Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (11 ވަނަ ބައި)

zoyasham Level 110 Stories
July 28, 2013 4 Mins Read
8 Comments

(ދިހަވަނަ ބަޔާއިގުޅޭ)…………

އަހަރެން ބޭނުންވަނީ އަހަރެންގެ އުފަލަށްވުރެ ތޫގެ ހިންހަމަޖެހުމެވެ. އެދެމީހުން ހީނހީނފައި ވާހަކަދައްކަމުން ދިޔައެވެ. އަހަރެން ފެންކަޅިވެފައި ބަލަން ހުރީމެވެ. އެމީހުން އަހަންނަށް ބަލާލުމާއިއެކު ގަދަކަމުން ހީލަމުންނެވެ. އެމީހުންގެ ވާހަކައިގައި ބައިވެރިވަމުން ހަލުވިކޮށް އެސްފިޔަޖަހާލަމުން އަހަރެންގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިފަހައްޓަމުން ދިޔައީމެވެ. ނިހާލުމެން ގެއަށްއައީ އަހަރުމެން އެތާ ތިއްބައެވެ. އެމީހުންފެނުމާއިއެކު އަހަންނަށް ކުޑަ ހިންހަމަޖެހުމެއް ލިބުނެވެ. އެމީހުން އެވަގުތު އެތަނަށް އައުން އެއީ ނަސީބޭ ހިތަށްއެރިއެވެ.

ނިހާލުމެން ފެނުމާއިއެކު އަހަރެން ވަގުތުން އެމީހުންނަށް ގޮވީމެވެ. އެމީހުން އަހަރުމެން ކައިރިޔަށް އައެވެ. ނިހާލުއާއި ފާރިޝް އަހަންނާއި ދިމާލަށް ބަލާލަމުން ލޮލުގެ އިޝާރާތުން އެޑަމްއަކީ ކާކުތޯ އަހާލިއެވެ. އަހަރެން އެމީހުންނަށް އެޑަމް ތަޢާރަފްކޮށްދިނީމެވެ. އެވަގުތު އެމީހުން އަހަންނާއި ދިމާލަށް ބަލާލީ ހައިރާންކަމުގެ ނަޒަރަކުންނެވެ. އެމީހުންގެ މޫނުމަތިން އަހަންނަށްޓަކައި ހިތާމަވެރިކަން ފެންނަން ހުއްޓެވެ. ފާރިޝް އެއްޗެއް ބުނަންވެގެން އުޅުނުތަނުން އަހަރެން އާނާގެ އަތުގައި ހިފަހައްޓާ ބާރުކުރަމުން އެއްވެސް އެއްޗެއް ނުބުނުމަށް އިޝާރާތްކުރީމެވެ. އެޑަމް އަހަންނާއި ދިމާލަށް ބަލަންހުރީ ނޭނގޭ އެއްޗެއް އެނގޭ ފަދައިންނެވެ. އަހަރެންގެ ހަރަކާތާއި، ޢަމަލުންނާއި، ވާހަކަތަކުން އެޑަމްއަށް ފަހަރެއްގައި އެއްޗެއް ހީވީ ކަންނޭގެއެވެ. ފަނަރަވަރަކަށް މިނިޓްވަންދެން އަހަރުމެން ވާހަކަދައްކަން ތިބީމެވެ. އެޑަމް އޭގެ ހަފްތާއެއްފަހުން އޮތް އޭނާގެ ކޮއްކޮގެ ކައިވެނީގެ ހަފްލާއަށް އަހަރުމެންނަށް ދަޢުވަތުދިނެވެ. އެވަގުތު ފާރިޝްއާއި ނިހާލު ބަލާލީ އަހަރެންގެ މޫނަށެވެ. އަހަރެން ހީލަމުން މަޖާވެލާފައި އަންނާނެކަމަށް ބުނީމެވެ. ނިހާލުމެން އަހަރެންގެ ހަރަކާތްތަކަށް ބަލަމުންދިޔައީ ހައިރާންވެފައި ތިބެއެވެ. ފަހަރުގައިވެސް އަހަރެންގެ ހިތުތެރޭގައި އަނދަމުންދިޔަ އަލިފާން އެހެންމީހަކަށް ނޭނގެއެވެ.

