
ހިތް ދެވިއްޖޭ ކަލާއަށްޓަކައި – 38

ޒިވްޔާ ޖަވާބެއް ނުދިނެވެ. އައިކަން އަނެއްކާވެސް ދާނިޝް ހުރި ދިމާއަށް ބަލާލިއެވެ. ނަމަވެސް އޭރު ދާނިޝްގެ ހިލަމެއް ވެސް ނެތެވެ. ދާނިޝް ފިލީއެވެ. އައިކަންގެ ދެބުމަ ގޮށްޖެހުނެވެ. އޭނާ ޒިވްޔާގެ ކުރިމައްޗަށް ޖެހިލިއެވެ. އެމަންޒަރު ބަލަމުން ތިބި މީހުންގެ ލޯތަކުން ޒިވްޔާ ފޮރުވާލެވޭނެ ފަދަ ގޮތަކަށެވެ. “ދި ޝޯވް އިޒް ފަ*ން އޯވާ. ގެޓް ދި ފަ* އައުޓް އޮފް ހިޔާ ބިފޯ އައި މޭކް ޔޫ ޑޫ އިޓް މައިސެލްފް.” އައިކަން އެމީހުނަށް އިންޒާރުގެ ނަޒަރެއް ދިނެވެ. އެއާއެކު އެންމެން އެކި ދިމަދިމާއަށް ހިނގައިގަތެވެ.
ޒިވްޔާ އޭނާގެ އެސްފިޔަތައް ތަޅުވާލިއެވެ. އޭނާގެ ނޭވާ ދެތިން ފަހަރަކު ތާށިވީހެން ވެސް ހީވިއެވެ، ނަމަވެސް ހިނދުކޮޅަކަށް ފަހު އޭނާގެ ނޭވާ މަޑުމަޑުން ހަމައަކަށް އެޅެން ފެށިއެވެ.
==========================
ޒިވްޔާގެ ނޭވާލުން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅެން ފެށިކަން އައިކަނަށް ފާހަގަ ކުރެވުނެވެ. “ނޭވާ ލެވޭތަ؟” އޭނާ ވާހަކަ ދެއްކީ ވަރަށް ވެސް ބަލައިގެނެވެ. ބުނެވޭ ބަހަކުން ނުވަތަ ރާގަކުން ޒިވްޔާ އިތުރަށް ސަކަރާތް ވެދާނެތިއެވެ. ޒިވްޔާ މަޑުމަޑުން ބޯ ޖަހާލިއެވެ. ކިރިޔަކިރިޔާއެވެ.
“ގުޑް.” އައިކަނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. “އެއްވެސް އެއްޗެއް ނުބުންޏަސް އޯކޭ..” އައިކަންގެ ބަސްތަކުން އޭނާ އަމިއްލަ ނަފްސުވެސް ހައިރާންވެ އަންތަރީސްވިއެވެ.
މީގެ ދުވަސްކޮޅެއް ކުރިންނަމަ އައިކަން އިތުރަށް އެނގެން މަސައްކަތް ކުރީހެވެ. ކުރުނުކޮށް ޒިވްޔާއަށް ސުވާލުތައް އަމުނާލީހެވެ. ޖެއްސުމަށާއި އުނދަގޫ ކުރަން އެއްޗެސް ކީހެވެ. ގަދަކަމުންވިޔަސް ޖަވާބެއް ހޯދަން އުޅުނީހެވެ. އެހެނަސް.. އެހެނަސް އައިކަނަކަށް އެހެން ކަންތަކެއް ނުކުރެވުނެވެ. ޒިވްޔާގެ މޫނަށް ހަމަ އެންމެ ފަހަރަކު ބަލާލުމާއެކު އޭނާއަށް ރޭކާލިއެވެ. ކޮންމެ ކަމަކަށް ވިޔަސް އެ ވެގެން އުޅޭ ކަމަކީ އައިކަނަށް ވުރެ މާބޮޑު ކަމެކެވެ. އެހެންނޫންނަމަ ޒިވްޔާ އަޒްހިރް އެގޮތަކަށް ނުހުންނާނެއެވެ. އައިކަނަށް އިތުރު ކަމެއް ފާހަގަ ކުރެވުނެވެ. މީހަކު ކިރިޔާ ކައިރިން ހުރަސްކޮށްލިޔަސް، ނުވަތަ ކިރިޔާ ވެސް އަޑެއް އިވުނަސް ޒިވްޔާ ސިއްސަ ސިއްސައިގެން އެ ދާ ގޮތެވެ. އައިކަންގެ ހިތް ޒިވްޔާއަށް ޓަކައި ލޭކަރުނަ އަޅަން ފެށިއެވެ. އޭނާގެ ޒިވްޔާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އައިކަނަށް ޔަގީންވީ އެހިސާބުންނެވެ.
