ފޯނުން އަޑު ކިޔަމުން ދިޔައެވެ. ޖޫނާ ހުރީ ގާވެފައެވެ. ގުޑާލަންވެސް ނުކެރިފައި ހުއްޓެވެ. އިނގިލި ކުރި އެ ފޯނުގެ އިސްކިރީނާ ދިމާއަށް ދިޔައެއް ކަމަކު އެ ފޯނުގައި ޖެހެން ވާއިރަށް ގުޅުން ކެނޑިގެން ދިޔައެވެ. އެ އަޑު ކެނޑުނުހެން ޖޫނާގެ ހިތަށް ހަމަޖެހުން އިހުސާސްވިއެވެ. ފޯނު ބާއްވާފައި އޭނާ ކާން ދިޔައެވެ. ބަނޑުހައިވެފައި ހުރުމުން ހޫނު ހަނާކުރި ތަރުކާރީ އާއެކު ރޮށި ކެއެވެ. ބަނޑު ފުރެންދެން ކެއުމަށްފަހު ފެންވަރާލަން ދިޔައެވެ. ފާހާނާއިން ނުކުމެވުނު ގޮތަށް އެނދުގައި އޮށޯތެވެ. ގައިގެ ހޫނުކަން ނެތުމުން ވަރަށް އަވަހަށް ލޮލަށް ނިދި ސަވާރުވިއެވެ.
މުޅި ދުވަހު އެނދުގައި ބަނދެވިފައިވާ ފަންބޮނޑިއެއްހެން އޮތުމަށްފަހު އާހިލު ގެއިން ބޭރަށް ނުކުތެވެ. އޭރު ލުބުނާގެ ބައްޕަވެސް ގަސް ދޮށުގައި އެލުވާފައިވާ އުނދޯލީގައި އޮތެވެ. ފޯނު ނިއްވާލުމަށްފަހު އާހިލު ފެނުމުން ވާހަކަ ދައްކަން ފެށިއެވެ. “އެ ކީއްވެ ލުބުނާއާ މާ ދުރުކޮށް ތިއުޅެނީ؟” މުހައްމަދު ސުވާލު ކުރިއެވެ. “ކަމެއް ނުވޭ. އޭނާއަށްޓަކައި މިހާރު އެއްވެސް އިހުސާސެއް ނެތް ނަމަ ދެން ކީއްވެ ކައިރީގައި އުޅެންވީ؟” އާހިލުވެސް ކޮށްލީ ސުވާލެވެ. “ކަލެއަށް މިހާރު ހެޔޮ ނުބައި ވަކި ކުރަން އިނގެންވާނެ ދޯ! ކަލޭގެ ބައްޕަ މި ދުނިޔޭގައި އެހުރީ ކީއްވެކަން ނިކަން ސާފުކޮށް އިނގޭނެ.” މުހައްމަދު އިންޒާރުވެރި ވައްތަރަކަށް ވާހަކަ ދައްކަން ފެށިއެވެ. “ބައްޕައަށް ކިހިނެތް ވީ؟” އާހިލު އާގަމަ ވެފައި ހުއްޓެވެ. “އަދި ނޭނގޭ ދޯ. ކަލޭގެ ބައްޕަ އެ ދިރި ހުންނަނީ އަހަރެންގެ ގުރުދާއެއް ބޭނުންކޮށްގެން. މަރުގެ ތުންފަތްމަތީ އޮއްވާ ކަލޭގެ ބައްޕައަށް ގުރުދާ ހަދިޔާކުރީ ޚުދު އަހަރެން.” މުހައްމަދު ބުންޏެވެ. “އޭރު އާރިފު ވީ ވައުދެއް އެއީ. ލުބުނާ ކައިވެނި ކުރުވާނެ ކަމަށް. ކަލަ ނުގޮވިއެއް ކަމަކު އަހަރެންވެސް ތިޔަ ކުދީންނަށްޓަކައި ވަރަށް ގުރުބާން ވީމު.” މުހައްމަދު އިތުރު ކޮށްލިއެވެ. އާހިލު އެއްޗެކޭ ނުބުނެ ހުއްޓިގެން ހުރީއެވެ. “އަޅުގަނޑު މިހުރީ ކައިވެނި ކޮށްގެން. ދެން އިތުރު އަނތްބެން ހޯދާކަށް ބޭނުމެއް ނޫން.” އާހިލު މަޑުން ބުންޏެވެ.
