
ލޯބިން ބުނާތީ – 58

ކާގޭގައި ލިއާ އިނީ ރިހާންގެ އިންތިޒާރުގައެވެ. ކުރިމަތީ އޮތް ފޯނު ވައިބްރޭޓް ވެލިއިރު ލިއާގެ ސަމާލުކަމެއް ނުލިބުނެވެ. އިންސްޓަގްރާމުންނާއި ނަންބަރަށް އެތައް މެސެޖެއް އައިސްފައި ވެއެވެ. ފޯނު ހުޅުވާލައިފިނަމަ ހާހަކަށްވުރެ ގިނަ މެސެޖުގެ ނޯޓިފިކޭޝަން ފެންނާނެއެވެ. އެހެނަސް ދުނިޔޭގެ ކަންކަމަށް ޝައުގުވެރިކަން ކުޑަވެފައިވާ ލިއާއަށް މިހާރު އެންމެ ބޭނުން ނުވާ އެއްޗަކަށް ވެފައި ވަނީ އެ ފޯނެވެ. އޭނާ އުޅޭ ހާލެއް ނޭނގި ކަންބޮޑުވެ ފިކުރުބޮޑުވެފައިވާ އެކުވެރިންތަކެއް ތިބިކަން ލިއާ ހަނދާންކުރަން ބޭނުން ނުވާ ކަހަލައެވެ. އެހެން އިން އިރު ލިއާގެ ހިޔާލުތައް ދިޔައީ މީގެ ފަސް އަހަރު ކުރިޔަށެވެ.
ފަސް އަހަރު ކުރި
ހޮސްޕިޓަލުން ދޫކޮށްލިފަހުން ލިއާ މުޅިން ހަމަހިމޭންވެފައި ވާކަހަލައެވެ. ހަދާނެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވެއެވެ. ރިހާން ގާތުން ވަރިވާން ބޭނުންވިޔަސް ކައިވެންޏަށް މިހާ ދުވަސް ނުވަނީސް ވަރިވެގެން ގޮސްފިނަމަ މީހުންގެ ދޫތަކުން ސަލާމަތް ނުވެވޭނެއެވެ. މީހުންގެ ފާޑުކިޔުމާ ކުރިމަތިލާނެހާ ހިތްވަރެއް ލިއާގެ ނެތެވެ. އެއްފަހަރު އެހިތްވަރު ކުރެވިއްޖެއެވެ. މީގެ ކުރިންވެސް އޭނާއަށް އެފަދަ ހާލަތެއް ކުރިމަތިވީ ހަމަ ރިހާންގެ ސަބަބުންނެވެ. ލިބުނު ފިލާވަޅުން ދެވަނަ ފަހަރަށް އިބުރަތް ހާސިލު ނުކުރެވުމުން ވާނެ ހުރިހާ ގޮތެއް މިވީއެވެ.
އަނެއްކޮޅުން ރިހާން ހުންނަނީ ފާރައަށެވެ. އެ ދެމެދުގައި ބުނެދެން ނޭނގޭ ދުރުކަމެއް އުފެދިފައި ވީނަމަވެސް ރިހާން ހުންނަނީ ސަމާލުވެއެވެ. އޭނާއަށް ހީވަނީ ކޮންމެ ވަގުތެއްގައިވެސް ލިއާ ފުރައިގެން ރަށަށް ގޮސްފާނެހެންނެވެ. ލިއާގެ ހުރިހާ ވަގުތެއް ހޭދަކުރަނީ ކޮޓަރީގައެވެ. ނުކައި ނުބޮއި އުޅުމުން އެއްފަހަރަކު އަނބުރައިގަތެވެ. ރިހާން، ލިއާ ހޮސްޕިޓަލަށް ގެންދިޔައީ އިތުރު ގޮތެއް ނެތިގެންނެވެ. ކިރިޔާ ރަނގަޅުވެލިއިރަށް ލިއާއަށް ކުރިމަތިލާންޖެހުނީ ރިހާންގެ ނުރުހުމާއެވެ. އޭނާ ކުށްވެރިކުރާނެ ގޮތެއް ނޭނގިގެން ލިއާ އުޅެނީއޭ ރިހާން ބުނެލިއެވެ. ދެވަނަ ފަހަރަށް ލިއާ އެޑްމިޓް ކުރުމުން ހޮސްޕިޓަލު ތެރެއިން މަޑުމަޑުން މީހުންގެ ކަންފަތަށްވެސް އެ ވާހަކަތައް ފޯރިއެވެ. އޭރުއްސުރެ އެމީހަކަށް އެނގުނު ގޮތަކަށް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ފެށިއެވެ.
