ގާތުގާ… 57
އަހަރެންގެ މޫނަށް ވީގޮތް ފެނުމުން ނަވީންގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ. އަހަރެންނަށް ވަމުން ދިޔަ ހުރިހާ ގޮތެއް ނަވީންއަށް ތަރުޖަމާ ކުރެވެމުން ދިޔަކަން އެ މޫނުގައި ކުޅެލަކުޅެލާ ހުރި ހިނިތުންވުމުން ހެކި ދިނެވެ. އަދި ކުއްލި ހަރަކާތަކާއިއެކު ފަޓުލޫނުގެ ބެލްޓު ނަވީން ދަމައިގަތެވެ.
*****
އެހިނދު އަހަރެން ހުއްޓުން އެރިއެވެ. މުޅި މީހާ ގަނޑުވެ ސިކުނޑިވެސް އެކަށް ހުސް ވެގެން ދިޔައެވެ. މުޅި ތަން އަނދިރިވިހެން ހީވިއެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔަކަން އިހުސާސް ވުމާއިއެކުގައި ބިރުވެރިކަން އައިސް ހަ ފަރާތުން ބައްދައިލިއެވެ. ނޭވާ ހޮޅީގައި ތާށިވިހެން ހީވިއެވެ. ބޮލަށް ތޫނު ތަދެއް އެރުމާއިއެކުގައި ހިތުގެ ހިނގުން އިންތިހާއަށް އަވަސްވިއެވެ.
ބެލްޓުގެ ހޫނު ހަމަލާއެއް އަހަރެންގެ ބަނޑު މައްޗަށް އެރިހެން ހީވިއެވެ. ގަނެފައި ހުރި ބިރު ދެގުނައަށް އިތުރުވިއެވެ. ކުރިމަތީގައި ހުރި ރުހާމްގެ ރުޅިވެރި މޫނު ފެނުމުން އަހަރެން ބިރުން ފިއްކަނޑައިގެން ދިޔައެވެ. ރޮވެން ފެށުނީ ދެން ސަލާމަތެއް ނެތްކަން އެނގުމުންނެވެ.
” ނޫން ނޫން…..” ރޮމުން ރޮމުން އަހަރެން އެނދުގެ ބިއްދަށަށް ޖެހެން ފެށީމެވެ. ނަމަވެސް ރުހާމްގެ އަނިޔާވެރިކަމުން އަހަރެންނަކަށް ސަލާމަތެއް ނުވެވުނެވެ. މަސްގަނޑަކަށް ދަހިވެތިވެފައިވީ ސިންގާއެއްފަދައިން ރުހާމް އަހަރެންނާއި ދިމާއަށް ޖެހިގަތެވެ.
އިސްތަށިގަނޑުގައި ހިފައި ދަމައިގަތުމާއިއެކު އަހަރެންގެ މޫނުމަތީގައި ރުހާމް އެތިފަހަރެއް ވިހެލިއެވެ. މޫނު މަތިން ނަގަމުން ދިޔަ ދިލައާއިއެކުގައި މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. ވީތަދާއި އެކު އަހަރެންނަށް އަޑުގެ ކޮޅަށް ރޮއެގަނެވުނެވެ.
” އަތްދޯއި… ދޫކޮށްލާ… ޕްލީޒް… ރުހާމް ޕްލީޒް… ތި… ތިހެން ނަހަދާ….” ރޮމުން ރޮމުން އަހަރެން އާދޭސްކޮށް ހަޅޭ ލެވީމެވެ. ދޫކޮށްލުމަށް އެދި ގަދަ ހެދީމެވެ. ތެޅިފޮޅުނީމެވެ. ނަމަވެސް އެ ޝައިތާނާގެ ކިބައިން މިންޖު ވުމެއް އަހަރެންނަށް ވޭ ހެއްޔެވެ؟
*****
ޗެޕްޓާ 20
ނަވީން
” ނޫން… ނޫން…” ކުއްލިއަކަށް މީހާ ސިހިގެން ދިޔުމާއިއެކު ޒާނާ ރޯން ފެށުމުން އަހަރެންނަށް ހުރެވުނުތަންވެސް ނޭނގުނެވެ. ލިބުނު ޝޮކާއިއެކުގައި އަހަރެންނަށް ބަލައްޓައިގެން ހުރެވުނީ ވާނުވާ ނޭގިފައެވެ.
ބިރާއި ސިހުމާއިއެކު ޒާނާ އެނދުގެ ބިއްދަށަށް ޖެހެމުން ދެފަރާތަށް ބޯ ހޫރަން ފެށިއެވެ. ޒާނާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުމާއެކު ޒާނާއާއި ގާތްވެލައި ޒާނާގެ އަތުގައި ހިފެހެއްޓޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ވެގެން އުޅޭ ގޮތެއް އޮޅޫން ފިލުވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންގެ އެ ހަރަކާތުން ޒާނާ ވީ އިތުރަށް ގޯހެވެ. ތެޅި ފޮޅެން ފެށީ އިތުރަށެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތައް އިތުރަށް ވީ ގިނައެވެ. އެ ދެލޮލުގައިވީ ބިރުވެރިކަމާއި ސިހުން އިތުރަށް ވީ ފުނެވެ. އަހަރެންނަށް ލިބެމުން ދިޔަ ހައިރާންކަން އިތުރަށްވީ ބޮޑެވެ. ޒާނާގެ ފުށުން އެފަދަ އަމަލެއް ފެންނަން އަހަރެންނަށް ކުރެވުނީ ކީއް ހެއްޔެވެ؟ އަހަރެންގެ ހިތުގައި ސުވާލުތަކެއް ވަކި ހިއްޕަމުން ދިޔައެވެ.
” ނޫން ނޫން…. ރުހާމް ދޫކޮށްލާ …. ” ބިރުން ތެޅިފޮޅެމުން ދިޔަ ޒާނާ ބުނަމުން ދިޔައެވެ. އަހަރެންގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް ވީ ހައްތަހާއި އިތުރެވެ. ޒާނާއަށް ވަމުން އެދާ ގޮތެއް ނޭނގިގެން އަހަރެން ކަންބޮޑުވާން ފެށިއެވެ. ޒާޏާގެ ދުލުން ރުހާމްގެ ނަން ބޭރުވާން ޖެހުނީ ކީއްވެ ހެއްޔެވެ؟ ޒާނާ ރޮނީ ކީއްވެ ހެއްޔެވެ؟ ޒާނާއަށް އަހަރެން ފެންނަނީ ރުހާމްގެ ސިފައިގަ ހެއްޔެވެ؟
އަހަރެން ސިކުނޑިއަށް ބާރު ލައިފައި ވިސްނައިލީމެވެ. ކުޑަކޮށް ވިސްނައިލުމުންނާއި ޒާނާ ކިޔަމުން ދިޔަ އެއްޗެހިން ޒާނާއަށް ވަމުން އެދާ ގޮތްތައް އަހަރެންނަށް އެނގެން ފެށިއެވެ. އަހަރެންނަށް ކޮންމެވެސް ކަމެއް ކުރެވިގެން މާޒީގެ ކަންކަން ޒާނާގެ ސިކުނޑީގައި ކުރެހެމުން ދަނީއެވެ. މާޒީގައި ރުހާމްގެ ފަރާތުން ލިބިފައިވީ އަނިޔާތައް ރޯލް ޕޮލޭއެއް ފަދައިން ޒާނާގެ ސިކުނޑީގައި ތަކުރާރުވަމުން ދަނީއެވެ. ހަޤީޤަތާއި ހިޔާލު ވަކިކުރަން ޒާނާއަށް މިހާލަތުގައި ނޭނގި ސިކުނޑީގައިވީ ހިޔާލްތައް އޮޅުން ބޮޅުން ވީއެވެ.
