އާއެކޭ ލޯބިވޭ… ފަންސާސް ހަތަރުވަނަބައި (ލޯބި ބުނެދިން އެ ހިމޭންކަން )
ތެޅެމުން ފޮޅެމުން އުޅުނު ނަޒާން ފެނި އޭނާއަށް ހިނިއާދެވުނެވެ. ހީވަނީ އާ ކަމެއް ކުރާހެންއެވެ.
“އަޝްބާ: ހީވަނީ އަލަށް ކޯޓެއް ލާހެން. އަބަދު ލައިގެން އުޅޭއިރު ވެސް” އަޝްބާ ހެމުން ހެމުން ސަމާސާ ކޮށްލިއެވެ.
“ނަޒާން: ދެން ވެސް މި ރަނގަޅު ކޮށްލަބަލަ. ފަހުންވެސް ހެވޭނެ.” އާދޭހުގެ ބެލުމަށް ނާޒާން ބަލާލިއެވެ. އެ ބެލުމުގެ އަސަރުގައި ޖެހިވެސް އެކަން ކޮށްނުދޭނީ ކާކު ހެއްޔެވެ؟
ކަރުގައި ފަށް ދެ އަތުގައި ގަހަނައަޅައި ހަދައިގެން ގަޔަށް އަޝް ސެންޓުބުރުވާލިއެވެ. އެދިމާލަށް ބަލަން ހުރެލާފައި ނަޒާން ތައުރީފު ކޮށްލިއެވެ. ކޮންފަދަ ރީތި ކަމެއް ހެއްޔެވެ؟ ޝާއިރުންވެސް ލަދުން އިސްޖަހާނެކަން ޔަޤީންނެވެ.
ބޭނުންވި ގޮތަށް ހުރިހާ ކަންތައް ވި ހެއްޔެވެ؟ އެއްވެސް މުހިންމު ކަމެއް ހަނަދާނުން ކައްސާލި ހެއްޔެވެ؟ އެވަރަށް ފަރި ބަލަމުން ކައިވެނީގެ އަޤުދު އިއްވާ ނިމޭއިރު ވެސް ދެވިދާނެ ބާއެވެ؟
********************************************************************
އަތުން ގުލާރު ބިންދައިގެން ކޮއްކޮއަށް ދޭން ތައްޔާރުކުރި ހަދިޔާ އަޝްބާ ނެރުނެވެ. އެފެނިފައި ނަޒާންގެ އަނގަވެސް ތަންމިނަށް ހުޅުވުގެން ދިޔައެވެ. ކަރުދާސްލާއި ސެލޯފިންކޮށްފައި އޮތް ފަރިހި އޭނާގެ ލޮލުގައި އަޅައިގަތީ އޭގެ ފަހުގައެވެ. ބަލާކަށް ނުހުރެ އެ އަތަށްނަގައި ކުޑަކޮށް ހިތަށް ގެނުވާލިއެވެ. ކިޔާލަން ޖެހުނަސް ކިޔާލަން ފަސޭހާކޮށްލުމަށެވެ.
” އަޝްބާ: ތީ ކޮއްކޮއަށް ކިޔައިދޭން ލިޔެލި ޅެމެއް. ކޮއްކޮ ވަރަށް ހުވަފެން ދެކޭ ކަމެއް ވީމާ ކޮށްދޭން ކަމަށް.” ފަރިހި އަތަށް ލައިގެން ހުރި ޒާންއަށް އަޝްބާ ބުނެލިއެވެ. ޝަކުވާއެއް ނެތިއްޔައި އެކީ ކިޔާލެވުދާނެ ހެއްޔެވެ؟ ލޯބިން ފުރިގެންވި ބެލުމަކާއެކު އަޝް އެދުނެވެ.
