
އަވައްޓެރިޔާ! – 13

“އެ އެޕާޓްމެންޓުން އެއިވުނީ ކާކުގެއަޑެއްބާ؟”
ސަމީރު ކިޔައިދިން ވާހަކައާ ދޭތެރޭގައި ވިސްނަންއިނދެ އަހަރެންއެހީމެވެ.
“ނޭނގޭ ކާކުގެ އަޑެއްކަމެއް… އެނގެނީ ފިރިހެނެއްކަން..” އަހަރެންގެ ލޮލަށްބަލަންއިނދެ ސަމީރު ޖަވާބުދިނެވެ.
“ސަނޫރާ އުޅުނީ މީހަކާ ރައްޓެހިވެގެންތަ؟..” އަހަރެން އެހީމެވެ.
“ނޫރާއަށް އަހަރެެއްްވީފަހުން ސަނޫރާ މީހަކާ ލޯބީގެގޮތުން ގުޅުނު ވާހަކަ އަހަރެންކައިރީގަ ބުނި.. އެކަމަކު އަހަރެންނަކަށް އެމީހާއެއް ނުދައްކާ…. އަދިއެމީހާގެ ނަމެއްވެސް ނުބުނޭ…”
ސަމީރު ކިޔާދިނެވެ.
ސަމީރުގެ ވާހަކައިން ސަނޫރާގެ ދިރިއުޅުމުގައި އަޑިނޭނގޭ އެތައްކަމެއްވާކަން އަހަރެންނަށް އެނގުނެވެ. އެކަމަކު އެހުރިހާކަމެއް ހޯދާނީވެސް ކިހިނެއްހެއްޔެވެ.
އެހެން އިރުކޮޅަކު އިނުމަށްފަހު އަހަރެންގެ އެޕާޓްމެންޓަށް އަހަރެން ދިޔައީއެވެ.
އަނެއްދުވަހު ހޭލައިގެން ތައްޔާރުވެގެން ގޮސް އޮފީހަށް ވަތްތަނުން ޝިނާއައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. “ކޮބާ ނޫރާގެ މަންމަ؟… އިޒް އެވްރިތިިންގ އޯކޭ؟.. ކިހިނެއްވީއަނެއްކާ ކުއްލިއަކަށް އެމެޖެންސީ ނަގައިގެން ރަށަށްތިދިޔައީ؟..”
ޝިނާ ސުވާލުފަތި އަމުނާލިއެވެ.
“މަންމަމެން އެންމެންވެސް ހަމަރަނގަޅު.. އެއީ ފެމެލީ ކަމެއްގަ ދާންޖެހިގެން… ހުރިހާ ކަމެއްވެސް އޯކޭ މިހާރު..” އަހަރެން އެހެންބުނެ އެވާހަކަ އޮއްބާލީމެވެ. އަހަރެންގެ ހަޔާތުގައި ހިނގަމުންމިދާ ކަންކަން މީހަކަށް ކިޔާދޭނެގޮތެއް ފަށާނެ ކޮޅެއްވެސް އަހަރެންނަކަށް ނޭނގެއެވެ.
އެދުވަހު އޮފީހުގައި އުޅެންޖެހުނީ ވަރަށް އަވަދިނެތިއެވެ. ކުރަންހުރި މަސައްކައްތައްހުރީ ތޮއްޖެހިފައެވެ. ހުރިހާކަމެއް ނިންމާލުމަށްފަހު އޮފީހުން ނިކުމެވުނީ އިރުއޮއްސެނިކޮށެވެ.
ނާއިލް ނުފެންނަތާވެސް ދުވަސްކޮޅެއް ވެފައިވާތީ އަހަރެން ބޭނުންވީ ގެއަށްދިއުމުގެ ކުރިން ސިމްފަނީއަށް ކޮފީއެއް ބޯލަންދާށެވެ. އެގަޑީގައި އާންމުކޮށް ނާއިލް އެތަނަށް ކޮފީބޯންދާނެކަން އަހަރެންނަށް އެނގެއެވެ.
