
ތަޤުދީރު – 31

”ކިހިނެއްވީ؟“ އާޔަތު މަޑު ޖެހުމުން އަޒާން އެހިއެވެ.
”އައި ކާންޓް…..އައި ކާންޓް މޫވް މައި ލެގްސް“ އާޔަތު ދެން ބުނިއެތިން އަޒާންގެ ހިނިތުންވުން އެއްކޮށް ފިލިއެވެ.
”ވަޓް؟…..ލިލީ އާޔޫ ސީރިއަސް؟….ހިނގާބަ އަދި އެއްފަހަރު އަހަންނާއެކު ޓްރައި ކުރަން“ އާޔަތުގެ ދެފައި އެނދުން ތިރިއަށް ބޭލުމަށް އަޒާން އެހީވިއެވެ. އާޔަތުގެ ދެއަތް އަޒާންގެ ކަރުގައި ވަށާލިހިނދު އާޔަތުގެ އުނަގަނޑުގައި ހިފައި އަޒާން ގާތަށް ދަމާލައި ހަށި ސީދާ ކޮށްލިއެވެ.
”އަމް ސްކެއާރޑް“ އާޔަތު ހުރީ ދެން ނުހިނގޭނެކަމަށް ބިރުގަނެ ކަންބޮޑުވެފައެވެ.
”އިޓްސް އޯލްރައިޓް ޑާރލިންގް….ޖަސްޓް ކްލޯޒް ޔޯ އައިޒް އެންޑް ޓޭކް އަ ޑީޕް ބްރެތް…..އަމް ރައިޓް ހިއާ…..ދެން ފުރަތަމަ ބަލާބަ މަޑުމަޑުން އެއް ފަޔަށް ބާރު ލެވޭތޯ….ނުވެއްޓޭނެ އަހަރެން މިހުރީނު ކައިރީގަ“ އަޒާން ބެލީ އާޔަތު ހަމައަކަށް އެޅުވޭތޯއެވެ.
އަޒާން ކިޔާދިން ފަދައިން އާޔަތު މަސައްކަތް ކުރީ އެއްފައި މައްޗަށް ކޮޅަށް ހުރެވޭތޯއެވެ. ނަމަވެސް ފައިގައި ވާގިއެއް ނެތެވެ. އާޔަތުއަށް ރޮވެން ފެށުނީ ބޭއިޙްތިޔާރުގައެވެ. ހިފެހެއްޓުމެއްނެތި ލޮލުން ފައިބާ ކަރުނަތައް ކޯތާފަތް ތެންމާލިއެވެ. އަޒާން އާޔަތު ގެނެސް ގަޔާ ކައިރި ކޮއްލީ ހިތަށް ކުރި އަސަރުންނެވެ. މަރާ ހަނގުރާމަކޮށްފައި އައިސް އަނެއްކާވެސް އާޔަތުއާއި އެ ކުރިމަތިވީ ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ. ކޮޓަރީގެ ދޮރުހުޅުވުނީ އެވަގުތުއެވެ. އެހުރި ގޮތަށް ހުރެ އަޒާން ދޮރާ ދިމާއަށް ބަލާލިއެވެ.
”ޔަލް….ޕްލީޒް ކޯލް އަ ޑޮކްޓާރ ރައިޓް ނައު…..ބުނޭ ވަރަށް އަވަހާ އައިސްދޭން“ ދޮރުން ވަތް ޔަލްވީ ފެނި އަޒާން އަވަހާ ބުންޏެވެ. ބޯ ޖަހާލަމުން ހާސްވެފައި ހުރެ ޔަލްވީ ދުއްވައިގަތީ ދޮރުން ބޭރަށެވެ. ވާނުވާ ނޭގިފައި މަހީރް ހުރިތާގައި ގުޑިވެސް ނުލާ ހުއްޓެވެ.
