ދާގީ ތައްޔާރުކޮށް ވައިގެ ބަނދަރަށް ޖޫނާ ފުރިއެވެ. ޒާޝާވެސް ކުދިން ގޮވައިގެން އެ ހިސާބަށް ފޯރުކޮށްދިނެވެ. ހިންދޫކަރަ ދޫކޮށް އޭނާ ފުރިއެވެ. ދެ ކުދިން ގޮވައިގެން އުޅުމަކީ ލުއިކަމަކަށް ނުވިއެވެ. ދެކުދިން މަތަކޮށްގެން އުޅެވޭތޯ ބެލިއެވެ. ދޮޅު ގަޑިއިރަށްފަހު ޖޫނާއަށް ހުޅުމާލެއަށް ލެފޭ ވަރުވިއެވެ. އަރާ ގިމަތައާ ދިމާލުން ދަތްޕިލަ އަތަށް ލައިގެންހުރި ނަޒްލާ ފެނުމުން ޖޫނާ ހިނގުން ބާރުކޮށްލިއެވެ. ކުއްޖަކު އުރާލިއެވެ. އަދި ޖޫނާގެ ހިފައިގެން އައި ދާގީގައި ހިފިއެވެ. މަޑުމަޑުން ދެމީހުންވެސް ކާރަކަށް އަރައިގެން ގެއަށް ދެވޭތޯ ބެލިއެވެ. “އެއްކަލަ ޒާލިދާއްތަ ފޯރި ހުއްޓޭ. މިދިޔަ މަސްތަކުގައި ދެމީހުން ހުއްޓައިވެސް ނުލާ ޒުވާބުގައި. އެއް ރޭ ޕޮލިހުންވެސް އައި. އެންމެފަހުން މަތަނުވެގެން، ދޮނޭ ގަދަކަމުން ގެއަށް ވެއްދީ.” ނަޒްލާ ބުންޏެވެ. “އާނ. އެއީ…” ޖޫނާ ވިސްނަން އިނދެފައި ބުންޏެވެ. “ކޯއްޗެއް؟” ނަޒްލާ ސުވާލު ކުރިއެވެ. “ޒާލިދާއްތަ. ދޮނޭ އެއްބަސް ނުވަންޏާ ޒާލިދާއްތަމެން ގެއަށް ދާ ވާހަކަ ބުނާނީ.” ޖޫނާއަށް ވިސްނުނު ޚިޔާލުތައް ކިޔައިދިނެވެ. ނަޒްލާވެސް ވިސްނާލުމަށްފަހު އެ ބުނުމަށް އެއްބަސްވިއެވެ.
ކާރުން ބާރު ދުވެލީގައި ދެކުދިން ގޮވައިގެން ޖޫނާއާއި ނަޒްލާ ދޮނޭގެ ގޭދޮށަށް ދިޔައެވެ. ކާރުން ފޭބިހެން ދޮނޭ ސުވާލުގެ ގޯނި އޮއްސާލިއެވެ. “ތީ ކޮން ކުދިން ތަކެއް؟ ކޮންތާކުން ތިއައީ؟…” ދާގީ އެތެރެ ކޮށްދިނުމަށްފަހު ކާރު ދިޔައެވެ. ދޮނޭ ފުރަތަމަ ޖޫނާ ވެއްދުމަށް އެއްބަސް ނުވިއެވެ. ނަމަވެސް ޒާލިދާމެން ގެއިން ކޮޓަރިއެއް ހޯދާ ވާހަކަ ބުނުމުން ގައިގަ އަލިފާން ރޯވެފައި ބުންޏެވެ. “އެ ގެއަށް ދާކަށް ނުޖެހޭ ދޯ. އަހަރުން ގޭގައިވެސް ޖާގަ އެބަ އޮތޭ!!!” އެރިއެރީނުން ލޭވެސް މަތިވެފައި ހުއްޓެވެ. ކާކު ދަރިއެއްތޯ އަހާވަރުން އެއީ ގޯހަކުން އުފަންވި ދަރިއެއް ނޫންކަމަށް ޖޫނާ ދޮނޭ ގާތު ބުންޏެވެ. ގެއަށް ވަދެވުނުކަމީ ޖޫނާއަށް ހިތްހަމަ ޖެހުމެކެވެ. އެހެން ނޫންނަމަ އޭނާއަށް ހަދާނެ ހަމަ އެއް ގޮތްވެސް ނޭނގެއެވެ. ޒާލިދާއްތަ އަކީ ދޮނޭގެ ބަލިފައި ކަން ހަނދާންވުމުން އޭގެ ބޭނުން ހިފީއެވެ. އޭނާއަށް ދެ ކުދިންނަށް ކާނާ ދޭން ކޮޓަރިއަށް ވަނެވެ. ނަޒްލާވެސް ކުއްޖަކު ގޮވައިގެން އުޅުނެވެ.