“ތިވަރުގެ ގޮތް ކުޑަ މީހަކު އަދި މަ މިދުށީ.” މުހައްމަދު ބާރަށް ބުންޏެވެ. “ހަމަ މިހާރުން މިހާރަށް މަށަށް ކަލޭގެ ބައްޕަ ޖަލަށް ލެވޭނެ. މި ފޯނުން މީހަކަށް ގުޅާލާ އިރަށް އޭނާ ހޮޅިތަކުގެ ފަހަތަށް ދާނެ.” މުހައްމަދު ފޯނަށް ލޮލުން އިޝާރާތް ކުރަމުން ދިޔައެވެ. “ބައްޕަ ޖަލަށް ދާންވީ ސަބަބަކީ ކޮބާ؟” އާހިލު އެ މައުލޫމާތު ހޯދުމަށް ޝައުގުވެރި ވިއެވެ. “އެއީ ފަނަރަ މިލިއަން ރުފިޔާގެ ލޯނެއް ދަރިފުޅާ!” އާރިފު ދުފާ ތަބަށް ހިފައިގެން ބޭރަށް ނުކުންނަމުން ބުންޏެވެ. “އަދި ދެއްކުނީ ފަސް މިލިޔަން. ލުބުނާއާ ކައިވެނި ކޮށްފި ނަމަ ފަސް މިލިޔަން މާފުކޮށްދޭނެ. ފީރޯޒު ކުންފުނި ބިމާ ހަމަވާން ގާތްވެފައި ވަނިކޮށް ކޮޅަށް ތެދުވުމަށް ހަމައެކަނި ދިއްކޮށްލި އަތަކީ މުހައްމަދު.” މުހައްމަދުއަށް ނިތް އެއްލަމުން ދުފާ ތަބަށް ދިނެވެ. “އެކަމު އަހަރެން ކައިވެނި ކުރީމެއްނު؟ ދެން އިތުރަށް ކައިވެނިކުރާކަށް ބޭނުމެއް ނޫން.” އާހިލު ހިތް ނުތަނަވަސް ވިއެވެ. “ދަރިފުޅާ ޒުވާނަކަށްވެ ހުރެ ތި ފަދަ ޅަ ގޮތްތައް ނުގެންގުޅޭ. ކިހިނެތް ބާކީ ލޯނަށް އޮތް ހަފުތާއެއްގެ ތެރޭގައި ދިހަ މިލިޔަން ރުފިޔާ ދޭނީ؟” އާރިފުވެސް ފެށީ އާހިލުއަށް ބާރުކުރާށެވެ. “އަހަރެން މިއީ ކުޅޭ ކުޅޭ އެއްޗެއް ނޫނޭ. އަހަރެން ކައިވެނި ކުރާނީ އަހަންނަށް ފެންނަ ކުދިންނާ.” އާހިލުގެ ގާތަށް ރުޅިއައެވެ. އެހެން ބުނުމަށްފަހު ގެއިން ނުކުންނަން އުޅުނެވެ. ނަމަވެސް ދޮރާށި ބޭރުގައި ތިބި ބަޔަކު އާހިލު ހިފެހެއްޓުވިއެވެ. މިހާރު އާހިލުއަށް މިއީ ރާވައިގެން އޭނާ ކައިވެނި ކުރުވަން ހަދާފައިވާ ދަންތުރައެއްކަން އެނގުނެވެ. އެއްބަސް ނުވެ އޭނާ ދޫ ނުކޮށްލާނެކަން މިހާރު އޭނާއަށް ދޭހަވިއެވެ.
