ހަދަހާވޭ ކުރާހިތް ސަމާސާ 40 ވަނަ ބައި (ފަހު ބައި)
“ހިބާ، ޒާން މަންމަމެންގެއަށް ކާރުގަދޭ. ޒާންވެސް މިދަނީ.” ފައުޒާން އެހެން ބުނަމުން އަވަހަށް ގެއިން ނުކުތީ ހިބާގެ ޖަވާބަކަށްވެސް ނުބަލަ އެވެ.
ހިބާއަށް ހަފީޒާ މެންގެ ބަޔަށް ވަދެވުނުއިރު އެގޭގައި އުޅެނީ ހަމައެކަނި ޒޭބާ އެވެ. ޒޭބާވެސް އޭރު ހުރީ ބޭރަށް ނުކުމެ އެވެ.
“އެކަކުވެސް ނެތް. އެންމެން ވެއްޖެ ތުއްތައްތަ ބައިގަ.” ޒޭބާ ހިބާގެ އުރުގައި އިން ރަހާގެ ކޮލުގައި ކޮށްޓާލަމުން ބުންޏެވެ. ހިބާ ޒޭބާއަށް ހީލަމުން އަނެއްކާވެސް ގޮސް ލިފްޓަށް އަރައިފި އެވެ. ޒޭބާވެސް ފަހަތުން އައިސް އަރައިފި އެވެ.
“ނަދޫއަށް އެންމެފަހުން ވީގޮތް ދެކިބަލަ. އެހެންވާނި އެގޮތަށް އުޅޭ މީހުނަށް.” ޒޭބާ ބުންޏެވެ. ހިބާ އަނގައިން ވެސް ނުބުނެ ހުރީ އެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ. ހިބާ ދެރަ އެއްވެސް ނުވެ އެވެ. ނަމަވެސް އުފަލެއްވެސް ނުވެ އެވެ. ފައުޒާންގެ ފެމިލީ ކުއްޖަކަށް ވީތީ އަޅާނުލާ ވެސް ނުހުރެވުނެވެ.
ޒޭބާއާއި ހިބާގޮސް ނަދީމާ ބަޔަށް ވަންއިރު އިވެންފެށީ ނަދީމާގެ ރޯއަޑެވެ. ނަދީމާ ކައިރީ ސޯފާގެ އެއްފަރާތުގައި ހަފީޒާ އިންއިރު އަނެއް ފަރާތުގައި ޝަކީލާ އިނެވެ. ސައީދު ފޯނެއްގައި ހުރެ ދެކޮޅަށް ހިގަނީ އެވެ. އަޒްމީލްއާއި ނިހާނީއާއި އަޒްކާ ކޮޅަށް ތިބީ ވާހަކައެއްގަ އެވެ. މާޒްއާއި ފައުޒާންއެއް ފެންނަހިސާބަކު ނެތެވެ. ނަވާ ޒާދްއާއި އެކު ޓައިލްސްމަތީ ކުލަޖައްސަން ތިއްބެވެ. ހިބާ ވަނުމުން ފައްވާޒްއާއި ރިފާ ކޮންމެސް ވާހަކައެއްގައި ތިބެފައި ހިބާ ކައިރިއަށް އައިސް ހުއްޓުނެވެ.
“ކޮބާ ޒާން؟” ފައްވާޒް އަހާލި އެވެ.
“އަންނާނެ މިހާރު.” ހިބާ ބުންޏެވެ. “ޚަބަރުގަ އެކީ ތެދެއްތަ؟” ހިބާއަށް އަހާލެވުނެވެ.
“އާން، ޒެކް ރޭގަ ބުނި އެވާހަކަ އަހަރެން ކައިރީ. އަދި ރިޕޯރޓް ކުރީވެސް ޒެކްހެން ހީވަނީ.” އަޒްމީލް ބުންޏެވެ. ހިބާ އަވަހަށް ފޯނު ނެގި އެވެ. ރިފާ ރަހާ އުރާލައިގެން ޒާދްމެނާއި ދިމާލަށް ދާން ފެށި އެވެ.
“ހަލޯ!” އެކޮޅުން ފޯނު ނެގުމާއި އެކު ހިބާ ގޮވާލި އެވެ. “ޒެކް؟ އަސްލު ކިހިނެއްތަވީ؟” ހިބާ އެއްކައިރިއަށް ޖެހިލަމުން އަހާލި އެވެ.