އޭގެ ހަފްތާއެއްފަހުން ލިއާއަށް އިވުނީ ރާޝިދާ ދެއްކި ވާހަކަތަކެވެ. ރިހާންއާއި ވާހަކަ ދައްކަން ބޭނުންނުވެގެން ކޮޓަރިން ނިކުމެގެން އައުމާއެކު ހުއްޓެން ޖެހުނީ ބޭރު ޖޯލިފައްޗާ ދިމާލުން އޭނާގެ ނަން ކިޔާލިހެން ހީވެގެންނެވެ.
“މިތަނަށް އައިތާ ފުރަތަމަ ކޮޅު ހީވި ރެވިތެޔޮ އުނގުޅައިގެން އުޅުނުހެން…ދެން ނޭނގޭނު މީހުންނަށް ދެއްކެން ނޫންކަމެއް…؟ އެ ގެސްޓް ހައުސަކަށް ގޮސް އައިފަހުން އެއްޗެއް އަވަލެވީ ތޯއްޗެ…އާނ އެހެންޏަ ކިރިޔާ ރީތި ތަނަކަށް ދެވުނުއިރަށް ފެންވަރު އޮޅުނީ އެ…އަދި ހަނީމޫނަށް އެހެން ތަނަކަށް ގެންދިޔަނަމަ ކޮބާ ސަލާމަތް…ކޮޓަރިން ނިކުންނަނީކީ ނޫން…ހަރާން ގޭތެރޭ ކަމެއްގަ އަތް ގާތްކޮށްދޭނަމަ…އަދި އަހަރެމެން ނުބައިކުރަންވެގެން ނުކައި ނުބޮއި އޮންނަންވީ…ރިހާނަށްވެސް ނޭނގުން ތާކުން ތާކު ޖެހޭ މީހަކާ އިންނަން…” ގާތުގައި ތިބި ރަހުމަތްތެރިން ގާތު ރާޝިދާ ދައްކަމުން ދިޔަ ވާހަކަތައް އިވި ލިއާގެ ބަލިކަށި ހިތުގައި ވަޅިއަކުން ޅިޔަ އަޅާލެވުނު ފަދައެވެ. ފެންކަޅިވެގެން އައީ ބަސްބުނާހާ ހިނދުންނެވެ. މިހާ ނަފްރަތު ހައްގުވާކަށް އޭނާއަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ އޭނާއަކީ އަދި އިހަކަށްދުވަހު މިގެޔަށް އައި މެހެމާނެކެވެ.
އެނދުގައި އޮށޯވެ ނިތްކުރިމަތީ ދެއިނގިލިން ފިރުމަމުން ދިޔަ ރިހާނަށް ހައިރާންކަން ލިބުނީ ކޮޓަރިއަށް ވަދެގެން އައި ލިއާ ހުރި ގޮތުންނެވެ. ބަލާބެލުމަށް ހީވަނީ ލޮލުގައި ހުރި ކަރުނަތަކަށް ނުކުޅަދާނަ ވެގެން އޮހެމުން ދިޔަހެންނެވެ. ދޮރު ލައްޕާލެވުމާއެކު ލިއާއަށް ރޮވިއްޖެއެވެ. ރިހާނަށް ބަލާލުމެއް ނެތި ގޮސް ޑްރެސިން ޓޭބަލާއި ފާހާނާ ދޮރާއި ދެމެދު އިން ހުސް ޖާގައިގައި އިށީނދެ ކަކުލުގައި ބޯ އަޅާލިއެވެ. ރިހާނަށް ލިއާ ރޯ އަޑު އިވި ހަރަކާތްތައް މަޑުޖެހުނެވެ. ލިއާ ރޮނީ އެހާވެސް ހިތްދަތި ގޮތަކަށެވެ. ރިހާން އެނދުން ތެދުވިއެވެ.