“ހިނގާ ދާން. އަހަރެން ޒިވްޔާ ގެއަށް ގެންގޮސް ދޭނަން.” އައިކަން މަޑުމަޑުން ބުނެލިއެވެ. ވަގުތުން ޒިވްޔާ ދެފަރާތަށް ބޯ ހޫރާލިއެވެ. “ނޫން..”
“ޒިވްޔާ.”
“ނޯ.”
“ތުރުތުރު އަޅަނީނު ތިހިރަ.”
“އައިމް ފައިން.”
ޔޫ އާ ނޮޓް.” އައިކަން ރައްދުގައި ބުނެލިއެވެ. ދަތްކުނޑި ވިކާލަމުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ފުންނޭވާއެއް ދޫކޮށްލަމުން އައިކަން ޒިވްޔާގެ މޫނާއި މޫނު ދިމާވާނޭ ވަރަށް ތިރިވެލިއެވެ. “ހަމަ އެންމެ ފަހަރަކު ވިޔަޒް ޒިވްޔާ.. އަހަންނަށް ދޮގު ނުހަދާ.”
އައިކަންގެ ބަސްތައް އިވިފައި ހިނދުކޮޅަކަށް ޒިވްޔާއަށް ކުރެވުނުހާވެސް ކަމަކީ އައިކަނާއި ދިމާއަށް ބަލަހައްޓައިގެން ހުރުމެވެ. އެއާއެކު ޒިވްޔާގެ ދެލޯ ފުރިގެން ދިޔައެވެ. ކަރުނަ އަކުން ނޫނެވެ. ވަރުބަލި ކަމުންނެވެ. އޭނާގެ އަޑު ބޭރުވެގެން އައީ ކިރިޔަ ކިރިޔާއެވެ. “އައި ޖަސްޓް..” އޭނާގެ އަޑު ކުރުހުނެވެ. އައިކަން ކެތްތެރިކަމާއެކު މަޑުކުރިއެވެ. ޒިވްޔާއަށް ވާހަކަ ދައްކަން ފުރުސަތު ދީގެނެވެ. ޒިވްޔާ އަނެއްކާވެސް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ” އައި ނީޑް…” އަނެއްކާވެސް ޒިވްޔާ ހުއްޓާލިއެވެ. “…ޓު ގޯ.”
އައިކަން ބޭނުންވީ ޒިވްޔާ ހުއްޓުވާށެވެ. ޒިވްޔާ އެހާ ބިރުގަންނުވާލީ ކާކުތޯ އަހާށެވެ. އޭނާ ބޭނުންވީ އެ ހޯލު ތެރެއަށް ގޮސް އެމީހަކު ހޯދައި ޖަވާބުތައް ހޯދާށެވެ. ގަދަ ކަމުން ވިޔަހެވެ. އެހެން ނަމަވެސް އައިކަން ދުރަށް ޖެހިލިއެވެ. ޒިވްޔާއަށް ނޭވާލާން ޖާގަ ދޭށެވެ. “އެންމެ ރަނގަޅު.”
