“މަންޝާ… ދެން ބޭބެ ގޮސްލަނީއޭ…. އަދި ފަހުން އަންނާނަން… މުނީރާ ވަރަށް ސަލާމް ބުނި…” ގެއިން ބޭރަށް ނުކުންނަމުން ހަސަންބެ މިހެން ބުނެލިއެވެ. އެޕާރޓްމެންޓްގެ ދޮރުފަތް ލައްޕަމުން މަންޝާ ހިތާ ހިތުން ބުނެލިއެވެ. “އަންނާނެކަމެއް ނެތް…. ކޮންފަދަ ސިޑިން ވެއްޓި ތަނެއް ބިނދޭނެ ނަމަ…”
މަންޝާ ދޮރުފަތް ލެއްޕުމުން ހަސަނު މަޑުމަޑުން އޭނާގެ އަތުން ކުރިމަތި ފަރާތުގައި ފިރުމާލީ އަނގަޔަށް ވައްތަރެއް ޖައްސަމުންނެވެ. ދެފައި ފިއްތައިގެން ހިނދުކޮޅަކު ހުރުމަށްފަހު ސިޑިން ތިރިއަށް ފައިބަން ހިނގައިގަތެވެ. ހަމައެވަގުތު ސިޑި މައްޗަށް އަލިވާ ގޮތަށް ހުރި ބޮކީގެ އަލި ދެބުރަކަށް ނިވި ދިއްލުނެވެ. ހަސަނަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނެވެ. އޭރު މުޅި ދުނިޔެވެސް ވަނީ އަނދިރިވެފައެވެ. ބޮކި ނިވިދިއްލޭ އިރު ސިޑިމަތި ނުފެންނަ ވަރަށް އަނދިރިވެއެވެ. ގޯތި ތެރޭގައި ހައްދާފައިވާ ބިޔަ ކާނިގަހުގެ ހިޔަނިން މުޅި ގޯތިތެރެ އިތުރަށް ބިރުވެރިކަމަށް ދައްކައެވެ.
ހަސަނުގެ ފަހަތުގައި ހުރި މަޚްލޫގުގެ ދެލޯ ދިއްލިގެން ދިޔައެވެ. އޭނާގެ ލޮލުގެ ރަތްކުލަ ދިޔައީ ގަދަވަމުންނެވެ. ހީވަނީ ލޮލުން އަލިފާން ކަނި ބުރަމުން ދާ ހެންނެވެ. އިންތިހާއަށް ރުޅިއައިސް ހުރެ އެ މަޚްލޫގު ހަސަނާ ދިމާލަށް ބަލަމުން ދިޔައެވެ. މަންޝާއާ ދޭތެރޭ ހަސަނުގެ ހިތުގައި އުތުރި އަރަމުން އަންނަ ނުބައި ވަހުޝީ ޚިޔާލުތައް އެ މަޚްލޫގަށް އެނގުނެވެ. އެފަދަ ނަޒަރަކުން މަންޝާއާ ދިމާލަށް ހަސަނު ބަލާކަށް އެ މަޚްލޫގެއް ނޭދެއެވެ. މޭ ފުއްޕާލަމުން އޭތި ކުރިޔަށް ޖެހިލިއެވެ.
ހަސަނަށް އޭނާގެ ފަހަތުގައި ހުރި މި މަޚްލޫގެއް ނުފެނެއެވެ. އެއްވެސް ބިރެއް ނެތި ސިޑިން ފައިބަމުން ހަސަނު ދިޔައީ އަވަހަށް ގެއަށް ދިޔުމަށެވެ. ސިޑީގެ މެދަކާ ހަމަޔަށް ފޭބުނުތަނާ އަނެއްކާވެސް ސިޑިމަތީ ހުރި ބޮކި ނިވި ދިއްލުނެވެ. ދެބުމަ ގޮށް ޖަހާލަމުން ހަސަން ބޯ ހިއްލާލާ މައްޗަށް ބަލާލިއެވެ. އެވަގުތު ހަސަނުގެ ފަހަތުގައި މީހަކު ހުރިހެން ހީވުމުން ހަސަނު ފަހަތަށް އެނބުރި ބަލާލިއެވެ. ނަމަވެސް އެތަނުން މީހަކު ފެންނާކަށް ނެތެވެ.
ސިކުނޑީގައި ސުވާލު މާރކެއް ޖަހައިގެން ހުރެ ހަސަނު މަޑުމަޑުން ސިޑިން ފައިބަން ފިޔަވަޅު އުފުލާލިއެވެ. އެވަގުތު ހީވީ މީހަކު މުއްކަވާފައި ހަސަނުގެ ބޮނބިފަޅީގައި ޖެހިހެންނެވެ. ސިއްސައިގެން ދިޔުމުން ސިޑިމަތިން ފައި ކައްސާލައިގެން ހަސަނު ވެއްޓެމުން އައިސް މައި ދޮރު ބުޑަށް ގުޅަވަރަކަށް ޖެހުނެވެ. ތެދުވެ ސިޑިއާ ދިމާލަށް ހަސަނު ބަލާލީ އެތާ މީހަކު ހުރިތޯ ޔަގީން ކުރާށެވެ. ނަމަވެސް އެތާ އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަވަހަށް ތެދުވެ ގޭ މައިދޮރު ހުޅުވާ ބޭރަށް ނުކުތީ އަތުގައި ހުރި ވެލިތައް ފޮޅަމުންނެވެ.
