ލޯބި-44
*”ކޮންތާކަށް ތިދަނީ؟” އަދިޔަން އައިސް މާޔާ ކައިރިއަށް ހުއްޓިލަމުން އެހިއެވެ. އޭރު ވެސް މާޔާ އަށް ހުރެވުނީ ކަޅި ޖަހައި ނުލައި އަދިޔަން އާއި ދިމާލަށް ބަލަހައްޓައިގެންނެވެ.*
“މާޔާ؟ އަރ ޔޫ އޯކޭ؟” މާޔާ ޖަވާބެއް ނުދީ ހުންނަން ފެށުމުން އަދިޔަން އަހައިލި އެވެ.
“ޔަރ…މީ…ހިނގާލަން މިދަނީ.” މާޔާ އަވަސް އަވަހަށް ދުރަށް ބަލައިލަމުން ބުންޏެވެ.
“އެކަނިތަ؟”
“ހިމް. އެކަނި.” އޭރު މާޔާގެ ހިތް ހީވަނީ މޭކަށިގަނޑު ފަޅައިލައިފައި ނިކުމެދާނެހެންނެވެ.
“ކީއްވެ އެކަނި؟ އެކުގައި ދާނެ މީހަކު ނުވީތަ؟ އަހަރެން ކައިރީ ބުނެލިމަނަ އަހަރެން ދާނަމޭ.” އެއްގޮތަކުން ހީލަމުން އަދިޔަން ބުންޏެވެ.
“ހެހެ…އެހެނެއް ނޫން…ބައެއް ފަހަރު އެކަނި ވެސް ބޭރަށް ދަން…” މާޔާ ކުޑަކޮއް ހާސްވިއެވެ. އަދިޔަން ގާތަށް ހިނިއައެވެ.
“އެހެން ދޯ. އަހަރެން މާޔާ އާއި އެކުގައި ދިޔަސް އެންމެ ރަނގަޅުތަ؟ އަހަރެން ވެސް ފޫހިވެގެން މިއުޅެނީ. ދަންނަ މީހަކު ވެސް އުޅެނީކީ ނޫން. މިގޭގައި ވެސް އަހަރެންނާއި އެއް އުމުރެއްގެ ހުރީ މިންހާ. އެކަމަކު މާޔާ ބުނެފި މިންހާ އާއި ވާހަކަ ނުދައްކާށޭ. ދެން ކިހިނެއް ހަދާނީ؟” އަދިޔަން ކަންތަށް ބޮޑުވެފައި ހުރި ގޮތަކަށް ބުންޏެވެ.
“އެހެންނެއް ނޫން އަހަރެން ބުނީ.” މާޔާ އަވަސް އަވަހަށް ބުންޏެވެ.
“ދެން އަހަރެން މާޔާ އާއި އެކު ދިޔަސް އޯކޭތަ؟”
“އޯކޭ. ލެޓްސް ގޯ.” އިރުކޮޅަކު ވިސްނާލުމަށް ފަހު މާޔާ ބުންޏެވެ. އަދިޔަންގެ މޫނު މައްޗައް ހިނިތުންވުމެއް ވެރިވި އެވެ.
“ދޮންތީ! ދޮންތީ!” ހަނާ ދުވެފައި ގޮސް މިންހާގެ ކޮޓަރި ދޮރު ހުޅުވައިލި އެވެ. އޭރު މިންހާ އާއި މައިހާ ތިބީ އެނދުމަތީގައި އިށީންދެލައިގެން ފޯނުން އެއްޗެއް ބަލާށެވެ.
“އެއްކަލަ ހަނާ. ޕިސް ޕިސް. ތިގޮތަށް އަންނަ ގޮތަށް ދޮރު ނުބުޅުވާށޭ. ސިއްސާގެނޭދިޔައީ.” މިންހާ ހިތްހަމަނުޖެހިފައި ބުންޏެވެ.
“ސޮރީ. ވަރަށް ބޮޑު ކަމެއް ވެއްޖެއޭ.” ހަނާ ހުރީ މައިނޭވާ ލެވިފަ އެވެ.
“ކިހިނެއްވީ އަނެއްކާ؟” މައިހާ ހާސްވެފައި އަހައިލިއެވެ.
