Skip to content
އެސްފިޔަ

ރުހޭތޯ ކަލާ – 6

Listen to this story Audio · 20:04 Powered by Esfiya Voice
0:00 20:04

“މީ ދޯ މި ގްރޫޕްގެ އެންމެ ހަލަނި އެހެންވީމަ.. ފިރިހެންކުއްޖަކަށް ދޫނުކުރޭނު..” ޒިވްޔަން ދިމާކޮށްލުމުން ހޫރީން އިތުރަށް މޫނުކޮޮށްލިއެވެ.

“ދެން ވެސް އަހަންނާ ދިމާކުރުން ހުއްޓާލާފަ އަނބެއް ބިނދެވޭތޯ އުޅެންވީނު ދޯ..؟” ހޫރީން ކުސްތަޅައިލަމުން ބުނެލި ގޮތުން އެންމެންނަށް ޖެހުނީ ހިނިގަނޑު މަތަކޮށްލާށެވެ.

ދެފަހަރަު ފާރުމައްޗަށް އެރޭތޯ ހޫރީން ފުންމައިލި ނަމަވެސް، އަތް ނުފޯރާތީ ފާރުގައި އަތް އެޅުވޭގޮތެއް ނުވިއެވެ. ހައެއްކަ ފަހަރު މަސައްކަތް ކޮށްގެން ވެސް ކާމިޔާބު ނުވުމުން ހޫރީން ރުޅިއައިސްފައި ހުރެ އަރިކަށީގައި އަތްވިއްދައިލިއެވެ.

“އަހަރެން އުރައިލަދެންތަ..؟” ޒިވްޔަންގެ އަޑު ޖެހުމާ އެކީ ހޫރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޒިވްޔަންއާ ދިމާއަށް ބަލައިލި އިރު އެ ތުންފަތުގައިވީ ލާނެތް ހިނިތުންވުމުން ހޫރީން އިތުރަށް ލަދުގަންނަ ގޮތް ވިއެވެ. ހޫރީންއަށް ވީ ވަރު ފެނުމުން ދެން ތިބި އެންމެން ވެސް އަނގަމަތީގައި އަތް އަޅައިގެން ހޭން ފެށި ނަމަވެސް ޒިވްޔަންއަށް ކަމެއް ވީހެން ވެސް ހީނުވެއެވެ.

ހޫރީން އެ ހުރި ގޮތަށް ލަދުން ވިރިވިރި ހުއްޓައި ޒިވްޔަން ކުރިޔަށް ފިޔަވަޅެއް އަޅައިލިއެވެ. އިރުކޮޅެއް ވާން ދެން ހޫރީންގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެން ހުރީ އެ ދެލޮލުން ނުރުހުމުގެ ޒައްރެއްގެ މިންވަރު ނަމަވެސް ފެނޭތޯއެވެ. އެހެނަސް ކުރިމަތީގައި ހުރި ހޫރެއް ފަދަ ފަތްމިނީގެ އަސަރުގަދަ ލޮލުން އޭނާއަށް ލަދުވެތިކަން ނޫން އެހެން އިހުސާސެއްގެ ހިލަމެއް ނުވިއެވެ.

ހޫރީންގެ ފަރާތުން އެއްވެސް ނުރުހުމެއް ނުފެނުމުން ޒިވްޔަން ކުއްލިއަކަށް ހޫރީންގެ އުނަގަނޑުގައި އަތް ވަށައިލާފައި ހޫރީން ބިމުން ހިއްލައިލިއެވެ. ލިބުނު ސިހުމުގައި ހޫރީންގެ އަނގައިން ތޫލި ހަޅޭކެއްގެ އަޑު ބޭރުވީ އިރު، ޒިވްޔަންގެ ކޮނޑުގައި އަތްއަޅައި ބާރުކޮށްލެވުނެވެ. ގާތުގައި މަންޒަރު ބަލަން ތިބި އެންމެން އަނގަމަތީގައި އަތް އެޅީ ބާރަށް ހޭ އަޑު އިވިގެން އެމީހުން ކުރަން އުޅޭ ކަމެއް ބަޔަކަށް ފަޅާއަރާފަނެތީއެވެ.

“ކޮބާ؟ އަރާބަލަ..” ހޫރީން އުފުއްލާލައިގެން އެހުރި ގޮތަށް ހުރެ ޒިވްޔަން ބުނެލީ ހޫރީން ގަނޑުވެފައި ހުރުމުންނެވެ. ވަގުތުން ހޫރީން ތިރީ ތުންފަތުގައި ދަތް އަޅައިލީ އެހިތުގެ ތެޅުން އެތަނުގައި ތިބި އެންމެންނަށް މިހާރު އިވޭނެޔޭ ހިތަށް އެރުމުންނެވެ. އެންމެންގެ ތެރޭގައި އެފަދަ ކަމެއް ކުރަން ޒިވްޔަންއަށް ކެރިދާނެ ކަމަކަށް އޭނާ ފަހަރެއްގައި ވެސް ހިޔެއް ނުކުރެއެވެ.

“ރީން.. ދެން ވެސް އަރާބަލަ! އެހެން ނޫނީ ޒިވްޔަންގެ އަތުތެރެއިން ނުކުންނަން ބޭނުން ނުވެގެންތަ ތި އުޅެނީ..؟” ޒޯޔާ ދިމާކޮށްލުމާއެކު ހޫރީންއަށް ވަގުތުން ތެޅިގަނެވުނީ ހުރެވުނު ތަނާއި ގޮތް ހަނދާން ވުމުންނެވެ. ޒިވްޔަންގެ ކޮނޑުގައި ވަށައިލެވިފައިވީ ދެއަތް އިހުނަށް ވުރެ ބާރުކޮށްލަމުން ހޫރީންއަށް ފިރިހެންވަންތަކަމުގައި އެފަދަ ދެވަނައެއް ނުވާ މޫނަށް ބަލައިލެވުނީ ޒިވްޔަންއަށް ބަރު ވެސް ނުވޭބާވައޭ ހިތަށް އެރުމުންނެވެ. އެހެނަސް އެ މޫނުމަތިން އޭނާއަށް ފެނުނީ ހިތްގައިމު ހިނިތުންވުމެއް އެކަންޏެވެ. މުޅި މޫނަށް ފިނިފެންމާ ކުލަ ފާއްދައިލުމާއެކު ހޫރީންއަށް ހިތާހިތުން ޝުކުރު ކުރެވުނީ ރޭގަނޑުގެ އަނދިރި ވަގުތަށް ވުމުން އެންމެންނަށް އޭނާގެ މޫނަށް އަރާ ފައިބާ ކުލަވަރު ރަނގަޅަށް ނުފެންނާނެތީއެވެ. އެހެންނޫން ނަމަ މިހާރު އެތަނުގައި ތިބި އެންމެންނަށް އޭނާ ލަދުން ގޮސް މޯޅިވާކަން އެނގުނީސް ކަން ޔަގީނެވެ.