އަހަރެންގެ ހިތް ރޯލީ ޒާނާއަށް ވަމުން އެދާ ގޮތް އެނގުމުންނެވެ. އެ އަންހެން ކުއްޖާއަށް ކޮށްފައިވީ އަސަރު ފުރަތަމަ ފަހަރަށް ލޮލުގެ ކުރިމަތިން ފެންނަން ފެށުމުންނެވެ. ރުހާމް އެ ނިޔަނެތި ލޯބި އަންހެން ކުއްޖާއަށް ދީފައިވީ ގެއްލުމުގެ ބޮޑުމިން ފެންނަން ފެށުމުންނެވެ. އަހަރެންގެ ފުރާނައަށް ވުރެން ބޮޑަށް ލޯބިވާ އަންހެން ކުއްޖާއަށް އެ އިފުރީތު ޖައްސާފައިވީ އިހާނެތި ހާލު ފެނުމުންނެވެ.
ހިތުގައި ޒާނާއަށް އުފެދުނު ހަމްދަރުދީއިން ރުހާމްއަށްޓަކައި ނަފްރަތުގެ ކުރިތަކެއް ފަޅަން ފެށިއެވެ. ރުހާމްގެ ފަރާތުން ޒާނާ ތަހަންމަލު ކޮށްފައިވަނީ ކިހާވަރެއްގެ ކިހާ ބޮޑުމިނެއްގެ ކަންކަމެއްކަންވެސް އަހަރެންނަކަށް ނޭނގެއެވެ. ޒާނާއަށް ލިބިގައިވީ ގެއްލުންތައް އަންދާޒާ ކޮށްލަންވެސް އަހަރެންނަށް ނޭނގެއެވެ. ނަމަވެސް އެ ހުރިހާ އެއްޗެއް ވިސްނުމަށް ވުރެން އަހަރެންނަށް މިވަގުތު މުހިންމީ ޒާނާ ހަމައަކަށް އެޅުވުމެވެ. އަހަރެންގެ ދެ އަތުގެ ހިމާޔަތް ދިނުމެވެ. އެ ހިޔާލުތަކުން ޒާނާ މިންޖުކޮށް، ޒާނާ ހަޤީޤަތާއި ކުރިމަތި ލެއްވުމެވެ.
” ޒާނާ…. ހޭއި…..” އަހަރެން އަނެއްކައިވެސް ޒާނާގެ އަތުގައި ހިފެހެއްޓޭތޯ މަސައްކަތް ކުރީމެވެ. އަހަރެންގެ ހިތުގައިވީ ޝޮކާއި ބިރުވެރިކަމާއި ހާސްކަން އެއްފަރާތް ކޮށްލުމަށްފަހު ޒާނާ ހަމަޖެއްސޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ގިސްލައި ރޮމުން ބިރުން ތެޅި ފޮޅެމުން ދިޔަ ޒާނާ ދިޔައީ ހައްތަހައި އަހަރެންނާއި ދުރަށެވެ. ތެޅިގެންފައި އަހަރެންގެ އަތް ފޮޅުވައިލަމުން ދުރަށް ދާންފެށި ގޮތުން ޒާނާ ގަނެފައިވީ ބިރު ތަސައްވަރު ކޮށްލަށް އަހަރެންނަށް އެނގުނެވެ. ކަންކަން ގޯސްވެފައިވީ އަހަރެންނަށް ވިސްނާއިލެވޭ ވަރަށް ވުރެންވެސް ބޮޑަށްކަން އެނގުނެވެ.
އެތައް ގޮތަކުން އަހަރެން ޒާނާ ހަމައަކަށް އެޅުވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް ބިރުން ތެޅި ފޮޅެމުން ދިޔަ ޒާނާގެ ހާލަތު ދިޔައީ ގޯސް ވަމުންނެވެ. ޒާނާގެ ރުއިމުގެ އަޑު ދިޔައީ ގަދަވަމުންނެވެ. އެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކަށް ނިމުނެއް ނައެވެ. ހަދާނެ ގޮތް އަހަރެން ހުސްވަމުން ދިޔައެވެ. ދުވަހަކަވެސް މިފަދަ ކަމަކާއި ކުރިމަތިލާން ޖެހިފައި ނެތީތީވެ ދެން ކަންތައް ކުރަންވީ ގޮތެއްވެސް އަހަރެންނަކަށް ނޭނގުނެވެ. ހަމަ އެހެންމެ އަހަރެންގެ ހިތް ރޮމުން ދިޔައީ ޒާނާ އަށް ޖެހިފައިވީ ހާލު ފެނުމުންވެ. ޒާނާއަށް ކޮށްފައިވީ އަސަރު ފެނުމުންނެވެ.
