ހިޔަނި
އަހަރެންގެ މާހައުލަށް ވަށާ ނަޒަރު ހިންގާލީމެވެ. މީހެއްގެ ހިލަމެއް ނުވެއެވެ. އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ގައިމު ވަލުތެރޭގަ ވިއްޔާ ފަނިފަކްސާއާއި ގަހުގެ ފަތްތައް ހެލޭ އަޑުވެސް އިވެންޖެހޭނެތާއެވެ. އެކަމު އެއްވެސް އަޑެއް ނީވެއެވެ. މުޅި ތަން ހަމަހިމޭނެވެ. މަބްރޫކް ބުނާހެން ހީވަނީ ތޫފާނެއް އައުމުގެ ކުރިން އަންނަ ހަމަހިމޭންކަމެއްހެނެވެ.
ކުޑަކޮށް ބޯކަހާލާފައި އަނެއްކާވެސް ކުރިއަށް ހިނގައިގަތީމެވެ. ކަށިކެޔޮގަސްތަކާއި، ބިޔަ ހިރުނދުގަސްތަކާއި، މަދުގަސްތަކުން މުޅި ވަލު އޮންނަނީ ފުރާލާފައެވެ. ނަސްރިންތަ ދަރުތައް ބަހައްޓާފައި ހުރި ދިމާލަށް ނިކުންނާނެ މަގެއް އަހަންނަކަށް ނުފެނުނެވެ. އަތުގަ އޮތް ފޯނަށް ބަލާލިއިރު މެންދުރުފަހު އެކެއް ޖަހަނީއެވެ. އަހަރެން ހަމްދޫނާއަށް ގުޅާލީމެވެ. ދެތިން ފަހަރަކު ރިންގް ވެފަ ކެނޑިއްޖެއެވެ. ދެން ގުޅަން އުޅެ އުޅެ ނުގުޅުނެވެ. ރަނގަޅަށް ބަލައިލިއިރު ރޭންޖް ލިބޭކަށް ނެތެވެ.
ފުންނޭވާއެއް ދޫކޮށްލާފަ ފޯނު ހަރުވާޅު ޖީބަށްލުމަށްފަހު އައިކޮޅަށް ދާން ހިނގައިގަތީމެވެ. ނަސްރިންތަ ގޮވައިގެން ދަރު ބަހައްޓާފައި ހުރި ތަނަށް އެހެންގޮތަކަށް ދެވޭތޯ ބަލަންށެވެ. ދަރުތައް ނުލައި އަހަރެން ދިޔައިމަ ނަސްރިންތަ ބުނާނެ އެއްޗެހި ހިތަށް އަރާފަ އަހަރެން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ކިތަންމެ ވަރަކަށް އެއްޗެހި ކިޔަސް ނަސްރިންތަގެ ހިތުގަ އެއްވެސް ނުރުހުންތެރިކަމެއް ނުހުންނާނެކަން އަހަންނަށް އެނގެއެވެ.
ނަސްރިންތައަކީ އަހަރެންގެ ފިރިމީހާގެ ދައްތައެވެ. ގެވެހި އަންނެކެވެ. މިޒަމާނުގެ އެކަހަލަ އަންހެނުން ވަރަށް މަދުވާނެއެވެ. ފަތިސްނަމާދާއި އެކު އޭނަގެ މަސައްކަތް ފެށޭނެއެވެ. ގޭތެރެ ފޮޅާ ސާފުކުރުމާއި ގޭ އެންމެނަށް ކެއްކުމެވެ. ނުވިތާކަށް ވަލަށް ގޮސް ކާށި، މަދު އަދި ދަރުހޮވުން ފަދަ ކަންތައްތައް ކުރެއެވެ. މުރާލި ހިތްހެޔޮ މީހެކެވެ. އަހަރެން ދިރިއުޅެނީ މާލޭގަ ކަމުން ރަށަށް އާދެވެނީ މަދު ފަހަރެއްގައެވެ. ނަމަވެސް އެއަންނަ ކޮންމެ ފަހަރަކު ނަސްރިންތަ އަހަނަށް އަހަރެންގެ އާއިލާއަށް ވުރެ ބޮޑަށް އަޅާލާ އޯގާތެރިވެއެވެ. ހީވަނީ އަމިއްލަ އެއްބަނޑު އެއްބަފާ ދައްތަހެންނެވެ.