އާހިލު ގަދަކަމުން ގެނެސް މުހައްމަދު އާއި އާރިފު ޖޯލިފަތީގައި ބޭނދިއެވެ. އަދި ދިޔުޅި ދިގުވާނެހެން ވާހަކަތައް ކިޔައިދެމުން ދިޔައެވެ. އާހިލުއަށް ހަތަރު އުދަރެސް ފެނުޖެހުނީއެވެ. އޭނާ މިހާރު އެންމެ ކުރަން ބޭނުންނުވާ ޒާތުގެ ކަންކަން އޭނާގެ ބައްޕަވެސް ކުރުވަން މަސައްކަތް ކުރާތީއެވެ. “ލުބުނާގެ ކައިވެނި ގަބޫލު ނުކުރަންޏާ މިއީ ކަލޭގެ ބައްޕައެއް ނޫން.” އާރިފު މެއާ ދިމާއަށް އިނގިލި ދިއްކުރަމުން ބުންޏެވެ. ވިސްނުން ކޮށިވެ، ކޮށްޓަށްލެވިފައިވާ ހާލު އާހިލު ކައިވެންޏަށް އެއްބަސްވިއެވެ. މުހައްމަދު ނުލަފާ ހިނިތުންވުމެއް މޫނަށް ވެރިކޮށްލިއެވެ. ދުފާ ނިމުނުހެން މުހައްމަދު ގެއަށް ދަނީއޭ ބުނެ ދިޔައެވެ. “ދަރިފުޅާ! ތިއީ އަހަރެންގެ ހުރި ހަމައެކަނި ދަރިއަކީ. ބަސް އަހަން ވާނެ.” އާރިފުގެ އަޑު އޯގާތެރި އަޑަކަށް ބަދަލުވިއެވެ. “ހަމައެކަނި ދަރިއެއް ވީމަތާ ބޭނުންނުވާ އަންހެނުންނާ ކައިވެނި ކުރުވާނީ.” އާހިލު އެހެން ބުނުމަށްފަހު ޖޯލިފަތިން ތެދުވެ ބޭރަށް ހިނގައިގަތެވެ.
އާހިލުގެ ޚިޔާލުގައި އޮތީ ޖޫނާގެ ލޯތްބަށް ވެވުނު ބޭވަފާއެވެ. ‘ލުބުނާ އަކީ ޖޫނާ އެހާ ގަޔާ ނުވާ މީހެއްކަން އާހިލު ދަނެއެވެ. ވާނީވެސް އެހެން ތާއެވެ. އެކަމު ލުބުނާއާ ކައިވެނި ކުރިކަން ޖޫނާއަށް އެނގޭ ހިސާބު އެއީ އޭނާ މަށާ ދުރުވާނެ ވަގުތެވެ.’ އާހިލުގެ ހިތަށް އަރަމުން ދިޔައެވެ. ފެންކަޅިވެފައި ހުރެ ބަނދަރާ ދިމާއަށް ހިިނގަމުން ދިޔައެވެ. އޭނާ އެންމެ އިތުބާރު ކުރި ބައްޕަވެސް މިހާރު އޭނާއަށް ހެޔޮ ނޫންކަން އެނގުނެވެ. ރުފިޔާއާއި ވިޔަފާރިއަށް ކޮންމެ އެއްޗެއްވެސް ދީފާނެއެވެ. އާހިލުގެ ހިތުގައި ބުނެދެން ނޭނގޭ ވޭނެއް އެކުލެވިގެން ދިޔައެވެ. މުހައްމަދުބޭ މިހާ ނުބައިކަން އަދި އޭނާއަށް މި އެނގުނީއެވެ. މިދިޔަ އަހަރުތަކުގައި ކުންފުނީގެ ގިނަ މައްސަލަތައްވެސް ދިމާވެފައި ހުރީ މުހައްމަދުބޭ އަދި އޭނާގެ ރައްޓެހިންގެ ސަބަބުންނެވެ. އާހިލު މިކަން އޭނާގެ ބައްޕައަށް ވިސްނައިދެވޭނެ ގޮތެއް ހޯދަމުން ދިޔައެވެ. ނަމަވެސް އޭނާގެ ހިތުގައި މިވަގުތު ވަނީ ވޭނާއި ކެކުޅުމެވެ. އޭނާ ލޯބިނުވާ އަންހެނަކާ ކައިވެނި ކުރަން ޖެހުމެވެ.
