
އަވައްޓެރިޔާ! – 14

…ފަހުބައި…
ލިފްޓު ތެރޭގައިހުރި ފޮށިތަށް ނެރުމަށްފަހު ތައުފީގު ލިފްޓުން ނިކުތްއިރުވެސް އެފިރިހެންމީހާހުރީ އަހަރެންގެ މޫނަށް ބަލާށެވެ. “އެކުއްޖާ ހީވަނީ ހަމަ ސަނޫރާހެން ދޯ…” ލިފްޓުގެ ދޮރު ލެއްޕެމުން ދަނިކޮށް އެފިރިހެންމީހާ ތައުފީގު ކައިރީގައި ބުނިއަޑު އިވުނެވެ. އެއީ އަހަރެންނަށް ނިސްބަތް ކޮށްފައިބުނި އެއްޗެއްކަން އަހަރެންނަށް އެނގެއެވެ. އަހަރެން ގޮސް އަހަރެންގެ އެޕާޓްމެންޓަށް ވަދެ ހަމަޖެހިލީމެވެ. އެޖިންނި އަންހެންމީހާ ޝިހާމްއޭ ކިޔާފައި ބުނަން އުޅުނީ ކީކޭބާއެވެ. ޝިހާމް ކުރިމައްޗަށް އަރައި ސުވާލު ކުރަންވީބާއެވެ؟… އެކި ހިޔާލުތަކުގައި ހުރެ އަހަރެން ކައިގެން ކުޑަކޮށް އަރާމުކޮށްލަން އޮށޯތީމެވެ.
އެހެންއޮވެ ގަޑިއެއްހާއިރު ނިދުންތަނުން އަހަރެންނަށް ހޭލެވުނީ އެޕާޓްމެންޓުގެ ދޮރުގައި މީހަކު ޓަކިޖަހާ އަޑަށެވެ. އޭރުގަޑިން ރޭގަނޑު ނުވައެއް ޖަހަން އުޅެނީއެވެ.
އަހަރެން ގޮސް ދޮރުގެ ޕީޕްހޯލުން ބޭރު ބަލާލީމެވެ. އޭރު ދޮރުމަތީގައިހުރީ އެއްކަލަ ފިރިހެންމީހާއެވެ. އަހަރެން ޖެހިލުންވެހުރެ ކުޑަކޮށް ދޮރު ހުޅުވާލީމެވެ.
“އަހަރެންމީ ޝިހާމް… މިގޭ ވެރިމީހާ… ނޫރާއަށް ހަދިޔާއެއް ހިފައިގެން މިއައީ… އެތެރެއަށް ވަނަސް އޯކޭތަ؟..” ޝިހާމް އަމިއްލައަށް ތައާރަފުވެލިއެވެ.
“އޯކޭ.. ވަދޭ…” އަހަރެން ޝިހާމް އެތެރެއަށް ވަންނަން ޖާގަ ދެއްކުމުން ޝިހާމް ވަދެ އެޕާޓްމެންޓުގެ ތެރެއަށް ނަޒަރު ހިންގާލިއެވެ.
“އަން… މިއޮތީ ނޫރާއަށް އޮތް ހަދިޔާއެއް…” ޝިހާމް އަތުގައިއޮތް ކޮތަޅު އަހަރެންގެ އަތަށްދެމުން ސޯފާގައި އިށީނެވެ. އޭރު އަހަރެން ޝިހާމް ކުރިމަތީގައި ކޮޅަށް ހުރުމުން ސޯފާގައި އިށީނުމަށް ޝިހާމް އެދުނެވެ. އަހަރެން ގޮސް ސޯފާގެ އަނެއްކޮޅުގައި އިށީނީމެވެ. އަހަރެންނަށް ޝިހާމްއާއި މިދިމާވީ އަލަށެވެ. އެހެންކަމުން އެއީ ކޮންކަހަލަ ކާކުކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އޭނާ އަހަރެންނަށް ހަދިޔާ ހިފައިގެން އެއައީ ކީއްކުރަންބާއެވެ. މިގޭގައި ކުއްޔަށްއުޅޭ އެންމެންނަށްވެސް އޭނާ ހަދިޔާ ގެނައީބާއެވެ؟ … އެތަށް ސުވާލުތަކަކުން އަހަރެންގެ ސިކުނޑި ފުރުނެވެ.
