Skip to content
އެސްފިޔަ

ހިޔަނި 2

Listen to this story Audio · 31:03 Powered by Esfiya Voice
0:00 31:03

“އަހަރެން ކަލެޔާ އެކީ އުޅޭކަށް ބޭނުމެއްނުވޭ! ކީއްވެތަ ކަލެއަށް އަޑުނީވެނީ!!” އަޑުގެ ނެތްތަނަށް އަހަރެން ހަޅޭއްލަވައިގަތީމެވެ. އަހަރެންގެ ފިރިމީހާ، އަސަދު އެއްވެސް އެއްޗެއް ނުބުނެ އަހަންނާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. އޭނަ އަނގައިން ނުބުނެ އިނީމަ އަހަރެން ކައިރިއަށް އިތުރަށް ރުޅިއައެވެ.

“ދެން އިނދޭ މާ މާތް މީހަކަށް ވެގެން އަނގައިން ނުބުނެ. މަ މިވަރަށް އެއްޗެހި ކިޔާއިރުވެސް،” އަތުގަ އޮތް ތަށި ފާރާ ދިމާލަށް އެއްލާލަމުން އަހަރެން ބުނެލީމެވެ. ތަށި ތަޅައިން ދިޔަ އަޑަށް އަސަދު ސިހުނު ތަން އަހަންނަށް ފެނުނެވެ. އޭނައަށް ވީގޮތުން އަހަރެން ކުޑަކޮށް ދެރަވެސް ވިޔެއެވެ. އެކަމު މާބޮޑަށް ރުޅި އައިއްސަ ހުރީމަ އަހަރެން އޭނަ ހަމަޖައްސާކަށް ނޫޅެމެވެ.

“ނީނާ ހަމަޖެހިބަ” މަޑުމަޑުން އަސަދު ބުނެލިއެވެ. “އަހަރެން ބުނިންދޯ ނީނާ ވަރިކޮށްދޭނަމޭ. މިދުވަސްކޮޅު މަންމަ ބަލިވެ އުޅޭތީ މަންމަ ވިސްނަންޖެހޭ ވަރުގެ އެއްވެސް ކަމެއް ކުރަން އަހަރެން ބޭނުން ނުވާތީ އަދި ނުކުރަން މިހުންނަނީ. މަންމަ ރަށަށް ފޮނުވާލަފަ އަހަރެން ތިކަން ކޮށްދޭނަމޭ.”

މަޑުމައިތިރިކަމާއި އެކު އަސަދު އެހެން ބުނުމުން އަހަރެންގެ ރުޅި މަޑުވާން ފެށިއެވެ. ދެތިން ފަހަރު ފުންނޭވާއެއްލާފަ އަހަރެން އަސަދު ކައިރީ ގޮނޑީގަ ޖައްސަލީމެވެ.

“އަސަދު” މަޑުމަޑުން އަހަރެން ބުނެލީމެވެ. “އަހަންނަށް ކިހިނެއް މިވަނީ؟ މީދުވަހަކުވެސް އަސަދުއާ އަހަރެން ވާހަކަ ދެއްކި ގޮތެއް ނޫން. މިވަރަށް ރުޅިވެސް ނާދެ.” އަސަދު އަހަރެންގެ އަތުގައި ހިފާލިއެވެ. އެވަގުތު އަހަރެންގެ ގަޔަށް ކަރަންޓް އައިހެން ހީވިއެވެ. ވަގުތުން އަތް ދަމައިގަތީމެވެ.

“އަހަރެން ގައިގަ އަތްނުލާ” އަނެއްކާވެސް ރުޅިއައިސްގެން އަހަރެން ބުނެލީމެވެ. އެވަގުތު އަހަންނަށް އަސަދު ތުންތަޅުވާ ތަން ފެނުނެވެ. އޭނަ ކިޔަނީ ކޯއްޗެއް ކަމެއް އަހަންނަކަށް ނޭންގެއެވެ. އަހަރެންގެ ބޮލަށް ކުއްލިއަކަށް ތޫނު ތަދެއް އެރިއެވެ. ބޮލުގަ ދެއަތުން ހިފާފަ ވަރަށް ބާރަށް ހަޅޭއްލަވައިގަތީމެވެ. ދެން ވީގޮތެއް އަހަންނަކަށް ނޭންގުނެވެ.

“މިހާރު އެބައޮތް ނިދިފަ. ބޭބެ ބުނި ގޮތަށް އަހަރެން ކަންތައް ކުރީ. ރުޅިގަދަވީމަ ބޭބެ ބުނި އާޔަތްތައް ކިޔަވާލީ. ކިޔެވީމަ އެހެން އެވީ”

އަހަރެން ކަންފަތުގަ އަސަދުގެ އަޑު ޖެހުނެވެ. އޭނަ ބުނި ބަސްތަކުން އަހަރެން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަސަދު ކައިރިން ވަރިވާން އުޅޭތީ އޭނަ އަހަންނަށް ފަންޑިތަ ހަދަނީބާއޭ ހިތަށް އެރިއެވެ. އަހަރެން ލޯހުޅުވަން މަސައްކަތް ކުރީމެވެ. ނަމަވެސް ލޮލަށްވަނީ ފާޑެއްގެ ބަރު ކަމެއް އައިއްސައެވެ. އަތާއި ފައި ހަރަކާތްކޮށްލެވޭތޯ މަސައްކަތް ކުރީމެވެ. އެއްވެސް ގޮތެއް ނުވިއެވެ. ހީވީ ބަޔަކު އަހަރެން ގައިގަ ހިފަހައްޓައިގެން ތިބިހެންނެވެ. އަހަރެން ބިރުގަންނަން ފެށިއެވެ. ކުޑައިރުއްސުރެ ފަންޑިތަ ސިހުރުހަދާ މީހުންދެކެ ޖެހިލުންވެއެވެ. އެއިން މީހަކާ ވައިވެސް އެޅެން އަހަރެން ބޭނުމެއް ނުވެއެވެ. އަނެއްކާ އަސަދަކީ އޭގެ މީހެއް ބާއޭ އަހަރެން ހިތަށް އެރިއެވެ. އެކަމު އިނދެގެން 9 އަހަރު ވެގެން ދިޔައިރުވެސް މިކަހަލަ ކަމެއް ދިމައެއް ނުވެއެވެ.

“އޯކޭ އިތުރު ކަމެއް ދިމާވެއްޖެޔާ ބޭބެއަށް ގުޅާނަން. އޭނައަށް ކާމިޔާބުވިޔަކަ ނުދޭނަން. ލާހިކެއް ނޫން މަށާ ދުރުވާން”

އަސަދުގެ އެ ބަސްތަކުން އަހަރެންގެ ޝައްކު ޔަޤީނަށް ބަދަލުވަމުން ދިޔައެވެ. އޭނަ އަހަންނަށް ފަންޑިތަ ހަދަނީއެވެ. އަހަރެން ހަދާނެ ގޮތް ހުސްވިއެވެ. އެވަގުތު އަހަރެންގެ މާމަ އަބަދުވެސް ބުނާ ވާހަކައެއް ހަނދާންވިއެވެ.

“ދަރިފުޅާ، ދިރިއުޅުން ހައިޖާނުގަނޑަކަށްވެ ގޮތް ހުސްވާހިސާބަށް ދާދުވަހަކު ހާސްވެ ބިރުނުގަންނާތި. އަބަދުވެސް ހަނދާން ބަހައްޓާތި މި ދުނިޔެއަކީ އިމްތިހާނެއްކަން. ދިމާވާ ކޮންމެ ދައްޗަކާ ހިތާމައާ އުފާވެސް އެއީ އިމްތިހާނެއްކަން. ދަތިތައް ކުރިމަތިވުމުން އެކަމާ ޝަކުވާނުކޮށް އެދަތި މިންވަރު ކުރެއްވި ފަރާތައް އެނބުރޭ. އަދި އެކަމުން ސަލާމަތް ކުރުމަށް ދުޢާ ކުރޭ. ﷲ ހަނދުމަކުރާ އަޅުން ދޫ ނުކުރައްވާނެ. ހުރިހާ އެހީއެއް ލިބޭނީ އެފަރާތުން”

މާމަގެ ވާހަކަ ހަނދާންވުމުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މާމަގެ ފަރާތުން އަހަންނަށް ދަސްވެފަ ހުރި ދުޢާތައް ހިތުން ކިޔަންފެށީމެވެ. ކުރުސިން ފެށިގެން ހަށިރައްކަލަށް މާމަ ދަސްކޮށްދިން ހުރިހާ ދުއާތަކެއް ކީމެވެ. މަޑުމަޑުން އަހަންނަށް ހަރާކާތް ކުރެވެން ފެށުނެވެ. ފުރަތަމަ އަތުގެ ބޮޑުވައިއިނގިއްޔެވެ. ދެން ފައެވެ. އަދި މަޑުމަޑުން ލޯމަތީ އޮތް ބަރުކަން ލުއިވެ އަހަރެންގެ ލޯ ހުޅުވުނެވެ. ވަށައިގެން ބަލާލިއިރު އަހަރެން އޮތީ ކޮޓަރީގައެވެ. އަސަދު ހުރީ ކުޑަދޮރުކައިރީގައެވެ. އަހަރެން ލޯހުޅުވުނު ތަން ފެނުމުން އޭނަ އަހަރެން ކައިރިއަށް އައެވެ.

