ޤުރުބާންވުމީ މިހިތުގެ އުފާ 18 ވަނަ ބައި
އެރޭ ރީތިވެގެން އަބްޔާން އައިސް ގޮނޑިއެއްގައި އިށީދެގެން އިނެވެ. އަމިއްލަ ފައިގެ ފަލަމަސް ގަނޑުގައި ދެ އުޅަބޮށި ވިއްދާލައިގެން ބޮލުގައި ހިފަހައްޓާލައިގެން އިސް ޖަހައިގެން އަބްޔާން އިނެވެ. އަބްޔާން އަދިވެސް އިނީ މިއަދު ނޫރު ކުރި ކަމަކުން ހިތްހަމަ ނުޖެހިފަ އެވެ. ޖަންނަތު ހިތައް އަރާނީ ކީކޭބާ އެވެ.
ކައިވެނީގެ ހަފްލާ ފެށިގެން ދިޔަ އެވެ. ކައިވެނި ކުރާ ބޭފުޅުން ވެސް އައިސް މޭޒުދޮށުގައި އިށީދެގެން ތިއްބެވެ. ޒައީމާއާއި ވާފިރު ވެސް އެމީހުން ގާތު ތިއްބެވެ. ސާރާއާއި މުޒައްފަރު އަދި ނާދެ އެވެ. މުޅިތަނަށް ވެރިވެފައި ވަނީ އުފާވެރި ކަމެވެ. މަޑު މިއުޒިކެއްގެ އަޑު އިވެމުން ދިޔަ އެވެ. އަބްޔާން އަދިވެސް އެގޮތަށް އެ ގޮނޑީގައި އިނެވެ.
“އަބީ! އަބީ!” ނޫރު ގޮވަމުން އައިސް އަބްޔާން ކައިރީ ހުއްޓުނެވެ. އަބްޔާން ނޫރުއަށް ބަލައިލި އެވެ. “ކަލޭ އަންނާށޯ އެތާ މޭޒުކައިރިއަށް. ތީ ހެކިވެރިއެއް ނޫންތަ؟”
“މުޒޭ މެން އައީތަ؟” އަބްޔާން އަހާލަމުން ތެދުވި އެވެ. އެވަގުތު ސާރާއާއި މުޒައްފަރު ދޮރުން ވަންތަން ފެނުނެވެ. ނޫރުއާއި އަބްޔާން އެދިމާލަށް ބަލަން ތިއްބެވެ. ސާރާ ވަރަށް ރީއްޗެވެ. ރަތް ކުލައިގެ ކައިވެނީގެ ހެދުމުގައި ސާރާ ހުރިއިރު ރީތި މޭކަޕެއް ވެސް ވަނީ ކޮށްލާފަ އެވެ. މުޒައްފަރު ވެސް ކަޅުކުލައިގެ ކޯޓުގައި ހުރިއިރު ވަރަށް ޝާހީ ގޮތެއް ސިފަ ވެގެން ދިޔަ އެވެ.
އަބްޔާންގެ ލޮލުގައި އަޅައި ގަތީ އެދެމީހުން ފަހަތުން ވަދެގެން އައި ހޫރު ޕަރީއެއް ފަދަ އަންހެން ކުއްޖާ އެވެ. ޖަންނަތު ހުރީ ކަޅު ކުލައިގެ މެކްސީއެއް ލައިގެނެވެ. އެ ހެދުމުގައި ރަތް ކުލައިގެ މާތަކުން މޭމަތިން ފެށިގެން ތިރިއަށް ފައިބާފައި އޮތް ވެޔޮގަޑެއް އޮތެވެ. ޖަންނަތު ދޮން ވުމުން ކަޅު ހެދުން ލާފައި ހުންނައިރު ހީވަނީ ކަޅު ވިލާގަނޑެއްގެ ތެރެއިން ހަނދު ފާޅުވެފައި ވާ ހެނެވެ. ކޮށްލާފައިވާ މަޑު މޭކަޕުން ވެސް ރީތިކަން އިތުރަށް ފާޅުވެ އެވެ. އަބްޔާން އާޝޯޙް ވެފައި ބަލަން ހުއްޓެވެ. ނޫރު ވެސް އެދިމާ ބަލަން ހުރީ ހައިރާން ވެފަ އެވެ. ވަދެގެން އައި އެންމެންގެ ރީތިކަމަށް ހިތުގެ އަޑިން ތަޢުރީފު ކޮށްލަ ކޮށްލާ ނޫރު ހުއްޓެވެ.
“އަބީ، ހިނގާ.. އެމީހުންވެސް އެ އައީ.” ނޫރު އަބްޔާން އަތުގައި ހިފާ ދަމައި ގަންނަމުން ބުނެލި އެވެ.
ކައިވެނި ފެށިގެން ދިޔަ އެވެ. ސާރާ އިނީ ހެދުމުގެ އެއްބައި ނަގާ އަތައް ލައިގެން މޮޑެލަ މޮޑެލަ އެވެ. ސާރާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމާއި އެއްވަރަށް ހާސް ކަމެވެ. މުޒައްފަރު އަނބި ޤަބޫލު ކުރަމޭ ބުނި ވަގުތު ސާރާގެ ލޮލުން ކަނުނަ ނިރާލި އެވެ. ތުންފަތަށް ހިނިތުން ވުމެއް ވެރިވެގެން ދިޔައެއް ކަމަކު ލޮލުން ކަރުނަ ފައިބައި ގަތެވެ. އެންމެން އެންމެނަށް ސަލާމް ކޮށްލުމަށް ފަހު ސާރާ ގޮސް ޒައީމާ ގައިގައި ބައްދައި ގަތެވެ. ޒައީމާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތް އިރު ސާރާއަށް ރޮވެނީ އެވެ.
“ސާރާ، ދަރިފުޅާ… ތިވަރަށް ދެން ތި ރޮނީޔޯ؟” ޒައީމާ ހިނިއައިސްފައި ހުއްޓެއް ކަމަކު އަހާލި އެވެ. ވެގެން އުޅޭގޮތް ޒައީމާއަށް އިނގެ އެވެ. އެއީ ޒައީމާ ކޮއްކޮ ވަރުދާގެ ކައިވެނި ވީ ދުވަހު ވަރުދާ ވެސް އުޅުން ގޮތެވެ. އުފަލުން ގޮސް ރޮވެނީ އެވެ.
“ސާރާ، މިއަދު އުފާވާންވީ ދުވަހު ރޮނީތަ؟” ޒައީމާ ކައިރީ ހުރި ޖަންނަތު އަހާލި އެވެ. އޭރު އެތާ ދާދި ގާތުގައި ޒައިދާން ވެސް ހުއްޓެވެ. ޒައިދާންއަށް ސިފަވެމުން ދިޔައީ ވަރުދާ ވެސް އެގޮތަށް ހަމަ ޒައީމާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ރުއި ތަނެވެ. ޒައިދާންގެ ހިތަށް ވަރަށް އަސަރު ކުރި އެވެ. ވަރުދާގެ ހިޔާލު ކުއްލިއަކަށް އައުމުން ލޮލުން ކަރުނަވެސް ނިރާލި އެވެ. ޒައިދާން ލޯ ފޮހެލި މަންޒަރު ޖަންނަތުއަށް ފެނުނެވެ. ޖަންނަތު ހައިރާން ވެފައި ޒައިދާންއަށް ބަލައިލި އެވެ.
“ވަރުދާވެސް ހަމަ އެގޮތަށް އުޅުނީ ކައިވެނި ކުރި ދުވަހު. ދޯ ދައްތާ.” ޖަންނަތު ބަލާތީވެ ޒައިދާން ހިނިތުން ވެލަމުން ބުނެލި އެވެ.
“އެއީ ތެދެއް. މީ އާއިލީ ކަމެއް ކަންނޭގެ.” ޒައީމާ ހީލަމުން ބުނެލި އެވެ.