“ޝިހާމް… ކީއްވެ އަޅުގަނޑަށް ހަދިޔާ ހިފައިގެން ތިއައީ… ” އަހަރެން ވަރަށް ޖެހިލުންވެ އިނދެއެހީމެވެ.
“އެންމެ ފުރަތަމަކަމަކަށް ނޫރާ އަހަރެންނަށް ކިޔަންވާނީ ޝިހާމްބެ… ޝިހާމް ނުކިޔާތި…” ޝިހާމް ހީލަމުން އެހެންބުނުމުން އަހަރެންނަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.
“ޝިހާމްއަކީ ސަނޫރާގެ ރައްޓެއްސެއްތަ؟..” އަހަރެންނަށް ތައުފީގުގެ ފަރާތުން ޖަވާބު ނުލިބުނު ސުވާލު އަހަރެން ޝިހާމުއާއި ކުރީމެވެ.
” ރައްޓެއްސެއްނޫން… އެއަށްވުރެން ގާތްމީހެއް..” ޝިހާމް އިސްޖަހާލައިގެން އިނދެ އެހެންބުނުމުން އަހަރެން ވަރަށް ހައިރާންވިއެވެ. ޝިހާމް އެބުނީ ކިހިނެއް ގާތްވާހަކަބާއެވެ.
“ތިބުނި އެއްޗެއް ނޭނގުނު.. ސާފުކޮށް ކިޔާދީބަލަ…” އަހަރެން އެހީމެވެ.
“މީ ވަރަށް ދިގުވާހަކައެއް… ސަނޫރާ މިގެއަށްއައިރު އޭނާ ނޫރާއަށް ބަނޑުބޮަޑު. ސަނޫރާއަކީ ވަރަށް ހިތްހެޔޮ އަޚުލާގުރަނގަޅު މީހެއް. އޭނަ މިގެއަށްއައިރު އަހަރެންނާ އަހަރެންގެ އަނބިމީހާ ނަފީސާ، އަދި އަހަރުމެންގެ ދެކުދިން ރަޝްމާއާއި، ރިޝާން އުޅެމުން ދިޔައީ މިގޭ ދެވަނަ ފްލޯގަ… ސަނޫރާ ފުރަތަމަ ފެނިފަވެސް އަހަރެން އޭނައާ ވަރަށްގަޔާވި… އޭރު އަހަރެންގެ އަނބިމީހާ ނަފީސާ އުޅެނީ އަބަދު ބަލިވެ ކަހަލަ ގޮތަކަށް…. ނަފީސާ އަމިއްލައަށް އަހަރެން ކައިރީގަ އޭރުކިޔާ ދެއަތްބަށް މީހަކާ އިންނަންވީނުހެއްޔޭ… އޭނަގެ ބަލިހާލަތު ހުންނަގޮތުން އަތްބެއްގެ ވާޖިބުތައް އަދާކޮށް ނުދެވޭތީ އޭނަ ހުންނަނީ އެކަމާ ދެރަވެފަ… އެހެންވެ އަހަރެން ސަނޫރާ ކައިރީގަ އިންނަންއެހީ… ސަނޫރާ ބުނީ ވިހައިގަދަވެގެން އެކަމާ ވިސްނާނަމޭ… އަހަރެން އިންތިޒާރު ކުރިން… ސަނޫރާ، ނޫރާ ވިހައިގެން އަހަރެއް ވަނިކޮށް އަހަރެންނާ އިންނަން އެއްބަސްވި… އަހަރެންނާ ސަނޫރާގެ އުމުރުގެ ތަފާތު ކިތަންމެ ބޮޑަސް އޭނާވެސް ބޭނުންވެފައިހުރީ އޭނައާ އޭނާގެދަރިފުޅު ލޯބިން ބަލައިދޭނެ މީހެއް… އެހެންވެ އޭނަ އެ ކައިވެންޔަށް އެއްބަސްވީ..”