*** *** *** **** ***
މަންޝާ ކޮޓަރިއަށް ވަދެ ފެންވަރަން ވަނުމުގެ ކުރިން ފޯނުން އޭނާގެ މަންމަގެ ނަންބަރަށް ގުޅާލީ މަންމަ ފޮނުވި ހަދިޔާތައް ކަމުދިޔަ ވާހަކަ ބުނާށެވެ. ދެބުރަކަށް ފޯނު ރިންގްވީފަހުން މަދީހާ ޖަވާބުދިނެވެ. މަދީހާ ފޮނުވި ހަދިޔާތައް ކަމުދިޔަ ވާހަކަ ބުނުމުން މަދީހާ ހުރީ އިންތިހާއަށް އުފާވެފައެވެ.
“ދަރިފުޅާ… ކޮބާ އަޒީމް؟.. އެ ސޮރު ރަނގަޅުތަ؟…” އަޒީމް ކޮބާތޯ މަދީހާ ސުވާލުކޮށްލިއެވެ.
“ހަމަ ދެންމެ އެ ދިޔައީ ޑިއުޓީއަށް…. މި ހަފްތާ ވަރަށް ބުރަކޮށް އެ އުޅެނީ، މި ދުވަސްކޮޅު އަޒީމްމެން އޮފީހުގެ ގިނަ ބަޔަކު ޗުއްޓީ ނަގާފައިވާތީ… އަންނަ މަހު އޯކޭ ވާނެ… އަޒީމްވެސް ވަރަށް އުފަލުން ހުރީ…. އޭނަ ޑިއުޓީ ނިންމާފަ އައިމަ މަންމައަށް ގުޅާނަން އިނގޭ…. މަންމާ ކުދިގުޅަތައް ވަރަށް މީރު…. ތޭންކްސް… މާމައަށްވެސް ސަލާމް ބުނާތި….” މަދީހާ ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ މަންޝާ އޭނާ ބޭނުން ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލިއެވެ.
“އެހެންތަ ދަރިފުޅާ… ދެން ބާއްވަނީ އަޒީމަށްވެސް ވަރަށް ސަލާމް ބުނާތި… މަންމަ މިއުޅެނީ ނަމާދުކުރަން…. ދެން ބޭއްވީއޭ… ފަހުން ގުޅާނަން….” މަދީހާ ފޯނު ބޭއްވުމުން މަންޝާ އަވަސްވެގަތީ ފާޚާނާއަށް ފެންވަރަން ވަންނާށެވެ.
މަންޝާ ފެންވަރަން ވަދެ އެންމެ ފުރަަމަވެސް އިސްތަށިގަނޑު ތެތްމާލުމަށްފަހު ބޮލުގައި ޝޭމްޕޫކޮޅެއް އުނގުޅާލިއެވެ. އަދި އެއަށްފަހު ގައިގާ ޝަވާރޖެލް އުނގުޅަން ފެއްޓިއެވެ. ފެންވަރަމުން ދިޔަ ވަގުތު ކުއްލިއަކަށް މަންޝާގެ ގާތުގައި މީހަކު ހުރިކަމުގެ އިހްސާސް ކުރެވުނެވެ. މަންޝާއަށް ވަށައިގެން ބަލާލެވުނީ ވަރަށް ހާސްްވެހުރެއެވެ. ފާޚާނާގައި މަންޝާ ހުރީ އެކަަންޏެވެ.
ހަސަންބެ ގެއަށް އައުމުން ހިތްނުތަނަވަސް ވެފައި ހުރުމުން ހީވި ހީވުމެއްކަމަށް ނިންމާ މަންޝާ މާގަނޑު ދޫކޮށްލީ ބޮލުގައި ހުރި ޝޭމްޕޫއާ ގައިގާ ހުރި ސައިބޯނިތައް ފިލުވާލާށެވެ. މާގަނޑު ދަށުގައި ހުރިއިރު މަންޝާއަށް ބުނެދޭން ނޭގޭ ކަހަލަ ފިނި ކަމެއް އިހްސާސް ވަމުން ދިޔައެވެ. ދެލޯ މަރާލައިގެން މާގަނޑު ދަށުގައި އިސްތަށިގަނޑުގައި އަތް ހާކާލަ ހާކާލަ ހުރެވުނެވެ. ފިނިވެ ހަށިގަނޑަށް ކުރަމުން ދިޔަ އިހްސާސަކުން ގައިގައި ދެއަތް ހާކާލެވުނެވެ. މަޑުމަޑުން މޫނުގައި އަތް ހާކާލަމުން ދެ ލޯ މަރާ ލެވުނެވެ.
ވަމުން ދިޔަ އަރާމުން މަންޝާގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. އެވަގުތު ލޯމައްޗަށް ސިފަވެގެން ދިޔައީ އެއްކަލަ ޒުވާނާގެ ސޫރައެވެ. މަންޝާއަށް އެ ހިޔާލުން ބޭރުވެވުނެވެ. އެ ވަގުތު އެ ޒުވާނާގެ ސިފަ ލޯ މައްޗަށް ފެންނަން ޖެހުނު ސަބަބެއް އޭނާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ދެ ބުމަ ގޮށްޖަހައިގެން ހުރެ މާގަނޑު ބާރުކޮށްލަމުން ފާޚާނާއިން ބޭރަށް ނުކުތީ ތުވާލިން ގައި ހިއްކަމުންނެވެ.