އާހިލުއަށް ލުބުނާގެ ޖެއްސުންތައް އޮބި ނޯންނަ ވަރަށް ކުރަމުން ދިޔައެވެ. ބަނޑުބޮޑުކަން ލުބުނާ ބުނި ވާހަކައަކީ އާހިލުއަށް އެންމެ ހިތާމަ ކުރުވަނިވި ޚަބަރެވެ. އޭނާއަށް ހަމައެކަނި ދަރިން ހޯދަން ބޭނުންވަނީ ޖޫނާގެ ފަރާތުންނެވެ. ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ނުވާނެކަން މިހާރު އޭނާއަށް އެނގެއެވެ. ޖޫނާ އޭނާއަށް ނުފެންނަތާ ގާތްގަނޑަކަށް އަހަރެއް ވަނީއެވެ. އަނެއްކާވެސް އޭނާގެ ހާލު ބަލައިލުމަށް އާހިލު ބޭނުންވިއެވެ. ވިޔަފާރި ދަތުރެކޭ ކިޔާފައި ލުބުނާގެ ވަކިތަކުން ސަލާމަތްވެ ހުޅުމާލެއަށް އެރިއެވެ. ހަސަނުގެ ހަބަރުވެސް ނުވާތީވެ އާހިލު ހުރީ ހާސް ވެފައެވެ. އޭނާ ނުގުޅާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ކިތަންމެ ވަރަކަށް އާހިލު ގުޅިޔަސް އޭނާ ފޯނެއް ނުނަގައެވެ. ޖޫނާގެ ހަބަރެއް ނުލިބުނުތާކު އޭނާގެ ހިތް ރޮމުން ދިޔައީ ޖޫނާ ދެކިލުމަށެވެ.
ޖޫނާ ވަށިގަނޑަށް އެއްޗެހި އަޅަމުން ތެދުވިއެވެ. ކުދިން ވިހޭ ފަހުންވެސް އޭނާއަށް ފުރިހަމައަށް ނޭވާ ނުލެވެއެވެ. އޭގެ ކުރިން ކުޑަކޮށް ނޭވާލާން އުނދަގޫވިޔަސް މިހާރު އެ ތަދު ބޮޑުވެއްޖެއެވެ. އޭނާ ގޭތެރޭގެ މަސައްކަތް ކުރަމުން ކޮޓަރިއަށް ލޯ ދެމުން ދިޔައެވެ. ސައި ހަދާ ތައްޔާރުކޮށް ދަރިންނަށް ކާންދީ ހަދާ އެކުދިން ނިންދަވަން އޮއްތާލިއެވެ. އެ ކުދިން ނިންދަވަން އެރި މީހާވެސް އެ ހާލުގައި އޮވެ ނިދިއެވެ. ހަފުތާ ހަމަވީ ފަހުން އެ ދެ ކުދިންނަށް ނަން ދިނެވެ. އަތީނާއާއި ޒައިންގެ ނަމުން ނަން ދެވި ބޮނޑިބަތް ކައްކާ ބަހާލިއެވެ. ގާތް ގޭތަކުގެ މީހުންނަށް ބޮނޑިބަތް ތަށި ބަހާލިއެވެ.