އެހެން މީހަކު އިތުރަށް ދިމާކުރުމުގެ ކުރިން ހޫރީން އަވަސްއަވަހަށް ޒިވްޔަންގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. އެއާއެކު ޒިވްޔަން ފާރާވީ ފަޅިއަށް ހޫރީންގެ ހަށިގަނޑު އަނބުރައިލުމުން ހޫރީން ފާރުގައި އަތްވިއްދައިލާފައި ނުހަނު ފަސޭހައިން ފާރުމައްޗަށް އެރިއެވެ.

“ބަލައިގެން..” ހޫރީން ހަމަޖެހުމުން ޒިވްޔަން ހޫރީންގެ ގައިން ދޫކޮށްލާފައި ބުނެލީ ހޫރީންއަށް ކަމެއް ވެދާނެތީއެވެ. އެހެނަސް ހޫރީން އެ އަޑު އިވުނުކަމަށް ވެސް ނުހަދާ، ފަރިތަކަމާ އެކީ ފާރުމަތީގައި ފައި ބެލެންސްކޮށްލަމުން ދެން އެރީ ފުރާޅުމައްޗަށެވެ. އަނބުގަހުން ފުރާޅުމައްޗަށް ފައިބާފައި އޮތް ގޮފިތަކުގައި ދޮންވެ ފައްކާވެފައިވާ އަނބުތައް އަޅާ ބަރާވެފައި އޮތް މަންޒަރު ފެނުމުން ހޫރީންގެ ކުޅުދިޔާވިއެވެ.

“އަވަސްކުރޭ.. ރީން އަނބު އެއްލާ ވަރަކަށް ހޮވަން ރެޑީވޭ!” ވައި އަޑުން ނާއިފް ބުނެލުމާ އެކު އެންމެން ބޯޖަހައިލާފައި ތައްޔާރުވިއެވެ. އެއާއެކު ހޫރީން ފަހަރަކު އަނބެއް އެއްލަން ފެށުމުން އެންމެން ވެސް ބެލީ ކަމާ ކަންފަށާ އަނބުތައް ހިފޭތޯއެވެ.

“އޭތް! ކޮން ބައެއް؟!” ކުއްލިއަކަށް ގޭތެރެއިން ނުކުތް އަންހެނެއްގެ ހަޅޭކުގެ އަޑާއި އެކު އެންމެން ދިޔައީ ސިހިގެންނެވެ. ފުރާޅުމަތީގައި އޮތް ހޫރީން ވެސް ވަގުތުން ސިހިފައި ތެޅިގަތެވެ. އެވަރުން ވެސް ބިން އަނބުކޮޅު ބަހައްޓާފައި ދާކަށް އޭނާގެ ހިތެއް ނުރުހުނެވެ. ލައިގެން ހުރި ކުރުތާގެ ފަސްބަޔަށް އަނބުކޮޅު އަޅާފައި، ހެދުން ބޮނޑިކޮށްލަމުން ފުރާޅުމަތިން ފުންމައިލީ ކުޑަވެސް ޖެހިލުންވުމެއް ނެތިއެވެ.

“ދުއްވައިގަނޭ!” ބިންމަތީގައި ފައި ޖެހުނު ކަމެއް ނޭނގި، އެންމެ ކައިރީގައި ހުރި ޒިވްޔަންގެ އަތުގައި ހިފައި ދުއްވައިގަންނަމުން ހޫރީން ގޮވައިލުމާ އެކީ ދެން ތިބި އެންމެން ވެސް ތެޅިގަތެވެ. އެމީހަކަށް ނެގުނު ވަރަކަށް އަނބުތައް އަތަށާ، ހެދުމުގެ ފަސްބަޔަށް އަޅައިގެން ތިބެ ހޫރީންގެ ފަހަތުން ދުއްވައިގަތް އިރު، ކަންދިމާކުރި ގޮތުން މިފަހަރު ވެސް ގާގަނޑެއްގައި އަޅައިގަނެފައި ވެއްޓުނީ ނަވާފެވެ. އެހެނަސް އެމީހަކާ އެމީހަކު ދޫކޮށްލާފައި ދެން ތިބި އެންމެން ދުއްވައިގަތީ ފަހަތުން ދުވެފައި ނުކުތް ހަރީރާގެ އަތުގައި އޮތް އިލޮށިފަތި ފެނިފައެވެ.

“ހަމަ ހުވާ ލޮލުފިޔައެއް ޖެހެނީކީ ނޫނޭ! މި ބައިގަނޑު ދޯ ކޮންމެ ރެޔަކު އައިސް މަގޭ އަނބުގަސް ތަޅާ ސުންނާފަތި ކުރަނީ!” ހެދުން އަރުވާ ޖަހަމުން ހަރީރާ އައި ގޮތަށް އައިސް ބިންމަތީގައި އޮތް ނަވާފްގެ ގައިގައި އިލޮށިފަތިން ވަރުގަދަ ބޮނޑިއެއް އެޅިއެވެ.