އަހަރެން ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފަހަތުން އަހަރެންނަށް މީހަކު ގޮވާލީމައެވެ. ފަސް އެނބުރި ބަލާލިއިރު ދަރުތަކަކާއި ކަތިވަޅި ހިފައިގެން ހިނިއައިސްފަ ހަމްދޫނާ ހުއްޓެވެ. ހަމްދޫނާއަކީ އަހަރެންގެ ފިރިމީހާގެ އެއްބަނޑު އެއްބަފާ ބޭބެގެ އަންހެނުންނެވެ. އަހަރުމެން ދެމީހުންގެ މިޒާޖާ އުމުރާއި ގުޅޭތީ ދެމީހުން އަބަދުވެސް އުޅެނީ ވަރަށް އެއްކޮށެވެ.
“ކޮއެ ދަރުތައް ކޮބާ؟” ހަމްދޫނާ އަހާލިއެވެ.
“އަހަންނަށް މަގު އޮޅުނީ. މިހެން މިހެން ލާފަ އެޔޮއްދިމާލަށް ދާށޭ ކިޔާފަ އަވަސްހިންޏެއްހެން ނަސްރިންތަ ނައްޓާލައިފި. މަށަށް އިތުރަށް އެއްޗެއް ނޭހެނީސް އޭނަ ގެއްލިއްޖެ” ހެމުން ހެމުން އަހަރެން ބުނީމެވެ.
“އެއީ ނަސްރިންތަ ގޮތެއްނު ހަމަ،” ހަމްދޫނާވެސް އަހަހްނާއި ބައިވެރިވަމުން ބުނެލިއެވެ. “ހިނގާދާން އެކޮޅަށް. މީއްޗެހި ބަހައްޓާފައި ދެމީހުން އަންނާނީ އަނެއްކާވެސް ދަރުކޮޅު ހޯދަން.”
ވާހަކާގައި ތިބެގެން ދެމީހުން ހިނގަމުން ދިޔައީމެވެ. ކުއްލިއަކަށް އަހަންނަށް ހުޓުން އެރީ ކުރިމަތިން ނަސްރިންތަ ފެނުމުންނެވެ. އައިނައި ދިމާއެއްވެސް ނޭންގެއެވެ. ހަމްދޫނާއާއި ދިމާލަށް ބަލައިލިއިރު އޭނަގެ މޫނުމަތިންވެސް ފެންނަނީ ހައިރާންކަމެވެ.
“ނަސްރިންތަ ކޮންތާކުންތި ނިކުތީ؟” ހައިރާންކަމާއި އެކު ހަމްދޫނާ އަހާލިއެވެ. ނަސްރިންތަ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާ ކަޅިޖަހާނުލާ އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ހަމްދޫނާއާ ދިމާލާށް ބަލާވެސް ނުލައެވެ. ހަމައެކަނި އަހަންނާދިމާލަށެވެ.
“ނަސްރިންތަ ކިހިނެއްވީ؟” ނުތަނަވަސް ހިނިތުންވުމަކާއި އެކު އަހަރެން ބުނެލީމެވެ. އެވަރުންވެސް ޖަވާބެއް ނައެވެ. ހަމަ ބަލަހައްޓައިގެން ހުރީއެވެ. މިގޮތަށް ހަމަހިމޭންކަމުގަ މިނެއްޓެއްހާއިރު ހޭދަވިއެވެ. ނަސްރިންތަ ހަމަ އަނގައިން ނުބުނެ ބަލަހައްޓައިގެން ހުރީއެވެ. އަހަރެން ބޮލުގަ ކުޑަކޮށް ރިހެން ފެށިއެވެ. ކުރިމަތީ އެހުރީ ހަމަ ނަސްރިންތަބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ރަނގަޅަށް އޭނަގެ މޫނުމައްޗަށް ނަޒަރު ހިންގާލީމެވެ. ތަފާތުކަމެއް އަހަންނަކަށް ނުފެނުނެވެ. އެކަމު ނަސްރިންތަ ހުރި ގޮތުން އަހަރެން ކުޑަކޮށް ބިރުގަންނަން ފެށިއެވެ.
