ޖޫނާ ޖަނަލުގެ އެހެން އެނދެއްގައި ބޭއްވުމަށްފަހު، ޑަކުޓަރު ބެލީ އާހިލުގެ ބަނޑުން ލޭ އައި ސަބަބެވެ. ފަހާފައިވާ މަސްގަނޑު އިރައިގެން ގޮސްފައި ވުމުންކަން އެނގުނީ އެތަން ސާފުކޮށްލުމުންނެވެ. ބޭސް އަޅާ ކޮޓަރިއަށް ގެންދެވުމާއެކު އެތަން ފެހުމުގެ މަސައްކަތް ކުރިއަށް ދިޔައެވެ. އާހިލުގެ ބަނޑުގައި ވަޅި ވަދެގެން ގޮސްފައިވާ ތަން ފުންކަމުން އުނދަގޫވެސް ވިއެވެ. ވަރަށް ގިނަ އިރުވީފަހުން ޑަކުތަރަށް ކަފައިގެން ގޮސްފައިވާ ތަން ފަހާ ނިންމާލެވުނެވެ. އާހިލުއަށް ނުތެދުވުމަށް އިރުޝާދު ދިނެވެ. އަދި ޖަނަލަށް ބަދަލު ކުރެވުނެވެ.
އެއް ވަގުތެއްގައި ޖޫނާއަށް ލޭގެ ތަހުލީލުތައް ހިންގަމުން ދިޔައެވެ. ތަހުލީލުތަކުން އެނގުނު ގޮތުގައި ޖޫނާގެ ލޭގައި ‘ޕުލޭޓުލެޓު’ ހުރި މިންވަރު ފުދޭވަރަކަށް ގިނައެވެ. އެ ހިސާބުން މައްސަލަ ދިމާވަނީ ކިހިނަކުންތޯ ބެލުމަށް އެތަކެއް އިމުތިހާނުތަކެއް ހެދުނެވެ. ފުދޭވަރަކަށް ގިނަ އިމުތިހާނުތަކުން ދެއްކި ގޮތުގައި އޭނާ މި ހުރިހާ ދުވަހު ހިފަހައްޓައިގެން ހުރި ސިއްރު ފަޅާއެރިއެވެ. މި ހުރިހާ ދުވަހު އާހިލުއާއެކު އުޅެން ބޭނުން ނުވި ސަބަބެވެ. އާހިލު ގާތު ވަރިއަށް އެދުނު ސަބަބެވެ.
ތަހުލީލުތައް ނިމި އިސްކޭނުތައް ކުރެވުނުފަހުން ކަން އޮތީ ވަރަށް ސާފުކޮށް އެނގޭށެވެ. ޖޫނާއަށް ވަނީ ފުއްޕާމޭގެ ކެންސަރު ޖެހިފައި ވާކަމަށް ފާހަގަވެފައެވެ. ހަމައެކަނި ޖެހިފައެއް ނޫނެވެ. ތިންވަނަ ހަރުފަތުގައެވެ. އެއީ އޭނާގެ މަންމަ ވަހީދާވެސް ހަނގުރާމަ ކުރަމުން ދިޔަ ބައްޔެވެ. އަދި އިތުރަށް ހާސްވާ ކަމަކަށް ދަރިންނަށް ގާތުން ކިރު ނުދެވޭ ކަމީ އެހާވެސް ދެރަ ކަމެކެވެ. އާހިލުއަށް މި ޚަބަރު އިވުމުން ތިހަދަނީ ދޮގޭ ކިޔާ ހަޅޭއް ލަވައިގަތެވެ. އެހާ އުނދަގުލުން ޖޫނާއާއެކު ހޭދަކުރާނެ ވަގުތުކޮޅެއް ނުލިބި އެ ފަކީރު މިދުނިޔެއާ ވަކިވަނީއެވެ. ދެރަ އަކަށްފަހު ދެރައެކެވެ. ރިހޭ ފައި މައްޗަށް ފޮއެގެ އިތުރުން ދައިވެސް ވެއްޓުނީއެވެ. ނަމަވެސް ދެވޭނެ ފަރުވާ އެހާ މޮޅެއް ނޫނެވެ. ނަމަވެސް ޖޫނާ މި ދުނިޔޭގައި ބެހެއްޓުމަށް ކުރެވެން ހުރި ކަމެއް ކުރުމަށް ޑަކުތަރު ގާތު އާހިލު އެދުނެވެ. ކަށި ބިންދާ މަސް ވިރުވައިގެން ނަމަވެސް އާހިލު ބޭނުންވީ ޖޫނާ އޭނާގެ ގާތު ބަހައްޓާށެވެ.