ޝިހާމް އެހިސާބަށް ބުނެ އަހަރެންގެ މޫނަށް ބަލާލުމަށްފަހު ފުންނޭވާއެއް ލިއެވެ.
“ދެން ކިހިނެއްވީ؟… ސަނޫރާއާ، ޝިހާމް ކައިވެނި ނުކުރީ ކީއްވެ؟..” އަހަރެން އެހީމެވެ.
“ކައިވެނި ނުކުރީކީނޫން… ކައިވެނި ނުކުރެވުނީ…” ޝިހާމް ދެރަވެލާފައި ބުންޏެވެ.
“އަހަރެންނަށް ހުރިހާއެއްޗެއް ކިޔާދީބަލަ…” އަހަރެން ބޭނުންވީ ހުރިހާކަމެއް ވަރަށް ސާފުކޮށް އެނގޭށެވެ.
“އަހަރެންނާ ސަނޫރާގެ ގުޅުން ވަރަށް ސިއްރުން ކުރިއަށް ގެންދިޔައީ ކައިވެނި ކުރެވެންދެން އެއްވެސްމީހަކަށް އެގުޅުން އެނގެން ބޭނުންނުވާތީ.. އެއީ ސަނޫރާ ނިންމި ނިންމުމެއް… އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން… އެކަމަކު ސަނޫރާއެދުނީ އެގުޅުން އެންމެންނަށް ސިއްރުކުރަން.. ސަނޫރާބުނީ ދުވަސްކޮޅަކަށް އޭނާ އަހަރެން ދަސްކުރަން ބޭނުންވާކަމަށް… އަހަރެން ސަނޫރާގެ އެދުމަށް އެއްބަސްވިން.. ދުވަސްކޮޅެއް ފަހުން ނަފީސާއަށް އެނގުނީ އަހަރެންނާ ސަނޫރާގެ ގުޅުން… އެކަން އެނގުމުން ނަފީސާގެ ހިޔާލުބަދަލުވެ އެކައިވެނި ނުކުރުމަށްއެދި ވަރަށް އާދޭސްކުރި… އެކަމަކު އަހަރެން ސަނޫރާއަށް ވެފައިވާ ވަޢުދު އުވާލާކަށް އަހަރެންނަކަށް ނުކެރުން… މީހަކަށް އެވަރުގެ ބޮޑު ދެރައެއްދިނުމަކީ އަހަރެން ކުރާހިތްވާ ކަހަލަ ކަމެއްނޫން…”
ޝިހާމް އެހެންބުނިއިރު އޭނައިނީ މާޒީގެ ހަނދާންތަކުގެ ސަބަބުން ދެރަވެފައިކަން އަހަރެންނަށް އެނގެއެވެ.
“ނޫރާ… ދީބަލަ ޝިހާމްބެއަށް ފެންތައްޓެއް…” ޝިހާމް އެހެންބުނުމުން އަހަރެންގޮސް ފެންތައްޓެއް ގެނެސް ޝިހާމަށް ދިއްކޮށްލީމެވެ.
