނަމަވެސް އޭގެން އެއްވެސް މީހަކީ ލިއާ މަތިން ކައިލް ހަނދާން ނައްތާލުވުމުގެ ގާބިލުކަން ލިބިފައި ނުވާ ބައެއް ކަމުގައި ވާތީއެވެ. އަދި އެއްވެސް މީހަކަށް އެ ގާބިލުކަން ލިބިފައި ވާކަމަކަށްވެސް ކައިލް ގަބޫލެއް ނުކުރެއެވެ. އެ ހިތުގައި ލިއާއަށްޓަކާ ވަނީ އެއަށްވުރެ ފުން ލޯތްބެކެވެ. އެތައް ފަހަރަކު ބުނާނެ އެއްޗެއް ނޭނގިގެން ކައިލް މެސެޖު ލިޔެލިޔެފައި ފޮހެމުން ދިޔައެވެ.
“އިޓްސް ކޮމްޕްލިކޭޓެޑް…” ކައިލް އެންމެފަހުން ބުނެލިއެވެ. އެ މެސެޖު ފޮނުވާލިއިރު އޭނާގެ ސިކުނޑީގައި ވަނީ ސިއެރާއެވެ. އާއިލާއިން ހަމަޖައްސާފައިވާ ކައިވެންޏެވެ.
“ކޮމްޕްލިކޭޓެޑް…؟” ލިއާގެ ރައްދުގައި ވެއެވެ.
“ޔެސް…އަހަރެން ލިއާ ގާތުގައި ދައްކަން ބޭނުންވާ ބައިވަރު ވާހަކަތައް އެބަހުރި…އެކަމަކު މިގޮތަކަށް ނޫން…އެއީ ވަރަށް ހަމަޖެހިލައިގެން ދެއްކޭނެ ވާހަކަތަކެއް…” ކައިލްގެ މެސެޖު ލިއާ ކިޔާލިއެވެ. ކައިލް ނުބުނެ ސިއްރު ކުރަމުންދާ ކަންތަކާމެދު ލިއާއަށް ފުންކޮށް ވިސްނުން ހިންގާލެވުނެވެ. އެހެންނަމަވެސް ކައިލް މެސެޖުގެ ޒަރީއާއިން އެވާހަކަ ނުބުނާނެކަން ލިއާއަށަ އެނގުނެވެ.
ހަގީގަތަކީވެސް އެއީއެވެ. ލިއާ އުނދަގޫ ހާލަތެއްގައި ވަނިކޮށް ލިއާގެ ސިކުނޑި ވަރުބަލި ކުރުވާނެ ފަދަ އިތުރު ވާހަކައެއް ދައްކާކަށް ކައިލް ބޭނުމެއް ނޫނެވެ. ނަމަވެސް އެއީ ލިއާއަށް އެކަން ސިއްރު ކުރުމުގެ ނިޔަތުގައެއް ނޫނެވެ. ލިއާއަށް އެއްވެސް ކަމެއް ސިއްރުކޮށްފައި ބޭއްވުމަކީ ކައިލް ބޭނުންވާގޮތެއް ނޫނެވެ.
ލިއާއަށް ބަލާލެވުނީ ގަޑިއަށެވެ. މިހާރު ރިހާން އަންނަން އުޅޭނެއެވެ. ވުމާއެކު އޭނާ ކައިލްއަށް އެރޭގެ ވަދާއުގެ މެސެޖު ފޮނުވާލިއެވެ. ކައިލް މާޔޫސްވި ނަމަވެސް ލިއާގެ ނިންމުމަށް އިހުތިރާމް ކުރިއެވެ.