“އެއީ މިތާ ރިސޯރޓުގެ ބާރ ގައި އުޅޭ ގޯމީ ބައިވަރު ބިއަރު ފުޅިތަކެއް ހިފައިގެން ކައިރީގަ އޮތް ފަޅުރަށަށް ދިޔައީ. ދެން އެތާ ބަޔަކު ވީކަމެއް އޭރަކު ނޭގެ. ޕޮލިހަށް ގުޅައިގެން ގޯމީގެ ވާހަކަ ޕޮލިހަށް ކިޔައިދިނީ އަހަރެން. އެކަމަކު އެތާ އެރަށުގަ ނަދުވާ ހުންނާނެޔޭ އަހަރެން ހިތަކަށްވެސް ނާރާ…” ޒެކް އެހިސާބަށް ބުނާއިރަށް ހިބާއަށް އިނގިއްޖެ އެވެ.
“އެއީދޯ ވީގޮތަކީ.” ހިބާއަށް ބުނެލެވުނެވެ. އެވަގުތު ފައުޒާން ވެސް އައިސް ވަދެއްޖެ އެވެ. ފައުޒާން ފެނުމުން ނަދީމާ ތެދުވެގެން ފައުޒާން ކައިރިއަށް އައެވެ.
“ޒާން، ހެޔޮނުވާނެ ކޮންމެސް ގޮތެއް ހަދާދީ. ނަދުވާ ސަލާމަތްކޮށްދީ.” ނަދީމާ ރޮމުން ފައުޒާންގެ ޕޮލިސް ޔުނީފޯމުގެ ގޮށްބަރީގައި ހިފައިގެން ހުރެ ބުންޏެވެ. މަންމައެއްގެ އާދޭސް އަޑު އިވިފައި ފައުޒާން ވެސް ދެރަވި އެވެ. ނަމަވެސް ފައުޒާންވެސް ކުރާނީ ކީއް ހެއްޔެވެ. ފައުޒާން ނަދީމާގެ އަތުގައި ހިފަހައްޓާލި އެވެ. އަދި ނަދީމާ ގޮވައިގެން ގެންގޮސް ގޮނޑީގައި ބޭންދި އެވެ.
“ތުއްތައްތާ، ނަދޫއަށް މާބޮޑު ކަމެއް ނުވާނެ ނަދޫގެ ޓެސްތްތަށް ނޯމަލް ވެއްޖެއްޔާ. އެހެންވީމަ އަދި އެހާބޮޑަށް ދެރަނުވޭ.” ފައުޒާންއަށް ނަދީމާ ހިތްހަމަ ޖައްސައިދޭން ބުނާނެ އެއްޗެއް ނުވިސްނުނެވެ. “މިހެން ބުންޏަސް ދެރަވާނެތާ. އެކަމަކު ނަދޫވެސް އެގޮތަށް ކަންތައް ކުރީމަނު އެހެން އެވީ.” ފައުޒާންއަށް އެންމެ ފަހުން ބުނެވުނެވެ.
“ޒާންއާއި ހެދި ވީގޮތެއް އެއީ. ޒާން ނަދޫއާ މެރީ ކުރިނަމަ އެހެން ނުވީސް.” ނަދީމާ ފައުޒާންއާއި ދިމާއަށް ބަލައިލަމުން ހިތުގައި ހުރި އެއްޗިހި ބޭރުކުރަމުން ދާން ފެށި އެވެ. ފައުޒާން ހައިރާންވެފައި ބަލަހައްޓައިގެން އިނެވެ.
“މަށަށް އިންގޭ ހުރިހާ ކަމެއްވެސް. ކަލޭމެން ތި އުޅެނީ ނަދޫ ކައިރިން ސަލާމަތް ނުވެވިގެން ކޮންމެސް މަޅިއެއްގަ އޭނަ ޖައްސައިގެން. އާން ޒެކް ވިއްޔަ ރިޕޯޓް ކުރީވެސް. ނަދޫ ވަޒީފާއިން ވަކިކޮށްފަ ފަޅުރަށަކަށް ފޮނުވާލާފަ މީހެއް އަތަށް ރާފުޅި ދީފަ އެރަށަށް ފޮނުވާފަ ހުރިހާ އިލްޒާމެއް ނަދޫމެންގެ ބޮލުގަ އަޅުވަން ތި އުޅެނީ. މަށަށް އޮޅުވާލާނެ ކަމެއްނެތް މާ ރަގަޅު ބަޔަކަށް ވެގެނެއް.” ހިތަށް އެރި އެއްޗެއް ކިޔަމުން ނަދީމާ ދިޔައެވެ. ނަދީމާގެ ސިކުނޑިއަށް މިހާރު އެހެންކަމެއް ވިސްނޭނީ ވެސް ކިހިނެއް ހެއްޔެވެ.
“ނަދީ، ރިލެކްސް.” ސައީދު އައިސް ނަދީމާގެ އަތުގަ ހިފާލަމުން ބުންނެވެ. “ތިހިނެއް ނޫނޭ ވީ. ނަދީ ވެސް ވިސްނާލަ ބަލަ. ނަދޫ އަކީ އަހަރުމެންގެ ދަރިއަކަސް ގޯސް ކަމެއް ނުކުރާނެ ކަމަށް ގަބޫލު ކުރާކަށް ނުވާނެނު. އޭނަގެ ކުށެއްވެސް މީގަ އޮވެދާނެނު.” ސައީދް ބެލީ ނަދީމާއަށް ވިސްނަ ދެވޭތޯ އެވެ. ނަމަވެސް ނަދީމާ އެކަކު ދައްކާ ވާހަކަވެސް ގަބޫލު ކުރާކަށް އެވަގުތު ބޭނުމެއް ނޫނެވެ.
އިރުތަކެއް ފަހުން ޕޮލިސް އޮފިސަރުން އެގެއަށް އައިސް ވަނެވެ. ފަހަރަކު މީހެއް ކައިރީ ނަދުވާއާއި ބެހޭ އެތަށް ވާހަކައެއް އެހި އެވެ. ނަދުވާ ރާބޯކަން ކުރިން ނޭގޭ ކަމަށް އެންމެންވެސް ބުންނެވެ. ޕޮލިސް ދާން ފެށުމުން ނަދީމާވެސް އެމީހުނާއި އެކު ދާން އުޅެން ފެށި އެވެ. ނަމަވެސް ސައީދް އޭނަ ހިފެހެއްޓީ އެވެ.
މަންމައަކު ދަރިއަކާއި ހެދި އެހާވަރުން އުޅޭތީ ހިބާވެސް ހުރީ ފިކުރު ބޮޑު ވެފަ އެވެ. ހެދޭނެ ގޮތެއް ވެސް ނެތެވެ. ފުރަތަމަ ފަހަރުކަމަށް ބަލާ ނަދުވާ ދޫކޮށްލާނެ ނަމައޭ ހިބާ ހިތަށް އަރަމުން ދިޔަ އެވެ. ނަދީމާއަށް ޓަކައި ވެސް ނަދުވާ ދޫކޮށްލާތޯ ހިބާއަށް ދުޢާވެސް ކުރެވުނެވެ.
އެދުވަހު އެންމެން އެގޭގައި ވޭތިކުރިއެވެ. ހިބާވެސް ގެއަށް ދިޔައީ އިރުއޮއްސެން ކައިރިވެފައި ހުއްޓަ އެވެ. ދެން ތިބި މީހުންވެސް ފަހަރަކު ބައެއް ގެއަށް ދިޔަ އެވެ. ނަމަވެސް ހަފީޒާއާއި ޝަކީލާ އެގޭގައި ތިބީ އެވެ. ނަދީމާ އުޅޭގޮތުން ދާން ނުކެރިފަ އެވެ.
ހެދުނު ހެދުނާ ފައުޒާން އޮފީހަށް ދާން ނުކުތެވެ. ހިބާ އާއި އަނގައިންވެސް ބުނެނުލާ ދާތީ ހިބާ ހުރީ ހައިރާންވެފަ އެވެ.
“ހާދަ ކުރިން ތި ދަނީ.” ހިބާއަށް އަހާލެވުނެވެ.
“އާން، ނަދޫގެ ކަންތައް އޮތްގޮތެއް ބަލައިލާށާ އެއްކޮން މިދަނީ.” ފައުޒާން ބުންޏެވެ.
“ހިބާއަށް އަންގައްޗޭ. މާދަމާ ބައްޕަމެން ވެސް މިކޮޅަށް އަންނާނެ. ޒެކްވެސް ބުނި އަންނާނަމޭ.” ހިބާ ބުންޏެވެ. ފައުޒާން ބޯ ޖަހާލަމުން ނުކުމެގެން ދިޔައީ އެވެ.
ހިބާ އެދުވަހު ވަރަކަށް ދުޢާ ކުރި އެވެ. ނަދުވާ އެކަމުން ސަލާމަތް ކުރަށްވާ ތޯއެވެ. ނަދުވާއަށް ހެޔޮވިސްނުން ދެއްވާތޯ އެވެ. އެއީ ނަދުވާއަށް ހެޔޮ އެދޭތީ ހިބާ ކުރިކަމެއް ނޫނެވެ. ނަދީމާއަށް ވާގޮތް ފެނިފައި ހިބާއަށް ވެސް ކެތް ނުވީ އެވެ. ހިބާއަކީވެސް މަންމަ އެކެވެ. ދަރިއަކަށް ދެރަގޮތެއް ވާން އެއްވެސް މަންމައަކު ނޭދޭނެ ކަން ހިބާއަށް ވިސްނެއެވެ.
ޖަމާލްމެންނަށް އާދެވުނީ މެންދުރު އެވެ. ޖަމާލް އާއި މޫމިނާވެސް ތިބީ ނަދުވާގެ ވާހަކަ އެނގިގެން ކަންބޮޑުވެފަ އެވެ. އެއީ ފައުޒާންގެ އާއިލާ ކުއްޖަކަށް ވީތީ އެވެ. އެދުވަހު މެންދުރު ކާންވެސް ފައުޒާން ނާދެއެވެ. ފައުޒާންއަށް ގުޅުމުން ފޯނުވެސް އޮންނަނީ ނިވާލާފަ އެވެ. ހިބާ ހުރީ ކަންބޮޑުވެފަ އެވެ. ތަފާތު އެއްޗިހި ހިބާގެ ހިތަށް އަރަމުން ދިޔަ އެވެ.
ފައުޒާން އެރޭ ގެއަށް އައީ ވަރަށް ލަސްވި ފަހުންނެވެ. ފައުޒާންގެ މޫނުމަތިން ފެންނަންހުރީ މާޔޫސް ކަމެވެ. ފައުޒާން ކޮޓަރިއަށް ވަނުމުން ނިދާފަ އޮތް ރަހާ ކައިރީ އޮށޯވެލައިގެން އޮތް ހިބާ އަވަހަށް ފައުޒާންއަށް ހިދުމަތްކޮށްދޭން ތެދުވި އެވެ.
“ފައުޒާން،” ފައުޒާން ޔުނީފޯރމް ބޭލުމުން އެ ހިފައިގެން ގޮސް ކޮނޑުގައި އަޅުވާލަމުން ހިބާ ވާހަކަ ދައްކަން ފެށިއެވެ. “ފެންވަރައިގެންތަ ކާނީ؟”
“ކައިގެން މި އައީ.” ފައުޒާން ކުރު ޖަވާބެއް ދެމުން ތުވާލި ނެގި އެވެ.
“ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟” ހިބާ ހުރީ ކަންބޮޑުވެފަ އެވެ.
“ނަދޫގެ ޔޫރިން ޕޮސިޓިވް ވީ. އަދި ނަދޫ އަމިއްލައަށް އިއުތިރާފް ވެސް ވެއްޖެ،” ފައުޒާން މާޔޫސްވެ ހުރެ ކިޔައިދިނެވެ. “ޝީ އިޒް ޓޭކިން ޑްރަގްސް….،” ފައުޒާންއަށް އަދިވެސް ޤަބޫލެއް ނުކުރެވެ އެވެ. “ޒާން ދެރަވަނީ ތުއްތައްތައަށް ވާނެ ގޮތަކާއި މެދު. މިހާރު ތުއްތައްތައަށް އެ ޙަބަރު ލިބިދާނެ ކަންނޭގެ.” ފައުޒާން ހިބާއަށް ބަލައިލަމުން ބުންޏެވެ.
“ތުއްތައްތަ މެންގެއަށް ދާން ތައްޔާރުވާންވީތަ؟” ހިބާ އަވަހަށް އަހާލި އެވެ. ފައުޒާން ބޯ ހޫރާލި އެވެ.
“ނޫނޭ، އަދި ދާނެ ކަމެއް ނެތް. ތުއްތައްތަ ވަރަށް ޕްރެޝަރުގަ ހުންނާނީ.” ފައުޒާން ހިބާގެ އުނަގަނޑުގައި ހިފާލަމުން ފައުޒާންއާއި ކައިރިއަށް ދަމާލި އެވެ. “އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަގަޅު ވާނެ.”
“ހިބާވެސް އެންމެ ދެރަވަނީ ތުއްތައްތައަށް ވާނެގޮތް ހިތަށްއެރީމަ.” ހިބާ ފައުޒާންގެ މޭގައި ބޯޖައްސާލަމުން ބުންޏެވެ.
އާ ދުވަހެކެވެ. ދުވަސް ތަކަކަށްފަހު ނަދީމާ މިހާރު ހުރީ ހަމައަކަށް އެޅިފަ އެވެ. މިއަދަކީ ނަދުވާވެސް ގޭ ބަންދަށް ބަދަލުކުރި ދުވަހެވެ. ހަފީޒާއާއި ޝަކީލާވެސް ތިބީ ނަދީމާ މެންގޭގަ އެވެ. ނަދީމާ ހުރީ ހިތްހަމަ ޖެހިފަ އެވެ.
“އަހަރެންގެ ނަދޫ ދެން އެކަހަލަ ކަމެއް ނުކުރާނެ ހަފީ. ނަދޫ ހުރި ގޮތުންވެސް އިނގޭ މަށަށް. އަހަރެންގެ ހިތް ބުނަނީ އޭނައަށް މިހާރު ހުންނާނީ ވިސްނިފައޭ.” ނަދީމާ ހަފީޒާމެން ކައިރީ ބުނަމުން ދިޔައެވެ. ހަފީޒާއާއި ޝަކީލާވެސް އެކަމާ އެއްބަސް ވަމުން ދިޔަ އެވެ.
“ކޮބައިތަ އޭނަ؟” ހަފީޒާ އަހާލި އެވެ.
“ކޮޓަރީގަ. ވަރަށް ރުއި. އަދި ލަދުގަނެފަ ހުރީވެސް. ބުނި ދެން ދުވަހަކުވެސް އެގޮތަކަށް ނޫޅޭނަމޭ. ސައީދު ބުނި އެތަނުން ދީނީ ކައުންސިލްވެސް ދިނޭ.” ނަދީމާ ބުންޏެވެ.
އެވަގުތު އެގޭ ކުދިވެރިން އައިސް ނަދީމާމެން ބަޔަށް ވަނެވެ. އެންމެން އެއްފަހަރާ އައުމުން މުޅި ތަން ހީވީ ފަޅާފާނެ ހެނެވެ. އެންމެން އެއްފަހަރާ އަޑުގަދަކޮށް ހަދަން ފަށައިފި އެވެ.
“އަޒޫ، ޒާންމެން ނާދޭތަ؟” ހަފީޒާ އަހާލި އެވެ.
“އަންނަން އުޅެނީ. އެ ރަހާކައްޕިގެ ކަންތައް ބޮޑުކަމުން ނާދެވިގެން އެ އުޅެނީ. އަދިވެސް ނިދާ ނުހޭލަ.” އަޒްމާ ބުންޏެވެ. ހަފީޒާ ހީލި އެވެ.
މިހާރު ފައުޒާންއާއި ހިބާ ފިޔަވާ އެންމެން ތިބީ ނަދީމާމެން ގޭގަ އެވެ. އެއްބަޔަކު ސައިބޮމުންދާއިރު އަނެއް ބަޔަކު ތިބީ ނަދުވާގެ ކޮޓަރީގަ އެވެ. ނަދުވާއަށް އެންމެން ފެނުމުން އެންމެ ކުރިން ރޮވުނީ އެވެ. އަޒްމާއާއި ރިފާއާއި ދެމީހުންވެގެން ވާހަކަ ދައްކައިގެން މިހާރު ނަދުވާވެސް ހުރީ ހަމައަކަށް އެޅިފަ އެވެ.
“ނަދޫ، އާ ނަދޫއެއް މިހާރުތީ އިނގޭ. ސޯ އަހަރުމެން ބުނާ ކަމެއް ނަދޫ ކުރަންވީ. އޭރުން ހިބާއާއި ޒާންވެސް އޮކްވާޑް ނުވެ ނަދޫއާ ވާހަކަ ދައްކާނީ.” އަޒްމާ ބުންޏޭވެ.
“ނަދޫ ކިހިނެއް ހަދަންވީ؟” ނަދުވާ އަހާލި އެވެ. އަޒްމާ ނަދުވާގެ ކަންފަތް ކައިރިއަށް ގުދުވެގެން އެއްޗިހިތަކެއް ކިޔަން ފެށި އެވެ. ނަދުވާ ބޯހޫރާލި އެވެ.
“ދެން ކެރެންވާނެ. މަޖާ ވާނެ.” އަޒްމާ ބުންޏެވެ.
“ދެން އެކަމަކު ޒާން ރުޅި އައިސްދާނެ.” ނަދުވާ ބުންޏެވެ.
“އަޒޫމެން ތިބޭނަމޭ ރުޅި ކޮންޓްރޯލް ކުރުވަން.” އަޒްމާ ބުންޏެވެ. އެތައް އެއްޗެއް ކިޔައިގެން ނަދުވާ އަޒްމާ ބުނިގޮތަށް ކަންތައް ކުރުމަށް ނިންމި އެވެ.
އަޒްމާއާއި ރިފާއާއި ނަދުވާ ކޮޓަރިން ނިކުތްއިރު ހިބާއާއި ފައުޒާން އައިސް އެގެއަށް ވަންނަނީ އެވެ.
“އަދިކިރިޔާ އެ އާދެވުނީ.” ހަފީޒާ ގޮސް ފައުޒާންގެ އުރުގައި އިން ރަހާ އަތުލަމުން ބުންޏެވެ. “މާމަގެ ދޫނިއާ ހެދި ދޯ ލަސްވީ.” ހަފީޒާ ރަހާގެ ކޮލަށް ލޯބިކޮށްލަމުން ބުންޏެވެ.
“ހިބާ އާދޭ ސައިބޯން.” ރިފާ ގޮސް ހިބާގެ އަތުގައި ހިފައިގެން މޭޒު ކައިރިއަށް ހިގައި ގަތެވެ. އެވަގުތު އަޒްމާ ނަދުވާއަށް އިށާރާތެއް ކޮށްލި އެވެ. ނަދުވާ މަޑުމަޑުން ގޮސް ފައުޒާން ކައިރިއަށް ހުއްޓުނެވެ.
“ފައުޒާން،” ކުއްލިއަކަށް ފައުޒާންގެ އަތުގައި ހިފަމުން ނަދުވާ ބުންޏެވެ. ފައުޒާން ހައިރާން ވެފައި ނަދުވާއަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. ހިބާއާއި ދެންތިބި މީހުނަށް ވެސް އެދިމާއަށް ބަލައިލެވުނެވެ. ހައިރާން ވެފަ އެވެ.
“ނަދޫ، ކިހިނެއް ތި އުޅެނީ؟” އެންމެންގެ ކުރިމަތީ ނަދުވާ އެހެން ހެދުމުން ފައުޒާން ހުރީ ވަރަށް ހިތްހަމަ ނުޖެހިފަ އެވެ. ނަދީމާއާއި ހަފީޒާއާއި ދެންތިބި މީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ.
“ޒާން، އަހަރެން ބުނަން މިއުޅެނީ…” ފައުޒާންގެ އަތުގައިހިފާ ހިގައިގަންނަމުން ނަދުވާ ބުނަމުން ދިޔަ އެވެ. “އަހަރެންނަށް ފައުޒާން މާފް ނުކުރިއަސް …،” އޭރު ހިބާއާއި ރިފާ ހުރި ހިސާބަށް ނަދުވާ ފައުޒާން ގޮވައިގެން އައިސްފި އެވެ. “މި ހިބާ ދޫ ނުކޮށްލާތި.” އަދި ހިބާގެ އަތުގައި ޒާންގެ އަތް ޖައްސަމުން ނަދުވާ ބުންޏެވެ. އެންމެންގެ މޫނުމައްޗަށް އެރި ހައިރާންކަމާއި ނުތަނަވަސް ކަމުގެ ކުލަވަރު ފިލައިގެން ދާން ފެށި އެވެ.