ދެ ދުވަސް ފަހުން…
އާހިލުއާއި ލުބުނާގެ ކައިވެނި ކޯޓުގައި ކުރެވުނެވެ. އާހިލު ނުގަބޫލު ވިޔަސް އެ ކައިވެނިން އޭނާ ސަލާމަތް ނުވާނެކަން އޭނާ ދަނެއެވެ. މުހައްމަދުއާއި އާރިފު އާހިލުއަށް ލޯ އެޅުމުން “އަނބި ގަބޫލުކޮށްފިން.” މިހެން ބުންޏެވެ. އެވަރަށް އާ-ހިލުއަށް އިންޒާރު ދީފައި ވެއެވެ. ކޮންމެ ގޮތަކުންވެސް ލުބުނާގެ ފަރާތަކުން އާހިލުއަށް ސަލާމަތެއް ނުވެވުނެވެ. ހަމަ އެދުވަހުން ދުވަހަށް ލުބުނާ އާހިލުމެން ގެއަށް ބަދަލު ވިއެވެ. ދާގީ ގެނެސް ކޮޓަރީގައި ހާސަރުތައް ދަމަން ފެށިއެވެ. އެކި ވައްތަރުގެ ރީތިވާ ސާމާނުތަކުން މޭޒުމަތި ފުރާލިއެވެ. ޖޫނާގެ އެއްޗެހިތައް ބޮޑު ފޮއްޓަށްލައި ފޮރުވިއެވެ. ބައެއް އެއްޗެހި އާހިލުއަށް ނުފެންނާނެހެން ހަލާކުވެސް ކުރިއެވެ. ލޯގަނޑަށް އަލިވާހެން ބޮކި ހަރު ކުރުވިއެވެ. އަލަމާރި ފުރޭ ވަރަށް ހެދުން އޮތެވެ.
ލުބުނާ އުފަލުން މަރުވަނީއެވެ. ހީވަނީ ވިހޭންސުރެ އޭނާއަށް ނުކުރެވި އޮތް ކަމެއް ކުރެވުނު ހެންނެވެ. އެކި ގޮތްގޮތަށް ލުބުނާއާ ގާތްވިއެވެ. ވަރަށްވެސް އާހިލުގެ ލޯބި ލިބޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އާހިލު ކަހާތަން ހިރުވައިވެސް ނުލިއެވެ. ގިނަ ފަހަރު ލުބުނާއާ ވާހަކަ ނުދައްކައެވެ. އޭނާ ކައްކާ އެއްޗެއް އަރުން އެތެރެއެއް ނުކުރެއެވެ. ލުބުނާއަށް މިކަމުން ހިތަށް އަސަރު ކުރަން ފެށިއެވެ. ކިތަންމެ ގޮތަކަށް ގޮތް ބޮޑުކޮށްފައި ދެއްކިޔަސް އާހިލުގެ ލޯ ލުބުނާއަށް ކަނެވެ. ވަލީމާ ބޭއްވި އިރުވެސް ނެގި އެންމެ މަންޒަރަކަށްވެސް އާހިލު ހެވިލާފައި ނެތެވެ. ހަގީގަތުގައި އޭނާ އަދިވެސް ވިސްނަމުން ދިޔައީ ޖޫނާއާ މެދުއެވެ.
ލުބުނާ ހިތްހަމަ ނުޖެހި ނުރޯ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ގިނަ ދުވަސް ދުވަހު ސަމުސަލަށް އަޅާ ދޭ އިރުވެސް އާހިލު އޭނާ ކެއްކި އެއްޗެއް ނުކައެވެ. މިކަމާ ހިތް ނުތަނަވަސްވެގެން ޝަފްރާއާއެކު އޭނާ ގަހުވައަށް ދިޔައެވެ. ކައިވެނި ކުރެވުނު ކަމަށް ޝަފްރާ އުފާ ކުރިއެވެ. ފަހުގެ ވާހަކަތައް ޝަފްރާއަށް އަދާހަމަ ކުރިއެވެ. “އަހަރެން ކުރާހާ ކަމަކާ ނިކަން ދުރު.” ލުބުނާ ލޮލުގެ ކަޅި އަނބުރާލަމުން ބުންޏެވެ. “ހިނގާ ފިލްމުތަކުން އެ ދައްކާ ގޮތް ހަދަން. އޭނާއަށް ބޭސް ދީގެން ކަން ކުރުވޭނެއްނު؟” ޝަފްރާ ދިނީ ނުލަފާ ޚިޔާލެކެވެ. ލުބުނާ އެ ބުނުމަށް އެއްބަސްވަމުން ފޯނުނަގާ ބޭސް ފިހާރައަށް ގުޅާލިއެވެ. އަދި އެ ބޭހެއް ގަނެ ރައްދު ކުރުމަށް ބުންޏެވެ. ދެ މީހުންވެސް އެކުއެކީގައި އުފަލުން ހީލިއެވެ. ކަމުގެ ނުބައިކަން ދެމީހުންނަށް އެނގޭއިރުވެސް އެކަން ކުރުމަށް ލުބުނާ ބޭނުންވިއެވެ.