“އެއީ ހަމަ ނަސްރިންތަތަ؟” ހަމްދޫނާއާއި ކައިރިވެފަ އަހަރެން ވަރަށް މަޑުމަޑުން އަހާލީމެވެ. ޖަވާބުގަ ހަމްދޫނާ ކޮނޑުހިއްލާލިއެވެ. ނޭންގޭ ކަމަށް ބުނަމުންނެވެ. އަހަރެންގެ މިހަރަކާތުން ނަސްރިންތަގެ ލޯ ބޮޑުވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ. ކުއްލިއަކަށް ނަސްރިންތަ ބިންމަތީ އިށީނެވެ. އަދި ލޯމަރާލުމަށްފަހު ތުންތަޅުވަން ފެށިއެވެ. އަހަރެން ހުރީ ވާނުވާގައެވެ. ނަސްރިންތަ އެކުރާކަމެއް އަހަރެންގެ ބޮލަކަށް އެއްގޮތަކަށްވެސް ނުވަނެވެ.
ނަސްރިންތަ ލޯ ހުޅުވާލިއެވެ. ނަމަވެސް މިފަހަރު ނަޒަރު ހުއްޓުނީ އަހަންނަކަށް ނޫނެވެ. ހަމްދޫނާއަށެވެ. އަހެރެން ހަމްދޫނާއާއި ދިމާލަށް ބަލައިލިވަގުތު މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އަހަރެން ކައިރީ ހުރީ ހަމްދުނާއެއް ނޫނެވެ. ކަޅުއަނދިރި ހިޔަނި ގަނޑެކެވެ. ހިޔަނިގަނޑުންފެންނަނީ ހަމަ އެކަނި ރަތް ދެ ލޮލެވެ. ބިރުވެރި ވާހަކަ ކިޔާއިރު ދުވާލުގަޑީ ހިޔަނި ފެންނަވާހަކަ އޮންނާތީ އަހަރެން ކައިރިއަށް ވަރަށް ހިނި އާދެއެވެ. އެކަމު މިއޮތީ އަހަންނަށް އެކަން ދިމާވެފައެވެ. ހަޤީޤަތުގައިވެސް ވާކަމެއްކަން މިހާރު އަހަނަށް އިނގިއްޖެއެވެ. އަހަރެންގެ ދެފައިކޮޅު ތުރުތުރު އަޅަންފެށިއެވެ. ހިތް ތެޅޭވަރުން ހީވަނި ހަށިގަނޑޫ ފޫއަޅާލާފައި ބޭރަށް ނިކުންނަން އުޅޭހެންނެވެ.
“ނީނާ،” ނަސްރިންތަ އަހަންނަށް ގޮވާލި އަޑު އިވުނެވެ. އެހިޔަނިގަނޑުން ލޯވަކިކުރާކަށް އަހަންނަކަށް ނުކެރުނެވެ. ހީވީ މުޅިމީހާ ގަނޑުވެފަ ހުރިހެންނެވެ.