“ލޯބި އޯކޭތަ މިހާރު؟” ބޮލުގަ ފިރުމާލަމުން އޭނަ އަހާލިއެވެ. އަހަރެން އަނގައިންވެސް ނުބުނެ އޭނައާއި ދިމާލަށް ބަލަހައްޓައިގެން އޮތީމެވެ.

“ކިހިނެއްވީ؟” އަހަރެން ބަލަން އޮތީމަ އޭނަ އަހާލިއެވެ.

“ކާކު ގުޅީ؟” ޖަވާބު ދިނުމުގެ ބަދަލުގަ އަހަރެން ސުވާލެއް ކޮށްލީމެވެ. އަސަދު ބުމަ ގޮއްޖަހާލިއެވެ. އަހަންނަށް އަޑުއިވުނީ ކިހާވަރަކަށް ކަން އޭނާ އަށް ނޭންގުނީމައެވެ.

“ދޮންބެ ގުޅީ. ނީނާ އެނދުގަ ބޭއްވިތަނާ ގުޅީ. މަންމަ ބުނެގެންނޯ. ނީނާގެ ހަބަރެއް ނުވެގެން.”

އަހަރެން އިތުރު އެއްޗެއް ނުބުނަމެވެ. އަހަންނަށް އެއްވެސް އެއްޗެއް އިނގުނުކަމަކަށް އަހަރެން ނަހަދަމެވެ. އެކަމު އެވަގުތަށް ފަހު އަސަދުގެ ހުރިހާ ހަރަކާތެއްވެސް އަހަރެން ވަރަށް ކައިރިން ބަލަމެވެ. އޭނަ އަހަންނަށް ކާއެއްޗެއް ދިނަސް އަހަރެން ކުރުސި ކިޔާފަ ނުނީ ނުކަމަވެ. އަހަރެންގެ ހިތުތެރޭގަވާ ހުރިހާ ޝައްކުތަކެއް އަހަރެން ހިއްސާ ކުރީ އެންމެ މީހަކާއެވެ. އެއީ އޭނަގެ ފަހަރި ހަމްދޫނާއެވެ.

“ކޮއެ އަށް ޔަގީންތަ އޭނަ ފަންޑިތަ ހަދަނީކަން؟” ހަމްދޫނާ ހާސްވެފަ އަހާލިއެވެ. އަހަރެން އިނީ ގޭ ބެލަކަނީގަ ހަމްދޫނާއަށް ގުޅައިގެންނެވެ. އަސަދުވީ އޮފީހުގައެވެ.

“އެއްކޮށް ޔަގީނެއް ނޫން. ވަރަށް ބޮޑަށް ޝައްކުވޭ. އަސްލު އަހަރުން ދެމީހުން ދޭތެރޭ މައްސަލަ ޖެހެންފެށީ ތިރަށަށް ގޮއްސަ އައިފަހުން. އޭރު ހިތަކަށް ނާރާ މިކަހަލަކަމެކޭ” އަހަރެން ބުނެލީމެވެ.

“ކޮޔާ، ފަހަރެއްގަ ވެދާނެއެއްނު  މިރަށުމީހަކު ތި ދެމަފިރިން ދުރުކުރަން ކަމެއް ކުރީކަމަށް. މިއާއިލާ އާއި ނުލާހިކު ހަސަދަ ލާ މީހުން މިރަށުގަ އުޅޭ. އަސަދު މާލެ މީހަކާ އިނީމަވެސް އެންމެ ބޮޑަށް ޖޭ ވެގެން އުޅެނީ މިހިރަ ޖެހިގެން ހުރިގޭ ހަސީނާއްތައާ އޭނަގެ ފިރިހެން ދަރި. ވެދާނެ އެމީހުން ކުރާ ކަމަކަށްވެސް. ކޮއެ އެންމެ ފަހުން މިރަށަށް އައިސް ހުރިއިރު މަ ނުދާށޭ ކިޔަކިޔާ ހުއްޓާ އެގެއަށް ކާންވެސް ދިޔައިމެއްނު.”

ހަމްދޫނާ ފަތިވަރަކަށް ހުރިހާ އެއްޗެއް ކިޔާލިއެވެ. އޭނަގެ ވާހަކަތައް ކޮންމެސް ވަރަކަށް އަހަންނަށް ގަބޫލް ކުރެވުނެވެ.

“ކޮޔެ އަޅެ ބުނެބަލަ. މިރަށުން ދިޔަފަހުން އާދަޔާ ހިލާފު ކަންކަން ވާކަން ފާހަގަ ކުރެވޭތަ؟ މިސާލަކަށް ބިރުވެރި ހުވަފެން ފެނުމާ، މީހެއް ކައިރީގަ ހުންނަހެން ހީވުމާ، އަޅުކަމާ ދުރުވުމާއި އަސަދު ދެކެ ފޫހިވުން ކަހަލަ ކަންތައް؟”

ހަމްދޫނާ ބުނެލި ޖުމްލައިން އަހަންނަށް ސިހުން ލިބުނެވެ. އޭނަ އެކިޔައިދިނީ ވޭތެވެދިޔަ ދޮޅުމަސް ތެރޭ އަހަރެންގެ ދިރިއުޅުމުގަ ހިނގިހާ ކަންތައްތަކެވެ.

“ކޮޔަށް ތިހުރިހާ އެއްޗެއް އެނގުނީ ކިހިނެއް؟” ހައިރާންވެފަ އަހަރެން ސުވާލުކޮށްލީމެވެ. ހަމްދޫނާ ހޭންފެށިއެވެ. “ނަސްރިންތަކައިރިން ޓްރެއިން ވެފަ. ފަންޑިތަ ސިހުރުގެ ކަންތައް އޭނަ މަށަށް ވަރަށް ކިޔައިދެޔޭ. މަބުނާނެ ވާހަކައެއް ނެތް ކޮއެ އަވަހަށް ރުޤްޔާ ކުރާ މީހަކާ ވާހަކަ ދައްކާ. އަހަރެން ދެންތަ ރަނގަޅު މީހެއްގެ ނަމްބަރު؟”

އަހަރެން ވިސްނާލީމެވެ. ރުޤްޔަކުރާމީހުން ބައިވަރެވެ. އެކަމު އޭގެންވެސް ގިނައީ މަކަރުވެރިންނެވެ. އަމިއްލަ އަށްވެސް ކުރެވޭނެއެވެ. އެކަމު އަހަންނަށް މިހެން ވަނީ ކީއްވެތޯ ބަލަން އަހަރެން ބޭނުންވިއެވެ.