ޔަލްވީއާއެކު ޑޮކްޓަރު އަތުވުމުން މަޑުމަޑުން އާޔަތު އެނދުގައި ބައިންދައި ކޯތާފަތް ފޮހެލަދިނެވެ. އަދި ވީގޮތް ޑޮކްޓަރަށް ހިއްސާ ކުރިއެވެ. ޑޮކްޓަރު ކުޑަކޮށް އާޔަތުގެ ފައިގައި އަތްޖައްސާލާ އިހުސާސް ވޭތޯ ސުވާލުކޮށް ހެދިއެވެ.
”ކުރިންވެސް އަޅުގަނޑު ބުނިފަދައިން ވަރަށް ބޮޑަށް ފަޔަށް ގެއްލުންވެފަ ހުރީ….މައިބަދައަށް ވެސް ކޮންމެވެސް ވަރަކަށް އަސަރުކޮށްފައި ހުރުމުން ބެލެވެނީ ޓެމްޕޮރެރީ ޕެރެލިސިސް އެއް ކަމަށް…..ބެލެވޭގޮތުގަ މަސްލް ވީކްނެސް ވެސް ވަރަށް ބޮޑަށް އެބަހުރި….ދެން އެކްސިޑެންޓްގައި ސައެޓިކް ނާވްއަށް ކޮންމެވެސް ވަރަކަށް ޓްރޯމާވެފަ ހުރީ ހީލްވާން ދުވަސްކޮޅެއް ނަގާނެ….ސައެޓިކް ނާރަކީ އުނަގަނޑުން ތިރިއަށް ގޮސް ފައިގެ ކޮޅަށް އިންނަ ނާރެއް…މި ނާރަށް ގެއްލުމެއް ވެއްޖެނަމަ ފައިގެ ބާރުދެރަވެ، އައްސިވުމާއި ވާގި ދިއުން ފަދަ ކަންކަން ހިމެނޭ…..މާބޮޑަށް ހާސް ނުވައްޗޭ ގަވައިދުން ކަސްރަތުކޮށް ޕިޒިއޯތެރަޕީ ހެދުމުން މަޑުމަޑުން ވަރުޖެހެމުން އަންނާނެ….ވަރަށް ހިތްވަރު ކުރަންވާނެ އެނގޭ“ އާޔަތުއަށް ވީގޮތް ޑޮކްޓަރު ތަފްސީލުކޮށް ކިޔާދިނެވެ. ޔަލްވީއަކީ ސިއްޙީ ދާއިރާގެ ކަންކަން އެނގޭ މީހަކަށްވުމުން ޑޮކްޓަރު ބޮޑަށް ވާހަކަ ދެއްކީ ޔަލްވީއާއެވެ. އަޒާންއަށް ޑޮކްޓަރު ބުނި ބައެއް ސިއްޙީ ލަފްޒުތައް ނޭގުނެއް ކަމަކު ކަނުލައި އަޑުއެހިއެވެ.
ވަރަށް ގިނަ ކަންކަން ކިޔާދިނުމަށްފަހު އިތުރު ސުވާލެއް ނެތުމުން ޑޮކްޓަރު އެނބުރި ދިޔައީ އާޔަތު ގާތު އަރާމު ކުރަން ބުނެފައެވެ. އަދިވެސް އިސްޖެހިގޮތަށް އާޔަތު އިނީއެވެ. އަނގައިން ބަހެއްވެސް ބުނާކަށް ނޫޅުނެވެ.
”ހެއި….އާޔޫ….އިޓްސް ގޮނަބީ އޯކޭ…ޑޮކް އެބުނީނު ދުވަސްކޮޅެއްތެރޭ ރަނގަޅުވާނޭ….ވަރަށް ހިތްވަރާއެކު ވާނީ…..ވީ އޯލް ނޯ ހައު ސްޓްރޯންގް ޔޫ އާ….އެންމެން ވެސް އަބަދުވެސް ތިބޭނެ އާޔޫ ކައިރީ….ވީއޯލް ވިލް ޑޫ ދިސް ޓުގެދާ“ ޔަލްވީ ބެލީ އާޔަތުއަށް ހިތްވަރު ދެވޭތޯއެވެ. އެންމެނަށްވެސް ހިތާމަވެރި ވަގުތު ކޮޅެއްނަމަވެސް އާޔަތުއަށްޓަކާ ކެތްތެރި ވިއެވެ.