ޒިވްޔާ އިސްއުފުލައި ފުރަތަމަ ފަހަރަށް އައިކަނަށް ބަލާލިއެވެ. އޭނާ މަޑުމަޑުން ބޯ ޖަހާލިއެވެ. އެދެލޮލުން ފެނިގެން ދިޔައީ އިންތިހާއަށް ވަރުބަލި ކަމެވެ. ޒިވްޔާ އައިކަނަށް ފުރަގަސް ދެމުން ހިނގައިގަތެވެ.
“އަހަރެން ޒިވްޔާ އާއި އެއްކޮށް އަންނަންތަ؟” އައިކަނަށް އެހެން އަހާލެވުނީ ކީއްވެ ކަމެއް ހުދު އޭނާއަކަށް ވެސް ނޭނގުނެވެ. އެބަސްތައް ހަމަ އޭނާގެ އަނގައިން ބޭރުވީއެވެ. އޭނާ އަވަސް އަވަހަށް އިތުރުކޮށްލިއެވެ. “ޒިވްޔާ އެކަމަށް އެއްވެސް މައްސަލައެއް ނެތިއްޔާ، އޮފްކޯޒް.” ހިނދުކޮޅަކަށް އޭނާގެ ހިތުގައި ބިރު އުފެދުނެވެ. ޒިވްޔާ ނޫނެކޭ ބުނެފާނެތީއެވެ. ނަމަވެސް ޒިވްޔާ ފަސް އެނބުރި ބަލާލައި ބޯ ޖަހާލިއެވެ. އެއީ ކީއްވެގެން ކަން ޒިވްޔާ އަކަށް ވެސް ނޭނގުނެވެ. އައިކަނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ޒިވްޔާގެ ފަހަތުން ހިނގައިގަތެވެ.
ހިނދުކޮޅަކަށް ހުރިހާ ކަމެއް އާދައިގެ ކަހަލަ ގޮތަކަށް އައިކަނަށް އިހުސާސް ކުރެވުނެވެ. ނަމަވެސް އެއީ ތެދެއް ނޫނެވެ. އޭނާއަށް އެކަން އެނގުނެވެ. އައިކަން އޭނާގެ ދެއަތް މުށްކަވާލިއެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނާ ހީކުރީ ޒިވްޔާ ގަސްތުގައި އައިކަނާއި ދުރުވާން އުޅެނީ ކަމަށެވެ. އައިކަންދެކެ ޒިވްޔާ ނަފްރަތު ކުރަނީ ކަމަށެވެ. އެހެނަސް މިހާރު.. އެވަގުތު އައިކަން ވިސްނަމުން ދިޔައީ ޒިވްޔާ އޭނާ އާއި ވާހަކަ ނުދައްކާ ސަބަބަކާއި މެދެއް ނޫނެވެ. އޭނާ ވިސްނަމުން ދިޔައީ އޭނާ ދަންނަ ސަކަ މިޒާޖުގެ ޒިވްޔާއަށް އެފަދަ އިންތިހާ ދަރަޖައިގެ ބިރުގަންނަން ދަސްކޮށްދިނީ ކާކު ކަމާއި މެދުގައެވެ.
………………………
މުޅި ކޮލެޖުގައި ހުޅުގަނޑެއް ރޯވީ ފަދައިން ޒިވްޔާ އާއި ދާނިޝްގެ ވާހަކަ ފެތުރެމުން ދިޔައެވެ. ފަހަރަކު ބްލޮކެކެވެ. ފަހަރަކު ފްލޯއެކެވެ. ފަހަރަކު ހޯލަކާއި ކުލާހެއްގައެވެ. ކޮންމެ ދިމާއަކުން ވެސް އިވެމުން ދިޔައީ ހަޤީގަތުގެ އެކި ވައްތަރެވެ.
“ދާނިޝް ޗޭސްޑް ހާ.”
“ނޫނޭ. އޭނަ އޭ ދާނިޝް ކައިރިން ދުރަށް ދުއްވައިގަތީ.”