ޖޫނާ އުޅުނު ކަމަށް ބުނި ގެއަށް އާހިލު ވަނެވެ. ސަލާން ގޮވާލިއެވެ. ތުރުކީ ސިލްސިލާއަކަށް ގެއްލިފައި އިން ނަޒްލާ ކާކުތޯވެސް ނުބަލާ ސަލާން ބަލައިގަތެވެ. “ޖޫނާ ކޮބާ؟” އާހިލުގެ އަނގައިން ފުރަތަމަވެސް ނުކުތީ އެ ސުވާލެވެ. ނަޒްލާއަށް އެ މީހާއަށް ބަލައިލެވުނީ ދެނެވެ. އެ ވަގުތުކޮޅު އޭނާއަށް އެއީ އާހިލުކަން އެނގުނެވެ. އެއްޗެކޭ ނުބުނެ ދެ ބުމަ ގޮށްޖަހައިގެން އިނެވެ. ކޮޓަރިތައް ބަލަމުން ތަޅު ނުލައި ހުރި ކޮޓަރިއެއް ދޮރު ހުޅުވާލިއެވެ. ޖޫނާ އޮތީ ކުޑަ ދެ ކުދިން ގޮވައިގެން ނިދާފައެވެ. އޭނާގެ ހަށިގަނޑު ކުރިޔާ ބަލާފައި ނިކަމެއްޗެވެ. ހިނދުކޮޅަކަށްވެސް ޖޫނާއާ ދުރުގައި އޭނާއަކަށް ނުހުރެވުނެވެ. ދޮރު ޖެހުމަށްފަހު ޖޫނާގެ ބިތްދޮށުގައި އާހިލު އޮށޯތެވެ. ކަރު ދޮށުން ވަސްގަނެ ފިރުމާ ހެދިއެވެ. އޭނާއަށް ޖޫނާގެ ގައިން ދުވި ވަސްގަނޑު އެހާމެ ހިތްގައިމެވެ. އެ ވަސް އޭނާގެ ނޯށުގައި ޖެހުމުން ޖޫނާއާއެކު މާޒީވެ ދުވަސްތައް ހިތަށް އައެވެ. މީހަކު އަތް ލާހެން ހީވެގެން ޖޫނާ ހޭވެރިކަން ވިއެވެ. އޭނާގެ ބިތް ދޮށުގައި އޮތީ އާހިލުއެވެ. ޖޫނާ ގާތަށް އައީ އަމަށަކު ރުޅިއެވެ ނޫނެވެ. ފަހަތަށް ވާގޮތަށް އެނބުރިފައި އާހިލުގެ ދަށްބަނޑުގައި ބާރަށް ކަކުލުން ޖަހާ އެނދުން ވައްޓާލިއެވެ.
އާހ އޭ ކިޔަމުން އާހިލު ކޮޅަށް ތެދުވިއެވެ. ޖޫނާ އަޑުގެ ނެތް ތަނަށް “މިތަނުން ދޭ!!!” ގޮވަން ފެށިއެވެ. އެ އަޑަށް ބަލަން އިން ސިލްސިލާ ދޫކޮށްލާފައި ނަޒްލާ ދުވެފައި ޖޫނާގެ ކޮޓަރިއަށް އައެވެ. “ޖޫނާ…” އާހިލުއަށް ނުބުނެވެނީސް ޖޫނާގެ އަޑު އަނެއްކާވެސް އިވިގެން ދިޔައެވެ. “ޖޫނާ. ޖޫނާ. ޖޫނާ. ހީވަނީ ތަސްބީހައެއް ކިޔާހެން ވިއްޔަ ތިއަށްވުރެ ރަނގަޅުވާނެ ޒިކުރެއް ކިޔަސް!!!” ޖޫނާގެ އަޑު ބާރުވަމުން ދިޔައެވެ. ނިދާފައި ތިބި ދެ ކުދިން ހޭލައިގެން ރޯ އަޑުވެސް ޖޫނާއަށް ރެއަކާ ނުލިއެވެ. އާހިލު ޖޫނާ ހުއްޓުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ކުރިހާ މަސައްކަތެއް ފޫނެއް ފަޔަކަށް ފެންފުރުން ކަމުގައި ވިއެވެ. އެއަށްވުރެ ޖޫނާ ކުރިމަތީހުރި މީހާދެކެ އޭނާއަށް ފޫހި ވެވިފައި ހުއްޓެވެ.
