Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަލާމާތް ލޯބި – 21

leafy Level 310 Stories100 Login
August 25, 2026 7 Mins Read
0 Comments

ޖޫނާ އާހިލުއާއެކު އުޅުމަށް އެއްބަސްވީފަހުން ހުރިހާ އެންމެންވެސް ހަމައަކަށް އެޅިއްޖެއެވެ. ޖޫނާ ދިޔައީ ކެންސަރަށް ދުވަހުން ދުވަހަށް ފަރުވާ ލިބިގަންނަމުންނެވެ. އޭނާގެ އިސްތަށިގަނޑު ނެތިގެންގޮސް ސިފަ ހުތުރުވިއެކޭ ކިޔާފައި އާހިލު ދުރަކަށް ނުދެއެވެ. ހަގީގަތުގައިވެސް ޖޫނާއަށް ޓަކައި އާހިލު ލޯބިވީއެވެ. އެ ގުޅުން ފުނޑާލާނެ އިތުރު އެއްވެސް އެހެން އެއްޗެއް ނެތް ފަދައެވެ. ލުބުނާ މި ދެ މީހުން ގާތްވިޔަ ނުދިނުމަށް ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ލުބުނާ ކުރާ ކަމަކުން ދެ މީހުން ވަނީ ހައްތަހާ ގާތެވެ. ދޭތެރެދޭތެރެއިން ލުބުނާ އާހިލުގާތު ޝަކުވާވެސް ކުރެއެވެ. އޭނާއަށް ވަގުތު ނުދޭކަމަށް ބުނެއެވެ. ހަގީގަތުގައި ވަގުތު ދީގެން އުޅުނު ކަމުގައި ވީނަމަވެސް ލުބުނާ އެކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. ޖޫނާއަށް ލިބެމުންދިޔަ ފަރުވާއާއެކު އޭނާގެ ބަލިމަޑުކަން ރަނގަޅުވަމުން ދިޔައެވެ. ލުއިފަރުވާކޮށް ނެގި ބޮޑެތި ‘ކެންސަރު ޓިއުމަރުތައް’ މިހާރު ހަށިގަނޑުގައި ނެތުމުގެ ސަބަބުން ނޭވާލުމަށް ކުރިމަތިވި އުނދަގޫވެސް ފިލައިގެން ދިޔައެވެ.

 

~ހަތަރު އަހަރު ފަހުން~

ޖަލުގެ މާހައުލުގައި ހަތަރު އަހަރު ދުވަސް ހަސަނު ހޭދަކުރިއެވެ. އޭނާގެ ޢަމަލުތައް ރަނގަޅުކަމަށް ހެދިގެން އުޅުނެއް ކަމަކު އޭނާގެ ހިތުގެ އަޑި އެހާވެސް ބަދަލު ހިފުމުގެ ރޫހު ގަދައެވެ. އޭނާއަށް މި ވަރުގެ ކެއްސެއް ދިން މީހަކު ހޯދުމަށް ހިތުލައިގެން އުޅެއެވެ. ހަސަނަށް ޖަލުން ނުކުމެވުނުހެން އޭނާ އުޅެމުން ދިޔަ ފަންގިފިލަޔަށް އެނބުރި ދިޔައެވެ. ދައްކަން ޖެހޭހާ ތާކަށް ރުފިޔާ ދެއްކުމަށްފަހު އޭނާ އިށީނީ ލެޕުޓޮޕު ހިފައިގެންނެވެ. އޭނާ ފޯނުގައި ރައްކާ ކޮށްފައިވާ ފޯނު ‘ކޯލުގެ’ އަޑުކޮޅު ނަގާ ބަލާ ފާސް ކުރަން ފެށިއެވެ. އެ އަޑު އެހުމަށް ‘އެޕުލިކޭޝަނަކަށް’ އަޑުކޮޅު ލައިގެން ހޯދުމަށް ޖެއްސިއެވެ. ފަސްވަރަކަށް މިނިޓު ފަހުން ހޯދުނު ކަމަށް އެރިއެވެ. އަޑު އެންމެ ގާތްކުރާ ތިން މީހެއްގެ މަޢުލޫމާތު އިސްކިރީނަށް އެރިއެވެ. ހަސަނު ނުލަފާ ހިނިތުންވުމެއް ދީގެން އިނެވެ. އެންމެ މަތީގައި އަރާފައިވާ ލުބުނާކަން އެނގި ގަދައަށް ރަކިހިނި ހޭން ފެށިއެވެ.

ލުބުނާގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅިއެވެ. “ކޮބާ މަށަށް ދޭން އޮތް އެއްލައްކަ ރުފިޔާ ލުބުނާ؟!!” ހަސަނު ލަހެއްފަހެއް ނުޖެހި ދިމާލަށް ބުންޏެވެ. ލުބުނާ މާޒީއަށް ވިސްނުން ގެންދިޔައެވެ. އޭނާ އެއްލައްކަ ރުފިޔާ ދޭން އެއްބަސްވެފައި ވާނީ އެންމެ މީހަކަށެވެ. އެއީ އާހިލު ފާރަލާން އޭރު ހަވާލުކޮށްފައިވި ހަސަނެވެ. ލުބުނާއަށް އެކަން އިނގުނު ފަހުން ބުންޏެވެ. “ނޫން. އެކަކަށްވެސް ދޭކަށް އެއްބަހެއް ނުވަން. އެހެން ނޫނަސްވެސް ކަލެއަކަށް އެކަމެއް ހާސިލެއް ނުވިއެއްނު!” ލުބުނާ ހެދީ ދޮގެވެ. އަދި ޖޫނާ މަރުނުވާ ކަމަށްބުނެ ހަސަނަށް ރުފިޔާ ހައްގު ނޫންކަމަށް ބުންޏެވެ. “އާނ ހުރޭ.” ހަސަނުގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ދެން އޭނާގެ ފޯނުން ހޯދާފައި ގުޅީ ހުޅުމާލޭގެ ޕޮލިހުންގެ ނަންބަރަށެވެ. މީހަކު މެރުމަށް އަމުރު ކުރިކަމަށްބުނެ ހަސަނު ވާހަކަތައް ދެއްކިއެވެ. އަދި ހެކީގެ ގޮތުގައި އެ އަޑުކޮޅުވެސް ފޮނުވިއެވެ.

ޖޫނާއަށް ފަރުވާ ކުރުމަށް އާހިލު ހުޅުމާލޭގައި ކޮޓަރިބަޔެއް ކުއްޔައް ހިފައިގެން އުޅުނެވެ. ލުބުނާވެސް އެ މީހުންނާއެކު އުޅެމުން ދިޔައެވެ. އަދި ހަތަރު އަހަރުވެފައިވާ އަތީނާ، ޒައިން އަދި އާޒިޔާވެސް މެއެވެ. ޖޫނާ ކީމި ފަރުވާތަކުން ސަލާމަތްވެ ބޭސްކަމުން ދިޔައެވެ. ބޭސް ކެއުމުން ފުދޭވަރަކަށް ބަރުދަން އިތުރުވިއެވެ. އަދި ނިދިވެސް ގަދަވިއެވެ. އެ ކަމާހުރެ އާހިލު ވަރަށް އެހީތެރިވަމުން ދިޔައެވެ. ދެ މީހުންވެސް އެކުއެކީ ބަދިގޭގައި ކާން އިށީނދެ ތިއްބާހެން ގޭގެ ދޮރުގައި ޓަކި ޖަހަން ފެށިއެވެ. އާހިލު ގޮސް ދޮރު ހުޅުވާލިއެވެ. “ކިހިނެތް ވީ؟” އާހިލު ސުވާލު ކުރިއެވެ. “ލުބުނާ ބިންތި މުހައްމަދު މި ގޭގައި އުޅޭތޯ؟” ޕޮލިސް މީހާ ސުވާލު ކުރިއެވެ. “ލައްބަ.” އާހިލު ބުންޏެވެ. އެހެން ބުނިހެން ދެ ޕޮލިހުންވެސް ގޭތެރެއަށް ވަދެގަތެވެ. ލުބުނާގެ ކޮޓަރީގައި ޓަކި ޖަހާ ހަދަމުން ދިޔައެވެ. ނުހުޅުވާ ގިނައިރު ވުމުން ޕޮލިހުން ދޮރު ވައްޓާލާފައި ވަނެވެ. ފޯނަށް ގެއްލިފައި ލުބުނާ ބާލުޚާނާގައި އިށީންދެލައިގެން އިނެވެ. ލުބުނާގެ އަތުގައި ޕޮލިހުން ބިޑި އަޅުވައިގެން ލުބުނާ ޕޮލިހުންގެ ޖަގަހައަށް ގެންދެވުުނެވެ.