“އަދި މީ މިހާރު އާ ނަދޫއެއް ކަމަށް ބަލައިގެން ދެމީހުންވެސް ނަދޫ މީ ހަމަ އެކަނި ފެމިލީ ކުއްޖެއް ކަމަށް ދެކެން ނަދޫ ބޭނުމީ. ޒާން، ޕްލީސް އައި އޭމް ރިއަލީ ސޮރީ. ސީރިއަސްކޮން. ހިބާ! ކުރިން ވެދިޔަ ކަންތަކަކީ ވަރަށް ބިރުވެރި ހުވަފެނަކަށްހަދާ ނަދޫއަށް މާފް ކުރޭ. ނަދޫއަށް ވިސްނިއްޖެ. ނަދޫ މިހެން ބުނާ އިރުވެސް އިނގޭ ނަދޫމީ މާފް ކުރާވަރުގެ މީހެއް ނޫންކަން.” ނަދުވާއަށް ރަގަޅަށް ވެސް ރޮވެން ފެށި އެވެ. ހިބާގެ ލޮލުން ވެސް ކަރުނަ ނިރާލި އެވެ. ހިބާއަކީ އަބަދުވެސް ހިތްތިރި ކުއްޖެއް ކަމުން ހިބާއަކަށް ނުހުރެ ވުނެވެ.
“ނަދޫ، ހިބާ މާފް ކޮށްފިން. ތައުބާވެ ރަގަޅުމަގަށް އައުމުން އެކަލާނގެވެސް ފާފަ ފުއްސަވާނެ. އަހަރުމެން އަދި މީ ކޮންބައެއް ނަދޫއަށް މާފްނުކޮށް ތިބެން. ކިހިނެއް އިނގެނީ އެކަލާނގެ ހަޞްރަތުގައި ނަދޫގެ ދަރަޖަ.” ހިބާ ފެންކަޅިވެފައި ހުރެ ނަދުވާގެ އަތުގައި ހިފާލި އެވެ.
“ޒާން ވެސް ނަދޫއަށް މާފް ކޮށްފިން.” ފައުޒާން ނަދުވާއަށް ބަލައިލަމުން ބުންޏެވެ.
“ތީ އަހަރުމެންގެ ކަޒިން ނަދޫ. ނަތިން މޯ.” ދުރުގަ ހުރި އަޒްމީލް އައިސް ނަދުވާއާއި ސަލާންކޮށްލަމުން ބުންޏެވެ. “ލެޓްސް ސެލިބްރޭޓް.” އެވަގުތު އަޒްމާއާއި ފައްވާޒް އަދި ދެން ތިބި އެންމެން ވެސް އެތަނަށް އައިސް ނަދުވާ ވަށާލި އެވެ. ހިބާ އެތާ އެންމެން ބޮޑިވެފައި ހުރިތާ ހުރެ ހާސްވާން ފެށުމުން އަވަހަށް އެތަނުން ނުކުމެ ދުރުގައި ހަފީޒާމެން ކައިރީ އިށީދެލައިގެން އިނީ އެވެ. މޫމިނާއާއި ޖަމާލް އެވަގުތު އެގެއަށް އައިސް ވަނުމުން އެންމެން ކުޑަކޮށް ހަމަ ހިމޭން ވެލި އެވެ. ނަމަވެސް އެގޮތަށް އޮތީ އިރުކޮޅަކު އެވެ. ދެން ފެށީ ފިޒާއާއި ލަޔާންގެ ކައިވެނީގެ ވާހަކަ އެވެ. އާއިލާތައް ގުޅިލާ މެހިއްޖެ އެވެ. އެންމެން އުޅޭގޮތް ބަލަން ދުރުގައި ހިބާ އިނީ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮށްލައިގެނެވެ. އިރުކޮޅަކުން ހިބާގެ ގަޔަށް އޮހިގެން ދިޔައީ މޭޒުމަތީ ހަދާފަ ހުރި ފަނިި ޖަގެވެ. އެއީ ފައުޒާންނޫން ދެވަނަ މީހެއް ނޫނެވެ. ހިބާ ކައިރިއަށް އަރައިގަތް ރުޅިން ފައުޒާން ފަހަތުން ދުއްވައިގަތެވެ.
“އަދިވެސް ސަމާސާ ކުރުމެއް ނުހުއްޓެދޯ.” ހަފީޒާއަށް ބުނެލެވުނެވެ.
“ހާދަހާ ސަމާސާ ކުރާހިތް ވެޔޭ.” އަލީ އައިސް ހަފީޒާގެ އަނގައިގައި ކޭކުއެއްޗެއް ހާކާލަމުން ބުންޏެވެ. އެންމެން އެވަގުތު ހޭން ފެށި އެވެ.
*********** ނިމުނީ **********
38 Comments!
Comments are closed.