“ހަރީރާއްތާ! އަޅޭ މަޑުކޮށްބަލަ! އަހަންނެއް ނޫނޭ! އެއީ މިއުޅޭ އިއްބެމެން ގުރޫޕު ކުރާ ކަމެކޭ! އަހަރެން ނުކުމެގެން މި އުޅެނީ މަންމަ ފޮނުވައިގެން ވަޅޯމަސްކޮޅެއް ގަންނަން ވެގެން!” ނަވާފް ވަގުތުން ތެޅިގަންނަމުން ހަރީރާގެ ހަމަލާތަކުން ރެކެން އުޅުނެވެ.

“ކޮންހާ މޮޅެތި ދޮގުތަކެއް ހަދާކަށް! އަމާ ކަލޭ ވަޅޯމަސް ގަންނަން ފޮނުވަނީ ދަންވަރު އެގާރަ ބާރަ ޖެހީމަތަ؟ އަތް ފުރާ ވަޅޯމަސް ވިއްޔަ ތި އޮތީ އާނ!” ނަވާފް ތެދުވުމާ އެކު އަތުތެރޭގައި ހުރި އަނބުތަކަށް އިޝާރާތްކުރަމުން ހަރީރާ ބުނެލީ ރުޅިއައިސް ރަތްވެފައި ހުރެއެވެ. އެއް އަތުން ހެދުން އަރުވާ ޖަހައިގެން އުނަގަނޑުގައި އަތް ވިއްދާލައިގެން ހުރި އިރު، އަނެއް އަތުން އިލޮށިފަތި މަޅަން ތައްޔާރަށް ހުރިލެއް މަޖާކަމުން ނަވާފަށް ހިނިގަނޑު މަތަކޮށްލެވުނީ ވެސް ކިރިޔާއެވެ.

“މީ.. މީ އެ އިއްބެމެން ފިލަން ދަމުން އުކާލާފަ ދިޔަ އެއްޗެއްސޭ.. ހަރީރާއްތައަށް ދޭން ވެގެން އަހަރެން ހޮވައިދިނީއޭ މި.. އަހަރެން ދެން ހަރީރާއްތަގެ ގަހުން ވަގަކަށް އަނބެއް ނުބިންނާނެ އެއްނު..” އަވަސްއަވަހަށް އަނބުތައް ހަރީރާގެ އަތަށް ދެމުން ނަވާފް ކޮންމެވެސް ބަހަނާއެއް ދައްކައިލިއެވެ.

“ދެން ކަލޭ މަގޭ ގަހަކަށް ބަލައިލިޔަސް ނިމުނީ! މީ ފަހު ފަހަރު އިނގޭ!” ފަހުގެ އިންޒާރާ އެކީ އަނެއްކައި ވެސް އިލޮށިފަތީގެ ހޫނު ހަމަލާއެއް ނަވާފްގެ ބުރަކަށްޓަށް އެރުމާއެކު އިތުރަށް ނަވާފް މަޑެއް ނުކުރިއެވެ. ކިތަންމެ ބަހަނާއެއް ދެއްކިޔަސް ހަރީރާ ގަބޫލު ނުކުރާނެކަން އެނގޭތީ އިތުރަށް ބަހަނާ ދައްކަން ނޫޅެ، ދެން ވެރިފައި ހުރި އަނބުކޮޅު ވެސް ހިފައިގެން ހަރީރާއާ ދިމާއަށް ދޫ ނެރެލާފައި ނަވާފް ދުއްވައިގަތީ ދުވެވުނު އެންމެ ބާރަކަށެވެ. ނަވާފްގެ އެ އަމަލުން އިތުރަށް ރުޅިއައިސްފައި ހުރި ހަރީރާ އިލޮށިފަތި ހޫރަމުން ދުއްވައިގަނެފައި ވެސް މައިތިރިވީ، ޖެހިގެން އޮތް ގޯޅިއަށް ނަވާފް އެޅުމުން ދެން އަތުނުވާނެކަން އެނގޭތީއެވެ.

ދެ ގޯޅި ދޫކޮށްފައި އޮތް ކަންމަތީގައި ހުރި ގެއެއްގެ އަސްކަނިދޮށަށް ވަދެ ފިލައި ތިބި ހަ މީހުން ދިޔައީ އެތަނުގައި ވަމުން ދިޔަ ހުރިހައި ކަމެއް ބަލަމުންނެވެ. ހަރީރާގެ އިލޮށިފަތިން ނަވާފްއަށް ވަމުން ދާ ވަރު ފެނިފައި އެމީހުން ތިބީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. އެންމެފަހުން އެތަނުން އެމީހުން ގުޑައިލީ ނަވާފް ދެން އޮތް ގޯޅިއަށް އެޅުމުން، ހަރީރާ ވެސް އަނބުރައިލާފައި ގޮސް ގެއަށް ވަނުމުންނެވެ.

“ސަހާދެއް މިބުނީ މަޖާ ކަމެއް.. ހަމަ ކޮންމެ ފަހަރަކު ވެސް އެ ނާފްއަށޭ އިލޮށިފަތީގެ އަދަބު ލިބެނީ..” ހެމުންހެމުން ނީރާ ހިނގައިގަތުމާ އެކު އަމާންއާއި ޒޯޔާގެ އިތުރުން ޒެއިން ވެސް އެވާހަކައިގައި ބައިވެރިވަމުން ހިނގައިގަތެވެ. އެމީހުންގެ ފަހަތުން ދާން ހިނގައިގަތް ހޫރީންގެ ފިޔަވަޅުތައް މަޑުޖެހުނީ އޭނާގެ އަތަށް ވާން ވުމުންނެވެ. ފަހަތް ބަލައިލި އިރު ޒިވްޔަންގެ އަތުތެރޭގައި އޭނާގެ އަތް ގައިދުވެފައި އޮތް މަންޒަރު ފެނި، ހޫރީންގެ ދެލޯ ބޮޑުވިއެވެ.