ރޭގަނޑުގެ ރިހި ހަނދުވަރުން ފެންވެރުމަށް ބޭރު ޖޯލިީގައި އިށީނދެ އިން އާހިލު ތަރިތަކަށް ބަލަހައްޓައިގެން އިނެވެ. އުޑުމަތިންވެސް އޭނާއަށް ޖޫނާ ސިފަވާ ފަދައެވެ. އޭރު ލުބުނާ ފެން ތައްޓަށް ބޭސް ގުޅައެއް ލައިގެން އެ ގިރުވަމުން އައެވެ. “އަހަރެން ކައްކާ އެކައްޗެއް ނުކެޔަސް ފެން ތައްޓެއް ބޯލަބަލަ. މިހާރު ހަށިގަނޑު ވަރަށް އަނަރޫފަވެފައި ތިހުރީ.” ލުބުނާ ފެން ތަށި ދިއްކޮށްލަމުން ބުންޏެވެ. ކަރު ހިއްކާފައި ހުރުމާއެކު އާހިލު އެ ފެންތަށީގައި ހިފިއެވެ. އެއްވެސް ޝަކުވާއެއް ނެތި އެއްކޮށް އެ ތަށި ހުސްކޮށްލިއެވެ. ދެން އޭގެ ފަހުން އާހިލުއަށް ވީ އެއްވެސް ކަމެއް ނޭނގުނެވެ.
ހޭލެވުނު ފަހުން ފެންނަން އޮތް ހެކިތަކުން ރޭގައި ވީ ގޮތް ސާފުކޮށް އެނގުނެވެ. ލުބުނާ ހިނިތުން ވެލާފައި އޮތެއް ކަމަކު އާހިލުގެ ހިތް ފަޅައިގެން ދިޔައެވެ. ޖޫނާއަށް ހާއްސަކުރި އޭނާގެ ލޯތްބާއި ހަށިގަނޑުވެސް ހީވަނީ ކަނޑުގައި އެޅި ރޮނގެއް ހެންނެވެ. ނަފުސާނީ ގޮތުން އޭނާއަށް ވަރަށް އަސަރު ކުރިއެވެ. ހަށިގަނޑުވެސް އަނަރޫފަވެފައި ޖޫނާގެ ކެއްކުންތަކަށް އިންތިޒާރު ކުރާ ފަދައެވެ. ނަމަވެސް ލުބުނާ ހީވަނީ ޝިކާރަކުރުމަށް ބަލަބަލާ އޮތް ހިޔަޅެއް ހެންނެވެ. ފުރުސަތު ލިބުނުހެން އޭގެ ބޭނުން ހިފީއެވެ. އޭނާއަށް ކުރެވުނު ކަންތައް އެނގި ހިތަށް އަސަރުކޮށް ފިރިހެނަކަސް ރޮވެއެވެ. ޖޫނާގެ ލޯތްބައް ބޭވަފާތެރިވެވުމީ އޭނާގެ މުޅި ހަށިގަނޑުގައި ވާހާ ހަތާތަކަށް ގެއްލުން ލިބުން ކަމެއް ކަމުގައި ވީހެންނެވެ. އަދި އިތުރަށް ހިތް ދަތިވީ ހަސަނު ބޭރަށް ގޮސް ކުރި އެއްވެސް ތަހުގީގަކުން ޖޫނާ އުޅުނު ތަނެއް ނުހޯދުމުންނެވެ. ހަގީގަތުގައިވެސް ޖޫނާ އުޅުނީ ފިލައިގެންނެވެ. ހިންދޫކަރައިގެ ކޮން ހިސާބެއްކަން ހަސަނަށް ނޭނގުމީ އާހިލުގެ ހިތަށް އަރާފައިވާ ވަޒަން އިތުރަށް ފުންވާން މެދުވެރިވި ސަބަބެވެ.