“މަށާ އަނގައިން ނުބުނަންވެގެންނު ކޮޓަރިން ނިކުމެގެން ދިޔައީ…؟ މިހާރު ކީއްވެ ތި ރޮނީ…؟” ރިހާންގެ ހިތުގައި ކޮންމެ އެއްޗެއް އޮތަސް ލިއާއާއި ވާހަކަ ދެއްކީ ނުރުހުމާއެކުގައެވެ. ހަގީގީ އިހުސާސްތައް ހާމަކުރީމަ ފާފަވެރިވަނީ ތޯއްޗެއެވެ. ލިއާގެ ކޮންމެ ގިސްލުމާއެކު ރިހާންގެ ހިތުގައި ރިހުމެއް އުފައްދާލައެވެ. އަނެއްކޮޅުން ވީނުވީއެއް ނޭނގޭތީ އޭނާގެ ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ. އެކަން ހާމަކުރަން ބޭނުން ނުވާތީ އިތުރަށް އޭނާ ރުޅިގަދަވީ ލިއާ ވާހަކަ ނުދެއްކުމުންނެވެ.
“އަޖައިބެއް…؟ ހީވަނީ މީހަކު އަނިޔާކޮށްގެން ރޯހެން ވިއްޔާ…!” ރިހާންގެ ހާސްކަން އިތުރުވަމުން ދިޔަ ވަރަކަށް ރުޅިވެސް ދިޔައީ ގަދަވަމުންނެވެ. ދެފަހަރަކު ލިއާގެ ގައިގަ ހިފަހައްޓަން އުޅެފައިވެސް އަތްތިރިކޮށްލައިފިއެވެ. ލިއާގެ ރުއިން ހުއްޓި މިހާރު އިވެނީ ހަމައެކަނި ގިސްލުމުގެ އަޑެވެ. ރިހާންއަށް ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ. ލިއާ އެ ރުއީ ވަރަށް ހިތުގައި ޖެހިގެންކަން އޭނާއަށް ފާހަގަވިއެވެ. އިތުރު ވިސްނުމަކަށް ނުގޮސް ގޮނޑިމަތީ އަޅުވާލާފައި އޮތް ޓީޝާޓު ނަގާ ބޮލަށް މަހަމުން ކޮޓަރިން ނިކުތެވެ.
ރިހާނަށްވެސް ރާޝިދާ ދައްކަމުން ދިޔަ ވާހަކަތައް އިވުނެވެ. ސިޓީންރޫމް މެދަކާ ހިސާބުގައި ހުރެ ފުން ނޭވާއެއް ދޫކޮށްލަމުން އޭނާއަށް މޫނުގައި އަތް ހިންގާލިއެވެ. ލިއާއާއި ބެހޭ ގޮތުން ދައްކަމުންދިޔަ ވާހަކަތައް އިވި އޭނާ ހިތްހަމަނުޖެހުނަސް އެކަމާ ބެހޭ ގޮތުން ފިޔަވަޅެއް އަޅާވަރަށްވުރެ އޭނާ ފިނޑިއެވެ.
ކަކުލުގައި ބޯ އަޅައިގެން އިން އިރު ރުއިމުގެ ސަބަބުން ލިއާގެ ހަށިގަނޑަށް ވަރުބަލިކަން ވެރިވެފައި ވެއެވެ. ހިޔާލުތައް އެކި ގޮތްގޮތަށް ކިރެމުން ދިޔައެވެ. ރާޝިދާގެ ވާހަކަތައް ބޮލުތެރޭ އެނބުރެމުން ދިޔައިރު ލިއާއަށް އިހުސާސްވީ އޭނާއަކީ ބަޔަކަށް ޖެހިފައި އޮތް ބޮޑު ބުރައެއް ފަދައިންނެވެ. އޭނާގެ ހިތާމަތަކާއިގެން ހިމޭން ދުނިޔެއެއްގައި އުޅެވެން ނެތްކަން ރާޝިދާގެ ވާހަކަތަކުން ހާމަވެއްޖެއެވެ. އެ ދުވަހަށްފަހު ލިއާ އޭނާގެ އިހުސާސްތަކުގައި ގަނޑުފެން އެޅީއެވެ.