“މަންމީ! މަންމީ!” ބޮޑު ފާހާނާ ކޮށްގެން އިން އަތީނާ ގޮވަމުން ދިޔައެވެ. “ލައްބަ، ލައްބަ. މިދަނީ.” ސިންކުގައި ހުރި ތަށިތައް ދޮވުމުގައި އަވަދިނެތި އުޅެމުން ޖޫނާ ދިޔައެވެ. އޭރު އާހިލު ބޮޑު ކޮޓަރީގައި ޒައިން އާއި އާޒިޔާ ގޮވައިގެން ކުޅެން ތިއްބެވެ. އޭނާ ހުރީ ލުބުނާގެ ކަންތައްތަކުގައި ހާސްވެފައެވެ. ރާވާ ކުޅޭ ތަކެތިން ދެ ކުދިންވެސް ކުޅެމުން ދިޔައެވެ. ޒައިން ބަޑިއެއް ހެދި އިރު އާޒިޔާ ކުޑަ ވަރެއްގެ ގަނޑުވަރެއް ހަދަމުން ދިޔައެވެ. އިރުކޮޅަކުން ސާފުތާހިރުކޮށްފައި އަތީނާވެސް ރާވާ ކުޅިވަރު ކުޅުމަށް މަޝްޣޫލުވިއެވެ. ފަސް އަހަރުގެ ތިން ކުދިން ގޮވައިގެން އުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ކޮޓަރިން ނުކުމެއައި ޖޫނާ ބަދިގެއަށް ދިޔައެވެ.

އިރުކޮޅަކުން އާހިލުއަށް އިވިގެންދިޔަ ޚަބަރުން ލޭމައްޗަށް ދިޔަ ކަހަލައެވެ. ޝަހާދަތުގެ މައްޗަށް ޝަހާދަތް ކިޔާފައި އޭނާ ކޮޅަށް ތެދުވިއެވެ. އަދި ބަދިގެ ފަޅިއަށް ހިނގާފައި ދިޔައެވެ. ޖޫނާ ގައިގަ ބައްދާލަމުން ފަހަތުން ހުރެ ކަރުގައި ބޮސްދެމުން ދިޔައެވެ. “މިހާރު ކިހިނެތްވީ؟ ލުބުނާއަށް ކިހިނެތް ވީ؟” ޖޫނާ ސުވާލު ކުރިއެވެ. އާހިލު ވީ ކަންތައްތައް ސާފުކޮށް ކިޔައިދިނެވެ. ހަސަނު ލައްވާ ޖޫނާ މަރާލަން ދުވީ ލުބުނާގެ ސަބަބުން ކަމަށް ބުންޏެވެ. އެ ހިސާބުން އާހިލުއާއި ޖޫނާ މިވީ ފަސް އަހަރު ދުވަހު ލުބުނާއާ ގާތްވެވުނު ތަންކޮޅު ބީރައްޓެހިވެގެން ދިޔައެވެ. ޖޫނާއަށް ލުބުނާއާމެދު އަނެއްކާވެސް ނަފުރަތުކަން އަށަގަތެވެ. “މަށާއެކު ދެން އުޅެން ބޭނުމިއްޔާ އޭނާއާ ވަރިކުރޭ! އެއީ އަހަރެމެން ދޭތެރެއަށް ވަދެފައިހުރި ޝައިތާނެއް. އެހެންނޫނީ އަހަރެން ގަބޫލެއް ނޫން ކަލެޔާއެކު އުޅޭކަށް.” ޖޫނާ އާހިލުއާ ދިމާއަށް އެނބުރިފައި ބުންޏެވެ. އާހިލު ހުރިހާ ޖުމުލައަކަށް ބޯ ޖަހަމުން ބޮޑު ކޮޓަރިއަށް އެނބުރި ދިޔައެވެ.

ލުބުނާގެ ހުރި ނުލަފާކަން އާހިލުއަށްވެސް ވިސްނިއްޖެއެވެ. ދެން މި ވާހަކަ އޭނާގެ ބައްޕަ ގާތު ދައްކަން ބޭނުންވިއެވެ. ހެއްކާއިއެކު ކަމަށް ވާތީވެ އޭނާގެ ބައްޕަ ގަބޫލު ކުރާނެކަން ދޭހަވިއެވެ. އާރިފުއަށްވެސް ކަން ހިނގިގޮތް ސާފުވެ ލުބުނާއާމެދު ހިތްހަމަ ނުޖެހުނެވެ. އާހިލު އޭގެ އިތުރުން ދިޔައީ މުހައްމަދުބޭ ކޮށްފައިވާ ކަންތައްތައް ތަހުގީގު ކުރަމުންނެވެ. އެކި ދުވަސްތަކުގެ މަތިން އޭނާ ކޮށްފައިވާ ނުބައި ކަންކަން ފެންމަތިވަމުން ދިޔައެވެ. މިހާރު ލުބުނާގެ އާއިލާގެ ނުބައިކަން އާރިފުއަށްވެސް މުޅިއެކު ސާފުވެގެން ދިޔައެވެ. ފީރޯޒު ކުންފުންޏަށް އެންމެ ބޮޑު ގެއްލުމެއް ދިން އަސްލު ފަރާތަކީ މުހައްމަދުއާއި ލުބުނާއެވެ. އެކަން އިނގުނު ހިސާބުން އާރިފު އެ މީހުންނާއި ގުޅުން ނުބޭއްވުމަށް ނިންމިއެވެ.