“އަހަރެން ދަންނަން މީހެއް. އެމީހާ ކައިރިއަށް ދާނީ.” އަހަރެން ބުނެލީމެވެ. ދެތިން މިނެޓް އިތުރަށް ވާހަކަ ދައްކާލާފައި އަހަރެން ފޯން ކަނޑާލީމެވެ. އަދި ފޯންގެ ކޮންޓެކްޓްސް ހުޅުވާލާފައި އަހަރެން ގުޅަންބޭނުންވާ މީހާގެ ނަމްބަރު ހޯދީމެވެ. ހަސަންބެ ޖަހާފަ އިން ނަމްބަރު ފެނުމުން އަހަރެން ވަގުތުން ގުޅާލީމެވެ. ހަސަންބެއަކީ އަހަރެންގެ މަންމަގެ އެއްބަނޑުއެއްބަފާ ބޭބެއެވެ. މަންމައަށް މީހެއްގެ ސިހުރު ޖެހުމުން މަންމަ އަށް ފަރުވާކުރުމަށް ހަސަންބެ ރާޤީ އަކަށްވީއެވެ. ނަމަވެސް މަންމަ އަށް ރަނގަޅަށް ފަރުވާ ނުދެވިގެން އުޅެނިކޮށް މިދުނިޔެއަށް އަލްވަދާޢުކީއެވެ. އަހަރެން ހަސަންބެ އަށް އިތުބާރު ކުރަމެވެ. ދުރު މީހެއް ކައިރިއަށް ދިއުމަށްވުރެ ލޭގެ ގުޅުން އޮންނަމީހެއްކައިރިއަށް ދިއުން ބުއްދިވެރިހެން އަހަންނަށް ހީވިއެވެ.

“ދަރިފުޅާ ހާދަ ދުވަހެއް ކޮށްލާފަ ތި ގުޅާލީ” ފޯން ނެގުމާއި އެކު ހަސަންބެ އަހާލިއެވެ.

“ބޭބޭ މިއުޅެނީ ވަރަށް ބޮޑު ކަމެއް ދިމާވެގެން. މިކަމުން ނިކުމެވޭނެ ގޮތެއް ނޭންގިގެން.” އަހަރެން ބުނެލީމެވެ.

“އަނެއްކާ ކިހިނެއްވީ؟” ހާސްވެފަ ހަސަންބެ އަހާލިއެވެ.

އަހަރެން ހަސަންބެއަށް ހުރިހާ އެއްޗެއް ކިޔައިދިނީމެވެ. ފެންނަ ބިރުވެރި ހުވަފެންތަކާ، އެކަނި ހުންނައިރުވެސް މީހެއް ކައިރީގަ ހުންނަކަމުގެ އިހްސާސްވުމާ، ގައިގެ ތަންތަނުގައި ބައެއް ފަހަރު ރަތްކުލައިގެ ނިޝާންތަކެއް ހުންނަކަމާ އަދި އަހަންނާ އަސަދުގެ ދެމެދު ޖެހޭ މައްސަލަތަކާ އަނބިފިރިކަމުގެ އެއްވެސް ގުޅުމެއް ނުހިނގާތާ ދޮޅުމަސް ވީވާހަކައެވެ.

“ހަސަންބޭ؟” އަހަރެންގެ ވާހަކަ ނިމުމުން ހަސަންބެގެ އެއްވެސް އަޑެއް ނީވުނީމަ އަހަރެން ގޮވާލީމެވެ.

“ދަރިފުޅާ، ބޭބެ މިކުރާ ސުވާލުތަކަށް ޖަވާބު ދީބަލަ އިނގޭ. ތިހުރިހާ ގޮތެއްވާތާ ތިބުނީ ވީ ދޮޅުމަހޭ. އެއީ ދަރިފުޅު އަސަދުގެ ރަށުން އައިފަހުންނޭ. ރަށުގަ ހުރިއިރު އެއްވެސް އާދަޔާ ހިލާފު ކަމެއްވިތަ؟”

ރަށު ވަލުތެރޭ ދިމާވި ހާދިސާ އަހަރެން ހަސަންބެ އަށް ކިޔައިދިނީމެވެ. އެއަށްފަހު އަނެއްކާވެސް ހަސަންބެ އިތުރު ސުވާލުތަކެއް ފުލުފުލުގަ ކުރިއެވެ. ރަށުގަ ހުރި އިރު މިހާރުވާ އެއްވެސް ގޮތެއްވޭތޯއާއި ހުވަފެނުގަ ފެންނަނީ ކޮންއެއްޗެއްތޯ އާއި އަސަދު އާއި ކައިރިވީމަ ވަނީ ކިހިނެއްތޯ ސުވާލު ކުރިއެވެ.

“ބޭބެ އަށް ކޮންމެވެސް ވަރަކަށް އެބަ އިނގޭ  މިހާރުތިވާގޮތް. އެކަމު އަދިވެސް ޔަޤީންކޮށްލަން ބޭނުން. ދަރިފުޅު ކޮޓަރިއަށް ގޮސް އެނދުގަ އޮށޯވެލަބަ. ދެން ފޯން ލައުޑްސްޕީކަރ އަށްލާފަ ކައިރީ ބާއްވާފަ ލޯމަރާލައިގެން އޮވެބަލަ. މިގަޑީ އެއްވެސް މީހެއް އަންނާނެތަ؟”

“ނޫން” ކޮޓަރިއަށް ވަންނަމުން އަހަރެން ބުނެލީމެވެ. “އަސަދުވެސް އަންނަނީ ދެން މިރޭ”

“ރަނގަޅު. މިހާރު އޮށޯވެވިއްޖެތަ؟”

“އާން. ފޯން މިއޮތީ ލައުޑްގަ ކައިރީގަ”

“އެންމެ ރަނގަޅު. ބޭބެ މިހާރު މިއުޅެނީ ކިޔަވާލަން. ބޭބެ ކިޔަވަމުން ދާގަޑީގަ އެއްވެސް އުނދަގުލެއް ވަންޏާ ބުނެލާތި އިނގޭ. ފަށަނީ”

ހަސަންބެ ކިޔަވަން ފެށުމުން އަހަރެން ކުޑަކޮށް ހަމަޖެހިލީމެވެ. ހިތުގަ ކޮންމެވެސް ވަރަކަށް ބިރުވެރިކަމެއް އުފެދިފައޮތަސް ހަސަންބެގެ ކިޔެވުމުގެ އަޑުން ހަމަޖެހުން ލިބެމުން ދިޔައެވެ. އަހަންނަށް އެއްވެސް އުނދަގުލެއް ނުވެއެވެ. ކިޔަވަން ފެށިތާ 10 ވަރަކަށް މިނެޓްވިތާ އަހަރެންގެ ބޮލަށް ތަދުވާން ފަށައިފިއެވެ. ދެން މަޑުމަޑުން ފައިކޮޅުން ފެށިގެން ފާޑެއްގެ ތޫނު ދިލައެއް އަރަން ފެށިއެވެ. މުޅިގައިވެސް ހިރުވަން ފެށިއެވެ. ހަސަންބެގެ އަޑު އަހަންނަށްވީ ބޮޑުވޭނަކަށެވެ. ކޮންމެ ކަލިމައަކުން ހީވަނީ އަހަރެންގެ ބޮލުގަ މަރުތެޔޮލަކުން ޖަހާހެންނެވެ.

“ބޭބޭ ހުއްޓާލާ” އަހަންނަށް ވަރަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު ބޮލަށް ތަދުވާވަރުން ރޮވެނީއެވެ. އަހަރެން ހަޅޭއްލަވައިގަތުމުން ހަސަންބެ ކިޔެވެލި ހުއްޓާލިއެވެ. އަދި އިރުކޮޅެއްވަންދެން އަނގައިން ނުބުނެ ހުއްޓެވެ. ހަސަންބެ ކިޔެވުން ހުއްޓާލުމާއި އެކު އަހަންނަށް އައި ބަދަލުތައްވެސް ހުއްޓުނެވެ.

“ދަރިފުޅާ. ރަނގަޅުތަ؟” ހަސަންބެ އެހެން އަހާލިއިރު އަޑުގަ ކޮންމެވެސް ހާސްކަމެއް ހުރިކަން އަހަންނަށް ފާހަގަ ވިއެވެ.

“މިހާރު އޯކޭ.” މަޑުމަޑުން އަހަރެން ބުނެލީމެވެ. ހަސަންބެ ފުން ނޭވާ އެއް ދޫކޮށްލިއެވެ.