…………………………
އޭގެ ދެދުވަސް ފަހުން އާޔަތު ގެއަށް ދޫކޮށްލެވުނީ ޕިޒިއޯތެރަޕީ ހެދުމަށް އިރުޝާދު ދީފައެވެ. ޕިޒިއޯ ހެދުމަށް ހަމަޖެއްސީ އެލްޖޭ މެޑް ހޮސްޕިޓަލުންނެވެ. މަހީރްއާއި ޔަލްވީ އަށް ވެސް އާޔަތުއަށް އެހީވާން ފަސޭހަވާނެތީއެވެ. ނަމަވެސް އާޔަތު ޕިޒިއޯތެރަޕީ ސެޝަންތަކަށް ގެންދިއުމަށް އަޒާން ހަވާލުވިއެވެ. އެހެންމީހަކާއެކު އާޔަތު ފޮނުވުމަށް އަޒާން އެއްބަހެއް ނުވިއެވެ. މިފަހަރު އާޔަތުވެސް އެކަމާ ދެކޮޅު ހަދާކަށް ނޫޅުނެވެ.
ހަފްތާއަކު 4 ދުވަހު އާޔަތު ގޮވައިގެން ފިޒިއޯ ހަދަން ދިއުމާއި ކޮންމެ ހަފްތާއަކު އެއްފަހަރު ފޮލޯއަޕް އަށް ޑޮކްޓަރަށް ދައްކަން ދަނީ އަޒާންއެވެ. އެންމެ ދުވަހެއްވެސް ވައްޓާނުލާ ގަޑިއަށް އަޒާން އައިސް ހުރެއެވެ. އޮފީސް ވަގުތުތައް ފިޔަވައި ގިނަ ވަގުތުތަށް އަޒާން ހޭދަކުރަނީވެސް އާޔަތުމެންގެ ގޭގައެވެ. އެހެންކަމުން ޒީނާއާއި އަޒާންއާ ދޭތެރޭވެސް ވަރަށް ގާތް ގުޅުމެއް އުފެދުނެވެ. އަމިއްލަ ދަރިއެއްފަދައިން އަޒާންއާމެދު ޒީނާ ކަންތައް ކޮށްދެއެވެ. ޔަލްވީ އާއި މަހީރް އާވެސް ކުރިއަށް ވުރެ އެކުވެރިއެވެ. ޙާއްސަކޮށް މަހީރްއާއެކު ޕީއެސް އިން ގޭމް ކުޅުމަކީ ފަހަކަށް އައިސް އާދައެކެވެ. އެގޭތެރެއިން ނުފެންނަ މީހަކީ ޔުވާންއެވެ. މީހަކާ ވާހަކަ ނުދައްކާތާގައި ގެއިންވެސް ފެންނަނީ މަދު ފަހަރަކުއެވެ. ޔުވާން ގެއަށް ނިދަން ދަނީވެސް އެހާ މަދުންނެވެ. ދުވާލު ހަތަރު ދަން އުޅޭ ތަނެއް އެކަކަށްވެސް ނޭގެއެވެ. އާއިލާގެ މީހުންނާއި ވާހަކަ ދެއްކުން މަދުވެފައި ޔުވާންގެ މަންމައަށްވެސް ފޯނު ކޮށްނުލައެވެ. މަންމަ ގުޅިއަސް ގިނަފަހަރު ޖަވާބެއް ވެސް ނުދެއެވެ. އެކަމާ އަދީލް ވާހަކަ ދެއްކުމުންވެސް ދިނީ ބީރު ކަންފަތެކެވެ. ދުވަހަކުވެސް ޔުވާން އުޅޭނޭ އެކަކުވެސް ހީކުރި ގޮތެއް ނޫނެވެ.
އަޒާން އާއި ލިއަމް އެމީހުން އާންމުކޮށްދާ ކެފޭގައި ކޮފީއެއް ބޯލަން އައިސް ތިއްބެވެ. ދެކެވެމުން ދިޔައީ ޔުވާންގެ ވާހަކައެވެ. އެކުވެރިޔާއަށް އައިސްފައިވާ ބަދަލުތަކެވެ.