ހަނާ ދެކޮޅު ބަލައިލައިފައި އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. އަދި އަވަސް އަވަހަށް ގޮސް މައިހާ އާއި މިންހާ ކައިރި އަށް އެނދައް އެރި އެވެ.
“ދެންމެ ކޫއްތަ ނުކުމެއްޖެ އަދިޔަން ބޭބެ އާއި އެއްކޮށް.” ހަނާ ވާހަކަ ދެއްކީ ވައި އަޑަކުންނެވެ.
“އޭން. އަސްލުވެސްތަ؟ ކޮންއިރަކު؟” މައިހާ ދެލޯ ބޮޑުވެފައި އަހައިލި އެވެ.
“ހަމަ ދެންމެ.” ހަނާ ޔަގީންކަމާއެކު ބުންޏެވެ.
“ހިނގާބަލަ އެދެމީހުންގެ ގޮތެއް ބަލާލަން ދާން.” މައިހާ ހިޔާލެއް ދިނެވެ.
“އޭރުން؟ މާޔާ އަށް އެނގިއްޖެއްޔާ؟ އެމީހުން ދިޔަ ދިމާލެއް ވެސް އެނގެނީ ނޫން.” މިންހާ ބުންޏެވެ.
“އެމީހުން ހޯދާނީ. ދުރުދުރުން ދާނީ ނޭނގެ ގޮތަށް.” މައިހާ ހުރީ ވަރަށް މަޖާވެފައެވެ.
“ހަނާ މިހުރީ ރެޑީގަ. ހިނގާ ދާން.” ހަނާ ވެސް އުފާވެފައި ބުންޏެވެ.
“އޯކޭ. ހިނގާ ދާން.” މިންހާ ވެސް އެއްބަސްވިއެވެ.
ތިން މީހުންނަށް ގެއިން ނުކުމެވުނި ރީހާންގެ ކުރިމައްޗަށެވެ.
“ކޮންކަމެއް؟” ޝައްކުގެ ނަޒަރަކުން ބަލައިލަމުން ރީހާން އެހިއެވެ.
“ހިނގާލާކަށްނު މިދަނީ. ދޯ މިން؟” މައިހާ ހީގަންނަމުން ބުންޏެވެ.
“ހިމް. އެކަމަކު ތިން މީހުންގެ މޫނު މަތިން ބުނަނީ އެހެން ވާހަކަ އެއް.” ރީހާން ބުންޏެވެ.
“މި ރީހާން ގަނޑަށް ވެސް އެނގޭނެ ހުރިހާ ކަމެއް.” މިންހާ ތުންދަމާލަމުން ބުންޏެވެ.
“ކަލޭ އާއި އެކު އެހާ ދުވަހު އުޅެވިއްޖޭ.” ރީހާން ޖެއްސުމުގެ ރާގަކަށް މިންހާ އާއި ދިމާލައް ބުންޏެވެ.
“ތިއްތާ. ބަލާބަލަ. ކަލޭ އޯ އެކީ.” މިންހާ ޝަކުވާ ކޮއްލި އެވެ. މައިހާ ބޯހޫރައިލި.
“ރީހާން. އަހަރެމެންގެ ވަގުތޭ ތިބޭކާރު ކުރަނީ.” މައިހާ ބުންޏެވެ.
“ކުރަން އުޅޭކަމެއް ބުނެފަ ތިން މީހުންނަށް ދެވޭނީ. އަދި އަމުދުން މިހިރަ މިންހާ ގަނޑަށް” ރީހާން މިންހާ އާއި ޖެއްސުން ކޮއްލި އެވެ.
“ތިއްތާ! ތިއްތަ އަށް ވެސް މިހާރު އަޅައެއް ވެސް ނުލާ ރީހާން އަހަރެންނާއި ދިމާލަށް ކޮންމެ އެއްޗެކޭ ކިޔާ އިރު ވެސް. އެހެން ނޫނަސް ކަލޭތީ ކާކު މަ ހުއްޓުވަން؟” މިންހާ ވެސް ދުލެއް ނުކުރި އެވެ.
“ސާބަސް ދެމީހުންނަށް. ހުއްޓާލާ. މިދެމީހުންނާއި ހެދި މަގޭ ބޯ ގޮވާނެ. ރީހާން ވެސް މިން ކައިރީ ސޮރީ ބުނޭ.” މައިހާ ހުރީ ހަމަ ރަނގަޅަށް ވެސް ބޯގޮވައިފަ އެވެ.