“ދެން ހެޔޮ. މޭކަޕް އެއްކޮން ރުއިން ކޮށްލަން ވެގެން ތި އުޅެނީ. ދެން ނުރޮއެ ބަލަ.” ޒިޔާދާ އައިސް ބުނެލި އެވެ. އަދި ޓިޝޫއެއް ސާރާއަށް ދިއްކޮށްލި އެވެ. ސާރާގެ ލޮލުގައިވާ އަނދުންތައް ވަނީ ފޭދިގެން ލޯ ކައިރިއަށް ފައިބާފަ އެވެ. ޒިޔާދާ ވެސް އަދި ޓިޝޫއެއް ހިފައިގެން އައިސް އެ ސާފުކޮށްދޭން އުޅުނެވެ. “ކުޑާވެސް ހަމަ ރޯން ވެއްޖެތަ؟ ވަރަށް ފޫހިވޭ.” ޒިޔާދާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.
ހަފްލާއަށް ދައުވަތު ދީފައިވާ މީހުން އަންނަން ފެށި އެވެ. ޖަންނަތު އައިސް ފެންތަށިތައް ބަހައްޓާފައިވާ ތަނުގައި މަޑުކޮށްލި ވެގުތު އަބްޔާން ވެސް އައިސް އެތާ ހުއްޓުނެވެ.
“ޖަންނާ،” އަބްޔާން ފެންތައްޓެއް ނަގާ ކޯވަރެއް ބޯލި އެވެ. ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ. “ޔޫ ލުކް ބިއުޓިފުލް. އަސްލު ވެސް.” އަބްޔާން ހިނިތުން ވެލަމުން ބުނެލި އެވެ. ޖަންނަތު ލަދުން އިސްޖަހާލަމުން ތިރީ ތުންފަތުގައި ދަތް އަޅާލި އެވެ. “މިއަދު އަސްލު… ލަވަޖެހީ… އެއީ އަބީގެ ކަމެއްނޫން އިނގޭ.”
“އާން، އިނގުނޭ. ނޫރު ކަމެއް ދޯ.” ޖަންނަތު ވެސް ފެންތައްޓެއް ނަގަމުން ބުނެލި އެވެ. އަބްޔާން ހީލި އެވެ.
“އެކަމަކު އެއީ ހަމަ އަސްލު އަބީ ޖަންނައަށް ޖެހި ލަވައަކަށް ވީނަމަޔޯ؟” އަބްޔާން ނިކަން ފަރުވާތެރިކޮން ޖަންނަތުއަށް ބަލައިލަމުން އަހާލި އެވެ. ޖަންނަތު އަބްޔާންއަށް ބަލައިލާފައި ރަކި ހިނިތުން ވުމެއް ދެމުން ފެން ކޯވަރެއް ބޯލުމަށްފަހު ފެންތަށި ބެހެއްޓި އެވެ.
“އޭރުން ވަރަށް އުފާވީސް.” އެހެން ބުނެފައި އަވަހަށް އެތަނުން ދިޔަ އެވެ. އަދި ދަމުން ވެސް އެއްފަހަރު ހިނިތުން ވެލަމުން އަބްޔާންއަށް ބަލައިލި އެވެ. އަބްޔާން ވެސް ހިނިއައިސްފައި ހުރެ ބޮލުގައި އަތްކާތާލި އެވެ.
ޖަންނަތު އަދިވެސް ހިނިއައިސްފައި ހުރެ ގޮސް އެރުނީ އަލިމަނިކުގެ ކުރިމައްޗަށެވެ. އަލިމަނިކު ޖަންނަތުއަށް ގޮވާލި އެވެ. އަދި ޖަންނަތުއާއި ވާހަކަ ދައްކަލަން ބޭނުން ކަމުގައި އަލިމަނިކު ބުންޏެވެ. ޖަންނަތުގެ ހިނިތުންވުން ކުއްލިއަކަށް ފަލައިގެން ދިޔަ އެވެ. ޖަންނަތުއަށް ދެކޮޅު ހަދާކަށް ނުކެރުނުނެވެ. އެހެން ކަމުން އަލިމަނިކުއާއި އެކު ގޮސް މޭޒެއް ކައިރީ އިށީނީ އަލިމަނިކު ދައްކާ ވާހަކަ އަޑު އަހާށެވެ.
އަލިމަނުކު ދެއްކި ވާހަކައިން ޖަންނަތު ހުރީ ވިސްނުމެއްގަ އެވެ. ޖަންނަތު އިރުކޮޅަކާ ޒައިދާންއަށް ބަލައިލަނީ ޒައިދާން ގާތު ވާހަކައެއް ބުނަން ބޭނުންވެފައިވާ ގޮތަށެވެ. ޒައިދާން އޭރު ހުރީ ވާފިރުއާއި އެކު ބޮޑު ވާހަކައެއް ދައްކާށެވެ.
“ޖަންނާ،” އަބްޔާން އައިސް ޖަންނަތު ކައިރިއަށް ހުއްޓެމުން ގޮވާލި އެވެ. “ކިހިނެއްވެފަތަ ތި ހުންނަނީ؟”
“ކަމެއް ވެފަތަ މިހިރީ؟”
“ދެން އާން… ބުނެބަލަ ދެން.” އަބްޔާން ޖަންނަތުގެ ކުިރމައްޗަށް އަރަމުން ޖަންނަތުގެ ލޮލަށް ބަލައިލަމުން ބުނެލިއެވެ. “މަ ދެކުނިން އަލިމަނިކުބެޔާ ވާހަކަ ދައްކަނިކޮން…. ކޮން ވާހަކައެއް އަލި މަނިކުބެ ދެއްކީ؟”
“އަބީ،” ޖަންނަތު އެއްއަތުން އަނެއްއަތުގައި ހިފާލައިގެން ހުރެ ބާރުކޮށްލި އެވެ. “އަހަރެން ޒައިދާންއާ ވާހަކަ ދައްކަލަން ބޭނުން ވެއްޖެ. ޕްލީސް.” ޖަންނަތު ބުނެލި އެވެ. އަބްޔާން ޒައިދާން ހުރި ދިމާލަށް ބަލައިލާފއި ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު ޒައިދާންއާ ކުއްލިއަކަށް ވާހަކަ ދައްކަން ޖެހުނީ ކީއްވެކަމާއި މެދު ސުވާލި އުފެދުނެވެ. “ޒައިދާން ގާތު ބުނެލަދެވިދާނެތަ؟”
“ޖަންނާ… ތި ވެގެން އުޅޭ ގޮތެއް އެންމެ ކުރިން އަހަރެން ގާތު ބުނެ ބަލަ. ޒައިދާން އެހެރީ މީހަކާ ވާހަކަ ދައްކާކަށްނު.”
ޖަންނަތު ފުންނޭވާއެއް ބޭރުކޮށްލި އެވެ. އަދި މަޑުމަޑުން ހިނގަން ފެށި އެވެ. އަބްޔާން ވެސް ޖަންނަތުއާއި އެއްވަރަށް ހިނގަން ފެށި އެވެ.
“ބޮޑުބެ ދެއްކީ ބައްޕަގެ ދެ ދޯނި…. މިހާރު ބޮޑުބެ ގެން ގުޅޭ ދެ ދޯނި ވިއްކާލާ ވާހަކަ. ބޮޑުބެ އެ ދެދޯނި ހަދަން ނެގި ލޯނު ނުދެއްކިގެން އެ ވިއްކާލަނީޔޯ… އަދި ފިހާރަ ވެސް މިހާރު ވިޔަފާރި ނުވާތީ ހުއްޓާލަނީޔޯ. މިރަށުގެ ބައިވަރު މީހުނަށް ބޮޑުބެ ވަނީ ދަރާފަޔޯ… އެހެންވެ އެދަރަނި އަދާކުރާނެ ގޮތެއްވެސް ނެތިގެން އެވާހަކަ ދެއްކީ. އަހަރެން އެހިން އަހަރެން ކައިރީ ކީއްވެހޭ ތި ދައްކަނީ. ބުނީ ޖަންނަތު ގާތު ބުނެލަން ޖެހޭނެ ނޫންހޯ ދޯނި ވިއްކާލާތީ. ފަހަރެއްގައި ދޯނި ވިއްކާލާފަ ދަރަނި އަދާކުރެވިދާނެޔޯ. ބޮޑުބެ ވަރަށް ދެރަވެފަ ހުރީ. އަހަރުމެނާ މެދު ކަންތައް ކުރެވުނު ގޮތުން. ބޮޑުބެ ދައްތަގެ ސަބަބުން އެޅުނު ޅައެއްޗެކޯ ވެސް ބުނެފި. މާފަށް ވެސް އެތަކެއް ފަހަރު އެދުން.”