“ދުއްވައިގަތް އިރު އަހަރެންގެ އަތުގަ ހިފި ގޮތަށް ދޫކޮށްލާ ހިޔާލު ހޫރީން ނުކުރީމަ އަހަރެން ވެސް ދޫނުކުރީ..” އެއްމިޔަކަނިން ހިނިތުންވަމުން ޒިވްޔަން ބުނެލި ގޮތުން ހޫރީންގެ މޫނަށް މިފަހަރު ހަމަ ރަނގަޅަށް ވެސް ލަދުގަތުމުން އެ ވެރިވާ ޚާއްސަ ފިޔާތޮށި ފިނިފެންމާ ކުލަ ފާއްދައިލިއެވެ. އެމަންޒަރު ރަނގަޅަށް ފެނުމާ އެކީ ޒިވްޔަންގެ ހިތް އޭގެ މަގާމުން ދޫވެގެން ދިޔަ ފަދައެވެ. އިޚްތިޔާރަކާ ނުލައި ހޫރީންގެ ހޫނު ނޭވާ އިހުސާސްވާހައި ކައިރިވެވުނީ ހޫރީންގެ ލަދުވެތިކަމުގެ ސިފައިން އެހިތަށް ކުޅަދާނަ ނުވުމުންނެވެ.

“ލަދުގަތީމަ އަދި މާ ލޯބި..” ހިތަށް ވެރިވި ތައުރީފުގެ ބަސް ދުލުން ބުނެވުނު ކަން ރޭކައިލުމާއެކު ޒިވްޔަންގެ ދެލޯ ވެސް ބޮޑުވެގެން ދިޔައެވެ. ހޫރީންގެ ހާލަކީތޯއެވެ. އިތުރަށް ޒިވްޔަންގެ ކުރިމަތީގައި ހުންނާނޭ ހިތްވަރު ނުކުރެވުމުން ޒިވްޔަންގެ އަތުތެރެއިން ވީއްލިގަނެގެން، ދުވެފައި ގޮސް ނީރާމެންނާ އަރާ ހަމަކުރިއެވެ. އޭރު ވެސް ހޫރީންގެ ހިތް ދިޔައީ ރޯމަހެއް ތެޅޭހެން ތެޅެމުންނެވެ. ކޯތާފަތަށް އަރާފައިވީ ރަތްކުލަ އިހުނަށްވުރެ ގަދަވެލާފައި ހުރި އިރު، އަދިވެސް އެ އަތުތެރޭގައި ޒިވްޔަންގެ އަތްތިލައިގެ ހޫނު ބީހުން އިހުސާސް ކުރެވެމުންދާ ފަދައެވެ.

ހޫރީން ދުވެފައި ދިޔަ މަންޒަރު ބަލަން ހުރި ޒިވްޔަންއަށް މޭމަތީގައި އަތްއަޅައިލެވުނީ އޭނާއަށް ވަމުންދާ ގޮތް ޚުދު އޭނާއަށް ވެސް ނޭނގުމުންނެވެ. އޭނާގެ ހިތާއި، ދުލުގެ މައްޗަށް އޮންނަ ބާރު މިހައި ކުޑަވީ ކޮންއިރަކު ހެއްޔެވެ؟ ރޭކައިލުމެއް ނެތި، އަމިއްލަ އިޚްތިޔާރުން ބޭރުގައި އޭނާއަށް އެއްޗެހި ބުނެވުން އެއީ ހޫރީންގެ ޖާދުލަކަށް ނޫނީ ނުވާނެއެވެ. އޭނާއަށް މިހައި ބޮޑު ބަދަލެއް އައީ ކޮންއިރަކު، ކިހިނެއް، ކީއްވެގެން ހެއްޔެވެ؟

“ހޫރީން.. އަހަންނަށް ކިހިނެއްތަ ތި ހަދަނީ..؟” އަމިއްލަ ނަފްސާ ޒިވްޔަންއަށް ސުވާލުކޮށްލެވުނީ، ހޫރީން ދިޔަ ދިމާއަށް ބަލަން ހުރެއެވެ.

*** ** ***

އެންމެން ފަހުން ހޫރީން މެން ގެޔަށް ޖަމާވި އިރު ގަޑިން މެންދަމު ބާރަ ވެސް ޖަހައިފިއެވެ. އެންމެންގެ އަތުގައި ހުރި އަނބުތައް ކޮށައިގެން ކާން ތިބި އިރު ދެންމެ ވީ ކަންތަކުގެ ވާހަކަ ދައްކަމުން ދިޔައީ ނުހަނު މަޖާވެ ތިބެއެވެ.

“ކޮންމެ ފަހަރަކު މަށޭ އިލޮށިފަތީގެ ޝިކާރައަކަށް ވަނީ! އަނެއްކާ މާދަމާ އެ ހަރީރާ ދައިތަގަނޑު ގޮސް މަންމަ ގާތު ކުޓުވާލާނެ މަ ވަގަށް އަނބު ބިންނަނީއޭ ކިޔާފަ..” އަނގަ ފުރާ އަނބު އަޅައިގެން އިނދެ ނަވާފް ކުސްތަޅަމުން ދިޔަ އިރު އެންމެ ތިބީ ހީހީ ހަލާކުވެފައެވެ. ވަކިން ޚާއްސަކޮށް ކުރެވުނު އައު، މަޖާ ތަޖުރިބާގެ ސަބަބުން ޒެއިންގެ ހުނުމުގެ އަޑު ހިނދުކޮޅަކަށް ވެސް ކެނޑިގެން ނުދެއެވެ.