“ދަރިފުޅާ، ބޭބެ އަދި ބޭނުން ދެ އާޔަތެއް ކިޔަވާލަން. ކިތައްމެ އުނދަގޫވިޔަސް ކެތްކޮށްލައިގެން ހުރެވިދާނެތަ؟” އަހަރެން އާއެކޭ ބުނުމުން ހަސަންބެ އަނެއްކާވެސް ކިޔަވަން ފެށިއެވެ. ކިޔެވުމުގެ އަޑުޖެހުމާއެކު ކުރިން ބޮލަށް އެރި ތަދު އަނެއްކާވެސް އެނބުރިއައެވެ. ގައިން ދިލަވެސް ނަގަން ފެށިއެވެ. އެކަމު މިފަހަރު އަހަރެން އެއްވެސް އެއްޗެއް ނުބުނެ އޮތީމެވެ. ހަސަންބެ ކިޔެވީ ގާތްގަނޑަކަށް 5 ވަރަކަށް މިނެޓަށެވެ. ނަމަވެސް އަހަންނަށް ހީވީ 5 ގަޑިއިރުހެންނެވެ.

“ކޮބާ ކިހިނެއްވީ؟” ހަސަންބެ ސުވާލުކޮށްލިއެވެ. އަހަރެންނަށް އޭރު މައިނޭވާލެވެނީއެވެ. ހިންދުރުވާލާފަ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރީމެވެ.

“ވަރަށް….ވަރަށް އުނ…އުނދަގޫ…ވި” އަހަރެން ބުނެލީމެވެ. އިރުކޮޅެއް ވަންދެން އެއްޗެކޭ ނުބުނެ ހުރެ ހަސަންބެ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“އަސަދު އަންނާނީ ކިހާއިރަކު؟” ބޭބެ އަހާލިއެވެ.

“މިރޭ 8 ޖަހާއިރު އޭނައަށް އާދެވޭނީ.” އަހަރެން ޖަވާބު ދިނީމެވެ.

“އެހެންވިއްޔާ ބޭބެ އެގަޑިއަށް ދާނަން. ތިދެކުދިން އެކީ ބައިތިއްބައިގެން ބޭބެ ވާހަކަ ދައްކަން ބޭނުންވަނީ. މިކަމުގަ އަސަދުގެ އެހީތެރިކަން ދަރިފުޅަށް ބޭނުންވާނެ. އެހެންވީމަ މިރޭ ދިމާވާނަން އިންޝާ ﷲ. ވަރަށް ސަލާމް”

ފޯން ކަނޑާލުމަށްފަހު އަހަރެން ކުޑައިރުކޮޅެއް ވަންދެން ލޯމަރާލައިގެން އޮތީމެވެ. ބޭބެ ކިޔެވިއިރު ބޮލަށް އެރި ތަދު މަޑުމަޑުން ފިލަންފަށައިފިއެވެ. އެހެން އޮވެވުނީ ކިހާއިރަކު ކަމެއްވެސް ނޭންގެއެވެ.

ކުއްލިއަކަށް ކޮޓަރި ބޭރުން އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. އަހަރެން ފުއްމައިގެން އެނދުން ތެދުވީމެވެ. ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. މަޑުމަޑުން ދޮރާ ދިމާލަށް ދިޔައީމެވެ. އެކަމު ދޮރު ހުޅުވާކަށް ނުކެރުނެވެ. އަނެއްކާވެސް އަޑެއް އިވެން ފެށިއެވެ. ފައިދަމަމުން މީހަކު ހިނގާ އަޑެވެ. އަހަރެން ބިރުގަންނަން ފެށިއެވެ. އެކަނި ގޭގަ ހުއްޓާ މިވަނީ ކީއްބާއެވެ. އަހަރެން އަވަހަށް ގޮސް އެނދުމަތީ އޮތް ފޯން ނަގާ ގުރުއާން ޖަހާލީމެވެ. ޤުރުއާންގެ އަޑުން ބޮލަށް ކިތަންމެ އުނދަގޫވިޔަސް އަހަރެން ކެތް ކުރީމެވެ. ޤުރުއާން ޖެހިފަހުން އަޑު އަޑު އިވުން ހުއްޓިއްޖެ އެވެ. އަހަރެން ހަމަޖެހިލާފަ އެނދުގަ ޖައްސާލީމެވެ.

ރޭގަނޑު ގަޑިން ބަރާބަރު 8 ޖެހިތަނާ އަސަދު ގެއަށް އައެވެ. އޭނަގެ މޫނުމަތިން ވަރުބަލިކަން ފެންނަން ހުއްޓެވެ.

“ބޭބެ ނާދޭތަ އަދި؟” އޭނަ ސުވާލުކޮށްލިއެވެ. އަހަރެން ބޯޖަހާލީމެވެ. ބޭބެ އަންނަ ވާހަކަ އަހަރެން އަސަދުއަށް ގުޅާފަ ބުނީމެވެ. އަދި އަވަހަށް އައުމަށް އެދުނީމެވެ. އަސަދު އައިސް އެނދުގަ ޖައްސާލިތަނާހެން ބޭރު ދޮރުގަ މީހަކު ޓަކި ދިނެވެ. އަހަރެން އަވަހަށްގޮސް ހުޅުވާލިއިރު ހަސަންބެ ހުއްޓެވެ. ވަންނާށޭ ކިޔާފަ އަހަރެން އަސަދުއަށް ގޮވާލާފައި ހަސަންބެ އައިވާހަކަ ބުނެލީމެވެ.

ހަސަންބެ ސިޓިންގް ރޫމް ސޯފާގަ އިށީންދެލާފަ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އެއްޗެއް ހޯދަން އުޅޭހެން ހީވިއެވެ.

“ހަސަންބެ” އަހަރެން މަޑުމަޑުން ގޮވާލީމެވެ. ހަސަންބެ އަހަންނާ ދިމާލަށް ބަލާލާފައި ހީލިއެވެ.

“ދަރިފުޅާ ހާސް ނުވޭ. މާބޮޑުކަމެއް ނޫން މީ” ހަސަންބެ އަހަރެން ހަމަޖައްސާލަން ބުނެލިއެވެ. އަސަދު ކޮޓަރިން ނިކުމެ ހަސަންބެއަށް ގޮވާލާފައި އަހަރެންކައިރީ ސޯފާގަ ޖައްސާލިއެވެ.

“ހަސަންބެ މިދައްކާވާހަކަ ދެކުދިން ރަނގަޅަށް އަޑުއަހައްޗޭ.” ހަސަންބެ ވާހަކަ ދައްކަން ފެށިއެވެ. “ނީނާ ކިޔައިދިން ވާހަކަ ތަކުންނާއި ބޭބެ ކިޔެވި ވަގުތު ނީނާ އަށްވި އުނދަގޫ ތަކުން ވެގެން އުޅޭ ގޮތް ހަސަންބެއަށް ވަރަށް ރަނގަޅަށް އިނގުނު.” ހަސަންބެ އަހަންނާ ދިމާލަށް ބަލާލިއެވެ. “އެގަޑީ ބޭބެ އެއްވެސް އެއްޗެއް ނުބުނީ އަސަދު އާއި ދެކުދިން ބައިތިއްބައިގެން މިވާހަކަ ދައްކަން.” އަހަރެން އަސަދު އާއި ދިމާލަށް ބަލާލީމެވެ. އޭނަގެ މޫނުމަތިން ކުޑަ ހާސްވުމެއް ފެންނަން ހުރިހެން އަހަންނަށް ހީވިއެވެ. އޭނަ ކުރަމުންދާ ކަންތައް ފަޅާ އަރާފާނެތީ ބިރުން އިނީއޭ އަހަންނަށް ހީވިއެވެ.

ހަސަންބެގެ ވާހަކަ ކުރިއަށް ގެންދިއައެވެ. “ނީނާ ބުނީމެއްނު ވަލު ތެރެއިން ހިޔަންޏެއް ނީނާ ފަހަތުން އުޅުނީއޭ ދޯ؟ އަސްލު ނީނާ އަށް ތިވާ ހުރިހާ ކަމަކީ އޭގެ ސަބަބުން ވާކަންކަން. އޭތި ވަނީ ނީނާ އާއި ހިތާވެފަ. އަޅައިގަނެފެ.” ހަސަންބެ ބުނެލި ޖުމްލައިން އަހަރެންގެ ނޭވާ ހޮޅި ބެދުންކަހަލައެވެ. ނޭވައެއް ނުލެވުނުވެ. މެއަށް ބަރުވާން ފެށިއެވެ. އަހަންނަށްވީގޮތް ފެނިފަ އަސަދު ވަގުތުން ފެންގެނެސް އަހަރެންގެ މޫނުމަތީ ހާކާލިއެވެ. އަދި ހަސަންބެވެސް މަޑުމަޑުން ކިޔަވާލިއެވެ.

