ހިތުގެ މަގުތައް-7
ކޮލެޖުގެ މައި ގޭޓު ކުރިމަތީގައި އުފެދުނު ހަމަހިމޭންކަން މުޅި މާހައުލު ބައްދާލިއެވެ. ދަރިވަރުންތައް އެކި ދިމަދިމާއަށް ހިނގަމުން ދިޔައިރު، ހަ އެކުވެރިން މީހުން ތިބި ދިމާ ވަނީ ގަނޑުވެފައެވެ. ޔައިޝްގެ ކުރިމަތީގައި ކަރުނުން ފުރިގެންވީ ދެލޮލާއެކު ހުރި އަންހެން ކުއްޖާގެ ނަމަކީ ލިވީ އެވެ. އޭނާއަކީ ޔައިޝް ކިޔަވަން މާލެ އައުމުގެ ކުރިން ރަށުގައި އުޅުނުއިރު ވަރަށް ގާތްކޮށް، އަދި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖެކެވެ. ނަމަވެސް މާލެ އައުމަށްފަހު ޔައިޝް ހުރީ އެ ގުޅުން މަތިން މުޅިން ހަނދާން ނައްތާލާފައެވެ.
“ލިވީ… ކަލޭ މިތާ ކީއްތިކުރަނީ؟” ޔައިޝްގެ އަޑު ތުރުތުރުލަމުންދިޔައެވެ. އޭނާގެ މޫނުން ދާހިތްލަން ފެށިއެވެ. އޭނާގެ މި ހާސްކަން ފެނިފައި ކައިރީގައި ހުރި ލިޔުޝާގެ ހިތުގައި ޝައްކުގެ އަލިފާންގަނޑެއް ރޯވިއެވެ.
“ޔައިޝް، އަހަރެން ރަށުން މިއައީ ހަމައެކަނި ޔައިޝްއާ ބައްދަލުކުރަން. ޔައިޝް މާލެ އައި ފަހުން އަހަރެން ގުޅީމަ ފޯނެއް ނުނަގާ. އަހަރެމެން ރަށުގައި ދެއްކި ވާހަކަތަކާއި، ވީ ވައުދުތައް ހަނދާން ނެތުނީތަ؟” ލިވީ ގިސްލަމުން ބުންޏެވެ. “އަހަރެން މާލެ މިއައީ ކިޔަވަން ކަމަށް ބުނެ ބައްޕަމެން ގާތު ދޮގުހަދާފައި، ހަމައެކަނި ޔައިޝްއާ އެކުގައި އުޅެންވެގެން.”
އެ ބަސްތައް އިވުމާއެކު ލިޔުޝާގެ ހިތް މުޅިން ކުދިކުދިވިއެވެ. އަލުން އިތުބާރު ބިނާކުރަން ފެށިތަނާހެން ޔައިޝްގެ މާޒީގެ އާ ސިއްރެއް ފަޅާއެރުމުން އޭނާއަށް ކެތެއް ނުކުރެވުނެވެ. “ޔައިޝް! ކަލެއަކީ ދުވަހަކުވެސް އިތުބާރު ކުރެވޭނެ މީހެއް ނޫން. ކަލޭ ތިއީ މުޅިންވެސް ދޮގާއި އޮޅުވާލުން!” ލިޔުޝާ ހަޅޭއްލަވައިގަންނަމުން ރޮމުން ރޮމުން ކޮލެޖުން ނުކުމެގެން ދުއްވައިގަތެވެ.
ޔައިޝް އޭނާގެ ފަހަތުން ދާން އުޅުނު ނަމަވެސް ލިވީ އޭނާގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. އަފްލާޒް އާއި ޔަޝްމީ ކަންބޮޑުވެފައި ޔައިޝްއާ ދިމާއަށް ބަލަން ތިއްބެވެ. “ޔައިޝް، މިއަދު މިކަން ހައްލުކުރަންޖެހޭނެ،” އަފްލާޒް ސީރިއަސްކަމާއެކު ބުންޏެވެ. ޔައިޝްގެ އަމިއްލަ ގޯސް ނިންމުންތަކުން އޭނާގެ ދިރިއުޅުން އަނެއްކާވެސް ބޮޑު އަނދިރިގަނޑަކަށް ވެއްޓުނީއެވެ.
