“ނަތީޖާ ނެގެޓިވް.” އަމާންގެ އެއްވެސް އިހުސާސެއް ބޭރަކަށް ނުދައްކައެވެ. ހަމައެކަނި ޑޮކްޓަރަށް ބަލަން އިނީއެވެ. ނެގެޓިވް. އެ ބަހަކީ މިހާރު އޭނާ ހައިރާންކުރުވާ ބަހެއް ނޫނެވެ. އެ ބަސް އިވޭ ކޮންމެ ފަހަރަކު އޭނާގެ އެތެރެހަށިން ކޮންމެވެސް އެއްޗެއް ހުސްވެގެންދާ ފަދައެވެ.
ޑރ. މެތިއުސް ވާހަކަ ކުރިއަށް ގެންދިޔައެވެ. ހޯމޯން ލެވެލްތަކާއި، ގަރުބަގަތުމުގެ އިންސައްތައާއި، ބަދަލުކުރެވިދާނެ ކަންތައްތަކާއި، ހިސާބުތަކާއި ތަފާސްހިސާބުތައް ކިޔައިދެއްވަމުންނެވެ. ނަންބަރުތަކެވެ. އަބަދުވެސް ނަންބަރުތަކެވެ. އެއިން އެއްވެސް ނަންބަރަކުން އަމާން އަހަން ބޭނުންވި ހަމައެކަނި ސުވާލަކަށް ޖަވާބެއް ނުލިބުނެވެ.
‘ކީއްވެގެން؟ އެހެން އެންމެންނަށް ވެފައި އަހަރެމެންނަށް ނުވަނީ ކީއްވެގެން؟’
ދެއްކި ވާހަކައިގެ ދެބައިކުޅައެއްބައިވެސް އަމާންއަށް ނުއިވުނު ނަމަވެސް، އޭނާ އަދަބުވެރިކަމާއެކު ބޯޖަހާލިއެވެ. އޭނާގެ ކައިރީގައި އިނދެ އީތަން ސުވާލުކުރިއެވެ. ހަމަޖެހޭ ސުވާލުތަކެކެވެ. އަމަލީ ސުވާލުތަކެކެވެ.
“އަހަރެމެންނަށް އޮތީ ކޮން ފުރުސަތުތަކެއް؟ އިތުރު ސައިކްލްއަކުން ފުރުސަތު ބޮޑުވާނެތަ؟ ޑޮކްޓަރު ލަފާދެނީ ކޮންކަމަކަށް؟” އެކަމަށްޓަކައި އަމާން އީތަންއަށް ތައުރީފުކުރިއެވެ. މިހާރުވެސް، އަމާންއަށް ފެންނަން ހުރި ހުރިހާ ދޮރެއް ބެދިފައިވާއިރު، އީތަން ދިޔައީ އެހެން ދޮރެއް ފެނޭތޯ ހޯދަމުންނެވެ.
ގެއަށް އެނބުރި ދިޔަ ދަތުރު އޮތީ ހިމޭންކޮށެވެ. ވިންޑްޝީލްޑް ވައިޕަރުތައް އެއްވަރަކަށް ހަރަކާތްކުރަމުން ދިޔައިރު، ވާރޭގެ ތިކިތައް މަޑުމަޑުން ވިންޑްޝީލްޑްގައި ޖެހެމުންދިޔައެވެ. އަމާން ބަލަން އިނީ ދޮރުގެ ބިއްލޫރިގަނޑުން ތިރިއަށް ފައިބަމުންދިޔަ ވާރޭތިކިތަކަށެވެ. އެ ތިކިތަކުގެ ސަބަބުން ބޭރުގެ މަންޒަރުތައް ފެންނަނީ އަޅިކުލައިގެ ފުސް ރީތިކަމެއްގައެވެ. ރަތް ބައްތިއަކަށް މަޑުކޮށްލި ވަގުތު، އީތަން ކާރުގެ މެދުބައިގެ މަތިން އަތްދިއްކޮށްލައި އަމާންގެ އަތްމަތީގައި އޭނާގެ އަތް ބާއްވާލިއެވެ. އެއްވެސް ބަހެއް ނުބުނެއެވެ. ހަމައެކަނި ހޫނުކަމެވެ. އަމާން އީތަންގެ އިނގިލިތަކުގައި ފިތާލިއެވެ. އީތަންވެސް ރައްދުގައި ފިތާލިއެވެ.