“އައެމް ގްލެޑް ޔޫ ޓެކްސްޓެޑް މީ…” ކައިލްގެ މެސެޖު ކިޔާފައި ލިއާ ފެންކަޅިވިއެވެ. ކައިލްއަށް ބާއްޖަވެރި ރޭގަނޑަކަށް އެދިފައި ލިއާ ފޯނު ބޭއްވީ މެސެޖުތައް ފޮހެފައި ކައިލް ބްލޮކް ކޮށްފައެވެ. އެ މެސެޖުތައް ފޮހެން ވުމުން ލިއާއަށް ކުރެވުނީ ގައިން ބައެއް މަދުވި ކަމުގެ އިހުސާސެވެ. ލިއާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެވަގުތު ގައިގަ ރިހެމުން ދިޔަ ވަރު ލިއާއަށް އިހުސާސްވިއެވެ. ކައިލްއާއި ވާހަކަ ދެކެވުނު ވަގުތު އެކަން އޭނާއަށް އިހުސާސް ނުވީތީ ލިއާ ހައިރާންވިއެވެ.
ބެލްކަނީގައި ދިގުކޮށް ސޯފާއެއް ގޮތަށް ހުރި ގޮނޑީގައި ކައިލްގެ ހަށިގަނޑު ދަމާލައިގެން އޮތް އިރު ފޯނު ވަނީ މޭމަތީ ބާއްވާލެވިފައެވެ. އެ ފިރިހެންވަންތަ ތުންފަތްމަތީ ވަނީ ފަނޑު ހިނިތުންވުމެކެވެ. އެ ހިޔާލުތަކުގައި ވަނީ ލިއާއެވެ. ލިއާއާއި ގުޅިފައިވާ މާޒީގެ އެކި ހަނދާންތަކުން އެ ހިތަށް ހަމަޖެހުން ހޯދަމުން ދިޔައެވެ.
ރިހާން އައީ އިރުކޮޅެއް ފަހުންނެވެ. އޭރު ލިއާއަށް މަޑުމަޑުން ނިދެމުން ދަނީއެވެ. އެހެނަސް ދޮރު ހުޅުވުނު އަޑާއިއެކު ލޯ ހުޅުވާލެވުނެވެ. ނަމަވެސް ރިހާން އޭނާއާއި އަރާ ހަމަވާންވާއިރަށް ލޯ މަރާލައިފިއެވެ.
ސޯފާގައި އޮތް ލިއާ ފެނިފައި ރިހާންގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވިއެވެ. ލިއާ އަމިއްލައަށް އިސްވެ އޭނާއާއި ދުރުމިން ބަހައްޓަން މަސައްކަތްކުރާތީ ރިހާނަށް އެކަން ބަރުދާސްތު ކުރެވޭ ގޮތެއް ނުވިއެވެ. އެއްޗެކޭ ނުބުނެ ފާހަނައަށް ވަދެ ފެންވަރައިގެން ނިކުތީ ސޯޓެއްގައެވެ. އެ ހުރިހާއިރުވެސް ލިއާގެ ސަމާލުކަމެއް ރިހާނަކަށް ނުލިބުނެވެ. އޭނާ އެނދަށް އަރަމުން ހެޑްބޯޑްގައި ލެނގިލިއެވެ. ލިއާއަށް ބަލަން ހުރިއިރު ރިހާންގެ މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ. އެއްޗެކޭ ނުބުނެ އޭނާއަކަށް ނީނދެވުނެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ހިމޭންކަމަށް ނިމުމެއް އައީ ރިހާން ވާހަކަ ދެއްކުމުންނެވެ.
“އަޖައިބެއް…މަ ބުނިންތަ މި އެނދަކު ނުނިދޭނޭ…؟” ރިހާން ނުރުހުމާއެކު ވާހަކަ ދެއްކިއެވެ. ލިއާ އޭނާއާއި ދުރުވާން މަސައްކަތް ކުރާތީ ރިހާންގެ ހިތަށް އެކަމުން ދަތިކަން ލިބެއެވެ. އެހެނަސް އެ އިހުސާސްތައް އޭނާ ބޭރުކުރީ ރުޅީގެ ސިފައިގައެވެ. ރިހާން އާއި ވާހަކަ ދައްކާނަމަ މިދުވަސްކޮޅު ލިއާގެ ދުލު ކުރީގައި ވަރި ނޫން ލަފްޒެއް ނުވެއެވެ.