ގޭގައި ލާ ޝޯޓްބުރިއަކާ ޓީޝާޓެއް ލައިގެން ރީތިވާ މޭޒު ދޮށުގައި އިސްތަށިގަނޑުގައި ފުނާއަޅަަން މަންޝާ ހުއްޓެވެ. އޭނާގެ ނަމުން މީހަކު ގޮވާ އަޑު އިވުނެވެ. އަޑު އެ އަންނަ ދިމާލަށް ބަލާ ލެވުނު ވަގުތު އަނެއްކާވެސް މަންޝާއޭ ކިޔާފައި ގޮވާލި އަޑު އިވުނެވެ. އެ އަޑު އެ އަންނަނީ ބެލްކަނިން ބޭރުންކަން އެނގުމުން އެ ދިމާލަށް މަންޝާ އަވަސް ވެގަތެވެ. ހާވާލެވިފައިވާ ތެތް އިސްތަށިގަނޑާ އެކީ މަންޝާ ބޭރު ބަލާލީ އަތުން އިސްތަށިގަނޑު ތަޅުވަމުންނެވެ.
ބެލްކަނި ކުރިމައްޗަށްވާ ގޮތަށް ހުރި ދުވާރު މަތީގައި ދެ ޖީބަށް އަތްޖަހައިގެން ހެވިފައި ހުރީ އެއްކަލަ ޒުވާނާއެވެ. މަންޝާއަށް ލިބުނީ ހައިރާންކަމެކެވެ. އެ ފިރިހެން ކުއްޖާ އެތަނަށް އައިސް ހުއްޓި ހުރުމުންނެވެ. އަނެއްކާ އެ ފިރިހެން ކުއްޖާ މަންޝާއަށް ފާރަލަނީ ބާއެވެ. ލުއި ހިނިތުންވުމެއް ރައްދުކުރަމުން ކޮޓަރި ތެރެއަށް ވަނުމަށް މަންޝާ ހިނގައިގަތެވެ.
ހަމައެވަގުތު މަންޝާގެ ގައިގައި އައިސް ޖެހުނީ ބޮނޑިކޮށްފައިވާ ކަރުދާސްކޮޅެކެވެ. އެ ކަރުދާސްކޮޅު ނަގަމުން މަންޝާ މަގާ ދިމާލަށް ބަލާލިއެވެ. އެވަގުތު އެ ޒުވާނާ ހިނިތުންވެލަމުން ދުވާރުމަތިން އެ ގޯޅި ގަނޑުން ނުކުތުމަށް ހިނގައިގަތެވެ. އެ ފިރިހެން ކުއްޖާ ދިޔަ ދިމާލަށް ބަލަން ހިނދުކޮޅަކަށް މަންޝާއަށް ހުރެވުނެވެ. އަދި އަތުގައިވާ ގަނޑުކޮޅު ނިއުޅުވާލިއެވެ.
*** *** *** *** *** ***
ގެއަށް ހަސަނު އައިސްވަނީ ކޮރެއް ޖަހަމުންނެވެ. އެ ވަގުތު ގޭތެރޭގައި ކުޅެން ތިބި ދެކުދިންގެ ތެރެއިން އަމާނަށް އޭނާގެ ބައްޕައާ ދިމާލަށް ބަލާލެވުނީ ބައްޕަ ހިނގަމުން އައި ކިއްސަރުންނެވެ. ހަސަނު މަޑު ހިނގުމެއްގައި ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. އެ ވަގުތު އަމާން އޭނާގެ ކޮއްކޮ އީމާން އަތުގައި ކޮއްޓާލަމުން ބުންޏެވެ. “އޭ… ބައްޕައަށް ހީސްލެވިފަ ކަންނޭނގެ އެހުރީ…”
“ބައްޕަ ހީސް ލެވުނީމަތަ އެހެން އެ ހިނގަނީ… ބައްޕަ ތަނަކުން ވެއްޓުނީ ކަންނޭނގެ.. ނޫނީ އެކްސިޑެންޓެއްވީ ކަންނޭނގެ…” އީމާން ވިސްނަން ހުރުމަށްފަހު ބުނެލިއެވެ.
“ކީކޭ ކާކު އެކްސިޑެންޓްވީއޭ؟…” ބަދިގެތެރެއިން ނުކުތް މުނީރާ އީމާން ދެއްކި ވާހަކަ އަޑު އިވުމުން ރަނގަޅަށް އޮޅުން ފިލުވަން ސުވާލުކޮށްލިއެވެ. އަތުގެ އިިޝާރާތުން ބައްޕަގެ ކޮޓަރި ދައްކަމުން އަމާން ވައި އަޑުން ބައްޕަ ކަމަށް ބުންޏެވެ. މުނީރާ އަވަސްވެގަތީ ކޮޓަރިއާ ދިމާލަށެވެ.
“ސިރިއަސް ކޮށްނޭ… ބައްޕައަށް ހީސްލެވިފައޭ ހުރީ… ދެކުނިންތަ ފަޓްލޫނު ތެމިފަ ހުރީވެސް….” މުނީރާ ކޮޓަރިއަށް ވަނުމުން އަމާނަށް ފެނުނު މަންޒަރު އީމާނަށް ކިޔައިދިނެވެ.
