Skip to content
އެސްފިޔަ

ލޯބިވޭ އަނަންތަކަށް… – 12

Listen to this story Audio · 11:24 Powered by Esfiya Voice
0:00 11:24

ފިނިފެންމަލާއި ކޮކާތައް

‘އެކީއްވެ މީކާއިލް މިތަނުގައި؟’ ޔުން އަމިއްލައަށް އިނދެ ސުވާލުކޮށްލިއެވެ. ‘ކިހިނެތްބާ މިތާގައި އަހަރެން އިންކަން އެނގުނީ؟’ ޔުން ހިތް ބިރުގަތެވެ.

“އަހަރުން ހިއެއް ނުކުރަން ދާރިސް މީކާއިލްވެސް މިތަނުން ކާ ކަމަކަށް…!” ސަޔާން މޭޒު މެދުގައި ބެހެއްޓިފައިވާ ކުޑަ ކަރަންޓު ފިހާ މެޝިނަކުން ގެރިމަސްކޮޅު ނަގަމުން ބުންޏެވެ.

“…އަހަރެން މިތަނުގައި އިނުމުގެ ސަބަބުން އުނދަގޫވޭތަ؟” މީކާއިލް ސުވާލުކޮށްލިއެވެ.

“ނޫން-ނޫން އަހަރުމެންނަކީ ހަމައެކަނި ރައްޓެހިން. ޔުން ކޮލެޖު ކުރިމަތިން ފެނުނީތީވެ ގޮވައިގެން އައީ… އެހެންވެ ދާރިސްއަށް ވެސް ދަޢުވަތު ދިނީ… ހަހަހަހާ.” ސަޔާން ބާރަށް ހީލަމުން ބުންޏެވެ.

“…ވަރަށް ރަނގަޅު ރައްޓެއްސެއް ތިއީ އެހެންވީރު…” މީކާއިލް ދެއަތް އުރާލަމުން ބުންޏެވެ. އެ ވަގުތު ޔުން ސަޔާންއަށް ލޯ އަޅާލިއެވެ.

“ދެން… ސަޔާން. ބޭކާރު ވާހަކަ ނުދައްކާ!” ސަޔާން ބުނަމުން ދިޔައެވެ. “ތިކަހަލަ ބޭކާރު ވާހަކަ ދައްކަންޏާ، އަހަރެން ގެއަށް ދާނަން.” ޔުން އިންޒާރު ދިނެވެ.

“މީތިކޮޅު ކައިބަލަ ޔުން!” ފިހެފައިވާ ގެރިމަސްކޮޅެއް ޔުންއަށް ދިއްކުރަމުން ސަޔާން ބުންޏެވެ. ޔުން ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި ހުއްޓެވެ.

“އަހަންނަށްވެސް އަމިއްލައަށް ކެވޭނެ.” ސަޔާން ދިއްކުރަމުން ދިޔަ އޫ ދުރަށް ޖައްސާލަމުން ބުންނެވެ. އޭރުވެސް މީކާއިލް ފާޑަކަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ލޯ ކުނާކުރެވިފައި ވެއެވެ.

“ދާރިސް ކާންދޭތީވެ، އަހަރުން ދެރަވެސްވޭ…” ސަޔާން ގެރިމަސްކޮޅު ހަފާލަމުން ބުންޏެވެ.

“އެއީ މައްސަލައެއް ނޫނޭ… އަހަރެން އެންމެ ފަހުން އައީވެސް…” މީކާއިލް މަޑު އަޑަކުން ބުންޏެވެ. ތިން މީހުންވެސް ގެރިމަހާއި، އެކި ވައްތަރުގެ ފަތުއެކުވި ވެސް ކެއެވެ.

“ހިނގާބަލަ… އަހަރެން ޔުން ލައިދޭނަމޭ…” ހޮޓާއިން ނުކުންނަމުން ސަޔާން ބުންޏެވެ.

“ނޫން. އަހަރެން ދާނީ ބަހުގައި…” ޔުން ދެބަސްވިއެވެ.