ލިއާ ޖަވާބު ނުދީ އޮތުމުން ރިހާންގެ ކެތްތެރިކަން ކޮޅުން ލައިގެން ދާގޮތްވިއެވެ. އޭނާ ދެކޭ ގޮތުގައި ލިއާއަށް މިފަދައިން އޭނާ ދަށްކޮށްލެވިގެން ނުވާނެއެވެ.
“ބުނަން ވާހަކައެއް…؟ ކޮންމެހެން އެނދުގައި ނޯވެވެންޏާ މި ކޮޓަރިން ނިކުމޭ…! ރިހާން މިހެން ބުނެލީ ލިއާ އެނދަށް ނިދަން އަންނާނެ ކަމަށެވެ.
ލިއާ މަޑުމަޑުން ސޯފާއިން ތެދުވިއެވެ. ހަރަކާތްތަކުގައި ވަނީ މަޑުމޮޅިކަމެވެ. އެއްވެސް ބަހެއް ނުބުނެ ލިއާ މަޑު ހިނގުމެއްގައި ދޮރާއި ދިމާލަށް ދާން ފެށުމުން ރިހާންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. މިވީ އޭނާ ހީކުރިގޮތަކަށް ނޫނެވެ. ނަމަވެސް އަމިއްލަ ބޮޑާ ނަފްސަށް އުނިކަމެއް އައިސްފާނެތީ އޭނާ ބުނި ބަސް އަނބުރާ ގެންނާކަށްވެސް ބޭނުމެއް ނުވިއެވެ. ލިއާ ނިކުމެ ދޮރު ލައްޕާލަންދެން ރިހާނަށް ބަލަން އިނދެވުނެވެ.
ސިޓިން ރޫމްގެ ލައިޓުތައް ވަނީ ނިއްވާލާފައެވެ. ގޭތެރޭގައިވި ހަމަހިމޭންކަމުން އެންމެން ނިދީކަން ލިއާއަށް ޔަގީންވިއެވެ. އެހެން ނޫނަސް ސިޓީންރޫމްގައި މަޑުކުރުމުގެ ވިސްނުމެއް ލިއާގެ ނެތެވެ. ލައިޓު ޖައްސައިފިނަމަ މައިދައިތައަށް ފެނިގެން ހިތުހުރިހާ އެއްޗެއް ގޮވާލަފާނެއެވެ. ސިޓިންރޫމް ދޮރުން ބޭރަށް ނިކުމެ ދޮރު ލައްޕާލުމާއެކު ލިއާގެ ގައިގަ އައިސް ބީހިލީ ތެތްފިނި ވައިރޯޅިއެކެވެ. ހީކަރުވައިގަންނަ ގޮތް ވުމުން ދެއަތުން ގައިގަ ވަށާލެވުނެވެ.