ހަމަސް ފަހުން…
ޖޫނާއަށް އާ ދުވަހަކަށް ހޭލެވުނީ އެގާރަވެސް ޖެހި ފަހުންނެވެ. ބަނޑުގައި ރިއްސާ ވަރުން ނުނިދިގެން އުޅުނެވެ. ނަމަވެސް މިއީ ވާނޭ ކަންތައްތަކޭ ޑަކުތަރު ބުނުއްވިއެވެ. ބަނޑުގައި އޮތް ދަރިފުޅު ހެދި ބޮޑުވަމުން އަންނައިރު ބަދަލުތައް އަންނާނެކަން ޚުދު ޖޫނާއަށްވެސް އިނގެއެވެ. ސަމާއަށްވެސް ނުގުޅޭތާ ހަނދާންވެގެން ފޯނުން ގުޅާލިއެވެ. ނަމަވެސް އެތައް ފަހަރަކު ގުޅީތީވެ ނުނަގައެވެ. މިހާރު ޖޫނާ ގުއިކޮށްލީ ތޯއްޗެކޭ ހިތަށް އަރުވަމުން އެނދުގައި އިށީނެވެ. ބަނޑަށް ބުރަހެލި ކަމުން ތަންތަނަށް ގޮސް އުޅުމަކީ އުނދަގޫ ކަމަކަށް ވިއެވެ. އަމިއްލައަށް ކެއްކުންވެސް ބޮޑު ޒަލްޒަލާއަކަށް ވިއެވެ. ކިރިޔާވެސް އަތް ގާތްކޮށްދެން ހުރީ ޒާޝާއެވެ. އޭނާ އާންމުކޮށް ރޭގަނޑު ގަޑީގައި އައިސް އުޅެއެވެ. ތަރުކާރީ މަސް ފަދަ ތަކެތި ގެނެސް ދެއެވެ. ޖޫނާ އެތަށް ފަހަރަކު ޝުކުރުވެސް އަދާކުރިއެވެ. އޭނާއަށް ގުޑައިވެސް ނުލެވޭތާ އަމިއްލަ ހަށިގަނޑު ގެންގުޅެވެނީވެސް ވަރަށް ހާލުންނެވެ.
އޭގެ ހަފުތާއެއް ފަހުން ބަނޑުގައި އޮބި ނޯންނަ ވަރަށް ރިއްސިއެވެ. ކެތް ނުކުރެވިގެން މާނޭވާ ލެވޭ ހާލު ޒާޝާއަށް ޖޫނާ ގުޅިއެވެ. “އަހަރެން މިއޮށްގެން މަރުވަނީ ވަރަށް އިރުވެއްޖެ ރިއްސާތާ. ފެންވެސް އެބަ ނުކުމޭ. ހާހހ.” ވޭނާއެކު ވާހަކަ ދެއްކިއެވެ. ޒާޝާ ދެވުނުހާ އަވަހަކަށް ކާރަކަށް ގުޅައިގެން ހަސްފަތާލަށް ދިޔައެވެ. ހަނި އެނދަކަށް ލައިގެން ޖޫނާ ވިއްސާ ކޮޓަރިއަށް ވެއްދުނެވެ. ވޭނާއި އުގާނާއިގެ ދެ ގަޑިއިރަށް ފަހު އެ ކޮޓަރިން ނުކުމެވުނެވެ. ލޯބި ލޯބި ދެ ކުދިން އުރާލައިގެން ޑަކުތަރު ނިކުންނަ ތަން ފެނި ޒާޝާވެސް ފެން ކަޅިވިއެވެ. ކާމިޔާބުކަން ދޭހަވެ އުފަލުން ރޮވުނެވެ.
ޖޫނާ ވިއްސާ ކޮޓަރިން ޖަނަލަށް ދޫކޮށްލީ ވަރަށް ފަސްވީ ފަހުންނެވެ. އޭނާގެ ހާލަތު ރަނގަޅުކަން ޔަގީން ކުރުމަށްފަހުގައި ނޫނީ ޑަކުތަރުން ދުލެއް ނުކުރިއެވެ. އަދިވެސް އެ ނިކަމެތި ހަށިގަނޑުގައި ވޭން އަޅައެވެ. ހިނގާ ކަންތައްތައް އިނގެނީ ހަމަ ކިރިޔާއެވެ. ދެކުދިންނާ އެންމެ ފުރަތަމަ ބައްދަލުވުމުން ޖޫނާއަށް ރޮވެން ފެށިއެވެ. އޭނާގެ ހިތަށް އަސަރު ކުރިއެވެ. ގާތުން އެންމެ ފުރަތަމަ ކިރު ދިން އިރުވެސް އެންމެ ވަގުތުކޮޅަކަށްވެސް އެ ދެ ކުދިން ފިޔަވާ އެހެނިހެން ފަރާތަކަށް ޖޫނާ ނުބަލައެވެ. “ދަރިފުޅު މެންނޭ ބަސް އަހާތި. ދަރިފުޅުމެންގެ ބައްޕައެއް ނުހުންނާނެ. މަންމައަށް ވީހާ ވަރަކުން ދަރިފުޅުމެންގެ ހަޔާތް ފޮނިކޮށްދޭނަން.” ޖޫނާ ބުނަމުން ދިޔައެވެ. ޒާޝާވެސް ފެންކަޅި ވިއެވެ.