“ތިކަހަލަ ހެދުން ލައިގެން ހުރެ ރޭގަނޑު މިހާ ދަންކޮށްފައި ބަހަށް އެރުމަކީ ގޯސްކަމެއް…” ސަޔާން ވިސްނަމުން ޖަވާބެއް ދިނެވެ.

“ކިހިނެތްވާނެ އަހަރުން ކާރުގައި ގެންގޮސް ދިނިއްޔާ؟… އަހަންނަށް ހީވަނީ އޭނާގެ ގެ އެއް ދިމާއެއްގައިހެން ހުންނަނީ” މީކާއިލް ބުންޏެވެ.

“މަޑުކޮށްބަލަ… ދާރިސް! ކޮންތާކުތަ ޔުންގެ ގެ ހުންނަނީ؟ އަހަންނަކަށްވެސް ނޭނގެ.” ސަޔާން ބާރަށް ބުންޏެވެ. ޔުން މީކާއިލްއާއި ދިމާއަށް ބަލައިލިއެވެ.

“އަހަރެމެންގެ ގެ ހުންނަ ސަރަހައްދުން ޔުން ފެންނާތީވެ…” މީކާއިލް އިތުރު ކޮށްލިއެވެ.

“އެހެންތަ؟ ޔުން ލައިދޭން ދޭ އަވަހަށް…” ސަޔާން އެހެން ބުނުމަށްފަހު، ޔުންގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ.

“ލައްބަ…” މީކާއިލް ހިނިތުންވުމެއް ހަދިޔާ ކުރަމުން އެއްބަސްވިއެވެ.

“އެހެންވިއްޔާ… އަހަރެންވެސް ދެން މިދަނީ ގެއަށް…” ސަޔާން އެހެން ބުނުމަށްފަހު، ސަޔާން އޭނާގެ ކާރާ ދިމާއަށް މިސްރާބު ޖެހިއެވެ.

“ހިނގާ އަވަހަށް ގެއަށް ދާން…” މީކާއިލް ބުނަމުން ދިޔައެވެ.

“…ކަލޭ ފުރަތަމަ ދޭ ގެއަށް. އަހަރުން އިރުކޮޅަކުން ދާނީ…” ޔުން މީކާއިލްއާ ދުރުވަމުން ބުންޏެވެ.

“…ކަލޭ ހީކުރީ އަހަރެން މިތަނަށް އައީ ހަމައެކަނި ކާން ކަމަށްތަ؟” މީކާއިލް ސުވާލު ކޮށްލިއެވެ.

“…ނޫން، އެކަމު މިތަނަށް އައީ ކީއްވެ؟ މުޅި މާހައުލުވެސް ތަފާތުވީ ކަލޭ އައި ހިސާބުން.” ޔުން ސުވާލު ކުރަމުން ދިޔައެވެ.

“ކީއްވެ ހެއްޔޭ؟ ކަލޭ އަހަރެން ގުޅީމަ ފޯނު ނުނަގަނީ؟ އަދި އެހެން ފިރިހެނަކާ އެކީ ތިޔަ ކެއީ…” މީކާއިލް އިސް ތިރިކޮށްލަމުން ބުންޏެވެ.

“ސަޔާން އެއީ އަހަރެންގެ ރައްޓެއްސެއް! އެއީ އެހެން ފިރިހެނެއް ނޫން! ދެން ކޮބާ ސުޒާނާ؟ ކަލޭގެ މަންމައާއި ވަރަށް ގާތެއްނު؟” ޔުންވެސް ރައްދުދިނެވެ. ޔުން ވިސްނަމުން ދިޔައީ މިއަދު ހަވީރުގެ ވަގުތުގައި ދިމާވި ހާދިޘާއާއި މެދުއެވެ.

“ކަލޭ ހަސަދަ ވަނީތަ؟ އެއީ ދޯ ކެއުމަށް މަންމައާއިއެކު މަޑުނުކުރި ސަބަބަކީ!؟” މީކާއިލް ކޯޓުގެ ޖީބަށް އަތް ކޮއްޕާލިއެވެ. ޔުންގެ ފަހަތުން މަޑު ހިނގުމެއްގައި ހިނގާފައި ދިޔައެވެ. ދުވާރު މަތީގައި ބޫޓުން ޖެހޭ ކޮންމެ ފަހަރަކު، ‘ޓޮއް’ އަޑު ގޮވައިގެން ދެއެވެ.

