Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެންމެ ފަހު މެސެޖު 1

modduwrites
modduwrites Level 1
July 28, 2026 4 Mins Read
1 Comment

އަމާންއަށް ކޮންމެ ހެނދުނަކުވެސް އެންމެ ފުރަތަމަ އިވޭ އަޑަކީ އޭނާގެ އެލާމް ގަޑީގެ އަޑެއް ނޫނެވެ. އޭނާގެ ފިރިމީހާ އީތަންގެ އަޑެވެ. އަބަދަކު އޭނާގެ އަޑެއް ނޫނެވެ. ބައެއް ފަހަރަށް ގޭގެ ލަކުޑި ފަންގިފިލާ މަތީގައި އީތަން އަރައިގެން އުޅޭ ފައިވާނުގެ މަޑު އަޑެވެ. ނޫންނަމަ، ބަނޑުހައިވެގެން ބަދިގޭގެ ކަބަޑުތައް ހުޅުވާ އަޑެވެ. ނުވަތަ ސައިހަދަން ހުރެގެން އެޕާޓްމަންޓް ތެރޭގައި އޭނާ ތުންފުމެމުންދާ އަޑެވެ. އެއީ ދުވަހަކުވެސް އެއް ރާގެއްގެ އަޑެއް ނޫނެވެ. އަދި އެއީ އެހާ ރީތި ރާގެއްވެސް ނޫނެވެ. ނަމަވެސް އެކުގައި ހޭދަކުރި ނުވަ އަހަރަށްފަހު، އެއީ އާންމު އަޑަކަށް ވެއްޖެއެވެ. ކޮންމެ ދުވަހަކުވެސް އަމާންއަށް ލޯ ނުހުޅުވެނީސް އޭނާގެ މޫނުމައްޗަށް ހިނިތުންވުން ވެރިކުރުވާ އަޑެކެވެ.

ފަރުދާތަކުގެ ދޭތެރެއިން އިރުގެ އަލިކަން ވަދެ، އެޕާޓްމަންޓް ތެރެއަށް އަލިކަން ފަތުރާލައިފިއެވެ. އާދައިގެ ތާޒާ ހެނދުނެއްގައި ހުންނަ ރަންއަލީގެ ތެރޭގައި ކުނޑިތައް މަޑުމަޑުން ވައިގެތެރޭގައި އެނބުރެމުންދިޔައެވެ. ސީލިންގު ފަންކާ އެނބުރެމުންދިޔައީ މަޑު، ރީތި ރާގަކަށެވެ. ސައި ކައްކާ ތާޒާ ވަސް ސިޓިންގްރޫމުން ގޮސް ކޮޓަރިއާ ހަމައަށް ފޯރާފައިވެއެވެ.

އެއީ އެހާ ބޮޑު އެޕާޓްމަންޓެއް ނޫނެވެ. ތިންވަނަ ފްލޯގައި އިން، ހަމަގައިމުވެސް އަހަރަކަށްވުރެ ގިނަ ދުވަސް ނުވާނޭ އިމާރާތެކެވެ. އެ އިމާރާތުގެ ލިފްޓު ވަގުތީ ގޮތުން ހަލާކުވެފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ފިނި މޫސުމުގައި މުޅި އިމާރާތުގެ ފަންގިފިލާގެ އަޑު އިވޭއިރު، ބަދަލުވާ ކޮންމެ މޫސުމަކާއެކު ފާޚާނާ އިސްކުރުން ފެންތިކި ޖެހުން އިތުރުވެއެވެ. ގޭގެ ބަދިގެ ކުޑަވުމުން ދެމީހުން އެކުގައި ކައްކަން އުޅޭއިރު އެކަކު އަނެކަކުގެ ގައިގައި ނުޖެހި ނުކެއްކެއެވެ. ނަމަވެސް އެމީހުން އެކަމާ ދުވަހަކުވެސް ކަންބޮޑެއް ނުވެއެވެ.