“އަހަންނާއެކު ދާން ހިނގާބަލަ ރަށަށް ދާން.” އާހިލު އާދޭސް ކުރަމުން ދިޔައެވެ. ޖޫނާ ހަމަޖެހުނު ވަގުތު އާހިލު ގާތްވަމުން ދިޔައެވެ. އޭރު ނަޒްލާ އެނދުގައި އިށީނދެ ކުދިން މަސަލަސް ކުރަން ފެށިއެވެ. ޖޫނާ އަދިވެސް އަޑު ބާރުކޮށް ވާހަކަ ދެއްކިއެވެ. “އަހަރެންގެ ދަރިންނާ ނުބެހި މިތަނުން ނުކުންނާށޭ!!!” އާހިލުގެ ހިތް ފަޅައިގެން ދިޔައެވެ. “އެއީ އަހަރެންގެ ވެސް ދަރިންނެއްނޫންތަ؟!” އާހިލު ކޮށްލީ ސުވާލެވެ. “ނޫން އެއީ ކަލޭގެ ލެއެއްވެސް ނޫން. މަގޭ ވަރިކޮށްފައި މިތަނުން ރައްކާވޭ!!!” ޖޫނާއަށް އަޑު ބާރުވިއެވެ. އެ ވަގުތު އިބުރާހިމުވެސް އެ ކޮޓަރިއަށް ވަނެވެ. ޖޫނާ އޭނާގެ ކައިރިއަށް ދިޔައެވެ. އާހިލުއަށް އިބުރާހިމު ފެނުނުހެން ވިސްނާލިއެވެ. “ހަނ. ހާދަހާ ނުލަފާއޭ. ކައިވެނި ކޮށްގެންހުރެ ތި ފަދަ ފާފައެއް ކުރާކަށް. ކަލޭ ތީ މަގޭގެ ކަޅު ލިސްޓުގައި ހިމަނާފައިވާ މީހެއް. ހަނދާން ކުރާތި.” އިބުރާހިމުއަށް އިނގިލި ދިއްކޮށްފައި އާހިލު ބުންޏެވެ. އެހެން ބުނެވުނުހެން ކޮޓަރިން ބޭރަށް ނުކުތެވެ. އަދިވެސް އާހިލު ހީކުރަނީ އެ ކުދިންގެ ބައްޕައަކީ އިބުރާހިމު ކަމަށެވެ.
މެންދުރު ފަހުން ޖޫނާ ހަމައަކަށް އެޅުނެވެ. އެ ވަގުތު ނޭވާ ލާން އުޅުނުހެން، ޖޫނާ ނޭވާ ހާސްވާ ގޮތްވިއެވެ. އޭނާ އާހިލުއަށްޓަކައި އައިސްހުރި ރުޅީގައި ލޭވެސް މައްޗަށް ދިޔައީއެވެ. ދަރިންނަށް ކާންދިނުމަށްފަހު ފާހާނާއަށް ވަނެވެ. ރީތިވެލައިގެން ދެ ދަރިން ދެ އަތުން އުރާލައިގެން އަމިއްލައަށް ގެއިން ބޭރަށް ނުކުމެލިއެވެ. އެ ވަގުތު ޖޫނާއަށް ފެނުނީ ވަރަށް ހައިރާން ކުރުވަނިވި މަންޒަރެކެވެ. އެއީ އޭނާ ދިހައެއްގައި އުޅުނު އިރުގެ ރައްޓެއްސެކެވެ. އެއީ އޭނާގެ ރައްޓެހި ހަސަނެވެ. ނަމަވެސް އޭނާ ހުރީ ޖޫނާ މަރާނެ ވަޅި ހިފަހައްޓައި ގެންނެވެ. ޖޫނާއަށް ހަސަނު ފެނުނުހެން އޭނާގެ ނަން ގޮވާލިއެވެ. އޭނާ ފެނުމުން ޖޫނާ ހުރީ އުފާވެފައެވެ. ނަމަވެސް ހަސަނުގެ ޚިޔާލުތައް އުޅުނީ ލިބޭނެ އެއްލައްކަ ރުފިޔާއަށެވެ. އިތުރު އެއްޗެކޭ ނުބުނެ ވަޅި ހިފައިގެން ޖޫނާއާ ދިމާއަށް ދުއްވައިގަތެވެ. ހަސަނުގެ ނިޔަތް ނުބައިކަން އެނގި ޖޫނާ ސަލާމަތަށް ދެ ކުދިން ގޮވައިގެން ދުއްވައިގަތެވެ. ދުވާރު މަތީގައި ތިބި މީހުންވެސް ވަޅި ފެނިގެން ބިރުން އުޅުނެވެ.