“ނީނާ، ކުރުސި ކިޔަމުން ދައްތަކައިރިއަށް މަޑުމަޑުން އާދެބަލަ،” ނަސްރިންތަ ބުނެލި އަޑު އަހަންނަށް އިވުނެވެ. މިގަޑީ ކުރުސި ކީއްކުރަން އިޚްލާސް ސޫރަތްވެސް އަހަރެންގެ ހަނދާނުން ގޮއްސިއެވެ. އަހަރެން ހުރީ އެހާވެސް ބިރުގަންފައެވެ. ބިރާއެއްކޮށް މީހާއަށް ޝޮކެއްވެސް ލިބިފައެވެ. މިއޮތް ހުރިހާ އިރު އަހަންނާއި އެކު ސަކަރާތް ޖަހަމުން އެއައީ ހަމަ މި ހިޔަނިގަނޑުހެއްޔެވެ؟
“ނީނާ،” ނަސްރިންތަ އަޑު ބާރުވިއެވެ. ކުޑަ ހާސްކަމެއް ހުރިހެންވެސް އަހަންނަށް ހީވިއެވެ. “އައޫޒު ކިޔަމުންވިޔަސް މިކޮޅަށް އާދެބަލަ”
އެހިސާބުން އަހަރެންގެ ފަޔަށް ބާރެއް އައިހެން ހީވިއެވެ. އައޫޒު އާއި އެއްކޮށް ތަކްބީރު ކިޔަމުން ނަސްރިންތައާއި ދިމާއަށް ދުއްވައިގަތީމެވެ. އަހަރެން ނަސްރިންތައާއި އަރާ ހަމަވުމުން، ތުންތަޅުވަމުން ނަސްރިންތަ އަހަރުމެން ވަށާ ބުރެއް އެޅިއެވެ. އަދި އެބުރުގައި އިށީންދެ އިނދެ ކިޔަވަމުން ގެންދިޔައެވެ. އަހަރެން ކޮޅަށް ހުރުމުން އަހަރެންގެ އަތުގަ ހިފައި ދަމާ ތިރިކުރިއެވެ. އަދި ނަސްރިންތައަށް އިތުބާރުކޮށް، ހާސްނުވުމަށް އެދުނެވެ.
އަހަންނަށް ޖަވާބެއް ނުދެވި އުޅެނިކޮށް އަންހެނެއްގެ ވޭނީ ހަޅޭކުގެ އަޑު އިވުނެވެ. ބޭއިޚްތިޔާރުގައި އެއްކަލަ ހިޔަނިގަނޑާ ދިމާލަށް ބަލާލެވުނެވެ. އެތާ މިހާރު ހުރީ އަނެއްކާވެސް ހަމްދޫނާއެވެ. ނޫނެވެ. ހަމްދޫނާގެ ސިފައިގައި ހުރި އެއްޗެކެވެ. ހަމްދޫނާގެ ސޫރަ ނަމަވެސް ލޮލުން އެއީ ކޯޗެއްކަން އިނގެއެވެ. ލޮލުން ލޭކަރުނަ ފައިބައެވެ. އޭތި ބިންމައްޗަށް ތިރިވެ މައިނޭވާލަމުން ދަނީއެވެ. އަހަންނަށް ބަލާކަށް ކެތެއް ނުކުރެވުނެވެ. ލޯމަރާލުމަށްފަހު ނަސްރިންތަ އަތުގަ ބާރަށް ހިފަހައްޓައިގެން އަހަރެން އިނީމެވެ. އަހަންނަށް އެކި އެކި އަޑު އިވުނެވެ. އެކަމުވެސް ލޯ ތަގުޅިކޮށްގެން އިނީއެވެ.
“ކޮޔާ ދެން ލޯހުޅުވަބަލަ،” ނަސްރިންތަ ގޮވާލި އަޑަށް އަހަރެން ލޯހުޅުވާލީމެވެ. އަދި ވަށާ ނަޒަރު ހިންގާލީމެވެ. ހަމްދޫނާގެ ނޫނީ ހަމްދޫނާގެ ސިފަ ޖެހިގެން ހުރި އެތީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އަހަންނަށް ކޮޅުކޮޅަށް ބެލެންފެށުނެވެ. ހީވީ ކޮންމެސް ދިމާލަކުން އޭތި އައިސްދާނެހެންނެވެ.
“ނަސްރިންތަ ކިހިނެއްމިވަނީ؟ އެއީ ކޯއްޗެއް؟ ހަމްދޫނާ…” އަހަންނަށް ސުވާލު ފުރިހަމަ ނުކުރެވެނީސް ނަސްރިންތަ އަހަރެން ގައިގަ ބައްދައިގަތެވެ.
“ކޮޔެ ސަލާމަތުން ހުރިކަމަށްޓަކައި ދައްތަ ޝުކުރު ކުރަން،” އަހަންނަށް ބުނާނެއެއްޗެއް ނޭންގުނެވެ. އަނގަހުޅުވާލާފަވެސް ހުރެވުނީއެވެ. އަޑެއް ބޭރެއް ނުވިއެވެ.