ފާރުތަކުގައި ވަނީ އެކުގައި ހޭދަކުރި ގާތްގަނޑަކަށް ދިހަވަރަކަށް އަހަރުގެ ފޮޓޯތަކެވެ. ބަންދު ދުވަސްތަކުގެ ރޯޑް ޓްރިޕްތަކެވެ. އަތިރިމަތީގެ އިރުއޮއްސޭ މަންޒަރުތަކެވެ. އިޓަލީގައި ހޭދަކުރި ހަނީމޫނެވެ. ވެނިސްގައި އީތަން ކޮތަރުދެކެ ބިރުގަންނަ ކަމަށް ހަދައިގެން އުޅުނުއިރު، އަމާންއަށް ހެވުނުވަރުން ކެމެރާ ވައްޓާނުލެވުނީ ކިރިޔާއެވެ. އުފަންދުވަހުގެ ރޭގަނޑުގެ ކެއުންތަކާއި ދެމީހުންކުރެ އެކަކު ފޮޓޯއެއް ނުނަގައިފިނަމަ ދެރަވާނޭ ބުނެ އެކި ތަންތަނަށް ނަގާފައިވާ ފޮޓޯތަކެވެ.

ކޮންމެ ފްރޭމަކުންވެސް ފެންނަނީ އެއްކަމެކެވެ. އެ ދެމީހުންނެވެ. ފުރިހަމައެއް ނޫނެވެ. ނަމަވެސް އުފަލުގައެވެ.

އަމާން ދެމިލަމުން، އެނދުގެ އަނެއްފަރާތަށް އަތް ދިއްކޮށްލިއެވެ. އެނދުގެ އަނެއް ފަރާތުގައި އޮތް ފޯނު ނެގުމަށެވެ. އަނެއްކާވެސް ފިނި ދުވަހަކަށް މަރުހަބާ ކިޔަން ޖެހުމުން މޫނުމަތިން ފެނިގެންދިޔައީ ނުރުހުންވުމުގެ ކުލަވަރެވެ.

އޭނާ އެނދުން ތެދުވެ، އިސްތަށިގަނޑު ހުޅިޖަހާލައި، އީތަންގެ ބޮޑު ހޫޑީއެއް ލައިގެން، ހުސްފައިގައި ސިޓިންގްރޫމަށް ނުކުމެގެން ދިޔައެވެ. އޭނާއަށް އީތަން ފެނުނީ އުއްމީދުކުރި ގޮތަށެވެ. އޭނާ ހުރީ އަޅިކުލައިގެ ސްވެޓްޕޭންޓަކާއި، އަހަރުތަކެއް ވަންދެން ދޮވުމުގެ ސަބަބުން ލޯގޯ ފަނޑުވެފައިވާ ޔުނިވަރސިޓީ ޓީޝާޓެއްގައެވެ. އެއްއަތުން ތަވާ ހިފަހައްޓައިގެން ހުރެ، އަނެއްއަތުން ފޯނުން އެއްޗެއް ކިޔަމުންދިޔައެވެ. ބަޓަރު ވަސް މުޅި އެޕާޓްމަންޓް ތެރެއަށް ފެތުރިފައިވެއެވެ.

“ކަމަނާ. ހޭލެވުނީތަ.” އަމާންއާއި ދިމާއަށް ބަލާލުމެއްނެތި، އީތަން އެހެން ބުނުމަށްފަހު ހިނިތުންވެލިއެވެ.

“އަނެއްކާވެސް ޕޭންކޭކު އަންދާލީ ދޯ؟” އަމާން ދޮރުފަތުގައި ލެގިލަމުން ބުންޏެވެ.

“އަހަރެން އިސްކަންދެނީ މުރަނަ ކުރަން.” އީތަން ޖަވާބުގައި ބުންޏެވެ.

“ދެން ކިހިނެއްވެގެން ދުން އެރުމުން އަޅާ އެލާމް ހުއްޓުމެއްނެތި އަޅަނީ ކޮންމެ ދުވަހަކު.” އަމާން ތުންފަތުގެ އެއް މިޔަކަނިން ހީލަމުން ބުންޏެވެ.