“ކޮން ހަސަދައެއް؟ އަހަރެން އެތަނުގައި މަޑުނުކުރީ ސުޒާނާ ހުރީމާ… އަދި އަހަރެމެންގެ ކައިވެނި ވެސް ސިއްރު ކުރުމަށް ޓަކައި.” ޔުން އަތް ދަބަހުގެ އަތްގަނޑުގައި ހިފާލަމުން ބުންޏެވެ. ކަފިހިހުރަސް ގިރާކުރަމުން ބުންޏެވެ. “ޔުސްރާއްތައަށް އުނދަގުލެއް ވާކަށް އަހަރެންގެ ހިތެއް ނޭދޭ… އެހެން ނޫނަސް މިވަގުތު ގެއަށް ދާކަށް ބޭނުމެއް ނޫން. މުޅި ގައިގައި މިހާރު ދުވަނީ މަހާއި ތެޔޮގަނޑުގެ ވަސް.” މީކާއިލްއާއި ދިމާއަށް ޔުންގެ ފުރަމަލަ ފެންނަހާ މިންވަރަށް ފަހަތަށް އެނބުރުނެވެ. “…ހާސް ނުވޭ، އަހަރެން އިރުކޮޅަކުން ގެއަށް ދާނަން. މިހާރު ބޭނުންވަނީ ހަމަޖެހިލައިގެން ވައިރޯޅިއެއް ލިބިގަންނަން…” މަގުގެ އަނެއް ފަޅީގައިވާ ދުވާރު މައްޗަށް އަރަމުން ބުންޏެވެ.

މީކާއިލްއަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި ހުރެވުނެވެ. ޔުން ހިނގާފައި ދިޔައިރު ފަހަތުން ބަލަން ހުރެވުނެވެ. ‘ޓޮއް’ އަޑު ގޮއްވަމުން މީކާއިލް ބާރަށް ދުވެފައި ގޮސް ޔުންގެ ކަނާތުގައި ހިފާލިއެވެ. ޔުން ސިހިގެން ދިޔުމާއެކު މީކާއިލްގެ މޫނަށް ބަލައިލިއެވެ. ދެ މީހުންވެސް ހަތަރު ކަޅި ހަމަވިހެން ބުނެދެން ނޭނގޭ ފަދަ އިހުސާސެއް ކުރެވުނެވެ.

ޔުންއަށް ހައިރާންވެފައި ހުރެވުނީ މީކާއިލް ކުއްލިއަކަށް އައިސް އޭނާގެ އަތުގައި ހިފީ ތީއެވެ. ވޭތުވެދިޔަ އެއްވެސް ޒަމާނެއްގައި އޭނާގެ ކިބައިން މިފަދަ ޢަމަލެއް ފެނިފައި ނެތުމުން ޔުން ހައިރާން ވިއެވެ. އަމިއްލަ ހިތައި ސުވާލު ކުރެވެމުން ދިޔައީ އޭނާގެ މި ހަރަކާތުގެ މަޤުޞަދަކީ ކޮބައިކަމެވެ. އަދި މި ކުޑަ ހަރަކާތުން އަމިއްލަ ހިތަށް ވެރިވަމުން ދިޔަ އުފާވެރި ކަމެވެ. އުފާވާންވީ އެއްވެސް ސަބަބެއް ނެތް ތާކު ޔުންއަށް ހިނިތުންވެސް ވެވުނެވެ.

ދެ މީހުންވެސް އަތް ގުޅުވާލައިގެން ހަވީރީ މައިދާނަކަށް ވަނެވެ. ދިގު ގޮނޑިތައް އެކި ހިސާބުގައި އަތުރާލާފައި ވާއިރު، ގަދަރީނދޫ ކުލައިގެ ބޮކިތައް މުޅި އެ މައިދާން އަލި ކޮށްދެމުން ދިޔައެވެ. ގަސްތަކުގެ ފަތްތައް ކުދި ވައިރޯޅިތަކަށް ތެޅިލައެވެ. ފަތްތައް ތެޅޭ ހިތްގައިމު އަޑު އިވިގެން ދެއެވެ.