އާސިގެ ވާހަކަތައް ކިޔަމުން އަންނަ ހުރިހާ ކިއުން ތެރިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ! ކުރާ ކޮމެންޓު ތަކަށް ޖަވާބު ނުދިނެއް ކަމަކު ހުރިހާ ކޮމެންޓެއް ވެސް އަޅުގަނޑު ކިޔަން… އަދި ކޮމެންޓު ކުރި އަދި ކުރާ ހުރިހާ ފަރާތަކަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. ތި އެންމެހާ ފަރާތް ތަކުގެ އެހީތެރިކަން އަބަދުވެސް އަޅުގަނޑަށް ބޭނުންވޭ. ތި ދެއްވާ ހިތްވަރާއި ސަޕޯރޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!
V.reethi… Emme furathama story ves hama habeys.. U know i wish that i was as gud as u to write storys.. Luv ya.. Hope a new story from u…
ޝުކުރިއްޔާ
Mi vaahaka varah salhi.Adhi ves beynun first partun feshigen kiyaalan
ޝުކުރިއްޔާ
Vvvvv nice mi story….. hama best…. aasi new story eh kiyaalan libeyne kamah unmeedhu kuran♡♡♡
“ޤުރުބާން ވުމީ މިހިތުގެ އުފާ” އެއީ އަޅުގަނޑު މިހާރު ލިޔަމުންދާ ވާހަކަ. ވަރަށް ބޮޑަށް ޝުކުރިއްޔާ.
Speechless….vvv salhi asi ge vaahaka thah….hope to raed more frm u…luv u asi…kyp it up
ޝުކުރިއްޔާ… އަޅުގަނޑު މިހާރު ލިޔަމުންދާ ވާހަކަ، ޤުރުބާން ވުމީ މިހިތުގެ އުފާ އަށް ވެސް ތިފަދަ ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރަން.
Very nice keep it up. 🙂
ޝުކުރިއްޔާ
Thafaathu reethi vaahaka eh
ޝުކުރިއްޔާ
Nice story eh
ޝުކުރިއްޔާ
Nice story……. keep it up
ޝުކުރިއްޔާ
Nice story
ޝުކުރިއްޔާ
Asi adhives mihaareethi kiyaahihvaakahala vaahakaeh fonuvaba vvv reethi ?
ޝުކުރިއްޔާ … އަޅުގަނޑު މިހާރު ލިޔަމުންދާ ވާހަކަ ، ޤުރުބާން ވުމީ މިހިތުގެ އުފާ… ރީތިވާނެ ކަމަށް ހީކުރަން.
Vvvvvv nice kome parteh kiyafa comment nukurevey avahaa aneh part kiyla hithun…….
ޝުކުރިއްޔާ
Wow… warah Salhi wahaka eh igay… keep it up. .. you Rae good at this… I would love to read another story by you…. ?
I mean you are good at this ey… sorry for the mistake… ?
ޝުކުރިއްޔާ
Aasi!! Mi vaahaka haadha reehchey… Mikahala ithuru vaahakathakeh kiyaalan libeyne kamah ummeedhu kuran…
ޝުކުރިއްޔާ
I wait until u finish uploading and than ref it all at once.. U got awesome stories and ur an awesome author.. Though i dnt comment much, this fan of urs is alwas there waiting for u finish writing… Wish you good luck and all the best as an author.. Keep going lady… Love you much <3❤️❤️❤️❤️
V v v v v v rythi mi story. Kiyanfeshigotha nunimenis lola nidhives naadhe. V v boda thanks mihaa rythi story eh genesdhinyma.
Vvvvvvvvvvvvv reeethi. Bunedheyn neygeyhaa reethi. Mi vaahaka complete nukoh ehen kameh kuraahih nuves vi. Thank you aasi. U are the best.
Miee alhugandu kee emme reethivaahaka
Rifu thibuny hama thedhey
Vvvvvvvvvvvv reethi vvvvvvvvvvvv super hama habeys mi story mee adhi mihaathanah esfiya in kee emme salhi story all the best for your talent
Wow nice
Vvvv reethi story ehh…???
Vvvv rythi mivaahaka feshigenn nimenn dhenn ekamu minn mi iru zaan ge ge ah hibaa badal kuri nama adhi salhi vaane eiii hurihaa majaa kameh vefa hurii egeinn adhi hibaa ulhey hith vanii vess egeyga kamah vaathi ekam vess vaahaka vvvvvv rythi?
Alhey Mihaar kobaa tha Aasi. Dherey nunidhaa idhegen Aasi ge 2 stories nihmaa mi ly kiya. Nunihmanees lolakah nihjeh ves naee ye hama.