ޖޫނާގެ ހަށިގަނޑުގައި ކެންސަރު ހުރިކަން އޭނާ ކައިރީ އެއްވެސް ޑަކުޓަރެއް ނުބުނެއެވެ. އާހިލުގެ އެދުމުގެ މަތިން އެ މީހުންވެސް އެކަން ސިއްރު ކުރީއެވެ. ޖޫނާއަށް ހޭލެވުނު ފަހުން ‘އިސްކޭން’ ކޮޓަރިއަށް ގެންދެވުނެވެ. ތަފާތު ކަންތައްތައް އެ ކޮޓަރީގައި ޖޫނާއަށް ކުރުވިއެވެ. އެކި މެޝިނުތަކުން މުޅި މޭމަތި އެއްކޮށް ‘އިސްކޭން’ ކުރިއެވެ. ޑަކުތަރުން އެކި ގޮތްގޮތަށް ފުއްޕާމޭ ތެރޭގައިވާ ބޮޑެތި ‘ކެންސަރު ޓިއުމަރު’ތަކަށް ބެލިއެވެ. އަދި ވަގުތުން ކީމި ފަރުވާ ފެށުމަށް ބުންޏެވެ. ޑަކުޓަރުން އެކި ފަރުވާތަކަށް ވިސްނުމަށް ފަހުގައިވެސް ރަނގަޅީ ކީމި ފަރުވާކަމަށް ނިންމިއެވެ. އަދި ‘ޓިއުމަރުތައް’ ނެގުމަށް އަވަސް ލުއި ފަރުވާ ކުރުމަށެވެ.
ދެ ކުދިންވެސް އެ ކުދިންގެ މަންމަގެ ގާތުން ކިރު ނުލިބި ބަނޑުހައިވެގެން ރޮނީއެވެ. އާހިލުއަށް ކުރެވޭނެ ކަމެއް ނެތުމުން، އެންމެ ފަހުން ލުބުނާއަށް ގުޅިއެވެ. ކިރު މައިކަން ކޮށްދިނުމަށް އާހިލު އެދުނެވެ. އާދޭސް ކުރިއެވެ. ބަދަލުގައި އާހިލު އޭނާއަށް އޮތް ނަފުރަތުކަން ފިލުވާ މަތީންކަން ލުބުނާ ބުންޏެވެ. ލުބުނާއަށް އާހިލުގެ ލޯބި ލިބޭނޭކަމާމެދު މިހާރު ޝައްކެއް ނެތެވެ. އޭނާގެ ދަތުރު ފެށިއެވެ. ދަނގެތިން ހުޅުމާލޭއަށް އައެވެ. އެ ދެ ކުދިންނަށް ކާނާ ނުލިބި ގިނަ އިރުވުމުން ރުއިންވެސް ހުއްޓިފައިވެއެވެ. ނަމަވެސް ލުބުނާ ބުއް ޖެއްސިހެން އެ ކުދިންނަށް އާރޯކަން ވެރިވިއެވެ. ބަނޑު ފުރޭނދެން ކިރު ދީފައި އެނދުގައި ބޭއްވިއެވެ. ނިންދެވުމަށްފަހު އާހިލު ކައިރިއަށް ދިޔައެވެ. “މީ ކާކު ކުދިންތަކެއް؟” ލުބުނާ ސުވާލު ކުރިއެވެ. “ޖޫނާގެ.” އާހިލު ޖަވާބު ކުރުކޮށް ދިނެވެ. “އޭނާ ކޮބާ މިހާރު؟” ލުބުނާއަށް ސުވާލު އުފެދުނެވެ. “އޭނާ ކީމި ފަރުވާ ލިބި ގަތުމުގައި އުޅެނީ. އެ ފަކީރު ފުއްޕާމޭގެ ކެންސަރު ހުރޭ.” އާހިލު ފެން ކަޅިވިއެވެ. ލުބުނާ ފާޑަކަށް އުފާވާން ފެށިއެވެ. “އަހަރެން މި ބަނޑުގައި އޮތް ކުއްޖާ ވިހެއުމުން ތިން ބެއިން ހަމަވާނެ ދޯ؟” ލުބުނާ ދޯ އަޅުވާލިއެވެ. އާހިލު ލުބުނާގެ އަރިކަށި މަތީގައި އަތް އަޅުވާލާ ގާތްކޮށް ބައްދާލިއެވެ.