ދެމަސް ވޭތުވެގެން ދިޔައީ ރިހާން އާއި ލިއާއާއި ދެމެދު ބޯމިން ނޭނގޭ ފާރެއް ލެވިގެންނެވެ. އެއް ކޮޓަރީގައި އުޅުނު ކަމަކު ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ނުބުނެއެވެ. އަމުދުން ލިއާ އިސްވެ ރިހާނާ ވާހަކަ ދެއްކުން އެއްކޮށްކަހަލަ ގޮތަކަށް ވަނީ ހުއްޓިފައެވެ. ލިއާގެ އެ ދުރުކަމުން ރިހާންގެ ހިތަށް ދަތިކުރެއެވެ. އެހެންވިޔަސް އެ އިހުސާސްތައް އޭނާ ހާމައެއް ނުކުރެއެވެ. އެގޮތުގައި އުޅެފައި އެންމެފަހުން އޭނާގެ ކެތްތެރިކަން ކޮޅުންލީއެވެ.
އެރޭ ރިހާން ގާތްވާން އުޅުމުން ފުންމައިގެން އެނދުން ތެދުވި ލިއާ ދުރަށް ޖެހިގެން ހުރިއިރު މޫނުމަތިން ފާޅުވަނީ ނުރުހުމެވެ. ލިއާގެ އެ އަމަލު ރިހާނަކަށް ބަލައިނުގަނެވުނެވެ. ނަމަވެސް އޭނާ ބެލީ ރީއްޗަށް ވާހަކަ ދެއްކޭތޯއެވެ.
“އަހަރެން ގާތްވީމަ ތިވަރު ވާކަށް އަހަރެން މީ ހިލޭ މީހެއް ނޫން…!” ރިހާން އެނދުން ތެދުވުމާއެކު ލިއާ އެހެން ދިމާލަކަށް ދިޔައީ ހަލުވި ކަމާއެކުއެވެ.
“އަހަރެން ބޭނުމެއް ނޫން ރިހާން އަހަންނާ ކައިރިވާކަށް…” ލިއާ ބުނެލީ ހިމޭންކަމާއެކުއެވެ. ލިއާގެ އެ ބަސްތަކުން ރިހާނަށް ހީވީ މޫނުމަތީ އެތިފަހަރެއް ޖެހިހެންނެވެ. އޭނާ ދެކޭ ގޮތުގައި ލިއާއަކަށް އެފަދައިން އޭނާ ދަށްކޮށްލެވިގެން ނުވާނެއެވެ. ލިއާ ޖެހޭނީ އޭނާގެ މުށުތެރޭ ހުންނާށެވެ.
“އަހަރެން ނުޖެހޭ ލިއާއަށް ތީ އަހަރެންގެ އަނބިމީހާކަން ހަނދާންކޮށްދޭކަށް…ދީނުގައިވެސް އޮންނަނީ ފިރިމީހާ ގާތްވާން ބޭނުންވާނަމަ އެކަމަށް އިޖާބަ ދިނުމަށް…!” ރިހާން ހިތުން އޭނާ ލިއާއަށް ކަމެއް ހަނދާންކޮށްދިނީއެވެ. ލިއާގެ ތުންފަތަށް މާނައެއް ނެތް ހިނިތުންވުމެއް ވެރިވިއެވެ. ރިހާން ދީން ކިޔެވި ފޮތުގައި އޮންނަނީ ހަމައެކަނި އެ ޖުމްލަ އެކަނި ކަންނޭނގެއެވެ. ރިހާނާއި ދިމާލަށް ދީނޭ ކިޔާފައި ލިއާއަށް ދެއްކޭނެ ކިތައްމެ ވާހަކައެއް ހުރިކަމަކު އޭނާ ހުރީ ރިހާނާއި ޖަދަލުކުރާ ކަހަލަ މޫޑެއްގައެއް ނޫނެވެ.
“ވަރިހަމައޭ…އަހަރެން މިބުނީނު ގާތްވާކަށް ބޭނުމެއް ނޫނޭ…!” ލިއާގެ އަޑު މިފަހަރު ތަންކޮޅެއް ބާރެވެ. ރިހާން އެކަމަށް ސަމާލުކަމެއް ނުދީ ލިއާގެ ގާތަށް ޖެހުމާއެކު އަތުގައި ހިފާ ކުއްލިއެއް ޖަހާ ކައިރިއަށް ދަމާލިއެވެ. ރިހާންގެ އަތުތެރޭ ހައްޔަރުވުމާއެކު ލިއާ ގަދަހަދަން ފެށި ގޮތުން ހީވީ އޭނާ މަރަން އުޅޭ މީހެއް ގާތުން ސަލާމަތްވާން އުޅުނުހެންނެވެ. ރިހާންގެ ގާތަށް އައީ ރުޅިއެވެ.