ޔުންގެ ހިތަށް އަރަމުން ދިޔައީ އެހެން ކަހަލަ ޚިޔާލެކެވެ. އޭނާއަށް މިކުރެވޭ އިހުސާސްތައް މީކާއިލްއަށްވެސް ކުރެވޭ ބާވައެވެ؟ ނުވަތަ އަހަރެމެން ގައިގޯޅިވާ ކޮންމެ ފަހަރަކު އޭނާގެ ޚިޔާލުތަކާއި ވިސްނުންތަކަކީ ކޮބާ ބާވައެވެ؟ އަހަރުން ބާރަށް ހިނގާފާނެތީވެ އަތުގައި ހިފައިގެން ހުރީ ބާވައެވެ؟… އޭނާގެ އަތުން އަހަރެން ދޫކޮށްލަންވީ ބާވައެވެ؟ ފުން ޚިޔާލުތަކަށް ގެއްލިފައިވާ ޔުން ސިހިގެން ދިޔައީ ކުއްލިއަކަށް މީކާއިލް އަތުގެ އިނގިލިތަކުގައި އަތް ކާއްތަން ފެށިހެންނެވެ.

“ކައިވެނި ކުރި އިރު އެޅި އަނގޮޓި ކޮބާ؟ ކީއްވެ އަނގޮޓި ނެގީ؟” މީކާއިލް ޔުންގެ އަތް އޭނާގެ އަތާއެކު ހިއްލާލަމުން ބުންޏެވެ.

“އާހް. އެއީ…” ޔުންއަށް ތަދުވިއެވެ. ދެންމެ އަނގޮޓި ނެގި ސަބަބު ކިޔައިދޭން ޔުން ބޭނުންވިއެވެ.

“ކީއްވެ ނެގީ؟” މީކާއިލް ދެ ބުމަ ގާތްކޮށްލިއެވެ. ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.

“އޭރު ސަޔާންއާއެކު ކާން ދިޔައިރު އަނގޮޓި ނެގީ. އޭރު އެހެން އަނގޮޓިތަކެއް އަހަރުންގެ އަތުގައި ނެތް. އެހެންވެ، ސަޔާންއަށް ފޮރުވަންވެގެން ދަބަހަށް ލީ… މަޑުކޮށްބަލަ! މިއޮތީ…” ޔުން އޭނާގެ އަތް ދަބަހުން އަނގޮޓި ނަގާ މީކާއިލްއަށް ދިއްކޮށްލަމުން ބުންޏެވެ.

މަޑުމައިތިރި ކަމާއެކު މީކާއިލް ޔުންގެ ކަނާތުގެ ކަށި އިނގިލީގައި އަނގޮޓި އަޅުވައިދިނެވެ. އެހާވެސް ލޯބިން ސަމާލުކަން ދިނުމާއެކު ޔުންގެ އަތުގައި އަނގޮޓި އެޅުވުމަށްފަހު ބަލައިލިއެވެ. މީކާއިލް މޫނަށް ނަޒަރު ހިންގާލެވުނު އިރު ޔުންގެ މޫނުގައި ރަތްކަން ވެރިވެފައި ވެއެވެ. އަނެއްކާވެސް މީކާއިލް ޔުންގެ އަތުގައި ހިފާލިއެވެ. އިނގިލިތަކުގައި ބާރަށް ހިފަހައްޓަމުން ދިޔައެވެ. މީކާއިލް ޔުންއާއި ދިމާއަށް އެނބުރި ބަލައިލިއެވެ.