ލުބުނާއާއި އާހިލު އެއްކޮށް ތިބި މަންޒަރު ފެނުނީ ކީމި ފަރުވާކޮށް ނިމި ކޮޓަރިއަށް ވަދެގެން އައި ޖޫނާއަށެވެ. ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ނަމަވެސް އެކަން ނުދައްކާ ޖޫނާގެ ދެ ކުދިން ގާތަށް ދިޔައެވެ. “ޖޫނާ ތި ދެ ކުދިންނަށް ދެން ކިރު ދޭނީ ލުބުނާ. މިހާރުވެސް ފަހަރެއްގަ އިނގިދާނެ ތި ވީގޮތް!” އާހިލު ބުންޏެވެ. “ކިހިނެތް ވީ؟ އަހަންނަށް ނޭނގޭ ކަމެއްތަ އެއީ؟ އަހަރެންގެ މަންމަވެސް ކެންސަރު ހުރޭ. ޚުދު އަހަރެންވެސް ހުންނަކަން އެނގޭ.” ޖޫނާ ފެންކަޅިވަމުން ބުންޏެވެ. “ކިހިނެތް އެނގުނީ؟” އާހިލު ސުވާލު ކުރިއެވެ. “ކޮލެޖުގައި އުޅުނު އިރު ހިންދޫކަރައަށް ދިޔަ ފަހަރުގައި ޑަކުޓަރު މުޅި ހަށިގަނޑުގެ ބައިތައް ބަލަމުން ބުނި ވާހަކައެއް އެއީ. އޭރު ފުރަތަމަ ހަރުފަތުގައި ހުރީ. މާބޮޑަކަށް އަޅައެއް ނުލަން އޭރަކުވެސް، މިހާރަކުވެސް. އަހަންނަށް ހެވީ ވީ އެންމެ އަވަހަކަށް އަހަރެން ހެއްދެވި ފަރާތަށް ގެންދަވާނަމަ.” ޖޫނާ އެއްވެސް ފުށުއެރުމެއްނެތި ބުންޏެވެ. “ތިހެން ނުބުނޭ.” އާހިލު ލޮލުން ކަރުނަ ހިލުނެވެ. އާހިލު އެނދުން ގަދަކަމުން ތެދުވެ، ދުއްވާ ގޮނޑީގައި އިން ޖޫނާ ގައިގަ ބައްދާލިއެވެ. ލުބުނާ އެނދުގައި ލޯ ކުނާކުރަމުން ބަލަން އިނެވެ. “ޖޫން، އަހަރެން ދެން ދޫކޮށްފައި ނުދޭ. އާދޭސް ކުރަން. ޖޫންގެ ލޯތްބާ ނުލާ ދެން އަހަންނަކަށް ނޫޅެވޭނެ.” އާހިލު އަދިވެސް އާދޭސް ކުރަނީއެވެ. “އަހަރެން މިއޮތް ހުރިހާ ދުވަހު ކަލޭ ވަރި ކުރޭތޯ މަސައްކަތް ކުރިން. އެއީ އަހަންނަށް އެނގޭ އަހަރެން މާ ގިނަ ދުވަހު ނުހުންނާނެކަން. ކައިވެނި ކުރީ އަހަރެންގެ އޭރު ބައްޕަ މަރުގެ އިންޒާރު އެޅީމަ.” ޖޫނާ ބުނަމުން ދިޔައެވެ.
“އަހަރެން ޖޫން ދެކެ ވަރަށް ލޯބިވަން. އަދި މިހާރު ލުބުނާވެސް އެއީ އަހަރެންގެ އަނތްބެއް.” އާހިލު ޖޫނާގެ ގައިން ދޫ ނުކޮށްލަން ހިފާފައި ހުއްޓެވެ. ޖޫނާއަށް އާހިލުއާއި ލުބުނާއާމެދު އޮތް ގުޅުން ސާފުވުމުން ހިތްހަމަ ނުޖެހުނެވެ. “އަހަރެންގެ ހިތުގައި ޖޫންއަށް ވީ ހަގީގީ ލޯބި.” އާހިލު ބުނަމުން ދިޔައެވެ. އެ ބުނި ކޮންމެ ބަހަކަށް ތުން އަނބުރަން އިން ލުބުނާ އެންމެ ފަހުން ބުންޏެވެ. “ޖޫނާއަށް ތިވަރަށް ލޯބި ދީފައި އަހަންނަށް ބާކީ ވާނީ ކިހާވަރަކަށްބާ؟” “ދެ މީހުންދެކެވެސް އަހަރެން ނިކަން ލޯބިވާނަން.” އާހިލު ވަައުދުވިއެވެ. ޖޫނާގެ ހަޔާތުގައި ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ. ނަމަވެސް މިހާރު މިދެވޭ ފަރުވާ ދިނުމުން ރަނގަޅުވުމުގެ ފުރުސަތު އެހާވެސް ހަންޏެވެ. “އަހަރެން މި ދުނިޔޭގައި ނެތް ދުވަހަކުން މިކުދިން ނަޒްލާއާ ހަވާލު ކުރޭ.” ޖޫނާ އެހެން ބުންޏެވެ. “ނޫނޭ. އިރާދަ ކުރެއްވިއްޔާ ތި ބަލިން ރަނގަޅު ކުރައްވާ އެ ކުދިން ބަލަހައްޓާނީ ޖޫނާއާއި ލުބުނާ ދެ މީހުން.” އާހިލު ދެ މީހުންނަށް ބަލައިލަމުން ބުންޏެވެ. ލުބުނާ އަދިވެސް ޖޫނާއަށް ކުޑަ ރުޅިވެރިކަމެއް ހުއްޓަސް، އާހިލުގެ ލޯބި ލިބޭތީވެ އެކަމަށް އެއްބަސް ވިއެވެ. މިހާރު އާހިލު ބޭނުންވީ ހުރިހާ އެންމެން އެކުގައި ސުލްހައިގަ އުޅޭށެވެ.
އާހިލު ލުބުނާއާ ދިމާއަށް ބަލައިލިއެވެ. “ކަލޭ ކުރި ކަންތަކަށް ޖޫނާގެ ކިބައިން މަޢާފަށް އެދޭ!” ލުބުނާ ދެ ލޮލުގެ ކަޅި އެއްލަމުން ދެއަތް ދޫކޮށްލިއެވެ. “އަހަންނަށް ކުރެވުފައިވާ ކަންކަމަށް ޖޫނާގެ ފަރާތުން މަޢާފަށް އެދެން!” ލުބުނާގެ އަޑު ހުރީ އެއްވެސް އަސަރެއް ނެތް ގޮތަކަށެވެ. “ތަންކޮޅެއް ރީއްޗަށް ބުނޭ!” ޖޫނާ ފުރުސަތުގެ ބޭނުން ހިފިއެވެ. ލުބުނާ ދެ އަތް އުރާލައިގެން އިނެވެ. ނަމަވެސް އާހިލު އެއްޗެކޭ ބުނުމަށް އަނގަ ހުޅުވަން އުޅުނުހެން ލުބުނާ ބުންޏެވެ. “އާދޭސް ކުރަން އަހަންނަށް މަޢާފު ދީ. އެހެން ނޫނީ މަށަށް އާހިލު…” ޖޫނާއަށް މިކަން ދޭހަވެ ހޭން ފެށިއެވެ. “ވެފައިވާ ކަންތައްތަކަކީ ދެން އަނބުރާ ގެނެސް ބަދަލު ކުރެވޭނޭ އެއްޗެއް ނޫން. އެހެންނަމަވެސް އަހަންނަށް މަޢާފު ދެވޭނީ ތަންކޮޅެއް ފަހުން.” ޖޫނާ އަޑު މަޑުކޮށްލުމަށްފަހު ބުންޏެވެ.
“އަދި އެއް ވާހަކަ. އެއްކަލަ ސަމާ ނިޔާވި ވާހަކަ އަޑު އެހިންތަ؟” އާހިލު ބުންޏެވެ. “ސަމާ؟ ސަމާ މަރުވީ؟” ޖޫނާއަށް ގަބޫލު ނުކުރެވިގެން ތަކުރާރު ކުރިއެވެ. ލުބުނާވެސް އާހިލުއާ ވާހަކައިގަ ބައިވެރިވިއެވެ. “އާނ. އޭނާ މަރުވީ ހެޔޮ ހާލުގައި އުޅެފައި، ހަމަ ކުއްލި ގޮތަކަށް. މީގެ ތިން މަސް ކުރިން އޭނާ މިދުނިޔެއާ ވަކިވެއްޖެ. މި ވާހަކަ ޖޫނާގާތު އަދި ނުބުނެވިގެން މިއުޅެން ޖެހުނީ.” އާހިލު ބުންޏެވެ. ޖޫނާގެ މޫނުމައްޗަށް ވެރިވެފައިވާ ހިނިތުންވުން ފިލައިގެން ދިޔައެވެ. އޭނާގެ ސިކުނޑީގައި އާ ވިސްނުމެއް އަށަގަންނަން ފެށިއެވެ.