މި ހުރިހާ ހައިޖާނެއްގެ ތެރޭގައި ޒައިން ހުރީ ޝައިހާ ގޮވައިގެން އޭނާގެ ގެއަށް ދާން ތައްޔާރުވެގެންނެވެ. ބައްޕަ ޤާސިމް ޝައިހާއާ ބައްދަލުކުރަން އެދިފައިވާތީ، ޒައިން ހުރީ ވަރަށް އުންމީދާއެކުގައެވެ. ނަމަވެސް ޝައިހާ ހުރީ އިންތިހާއަށް ބިރުގަނެފައެވެ. ކޮލެޖު ގޭޓު ކުރިމަތިން ލިޔުޝާއަށް އެވީ ގޮތް ފެނިފައި އޭނާގެ ހިތް ނުތަނަވަސްކަމުން ފުރުނެވެ.
“ޒައިން… އަހަރެން ވަރަށް ޖެހިލުންވޭ،” ޒައިންގެ ސައިކަލު ފަހަތުގައި އިންއިރު ޝައިހާ ޒައިންގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓާލަމުން ބުންޏެވެ. “ބައްޕައަކީ ބޮޑު ވިޔަފާރިވެރިއެއް. އަހަރެން ފަދަ އާދައިގެ ކުއްޖަކު ފެނުމުން ބައްޕަ ހިތްހަމަނުޖެހިއްޖެއްޔާ ވާނީ ކިހިނެއް؟ ޔައިޝްމެންގެ ގުޅުން އެދިޔަ ގޮތަށް އަހަރެމެންގެ ގުޅުމަށްވެސް ބޮޑު ހީނަރުކަމެއް އަތުވެދާނެހެން ހީވޭ.”
ޒައިން ސައިކަލުގެ ލޯގަނޑުން ޝައިހާގެ މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ. “ޝައި، ކަންބޮޑުނުވޭ. ޔައިޝްމެންގެ މައްސަލައަކީ އެމީހުންގެ މެދުގައި އޮތް ސިއްރުތައް. އަހަރެމެންގެ މެދުގައި އެކަހަލަ ކަމެއް ނެތް. ބައްޕަ ހުންނަނީ ބޭރުފުށުން ހަރުކޮށް. އެކަމަކު އެއީ ވަރަށް ހިތްހެޔޮ މީހެއް. އަހަރެން ޝައިގެ ކައިރީގައި ހުންނާނަން. އެއްވެސް ކަމެއް ގޯހެއް ނުވާނެ.”
ޒައިންގެ ގޭގެ ބޮޑު ސިޓިންގްރޫމަށް ޝައިހާ ވަތްއިރު އޭނާގެ ފައި ތުރުތުރުލަމުންދިޔައެވެ. ގޭގެ ހައިބަތާއި، އަގުބޮޑު ފަރުނީޗަރުތައް ފެނިފައި އޭނާއަށް އަމިއްލަ ނަފްސު ކުޑަކުއްޖެއް ފަދައިން އިހުސާސްވިއެވެ. ސޯފާގައި އިން ޤާސިމް ލެޕްޓޮޕް އެއްފަރާތްކޮށްލުމަށްފަހު އިސްއުފުލާ ބަލައިލިއެވެ.
އޭނާގެ ތޫނު އަދި ފުން ނަޒަރު ޝައިހާއަށް ހުއްޓުމާއެކު، ސިޓިންގްރޫމަށް ބަރު ހަމަހިމޭންކަމެއް ވެރިވިއެވެ. ޝައިހާ އިސްދަށަށް ޖަހާލިއެވެ. ޒައިން ގޮސް ބައްޕަގެ ކައިރީގައި ހުއްޓުނެވެ.
“ބައްޕާ، މިއީ ޝައިހާ،” ޒައިން ތައާރަފުކޮށްދިނެވެ.
ޤާސިމް ކޮޅަށް ތެދުވިއެވެ. އޭނާ ހިނގާލާފައި އައިސް ޝައިހާގެ ކުރިމަތީގައި ހުއްޓުނެވެ. ޝައިހާގެ ހިތް ބާރަށް ތަޅެމުންދިޔައިރު، އޭނާ ހުރީ ދެންމެ ދެންމެ ޤާސިމް ހިތްހަމަނުޖެހިގެން އެއްޗެކޭ ބުނެފާނެތީ ބިރުންނެވެ.