މުނީރާ ކޮޓަރިއަށް ވަދެ ބަލާލިއިރު ހަސަނުވީ ފާޚާނާގައެވެ. އެހެންކަމުން މުނީރާ ކޮޓަރިތެރޭ މަޑުކޮށްލައިގެން ހުރީ ހަސަނު ނުކުންނަން ދެނެވެ. މާ ގިނަ އިރުތަކެއް ނުވެ ތުވާލިން ފެން ހިއްކަމުން ހަސަނު ފާޚާނާއިން ނުކުތެވެ. ހަސަނު ހުރީ ޝޯޓު ބުރިއެއް ލައިގެންނެވެ. ކޮރެއް ޖަހަމުން ހަސަނު ނުކުތްތަން ފެނުމުން މުނީރާ އަވަސްވެގަތީ ހަސަނަށް ވީ ގޮތެއް އޮޅުން ފިލުވުމަށެވެ.
“ހަސަނާ… ކިހިނެއްވީ…” މުނީރާ ދެލޯ ބޮޑުކޮށްލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ހަސަނު އައިސް އެނދުގައި އިށީނދެ ފައި ދަމާލިއެވެ. މުނީރާ އެ ކޮޓަރީގައި ހުރި ކުޑަ ގޮނޑި ގެނެސް ހަސަނުގެ ފައި ދަށަށް ލައްވާލިއެވެ. ހަސަނުގެ ފައިގެ ކުޑަހުޅުވަނީ މުޅިންހެން ދުޅަވެފައެވެ. ކަށިމަތީގައި ދެ ދިމާލެއް ނޫފައިގެންފައި ހުއްޓެވެ.
“ހަސަނާ… މީ ކިހިނެއް ވީކަމެއް… އަނެއްކާ އެކްސިޑެންޓެއް ވީތަ؟… އެބައަންނަ އައިސް ހިފައިގެން….” މުނީރާ އަވަހަށް ކޮޓަރިން ނުކުމެގެން ދިޔައީ އައިސް ހިފައިގެން އަންނާށެވެ. ހަސަނު އެނދުގައި އަތް ވިއްދާލައިގެން ހަމަޖެހިލިއެވެ. ހަސަނު ވިސްނަމުން ދިޔައީ އޭނާ އެ ސިޑިމަތިން ވެއްޓުނު ގޮތާއި މެދުގައެވެ. ގައިމުވެސް ހަސަނުގެ ފަހަތުގައި އެއްވެސް މީހަކު ނެތްކަން ކަށަވަރެވެ. އެކަމަކު ހަސަނުގެ ބުރަކަށީގެން ބަންލާފައި މީހަކު ޖެހިކަން ޔަގީނެވެ. އެ އިހްސާސް މީހަކަށް ކިޔައިދިނަސް ގަބޫލު ނުކުރާނެކަން އޭނާއަށް އެނގެއެވެ.
ކޮޓައިރިއަށް މުނީރާ އައިސް ވަނީ ތުވާއްޔަކާއި އެކީ ތައްޓެއް ފުރާ ފެން އަޅައިގެންނެވެ. އެ ތައްޓަށް ހުރީ ގަނޑުފެން އަޅާފައެވެ. ހަސަނު ފަޔާ ދިމާލުން ތަޅުންމަތީ އިށީނދެގެން އިނދެ އެ ތުވާލިކޮޅު ފިނި ފެނުން ތެތްމާލުމަށްފަހު ހަސަނުގެ ފައި ބޮނޑިތާން ކުރަން ފެށިއެވެ.
“ދެން ބުނެބަލަ… މީ ކިހިނެއްވީ ކަމެއްތަ؟… ދުއްވާ އެއްޗެއްގަ ޖެހުނީތަ…” މުނީރާގެ ވާހަކަ ހުރިގޮތުން މުނީރާ އިނީ އިންތިހާއަށް ހާސްވެފައިކަން އެނގެއެވެ.
“ވީ ގޮތަކީ މަންޝާމެން ގޭ ސިޑީން ފައިބަނިކޮށް އެ ސިޑިން އަހަރެން ވެއްޓުނީ… އެ ގޯޅިގަނޑު ވަރަށް އަނދިރި… އަނެއްކޮޅުން އެއީ ދަގަނޑު ސިޑިއެއް…. މިތަންތަން ޖެހުނީ… މުނީރާ ވަރަށް ތަދުވޭ އެހާ ބަރާށް ނުމޮޑޭ…..” މުނީރާ މޮޑެމުން ދިޔަ ތަންތަނަށް ވަމުން ދިޔަތަދުން ހަސަނަށް ތަދުވާތީ އިނީ ދެލޯ މަރާ ފިއްތައިގެންނެވެ.
“ހިނގާ ޑޮކްޓަރަށްދާން… ތަނެއް ބިނދިފައި އިނަސް ނޭނގޭނެ… އެކްސްރޭއެއް ނަގަން ހިނގާ ދާން…” މުނީރާ ހޮސްޕިޓަލަށް ދާން އެދުނެވެ. ނަމަވެސް އެކަމާ ހަސަނު އިންކާރުކުރިއެވެ. އޭނާއަކީ ކިރިޔާ ކަމެއްވާ އިރަށް ހޮސްޕިޓަލަށް ދާ މީހެއް ނޫނެވެ. ހަސަނު ބުނީ ގޭގައި ބޭސް އަޅަނިކޮށް އޯކޭ ވެދާނެ ކަމަށެވެ.