“އަހަރެން އެ ނިވާލައިފިން.” އީތަން މަޖާވެފައި ހުރެގެން މައްޗަށް ބަލައިލިއެވެ.

“ކީކޭ؟” އަމާން ލޮލުގެ ކަޅި ކުޑަކޮށްލިއެވެ.

“ސަމާސާއެކޭ.” ވަގުތުން އީތަން ބުންޏެވެ.

އަމާން ކުރިއަށް ގޮސް، ފަހަތުން އީތަންގެ އުނަގަނޑުގައި ބައްދާލިއެވެ. ބަދިގެ ކުޑަދޮރު ހުޅުވާލުމުން ވަން ހެނދުނުގެ ފިނިކަން އީތަންގެ ގައިގައި ހުރި ނަމަވެސް، އީތަންގެ ހޫނުކަން އަމާންއަށް އިހުސާސްވިއެވެ. އީތަން ފޯނު ބޭއްވުމަށްފަހު އަމާންގެ އަތުގައި އެއް އަތުން ހިފައިގެން ޕޭންކޭކު ފުށުން ޖަހަމުންދިޔައެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ބައެއް ހިމޭންކަމަކީ އަމިއްލަ ޒާތުގައި ދެކެވޭ ވާހަކަތަކެކެވެ.

“ތިގޮތަށް ބައްދައިގެން ހުރިއްޔާ ހެނދުނުގެ ސައި ލަސްވާނެ.” އިރުކޮޅަކަށްފަހު އީތަން ބުންޏެވެ.

“އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް.” ކުރިއަށް ވުރެ ބާރަށް ބައްދާލަމުން އަމާން ބުންޏެވެ.

“ބަނޑުހައިވީމާ ޝަކުވާކުރާނެ.” އީތަން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އަހަރެން މިހާރުވެސް ބަނޑުހައި.” އަމާން ބުންޏެވެ.

“ޕޭންކޭކަށްތަ؟”

“ނޫން. އީތަންގެ ސަމާލުކަމަށް.” އޭނާ މަޑުމަޑުން، އާދައިގެ ގޮތަކަށް ހީނގަތެވެ.

“ތިއީ ތިރީސް ދެ އަހަރުގެ މީހެއް.” އީތަން އެހެން ބުނުމުން އަމާން ގަޔާވާކަން ފޮރުވަން ބޭނުންވިއެވެ.

“ކޮބާ މައްސަލައަކީ؟” އަމާން ރުޅި އައިކަމަށް ހެދިއެވެ. އެގޮތުގައި އިރުކޮޅެއް ވަންދެން ދެމީހުން އެކަކު އަނެކަކާއި ސަމާސާ ކުރުމުގައި ތިއްބެވެ. ކޮންމެ ދުވަހެއްގެވެސް އާދައިގެ މަތިންނެވެ.

“އަހަރެން އަމާން ދެކެ ވަރަށް ލޯބިވޭ.” އެ ސަމާސާ ފެށުނު ފަދައިން އާދައިގެ ގޮތަކަށް ނިމިގެންދިޔައެވެ. އީތަން އޭނާގެ ބޮޑުވާއިނގިލިން އަމާންގެ ކަންފަތުގައި އަތްޖައްސާލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެފައި ވާއިރު، އެދެމެދުގައިވާ ލޯބި ބަލައިލި ކޮންމެ މީހަކަށް ސިފަވެގެން ދާނެއެވެ. އެންމެ ފުރަތަމަ ދިމާވި ދުވަސް ފަދައިން އަދިވެސް އެ ދެމަފިރިންގެ މެދުގައި ލޯބި އެބަވެއެވެ.

“އަހަރެންވެސް އީތަންދެކެ ލޯބިވޭ.” ކުރު ވަގުތުކޮޅަކަށް، ދުނިޔޭގެ އެހެން ހުރިހާ ކަމެއް ވަރަށް ދުރުގައިވާ ފަދައެވެ. ކުރަންޖެހޭ މަސައްކަތެއް ނެތެވެ. ޒިންމާއެއް ނެތެވެ. ހަމައެކަނި ސައިގެ ވަހާއި، ހެނދުނުގެ އަލިކަމުގެ ހޫނުކަމާއި، އެކަކު އަނެކަކުގެ އަތުގެ ތެރޭގައި ތިބުމުގެ އާދައިގެ އުފަލެވެ.