“އެމީހުން ހުރީ ޒުވާބު ކުރާށޭ.”
“އަހަރެން އަޑު އެހިން ކުރިން ދުވަހަކު އިޒިކިއަލް ތަޅައިގަތީ އޭ ދާނިޝް ގައިގަ.”
“ވެއިޓް. އަސްލަށްތަ؟”
އެއްވެސް މީހަކަށް ހަޤީގަތެއް ނޭނގެއެވެ. ނަމަވެސް އެވާހަކަ ދައްކަމުން، އަމުނަމުން، ބަދަލު ކުރަމުން ގެންދިޔައެވެ.
އިޒިކިއަލާއި ހިސާބަށް އެވާހަކަ ފޯރީ އޭނާ ކެފެޓީރިއާގައި އިންދައެވެ. “ދާނިޝް ޒިވްޔާ ފަހަތުން ދުއްވައިގަތީ އޯ.” ކުއްޖަކު ބުނާއަޑު އިޒިކިއަލަށް އިވުނެވެ. އެއާއެކު އޭނާއަށް ހީވީ އޭނާގެ ބަނޑުގެ ތެރެއަށް ބޮޑު ބަރެއް ވައްޓާލިހެނެވެ. “ކީކޭ؟” އޭނާ އެކުދިންނާއި ދިމާއަށް އެނބުރުނެވެ.
“ހަހް؟” އެތަނުން އަންހެން ކުއްޖެއް އަހާލިއެވެ.
“ކީކޭހޭ ތިބުނީ ދެންމެ؟” އިޒިކިއަލްގެ އަޑުގައި ވީ ހަރުކަށި ކަމެވެ. ހާސްކަމެވެ. އެތަނުގައި އިން ފިރިހެން ކުއްޖާ ކޮނޑު އަރުވާލިއެވެ. “ނޭނގެ. މީހުން ކިޔަނީ ކޮންމެވެސް އަންހެން ކުއްޖެއްގެ ފަހަތުން ދާނިޝް ފަހައިގަތީ އޯ. ދެން-”
އެވާހަކަ ނުވެސް ނިމެނީސް އިޒިކިއަލް އިންތަނުން ތެދުވެ ދުއްވައިގަތެވެ. އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ޒިވްޔާގެ ހާލާއި މެދު އޭނާ ބިރުގަތެވެ. އަނެއްކާ ޒިވްޔާ ކޮބާ ބާވައެވެ؟ ޒިވްޔާ ރަނގަޅު ބާވައެވެ؟ ޒިވްޔާ ފެންނާނެ ބާވައެވެ؟ އިޒިކިއަލް ކޮރިޑޯއަކަށް ފަހު ކޮރިޑޯއެއް ބަލަމުން ދިޔައެވެ. އެއްވެސް ދިމާއަކުން ޒިވްޔާ ފެނޭތޯއެވެ. ޒިވްޔާ އާންމުކޮށް ދާ ކުލާސްތައް ހުރީ ހުސްކޮށެވެ. އޭނާ ލައިބްރަރީ ޗެކް ކުރިއެވެ. އެތަން ވެސް ހުހެވެ. އޭނާ ބިޒްނަސް ބްލޮކް އެއްކޮށް ޗެކް ކުރިއެވެ. ދެންވެސް ޒިވްޔާގެ ހިލަމެއް ނުވިއެވެ. އަނެއްކާ ޒިވްޔާ ކޮބައިބާވައެވެ؟ އޭނާގެ ހިތަށް ނުބައި ހިޔާލުތައް އަންނަން ފެށިއެވެ. އޭނާ އިތުރަށް ބިރު ގަންނަން ފެށިއެވެ.