“ކޮބާ ނޫރާއަތުގަ އޮތް ކެވެލި؟…”
ޝިހާމް ފެންތަށީގައި ހިފަމުން ބުންޏެވެ. ޝިހާމްއަށް އެކެވެލި އެނގުނީ ކިހިނެއްބާއެވެ. އަހަރެންއަތަށް މަންމަ އެކެވެލި ދިންގޮތަށް އަދިވެސް އަހަރެންގެ ދަބަހުގައި އެބައޮތެވެ. އަހަރެން އަދިވެސް އެފޮއްޓެއް ނުހުޅުވަމެވެ. ފަހުން ބަލަން ބޭއްވިގޮތަށް އަދިވެސް އޮތީއެވެ.
އަހަރެންގޮސް އެކެވެލި ލާފައިއޮތް ކުޑަފޮށި ހިފައިގެންގޮސް ޝިހާމް ކައިރީގައި އިށީނީމެވެ. އަދި އެފޮށި ހުޅުވައި އެކެވެލިނެގީމެވެ. ފޮޓޮއިން ފެނުންއިރު އެހާރީތިކޮށް ނުފެނުނަސް އަސްލަށް ފެނުމުން އެކެވެލީގެ ރީތިކަން އެނގުނެވެ. ކުޑަވަރެއްގެ ފަސް އެސްޖަހާފައިވާ އެކެވެލި ނަގައި އަހަރެން އެއަށް ވަރަށް ރަނގަޅަށް ބަލާލީމެވެ.
“ނޫރާއަށް އެނގޭތަ؟.. ނަފީސާގެ ނުފޫޒު މާބޮޑަށް ގަދަވާން ފެށުމުން އަހަރެންހުރީ ސަނޫރާއާ އޮތްގުޅުން ކަނޑާލަން ޖެހިދާނެތީ ވަރަށް ބިރުން.. އެހެންވެ އަހަރެން ނޫރާގެއަތުގަ އެޅުވަން ހެއްދި ކެވެއްޔެއްތީ….. އަހަރެން ތިކެވެލި ނޫރާއަތުގަ އެޅުވިދުވަހު، ސަނޫރާ ކައިރީގަ ބުނިން ނަފީސާ މިހާރު ގަބޫލެއްނޫނޭ އަހަރެން ދެވަނަ ކައިވެންޏެއް ކުރާކަށް… ފަހަރެެއްގަ ޖެހިދާނެއޭ އެގުޅުން ނިންމާލަންވެސް… އެފަދަދުވަހެއް އައިސްފިނަމަ މިކެވެލި ވިއްކާލުމަށްފަހު ލިބޭ ފައިސާއިން އުފާވެރި ދިރިއުޅުމެއް ފަށާށޭވެސް ބުނިން… އަހަރެން ބޭނުންވީ އެފަދަ ދުވަހެއް އައިނަމަވެސް ތިދެމައިން ހާލުގައި ނުޖެހި އުޅެން.. ތިކެވެލީގައި ތިވާ ކޮންމެ އެހެއްގެ އަގަކީ ތިންލައްކަ ދިވެހި ރުފިޔާ… ޖުމުލަ ފަނަރަލައްކަރުފިޔާގެ އަގުހުރި ކެވެއްޔެއްތީ…” ޝިހާމް އެހެންބުނުމުން އަހަރެންގެ ދެލޯބޮޑުވިއެވެ. ޝިހާމް ސަނޫރާއާއި އަހަރެންދެކެ ވީލޯބި އިހުސާސްވިއެވެ. އޭނާގެ ހެޔޮކަމާމެދު ޝުކުރުވެރި ވެވުނެވެ. މިކެވެލި ފޮރުވަން އެޖިންނި އަންހެންމީހާ އެބުނީއެހެންވެތާއެވެ.
“ޝިހާމް މިކެވެލި އަނބުރާ ގެންދޭ… އަޅުގަނޑު މިކެވެލި ބޭނުމެއްނެތް…” އަހަރެން ޝިހާމުއަށް ދިނުމަށް އެކެވެލި ދިއްކޮށްލީމެވެ. ނަމަވެސް ޝިހާމް އެއަކު ނުހިފިއެވެ. އަދިއެއީ އަހަރެންނަށް ދީފައިވާ ހަދިޔާއެއް ކަމުގައިބުނެ އޭތި ފޮރުވުމަށް ބުންޏެވެ. އަދި އަހަރެން ކައިވެނިކޮށްގެން ދިރިއުޅުމެއް ފަށަންވުމުން އެކެވެލީގެބޭނުން ހިފުމަށްވެސް ބުންޏެވެ.
“ޝިހާމްއަށް އެނގޭތަ އަހަރެންގެ މަންމަ، ސަނޫރާ މަރާލީ ކޮންބައެއްކަން…” އަހަރެން އެހެންބުނުމުން ޝިހާމް އިސްޖަހާލިއެވެ. އޭނާގެ މޫނުނަތިން ފެނުން ކުލަވަރުން އޭނައަށް ހުރިހާކަމެއް އެނގޭކަން އަހަރެންނަށް އެނގުނެވެ.
“ނަފީސާ މަރުވީ މީގެ ފަސް އަހަރުކުރިން… އޭނާ މަރުވުމުގެކުރިން އަހަރެންނަށް ހުރިހާއެއްޗެއް ކިޔައިދިން… އަހަރެން މިވާހަކަ އެއްވެސްމީހަކަށް ކިޔައެއްނުދެން…” ޝިހާމް އެހެންބުނިއިރު އޭނާގެ އަޑު ތުރުތުރުލައެވެ. އޭރު އަހަރެންވެސް އިނީ ބިރުން ހަލާކުވާން ކައިރިވެފައެވެ. އަހަރެންގެ މަންމަ މަރައިލީ ކާކުބާއެވެ…. ނަފީސާ ބާއެވެ؟…
“ކާކު؟.. ކާކު ސަނޫރާ މަރާލީ؟…” އަހަރެން ފެންކަޅިވެފައި އިނދެ އެހީމެވެ.
“ނަފީސާކިޔައިދިން ހުރިހާ ވާހަކައެއް ކިޔައިދޭނަން. އެކަމަކު ދުވަހަކުވެސް މިވާހަކަ މީހަކަށް ކިޔާނުދޭތި…. އެކަންކުރި މީހާވެސް މިހާރު ދުނިޔެއަކު ނެތް… މިވާހަކަ އިތުރަށް ދައްކައިގެން ވާނެފައިދާއެއްވެސް ނެތް… އެކަން ހިނގާ ދިޔައިރު އަހަރެންހުރީ އޮފީސް ކަމެއްގަ ދުވަސްކޮޅަކަށް މެލޭޝިޔާޔަށް ގޮސް… ނަފީސާ އެހުރިހާކަމެއް ކިޔާދިންދުވަހު އޭނަބުނި، އޭނަގެބޭބެ ފޮނުވައިގެން ދެތިންރެއަކު ސަނޫރާއަށް ވަރަށް އިންޒާރުވެސް ދިނީމޯ އަހަރެންނާ ދުރަށްދިއުމަށް.. އެކަމަކު ސަނޫރާ ބުނިކަމަށްވަނީ އެގުޅުން ނިމޭނީ ޝިހާމް ނިންމާލުމުންނޯ.. ދެން، ނަފީސާ ދެމީހަކު ފޮނުވިކަމަށްވަނީ ސަނޫރާ ބިރުދައްކަން.. އެތަނުން އެކަކުހުރީ ވަޅިއެއްވެސް ހިފައިގެން.. އެމީހުން އެރޭ ސަނޫރާއަށް އިންޒާރުދީ ބިރުދައްކަން އުޅުނު ވަގުތު ނަފީސާ ގެއިންކަރަންޓު ކަނޑާލީ… އެދަނޑިވަޅުގަ އެމީހުން ސަނޫރާ ގޮވައިގެން ގޮސްވަނީ ދެވަނަބުރީގައި ހުންނަ ރޫމް ހަތަކަށް.. އެއީ އޭރުގެ ސްޓޯރ ރޫޫމެއް… އެތަނަށް ވެއްދިގަޑީގަ ސަނޫރާ ތެޅިފޮޅިހަދައިގަތް ވަގުތު ވަޅިހިފައިގެންހުރި މީހާގެއަތުން ސަނޫރާގެ މެޔަށް އެވަޅިހެރުނީ… އަނދިރީގެ ތެރޭގަ އެހުރިހާ ކަމެއް ހިނގާދިޔަކަމަށް ވަނީ… އެވަގުތު ސަނޫރާ އުރައިގެންއިން ނޫރާ ގޮވައިގެން އެތާއެތެރެއިން އަންހެނެއް ނިކުތްކަމަށްވަނީ… އެކަމަކު އެތާތިބި މީހުންނަށް އެމީހާ މާސާފުކޮށްނުފެންނަ ކަމަށްވަނީ… އަދިވެސް އަހަރެންނަކަށް ނޭނގެ އެއީކޮން އަންހެނެއްކަމެއް… އެރޭ ނޫރާ ސަލާމަތްކުރީ ކާކުބާ؟… ހަމަޔަގީނުންވެސް އެއީ އިންސާނެއްނޫން… އަހަރެންނަށް ފަހުންއެނގުނީ ނޫރާ ގެންގުޅުނީ ޝިފާނާކަން… ސަނޫރާ ކިޔާނެ އަހަރެންކައިރީގަ ޝިފާނާއާ ޒުލްފައްތަގެ ވާހަކަ ދޭތެރެއަކުން… ޝިފާނާ، ނޫރާ ދަރިއެއްފަދައިން ގެންގުޅޭކަން އެނގުމުން އަހަރެންހުރީ ވަރަށް ހިތްހަމަޖެހިފަ.. އޭރު އަހަރެންވެސްހީކުރީ ސަނޫރާ ހަމަ ގެއްލުނީކަމަށް… އަހަރެންނަށްވެސް ހަގީގަތްއެނގުނީ މީގެފަސްއަހަރު ކުރިން ނަފީސާ މަރުވުމުގެކުރިން އެހުރިހާ ވާހަކައެއް ކިޔާދިނުމުން… އެހުރިހާ ވާހަކައެއް ކިޔާދިންއިރު ނަފީސާ އޮތީ ކެންސަރުގެ ލާސްޓް ސްޓޭޖުގަ.. އެނދުމަތިވެފަ… ނަފީސާ އަހަރެންގެ ކިބައިން ވަރަށް މާފަށްއެދުން… އެކަމަކު އަހަރެންނަކަށް އަދިވެސް އޭނައަކަށް މާފެއް ނުކުރެވޭ… ދުވަހަކުވެސް ނުވެސް ކުރެވޭނެ… އެވާހަކަތައް ކިޔާދިންތާ ދެތިންދުވަސް ފަހުން އޭނަމަރުވީ…”
ޝިހާމް އެހުރިހާ ވާހަކައެއްކިޔާދީ ނިމުންއިރު އޭނާއިނީ ދާހިއްލާފޯވެފައެވެ. އަހަރެންވެސްއިނީ ބުނާނެ އެއްޗެއްނޭނގި އަނގަހުޅުވިފައެވެ. އޭރު އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެމުންދިޔައެވެ. އަހަރެންގެ މަންމައަށް ވީގޮތް އެނގުމުން އަހަރެންގެ ހިތްފަޅައިގެންދިޔަ ކަހަލައެވެ. މިއޮއްހުރިހާދުވަހު ހަގީގަތްހޯދަން އުޅުން އިރުވެސް، ހަގީގަތް މިހާހިތިވާނެކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ.
އަހަރެން ރޮމުން، އަހަރެންނަށް އެނގޭ ހުރިހާއެއްޗެއް ޝިހާމަށް ކިޔައިދިނީމެވެ. އަދި އެޖިންނި އަންހެންމީހާގެ ވާހަކަޔާ އޭނާގެ ފަރާތުން އެނގުނު ހުރިހާ އެއްޗެއް، އަދި ޝިފާނާގެ ފަރާތުން އެނގުނު ހުރިހާ އެއްޗެއްވެސް ކިޔައިދިނީމެވެ. ސަމީރު ކިޔާދީފައިވާ ވާހަކަތައްވެސް ކިޔައިދިނީމެވެ.
“ސަމީރުބުނި ތައުފީގު އޭނަގެއަތަށް ފޮރުވަން ތަޅުދަނޑިއެއް ދިންވާހަކަ…. އެއީ އެހުރިހާ ކަމެއް ހިނގާދިޔަ ތަނުގެ ތަޅުދަނޑިދޯ؟… އޭގެ މާނައަކީ ތައުފީގަށް އެހުރިހާ ކަމެއްއެނގެއޭތަ؟…” އަހަރެން އެހީމެވެ.
“ތައުފީގަށް ހުރިހާކަމެއްވެސް އެނގޭ… ނަފީސާބުނީ އެހުރިހާކަމެއް ވުމުން ހަމައެވަގުތު އޭނާ ތައުފީގަށް ގުޅާފައި އެހުރިހާ ކަމެއް ސިއްރުކޮށްދިނުމަށް އެދުނުކަމަށް… ތައުފީގަކީ ނަފީސާގެ ދެބެންގެ ދެދަރިމީހެއް… އެހެންވެ ތައުފީގު އެކަން ސިއްރުކުރީ… ތައުފީގު އެތަޅުދަނޑި ފޮރުވަން ސަމީރުއަތަށް ދިނީ އެކަމާނުބެހޭ މީހެއްގެއަތަށް ދޭންވެގެން.. ސަމީރުއަކަށް އެ އެއްވެސްކަމެއް ނޭނގޭނެ… އޭނަގެއަތަށް އެތަޅުދަނޑި ދިނީ ކީއްވެކަމެއްވެސް ނޭނގޭނެ… އެރޭ ސަނޫރާ މަރާލި މީހާ މިހާރު މަރުވެއްޖެ.. އެހެންވެ ނަފީސާއެދުނީ އެކަން ސިއްރުކުރުމަށް… އިތުރަށް މިވާހަކަތައް ދައްކައިގެން އެކަންކުރި މީހުންނަށް ހައްގު އަދަބެއް ނުދެވޭނެއެއްނު.. ނަފީސާވެސް މަރުވީ… އެކަންކުރި މީހާވެސްނެތް… އެކަންތަށް އިތުރަށް ނަގައިގެން އެވާހަކަ ދެއްކީމަ އަހަރެންގެ ދެކުދިންނަށް އެކުދިންގެ މަންމަކުރި ކަންތައް އެނގިއްޖެނަމަ އެކުދިން ނަފީސާއަށް ނަފްރަތު ކުރާނެ… އެހެންވެ އަހަރެންނިންމީ އެވާހަކަ ނުދައްކަން… ތައުފީގަކަށް ނޭނގޭނނެ އަހަރެންނަށް ހުރިހާކަމެއް އެނގޭކަމެއް..”
ޝިހާމް އެހެންބުނުމުން އަހަރެން ވަރަށް ދެރަވިއެވެ. ނަފީސާގެ ހައްގުގައި، މަރުވެފައިވާ އަހަރެންގެ މަންމަގެހައްގު ނިގުޅައިގަނެވޭކަށް އަހަރެން ބޭނުމެއްނުވިއެވެ.