“ވަރަށް ވަރަށް ސަޅި! މަޖާ ކަމެއް އިނގޭ މީ! އައި ކާންޓް ބިލީވް އައިވް ބީން މިސިންގ އައުޓް އޮން ސްޓަފް ލައިކް ދިސް! އަޅެ އަހަންނަށް ވެސް ރަށެއްގައި ބޮޑުވުމުގެ ނަސީބު ލިބުނު ނަމަ!” ޒެއިންގެ އަޑުން އެކަނި ވެސް އޭނާ އުފާވެފައި ހުރި ވަރު އެނގެއެވެ. ވާނީ ވެސް އެހެން ނޫންހެއްޔެވެ؟ ކުޑައިރުއްސުރެ އޭނާއަށް އޮންނަ ހަމައެކަނި ކަމަކީ ދޮންބެ ފަދައިން ބަސްއަހައިގެން ކިޔެވުމެވެ. ޒިންމާދާރު، ހަރުދަނާ މީހަކަށް ވެގެން ދޮންބެއާއި އެކު ބައްޕަގެ ވިޔަފާރިއާ ގުޅުމެވެ. ކުޑަކުއްޖެއްގެ ގޮތުގައި، ސިޔާސަކޮށް އުޅެލާކަށް އޭނާއަކަށް ވެސް، އަދި ޒިވްޔަންއަކަށް ވެސް ދުވަހަކު ވެސް ފުރުސަތެއް ނުލިބެއެވެ. އެހެންކަމުން މި ކުރެވޭ އާދަޔާޚިލާފު ތަޖުރިބާތައް އެ ދެބެންނަށް ވެފައިވަނީ ރަނަށް ވުރެ އަގުހުރި ހަނދާންތަކަކަށެވެ.

“އަދި މި ފެށުނީއޭ.. ޒެއިންމެން މާލެ ދިޔުމުގެ ކުރިން މިކަހަލަ ބައިވަރު ކަންތައް ކުރަން ވާނެ.. މާދަން ރޭ މަސްބާނަން އިނގޭ.. މިހާރު އާދަމްބޭގެ ދޯނި ވެސް ހޯދައިފިން..” އަމާން ފޯރިޔާއެކު ބުނެލިއެވެ.

“ތެދެއް.. ޒެއިންމެން ގިނަގިނައިން މިރަށަށް އަންނައްޗޭ.. އޭރުން މިކަހަލަ މަޖާ ކަންތައް ގިނަގިނައިން ކުރެވޭނީ..” ޒޯޔާ ވެސް ބުނެލީ ޒެއިން ހިތްހަމަޖެހިފައި އިން ވަރު ފެނުމުންނެވެ. އެތަނުގައި އެންމެން ވެސް އެފަދަ ވާހަކަތައް ދައްކަމުން ދިޔަ އިރު ތަންކޮޅެއް މައިތިރިވެފައި ތިބީ ޒިވްޔަން އާއި ހޫރީންއެވެ. އެކަން އެންމެންނަށް ފާހަގަވާކަށް އިރުތަކެއް ނުނެގިއެވެ.

“މިދެމީހުން މި ތިބީ ކިހިނެއް ވެފައިތަ..؟” ޒިވްޔަން އާއި ހޫރީންއަށް ހަމަބިމަށް އާދެވުނީ ނީރާގެ އަޑުންނެވެ. ވަގުތުން ކަމެއް ނުވާކަމަށް ބުނި އިރު، ދެމީހުންގެ ނަޒަރު ދިމާވި ފަޅި ސިކުންތަށް ފަހު ހަމަ އެހައި އަވަހަށް ދުރު ބަލާލައިފިއެވެ. އެދެމެދުގައި ކޮންމެވެސް ކަމެއް ވެއްޖެކަން އެންމެންނަށް އެނގުނު ނަމަވެސް އެކަކު ވެސް އެއްޗެއް ބުނަން ގަސްތު ނުކުރީ، އެ ދެމީހުން ތިބި ގޮތުންނެވެ.

“މާދަން ރޭ މަހަށް ދިޔުމުގެ ކުރިން ވާނެ މަދުކޮޅެއް ބިންނަން އެއްކަލަ ތަނަށް ދާން..” ނަވާފް ބުނެލުމުން އެންމެން ވެސް އެގޮތަށް އެއްބަސްވިއެވެ. އެމީހުން ކުޑައިރު އެންމެ ގިނައިން ކުޅެން ގޮސް އުޅޭ، އެތަނެއްގައި އެންމެ ގިނަ ހަނދާންތައް ރައްކާކުރެވިފައިވާ މަކާން ޒިވްޔަންއަށާއި ޒެއިންއަށް ދައްކައިލަން އެމީހުން ތިބީ ނުހަނު ބޭނުންވެފައެވެ.

އަނބު ކައި ނިމުނު އިރު ނުހަނު ދަންވެފައި ހުރުމުން އެންމެން މިސްރާބު ޖެހީ އަވަހަށް ގެޔަށް ދިޔުމަށެވެ. ޒޯޔާ ގޮވައިގެން ނަވާފް ސައިކަލުގައި ދިޔަ އިރު ނީރާ ގޮވައިގެން އަމާން ދިޔައެވެ. ޒިވްޔަން ވެސް އައިދިން ދިން ސައިކަލުގައި ޒެއިން ގޮވައިގެން މިސްރާބު ޖެހީ ގެސްޓްހައުސްއަށް ދިޔުމަށެވެ.

ފެންވަރައިގެން ޒެއިން ނުކުތް އިރު ޒިވްޔަން ނިދަން ތައްޔާރުވެގެން އެނދުގައި އޮށޯވެ އޮތެވެ. އެއް އަތް ބަނޑުމަތީގައި އޮތް އިރު އަނެއް އަތް ނިތުގައި އިދިފުށަށް ބާއްވައިލާފައި އޮތެވެ. އެ އަސަރުގަދަ ދެލޯ މެރިފައި ވީ ނަމަވެސް، ޒިވްޔަން އޮތީ ނިދާފައި ނޫންކަން ޒެއިންއަށް ޔަގީން ވިއެވެ. ދެލޯ މަރާލައިގެން އެގޮތަށް އޮތް އިރު ވެސް އެ ތުންފަތުގައި ކުޅެލާފައިވީ ފަނޑު ހިނިތުންވުން ޒެއިންއަށް އެތައް ކަމެއް ބުނެދިނެވެ.

“ހޫރީންގެ ހިޔާލުގަތަ..؟” ޒިވްްޔަންގެ މަގަތުގައި އޮށޯންނަމުން ޒެއިން އަހައިލުމާ އެކު ޒިވްޔަން ދެލޯ ހުޅުވައިލިއެވެ.

