Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 50

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 21, 2026 5 Mins Read
1 Comment

މަސައްކަތްތައް އެއްކޮށް ނިންމާލި އިރު އެރިކް ހުރީ ދާހިއްލާ ފޯވެފައެވެ. އޭނާގެ އިސްތަށިގނޑު ތެއްވެފައި ހުރި ގޮތުން ހީވަނީ ދެންމެ ފެންވަރައިގެން ހުރިހެންނެވެ. ތަޅުންގަނޑު މަތީ އިށީނޑިދެލައިގެން އެރިކް މަޑުކޮށްލީ ވަރުބަލި ފިލުވާލަންށެވެ. ރަނގަޅަށް ސޯޝަލް މީޑިއާ ބަލާ ނުލެވޭތާ ދުވަސްކޮޅެއްވެފައި ހުރުމުން އިންސްޓަގްރާމް ހުޅުވާލިއެވެ. އޭނާއަށް ތަޢުރީފުކޮށްފައި ހުރި ޕޯސްޓުތަކާއި އެޑިޓްތައް ފެނުމުން އެރިކްއަަަށް ހިނިތުންވެވުނެވެ. ބައެއް ޕޯސްޓުތަކަށް ކޮމެންޓް ކޮށްފައި، އަނެއްބައި އެއްޗިހި ސްޓޯރީގައި ރީޕޯސްޓް ކުރިއެވެ. ސޯޝަލް މީޑިއާ މެނޭޖަރެއް ހޯދަން، އާސެނަލް އިން ވަނީ ވަރަށް ބޮޑަށް އޭނާއަށް ބާރު އަޅާފައެވެ. ނަމަވެސް އެއީ އެއްވެސް ގޮތަކަށް އޭނާ ރުހޭ ކަމެއް ނޫނެވެ. މިހާ ދުވަސް ވީއިރުވެސް އޭނާގެ ސޯޝަލް އެކައުންޓްތައް އަމިއްލައަށް ގެންގުޅެނީ އެހެންވެއެވެ. ބްރޭންޑް ޑީލްތައް ހަދާއިރުވެސް އޭނާ ބަލަނީ، ރަނގަޅު ކުންފުނިތަކާއި އެކު މަސަައްކަތް ކުރެވޭތޯއެވެ. ދުނިޔޭގެ އެކި ހިސާބުތަކިގައި ހިނގާ ލާއިންސާނީ އަމަލު ތަކާއީ ދެކޮޅަށް ވެސް ވީ ވަރަކުން އަޑު އުފަލައެވެ. ފަހަކަށް އައިސް އެންމެ ގިނައިން ދެކެވޭނީ މެދު އިރުމަތީގެ ހަނގުރާމައިގެ ވާހަކައެވެ. ޒަޔަނިސްޓަ ދައުލަތެއްކަމަށްވާ އިސްރާއިލުން، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ދޭ އަނިޔާގެ ވާހަކައެވެ. މައުސޫމް ތުއްތު ކުދިންނާއި، އަންހެންނުންގެ ފުރާނަ އެއްވެސް ރަހުމެއް ނެތި ދުއްވަމުން ދާއިރު އެކަމާ މެދު ބަހެއް ނުބުނެ ހުރުން ވީ އެރިކްއަށް ބަލައިގަނެވޭ ކަމަކަށް ނޫނެނެވެ. ބެލެންޑިއޯ ހަފުލާގެ ކުރިން އެވާހަކަ ނުދެއްކުމަށް އޭނާގެ ޕީއަރް ޓީމުން ވަނީ ނަސޭހަތް ދީފައެވެ. އެކަމަށް ފަރުވާލެއް ނެތި އެރިކް ވަނީ ސޯޝަލް މީޑިއާގައި، ފަލަސްތީނުގެ އެތައް ޕޯސްޓްތަކެއް ޝައާރ ކޮށްފައެވެ. ބައެެއް މީހުންގެ ނުރުހުން ލިބުނު ކަމުގައި ވިއަސް، ގިނަ ބަޔަކު ވަނީ އެރިކްއަށް ތައުރީފުކޮށްފައެވެ. އެންމެ ފުރަތަމަ ފަލަސްތީނާާއި އެއްކޮޅަށް އެރިކް ކުރި ޕޯސްޓާއި ގުޅިގެން، އޭނާ ވަނީ ޤައުމީ ޓީމުން ބާކީކޮށްފައެވެ. ނަމަވެސް އެކަމަަށް ފަރުވާލެއް ނުބަހައްޓާ، ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ވަކާލާތު ކުރުމުގައި ދެމިހުއްޓެވެ. އިންސާނިއްޔަތުކަމާއި މުސްލިމު އަޚުވަންތަކުމުގެ ޒިންމާ އެރިކް އަދާކުރަމުން ދިޔައެވެ. ވީ ވަރަކުން ޣައްޒާ އަދި ޤުދުސްގައި ވެސް ދިރިއުޅޭ ރައްޔިތުންނަށް މާލީ ގޮތުން އެހީވެދެއެވެ. އެންމެ ފަހުން ފްރާންސަށް ޖެހުނީ ގޮތްދޫކޮށްފައި އެރިކް ޤައުމީ ޓީމަށް ނަގާށެވެ. އެރިކްގެ ފަރާތުން ހިތްވަރު ލިބި، އިތުރު ގިނަ ކުޅުންތެރިންތަކެއް ވަނީ ފަލަސްތީނައި އެއްކޮޅަށް އަޑު އުފުލާފައެވެ. އާސެނަލަށް އިސްރާއިލް ކުޅުންތެރިއަކު ގެންނަން ކުރި މަސައްކަތް ވެސް އެރިކް ވަނީ ހުއްޓުވާފައެވެ. އެރިކް އިސްވެ ހުރެ، ކުޅުންތެރިން ވަނީ އެކަމާ ދެކޮޅަށް އިހުތިޖާޖު ކޮށްފައެވެ. އިސްރާއިލް ކުޅުންތެރިޔާ ގެނެސްފިނަމަ ޓީމު ދޫކޮށްދާން ވަނީ އިންޒާރު ދީފައެވެ.