ގެއަށް ވަންނަ ދޮރާ ދިމާލުން މަތީގައި ހަރުކޮށްފައިވާ ލައިޓުން އެހިސާބަށް އަލިވެފައިވެއެވެ. އަދި މަގުމަތީގައި ދިއްލާފައި ހުރި ލައިޓުތަކުގެ އަލިކަންވެސް ފަނޑު ގޮތަކަށް ގޯތިތެރެއަށް އެޅިފައި ވެއެވެ. އެވަރުން ހިތްހަމަ ޖައްސާލަމުން ލިއާ ޖޯލިފަތީގައި އޮށޯވެލިއެވެ. ބަލިވެ އުޅެފައި އަދިވެސް ހަމަޔަކަށް ނޭޅޭތީ މުޅި ހަށިގަނޑުގައި އަދިވެސް ރިހެމުން ދިޔައެވެ. މި ފިނީގައި ޖޯލީގައި އޮތުން ފަސޭހަ ކަމަކަށް ނުވިއެވެ. އެހެނަސް އޭނާ ފަދަ ކުއްޖަކަށް މި ނޫން ގޮތެއް ނެތޭނުންހެއްޔެވެ؟ ލައިގެން އޮތް އަތްދިގު ޓީޝާޓާއި ދިގު ހަރުވާޅުގެ މަތިން ފިނިކަން ފޫއަޅުވާލާފައި ހަށިގަނޑަށް ހަމަލާ ދޭހެން ލިއާއަށް އިހުސާސްވިއެވެ. އިރާކޮޅު ވެހުނު ވާރޭގެ ތެތްފިނި އަސަރު އަދިވެސް މާހައުލުގައި އެކުލެވިފައި ވެއެވެ. ދެއަތް މެޔާލާ ބޮނޑިކޮށްލައިގެން އޮވެ ލިއާ ލޯ މަރާލިއެވެ.
އެނދުގައި ރިހާން ފުރޮޅި ފުރޮޅި އޮންނަތާ ތިން ގަޑިއިރު ވަނީއެވެ. ބޭނުން ނުވިޔަސް ހިތަށް އުނދަގޫވަމުންދިޔައެވެ. ލިއާއާއި މެދު ކަންތައް ކުރެވެނީ ރަނގަޅަކަށް ނޫންކަން ހިތުގެ ކަނަކުން އަބަދުވެސް ގަބޫލުކުރެއެވެ. ނަމަވެސް ރިހާން އަބަދުވެސް އޭނާގެ ގޮތުގައި ހިފާއްޓަނީއެވެ. ހަތަރު ގަޑިއިރު ވާން ކައިރިވުމުން ރިހާންގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. ލައިގެން ހުރި ސޯޓާއެކު މަތިން އެއްޗެއް ލުމެއް ނެތި ގޮސް ކޮޓަރިން ނިކުތެވެ.
ސިޓިން ރޫމްގައި ލިއާ ނެތުމުން ރިހާންގެ ހިތް ނުބައި ގޮތަކަށް ތެޅިގަތެވެ. ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ބޭރު ދޮރު ހުޅުވާލިއެވެ. އެވަގުތު ކަނާތްފަރާތަށް ބަލާލެވުނު ވަގުތު ލޮލުގައި އަޅައިގަތީ ޖޯލީގައި ނިދިފައި އޮތް ލިއާއެވެ. ނިދިފައި އޮތް އިރުވެސް ފިނިވެގެން ގޮސް އެ ތުންފަތް ތުރުތުރު އަޅަމުން ދިޔައެވެ. ބޭރުގައި ހިފާލާފައިވާ ފިނިކަމުން ރިހާންވެސް ރޫރޫ އަޅާގޮތްވިއެވެ. ލިއާ މިހާއިރު ވަންދެން ބޭރުގައި ކެތްކުރި ގޮތަކާމެދު ރިހާން އަޖައިބުވާގޮތްވިއެވެ.