“ޒޭން ބުނެބަލަ.. އޭނަ ރީއްޗެއް ނޫންތަ..؟ އަހަރެން ހާދަ ވަރަކަށް ހިތަށް އަރައޭ ހޫރީންއޭ ކިޔުނީ ހޫރުޕަރީއަކަށް ވީމަބާއޭ..” އެ އޮތް ގޮތަށް އޮވެ، ޒެއިންއަށް ބަލައިލުމެއް ވެސް ނެތި ޒިވްޔަން އިއްވައިލީ ހިތުގެ އަޑެވެ.

“ހޫން.. ރީއްޗޭ ރީއްޗޭ.. އެކަމަކު އެތާ ދެން ތިބި ދެ އަންހެން ކުދިން ވެސް ހަމަ ރީތި ދޯ..؟ ކީއްވެގެންތަ ހޫރީން އެކަނި ފާހަގަވެގެން ތި އުޅެނީ..؟” ލާނެތް ހުނުމަކާ އެކު ޒެއިން ދިމާކޮށްލިއެވެ.

“ތީ އަން ކިޔައިފިއްޔާ އަންނާރެއް ވެސް ރީތިވާ މީހެއްނު.. އަހަރެން ހޫރީން ރީއްޗޭ މިބުނީ ހަމަ އަސްލުވެސް އަހަންނަށް ވަރަށް ރީތި ވީމައޭ..” ޒިވްޔަން މިފަހަރު ވެސް ބުނީ ތެދަށެވެ. ކޮންމެ އެއްޗެއް ބުންޏަސް، ޒެއިން ގާތު ދެކެވޭ ވާހަކައެއް އޮންނާނީ ހަމައެކަނި އެދެމެދުގައިކަން އެނގޭތީއެވެ.

“އާނ މައްސަލައެއް ނެތޭ.. ދެން ބުނެބަލަ.. ނާޔާއަށް ވުރެ ހޫރީން ރީތިތަ..؟” ޒެއިން މިފަހަރު ކޮށްލި ސުވާލުން ޒިވްޔަންއަށް ޒެއިންއާ ދިމާއަށް ބަލައިލެވުނެވެ.

އަނާޔާ އަކީ ވެސް ރީތި ކުއްޖެކެވެ. ވަރަށް ރީތި ކުއްޖެކެވެ. އެހެނަސް އެއީ ހޫރީން ފަދަ ރީތިކަމެއް ނޫނެވެ. ހަމުގެ ކުލަ ކިރުފޮދެއްހައި އަލިވާނެއެވެ. ކުރުކޮށް ކޮށައިލާފައި އޮންނަ ފަން އިސްތަށިގަނޑުގައި އަބަދު ވެސް ހުންނާނީ ކޮންމެވެސް ކުލައެއް ޖައްސާފައެވެ. ހިމަތޮޅިކޮށް ދިގުކޮށް ހުންނާތީ ބައްޓަން ވެސް ނިކަން ހިތްގައިމެވެ. އެ ރީތި މޫނުމަތީގެ ސިފަތައް މޭކަޕުން އިތުރަށް ފުރިހަމަކޮށްލާފައި ނުހުންނަ އިރެއް ނުދާނެއެވެ. ހޫރީން ފަދައިން އަބަދު ހިފިނުހުރެވިގެނެއް ނޫޅޭނެއެވެ. އެއީ ޒިވްޔަން ފަދައިން އަބަދުވެސް “ބަސްއަހައިގެން” ހުރުމަށް ދަސްވެގެން ބޮޑުވި ކުއްޖެކެވެ. އޭނާއަށް ވެސް އެނގޭނީ މުއްސަނދިކަމުގެ އުފަލާއި އަރާމެވެ.

ފުރާވަރަށް އެޅީއްސުރެ ދެމީހުންގެ މައިންބަފައިން ވެސް ހީހީފައި ދައްކާ ވާހަކަތައް ދެމީހުންނަށް ވެސް އިވެއެވެ. ކުޑައިރުއްސުރެ އަބަދު ފެނިދެނިވެ އުޅުނު ނަމަވެސް އެދެމެދުގައި މާ ގާތް ގުޅުމެއް ނޯވެއެވެ. އެހެނަސް، މައިންބަފައިން އެދެމީހުންގެ ކިބައިން ބޭނުންވާ ކަންތައް ދެމީހުންނަށް ވެސް ވަރަށް ރަނގަޅަށް އެނގެއެވެ. މިއަދާ ހަމައަށް ވެސް އެއިން އެކަކު ވެސް އެކޮޅަށް ދެކޮޅު ނުހަދަނީ ބޮޑެތި މީހުންގެ ނިންމުންތައް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ވިސްނާފައެވެ. ލޯބީގެ ގުޅުން ކީއްކުރަން، އެކުވެރިކަމުގެ ގުޅުން ވެސް އެދެމެދުގައި އަދި ދާން ދެން ވެސް ނެތެވެ. އެހެނަސް މައިންބަފައިން ބުނެލާ ހަމަ ކޮންމެ ވަގުތަކު ވެސް އެކަން ބަދަލުވެދާނެކަން ދެމީހުން ވެސް ދަނެއެވެ.

ޒިވްޔަން ވެސް ދުށީ އެހެންނެވެ. ބައްޕަ އޭނާއަށް ދެރަވާނެ ފަދަ ގޮތަކަށް އެއްވެސް ކަމެއް ނުނިންމަވާނެ ކަމުގައި އޭނާ ވިސްނިއެވެ. އަނާޔާ އަކީ ރީތި ކުއްޖެކެވެ. އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ނުހަނު ބޮޑަށް ހޭނިފައިވާ ކުއްޖެކެވެ. ލޯބި ނުވިޔަސް، މިޒާޖު ދިމާ ވާ ނަމަ، އެކީގައި އުޅެވިދާނެއެވެ. އެކުގައި ގިނަ ވަގުތު ހޭދަކުރާ ވަރަކަށް ލޯބި ވެސް ވެވިދާނެއެވެ. ވީއިރު، އަނާޔާއާ އެކީ ނޫޅެވޭނޭ އެއްވެސް ސަބަބެއް އަދި އަދަށް ދާން ވެސް ޒިވްޔަންއަކަށް ނުފެނެ އެވެ. މިރޭ ފިޔަވައެވެ.