“ހިމް ހިމް. ސޮރީ.” މިންހާ އާއި ދިމާލަށް ލޯއަޅައިލަމުން ރީހާން ބުންޏެވެ.
“މަށަށް ހެވޭ ތިފާޑައް ސޮރީ ނުބުންޏަސް.” މިންހާ ވެސް ލޯއަޅައިލިއެވެ.
“ދެން ކޮންކަމެއް ކޮއްދެންވީ؟” ރީހާން އެހިއެވެ.
“މަށަށް ޗޮކުލެޓު ގަނެދެންވީ.” މިންހާ ހިނިއައިސްފައި ހުރެ ބުންޏެވެ.
“ސުބުހާނައް ﷲ. ދައްކާ އެޓަޓިއުޑް. ޗޮކްލެޓް ގަނެދޭށޯ. ޖޮބަކަށް ދޭ އެހެންވީމަ އަމިއްލަ އަށް ގަނޭ. އެހެން ނޫނީ ކަލޭގެ ވާން އުޅޭ ފިރިމީހާ ކައިރީ ބުނޭ.” ރީހާން އެކްޓް ބޮޑުކޮއްލާފައި ބުންޏެވެ.
“މަ މީގެއިން ދިޔާމަ ނުބުނާނަމޭ. މަ ދިޔާމަ އެންމެ ފޫހި ވާނީ ވެސް ކަލޭ.” މިންހާ ބުންޏެވެ.
“ދެމީހުން ހުއްޓާލާ! މިދަނީ މާޔާ އަދިޔަން އާއި އެކު ނުކުމެގެން އެދެމީހުން އުޅޭތަނެއް ބަލަން. ކަލޭމެން ދެމީހުންނާއި ހެދި ހާދަ ވަގުތެކޭ ބޭކާރުވީ.” މައިހާ ހިތްހަމަނުޖެހިފައި ބުންޏެވެ.
“ރީހާން ގަނޑާހެދި.” މިންހާ ބުންޏެވެ.
“ހިމް. ހެވޭ. އެދެމިހުން ކަމެއްތަ؟” ރީހާން ޝައުގުވެރިވެފަިއ އަހައިލި އެވެ.
“ނޭނގެ. އެހެންވެ އެއްނު މިދަނީ.” މައިހާ ބުންޏެވެ.
“މިގަޑީ ހުރެވޭކައް ނެތް. މަށަށް ފަހުން ކިޔައިދެއްޗޭ.” ރީހާން ބުންޏެވެ.
“ކަލޭ ހާދަ ވެއޭ ގޮސިޕް ކުރާ ހިތް.” މިންހާ ޖެއްސުމުގެ ރާގުގައި ބުންޏެވެ.
“އެހެންނެއްނު ވަނީ. ހުސް އަންހެނުން ވިއްޔާ މަ ވަށާ އުޅެނީ.” ރީހާން ވެސް ޖެއްސުމުގެ ރާގުގައި ބުންޏެވެ.
“އަނެއްކާ ދެމީހުން ނުފަށަ ހިނގާ ދާން.” މައިހާ މިންހާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ހަނާ ވެސް ހެމުން މައިހާ ފަހަތުން ހިނގައިގަތެވެ.
“ދޮންތި އާއި ތިއްތަބެ އަދި ވެސް އުޅެނީ ހަމަ ކުރިން އުޅުނުހެން.” ހަނާ ހެމުން ބުންޏެވެ.
“މަށައް ސާދަ އަހަރުން ފެށިގެން ރީހާން އިނގޭވިއްޔާ.” މިންހާ ބުންޏެވެ.
“އޭރުން ފެށިގެން ދެމީހުން އެގޮތަށް ތޮޅޭނީ.” މައިހާ ކިޔައިދިނެވެ.
“ތިއްތަބެ ވެސް ހީވަނީ ދޮންތިގެ ސިބްލިންގ އެއްހެން މިހާރު.” ހަނާ ހުރީ މަޖާވެފައެވެ.
މާޔާ އާއި އަދިޔަން ތިބީ ޖެޓީގައެވެ. އޮއްސެމުން ދިޔަ އިރުން މޫދައް އަރުވަމުން ދިޔަ ކުލަތަކަށް ގެއްލިފަ އެވެ.
“މާޔާ ވަރަށް ރީތި ލައިޓް ޕިންކް ގަ.” އަދިޔަން ބުނެލިއެވެ.
މާޔާ ހައިރާން ވެފައި އަދިޔަން އާއި ދިމާލަށް ބަލައިލި އެވެ.
“ކިހިނެއްވީ؟ ރީތި ވީމަ ރީތި ވާހަކަ ބުނެލީ. އަންހެން ކުދިން ވަރަށް އުފާވާނެ އޯ އެކުދިންނަށް ތައުރީފު ކުރީމަ މީހުން ބުނާތީ އަޑުއަހަން. އެކަމު މާޔާ ހިއެއް ނުވޭ އުފާވި ހެންނެއް.” އަދިޔަން ނޫންކަމަށް ހެދިފައި ބުންޏެވެ.
“ތޭންކްސް.” މާޔާ ދުރުބަލައިލަމުން ބުންޏެވެ. އަދިޔަންގެ މޫނުމަތީގައި ކުޑަ ހިނިތުންވުމެއް ކުޅެލި އެވެ.
“އެއްޗެއް އަހާލަންތަ؟” އިރުކޮޅަކުން އަނެއްކާވެސް އަދިޔަން ވާހަކަ ދެއްކި އެވެ.
“ހިމް.”
“އަހަރެން މާޔާ އެކީ މިގޮތަށް ބޭރަށް އައީމަ މައްސަލަ އެއް ނުޖެހޭނެ ތަ؟ މިބުނީ ރުޅި އަންނާނެ އެއްވެސް ފިރިހެން ކުއްޖެއް ހުންނާނެތަ؟ އޯ މޭބީ އެކުއްޖަކަށް މާޔާ އަހަރެންނާއި އެކު ފެންނަން މާޔާ ބޭނުންނުވާ ކުއްޖެއް ހުންނާނެތަ؟”
“އުހުން. ނުހުންނާނެ. ދެން އަހަރެންގެ ފަހަތުން އުޅޭ ކުއްޖަކަށް ފެނިގެން ރުޅިއައިސްދާނެ. އެކަމަކު އެމީހުންނަށް އަޅައިލާނެ ކީއްކުރަން.”
“އެހެން ދޯ.”
“ކީއްވެ ތިހެން ތި އެހީ؟”
“ކަމެއް ނުވޭ. ކިއުރިއޮސިޓީ.” އަދިޔަން ދެއްކީ ގަބޫލުކުރެވޭ ފަދަ ބަހަނާ އެކެވެ.
“އަދިޔަންގެ ހުންނާނެތަ އެކަހަލަ ކުއްޖެއް؟” މަޑުމަޑުން މާޔާ ވެސް އޭނާ އެނގެން ބޭނުންވާ ކަންތަކާއި މެދު ސުވާލު ކޮއްލި އެވެ.
“ނޫން. އަހަރެންގެ ވެސް ނެތް. އެކަމަކު މިރަށަށް އައި ފަހުން ކުއްޖެއް ފެނިއްޖެ.”
މާޔާގެ މޫނުމަތީ ކުލަވަރު ބަދަލުވި އެވެ.
“އަހަރެން ބޭނުމީ އެކުއްޖާ ދަސްކުރަން. އެކުއްޖާގެ ހިތުގަ އަހަރެންނާއި ދޭތެރޭ އެއްވެސް އެއްޗެއް ވޭތޯ އެނގެން.” ސިއްރު ސިއްރުން މާޔާގެ މޫނަށް ބަލަން ހުރެ އަދިޔަން ބުންޏެވެ.
“ތީ ވެސް ރަނގަޅު ގޮތެއް. އެކަމަކު އަދިޔަން ކިހިނެއް އެކަން ކުރާނީ؟ ދުވަސްކޮޅަކުން އަދިޔަން މިރަށުން ދާނެ އެއްނު.”
“އެކަމާ ދޯ؟ އަހަރެން މިކޮޅުގަ މަޑުކުރާނީ.”
“މުޅި ކެރިއަރ މަޑުޖައްސާލަނީ ހަމަ އެކަނި އަންހެން ކުއްޖަކު ދަސްކުރަން. އެންމެ ފަހުން އެކުއްޖާ އަދިޔަން ދެކެ ލައިކް ނުވެއްޖެއްޔާ؟”
“ދެން އަހަރެން އެކުއްޖާ ދޫކޮއްލާނީ.”
“އެހާ ސިމްޕަލް؟”
“މާޔާ އަށް ހީވަނީ ކިހިނެއް؟ އެކުއްޖާ އަހަރެން ދެކެ ލައިކް ނުވިޔަސް އަހަރެން އެކުއްޖާ ދޫކޮށްނުލާ ހުންނަންވީހެން. އެކުއްޖާ ލައިކް ވާ މީހަކާ އެކީ އުފަލުގަ އުޅޭތަން ބަލަން ހުންނާނަމޭ އަހަރެން.”
“ދެން އަދިޔަންގެ ލައިފް އޯ؟” މާޔާ ހުރީ ވަރަށް ޝައުގުވެރިވެފައެވެ.
“އަހަރެން ވެސް އެހެން ކުއްޖެއް ހޯދާނީ.”
“ދެން އަދިޔަން އަށް އެކުއްޖާ ދެކެ އެހާ ބޮޑައް ލައިކް ނުވެވުނު؟”
“ހިމް. އޭރުން އަސްލު އަހަރެން ދެން ހޯދާނީ އަހަރެން ލައިކްވާ ކުއްޖެއް ނޫން. އަހަރެން ދެކެ ލައިކްވާ ކުއްޖެއް.”
“އޭރުން އެކުއްޖާ އަދިޔަންގެ ފަރާތުން ކޮންމެވެސް އެއްޗެއް އެކްސްޕާޓް ކުރާނެއްނު.”
“އަހަރެން އެކުއްޖާ ޑިޒާވް ވާ ވަރުގެ މީހަކަށް ވެވޭތޯ މަސައްކަތް ކުރާނީ.”
“ދެން އަދިޔަން އެންމެ ފުރަތަމަ ލައިކް ވި ކުއްޖާ؟”
“އެކުއްޖާ އަށް ޓަކައި އަހަރެން ދެކެ ލައިކް ވާ ކުއްޖާ އަކަށް ސަޒާ އެއް ނުދެވޭނެ އެއްނު. އަހަރެން އެހާ ސެލްފިޝް އެއް ނޫން.” އަދިޔަން ވާހަކަ ދައްކަމުން ދިޔައިރު މާޔާ ހުރީ ކަނުލައި ހުރިހައި ވާހަކަ އެއް އަޑުއަހާށެވެ.
އިރުއޮއްސެން ކައިރި ވުމުން މާޔާ ގެއަށް ލައިފައި އަދިޔަން ދިޔައީ މިސްކިތަށެވެ.
އުފާވެރި ހިނިތުންވުމަކާއި އެކު މާޔާ ގޮސް އޭނާގެ ކޮޓަރި އަށް ވަނެވެ. ދޮރު ލައްޕައިލުމައް ފަހު ލައިޓު ޖައްސައިލި ގޮތަށް މާޔާ ސިހިފައި ވަރަށް ބާރަށް ހަޅޭ ލަވައިގަތެވެ. އެވަގުތު ގޭގައި އިތުރު މީހަކު ވެސް ނޫޅެއެވެ.
މާޔާގެ ހަޅޭކުގެ އަޑު އިވުނީ ގެއަށް ވަދެގެން އައި ރީހާން އަށެވެ. އޭނާ އަށް އެއީ މައިހާމެންގެ ކަމެއްކަން އެނގުނެވެ. އަވަސް އަވަހަށް ގޮސް އޭނާ މާޔާގެ ކޮޓަރި ދޮރުގައި ޓަކިދިނެވެ. މާޔާ ވަގުތުން ހުޅުވި އެވެ. އެތެރެއަށް ބަލައިލި ގޮތަށް ރީހާން ހޭން ފެށިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


Varah varah reethi
Thank you dear
Kuda massla eh dhimaa vegen 43 vana part adhi upload nuvey
Part 43 ge kurin part 44 kiyan jehunu kamah takai maadhan edhen