އަލިމަނިކު ދެއްކި ހުރިހާ ވާހަކަތަކެއް އަބްޔާންއަށް ކިޔައިދެމުން ސްކޫލްގެ ގޯތިތެރޭ ޖަންނަތު ހިގަމުން ދިޔަ އެވެ. އަބްޔާން ވެސް ޖީބަށް އަތްޖަހާލައިގެން ޖަންނަތުގެ ވާހަކަ އަޑު އަހަމުން ޖަންނަތުއާއި އެއްވަރަށް ހިނގަމުން ދިޔަ އެވެ.
“ދެން ޒައިދާންއާ ވާހަކަ ދައްކަން ބޭނުން ވަނީ ކޮން ކަމަކާ؟” އަބްޔާން އަހާލި އެވެ.
“އަހަރެން ބޭނުންވަނި ބޮޑުބެއަށް އެހީވާން. މިހާރު ބޮޑުބެގެ އެ ފިހާރަ އަލުން ތަރައްގީ ކުރަން. މުޅިން އެހެން ވިޔަފާރިއެއް ބޮޑުބެއަށް ފައްޓަދޭން. ފަހަރެއްގާ ޒައިދާން ގާތު ބުނެގެން ކޮސްމެޓިކްސް ވިޔަފާރިވެސް ކުރެވި ދާނެނު.” ޖަންނަތު ވިސްނާފައިވާ ގޮތް ޖަންނަތު ހިއްސާކޮށްލި އެވެ. އަބްޔާން ހުއްޓިފައި ތިރިއަށް ބަލައިލަން އިރުކޮޅަކު ހުއްޓެވެ. ޖަންނަތު ވެސް ހުއްޓިފައި އަބްޔާންއަށް ބަލައިލި އެވެ.
“ޖަންނާ، މިހާރު މިރަށުގަ ކޮސްމެޓިކްސް ވިއްކާ ފިހާރައެއް އެހެރީ ޒައިދާންގެ. ދެން މިރަށުގެ ޕޮޕިއުލޭޝަންއާ ބަލާފަ މާގިނަ އެއްކަހަލަ ފިހާރަތަކެއް ހުރުމަކުން ވިޔަފާރިއެއް ނުވާނެ. ޖަންނަ ބަލަންވީ ދެން މިރަށުގަ ނެތް ކަހަލަ ތަނެއް ހުޅުވަން.” އަބްޔާން ޖަންނަތުއަށް ހިޔާލު ދިނެވެ.
“މިސާލަކަށް؟” ޖަންނަތު ނިތް އަރުވާލަމުން އަހާލި އެވެ.
“ހާރޑްވެއަރއެއް، ގިފްޓް ޝޮޕެއް، ނޫނީ ބުކްޝޮޕެއް؟ ކިހިނެއްވާނީ؟” އަބްޔާންގެ ހިޔާލާ މެދު ވިސްނާލަމުން ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ.
“އަސްލު އަހަރެން އެތަން ހިންގާކަށްނޫން އިނގޭ… އަހަރެން ބޭނުން ވަނީ ބޮޑުބެ ހިންގަން. އަހަރެން ހަމަ އެކަނި އެހީއެއް ވާން ބޭނުން ވަނީ. އެއީ ބޮޑުބެގެ ތަނެއްގެ ގޮތުގަ ބޮޑުބެއަށް ދޭން ބޭނުން ވަނީ.”
“ތިހެން ވިއްޔާ އެންމެ ރަގަޅު ވާނީ ހާރޑް ވެއަރ ޝޮޕެއް. އަލިމަނިކުބޭ ވަރަށް ކުރާހިތް ވާނެ ކަންނޭގެ. މިހާރު ވެސް އެފިހާރައިގަ ގިނަވާނީ ހާރޑްވެއަރ ސާމާނު. އެހެންތަނަކުން އެއްޗެއް ނުލިބިގެން އެތަނަށް ދާއިރު ހުންނާނެ އެތާ.”
ހޫމް… ތިކަހަލަ ތަނެއް ރަގަޅު ވާނެ.”
“ޖަންނަ އެކަމު ޒައިދާންއާ ވެސް މަޝްވަރާ ކޮށްލަން ފެނޭ.” އަބްޔާން ޒައިދާން ހުރި ދިމާލަށް ބަލައިލި އެވެ. އޭރު ޒައިދާން ޔަޒަން އަތުގައި ހިފައިގެން އައިސް މޭޒެއް ކައިރީ އިށީންނަނީ އެވެ. މޭޒުމަތީ ކާއެއްޗިހި އަޅާފައިވާ ދެ ތަށި ހުއްޓެވެ. ޖަންނަތުވެސް އެދިމާލަށް ބަލައިލާފައި އެދިމާލަށް ހިނގައި ގަތެވެ. އަބްޔާން ޖީބަށް އަތް ޖަހާލައިގެން ޖަންނަތު އާއި ދިމާލަށް ބަލަން ހުއްޓެވެ.
ޖަންނަތު އައިސް އެދެބަފައިން ގާތު އިށީނުމުން ޔަޒަން ނިކަން ބޮޑަށް ހިނިތުން ވެލަމުން ޖަންނަތުއަށް ޔަޒަންގެ އަތުގައި އޮތް ކުޅޭ އެއްޗެއް ދައްކާލި އެވެ.
“މީ ޔަޒަންއަށް ލަހޫ ދިން އެއްޗެއް. ލަހޫ ބުނީ ޔަޒަން ކުޅެލާފަ ލަހޫއަށް މިރޭ ދެއްޗޯ.” ޔަޒަން ބުނެލި އެވެ. ލަހޫ އަކީ ސާރާގެ ދޮންމަންމަގެ ކުއްޖެކެވެ.
ޖަންނަތު ހިނިތުން ވެލަމުން ޔަޒަންގެ ބޮލުގައި ފިރުމާލި އެވެ. އަދި ޒައިދާންއާއި ވާހަކަ ދައްކަން ފެށިއެވެ. އެވަގުތު އެތަނަށް އައި ފޮޓޯ ގްރާފަރު އެތަން ފޮޓޯވެސް ނަގާލި އެވެ. ޖަންނަތު ޒައިދާންއާއި ވާހަކަ ދައްކާތަން ބަލަން ދުރުގައި އަބްޔާން ހުއްޓެވެ.
“ޖަންނާ، ތީ ރަގަޅު ކަމެއް. އެކަމަކު އަހަރެން ވަރަށް ހައިރާންވޭ ޖަންނަތު އަލިމަނިކުބެއަށް އެހީވާން އުޅޭތީ.” ޒައިދާން ބުންޏެވެ.
“އެއީ ކީއްވެތޯ ހައިރާން ވަނީ؟ އެއީ އަޅުގަނޑުގެ ބޮޑުބޭބެޔޭ.”
“ތި ބުނާ ޖަންނަގެ ބޮޑުބޭބެ ޖަންނަމެން ތީ ބޮޑުބޭބެގެ ކުދިން ކަމަށް ކޮން ދުވަހަކުތަ ދުށީ؟ ޖަންނަ މެނަށް އެމީހުން ކުރި ކަންތައް ޖަންނަ ހަދާނެއް ނެތްތަ؟”
“ޒައިދާން، އެއީ އެމީހުން އަމިއްލަ ކަމެއްނު. ކޮންމެ ގޮތެއް ވިޔަސް އެމީހުން ހާލުގައި ޖެހުނީމަ އެމީހުނަށް އަޅާލާކަށް އަހަރުމެން ނޫން ބަޔަކު ނެތް ދޯ.”
“ޖަންނާ، ތީ ކޮން ދުނިޔެ އަކުން އައިސް ހުރި ކުއްޖެއް؟” ޒައިދާން ޖަންނަތުއާއި ދިމާލަށް ބަލަން އިނދެލާފައި ބުނެލި އެވެ. “ޖަންނަގެ ތިކަހަލަ ކަންތައް ހުންނާތީއޭ އަހަންރެން ޖަންނައަށް ގަދަރު ކުރަނީ.” ޒައިދާން އެހެން ބުނުމުން ޖަންނަތު ހިނިތުން ވެލި އެވެ.
