ގާތުގާ… 56
އަހަރެން ފެނުމާއިއެކު ހުއްޓުން އަރާފައި ބަލަން ފެށިއެވެ. އިސާހިތަކު ލާނެތްކަމުން އެ ދެލޯ ވިދައިގަތެވެ. މަސްތީ ގޮތަކަށް ބަލަންފެށި ނަވީންގެ ނަޒަރު އަހަރެންގެ މޫނުން ފެށިގެން ތިރިއަށް ދަމުން ގޮސް އަހަރެންގެ ފަޔާއި ހަމައަށް ކުއްލިއަކަށް ހުއްޓުނެވެ. އިސާހިތަކު އެ ދެލޮލުގައި ވިދަވިދައި ހުރި ލާނެތްކަމާއި މަސްތުކަން ފިލައި ސީރިއަސްކަން ވެރިވިއެވެ. އެތަން ފެނުމުން އަހަރެންނަށް އިސް ޖަހައިލެވުނެވެ.
*****
ވާނީވެސް އެހެންކަން އަހަރެންނަށް އެނގެއެވެ. މާޒީގެ ކަޅު ހިޔަނި ތަކުން އަހަރެންގެ ގައިގާ އެޅުނު ލަކުނުތައް ހުރީ ދިމާއަށް ފެންނާށެވެ. ކައިވެނީގެ ކުރިން ބުނަން ބޭނުންވި އެތައް ވޭންތަކެއް އަދި އެތައް ވާހަކަތަކެއް އެއިން ކޮންމެ ލަކުނެއް އަނގައި ދެމުން ކިޔައިދެމުން ދިޔައެވެ.
ކުށްވެރިއެއް ފަދައިން އިސް ޖެހިފައި ނަވީންގެ ކުރިމަތީގައި އަހަރެންނަށް ހުރެވުނެވެ. ބުނާނެ ބަހެއް ދުލަކަށް ނައެވެ. އަދި އަމުދުން ވާހަކަ ފަށާނެ ހިސާބެއް ވެސް އަހަރެންނަކަށް ނޭނގުނެވެ.. ނަވީންގެ ފަރާތުން ކުރިމަތިވެދާނެ ސުވާލުތައް ދެކެވެސް އަހަރެން ޖެހިލުންވިއެވެ. އެ ސުވާލުތަކަށް އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
ފެންނަމުން ދިޔަ ކަންކަމަށް ނަވީން އަމަލުތައް ހުންނާނެ ގޮތެއް އަހަރެންނަކަށް މިހާރަކު ނޭނގެއެވެ. ކުރިން ނަމަ ނަވީންގެ އަމަލުތައް ހުންނާނެ ގޮތް އެނގުނު ކަމުގައި ވިޔަސް މިހާރު ދެމެދުގައި ވޭތުވެ ގޮސްފައިވީ ހަތް އަހަރުގެ ދިގު ރާސްތާއާއިއެކު ނަވީންގެ ބައެއް ކަންކަން ބަދަލު ވެފައި ހުރެދާނެއެވެ. އެއީ އެކަން ވާނެ ގޮތް ކަންވެސް އަހަރެންނަށް ޤަބޫލު ކުރެވެއެވެ.
ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ނުކުރެވިފައި ހުރެ މަޑު ފިޔަވަޅު ތަކެއްގައި ނަވީން އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިލަމުން ކުޑަ ކަކޫ ޖެހިއެވެ. ވަރަށް ގާތުން އަހަރެންގެ ފަލަމަސްގަނޑުގައިވީ ދިގުލަކުނަށް ބަލައިލިއެވެ. ހަމަ އެހެންމެ ނުހަނު މަޑުމަޑުން އެ ލަކުނުގައި އިނގިލިތައް ބީއްސާލިއެވެ. އެ މޫނު މަތީގައިވީ ކޮން އަސަރުތަކެއް ހެއްޔެވެ؟ އެއީ ހިތްހަމަ ނުޖެހުން ހެއްޔެވެ؟ ނުވަތަ ހިތާމައާއި ހިތްދަތިކަން ހެއްޔެވެ؟
” ޒާނާ…. އަހަރެންނަށް ކިޔައި ނުދޭ ކިތައް ވާހަކަ އަދި އޮންނާނެ….؟” ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެއް ނަވީންގެ މޫނުމަތީގައި ވިއެވެ. ހަމަ ޔަޤީނުންވެސް އެއީ ހިތްހަމަ ނުޖެހުމެއް ނޫނެވެ. ފެންނަމުން ދިޔަ ކަންކަން ގަބޫލު ނުކުރެވިފައި އިން ކަހަލައެވެ.
” ޒާނާ…..!!! ޒާނާ އަހަރެންނަށް ވަކިވިއިރު ޒާނާގެ ގައިގަ އެންމެ ކޫރުމެއްވެސް ނީންނާނެ… އެވަރުގެ ޔަޤީންކަން އަހަރެންނަށް އެބައޮތް….” ނަވީން ކޮޅަށް ތެދުވެލަމުން ބުނެލިއެވެ. ނަވީންގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަރެންގެ އަތަކު ނުވެއެވެ. އިސްދަށަށް ޖަހައިގެން ހުރުން ނޫން ކަމެއް އަހަރެންނަކަށް ނުކުރެވުނެވެ.
” ދެން މިއީ ކިހިނެތް…؟” ހާސްވެގެން ޤަބޫލު ނުކުރެވިގެން އުޅޭ މީހެއް ފަދައިން ނަވީން ކޮޅުކޮޅު މައްޗަށް ބަލައިލިއެވެ. ކިތަންމެހައިވެސް ރަނގަޅަކަށް ނަވީން އަހަރެން ދެކެ ވީ ލޯބި ވެސް އަދި ވަމުން ދިޔަ ލޯބިވެސް ފެންނަމުން ދިޔައެވެ. އުފާކުރަންޖެހޭ ވަރުގެ ކަމަކަށް އެކަން ވެއެވެ. ނަމަވެސް އެހާ ފުން ލޯތްބެއް އެހިތުގައި ވާނަމަ، އަހަރެންގެ ވާހަކަތައް އަޑު އެހުމަށް ފަހު ދެން ނަވީން ކުރާނީ ކޮންފަދަ ކަމެއް ހެއްޔެވެ؟ ލޯތްބަކީ ތިމާގެ ހަޔާތް އާރާސްތު ކުރާ އެއްޗެއް ފަދައިން ލޯތްބަކީ ތިމާގެ ހަޔާތުގެ ބަރުބާދީއަށްވެސް ވެފައި އެބަ ހުއްޓެވެ. ހަމަ ގައިމުންވެސް އަހަރެން ދެކެ ނަވީން ވީ ލޯބިގަ ނަވީން ބަރުބާދުވާކަށް އަހަރެން ބޭނުމެއް ނޫނެވެ.
” ޒާނާ………؟” އަހަރެން އެއްޗެއް ނުބުނެ ހުންނަން ފެށުމުން ނަވީން ގޮވައިލިއެވެ.
” ކޮންމެވެސް އެއްޗެއް ބުނެބަލަ……!!! ޕްލީޒް… ” ނަވީން އަހަރެންގެ ބަހަކަށް ކެތްތެރިކަން ކުޑަވެފައި ހުރިފަދަ ގޮތަކަށް ބުނެލިއެވެ.