ފައިން ނަގަމުން ދިޔަ ތޫނު ތަދުން އިރުއިރުކޮޅާ ހަސަނު ފުންމައިގެން ދެއެވެ. ފައިގާ ބޭސް އުނގުޅާ ބެންޑޭޖްގަނޑެއް އޮޅާލުމަށްފަހު މުނީރާ ބަދިގެ ތެރެއަށް ދިޔުމަށް ހިނގައިގަތެވެ. އެވަގުތު ހަސަނު އެނދުގައި ހަމަޖެހިލަން މަސައްކަތް ކުރަމުން ބޯ ދަށަށް ބާލީހެއްލަމުން ބުރަކަށި ޖައްސާ އޮށޯތެވެ. “އަލިފާނޯއި…” ހަސަނަށް ވީ ތަދުން ބާރަށް ހަޅޭއް ލަވައި ގަނެވުނެވެ.
ކޮޓަރިން ބޭރަށް ނުކުމެ ނުކުމެ ހުރި މުނީރާ އެއަޑަށް ފަސް އެނބުރި ބަލާލަމުން އަހާލިއެވެ. “ކިހިނެއްވީ ހަސަނާ….”
ހަސަނު ބުރަކައްޓަށް އިޝާރާތް ކުރަމުން ޗޫސް ދަމަމުން ދިޔައެވެ. އެހެންކަަމުން މުނީރާ އަނބުރާ ކޮޓަރިއަށް ވަދެ ހަސަނު ދައްކަމުން ދިޔަ ތަނަށް ބަލާލިއެވެ. “މިވެސް ސިޑިން ވެއްޓުނު އިރު ވެފަހުރި ގޮތެއްތަ….” މުނީރާ ދެ ލޯ ބޮޑުކޮށްލަމުން އަހާލިއެވެ.
“ކިހިނެއްވެފަ ހުރީ… ތިތަނަށް ވަރަށް ތަދުވޭ…” ހަސަނު ބޭނުންވީ އެތަނަށް ވެފައި ހުރި ގޮތެއް ބަލާށެވެ.
“ނޭނގެ ހަސަނާ.. އަހަންނަށް ފެންނަނީ ހޮސްޕިޓަލަށް ދާން… ހީވަނީ ފިހިފަ ހުރިތަނެއްހެން… ވަރަށް ފާޑަކަށް ހުރީ…” މުނީރާ އަނގަޔަށް ވައްތަރެއް ޖައްސަމުން އެހެންބުނުމުން ހަސަނުވެސް ޖެހިލުންވާ ގޮތްވިއެވެ. ހަނދާނަށް އައީ ބުރަކަށީގައި އައިސް ޖެހުނު ހޫނު އެތިފަހަރެވެ. ހޮސްޕިޓަލަށް ނުދާން ހުރި ހަސަނު އެންމެ ފަހުން ހޮސްޕިޓަލަށް ދާން އެއްބަސްވިއެވެ.
*** *** *** *** *** ***
އައި.ސީ.ޔޫގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރަން ވަދެވޭ ގަޑިއަށް ރިޔަޒާއި މީރާއާ ދެމީހުން އެކީގައި ހޮސްޕިޓަލަށް ދިޔައެވެ. އޭރު ޟިރާރު އިނީ އެމީހުން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ރިޔާޒްމެން އައުމާއެކީ މީހުން ޒިޔާރަތްކުރުމަށް ވަދެވޭނީ ފަހަރަކު މީހަކަށް ކަމަށް ބުނުމުން އެންމެ ފުރަތަމަ އެ ކޮޓަރިއަށް ވަނީ ރިޔާޒެވެ. ރިޔާޒް ނުކުންނަން ދެން ބޭރުގައި މީރާ އާއި ޟިރާރު މަޑުކޮށްގެން ތިއްބެވެ. ރިޔާޒް ނުކުތީ ކުޑަ އިރުކޮޅެއް ފަހުންނެވެ. އައި.ސީ.ޔޫ އިން ބޭރަށް ނުކުތް އިރު ރިޔާޒާ އެކީ އާމިނަ ބަލަމުންދާ ޑޮކްޓަރުވެސް ނުކުތެވެ. ރިޔާޒް އިޝާރާތް ކުރުމުން ދެން އެތެރެއަށް ވަނީ ޟިރާރެވެ.
ޑޮކްޓަރ ގާތުން މައުލޫމާތެއް ސާފުކޮށްލަން ރިޔާޒް އެއްފަރާތަކަށް ޖެހިލިއެވެ. “ޑޮކްޓަރ… އަޅުގަނޑުގެ މަންމަ ރާއްޖޭން ބޭރަށް ގެންދެވިދާނެތޯ؟…”
“އައިމް ސޮރީ… މިފަދަ ދަނޑިވަޅެއްގަ ޓްރެވަލް ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން… ކޮންމެވެސް ވަރަކަށް ޕޭޝަންޓް ސްޓޭބަލް ވީމަ އަޅުގަނޑުމެންނަށް އެކަމަށް ހުއްދަ ދެވޭނީ.. ވީ އާ ޓްރައިންގް އަވަރ ބެސްޓް… އަދި ޕޭޝަންޓްގެ ހުރިހާކަމެއް މޮނިޓަރ ކުރަމުން މިދަނީ…” ޑޮކްޓަރު މިހެން ބުނަމުން ކުރިއަށް ހިނގައިގަތެވެ. މާޔޫސްކަމާއި އެކީ ރިޔާޒް އައިސް މީރާ ގާތުގަ ހުއްޓުނެވެ.