“މިކަމަށް ޒައިދާން ހެލްޕް ވާނަން ދޯ؟” ޖަންނަތު އަހާލި އެވެ. ޒައިދާން ބޯ ޖަހާލި އެވެ. “ތޭންކްސް.”
ޖަންނަތު އެތަނުން ތެދުވެގެން ދުރަށް އައުމުން އަބްޔާން ޖަންނަތު ގާތަށް އައިސް ޒައިދާން ގެ ވާހަކަ އޮޅުން ފިލުވި އެވެ. ޖަންނަތު އަބްޔާންއަށް އެވާހަކަ ކިޔައިދޭން ހުއްޓާ ނޫރު އެތަނަށް އައެވެ.
“އަބީ، ކަލޭދެން ދޯ… އަދިވެސް ބުނާނެ ގުޅުމެއް ނޯވެޔޭ… އެކަމަކު މި ޕާރޓީގައި އަދި ތި ދެމީހުން ދުރުގަ ތިބޭ ތަނެއް ނުފެނޭ.” ނޫރު އައިސް ދިމާކޮށްލުމުން ޖަންނަތު އަވަހަށް ރަކިވެގެން އެތަނުން ދުރަށް ދިޔަ އެވެ. އަބްޔާން ނޫރުގެ ބޮލުގައި ޖަހާލި އެވެ.
ޕާރޓީއަށް އައިސްފައިވާ މެހެމާނުންތައް މަދުވާން ފެށި އެވެ. މުޒައްފަރުއާއި ސާރާވެސް އައިސް މޭޒެއް ކައިރީ ކާން ތިއްބެވެ. ބައެއް ޒުވާން ކުދިން މުޒައްފަރުއާއި ސާރާ ސަލާން ކުރަން ހަދާފައިވާ ތަނުގައި ތިބެގެން ގޮތް ގޮތަށް ފޮޓޯ ނަގަމުން ސަކަރާތުގައި އުޅެ އެވެ. ޒީނަތުއާއި މޫސަ ވެސް އެތާ ތިބެގެން ފޮޓޯ ނެގި އެވެ.
“ހާދަ ރޮމް ފޮޓޯއެއް.” ޒިޔާދާ ދިމާކޮށްލި އެވެ. އެތަނުން ޒުވާނުން މަދު ވެލުމުން ޖަންނަތުވެސް ގޮސް އެތަނަށް ހުއްޓިލާ ސެލްފީއެއް ނަގާލި އެވެ. އެވަގުތު ކުރިމަތީ ފޯނު ހިފައިގެން ހުރި ނޫރު ވެސް ޖަންނަތުގެ ފޮޓޮއެއް ނެގިތަން ޖަންނަތުއަށް ފެނުނެވެ.
“އޭ، ނޫރު. މަގޭ ހެދުން އެއްކޮން އަރާ ގޮތަށް ފޮޓޯއެއް ނަގާބަލަ.” ޖަންނަތު ބުނެލި އެވެ. ނޫރު ނިކަން ހެވިފައި ޖަންނަތު އެބުނި ގޮތަށް ފޮޓޯ ނެގި އެވެ. ޖަންނަތުއަށް ނޭގުނީ ނޫރު އަބްޔާންގެ ފޯނުން ފޮޓޯ ނަގަމުން ދިޔަ އިރު ޖަންނަތު ފަހަތުގައި އަބްޔާން ވެސް ހުރި ކަމެވެ. ޖަންނަތު ނަގާ ކޮންމެ ފޮޓޯއެއްގެ ފަހަތުގައި ޖަންނަތުއާއި ދާދި ގާތުގައި އަބްޔާން ހުރެ އެވެ.
“ނޫރު، މަށަށް ޕްރައިވެޓްކޮން ހުރިހާ ފޮޓޯއެއް ފޮނުވައްޗޭ.” ޖަންނަތު އެތަނުން ފައިބައިގެން އައިސް ނޫރު ކައިރިއަށް ހުއްޓެމުން އެހެން ބުނެލި އެވެ. އަދި ދުރުގައި ހުރި ޒައީމާއާއި ދިމާލަށް ހިގައި ގަތެވެ. ނޫރު އަބްޔާންއަށް ބޮނޑުވާ އިނގިލި ހިއްލާލަމުން ބަރާބަރުގެ ނިޝާން ދައްކާލި އެވެ. އަބްޔާން އައިސް ނޫރު އަތުން އޭނަގެ ފޯނު އަތުލާ ފޮޓޯތައް ބަލައިލި އެވެ. ހީވަނީ ދެމީހުން އެއްކޮން ނަގާފަ ހުރި ފޮޓޯ ހެނެވެ. އަބްޔާން ހިނިތުން ވެލި އެވެ.
ކައިވެނީގެ ހަފްލާ ނިމިއްޖެ އެވެ. ދެން އައި ދެދުވަހަކީ ޖަންނަތުއަށް ބުރަކޮން އުޅެން ޖެހުނު ދެދުވަހެވެ. ގެއަށް އައިސްފައިވާ މެހެމާނުން ފުރާތީ ޒައީމާ ކޮންމެ ހެނަކުންވެސް އެމީހުނަށް ހަދިޔާ ހަދަން ހިޔާލު ކުރި އެވެ. ޖަންނަތުގެ ފުރިހަމަ އެއްބާރުލުން ޒައީމާއަށް ލިބުނެވެ. އަދި ހަދިޔާ ހެދީ މަދެއްކޮނެއް ނޫނެވެ. ޒިޔާދާ މާލެ ދާތީ އެގޭމީހުނަށް ވެސް ހަދިޔާ ފޮނުވަން ހަދިޔާ ހެދި އެވެ. އަބްޔާން ވެސް ކައިވެނި ނިމުމާއި އެކު ޖެހިގެން އޮތް ދުވަހު ފުރައިގެން ދިޔައީ ފެކްޓްރީއަށެވެ. ދޭތެރެއަކުން އެރަށް ބަލަން އަބްޔާން ދެއެވެ.
މެންދުރު ކައްކާފައި ޖަންނަތު ފެންވަރައިގެން އައިސް އިށީނީ ދޮވެފައި ހުރި ޔަޒަންގެ އެއްޗިހި ފަތް ޖަހާށެވެ. ގޭތެރޭ އަޑު މަޑީ އެދުވަހު ޒައީމާ ވީ މާލެ ގޮހެވެ. ޒިޔާދާ ލާން ދިޔަ އިރު ދިޔައީ ޔަޒަން ވެސް ގޮވައިގެނެވެ. ދެން އެމީހުން އަންނާނީ ހަފްތާ ބަންދުވެސް ނިމުނީމަ އެވެ.
މަގުމަތިން ބަރުގަނޑު އަޅުވާ އަޑު އިވިގެން ޖަންނަތު ދޮރާ ދިމާލަށް ބަލައިލި އެވެ. ސައިކަލު މަތީ އަބްޔާން އިނދެގެން ބަރުގަނޑު އަޅަނީ ސޯފާގައި އިން ޖަންނަތު ފެނިގެނެވެ. ޖަންނަތު އެއްޗިހިތައް ބަހައްޓާފައި ބޭރަށް ނުކުތެވެ.
“ކޮން އިރަކު އައީ؟” އަބްޔާން ރަށަށް އައި ކަމެއް ޖަންނަތުއަށް ނޭގޭތީ އަހާލި އެވެ.
“ހެނދުނު އައީ… ދެން އެއްޗިހި ދޮވެލާފަ މިސްކިތައް ގޮސްލާފަ މިއައީ.” އަބްޔާން ބުންޏެވެ.
“ކީއްވެ އެއްޗިހި ދޮންނަން ނުބުނީ؟” ޖަންނަތު އަހާލި އެވެ.
“މަންމައެއްނު ޖަންނަ ކައިރީ ބުނަނީ… އަހަންނަށް އެކަނި އެއްޗިހި ދޮވެވޭނެޔޭ.” ޖަންނަތު ނިއްއަރުވާލި އެވެ. “ކޮބާ މަ ބުނި ކަންތައް؟ އަދިވެސް ފްރީއެއް ނޫންތަ؟”
“ކޮން ކަމެއް؟”
“ޖަންނާ… ޕްރޮމިސް ކުރީމެއްނު.” އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ.
“އާން! އެކަންތައް ދޯ… ޔެސް އާން… އައި ފޮރގޮޓް.” ޖަންނަތު ނިތްކުރީ އަތް ޖަހާލަމުން ހަދާން ވެގެން ބުނެލި އެވެ.
