Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ނަހަމަ – ކުރުވާހަކަ

Semi-Pro Level 1
August 29, 2026 8 Mins Read
4 Comments

ނޯޓް : މި ވާހަކައިގައި ހިނގާ ހާދިސާ އާއި ތިޔަފަރާތުގެ ހަޔާތާއި ނުވަތަ ތިޔަފަރާތް ދަންނަ ފަރާތެއްގެ ހަޔާތާއި ގުޅިފައިވާ ކަމަށް ބެލެވޭނަމަ އެއީ އިއްތިފާގެކެވެ. މިއީ މުޅިން ހިޔާލީ ވާހަކަ އެކެވެ.

ޒަޔާން އާއި ޝިފާނާގެ ކައިވެންޏަށް އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް އެ ދެމަފިރިންނަށް ކުއްޖަކު ލިބޭގޮތެއް ނުވިއެވެ. މައްސަލަ ހުރީ ޝިފާނާގެއެވެ. މާލޭގެ ނުފޫޒުގަދަ އަދި ތަނަވަސް ޢާއިލާއަކަށް ނިސްބަތްވާ ޒަޔާންގެ ހަޔާތުގައި އުފާވެރިކަން ފުރިހަމަ ނުވަނީ ދަރިއެއްގެ އަޑުން އެ ގެ ފަޅުފިލުވައި ނުދޭތީއެވެ. އެތައް ޑޮކްޓަރުންނަކަށް ދައްކައި، ކުރި ފަރުވާތަކުން ނަތީޖާއެއް ނުފެނުމުން، އެންމެ ފަހުން އެ ދެމަފިރިން ނިންމީ ކުއްޖެއްގެ ބެލެނިވެރިކަމާ ހަވާލުވެ، އެ ކުއްޖާ ގެނެސް އަމިއްލަ ދަރިއެއް ފަދައިން ބަލާ ބޮޑުކުރުމަށެވެ.

އެގޮތުން، ކަމާބެހޭ އިދާރާތައް މެދުވެރިކޮށް، މަޢުލޫމާތު ސިއްރުކުރެވިފައިވާ ތުއްތު ފިރިހެން ކުއްޖެއްގެ ބެލެނިވެރިކަން އެ ދެމަފިރިންނަށް ލިބުނެވެ. އޭރު އެ ކުއްޖާ އަށް ދެ އަހަރެވެ. އެ ތުއްތު ކުއްޖާއަށް ކީ “އައިހަމް” އެވެ. އައިހަމް ގެއަށް ގެނައި ދުވަހުން ފެށިގެން، ޝިފާނާގެ މުޅި ދުނިޔެ ބަދަލުވިއެވެ. ނަމަވެސް، ޒަޔާންގެ ހިތުގައި އޮތީ އެހެން އެއްޗެކެވެ. މާޒީގެ ބިރުވެރި ހިޔަންޏެކެވެ.

ޒަޔާންގެ ޒުވާން ދުވަސްވަރަކީ ވަރަށް ތަފާތު ދުވަސްވަރެކެވެ. މީގެ އަހަރުތަކެއް ކުރިން، މެލޭޝިޔާގައި ޑިގްރީއަށް ކިޔަވަން ހުރިއިރު، އޭނާއަށް ލޯބިވެވުނީ އެކުގައި ކިޔަވަން އުޅުނު ދިވެހި އަންހެން ކުއްޖެއް ކަމަށްވާ ރީމާއާއެވެ. ދެމީހުންގެ މެދުގައި އޮތް ގާތްކަން އިންތިހާއަށް ގޮސް، ޝައިޠާނާގެ ވަސްވާހުގައި ޖެހި، ކައިވެނިން ބޭރުން ނަހަމަ ގޮތުގައި ގުޅުމެއް ހިންގުނެވެ. އޭގެ ނަތީޖާއަކަށްވީ ރީމާ ބަލިވެއިނުމެވެ. އެކަމާ ގަތް ލަދުންނާއި ޢާއިލާގެ އަބުރަށްޓަކައި، ކިޔެވުން ނިންމާލުމަށްފަހު ރާއްޖެ އައިސް ވިހެއުމުން، އެ ކުއްޖާ ހައްގުތަށް އުނިނުވާނޭހެން ބެލޭނެފަދަ ހާލަތެއް ރީމާގެ ނެތުމުން، ދައުލަތުގެ ބެލުމުގެ ދަށަށް ދޫކޮށްލަން ރީމާއަށް މަޖުބޫރުވީއެވެ. އެއަށްފަހު ދެމީހުންގެ ގުޅުންވެސް ކެނޑި، ޒަޔާން އޭނާގެ މާޒީ ވަޅުލައި ޝިފާނާއާއި ކައިވެނިކުރީއެވެ. ޒަޔާން ދެކުނު ގޮތުގައި އެއީ އޭނާއަށް ކުރެވުނު އެންމެ ބޮޑު ކުށެވެ. އޭނާ އަބަދުވެސް ހުންނަނީ އެ ފާފައަށް ތައުބާވެ، ހިތާމަކުރާ ހާލުގައެވެ.