ޒިވްޔާ ނުފެނި ދިޔަ ކޮންމެ ހިނދުކޮޅެއް އިޒިކިއަލަށް ވީ ބޮޑު ވޭނަކަށެވެ. އޭނާއަށް ދިޔައީ ފުންނޭވާ ލެވެމުންނެވެ. އޭނާ ދުވެދުވެ ގޮސް ވަރުބަލި ވެއްޖެއެވެ. ނަމަވެސް އޭނާއަށް އެންމެ ހިނދުކޮޅެއް ވެސް ބޭކާރު ކުރެވޭކަށް ނެތެވެ. އޭނާގެ ހިތް ބިރުގަންނަނީއެވެ. އޭނާއަށް ޒިވްޔާ ނުފެނި ހޭދަވާ ކޮންމެ ސިކުންތަކީ ވެސް ޒިވްޔާ ބޮޑު ވޭނެއް ތަޙައްމަލު ކުރަމުން ދާ ވަގުތުކޮޅަކަށް ވެސް ވެދާނެއެވެ.
އިޒިކިއަލްގެ ސިކުނޑިއަށް އެރޭގެ ހަނދާންތައް އަންނަން ފެށިއެވެ. ރޯޒް ބެޑެވެ. ލޭތަކެވެ. ޒިވްޔާގެ ހާނިއްކަވެފައި އޮތް ހަށިގަނޑެވެ. ހޭނެތިފައެވެ. އެއްލާލާފައެވެ. ރަހުމުކުޑަކޮށެވެ. އިޒިކިއަލްގެ ގަމީހެވެ. އެމްބިއުލާންސެވެ. ހޮސްޕިޓަލަށް ގެންދެވުމަށްފަހު ޒިވްޔާގެ ހަށިގަނޑަށް ހޮޅިތައް ގުޅާފައި އޮތް ގޮތެވެ.
އިޒިކިއަލްގެ ވިންދު އަވަސް ވެގެން ދިޔައެވެ. ނޫނެކެވެ. ޒިވްޔާއަށް ދެވަނަ ފަހަރަށް އެފަދަ ކަމެއް ވިޔަކަ ނުދެވޭނެއެވެ. އެފަކީރު ހިތް ފަޅައިގެން ހިނގައިދާނެއެވެ. އިޒިކިއަލްގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އޭނާ ދުއްވައިގަތީ ބާސްކެޓްބޯޅަ ކޯޓު ސަރަހައްދަށެވެ. ނަމަވެސް އެތާކު ވެސް ޒިވްޔާއެއް ނެތެވެ. އިޒިކިއަލް އޭނާގެ އަމިއްލަ ބޮލުގައި އަތް ހާކާލިއެވެ. “ތިންކް ތިންކް ތިންކް ތިންކް! ޑެމްން އިޓް.” އޭނާގެ ދެއަތް ދިޔައީ ތުރުތުރު އަޅަމުންނެވެ.
…………………………..
އެޑްމިނިސްޓްރޭޝަން ބިލްޑިން ފަހަތުގައި ހުރި ބެންޗެއްގައި އިށީނދެލައިގެން ޒިވްޔާ އިނެވެ. އޭނާއާއި މާ ކައިރި ނުވާނެހެން ހަމަ އެ ބެންޗުގައި އައިކަން ވެސް އިނެވެ. އޭރު ދެމީހުން ކުރެ އެކަކު ވެސް އެއްޗެކޭ ނުބުނެއެވެ. އެންމެފަހުން އެ ހަމަހިމޭންކަން ފޫއަޅުވާލީ އައިކަނެވެ. “ޔޫ ޑޯންޓް ހޭވް ޓު އެކްސްޕްލެއިން.”
ހައިރާންވެފައި ޒިވްޔާ އިސް އުފުލައި އައިކަނަށް ބަލާލިއެވެ. އައިކަން އޭނާގެ ކަރުގެ ފަހަތުގައި އަތް ހިންގާލިއެވެ. “އައި ޖަސްޓް..” އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އައި ހޭވް ބީން ތިންކިން.”
ޒިވްޔާ އެއްޗެކޭ ނުބުނިއެވެ. އައިކަން ވާހަކަ ދައްކަން ފުރުސަތު ދީގެން އޭނާ އިނީއެވެ.
“ތެދު ތެދަށް ބުނަންޏާ އަހަރެން ހީކުރީ ޒިވްޔާ އަހަރެން އިގްނޯ ކުރަނީ ކަމަށް.”
ޒިވްޔާ އިސްޖަހާލިއެވެ. އަދި އަމިއްލަ ދެއަތަށް ބަލާލިއެވެ. “އެނގޭ އެކަން.”
އައިކަންގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. “އެކަމަކު މިއަދު.. ޔޫ ލުކްޑް ސްކެއަރޑް.”
އައިކަންގެ ބަސްތައް އިވިފައި ޒިވްޔާގެ ދެއަތް ކުށްކެވިގެން ދިޔައެވެ. އެކަން އައިކަނަށް ވަރަށް ވެސް ރީއްޗަށް ފާހަގަ ކުރެވުނެވެ.
“އަހަރެން ނާހާނަން ކާކުތޯއެއް.. ކިހިނެއްވީތޯއެއް..އެކަމަކު ކޮންމެވެސް މީހަކު ޒިވްޔާއަށް ބިރުދައްކަނީ ކަމަށް ވަންޔާ..” އައިކަން ދުރަށް ބަލާލިއެވެ. “….އައި ޑޯންޓް ލައިކް އިޓް.”
ޒިވްޔާގެ ހިތުގައި ރިއްސާލިއެބެ. އޭނާ ބުނަން ބޭނުންވިއެވެ. އޭނާ ބިރުގަތީ އައިކަންގެ ސަބަބުނެއް ނޫނޭއެވެ. އެހެންނަމަވެސް އެބަސްތައް ޒިވްޔާގެ ދުލާއި ހަމައަށް ނުފޯރަނީސް ހުއްޓުނެވެ. ތާށިވީއެވެ. އެއީ އޭނާ އެދޮރު ހުޅުވައިފިނަމަ ދެން ވާނެ ގޮތެއް ނޭނގޭތީއެވެ. އެހެންކަމުން އޭގެ ބަދަލުގައި ޒިވްޔާ ބުނެލީ އެންމެ ދެ ލަފްޒެވެ. ހަމަ އެންމެ ދެ ލަފްޒެވެ. “ތެންކިޔޫ.”
އައިކަން ހައިރާންވިއެވެ. ޒިވްޔާ އަނބުރާ ކޮލެޖަށް އައިފަހުން އޭނާއަށް ލިބުނު ފުރަތަމަ ޝުކުރެވެ. އޭނާގެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ކިރިޔަ ކިރިޔާއެވެ. “އަހަރެން ތި ދެ ލަފްޒުން ފުއްދާލާނަން.” އައިކަން ބުނެލީ ހަމައެކަނި އެހެނެވެ. އެއާއެކު ޒިވްޔާގެ ތުންފަތުގެ ދެކަން ވެސް މައްޗަށް ހިއްލުނުހެން ހީވިއެވެ. ކިރިޔާއެވެ. ނަމަވެސް އައިކަނަށް އެކަން ފާހަގަ ކުރެވުނެވެ.
………………………
ޒިވްޔާ ފެނޭތޯ ބަލަމުން ދިޔަ އިޒިކިއަލްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެތާ ބެންޗެއްގައި އެއިނީ ޒިވްޔާއެވެ. ސަލާމަތުންނެވެ. އެވަގުތު އޭނާގެ ހިތަށް ލިބުނު ލުއި ކަމުގެ ބޮޑުކަމުން ކޮޅަށް ހުންނަންވެސް އުނދަގޫވިއެވެ. އޭނާ އެތާގައި ހުރި ހޮޅިދަނޑިއެއްގައި އަތް ވިއްދާލީ ވެފައި ހުރި ވަރުބަލިން އެކަންޏެއް ނޫނެވެ. ޒިވްޔާ ފެނުމުން އެލިބުނު ލުއި ކަމުން ވެހެވެ. އޭނާއަށް ހީވީ އެހުރިތާނގައި ހުރެ ދެކަކޫ މައްޗަށް ވެއްޓެން އުޅެވުނުހެނެވެ. އޭނާ ހިތާހިތުން ﷲ އަށް ޝުކުރު ވެރިވެލިއެވެ.