“ހިނގާ މިތަނުން ދާން. ހަމަޖެހިލައިގެން ދައްތަ ހުރިހާ އެއްޗެއް ކިޔައިދޭނަން. ނީނާ ކުރުސި ކިޔަމުން އަންނާތި އިނގޭ” ހިނގައިގަންނަމުން ނަސްރިންތަ ބުންޏެވެ. އަހަންނަށް ހުއްޓުން އަރާފަ ހުރެވުނީއެވެ. ވާއެއްނުވާއެއް ނޭންގުނެވެ. ނަސްރިންތަ ހިނގަމުންދާތީ އަހަރެންވެސް ފަޔަށް ބާރުލާފައި ހިނގައިގަތީމެވެ. ބިރު ކޮންމެވެސް ވަރަކަށް ފިލާފަ ވާތީވެ ކުރުސިވެސް ހަނދާނަށް އައެވެ. ނަސްރިންތަ ބުނިހެން ހިތުން ކުރުސި ކިޔަވަމުން ދިޔައީމެވެ. ހިނގާފަ ދިޔައިރުވެސް އަހަންނަށް އެކި ދިމަދިމާލަށް ބެލެއެވެ.
ހިނގަމުން ގޮސް ވަލުން ނުކުންނަށް އޮތް މަގަށް އަހަރުމެންނަށް އާދެވުނެވެ. ދަރުތައް އަޅަން އަހަރުމެން ގެނައި ގާޑިޔަލާ، ހައިހޫނުކަން ފިލުވަން ގެނައި ކާއެއްޗިއްސާ ފެންފުޅިވެސް ހުއްޓެވެ. މިހުރިހާ އެއްޗަކަށްވުރެ ބޮޑަށް އަހަންނަށް ލޮލުގަ އަޅައިގަތީ މޫދާ ދިމާލަށްވާގޮތަށް ހުރި ޖޯލިފަތީގައި ފޯނާ ކުޅެން އޮތް ހަމްދޫނާއެވެ. އޭނަގެ ކަންފަތަށް ހެޑްފޯން ޖަހައިގެން ލަވައެއް ކިޔާލަ ކިޔާލަ އިނެވެ. އަހަރެން ނަސްރިންތައާއި ދިމާލަށް ބަލާލީމެވެ. ނަސްރިންތަގެ މޫނުން އެއްވެސް ހައިރާންކަމެއް ފެންނާކަށްނެތެވެ. އޭނާ ދިޔަގޮތަށް ގޮސް ހަމްދޫނާގެ ކޮނޑުގައި ކޮށްޓާލިއެވެ. ސިއްސައިގެން ގޮސް ހަމްދޫނާ ނަސްރިންތައާއި ދިމާލަށް އެނބުރިލިއެވެ. އަދި ހީލާފަ ކަންފަތުން ހެޑްފޯން ނައްޓާލިއެވެ.
“ފެނިއްޖެދޯ ނީނާ. އަހަރެން ހިތައް އެރިޔޭ މީނަ ވަލުތެރެއަށް ގެއްލޭނެޔޭ. ކޮއެ ކީއްވެތަ ގުޅާފަ ފޯނު ކަނޑާލީ؟ މަ ފަހުން ގުޅަން އުޅެއުޅެ ނުގުޅުނު.” އެއްފަތިވަރަކަށް ހަމްދޫނާ ކިޔާލިއެވެ. އަހަރެން ގަބުވެފަ ހުރީއެވެ. ބުނާނެ އެއްޗެއް ނޭންގުނެވެ. އަހަންނަށް ވެފަ ހުރި ގޮތް ފެނިފަ ހަމްދޫނާ ނަސްރިންތައަށް ބަލާލިއެވެ. ކަމެއް ގޯސްވެގެން އުޅޭ ކަމުގެ އިހްސާސް އޭނައަށްވެސް ވިއެވެ. ނަސްރިންތަ އަނގައިން ނުބުނެ ހަމްދޫނާ ކައިރީގައި ހުރި ދަރުތަށް ގާޑިޔަލަށް އެރުވިއެވެ. އަދި އަތުގެ އިޝާރާތުން ހިނގައިގަންނަން ބުންޏެވެ. އަނގައިން ނުބުނެ އަހަންނާ ހަމްދޫނާ ދެން ހުރި އެއްޗެހި ނަގައިގެން ހިނގައިގަތީމެވެ. އަހަންނަށް އިރުއިރުކޮޅާ ހަމްދޫނާއާއި ދިމާލަށް ބަލާލެވެއެވެ. ބިރުން ހުރެއެވެ. އޭނަވެސް ވާނުވާނޭންގި އަހަންނަށާއި ނަސްރިންތައާއި ދިމާލަށް ބެލެއެވެ. އެއްވެސް މީހަކަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.
ވަލުތެރެއިން ނިކުމެވެންދެން އަހަރެން ހުރީ ކުރުސި ކިޔާލަކިޔާލައެވެ. ވަލުތެރެއިން ނިކުމެވޭނީ މިސްކިތް ކުރިމައްޗަށެވެ. ނަސްރިންތަ ދިޔަ ގޮތަށް ގޮސް މިސްކިތް ކައިރީ ގާޑިޔާ ބަހައްޓާފައި މިސްކިތް ތެރެއަށްވަނެވެ. އަދި އިސްކުރުބަރި ކައިރިއަށް ގޮސް ވުޟޫކުރަން ފެށިއެވެ. ވުޟޫކޮށްނިމިގެން އަހަރުމެން ކައިރިއަށް އައިސް މިސްކިތް ކައިރީ ހުރި ބެންޗްގަ އިށީންނަން ބުންޏެވެ.
“ނަސްރިންތަ ކިހިނެއްވީތަ؟” ހަމްދޫނާއަށް ނުހުރެވިގެން އަހާލިއެވެ.
ނަސްރިންތައް ފުންނޭވާއެއް ލިއެވެ.
“އަހަރެން ނީނާ ކައިރީ ދަރުތައް ނަގަން ބުނެފަ އައިސް އިނީ ގާޑިޔާ ކައިރީ ފެންބޯންވެގެން. އެހެން އިންދާ ހަމްދޫނާ އައީ، އޭނަ ކޮށި ދަރުތައް ހިފައިގެން. އަހަރެން އޭނަ ކައިރިން އެހިން ނީނާ އާއި ދިމާވިހެއްޔޭ. އޭނަ ނޫނެކޭ ބުނެފަ ދެން ބުނީ ނީނާ ގުޅާފަ ކަނޑާލިއޭ ފަހުން ގުޅަން އުޅެ ނުގުޅުނޭ. އޭނަ އެހެން ބުނުމުން އަހަރެން ކުޑަކޮށް ހިތް ނުތަވަސްވި. ކުޑައިރުއްސުރެ އަހަރެން މިވަލުތެރެއަށް އަންނަން. އަހަންނަށް ވަލުގެ ހުރިހާ ދިމާލެއް އިނގޭ. ފޯނަށް ރޭންޖް ލިބޭނެ ހިސާބުތައްވެސް އަހަންނަށް އިނގޭ. ނީނާ ދިޔަ ހިސާބަކީ ރޭންޖް ނުލިބޭނެ ހިސާބެއް ނޫންކަން އަހަންނަށް އިނގޭ. ނީނާގެ ފޯންވެސް ޗާރޖް ހުސްނުވާނެކަން އަހަންނަށް އިނގޭ. ކޮންމެސް ނުބައިއެއް އުޅޭކަން ހީވެގެން އަހަރެން ނީނާ ހޯދަން ދަނީ އޭކިޔާފަ ހިނގައިގަތީ. އެކަމު ދިޔުމުގެ ކުރިން ހަމްދޫނާއަށް ނޭންގޭ ގޮތަށް އޭނަގެ ރައްކަލަށްވެސް ކިޔަވާފަ އަހަރެން ދިޔައީ”
ނަސްރިންތަ ކުޑައިރުކޮޅަކަށް ވާހަކަ މެދު ކަނޑާލާފަ ފެންފޮދެއް ބޯލިއެވެ. އަހަންނާއި ހަމްދޫނާ ގުޑާވެސް ނުލާ ތިބީއެވެ.