“ފޮގެޓް އިޓް…” ލިއާގެ ކޮނޑުގައި ހިފާ ކޮއްޕާލާފައި ރިހާން އެދިޔަ ބާރުމިނުގައި ގޮސް އޭނާގެ ޓީޝާޓު ނަގައިގެން ކޮޓަރިން ނިކުތެވެ. ލިއާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެގޮތަށް ރުޅިއައިސްގެން ރިހާން ދިއުމުން ހިތަށް އުނދަގޫވީތީ އަމިއްލަ ނަފްސު ދެކެ ރުޅިއައެވެ.
ލިއާ ހީކުރީ މިރެއަށް ސަލާމަތްވީކަމުގައެވެ. ނަމަވެސް އެ ހީ ކުށްހީއަކަށްވެގެން ދިޔައީ ނިދާފައި އޮއްވާ ފަހަތުން ރިހާން ގާތްވިކަން އިހުސާސްވެ ސިހިގެން ހޭލެވެމުންނެވެ. ރިހާން ކޮޓަރިއަށް އައި އިރެއް ލިއާއަކަށް ނޭނގެއެވެ. ލިއާގެ ލޯ ހުޅުވުމާއެކު ރިހާން ލިއާގެ ގައިމަތިން އެނދުގެ ދެފަރާތުން ދެއަތް ވިއްދާލީ ލިއާއަށް ދުރަށް ނުދެވޭނެހެންނެވެ. ލިއާ ދުރަށް ޖެހެން އުޅުމާއެކު ރަނގަޅަށްވެސް ރިހާންގެ އަތުތެރޭ ހައްޔަރުވީއެވެ. ލިއާގެ ނުރުހުމުގައި ރިހާން އޭނާގެ ބޭނުންތައް ފުއްދިއެވެ.
ޖެހިގެން އައި ދުވަހު ލިއާއަށް ހުރެވުނީ ރުޅިގަދަވެފައެވެ. މީހަކަށް އެކަން ފާހަގަ ނުވި ކަމަކު ލިއާއަށް ހީވަމުން ދިޔައީ ބޯފަޅައިގެން ދާހެންނެވެ. އެކަނިމާއެކަނި މިހުރިހާ ކަމަކާ ކުރިމަތިލަމުން ދިޔައިރު ނަފްސާނީ ގޮތުން ބަލިކަށިވެފައި ވެއެވެ. އަލްޔާއާއި ސުމާގެ އިތުރުން ކައިރާގެ މެސެޖުތަކަށް ލިއާ ރައްދު ދިނުން ހުއްޓާލައިފިއެވެ. އަމިއްލައަށް ހޯދައިގެން އުޅޭ މުސީބާތުން އެމީހުންނަށް ބައި އަޅަން ލިއާ ބޭނުންނުވީއެވެ.
ގޭތެރޭގެ މަސައްކަތް ނިންމާފައި ފެންވަރައިގެން ކޮޓަރީގައި އިންދާ ރިހާން ވަދެގެން އައެވެ. ލިއާގެ ސަމާލުކަން ނުލިބުމުން ރިހާން ދެފަހަރަކު ގޮވާލިއެވެ. އެންމެފަހުން ލިއާ މަޑުމަޑުން ބަލާލުމާއެކު ރިހާން އައިސް ދިއްކޮށްލީ ބޭސް ކާޑެކެވެ.
“މީ ކީއްކުރާ އެއްޗެއް…؟” މަޑުމަޑުން ލިއާ އެހިއެވެ.
“ބާރތް ކޮންޓްރޯލް ޕިލްސް…” ރިހާން ބުނެލިއެވެ. ލިއާގެ ދެބުމަ ގޮށްޖެހުނެވެ.
“ކީއްކުރަން…؟” ލިއާ ރިހާނަށް ބަލާލިއިރު މޫނުމަތިން ނުރުހުން ފާޅުވާން ފެށިއެވެ.
“އަހަރެން ބޭނުމެއް ނޫން އަހަރެމެންގެ ރިލޭޝަން އެހާ ރަނގަޅު ނޫންއިރު ލިއާ ޕްރެގް ވާކަށް…ރޭގައިވެސް އަހަންނަށް ބަލާނުލާ އުޅެވިގެން މިސްޓޭކެއް ހެދުނީ…” ރިހާން ވާހަކަ ދެއްކިއެވެ.
“ކޮންމެހެން އަހަރެން ތި ކާން ޖެހޭތަ…؟ ރިހާން އަހަންނާ ގާތް ނުވީމަ ވީނު…؟ އަހަންނަށް ފާޑު ފާޑު ބޭސް ކާންދެން އުޅޭނެކަމެއް ނެތް…!” ލިއާ އުޅުނީ ތެދުވެގެން ދާށެވެ. ނަމަވެސް ރިހާން ލިއާގެ އަތު މުލައްދަނޑީގައި ހިފެހެއްޓިއެވެ. އެ މޫނުގައިވި ރުޅިވެރިކަން ފެނި ލިއާ ޖެހިލުންވިއެވެ.
“ގާތް ނުވެ އަހަންނަކަށް ނުހުރެވޭނެ…އެކަން މިހާރު ލިއާއަށް އެނގިފައި އޮންނާނީ…ތިވައްތަރަށް އަހަންނާ ވާހަކަ ދައްކާކަށްވެސް ނުޖެހޭ…ލިއާއަކަށް އަހަރެން ގާތު ގާތްނުވާށޭ ބުނުމުގެ ހައްގެއް ނެތް…އަހަރެން މީ ލިއާގެ ފިރިމީހާ…ބޭނުންވާ ކަންތައް ހުންނާނެ…އެހެންވީމަ ރުޅި ނާރުވާ ބުނީމަ ބުނާގޮތް ހަދާ…” ލިއާގެ އަތުން ރިހާން ދޫކޮށްލީ ލިއާ ތަދުވެގެން އަޑު ލައްވާލީމައެވެ. ބޭސްކާޑު ލިއާގެ އަތުތެރެއަށް ލައްވަދީފައި ރިހާން ގޮސް ކޮޓަރިން ނިކުތެވެ.
ބޭނުން ނުވިޔަސް ލިއާ ބޭސް ކާންފެށީ އޭނާވެސް ބަލިވެ އިންނަން ބޭނުން ނުވާތީއެވެ. ރިހާނާއެކު ދިރިއުޅުމުގެ ބާކީ ދުވަސްތައް ހޭދަކުރާނެ ގޮތެއް އޭނާއަކަށް ނުވިސްނެއެވެ. ވުމާއެކު ރިހާނަށް ދަރިއަކު ލިބުމުން ލިއާ އުޅެން ޖެހޭނީ ކޮން ހާލެއްގައި ހެއްޔެވެ؟ ހިމޭންކަމާއެކު އެ ގޭގައި ދުވަސްތައް ހޭދަކުރަމުން ދިޔައިރު ލިއާއެކޭ މަންމަނެކޭ އެއްފަދައެވެ. ގޭގެ މީހުންނާ ގުޅުން ބަދަހި ކުރާކަށް ލިއާ މިހާރު މަސައްކަތެއް ނުކުރެއެވެ. ނޯކަރެއް ފަދައިން ގޭގެ ހުރިހާ މަސައްކަތެއް ކުރަމުން ދިޔައެވެ. ލިއާ ހުރީތީ ގޭގެ އެހެން މީހުންނަށްވެސް ފަސޭހައެވެ. އެކަމަކު އޭގެ އަގު ވަޒަން ކުރާނެ މީހަކު ނެތެވެ. ފިރިމީހާއަކީ އޭނާގެ ދިފާއުގައި ބަސް ބުނާނެ މީހެއް ނޫނެވެ.
ޝަރީފާއާއި ޝަރީފް ގުޅުމުން މަދުމަދުން ލިއާ ފޯނު ނަގައެވެ. އޭނާގެ އަޑުގައި ފޮރުވިފައިވާ ހިމޭންކަމާއި ހިތާމަތައް އެ ބައްޕައަކަށް ނަގައިނުގަނެވެއެވެ. އެކުވެރިންނާ ކުރިމަތިލާނެހާ ހިތްވަރެއް ލިއާގެ ނެތެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެމީހުންގެ މެސެޖުތައް ފުނިފުންޏަށް އާދެއެވެ. މެސެޖުތައް ހުޅުވާލުންވެސް ލިއާއަށް ބުރައަކަށް ވެފައި ވާކަހަލައެވެ. އަނެއްކޮޅުން ރިހާން ވަގަށް ލިއާގެ ފޯނު ޗެކްކުރާކަން ލިއާއަށް ފަޅާއެރީ ކޮންވަޒޭޝަންތައް ހުޅުވާފައި ހުރުމުންނެވެ. ލިއާއަށް އެނގުމުން ރިހާން ކޮންމެހެން އެކަން ފޮރުވާކަށް ނޫޅެއެވެ. އޭނާ ބަލަން ބޭނުންވަނީ ލިއާއާއި ކައިލްއާއި ދެމެދު އެއްވެސް ވާހަކައެއް ދެކެވޭތޯއެވެ.
ހިޔާލުތަކުން ލިއާ ބޭރުވެގެން އައީ ރިހާން ވަދެގެން އައުމުންނެވެ. އޭނާ އަވަސްވެގަތީ ރިހާނަށް ސައި ހެދުމަށެވެ. ރިހާން ފޯނު ކުޅެން އިންއިރު ލިއާ އޭނާގެ މަސައްކަތް ނިންމާފައި ރިހާންގެ ކުރިމައްޗަށް ވާގޮތަށް އިށީނެވެ. ރިހާން ކާން ފަށަމުން ލިއާއަށް ބަލާލިއެވެ. ލިއާގެ ހަށިގަނޑު ނިކަމެތިވެފައި ހުރިވަރު އޭނާގެ ލޮލުގައި އަޅައިގަތެވެ.
“ސައިބޯންވީނު…؟” ރިހާން މިހެން އެހިއިރުވެސް ލިއާ އިންކާރު ކުރާނެކަން އޭނާއަށް އެނގެއެވެ. ދުވާލަކު އެންމެ ރޮއްޓެއް ކާލައިގެން، ނޫނީ ކޮފީތައްޓެއް ބޯލައިގެންވެސް ލިއާ ހުރެފާނެއެވެ. ބަނޑުހައި ހޫނުކަމުގެ އިހުސާސް ނުވާކަހަލައެވެ. ކުރަން ޖެހޭ އެހެން އިހުސާސްތައް މާ ގިނައިރު ބަނޑުހައިހޫނުކަމުގެ އިހުސާސް ވާނެހެއްޔެވެ؟
“އިއްޔެ ދޯ ބޭސް ކެއީ…؟ މިއަދު ބޭސްކާން ހަނދާން ކުރައްޗޭ…!” މި ފަސް އަހަރު ވީއިރު ރިހާން ވާޖިބެއް ފަދައިން ލިއާއަށް އެކަން ހަނދާންކޮށްދެމުން ދިޔައެވެ. ލިއާ ބަލާލުމެއް ނެތި ބޯ ޖަހާލިއެވެ. ދެން ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ރިހާން ކައި ނިމެންދެން ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ރިހާން ޑިއުޓީއަށް ދާން ނިކުތުމާއެކު ތަށިތައް ދޮވެފައި ލިއާ ދިޔައީ ކޮޓަރިއަށް ވަންނާށެވެ.
ރޭގަނޑުގެ ވަގުތުވެސް ބޮސްޓޮންގެ މަގުތައް އަލިވެފައިވަނީ ދުއްވާފައިދާ އެއްޗެހިންނާއި، މަގުގައި ދިއްލާފައިވާ އަގުބޮޑެތި ރޯޑްލައިޓް ތަކުންނެވެ. އެ އެއްޗެހި ތަކުގެ ރިވެލި ކައިލްގެ ހަވޭލިއެއްފަދަ ގޭގެ ބިއްލޫރިގަނޑަށް އެރި ހުޅުދާންވަމުން ދިޔައެވެ. ގޭތެރޭގެ ލިވިން ރޫމް އާދަޔާހިލާފަށް ހިމޭނެވެ. ކައިދަން ދެމީހުންގެ ޖާގަވާ ސޯފާގައި ފައި ދަމާލައިގެން ފޯނާއި ކުޅެން އޮތްއިރު ސިއެރާ އިނީ ވަކިން ހުރި ސޯފާގައި ޕޮޕްކޯން ތައްޓެއް ހިފައިގެން ޓީވީ ބަލާށެވެ.