އެރޭ އެޕާޓްމަންޓް ތެރެ އާދަޔާ ހިލާފަށް ހިމޭނެވެ. އެއީ އަމާންއާއި އީތަންގެ ދެމެދުގައި އަބަދުވެސް އޮންނަ ހިތްހަމަޖެހޭ ކަހަލަ ހިމޭންކަމެއް ނޫނެވެ. މި ހިމޭންކަން މާ ބަރެވެ. ބަދިގޭގެ ފާރުގައި ހުރި ގަޑީގެ ހިނގާ އަޑުވެސް އާދައިގެ ވަރަށްވުރެ ބާރަށް އިވޭހެން ހީވެއެވެ. އެ ގަޑިން ހޭދަވާ ކޮންމެ ސިކުންތެއް ހިނގަމުންދިޔައީ ކެތްނުކުރެވޭފަދަ ތަފްސީލީ ގޮތަކަށެވެ.
ބޭރުން، އުޑުމަތި ވަނީ އަނދިރި އަޅިކުލައަކަށް ބަދަލުވެފައެވެ. ދުވަހުގެ ފަހު އަލިކަން ދިރުވާލަމުން، ސިޓީގެ މައްޗަށް ވާރޭ ވިއްސާރަ ވިލާތައް އެއްވަމުންދިޔައެވެ. މޫސުމީ މައުލޫމާތުން ވިއްސާރަކުރާނެކަމަށް ބުނެފައިވީ ނަމަވެސް، މިއަދު ހެނދުނު އެ ދެމީހުންކުރެ އެކަކުވެސް އެކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.
އިސާހިތަކު ސިޓިންގްރޫމުގެ ކުޑަދޮރުގައި ވާރޭގެ ފުރަތަމަ ތިކިތައް މަޑުމަޑުން ޖެހެން ފަށައިފިއެވެ. އަމާން ހުރީ ބަދިގެ ސިންކު ކައިރީގައި، ކޯފީ ތައްޓެއް ދޮންނާށެވެ. އޭނާ އެ ތަށީގެ އެއް ތަނެއް އުނގުޅަމުންދާތާ ގާތްގަނޑަކަށް ފަސް މިނެޓު ވެއްޖެއެވެ. އޭނާގެ ފަހަތުގައި، އީތަން ދިޔައީ ކްލިނިކުން އެނބުރި އައި މަގުމަތީގައި ގަތް ކާބޯތަކެތި ކޮތަޅުތަކުން ނަގާ ތަރުތީބުކުރަމުންނެވެ. އޭނާ ތާޒާ މޭވާއާއި ތަރުކާރީތައް އައިސްއަލަމާރިއަށް ލައި، ދަޅުތައް ކަބަޑުތެރޭގައި ތަރުތީބުން އަތުރާ، އަދި ޕާން ބޮނޑިއެއް ކައުންޓަރު މަތީގައި ބެހެއްޓިއެވެ. ގެއަށް އައިފަހުން އެ ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެއީ ރުޅިއައިސްގެންނެއް ނޫނެވެ. ވާހަކަ ފަށާނެ ގޮތެއް ދެމީހުންކުރެ އެކަކަށްވެސް ނޭނގޭތީއެވެ.
“އަހަރެން މި ވިސްނަނީ.” އެންމެ ފަހުން، އީތަން އެ ހިމޭންކަން ނަގައިލިއެވެ.
“އާނ؟” އަމާންގެ ކަޅި އަދިވެސް ހުއްޓިފައިވަނީ އެ ތައްޓަށެވެ.
“ފަހަރެއްގައި މި ބަންދުގައި އަހަރެމެންނަށް ސިޓީއިން ބޭރަށް ގޮސްލެވިދާނެ. ހަމައެކަނި ދެމީހުން.” އަމާން ޖަވާބެއް ނުދިނެވެ.
“އެއްކަލަ ފެންގަނޑު ކައިރިއަށް ދެވިދާނެ. ކުޑަކުޑަ ކެބިންއެއް ކުއްޔަށް ނެގިދާނެ، އަމާން ގަޔާވާ ކަހަލަ.” އޭނާ މަޑުމަޑުން ހިނިތުންވެލިއެވެ. އަދިވެސް އެއްވެސް ޖަވާބެއް ނެތެވެ. އަމާން މަޑުމަޑުން އިސްކުރު ބަންދުކޮށްލިއެވެ.
“އަހަރެން ދާކަށް ބޭނުމެއް ނޫން.” އީތަންގެ ހިނިތުންވުން ފިލައިގެން ދިޔައެވެ.
“އެއީ މައްސަލައެއް ނޫން. ދާކަށް ނުޖެހޭނެ.” އޭނާ މަޑުމަޑުން ކޮނޑުއަރުވާލިއެވެ. އަމާން ތަށި ހިއްކާލުމަށްފަހު އަނބުރާ ކަބަޑަށް ލިއެވެ.
“އަހަރެން އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫން.” އީތަން އަމާންއަށް ފަރުވާތެރިކަމާއެކު ބަލަން ހުއްޓެވެ. އަމާން ފެންނަނީ ވަރަށް ވަރުބަލިވެފައިވާ ތަނެވެ. ޖިސްމާނީ ގޮތުންނެއް ނޫނެވެ. ނަފްސާނީ ގޮތުންނެވެ. މާ ބަރު އެއްޗެއް މާ ގިނަ ދުވަސްވަންދެން އުފުލައިގެން އުޅޭ މީހަކު ފަދައިންނެވެ. އީތަން އަމާންއާ ދިމާއަށް ހިނގައިގަތެވެ.
“އަމާން…” ހިތްހަމަ ޖައްސައިދޭ ރާގަކަށް އީތަން ގޮވައިލިއެވެ.
“އަހަރެން ރަނގަޅޭ.” އަމާން ޖަވާބުގައި ބުންޏެވެ.
“ރަނގަޅުވާކަށް ނުޖެހޭނެ.” އީތަން އެހެން ބުނުމުން އަމާން ހީނގަތެވެ. އެއީ އުފާވެރި ހިނިގަނޑެއް ނޫނެވެ. އެއީ ރޮއިރޮއި ވަރުބަލިވުމުން ބޭރުވެގެންދާ ކަހަލަ ހިނިގަނޑެކެވެ.
“އެންމެ ރަނގަޅު.” އީތަން އާއި ދިމާލަށް އަމާން އެނބުރުނެވެ.
“އަހަރެން ރަނގަޅެއް ނޫން.” އެ ބަސްތައް މުޅި އެޕާޓްމަންޓް ތެރޭގައި ގުގުމައިގެން ދިޔައެވެ.
“އަހަރެން ފަސް އަހަރު ހޭދަކޮށްފިން ޑޮކްޓަރުން އަހަރެންގެ ގަޔަށް ކަށިޖަހަން ދީގެން. ބޭސް ކާން ޖެހޭ ގަޑިތައް އަހަރެން ހަނދާން ބަހައްޓައިގެން. އަހަރެންގެ އަތުގައި ދުވަހަކުވެސް ނުފިލާނެހެން ހީވާ ނިޝާންތައް އެބަހުރި.” އޭނާގެ އަޑު ތުރުތުރުއަޅަމުންދިޔައެވެ.
“އަހަރެން މިދަނީ މަސައްކަތްވެސް ނުކުރާ މީހުން ބަނޑުބޮޑުވާ ޚަބަރުތައް އަޑުއަހަމުން. އޭގެ އިހުސާސް އީތަންއަށް އެނގޭތަ؟” އޭނާ އަނެއްކާވެސް މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ.
“އަހަރެންނަށް އެނގޭ.” އީތަން ކައިރިއަށް ޖެހިލިއެވެ.
“ނޫން. އީތަންއަކަށް ނޭނގޭނެ. އެއީ ކޮން ކަހަލަ އިހުސާސެއްކަމެއް ނޭނގޭނެ.” އޭނާ ބޯހުރާލިއެވެ. އޭނާގެ ލޮލުގެ ކަނުން ކަރުނަ އޮހެން ފެށިއެވެ.
“އަމިއްލަ ހަށިގަނޑު އަމިއްލައަށް ނާކާމިޔާބުވާ ކަމުގެ އިހުސާސް ކުރެވޭނީ ކިހިނެއްކަމެއް ނޭނގޭނެ.” އީތަން އަނގަ ހުޅުވާލިއެވެ. ނަމަވެސް އީތަން ވާހަކަ ދެއްކުމުގެ ކުރިން އަމާން ވާހަކަ ކުރިއަށް ދިޔައެވެ.
“ކޮންމެ މަހަކު.. ކޮންމެ މަހަކުވެސް އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދެން މިފަހަރު ތަފާތުވާނެއޭ.” އޭނާގެ އަޑު ކެނޑުނެވެ. އަދި ކޯތާފަތް މަތިން ކަރުނައެއް ފައިބައިގެން ދިޔައެވެ.
“އަދި ކޮންމެ މަހަކު..” އޭނާއަކަށް ވާހަކަ ނިންމައެއް ނުލެވުނެވެ. އީތަން މަޑުމަޑުން އޭނާގެ އަތުގައި ހިފަހައްޓަން އުޅުނެވެ. ނަމަވެސް އަމާން އަތް ދަމައިގަތެވެ.
“އަމާން.” އީތަންގެ ހިތް މާޔޫސްވިއެވެ.
“އަހަރެން ވަރުބަލިވެއްޖެ. އުއްމީދުކޮށްކޮށް އަހަރެން ވަރަށް ވަރުބަލިވެއްޖެ.” އެތާތެރެ ހިމޭންވިއެވެ. ކުޑަދޮރުގައި ޖެހޭ ވާރޭގެ އަޑު މާ ބާރުވާން ފެށިއެވެ. އީތަން އިންތިޒާރުކުރިއެވެ. އަނެކާގެ ވާހަކަ އަޑުއެހުމުގެ ކުރިން، ބައެއް ފަހަރު މީހުންގެ ހިތުގައިވާ އެއްޗެއް ބޭރުކޮށްލަން ޖާގަ ދޭންޖެހޭކަން އޭނާ ވަނީ އަހަރުތަކުގެ ތެރޭގައި ދަސްކޮށްފައެވެ.
“އަހަރެންނަށް ހީވަނީ އަހަރެމެން މިކަން ހުއްޓާލަންވީހެން. ފަރުވާތައް. އަހަރެންނަކަށް އިތުރަކަށް މިކަމެއް ނުކުރެވޭނެ.” އޭނާ މައްޗަށް ބަލާލިއެވެ.
“އެއީ އަމާން ބޭނުންވާ ގޮތް ކަމަށްވަންޏާ އޯކޭ. އަމާން ނިންމާ ކޮންމެ ނިންމުމަކަށް އަހަރެން ތާއީދުކުރާނަން.” އީތަން މަޑުމަޑުން ބޯޖަހާލިއެވެ.
“އީތަން… އެއްބަސް؟ އެހާ ފަސޭހައިން؟” އަމާން އެސްފިޔަޖަހާލިއެވެ.
“ކީކޭ ތި ބުނީ؟” އީތަން ނިއްކުރިއަށް ރޫ އަރުވާލިއެވެ.
“އީތަން އެކަމަށްޓަކައި މަސައްކަތްކުރާކަށްވެސް ބޭނުމެއް ނުވޭ. އަހަރެން ފަސް އަހަރު ވަންދެން އީތަންއާއެކު މަސައްކަތްކުރިން. އީތަން އެކަމަކު އެހާ ފަސޭހައިން ހުއްޓާލަން ތިއުޅެނީ.”
“ނޫން. އަހަރެން އިޚްތިޔާރު މިކުރަނީ އަމާން. އަހަރެމެންނަށް ކުދިން ލިބުނަސް ނުލިބުނަސް އަހަރެން އަޅައެއް ނުލަން.” އޭނާގެ އަޑުގައި މަޑުމައިތިރިކަމެއް ހުއްޓެވެ. އަމާން އޭނާއަށް ބަލަން ހުއްޓެވެ.
“އަހަރެން އަޅާލަން. އަހަރެން އަބަދުވެސް އަޅާލިން.” އަމާން ބުންޏެވެ.
“އަހަރެންނަށް އެނގޭ.”
“އެކަމަކު އީތަން..” އަމާންއަށް ބަސްތައް ހޯދަން އުނދަގޫވިއެވެ. “އީތަންއަށް ހަމަ ރަނގަޅު.”
“ނޫން.” އީތަންގެ ޖަވާބު ވަގުތުން އައެވެ.
“އަހަރެން ރަނގަޅެއް ނޫން. އަހަރެންގެ ހިތް ވަނީ ހަލާކުވެފައި. އަހަރެން ބޭނުންވި އަހަރެމެންގެ ފިރިހެން ދަރިފުޅަށް ބައިސިކަލް ދުއްވަން ދަސްކޮށްދޭން.” އޭނާ ފުރަތަމަ ފަހަރަށް އަމާންގެ މޫނު ނޫން އެހެން ދިމާއަކަށް ބަލާލިއެވެ.
“އަހަރެން ބޭނުންވި އަހަރެމެންގެ އަންހެން ދަރިފުޅުގެ ކައިވެނީގެ ހަފްލާގައި އެކުގައި ނަށަން. އަހަރެން އެ ހުރިހާ ކަމެއްވެސް ބޭނުންވި.” އޭނާގެ އަޑު ކެނޑުނެވެ.
“ނަމަވެސް. އަހަރެން އެކަން ބޭނުންވަނީ އަމާންއާއެކު.” އޭނާ އަނެއްކާވެސް އަމާންއަށް ބަލާލިއެވެ. އެދެމެދުގައި އުފެދުނީ ހިމޭންކަމެކެވެ.
“އެ ހުވަފެނުގެ ސަބަބުން އަހަރެންނަށް އަމާން ގެއްލޭނަމަ، އެ ހުވަފެނުގެ އެއްވެސް އަގެއް ނެތް.” އޭނާ ބޯހުރާލިއެވެ. ނާޒުކު ހިނދުކޮޅަކަށް، އަމާން އީތަންގެ އަތުގެ ތެރެއަށް ވަންނަން ބޭނުންވިއެވެ. އެހެން ނަމަވެސް، އަހަރުތަކެއް ވަންދެން އޭނާ އުފުލި ކުށްވެރިކަމުގެ އިހުސާސް އީތަންގެ ލޯތްބަށްވުރެ ބާރުވެގެންދިޔައެވެ.
“އީތަން ތިހެން ތި ބުނަނީ އަހަރެން ހިތްހަމަ ޖައްސައިދޭން. ކޮންމެވެސް ދުވަހަކުން އީތަން ހޭލައިގެން ބަލާއިރު އެނގޭނެ ކައިވެނި ކުރެވުނީ ނުބައި އަންހެނަކާކަން.” އަމާން އެހެން ބުނުމުން އީތަންގެ މޫނުމަތީގެ އަސަރުތައް ބަދަލުވެގެން ދިޔައެވެ.
“ނޫން. އަމާން.” އޭނާގެ މޫނުމަތި މުޅިން އޮއްސުނެވެ.
“އީތަންއަށް ހަގީގީ އާއިލާއެއް ހޯދައިދެވޭނެ މީހަކު އީތަންއަށް ހައްގުވޭ.” އެ ބަސްތައް ވައިގެ ތެރޭގައި އެލިގެން ދިޔައެވެ. ދާއިމީ ގޮތެއްގައެވެ. އީތަން އަމާންއަށް ބަލަން ހުރީ އަމާން އޭނާގެ ގައިގައި ޖެހި ފަދައަކުންނެވެ. އެއީ އެމީހުންގެ މުސްތަގުބަލާމެދު އަމާން ސުވާލު އުފެއްދުމުންނެއް ނޫނެވެ. އޭނާގެ ލޯތްބާމެދު އަމާން ސުވާލު އުފެއްދުމުންނެވެ.
“އަހަރެންނާމެދު އަމާން ހަގީގަތުގައިވެސް ދެކެނީ އެގޮތަށްތަ؟” އޭނާގެ އަޑު ކިރިޔާ އިވޭވަރު ވިއެވެ.
“އަހަރެންނަށް ހީވަނީ އަހަރެން އީތަންގެ ދިރިއުޅުން ހަލާކުކޮށްލީހެން.” އަމާން އެހެން ދިމާއަކަށް ބަލާލިއެވެ. އޭނާގެ ކަރުނަތައް އަނެއްކާވެސް އޮހެން ފެށިއެވެ. އީތަން އޭނާގެ ލޯ މަރައިލިއެވެ.
“އަމާން އަހަރެންގެ ދިރިއުޅުމުގެ އެންމެ ދުވަހެއްވެސް ހަލާކެއް ނުކުރޭ.” އަނެއްކާވެސް އޭނާ ވާހަކަދެއްކިއިރު، އޭނާގެ އަޑު ކުރިއަށްވުރެވެސް މަޑުމައިތިރިއެވެ. އަމާން ޖަވާބެއް ނުދިނެވެ. އީތަން އިންތިޒާރުކުރިއެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ.
“އަހަރެން މިދަނީ ދުއްވާލަން.” އެންމެ ފަހުން، އީތަން ވަންނަ ދޮރުކައިރީ މޭޒުމަތީގައި އޮތް ކާރުގެ ތަޅުދަނޑިއަށް އަތްދިއްކޮށްލިއެވެ.
“އީތަން…” އަމާން މައްޗަށް ބަލާލިއެވެ.
“އަހަރެން މިވަގުތު ބޭނުންވަނީ ފިނި ވައިކޮޅެއް.” އޭނާ ވަރަށް ކުޑަކުޑަ ހިނިތުންވުމެއް ދިނެވެ. އަމާން އޭނާ ހުއްޓުވަން ބޭނުންވިއެވެ. މާފަށް އެދެން ބޭނުންވިއެވެ. އެއިން އެއްވެސް ވާހަކައަކީ ހިތުގެ އަޑިން ބުނި ވާހަކައެއް ނޫންކަން އޭނާއަށް ބުނެދޭން ބޭނުންވިއެވެ. އޭގެ ބަދަލުގައި އޭނާ ހުރި ތަނުގައި ގުޑިވެސްނުލާ ހުއްޓެވެ. އީތަން ދޮރާ ދިމާއަށް ހިނގައިގަތެވެ. އަދި އޭނާގެ އަތް ދޮރުގެ ތަޅުގަނޑުގައި ޖައްސާލިއެވެ.
“ވަރަށް ލޯބިވޭ.” ހިމޭންކަމެވެ. އެއީ އަމާން އީތަން ދެކެ ލޯބިނުވާތީއެއް ނޫނެވެ. ބުނަން ބޭނުންވި ބަސްތައް އޭނާގެ ތުންފަތާ ހަމައަށް ފޯރުމުގެ ކުރިން ބޮޑާކަން އެ ބަސްތައް ފޭރިގަތުމުންނެވެ. އީތަން އިތުރު ސިކުންތަކަށް އިންތިޒާރުކުރިއެވެ. ދެން މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އޭނާގެ ފަހަތުން ދޮރު ލެއްޕުނު އަޑު އިވުނެވެ. އެޕާޓްމަންޓް ތެރެ ކުއްލިއަކަށް ވަރަށް ބޮޑުވިހެން އިހުސާސްވިއެވެ. އަމާން ބަދިގެ ތެރެއަށް ވެއްޓުނެވެ. ކަރުނަތައް އެއްފަހަރާ އޮހެން ފެށިއެވެ. ބާރަށެވެ. ކެތްނުކުރެވޭވަރަށެވެ. އޭނާގެ މޫނު ދެއަތުން ނިވާކޮށްލިއެވެ.
“އަހަރެން ގަސްދުގައި ބުނި އެއްޗެއް ނޫން..” ހުސްކޮށް އޮތް އެޕާޓްމަންޓް ތެރެއަށް އޭނާ މަޑުމަޑުން ބުނެލިއެވެ.
އެވަގުތު ބަދިގެ ކައުންޓަރު މަތީގައި އޮތް އޭނާގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. އީތަން ގުޅަނީއެވެ. ފޯނު ރިންގުވުން ހުއްޓެންދެން އޭނާ ބަލަން އިނެވެ. ކުޑަ ސިކުންތުކޮޅެއް ފަހުން އަނެއްކާވެސް ވައިބްރޭޓްވިއެވެ. ހަމަ އީތަން ގުޅަނީއެވެ. އޭނާ ކަރުނަތައް ފޮހެލިއެވެ.
“އަހަރެންނަކަށް ނުކެރޭނެ.” އޭނާ ފޯނު ކަނޑާލިއެވެ. އެޕާޓްމަންޓް ތެރެ އަނެއްކާވެސް ހިމޭންވިއެވެ. އިތުރު މިނެޓެއް ހޭދަވިއެވެ. ފޯނުގެ ސްކްރީން އަނެއްކާވެސް ދިއްލުނެވެ. މިފަހަރު އެއީ ކޯލެއް ނޫނެވެ. އެއީ ނޮޓިފިކޭޝަނެކެވެ.
‘އީތަންގެ ފަރާތުން 1 ވޮއިސް މެސެޖު’
އަމާން ސްކްރީނަށް ބަލާލިއެވެ. އޭނާގެ ބޮޑާކަން ނޮޓިފިކޭޝަންގެ މެދުގައި ތާށިވެފައި ހުއްޓެވެ. އޭނާ ފޯނު އަނެއްފުށަށް ޖެހިއެވެ.
“އަހަރެން ފަހުން އަޑުއަހާނަން.” އަމާން ބުންޏެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