ކުރަން އޮތީ ކޮން ޝަކުވާއެއް ހެއްޔެވެ؟ ކޮންމެ ކަމަކަށް އެދުނަސް ލޯތްބާއެކު ކޮށްދޭން މިހުރީ ވަޢުދެއްގެ މަތީ އެވެ. ވަޢުދައް ތަބާވުމަކީ ކުރަންޖެހޭ ކަމެކެވެ. އެހެންނޫނަސް ލަވަކިޔާއި ހެދުމާކީ އޭނާ ނުހަނު ގަޔާވާ ކަމެކެވެ. ރޭގައި އެ ކިޔާލީ ހުދު އަމިއްލަ އުފެއްދުމެކެވެ. މިބުނީ އެއްކަލަކަ އަލިފު ބުނެދީބަލާށެވެ. ނޫނު ބޭނުން ނެތީހޭ ޅެމުގެ ވާހަކައެވެ. ވިސްނުމަކަށްވެސް ނުގޮސް އެ ވަގުތުގައި އިއްވާލި އެއީ ހުށައެޅުމެވެ.
ފޫހިކަމެއް ނެތް ބަލާލުމެކެވެ. ލޯބި އޭގެ އިންތިހާ އުތުރެނީއެވެ. ކައިވެނީގެ މަޖީލަހަށް ހަޒީރުވެ އެންމެން ހަމަވެއްޖެއެވެ. ޒުކާންގެ ލޮލުން އިޝްބާއަށް ނޫނީ ނުބަލައެވެ. އެދެލޯ ހުރީ އިޝޫއަށް ހުއްޓުން އަރާފައި ކަހަލައެވެ. ލައްކަ ޖަޒުބާތުތައް އެ ސިކުނޑީގައި ދައުރުވަމުންދިޔައެވެ. މި މަންޒަރުތައް އިޝްބާއަށް ފެންނާނެ ނަމައެވެ. މީހަކު ކަޅި ޖަހާނުލާ ބަލަމުންދާކަށް އެނގޭނެ ނަމައެވެ.
ލޯތްބަކީ ވަރަށް އަސަރުގަދަ އާދަޔާ ޚިލާފު އެއްޗެކެވެ. ޒުކާން ކިހާ ނަސީބު ގަދަ ހެއްޔެވެ؟ ހަޔާތުގައި ވެވުނު އަލަތު ލޯބި ކާމިޔާބު ވަނީއެވެ. ހަޤީޤަތުގައި ލޯތްބަކީ ވާ އެއްޗެއް ހެއްޔެވެ؟ ނޫނެކެވެ. ލޯތްބަކީ ވެވޭ އެއްޗެކެވެ. އިންސާނާގެ އިހްތިޔާރުން އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލުމުގެ ޤާބިލުކަން ހޯދާފައިވާ އެއްޗެކެވެ. ލޯބިވެވިއްޖެ ނަމަ ވިސްނުމާއި ފިކުރުގައި ވާނީ އެ މީހެއްގެ ތަސްވީރެވެ. ޚިޔާލުތަކެވެ. ސައްކެއްވެސްނެތް ގޮތުގައި ލޯތްބަކީ ލިބިދޭ ނިޢުމަތެކެވެ. އުފަލާއި ވޭން ލޯބީގައި ވާކަށް އިނގޭ ހެއްޔެވެ؟ ހިތްދަތިކަމާއި ގިސްލުމާއި ކަރުނައަކީ ވެސް އިޝްބާ ތަޖުރިބާ ކުރި ލޯތްބެކެވެ. އޭނާގެ އަލަތު ލޯބި ވީ ބަޔާން ކުރަންދަތި ވޭނީ އާހަކަށެވެ. އެޔާއި ހިލާފަށް ދެވަނަ ހިތުބާ މިވަނީ އުފާވެރިކަމުގެ ދާސްތާއަކަށެވެ.