ކުއްލިއަކަށް ސައިކުރާ ކެކޭ އަޑު އިވެން ފެށިއެވެ. އަމާން ވަރަށް އަސަރާއެކު ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ސައިކުރާ ހާދަ ހަސަދަވެރިއޭ.” އަމާން އެހެން ބުނެފައި ހީނގަތުމަށްފަހު، ހެނދުނުގެ ސައި އަނދައިގެން ދިޔުމުގެކުރިން އެ ސަލާމަތްކުރުމަށް އީތަންއަށް ޖާގަ ދެމުން ދުރަށް ޖެހިލިއެވެ.

އަށެއް ޖެހިއިރު، ކާ މޭޒުމަތި ވަނީ ފުރިފައެވެ. ދެ ސައި ތަށީގެ އިތުރުން، އެއްފަރާތަކަށް އަރި އަޅާފައިވާ ޕޭންކޭކު ޓަވަރަކާއި، އީތަން ބުނާ ގޮތުން ކެއުން ފުރިހަމަ ކޮށްދޭ ސްޓްރޯބެރީތަކާއި، އަމާން އަބަދުވެސް މާ ގިނައިން އަޅާ މޭޕްލް ސިރަޕް މޭޒުމަތީގައި ހުއްޓެވެ.

“އަހަރެންނަށް ހީވަނީ ތިޔަ އަޅާ ސިރަޕްއަކީ ސޫޕެކޭ ބުންޏަސް ރަނގަޅުވާނެހެން.” އެތިކޮޅެއް ކައިލުމަށްފަހު އީތަން ބުންޏެވެ.

“އެއަށް ކިޔަނީ މީރުކޮށް ކެއުން.” އަމާން ހުއްޓާލުމެއްނެތި ކަމުން ބުންޏެވެ.

“އެއަށް ކިޔަނީ ހަކުރުބަލި.” އެއްވެސް ޖެހިލުން ވުމެއްނެތި އީތަން ބުންޏެވެ. އަމާން މޫނު ހަދާފައި އީތަންއަށް ބަލައިލިއެވެ. އީތަން ވަގުތުން އަމާންދިނެވެ.

ކުޑަދޮރުން ބޭރުން، މީހުން ހޭލަން ފަށައިފިއެވެ. ވާރޭގެ ސަބަބުން ތެމިފައިވާ މަގުތަކުގައި ކާރުތައް ދުއްވަމުންދިޔައެވެ. ބައިސިކަލް ދުއްވާ މީހުން އަވަސްއަރުވާލައިގެން މަސައްކަތަށް ދާން އުޅުނުއިރު، މީހުން ކޯޓުތަކުގެ ތެރެއަށް ހެޑްފޯން ޖަހައިގެން މަގުމަތީގައި ހިނގަމުންދިޔައެވެ. ކޮންމެ މީހަކުވެސް ދިޔައީ އެމީހެއްގެ އަމިއްލަ ވަންހަނާވެފައިވާ ދިރިއުޅުމުގެ ވާހަކައެއް އުފުލަމުންނެވެ.

އެޕާޓްމަންޓް ތެރޭގައި ވަގުތު ހިނގަނީ މާ މަޑުންނެވެ. އަވަސްކަމެއް ނެތި، މަޑުމަޑުންނެވެ. ރައްކާތެރިކަމާއެކުގައެވެ.

މޭޒުމަތީގައި އޮތް އަމާންގެ ފޯނު ވައިބްރޭޓްވުމާއެކު، އޭނާ ސައި ތަށީގައި ހިފެހެއްޓިއެވެ. ފޯނުގެ ސްކްރީން ދިއްލުނެވެ. ކަމެއް ހަނދާން ކުރުމަށް އަމާން ހަދާފައިވާ އެލާމެކެވެ.