”އިއްޔެ ދުށިން އަހަރެންގެ ގެއިން….މެހެކް ކައިރީގަ ހެން ހީވަނީ އެއުޅެނީ….އަހަރެން ގޮވީމަ ބޯ ޖަހާލާފަ ދިޔައީ….މާވަރަކަށް ވާހަކަ އެއްވެސް ނުދައްކާ މިހާރު“ ކޮފީ ތަށިން އެތިފޮދެއް ބޯލަމުން ލިއަމް ވާހަކަ ދެއްކިއެވެ.
”ކީއްކުރާނީ ބްރޯ….އަހަރެންވެސް ތިކަމާ ކަންތައް ބޮޑުވެފަ މިހުންނަނީ…. ކޮއްކޮ ބަލިވެ އުޅޭއިރު އަޅާވެސް ނުލާ އެހުންނަނީ….ޒީނާ ދައްތަވެސް ވަރަށް ދެރަވެގެން މަ ކައިރީގަ ބުންޏޭ ޔޫވީއަށް ވިސްނަދޭން….ޔުވާން މަންމަވެސް ވަރަށް ސަކަރާތްވެފަ ހުންނަނީ އެކަމާ….. މިއަދުވެސް ވާހަކަ ދައްކާލަން ކަމަށް ކޮފީއަށް ގުޅީމަ ފޯނެއްވެސް ނުނެގި….އޮފީހަށް ވެސް ނުދާ ދުވަސް ގިނައީ މިހާރު…. މަސައްކަތްތައް ވެސް ފުނި ޖެހިފަ….މަގޭ ޑިޕާޓްމެންޓް ނޫނަސް މަ މިކުރަނީ ހުރިހާ ކަމެއް….ދެން ކީއްކުރާނީ އެއީ އަހަރުމެންގެ ޔޫވީ އުޅޭނެ ގޮތެއް ނޫން….ކޮންމެވެސް ކަމެއް ވެފަ އޭނަ އެހުރީ ރަށުން އައި ފަހުން ތި ބަދަލެއް ތިއަންނަން ފެށީ“ އަޒާން ތުބުޅީގައި އަތް ހިންގާލަމުން ބުންޏެވެ. އަޒާންގެ ވާހަކައަށް ލިއަމް ބޯ ޖަހާލީ އެކަމާ އެއްބަސް ވުމުގެ ގޮތުންނެވެ. އެތައް އިރަކު ދެއެކުވެރިން މަޝްވަރާކުރީ އެމީހުންގެ އެކުވެރިޔާއާ ވާހަކަ ދައްކާނެ ގޮތަކާ މެދުއެވެ. އެންމެ ފަހުން ދެމީހުން ނިންމީ ފުރަތަމަ މެހެކްއާއި އެވާހަކަ ދެއްކުމަށެވެ.
………………………..
ޔަލްވީ ވޯޑްތަކުގައި ބަލިމީހުންގާތު އުޅެފައި ކެފެޓީރިއާއަށް ވަނީ ހެނދުނު ހޭލިއިރުންސުރެ ބޮލުގައި ނުފިލާ ރިހުމެއް ހުރުމުން ކޮފީއެއް ބޯލުމުގެ ނިޔަތުގައެވެ. ކޮފީއަށް އޯޑަރު ދިނުމަށްފަހު ކައުންޓަރު ކައިރީ ލެގިލައިގެން ޔަލްވީހުރީ އަވަސް ޙަބަރެއް ކިޔާށެވެ. 58 އަހަރުގެ އަންހެނެއް ގުރައިދޫ ރިހެބިލިޓޭޝަން ސެންޓަރުން ފިލައިގެން އުޅޭ ޙަބަރެވެ. ޙަބަރުގެ ތަފްސީލު ފެނޭތޯ އިތުރަށް ހާވަމުން ދިޔައެވެ.
”އެހްމްމް…..ޕްރިޓީ ގާރލް ނުވެސް ފެނި ފިލައިގެން ތިއުޅެނީ“ ޔަލްވީ ގާތަށް އައިސް މަޑުކޮށްލީ ޑޮކްޓަރ މިގްދާދްއެވެ.