“އަ..އަ..އަޅައި..ގަންފައޭ؟” އުނދަގުލުން އަހަރެން ބުނެލީމެވެ. ހަސަންބެ ބޯޖަހާލިއެވެ.

“ރުޤްޔާ ކުރާއިރުގަ ކިޔަވާ ވަކި އާޔަތްތަކެއް ހުންނާނެ. އެއީ ތިން ކަމެއް ޔަޤީންކުރަން. އުނދަގޫވާ މީހާއަށް އުނދަގޫވަނީ ސިހުރުގެ ކަމަކުންތޯ ހަސަދަ އެސްފީނާއިންތޯ ނުވަތަ ޖިންނުލް ޢާޝިޤު ސަބަބުންތޯ. ބޭބެ އާޔަތްތައް ކިޔަވަމުން ދިޔައިރު ދަރިފުޅަށް އުނދަގޫވާން ފެށީ ޖިންނިއެއްގެ އުނދަގޫ ޖެހިފަވޭތޯ ބަލަން ކިޔެވި އާޔަތްތައް ކިޔެވި ތަނާ”

ހަސަންބެ ވާހަކަ ހުއްޓާލުމުން އަހަންނާ އަސަދު އާއި ދެމީހުން ތިބީ ދެލޯ ބޮޑުވެފައެވެ. ބުނާނެ އެއްޗެއް ނޭންގުނެވެ.

“ޖިންނުލް ޢާޝިޤު އަކީ ކޯޗެއް؟” އަސަދު މަޑުމަޑުން އަހާލިއެވެ.

“އެއީ އިޝްޤީ ޖިންނި.” ހަސަންބެ ބުނެލިއެވެ. އަހަންނާ ދިމާލަށް ބަލާލަމުން އަނެއްކާވެސް ހަސަންބެ ސުވާލެއް ކޮށްލިއެވެ.

“ދަރިފުޅާ ބުނެބަލަ. ހަމްދޫނާގެ ސިފައިގެ އޭތި ދަރިފުޅު ކައިރިއަށް އައުމުގެ ކުރިން އެއްވެސް ކަމެއް ދިމާވިތަ؟ ރަނގަޅަށް ވިސްނާލަބަލަ. ކިތައްމެ ކުޑަ ކަމެއްވިޔަސް އަޅެ ހަނދާންކޮށްލަބަލަ”

އަހަރެން އެދުވަސް ހަނދާނަށް ގެންނަން މަސައްކަތް ކުރީމެވެ. ނަމަވެސް އެހާދިޘާގެ ކުރިއަށް ދިމާވި އެއްވެސް ކަމެއް އަހަރެންގެ ހަނދާނަކަށް ނުގެނެވުނެވެ.

ކުއްލިއަކަށް އަހަރެންގެ ބޮލަށް ތޫނު ތަދެއް އެރިއެވެ. އަހަރެން ބޮލުގަ ދެއަތުން ހިފާފާ ހަޅޭއްލަވައިގަތީމެވެ. ކުރިމަތީގަ އިން އަސަދު އާއި ހަސަންބެ ރަނގަޅަށް ނުފެނެއެވެ. މޫނުމައްޗަށް އަނދިރިވެ ދެން ވީގޮތެއް އަހަންނަކަށް ނޭންގުނެވެ.

“ނީނާ، ނީނާ” އަހަންނަށް މީހަކުން ވަރަށް މަޑުމަޑުން ގޮވާ އަޑު އިވުނެވެ. އަހަރެން ލޯ ހުޅުވަން މަސައްކަތް ކުރީމެވެ. އެކަމު ލޯ ކީއްކުރަން ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ހަލުވައެއް ނުލެވުނެވެ. ކުއްލިއަކަށް އަހަރެންގެ މޫނުމަތީ މީހަކު ތެތް އެއްޗެށް ކާއްތާލިއެވެ.

“ނީނާ ލޯ ހުޅުވާލަބަ” އެއީ އަހަރެން ނުދަންނަ އަޑެކެވެ. ހަސަންބެގެ އަދި އަސަދުގެ ވެސް އަޑެއް ނޫނެވެ. އަހަރެން މަޑުމަޑުން ލޯހުޅުވާލީމެވެ. ފުރަތަމަ ހުރިހާ ތަނެއް ފެންނަނީ ފުސްކޮށެވެ. އަހަރެންގެ އަތް ހަރަކާތް ކުރެވޭތޯ ބެލުމަށް ފަހުން އަތުން ލޯ ފުހެލީމެވެ. މަޑުމަޑުން އަހަރެންގެ މާހައުލް ފާޅުވާން ފެށިއެވެ. އަހަރެންނަށް އޮވެވުނު ތަން ފެނިފަ ފުއްމައިގެން ތެދުވީމެވެ. ބިރުން ހުރެ އެކި ކޮޅުކޮޅަށް ނަޒަރު ހިންގާލީމެވެ. މި ބޮޑު ވަލުތެރެއަށް އަހަންނަށް އާދެވުނީ ކިހިނެއްހެއްޔެވެ.

“ބިރުނުގަނޭ. މިތަނުން ނީނާއަކަށް ގެއްލުންދޭނެ އެއްވެސް މީހެއްވެސް އެއްޗެއްވެސް ނޯންނާނެ”  އަޑު އައީ އަހަރެންގެ ފަހަތުން ކަމުން ބިރުން ހުރެ އަހަރެން ފަހަތް ބަލާލީމެވެ.

އަހަރެންގެ ދެލޯ ބޮޑުވިއެވެ. ކުރިމަތީގައި ހުރީ އަހަރެން ދުވަހަކުވެސް ނުދޭކޭހާ ރީތި އަންހެނެކެވެ. ހުދާ ކަޅުކުލައިގެ ދިގު ދިގު އިސްތަށިގަނޑެކެވެ. އާދަޔާ ހިލާފަށް ދޮން މޫނެކެވެ. ލައިގެން ހުރި ދިގު ކަޅުހެދުން ވިދާލަ ވިދާލަ ހުއްޓެވެ. މިހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަންނަށް ފާހަގަވީ އޭނަގެ ލޮލެވެ. ރީތި ގަދަ ފެހިކުލައެކެވެ. އެލޮލުގެ ސަބަބުން އޭނާގެ ރީތި ކަން އިތުރަށް ފުރިހަމަވެއެވެ.

“ތީ…ތީ ކާކު؟” ތުރުތުރު އަޅަމުން އަހަރެން އެހީމެވެ. އެއަންހެން މީހާ ހީލިއެވެ.

“އަހަންނަށް ކިޔަނީ ސުހައިރާ. އަހަންނަކީ ޖިންނިއެއް” އަހަރެންގެ ފައިދަށުން ބިންގަންޑު ކަހާލިހެން ހީވިއެވެ.

“ޖި..ޖި..ޖިންނި؟” އަހަންނަށް އެލަފްޒު ނެރެވުނީ ވަރަށް ހާލުންނެވެ. އެއަންހެން މީހާ އަހަންނާ ދިމާލަށް ހިނގައިގަތެވެ. އަހަރެން ބިރުން ފަހަތަށް ޖެހެމުން ޖެހުމުން ގޮސް ބިންމަތީގައި އޮތް އެއްޗެއްގައި އަޅައިގެންފައި ވެއްޓުނެވެ. އަހަރެން ވެއްޓުމުން އެއަންހެން މީހާ ހުއްޓުނެވެ. އަދި ބިންމަތީގައި އިށީންދެލިއެވެ.

“ބިރުނުގަނޭ ނީނާ. އަހަރެން ނީނާއަކަށް އެއްވެސް ގެއްލުމެއް ނުދޭނަން. އަހަރެން ބޭނުންވަނީ ނީނާ އާއި ވާހަކަ ދައްކާލަން. ނީނާއަށް އިނގެންޖެހޭ ބައެއް ކަންކަން އެބަހުރި.”

އަހަރެންވެސް މަޑުމަޑުން އިށީންދެލީމެވެ. “ކޮންވާހަކައެއް؟ ތީކާކު؟” އަހަރެން ސުވާލު ކުރީމެވެ.

ސުހައިރާގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަދި އަހަރުމެން ތިބި ވަލުތެރެއަށް ނަޒަރު ހިންގާލިއެވެ.