******

އައިހަމްގެ އުމުރުން ފަސް އަހަރު ފުރުނު ދުވަހެވެ. ޒަޔާން އޮފީހުގައި އިންދާ ޝިފާނާ ގުޅާފައި ބުނީ އައިހަމް ސްކޫލަށް ވައްދަން ވެގެން އޭނާގެ އަސްލު ލިޔެކިޔުންތައް ހޯދަން ކޯޓުން ދިން ފައިލް ފެނިއްޖެ ކަމަށެވެ. އެ ފައިލަކީ ބެލެނިވެރިކަން ނެގި އިރު ސިއްރުކޮށްފައި އޮތް ނަމަވެސް، ވަކި އުމުރެއްގައި ބެލެނިވެރިންނަށް ފެންނަންޖެހޭ އަސްލު މައުލޫމާތު ހިމެނޭ ފައިލެކެވެ.

ގެއަށް އައިސް ޝިފާނާ ފައިލް ބާއްވާފައި އޮތް ތަނުން ފައިލް ނަގާ ޒަޔާން އެ ފައިލް ހުޅުވާލިއެވެ. ފައިލްގެ އެތެރޭގައި އޮތް ވިހެއި ކަމުގެ ލިޔުމުގައިވާ ކުއްޖާގެ މަންމަގެ ނަން ފެނުމާއެކު ޒަޔާންގެ މޭގަނޑު އަނދައިގެން ދިޔަ ކަހަލައެވެ. އެތަނުގައި އޮތީ “ރީމާ އިބްރާހީމް” ގެ ނަމެވެ. އަދި ޕޮޓޯ އަކާއި ޕާސްޕޯޓް ނަމްބަރެވެ. ވިހެއި ތާރީޚާއި، ހޮސްޕިޓަލުގެ މައުލޫމާތުތައް ކިޔަމުން ދިޔަވަރަކަށް ޒަޔާންގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. އެ ފައިލްގެ އެންމެ ފަހަތުގައި އޮތީ، ފުލުހުންގެ ތަހުގީގު ރިޕޯޓެކެވެ. އޭގައި އޮތީ މީގެ 4 އަހަރެއްހައި ދުވަސް ކުރިން ހުޅުމާލެ ފޭސް 01 ފުލެޓެއްގެ ކޮޓަރިއެއް ތެރޭ ރީމާ ދަންޖެހި އަމިއްލަ އަށް މަރުވެފައިވާ ކަމަށެވެ. އަދި ރީމާ އެތާ ދިރިއުޅުނީ އެކަނި ކަމަށްވެސް ރިޕޯޓްގައި ފާހަގަ ކޮއްފައި ވެއެވެ.

މުޅި ދުނިޔެއަށް ސިއްރުކޮށް، ނަހަމަ ގޮތުގައި އުފަންވި އަމިއްލަ ލެއިން އުފެދުނު ދަރިފުޅު، މިއަދު މިވަނީ އެނބުރި އޭނާގެ އުނގަށް އައިސްފައެވެ. ޒަޔާންއަށް ކުރެވުނު ކުށުގެ ބޮޑުކަމާއި، މާތްﷲ ގެ ކުޅަދުންވަންތަކަން ހިތަށް އަރައި އޭނާގެ ކަކޫމައްޗަށް ތިރިވެވުނެވެ. ނަހަމަ ގޮތުގައި ކުރެވުނު ކުށެއްގެ ނަތީޖާ، އޭނާގެ ހަޔާތަށް އެނބުރި އައީ އޭނާ ދުވަހަކުވެސް އުއްމީދު ނުކުރާ ފަދަ އިބުރަތްތެރި ގޮތަކަށެވެ.

ކަކޫމައްޗަށް ތިރިވެ، ދެއަތުން މޫނު ފޮރުވާލައިގެން އިން ޒަޔާންގެ ހަށިގަނޑު ތުރުތުރުއަޅަމުން ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ޝިފާނާއަށް މި މަންޒަރު ފެނުމުން ކަންބޮޑުވެފައި ދުވެފައި ކަހަލަ ގޮތަކަށް އައިސް ޒަޔާންގެ ކައިރީގައި އިށީނދެ، އޭނާގެ ކޮނޑުގައި އަތްބާއްވާލިއެވެ.

“ޒަޔާން! ކީއްވެ ތިވަރަށް ތި ރޮނީ؟ ކިހިނެއްވީ؟ ކޮންމެވެސް ކަމެއް ގޯސްވީތަ؟” ޝިފާނާ ހާސްކަމާއެކު ސުވާލުކުރިއެވެ.

ޒަޔާންގެ އަޑު ބޭރުވާ ގޮތެއް ނުވިއެވެ. އަތުގައި އޮތް ލިޔުންތަކަށް ބަލައިލުމަށްފަހު، އެ ލިޔުންތައް ޝިފާނާގެ އަތަށް ދިނެވެ. ޝިފާނާ އެ ލިޔުންތައް ކިޔަމުން ދިޔައިރު، އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. އެ ލިޔުމުގައިވާ ރީމާގެ ނަމަކީ ޝިފާނާއަށް މާ ބޮޑު މާނައެއް ހުރި ނަމެއް ނޫނެވެ.