ހަމަ އެ ވަގުތުން ވަގުތަށް ލުބުނާއާ ވަރިވުމަށް އާހިލު ބޭނުންވިއެވެ. ކަރުދާސް ހިފައިގެން ސޮއި ކުރަން ޖަލަށް ދިޔައީވެސް އޭނާ އަމިއްލައަށެވެ. ލުބުނާ ސޮއި ނުކުރަން ގަދަ ދެއްކިއެވެ. ހާސަރުތައް ދަމަން ފެށިއެވެ. އަދި ބައްޕަ ގާތު އެ ވާހަކަ ދައްކާނެ ކަމަށް ކިޔެވެ. ނަމަވެސް އާހިލު ނިކަން ސާފުކޮށް މުހައްމަދު ކޮށްފައިވާ ކުށްތައް ދައްކާލިއެވެ. ލުބުނާއަށް ހަދާނެ ގޮތް ހުސްވެގެން އެންމެ ފަހުން އެ ގަނޑުގައި ސޮއި ކުރިއެވެ. ކޯޓުން ނިންމި ނިންމުމުން ދެ މީހުން ވަރިވިއެވެ. ލުބުނާގެ މިދިޔަ ފަސް އަހަރު އެއްކޮށް ބިލާހަކަށް ވީއެވެ. ރުޅިގަނޑު މައިތިރި ކުރަން މަސައްކަތް ކުރިނަމަވެސް ރުޅި ހިނދޭ ގޮތެއް ނުވިއެވެ. ޖަލުގެ އެތައް ތަނެއްގައި ތަޅާ ރޮމުން ގިސްޖަހަމުން ދިޔައެވެ. ނަމަވެސް އޭނާއާއި އޭނާގެ ބައްޕަވެސް މިއަދު އެ ޖަލުގެ ފަހަތުގައި ތާށިވެފައި ތިބެން ޖެހުނެވެ.

ލުބުނާއާ ވަރިވުމަށްފަހު ފޯމު ހިފައިގެން އާހިލު ހިނގާފައި ގޭތެރެއަށް ވަނެވެ. ކާގެ ކުރިމަތިން އޭނާއަށް ފެނުނު މަންޒަރުން ކޮސްވިއެވެ. ޖޫނާވަނީ މުށިތަކު މައްޗަށް ވެއްޓިފައެވެ. “ޖޫނާ…” ކިޔާ ހަޅޭއްލަވަމުން ފޯމުވެސް އެއްލާލާފައި ދިޔައެވެ. އާހިލުގެ ހިތް ތެޅެމުން ދިޔައެވެ. އޭރު ތިން ކުދިންވެސް ޖޫނާ ގާތު ތިބެގެން ރޮމުން ދިޔައެވެ. “މަންމި ހުރެފައި ވެއްޓުނީ” އަތީނާ ބުންޏެވެ. އާހިލުއަށް ހީވީ ބިންގަނޑު ފައިދޮށުން ކެހިގެން ދިޔަހެންނެވެ. ޖޫނާގެ ނޯށުގައި އަތް ޖައްސާލިއެވެ. ނޭވާ ލާކަން ޔަގީން ކުރުމަށްފަހު އަވަސް އަވަހަށް ފޯނު ނަގައި ޖޫނާ ހަސްފަތާލަށް ގެންދިޔުމަށް އަވަސްވެގަތެވެ. ނަޒްލާއަށް ގުޅައި ކުދިން ބެލުމަށް ހަވާލު ކުރިއެވެ.