ތޫ އެޑަމްގެ ސައިކަލުފަހަތަށް އަރައިގެން ދިޔަ މަންޒަރު ބަލަން އަހަރެންހުރީ ފެންކަޅިވެފައެވެ. ހިތަށް ވަރަށް ތަދުވިއެވެ. އެއަސަރު ލޮލުންވެސް ފެންނަން ހުއްޓެވެ. އިތުރަށް އަހަންނަށް ކެތްނުކުރެވުނެވެ. އަހަރެން މިސްރާބުޖެހީ ކޮޓަރިޔަށް ދިޔުމަށްޓަކައެވެ. ގޭތެރެއިން މީހަކާއި ދިމާނުވެ، އަވަސްފިޔަވަޅުތަކެއްގައި އަހަންނަށް ކޮޓަރިޔާއި ހަމަޔަށް ނުދެވެނީސް ނުހާ ކޮޓަރިން ވަރަށް ބާރަށް ނުކުތެވެ. އަހަރެންގޮސް ޖެހުނީ އޭނާ ކުރިމައްޗަށެވެ. އެވަގުތު އަހަރުމެންގެ ހަތަރުކަޅި ހަމަވިއެވެ. އިޚްތިޔާރަކާއިނުލައި އަހަރެންގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އެމަންޒަރު ނުހާއަށް ނުދެއްކުމަށް އަހަރެން ވަގުތުން ނުހާ ފަސްދީގޮސް ކޮޓަރިޔަށް ވަނީމެވެ. ނަމަވެސް އަހަރެންގެ ވޭނީ ލޯ ނުހާއަށް ރަނގަޅަށް ފެންނާނެވެ. އަހަރެން ފަސްއެނބުރުމެއްނެތި ކޮޓަރީގެ ދޮރުލައްޕާލުމަށްފަހު ގޮސް ސޯފާއަށް ވެއްޓިގަތީމެވެ. އަހަރެންގެ ލޯމަތިން ސިފަވަމުންދިޔައީ ތޫއާއި އެޑަމްއެވެ. ކަންފަތުގައި ގުގުމަމުންދިޔައީ ތޫބުނި ޖުމްލައެވެ. ”މިއީ އަހަރެންގެ ބޯއިފްރެންޑް……” ލޯމަރާލަމުން އަހަރެން ދެކަންފަތުގައި އަތްއެޅީމެވެ އިތުރަށް ކެތްނުވުމުންނެވެ. އެވަގުތު ނިހާލު އައިސް ކޮޓަރިޔަށްވަނެވެ. ފަހަތުން ފާރިޝްވެސް ވަނެވެ. އެމީހުން އައުމާއިއެކު އަހަރެން ހަމަޖެހިލީމެވެ. ނިހާލުމެން އަހަރެން ކައިރީ ސޯފާގައި އިށީނެވެ. އެމީހުން އަހަރެން ހިންހަމަޖައްސަން އެކިއެކި ވާހަކަދެއްކިއެވެ. އަހަރެން ހިންހަމަ ޖެހޭނެ ހެއްޔެވެ؟ އެހާވަރަށް އަހަރެން ލޯބިވާ، މުޅިމިދުނިޔެއިންވެސް އަހަރެން ހަމައެކަނި ބޭނުންވާ އަހަރެންގެ ތޫއަކީ އެހެންމީހެއްގެ މީހެކެވެ. ނިހާލުމެންކައިރީގައި އަހަރެން ބޭނުންވާނީ އެކަނިވާންކަމުގައި ބުނީމެވެ. އެމީހުންވެސް އިތުރުއެއްޗެކޭ ނުބުނެ އެތަނުންދިޔައީއެވެ.