އޭނާ އާއި މިންހާގެ ކައިވެނި ވެސް ކުޑަގޮތަކަށް ބާއްވާފައި އެރިކް ބޭނުންވީ، ކައިވެނީގެ ކެއުން ޣައްޒާގެ ހާލުގައި ޖެހިފައި ތިބި ކުދިންނަށް ދޭށެވެ. ޣައްޒާގައި ހަރަކާތްތެރިވީ މަދަނީ ޖަމިއްޔާއަކާއި އެކު އެރިކް ވަނީ އެއްބަސް ވުމެއްގައި ވެސް ސޮއެކޮށްފައެވެ.

 

ތިރިހާކަށް މިނެޓު ފޯނު ބެލުމަށްފަހު އެރިކް ހިންދެމިލިއެވެ. ކަންނެއްވެފައި ހުރުމުން ތެދުވާހިތެއް ނުވިއެވެ. އޭނާ ބޭނުންވީ އަދި ގަޑިއެއްހާއިރު އެގޮތައް ހުންނާށެވެ. މިންހާ އަދި އޭނާ ވެެސް ބޭނުންވާ ގޮތައް ކޮޓަރި ވަނީ ތައްޔާރުކޮށް ނިމިފައެވެ. ތަނަވަސް ބޮޑު އެ ކޮޓަރީގައި ވަށައިގެން ވަނީ ހުދު ކުލަ ލާފައެވެ. ހުރިހާ ފަރުނީޗަރެއް ވެސް ހުރީ ހުދުކުލާގައެވެ. ސިޓިން ރޫމައި ބަދިގޭގައި ވެސް ހުރީ ހުދު ކުލަ ލާފައެވެ. ސޯފާ އާއި ޓީވީ ފިޔަވާ ދެން ހުރިހާ އެއްޗެއް ވެސް ހުރީ ހުދުކުލައިގައެވެ. މުޅި އެޕާޓްމެންޓް ތައްޔާރު ކުރެވުނު ގޮތާއި މެދު އެރިކް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ކޮންމެ ތަނެއްގެ ފޮޓޯ ވަކިވަކިން ނެގުމަށްފަހު މިންހާއަށް ފޮނުވާލިއެވެ. ދެން އޮތީ ދެމީހުންގެ ސާމާނުތައް ގެނަސް ވެއްދުމެވެ.