“މީކާއިލް! ބަލައިބަލަ…” ޔުން ހަޅޭއްލަވައިގަތެވެ. މީކާއިލްގެ އަތުން ދޫކޮށްލަމުން އެ މައިދާނުގައި ހައްދާފައިވާ ފިނިފެންމާތަކުގެ ބަގީޗާއާއި ދިމާއަށް ދިޔައެވެ. ހިނގަން އޮތް މަގުގައި މީކާއިލް މަޑުކުރިއެވެ. އަދި ޔުން ދުވެފައިދާ މަންޒަރު ބަލަން ހުއްޓެވެ. ފިޔާތޮށި ފިނިފެންމާ ހައްދާފައިވެއެވެ. ބަގީޗާގެ ދެއަރީގައި ކޮޅަށް ނަގާފައިވެއެވެ. ޔުން އެތަނުން މަލެއްގައި ވަސްގަތެވެ. “މީކާއިލް! އާދެބަލަ ވަރަށް އަވަހަށް… މި މާތަކުން ވަރަށް މީރު ވަހެއް ދުވަނީ…”

އެ ރީތި ފިނިފެންމަލުގެ ބަގީޗާ ތެރޭގައި ޔުން ހުއްޓިލައިގެން ހުރި އިރު މީކާއިލްއަށް އޭނާގެ ހިތް އަވަސްވަމުން ދިޔަކަން އެނގެއެވެ. ހުދު މަޑު ފިޔާތޮށި މާތަކެއް ޖެހި ކުރު ހެދުމެއްގައި ޔުން ހުރުމުން ބަގީޗާގެ ފެހި ގަސްތަކާއި ކުލައިގެ ގޮތުން އިދިކޮޅުވެފައި ވެއެވެ. އެ މަންޒަރު ބެލުމަށް އެސްފިޔަ ޖަހައިވެސް ނުލާ މީކާއިލް ބަލަން ހުއްޓެވެ. އެވަގުތު އޭނާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ބައެއްފަހަރު ހިތުގެ ވިންދެއް ދޫކޮށްލާފައި ދާހެންވެސް ހީވެއެވެ. ކޯތާފަތްމަތީގައި ފަނޑު ރަތް ކަމެއް ވެރިވަމުން ދިޔައެވެ.

މަޑުމަޑުން ހިނގަމުން ޔުން ހުރި ދިމާއަށް ބަގީޗާއަށް މިސްރާބު ޖެހިއެވެ. ނަގަމުން ދިޔަ ކޮންމެ ފިޔަވަޅަކަށް މީކާއިލް ފުންކޮށް ވިސްނަމުން ދިޔައެވެ. އޭނާގެ ހިތް އެދެމުން ދިޔައީ ޔުން ބޭނުންވާނޭ ފަދަ މީހަކަށް ވުމަށެވެ. ހަޔާތުގެ ނުކިއްސަރު ކަމުން ވަގުތު ކޮޅަކަށް ނަމަވެސް ސަލާމަތްވާނެ ދޮރަކަށް ވުމަށެވެ. އަދި ޔުންގެ ފަރި ހިނިތުންވުން އަބަދަށް ޓަކައި އޭނާއަށް ފެންނާނެ ގޮތް ވުމަށެވެ. އިހުސާސްތައް މަޖުބޫރުކުރަމުން ދިޔައީ ޔުންގެ ވަނަވަރު ބެލުމަށެވެ. އޭނާއާ ބެހޭ ހުރިހާ މަޢުލޫމާތަކާއި ބެހޭގޮތުން އޭނާގެ ހިތް އާދޭސް ކުރަމުން ދިޔަފަދައެވެ. މި އިހުސާސްތައް ހިތުގެ އަޑީގައި ވަޅުލަން އުޅުނަސް، އަލުން މުޑުވައް ކުރެވި އޮބިނޯންނަ ވަރަށް ބޮޑުވެގެންދެއެވެ. ކޮށްޓެއްގައި ބަންދުކޮށްފައިވާ ކޮކާތަކެއްގެ މިސާލެވެ. ކޮށިން ނުކުތުމަށް ހަނގުރާމަވެސް ކުރަމުންދެއެވެ. ސިކުނޑިއަށް ވިސްނާލުމުގެ ކުރިއަށް އޭނާގެ ހަށިގަނޑު އަމިއްލައަށް ހަރަކާތް ގެނައެވެ. ޔުން ހުރި ދިމާއަށް ދުއްވައިގަތެވެ.