ހަސްފަތާލުން ދޫކޮށްލީ އޭގެ ދެ ދުވަސް ފަހުންނެވެ. ދަރިންނަށް ބޭނުންވާ އިންޖެކުޝަންވެސް ޖެހިއެވެ. ޚަރަދު ބޮޑުވިއެއްކަމަކު ޖޫނާ ގެނައި މިންވަރުން މާ ބޮޑު އެއްޗެއް ނުދިޔައެވެ. ދަރިންނަށް ބޭނުންވާ އަންނައުނާއި، ކުޅޭ ސާމާނު އަދި އެހެނިހެން ތަކެތިވެސް ގަނެގެން ގެއަށް ދިޔައެވެ. މިހުރިހާ ކަމެއްގައިވެސް ޒާޝާ އަދި އޭނާގެ ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. ހިނދުކޮޅަކަށްވެސް މިހާރު ޖޫނާ ހިންދޫކަރައިގަ ހުންނާކަށް ބޭނުމެއް ނުވެއެވެ. އަމިއްލަ ކަށި ބިންދައިގެން ނަމަވެސް ބޭނުންވީ ދޮނޭމެންގެއަށް ދާށެވެ. އެއްބަސް ވާން އުނދަގޫވިޔަސް ހެޔޮކަމަށް އޭނާ ނިންމީއެވެ. އޭނާ ހިރާސްތައް ގިރާ ކުރުމަށް ވައިގެ ބަނދަރުން ޓިކެޓު ނަގާ ފައިސާ ދެއްކިއެވެ.
ހަމަ އެ ރޭ ހަސަނުއަށް އޭނާ ކުރި މަސައްކަތުގެ ފޮނި ނަތީޖާ ލިބުނެވެ. ހަސްފަތާލަކުން ޖޫނާގެ ނަން އެޅިފައިވީތަން ފެނުނެވެ. އެ ހިސާބުގަނޑުގެ ގެތަކުގެ އަހުލުވެރީންގެ ލިސްޓު ބަލަމުން ދިޔައެވެ. ޖޫނާގެ ނަން އޭނާއަށް ފެނުނީ ދެތިން ގަޑިއިރެއް ހޭދަވީ ފަހުންނެވެ، ކަމުގެ ފޮނި ޚަބަރު ދިނުމަށް އާހިލުއަށް ގުޅިއެވެ. ނަމަވެސް ފޯނު ނެގީ ލުބުނާއެވެ. “ކިޔާބަލަ، އާހީ ގާތު ބުނެދޭނަން.” ލުބުނާ ބުންޏެވެ. “ޖޫނާ ފެނުން ވާހަކަ ބުނޭ.” ހަސަނު އަވަހަށް ބުނެ ފޯނު ކަނޑާލަން އުޅެއެވެ. ލުބުނާގެ ސިކުނޑިއަށް އާ ޚިޔާލެއް ވަނެވެ. “އާހިލު ކޮންމެ މަހަކު ކިހާވަރެއް ދެނީ؟” ލުބުނާ ސުވާލު ކުރިއެވެ. “ތިރީސް ހާސް.” އެއްވެސް ހިފެހެއްޓުމެއް ނެތި ހަސަނު ބުންޏެވެ. “އަހަންނަށް އެންމެ ކަމެއް ކޮށްދީބަލަ. ދޭނަން ބުނި އަގެއް.” ލުބުނާ ހަސަނުއަށް ފުރުސަތެއް ދިނެވެ. “އެއީ ކޮންކަމެއް؟” ހަސަނު ސުވާލު ކުރިއެވެ. “ތި ކިޔާ ޖޫނާއެއް. އޭނާ މިދުނިޔެއިން ފުހެލަދޭންވީ. އޭގެ އަގު ނިންމާނީ ކަލޭ.” ލުބުނާ ކިޔައިދިނެވެ. “ހޫނ. މައްސަލައެއް ނެތް އެއް ލައްކަ ރުފިޔާ އެއީ މަށަށް ދޭން ޖެހޭ އަދާގު. އިރާދަ ކުރެއްވިއްޔާ ތި ކަމެއް ވާނެ.”
(ނުނިމޭ)