ރިހާން ފައިވާނަށް އެރުމާއެކު ގޮސް ޖޯލި ކައިރިއަށް ހުއްޓުނެވެ. ލިއާ އޮތް ގޮތުން ރިހާންގެ ހިތަށް އަސަރު ކުރިއެވެ. ނަމަވެސް މޫނުމަތިން އެކަން ފާޅުވިޔަކަ ނުދިނެވެ. މޫނުމައްޗަށް ނުރުހުން ވެރިކުރަމުން ލިއާއަށް ގޮވަން ވެގެން ލިއާގެ އަތު މުލައްދަނޑީގައި ހިފިއިރަށް އޭނާއަށް ފާހަގަވި ކަމަކުން ހުއްޓުންއެރިއެވެ. ޔަގީންކޮށްލަންވެގެން އޭނާ ލިއާގެ ކޯތާފަތުގައި އަތް ޖައްސާލިއެވެ. ލިއާ އޮތީ ހުމާ ފިހިފިހިއެވެ. ރިހާންގެ މުޅި ހަށިގަނޑު ކުށްވެރިކަމުގެ ކަސްތޮޅަކުން ބަނދެވުނު ކަހަލައެވެ. ނަމަވެސް އޭނާ އެ އިހުސާސްތަކަށް ފުރަގަސްދިނެވެ. ކުރެވުނު ކުށްވެރި އިހުސާސުން ދުރުވުމުގެ ގޮތުން އެ އިހުސާސްތަކުގެ މައްޗަށް އޭނާ ގަދަކޮށްލީ ރުޅިވެރިކަމެވެ.
“އޭތް…ހަމަ މިހާރު ތެދުވޭ…! އަހަރެން ނުބައި ކުރާނަމޭ ހިތާތަ އައިސް މިތާ މިއޮތް ފިނީގަ ތި އޮންނަނީ…؟” ރިހާން ލިއާގެ އަތުގައި ހިފާ ތަޅުވައިގަތެވެ. ވަރުދެރަ ގޮތަކަށް ލޯ ހުޅުވާލެވުނު ލިއާއަށް ރިހާން ފެނުމާއެކު ކުއްލިއަކަށް ފުންމައިގެން ތެދުވެވެން އުޅުނެވެ. ނަމަވެސް ހަށިގަނޑުގައި އެހާ ވަރެއް ނެތެވެ. ހީވަނީ ކަށިތަކުން ބާރު ގޮސްފައި ވާހެންނެވެ. އަވަސްއަވަހަށް ތެދުވަން އުޅުނު ނަމަވެސް އެކަން ކާމިޔާބު ނުވެ ވަރުދެރަ ގޮތަކަށް ތެދުވުމާއެކު އޭނާ އަރިއަޅާލައިފިއެވެ. ރިހާން ސިހިފައި ލިއާގެ ގައިގަ ހިފައްޓަން އުޅުނު ނަމަވެސް ލިއާ ވެލިގަނޑު މައްޗަށް ވެއްޓުނެވެ. ރިހާން މޫނުމަތީގައިވި ރުޅިވެރިކަން ފިލައިގެން ދިޔަ ގޮތެއް ނޭނގުނެވެ. އެ މޫނުގައި ވަނީ ހާސްކަމެވެ. ރިހާން އަވަސްއަވަހަށް ލިއާ ނަގާ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އެވަގުތު ލިއާ ކުޑަކޮށް ގަދަ ހަދާލިއެވެ. އެކަމަށް ފަރުވާލެއް ނެތި ރިހާން އަވަސް ފިޔަވަޅުތަކެއްގައި ލިއާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
ސޯފާގައި ލިއާ ބައިންދާފައި ރިހާން ލިއާގެ ގައިން ވެލި ފޮޅައިދިނެވެ. ލިއާ ގައިގަ ލޯ ހުޅުވާނެ ވަރެއް ނެތެވެ. ދޫކުރަމުން ދިޔަ ނޭވާތަކުގައިވެސް ހޫނު އާވިކަމެއް އެކުލެވިފައި ވެއެވެ. ލިއާ ލައިގެން ހުރި ހެދުމުގައި ވަނީ ފިނި ހިފާފައެވެ. ރިހާން ހަލުވި ހިނގުމެއްގައި ގޮސް ލިއާގެ ނިދާ ހެދުމެއް ހިފާއިގެން އައެވެ. ގައިގައި ވަރު ނެތިފައި އިން ލިއާއަށް ރިހާން އޭނާ ލައިގެން ހުރި އެއްޗެހި ބަދަލު ކުރުވިކަން އެނގުނެވެ. ހަށިގަނޑުގައި ވަރު ހުރިނަމަ އޭނާ އެކަމާއި ދެކޮޅު ހެދީހެވެ. ރިހާން ލިއާ އުފުލާލުމާއެކު ގޮސް އެނދުގައި ބޭއްވިއެވެ. ލިއާގެ ހުންގަދަވެފައި ވަނީ ރިހާންވެސް ބިރުގަންނަ ވަރަށެވެ. ލިއާ ގައިގަ ރަޖާ އަޅާދީފައި ރިހާން އޭސީ ފިނި މަޑުކޮށްލިއެވެ.