ސިއްހީ އިމުތިހާނުތައް ހެދުނު ފަހުން އާހިލު ހަމައަކަށް އެޅުނެވެ. ޖޫނާއަށް އެއްވެސް ބޮޑު ކަމެއް ވީކީއެއް ނޫނެވެ. ‘ކެންސަރުގެ’ އުނދަގުލެއްވެސް ނޫނެވެ. އަނެއްހެން ހުރިހާ ކަމެއްވެސް ފުރިހަމައެވެ. ދެން ޑަކުތަރު ދެއްކި ވާހަކައަކުން އާހިލުގެ ހިތް ފުންމައިގެން ނުކުމެ ނަޝަން ފެށިހެން ހީވިއެވެ. ޖޫނާ އަނެއްކާވެސް ބަނޑުބޮޑުކަން އެނގި އުފަލުން ފޮޅުނެވެ. ޖޫނާއަށް ހޭ އެރިހެން އާހިލު ފުރަތަމަވެސް ބުނީ ބަނޑުބޮޑު ވެފައިވާ ވާހަކައެވެ. އަމިއްލަ ބަނޑުގައި އަތް އަޅަމުން ހިނިތުންވިއެވެ. ނަމަވެސް ޖޫނާ ފުރަތަމަ ޔަގީން ކުރީ ލުބުނާއާ ވަރިވި ތޯއެވެ. އާހިލު ނިކަން ސާފުކޮށް ފޯމާއި އެއްޗެހި ދެއްކުމުން ޖޫނާ ހަމައަކަށް އެޅުނެވެ. މިހާރު ޖޫނާ އޭނާ ކިލާސް ބާރައިގައި އުޅުނު ޚިޔާލީ ދުނިޔެއީ އަސްލު ދުނިޔެއެއް ކަމުގައި ވިއެވެ. އާހިލު އާއި އޭނާގެ ފުރިހަމަ ކައިވެންޏެވެ. އޭނާގެ ބަނޑަށް ވިހާފައިވާ ދެ ދަރިންނެވެ.

ޖޫނާއާއި އާހިލު ދެ މީހުން ނިކަން ލޯބިން އަތް ޖޯޑުކޮށްގެން ގެއާ ދިމާއަށް ހިނގަމުން ދިޔައެވެ. ޖޫނާ އަދިވެސް ހުރީ އެ ނުލަފާ ލުބުނާ ޖަލަށް ދިޔުމުން އުފަލުން ފޮޅިފައެވެ. އާހިލުވެސް ހިތުގެ އަޑިން ކުރި ދުޢާ އިޖާބަ ކުރެއްވީތީވެ ހުރީ ހިނިތުންވެފައެވެ. މަގުމަތިން ގެއަށް ވަދެވުނުހެން އާހިލު ޖޫނާގެ މޫނާ ގާތްވެލާ ބޮސްދިނެވެ. ވެފައިހުރި އުފަލެއްގެ ބޮޑުކަމުން ދެ މީހުންވެސް ތިބީ އުދުހެވޭ ހިސާބުގައެވެ. ބޮޑުކޮޓަރީގެ ދޮރު ހުޅުވާލިހެން ޖޫނާ ދިޔައީ ސިހިގެންނެވެ. ސޯފާގައި އިށީނދެގެން އިނީ ހަސަނުއެވެ. މި މަންޒަރު ފެނުމުން އާހިލު ޖޫނާގެ ކުރިއަށް އަރާ ނިވަލަކަށް ވިއެވެ. “އަހަރެން މިއައީ ތިޔަ ދެ މީހުނަށް ނުރައްކަލަކަށް ނޫން. އަހަރެން މިއައީ މަޢާފަށް އެދެން.” ހަސަނު އިސްދަށަށް ޖެހުމަށްފަހު، ޖޫނާގެ ކިބައިން މަޢާފަށް އެދުނެވެ. “އޭރު އަހަރެން ރުފިޔާ ބޭނުންވެފައި ހުރީތީވެ ލުބުނާގެ އަތްދަށަށް ދިޔައީ. އަހަންނަށް މަޢާފު ކުރޭ.” ހަސަނު އާދޭސް ކުރަން ފެށިއެވެ. “އަހަރެން މަޢާފު ކޮށްފިން. ދެން ތިޔަފަދަ މީހެއްގެ އަތްދަށަށް ނުދާތި.” ޖޫނާ އާހިލުއާ ދިމާއަށް ބަލައިލުމަށްފަހު ބުންޏެވެ. މަޢާފު ލިބުނުހެން ހަސަނު ގެއިން ނުކުތެވެ. އޭރު މީހުން އިޝާއިން ފައިބައިގެން އެކި ދިމަދިމާއަށް ދަނީއެވެ.