”އޯ ހެއި…..ފިލައިގެން ނޫން….ޖަސްޓް ޓޫކް އަ ޝޯޓް ބްރޭކް…އަ ލޮޓް ހޭޒް ބީން ހެޕެނިން ލޭޓްލީ“ ކައުންޓަރުގައި ހުރި ކުއްޖާ ޔަލްވީގެ ކޮފީތަށި ދިއްކޮށްލުމުން އޭގައި ހިފިއެވެ.
”ވެލް ދެން….ލެޓްސް ކެޗްއަޕް ދޯ….އެބައިން އާ ކޮރެއަން ފުޑް ޕްލޭސްއެއް ހުޅުމާލޭގަ ހުޅުވާފަ….ލެޓްސް ގޯ ޓްރައި ކޮށްލަން މިރޭ އާފްޓާ ވޯކް“ މިގްދާދް ޔަލްވީއަށް ޙިޔާލު ދިނެވެ. ކޮރެއާގެ ކާއެއްޗިއްސަށް ޔަލްވީ ފޯރިހުންނަވަރު މިގްދާދްއަށް ވަނީ ފެނިފައެވެ. ދަންވަރު ޑިއުޓީތަކުގައި އަބަދުވެސް ރާމެން ގެނެސްގެން ޔަލްވީ ކާތީފެނެއެވެ.
”އަސްލުތަ؟….އަޅެ ޔަލް ބޭނުން ދާން….ހިނގާބަ…..ދ…“ ޔަލްވީގެ ގައިގައި މީހަކު އައިސް ލައިގަތީ ކެފެޓީރިއާއިން ނުކުންނަނިކޮށެވެ. އަތުގައި ހުރި ކޮފީތަށި ބަންޑުންވީ ބިންމައްޗަށާއި ޔަލްވީގެ ބޫޓަށެވެ.
”އަ….އަ…އަހަރެން….ސަ…ލާމަތް ކޮށްދީ ހެޔޮނުވާނެ….އެމީހުން އަހަރެން…..ބަންދު ކުރާނެ“ މެދު އުމުރުގެ އަންހެން މީހަކު އައިސް ޔަލްވީގެ އަތުގައި ހިފައި ރޮމުން އާދޭސް ކުރިއެވެ.
”ދައްތާ….ނުރޮއެ…އެއްވެސް މީހަކު ނާންނާނެ ދައްތައަށް ގެއްލުން ދޭން…ދެން ހުއްޓާލާ“ ކެފެޓީރިއާ ބޭރުގައި ހުރި ގޮނޑިއެއްގައި އެ އަންހެން މީހާ ބައިންދަމުން ޔަލްވީ ބެލީ އެކި އެއްޗެހި ކިޔައިގެން އެ މީހާ ހަމައަކަށް އެޅުވުމަށެވެ. މިގްދާދް ގާތު ފެންފުޅިއެއް ގެނައުމަށް ބުނެ ޔަލްވީ އެ އަންހެން މީހާ ގާތު އިށީނެވެ. އެ އަންހެން މީހާގެ މޫނުގައި ކުދި ރޫތައް ގިނަވެފައި ހަންގަނޑު ހުރީ ކުރަކިވެފައެވެ. ހަށިގަނޑުވެސް ނިކަމެތިވެފައި ވަރުދެރަކަމަށް ދައްކައެވެ. ފަން ދިގު އިސްތަށިގަނޑު އޮތީ ނުރަ ޖަހައި ހުދު ވެފައެވެ. ދެލޯ ވަޅުވަދެ ކޯ ކަށިގަނޑުވެސް އެނގެން ހުއްޓެވެ. ބާވެފައި ހުރި ހެދުމާއި ހާވާލެވިފައި އޮތް އިސްތަށިގަނޑުން މިއިން ދުވަހަކު ގައިން ތާހިރުވެފައި ހުރިހެން ހީއެއް ނުވެއެވެ. ފަކުރު ގަތުމުގެ ބަދަލުގައި ޔަލްވީ ހަމްދަރުދީވިއެވެ. އެއީވެސް ކޮންމެވެސް މީހެއްގެ މަންމައެއް ކަން ޔަޤީނެވެ. އަޅާލާނެ މީހެއް ނެތުމުން ބިކަ ހާލުގައި ޖެހުނީއެވެ.