“އަހަރެން މި ބެލީ މަންމަ ލަންކާއަށް ޓްރާންސްފާރ ކުރެވޭތޯ… އެކަމަކު ޑޮކްޓަރ ބުނީ އަދި ފްލައި ނުކުރެވޭނެޔޯ…” ކަރު އެލުވާލައިގެން ރިޔާޒް ހުރި ގޮތް ފެނިފައި މީރާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.
ޟިރާރު އައި.ސީ.ޔޫ ތެރެއިން ނުކުތް އިރު އޭނާގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. މީރާ އެތެރެއަށް ވަންނަަން ދިޔުމަށް ރިޔާޒް އެދުނެވެ. އެހެންކަމުން މީރާ މަޑު ފިޔަވަޅެއްގައި ހިނގާފައި އެތެރެއަށް ވަނުމަށް ދިޔައެވެ. ބަލި އެނދުގައި އޮތް ލޯބިވާ އަނބިމީހާ މެޝިންތަކުގެ އެހީގައި އޮތްހާލު ފެނިފައި ޞިރާރުގެ ހިތަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ. ޟިރާރަށް ހިތްވަރު ދިނުމަށް ރިޔާޒް އޭނާގެ ބައްޕަ ގާތަށް ގޮސް ހުއްޓުމަށްފަަހު ކޮނޑުގައި ހިފަހައްޓާލިއެވެ.
“އާމިނަ ރަނގަޅާށް ނިވެއި… މީ އެ ޖިންނީގެ އުދަގޫ ދީ… މަ ބޭނުން އަލިބެ ގިނާސްގެން މި ވޭ ގޮތަށް ބަލާށް… މާދުމަ އަލިބެ ގިނެމާ… އެކަލަކި އަލިބެ އައި.ސީ.ޔޫއަށް ވައްދުވަގެން މިވޭ ގޮތަކަސް ބެލިއޭހެއްނު…” (އާމިނަ ރަނގަޅެއް ނުވޭ… މީ އެ ޖިންނީގެ އުނދަގޫ ދޯ… އަހަރެން ބޭނުން އަލިބެ ގެނެސްގެން މިވާ ގޮތެއްވެސް ބަލަން… މާދަމާ އަލިބެ ގެންނަމާ… އޭރުން އަލިބެ އައި.ސީ.ޔޫއަށް ވައްދައިގެން މިވާ ކަމެއްވެސް ބެލިދާނެއްނު…)
ޟިރާރު ދައްކަމުން ދިޔަ ވާހަކައަށް އެއްބަސްވަމުން ރިޔާޒް އޭނާގެ ބައްޕަގެ އަތުގައި ހިފައިގެން އައި.ސީ.ޔޫ ކައިރީ ހުރި ގޮނޑިބަރި ކައިރިއަށް ގެންދިޔައެވެ.
*** *** *** *** *** ***
މަންޝާގެ އަތުގައިވާ ގަނޑުކޮޅު ހިފައިގެން އައިސް އެނދު މައްޗަށް ވެއްޓިގަތުމަށްފަހު އެގަނޑަށް ބަލާލިއެވެ. އެގަނޑުގައި ލިޔެފައިވާ އަކުރުތައް ހިތުން ކިޔާލިއެވެ. ވަރަށް ތަފާތެވެ. އެއީ ރަނގަޅަށް ވިއްޔާ އެ ޒުވާނާގެ ނަމެވެ. އެ ވަގުތު މަންޝާގެ ފޯނު ރިންގްވިއެވެ. ފޯނަށް ބަލާލިއިރު އެއީ މަންޝާ ނުދަންނަ ނަންބަރެކެވެ. ފޯނަށް ހިނދުކޮޅަކަށް ބަލަން އޮވެވުނެވެ. އެންމެ ފަހުން އެ ފޯނަށް މަންޝާ ޖަވާބު ދިނެވެ.
“ހާދަ ލޯބި އަޑެކޭ…. މަންޝާތަ؟…” މަންޝާގެ ކަންފަތުގައި އެ އަޑު ޖެހުމާއި އެކީ މަންޝާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އެއީ ކާކުކަން މަންޝާގެ ހިތުގެ ކަނަކުން ބުނަމުން ދިޔަ ނަމަވެސް މަންޝާގެ ނަންބަރު އޭނާ ހޯދި ގޮތަކާއި މެދު މަންޝާއަށް ވިސްނާލެވުނެވެ.
“ތީ ކާކު؟….” މަންޝާ ސުވާލުކޮށްލީ އެއީ ކާކުކަން ޔަގީން ކުރާށެވެ.
“އަހަރެންމީ ކާކުކަން ހަމަ ނޭނގޭތީތަ ތި އަހަނީ… އަހަރެންނަށް އެނގޭ… މަންޝާއަށް މިހާރު މީ ކާކުކަން އެނގޭނެ… ނޫންތަ… މިރޭ ބޭރަށް ނުނިކުންނަންތަ؟….” އެޒުވާނާ ވާހަކަ ދެއްކީ ވަރަށް ހުށިޔާރުު ކަމާއި އެކުގައެވެ. ހީވަނީ މަންޝާގެ ހިތުގެ ހުރިހާ ޝުއޫރެއް އޭނާއަށް އެނގޭ ހެންނެވެ. މަންޝާގެ ހިތް އަވަސްވެ ނޭވާ ކުރުވަމުން ދިޔައެވެ. އިރުކޮޅެއް ކުރިން ފެންވަރައިގެން ނުކުތަސް މިހާރު ދާހިއްލާ މަންޝާއަށް ހޫނު ވާން ފަށައިފިއެވެ.