ވަށައިގެންވި އެއްވެސް ކަމަކަށް ސަމާލުކަން ދިނުމެއް ނެތި ކައިލްގެ ފުރިހަމަ ސަމާލުކަން ހުއްޓިފައިވަނީ ކުރިމަތީ ހުރި ލެޕްޓޮޕް ސްކްރީނަށެވެ. މޫނުމަތީގައި ހުރި ސީރިއަސްކަމުން ބަލާ މީހަކަށް ހީވާނީ އެސައިމެންޓަކަށް ވުރެ، އެމަޖެންސީ ކޭސްއެއް ހައްލުކުރަމުން ދާހެންނެވެ. މީގެ އިރުކޮޅެއް ކުރިން ފެންވަރާލައިގެން އިން އިރު މިހާރު ލައިގެން އިނީ ހުދު ޓީޝާޓަކާއި އަޅިކުލައިގެ ސޯޓެކެވެ. ފަން ދިގު އިސްތަށިގަނޑު ހޭވި ނިތުމައްޗަށް ވެއްޓި އެ ވަރުގަދަ ބުމައިން ބައެއް ފޮރުވިފައި ވެއެވެ. އެ ނޫކުލައިގެ ދެލޯ ސްކްރީންގެ އެކި ދިމާލަށް ދަތުރުކުރަމުން ދިޔައެވެ.
ކައިލް ހިމޭނުން އިންނަތާ ގަޑިއެއްގެ އިރުވާން ކައިރިވީއިރު ސިއެރާ މިނެޓަކުން ދިހަވަރަކަށް ފަހަރު ކައިލްގެ މޫނަށް ބަލާލައެވެ. އެންމެފަހުން އޭނާގެ އަނގަ ކަހަން ފެށިއެވެ.
“ކައިލް އިރުކޮޅަކަށްވެސް ރިލޭކްސް ވެލައިގެން ނީންނަންތަ…؟” ސިއެރާގެ އަޑު އިވުނެވެ.
“އިރުކޮޅަކަށްވެސް އަނގަ މަޑުން ލައިގެން އިނދެފާނަން…؟” ކައިލް ސިއެރާއަށް ބަލާލުމެއް ނެތި ބުނެލިއެވެ. ކައިދަން އޮވެފައި ފެށުނީ ދޯއޭ ބުނެލައިފިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (9)
Comments are closed.
urghhhh……idk wht to sayyyyy….alhey ekm leah dhw, she should rlly tellll her frndssss……..dhnnnnn this part is full of unexpected stufffss…urgh anyway this is soo good, keep it uppp
Leah is going through so much right now even I don’t know what to say about her 😭 hehe this part is full of unexpected stuffs ik 😭💗 Thank you so much for reading and supporting the story 🥹💗
I feel bad for leah😭🥲 mi oart vs vrh reethi lls upload the next ep sooon🥹❤️
Poor Leahhh 😭 girl deserves a break fr 🥹 Thank you so much for reading and loving this part too 💗
Can I js ask u smth… why are u spelling her name as ‘Leah’.. i thought it was Liaa… anyways both are cutee.. and this story is amazing but this partt … i feel so bad for herr. why isnt she telling her friendsss and RIHAAN is CRAZY.. literally. anyways keep up the the good workk. i’ve been reading this story since the beginning and its so far one of the best i’ve read.. im forever a fan of urssss <3
Heheee I knowww 😭💗 I just felt like Leah suited her character more, and I really loved the way it looked written like that 🥹💗 So I decided to stick with Leah even though the pronunciation might sound a little different 😭
Yeah girl Rihan is actually crazyyy 😭💀 Poor Leah I feel so bad for her too…Thank you so much for reading since the beginning and for being such a loyal supporter of my story 🥹💗 you have no idea how much your words mean to meee 💗 Forever grateful 😭💗
Can I js ask u smth… why are u spelling her name as ‘Leah’.. i thought it was Liaa… anyways both are cutee.. and this story is amazing but this partt … i feel so bad for herr. why isnt she telling her friendsss and RIHAAN is CRAZY.. literally. anyways keep up the the good workk. i’ve been reading this story since the beginning and its so far one of the best i’ve read.. im forever a fan of urssss <3
Kyle ge replue haadha majaleh heheheheh
Alhe varah miss very Kyle and Leah ge high school days feels so nostalgic mihaaru 🥹🥹 I want them to be together ❤️❤️
Hehe Kyle and his replies istg 😭😂💗 I miss their high school days toooo 😭 Girl I knowww, we all want them together 😭💗