”ޔަލްވީ…..ލިއަމް ސާރ އެބަ ހޯދާ….ކެބިންއަށް އައުމަށް އެދުނީ“ ލިއަމްގެ ސެކްރެޓްރީ ޖިހާދު އައެވެ. ޔަލްވީ އެތަނުން ދިޔައީ ޖިހާދު އެ އަންހެން މީހާއަށް އަޅާލާނެ ވާހަކަ ބުނުމުންނެވެ. ޔަލްވީ އަންނަންދެން އެމީހާ ގާތުގައި މަޑުކުރުމަށް ޖިހާދު ގާތުން އެދިފައި ޔަލްވީ ދިޔައެވެ.
…………………..
”ލިއަމް….އަހަރެން ހޯދިންތަ؟“ ޔަލްވީގޮސް ލިއަމްގެ ކެބިންއަށް ވަނެވެ. ލިއަމް އިނީ ކޮންމެވެސް ފައިލެއް ހުޅުވައިގެން އޭގައި އޮތް އެއްޗެއް ކިޔާށެވެ. ”ހެއި ޕްރިންސެސް….އަހަރެން ދެން އަބަދުވެސް ޕްރިންސެސް ހޯދާނެއެއްނު“ ލިއަމްގެ ސީރިއަސް މޫޑު މުޅިން ބަދަލުވިއެވެ. ކުރިން ހުރި ހަރުކަށިކަން އެމޫނުން ފެންނާކަށްވެސް ނެތެވެ.
”ދެން….ސީރިއަސް އޭ ބުނެބާ…..ޕޭޝަންޓެއް ކައިރީ ހުރެފައޭ މިއައީ….ޝީ ލުކްސް ލައިކް ޝީ ރިއަލީ ނީޑެޑް ހެލްޕް“ ޔަލްވީ ހަށަން ބަނދެލަމުން ސީރިއަސްކަން ދެއްކިއެވެ.
”ނޫން ދޫނީ….ނުގޮވަމޭ …އަހަރެން ހީކުރީ މިގަޑީ ބިޒީވާނޭ އެހެންވެ އުނދަގޫ ނުކުރަންވެގެން ހުރީ“ ލިއަމްވެސް ސަމާސާ ރާގު ބަދަލުކޮށް ސީރިއަސްވެލިއެވެ.
ދެން އެހެންވީރު ޖިހާދު ދޮގު ހެދީ ކީއްވެތޯ ޔަލްވީގެ ހިތަށް އެރިއެވެ. ބިޒީ ކަމަށް ބުނެ ޔަލްވީ އަވަސް ހިނގުމެއްގައި ލިއަމްގެ ކެބިންއިން ނުކުމެވުމާއެކު ދުއްވައިގަތީ ކެފެޓީރިއާ ދިމާއަށެވެ. ލިއަމްވެސް ކަމެއްގައި ބުރަކޮށް އުޅޭތީ ޔަލްވީ ހިފަހައްޓާކަށް ނޫޅުނެވެ. ދުވަމުން ގޮސް އެ އަންހެން މީހާ އިންތަނާ އަރާ ހަމަވިއިރު އެތަނުގައި އެއްވެސް މީހެއް ފެންނާކަށްވެސް ނެތެވެ. އެހިސާބުގަނޑު ވަށައިގެން ބެލިއިރުވެސް ޔަލްވީއަށް އެމީހާ ފެންނަ ގޮތެއް ނުވިއެވެ. މިގްދާދްއަށް ގުޅާފައި އެހުމުން ބުނީ އޭނާ ފެންފުޅިއެއް ގަނެގެން އައިރު އެއްވެސް މީހެއް ފެންނަން ނެތުމުން އޭނާވެސް ވޯޑަށް ދިޔައީ ކަމުގައެވެ. އުނުގައި ދެއަތް ވިދެލަމުން ޔަލްވީ ވިސްނަމުން ދިޔައީ އެ އަންހެން މީހާއާ މެދުއެވެ. އެމީހާ އެހީއަކަށް އެދި އާދޭސް ކުރިގޮތެވެ. އަދި ޖިހާދު ދޮގު ހަދައި ޔަލްވީ އެތަނުން ފޮނުވާލަން ޖެހުނު ސަބަބެވެ.