އަހަރެންގޮސް ރެސްޓޯރެންޓުގެ ތެރެއަށް ވަދެ ވަށައިގެން ބަލާލީމެވެ. އެތެރޭގައި އެކި މޭޒުތަކުގައިތިބި މީހުންތަކުގެ ތެރެއިން އަހަރެންނަށް ނާއިލްފެނުނެވެ. އަހަރެންގޮސް ނާއިލް ކައިރީގައި އިށީނީމެވެ.
“ނޫރާ ނުވެސް ފެނޭ މިހާރު… ބަލިވީތަ؟…” ނާއިލް އަހާލިއެވެ.
“ނޫން… މިއައީ ރަށަށްގޮސްލާފަ…” އަހަރެން އެހެން ބުނެ ކޮފީއަކަށް އޯޑަރުކޮށްލީމެވެ.
“ނޫރާ… އަހަރެން ވާހަކައެއް ބުނަންތަ؟ ދުވަސްކޮޅެއް ވެއްޖެ މިހެން ބުނަން ހިތަށްއަރާތާ. އެކަމަކު ބުނާނެ ގޮތެއްނޭނގޭތީ ނުބުނަނީ….” ނާއިލް އަހަރެންގެ މޫނަށް ބަލަންއިނދެ އަހާލިއެވެ. އަހަރެން އާނއެކޭބުނެ ބޯޖަހާލީމެވެ.
“އަހަރެން ނޫރާދެކެ ވަރަށް ލައިކްވޭ… ނޫރާ އަހަރެންނާ ރައްޓެހިވާނަންތަ؟..” ނާއިލް ސީދާ އޭނާ ބުނަންބޭނުންވާއެތި ބުނެ ނިންމާލިއެވެ.
އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގިފައި ނާއިލްގެ މޫނަށް ބަލަން ެިރުކޮޅަކު އިނދެވުނެވެ.
“ނޫރާ!..” ނާއިލް އަހަރެންގެ ކޮނޑުގައި ކޮއްޓާލަމުން ގޮވާލިއެވެ.
“ނޫން… ނޭނގެ..” އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގިގެން ބުނެވުނެވެ.
“ނޫރާ ކޮންކަހަލަ ޖަވާބެއް ތިދިނީ؟..” ނާއިލް ހެމުންހެމުން ބުންޏެވެ.
“ނާއިލް… އަހަރެންގެ ލައިފްގަ އަހަރެންނަށްވެސް ނޭނގޭ އެތަކެއްކަމެއް އެބަހިނގާ… ބައެއްފަހަރު އައި ކުއެސްޝަން މައިއޯން އެގްޒިސްޓެންސް.. އެހެންނޫނަސް ވީ ޑޯންނޯ އީޗްއަދަރ ދެޓްވެލް..” އަހަރެން ނާއިލްދެކެ ކިތަންމެ ގަޔާވިނަމަވެސް ނާއިލްއާއެކު ލޯބީގެ ގުޅުމެއް ފެށުމުގެކުރިން ދެމީހުން އެކަކު އަނެކަކަށް ކޮންމެވެސް ވަރަކަށް އެނެގެންވެސް ޖެހޭނެތާއެވެ.
އެރޭ ކޮފީގައި ތިބެ ދެމީހުންގެ ވަރަށްގިނަ ޒާތީ ވާހަކަތައް އެކަކުއަނެކާ ހިއްސާކުރީމެވެ. އަހަރެންނަކީ ކާކުކަން، އަދި އަހަރެންގެ އާއިލާ އަކީ ކޮބާކަންވެސް އަހަރެން ނާއިލްއަށް ކިޔައިދިނީމެވެ. އަދި ސަނޫރާގެ ވާހަކަޔާއި، ހިނގަމުންމިދާ ގޮތްނޭނގޭ ކަންތައްގަނޑުވެސް ނާއިލްއަށް ފެށިގެންނިޔަލަށް ކިޔައިދިނީމެވެ. އަހަރެން ހީކުރިގޮތާ ޚިލާފަށް ވަރަށް ފަސޭހައިން ނާއިލްއަށް އަހަރެން ކިޔައިދިން ވާހަކަތައް ފަހުމްވިއެވެ. އަދިއޭނާ ވަރަށް ޝައުގުވެރިކަމާއެކު އަހަރެންގެހުރިހާ ވާހަކައެއް އަޑުއެހިއެވެ.
ނާއިލްވެސް އޭނާގެ ދިރިއުޅުމުގެ ވަރަށްގިނަ ވާހަކަތައް ކިޔައިދިނެވެ.
ނާއިލްއަކީ އުމުރުން ސައްބީސް އަހަރުގެ ޒުވާނެކެވެ. އޭނާގެ މަންމައަކީ ގާފުދާލު ތިނަދޫމީހެކެވެ. އަދި ބައްޕައަކީ މާލޭމީހެއްކަމުން ނާއިލްގެ އާއިލާ ދިރިއުޅެނީ މާލޭގައެވެ. ނާއިލްގެ އެއްބަނޑު އެއްބަފާ ހުންނަނީ އަންހެންކޮއްކޮއެއް އެކަންޏެވެ. ނާއިލްއާއި އޭނާގެކޮށްކޮވެސް ވަޒީފާއަދާކުރަނީ ނާއިލްގެ ބައްޕަގެ އޮފީހުގައެވެ. ނާއިލް ކިޔައިދިންގޮތުން މީގެކުރިން އޭނާވަނީ އެހެންކުއްޖަކާ ވަރަށްގިނަދުވަހު ރައްޓެހިވެގެން އުޅެފައެވެ. ނަމަވެސް އެއަންހެން ކުއްޖާ ނާއިލްއަށް ބޭވަފާތެރިވުމުން ނާއިލް އޭނާއާއޮތްގުޅުން ކަނޑާލީކަމަށްވެސް ނާއިލް ކިޔައިދިނެވެ. ނާއިލް ބޭނުންވަނީ ރަނގަޅު ކުއްޖަކާ އަވަހަށް ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއްފަށަން ކަމުގައިވެސް ނާއިލް ބުންޏެވެ.
ނާއިލްގެވާހަކަތައް އަޑުއެހުމަށްފަހު ނާއިލްއާއި ރައްޓެހިވާން އަހަރެން އެއްބަސްވީމެވެ. އެރޭ އަހަރެން ނާއިލްއަށް އަހަރެންގެ ފޯނުނަންބަރު ދިނީމެވެ. އަދި ނާއިލްގެ ނަންބަރުވެސް ނެގީމެވެ. އެރޭ އަހަރެން ގެއަށްދިޔައީ ނާއިލްގެ އެދުމަށް އޭނާގެ ސައިކަލުފަހަތުގައެވެ.
ގޭދޮރުމައްޗަށް އަހަރެން ފޭބުމުން ބާއިބުނުމަށްފަހު ނާއިލް ދިޔައީއެވެ.
“އެއީ ކާކުތަ؟.. ނޫރާގެ ބޯއީފްރެންޑުތަ؟…” އަހަރެން ގެއަށް ވަންނަނިކޮށް ދޮރުމަތީގައިހުރި ތައުފީގު އަހާލިއެވެ. އަހަރެން އާނއެކޭ ބުނުމަށްފަހުގޮސް ގެއަށް ވަނީއެވެ. އަހަރެންގޮސް އެޕާޓްމެންޓަށް ވަތްއިރު ގޭތެރެއިންތަފާތު ވަހެއް ދުވިހެން އަހަރެންނަށް ހީވިއެވެ. ފިރިހެން ސެންޓެެއްގެވަސް ކަހަލަވަހެކެވެ. އެއީ ހީވިގޮތެއް ކަމުގައި ވިސްނުމަށްފަހު ގޮސް ކައިގެން ފެންވަރާލައިގެން އައިސް ޓީވީބަލާލަން ސޯފާގައި އިށީނީމެވެ. އެހެން އިރުކޮޅަކު އިންދައި ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ބެލްކަނީގައި ކޮޅަށްހުރި އެއްކަލަ ޖިންނި އަންހެންމީހާއެވެ. އެހެން ކުއްލިއަކަށް ފެނުމުން އަހަރެންނަށް ތެޅިގަނެވުނެވެ. އޭތިއަހަރެންނަށް ގޯނާއެއް ނުކުރާނެކަން އެނގުނަސް އެހެން ކުއްލިއަކަށް ފެނުމުން އަހަރެން ވަރަށްސިހުނެވެ.
އެވަގުތު އެމީހާ އަތުގެއިށާރާތުން އޭނާކައިރިއަށް އައުމަށް އެދުނެވެ. އަހަރެން ބެލްކަންޏާއި ދާދި ކައިރިއަށްގޮސް ހުއްޓުމުން ބެލްކަނީގެ ބިއްލޫރިގަނޑުގައި އޭނާގެ އިނގިލިން އަކުރުތަކެއް ލިޔާފަދައިން އިޝާރާތްކުރަންފެށިއެވެ. “ޝިހާމް…” އޭނާ ލިޔުނީ ޝިހާމްގެ ނަމެވެ. ޝިހާމުއަކީ މިގޭގެ ވެރިމީހާއެވެ. އަހަރެންނަށް އެނގިފައިވާ ގޮތުން އޭނާއާއި އޭނާގެއާއިލާ ދިރިއުޅެނީ ލަންކާގައެވެ.
“މިގޭގެ ވެރިމީހާތަ؟..” އަހަރެން އެހީމެވެ. އެޖިންނި އަންހެންމީހާ އާނއެކޭ ބުނާއުސޫލުން ބޯޖަހާލިއެވެ.
“ޝިހާމް ކިހިނެއްވީ؟… އޭނާތަ ސަނޫރާ މަރާލީ؟..” އަހަރެން އެހީމެވެ. އެޖިންނި އަންހެންމީހާ ނޫނެކޭބުނުމުގެ ގޮތުން ބޯހޫރާލިއެވެ. ދެން ކުއްލިއަކަށް އެޖިންނި ގެއްލުނީއެވެ.
އެކަމާ ވިސްނާލަން އިރުކޮޅަކު ހުރުމަށްފަހު އަހަރެންގޮސް ކޮޓަރިއަށްވަދެ އޮޝޯތީއެވެ.
އެއްކަމެއް ސާފުނުވެގެން އުޅެނިކޮށް އަނެއްކާ އިތުރުކަމެއްޖެހުނީތާއޭ އަހަރެންގެ ހިތަށްއެރިއެވެ.
ޝިހާމުއާ މިހުރިހާކަމަކާ އޮތީ ކޮންގުޅުމެއްބާއެވެ؟.. ކިތަންމެ އުނދަގުލުން ނަމަވެސް މިހުރިހާ ކަމެއްގެ ހަގީގަތް އަހަރެން ހޯދާނަމެވެ.
އަނެއްދުވަހު ހެނދުނު ހެނދުނާ ހޭލައިގެން ތައްޔާރުވެ އާންމުކޮށް އޮފީހަށްދާން ނިކުންނަ ގަޑިއަށްވުރެން ކުރިން ނިކުމެގެންގޮސް ތައުފީގުގެ އޮފީހަށް ވަނީމެވެ. އޭރު އޭނާ ހަމަޖެހިލައިގެން ކޮންމެވެސް ކަރުދާސްތަކެއް ޕްރިންޓުކުރަން އިނެވެ.
“ގުޑްމޯނިންގ ނޫރާ…” އަހަރެން ފެނުމުން ތައުފީގު ބުންޏެވެ.
“މޯނިންގ… ތައުފީގު… ޝިހާމަކީ ސަނޫރާގެ ރައްޓެއްސެއްތަ؟…” އަހަރެންގެ ސުވާލުއިވިފައި ތައުފީގު ކުރަންއިން މަސައްކަތް ބަހައްޓާފައި އަހަރެންގެ މޫނަށް ބަލާލިއެވެ.
“ޝިހާމަކީ ސަނޫރާއަށްވުރެން މާބޮޑުމީހެއް.. ޝިހާމަކީ މިގޭގެ ވެރިމީހާ… އެހެންނޫނަސް އޭނަގެ އައިންބަކާ ދެދަރިންވެސްތިބޭ…” ތައުފީގު އަވަސްއަވަހަށް ބުންޏެވެ.
“އަހަރެންކުރި ސުވާލުގެ ޖަވާބެއްނޫނެއްނު ތިދިނީ… އަހަރެންމިއެހީ ޝިހާމަކީ ސަނޫރާގެ ރައްޓެއްސެއްހޭ…” އަހަރެން އެހެންބުނީ އަހަރެންގެ ސުވާލަށް ތައުފީގު ދިންޖަވާބުން، އޭނާ ކޮންމެވެސް ކަމެއް ސިއްރުކުރާ ކަމުގައި އަހަރެންނަށް ހީވުމުންނެވެ.
“ނޫން .. އެއީ ރައްޓެހިންނެއްނޫން…” ތައުފީގު ބުންޏެވެ.
“ޝިހާމުއާ ސަނޫރާއާ އެއްވެސްގުޅުމެއް އޮތްތަ؟.. ތިމާގެ ކަމުގެ ގުޅުންވިޔަސް ނޫނީ އެހެންގުޅުމެއް ވިޔަސް؟…” އަހަރެން އެހީމެވެ.
“ނޭނގެ….” ތައުފީގު އެހެންބުނެ އޭނާކުރިން ކުރަންއިން މަސައްކަތަށް އެނބުރިދިޔައެވެ.
އެކަމާބެހޭގޮތުން ތައުފީގު އިތުރަށް ވާހަކަދައްކަން ބޭނުންނުވީކަން އަހަރެންނަށް އެނގުނެވެ.
އެދުވަހު އޮފީހުގައި އިންދައި ވައިބަރއިން ނާއިލްގެމެސެޖެއް އައެވެ. “ބިޒީ ދުވަހެއްތަ؟” އަހަރެން ނޫނެކޭބުނެ އެމެސެޖަށް ރިޕްލައި ކޮށްލީމެވެ.
“އަހަންނާއެކީ ލަންޗަށް ދާނަންތަ؟” ނާއިލްގެ ދެވަނަ މެސެޖެއް އައެވެ. “ޔެސް ލެޓްސްގޯ.. ވަރަށް ބަނޑުހައި..” އަހަރެން ރިޕްލައި ކޮށްލީމެވެ.
“އޯކޭ ..ނޫރާ ބަލާދާންވީމަ މެސެޖެއްކޮށްލާ އިނގޭ.” ނާއިލްގެ ފަހު މެސެޖުގައި އޮތެވެ.
އެދުވަސް ހޭދަވީ ވަރަށް އުފާވެރިކޮށެވެ. އެއްމެ ދުވަހަކަށް ނަމަވެސް އަހަރެންގެ ސިކުނޑީގައި އަބަދު ހިނގަމުންދާ ސަނޫރާއަށް ވީގޮތުގެ ހަގީގަތްހޯދުމުގެ ހިޔާލު ސިކުނޑިން ފިލާދިޔަކަހަލައެވެ. ނާއިލްގެ ހިތްހެޔޮކަމާއި އޯގާތެރިކަމުން އަހަރެންނަށް އިތުރަށް ނާއިލްއާ ގަޔާވާންފެށުނެވެ.
ހަފްތާއެއް ވެގެންދިޔައިރު އަހަރެންނާއި ނާއިލްގެގުޅުން އިތުރަށް ވަރުގަދަވަމުންދިޔައެވެ. ކޮންމެދުވަހަކު ދެމީހުން ދިމާވެ، ސައިކަލު ދުއްވާލަންގޮސް ހަދަންފެށުމުން ކަންކަމާ އަބަދު ވިސްނާހެދުން މަދުވެ ސިކުނޑިއަށް ލުއިވާންފެށިއެވެ.
އެހެން ތިންހަފްތާވަރު ފާއިތުވެގެންދިޔައިރު އެއްކަލަ ޖިންނި އަންހެންމީހާވެސް ނުފެނެއެވެ. އިތުރަށް ސަމީރުކައިރީގައި އަހާނެ އެއްޗެއްވެސް ނެތުމުން އަހަރެން ސަމީރުކައިރީގައި އިތުރަށް ސުވާލުކޮށް ހެދުންވެސް ދުވަސްކޮޅަކަށް ހުއްޓާލީމެވެ. އަހަރެން ބޭނުންވީ ދުވަސްކޮޅަކަށް ނަމަވެސް މިހެން ހިތްހަމަޖެހިލައިގެން ހިޔާލުތަކާ ދުރުގައި އުޅެލާށެވެ.
އެހެން ހަމަޖެހިލައިގެން ގާތްގަނޑަކަށް މަސްދުވަސް ފާއިތުވެގެން ދިޔައެވެ. އެއްދުވަހަކު އަހަރެން އޮފީހުން އައިސް ގެއަށްވަތްއިރު ތައުފީގުއާ އަދި އިތުރުދެމީހަކު ވެގެން ލިފްޓަށް ފޮށިތަކެއް އަރުވަނީއެވެ. ލިފްޓަށް ފޮށިތަށް އެރުވުމަށްފަހު ތައުފީގު އެދެމީހުން ފޮނުވާލިއެވެ. ތައުފީގު ފޮށިތަކާއެކު ލިފްޓުގައިހުރެ އަހަރެން ކައިރީގައި ލިފްޓަށް ވަނުމަށް ބުންޏެވެ.
“އާބައެއް އައީތަ؟..” އަހަރެން އަހާލީމެވެ. “ޝިހާމުމެންއައީ ދުވަސްކޮޅަކަށް…” ތައުފީގު އެހެންބުނެ ހީލިއެވެ. ދެވަނަފްލޯއަށް ލިފްޓު ހުއްޓުމުން ތައުފީގު ފޮށިތަށް ހިފައިގެން ލިފްޓުންނިކުތެވެ.
އޭރު ދެވަނަބުރީގެ އެޕާޓްމެންޓުގެ ދޮރު ހުޅުވައިގެން ދޮރުމަތީގައި ފިރިހެނަކު ތައުފީގު އަންނަންދެން މަޑުކޮށްގެން ހުއްޓެވެ. ތައުފީގު ލިފްޓުން ފޮށިތަށް ނެރެންފެށުމުން އަހަރެން އެދިމާލަށް ރަނގަޅަށް ބަލައިލީމެވެ. ގޭގެ އެހެންފްލޯތަކާ ޚިލާފަށް ދެވަނަފްލޯ ހަދާފައިހުންނަނީ ބޮޑުއެއް އެޕާޓްމެންޓު ގޮތަށެވެ. ެޭއޭރު އެތަނުގެދޮރު ހުޅުވާފައި ހުރުމުން ކޮންމެވެސް ވަރަކަށް އެތެރެ ފެންނަންހުއްޓެވެ. އެއީ ވަރަށްތަނަވަސް ރީތިއެޕާޓްމެންޓެވެ. ދޮރުމަތީގައި ހުރި ފިރިހެންމީހާ އަހަރެންފެނުމުން އަހަރެންގެ މޫނަށް ވަރަށްބެލިކަން އަހަރެންނަށް އެނގެއެވެ. ހީވާގޮތުން އެމީހާއަށް ވާނީ ފަންސާހަކަށް އަހަރެވެ. އެއީ އަނެއްކާ ޝިހާމުބާއެވެ. އެމީހާ އަހަރެންނަށް އެހާވަރަށް އެބެލީ ކީއްވެބާއެވެ..
ނުނިމޭ…
Comments (1)
Comments are closed.
When next?!?