އަހަރެން ވަރަށްގިނައިރުވަންދެން އެހެންއިނީމެވެ. ސިކުޑީގައި އެތަކެއް ޚިޔާލުތަކެއް އެނބުރެމުންދިޔައެވެ. އަހަރެންގެ ހިތްވަނީ މުޅިން ކުދިކުދިވެފައެވެ. އެހިތަށް އަލުން ދެން ދިރުމެއްނުލިބޭނޭފަދައެވެ. އަހަރެންގެ ނަސީބަކީ އެއީކަމަށްހީކޮށް އަހަރެން ހިތަށް ވިސްނުވައިދިނުމަށް މަސައްކަތްކުރީމެވެ. އަހަރެންގެ ނަސީބުގައި ތޫގެ ލޯބި ލިޔެވިފައިވާނަމަ އެލޯބި އަދި އަހަންނަށް ލިބޭނެކަމުގައި ހީކުރީމެވެ. ވަރުގަދަ ލޯތްބަކީ އުނދަގުލުން ހާސިލްވާނެ އެއްޗެކެވެ. ނަމަވެސް ތޫގެ ހިތުން އަހަންނަށް ހަމައެކަނި ދެވިފައިވަނީ ރަޚްމަތްތެރިކަމެވެ. ވީއިރުން އެލޯބި ހާސިލްވާނީ ކިހިނެއްހެއްޔެވެ؟ އަހަރެން ދެން ތޫއާއި ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ އޭނަޔާއި ހެވިފައި ވާހަކަދައްކާނީ ކިހިނެއްހެއްޔެވެ؟ އެހިތްވަރު އަހަރެންގެ ކިބައިގައި ހުންނާނެ ހެއްޔެވެ؟ ސިކުޑީގައި އެތައްކަހަލަ ސުވާލުތަކެއް ފުނިޖެހެމުންދިޔައެވެ. އަހަންނަށް އުނދަގޫވަމުންދިޔައެވެ. ތެދުވެގެންގޮސް އަހަރެން އެނދުގައި އޮށޯތީމެވެ. ބަނޑުންއޮވެ އަހަރެން ހިތްފުރެންދެން ރޯލީމެވެ. ފިރިހެނަކަށްވިޔަސް ކަރުނައަކީ ހިފެހެއްޓޭނެ އެއްޗެއްނޫނެވެ. ހިތުގައި އަޅަމުންދާ ވޭންތައް އެކަރުނުން ބޭރުކޮށްލެވުމުން ހިތަށް އަރާމުލިބެޔޭ ބައެއްމީހުންބުނެއެވެ. އަހަންނަށްވެސް ހިތްފުރެންދެން ރޯލެވުމުން ހިތަށް ކުޑަލުޔެއް ލިބުނެވެ.

އެނދުގައި އެހެންއޮވެ އަހަރެން ވަރަށްވިސްނީމެވެ. ދެންހަދާނެ ގޮތަކާއިދޭތެރޭގައެވެ. އަހަރެންގެ ދިރިއުޅުން ދެން ކުރިޔަށްގެންދާނެ ގޮތަކާއި ދޭތެރޭގައެވެ. އަހަންނަށް ވިސްނުނު އެންމެ ރަނގަޅުގޮތަކީ ތޫގެ ދިރިއުޅުމުން ދުރަށްދިޔުމެވެ. އޭނަޔާއި އޮތް ހަމައެކަނި ގުޅުންކަމަށްވާ ރަޚްމަތްތެރިކަންވެސް ކަނޑާލުމެވެ. އަހަރެންގެ ސަބަބުން އޭނަގެ އުފާވެރި ދިރިއުޅުމަށް އަނދިރި ހިޔަންޏެއް އެޅިދާނެތީއެވެ. އަހަރެންގެ ލޯބިން އޭނާޔަށް ހިތްދަތިކަމެއް ލިބިދާނެތީއެވެ. އަހަރެންގެ ޢަމަލުން އެޙަޔާތުގައި ކޫރުމެއް އެޅިދާނެތީއެވެ. އަހަރެން ބޭނުންވަނީ ތޫ އަބަދުވެސް އުފަލުގައި ވުމަށެވެ. އޭނާގެ ހިންހަމަޖެހުމަކީ އެޑަމް ކަމުގައިވާނަމަ އެގޮތްވެސް އަހަންނަށް ރަނގަޅެވެ. އޭނަޔާއިއެކު އަހަރެން އުޅުނު ކުޑަދުވަސްކޮޅުގެ އުފާވެރިކަމުގައިވެސް އަހަރެން މުޅި އުމުރު އެކަނި ހޭދަކޮށްލަފާނަމެވެ. އެއްވެސް ޝަކުވާއެއްނެތިއެވެ. ވަރަށް ގިނައިރު އެހެން ވިސްނަންއޮވެފައި އަހަރެންގެ ހިތް ކުޑަކޮށް ހަމަޔަކަށް އެޅުނެވެ.

ތެދުވެގެން ފާޚަނަޔަށްވަދެފައި އަހަރެން ބޭރަށްނުކުތީ އެއްވެސް މީހެއްގެ ޚަބަރެއްނުވާތީއެވެ. އަހަރެން ނުކުތްއިރު އެންމެން ސިޓިންރޫމުގައި ތިއްބެވެ. އެންމެންގެ މޫނުމަތީގައިވި ހިނިތުންވުމުން އެމީހުންގެ ތެރޭގައި ކޮންމެވެސް މަޖާވާހަކައެއް ދެއްކުނީކަން އެނގެއެވެ. އެމީހުން އަހަރެން ފެނުމާއިއެކު އަހަރެން ކައިރީގައި އިށީނުމަށް ބުންޏެވެ. އަހަންނަށް ބަލާލެވުނީ ކުރިމަތީގައި އިން ނުހާއަށެވެ. އޭނާވެސް އިނީ އަހަންނަށް ބަލާށެވެ. ކުޑަކޮށް ވިސްނާލާފައި އަހަރެންގެ ބޭނުން އެންމެން ތިއްބާ ބުނީމެވެ. އަހަރެން އެނބުރި ރަށަށްދާން ބޭނުންވާވާހަކައެވެ. އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ގެއްލިދިޔައެވެ. ”ކީއްވެ މާއަވަހަށް ދާން ތިނިންމީ؟ އަޔާންއަށް މިގެ ކަމުނުދަނީތަ؟ މީހަކު އެއްޗެކޭ ބުނީތަ؟” އުބޭދުބެ ވަރަށް ސީރިޔަސްވެލާފައި ބުންޏެވެ. އެންމެންތިބީ އަހަންނަށް ބަލާށެވެ. އަހަންނަށް ބަލާލެވުނީ ނިހާލުމެންގެ މޫނަށެވެ. އަހަރެން ދާންބޭނުންވާ ސަބަބު އެމީހުންނަށް އެނގޭތީވެ އެމީހުން އެއްޗެކޭނުބުނެ އިސްޖަހާލިއެވެ. ”ނޫން… މަންމަ ވަރަށްބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި ބާއްވާފައޮތީ…. އެހެންވެ އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެކޮޅަށްދާން.” އަހަރެން މާޔޫސްވެފައި އިނދެ ދޮގެއް ހެދީމެވެ. އަހަރެން ދިޔަޔަކަސް ނިހާލުމެންކައިރީގައި އަހަރެން މަޑުކުރުމަށް ބުނީމެވެ. އެމީހުން ޗުއްޓީ އެކޮޅުގައި ހޭދަކޮށްލާފައި އައުމަށް އެދުނީމެވެ. ނަމަވެސް އެމީހުން އެގޮތާއި އެއްބަސް ނުވިއެވެ. އެމީހުން ބޭނުންވީ އަހަންނާއިއެކު ދިޔުމަށެވެ. ”ދަރިފުޅު ބޭނުންގޮތެއް ނިންމާ… މާދަމާރޭ މިކޮޅުން ފުރާ ބޯޓެއްއެބައޮތް. ދަރިފުޅުމެން ދާން ބޭނުމިއްޔާ ތައްޔާރުވާތި.” އުބޭދުބޭ އެހެން ބުނެފައި ކޮޓަރިޔާއި ދިމާލަށް ދިޔައެވެ. ދެދުވަސް ނުވަނީސް އަހަރެން ފުރާވާހަކަ ބުނުމުން އުބޭދުބޭ ހިންހަމަނުޖެހުނީ ކަންނޭގެއެވެ.

އެދުވަހަށްފަހު އަހަރެން ތޫއަށް ނުގުޅަމެވެ. ބޭނުންވީ އަހަރެން ނިންމިފަދައިން އޭނާގެ ދިރިއުޅުމުން ދުރަށްދިޔުމެވެ. ނަމަވެސް ތޫ އަހަންނަށް ވަރަށްގިނައިން ގުޅިއެވެ. އެތަކެއް މެސެޖެއްވެސް ކުރިއެވެ. އަހަރެން ކޮންމެ ފަހަރަކު މެސެޖް ކިޔާލާފައި ޑިލީޓްކޮށްލަނީއެވެ. އަހަރެން ކުޑަހުވަދޫން ފުރައިގެން އައީ ތޫއާއި ހަވާލުކުރުމަށް ކުޑަނޯޓްކޮޅެއް ނުހާއަތަށް ދީފައެވެ. އަހަރެން ހޯދަން ތޫބާ ކިޔާ ކުއްޖަކު އައިއްސިއްޔާ އެ ގަނޑުކޮޅު ހަވާލުކުރުމަށްއެދި ބުނެފައެވެ. އެގަނޑުކޮޅުގައި އަހަރެން ލިޔެފައިވާނީ ބޮޑުކަމެއް ޖެހިގެން އަހަރެން ރަށަށް ފުރަން ޖެހުނުވާހަކަ އެކަންޏެވެ. ނުހާ އަހަރެން ކައިރިން އިތުރު ސުވާލެއް ނުކޮށް އާއެކޭ ބުނާފަދައިން ބޯޖަހާލީއެވެ. ދިރިއުޅުމުގައި އަދި ތޫއާއި ކުރިމަތިލާންޖެހޭނެކަންވެސް އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން މަސައްކަތްކުރާނީ ދެން ތޫއާއި ވާހަކަނުދައްކާވޭތޯއެވެ.

މެލޭޝިޔާގެ ކުއާލަލަމްޕޫރް އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޯޓް ޖެއްސުމާއިއެކު އަހަރެން ދެލޯ ހުޅުވާލީމެވެ. ހީވީ އެތައް ދުވަސްތަކަކަށްފަހު ދެލޯ ހުޅުވާލިހެންނެވެ. ލަގެޖް ހިފައިގެން ބޭރަށް ނުކުތްއިރު ތިއްތަބެ އަހަރެން ބަލާ އައިސް ހުއްޓެވެ. ތިއްތަޔާއި ކުޑަމީހުން ފެންނަންނެތުމުން އަހަރެން އެވާހަކަ އެހީމެވެ. ތިއްތަބެ ބުނީ ކުޑަދެމީހުންވެސް ހުންއައިސްގެން އުޅެތީ ތިއްތައަށް ނާދެވުނީ ކަމަށެވެ. ތިއްތަބެ އައިސް އަހަރެންގެ ހަށިގަނޑަށް ރަނގަޅަށް ބަލާލާފައި ކަރުގައި އައްޖާސާލާފައި ބަލިވެހޭ ތިއުޅެނީ އަހާލިއެވެ. އަހަރެންގެ މޫނުމަތިން ތިއްތަބެޔަށް އެހެންހީވީ ކަންނޭނގެއެވެ. ހީވެދާނެވެ. އަހަރެންގެ ހަށިގަނޑު ކުރިޔާ އަޅާބަލާފައި ވަރަށް ބޮޑުތަން ހިއްކެވެ. ގަވައިދުން ނުކެވުމުގެ ސަބަބުން ކަމަށްވެސް ވެދާނެވެ. ނޫނީ ކަންކަމާއި މާބޮޑަށް ވިސްނާތީ ކަމަށްވެސް ވެދާނެވެ. އަހަރެން ފާޑަކަށް ނޫނެކޭ ބުނެފައި މިދުވަސްކޮޅު ކުޑަކޮށް ބަލިވެއުޅޭވާހަކަ ބުނީމެވެ. އަދި އޭރުވެސް އަހަރެންގެ ބޮލުގައި ރިއްސާވާހަކަވެސް ބުނީމެވެ.