“ޒަޔާން، މިއީ ހަމައެކަނި އައިހަމްގެ އަސްލު މަންމަގެ ނަމެއްނު؟ ކޮންމެ މީހަކަށް ވިޔަސް އައިހަމްއަކީ މިހާރު އަހަރެމެންގެ ދަރިއެއްނު؟ ދެން ކީއްވެ ތިވަރަށް ތި ހާސްވަނީ؟” ޝިފާނާ ލޯތްބާއެކު ޒަޔާންގެ މޫނަށް ބަލައިލިއެވެ.

އެވަގުތު ޒަޔާންއަށް އިހުސާސްވީ، އިތުރަށް މި ސިއްރު ފޮރުވައިގެން ހުރުމަކީ އަމިއްލަ ނަފްސަށާއި، ޝިފާނާއަށް، އަދި ވަކިން ޚާއްޞަކޮށް އެ ކުށެއްނެތް ތުއްތު ކުއްޖާއަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ކަމެވެ. ދުލުގައި ތަޅުއެޅުވިފައިވާ ފަދަ ގޮތަކަށް ހުރެ، ވަރަށް ހިތްވަރުކޮށްފައި އޭނާ ވާހަކަ ދައްކަން ފެށިއެވެ. މެލޭޝިޔާގައި ހޭދަކުރި ދުވަސްތަކާއި، ރީމާއާއެކު ހިންގުނު ޙަރާމް ގުޅުމާއި، އެ ގުޅުމުގެ ސަބަބުން ދުނިޔެއަށް އައި ކުއްޖާ ދޫކޮށްލަން ޖެހުނު ގޮތުގެ ވާހަކަ، އެއްވެސް އުނިއިތުރެއް ނެތި ޝިފާނާއަށް ކިޔައިދިނެވެ.

ޒަޔާންގެ ވާހަކަ އަޑުއަހަން އިން ޝިފާނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއެކު، އޭނާ ފަހަތަށް ޖެހިލިއެވެ. “އެހެންވީމާ… މިއީ… މިއީ ޒަޔާންގެ އަމިއްލަ ދަރިފުޅުތަ؟ އަހަރެމެން މި ބަލަނީ ޒަޔާން ކައިވެނިން ބޭރުން ހޯދި ދަރިއެއްތަ؟” ޝިފާނާގެ އަޑުގައިވީ ޝަކުވާއާއި ވޭނެވެ.

ކޮޓަރިތެރެއަށް ވެރިވެފައި އޮތް ހިމޭންކަން ފޫއަޅުވާލީ، ސިޓިންގރޫމުގައި ކުޅެން ހުރި އައިހަމް ދުވެފައި ކޮޓަރިއަށް ވަދެ، “ބައްޕާ!” އޭ ކިޔައި ޒަޔާންގެ ގައިގައި ބައްދައިގަތް ވަގުތެވެ. އެ މައުސޫމް ހިނިތުންވުމާއި، މައުސޫމް ދެލޮލުން ބަލައިލި ގޮތުން ދެމަފިރިންގެ ހިތްވެސް ވިރިގެން ދިޔައެވެ. މި ކުއްޖާގެ އެއްވެސް ކުށެއް ނެތެވެ.

ޝިފާނާ މަޑުމަޑުން އައިސް އައިހަމް އުރާލިއެވެ. އަދި ޒަޔާންއާ ދިމާއަށް ބަލައިލިއެވެ. “މި ކުއްޖާ ދުނިޔެއަށް އައީ ނަހަމަ ގޮތުގައި ކަމަށް ވިޔަސް، މާތްﷲ މި ކުއްޖާ އަހަރެމެންނާ ހަމައަށް މި ފޮނުއްވީ ސަބަބެއް އޮވެގެން. އަހަރެން މި ދަރިފުޅު ދުލެއް ނުކުރާނަން. އެކަމަކު ޒަޔާން، މިއީ ޒަޔާން އަށް ދެއްވި ވަރަށް ބޮޑު އިމްތިހާނެއް އަދި ތައުބާވުމަށް ދެއްވި ފުރުސަތެއް،” ޝިފާނާ ކަރުނަތައް ފޮހެލަމުން ބުންޏެވެ.