“ފްރީތަ މިހާރު؟” އަބްޔާން އަހާލި އެވެ. ޖަންނަތު ބޯ ޖަހާލި އެވެ.
“އަރާ ސައިކަށް.”
“މިހާރު؟”
“އާން.. ތި ބުނީނު ފްރިޔޭ.”
“އާން… އެކަމު ކުޑަކަމެއް ކޮށްލަނީ މި. އެކަންތައް ނިންމާލާފަ އޯކޭތަ؟”
“ކިހާ އިރެއް ވާނެ؟”
“ފައިވް މިނިޓްސް.”
“އޯކޭ… މަ އަންނާނަން.” އަބްޔާން ސައިކަލުގަ ހިގައްޖެ އެވެ. ޖަންނަތު އަވަހަށް ގެއަށް ވަދެ ކުރަން އިން ކަންތައް ކޮށްލާފައި އަދި ގޭތެރޭ އިތުރަށް ކުރަން ހުރި ބައެއް ކަންތައް ވެސް އަވަހަށް ކޮށްލާފައި ދޮރުކައިރިއަށް ނުކުތެވެ. އޭރު އަބްޔާން އައިސް އެގޭ ދޮރުކައިރިއަށް މަޑުކޮށްލަނީ އެވެ.
“ހާދަ ޓައިމްއަށް ބަރާބަރޭ.” އަބްޔާން ބުނެލި އެވެ. ޖަންނަތު ހިނިތުން ވެލަމުން އަބްޔާންގެ ސައިކަލަށް އެރި އެވެ.
“ކޮންތާކަށް މިދަނީ؟” އަބްޔާން ވަލުމަގަށް އެޅުމުން ޖަންނަތު ބުނެލި އެވެ.
“ވަލަށް.”
“ވަޓް؟” ޖަންނަތު ކުޑަކޮން ޖެހިލުން ވިއެވެ. “ވަލަށޭ؟ ކީއްކުރަން؟”
“ހަމަޖެހިބަލަ… އެއްޗެއް ދައްކަންށޭ ބުނީމެއްނު.”
އަބްޔާން އެމަގުގެ މެދާ ހިސާބުގައި ސައިކަލު ބެހެއްޓި އެވެ. މެންދުރު ކަމުން އެމަގަށް ވަރަށް ވެސް އަވި ގަދަ އެވެ. މަގުގެ ދެފަރާތުން ވެސް މީހެއް ފެންނާކަށް ނެތެވެ. އެހާ އަވިބާރު އިރު އާމުކޮން އެހިސާބަށް އެރަށު މީހުން އައިހެއް ނޫޅެ އެވެ.
އަބްޔާން އައިސް ޖަންނަތުގެ އަތުގައި ހިފާ ވަލުތެރެއަށް ވަދެވެން އޮތް ހަނި މަގުން ހިގައި ގަތެވެ. ހިސާބަކަށް ގޮސް ޖަންނަތު ހުއްޓުނެވެ.
“އަބީ،” އަބްޔާން ކުރަން އުޅޭ ކަމެއް ނޭގޭތީ ޖަންނަތު ހުރީ ބިރުގަންނަގޮތް ވެފަ އެވެ.
“ޖަންނާ، އާދެބަލަ.”
“ޕްލީސް އަބީ. ބުނެބަލަ ތި ގެންދާ ތަނެއް. ނޫނީ ކުރަން އުޅޭ ކަމެއް.”
“ޖަންނާ، އަހަރެން ޖަންނައަށް ކަމެއް ކުރާކަށް ނޫޅެމޭ. ޖަންނަ އަހަންނަށް ޓްރަސްޓެއް ނުކުރަންތަ؟” ޖަންނަތު ބިރުން ހުރިކަން އިނގިގެން އަބްޔާން ބުނެލި އެވެ.
“އަހަރެން އަބީއަށް ވަރަށް ޓްރަސްޓް ކުރަން. އެކަމަކު އަހަރެން ހާދަ ބިރެއް ގަނެޔޭ.”
“ޖަންނާ، ބިލީވްމީ… އަހަރެން ހަމަ އެއްޗެއް ދައްކާލަންށޭ. އިޓްސް އަ ސަރޕްރައިސް.” އަބްޔާން އަނެއްކާވެސް ޖަންނަތު އަތުގައި ހިފާ ދަމާލަމުން ބުންޏެވެ. ޖަންނަތު ވެސް ކުރިއަށް ދާން ފެށި އެވެ. ވަލުގައި ހުންނަ ބޮޑު ވަޅާއި ހަމައަށް އާދެވުމުން އަބްޔާން މަޑުކޮށްލި އެވެ.
“އަހަރުމެން ކުޑައިރު މިތަނަށް އަންނަ ހަދާން ވޭތަ؟” އަބްޔާން އަހާލި އެވެ.
“އާން، ދެން ހަދާން ހުންނާނެނު…. ކުޑައިރު އަބަދު ވަލުގައި އުޅެފައި މި ވަޅުން ފެން ބޮއެގެން ގެއަށް ދަނީ.”
“އާން… އޭރު ވަރަށް މަޖާ ދޯ.”
“ހޫން… އަބީ މިތަނަށް ތި ގެނައީ މިވަޅު ދައްކަންތަ؟”
“ނޫނޭ… މިވަޅެއްނޫން. މިވަޅު ހުރި ހިސާބަށް ވުރެން އެތެރެއަށް ދުވަހަކުވެސް ވަނިންތަ؟”
“ނޫން. ނުވަންނަން.”
“އާދޭ.” އަބްޔާން އަނެއްކާވެސް ޖަންނަތު އަތުގައި ހިފައިގެން ހިގައި ގަތެވެ.
“އަބީ، މިހިސާބުން އެތެރެއަށް ނުވަންނަން އަހަރުމެން މަންމަމެން އޭރު ބުނޭ. އެހެންވެ ނުވަންނަނީ… ކޮން އެއްޗެއް އެތެރޭގަ އޮތީތަ؟”
“ފެންނާނެ… އާދޭ ބާރަށް.” އަބްޔާން ޖަންނަތު އަތުގައި ހިފާ ދުއްވައި ގަތެވެ. ޖަންނަތުއަށް ވެސް ޖެހުނީ އަބްޔާން ފަހަތުން އެއްވަރަށް ދުވާށެވެ. ބާރަކަށް ނުދުވެވެ އެވެ. ހިމަ މަގުގެ ދެފަރާތުން ގަސްތައް ކޭތޭތީ އެވެ. ވަރަށް ދުރަށް ދުވި ފަހުން ހާމަ ހުސް ތަނަކަށް އާދެވުނެވެ. އެތާ ހުރި ބޮޑު މިދިލި ގަހުގެ ދަށުގައި ހިމަ ބެންޗެއް ހުއްޓެވެ. އަދި ކުރުނބާ ބޮއެފައި ހުރި ކަމުގެ ނިޝާންތައް އެހިސާބުން ފެނެ އެވެ. އެހިސާބުގައި އާދަޔާ ހިލާފަށް ރުއްވެސް ގިނަކަން ފާހަގަ ކުރެވުނެވެ.
“އަބީ…މީ.. މީ ކޮންތަނެއް؟” ޖަންނަތު ދުވެފައި އައުމުން މާނޭވާ ލެވެނީ އެވެ. ނޭވާ ހަމައަކަށް އަޅުވަމުން ޖަންނަތު ދިމަދިމާލަށް ބަލައިލަމުން އަހާލި އެވެ.
“މީ އަހަރުމެންގެ ފެމިލީ ސްޕޮޓެއް… މިތަން މީ އަހަންނަށް ވަރަށް ހާއްސަ ތަނެއް.”
“ވާއު! އެހެންތަ.. އަބީ މިތަން ދައްކަންތަ އެވަރަކުން ތި ގެނައީ؟”
“ޖަންނަ އިށީނދެބަލަ.” އަބްޔާން ހިނިތުން ވެލަމުން އެތާ އިން ބެންޗާއި ދިމާލަށް އިށާރާތް ކުރިއެވެ. ޖަންނަތު ވެސް އެތާ އިށީނީ ވެފައި ހުރި ވަރުބަލިންނެވެ.