ޔުންގެ ފަހަތުގައި ހުއްޓިފައި މީކާއިލް އަނެއްކާވެސް ހިތާހިތުން ސުވާލުކޮށްލިއެވެ. ‘މިއީ ކޮންފަދަ އިހުސާސެއްބާވައެވެ؟’

“މިތަނުގައި ދުވަނީ ކޮޓަރީގައިވެސް ދުވާ މީރުވަސް… ގެއިން ބޭރަށް ނުކުތް އިރު އަހަރުންގެ ގައިން ދުވާނީވެސް ފިނިފެންމަލުގެ ވަސް… އެކަމު އަހަންނަށް ހީވަނީ މާ ގިނައިރު އެ ހޮޓަލުގައި މަޑު ކުރެވުނު ހެން…” މީކާއިލް ކައިރީގައި އެއްވެސް ޖަވާބެއް ނުދީ ހުރުމުން ޔުން މީކާއިލްގެ މެއާއި ދިމާއަށް ގާތްވިއެވެ. “އޭނ؟ އެކަމު ކަލޭގެ ގައިން ދުވަނީ ފިނިފެންމަލުގެ ވަސް… ހޮޓަލުގައި މާ ގިނައިރެއް ނުވޭ ދޯ އެހެންވީމާ؟” ޔުން މީކާއިލްގެ މޫނާ ދިމާއަށް އިސްއުފުލާލިއެވެ. “މީރު ވަސް ދުވާތަ؟ ފިނިފެން— މަލުގެ؟” މީކާއިލް ބަލަން ހުރިލެއް ފުންކަމުން ޔުންއަށް ހުއްޓުން އެރިއެވެ.

ދެ މީހުންގެ ހަތަރު ކަޅި ހަމަވިހެން މީކާއިލް ޔުންގެ މޫނާ އެއްވަރުވާ ވަރަށް ގުދުވެލިއެވެ. ހިތާހިތުން ޔުން ދުވަހަކުވެސް ދޫކޮށް ނުލާނެކަމަށް ވައުދުވަމުންނެވެ. ހިތުގައި ހިނގަމުން ދިޔަ އިހުސާސްތައް ފުންވަމުން ދިޔައެވެ. ޔުންއަށް ބަލައިލުމުން އިތުރަށް އެ ހިނިތުންވުމަށް އާދޭސްކުރެވޭ ކަހަލައެވެ. ދުވަހަކުވެސް ޔުން ދޫކޮށް ނުލާން މީކާއިލް ހިތުލިއެވެ. ޔުންގެ އަރިކަށިމަތީގައި މީކާއިލްގެ އަތް ބާއްވާލަމުން ޔުންގެ ތުންފަތަށް ބޮސްދޭން ފެށިއެވެ. ހިތުގެ ރަން ކޮށީގައި ތާށިވެފައިވާ ކޮކާތައް އުދުހިގެން ދިޔަ ފަދައެވެ. އަމިއްލަ ހިތުން ނަމަވެސް އެ އިހުސާސްތައް މީކާއިލްއަށް ގަބޫލު ކުރެވުނެވެ.

ޔުން މީކާއިލްގެ ކޮލުގައި އިނގިލިތަކުން ފިރުމާލިއެވެ. މީކާއިލް ޔުންގެ ބޮލުގެ ފަހަތުގައި އަތް އަޅުވާލަމުން ލޯބިކުރަމުން ދިޔައެވެ. ބޮސްދިނުން އިތުރަށް ފުން ކުރަމުން ދިޔައެވެ. ހީވަނީ ދެ މީހުންވެސް ބޭނުންވެފައިވާ ހެންނެވެ. ބަގީޗާގައި ދެ މީހުންވެސް އެކަނިމާއެކަނި ތިބެ އަމިއްލަ ގޮތުން ނަމަވެސް އިޝްގީ އިހުސާސްތައް ބޭރުކުރަމުން ދިޔައެވެ.

(ނުނިމޭ)

މި ބައިވެސް ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރަން…