
ލޯބިވޭ އަނަންތަކަށް… – 11

ހީނުކުރާ ބައްދަލުވުމެއް
“ސަލާން، ސުޒާނާ. އަހަރެން ހީކުރީ އެހެން މީހެއް ކަމަށް…!” ޔުންގެ ނިތްކުރިން ދާ ހިއްލަމުން ދިޔައެވެ. ހާސްވެފައިވާލެއް ބޮޑުކަމުން ރަނގަޅަށް ނޭވާވެސް ނުލެވެއެވެ.
“ހާދަ ރީތިވެލައިގެން؟…” ސުޒާނާ ދަތްދޮޅީގައި އިނގިލިތައް ޖައްސާލަމުން ބުންޏެވެ.
ޔުސްރާއަށް ވީ ކުރީގެ ހަނދާންތަކެވެ. ޔުން ކައިވެނި ސިއްރު ކުރުމަށް އެއްބަސްވެފައިވާ އެއްބަސްވުމެވެ. ޔުސްރާވެސް ހުރީ ކުއްލިއަކަށް މި ބައްދަލުވި މީހެއްގެ ސަބަބުން ހަދާނެ ގޮތެއް ނޭނގިފައެވެ.
ޔުން ތުރުތުރުލާ ހާލުގައި ހުރެ ބުންޏެވެ. “މިއީ ޔުސްރާއްތަ… އަހަރެންގެ މަންމަގެ ވަރަށް ދުވަސްވީ ގާތް ރައްޓެއްސެއް. ދެންމެއަކު މިތަނުން ބައްދަލުވީ…” ޔުންގެ ލޯވެސް ބޮޑުވެގެން ދިޔައެވެ. ލޭގެ ހިނގުން އަވަސްވެގެން މީހާއަށް ބަދަލުތައް އަންނަން ފެށިއެވެ.
“އެހެންތަ؟ ކަލެއަށް އެނގޭތަ ތިއީ ދާރިސް މީކާއިލްގެ ވެސް މަންމަކަން…؟” ސުޒާނާ ކަމެއް ނުވާކަމަށް ހެދި ހުރެގެން ބުންޏެވެ.
“އޭނ…؟ އަދި މި އެނގުނީ… ހަހަހަ. އަހަރެމެން ދެ މީހުންވެސް އެއް ކިލާހެއްގައި އުޅޭތީވެ…” ޔުން މިހާރު ބުނާނެ އަދި ވިސްނާނެ އެއްޗެއްވެސް ނޭނގުނެވެ.
“މީކާއިލް ކިޔަވައިދޭ ދޯ ޔުންއަށް ވެސް؟” ޔުސްރާވެސް ތަމުސީލީ ގޮތަކަށް ފަހަތަށް ޖެހިލަމުން ބުންޏެވެ.
“ވަރަށް އުފާވެއްޖެ ބައްދަލުވީތީ…!” ސުޒާނާ ހިފައިގެން ހުރި ދަބަސް އަތަށް އަމުނާލަމުން ބުންޏެވެ. “ޔުސްރައްތާ، ހިނގާ ހުރިހާ އެންމެން ވެސް ކާން ދާން؟” ސުޒާނާ ޔުސްރާއާއި ގާތްވަމުން ބުންޏެވެ.
“ނޫނޭ ދަރިފުޅާ. މި ގަޑީގައި ވަރަށް އަވަސް އަރުވާލައިގެން މިއުޅެނީ… އަދި އެބައޮތް އާއިލާއާއެކު ކެއުމެއްވެސް.” ޔުސްރާ ސުޒާނާއަށް ބަލައިލަމުން ބުންޏެވެ.
“އެހެންވީ އިރު ތިޔަ ބުނީ މީކާއިލްވެސް ދާނެ ވާހަކަތަ؟ އޭނާ ކާން ދާނަމަ އަހަރެންވެސް ދާނަން.” އާދޭސް ކުރާ ރާގެއްގައި ސުޒާނާ ބުންޏެވެ.
“އަހަންނަށް މަޢާފުކުރޭ! އަހަރެން އަދި އޮންނާނެ ފިލާވަޅެއް ނުހަދާ… އެހެންވެ މި ގަޑީގައި މަޑުކުރެވޭކަށް ނެތް… ޝުކުރިއްޔާ މިއަދު އަޅުގަނޑާއެކު އުޅުނީތީވެ. އިހަށް ދަނީ…” ޔުން ވަރަށް އަވަހަށް ޔުސްރާއަށް ބަލައިލަމުން އެ ފިހާރަ ބަރިން ދުރަށް ދެވޭތޯ ބެލިއެވެ.
ޔުސްރާ ހުރީ އެކަމާ ވަރަށް ބޮޑަށް ދެރަވެފައެވެ. އޭނާގެ ފަހަތުގައި މިހާރުވެސް ސުޒާނާ ހުރީ ދާނެ ތަނަކާއި ބެހޭގޮތުން މަޝްވަރާ ކުރަން ތައްޔާރަށެވެ.
ޔުން ފިހާރަތައް ހުރި ހަރުގެއިން ނުކުމެ ބޭރުގައިވާ ދުވާރުމަތި ހުރަސްކޮށް ހިނގައިގަތެވެ. ބަހުގެ ޚިދުމަތަށް މަޑުކުރާ ކުޑަ ޖަގަހަ ގަނޑެއްގައި ޔުން އިށީނުމަށް ދިޔައެވެ. ކާރުބާރު ބޮޑު މަގުމަތީން އުޅަނދުގެ އަޑުތައް ފިޔަވާ އެހެން އަޑެއް ނުވެއެވެ. ‘މިހާރު ދެން އަހަރެން ކުރާނީ ކީއްބާ؟… ހަމަގައިމުވެސް މި ގަޑީގައި ގެއަކަށް ނުދެވޭނެ. ފިލާވަޅެއް ނިންމަން އޮތް ވާހަކަ ބުނީމައި.’ ޔުން ފުންކޮށް ވިސްނަމުން ދިޔައެވެ. ހަވީރީ ރީތި ހެދުމެއް ލައިގެން ހުރީތީވެ ގިނަ މީހުން ޔުންއާއި ދިމާއަށް ނަޒަރު ހިންގަމުން ދިޔައެވެ. ‘ޔަޤީން… މީކާއިލް މިހާރު އަހަރެން ދިޔަ ހިސާބެއް ނޭނގިގެން އުޅޭނީ…. އެކަމު، އަހަރެން މިވަގުތު ކީއްބާ ކުރަންވީ؟’
ފޯނު އަތަށް ނަގައިގެން ހުރެ ބަހަށް އެރުމަށް އަވަސްވެގަތެވެ. ބަހުގައި އިނދެގެންވެސް ޔުން ވިސްނަމުން ދިޔައީ ދެން އޭނާ ކުރާނެ ކަމަކާއި މެދުއެވެ. ޔުސްރާއްތައަށް އޭނާ ގެއަށް ދާ ވާހަކަ ޖަހާފައި މެސެޖެއް ފޮނުވާލިއެވެ. އެއީ ސުޒާނާ އައުމުން އޭނާއަށް އެތަނުގައި މަޑު ނުކުރެވޭނެކަން ޔަޤީންވާތީއެވެ.
އިރުއޮއްސި އުޑުމަތިން ރަތްވިލާތައްވެސް ފަނޑުވާން ފެށި ވަގުތެވެ. ފުސް އަލިކަމެއް ގެނުވާފައިވާ ބިނާރުތައް ވެއެވެ. އަދިވެސް މަގުމަތީގައި ޓޮއް އަޑު ގޮއްވާފައި ޔުން ހިނގަމުން ދިޔައެވެ. އޭނާއަށް އެނގެމުން ދިޔައީ ސުޒާނާއާއި މީކާއިލްމެންގެ އާއިލާއާ އޮތް ގުޅުމެވެ. އެ ގާތްކަމެވެ. ޔުން ކުރިން ކަންތައް ކުރެވުނު ގޮތާއި މެދު ވިސްނަމުން ދިޔައެވެ. ‘އަޅެ އަހަންނަށް އެ މީހުންނާއެކު މަޑުކުރެވުނު ނަމަ ރަނގަޅުވާނެބާ؟’ ޔުން ޚިޔާލަށް އަރަމުން ދިޔައެވެ.
ކުއްލިއަކަށް ފަހަތުން އިވުނު ބާރުގަދަ ބަރުގޮނުގެ އަޑާއެކު ޔުން ސިއްސައިގެން ދިޔައެވެ. ފަހަތަށް ބަލައިލި އިރު ސަޔާން ހުރިތަން ފެނުނެވެ. “ތިއީ އަނެއްކާ ޔުން، ދޯ؟” ސަޔާން ޔަޤީންކޮށްލުމަށް ބާރަށް ގޮވާލިއެވެ.
“ސަޔާން؟ މިތަނުގައި ކީއްކުރަނީ؟” ޔުން ހައިރާންވެ ސުވާލުކޮށްލިއެވެ.