ކައިވެނި ކުރެވެންދެން އޭނާ އުޅޭނީ އިޝަލް އާއި މިއާގެ އެޕާޓްމެންޓްގައެވެ. މަންމަ އާއި ބައްޕަ އާއި ކޮއްކޮމެން ވެސް އުޅެނީ އެބައިގައެވެ. ދުވަސްކޮޅަކަށް ވިއަސް ކޮއްކޮމެންނާއި އެއް ކޮޓަރިއެއްގައި އުޅެން ޖެހުމުން، ކުރީގެ ދިރިއުޅުމުގެ ހަނދާންތައް އާވިއެވެ. ދަތިކޮށް އުޅެން ޖެހުނު ނަމަވެެސް އެއީ އުފާވެރި ދުވަސްތަކެކެވެ. ފަހަކަށް އައިސް ކޮއްކޮމެންނާ އެއްކޮށް ވެސް މާގިނަ ވަގުތެއް އޭނާއަކަށް ހޭދައެެއް ނުކުރެވެއެވެ. އެރޮން އާއި އެޑްރިއަން ފުރާވަރަށް އަޅާފައި ވުމުން އެ ދެމީހުން ވެސް ކޮންމެހެން އެރިކްއާ އެއްކޮށް އުޅޭކަށް ބޭނުމެއް ނޫނެއެވެ. އެއާ ޚިލާފަށް، ރާއްޖެ އައި ފަހުން އަޚްތަމް އެރިކް ފަހަތުން ނުނެއްޓެއެވެ. އެރިކް ވެސް ކޮއްކޮއާ އެކު ވަގުތު ހޭދަކުރަމުން ދިޔައީ އުފަލާއެކީއެވެ. ބޭބެ އެރިކް ފަދައިން މޮޅު ކުޅުންތެރި އަކަށް ވާން އަޚްތަމް ވެސް ބޭނުމެވެ. މިހާރު ވެސް އާސެނަލް އެކަޑަމީގައި، އަޚްތަމް އަންނަނީ އޭނާގެ ހުނަރުތައް ދައްކާލަމުންނެވެ.

 