‘ހެނދުނު 10:30. ޑރ. މެތިއުސް’

ފޯނު އަނެއްފުށަށް ޖެހުމުގެ ކުރިން އޭނާ އެއަށް ބަލާލީ ހިނދުކޮޅަކަށެވެ. އީތަންއަށް އެކަން ފާހަގަވިއެވެ. އޭނާއަށް އަބަދުވެސް ފާހަގަވެއެވެ. ނަމަވެސް އޭނާ ސުވާލެއް ނުކުރެއެވެ. އޭގެ ބަދަލުގައި، އޭނާ މަޑުމަޑުން މޭޒުމަތިން އަތްދިއްކޮށްލައި އަމާންގެ އަތުގައި ހިފާލިއެވެ.

ހިމޭން ވައުދެކެވެ. މިއަދު ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް، އެމީހުން އެކަމަކާ ކުރިމަތިލާނީ އެކުގައެވެ. އަމާންވެސް އީތަންގެ އަތުގައި ހިފާލަމުން ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. އެހެން ނަމަވެސް އެ ހިނިތުންވުމުގައި ފުރިހަމަ ކަމެއް ނެތެވެ. ނަމަވެސް އީތަން ހިނިތުންވެލިއެވެ. ކޮންމެވެސް ދުވަހަކުން އެ ހިނިތުންވުން ފުރިހަމަވާނެކަމަށް ގަބޫލުކުރާ ފަދައަކުންނެވެ.

އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެވެ. ދަރިމައިވުމުގެ ކްލިނިކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެއް ކުލައެއްގެ މަޑު ކްރީމް ކުލައިގެ ފާރުތަކެވެ. ތަރުތީބުން އަތުރާލެވިފައިވާ ގޮނޑިބަރިތަކެވެ. ކޮންމެ ދުވަހަކުވެސް ކަންމަތީގައި ހަރުކޮށްފައިވާ ޓީވީން، އެކަކުވެސް ނުބަލާ ކެއްކުމުގެ ޕްރޮގްރާމެއް މަޑުމަޑުން ދައްކަމުންދެއެވެ. ރިސެޕްޝަން ކައުންޓަރުން ދުވާ ތާޒާ ކޯފީގެ ވަހާއެކު، ބޭސްވަސް އެއްވެފައިވެއެވެ. އެއީ އުއްމީދު އާކޮށްދިނުމަށް ހަދާފައިވާ ތަނެކެވެ. ނަމަވެސް އަމާންއަށް އެތަން މަޑުމަޑުން ވެގެންދިޔައީ އުއްމީދުތައް ފަނާވެގެންދާ ތަނަކަށެވެ.

އިންތިޒާރުކުރާ ކޮޓަރީގައި އީތަންގެ ކައިރީގައި އަމާން އިނެވެ. ގާތްގަނޑަކަށް ހަތް އަހަރު ވަންދެން އޭނާގެ އަތުގައި އޮތް ރިހި ކައިވެނީގެ އަނގޮޓިއާ ކުޅެލަކުޅެލާ އިނެވެ. އެއީ ލޭގެ ޓެސްޓުތަކާއި އަލްޓްރާސައުންޑްތަކާއި ހޯމޯން އިންޖެކްޝަންތަކާއި ފަރުވާތަކުގެ ދޭތެރެއިން އޭނާއަށް އާދަވެފައިވާ ކަމެކެވެ.

އެމީހުންގެ ކުރިމަތީގައި، ކުޑަކުދިންނަށް ނަން ކިޔާ ފޮތެއްގެ ގަނޑުތައް އަންހެނަކު އުކަމުން ދިޔައިރު، ކަމުދާ ނަމެއް ފެންނަ ކޮންމެ ފަހަރަކު އެ ދެމަފިރިން ހިނިތުންވެލައެވެ. ކުޑަދޮރުގެ ކައިރީގައި، އަންހެނަކު އޭނާގެ ބޮޑުވަމުންދާ ބަނޑުގައި ރައްކާތެރިކަމާއެކު އަތްޖައްސާލައިގެން އިނެވެ. އޭނާގެ ފިރިމީހާ ބަނޑާއި ކައިރިވެލާފައި ކޮންމެވެސް ވާހަކައެއް ބުނުމުން އެ އަންހެންމީހާ ހީނގަތެވެ.