“ތީ… ޒިބާންތަ؟… ކިހިނެއް މި ނަންބަރު އެނގުނީ…” މަންޝާ އޮޅުން ފިލުވަން ބޭނުންވި ސުވާލު ހާމަކުރިއެވެ.
ހޫން.. މީ ޒިބާން… ދެން ނަންބަރު ހޯދަން ބޭނުންވީމަ ހޯދިދާނެ ދޯ… މަންޝާ ކީއްކޮށްލަނީ…” ޒިބާން އިތުރަށް ސުވާލު ކުރަން ފެށުމުން މަންޝާއަށް ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް ކުރަމުން ދިޔައެވެ. ނަމަވެސް މަންޝާގެ ހިތް ބުނަމުން ދިޔައީ އިތުރަށް ޒިބާންއާ ވާހަކަ ނުދެއްކުމަށެވެ.
“ކީއްކުރަން ޒިބާން ތި ގުޅަނީ… ކޮބާ ބޭނުމަކީ… އަހަރެން މީ މީހަކާ އިނދެގެން އުޅޭ މީހެއް… ދެން އެހާ ކޮންފޮޓަބަލްއެއް ނޫން ނުދަންނަ މީހުންނާ ވާހަކަ ދައްކާކަށް… އެހެން ނޫނަސް އަހަރެންގެ އެހާ ފިރިހެން ފްރެންޑްސުން ނުތިބޭނެ….” މަންޝާ މިހެން ބުނުމާއި އެކު ޒިބާން ވާހަކަ ދައްކަން ފެއްޓިއެވެ.
“އޯކޭ.. އެކަމަކު އަހަރެންނަށް މަންޝާ ވަރަށް ރީތި.. ފުރަތަމަ ފެނިލުމުންވެސް މަންޝާ ވަރަށް ކަމުގޮއްސި.. އަހަރެންނަށް އެނގޭ މަންޝާ މެރީޑްކަންވެސް… ދެން އެކަމަކު މަންޝާ ބޭނުމެއް ނޫން ވިއްޔާ… އެހެންވީ އިރު ދެން ބޭއްވީ.. ސޮރީ ޑިސްޓަރބް ކުރެވުނީތީ…”
މަންޝާއަށް ޖަވާބެއް ދޭނެ ފުރުސަތު ނުދީ ޒިބާން ފޯނު ކަނޑާލިއެވެ. ފޯނުގެ ޑިސްޕްލޭއަށް ބަލަން އިނުމަށް ފަހު މަންޝާ އެ ނަންބަަރު ޒިބާން ޖަހާ ސޭވް ކޮށްލިއެވެ. ރަހްމަތްތެރިކަން ބެއްވުމަކީ ކުށެއް ނޫނެވެ. ނަމަވެސް ކުއްލިއަކަށް މަންޝާގެ ހިތުގައި ހުރި ވާހަކަތައް ބުނެ ނިންމާލީ ޒިބާންގެ ހިތް ކުދިކުދި ކޮށްލަމުންނެވެ. މަންޝާއަށް ކަންތަައް ކުރެވުނު ގޮތުން އޮވެވުނީ އެކަމާ ވަރަށް ދެރަވެފައެވެ. އެކަމުން މަންޝާއަށްވެސް ކޮންމެވެސް ވަރަކަށް އުނދަގޫ ވަމުން ދިޔައެވެ.
ބެލްކަނި ކައިރީގައި މަންޝާގެ ހަށިގަނޑާ ދިމާލަށް ބަލަހައްޓައިގެން ޒިބާން އިނީ ކަޅި ޖަހާވެސް ނުލައެވެ. ޒިބާން ކޮނޑާ ހަމައަށް އޮތް ފަން ދިގު އިސްތަށިގަނޑު ހީވަނީ ވަޔާއި އެކު ވިހުރެމުން ދިޔަ އިރު ދުންގަނޑެއް ހެންނެވެ. އޭރު ޒިބާންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޒިބާންގެ ލޮލުގެ ކަޅީގެ ކުލަވަނީ ގަދަ ރަތްކުލައަކަށް ބަދަލުވެފައެވެ. އޭނާ މަންޝާ ހާސިލް ކުރަން ބޭނުމެވެ. ނަމަވެސް މަންޝާގެ ފަރާތުން ލިބުނު ޖަވާބުން ޒިބާން ހިތުގައި ޖައްސައިފިއެވެ.
ވިސްނުމެއްގެ ތެރޭގައި މަންޝާއަށް އޮވެވުނެވެ. ޒިބާންގެ މަތިން ހަނދާންވުމުން އަނެއްކާވެސް ފޯނަށް ބަލާލެވުނެވެ. މަޑުމަޑުން ޒިބާންގެ ނަން ކިޔާލެވުނީ ބޭއިޚްތިޔާރުގައެވެ. މަންޝާއަށް ޒިބާންގެ ނަންވީ ވަރަށް ތަފާތު ރީތި ނަމަކަށެވެ. ޒިބާން ހާ ޒީބާންގެ ނަންވެސް ރީތިވެއްޖެއެވެ.
މަންޝާގެ ހަރަކާތްތަކަށް ބަލަން ހުރި ޒިބާންގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. މަންޝާގެ ހިތުގައި ޒިބާންއާ ދޭތެރޭ ދެވިފައިވާ ހާއްސަ މަގާމް އޭނާއަށް ނަގައިގަނެވުނެވެ. އެކަމުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. މަންޝާ ހާސިލްކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން އޭނަ އަޒުމް ކަނޑައެޅިއެވެ. މަންޝާއަކީ ރޫހީއާ ހާސްބަައި ތަފާތު ކުއްޖެކެވެ. މަންޝާ ކަހަލަ ކުއްޖެއް ޒިބާން ހޯދަން މަސައްކަތް ކުރާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ.