“މިޔޮއް ހޫނުވާއިރު އަބީ ތި ގެނައީ މިތަނަށް.. ހާދަ ފެން ބޮވަޔޭ. ފެން ފޮދެއްވެސް ނުލާ ވިއްޔަ ތި އައީ.” ޖަންނަތު އިނީ ވަރަށް ބޮޑަށް ކަރު ހިއްކައި ގަނެފަ އެވެ.
ލައިގެން ހުރި ޓީ-ޝާރޓް ކުއްލިއަކަށް އަބްޔާން ބޭލި އެވެ. ޖަންނަތުއަށް ހައިރާންކަން ލިބި އަނގަ ހުޅުވުނެވެ. އަބްޔާން ޓީ-ޝާރޓް ބެންޗުމަތީ ބޭއްވުމަށް ފަހު އަބްޔާން ލައިގެން ހުރި ޖީންސްގެ ގޮއްތައް ނައްޓަން ފެށި އެވެ. ޖަންނަތަު އިށީދެގެން އިނދެފައި ފުއްމައިގެން ތެދުވި އެވެ. އަދި ލޯބޮޑުކޮށްލަމުން އަބްޔާންއަށް ބަލައިލި އެވެ.
“އަބީ، އަބީ،” ހާސްވެފައި ހުރުމުން ޖަންނަތުއަށް ރަގަޅަށް ވާހަކަވެސް ނުދެއްކުނެވެ. “އަހަރެން… އަހަރެން ބޭނުމެއްނޫން ބަލާކަށް… ޕްލީސް.. އަބީ.”
“ހަހަހަހަ… ރިލޭކްސް ޖަންނާ، މަ ނޫޅެމޭ ޖަންނައަށް ކަމެއް ކުރާކަށް.”
“އަބީ… އަބީ ކީއްކުރަން ތި …އެއް..އެއްޗިހި ބާލަނީ؟”
“ޕިސް… ޖަންނާ! މަ މިއުޅެނީ މިހިރަ ރުކަށް އަރަން ވެގެން. ޖަންނަ ތި ވިސްނަނީ ކިހިނެއްތަ؟ ދެންމެ ބުނީމެއްނު ކަރު ހިއްކާ ވާހަކަ.” އަބްޔާން ޖިންސް ހިފައިގެން އައިސް ޓީޝާރޓް މަތީ ބާއްވަމުން ބުނެލި އެވެ. އަދި ބެންޗު ދަށުން ނެގި ކޮތަޅަކުން ވަޅިއެއް ނަގާ އެތަނުން ރުކަކާ ދިމާލަށް ދިޔަ އެވެ. އަބްޔާންގެ ކޮންމެ ހަރަކާތަކަށް ޖަންނަތު އިނީ ބަލާށެވެ. އަބްޔާން ހަލުވިކޮން ރުކަށް އަރަން ފެށި އެވެ. އިސާހިތަކު ބޮޑު ކުރުނބާ އިހަލެއް އަޅައިގެން ފައިބައިފި އެވެ. އޭރު އަބްޔާން ހުރީ ހިސާބަކަށް ދާހިތްލާފަ އެވެ.
އަބްޔާން އެތަނުން ކުރުބަލެއް ހަދާލާފައި ޖަންނަތުއަށް ދިއްކޮށްލި އެވެ. ޖަންނަތު އެ ހިފާ ބޯލި އެވެ.
“ވާއު، އަބީ… މީ ކޮންކަހަލަ ކުރުބައެއް؟” ޖަންނަތުއަށް ބުނެވުނެވެ. މީރުވީމަ އެވެ.
“މީރު ދޯ.” އަބްޔާން އަނެއްކާވެސް ކުރުނބައެއް ހަދާލާފައި ޖަންނަތުއަށް ދިއްކޮށްލި އެވެ.
“މީރުހޭ؟ ވަރަށް މީރު… އަހަރެން ދުވަހަކުވެސް މިހާ މީރު ކުރުނބައެއް ނުބޮން. އަސްލުވެސް.” އަބްޔާން ދިއްކޮށްލި ތިންވަނަ ކުރުނބާގައި ހިފަމުން ޖަންނަތު ބުނެލިއެވެ.
“މި ކުރުނބައިގައި ވަރަށް ފެން މަދުވާނެ. އެކަމަކު މީރުވާނެ.”
އެހެން އިނދެގެން އަށް ކުރުނބާގެ ފެން ޖަންނަތު ބުޔެވެ. އަބްޔާން ވެސް ކޮންމެވެސް ވަރަކަށް ކުރުނބާގެ ފެން ބުޔެވެ. ކުރުނބާތައް ފަޅައިގެން ހެވާކާން ދެމީހުން ތިއްބެވެ.
“ޖަންނާ! ޖަންނައަށް އިނގޭތަ… އަހަރެންގެ ބައްޕަ މަންމައަށް ޕްރޮޕޯސް ކުރީ މިތަނުންކަން.”
“އަސްލުތަ؟ ހާދަ ރޮމޭންޓީކްއޭ.”
“ބައްޕައާއި މަންމަ ކާށި ހޮވަން ވަލަށް އައިސް އުޅެނިކޮން ދެމީހުން ދިމާވީ… ދެން މަންމަ އެދުވަހު ކަރު ހިއްކައިގަނެގެން އެ ވަޅުން ފެން ބޯން އުޅެނިކޮން ބައްޕައަށް ފެނުނީ. އެދުވަހު އެވަޅުގެ ދާނި ބިނދިފަ އޮތީމަ ފެން ނުނެގުން. ބައްޕަ ގާތު އެވަޅުން ފެން ނަގަން ބުނީމަ ބައްޕަ އައިސް މަންމައަށް މި ރުކުން ކުރުނބާ ބޯންދިނީ. ދެން ދެމީހުން އިންނަން ވަޢުދުވީ.
އަހަރެންނާ ޔާނުއާ ގޮވައިގެން އެއްދުވަހު ބައްޕަ މިތަނަށް އައީ. އެއީ ގޭގަ ބޭއްވި ބޮޑު ކެއުމަކަށް ކާށި ހޮވަން އައި ދުވަހަކު. އެއީ އަހަރެން މި ރުކަށް އެރި ފުރަތަމަ ދުވަސް. ބައްޕަ ބުނުއްވީމަ އެރީ. ދެން އަހަރުމެން ކުރުބާބޯން ތިބި އިރު ބައްޕަ ކިއުއްވީ ބައްޕަގެ ލަވް ސްޓޯރީ. އޭރު އަހަރުމެނަށް ސާދަ ނޫނީ ފަނަރަ އަހަރު ވާނީ. ބައްޕައާއި އެހާ ބޮޑަށް ކްލޯސް ވެވުނީ އެދުވަހުގެ ފަހުން. މަންމަ ގާތު ނުބުނާ ވާހަކަ ވެސް ބައްޕަ ގާތު ބުނަން ކެރުނީ އެދުވަހުގެ ފަހުން. މިތަން އަހަންނަށް އެހާ މުހިންމު ވީ އެހެންވެގެން.” އަބްޔާން ފުންނޭވާއެއް ލިޔެވެ.
“އަސްލުވެސް… އަބީ ތި ކިޔައިދިން ވާހަކައިން މިހާރު މަށަށް ވެސް މިތަން ވަރަށް ހާއްސަ ވެއްޖެ.” ޖަންނަތު ހެވާ ކާން އިން ކުރުނބާ އެއްލާލަމުން ބުނެލި އެވެ.
“ހިންގާ ދާން އުޅެމާ ދޯ.” އަބްޔާން ވެސް އޭނަ ކާން އިން ކުރުނބާ އެއްލާލަމުން ތެދުވި އެވެ. އަދި ބެންޗު ކައިރިއަށް ގޮސް އޭނަގެ ޖީންސް ނަގާ ލި އެވެ. ދެން އެތަން މިތަނަށް އެޅިފައިވާ ކުނިތައް އެއްކައިރި ކުރަން ފެށުމުން ޖަންނަތު ވެސް ތެދުވެގެން އަބްޔާންއާއި އެކު ކުޑަކޮން އެތަން ސާފު ކޮށްލި އެވެ.
ޖަންނަތު ގޮސް ބެންޗު ކައިރީ ހުއްޓުމުން އަބްޔާން ވެސް އައިސް އެތާ ހުއްޓުނީ އެތާ އޮތް ޓީ-ޝާރޓް ނަގާށެވެ. އެވަގުތު ޖަންނަތުއާއި ދިމާއަށް އަބްޔާން ބަލައިލި އިރު ޖަންނަތުވެސް އަބްޔާންއަށް ބަލަން ހުރީ ހިނިއައިސްފަ އެވެ.
ކުއްލިއަކަށް އަބްޔާން އައިސް ޖަންނަތުގެ އުނަގަނޑުގައި ހިފާ ކައިރި ކޮށްލަމުން ތުންފަތަށް ބޮސް ދިނެވެ. ޖަންނަތުއަށް ލިބުނު ސިހުމާއި އެކު ލޯބޮޑުވެގެން ދިިޔަ އެވެ. ނަމަވެސް ކުޑަ ހިދުކޮޅެއް ތެރޭ ލިބިގެން ދިޔަ ފޮނި ހިތްހަމަ ޖެހުމުން ލޯމަރާލެވުނެވެ. އެވަގުތު ކޮޅު ދިގުދެމިގެން މާ ގިނަ އިރަކު ނުދިޔަ އެވެ. އަބްޔާން ކުއްލިއަކަށް ދުރަށް ޖެހިލި އެވެ. އަދި އަނެއްފަރާތައް އެނބުރެމުން ޓީ-ޝާރޓް ގަޔަށް މަހާލި އެވެ. އަވަސް ވެފައިވާ ނޭވާ ހަމައަކަށް އަޅުވަން އުޅޭ މީހަކު ފަދައިން މޭގައި ހިފަހައްޓާލަމުން ލޯ މަރާލި އެވެ. މީގެ ކުރިން އެހެންއަންހެން ކުދިންނާ އެކު ވެސް އެކަން ކޮށްފައިވާ އަބްޔާންއަށް މިފަހަރު ތަފާތު އިހުސާސްއެއް ކުރެވުނެވެ. ހިތަށް އުފާވެރިކަން ވަނުމާއި އެކު ދެން ހަދާނެ ގޮތެއް ނޭގިފައި ހުރެވުނީ އެވެ.
ޖަންނަތުއަށް ލިބުނު ކުއްލި ސިހުމާއި އެކު ޖަންނަތު ހުރީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. އަދިވެސް އަވަސް ވެފައިވާ ހިތް މަޑުވާކަށް ނޫޅެ އެވެ. މުޅި ގަޔަށް ކަރަންޓު ޝޮކެއް ލިބިފައިވާ މީހަކު ފަދައިން ބަސް ހުއްޓިފައި ހުރިގޮތަށް ޖަންނަތުއަށް ހުރެވުނީ އެވެ.
“އޭތް، ޖަންނާ.” ހަމަހިމޭން އިރުކޮޅަކަށް ފަހު އަބްޔާން ޖަންނަތުއާއި ދިމާއަށް އެނބުރުން އިރު ޖަންނަތު ހުރި ގޮތުން އަބްޔާން ހިނި އައެވެ. “މީ ފަރސްޓް ތަ؟” އަބްޔާން ބެލީ އިތުރަށް ޖަންނަތު ލަދު ގަންނަވާލާށެވެ. “އޯހް ރިއަލީ… މީ ފުރަތަމަ ކަމެއް ނޭގޭ ވިއްޔަ.” ޖަންނަތުގެ މޫނުމައްޗަށް އެރި ކުލައިން އަބްޔާން ހިނގަނޑެއް ޖަހާލި އެވެ.
އަބްޔާން ޖަންނަތު ކައިރިއަށް އަންނަން ފެށުމުން ޖަންނަތު އަވަހަށް އަނެއް ފަރާތައް އެނބުރުނެވެ. އޭރުވެސް ޖަންނަތުގެ ތެޅެމުން ދިޔަ ހިތުގެ ބާރުމިން މަޑުވާކަށް ނޫޅެ އެވެ.
“ރުޅި އައިސްސަތަ؟” ޖަންނަތު އެގޮތަށް ހަރަކާތް ކުރުމުން އަބްޔާން އަހާލި އެވެ. ޖަންނަތު މަޑު މަޑުން ބޯ ހުރާލި އެވެ. އަބްޔާން ޖަންނަތުގެ އަތުގައި ހިފާލި އެވެ. “މަ ބުނީމެއްނު މަ ލޯބިވާ ކުއްޖާ ފެނުނީމަ އެންމެ ކުރިން ކިސް ކުރާނީ އޭ. ހަދާން ވެއްޖެތަ؟”
އަބްޔާން މެންގޭ ކުރިމަތީ ހުރި ހިރުދުގަސް ތަކުގައި އެލުވާފައިވާ ޖޯލިތަކުގައި ތިބެގެން ދެއްކި ވާހަކަ ޖަންނަތު ހަދާންވި އެވެ. ޖަންނަތު އަބްޔާންއާއި ދިމާއަށް އެނބުރިލަމުން އަބްޔާން އަށް ބަލައިލި އެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަ އެވެ. އަބްޔާން ދެއަތުން ޖަންނަތުގެ މޫނުގައި ހިފަހައްޓާލި އެވެ.
“އައި ލަވް ޔޫ ޖަންނާ… އައި ލަވް ޔޫ ސޯ މަޗް.” އަބްޔާން ޖަންނަތު ގެ ލޮލަށް ބަލަން ހުރެފައި ބުނެލި އެވެ. އަދި އަބްޔާން ޖަންނަތު ގައިގައި ބައްދާލި އެވެ.
“އައި ލަވް ޔޫ ޓޫ އަބީ.” ޖަންނަތުވެސް އަބްޔާންގެ މޭގައި މޫނު ޖައްސާލައިގެން ހުރެ ބުނެލި އެވެ. ޖަންނަތު އެހެން ބުނުމުން އަބްޔާންއަށް ބުނަންވެސް ނޭގޭ ކަހަލަ އުފާވެރި ކަމެއް ލިބިގެން ދިޔަ އެވެ. ވީ އުފަލުން ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން އަބްޔާންއަށް ޖަންނަތު ބިމުން ވެސް ހިއްލާލެވުނެވެ.
“ޖަންނާ، އައި އޭމް ސޯ ހެޕީ… އަސްލުވެސް. އަހަރެން ދުވަހަކުވެސް އަދި މިހާ އުފަލެއް ނުވޭ.” އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލައިލަމުން ބުންޏެވެ. އަދި އެއްފަހަރު ޖަންނަތުގެ ތުންފަތައް ބޮސް ދިނެވެ. މިފަހަރުގެ ވަގުތު ކޮޅު ދިގު ދެމިގެން ދިޔަ އެވެ. އަބްޔާން ކުއްލިއަކަށް ދުރަށް ޖެހިލަމުން ނޭވާ ހަމައަކަށް އަޅުވަމުން ހިނިތުން ވެލައިގެން ހުރެ ޖަންނަތުއަށް ބަލައިލި އެވެ. އަދި ޖީބުން ފޯނުނަގާ ޖަންނަތުއާއި އެކު ސެލްފީއެއް އެތަނުގައި ނެގި އެވެ.
“އަހަރުމެންގެ ފަރސްޓް ޑޭގެ ސެލްފީ މީ. އެންޑް ދިސް އިޒް އަވަރ ސްޕޮޓް.” އަބްޔާން ބުންޏެވެ.
“މަށަށް ފޮނުވައްޗޭ ތި ފޮޓޯ.” ޖަންނަތު ބުނެލި އެވެ.
“އަދި އެބަހުރި ޖަންނައަށް ފޮނުވަން ޖެހޭ އެހެން ފޮޓޯ ތަކެއްވެސް.” އަބްޔާން އެހެން ބުނެފައި ސާރާމެންގެ ކައިވެނި ހަފްލާއޮތް ރޭ ނެގި ފޮޓޯތައް ޖަންނަތުއަށް އަބްޔާން ދައްކާލި އެވެ.
“އަބީ، މަށަށް ނުވެސް އނގޭ އަބީ ފަހަތުގަ ހުރި ކަމެއް…. އާން، ނޫރުއާ ދެމީހުން ރާވާއިގެން ކުރި ކަމެއް ދޯ.” ޖަންނަތު ހިނިތުން ވެލަމުން ބުނެލި އެވެ. “ތިވެސް ފޮނުވައްޗޭ.”