“އަނެއްހެން ކަމެއް ނުކުރަން… ކުއްޖަކު ދަނާލަށް ލައިފައި މިއައީ…” ސަޔާން އެއްވެސް ލަދެއް ނެތި ބުންޏެވެ.
“…އޫނ. ޔަޤީން އަނެއްކާ އާ ކުއްޖެއް ދޯ؟” ޔުން ސަޔާންއާއި ދިމާއަށް ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ.
“އާނ، އަދި އަލަށް ކޮލެޖަށް ވަދެގެން އުޅޭ ކުއްޖެއް. ނެށުމާބެހޭ މަރުކަޒުގައި އުޅޭ…” ސަޔާން ލައިގެން ހުރި ކޯޓުގެ ޖީބަށް ދެއަތް ކޮއްޕާލަމުން ބުންޏެވެ. “…ކަލޭ މިތަނުގައި ކީއްކުރަނީ؟ އެ ކީއްވެ ތި ހަވީރީ ހެދުމުގައި އަމިއްލައަށް ތިޔަ ހިނގަނީ؟ އަނެއްކާ ‘ޑޭޓަ’ކަށް ދިޔައީތަ؟ ނޫނީ މީހެއްގެ ކައިވެންޏެއްގައި ބައިވެރިވީތަ؟” ސަޔާން ސުވާލުގެ ފަތިވަރެއް އަމުނާލިއެވެ.
“ނޫން! މިއައީ…” ޔުންއަށް ހުއްޓުން އެރިއެވެ.
“މިހާރު ކުއްޖަކާ ރައްޓެހިވީތަ؟” ސަޔާން އެއްވެސް ލަދެއް ނެތި ސުވާލުކޮށްލިއެވެ.
“…ނޫން!!! ތިޔަހެން ވާހަކަ ނުދައްކާ މަށާ!” ޔުން ދެބުމަ ގޮށްޖަހާލަމުން ބުންޏެވެ.
“ދެން މިހާރު ކޮންތާކަށް ތިޔަ ދަނީ؟” ސަޔާން ޔުންއާއި ގާތްވަމުން ސުވާލު ކޮށްލިއެވެ. “އަދި މިރޭ ނުކައި ދޯ ތިއުޅެނީ؟” ސަޔާން އިތުރަށް ސުވާލު ކުރިއެވެ. “އެހެންވިއްޔާ ހިނގާބަލަ މަށާއެކު… އަވަހަށް އާދެބަލަ!” ސަޔާން ޔުންގެ އަތުގައި ހިފާފައި ކާރާއި ދިމާއަށް ދުއްވައިގަތެވެ.
‘ޓީޖޭ ކޯޕު’ ގެ ބޮޑު އިމާރާތުގެ އެންމެ މަތީ ބައެވެ. މީކާއިލް އިނީ ދެންމެއަކު އޭނާގެ މަންމް ފޮނުވި މެސެޖެއް ބަލާށެވެ. އޭނާގެ ފަހަތުގައި ހުރި މަހުލޫފު އަހާލިއެވެ. “‘އަނެއްކާ ‘ޑޭޓަކަށް’ ދަނީތަ…؟”
“އިނގޭތަ މި ހޮޓާ؟ ދެންމެ މަންމަ ފޮނުވި ތަނެއް މިއީ… އެހެން ނޫންނަމަ ގުޅާނެ! މިފަހަރު އަދި ނުގުޅާ…” މީކާއިލް ފޯނުގައިވާ މަންޒަރު ދައްކަމުން ދިޔައެވެ.
“…އާނ، މިއީ ރައްޓެހިވެގެން އުޅޭ މީހުން ދިޔުމަށް ވަރަށް މަޝްހޫރު ހޮޓާއެއް. އެތަނުގެ ކައްކާވެސް އެއީ މުޅި ގައުމުގައިވެސް ގަދަ ދިހައެއްގައި ހިމެނުނު މީހެއް… އެހެންވެ މޭޒަކަސް މިވާދު ހޯދަންވެސް ވަރަށް އުނދަގޫ ވާނެ. ފަހަރުގައި ކަލޭގެ މަންމަ އެތަނަށް ކަލޭ ބޭނުންވީ ކަންނޭންގެ… ނުވަތަ ޔުންއާއި ގުޅުން ހުރި ޚާއްސަ ކަމަކަށްވެސް ވެދާނެ.”
