މުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (ދިހަވަނަ ބައި)
(ނުވަވަނަ ބަޔާއިގުޅޭ)…………
ފެށުނީއްސުރެ އަހަންނަށް އަބަދުވެސް އެކިއެކި ކަންކަމާއި ގުޅިގެން ހުވަފެން ފެނެވެ. އަބަދުވެސް ހަގީގަތަށް ކަންތައްވަނީ އަހަންނަށް ފެންނަ ހުވަފެންތަކާއި އިދިކޮޅަށެވެ. އެއީ ހަގީގަތުގައި ވާގޮތްކަމެއް ނޫނީ އަހަންނަށް އަބަދުވެސް އެގޮތަށް ވިސްނޭތީ ވާގޮތެއް ކަމެއް ނޭގެއެވެ. އެނގޭހާވެސް އެއްޗަކީ އަހަންނަށް ހުވަފެނެއް ފެނިއްޖެނަމަ އަބަދުވެސް އަހަރެން ކުރިމަތިލާންޖެހޭނީ އޭގެ އިދިކޮޅެވެ. އަހަރެން މާޔޫސްވިއެވެ. މީހާ ފެންކަޅިވިއެވެ. އޭގެ މާނަޔަކީ ތޫއަހަރެންގެ ދެކެ ލޯބި ނުވުން ހެއްޔެވެ! ނޫނީ ތޫ އަހަރެންގެ ލޯބި ގަބޫލު ނުކުރުން ހެއްޔެވެ! ނޫނީ ތޫ އެހެންމީހަކު ދެކެ……… އަހަރެންގެ ސިކުޑިއަށް އަރާ ފައިބަމުންދިޔަ ވާހަކަތައް އަހަރެން ހުއްޓުވީމެވެ. ތޫ އެހެން މީހެއްގެ މީހަކަށް ވެދާނެކަމަށް އަހަރެން ޚިޔާލުވެސް ކުރާކަށް ބޭނުންނުވާތީއެވެ.
ހުވަފެނުގެ ޚިޔާލާއި ދުރަށް ދިޔުމަށް އަހަރެން އެނދުން ތެދުވެގެންގޮސް ކުޑަދޮރުކައިރިޔަށް ޖެހިލީމެވެ. ސާފު ވައިރޯޅިތައް މޫނުގައި ބީހިބީހި ހުއްޓެވެ. އަހަރެންގެ ނަޒަރު ހުއްޓުނީ ގޯތިތެރޭގައި ހުރި ބޮޑު ހިރުދުގަހުގައި އަޅުވާފައިވާ އުނދޯއްޔެއްގައި އޮތް އެއްކަލަ އަންހެން ކުއްޖާއަށެވެ. ނުހާއަށެވެ. ނުހާ ދެލޯމަރައިގެން އޮތެވެ. ނިދާފައިކަމެއް ނޫނީ ކަމަކާއި ވިސްނަން ދެލޯމަރައިގެން އޮތީކަމެއް ނޭނގެއެވެ. އެދިމާލަށް ބަލަން އަހަންނަށް ކުޑައިރުކޮޅަކު ހުރެވުނެވެ. ކީއްވެގެން ކަމެއް ނޭނގުނެވެ. އަހަރެން ބަލަންހުއްޓާ ނުހާ ކުއްލިއަކަށް ދެލޯ ހުޅުވާލިއެވެ. އެވަގުތު އޭނާއަށް އަހަރެން ފެނުނެވެ. އަހަރެން ވަގުތުން އެތެރެއަށް ޖެހިލީމެވެ.
ފާރިޝްއާއި ސަމާހުއާއި ދެމީހުން ޓީވީބަލަން ތިއްބެވެ. ނިހާލުނެތުމުން އަހަރެން އެކަމާއި ސުވާލުކުރުމުން އެނގުނީ އޭނާ އުބޭދުބޭގެ ސަމާހުއާއިއެކު ބޭރަށް ދިޔަކަމެވެ. އަހަރެން އަވަސްވެގަތީ މެންދުރުނަމާދަށް ބަންގިދޭންވާއިރަށް ތައްޔާރުވެލައިގެން މިސްކިތަށް ދިޔުމަށެވެ. ނަސީބަކުން އުބޭދުބޭމެން ގެކައިރީގައި މިސްކިތެއް ހުރެއެވެ. އަހަރުމެންދިޔައީ އެމިސްކިތަށެވެ. އަހަރުމެން ތިންމީހުން މިސްކިތުން ފޭބިއިރު ނިހާލުމެން ސައިކަލުންއައިސް ގޭދޮށަށް މަޑުކުރީއެވެ. އަހަރުމެން ފެނިފައި އެމީހުން ބޭރުގައި މަޑުކުރިއެވެ. ނިހާލު ކައިރީގައި ދިޔައީ ކޮންތާކަށްހޭ އެހުމުން ބުނީ ފޫހިވެގެން ރަށުތެރެ ބަލާލަން ދުއްވާލަން ދިޔައީ ކަމުގައެވެ. އޭނާ ބުނި ގޮތުގައި އެރަށް ވަރަށް ރީއްޗެވެ. އަދި ފުދޭވަރަކަށް ބޮޑުވެސްމެއެވެ.
މެންދުރުގެ ކެއުމަށްފަހު އަހަރުމެން ފިނިކޮށްލަން ބޭރަށް ނުކުތީމެވެ. އުބޭދުބޭމެންގޭ ކުރިމަތީގައި ބޮޑު ގަސްފީންޏެއް އޮވެއެވެ. އެތާގައި ހޮޅުއައްޓަކާއި ޖޯލިތަކާއި އަދި ގަސްތަކުގައި އެކި ވަރުގެ އުނދޯލިތައް އަޅުވާފައި ހުއްޓެވެ. އަހަރުމެން ދިޔައިރުވެސް އެތާގައި އަހަރުމެން ވަރުގެ ދެތިން ޒުވާނަކު އުޅުނެވެ. އެމީހުންނާއި ވާހަކަދައްކައި އަހަރުމެން ރަޚްމަތްތެރިވެސް ވީމެވެ. އެތާގައި އަހަރުމެން ތިއްބާ ނުހާ އޭނާގެ ދެތިން ރައްޓެހިންނާއިއެކު ގެއާއި އަރާ ހަމަވިއެވެ. ނުހާ ބުނިއެއްޗަކަށް އޭނާގެ ރައްޓެހިން އަހަރުމެންނަށް ބަލާފައި ހިނިތުންވެލިއެވެ. ބޭރުގައި އެމީހުން އިރުކޮޅަކު ވާހަކަދައްކަން ތިބެފައި އެހެންކުއްޖަކު އައުމުން ގޭތެރެއަށް ވަނެވެ. އެމީހުން މަޑުކުރީ އެކުއްޖާ އަންނަންދެން ކަންނޭގެއެވެ. ބޭރުގައި މަޑުކުރި ވަގުތުކޮޅުގައި ނުހާ އަހަންނަށް ބަލަމުންދިޔަކަން އަހަންނަށް ފާހަނގަ ކުރެވުނެވެ. އެއީ އަހަރެން ބަލާލާ ކޮންމެފަހަރަކު ނުހާގެ ނަޒަރު ދިމާވާތީއެވެ. ނުހާއަށްވެސް ހީވާނީ އެހެންކަންނޭގެއެވެ. ވަންނަމުންވެސް ނުހާ ފަސްއެނބުރި އަހަންނަށް ބަލާލިއެވެ. އެވަގުތު ކައިރީގައި އިން ފާރިޝް އަހަރެންގެ ފައިގައި ކޮއްޓާލިއެވެ. ”އެމަންޖެ ހާދަވަރަކަށޭ ކަލެޔަށް އެބަލަނީ….” ފާރިޝް މިހެންބުނީ އެތާގައި ދެންތިބި މީހުންނަށް ނީވޭވަރަށެވެ. ”ހޫމް…. ތީ ކަލެޔަށް ހީވާގޮތް….” އަހަރެން ނޭނގޭ ކަމަށް ހަދާލީމެވެ. ހީނލާފައި ފާރިޝް އިތުރު އެއްޗެކޭ ނުބުނެ އުނދޯލިގައި އޮށޯތެވެ. އަހަރެންވެސް އޮށޯންނަމުން ދެލޯމަރާލީމެވެ. އޭރުވެސް ފެނުނު ހުވަފެނުގެ ސަބަބުން އަހަންނަށް އުނދަގޫތަކެއް ވަމުންދިޔައެވެ.
ހަވީރު ހަތަރުގަޑި ބައިވިއިރު އަހަރުމެންތިބީ ތޫމެންގޭގައެވެ. ތޫ އޭނާގެ ބައްޕަޔާއިއެކު އަހަރުމެން ބަލާއައެވެ. އަހަރުމެން އެގެއަށް ދިޔައީ ފައިމަގުގައެވެ. ތަންކޮޅެއް ދުރުނަމަވެސް ތޫ ފެންނަން ހުރުމުން ދުރުކަމެއް އިޙުސާސު ނުވިއެވެ. ތޫގެ ގެއާއި އަރާ ހަމަވިއިރު އަހަންނަށް ހީވީ ވަރަށް އަވަހަށް އާދެވުނުހެންނެވެ. ތޫގެ މަންމަޔާއި ބައްޕަ ވަރަށް ހެވެއެވެ. އަހަންނަށް އެމީހުންނާއިއެކު ގާތްކަމެއް އިޙުސާސު ކުރެވުނެވެ. އެގޭގައި އުޅެފައި އަހަރުމެން ގެއަށް އަންނަން މިސްރާބުޖެހީ އަނދިރިވާން ކައިރިވެފައި ވަނިކޮށެވެ. އަހަރުމެންނާއިއެކު ތޫއައެވެ. އަހަރެން އެއްބަސް ނުވުމުންވެސް ތޫ އަހަރުމެންނަށް މަގުއޮޅިދާނޭ ކިޔާފައި އައީއެވެ. ދުލުން އެހެން ބުނެވުނަސް އަހަރެން ހުރީ ވަރަށް އުފާވެފައެވެ. ތޫއާއިއެކީ ވަގުތު ހޭދަކުރަން ލިބުމުންނެވެ. އަހަރެން ބޭނުންވީ އަންނަ މަގުމަތީގައި ތޫކައިރީގައި އަހަރެންގެ ހިތުގެ ހާލަތު ބަޔާންކުރުމެވެ. އެއީ ވަގުތުވެސް ރަނގަޅުކަމުންނެވެ. ވީވެސް އެހެންނެވެ. ފާރިޝްމެން އަހަންނަށް ބަލާފައި އެއްލޯ މަރާލަމުން އެމީހުން ހަލުވިކަމާއިއެކު ކުރިޔަށް ހިނގައިގަތެވެ. އަހަންނާއި ތޫއަށް ވަގުތުދެމުންނެވެ. ތޫ އެމީހުންނަށް ގޮވާވެސް ހެދިއެވެ. އަހަންނަށް ހުރެވުނީ ފާޑަކަށް ތޫއަށް ބަލަހައްޓައިގެން ހިނިއައިސްފައެވެ. ތޫ އަހަންނަށް ބަލާލުމާއިއެކު ވަގުތުން އަހަރެން އެހިނި އޮއްބާލީމެވެ. ކަމެއް ސިއްރުކުރާ ފަދައިންނެވެ.
އަހަރުމެން ދެމީހުން ވާހަކަދައްކަމުން ގޮސް ތޫ އަހަރެން ކައިރީގައި އޭނާ ވަރަށް ބޮޑު ވާހައެއް ބުނަން ބޭނުންވެފައިވާ ވާހަކަ ބުންޏެވެ. އަހަރެންގެ ހިތް ވަގުތުން ތެޅިގަތެވެ. ކުރިޔަށްއެޅި ފިޔަވަޅުވެސް ހުއްޓުނެވެ. ތޫއަށް ބަލަހައްޓައިގެން އެއްޗެއް ނުބުނެ އަހަންނަށް ހުރެވުނެވެ. ތޫ އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. ތޫ ބުނަންބޭނުންވަނީ ކޮންވާހަކައެއްތޯ އަހަރެންގެ ހިތަށްއެރިއެވެ. ވަގުތުން އަހަރެންގެ ހަނދާނަށް އައީ ފެނުނު ހުވަފެނެވެ. އެވަތު ހިތުގައި ނޭނގޭ ރިހުމެއް އުފެދުނެވެ. ”އަސްލު އެއީ ސަޕްރައިޒެއް.” ތޫގެ ދުލުން ނުކުންނަ ކޮންމެ ޖުމްލައަކުން އަހަރެންގެ ހިތުގައިވި ރިހުން ބޮޑުވަމުންދިޔައެވެ. ތޫގެ ވާހަކަތަކުން އަހަންނަށް ވިސްނެނީ އެހެންއެއްޗެއް ކަމުގައިވީތީއެވެ. ”ސަޕްރައިޒް…. ކޮންކަމެއް؟” އަހަރެން އިތުރަށް ސުވާލުކުރީމެވެ. ”އަދިފަހުން. އަހަރެން މިރޭ ގެއަށް ދިޔުމުގެ ކުރިން އެސަޕްރައިޒް ދޭނަމޭ…” ހީނލަމުން ތޫ ކުރިޔަށް ހިނގައިގަތެވެ. ތޫ ދޭންއުޅެނީ ކޮން ސަޕްރައިޒެއްތޯ ޚިޔާލުގައިހުރެ އަހަރެންވެސް ތޫގެ ފަހަތުން ހިންގައިގަތީމެވެ. އަދި އޭނަޔާއި ހިނގުން އެއްވަރުކުރީމެވެ. އެޚިޔާލުގައި ވުމުން އަހަރެން ތޫ ކައިރީގައި ބުނަން ބޭނުންވި ވާހަކަވެސް ނުބުނެވުނެވެ. ބުނާނެ ހިތްވަރު ނުލިބުނީއެވެ. ބޮޑަށް އަހަރެން ބަލަންބޭނުންވީ ތޫ ދޭންއުޅޭ ސަޕްރައިޒެއް ހޯދުމަށެވެ. އަހަރެން އޭނަޔާއި ވަރަށް ސުވާލު ކުރީމެވެ. އެވާހަކަ އޮޅުންފިލުވުމަށެވެ. ނަމަވެސް އޭނާގެ ފަރާތުން ވަކިޖަވާބެއް ނުލިބެނީސް އަހަރުމެންނަށް ގެއާއި ހަމަޔަށް އާދެވުނެވެ. ތޫ އެދުނީ އަހަރެން ކައިރީގައި ކުޑައިރުކޮޅަކު ބޭރުގައި މަޑުކޮށްލަދިނުމަށެވެ.
ފިކުރުގައި ހުރެގެންގޮސް އަހަރެން ޖައްސާލީ ކުރިމަތީގައި ހުރި ޖޯލިފަތީގައެވެ. ކަންމަތީގައި ދިއްލާފައިހުރި އޮރެންޖް ބޮކީގެ އަލިކަން މުޅި އެހިސާބަށް ފެތުރިފައިވެއެވެ. ނަމަވެސް ގަސްތަކުގެ ތެރެއިން އެއަލިކަން އެހިސާބަށް އެޅިފައިވީއިރު ބިރުވެރި އަނދިރިކަމެއް އެތާގައި ހުއްޓެވެ. ތޫ ހުރީ އޭރު ފޯނެއްގައެވެ. ހީނލާފައި ތޫ ފޯނުން ވާހަކަދައްކަމުން ދިޔައިރު އެހިނިތުންވުންވެސް އެވަގުތު އަހަންނަށް އުނދަގޫ ކުރިއެވެ. އެކޮޅުން ވާހަކަދައްކަނީ ކާކުކަން ނޭނގެތީއެވެ. ފޯނު ބާއްވަމުން ތޫ އައިސް އުނދޯލީގައި ޖައްސާލިއެވެ. އަހަރެން އަނެއްކާވެސް ތޫކައިރިން ދޭންއުޅޭ ސަޕްރައިޒްގެ ވާހަކަ އަހާލީމެވެ. އަހަންނަށް އެކަމެއް ބަލާލަން ކެތްމަދުވެފައިވާ ކަހަލައެވެ. ތޫ އެދުނީ އަދި މަޑުކުރުމަށެވެ. ވަގުތަކަށްފަހު ވަގުތަކަށް އަހަރެންގެ ހިތުގެ ތެޅުން ބާރުވަމުންދިޔައެވެ.
މާގިނައިރުތަކެއްނުވެ އެތަނަށް ސައިކަލުގައި ފިރިހެން ކުއްޖަކުއައެވެ. ތޫ ފެނުމާއިއެކު އެކުއްޖާ ހީނލިއެވެ. ތޫވެސް ހިނިތުންވެލަމުން އުނދޯލިން ތެދުވެގެންގޮސް އެކުއްޖާ ކައިރިޔަށް ހުއްޓުނެވެ. އެއީ ކަޅު އެހެނަސް ބަލާބެލުމަށް ރީތި ކުއްޖެކެވެ. އެކުއްޖާ ކައިރީގައި ހުއްޓެމުން ތޫ އަހަންނަށް ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ. އަހަންނަށް ހުރީ ވާނުވާ ނޭނގިފައެވެ. އެހާވަރަށް ހާސްވެސް ވެފައެވެ. އެކުއްޖާއާއިއެކު ތޫ ހުރިތަން ފެނުމުންނެވެ. އަހަންނަށް ތެދުވެވުނެވެ. ސުވާލުގެ ނަޒަރަކުން އަހަރެން ދެމީހުންނަށް ދެފަހަރު ބަލަމުން ގެންދިޔައީމެވެ. އަހަރެންގޮސް ތޫމެން ކައިރިޔަށް ހުއްޓުނީމެވެ. އެއާއިއެކު އެކުއްޖާ އަހަންނާއި ސަލާމްކުރަން އަތްދިއްކޮށްލިއެވެ. ”ހައި… މިއީ އެޑަމް. ތިއީ އަޔާންދޯ…” އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. އަދި ގަދަކަމުން ހިނިތުންވެލަމުން އެޑަމްއާއި ސަލާމްކުރީމެވެ. އަހަންނަށް ބަލާލެވުނީ ތޫއަށެވެ. އަހަރެންގެ ބެލުމުން ތޫއަށް އަހަރެންގެ ހިތުގައި ވާއެއްޗެއް އެނގުނީ ކަންނޭގެއެވެ. ”މިއީ އަހަރެން ދޭންއުޅުނު ސަޕްރައިޒަކީ. އެޑަމްއަކީ އަހަރެންގެ ބޯއިފްރެންޑް….” ތޫ ވަރަށް އުފާވެފައި ހީލަމުން ބުންޏެވެ. ”އެޑަމް. މިއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އަޔާން.” ތޫ އެޑަމްއަށް ބަލާލިއެވެ. އަހަންނަށް ހީވީ އަހަރެންގެ ކަންފަތަށް ތޫނުއެއްޗެއް ހެރުނުހެންނެވެ. އަހަންނަށް ބުނާނެއެއްޗެއް ނޭނގުނެވެ. ނޭވާ އަރުތެރޭގައި ބެދުނު ކަހަލައެވެ. މޫނުމައްޗަށް އަނދިރިވިހެންވެސް ހީވިއެވެ. އަހަރެންގެ މޫނުމަތީގެ ކުލަވަރުން އެޑަމްއަށް އެއްޗެއް ވިސްނިދާނެހެން ހީވުމުން އަހަރެން ކުރިޔަށްވުރެ ބޮޑަށް ގަދަކަމުން ހީލީމެވެ. ”ތޫ ނުވެސް ބުނަމެއްނު އެޑަމްގެ ވާހަކައެއް. ކޮންއިރަކު ހިނގި ކަމެއްތީ؟” ހިތުގައި އަޅަމުންދިޔަ ވޭން ފޮރުވަމުމަށް ބޭރުފުށުން އަހަރެން ހީލަމުން އެމީހުންނާއި އެއްވެސްކަމެއް ނުވާފަދައިން މުޚާތަބްކުރަން މަސައްކަތް ކުރީމެވެ. ”އަޔާން އެއްފަހަރުވެސް ނާހަމެއްނު. އެޑަމްއާއި އަހަރެންގެ ގުޅުމަށް މިހާރު ދެއަހަރު ވެދާނެ. އެޑަމް އުޅެނީ މިކޮޅުގައި.” ތޫ އަހަންނަށް ބަލާލުމާއިއެކު އަހަރެން ވަގުތުން އެޑަމްއަށް ބަލާލީމެވެ. އެލޮލާއި ލޯ ހަމަނުކުރަންވެގެންނެވެ. އަހަރެން އެހާ ހިތްދަތިވެފައި ހުރިއިރުވެސް ތޫގެ މުނުގައިވި އުފާވެރިކަން ފެނިފައި ހިތަށް ހިންހަމަޖެހުން ލިބުނެވެ. ފަހަރުގައި ލޯތްބަކީ އެއީއެވެ. އަހަރެން ބޭނުންވަނީ އަހަރެންގެ އުފަލަށްވުރެ ތޫގެ ހިންހަމަޖެހުމެވެ. އެދެމީހުން ހީނހީނފައި ވާހަކަދައްކަމުން ދިޔައެވެ. އަހަރެން ފެންކަޅިވެފައި ބަލަން ހުރީމެވެ. އެމީހުން އަހަންނަށް ބަލާލުމާއިއެކު ގަދަކަމުން ހީލަމުންނެވެ. އެމީހުންގެ ވާހަކައިގައި ބައިވެރިވަމުން ހަލުވިކޮށް އެސްފިޔަޖަހާލަމުން އަހަރެންގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިފަހައްޓަމުން ދިޔައީމެވެ. ނިހާލުމެން ގެއަށްއައީ އަހަރުމެން އެތާ ތިއްބައެވެ. އެމީހުންފެނުމާއިއެކު އަހަންނަށް ކުޑަ ހިންހަމަޖެހުމެއް ލިބުނެވެ. އެމީހުން އެތަނަށް އައިކަން ނަސީބޭ އަހަރެންގެ ހިތަށްއެރިއެވެ. ………………….. (ނުނިމޭ)
5 Comments
Comments are closed.
ހަާދަ ކަޑައޭ ތި ހެދި ގޮތް
ދެން ނޫން… އަޔާންއަށް ތޫ ދީބަލަ ދެން…
ސޯ ސޭޑް..
ކީއްކުރާނީދޯ؟؟؟؟؟؟؟؟؟؟؟؟ ބައެއްފަހަރު ލޯބި ހާޞިލް ކުރެވޭނީ އުނދަގުލުން…….
SALHJ