ތިއްތަބެޔާއި ވާހަކަދައްކަމުންގޮސް ލަގެޖްތައްލާފައި އަހަރެންގޮސް ކާރުގެ ފަހަތު ޝީޓަށް އަރާފައި ހަމަޖެހިލީމެވެ. ތިއްތަބެ ކާރުދުއްވާލިއެވެ. ކާރުތެރޭގައި އަޑުމަޑުކޮށް ފަހުގެ އިނގިރޭސި ލަވަތައް ޖަހާފައި ހުއްޓެވެ. އަހަރެން ފޯނުނަގައި ފުރަތަމަވެސް ގުޅީ މަންމަޔަށެވެ. ނަމަވެސް ފޯނުނުނެގުމުން އަހަރެން ދެންގުޅީ ކުޑާއްތައަށެވެ. ގުޅިހާއިރުން ކުޑާއްތަ ފޯނުނެގިއެވެ. އަހަރެން މެލޭޝިޔާއަށް ދެވެނުވާހަކަ ބުނީމެވެ. ………………… (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zoyasham

Level 110 Stories

އަހަރެންގެ ވާހަކަތަކާއި އެހެނިހެން ލިޔުންތައް zumzoyasham.blogspot.com މި ބްލޮގުންވެސް ކިޔާލެވޭނެ.

Other Articles

Previous

ފޯންކޯލް

Next

އަނދިރިވުމުން

Next
July 29, 2013

އަނދިރިވުމުން

Previews
July 28, 2013

ފޯންކޯލް

8 Comments!

  1. RUXEY says:
    July 29, 2013 at 10:02 am

    ހާދަ ކުރޭ……

  2. ޒަހޫ says:
    July 29, 2013 at 4:18 pm

    ސަޅި….އެކަމް ތަންކޮޅެއް ކުރީ……

  3. މީ says:
    July 29, 2013 at 10:15 pm

    ވަރަށް ސަޅިި

  4. pinky says:
    July 29, 2013 at 10:26 pm

    ވ.ވ.ވ.ވ.ރީތި… އަޅޭ ދެން ތޫ އަށް ވެސް ވިސްނެންވެއްޖެ އެއްނޫންތަ؟؟؟ ސޯ ސޭޑް 🙁

  5. Anonymous says:
    July 30, 2013 at 5:25 am

    ތޫއަށް ފަހަރެއްގައި ވިސްނިދާނެ………..

  6. Anonymous says:
    July 30, 2013 at 5:50 am

    ދެންފަހަރަކުން ދިގުކޮށް ގެނެސްދެވޭތޯ ބަލާނަނަން……

  7. nasha,leena says:
    May 4, 2017 at 12:21 pm

    salhi ekamaku maa kuree

  8. IsHa IsHa says:
    August 31, 2019 at 9:20 am

    salhi ey

Comments are closed.

Next Episodeމުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (12 ވަނަ ބައި)←


All Right Reserved!