“ޝުކުރިއްޔާ މަހުލޫފް.” މަހުލޫފުގެ ކޮނޑުގައި މީކާއިލް އަތްބާއްވާލަމުން ބުންޏެވެ. އަދި ހަމަ ތެދުވިހާ ބާރުމިނުގައި އެ އިމާރާތުން ނުކުތުމަށް އަވަސްވެގަތެވެ. “އެހެން ވިއްޔާ އަހަރެން މިއަދު އަވަހަށް ގެއަށް ދާނަން.” މީކާއިލް އޮފީހުން ނުކުތެވެ.
‘އިއްޔެ ޒުވާބު ކުރިފަހުން ޔުން އެހާ އެހާއެއް ނޫން. މަންމަ ކުރިމަތީގައި އޭނާއަށް އުޅެން ފަހަރުގައި އުނދަގޫވެސް ވެދާނެ.’ މީކާއިލް އެ ހޮޓާއަށް ވަންނަމުން ހިތަށް އަރުވާލިއެވެ. ‘މި ފުރުޞަތުގެ ބޭނުންކޮށް އޭނާ ހަމައަކަށް އަޅުވާލެވޭނެ ކަންނޭނގެ.’ މީކާއިލް އެހެން ހިތަށް އަރުވަމުން ގޮސް މޭޒުދޮށުގައި އިށީނުމަށް އަވަސްވެގަތެވެ. ރަނގަޅަށް ބަލައިވެސްނުލާ މޭޒު ކައިރިއަށް ގޮސް އިށީނުމަށް އުޅުނެވެ.
“…މީކާއިލް؟ ހާދަ އަވަހޭ؟” ޔުސްރާ ހައިރާންވެފައި ގޮވާލިއެވެ.
“އާނ. އަވަސްވާން ވާނެއެއްނު މަންމާ؟” މީކާއިލް ގޮނޑީގައި އިށީންނަމުން ކައިރީގައި ޔުން އިންކަމަށް ހީކޮށް ބަލައިލިއެވެ. ނަމަވެސް ސުޒާނާ އިންތަން ފެނި މުޅި މީހާގެ ޖަޒުބާތުތައް އެކަށް ކަޅުވެގެން ދިޔަ ފަދައެވެ. ހިތްހަމަ ނުޖެހިފައި މީކާއިލް ބުންޏެވެ. “އެކަމު މަންމަ އޭރު ނުކުތީ ވިޔަފާރިކުރުމަށް ނޫންތަ؟” ޔުސްރާ ދެންމެ ވީގޮތް ކިޔައިދެމުން ދިޔައެވެ.
ވަގުތުން ވަގުތަށް ޔުންއަށް މީކާއިލް މެސެޖު ކުރިއެވެ. “ޔުން؟ ރަނގަޅުތަ؟ ކޮންތާކު ތިހުރީ؟… ބަލައި ދާންވީތަ؟” މީކާއިލް ކުއްލިއަކަށް ގޮނޑިން ތެދުވަމުން ބުންޏެވެ. “ކުއްލިއަކަށް ކުންފުނީގެ ކަމެއް އަތުވެއްޖެ! އިހަށް މި ގޮސްލީ…” ހޮޓާއިން ނުކުމެ ޔުންއަށް ގުޅުމަށް މީކާއިލް އަވަސްވެގަތެވެ. “ޔުން؟ ހާލު ރަނގަޅުތަ؟ ކޮންތާކު ތިހުރީ. އިނގޭތަ ކިތަށް ފަހަރުކަން މިގުޅީ؟…” މީކާއިލް ހާސްވެފައިހުރެ ކާރުގެ ދޮރު ހުޅުވާ އެތެރެއަށް ވަންނަމުން ބުންޏެވެ.
“އަހަރުން މިވަގުތު މިހުރީ ކޮލެޖު ކުރިމަތީގައި… އަހަންނަށް ގެއަށް ދެވޭނީ ލަހުން…” ޔުން ފޯނުން ވާހަކަދައްކަމުން ބުންޏެވެ. “ހާސްނުވޭ. އަހަރުން ގެއަށް ދާނަން ރައްޓެއްސަކާއެކު ކެއުމަށްފަހުގައި…” ފަހަތުން ސަޔާން ވާހަކަ ދައްކާ އަޑުވެސް އިވުނެވެ. މީކާއިލް ހުރިތަނަށް ގަބުވިއެވެ. މީކާއިލްއަށް ސަޔާންގެ އަޑުކަން ޔަޤީންވި ހިސާބުން ދެ ލޯ ބޮޑުވެފައި ހުރެވުނެވެ. އޭނާއަށް ހާސްވެވުނީ މާ ބޮޑަށްކަން އަމިއްލައަށް ވިސްނުނެވެ. ‘އެކަމު ސަޔާންއާއެކު ޔުން އުޅޭތީވެ އުނދަގޫވަނީ ކީއްވެ ބާވައެވެ؟’
“ޔުން، އެ ކީއްވެތަ ކޮޓަރީގެ ބައިވެރިޔާ ނުގެނައީ؟… އަހަރެންވެސް އޭނާ އެނގެން ބޭނުމޭ…” ސަޔާން ބާރަށް ބުންޏެވެ.
“އަހަރެންގެ ބައިވެރިޔާ ކަލޭމެން ކަހަލަ ފިރިހެނުންދެކެ ރުޅިއަރާނެ. އެހެންވެ…” ޔުން ފޯނަށް ބަލަން އިނދެ ބުނަމުން ދިޔައެވެ.
“ކިހިނެތް ޔުންއަށް އެނގެނީ؟ އަދި އަހަރެމެން ބައްދަލެއްވެސް ނުވެއެއްނު! އަހަރެން ކަލޭ މި ކެއުމަށް ދައުވަތު ދިނީމެއްނު!” ސަޔާން އާދޭސް ކުރަމުން ދިޔައެވެ.
“ހެޔޮ! އެކަމު… އޭނާ އަންނާނެހެން ހިއެއް ނުވޭ…” ޔުން ލޯ އަޅާލަމުން ބުންޏެވެ.
“ކޮބާ… އެހެންވިއްޔާ އަހަރެން އިހަށް މިދަނީ އަތް ދޮވެލަން!” ސަޔާން ފަހަތަށް އެނބުރުނެވެ. ނަމަވެސް އެ ވަގުތު ޔުން ޝުކުރިއްޔާއޭ ކިޔާ ގޮވާލިއެވެ. ސަޔާން ޖަވާބުގައި ބުންޏެވެ. “އެއީ އެއްވެސް މައްސަލައެއް ނޫނޭ… އަހަރެން މިއީ ކަލޭގެ ރައްޓެއްސެއް….” ސަޔާން ސިންކާ ދިމާއަށް ދަމުން ބުންޏެވެ.
ސަޔާންއަށް މަޑުކޮށްގެން އިންދާ ޔުންއަށް ފެނުނީ އޭނާގެ ކަނާތުގައި އަޅާފައިވާ އަނގޮޓިއެވެ. އަވަހަށް އެއާ ދިމާއަށް ބަލައިލަމުން އަނގޮޓި ފޮރުވާލިއެވެ. އެހެން އަނގޮޓިތައް އަޅަން ޔުން މިއަދު ހަނދާނެއް ނެތެވެ. އެންމެ ފަހުން ޔުން އެ އަނގޮޓި ބޭލިއެވެ. އަދި އަތު ދަބަސް ތެރެއަށްލިއެވެ.
‘މިއީ އެޅުވި ފަހުން މި އަނގޮޓި ބާލާ އެންމެ ފުރަތަމަ ފަހަރު… ވަރަށް އެހެން ކަހަލަ… އެކަމު އެއީ އެއްވެސް މައްސަލައެއް ނޫންކަންނޭނގެ… ދެން އިތުރަށް މި ފޮރުވަން މި ވަގުތު އަހަރެން ކުރާނީ ވަކި ކީއް؟’ ޔުން އިނީ ފުން ވިސްނުމުގެ ތެރޭގައެވެ.
އިރުކޮޅަކުން ކާތަކެތި މޭޒަށް ގެނެސްދިނެވެ. ޔުން ޝުކުރު އަދާކުރަމުން މޭޒުގައި ތަށިތައް އަތުރާލިއެވެ. ސަޔާނުގެ އިންތިޒާރުގައި އޭނާ އިނެވެ. ސަމުސާ ނަގާ ތައްޓަށް ލާން އުޅެނިކޮށް ހިޔަނި އެޅުނެވެ. “ސަޔާން… އަތް ދޮންނަން ހާދަހާ ވަގުތު ނަގައޭ ދޯ؟ އަވަސް ކުރޭ އިށީނދޭ ކާން…” ޔުން ސަމުސާ ބާއްވަމުން ހިޔަނި އެޅުނު ދިމާއަށް ބަލައިލުމަށް ބޯ އަރި ކުރަމުން ދިޔައެވެ.
އެތަނުގައި ހުރީ ސަޔާންއެއް ނޫނެވެ. މީކާއިލްއެވެ. “ޔުން! އަދި ކިރިޔާ މި ހޯދުނީ…” މުޅި މީހާ ވަނީ ދާ ހިއްލާ ފޯވެފައެވެ. މާނޭވާ ލައެވެ. ޔުން ހައިރާންވެފައި ބަލަން އިނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.