ހޫރީންގެ ސޫރަ ފެންނަ ކޮންމެ ފަހަރަކު، އެ ނަން އިވޭ ކޮންމެ ހިނދަކު، އެ ހަނދާން ސިކުނޑީގައި ކޮށްޓައިލާ ކޮންމެ އިރަކު، ޒިވްޔަން އަނާޔާގެ މަތިން ހަނދާން ނެތެއެވެ. ސީދާ ކައިވެނީގެ ވާހަކަ ބައްޕަ ދައްކަވާފައި ނެތުމުން އަދިވެސް އޭނާއަށާއި ހޫރީންއަށް ފުރުސަތެއް އެބަ އޮތޭ ހިތަށް އަރާ ގޮތުން ޚުދު ޒިވްޔަން ވެސް ހައިރާންވެއެވެ.

“ނާޔާ ވެސް ރީއްޗޭ.. އެކަމަކު ހޫރީން.. ޝީ އިޒް އަ ޑިފަރެންޓް ކައިންޑް އޮފް ބިއުޓިފުލް.. އެކަހަލަ ރީތިކަމެއް އަދި ދުވަހަކު ވެސް ނުދެކެން..” ޒިވްޔަންއަށް ބުނެވުނީ ހިތުގެ އަޑިންނެވެ.

ހޫރީން އަކީ އަނާޔާގެ ދިމާ އިދިކޮޅެވެ. އަބަދު ހިފިނުހުރެވިގެން އުޅޭ ސިޔާސަ މިޒާޖެއްގެ ވެރިއެއްކަން މިވީ ދެތިން ދުވަސް ތެރޭގައި ވެސް ޒިވްޔަންއަށް އެނގި ހާމަވެއްޖެއެވެ. އެހެނަސް އޭނާ ކޮށްލާ އެންމެ ތައުރީފަކުން ވެސް ލަދުން ވިރިދާނެއެވެ. އިސްލާމީ ރިވެތި ހިޖާބުން ނިވާވެ ހުންނަ އިރު، ލާފައި ހުންނަ އާދައިގެ ހެދުންތަކުން ބުނެދޭ ސާދާކަމުން ޒިވްޔަންގެ ހިތަށް އަސަރު ކުރަނީ މީގެ ކުރިން ދުވަހަކު ވެސް އަންހެން ކުއްޖަކު އެ ހިތަށް އަސަރު ފޯރުވާފައި ނުވާ ބީދައަކުންނެވެ. މާލެއިން އާއްމުކޮށް ފެންނަ ކުދީންނާ ހާސްބައި ތަފާތެވެ. މޭކަޕްގެ ޒައްރެއްގެ މިންވަރު ވެސް އެ މޫނުމައްޗަކުން ނުފެނެއެވެ. ގުދުރަތީ ރީތިކަމުގެ ލާމަސީލު މިސާލެކެވެ. އޭނާ ފެނިގެން ތުއި ދެއްކޭކަށް އަމުދުން ނޫޅެއެވެ. ކިތަންމެ ސާދާކޮށް، ނާޒުކުކޮށް ހޫރީން ފެނުނަސް، އެ މިޒާޖުގައިވާ ޖެހިލުންކުޑަކަމާއި ކެރޭކަން ޒިވްޔަންއަށް އޮޅިފަކައި ނެތެވެ. ހޫރީންގެ އެންމެ ޚާއްސަ ކަމަކީ އެޔެވެ.

“ހޫރީން އެއީ ހަމަ ސީދާ ނެޗުރަލް ބިއުޓީއެއް.. އެހައި ސިމްޕަލްކޮށް ހުންނަ އިރު ވެސް ހާދަ ރީއްޗޭ.. އަނެއްކައި އެހައި މުރާލިވެފައި ގެވެހި.. އެކަމަކު ބޭރަށް ނުކުމެ ސަކަރާތް ޖަހަން އުޅޭ ގޮތުން ފިރިހެން ކުއްޖަކަށް ދޫނުކުރެ.. އެއީ ހަމަ އޯލް އިން ވަން އެއް! ހާދަހާއޭ ތަފާތީ..” ޒެއިން ވެސް ބުނެލީ ހަމަ ޒިވްޔަންގެ ހިތުގައި ވެސް އޮތް ގޮތަށެވެ.

“އައި ޑޯންޓް ނޯވ ޒޭން.. ހޫރީން ކަހަލަ އަންހެން ކުއްޖަކު އަދި ދުވަހަކު ވެސް ނުދެކެން.. ރާއްޖެތެރޭ އަންހެން ކުދިން ހާދަހާ ތަފާތޭ.. މިކަން ކުރިން އެނގުނު ނަމަ…” ޒިވްޔަންއަށް ބުނެވުނެވެ.

“ދޮންބޭ.. ހަމަ އަސްލު ވެސް ހޫރީން ދެކެ ލޯބި ވެވުނީތަ..؟” ޒެއިން މިފަހަރު އަހައިލީ ތަންކޮޅެއް ސީރިޔަސްކޮށެވެ. އެޔާއެކު ޒިވްޔަންގެ ހިތުގެ ތެޅުމަށް އައި ބަދަލު އަމިއްލައަށް ވެސް އިހުސާސް ކުރެވުނެވެ.

“ލޯބި.. ނޭނގެ ޒޭން.. ލޯބި އެއީ ވަރަށް ރަނގަޅަށް ވަރަށް ގިނަ ދުވަހު އެކަކުއަނެކަކު ދަސްވެގެން ވެވޭ އެއްޗެއް.. އެކަމަކު.. ވަރަށް ގަޔާވެވިއްޖެ.. ވަރަށް ވަރަށް ބޮޑަށް ގަޔާވެވިއްޖެ..” އެންމެ ފަހުން ޒިވްޔަން އަމިއްލަ ދުލުން އެއްބަސްވިއެވެ.