ތެޅި ފޮޅުމާއި އެކަކު އަނެއްކަކަށް ޓަކައި ޤުރުބާން ވުންވެސް އިސްޤުގައި ހިމެނެއެވެ. އިސްޤަކީ ހިތުގެ އެންމެ ފުނުން އެވެވޭ ލޯތްބެއެވެ. ގިނަފަހަރު ދުނިޔަވީ ގުޅުތަކަށް މުޖާޒީއޭވެސް ކަޔައި އުޅެއެވެ. އިޝޫގެ ފުރަތަަމަ ދިރިއުޅުމަކީ އޭގެ މިސާލެކެވެ. ލިބެން ކުޑަތައްވެފައި އެވާ ހަޔާތަކީ ރޫޚާނީ ހަޤީޤަތެކޭ ބުނަމާހެވެ.
މިއީ ޒުކާނާއި އިޝްބާގެ ކައިވެނީގެ މަޖިލީހެވެ. ގޮޑިތަކުގައި އެތިބީ ގާޒީއާއި ހެކިވެރިންގެ އިތުރުން ދެފަރާތުގެ އާއިލާއެވެ. އަޝްބާގެ ބޮޑު ދޮންތަ އާއި ބޮޑުދޮންތަ ބެއެވެ. ހުރިހައެކަނި އެެއްބަނޑު ދޮންތަ އެހުރީ ކޮޅަށެވެ. ވާން އުޅޭ ފިރިމީހާގެ މަންމައާއި ބައްޕައެވެ. މަޔަކުބަފަޔަކު މިފަދަ އުފަލެއްގައި ވެސް ބައިވެރިވާނެ ނެތީ އިޝޫމެންގެއެވެ. ދެކުދިންނަށް ދިހައަހަރުވެސް ނުވަނީސް ހިނގި ނުރައްކާތެރި ހާދިސާއެއްގައި މި ދުނިޔެއާއި އަލްވަދާޢު އަބަދަށް ކިޔާފައި ވީތީއެވެ. އެކަމަކު މައެއް ފަދަ ބޮޑުދައިތައެއް ހުރީ ލިބިފައެވެ.
ކުރެވެން އަޤުދު އެއިވަން ޤާޒީ އަނގަ ހުޅުވާލީ ޒުކާންގެ އަލަތު ކައިވެންޏަށެވެ. އިންނަށް ޖެހިފައި މިވަނީ ތެދުވެރި ލޯތްބަކުން އުފަންވި ގުޅުމެއްގައެވެ. ހަށިގަނޑުގެ އެއްބަޔާއެވެ. ހިތާމައަކީ އަނބިގޮއްޔެގެ ލޮލަކުން ކުރެ ލޮކަކަށް ނުފެނުމެވެ. ކުރާނީ ކީއްހެއްޔެވެ؟ މިއީ މިއަދު ޒުކާނަށް ހުރިގޮތެވެ. މާތް ﷲ އަށް ވަކީލުކޮށްލުން ނޫން އިތުރު ގޮތެއްނޯންނާނެއެވެ. އެހެންނޫނަސް މީ ބޭނުންވި ގޮތެވެ. ކަންތައްތައް ކޮންމެ ގޮތަކަށް ވިޔަސް މީ އެހިތް ހޯދި ހަޔާތެވެ. މުޅި ރޫޚޫ އެދިގެންވި އަރާމެވެ. ފަހަރުގައި މާދަމާވެސް އިޝްބާގެ ލޯ ފަސޭހަވެދާނެއެވެ. އޭނާގެ ލޮލުގެ ފެނުން އެނބުރި ލިބިދާނެއެވެ. ދަންނާށެވެ! އެކަލާނގެއަށް އެއްވެސް ކަމެއް ބުރައެއްނުވާނެއެވެ. ކޮންމެ ހާލަތަކަށް ކެތްތެރިވާންވާނެއެވެ. ނަމާދުން ވަގި ލިބޭނެއެވެ. ގިނައިން ދުޢާ ކުރެވޭނެއެވެ. އިރާދަކުރެއްވިޔާ ދެރަގޮތެއް ނުވާނެއެވެ.