ކުދިން ނިންދެވުމަށްފަހު ވަރުބަލިވެފައިވާ ނަޒްލާ ކޮޓަރިން ނުކުތެވެ. ޖޫނާ ދުވެފައި ނަޒްލާ ގާތަށް ދިޔައެވެ. “ނަޒް. އަހަރެން އަނެއްކާ ބަނޑުބޮޑު.” ފުރަތަމަވެސް ޖޫނާ ބުނީ އެހެންނެވެ. “އަދި ބުނަން މިއުޅެނީ ދެންމެއަކު ހަސަންއައި ޖޫނާ ހޯދަން. މަޑުކުރާނީއޭ ބުނި.” ނަޒްލާ ފަރާތްފަރާތަށް ބަލަމުން ބުންޏެވެ. “އޭނާއާ ބައްދަލުވި.” ނަޒްލާއާއި ޖޫނާ ވާހަކަތަކުގެ ތެރެއަށް އެހާވެސް އަވަހަށް ޣަރަގުވިއެވެ.

އާހިލު ފިލައިގެންހުރެ އޭނާގެ ފޯނުން މީހަކަށް ގުޅިއެވެ. “ތައްޔާރުތަ؟” އާހިލު ފަރާތްތަކަށް ބަލަމުން ބުންޏެވެ. “ލައްބަ. އަވަހަށް އާދޭ.” އެ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ. “ޖޫނާ! ޖޫނާ! ވަރަށް އަވަހަށް ދާގީ ތައްޔާރު ކުރޭ. އަހަރެންގެ ބައްޕަ ނިޔާވެއްޖެ.” އާހިލު ގޮވަމުން ބޮޑުކޮޓަރިއަށް ވަނެވެ. “ކީކޭ. އާރިފުބެ؟ މަރުވީ؟” ޖޫނާ އަވަސް އަވަހަށް ވިސްނަން އުޅުނެވެ. ތެދުވެ ނަޒްލާއާއެކު ދާގީ ތައްޔާރުކުރަން ފެށިއެވެ. އަވަސް އަވަހަށް ލެވުނު ހުރިހާ އެއްޗެއް ލައިގެން ތިން ފޮށި ތައްޔާރު ކުރިއެވެ. އެންމެ އަވަހަށް ފުރާ ލާންޗަކުން ދަންގެތިއަށް ދިޔުމަށް އަވަސްވެގަތެވެ. ނަޒްލާއަށް ގޭގެ ތަޅުދަނޑިއާއި އެހެނިހެން ސާމާނު ދީފައި ޖޫނާ ގެއިން ނުކުތެވެ. ނަޒްލާއަށް ދަރިން ބަލައިދިނުމަށް ހަވާލުކޮށްފައި ދެ މީހުން ފުރާ ގިމަތައަށް ދިޔުމަށް އަވަސްވެގަތެވެ. ނަމަވެސް ޖޫނާ އެނބުރުނު ވަގުތު އާހިލު އެއްލޯ މަރާލިއެވެ. ނަޒްލާ ބޮޑުމައި އިނގިލި ދައްކާލަމުން ކޮޓަރިއަށް ވަނެވެ.

ދަނގެތިއަށް ލެފީ ނުވައެއް ޖަހަން ކައިރިވި ހެންނެވެ. ޖޫނާއާއި އާހިލު އަވަސް އަވަހަށް ފޭބިއެވެ. ކާރަކަށް އަރައިގެން ދާންވީ ދިމާ ކާރަށް ސަވާރުވެ އިން މީހާއަށް އާހިލު ދެއްކިއެވެ. މުޅި ދަތުރުގައިވެސް ޖޫނާ އިނީ އާހިލުގެ ކަނާތު އަތުގައި ލެނގިލައިގެންނެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އެއީ އޭނާއަށް އޭނާގެ އާއިލާ ވަކިވެފައިވާތީވެ އެކަމަށް ޓަކައި ވީ ހިތާމަ އެންމެ ރަނގަޅަށް ދަންނާތީއެވެ. އާހިލުއަށް އަސަރު ނުކުރާކަމަށް ހެދިގެން އިނެވެ. ނަމަވެސް އޭނާގެ ހިތް ދިޔައީ ތެޅެމުންނެވެ. އަވަސް އަވަހަށް ކާރުން ފައިބައިގެން ޖޫނާ އާދެވުނު ތަން ރަނގަޅަށް ބަލައިލެވުނެވެ. “އާހިލު؟ މިއީ ރަނގަޅު ގެއެއް ނޫނެއްނު؟” ޖޫނާ ސުވާލުވެރި މޫނަކާއެކު ބުންޏެވެ. “ނޫނޭ މިއީ ރަނގަޅު ގެ. ހިނގާ އަވަހަށް އެތެރެއަށް.” އާހިލު އެހެން ބުނުމަށްފަހު އަވަހަށް ޖޫނާ ގޮވައިގެން އެތެރެއަށް ވަނެވެ.

އެތެރޭގެ މާޙައުލު އޮތީ ރަތް ފިނިފެންމަލާއި އަލިފާން އުއްބައްތި ތަކުން ފުރާލާފައެވެ. ޖޫނާ އަދިވެސް ހުރީ އާރިފުބެ ކޮބާތޯ ބަލާށެވެ. ޖޫނާ އެކި ދިމަދިމާ ބަލަމުން ދިޔައެވެ. އާހިލު ދިޔައީ ތައްޔާރު ވަމުންނެވެ. އެއްފަޔަށް ތިރިވުމަށްފަހު އާހިލު ޖޫނާގެ އަތުގައި ހިފިއެވެ. “ޖޫނާ. އަހަރެން ތިބާދެކެ ވަރަށް ލޯބިވޭ!” ކަނާ އަތުން ދިއްކޮށްގެންހުރި ކުޑަ ފޮށިގަނޑުގައިވާ އަނގޮޓި ފެނުމުން ޖޫނާ އަނގަމަތީ އަތް އެޅިއެވެ. “އާހިލް؟” އެހާވެސް އާގަމަވެފައި އޭނަ ހުއްޓެވެ. “އެކަމު އާރިފުބެ ނިޔާވީނު؟” ޖޫނާ ސުވާލު ކުރިއެވެ. އާހިލު ކޮޅަށްތެދުވެ، އަނގޮޓި ޖޫނާގެ ކަނާތު ކަށި އިނގިލީގައި އެޅުވިއެވެ. “ނޫނޭ ބައްޕަ މަރެއް ނުވޭ. މިއީ ބައްޕަގެ ގެއެއްވެސް ނޫން. މިއީ އަހަރެމެންގެ ގެ.” އާހިލު ބުނި ބުނުމަށް ޖޫނާ ހައިރާންވިއެވެ. “އެކަމު ހާދަ ތަފާތޭ؟” ޖޫނާ އަދިވެސް ރަނގަޅަށް އަނގަ ނުލެއްޕެއެވެ. “މިހާރު ހުޅުމާލޭގައި އުޅެއުޅެ އަމިއްލަ ގެވެސް ފާހަގަ ނުވޭތަ؟” އާހިލު މަޖަލަށް ބުންޏެވެ. “އަޅެ އެހެން ހަދާކަށް ނުވާނެއެއްނު.” ޖޫނާ ފުން ނޭވާއެއްލަމުން ބުންޏެވެ. އިސާހިތަކު ގޭތެރޭގެ މައިދޮރުން ހުރިހާ އެންމެން ވަދެގެން އައެވެ. “މަރުޙަބާ ޖޫނާ.” އާރިފުއާއި ޔަފުއާން އަދި ކުންފުނީގެ ހުރިހާ އެންމެން އެއްފަހަރާ ގޮވާލިއެވެ.

ބޮޑުކޮޓަރީގެ ބޮކި ދިއްލާލިހެން އަޅުވާފައިވާ ބޮޑު ލިޔުން ފެނުނެވެ. ‘މަރުހަބާ!’ ބޮޑުއަކުރުން ޖަހާފައިވެއެވެ. “މިއީ ހަމަ އަސްލުވެސް އަހަރުންގެ ގެތަ؟” ޖޫނާ އަދިވެސް ގަބޫލު ނުކުރެވިގެން އުޅުނެވެ. އެއީ ހަމަ އަސްލަށްވެސް ދަނގެތީގައި އޭނާ އުޅެ ބޮޑުވި ގެއެވެ. އާހިލު މިދިޔަ ހަތަރު އަހަރު ދުވަހު މުޅި ގެ އަލުން ޖޫނާއަށް ސިއްރުން މަރާމާތު ކުރީއެވެ. ކުޑަ ހަވޭލީއެއްހެން ޖަރީކޮށްލިއެވެ. ޒާރުގައި ބައިވަރު މާތަކާއި ގަސްތައް ހައްދާފައިވެއެވެ. ޖޫނާ ހަމަ އެއްކޮށްވެސް ހައިރާންވެފައި ހުއްޓެވެ. އަނގޮޓި ލިބުނު ކަމުން އުފަލުން އާހިލުގައިގަ ބައްދާލިއެވެ. “އަހަރެންވެސް ވަރަށް ލޯބިވަމު.” ޖޫނާ އާހިލުގެ މޭމަތީ ބޯ އަޅައިގެން އޮވެ ބުންޏެވެ. ހުރިހާ އެންމެންވެސް އުފަލުން އާހިލުއާއި ޖޫނާއާ ދެ މީހުންނަށް ވަކިވަކިން މަރުޙަބާ ކިއެވެ.