“އާން، ފޮނުވާނަން. އެކަމު ދެން ހިނގާ މިތަނުން ދަމާ.” އަބްޔާން އެހެން ބުނަމުން ޖަންނަތުގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އެތަނުން ނުކުތުމަށް ހިގައި ގަތެވެ.
ވަލުން ނުކުމެ ދެމީހުން ސައިކަލަށް އެރި އެވެ. އަބްޔާން މިސްރާބު ހުރީ ރަށުތެރެއާ ވީ ކޮޅަކަށް ނޫނެވެ.
“އަބީ، މިހާރު ކޮންތާކަށް ތިދަނީ؟” ޖަންނަތު އަހާލި އެވެ.
“ދެން ހަމަ ދުއްވާލަން. ޖަންނަ ގޮވައިގެން މިހާރު މަ ބޭނުން ތާކަށް ދެވޭނެނު.”
“ހެހެހެ… އަދި ނުދެވޭނެ ތިހެނެއް. މަ ގަބޫލިއްޔާ އަދި ދެވޭނީ… އަދި އަބީގެ މީހަކަށް އަހަރެން ވީކީ ނޫނެއްނު.”
“ދެން ތިކަން ވެސް ވާނެނު. ތިކަން ވެސް ވަރަށް ކައިރީގަ އޮތްހެން މަށަށް ހީވަނީ.” އަބްޔާން ބުންޏެވެ.
“އަސްލުތަ… އަބީ ކައިވެންޏާ މެދުވެސް ވިސްނައިފިންތަ؟”
“ޔެސް އޮފްކޯސް ޖަންނާ… އަހަރެން ހުރިހާ ކަމަކާ މެދު ވިސްނައިފިން. ބައްޕަ ދުރުވީމަ އެންމެ ކުރިން ދައްކަން އޮތް ވާހަކައަކީ ތީ.”
ޖަންނަތު ވަރަށް ބޮޑަށް ހިނިތުން ވެލައިގެން އިނެވެ. އަބްޔާން ވެސް އިނީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. ދެމީހުން ސައިކަލުގައި މުޅި ރަށުގައި ބުރު ޖަހަން އުޅޭ އިރު މިހާރު މީހަކު ކިޔާފާނެ އެއްޗަކާ މެދު ނުވިސްނަ އެވެ. މީހުން ބަލަން ތިއްބަސް އެދެމީހުނަށް ވާކަމެއް ވެސް ނޫނެވެ.
އެދުވަހު އަބްޔާން ޖަންނަތު ގެންގޮސް ގެއަށްލީ އިރު އޮއްސެން ކައިރިވެފައި ހުއްޓަ އެވެ. އޭރު ސާރާ ހުރީ ޖަންނަތު ދިޔަ ތަނެއް ނޭގިގެން ހާސްވެފަ އެވެ.
“ސާބަސް ޖަންނައަށް. ފޯނުވެސް ބާއްވާފަ ވިއްޔަ ތި ދިޔައީ. އަހަރެން ބިރުން ހަލާކުނުވެ މިހިރީ ކިރިޔާނު.” ޖަންނަތު ފެނުމުން ސާރާ އަޑުލާން ފެށި އެވެ.
“މައި ޑިއަރ ސާރާ… އައި އޭމް ސޯ ހެޕީ.” ޖަންނަތު އައިސް ސާރާ ގައިގައި އޮޅުލައިގަތެވެ. އަދި ވަރަށް ބާރަށް ބައްދާލި އެވެ.
“އޭތް އޭތް… ކަމަނާ.” ސާރާއަށް ވީގޮތެއް ނޭގިފައި ހުރެ ޖަންނަތު ސާރާއާއި ދުރައް ޖައްސާލަމުން ބުންޏެވެ.
“ސާރާ… ގެސް ވަޓް.” ޖަންނަތު އުފަލުން ހުރެ އެހި އެވެ.
“ވަޓް؟” ސާރާވެސް ހުރީ ހިނިއައިސްފަ އެވެ. ޖަންނަތު އެހާ އުފާވެފަ ހުއްޓާ ނުދެކޭތާ ކިތަންމެ ދުވަހެކެވެ.
“އެންމެ ފަހުން… އެންމެ ފަހުން އަބީ..” ޖަންނަތުއަށް ބުނެ ވުނީ އެހިސާބަށެވެ.
“އޯ މައި ގޯޑް… އަސްލުތަ. އަބީ ކޮންފެސް ކުރީތަ؟” ސާރާ ފުމެން ފެށި އެވެ. ޖަންނަތުވެސް ސާރާއާއި އެއްވަރަށް ފުމެން ފެށި އެވެ. ކޮޓަރީގައި އޮތް މުޒައްފަރު ނިކުތީ މާ ބާރަށް ދެމީހުން ހަޅޭއްލަވާ އަޑާށެވެ. މުޒައްފަރު ނުކުތުމުން އެ ހަބަރު ސާރާ މުޒައްފަރަށް ދިނެވެ.
“ތީ ދެން ވާނެ ކަމެއްކަން އެންމެނަށް ވެސް އިނގޭ ކަމެއް.” މުޒައްފަރު ބުނެލި އެވެ. “ކޮބާ އަބީ؟” މުޒައްފަރު އަހާލި އެވެ.
“ނޭގެ، ހީވަނީ މިސްކިތައް ދިޔައީހެން.” ޖަންނަތު ބުނެލި އެވެ.
2425 Comments
Comments are closed.
Varah nice…
haada romanticey vbrb salhi ibaives thankolhen avaskondinyma ragalhu ok gudluckv
Oh salhi enme fahun nuvegn ulhunu kanthah viyyw
V habeyx.. …
Next part avahah up kohdeeba pls pls pls
Aasi its one of my favourite pls next part avahah up kohlahchey ..anyway vaahaka liyaakah ves thi vareh neii igey and next part ves ROM kohlahchey eyrun v salhi vaane
Mi story dhivehi vaahaka site ga vx up kurey… mi site ahh vuren kurinn e site ga up kurey story… yesterday mi part vx up kohfa iny ☺
varah hadi mi vaahaka… dhen hama varah foohi.
wow ur stories are awsome
ekam haadha hyveyey zaidhaan nd janna hen marry kuraany
please janna nd abi dhurunukobala
plus abi mom gabul vaanebaa. abi buni mom nugabulu kame nukuranamey
Mind your words shinaa anyway shinaa ah hady yaa madun hurebaa
Konmehen nujehey dhw hadiyey kiyaakah thivaru meehun vaahaka nukeema nimuny ennu
I just said I don’t like it. Thats all. Ey magey visnun.
Shinaaa ah hadehyaaa dhen nukiyaaa hureema nehmuninoon
Varah reethi vaahaka 20 vana part keyaa hethun kehmaduvefa
K ge visnun nagaa bekah jahaabala
20th vana part ga i guess ahyaan anna iruga thanaa ves annaanehen…cux she won’t let de marriage hpn so easily…cux she is kinda psycho person ? ekam dn janna n ziadhaan nuves gulhey but heevanee they both might tie de knot….lets c wat ll hppn………………..hav to wait a long time for 20th part…..???
btw i wonder y this author is not leaving any comment for de readers…i mean all de others dux it…atleast a thank msg for commenting on her story…???
Ma benumee Abi aa Thana aa gulhen. Ehen thocheh vaanee.
vara reethi
waiting to next part
Noooo plx aby aa jana v gulhey. Eymeehun gulhuvachey. Not easily but end vaairu gulhuvachey
Avahah up koh labala v keyaa hiyvay vaahotheh balaalan
Vvvvvvv nice story ehhh waiting for next part
Alhe avahah up kohdeeba
konirakun anehbai? avahah up kohdhybala…
kihinehtha vaaneee thankolheh avahah nextpart up kohdineehyaa…always so late…so bored
vahaka ehchhehyge kurybaiga v goi hadhaan vx nethey fahun aneh bai up kohdheveny…aadheys kohfa mi buny avax kohbala
dharinney 19 vana part eboi dhivehi vahaka site ga…
Ey thedheh give the virgin to the playboy nuni kamaku nudhaane. Girls ge virginity huriha ves ehchaki. That’s wat writer is trying to prove.