ކައިވެނީގެ މުއާހަދާއަށް ވެރިވެފައިވަނީ އިންތިހާ ހައިބަތެވެ. މާހައުލު ތެރޭގައިވާ ހިއްސުތައް ވަނީ މަޑުމައިތިރިކަމާއެކުއެވެ. ނަމަވެސް، ޒުކާންގެ ހިތުގެ ތެޅުން ހީވަނީ މޭކަށިގަނޑު ފަޅާލާފައި ނުކުމެދާނެހެންނެވެ. އޭނާގެ އަތްތިލަ ފިނިވެގެން ގޮސް އިނދެވޭކަށްނެތެވެ. އިނގިލިތައް ކުޑަކޮށް ތުރުތުރުވެސް އަޅަމުންދިޔައެވެ.
ޤާޒީ، ޒުކާނުގެ ކަނާތުގައި ހިފާލިއެވެ. މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އަތްތިލައަށް ބާރުކޮށްލިއެވެ. އެއާއެކު މުޅި މާޙައުލަށް ވެރިވި ސުކޫތުގައި ނޭވާހިފަހައްޓާލެވުނު ފަދައެވެ.
މޭޒުދަށުގައި މަޑު ދުނބުރިކުލައިގެ ކައިވެނީގެ ހެދުމުގައި އިސްޖަހައިގެން އިން އިޝްބާގެ ހާލަކީތޯއެވެ؟ އޭނާގެ ދެއަތްތިލަ އޮތީ އުނގުމަތީގައިއެވެ. ދެއަތް ދެއަތާއި މޮޑެމުން ދިޔަ އިރު ހާސްވެފައިކަން ހާމަވަމުން ދިޔައެވެ.
” ގާޒީ: ހއ. ދިއްދޫ ރަންވިލާ ނިހާނު އަދުލުގެ އަންހެންދަރި އިޝްބާ ބިންތު ނިހާނު… ކ.މާލޭ ހޭންވޭރު. ސަވާނީ، ޒަރޫނު އަލީގެ ފިރިހެންދަރި ޒުކާން ބިން ޒަރޫނަށް އެއްތިރީސް ހާސް ރުފިޔާގެ ރަނަށް، އަނބިކުރުމަށް ޝަރުއީ ހަމަތަކުގެ މަތިން މާތް ﷲގެ އިސްމުފުޅުގެ ބަރާކާތުން ކައިވެނިކޮށްދީ އަނބިކޮށްދީފީމު”
ގާޒީގެ އަޑުން މުޅި ތަނުގެ ތަބީޢަތު ބަދަލުކޮށްލިއެވެ. އެ ލަފްޒުތަކާއެކު، ޒުކާނުގެ ނޭވާ ހިނދުކޮޅަކަށް ތާށިވިއެވެ. ކުރިއަށް އޮތް ދަތުރުގެ ކުލަތައް ބޮލުގެ ތެރޭގައި ދައުރުވެގެންދިޔަ ކަހަލައެވެ. ކުރަން އޮތީ ދަތި އުނދަގޫ ދަތުރެކެވެ. ހުރިހާވެސް އުންމީދަކީ ނުގުޑާއި ފަދަ އަޒުމަކާއި ހިތްވަރެއް އޮތުމެވެ.
އިސްއުފުލާލައި އަޝްބާ ބަލައިލިއެވެ. އެވަގުތު، ކޮއްކޮގެ އޮމާން މޫނު ވިދާ ބަބުޅާތައް ސިފަވިއެވެ. އުފަލުގެ ކަރުނަ ، އޭނާގެ ކޯތާފަތުން ލާފައި އައިސް ބީހޫނީ ސީދާ އަޅައިގެން ހުރި ބުރުގަލަށެވެ. އެއީ ދެރަވެގެން އޮހޮރެނު ކަރުނައެއް ނޫނެވެ. އުފަލާއި، ލޯބީގެ ނިހާޔަތުން ކޮއްކޮއަށްޓަކަވި ޤުރުބާނީގެ ރަމްޒެކެވެ.
ޒުކާނުގެ އަރުބެދިފައިވި ފަދައެވެ. ހިތުގައި އުފެދިގެން ދިޔަ ޖަޒުބާތީ ތޫފާނާއެކު އޭނާ އިނީ ހަނދާނެއް ގޮތް ހުސްވެފައި ކަހަލައެވެ. ސާބިތުކަމާއެކު އިޝްބާގެ މޫނަށް ބަލާލާފައި ވެސް އިސްޖަހާލިއެވެ. ބަސް އިއްވާކަށް ނޫޅުނެވެ.
“ގާޒީ: ހއ. ދިއްދޫ ރަންވިލާ ނިހާނު އަދުލީގެ ދަރި އިޝްބާ ބިންތު ނިހާނަށް ބިސްމިނުގެ ބަރާކާތުން ޝރުއީ ހަމަތަކުގެ މަތިން އަނބިކޮށްދީފީމު.” ގާޒީ ތަކުރާރުކޮށްލިއެވެ. ލަސް ހަރަކާތާއެކު ޒުކާނަށް އިނދެވުނީއެވެ. އޭނާގެ ބައްޕަ ޒުކާނުގެ ނަމުން ދެތިން ފަހަރު ގޮވާލީއެވެ. ހަމަ ހޭވެރިކަމެއް ވީ ދެނެވެ.
” ޒުކާން: އަނބި ޤަބޫލު ކޮށްފިން” އެ ދިހަ އަކުރުގެ ބަސް ޒުކާންގެ ދުލުން އިވިލި ހިނދު އިޝޫގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. މި ދުވަހަށް ހާދަ އެދެވުނެވެ. ކުރީގެ ކައިވެނިން ނުކުރެވޭ އެތައް އިހުސާސެއް މިއަދު ކުރެވިއްޖެއެވެ.
އެ ފަހު އިބާރާތާއެކު، މުޅި ޖައްވުން އުފާވެރިކަމުގެ ނޭވާއެއް ދޫކޮށްލި ފަދައެވެ. އަޝޫގެ ތުންފަތްމަތިން ލަދުވެތިކަން ފަރުދާއެއް ނުވިއެވެ. ކައިރީ އިން ފިރިމީހާގެ އަތް ގެނެސް ދެއަތުގައި ވަށާލިއެވެ. މި ހަވީރު ޒުކާނަށް ބުނެދޭން ނޭނގޭފަދަ ލުއިކަމެއް ގެނެސްދީފީއެވެ. ދެމީހުންގެ ދެމެދުގައި އޮތް އެންމެ ބޮޑު ފާރުވެސް ދިޔައީއެވެ. އުމުރަށް މިލްކަކަށްވީއެވެ. ދުރުކުރާނެ މީހަކު ނުހުންނާނެއެވެ. ދެ ރޫޚު އެކަތި ގަނޑަކަށްވެ ދެ ފުރާނަ ގުޅި ލާމެހުނީއެވެ.
މި ހަފްލާއަށް ރާއްޖޭގެ ނަން ހިނގާ މަޝްހޫރު މީހުންނަށް ވާނީ ދަޢުވަތު ފޮނުވާފައެވެ. ނުވިތާކަށް ރާއްޖޭގައި ރައީސްކަން ކުރެއްވި ރައީސުންނަށްވެސް ވަނީ ބައިވެރިވި ވުމަށް އެދި ސިޓީ ފޮނުވާ ފައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދާނެ ކައިވެނި ހަފްލާއަކަށް ވާނެއެވެ. މީ ދެން ޔަޤީންނުވާވަރުގެ ކަމެއްނޫން ހެއްޔެވެ؟ ރާއްޖޭގެ ރައީސުންނަށް ވަރަށް ކައިވެނީގެ މެހެފިލްތަކަށް ދަޢުވަތު ނުފޮނުވާނެވެ. މިހެން ވަޑައިގަތުމަށް އެދި ދައުވަތުގެ ސިޓީތަކެއް ފޮނުވި މީ ފުރަތަމަ ފަހަރެވެ. އެހެންކަމުން ވެސް މި ހަފްލާ ހާއްސަ ވާނެތާއެވެ.
އެހަވީރަށްޓަކައި ލާފައި އަޝްބާ ހުރީ ގަދަ ދުނބުރި ކުލައިގެ ފަސްބައި ފުޅައި ވަށްތިރިއެކެވެ. އެ ހެދުމުގައި އަޝް ކޮން ފަދަ ޗާލު ހެއްޔެވެ؟ ހީވަނީ ހަމަ ފެންމިއްޔެއް ކުރިމަތިން ފެންނަން ހެންނެވެ. ހެދުމާއި އެއްކުލައިގެ ބޫޓުގައި ހުރި ހުދު އެސްތައް ދުރަށް ވިދަމުން ދިޔައެވެ. ކަށި ދިގު އެ ބޫޓުން އަޝްބާގެ ރީތިކަން އިތުރުކޮށްދިނެވެ.
ކައިވެނި ކޮށް ނިމުމާއެކު ވަލީމާ ފެށިއްޖެއެވެ. ތަން ހަލަބޮލިވެ މަޖަލާއި ސަކަރާތުގެ އަޑުތައް ގަދަވެއްޖެއެވެ. އެއްކުލާހުގައި ކިޔެވި ކުދިންތައް ވެސް ޕާޓީ ހެދުމުގައި އައިސް ތިއްބެއެވެ. މިއިން ކޮންމެ ކަމަކުން އިޝްބާގެ މާޔޫސްކަން ފިލުވައިދެމުންދިޔައެވެ. އެހާލުގައި ވެސް އޭނާ ބަލައިގެންފިކަން ޤަބޫލުކުރެވުން ދިޔައެވެ.
ތަހުނިޔާގެ ސުވާސްތީތައް އެކި ބަސްބަހުން އިއްވަމުން ދިޔައެވެ. ބާއްޖަވެރި ނިޔާމަ ކައިވެޏަކަށް އެދި ދުޢާތައް ބަރުތީލަކުރެވުން ދިޔައެވެ. ގާތްތިމާގެ މީހުންނާއި އާއިލާ މީހުންގެ ނަސޭހަތްތައް ދެ ދަރިންނަށް ދިނެވެ. އުމުރުދުވަހު ބަސް އަހައިގެން އުޅެވޭތޯ ބެލުމަށް އެދުނެވެ. ރަނގަޅު ގޮތަކާއި ބަލި ލުއި ދުޅަހެޔޮ ހަޔާތެއް އިޝޫއަށް މިންވަރުކުރެއްވުން އެދިވެސް ދެންނެވެމުންދިޔައެވެ.
ވަލީމާާ ހަފްލާ އޮތީ “ސަންސިޔާމު ވޯލްޑު”ގެ ރެސްޓޯރެންޓެއްގެ ބޮޑު ހޯލުގައެވެ. އެތަން ޖަރީކޮށްފައި އޮތީ ޕާޓީގެ ކުލައިންނެވެ. ހުދާއި ދުނބުރި ކުލައިންނެވެ. މުޅި މާހައުލު މާމެލާމެލިން އެއްވަސް ވެފައިވެއެވެ. ރޯޝަން ކަމާއި ދިރުން އެކުލަކުލައިގެ މާތަކުން ގެނެސްދެމުންދިޔައެވެ.
އަލަތު ޖޯޑު ތިބީ އެމީހުންނަށް ހާއްސަކޮށް ފައި ހުރި އުނދޯލީގައެވެ. މުޅި އުނދޯލި ޒީނެތްތެރި ކޮށްފައިވަނީ ދުނބުރި އާދެ ޗޮކުލެޓު ކުލައިންނެވެ.
ދުނބުރިކުލައިގެ ކައިވެނި ހެދުމުގައި އިޝްބާ ފެނިގެން ދަނީ ގަނޑުވަރު ތެރޭގެ ގޮމައެއް ހެންނެވެ. އެހާވެސް ރީތިވެފައި ފުރިހަމައެވެ. ކޯޓު ފަޓުލޫނު ގައި ހުރި ޒުކާން ހީވަނީ ގަނޑުވަރު ތެރޭގެ ރަސްދަރިކަލެއް ހެންނެވެ. އެހެރަ ރީތި ކަމެއްތާއެވެ. އެތައް އަންހެން ކުދިންނެއްގެ ހިތްތައް ފުނޑުފުނޑުވެގެން ގޮސްދާނެއެވެ. އޭނާގެ ފަން އިސްތަށިގަނޑާއި ކަސްރަތީ ހަށިގަނޑުގެ ޖާދޫގައި ނުޖެހޭނީ ކާކު ހެއްޔެވެ؟ ޒުކާނަކީ މިއަދު އިޝޫގެ ފިރިކަލުން މެއެވެ. އިޝްބާއަކީ ޒުކީގެ އަނބިކަނބަލުންމެއެވެ.
ގުރާ ޖޯޑުތަކުގެ ތައުރީފުތަކުން ހިނިތުވުން ފިލާނުދެއެވެ. އެކުވެރިންގެ މަޖާ ހަރަކާތްތަކާއި އިއްވާލި ޝުކުރުގެ ބަސްތަކުގެ ނިމުމެންނެތެވެ. ހައިރާކަން ގެނުވި ފޮޓޯއަކަށްވީ ނަޒާން އާއި އަޝްބާގެ ދެމަފިރިންގެ ދެކޮޅުގައި ތިބެ ނާގާލި ފޮޓޯއެވެ. އެންމެން ހައިރާން ވިއިރުވެސް ސޮފިއްޔާތައް އިނީއެވެ. މާކުރިންވެސް އޭނާއަށް އެނގޭ ކަހަލައެވެ. އަޝޯހުވުމުގެ ބޭނުމެއް ކޮބާ ހެއްޔެވެ؟
” މަންމަ، ސޮފިއްޔާތައް: މަންމަ މިއަދު ވަރަށް އުފާވޭ އަޝްބާވެސް މި މަންމަގެ ދަރިއަކާއި ގުޅުނީމަ. ހަމަ މަންމަގެ އުފަންދާރިއެއް ފަދަ އިޝްބާގެ ކުރިންވެސް އައީ ދަރިފުޅު. ވަކިވުމަށްފަހު އެނބުރި އަނެއްކާވެސް ތިއައީ ދަރިފުޅު. ބަރަކާތް ލެއްވުން އެދި މަންމަ އަބަދުވެސް ދުޢާކޮށްދޭނަށް.” ފެންކަޅިވެފައި ހުރި ދެލޮލުން މަންމަ ހިތުގައި ވި ކުލުނާއި ތެދުވެރި ލޯބި ފިޔަޖަހަމުން ދިޔައެވެ. ދަރިންނަން ޓަކައި ޖާނު ދޭން އެތިބެނީ ހަށަން ބަދެލައިގެންނެވެ. މައިންބަފައިން އެވަނީ ކޮން ފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ؟ މައިންގެ ކުރިމަގާއި ދިރުން ގުޅިފައި ވަނީ ދަރިންނާއި އެދަރިންގެ އުފަލާ ނޫން ހެއްޔެވެ؟ މި ދުނިޔޭގައި އެފަދަ ދެވަނައެއް ނެތް ލޯތްބެއް ވާނެތޯއެވެ؟
ނުނިމޭ
(ކިޔުންތެރިންގެ ސަމާލުކަމަށް)
މިވާހަކަ ގެނެސްދޭނީ ކޮންމެ ހަފުތާއަކު ދެ ދުވަހު އެވެ. އެއީ ހޯމަ ބުދައިގައިއެވެ. މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރަމެވެ.
😊🥀🫶❤️🥰