………………………
ހަވީރުގެ ވަގުތު އަޒާން އައިސް ވަނީ އެލްޖޭ މެޑް ހޮސްޕިޓަލްގެ ޕިޒިއޯ ތެރަޕީ ޑިޕާޓްމެންޓަށެވެ. ފުރޮޅުލީ ގޮނޑިއެއްގައި އާޔަތު އިނެވެ. ރިސެޕްޝަން ކައިރީ މަޑުކޮށްލައިގެން އަޒާން ހުރީ އާޔަތުއަށް ފުރަގަސްދީގެނެވެ. އާޔަތު އިނީ ފޯނަށް ގެއްލިފައެވެ. ވަންނަ ދޮރު ކައިރީ މީހަކު ހުރެ އާޔަތުއަށް ބަލަމުން ދިޔަކަން ފާހަގަ ނުވީވެސް އެހެންވެއެވެ. އެމީހަކު އެތަނުގައި ހުންނަތާ އިރުކޮޅެއްވެއްޖެއެވެ.
”ކައި؟“ މަހީރް ތެރަޕިސްޓަކާއެކު ވޯޑަށް ގޮސްފައި އައިރު ޕިޒިއޯ ބައިން މީކައިލް ނުކުމެގެން ދާތަން ފެނި ގޮވިއެވެ. ވީނުވީއެއް ނޭގި މީކައިލް ގެއްލުނީއެވެ. އެދުވަހު އެކުވެރިންނާއެކު ހުއްޓާ ފެނުނު ފަހުން މީކައިލް އަދި އެފެނުނީއެވެ. މަހީރް ގުޅިއަސް މީކައިލް ފޯނެއް ނުނަގައެވެ. މެސެޖަކަށް ޖަވާބެއްވެސް ނުދެއެވެ. މީކައިލްއާ ހަމައަށް ވާސިލް ވެވޭތޯ އެތައް މަސައްކަތެއް ކުރެވިއްޖެއެވެ. ނަމަވެސް އެހުރިހާ މަސައްކަތެއްވީ ބޭކާރެވެ. އެންމެ މެސެޖަކަށްވެސް މީކައިލް ޖަވާބެއް ނުދެއެވެ. އޭނާ އެއީ މުހިންމު މީހެއް ކަމުގައި މީކައިލް ނުދެކެނީ ހެއްޔެވެ. އެދުވަހު އަންހެން ކުއްޖަކާއެކު ފެނުނަސް އެކަމަށް މައާފް ކުރަން ވެސް މަހީރް ހުރީ ނިންމައިގެނެވެ. ކަމުގެ ދެކޮޅު ނުބަލާ މީކައިލްއަށް އެހާ ބޮޑު ތުހުމަތެއް ކުރަން މަހީރް ބޭނުން ނުވަނީއެވެ.
މަހީރް މަޑުކޮށްލުމުން ތެރަޕިސްޓު އެތެރެއަށް ވަދެގެން ދިޔައެވެ. މީކައިލް އެނބުރި ބަލާވެސް ނުލާ އެތަނުން ދިޔައީއެވެ. ފަހަރެއްގައި މަހީރްގެ އަޑު މީކައިލްއަށް ނީވުނީއޭ މަހީރްގެ ހިތަށްއެރިއެވެ. ހިތުގައިޖެހި ހިތް ކުދިކުދިވެ ދިޔަސް މީލައިލްއާ މެދު ގޯސްކޮށް ވިސްނާކަށް މަހީރް ބޭނުމެއް ނުވިއެވެ. މީކައިލް އަށް ވީގޮތެއް ނޭގުނަސް އަދި އެނބުރި އޭނާ ގާތަށް އަންނާނޭ މަހީރްގެ ހިތް ބުނަމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.