“ޖޫން؟ ލޯބީ! އަހަންނާއެކު ދުވަސްތައް ހޭދަ ކުރުމަށް ވައުދުވޭ!” އާހިލު ބުނަމުން ދިޔައެވެ. ހިރުވާ ތަން ކަހައި ވެސް ނުލާ ޖޫނާ އިށީނދެ އިނެވެ. އޭނާ އަދިވެސް ސިކުނޑީގައި އޮތީ ސަމާގެ މަރެވެ. ޖޫނާއަށް އަސަރު ކުރިއެވެ. މި ދުނިޔޭގެ ވަގުތު ކުރުކަން ދޭހަވިއެވެ. އޭނާ އާހިލުއަށް ފޮރުވައިގެން ފޯދެމުން ދިޔަ ލޯބި މިއަދު ހާމަކުރަން ބޭނުންވިއެވެ. ހަޔާތަކީ ކުރު އެއްޗެއްކަން މިއަދު އޭނާއަށް ވިސްނިއްޖެއެވެ. ޖަހާ ބޮޑެތި ރާޅުތަކުންވެސް ސަލާމަތް ކޮށްދެން ހުރީ އާހިލުއެވެ. “އާހިލް. އަހަރެންގެ ހަޔާތުގައި ބާކީ އޮތީ ކިހާ ވަގުތެއް ކަމެއް އަހަންނަކަށް ނޭނގެ. އެކަމު އަހަރެންގެ ދެން ބާކީ އޮތް ވަގުތުގައި ލޯބި ދެވޭތޯ މަސައްކަތް ކުރާނަން.” ޖޫނާ އަމިއްލަ ނަފްސަށް ވީ ވަޢުދު ފުރިހަމައަށް ދައިން ފުނޑާލަމުން ބުންޏެވެ. ލުބުނާ، އާހިލު އަދި ޖޫނާވެސް ބަދަހި އާއިލާއެއް ގޮތަށް ހުރިހާ އެންމެން ބައްދާލިއެވެ. އަދިވެސް ލުބުނާ ޖޫނާއަށް ކުޑަކޮށް ނަމަވެސް ރުޅިވެރިކަން ދައްކާފައި ހުއްޓެވެ.
ހަސަނު ޝަރީއަތުގެ ދަށުން ގެނެވުނު އަދަބުތަކަށް ދުނިޔޭގައި ލެއްވިހައި ނުބައި އެއްޗެއް ކިޔަމުން ދިޔައެވެ. އޭނާގެ އެއްލައްކަ ރުފިޔާ ނުލިބި ބަނޑުގައި ލޯވަޅެއްވެސް އެޅުނީއެވެ. މިހާރު އޭނާގެ މުހިންމަތަކީ އެ ދުވަހު އާހިލުގެ ފޯނުން ވާހަކަ ދެއްކި މީހާ ހޯދުމެވެ. ޖަލުން ސަލާމަތްވީ ދުވަހަކުން އޭނާ ބޭނުންވީ އެ ކަމަށް ފަށައިގަންނާށެވެ. ނުލަފާ ހިނިތުންވުމެއް ފާޅުކުރަމުން ޖަލުން ނުކުމެ ކުރާނެ ކަންތައްތައް ރާވަން ފެށިއެވެ. ހަސަނުގެ ސިކުނޑީގައި ރޭވުންތައް ރާވަމުން އިތުރު ގޮތްގޮތަށް ވިސްނަމުން ދިޔައެވެ. ހަގީގަތުގައިވެސް އޭނާ ދިޔައީ އޭރު ފޯނުން ވާހަކަދެއްކި މީހާއަށް ނަފުރަތު ކުރަމުންނެވެ.
(ނުނިމޭ)
އެންމެ ފަހު ބަޔަށް އިންތިޒާރު ކުރައްވާ!