“މިއީ ކޮންތަނެއްކަން އިނގޭތަ؟” އޭނަ ސުވާލުކޮށްލިއެވެ. އަހަރެންވެސް ވަށައިގެން ބަލައިލީމެވެ. އަހަރެންގެ މުޅި އުމުރުގަވެސް ވަނީ އެންމެ ވަލަކަށެވެ. އެއީ އަސަދު މެން ރަށުގެ ވަލަށެވެ. އެކަމު އެވަގުތު އަހަންނަކަށް އަހަރެން އިންތަނެއް ނޭންގުނެވެ.

“ނޭންގެ” އަހަރެން ކުރުކޮށް ޖަވާބު ދިނީމެވެ.

“މިއީ އަހަންނާއި ނީނާ އާއި ދިމާވި ތަން. ނީނާ ދަރުކޮށަން އައިސް އުޅުނު ދުވަހު”

އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. އެ ބިރުވެރި ދުވަސް އަހަރެންގެ ލޯ ކުރިމައްޗަށް ސިފަވާން ފެށިއެވެ. ހަމްދޫނާގެ ސިފައިގަ ހުރި ކަޅު ހިޔަންޏާ ނަސްރިންތަ އޭތި މައިތިރި ކުރަން ކުރި މަސައްކަތެވެ.

“އަހަންނަށް އިނގޭ ނީނާގެ ހިތަށް އަންނާނީ ކަޅު ހިޔަނިކަން. އެކަމު އޭގެ މާކުރިން އަހަންނާ ނީނާ އާއި ދިމާވި” ސުހައިރާ ބުނެލިއެވެ.

އަހަރެން ބުމަ ގޮއްޖަހާލީމެވެ. އަހަރެން ހަނދާންވާގޮތުން އެދުވަހު އެވަލުތެރެއިން އިތުރު މަހުލޫގަކާއި ދިމާ ނުވެއެވެ.

“ގޮތް ގޮތަށް ނާންބުރާ ތިދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ. ކަލޭ ބޭނުންވާ ކަންތައް ވެސް ބުނެބަލަ” އެމޭރުމުން ވާހަކަ ދައްކަން އަހަންނަށް ކެރުނު ގޮތް ވެސް އަހަންނަކަށް ނޭންގުނެވެ. އެނގުނުހާވެސް އެއްޗަކީ އަނެއްކާވެސް އަހަރެންގެ ބޮލަށް ތަދެއް އަރަން ފަށާފަވާކަމެވެ.

ސުހައިރާ އަށް ވެސް އަހަންނަށް އުނދަގުލެއް ވާކަން އިހްސާސް ވި ކަހަލަ އެވެ. އޭނަ ވާހަކަ ފެށިއެވެ.

“އަހަންނާ ނީނާއާއި ދިމާވީ ނިނާ އެރަށު ވަލަށް ވަންދުވަހު. ހަނދާންވޭތަ ވަލުތެރެއަށް ވަދެގެން ދިޔައިރު ކަށިކެޔޮ ގަހެއް ކައިރީ އަނިޔާވެފަ އޮތް ކަޅު ބުޅަލެއް؟”

އަހަރެން ހަނދާންވިއެވެ. އަހަރެން ވަލުތެރޭ ވަކި ހިސާބަކަށް ދިޔަތަނުން ބުޅަލެއް ގޮވާ އަޑު އިވުނުވެ. އަހަންނަށް ފެނުނީ ގަހެއްގެ ބުޑުގަ ލެއިން ތަތްތެޅިފަ އޮތް ބުޅަލެކެވެ.

“ނީނާ އަހަރެން ކައިރިއަށް އައިސް ފުރަތަމަވެސް ސަލާމް ދިނީ. އަހަންނަކީ މުސްލިމް ޖިންނިއެއްނޫން އެކަމު އަހަރެންގެ ގަބީލާގަ މުސްލިމް ޖިންނިން އުޅޭ. އެމީހުންވެސް އަހަންނާ ދިމާވީމަ އެގޮތަށް ސަލާމް ދޭނެ. އެހެންވެ ނީނާ އެގޮތަށް ކަންތައް ކުރުމުން އަހަންނަށް އިހްސާސްވި އަހަރެންނަށް ހެޔޮ އެދޭ އަހަރެންގެ ގަބީލާ ޖިންނިއެއްހެން.” ސުހައިރާގެ ވާހަކަ މެދުކަނޑާލާފަ ފުންނޭވާއެއްލިއެވެ. އޭނާއަށްވެސް އުނދަގޫ ތަކެއް ވާހެން އަހަންނަށް ހީވިއެވެ. އޭނާ މަޑުމަޑުން ބޯހޫރުވާލާފައި އަނެއްކާވެސް ވާހަކައިން ކުރިއަށް ދިޔައެވެ.

“ނީނާ އެވަގުތު އަހަންނަށް ދެއްކި އޯގާތެރިކަން އަހަރެން ދުވަހުކުވެސް ހަނދާނެއް ނުނެތޭނެ. އަހަންނަށް ފެންދީ އަހަރެންގެ ޒަހަމްތަކަށް ފަރުވާދިން. އަހަރެންނަށް އެހާލު ޖެހިފަ އޮތީ އިދިކޮޅު ގަބީލާ އަކުން އަހަންނަށް ހަމަލާ ދިނީމަ. އެވަގުތު އެގަބީލާގެ ޖިންނިތައް އެތަނަށް އަންނަތަން އަހަންނަށް ފެނުނު. އަހަންނަށް އިނގޭ ނީނާ ސަލާމަތް ކުރަން ޖެހޭނެކަން. އަހަންނަށް އެހީ ވުމަށްފަހު ނީނާ ވަލުތެރެއަށް ވަދެގެން ދިއުމުން އަހަރެންގެ އަސްލު ސިފަޔަށް ބަދަލުވެގެން ނީނާ ފަހަތުން އަހަރެން ދިޔައިން. އެވަގުތު އަހަރެން ހޯދަމުން އަހަރެންގެ ގަބީލާގެ އެހެން ޖިންނިތައް އެތަނަށް އެއްވި. ވީގޮތް އެމީހުންނަށް ކިޔައިދީފައި ދުޝްމަން ގަބީލާގެ ޖިންނީންގެ ފަރާތުން ނީނާ ސަލާމަތް ކުރަން ޖެހޭނެ އޭ ކިޔާފަ އަހަރެން ނީނާ ފަހަތުން ދިޔައީ، އެމީހުން ދުޝްމަން ގަބީލާއަށް ކުރިމަތިލާން ދޫކޮށްލާފައި.

އަހަރެން ނީނާގެ ފަހަރީގެ ސިފަ ޖެހިގެން ނީނާ އާއި ބައްދަލު ކުރީ. ނީނާއަށް އެއްވެސް ގެއްލުމެއް ދޭކަށް ނޫން. ނީނާ ރައްކާތެރި ކުރުމަށް. އެކަމު އެވަގުތު ދެން އެތަނަށް އައި އަންހެން މީހާ ކިޔަވަން ފެށިއެއްޗަކުން އަނެއްކާވެސް އަހަންނަށް ތަދާއި ވޭނާ އިހްސާސް ކުރަން ޖެހުނު. އަހަރެންގެ އަސްލު ސިފަޔަށް ބަދަލުވާން މަޖުބޫރުވި. އޭނަ އެކިޔެވި އެއްޗެއް ހުއްޓުވަން އަހަރެން ބަލިވީކަމަށް ހެދިގެން އެތަނުން ގެއްލުނީ. އެކަން ނުކުރިނަމަ އަހަރެން ވަރަށް ވޭނުގަ އުޅެން ޖެހޭނެ ކަން އިނގޭތީ.”

ސުހައިރާ ވާހަކަ މެދުކަނޑާލާފައި އަނެއްކާވެސް ފުން ނޭވާއެއްލިއެވެ. އޭނަގެ މޫނުމައްޗަށް ބަދަލުތަކެއް އަންނަމުން ދާކަން އަހަންނަށް ފާހަގަވިއެވެ. އޭނަ ދެއްކި ވާހަކަ ތަކުން އަހަރެން ހުރީ އަޖައިބު އަންތަރީސްވެފައެވެ. ބުޅަކަލީ އަހަރެން ވަރަށް ލޯބި ކުރާ އެއްޗެކެވެ. ބުޅާ ގޮވާ އަޑު އިވެންޔާ އަހަންނަކަށް އޭގެ ކައިރިއަށްގޮސް އެހީ ނުވެ ނުހުރެވެއެވެ. އެދުވަހުވެސްވީ ހަމަ އެހެންނެވެ. އަހަންނަށް ފެނުނީ ޖިންނި އެއްނޫނެވެ. ބުޅަލެކެވެ.