މޭޒުގައި އޮތް ބޮޑު ކޭކު ޖޫނާއާއި އާހިލު ދެ މީހުންވެގެން ކަފާފައި ބަހާލިއެވެ. އެކި މީހުންނަށް ތަށިތައް ދިނުމުގައި އަވަދިނެތި އުޅެނިކޮށް ދެން އެގެއަށް ވަދެގެން އައީ ނަޒްލާއާއި އަތީނާ، ޒައިން އަދި އާޒިޔާއެވެ. “މީ ތި ދެ މީހުން ރާވައިގެން ކުރި ކަމެއް ދޯ؟” ޖޫނާ ސުވާލު ކުރިއެވެ. ޖޫނާ ކުދިން ގާތަށް ދަމުން ބުންޏެވެ. “ދެން މި ހަދިޔާ ކަމުދޭތަ؟” ނަޒްލާ ކުދިންގެ ދާގީ ހިފައިގެން ހުރެ ބުންޏެވެ. “ލައްބަ. ބުނެދޭންވެސް ނޭނގޭ ކަހަލަ އިހުސާސެއް.” ޖޫނާއަށް އުފަލުން ރޮވެން ފެށިއެވެ. ދެ މީހުންވެސް އުފަލުން ހީލަމުން ބުންޏެވެ.

ދަންވެފައިވާތީވެ، ހުރިހާ އެންމެންވެސް މަޑުމަޑުން އެނބުރި އެ މީހެއްގެ ގެއަށް ދާން ފެށިއެވެ. ނަޒްލާ ކުދިން ނިންދެވުމަށް ފަރުމާ ކޮށްފައިވާ ކޮޓަރިއަށް ވަނެވެ. ބޮޑުކޮޓަރީގައި ތިބީ ހަމައެކަނި އާހިލުއާއި ޖޫނާއެވެ. ދެމީހުންވެސް ފުން ހިނިތުންވުމެއް ހަދިޔާ ކުރަމުން ދިޔައެވެ. ހީވަނީ ދެމީހުންގެ ހުވަފެންވެސް އަސްލަށްވެ ދިޔަހެންނެވެ. އާހިލު ޖޫނާގެ ރޫހު ފެންނަހާ ފުންކޮށް ލޮލަށް ބަލަމުން ދިޔައެވެ. އޭނާގެ ދެލޮލަށް ބަލަމުން ލޯބިވާ ވާހަކަ ތަކުރާރުކޮށް ބުނަމުން ދިޔައެވެ. “އަހަރެމެން މި ދުނިޔެއިން ގެންދަވާންދެންވެސް އަހަރެމެން އުޅޭނީ މިގޭގައި. އަހަރެމެންގެ ދަރިން ގޮވައިގެން.” އާހިލު ޖޫނާގެ ކަފަތް ދޮށުގައި ބުނަމުން ދިޔައެވެ. ޖަހާފައިވާ ރާގާއި އެއްވަރަށް ދެ މީހުން ނަށަމުން ދިޔައެވެ. އެކަކު އަނެކަކަށް ލޯބި ދީގެން އުޅެމުން ދިޔައެވެ. ތިން ކުދިން ގޮވައިގެން އުފަލުގައި ދެމަފިރިން ދުވަސްތައް ހޭދަކުރަމުން ދިޔައެވެ.

(ނިމުނީ)

ކިހިނެތް ވަނީ މި ވާހަކަ؟ ޚިޔާލު ފާޅު ކުރައްވާ!

Share Article

Follow Me Written By

leafy

Level 310 Stories100 Login

ވާހަކަ ލިޔުމީ ހިތުގައި އުފެދޭ އުދާސްތައް ބޭރުކޮށްދޭނެ ވަސީލަތެކެވެ! - ލފ

Other Articles

Previous

އާއެކޭ ލޯބިވޭ… ފަސްދޮޅަސްދެވަނަބައި ( އެ ޚިޔާލާއި އިފުރީތުގެ ސޫރަ)

Previews
August 24, 2026

އާއެކޭ ލޯބިވޭ… ފަސްދޮޅަސްދެވަނަބައި ( އެ ޚިޔާލާއި އިފުރީތުގެ ސޫރަ)



All Right Reserved!