އެރޭ ޝިހާމް އެނބުރި ދިއުމުން އަހަރެން ވަރަށްވިސްނީމެވެ. އަދި ނާއިލްއަށް ގުޅައި އެހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ނާއިލް އަހަރެންނަށް ހިތްވަރުދިނީ ޕޮލިހަށް ރިޕޯޓުކުރުމަށެވެ. އަހަރެން ވަރަށް ވިސްނުމަށްފަހު އެހުރިހާކަމެއް ޕޮލިހަށް ރިޕޯޓުކުރީމެވެ. ހަމައެރޭ ޕޮލިހުން އައިސް ތައުފީގު ގެންދިޔައެވެ. ޝިހާމްގެ ދަރިންނަށް އެވާހަކަތައް ކިޔައިދިނުމަކީ ޝިހާމްގެ ޒިންމާއެކެވެ. އަހަރެން އިތުރަށް އެއްވެސްމީހަކާ ދޭތެރޭ ވިސްނާކަށް ބޭނުމެއްނުވިއެވެ. އަހަރެންބޭނުންވީ އަހަރެންގެ މަންމަގެ ގަތުލުގައި ބައިވެރިވީ މީހުންނަށް ހައްގުއަދަބު ލިބޭށެވެ. އަހަރެން އެކަންކުރީމެވެ.
އެތަކެއް ދުވަހަކަށްފަހު އެރޭ ހަމަޖެހިގެން އަހަރެންނަށް ނިދާލެވުނެވެ. ފަތިސްވަނިކޮށް އަހަރެންނަށް ހޭލެވުނީ ކުޑަދޮރުގައި ޓަކިދޭއަޑަށެވެ. އަހަރެންގޮސް ދޮރުފޮތިގަނޑު ކަހާލައި ބަލާލީރު އެއްކަލަ ޖިންނި އަންހެންމީހާ ހުއްޓެވެ. އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު އެމީހާހުރީ ހީލާފައެވެ. އަހަރެންވެސް އޭނައަށް ބަލަންހުރެ ހީލީމެވެ. މިހުރިހާކަމެއްވެސްމިވީ އެޖިންނިއަންހެންމީހާ އަހަރެންނަށް އެހީވުމުންނެވެ. އެޖިންނިއަންހެންމީހާ ހީލާފައި ގެއްލުނެވެ.
އަހަރެންވެސް އިތުރަށް މިގޭގައި ދެންއުޅޭކަށް ބޭނުމެއްނެތެވެ. އެދުވަހު އަހަރެން މަންމައާ ސަމީރުއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އަދި އެހެން ގެއަކުން އެޕާޓްމެންޓެއް ލިބޭތޯ ބަލަންފެށީމެވެ.
އެތަކެއްދުވަހެއްގެ މަސައްކަތަށްފަހު ހުރިހާކަމެއްސާފުވެ، އަދަބު ލިބެންޖެހޭ މީހާއަށް ހައްގުއަދަބުވެސް ލިބުނީއެވެ. އެތަކެއް ދުވަހެއް ވަންދެން ހިތުގައިއޮތް ބޮޑުބަރެއް އުފުލުނުކަހަލައެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ އަދިކިރިޔާއެވެ.
ނިމުނީ..
Comments (6)
Comments are closed.
This honestly might be the best horror story I’ve read lately. Mashallah
Really loved every single part of the story 💗
Hope I’d get to read another story of urs soon 😊
Awwwm this comment really made my day 🤍 thank you so much for the lovely feedback. My new story “Zainab” 1st episode is uploaded now. Its a horror story too. Hope you will enjoy that one too. And also there was “Hiyani” a horror story too.
Vaahaka v reethi v interesting 👏👏👏
Thank you 😘🤍
Nafeesa and shihaam both are in wrong nafeesa for being involved in the murder and shihaam for keeping his affair a secret and sanooras murder too but im glad noora didnt hold back and got justice i really enjoyed this story and appreciate ur work eyesh excited for next story
Liya glad you enjoyed the story and the mystery behind it 🤗 Hope you will enjoy my new ongoing story “Zainab” too. Thank you for appreciating my work 🤍😘