“ތިކިޔައިދިން ވާހަކައާއި މަށާ ދިމާވެގެން މިއުޅޭ ކަންތައްތަކާއި ހުރި ގުޅުމަކީ ކޮބާ؟ ހަސަންބެ ބުނީ އަހަރެންގެ ފަހަތުން އިޝްގީ ޖިންނިއެއް އުޅެނީއޭ. ތީތަ އެޖިންނިއަކީ؟ އަހަންނަށް ގެއްލުމެއް ދޭން ބޭނުންނުވާ މަހުލޫގެއް ކީއްވެގެން އަހަރެންގެ ފިރިމީހާއާއި ދެމެދު މައްސަލަ ޖައްސުވަނީ؟” ފަތިވަރަކަށް އަހަރަން ސުވާލުތައް ކޮށްލީމެވެ.

ސުހައިރާ ހޭންފެށިއެވެ.

“ކަލޭމެން އިންސާނުންވެސް ދޯ. ދުނިޔެމަތީ ލައްވާފަ އޮންނަނީ ހަމައެކަނި އިޝްޤީ ލޯބިތަ؟ އެނޫން ލޯތްބެއް ކަލޭމެންނަށް ނޭންގެނީތަ؟ އަހަރެން ނީނާ އާއި އަޅައިގަތީއެއްނޫން. އަހަރެން ހިތުގަ ނީނާއާއި ދޭތެރޭ ހަމްދަރްދީ އެއް އުފެދުނީ. އަހުވަންތަކަމެއް އިހްސާސްވީ. އެވަގުތު އަހަރެން ނިންމީ ނީނާ އަށް ދިމާވާ ކޮންމެ ކަމަކުން ނީނާ ސަލާމަތް ކުރަން. ނީނާ މާލެއައުމުން ނީނާ އާއި އެއްކޮށް އަހަރެން މާލެ އައިން. ނީނާ ގެއަށް އައި ފުރަތަމަ ދުވަހު އަހަންނަށް ފެނުނީ ނީނާ ފިރިމީހާ ނީނާ ދިމާލަށް އެއްޗެހި ކީތަން. ދެން ފެނުނީ ނީނާ ރޯން އިންތަން. އަހަންނަށް އެތަން ބަލަން ކެއްނުވީ. އެހެންވެ އަހަރެން ގަސްދު ކުރީ ނީނާ ފިރިމީހާ އާއި ނީނާ ދުރުކުރަން.”

އެބުނި ދުވަހެއް އަހަރެންގެ ހަނދާނަށް އައެވެ. އަހަރެން ރަށުން މާލެ އައި ދުވަހު އަސަދު ހުރީ އޮފީސް ކަމެއްގަ ކަންބޮޑުވެފައެވެ. އަހަރެން ބަލާ ނުދިޔަ ޝަކުވާ ކުރުމުން އޭނަ އެއްޗެހި ކީއެވެ. އެކަމު ފަހުން އެކަމަށް އޭނަ އަހަރެން ކައިރިން މާފަށް އެދުނެވެ.

“ކަލެއަކަށް އެއްވެސް ހައްގެއް ނެތް އެކަން ކުރާކަށް. އަހަންނަށް ރައްކާތެރިކަން ދޭކަށްވެސް ކަލެއަކަށް ނުޖެހޭނެ. އަހަންނަށް ރައްކާތެރިކަން ދޭނީ އަހަރެންގެ އިލާހު. އެނޫން ފަރާތަކުން އަހަރެން ރައްކާތެރި ކަމެއް ނުހޯދާނަން” ރުޅި އައިސްގެން އަހަރެން ބުނެލީމެވެ.

ސުހައިރާ ކުޑައިރުކޮޅެއް ވަންދެން އަހަންނާ ދިމާލަށް ބަލަން ހުއްޓެވެ. އޭނަގެ ލޮލުން ކަރުނަ ހިލޭތަން އަހަންނަށް ފެނެއެވެ.

“މާފުކުރޭ. އަހަންނަށް ކޮށްދިން ހެޔޮ ކަންތަކުގެ ބަދަލު ދޭން އަހަރެން ބޭނުންވީ. އިހްސާސެއް ނުވޭ އަހަރެން މިކުރާ ކަންކަމުން ނީނާ އަށް ގެއްލުން ވާކަމަކަށް”

ސުހައިރާ ކުއްލިއަކަށް އޭނަގެ ބޮލުގަ އަތްއަޅާފަ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ.

“ނީނާ ބޭބެ އެކިޔަވަނީ އަހަރެން މަރަން. އަހަންނަކަށް މާގިނަ ވަގުތެއްނެތް.” ރަތްވެފައިވާ ދެލޮލާއި އެކު އޭނަ އަހަންނާދިމާލަށް ބަލައިލިއެވެ.

“އަހަރެން ނީނާ މިތަނަށް ގެނައީ މި ހުރިހާ ވާހަކައެއް ނީނާއަށް ކިޔައިދޭންވެގެން. އަދި އަހަންނަކީ ނީނާ އަށް ދެރައެއް ދޭނެ ޖިންނިއެއް ނޫނަކަން ސާބިތުކޮށްދޭން. ނީނާ އެއްފަހަރުވެސް އަހަރެން ކައިރީ ބުނެބަލަ ދާށޭ، އަހަރެން ނީނާގެ ދިރިއުޅުމުން އެއްކޮށް ދާނަން.”

“ދޭ” އަހަރެން ބުނެލީމެވެ. “އަހަރެންގެ ރައްކާތެރިކަމަށް އަހަރެން ހެއްދެވި ފަރާތް ހުންނާނެ. އެއީ ކަލޭވެސް ހެއްދެވި ފަރާތް” އަހަރެން ބުނެލީމެވެ.

“ނީނާ! ނީނާ!” އަސަދުގެ އަޑު އަހަންނަށް އިވެންފެށިއެވެ. ވަށައިގެން ހޯދިއިރުވެސް އޭނަ ނުފެނުނެވެ.

“އަހަރެންގެ ބާރު ދަނީ. އެމީހުންގެ ކިޔެވެލި ވަރުގަދަ ކޮށްފި. މާގިނައިރަކު ނީނާ މިތާ ނުހިފެހެއްޓޭނެ.” ސުހައިރާ ވަރަށް ހިތާމަވެރި ނަޒަރަކުން އަހަންނަށް ބަލައިލިއެވެ.

“ނީނާ އަށް އަހަރެންގެ ފަރާތުން ލިބުނު ގެއްލުމަށް އަހަންނަށް މާފް ކޮށްދޭތި. އަހަރެން ދެން ނީނާގެ ދިރިއުޅުމަކަށް ނާންނާނަން.” ގަދަ އައްޔަކާއި އެކު ސުހައިރާ ގެއްލުނެވެ. އިރުކޮޅަކުން އަހަރެންގެ ލޯމައްޗަށް އަނދިރިވެފަ ވީނުވީ އެއް ނޭންގުނެވެ.

“ނީނާ، ނީނާ، ލޯ ހުޅުވާލަބަލަ” އަހަރެން މަޑުމަޑުން ލޯހުޅުވާލީމެވެ. އަސަދު އަހަރެން ކައިރީގަ އިނެވެ. އޭނަގެ މޫނުމަތިން ހާސްކަން ފެނެއެވެ. އޭނަ ކައިރީ ހަސަންބެ ކިޔަވަން އިނެވެ. އަހަންނަށް ހޭވެރިކަން ވެއްޖެކަން އިނގުމުން ކިޔެވުން ހުއްޓާލާފައި އަހަންނާ ދިމާލަށް ބަލާލިއެވެ.