އޭނާގެ ލޮލުގައި އައިކަން އަޅައިގަތީ ދެނެވެ. އައިކަން އިނީކީ ޒިވްޔާއަށް ޖެއްސުން ކުރާކަށް ނޫނެވެ. ޖަވާބުތަކެއް ހޯދާކަށް ވެސް ނޫނެވެ. ޒިވްޔާ އާއި ކުޑަކޮށް ދުރުގައި ހަމަ އިނީއެވެ. ޒިވްޔާއަށް ބޭނުންވާ ޖާގަ ދީގެނެވެ. އިޒިކިއަލް މަޑުމަޑުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ކެފެޓީރިއާ އިން ދުއްވައިގަތިއްސުރެ ތައްޔާރު ވެގެން ހުރީ މީހަކާއި ތަޅާފޮޅައިގަންނަން ޖެހިއްޖެނަމަ ހަމަލާ ދޭން ތައްޔާރަށެވެ. ޒިވްޔާގެ ދިފާޢުގައެވެ.
އެހެންނަމަވެސް ޒިވްޔާ ސަލާމަތުން، ރައްކާތެރި ކަމާއެކު އިންތަން ފެނުމުން އޭނާއަށް ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބުނެވެ. އެވަގުތު ޒިވްޔާގެ ގާތުގައި އިނީ އަމިއްލަ މީހާ ކަމުގައި ނުވިޔަހެވެ. އޭނާ ޒިވްޔާ އާއި އައިކަނަށް ފުރަގަސް ދިނެވެ. ޒިވްޔާއަށް ގޮވާ ވެސް ނުލައެވެ. ޒިވްޔާ އާއި އައިކަނާއި ދެމެދު އެވާ ހަމަހިމޭންކަން ނިގުޅައިގަންނާކަށް އޭނާ ބޭނުމެއް ނުވިއެވެ.
އެއީ ފުރަތަމަ ފަހަރަށް އިޒިކިއަލް ނެތަސް ޒިވްޔާއަށް އަޅާލާނެ ފަރާތެއް ވެއްޖެއެވެ. ޒިވްޔާގެ އަށްޑަނަ އަކަށް ވާން ފަސް ނުޖެހޭނޭ މީހެކެވެ. އެވަރުން އިޒިކިއަލަށް ފުދެއެވެ. އެއީ އޭނާގެ ނުކިޔަމަންތެރި ހިތަށް ދެވޭ ކިތަންމެ ބޮޑު އަނިޔަލެއް ކަމުގައި ވިޔަހެވެ. އޭނާގެ ޝަކުވާއެއް ނެތެވ. އޭނާގެ ހަމައެކަނި އެދުމަކީ ޒިވްޔާ އުފަލުގައި ހުރުމެވެ. ރައްކާތެރިކަމާއެކުގައެވެ.
===============================
މިބައި ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (10)
Comments are closed.
Wow v salhi mi bai ves. So I’m guessing the winner is Aikan huh… I feel bad for Izikiel. But I have been on Aikan’s side from the start😁
Who knws. The end game is a major secret 🤷🏻♀️🤭
This story is amazing. Literally. It had me holding my breath. Questioning everything that’s happening. And subboo. My mind go crazy with each episode and I CAN’T STOP WANTING MORE OF THIS😭
Aw thank u 💗
Love thr story a lot… Waiting for thr next part
Will upload the next episode soon insha’Allah 🩷
Dhaanish mf. I wish I could push myself into the story and strangle the living day light out of the dude. But I am sure Izikial will do it for us
insha’Allah Zivya will get her justice
I am screaming atp. What the fuck is happening? Don’t do this to Izikian please 🥺
Izikial or aikan😭