ޖޫނާ ދުނިޔޭގެ ކެތަށް ނޭވާލަމުން ދުވަމުން ދިޔައެވެ. އޭނާގެ ހަށީގައި ހުރި ބާރެއްލައި ދުވެފައި ދިޔައެވެ. ދެވަނަ ދުވާރު ހުރަސް ކުރިހެން ފެނުނީ އާހިލުއެވެ. މަރުގެ ތުންފަތްމަތީގައި ވަނިކޮށް އާހިލު ފެނުމުން ޖޫނާގެ ހިތަށް އާދަޔާ ޚިލާފު އިހުސާސެއް ގެނުވިއެވެ. އާހިލުގެ ފަހަތުގައި ރައްކާތެރިކަން ހޯދުމަށް މަޑު ކުރިއެވެ. ހަސަނު ބާރަށް ދުވެފައި އައިސް ނުހުއްޓި އުޅެނިކޮށް އާހިލުގެ ބަނޑަށް ވަޅި ހަރާލެވުނެވެ. “އާހިލު ބޭ؟؟” އެންމެ ސިކުންތެއްވެސް މަޑުނުކޮށް ހަސަނު އެ ތަނުން ފިލޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެތާ ތިބި ބަޔަކު މީހުން އޭނާ ހިފެހެއްޓުވިއެވެ. އެންބިއުލާންސަށް ގުޅީ އެތާހުރި މީހެކެވެ. ޖޫނާއަށް ކަރުނައަށްފަހު ކަރުނައެއް އެޅެމުން ދިޔައެވެ. އާހިލު އޭނާއަށްޓަކައި ވީ ގުރުބާން ފެނި ހިތަށް އަސަރު ކުރުވިއެވެ. ވަޅީގެ ހަ އިންޗި ތިލަ އެއްކޮށްހެން ވަނީ ވަދެފައެވެ. ދެ ކުދިން ކިހިލި ޖަހައިގެން ހުރުމުން އާހިލުގެ ގައިގަ އަތްވެސް ނުލެވުނެވެ. ވާގި ދޫވާން އެންމެ ފަހު ވަގުތުގައިވެސް އާހިލުގެ އަތް ނެގީ ޖޫނާގެ ކޮލުގައިވި ކަރުނަތައް ފުހޭށެވެ. އެހާވެސް އާހިލު ޖޫނާދެކެ ލޯބިވެއެވެ.