“އަހަރެން ހިނގަމުންގޮސް ވަލުގެ ވަރަށް އެތެރެއަށް ދެވުނު. އެހިސާބުން އަހަންނަށް ނީނާ ހޭއަޑު އިވުނު. އެއަޑު ކައިރި ވަމުން އަންނަކަން އިނގުނު، އެކަމު އަހަންނަށް ނީނާއެއް ނުފެނެ. އަހަންނަށް ވެގެން އުޅޭ ގޮތް ރޭކާލީ ދެން. އެހެން މަޚްލޫގެއްގެ ކުޅިގަނޑެއް މިތާގަ އުޅޭކަން އަހަންނަށް އިނގުނު. އަހަރެން އެހިސާބުން ކިޔަވަން ފެށިން. އަހަރެން….”
“ނަސްރިންތަ ރާޤީ އަކަށްވީ ކޮންއިރަކު؟” މަޑުން ނުހުރެވިގެން އަހަރެން ނަސްރިންތަގެ ވާހަކަ މެދުކަނޑާލީމެވެ. ނަސްރިންތަ ކައިރިޔަށް ހިނިއައެވެ.
“ނީނާ އަށް ހަމަ ސާބަސް. ޖިންނި ޝައިޠޯނުން ފައްސާކަށް މޮޅު ރާޤީ އަކަށް ވާކަށް ނުޖެހެޔޭ. ދައްތަގެ ނަސީބު ދައްތަ އަށް ބަޤަރާ ސޫރަތާ ޖިންނި ސޫރަތުގެ އާޔަތްތައް އިނގޭ ކަން. އަނެއްކާ ކުރުސި އަކީ ވަރަށް ބޮޑު ހަތިޔާރެއް.”
ހެމުން ހެމުން ނަސްރިންތަ އަނެއްކާވެސް ވާހަކަ ފެށިއެވެ.
“އަހަރެން ކިޔަވަމުން ދިޔަ ވަރަކަށް ނީނާގެ އަޑު ގަދަވާން ފެށި. އަހަންނަށް އިނގޭ އޭނަ ހުރީ އަހަރެން ކައިރީގަކަން. އެހެން ހުރެފަ ކުއްލިއަކަށް އަހަންނަށް ނީނާ ކުރިމަތުން ފާޅުވީ. އޭނަވެސް ދިޔައީ ސިއްސައިގެން. އަހަންނަށް ހުރީ ޝައްކުވެފަ އެއީ އޭނަކަމަށް. އެހެންވެ އޭނަގެ ކިބައިން އެއްވެސް ކަމެއް ފެނޭތޯ އަހަރެން ހުރީ ބަލަން. އަހަންނަށް ދެންފެނުނީ އޭނަ ކުޑަކޮށް އަރިވެލާފަ އެއްޗެކޭ ބުނި ތަން. ހީވީ ކައިރީގަ މީހަކު ހުރިހެން. އަހަންނަށް އިނގިއްޖެ ވީގޮތް. އެހެންވެ ކިޔަވަން ފެށީ. ކިޔަވަން ފެށުމާއި އެއްކޮށް ނީނާ ކައިރީގަ ހުރި އެތި އަހަންނަށް ފާޅުވީ. ﷲ އަށް ހަމްދުކުރަން ނީނާ އެކަމުން ސަލާމަތްވިކަން.”
ނަސްރިންތަ ފުންނޭވާއެއް ދޫކޮށްލަމުން އަނެއްކާވެސް ފެންފޮދެއް ބޯލިއެވެ.
“ދެން ކިހިނެއްތަ ތިމީހުން ސަލާމަތްވީ؟ ކީއްވެތަ ނީނާ އޭއްޗާ ވާހަކަ ދެއްކީ؟”
އަހަރެންނަށް ކަންތައް ދިމާވިގޮތް އަހަރެން އަލިފުން ޔާޔަށް ހަމްދޫނާއަށް ކިޔައިދިނީމެވެ. އަހަރެންގެ ވާހަކަ ނިމުނުއިރު ހަމްދޫނާގެ މޫނުގެ ކުލަވަރު ގޮއްސިއެވެ. މުޅިމީހާ ހުރީ ހުދުވެފައެވެ.
“މާތްކަލާކޯ! ﷲ އަށް ހަމްދު ހުރި ކޮއެ ސަލާމަތުން އައިކަން. އަހަރެން ވަލަށް ދިއުން މިނިމުނީ މިހިސާބުން. ލާހިކެއް ނޫން ދެންވަންނާކަށް.” ބިރުން އިނދެ ހަމްދޫނާ ބުނެލިއެވެ.
“އެކަމާ ދެން ނުވިސްނާ. އަސްލު އަބަދުވެސް އަހަރުމެން ރައްކާތެރިކަމަށް ދުޢާ ކިޔަން ބުނެފަ ދޯ އޮންނަނީ. ނީނާ އަށް ނުކިޔެ ވަދެވުނީމަ އޭނަޔާ ދިމާކުރަން އެހާ ފަސޭހަވީ. އިރާދަ ކުރެއްވިޔާ ދެން އެކަމެއް ތަކުރާރެއް ނުވާނެ. ކޮއެ ދެންވެސް ހެނދުނާ ހަވީރުގެ ޒިކުރުތައް ކިޔަން ހަނދާން ބަހައްޓާތި. ދެން ހިނގާ ދާން. ދޭއްޖަހަނީ އެޔޮށް”
ފަތިފައްޗަށް ނަސްރިންތަގެ ވާހަކަ ކިޔާލާފަ ގާޑިޔާ ހިފައިގެން ގެއާ ދިމާލަށް ހިނގައިގަތެވެ. ހަމްދޫނާވެސް އަނގައިން ނުބުނެ ދައްތަގެ ފަހަތުން ހިނގައިގަތެވެ. އަހަންނަށް ހުއްޓުން އަރާފަ ހުރެވުނީއެވެ. ނަސްރިންތަ އެކަންތައް އެނެގީ ހާދަ ކުޑަކޮށެވެ. އަހަންނަށް އެއީ ވަރަށް ބޮޑުކަމެކެވެ. ހިތާ ދެކޮޅަށް އަހަންނަށް ވަލާ ދިމާލަށް ބަލާލެވުނެވެ. ހަމްދޫނާ ބުނިހެން އަހަންނަށްވެސް ދެން ވަލަށް ވަންނާކަށް ނުކެރޭނެއެވެ. ދުވަހަކުވެސް އަހަންނަށް މިހާ ބިރުވެރިކަމެއް ދިމާނުވެއެވެ. އެކަން ހަނދާންނައްތާލާނީ ކިހިނެއްހެއްޔެވެ. ނަސްރިންތަ ބުނިހެން ދުއާ ކިޔަން އާދަ ކުރަންވީއެވެ. ﷲ ގެ ރައްކާތެރިކަމަށް އަބަދުވެސް އެދިއެދި ހުންނަންވީއެވެ.
ނަސްރިންތަ ގޮވާލި އަޑަށް އަހަރެން އެމީހުންނާއި ދިމާލަށް ހިނގައިގަތީމެވެ. އަހަރެންގެ ކުއްހީއެއްކަމަށްވެސް ވެދާނެއެވެ. އެކަމު ހިނގާފަ ދިޔައިރު އަހަންނަށް މީހެއްގެ ނަޒަރު ހުއްޓިފަ ހުރިހެން ހީވިއެވެ. އެކަމާ އަޅާ ނުލާ އަހަރެންގެ ހިނގުން ބާރުކޮށްލާ ނަސްރިންތަ މެންނާ އަރާ ހަމަކުރީމެވެ. އަހަރެން ފަހަތް ބަލާލިނަމަ ވަލުތެރެއަށް ވަންނަ މަގުގައި ހުރި ކަޅުހިޔަނި އަހަންނާ ދިމާލަށް އަންނަތަން ފެނުނީސްކަން ކަށަވަރެވެ.
5 Comments!
Comments are closed.

nice
Simple and nice story, writing is also good
Thank you 😊
Is this real? Last part too?
Story is real. Last part too. But thats another story