“ދުވަހަކު ވެސް ހިތަކަށް ނާރަ މިގޮތަށް އަންހެންކުއްޖަކާ މެދު ފީލްވެދާނެއެކޭ.. ޑޭޑްމެން ނާޔާއާ އަޅުވާކިޔަން ފެށީމަ ވެސް ހިތަށް އެރި އެއް ވިސްނުމެއްގެ، އެއް މާހައުލެއްގައި އުޅެ ބޮޑުވި ދެމީހުން ވީމަ ކީއްވެބާއޭ ނޫޅެވެންވީ.. ސިންސް ވީ ބޯތް އާރ ސޯ ސިމިލަރ، ފަސޭހަ ވާނެ ނޫންހޭ އުޅެން.. އެކަމަކު.. އެކަމަކު މިހާރު ދިރިއުޅުމެއް ފަށަން ބޭނުންވަނީ ހޫރީން ކަހަލަ ކުއްޖަކާ އެކީ.. ބިކޯޒް ފޮރ ދަ ފަރސްޓް ޓައިމް، އައި އެކްޗުލީ ފީލް ސަމްތިންގ ފޯރ ސަމްވަން..” ޒިވްޔަން އޭނާގެ ހިތުގައި ވާހައި އެއްޗެއް ބަންޑުންކުރަމުން ދިޔަ އިރު ޒެއިން އިނީ އަޑުއަހާށެވެ. ޒިވްޔަންއާ ދިމާކޮށް، ސަކަރާތް ޖެހުމުގެ ބަދަލުގައި ޒެއިން ހިމޭނުން އިނީ ހަގީގަތުގައި ވެސް ޒިވްޔަން އެ ކިޔައިދެނީ ހޫރީންއަށް ޓަކައި ވިންދުު ޖަހަމުން ދިޔަ އެ ހިތުގެ ހާލަތު ކަން ޔަގީންވާތީއެވެ.

“ދޮންބެއަށް ހޫރީން ލިބިއްޖެއްޔާ މެރީކުރަން ރެޑީތަ..؟” ޒެއިން އަހައިލި ސުވާލަކުން ޒިވްޔަންއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“ޒޭން.. ތީ ދެން ކޮން ކަހަލަ ސުވާލެއް..؟” ޒިވްޔަން ބޭނުންވީ އެ ސުވާލުން ރެކޭށެވެ.

“ބުނެބަލަ.. ތިބުނީނު ދިރިއުޅުމެއް ފަށަން ބޭނުންވަނީ ހޫރީން ކަހަލަ ކުއްޖަކާ އެކީއޭ.. ދޮންބެ ހޫރީންއާ އެހައި ގަޔާވާ އިރު އެހެން މީހަކާ މެރީކޮށްގެން ކިހިނެއް އުޅޭނީ..؟ އެހެންނޫނަސް ދޮންބެ ސީދާ ނުބުނަން އުޅުނަސް އަހަންނަށް އެނގޭ ތިހުރީ ލޯބިވެވިފަކަން.. ދޮންބެއަށް ދެން ލާހިކެއް ނޫން ހޫރީން ނޫން ކުއްޖަކާ އިންނާކަށް.. އަޅެ ނޫންތަ..؟ ތި ހިތަށް ކުޅަދާނައެއް ނުވާނެ ހޫރީން ނޫން ކުއްޖަކު ދޮންބެގެ އަނތްބެއްގެ މަގާމަށް ގެންނާކަށް..” ޒެއިން ޔަގީންކަމާއެކީ ބުނެލި ގޮތުން ޒިވްޔަން ހައިރާންވީ ޒެއިންއަށް އޭނާ ދަސްވެފައިވާ މިންވަރު ހާމަވުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Reem

    Awwn he is in love with hooreen. So loabi.
    Eyoh hareeratha ey dho. Mi nawaaf akaa hedhi nuvaane vakamehves. Heehee halaaku 🤣
    Wanna see hareeratha part more 🤭

    1. Nayaa
      Reem

      hehehe ikrrr! ekam zivyan gaboolu kuriyyaathaa dho

      ehenveema reem ah takaa mi jehuny hareeraatha part anekkaa ves gesdheyn 😭😭😭

  2. ayshh

    hareerahtha jrhilaiy adhi madu and yess hooryn ehaa mathin funmaaala iru thaneh bindhaigen nudhaakan vrh salhi can’t wait for the next part ekm ziviyan and hooryeen egey marry kuruvaany mi kiyaa anaaya jahany vrh foni zeelagadha vahtharu

    1. Nayaa
      ayshh

      ahahaha aan dho evaru kuraa iru madey adhi jahaaleh dho😭😭

      hehe anaayaa ge gotheh adhi neynge dho let’s wait and see dhen

  3. 🥀

    Mi part ves vrh reethi MA!
    Awwwwww! Zivyan and Hooreen soo loabi😍❤️
    Navaaf ah dhw abadhu landu libenee😅😅😭😭
    I can imagine Hareera 😂😂🤣🤣
    Zivyan hama rangalhah vs ishgu ga jehifa dhww! But his dad…
    Hithah araa dhn kihinei baa eyyy vaanee🤔🤔
    What if they gets married Zivyan dad ah neyngi??
    Can’t wait for Thursday!!!
    Luv 💗💗

    1. Nayaa
      🥀

      thankyouu!!🩷🩷
      yess navaaf ah abadhu landu libeni😭 hareeratha mee gadha gola ekey dho

      let’s see dhen vaane goiy dhooo
      loveumoreee🩷🩷

  4. QUEEN-BEE

    omggggggg he is in love with her
    finally i was hoping that
    hama vrh vs reeeeereeeeethi and i will be praying that his parents
    will gonna give approval to both of them to marry
    hope tho when next i honestly can’t wait to read the next part
    bye love so so sooooo much

    1. Nayaa
      QUEEN-BEE

      aw thankyouu loabi 🩷🩷
      next on Thursday, I’ll be uploading every week Monday and Thursday now 🩷
      loveee moreeeee mwahh🩷

Comments are closed.