މޫސުމަށް ބަދަލު އައިސް ވާރޭ ވެހެން ފަށައިފިއެވެ. ޒިބާން އަދިވެސް ހުރީ ބެލްކަނީގައި މަންޝާ އާއި ދިމާލަށް ބަލާށެވެ. އެވަގުތު ވިދާލި ވިދުވަރާއި އެކީ ބެލްކަނިން ކޮޓަރި ތެރެއަށް އަލިވެގެން ދިޔައެވެ. އެނދުމަތީގައި އޮތް މަންޝާއަށް ކޮޓަރިއަށް އަލިވި އިރު މީހެއްގެ ހިޔަނި އެނދުމައްޗަށް އެޅުނުހެން ހީވުމުން ތެދުވެ ބެލްކަންޏާ ދިމާލަށް ބަލާލިއެވެ. އެނދުމަތިން ތެދުވެގެން ބެލްކަންޏަށް ދިޔުމަށް މަންޝާ ހިނގައިގަތެވެ. ބެލްކަންޏަށް ނުކުމެ ބަލާލެވުނީ އެތާ މީހަކު ހުރިހެން މަންޝާއަށް ހީވުމުންނެވެ.
އޭރު ބެލްކަަނީގެ އެއްފަރާތުގައި މަގާ ދިމާލަށް ބަލަހައްޓައިގެން މީހަކު ހުރިތަން ފެނުނެވެ. އެމީހާ ލައިގެން ހުރީ ކަޅު ކުލައިގެ އަތް ދިގު ޓީޝާޓަކާއި ޖީންސެކެވެ. މަންޝާ ކުރިއަށް ފިޔަވަޅު އަޅާލިއެވެ.
“ކާކު… ކާކު….” ޖެހިލުންވެ ހުރެ މަންޝާ ކުރިއަށް ދިޔައީ އެމީހާގެ ފުށުން ޖަވާބެއް ނުލިބުމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.





Yeyyyyyy me first 🙂
މި ބައި ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަން…. ކިޔުންތެރިންގެ ޚިޔާލްތަކަށް މަރުހަބާ ކިޔަން އަޅުގަނޑު ދެކެނީ ކިޔުންތެރިންގެ ޚިޔާލަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއްގެ ގޮތުގަ… ޝުކުރިއްޔާ…
Konirakuntha dhn biruweri kohlaany. Varah reethi miwaahaka vex…keep it up dear 🙂 🙂
biruveri vaanee adhi fahun… 🙂 thanks thuthy
alheyy vara salhi.. hassanbe ah hunnaany coffy boifa dhoww.. hehehhe…mivaaahaka varah unique ingey…very intrsting.. waittin for next part❤
Thanks Shiff…. 🙂 <3
Finally..v dhuvas kohfa coment mi kohlanee…bxy dhuvas thakakah fahu..bt time eh libey irah story kiyaalin..
Its osum story shax..jst luvd it…
N yes ZIBAAN unique name eh…???
vaahaka varah reethi.. ekamaku biruveri nuvaathy kada. avaha buruveri kobbala ingey.. <3
dhen eba visnantha week aku 3 faharu story genesdheyn?
Wow shax u r great!! Eba vey kevey goeh!! I mean story dhaaleh v furihamaey.. Ebunaahen week aku 3 days up kohlan veenu.. Kehmadhuvefa innany kiyaa hithun!!
is dat zibaan in de belcony…btw de atmosphere seems v romantic…i mean rainy n everything…so thrz a chance dat they both might cross de limits dhw..?
hahaha??? feeling happy for hasanbe..adhi rangalhuvaanee dn kurimathi faraathuge dhuvas ves dhiyaiyyaa eyrun rangalhu filaavalhei libifa hunnaaneee..
btw stry biruveri vaane dhuvahakah mihaaru keimadhuvefa mihuree…?✌????
Zibaan… That’s name is in my mind…. Mansha ahves Ehen dhw evee
Varah habeys vaahaka
Waiting for episode 16. Dhen vaane gotheh balaahithun keiy madhuvefa
Hithah ves eri mansha buni hen hasanbe sidin vetteyneyey…. Finally… Haha… And ken buni hen I even think romantic scene eh dhaa gothakah hen Thi nimmaalee…
yew knw wat.. mansha and roohi aa siblings. I mean mansha ge bappa akee roohi ge bappa. he is an adduan. manshas mon hates adduans. they both r sisters dats y roohi maru v ma jinni mansha fahathun ulhenee!!! wow I guessed it so right!# hats off to me.. yeyyy!!!!
Oh wow ninni haadha molhey dhw
V thafrthu vahka eii mi
Ahannah mansha varah kamudhey ??????
nice stry
Varah reethi ekamaku maabodhah ves vaahaka. Kuruvefa gesnes dhenee ves maalahu hafuthaayaku 3 faharu genes dheefiyaa varah best ?????????
Baitah Tankoleh kuri adi dhogu koh genes dheebala
Alhey…… thankolheh havahah up kolla dheeba. Mivaahaka ah haadha inthizaareh kureveyey!
this is it………….