” ކޮންފަދަ ކަންތައްގަނޑެއް ޒާނާ ތަހަންމަލު ކުރީ……؟” އަހަރެންގެ ދަތްދޮޅީގައި ހިފައި އިސް އުފުލުވައިލަމުން ނަވީން އަހައިލިއެވެ. އެއަޑުގައި އޯގާތެރިކަން ވިއެވެ. އެ ދެބުމަ ގާތް ކޮށްލެވިފައިވީ ގޮތުން މި ހަޤީޤަތް ޤަބޫލު ކުރަންވެސް އަދި ހަޖަމް ކުރަންވެސް އުނދަގުވެފައި ހުރިކަން ދޭހަ ވެގެން ދިޔައެވެ. ނަމަވެސް އެންމެ ލަފްޒެއްވެސް އަހަރެންގެ ދުލަކަށް ނައެވެ. އެ ހިތްވަރެއް ނުލިބުނެވެ. އަމުދުން ވާހަކަ ފަށާނެ ކޮޅެއްވެސް އަހަރެންގެ ވިސްނުމަށްވެސް ނާންނަނީއެވެ. ބުންނަ ހުރީ ބޮޑެތި ވާހަކަ ތަކެކެވެ. ޤަބޫލު ކުރަން ދަތި ވާހަކަތަކެކެވެ. އެއިން އެއްވެސް ކަމެއް ނަވީންއަށް ހަޖަމް ނުވާނެކަން އަހަރެންނަށް މިއީ ރޭގަނޑުކަން އެނގޭ ފަދައިން އެނގެއެވެ. އަދި އެ ކަންކަން އެނގުމަށް ފަހު ނަވީން ކަންތައް ކުރާނެ ގޮތެއްވެސް އަހަރެންގެ ވިސްނުމަށްވެސް ނާދެއެވެ. ތިމާ އެންމެ ލޯބިވާ މީހާ އެފަދަ އިހާނެތި ކަންތައްތަކެއް ތަހަންމަލު ކުރިކަން އެނގުމަށް ފަހު އެއްވެސް ފިރިހެނަކު މަޑުން ހުންނާނެ ކަމާއި މެދު އަހަރެންނަށް ޝައްކެވެ.
” އެހާ ނުލަފާތަ ރުހާމް ހަމަ….؟” އިންސާނާކު އެ ދަރަޖައަށް ވެއްޓިދާނެކަން ވެސް ޤަބޫލު ނުކުރެވިފައި ނަވީން ހުއްޓެވެ. އަމިއްލަ އަނބި މީހާއަށް އެވަރުގެ އަނިޔާއެއް ދޭން ކެރޭނީ ކޮން ފިރިހެނަކަށް ހެއްޔެވެ؟ ހަމަ ގައިމުންވެސް އެއީ ފިރިހެނަކަށް ނުވާނެއެވެ. އަދި ފިރިހެނުންގެ ތެރެއިންވާ މީހަކަށް ވެސް ނުވާނެއެވެ.
ނަވީންގެ ސުވާލަށް އަހަރެންނަށް މަޑުމަޑުން ބޯޖަހައި ލެވުނެވެ. އެއީ ކޮންތާކުން ލިބުނު ކުޑަކުޑަ ހިތްވަރެއް ކަމެއްވެސް ނޭނގެއެވެ. ނަމަވެސް އެ ކުޑަކުޑަ އިޝާރާތުން ނަވީންގެ ދުނިޔެ އެފުށް މިފުށަށް ޖެހުނު ކަހަލައެވެ. ދެލޯ ބޮޑުވެފައި ނަވީންއަށް ހުރެވުނެވެ. މުޅި މޫނުވެސް ހުދުވެގެން ދިޔަހެން ހީވިއެވެ.
ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތުގެ އިނގިލިތައް މަހައިލުމާއިއެކު ނަވީން ފަހަތަށް ޖެހެން ފެށިއެވެ. ފަހަތަށް ފަހަތަށް ގޮސް އެނދުގައި ނަވީންއަށް އިށީނދެވުނުއިރު އެ މޫނުމަތީގައި ހިތްދަތިކަމާއި އެއްވަރަށް ރުޅިވެރިކަންވެސް ވަނިކޮށް އަހަރެންނަށް ފެނުނެވެ. ހަމަ އެ ގޮތުގައި އިނދެ ދެކަކުލުގައި އުޅަނބޯށި ވިދެލަމުން އިސް ޖެހިއެވެ. އެ ބިޔަ ހަށިގަނޑު އުފުލި އުފުލިފައި ތިރިވާ ގޮތުން ފުން ނޭވާތަކެއް ލަނީކަން އަހަރެންނަށް އެނގުނެވެ. އައިސްފައި ހުރި ގަދަ ރުޅި ނަވީން ކޮންޓްރޯލް ކުރަނީއެވެ. ނަވީންގެ ހިތުގައި ހިނގަނީ ކޮންކަހަލަ ހިޔާލުތަކެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ.
އެގޮތުގައި ނަވީން ގިނައިރުވާން ފެށުމުން އަހަރެން ކަންބޮޑުވިއެވެ. މަޑުމަޑުން ނަވީންއާއި ގާތަށް އަހަރެން ފިޔަވަޅު ނަގަން ފެށީމެވެ. ހިތްދަތިވެ ހިތް ހަލާކު ވެދާނެހާ އަހަރެންގެ ހިތުގައި ޖެހިފައިވީ ނަވީންއަށް ވީ ގޮތް ފެނުމުންނެވެ.
” ސޮރީ….. ބުނަން ބޭނުންވި…. އެކަމަކު ބުނާނެ ގޮތެއް ނޭނގުން….” ކުރެހިފައިވީ އަޑަކުން އަހަރެންނަށް ބުނެވުނެވެ. އަހަރެންގެ އަޑު ޖެހުމުން ކުއްލިއަކަށް އިސް އުފުލައި ނަވީން އަހަރެންނަށް ބަލައިލިއެވެ. އެ ދެލޯ އަދިވެސް ރަތް ވެފައިވީ ރުހާމް ދެކެ އައިސްފައިވީ ރުޅިންކަން އަހަރެންނަށް އެނގުނެވެ.
” އިޓްސް އޯކޭ ޒާނާ… އެކަމަކު ބުނި ނަމަ… ކޮންމެވެސް ގޮތަކުން … އެޓްލީސްޓް ދައްކައިލި ނަމަ. ޒާނާއަށް އަހަރެންނާއި ކޮންމެ ވާހަކައެއްވެސް ހިއްސާ ކުރެވޭނެ އިނގޭ… އަހަރެން ޒާނާ ނުރުހޭނެ އެއްވެސް ކަމެއް ނުކުރާނަން… އެނގެޔޭނުން އެކަން ދޯ…. އެކަމަކު ހިއެއް ނުކުރަން ރުހާމް މިވަރު ކޮށްފަ އޮންނާނެ ކަމަކަށް…. ” މަޑުމަޑުން އަހަރެންގެ އަތަށް ދަމައިލުމާއިއެކު ނަވީންގެ ފައިމަތީގައި ބައިންދަމުން އޯގާތެރިކަމާއިއެކު ބުނެލިއެވެ. އަދި އަހަރެންގެ ފައިގާވި ލަކުނުގައި ނަވީން އިނގިލިތައް ބީއްސާލިއެވެ. ނަވީންގެ ރުޅި މަޑުމަޑުން މަޑުވާން ފެށިއެވެ.
” ވަރަށް ތަދުވި ދޯ…..؟” ވިސްނައިލާ ފަދަ ގޮތަކަށް ނަވީން މަޑުމަޑުން އަހައިލިއެވެ. މަޑުމަޑުން އަހަރެން ބޯ ޖަހައިލީމެވެ.
” ސޮރީ… ހުރިހާ ވާހަކައެއްވެސް ކިޔާ ދޭންނަން…. އެކަމް ފަހުން….” އަހަރެން ބުނީމެވެ.
” އަހަރެން ފަރާތުންވެސް ސޮރީ…. ޒާނާ ހިމާޔަތްކޮށް ނުދެވުނީމަ…. އެނގުނު ނަމަ، ތިއީ މީހެއްގެ އަންބަކަށް ވިޔަސް އައީމުސް ހުވާ…..” އެތައް ޖަޒުބާތެއް އެކުލެވިގެންވީ ގޮތަކަށް ނަވީން ބުނެލިއެވެ.
” އެއީ އެއްވެސް މައްސަލައެއް ނޫން… އެނގޭ ނަވީން އައިސްކަން.. އެތައް ފަހަރަކު ހިތައް އެރި އަންނާނެ ނަމައޭ… ދާންވެސް ހިތަށް އެރި.. އެކަމަކު… ގުޅާލަން ވަރަށް ބޭނުންވި… އެކަމަކު ނުކެރުނީ….” އަހަރެން ބުނީމެވެ.
” އަދިވެސް އެއްވެސް މީހަކަށް ނޭނގޭނެ… ނަވީންއަށް އެކަނި އެނގޭނީ…..” އަހަރެން ބުނީމެވެ. ނަވީން މަޑުމަޑުން ބޯ ޖަހައިލިއެވެ.
ދެން ދެމެދަށް ވެރިވި ހަމަ ހިމޭންކަން އަހަރެންނަކަށް ކަމަކު ނުދިޔައެވެ. ވިސްނުމަކަށް ގެއްލިފައި އިން ކަހަލަ ގޮތަކަށް ނަވީން އިނެވެ. އޭނާ ވިސްނަނީ ކީކޭ ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް އެ ސިކުނޑީގައި ހިނގަމުން ދިޔަ ހިޔާލްތައް އެނގޭނެ ނަމައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. މިރޭގެ އުފާވެރިކަން އަނބުރައި ގެންނަން އަހަރެން ބޭނުން ވިއެވެ. އަލަތު ކައިވެނީގެ ރޭ އުފާވެރިކަމުގައި ނިންމާލަން އަހަރެން ބޭނުން ވިއެވެ.
” ނަވީން މިރޭގެ އުފާވެރިކަމަށް މާޒީގެ ހިޔަނި އެޅުނަ ނުދެމާ ހިނގާ ދޯ… އަހަރެން ބޭނުމީ މިރޭ މިއީ ވަރަށް އުފާވެރި ރެއަކަށް ވާން… އުފާ ކޮށްލަން ބޭނުމީ….” ލަދުވެތިކަން އެއްފަރާތް ކޮށްލާފައި އަހަރެން ބުނީމެވެ. އެއީ އަހަރެން ބޭނުންވާ ގޮތަށް ވާތީއެވެ.
” އެކަމަކު ޒާނާ…. ބައެއް ކަންކަން ކިޔައި ނުދެނީސް އަހަރެންނަށް ޒާނާއަށް ކެއާ ކުރަން މިހާރު ނޭނގިދާނެ… އަހަރެން ބޭނުމެއް ނޫން ނޭނގި ވިޔަސް ޒާނާ ނުރުހެވޭނެ ކަމެއް………..” އަހަރެން ނަވީންގެ ވާހަކަ ފުރިހަމަ ވިޔަ ނުދީ ނަވީންގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލީމެވެ.
” ޝްޝްޝްޝްހްހްހް……….” އިސްނެގީ އަހަރެންނެވެ. ދެމެދުގައިވީ ނުތަނަވަސްކަން ފިލުވައިލަމުން މަސްތީ ގިތަކަށް ނަވީންގެ މޫނަށް ބަލައިލަމުން އަހަރެން އެ ތުންފަތުގައި ބޮސްދޭން ފެށީމެވެ. ފިރިހެނަކަށް ވެ ހުރެ ނަވީންއަކަށް ވެސް ދެކޮޅެއް ނެހެދުނެވެ. ނަވީންގެ އުނަގަނޑުގައި އަހަރެންގެ ދެފައި ވަށުވައި ލުމާއިއެކު އެނދުން ތެދުވީ ހަލުވި ކަމާއިއެކުގައެވެ. އަހަރެންގެ ބަރު ހަށިގަނޑު ލުއިފަތެއްހައި ފަސޭހައިން ނަވީން އުފުލައިލި ގޮތް ފެނުމުން އަހަރެންގެ ހިތުގައި ހިނގަން ފެށި މަސްތުގެ އޮއެވަރު ބޮޑުވެ ހިތުގައިވީ ދަހިވެތިކަން އިތުރުވިއެވެ. ނަވީންގެ އަތުގެ ކޮނޑާއި ހަމައިގައި އެތުރިފައިވީ މަސްތަކުގައި އަހަރެންނަށް އަތް ހިނގައިލެވުނީ ބޭ އިހުތިޔާރުއެވެ. އެ ކަސްރަތީ ހަށިގަނޑުގެ ވަރުގަދަ ކަމަށް އަހަރެންގެ ހިތް އިތުރަށް ދަހިކުރުވިއެވެ.
މަޑު ތަންމަތީގައި އަހަރެންގެ ބުރަކަށް ޖެހުނެވެ. އަދި އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލަމުން ނަވީން އެނދުން ތެދުވެ ހިން ދެމިލިއެވެ. ނަވީން ކުރަން އެއުޅޭ ކަމެއް ނޭނގި އަހަރެންވެސް އެނދުން ތެދުވެ އިށީނީމެވެ.
ލައިގެން ހުރި ގަމީހުގެ ގޮށްތައް ނަވީން ނައްޓަމުން ދިޔައިރުވެސް އަހަރެންގެ މޫނުން ނަވީންގެ ނަޒަރު ވަކި ނުވެއެވެ. ލަދުވެތިކަން އެއްފަރާތް ކޮށްލުމަށްފަހު އަހަރެންވެސް ނަވީން ކުރަން އެއުޅޭ ކަމެއް ބަލަން އިނީމެވެ.
ހުދު ގަމީސް ތަޅުން މައްޗަށް ދޫކޮށްލުމާއިއެކު އަހަރެންގެ ނޭވާ ތާށީވީ ނަވީންގެ ވަރުގަދަ ހަށިގަނޑު ފެނުމުންނެވެ. ބާމަތި ފުޅާ ހަށިގަނޑާއި އަތުގެ މަސްތަށް އެތުރިލާފަ ހުރި ގޮތް ފެނުމުން ކުޅު ދިޔާވާހާ ވިއެވެ. އަދި އެ ކަސްރަތީ ހަށިގަނޑުގެ ހަމައެކަނި މިލްކުވެރިއަކީ އަހަރެންކަން އެނގުމުން ހިތް އުފަލުން ނަށައިލީ ތިޔަހެންހެނެއް ނޫނެވެ. ކުޑަ ލަދުވެތި ކަމެއްވެސް ހަށިގަނޑަށް ވެރިވާންފެށީ ނަވީން މަޑުމަޑުން އަހަރެންނާއި ގާތަށް ފިޔަވަޅެއް އެޅުމުންނެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކުރިއަށް ވުރެންވެސް މިހާރު ނަވީން މާ ކަސްރަތީ ވެލާފައި ހުރުމުން އަހަރެންގެ ދަހިކަން އިތުރުވިއެވެ.
އަހަރެންގެ މޫނަށް ވީގޮތް ފެނުމުން ނަވީންގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ. އަހަރެންނަށް ވަމުން ދިޔަ ހުރިހާ ގޮތެއް ނަވީންއަށް ތަރުޖަމާ ކުރެވެމުން ދިޔަކަން އެ މޫނުގައި ކުޅެލަކުޅެލާ ހުރި ހިނިތުންވުމުން ހެކި ދިނެވެ. އަދި ކުއްލި ހަރަކާތަކާއިއެކު ފަޓުލޫނުގެ ބެލްޓު ނަވީން ދަމައިގަތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