ހަސްފަތާލަށް ގެންދެވުނު އިރު ވަގުތު އޮތީ ކުޑަތަން ވެފައެވެ. “މަ ފިރިމީހާ ސަލާމަތްކޮށްދީ!!” ކިޔާ މޮޔަ ގޮވަމުން ޖޫނާ ދެ ކުދިން އުރުގައި ބައިންދާގެން އުޅުނެވެ. ދެ ދަރިންވެސް ދުވި ދުވުމާއި ވީ ކަންތައްތަކުން ރޮއެ ހޭރެނީއެވެ. ނަމަވެސް އެކަން ޖޫނާއަށް ރެއަކާ ނުލިއެވެ. ހަސަނު ޕޮލިހަށް ގެންދެވުނެވެ. ހެކިން ލިބި އޭނާގެ މައްޗަށް ހުކުމް އިއްވުނެވެ. ގިސާސް ހިފުމަށް ޖޫނާ އެދުނެވެ. އެ އަދަބު ހަސަނުއަށް ލިބުނެވެ. ޖޫނާގެ ހިތަށް ފިނިކަން ލިބުނީ ދެނެވެ. އާހިލު ޖަނަލަށް ދޫކުރީ އެހާވެސް ލަހުންނެވެ. އޭނާ ބޭއްވިފައިވާ އެނދުގެ ކައިރީ ހުރި ކުޑަ އެނދުގައި ޖޫނާ އެ ދެކުދިން ނިންދެވިއެވެ. ޖޫނާ އަދިވެސް އިނީ އާހިލުގެ އަތް ތިލައިގައި ހިފާ ބާރުކޮށްގެންނެވެ. އޭނާއަށްޓަކައި އެވަރު ކަމެއް ކުރުމުން ޖޫނާގެ ހިތަށް ހީވަނީ ޒަލްޒަލާއެއް އައިސްގެން އުޅޭ ހެންނެވެ. އެވަރަށްވެސް ޖޫނާގެ ހިތަށް އަސަރު ކުރިއެވެ. އަނެއްކާ އާހިލުއަށް ޓަކައި ޖޫނާގެ ހިތުގައި އިހުސާސްތައް އުފެދެނީބާ؟
ދެން އާހިލުގެ ފޯނަށް ގުޅަން ފެށީ ލުބުނާއެވެ. ތިންފަހަރު ގުޅުމުން ޖޫނާ ފޯނު ނެގިއެވެ. ނަމަވެސް އަނގައިން ނުބުނެ ހުރީއެވެ. “އާހީ ވަރަށް ބަނޑުގައި ރިއްސާ އެބަ. ވަރަށް ތަދުވޭ. ހީވަނީ ތޫނު އެއްޗެހިތަކެއް ބަނޑު ތެރޭގައި އުޅޭހެން.” ލުބުނާ ވާހަކަ ދެއްކިއެވެ. ޖޫނާ ހަނު ހުއްޓެވެ. އޭނާއަށް ލުބުނާ އެ ކިޔާ ތަދެއް އެނގެއެވެ. އެ ވޭނާ އެހާ ބީރައްޓެއްސެއް ނޫނެވެ. ‘ލުބުނާވެސް ބަނޑުބޮޑުވީ ދޯވައޭ’ ޖޫނާގެ ހިތަށް އެރިއެވެ. ‘އަނެއްކާ އާހިލުއާއެކު ލުބުނާ…’ ޖޫނާގެ ސިކުނޑިއަށް ވިސްނެމުން ދިޔައީ އެފަދަ ޚިޔާލުތަކެވެ. އެވަރަށް އޭނާގެ ހިތަށް އަސަރު ކުރިއެވެ. ރިހޭ ފައިމައްޗައް ފޮއެ ވެއްޓުނީއެއް ނޫން ހެއްޔެވެ؟ ލުބުނާ އާހިލު ވާހަކަ ދައްކާ އަޑު ނީވުމުން ފޯނު ކަނޑާލިއެވެ. ނަމަވެސް ޖޫނާ ހުރީ އިވެމުން ދިޔަ އަޑުތައް ގަބޫލު ނުކުރާށެވެ. ހަގީގަތް ފޮރުވިޔަސް އެ ފާޅުވާކަމީ ތެދު ކަމެކެވެ.