“މަން…މާ…” ފާހަނައާއި ދިމާލަށް ދާން އުޅުނު ރިހާންގެ ފައި ބިމުގައި ތަތްވީ ލިއާގެ އަޑު ޖެހުމުންނެވެ. އޭރު ހުމުގެ ބުރާންތީގައި ލޯ މަރައިގެން އޮވެ މަޑުމަޑުން ދެފަރާތަށް ބޯ ހޫރަމުން ލިއާ އެއްޗެއް ކިޔަމުން ދިޔައެވެ. ރިހާނަށް އެ ކިޔާ އެއްޗެއް ސާފު ވާ ގޮތެއް ނުވިއެވެ. ނަމަވެސް “މަންމަ ގާތަށް ދާން ބޭނުމޭ” ލިއާ ބުނެލިހެން ރިހާނަށް ހީވިއެވެ. ރިހާންގެ ހިތުގައި ގަދަ ރިހުމެއް އުފެދުނެވެ. ދުނިޔޭގައި ނެތް މައިމީހާގެ މަދަދަށް އެދޭ ހިސާބަށް ލިއާގެ ހާލަތު ދިއުމުން ރިހާނަށް އޭނާގެ އަމަލުތަކާމެދު ވިސްނަން މަޖުބޫރު ވެއްޖެއެވެ. ކުރެވުނު ކުށްވެރި އިހުސާސުން މިންޖުވާނެ ގޮތެއް ރިހާނަކަށް ނޭނގުނެވެ. އޭނާ އަވަސްއަވަހަށް ގޮސް ފާހާނައަށް ވަނެވެ.
ރިހާން ނިކުމެ ލިއާގެ ބޮލުގައި ތެތް ފޮތިކޮޅެއް އަޅާލިއެވެ. އެވަގުތު ނިދި ޖެހިޖެހި އޮތް ލިއާ މަޑުމަޑުން ކުކުރާލިއެވެ. ރިހާން އަދިވެސް ބޮޑަށް ލިއާގެ ހަށިގަނޑު ރަޖާއިން ނިވާކޮށްދީފައި ގޮސް އެނދުގެ އަނެއް ފަރާތަށް އެރިއެވެ. އިރުކޮޅެއް ވަންދެން ލިއާއަށް ބަލަން އިނދެފައި އޭނާ އެނދުގައި އޮށޯވެލިއެވެ. ލިއާ ދޫކުރަމުން ދިޔަ ނޭވާތަކުގައިވެސް ވަނީ ހޫނު ކަމެވެ. ރިހާން މަޑުމަޑުން ލިއާގެ ކަރުދޮށުގައި އަތް ޖައްސާލިއެވެ. އަދިވެސް ވަރަށް ހުންގަދައެވެ. ރިހާންގެ ނަޒަރު ހުއްޓުނީ ލައިބާ ދީފައި ހުރި ޖޫސް ޕެކެޓު ތަކަށެވެ. އެ ހުރީ ހޮސްޕިޓަލުން ގެނައި ގޮތަށެވެ. އެހެނަސް ލިއާއަށް ނިދެމުން ދިޔައީތީ މިވަގުތު އެއްޗެއް ދޭން ގޮވާކަށް ރިހާން ބޭނުމެއް ނުވިއެވެ. އެހެން އޮއްވާ އޭނާއަށްވެސް ނިދުނު އިރެއް ނޭނގުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (18)
Comments are closed.