އެ ދުވަހުން ފެށިގެން ޒަޔާންގެ ދިރިއުޅުން އެއްކޮށް ބަދަލުވިއެވެ. އޭނާގެ ހިތުގައި ދަރިފުޅަށްޓަކައި އޮތް ލޯބި ދިހަގުނައަށް އިތުރުވިއިރު، ކުރެވުނު ފާފައަށް އަބަދުމެ ދުޢާކޮށް ތައުބާވާން ފެށިއެވެ. އައިހަމްއަށް ހެޔޮ ތަރުބިއްޔަތު ދީ، ދީންވެރި ޞާލިޙު ކުއްޖެއްގެ ގޮތުގައި ބޮޑުކުރުމަކީ އޭނާގެ މުޅި އުމުރުގެ އަމާޒު ކަމުގައި ހެދިއެވެ. ނަހަމަ ގޮތުގައި ފެށުނު ކަމެއް ނަމަވެސް، މާތްﷲ ގެ ރަޙްމަތްފުޅުން އެ ހުރިހާ ކަމެއް އެނބުރި އައީ، އޭނާއަށް ތެދުމަގު ދައްކުވައިދިން ވަރުގަދަ އިބުރަތެއްގެ ގޮތުގައެވެ.

****

20 އަހަރު ފަހެވެ. ޒަޔާން ވިޔަފާރި ދަތުރެއްގައި ހުރީ މެލޭޝިޔާގައެވެ. އައިހަމްވެސް މިހާރު ބޮޑުވެ ވަޒީފާއަށް ދެއެވެ. ޒަޔާން ގެ އަމިއްލަ ކުންފުނީގެ އިސް މަގާމެއް އައިހަމް އަށް ދީފައިވެއެވެ. ޝިފާނާ ވީ ނިޔާވެފައެވެ. 3 ވަރަކަށް އަހަރު ޝިފާނާ ނިޔާވި ފަހުން މިހާރު ވެދާނެއެވެ.

ޒަޔާން ހުއްޓިލައިގެން އެ ހުރީ ޒަޔާން އާއި ރީމާ އާއި ދެ މީހުން ބައްދަލުވި މެލޭޝިޔާގެ “ސަންވޭ ޔުނިވާސިޓީ” ގެ ގޭޓު ކުރިމަތީގައެވެ. މާ ބޮޑު ބަދަލެއް ނަޔަސް ކޮންމެސް ވަރެއްގެ ބަދަލެއް އައިސްފައި އެތަނަށް ހުއްޓެވެ. އެހެން ހުއްޓައި ޒަޔާންގެ ފަހަތުން މީހަކު ޒަޔާންގެ ކޮނޑުގައި ކޮއްޓާލިއެވެ. ޒަޔާން ސިހިފައި ފަހަތް ބަލާލިވަގުތު ފެނުން މީހެއްގެ ސަބަބުން ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ. “އިމާދު” ޒަޔާން ހައިރާންކަން މަތީ ހުރެ އޭނާ އާއި އެކު ޔުނިވާސިޓީގައި ކިޔަވަން އުޅުން އެންމެ ގާތް ރަހުމަތްތެރިޔާއަށް ގޮވާލިއެވެ. އިމާދު އަކީވެސް ޒަޔާންހެން މެލެޝިޔާގައި ކިޔަވަމުން ދިޔަ ކުއްޖެކެވެ. 20 އަހަރުން ފަހުން އިމާދު ފެނުން އިރު ހުރީ ކުޑަކޮން ބޮލުގައި އަދި ތުނބުޅިގައި ނުރަޖަހާލާފައެވެ. ޒަޔާންވެސް ހަމަ އެފަދައެވެ.

“ކޮންތާކު ތި އުޅެނީ ޒަޔާން. އޭރު ދިޔަގޮތަށް ސޯޝަލް މީޑިއާ އިންވެސް ގެއްލުނީ. ނަމްބަރަކަށް ގުޅެނީކީ ނޫން. ޒަމާންގަނޑަކަށް ފަހު ހަމަ ދިމާވި ތަނުން އަނެއްކާވެސް މި ފެނުނީ” އިމާދު ބުންޏެވެ.

“އާނ.. އޭރު ވީގޮތް އިމާ އަށްވެސް އިނގެ އެއްނު.. ތިޔެއް ނޫނޭ އިމާ ކީތްތަ މިކޮޅުގަ ތި ކުރަނީ” ޒަޔާން އިމާދު ކައިރި އަހާލިއެވެ.

” އަހަރެން އޭރު ގްރެޖުއޭޝަން ނިންމާލާފަ ދިޔައީ މާލެ. އޭގެ އަހަރެއް ފަހުން މަންމަމެން މިކޮޅަށް ދިރިއުޅުން ބަދަލު ކުރީމައި މަންމަމެނާއި އެކު އައީ މިކޮޅަށް. އޭރު އެ އައިގޮތަށް މިކޮޅުން މީހަކާ އިނދެ، ބޮޑުވެފައި ތިބި ދެ ދަރިންވެސް އެބަ ތިބި. ދެން ޒަޔާން ކީތްތަ ތި ކުރަނީ؟” އިމާދު އޭނާގެ ވާހަކަ ކިޔާދިނުމަށް ފަހު ޒަޔާން ކުރެން އަހާލިއެވެ.

“އަހަރެން މި އައީ ވިޔަފާރި ދަތުރަކު. ދެން ހިތަށް އެރީ މިއަދު މިތަން ހުރިގޮތް ބަލާލަން އަންނާއީޔޭ” ޒަޔާން ބުންޏެވެ.