” ޒާނާ… ހޭއި…. ޒާނާ… ބަލާބަލަ… މިކޮޅު ބަލާބަލަ…. ހޭއި… މިއީ ނަވީންއޭ…. ރުހާމްއެއް ނޫނޭ…. ޒާނާ ބަލާބަލަ…. ” އަހަރެން އަނެއްކައިވެސް ޒާނާގެ އަތުގައި ހިފެހެއްޓޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ޒާނާ ބިރުން ތެޅިފޮޅެމުން ދިޔައެވެ..
” ނޫން ނޫން ރުހާމް…. ޕްލީޒް ދޫކޮށްލާ… ތިހެން ނަހަދާ ތަދުވެއޭ…. ނުޖަހަބަ ޕްލީޒް… އަތް ނުލާބަ…” ޒާނާ ރޮމުން އަހަރެންނާއި ދުރަށް ޖެހެމުން ދިޔައެވެ.
” ޒާނާ މިއީ ރުހާމްއެއް ނޫނޭ… ނަވީންއޭ….” އަހަރެން ތަކުރާރުކޮށް ބުނީމެވެ.
” ނޫން ނޫން ރުހާމް ޕްލީޒް ބެލްޓުން ނުޖަހާތި ޕްލީޒް…….” ޒާނާގެ އަނގައިން ބޭރުވި ލަފްޒުތަކުން އަހަރެން ގަނޑުވިއެވެ. މެޔަށް ފެން އެއްޗެއް އޮއްސާލިފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ. މީހާ ހުއްޓުން އެރިއެވެ. ޒާނާއަށް ވީ ގޮތް އަހަރެންނަށް ފަހުމްވީ އެވަގުތުއެވެ. ޒާނާގެ މާޒީގެ އަނިޔާތަކުގެ ހިޔަނި ޒާނާގެ ލޮލުގެ ކުރިމަތީގައި ދުވެލީ އަހަރެން ނަށް ކުރެވުނު އެންމެ ކުށަކުންނެވެ. ހަމަ އެންމެ ކުށަކުންނެވެ. އަހަރެންނަށް ފަޓުލޫނުގެ ބެލްޓު ދަމައި ގަނެވުނު ގޮތުންނެވެ. މަސްތުގެ ކަނޑެއްގައި މެހެމުން ދިޔަ އަހަރެންނަށް ވިސްނައި ނުލައި ކުރެވުނު ކަމަކުން ނެވެ. އަހަރެންގެ އެ ކުޑަ އަމަލުގެ ސަބަބުން ޒާނާއަށް އެހެން ވާނެކަން އެނގުނު ނަމަ ދުވަހަކުވެސް މިހެނެއް ނެހެދީމުހެވެ. އަދި ހަމަ އެހެންމެ ރުހާމް ޒާނާއަށް އެފަދަ އަނިޔަތަކެއްވެސް ކޮށްފައިވީ ކަން އެނގުމުން އަހަރެންގެ ލޭ ކެކޭ ގޮތް ވިއެވެ. ޤަބޫލުކުރަންވެސް އުނދަގޫ ވަމުން ދިޔައެވެ.
އަހަރެންނަށް ގަނޑުވެފައި ބަލަން އިނދެވުނެވެ. އެ ނިޔަނެތި އަންހެން ކުއްޖާގެ ނާޒުކުކަން ފެންނަމުން ދިޔައެއެވެ. ލިބިފައިވީ ނަފްސާނީ އަނިޔާގެ ބޮޑުމިން ކުރިމަތިން ހާމަވަމުން ދިޔައެވެ. ޒާނާއަށް ބޭ އިންސާފުން ލިބިފައިވީ އަނިޔާތައް ލޮލުގެ ލުރިމަތިން ފެންނަމުން ދިޔައެވެ. ކަންކަން އެނގެމުން ދިޔަހެން އަހަރެންގެ ހިތަށް ކުރަމުން ދިޔަ އަސަރު ބޮޑުވަމުން ދިޔައެވެ. އަހަރެންގެ ހިތުގައި ވަކި އަޅަމުން ދިޔައެވެ. ހިތް ކުދިކުދިވަމުން ދިޔައެވެ.
ހިތުގައި ނުފިލާނެ ލަކުނުތަކެއް ލެވެމުން ދިޔައެވެ. ހަމަ އެހެންމެ އަމިއްލަ ނަފްސު ދެކެ ރުޅި އާދެވޭ ގޮތްވީ ޒާނާއަށް އެހީވުމުގައި އަހަރެން ފެއިލް ވުމުންވެ. ޒާނާގެ ރުއިމުގެ އަޑު ހައްތަހައި ގ ގަދަވެ ސްލުމުގެ އަޑު އިތުރުވަމުން ދިޔައެވެ. މި ހުރިހާ ކަމެއް ނުހަނު އަވަހަށް ފުލުފުލުގައި ހިނގަމުން ދިޔައެވެ. އަހަރެންގެ ސިކުނޑި ހާސްވެ ސިކުނޑި ސުމަކަށް ދިޔައެވެ. ހަދާނެގޮތް މުޅިންހެން ހުސްވަމުން ދިޔައެވެ.
” ޒާނާ….!! ޒާނާ….!!” އެންމެ ފަހުން އަހަރެން ޒާނާގެ އަތުގައި ހިފައި ތަޅުވައި ގަންނަމުން ގޮވައިލީމެވެ. ކޮންމެ ހުރަހެއް ގިރާކޮށްގެން ވިޔަސް ކޮންމެ ހަރުފަތެއް ގިރާކޮށްގެން ވިޔަސް ޒާނާ އަހަރެންނާއި ހަމައަށް ގެންނަން ބޭނުން ވީއެވެ. ޒާނާއަށް ހަޤީޤަތަކީ ކޮބައިކަން ބުނެދީ އެ އަނިޔާވެރި ހިޔާލުތަކުން މިންޖު ކޮށްދޭން ބޭނުންވިއެވެ.
އަހަރެންގެ ބާރު އަޑަށް ޒާނާ ހަމަހިމޭން ވިއެވެ. ކުއްލި ސިހުމާއި ހައިރާންކަން އެކުލެވިގެންވީ ބެލުމަކުން އަހަރެންނަށް ޒާނާ ބަލައިލިއެވެ. މުޅި ކޮޓަރިތެރެއަށް ޒާނާ ވަށައިގެން ނަޒަރު ހިންގައިލިއެވެ. ހުރެވުނުތަން ޔަޤީން ކޮށްލީ ފަދައެވެ. ރުއިމުގެ ސަބަބުން ރަތް ވެފައިވީ ދެލޮލާއި ތެމިފައިވީ ބޯ އެސްފިޔަތަކުން އަހަރެންނަށް ބަލައިލީ މައުސޫމު ގޮތަކަށެވެ. ވާނުވާ ނޭނގިފައި ޒާނާ އަހަރެންނަށް ބަލަހައްޓައިގެން އިނެވެ.
” ޒާނާ…. މިއީ ނަވީންއޭ…. މިތާ ރުހާމްއެއް ނެތޭ…. އިނގޭ ދޫނީ….” ވަރަށް އޯގާތެރިކަމާއިއެކުގައި އަހަރެން ބުނީމެވެ. އެ ދޮން މޫނުގައި ދެއަތުން ހިފައިލީމެވެ. އެހިނދު ވެދިޔަ ކަންތައް ޒާނާއަށް ފަހުމްވާން ފެށިއެވެ. އަނެއްކައިވެސް ކަރުނުން އެ ދެލޯ ފުރެން ފެށިއެވެ.
” ނަވީން……” ހިތްފަޅައިގެންދާ ފަދަ ގޮތަކަށް ޒާނާ ގޮވައިލިއެވެ. ގިސްލައި ރޯން ފެށިއެވެ.
” ޔެސް ބޭބީ…. ނުދަމޭ ދުރަކަށް… ހަމަ މިހުރީ ކައިރީގަ….” ޒާނާގެ މޫނަށް ވެރިފައިވީ އިސްތަށިތައް އަތުން އެއްފަރާތް ކޮށްލަމުން އަހަރެން ބުނީމެވެ. ރިހެމުން ދިޔަ އަހަރެންގެ އަތުގައި އަތް އަޅައިލަމުން ޒާނާއަށް އިސްކަން ދިނީމެވެ.
” ނަވީން……” ރޮއެގަންނަމުން ޒާނާ އަހަރެންގެ އަތުގެ ތެރެއަށް ވެއްޓިގަތެވެ. ބާރުބާރަށް އަހަރެންގެ ގައިގާ ބައްދައިލަމުން ރޯން ފެށިއެވެ.
” ޝްޝްޝްޝް….. ހުއްޓާލާ ޒާނާ…..” ސުވާލުތަކެއް ކުރުމުގެ ބަދަލުގައި އަހަރެން ޒާނާއަށް ހަމައަކަށް އެޅެން ފުރުސަތު ދިނީމެވެ. ހިތުގައި އުތުރި އަރަމުން ދިޔަ ސުވާލުތައް ގިނަވަމުން ދިޔަޔަސް އެ ސުވާލުތަކުން ހިތާއި ރޫހުގެ ހަމަޖެހުން ނަގައިލަމުން ދިޔަ ކަމުގައި ވިޔަސް ކެތްތެރިކަން އަހަރެން އިސްކުރީމެވެ.
” ބިރުގަންނަނީ…..” ޒާނާ ބުނެލިއެވެ. އެ ހަށިގަނޑުގައި މަޑުމަޑު ތުރުތުރެއް އުފެދިފައިވިއެވެ. އަހަރެންގެ ހިތުގެ ހަމަޖެހުން އިތުރަށް ނަގައިލި ކަމަކަށް އެކަންވެސް ވިއެވެ.
” ބިރުނުގަނޭ…. މިތާ ނެތޭ ރުހާމްއެއް…. އަހަރެންނާއި ޒާނާ އެކަނި މިތާ މިތިބީ… އެހެން އެއްވެސް މީހަކަށް މިތާކަށް ނުވަދެވޭނެ… އަހަރެންގެ ހުއްދަ ނެތި މިތާކަށް އެއްވެސް މީހަކަށް ނުވަދެވޭނެ….” އަހަރެން ޒާނާ ގެނެސް މެޔާލައި ބޮނޑިކޮށްލީމެވެ. ބޮލުގައި ފިރުމައިލީމެވެ.
” ނޫން…. ރުހާމް އަންނާނެ….. ބޭނުން ކަމެއް ކަމެއް ކުރާނެ……” ޒާނާ ރޮމުން ރޮމުން ދިޔައެވެ. އަދިވެސް ސިކުނޑިއަށް މި ހަޤީޤަތް ޤަބޫލު ކުރަން އުނދަގުވެފައިވީ ކަން އެ ބަސްތަކުން ހެކިދިނެވެ. އަމިއްލަ ނަފްސަށްވެސް އަދި ވަށައިގެންވީ އެއްވެސް ކަމަކަށް ވެސް އެއްވެސް އިތުބާރެއް ނެތް ފަދައެވެ. އެއީ އެހެން އެކަން ވެދާނެ ގޮތް ކަންވެސް އަހަރެންނަށް ގަބޫލު ކުރެވުނެވެ.
ނަމަވެސް ޒާނާގެ ދިގު އިސްތަށިގަނޑު ވިހުރިގެން ދިޔަ ވަގުތު އަހަރެންނާއި ހަމައަށް ގެނެސް ދިނީ އެހެން ބިރުވެރި ހަޤީޤަތެކެވެ. ނިއުޅިގެން ދިޔައީ އެހެން ސަފްހާއެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