އަމާން އެހެން ދިމާއަކަށް ބަލާލިއެވެ. އޭނާ އެކަމާ މެދު އަމިއްލަ ނަފްސު ދެކެ ފޫހިވިއެވެ. އެމީހުންނަށްޓަކައި އުފާނުވާތީއަކުން ނޫނެވެ. އޭނާ ހަގީގަތުގައިވެސް އުފާވެއެވެ. އޭނާ ހަމައެކަނި އެދެނީ އެމީހުންގެ މަގާމުގައި އިނުމުން ކުރެވޭނެ އިހުސާސް ކޮށްލުމަށެވެ.

“އީތަން އަދި އަމާން؟” ނަރުސްކުއްޖާގެ މަޑުމައިތިރި އަޑުން އެ ހިމޭންކަން ނަގައިލިއެވެ. އީތަން އެއްވެސް އެއްޗެއް ނުބުނެ، އެންމެ ފުރަތަމަ ތެދުވެ އަމާންއަށް އަތްދިއްކޮށްލިއެވެ. އަމާން އެ އަތުގައި ހިފައި ތެދުވިއެވެ. އަބަދުވެސް ކަންތައް ކުރާ ފަދައިންނެވެ.

ޑރ. މެތިއުސް އެމީހުންނާ ބައްދަލުކުރެއްވީ ވޭތުވެދިޔަ ފަސް އަހަރުވެސް އޭނާ ދެއްވި ފަދަ އޯގާތެރި ހިނިތުންވުމަކާއެކުގައެވެ. އެއީ އާދަވެފައިވާ ހިނިތުންވުމެކެވެ. އެންމެ ކުދިކުދި ކާމިޔާބީތައްވެސް ފާހަގަކޮށްދޭ ހިނިތުންވުމެކެވެ. އެންމެ އަސަރުގަދަ، ހިތްދަތި ވާހަކަތައް މަޑުމައިތިރިކޮށްދޭ ހިނިތުންވުމެކެވެ. ނަމަވެސް މިއަދު އެ ހިނިތުންވުން އެހެން ދުވަސްތަކަށްވުރެ މާޔޫސްހެން ހީވިއެވެ.

“އިށީންނަވާ.” އަމާންއަށް އޭރުވެސް އެނގިއްޖެއެވެ. މާޔޫސްކުރުވަނިވި ޚަބަރެއް ދިނުމުގެ ކުރިން ޑޮކްޓަރުންގެ އަޑު މަޑުވެއެވެ. ކޮޓަރި ތެރެ ކުއްލިއަކަށް ކުޑަވިހެން އިހުސާސްވިއެވެ.

“އަހަރެންނަށް އެނގޭ ތިޔަ ދެމީހުންވެސް މި ފަހަރުގެ ފަރުވާއަށް ކެތްތެރިކަމާއެކު އިންތިޒާރުކުރިވަރު.” ޑރ. މެތިއުސް އޭނާގެ އަތް މޭޒުމަތީގައި ބާއްވާލިއެވެ. އަމާންގެ ހިތުގެ ހިންގުން އަވަސްވިއެވެ.

“މިއަދު ހެނދުނު އަހަރެމެންނަށް ޓެސްޓުގެ ނަތީޖާ ލިބުނީ.” ހިމޭންކަމެވެ.

“ވަރަށް ދެރަ.” އެ ބަސްތައް ބުނެލީ ދަސްވެފައިވާ މަޑުމައިތިރިކަމަކާއެކުގައެވެ.

Share Article

modduwrites
Follow Me Written By

modduwrites

Level 1

Turning thoughts, emotions, and imagination into stories. Welcome to my little world of words. @modduwrites on instagram if you want to connect! ⭐️

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 75

Previews
July 28, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 75

One Comment

  1. Anonymous says:
    July 28, 2026 at 6:54 pm

    Varah varah reethi ♥️😢…….

Comments are closed.



All Right Reserved!