“އޭ… އަދި ކިރިޔާ މި ހަނދާންވީ. އޭރު މާލެ ދިޔަ ވާހަކަ ބުނީމެއްނު. މާލޭގައި ހުއްޓަ އެއް ދުވަހު ރީމާ އަހަންނަށް ގުޅި. ބައްދަލު ކޮއްލަން ބުނީމަ އަހަރެން ބުނިން ކޮފީ އެއް ބޯލަން ތާކަށް ދާން. ދެން އެތަނުން އަހަންނާއި ދިމާ ކޮއްފައި ދިނީ ސިޓީ އުރައެއް. ދެން ބުނީ އެ އުރަ ނުހުޅުވައްޗޯ. އަމާނާތްތެރި ކަމާއި އެކީ ގެންގޮސް ޒަޔާން އާއި ހަވާލު ކޮއްދޭށޯ. ދެން އަހަރެން ބުނިން ޒަޔާން އުޅޭ ތަނެއް، ގުޅޭނެ ގޮތެއް މަށަކަށް ނޭންގެޔޭވެސް. އެހެން ބުނީމަ ބުނީ ދުވަހެއްގެ ކޮޅުންވެސް ބައްދަލު ވިއްޔާ ހަވާލު ކުރާށޯ. އެހެން ކިޔާފަ ރޮމުން ރޮމުން ނިކުމެގެން ހިނގައްޖެ… އިނގޭތަ އޭރުއް ސުރޭން އެ ސިޓީ އުރަ މަ ފޮރުވައިގެން އެބަ ގެންގުޅެމޭ. އޭގެ އެތެރޭގަ އޮތް އެއްޗެއްގެ ހާލެއްވެސް ނޭންގެ.. އެހެންނު ވާނީ މީހާރު ކޮން ޒަމާނެއް އެ އެހެން އޮންނަތާ. ހިނގާ މަ މިދާއިރު އަހަރުން ގެޔަށްވަދެ އެ ސިޓީ އުރަ އާއި ހަވާލުވާން” އިމާދު ފައްޗަކަށް އަމުނާލީ ބޮޑު ވާހަކައެކެވެ. ޒަޔާންވެސް ރީމާ ޒަޔާން އަށް ރައްދު ކުރަން ބޭނުންވާ ކަމަށް ބުނާ ސިޓީ އުރައެއް އޮތޭ ބުނުމުން އޭގައި ވަނީ ކޯންޗެއްތޯ ބަލަން ބޭނުންވިއެވެ.

އިމާދު އާއި ޒަޔާން، އިމާދުމެން ދިރިއުޅޭ ގެޔަށް ވަނެވެ. ތަނަވަސް ބޮޑު ގެއެކެވެ. އިމާދު ބުނި ގޮތުން އެއީ އޭނާގެ އަންހެނުންގެ ގެއެވެ. އެގޭގެ ސިޓިންގ ރޫމުގައި އިން ސޯފާއެއްގައި ޒަޔާން ބޭންދުމަށްފަހު އިމާދު ކޮޓަރިއަށް ވަދެ އިރުކޮޅަކުން ނިކުމެ އެބުނި ސިޓީ އުރަ ދިއްކޮއްލިއެވެ. ޒަޔާން އެ ސީޓީ އުރަ ހިފާ ބަލާލުމަށްފަހު އުރަ ކަނޑާލިއެވެ. ކުޑަކޮން ހުޅުވާލި އިރަށް ޒަޔާންގެ ފޯނަށް ކޯލެއް އައެވެ. ޒަޔާން ވަގުތުން އުރަ ބާއްވާލައި ކޯލަށް ޖަވާބު ދިނުމަށް ފަހު ފޯން ބޭއްވިއެވެ. އަދި އިމާދު ކައިރި ވަރަށް އަހަވަހަށް މި ކޮޅު ބިޒްނަސް ޕާރޓްނާރ އާއި ބައްދަލު ކޮއްލަން ޖެހިއްޖެ ކަމަށް ބުންޏެވެ. އިމާދުވެސް އަހަވަހަށް ހިނގާށޭބުނެ ބޭރަށް ނިކުމެ ގޯތި ތެރޭގައި ޕާރކް ކޮއްފައި އޮތް ކާރަށް އަރައި ޒަޔާން ގޮވައިގެން ގޮސް ޒަޔާން ހުންނަ ހޮޓެލުގެ ބޭރަށް ޒަޔާން ބޭލުމަށްފަހު، ނައްޓާލިއެވެ. ޒަޔާންގެ ފޯނަށް މެސެޖެއް އައުމުން ބަލާލިއިރު ބިޒްނަސް ޕާރޓްނާރ ގެ މެސެޖެކެވެ. ކުޑަ އާޖެންޓް ކަމެއް ދިމާވެގެން މީޓިންގ ކެންސަލް ކަމަށް ލިޔެފައި އޮތެވެ.

ޒަޔާން ގޮސް ޒަޔާންގެ ކޮޓަރި އަށް ވަނެވެ. އަދި އަވަސް އަވަހަށް އުރައިގައިވާ ގަނޑު ނެގިއެވެ. އޭގައި އޮތީ ވަރަށް ތުއްތު ކުއްޖެއްގެ ފޮޓޯގަނޑެވެ. އެއީ އައިހަމް އުފަންވި އިރުގެ ފޮޓޯ އެއްކަން ވަގުތުން ޒަޔާން އަށް ނަގައި ގަނެވުނެވެ. އެ ފޮޓޯ ގަނޑު އެއީ އޭފޯ ސައިޒުގެ ފޮޓޯ ގަނޑެކެވެ. ޒަޔާން ފޮޓޯ އަށް ބަލަން އިނުމަށްފަހު ބާއްވަން އުޅެނިކޮން ފޮޓޯގަނޑު އަތުން ދޫވެގެން ވެއްޓުނެވެ. ފޮޓޯ ވެއްޓުން އިރު އޮތީ ފޮޓޯ އިން ފަޅި ނޫން އަނެއް ފަޅިއަށް ޖެހިފައެވެ. އަތުން ލިޔެފައިވާ ބޮޑު ލިޔުންގަނޑު ޒަޔާން އަށް ފެނުނީ ދެނެވެ. ޒަޔާން ވަގުތުން އެ ގަނޑު ނަގައި އޭގައިވާ އެއްޗެއް ކިޔަން ފެށިއެވެ.

“ސަލާމް. މީ ރީމާ. މި ފޮޓޯ ޒަޔާން އަށް ލިބޭ އިރު އަހަރެން ދުނިޔޭގައި ފަހަރެއްގައި ނުހުރެދާނެ. އެހެން ނަމަވެސް ތި ފޮޓޯގައި އަސްލު ފޮރުވިފައިވާ ވާހަކަ ކިޔައިދޭން ވަރަށް ބޭނުން. ހަނދާން އެބަހުރިތަ؟ އަންހެން ކުއްޖަކު ގޮވައިގެން އުޅެނިކޮން އަހަންނަށް ފަޅާ އެރި ދުވަސް. އެއީ އަހަރެންގެ ހަޔާތުގައިވެސް އެންމެ ރުޅި އައި އަދި ދެރަވި ދުވަސް. އެ ދުވަހު އަހަރެން އައި ރުޅިން ޒަޔާން ބޭވަފާތެރިވީ ކަމަށް ބަލާ، އަހަންނަށް ވެވެން އޮތް އެންމެ ބޮޑަކަށް ޒަޔާން އަށް ބޭވަފާތެރިވިން. އެކަމު އޭގެ މާ ފަހުން އަހަންނަށް އެނގުނީ އެ ދުވަހު ޒަޔާން އާއި އެކީ ހިނގާފައި ދިޔަތަން ފެނުނު އަންހެނަކީ ޒަޔާންގެ އެއްބަނޑު އަންހެން ކޮއްކޮ ކަން. އެކަމަކު އޭރު ވަގުތު ފާއިތު ވެއްޖެ. ހަދަން ނުޖެހޭ ހުރިހާ ގޯހެއްވެސް ހެދިއްޖެ. އޭރު އަހަރެން އިނީ ބަލިވެ. އެކަމަކު ޒަޔާންގެ ދަރިއަކަށް ނޫން. އެހެން އެކަން ވުމުން، އަދި ޒަޔާންގެ ކުށެއް ނެތްކަން އިނގުމުން، ޒަޔާން އަށް އަހަރެން ބޭވަފާތެރި ވިކަން ފަޅާ އަރާފާނެތީ އަހަރެން ޒަޔާން އާއި އާއި އެކުވެސް އެ ނުބައިވެގެންވީ ލައުނަތުން ފުރިގެންވާ ފާފަ ކުރިން. އެއީ އަހަރެން ގެ ބަނޑުގައި އަށަގަނެފައިވަނީ ޒަޔާންގެ ދަރިއެއްކަން ދެއްކުމަށް ޓަކައި، އަދި އަހަރެން ޒަޔާން އަށް ވީ ބޭވަފާތެރިކަން ފޮރުވުމަށްޓަކައި. އޭގެ ފަހުން އަހަރެންގެ ހަށިގަނޑުން އަހަރެންގެ މި ހާލަތު މުޅި ދުނިޔެއަށް ފަޅާ އެރި. މާބަނޑު މީހެއްގެ ސިފަ ޖަހަން ފަށައި މީހުންގެ ސުވާލު ތަކާއި ކުރިމަތި ވަމުން ދިޔަ. މި ދަރިފުޅު ޒަޔާންގެ ބޮލުގައި އަހަރެން އެޅުވީ އަހަރެންގެ ބޭވަފާތެރިކަން ފޮރުވުމަށްޓަކައި. އޭގެ ފަހުން ޒަޔާން އަހަންނާއި ގުޅުން ކަނޑާލައި ޒަޔާން ގެ އަމިއްލަ އާއިލާގެ އަބުރަށްޓަކައި ދިޔައީ. މި ދަރިފުޅު ބަލާނެ ފެންވަރު ނެތުމުން އަހަރެން މި ކުއްޖާ ދައުލަތާ ހަވާލު ކޮއްފިން. މިހާރު މި ދަރިފުޅުވާނީ ޖެންޑާ މިނިސްޓްރީ ބެލުމުގެ ދަށުގައި…އެންމެ ފަހު ކަމަކަށް އަހަރެން ބުނެލަން ބޭނުން. މި ސިޓީ އުރަ އަހަރެން ޒަޔާން އަށް ރައްދު ކުރާނީ އަސްލު މި ދަރިފުޅުގެ ބައްޕަ ލައްވާ. އެކަމަކު އޭނާ އަށްވެސް އެކަން ނާންގައި. މި ބުނީ އޭނާގެ އެހާ އިހުލާސްތެރިކަމެއް ހުރި ނަމަ މީގައިވާ އެއްޗެއް ޒަޔާން އަށް އިނގުމުގެ ކުރިންނެއް އޭނާ އަކަށް ނޭންގޭނޭ. އެހެންވެ، މި އުރަ ހަވާލު ކުރަމުން މި ދަރިފުޅުގެ ބައްޕަ ލައްވާ، ޒަޔާން ލައްވާ ނޫނީ މި ނުހުޅުވުމަށް ވައުދު ކުރުވިން… އެއީ އޭނާ އަކަށްވެސް މީ އޭނާގެ ދަރިއެއް ކަމެއް ނޭންގޭނެ… އާނ ޒަޔާން. މި ފޮޓޯގައިވާ ދަރިފުޅުގެ އަސްލު ބައްޕަ އަކީ ޔުނިވާސިޓީގައި ޒަޔާން އާއި އެންމެ ގާތްކޮށް އުޅުން އިމާދު. ޒަޔާން ދެކެ ހަގީގަތް ނޭނގި ހުރެ ނުރުހުންވެ، އަހަރެން ޒަޔާން އަށް ބޭވަފާތެރިވީ އިމާދު އާއި އެކު…. އަހަންނަށް މާފު ކުރާނެ ކަމަށް އުންމީދު ކުރަން” ލިޔުން ކިޔާ ނިމުން އިރު ހިތްދަތިވެގެން ގޮސް ޒަޔާން އަށް ރޮވެމުން ދިޔައެވެ. ދުނިޔޭގައި ކަންކަން ވަމުންދާ ގޮތުން ކުރެވެމުންދާ ހިތި ތަޖުރިބާ ތަކުގެ ހިތި ރަހައަށް ކެއްތެރިވާން، އަމިއްލަ ސިކުނޑި އަށް ވިސްނާ ދެމުން ދިޔައެވެ.

ޒަޔާން އަށް ހޭލެވުން އިރު ފަތިހު 5 ޖަހަނީ އެވެ. ހިތްދަތި ކަމުގައި އޮވެ ޒަޔާން އަށް އޭރު އެ އޮތް ގޮތަށް އޮވެ ނިދުނީއެވެ. ދުވަހަކީ ޒަޔާން މާލެ ދިއުމަށް ފުރާވެސް ދުވަހެވެ. ހެނދުނު 7 ޖަހާއިރު ޗެކިންގ އަށް އަށް އެއާރޕޯޓް އަށް ދާން ޖެހެއެވެ. ޒަޔާން ފަތިސް ނަމާދު ކޮއްލައިގެން ދަބަސް ޕެކް ކޮއްލުމަށްފަހު، ހޮޓަލުގެ ރެސްޓޯރެންޓަށް ގޮސް ހެނދުނުގެ ނާސްތާކޮށް ނިމިގެން، ދަބަސް ހިފައިގެން ހޮޓަލުން ޗެކްއައުޓް ވާން ދަމުން ވަރަށް ހިތްވަރު ކޮއްފައި އިމާދު އަށް ގުޅިއެވެ. އަދި ޒަޔާން އެއާރޕޯޓް އަށް ގެންގޮސް ދެވިދާނެތޯ އެހުމުން އިމާދު އެކަމަށް އެއްބަސްވިއެވެ. ޒަޔާން ޗެކްއައުޓް ވުމަށްފަހު ހޮޓަލުން ބޭރަށް ނިކުން އިރު އިމާދު ކާރުގައި ބަލާ އައިސް އިނެވެ. ކާރު ތެރޭގައި އިމާދު ވަރަށް ވާހަކަ ދެއްކިއެވެ. ނަމަވެސް ޒަޔާންގެ މާ ބޮޑު ވާހަކަ އެއް ނެތެވެ. ހަމަ އެކަނި އިމާދު ކިޔާ އެއްޗަކަށް ހޫން އަޅުވާލުން ފިޔަވައި އިތުރު އެއްޗެކޭ ޒަޔާން ނުބުނެވެ.

އެއާރޕޯޓް ގެ ޕާރކިން ޒޯނުގައި ކާރު ޕާރކް ކުރުމަށްފަހު އިމާދުވެސް ޒަޔާން އާއި އެކީ ޑިޕާރޗާ ގޭޓު ކައިރި އަށް އައެވެ. ޒަޔާން އެތަނަށް މަޑުކޮއްލުމަށް ފަހު އޭނާގެ ބެކްޕެކް ތެރެއިން އެއްކަލަ ސިޓީ އުރަ، އޭގައި ހުރި އެއްޗަކާއި އެކު އިމާދު އާއި ދިމާލަށް ދިއްކޮއްލިއެވެ.

“މީ ރީމާ، އަހަންނާއި ހަވާލު ކުރަން ބުނެ އިމާދު އަށް ދިން ސިޓީ އުރަ. މި އުރަ މިހާ ދުވަސް ވަންދެން ނުކަނޑާ މި އޮތްގޮތަށް ބާއްވަ ދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަދި ވަރަށް ހިތުގަވެސް ޖެހިއްޖެ. އެކަމާ ދެން ވިސްނާނި ކަމެއް ނެތް. މީގަ ހިފާ. މީގެ އެތެރޭގައި ހުރި އެއްޗެހި އަދިވެސް އެ ގޮތުގައި މީގައި ހުންނާނެ. އަހަންނާއި އެއްވަރަށް މި އުރައިގައި ވަނީ ކޯންޗެއްކަން އިނގުން އިމާދު އަށް ވެސް ވަރަށް މުހިންމު ވާނެކަމަށް ފެނޭ….ދެން ދަނީ. ފަހަރުގައި ދެން އަހަރެމެން މި ދުނިޔެ މަތީގައި ބައްދަލު ނުވެދާނެ. ހިތްހެޔޮ އަހަރެން ކޮއްފިން. އިމާދުވެސް އިތްހެޔޮ ކުރާނެ ކަމަށް އުންމިދު ކުރަން…ދެން މި ދަނީ ވަރަށް ސަލާން” ޒަޔާން ވަރަށް އަސަރާއި އެކު އިމާދު އަށް ސިޓީ އުރަ ދެމުން ވާހަކަ ދެއްކިއެވެ. އިމާދު އަށް ސުވާލެއް ކޮއްލަން ވެސް ފުރުސަތު ނުދީ އިމާދު އާއި ސަލާމް ކުރުމަށްފަހު، ޒަޔާން އެއާރޕޯޓް ޓާމިނަލް ތެރެއަށް ވަނެވެ. އިމާދު ބުނާނެ އެއްޗެއް ނޭންގިފައި ހުރީއެވެ. ޒަޔާން އެންމެ ފަހުން ފޭބި ކަރުނަތިކި ފޮހެލަމުން، އެއާރޕޯޓް އެތެރޭގައި ހުރެ ފަސް އެނބުރި އެއްފަހަރު ބިއްލުރި ގަނޑު ބޭރުން ފެންނަން ހުރި އިމާދު އަށް، ދަނީ ކަން ދޭހަވާހެން ކުޑަކޮން ހީލުމަށް ފަހު ހަނާ އަޅާލިއެވެ. އިމާދުވެސް ކުޑަ ހިނިތުވުމަކާއި އެކު ޖަވާބުގައި ޒަޔާން އަށް ރައްދުކޮއް ހަނާ އަޅާލިއެވެ. ޒަޔާން އަލުން ކުރިޔަށް ހިނގައި ގަތެވެ. އާ އަޒުމަކާއި އެކުގައެވެ. ތަގުދީރު ނިޔާ ކުރި ގޮތުގެ ހަގީގަތް އިތުރު މީހަކަށް ނުކިޔައިނުދީ ކުރިޔަށް ދިއުމުގެ އަޒުމުގައެވެ. ދިރިއުޅުމުގައި ދަރިއެއްގެ ދަރަޖަ ދެވުނު ހަމައެކަނި ފުރާނަ އާއި އެކު އުފަލުގައި ހަޔާތުގެ ބާކީބައި ވޭތު ކުރެވޭނެ ކަމުގެ އުންމީދު އާކުރާ ހާލުގައެވެ.

-ނިމުނީ-

Share Article

Follow Me Written By

Semi-Pro

Level 1

Other Articles

Previous

ނަހަމަ – ކުރުވާހަކަ

Next

މި ލޯތްބާއި ތި ވަޢުދު (34)

Next
August 29, 2026

މި ލޯތްބާއި ތި ވަޢުދު (34)

Previews
August 29, 2026

ނަހަމަ – ކުރުވާހަކަ

4 Comments!

  1. Anonymous says:
    August 29, 2026 at 4:48 pm

    salhi

  2. އަޝްހަދު ޢަލީ ވަޙީދު says:
    August 30, 2026 at 1:08 am

    ވަރަށްފުރިހަމަ ރީތި ވާހަކައެއް

  3. Anonymous says:
    August 30, 2026 at 1:21 am

    didnt expect that many twists

  4. Dhontha says:
    August 30, 2026 at 5:45 am

    Masha allah. V furihama. V salhi twist thah. Mikahala twist thah laigen silsilaa eh liyelanves Aiman molhuvaanekan yageen. Good job!

Comments are closed.



All Right Reserved!