ޒައިންގެ ގޭގެ ބޮޑު ސިޓިންގްރޫމް ތެރޭގައި ވެރިވެފައި އޮތް ހަމަހިމޭންކަން މުގުރާލީ ޤާސިމްގެ ފުން ނޭވާއެއްގެ އަޑުންނެވެ. އޭނާ ޝައިހާގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު، އެ މޫނުމަތިން އެއްވެސް ކަހަލަ ޝުއޫރެއް ދެނެގަންނާކަށް ނޭނގެއެވެ. ޝައިހާ ހުރީ ބިރުން ގޮސް އަތްފައި ފިނިވެ، ދާހިއްލާފައެވެ. އޭނާގެ ހިތް ބާރަށް ތަޅެމުންދިޔައީ މިއީ އޭނާގެ ހަޔާތުގައި އައި އެންމެ ބޮޑު ކުރިމަތިލުން ކަމަށްވާތީއެވެ.
“އިށީނދޭ،” ޤާސިމް ސޯފާއަށް އިޝާރާތް ކުރަމުން މަޑުމައިތިރި އަޑަކުން ބުންޏެވެ.
ޒައިން ޝައިހާގެ އަތުގައި މަޑުމަޑުން ހިފާލައިގެން ގޮސް ސޯފާގައި އިށީނދެލިއެވެ. ޤާސިމް އެމީހުންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެ، ޝައިހާއާ ސުވާލުކުރަން ފެށިއެވެ. “ޝައިހާ… ކޮލެޖުގައި ކިޔަވަނީ ކޮން އެއްޗެއް؟ އާއިލާގައި އުޅެނީ ކޮންބައެއް؟”
ޝައިހާ ޖެހިލުންވެފައި އިނދެ، ވަރަށް އަދަބުވެރިކަމާއެކު އޭނާގެ ކިޔެވުމާއި އާއިލާގެ ވާހަކަ ކިޔައިދިނެވެ. އޭނާގެ ވާހަކަދެއްކުމުގެ ބަހުރުވައާއި ހުރި މަޑުމައިތިރިކަން ފެނިފައި ޤާސިމްގެ މޫނުމަތިން ފާޅުވި ނުރުހުންތެރިކަން މަޑުމަޑުން ފިލައި، ހިނިތުންވުމަކަށް ބަދަލުވާން ފެށިއެވެ.
“ޒައިން އަބަދުވެސް ދައްކާނީ ޝައިހާގެ ވާހަކަ،” ޤާސިމް ބުންޏެވެ. “ބައްޕަ ހީކުރީ ޒައިންއަކީ އަބަދު ކުޅިވަރުގައި އުޅޭ ކުއްޖަކަށްވާތީ އޭނާގެ ހޮވުންވެސް ހުންނާނީ އެކަހަލަ ގޮތަކަށް ކަމަށް. އެކަމަކު މިއަދު ޝައިހާ ފެނުމުން ބައްޕަ ވަރަށް އުފާވެއްޖެ. ޒައިންއަށް ހަރުދަނާ ބައިވެރިއަކު ލިބުމަކީ ބައްޕަ އެންމެ އެދޭ ގޮތް. ބައްޕަ ތިޔަ ދެކުދިންގެ ގުޅުމަށް މަރުހަބާ ކިޔަން. އެކަމަކު އެއް ޝަރުޠެއް އެބައޮތް. ދެކުދިންވެސް ފުރަތަމަ ކިޔެވުން ނިންމަންޖެހޭނެ.”
ބައްޕަގެ ދުލުން އެ ބަސްތައް އިވުމާއެކު ޒައިން އާއި ޝައިހާގެ ހިތްތަކަށް ލިބުނު ފިނިކަން ބުނެދޭންވެސް ނޭނގެއެވެ. ޝައިހާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބައިގަތެވެ. އެމީހުންގެ ލޯބީގެ އެންމެ ބޮޑު ހުރަސް މިހިސާބުން ނެތިގެންދިޔައީއެވެ.
އަނެއްކޮޅުން، ކޮލެޖު ގޭޓު ކުރިމަތީގައި ޔައިޝް އާއި ލިވީ ތިބީ ވަރަށް ބޮޑު ބަހުސެއްގައެވެ. ލިޔުޝާ ރޮމުން ދިއުމުން ޔައިޝް ހުރީ އިންތިހާއަށް ދެރަވެ، ރުޅިއައިސްފައެވެ.
“ލިވީ! ކީއްވެ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލަން ތިއައީ؟” ޔައިޝް ހަޅޭއްލަވައިގަތެވެ. “އަހަރެމެން ރަށުގައި އުޅުނުއިރު ދެއްކީ ކުޑައިރު ވާހަކަ. އަހަރެން ދުވަހަކުވެސް ލިވީ ދެކެ ލޯބިވާ ވާހަކައެށް ނުބުނަން. އަހަރެންގެ ހިތް އޮތީ ހަމައެކަނި ލިޔުޝާއަށް!”
ލިވީ ރޮމުން ބުންޏެވެ. “އެކަމަކު ޔައިޝް… އަހަރެން ހީކުރީ… ޔައިޝް މާލެ އައީމަ ބަދަލުވީ ކަމަށް.”
އެވަގުތު އަފްލާޒް އާއި ޔަޝްމީ އެދެމީހުންގެ މެދަށް ވަނެވެ. އަފްލާޒް ޔައިޝް ހަމައަކަށް އަޅުވަމުން ލިވީއާ ވާހަކަދެއްކިއެވެ. “ލިވީ، އަޑުއަހާ. ކުށްހީއެއްގެ މަތީގައި އަމިއްލަ ދިރިއުޅުން ހަލާކެއް ނުކުރެވޭނެ. ޔައިޝްގެ ހިތުގައި ލިވީއަށް އޮތީ އެކުވެރިކަން. އޭނާ މިހާރު އެހެން ކުއްޖަކާ ގުޅިގެން އެއުޅެނީ. ލިވީ މާލެ ތިއައީ ކިޔަވަން ކަމަށްވަންޏާ، ކިޔެވުމަށް ސަމާލުކަންދީ. އެހެން މީހެއްގެ ލޯބީގެ ގުޅުމެއް ހަލާކުކޮށްލުމުން ލިވީއަކަށް އެއްވެސް އުފަލެއް ނުލިބޭނެ.”
ޔަޝްމީވެސް ލިވީގެ ކޮނޑުގައި އަތްބާާލާފައި ވިސްނައިދިނެވެ. އަފްލާޒް ދެއްކި ހަރުދަނާ ވާހަކަތަކުން ލިވީއަށް އޭނާއަށް ކުރެވުނު މޮޔަކަން ވިސްނުނެވެ. އޭނާ ކަރުނުން ފުރިގެންވީ ދެލޮލާއެކު ޔައިޝްގެ ކިބައިން މާފަށް އެދިފައި، އެތަނުން ދާން ހިނގައިގަތެވެ.
ލިވީ ދިއުމުން ޔައިޝް ގޮނޑިއެއްގައި އިށީނދެ ބޮލުގައި އަތްއަޅައިގެން ރޯންފެށިއެވެ. “އަފްލާޒް… އަހަރެންގެ އިތުބާރު ލިޔޫގެ ކުރިމަތީގައި މުޅިން ގެއްލިއްޖެ. އޭނާ ދެން ދުވަހަކުވެސް މަގޭ މޫނަށް ބަލައިވެސް ނުލާނެ.”
އަފްލާޒް ޔައިޝްގެ ކޮނޑުގައި ޖަހާލިއެވެ. “ޔައިޝް، އަށް ކުރިން ކުރެވުނު ކަންތައްތަކުގެ ހިތްދަތި ނަތީޖާ މިއީ. އެކަމަކު މިފަހަރު ޔައިޝްގެ ކުށެއް ނެތްކަން ލިޔޫއަށް އެނގެންޖެހޭނެ. އަހަރެމެން އެންމެން އެކުގައި ލިޔޫއަށް ހަގީގަތް ވިސްނައިދޭން މަސައްކަތް ކުރާނަން. ހިތްވަރު އެލުވާނުލާ.”
އެރޭ ޒައިން އާއި ޝައިހާ ތިބީ އުފަލުން ފޮޅިފައެވެ. ބައްޕަގެ ޤަބޫލުވުމުން އެމީހުންގެ ދުނިޔެ ވަނީ ދިއްލިފައެވެ. ނަމަވެސް އެމީހުންނަށް ޔައިޝް އާއި ލިޔުޝާގެ ޚަބަރު ލިބުމުން، އެ އުފާވެރިކަމަށް ހިޔަނި އެޅުނެވެ. ހަ އެކުވެރިންގެ ތެރެއިން ދެމީހަކު ހިތްދަތިކަމުގައި އުޅޭއިރު، އަނެއް ބަޔަކަށް ފުރިހަމަ އުފަލެއް ނުލިބޭނެކަން އެމީހުންނަށް އެނގެއެވެ.
ޝައިހާ ވަގުތުން ލިޔުޝާގެ ގެއަށް ދިޔައެވެ. ލިޔުޝާ އިނީ ކޮޓަރި ތަޅުލައިގެން، އެއްވެސް މީހަކާ ވާހަކަނުދައްކާށެވެ. ޝައިހާ ދޮރުގައި ޓަކިޖަހާ، އާދޭސްކުރުމުން ލިޔުޝާ ދޮރު ހުޅުވިއެވެ.
“ލިޔޫ… ހެޔޮނުވާނެ. ހަގީގަތް ނޭނގި ތިހާ ބޮޑަށް ދެރަނުވޭ،” ޝައިހާ ލިޔުޝާގެ އެނދުގައި އިށީންނަމުން ބުންޏެވެ. “ލިވީއަކީ ޔައިޝްގެ ކުޑައިރުގެ އެކުވެރިއެއް. ޔައިޝް އޭނާދެކެ ލޯތްބެއް ނުވޭ. އަފްލާޒްމެން ވާހަކަދެއްކީމާ ލިވީވެސް އަމިއްލައަށް އެކަން ގަބޫލުކޮށްފި.”
ލިޔުޝާ ދެފަރާތަށް ބޯހޫރާލިއެވެ. އޭނާގެ ދެލޮލުން ކަރުނަ ފައިބަމުންދިޔައެވެ. “ޝައި… މައްސަލައަކީ ލިވީއެއް ނޫން. މައްސަލައަކީ ޔައިޝްގެ ވަށައިގެން އަބަދުވެސް މިފަދަ ސިއްރުތައް އުޅޭކަން. ކުރިން ޔަޝްމީ، މިހާރު ލިވީ. އަހަރެން ކިހިނެއް ކޮންމެ ދުވަހަކު ޝައްކާއި ބިރުވެރިކަމެއްގެ ތެރޭގައި އުޅޭނީ؟ އަހަރެންގެ ހިތް ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައި.”
އަފްލާޒް އާއި ޔަޝްމީގެ ލޯބި ވަރުގަދަވަމުންދާއިރު، ޒައިން އާއި ޝައިހާގެ ގުޅުމަށް އާއިލާގެ ރުހުން ލިބިއްޖެއެވެ. ނަމަވެސް ޔައިޝް އާއި ލިޔުޝާގެ ލޯބީގެ ބަގީޗާ ވަނީ މިލާފައެވެ.
ޖެހިގެން އައި ދުވަހު ކޮލެޖުގެ މައި ހޯލުން ޔައިޝް ފެނުމުން ލިޔުޝާ ކުރިއަށް ހިނގައިގަތެވެ. ޔައިޝް ހީކުރީ ލިޔުޝާ އޭނާއާ ވާހަކަދައްކަން އަންނަނީ ކަމަށެވެ. އެކަމަކު ލިޔުޝާ އައިސް ޔައިޝްގެ އަތަށް ދިނީ އެމީހުން ރައްޓެހިވި ދުވަހު ޔައިޝް ދިން ރަން ފަށެވެ.
“މިއީ ޔައިޝްގެ އެއްޗެއް. އަހަރެމެންގެ މެދުގައި ދެން އެއްވެސް ގުޅުމެއް ނެތް،” ލިޔުޝާ ފިނި އަޑަކުން ބުންޏެވެ.
ނުނިމޭ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Maashaa Allah mi part vx varah varah reethi 💯
Alheyy liushaa maaf kuraane nama yaish ah 😭😭😭
Curiously waiting for the next part…
When next?
Keep shining girrl…
Happy to know that you enjoyed 🥰
Yeah liusha maaf kuraane nama dhww 🥺
Next part soon IA stay tuned 👀
Adhi eh vaahaka cover varah salhi ingey ☺️😅
Awwwn Thank youuuuu sooo muchhhh dear 🥺💕😘
I’m so glad that school dhuvasvaru vx tale upload kohffa hunnathyy…IA ❤️ Weekend kiyaafa.I’ll give a recommend as a reader ✨
Awwn vrh ufaavehje 🥺 yh hama free v ma mi up kohlany … OK no problem 🥰