އެރިކްގެ ހިތް އަވަސް ވަމުން ދިޔައެވެ. ވޯލްޑް ކަޕް ފައިނަލް ކުޅެން ދަނޑުމައްޗަށް އެރި އިރުވެސް އެވަރެއް ނުވެއެވެ. މެރޫން ކުލައިގެ ކޯޓު ފަޓުލޫންލާފައި އެތެރެއިން ކަޅު ގަމީހެއް ލައިގެން ހުރުމުން އެރިކްއާ ވަރަށް ގުޅެއެވެ. ޑްރެސިންޓޭބަލް މަތީ އޮތް ގަޑި ނަގައި އަޅާލުމަށް ފަހު، އެންމެ ފަހު ފަހަރަށް އަމިއްލަ ސޫރައަށް ބަލާލިއެވެެ. ކޮޓަރީ ޓަކި ޖަހާލުމަށް ފަހު ބެހްރަދް އެތެރެއަށް ވަނެވެ. އެރިކް އަތުގައި އަޅާފައި އޮތް އާދައިގެ ގަޑި ފެނުމުން ބެހްރަދްއަށް ހިނިތުންވެވުނެވެ. އަގު ބޮޑު މޮޅު ގަޑިއެއް ގަތުމަކީ އެރިކްއަށް އެއްވެސް އުނދަގޫ ކަމެއް ނޫނެވެ. އެހެނަސް އެ ޚާއްސަ ރެޔަށް އެރިކް ޚިޔާރު ކުރީ، އެންމެ ފުރަތަމަ ބެހްރަދް އޭނާއަށް ގަނެދިން ގަޑިއެވެ. އެ ގަޑިއަކީ އެރިކްގެ އުމުރުން އެންމެ ފަނަރަ އަހަރުގައި ބެހްރަދް ދިން ހަދިޔާއެކެވެ. “ހީވަނީ އިއްޔެހެން އެރިކް ދުނިޔެއަށް އުފަންވީ..މިއަދު ފުރާ ފުރިހަމަވެ އަމިއްލަ ދިރިއުޅުމެއް ފަށަން ތިއުޅެނީ…ބައްޕަ ވަރަށް ފަޚުރުވެރިވަން ދަރިފުޅާ މެދުގަ..ކޮންމެ މަންމައެއް އަދި ބައްޕައަކަށް ވެސް ތިފަދަ ދަރިއެއް ދެއްވާށިއެވެ!” ބެހްރަދް އެރިކް ގައިގައި ބައްދާލިއެވެ. އެރިކްއާ މެދު އޭނާ ފަޚުރުވެރިވާ ވަރު ބަޔާން ކޮށްދިނެވެ. މޮޅު ކުޅުންތެރިއަކަށް ވުމަށްފަހު ވެސް، އޭނާ އާއި ކާރާ ދަސްކޮށްދިން ރަނގަޅު އާދަތައް އެރިކް ހަނދާންނައްތާ ނުލައެވެ. ބޮޑާ ކިބުރުވެރި ވުމުގެ ބަދަލުގައި، ހިތްތިރި އޯގާތެރި ޒުވާނަކަށް ވިއެވެ. އެއަށްވުރެ ބޮޑު އުފަލެއް އަދި ފަޚުރެއްދަރިންގެ ފަރާތުން މައިންބަފައިންނަށް ލިބޭނެ ހެއްޔެވެ؟

 

ޓެރަސް މަތި ވަނީ މަޑު އޮރެންޖު ކުލައިގެ ބޮކިތަކުން ދިއްލާލާފައެވެ. އެތަން ޒީނަތްތެރި ކުރެވިފައި ވަނި މެރޫން އަދި ކަޅު ކުލައިންނެވެ. ރަތާއި ހުދު ފިނިފެންމާ އެކި ހިސާބު ތަކުގައި އެލުވައިފައި އަދި ހަރުކޮށްފައި ހުއްޓެވެ. މުޅި ޓެރަހުގައި ވަނީ ފިނިފެންމަލުގެ ވަސް ހިފައިފައެވެ. އެވަގުތު ޓެރަހުގައި ތިބީ ހަމައެކަނި އާއިލާ ކަމުގައި ވިއަސް މީހުންގެ އަދަދު މަދެއް ނޫނެވެ. މުޅި އާއިލާ އެއްކޮށް އަނެއްކާ ވެސް ބައްދަލުވުމުން ތަނުގައި އަޑުވެސް ފުދޭ ވަރަކަށް ގަދައެވެ.

ކައިވެނި މޭޒު ދޮށުގައި އެރިކް އިންތިޒާރު ކުރަމުން ދިޔައީ މިންހާއަށެވެ. ކައިވެނީގެ ހެކިވެރިންނަކީ އަހާން އާއި އިޝަލް ކަމުން އެމީހުން ވެސް ތިއްބެވެ. ދޭތެރެއަކުން އެރިކްއަށް ބަލައިލައިފައި ލާނެއް ގޮތަކަށް ދެމީހުން ހޭންފަށައެވެ.

 

އިޚްތިޔާރަކާއި ނުލާއި އެރިކްއަށް ކޮޅަށް ތެދުވެވުނީ، ޓެރަހަށް ވަން މިންހާ ފެނިފައެވެ. މެރޫން ކުލައިގެ ކައިވެނި ހެދުމުގައި މިންހާ ފެންނަނީ ހޫރު ޕަރީއެއްހެންނެވެ. މޫނު މަތީގައިވި ލަދު ރަކި ހިނިތުންވުމުން މިންހާގެ ރީތިކަން އިތުރުވިހެން ހީވެއެވެ. ދެލޯ މަރާލުމަށް ފަހު ހިތާ ދިމާލުގައި އެރިކް އަތް ބާއްވާލިއެވެ. މިންހާ އައިސް ޖެހިގެން ހުރީ ގޮނޑީގައި އިށީންއިރުވެސް އެރިކްއަށް ހުރިތާ ހުރެވުނީ އެވެ. އިޝަލް ކަރުކެހިލުމާއެކު، އޭނާގެ ނަޒަރު މިންހާއިން ވަކިކޮށް އަވަހަށް އިށީނެވެ.

 

ޣާޒީ ކައިވެނިކޮށްދެވުމާއެކު، އެރިކް މިންހާގެ މަޑު އަތްތިލާގައި ހިފައި ބާރުކޮށްލިއެވެ. މިންހާގެ އަތް ގަނޑު ފެންގަނޑެއްހާ ފިންޏެވެ. ދެމަފިރިންގެ ގޮތުގައި ފުރަތަމަ ފަހަރަށް ހަތަރު ކަޅި ބައްދަލިވެގެން ދިޔަ ހިދުން ، ދެ ހިތުގައި ވެސް ކަރަންޓުގެ އޮއެވަރެއް ދަތުރުކޮށްލިއެވެ. ކައިވެނި ހަފުލާ ނިމިގެން ދިޔައީ ވަރަށް ވެސް ފުރިހަމަ ކޮށެވެ. އެންމެންގެ މޫނު މަތިން ވެސް ފެންނަމުން ދިޔައީ އުފާވެރި ކަމެވެ. ފޮޓޯ ނަގައި ކަންތައްކޮށް ނިމުނުއިރު ދަންވަރު ބާރަ ޖަހައިފިއެވެ. ގޭގައި ތިބުމާއެކު ދަންވިއެއް ކަމަކު މާ ބޮޑު އުނދަގުލެއް ނުވެއެވެ. ކޭޓަރ ކުރި މީހުން ވެސް ސާމާނުތައް ހިފައިގެން ބާރަގަޑި ބައިވާން ވާއިރަށް ގޮއްސިއެވެ. އެންމެން ޓެރަހުން ދިޔުމާއެކު މިންހާ އާއި އެރިކް އެކަނިވިއެވެ.

 

މިންހާ އަތުގައި ހިފައިގެން އެރިކް ގޮސް އުނދޯލީގައި ބޭންދިއެވެ. ހުދާއި ރަތްކުލައިގެ ފިނިފެންމަލުން އުނދޯލި ވަނީ ޒީނަތްތެރިކޮށްފައެވެ. މިންހާ އިށީންނުމުން އެރިކް އުނދޯލި ހެއްލައިދިނެވެ. އިރުކޮޅަކު ހެއްލާލާފައި އެރިކް ވެސް، ގޮސް މިންހާ ގާތު އިށީނެވެ. އޭނާލައިގެން އިން ކޯޓު ބޭލުމަށްފަހު މިންހާ އަތަށް ދީފައި މިންހާ އުނގުގައި ބޯއަޅާލިއެވެ. އެރިކްގެ އިސްތަށިގަނޑު ތެރޭގައި މިންހާ އަތް މަހާލިއެވެ. ބޮލަށް އަރާވުމާއެކު އެރިކްއަށް ލޯ މަރާލެވުނެވެ. “ވައިފީ” އެއޮށް ގޮތަށް އޮވެ ހިނިތުންވެފައި އެރިކް ބުނެލިއެވެ. މިންހާ މޫނު މައްޗަށް ވެސް ފުޅާ ހިނިތުން ވުމެއް ވެރިވިއެވެ. އޭނާ އަކީ އެރިކްގެ އަނބި މީހާއެވެ. އޭނާއަށް އެރިކް އެންމެ ފުރަތަމަ ފެނުނީ ފުރާވަރުގެ ދުވަސްވަރުގައެވެ. އާސެނަލް ގެ މެޗަކުންނެވެ. އޭނާ އެ މެޗު ބަލަން އިށީނީ އެއީ އިޝަލް ކުޅޭ ފުރަތަމަ މެޗައް ވުމުންނެވެ. މަންމަ އާއި ބައްޕަގެ އިތުރުން ޒާޔާ ވެސް އިނެވެ. އެރިކް އެެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ހަތްދިހަ ވަނަ މިނެޓުގައެވެ. އެރިކްގެ އުމުރުން ވެސް ވާނީ ގާތްގަނޑަކަށް ސަތާރަވަރަކަށް އަހަރެވެ. ދަނޑަށް އަރަން ތައްޔާރުވެގެން ހުރި އެރިކް ޓީވިން ފެނުމައެކު، އެ ދުވަހު ވެސް މިންހާގެ ހިތަށް ގޮތެއް ވިއެވެ. “ވާއު އޭނާ ހާދަ ރީއްޗޭ!” ޒާޔާ ކަންފަތް ބުޑުގައި ނިކަން ސިއްރުން މިންހާއަށް ބުނެވުނެވެ. އެ ދުވަހު އޭނާގެ ހިތްއަތުލި ޒުވާނާ މިއަދު އެވަނީ އޭނާގެ ފިރިމީހާއަށް ވެފައެވެ. އެރިކް އަކީ އޭނާގެ ފުރަތަމަ އަދި ފަހު ލޯތްބެވެ. އެ ހިތުގައި އަބަދުވެސް، ރަސްކަން ކުރަމުން ދިޔަ ފަރާތަކީ އެރިކްއެވެ.

ދެލޯބިވެރިން މުޅި ރޭ ހޭދަކުރީ ޓެރަހުގައެވެ. ދެމީހުންގެ ހިތުގައިވި ހުރިހާ ކަމެއް އެކަކު އަނެކަކާ ހިއްސާކުރިއެވެ. ދެމީހުންނަށް އުނދޯލީގައި ތިބެ ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭންގެއެވެ. ދެން ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ.

 

ފަތިސް ނަމާދުކޮށްގެން ނިދިގޮތަށް މިންހާއަށް ހޭލެވުނީ މެންދުރު އެގާރަ ޖަހަނި ކޮށެވެ. އޭނާ ގާތުގައި އަރާމުކޮށް ނިދާފާއި އޮތް އެރިކް ފެނުމުން ހިނިތުންވެވުނެވެ. އެނދުން ތެދުވަށް އުޅެފައި ވެސް މިންހާގެ ޚިޔާލު ބަދަލުވިއެވެ. އެރިކް އަތުތެރޭގައި އިތުރަށް ބޮނޑުވެލާފައި އަނެއްކާ ވެސް ލޯ މަރާލިއެވެ.

 

ގަދަ ނިދީގައި އޮވެފައި އެރިކްއަށް ހޭލެވުނީ އޭނާގެ ފޯނުން މެންދުރު ނަމާދުގެ ބަންގިގޮވާ އަޑަށެވެ. މޯޅިއަކަށް ދެމިލާފައި އޭނާ ބަލާލީ މިންހާ ކޮބައިތޯއެވެ. އެނދުގައި މިންހާ ނެތުމުން އޭނާ ތެދުވެފައި މިންހާ ކޮބައިތޯ ބަލަން ސިޓިން ރޫމަށް ނުކުތެވެ.

 

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހައަލަކީ ކޮބާ؟-5

Next

ގާތުގާ… 56

Next
September 21, 2026

ގާތުގާ… 56

Previews
September 20, 2026

ހައަލަކީ ކޮބާ؟-5

One Comment

  1. Anonymous says:
    September 21, 2026 at 5:49 pm

    vrh reethi mi oart vss MA!!!!

Comments are closed.

Next Episodeމަންޒިލް 6←


All Right Reserved!