“ދަރިފުޅާ ކިހިނެތްވީ؟ ބޭބެ ކިޔަވަން ފެށިތަނުން ދަރުފުޅު ހޭނެތުނު ގޮތަކަށް ހެޔެއްނޭރި. ބޭބެ ވަރަށް ބިރުގަން. ހިތަށް އެރި ދެން ދަރިފުޅު އެނބުރި ނާންނާނެއޭ”

އަހަރެން އަސަދުއާ ދިމާލަށް ބަލާލީމެވެ. ވެގެން ދިޔަ ކަންތައް ކިޔައިދޭނެ ގޮތެއް އަހަންނަކަށް ނޭންގުނެވެ. ހިތްވަރެއް ކޮށްލާފަ ކަން ހިނގިގޮތް އެންމެ ތަފްސީލްކޮށް ކިޔައިދެވޭތޯ އަހަރެން ބެލީމެވެ.

އަހަރެންގެ ވާހަކަތައް އަޑުއަހާފަ ހަސަންބެއާއި އަސަދު ތިބީ ޝޮކެއްގައެވެ. ވާހަކަ އެއްކޮށް ނިމުމުން ހަސަންބެ ފުންނޭވާއެއް ދޫކޮށްލިއެވެ.

“ތި ގޮތަށް ދުވަހަކުވެސް އަދި ބޭބެއަކަށް ދިމާނުވޭ. ޖިންނިއެއް އަމިއްލައަށް އިންސާނެއް ދޫކޮށްފަދާނީ އޭނަ އިސްލާމްވުމުން. އޭގެ ގޯސް ކަން އިހްސާސްވީމަ. ތިހެންތިވީ އަލަށް”

އަސަދު އަހަންނާ ދިމާލަށް ބަލާލިއެވެ. “އޭތި ހަމައެއްކޮށްވެސް ނީނާ ދޫކޮށްލީތަ؟” އޭނަ ސުވާލުކުރިއެވެ.

“ހިނގާ ބަލަމާ” ހަސަންބެ އެހެން ބުނުމަށްފަހު އަނެއްކާވެސް ކިޔަވަން ފެށިއެވެ. ނަމަވެސް މިފަހަރު އަހަންނަކަށް އެއްވެސް އުނދަގުލެއް ނުވެއެވެ. ހަސަންބެ ކިޔަވާ ނިމެންދެން އަހަރެން ވަރަށް ހަމަޖެހިލައިގެން އޮތީމެވެ. ކުރިން ބޮލަށް އަރާ ތަދެއްވެސް ނާދެއެވެ.

“މިހާރު ޔަގީންވެއްޖެ އޭތި ނެތްކަން. ނީނާ އަށް އެއްވެސް އުނދަގުލެއް ނުވެއެއްނު؟” ހަސަންބެ އަހާލިއެވެ. އަހަރެން ބޯޖަހާލީމެވެ. އަދި މަޑުމަޑުން އަސަދު އަތުގަ ހިފާލީމެވެ. ކަރަންޓެއް ނާދެއެވެ. ރުޅިއެއްވެސް ނާދެއެވެ. އަހަރެން ލޯމަރާލާފައި ހިތްހަމަޖެހުމުގެ ނޭވާއެއް ލީމެވެ.

“ބޭބެ ދަނީ މި އިނގޭ” ތެދުވަމުން ހަސަންބެ ބުނެލިއެވެ. “ދަރިފުޅުމެން އަބަދުވެސް ހަނދާންކުރާތި. ޖިންނީންނަކީ މިދުނިޔެމަތީގައި އަހަރުމެންނާ އެކީ ލެއްވިފައިވާ މަހްލޫގުން. އަހަރުމެންނަށް ނުފެނުނަސް އެމީހުން އުޅޭ. އެމީހުންގެ ކިބައިން ރައްކާތެރި ވުމަށް އަހަރުންނަށް ދުއާތަކެއް ދެއްވާފައިވޭ. އަބަދުވެސް އެދުޢާތައް ކިޔައިގެން އުޅޭތި. ހެނދުނާ ހަވީރުގެ ޒިކުރުތައް. ގެއަށް ވަންނައިރުގަޔާ ގެއިން ނިކުންނައިރު ކިޔާ ދުއާތައް. މީހަމަ ހަށިރައްކަލަށް ކުރެވޭނެ ކަންތައް. ދަރިފުޅަށް އިތުރު އުނދަގުލެއް ވާނަމަ ބޭބެއަށް ގުޅާތި އިނގޭ. ދެން ދަނީ. ވަރަށް ސަލާމް.” ހަސަންބެ ނުކުމެގެން ދިޔަ ތަން ބަލަން އަހަންނަށް އިނދެވުނެވެ. ކުއްލިއަކަށް ސިހުނީ އަސަދު އަހަރެން ގައިގާ ބައްދާލީމައެވެ.

“އައި ލަވް ޔޫ” މަޑުމަޑުން އަސަދު ބުނެލިއެވެ. އަހަންނަށް ރޮވުނެވެ. އަހަރެން އޭނައަށް ޖެއްސި ހާލު ހިތަށް އާރަފަ ދެރަވެ ލަދުވެސް ގަތެވެ.

“އައި އެމް ސޯ ސޮރީ” ރޮމުން އަހަރެން ބުނެލީމެވެ. އަސަދު އަހަރެން ގައިން ދޫކޮށްލާފައި އަހަރެންގެ މޫނުމަތި ފޮހެލިއެވެ.

“މާފަށް އެދެންޖެހޭ ކަމެއް ނީނާ ނުކުރެ. ނީނާގެ އަމިއްލަ އިޚްތިޔާރުގަ ކުރި ކަންކަމެއް ނޫނެއްނު އެއީ” އަސަދު އެހެން ބުނުމުން އަހަންނަށް އިތުރަށް ރޮވުނެވެ. އަދީ އެހާ ވިސްނޭ ފިރިއެއް އަހަންނަށް ދެއްވީތީ ﷲ އަށް ހަމްދުކުރީމެވެ.

އެއްއަހަރު ފަސް

“ނާޔާ، ނާޔާ،” އަހަރެންގެ އެގާރަ މަހުގެ ދަރިފުޅަށް ގޮވަމުން އޭނަގެ ފަހަތުން ދުވީމެވެ. ފަހަތުން އަސަދު ހެމުން ހެމުން އަންނަ އަޑު އަހަންނަށް އިވުނެވެ.

“ހޭނެކަމެއް ނެތޭ އަސަދޫ. އޭނަ އެދަނީ ވަލާ ދިމާލަށޭ”

ނާޔާ ވަރަށް ބާރަށް ހީގަތް އަޑު އަހަންނަށް އިވުނެވެ. އޭނަ އާއި ދިމާލަށް ބަލާލިއިރު އޭނަ އިނީ މަގުމެދުގަ އިށީންދެގެންނެވެ. އަހަރެން ދުވެފަ ގޮސް އޭނަ އުރާލީމެވެ.

“މަންމި ކެޓް މަންމި ކެޓް” ވަލުތެރެއަށް އިޝާރާތް ކުރަމުން ނާޔާ ބުނެލިއެވެ. އަހަރެން މަޑުމަޑުން ވަލާ ދިމާލަށް ބަލާލީމެވެ. ވަލަށް ވަދެވެން އޮތް މަގު ކޮޅުގަ ކަޅު ބުޅަލެއް އޮތެވެ. އަހަންނަށް ވަރަށް އިރު ވަންދެން އެއާ ދިމާލަށް ބަލަން ހުރެވުނެވެ.

“ކިހިނެއްވީ” އަސަދު އަހަންނާ އަރާ ހަމަކޮށްފަ އަހާލިއެވެ. އަހަރެން ވަލާ ދިމާލަށް ލޮލުން އިޝާރާތް ކޮށްލީމެވެ. އޭނައަށް އެތާ އޮތް ބުޅާ ފެނުމުން މޫނުމަތިން ހިނިތުންވުން ފޮހެވުނެވެ. އަދި ބޭއިޚްތިޔާރުގަ އަހަންނާ ނާޔާ އޭނަޔާ ކައިރިކޮށްލިއެވެ. ދެމީހުންނަށް އެއްފަހަރާ ކުރުސި ކިޔަން ފެށުނެވެ. އަހަރުމެން ދެމީހުން ބަލަން ތިއްބާ ބުޅާ ދުންކޮޅަކަށް ވެގެން ގެއްލިޖެއެވެ.

Comments (1)

  1. Luna

    https://www.esfiya.com/164639/

    Matheegaivaa link in mivaahakaige furathama bai kiyaaleveyne

Comments are closed.