Alhey mi part kiyaafa rovijje 😭😭😭
The way Leah walked out from the room and plus mom ge part ai irah hama fenkalhivefa meeneee and I’m not kidding 😭😭 pinch in my heart
And the way you described Kyle’s love for Leah made my heart ache 😭💔
This story is a definition of perfect story
Awww this part genuinely hurt me while writing it too 🥺💔 I had so many emotions writing Leah’s scenes…Thank you for feeling them so deeply and for loving the story this much 🥹💗
RIHAANNNNNNNN… YOU BANDU HANGANDU…. LIKEEEEEE… THI DHEN FUKEH BODUVARU DHWWWWW… WE ALL GET ITTTTTTT… YOU HAVE A FREAKING BIG EGO AND ALL… AND YOU CANT DO ANYTHING WHICH IS GONNA HURT YOUR FREAKING EGO…. BUT STILLLLLLLL…. IF THAT’S THE WAY YOU GONNA TREAT YOUR WIFE, SET HER FREE DHWW… YOU DON’T DESERVE A WIFE….. MHV….
But tbh…. You are like most of the men, mi gen ge… Like… Ngl… They’ll never do anything that’ll hurt their ego and attitude… E heyo ekamuge sababun kusheh neii anhen kuhjjeh fanaa ve hafus viyas… Butttttt… There are a few exceptions… Like… Kyle… I mean… I hope even if it’s like ingilin gunaaleveyhaa Madhu viyas… Mi gen ga Kyle kahala menly men ulhey kamah….
BUT YOUUUUUUU…. RIHAANNNNNNNN… YOU ARE IMPOSSIBLLLEEEEEEE…
Anyways…. Mi part ves varah varah reethi… Love Lia and Kyle ge part…. Keep it up darlll… Lysm..🫶🏻
Ohhh noooo eyeshhhh vrh Rulhi aissi 🤭🤭 seriously mi comment kiyaalevuni mi dheloa bodukohlaigen idhe 👀🤣 hehe you’re right rihan m’n kahala firihenunge ego vrh high vaane
Kyle is hama one and only 🖤🥀
You rihaakuru baiy theli… Im gonna kill u. Not with a knife but with an axe ⛏️⛏️⛏️⛏️.. Hahahaha
Ahahaha 😭💀
omg lavender you’re so talented Masha Allah the details the way you describe everything just chefs kiss 💋 especially the line “dhuniyey ga neiy maimeeha ge madha dhah edhey hisaabah lia ge haalathu dhiumun rihaan ah eyna ge amalu thaka medhu visnan majbooru vejjeve” hits so deep so beautifully written 💗💗
AND YOU RIHAAN BODU FINDI GANDU HITHAH ARAA VAHAAKAIGE THEREAH VADHEGEM GOSSA MEENA KARU HIFAA FAANAMEY VES
Alheyyy this comment made my heart smile 🥹🥹💗💗💗 Thank you so much girlllll 💗💗
Hehe rihan ge karuga hifaalan story ah eviee laanvee dhw?? 🤭🤭
Excuse me, WHAT THE HELL DID YOU DO TO MY LIA🙄🙄IM GONNA KILL YOU REEHAN, DONT WORRY LIA IM COMING TO SAVE YOU ML
Yess please Kyle 🤭🖤🥀
So Masha Allah.. vrh vrh reethi mi part vx.. 🫶🫶
Thank you darrrlll 🖤🥀
Please upload the next part soon 🥹 can’t wait for the next part now . Story is getting interesting day by day 😌👌 and Please let lia be free from that reehan . Feel really sad to see how lia is suffering 😞
Will upload tonight or tomorrow In Shaa Allaah ☺️💗 really happy to know you find my story interesting 💗💗
When next part
Tomorrow
Nice story! Keep it up! Lia & kail❤️🫂
Thank you 💗💗