ރޭގަނޑު ދިހައެއް ޖަހާވެސް ބޮޑުވި ފަހުން އާހިލުއަށް ހޭއެރިއެވެ. އޭނާގެ ހާލަތު އެހާ ރަނގަޅު ނުވިޔަސް އެންމެ ފުރަތަމަވެސް ޖޫނާ ކޮބާތޯ ބެލިއެވެ. ކައިރީގައި އޮތް އެނދުގައި އެ ތިން މައިން އޮތް ތަން ފެނިގެން ހިނިތުންވިއެވެ. އެއީ ޖޫނާ ދިޔަފަހުން އޭނާގެ މޫނުމައްޗަށް ވެރިވި ފުރަތަމަ ހިނިތުންވުމެވެ. ޖޫނާއަށް އާހިލު ހޭލާފައިވާ ކަން އެނގުމުން ކައިރިއަށް އައެވެ. ހާލު ކިހިނެތްތޯ އަހަމުން ޖޫނާ އާހިލުއާ ގާތްވިއެވެ. “އަހަރެން ޖޫނާދެކެ ވަރަށް ލޯބިވޭ. ދެން އަހަރެން ދޫކޮށްފައި ނުދޭ!!” އާދޭހާއެކު ކުރަކި އަޑަކުން އާހިލު ބުންޏެވެ. އަދިވެސް ވަޅި ހެރުނު މަންޒަރު ޖޫނާގެ ލޮލަށް ސިފަވެއެވެ. އޭނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. “މަ ބޭނުމެއް ނޫނެއްނު. ލުބުނާ އެބައުޅޭ ކަލޭގެ ދަރިއަށް ބަނޑެއްގައި ރިއްސާތީވެ.” ޖޫނާ ދެއަތް އުރާލަމުން ބުންޏެވެ. “އޭނާއެއް މަ ބޭނުމެއް ނޫން. ހަމައެކަނި ބޭނުމީ ޖޫނާ.” އާހިލު ބުންޏެވެ. “އެއީ ކާކުގެ ދަރިންތަކެއް؟” އާހިލު ބަނޑުގައި އަތް އަޅަމުން ބުންޏެވެ.
ޖޫނާ ހިތަށް ކޮށްފައިވާ އަސަރާއެކު ބުންޏެވެ. “އެއީ…. ކަލޭގެ.” އެ ބަސް އިވުމާއެކު އާހިލު ޖޫނާގެ ގައިގަ ބައްދާލަން ތެދުވަން މަސައްކަތް ކުރިއެވެ. އެ ގަޑީގައި ބަނޑުގައިވާ ބޭސްގަނޑަށް ގޮތެއް ވިއެވެ. ޖޫނާ ދެލޯ ކާށްޓަކަށް ހަދައިގެން ޑަކުތަރަށް ގޮވަމުން ކޮށިގަނޑާ ދިމާއަށް ދިޔައެވެ. އާހިލުގެ ވާހަކަ ބުނިހެން ޑަކުތަރު އާހިލުގެ ކޮޓަރިއަށް އައެވެ. އޭރު ބަނޑާއި ދިމާއިން ލޭތައް ނުކުންނަމުން ދިޔައެވެ. ޖޫނާއަށް މި މަންޒަރު ފެނި ނޭވާލުން ކުރުވަމުން ދިޔައެވެ. ރަނގަޅަށް ހާސްކަން ނުފިލާ އުޅެނިކޮށް ޖޫނާ ހޭނެތިގެން ވެއްޓެން ދިޔައެވެ. އާހިލު ވެއްޓެން ދިޔަ ޖޫނާ ފެނި ހަޅޭއްލަވައިގަތެވެ. ޑަކުތަރަށް ޖޫނާ ގައިގަ ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ.
ޖޫނާއަށް ކިހިނެތް ވީ ބާ؟ ވިހިވަނަ ބަޔަށް އިންތިޒާރު ކުރައްވާ!
(ނުނިމޭ)
One Comment
Comments are closed.



އެކާވީސް ވަނަ ބަޔާ ހިސާބުން މި ވާހަކަ ނިމޭނެ. އިންޝާﷲ. ދެން އޮތް ބަޔަށް އިންތިޒާރު ކޮށްލައްވާ!! މި ބައި ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން